—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާޤަޟިއްޔާ ނަންބަރު: 2013/SC-A/22
ދަޢުވާކުރާ ފަރާތް: މުސާ ރަފީޢު
ދަޢުވާ ލިބޭ ފަރާތް: ބިލެތްފަހި ޒުވާނުންގެ ޖަމްޢިއްޔާ
މައްސަލައިގެ ބާވަތް: ފައިސާ ހޯދުން
މައްސަލަ އައިގޮތް: އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚް: 25 މާރޗް 2013
ނިމުނު ތާރީޚް: 27 އޮކްޓޯބަރ 2014ާޗް 2009
މައްސަލަ ނިންމި ގަޑި: 11:45 45
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު އަޙްމަދު މުޢުތަސިމް ޢަދުނާން
އިސްތިޢުނާފު ކުރެވުނު ޤަޟިއްޔާ
ނަންބަރު: 2011/HC-A/57
ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
ހުށަހެޅުނު ތާރީޚް: 22 މާރޗް 2011
ނިމުނު ތާރީޚް: 13 މާރޗް 2012
މައްސަލައިގެ ޚުލާޞާ
މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/57 ޤަޟިއްޔާގެ ހުކުމް ބިނާވެފައިވަނީ ޝަރީޢަތް ނުވަތަ ޤާނޫނާއި ޚިލާފުވާގޮތަށް ކަމަށް ބުނެ، މޫސާ ރަފީޢު، ށ. ބިލެތްފަހި، ނޫވިލް ގެ ފަރާތުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި ދަޢުވާލިބޭ ފަރާތަކީ ބިލެތްފަހި ޒުވާނުންގެ ޖަމްޢިއްޔާ އެވެ.
ފާހަގަ ކުރެވުނު ނުކުތާތައް
މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/57 ޤަޟިއްޔާގެ ޙުކުމް ބިނާވެފައިވަނީ ޝަރީޢަތާ ނުވަތަ ޤަނޫނާ ޚިލާފުވާ ގޮތަކަށްކަމަށް ބުނެ، މޫސާ ރަފީޢުގެ ފަރޓުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި ދަޢުވާލިބޭނީ ށ. ބިލެތްފަހި ޒުވާނުންގެ ޖަމްޢީއްޔާއަށެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/57 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު އެ ޤަޟިއްޔާއަކީ ށ. ބިލެތްފަހި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 18/C6C/2010 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤަނޫނީ ހަމަތަކާ ޚިލާފަށްކަމަށް ބުނެ، ށ. ބިލެތްފަހި ޒުވާނުންގެ ޖަމްޢިއްޔާ ގެ ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފް ކުރުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، އެ ކޯޓުން ބައްލަވައި، ނިންމާފައިވާ ޤަޟިއްޔާއެއްކަން އެނގެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/57 ޤަޟިއްޔާގެ ދަށުން އިސްތިއުނާފުކުރެވުނު ށ. ބިލެތްފަހި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 18/C6C/2010 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ ބިލެތްފަހި ޒުވާނުންގެ ޖަމްޢިއްޔާގެ މައްޗަށް ދަޢުވާލިބޭގޮތަށް ބިލެތްފަހި ނޫވިލް މޫސާ ރަފީޢު އެ ކޯޓުގައި ދަޢުވާކުރުމުން އެ ކޯޓުން ބައްލަވައި ނިންމަވާފައިވާ ޤަޟިއްޔާއެއްކަމާއި، އެ ޤަޟިއްޔާގައި ބިލެތްފަހި ޒުވާނުންގެ ޖަމްޢިއްޔާގެ މައްޗަށް މޫސާ ރަފީޢު ކޮށްފައިވާ ދަޢުވާއަކީ، ށ. ބިލެތްފަހި ރައްޔިތުންނަށް ކަރަންޓް ޚިދުމަތް ދެމުން އަންނަ ފަރާތްކަމުގައިވާ "ބިލެތްފަހި ޒުވާނުންގެ ޖަމްޢިއްޔާ" އިން 17 މެއި 2010 ވަނަ ދުވަހު، ށ. ބިލެތްފަހި އޮފީހަށް ސިޓީއެއް ފޮނުވައި، އެ ސިޓީގައި 01 މެއި 2010 ވަނަ ދުވަހުން ފެށިގެން އެ ޖަމްޢިއްޔާއިން ކަރަންޓްގެ ޚިދުމަތަށް 0 ޔުނިޓުން 100 ޔުނިޓަށް ނަގާ -/5 (ފަހެއް) ރުފިޔާއަށްބޮޑުކޮށްފައިވާކަމަށާއި، 1 މެއި 2010 ވަނަ ދުވަހުން ފެށިގެން ކަރަންޓުގެ ޚިދުމަތްތައް ބޭނުންކުރާ ފަރާތްތަކުގެ އަތުން 0 ޔުނިޓުން ފެށިގެން 100 ޔުނިޓްގައި ހިމެނޭ ބޭންޑް އަގަށް -/5 (ފަހެއް) ރުފިޔާ ނަގަން ފަށާނެކަމުގައި އެ ޖަމްޢިއްޔާއިން ބުނެފައިވާކަން މޫސާ ރަފީޢުއަށް ރަށު އޮފީހުގެ ފަރާތުން އަންގާފައިވާތީ އެފަދަ ގޮތަކަށް އެ ޖަމްޢިއްޔާއިން ޢަމަލުކުރައްވާފައިވަނީ މޯލްޑިވްސް އެނަރޖީ އޮތޯރިޓީގެ ހުއްދައާ އެކުގައިތޯ ށ. ބިލެތްފަހި އޮފީހުން ސާފުކޮށް ދިނުމަށް އެދުމުން އެ އޮފީހުން، މޯލްޑިވްސް އެނަރޖީ އޮތޯރިޓީއަށް ލިޔުމުން ބުނެވިދިޔަ ބޭންޑްގައި ހިމެނޭ ކަރަންޓް ޔުނިޓަކަށް -/5 (ފަހެއް) ރުފިޔާ ނަގަން އެ އޮތޯރިޓީއިން ހުއްދަ ދީފައިނުވާނޭކަމަށް ވިދާޅުވެފައިވުމާއެކު އެ ބޭންޑްގައި ހިމެނޭ ކަރަންޓް ޔުނިޓަކަށް "ބިލެތްފަހި ޒުވާނުންގެ ޖަމްޢިއްޔާ" އިން -/5 (ފަހެއް) ރުފިޔާ ނަގާފައިވަނީ ޤާނޫނު ނަންބަރު 4/96 (ޢާންމު ބޭނުންތަކުގެ ޚިދުމަތާބެހޭ ޤާނޫނު) ގެ ވަނަ މާއްދާއާ ޚިލާފަށްކަމަށް ކަނޑައަޅައިދެއްވުމަށާއި، 01 މެއި 2010 ވަނަ ދުވަހުން ފެށިގެން މި މައްސަލަ ނިމޭ ދުވަހާހަމައަށް "ބިލެތްފަހި ޒުވާނުންގެ ޖަމްޢިއްޔާ" އިން ކަރަންޓްގެ ޚިދުމަތް އިސްވެ ބުނެވުނު ޤާނޫނުގެ 8 ވަނަމާއްދާއާ ޚިލާފަށް ނަގާފައިވާ ފައިސާ މޫސާ ރަފީއަށް އެއްފަހަރާ ލިބިދިނުމަށާއި، އެ ޖަމްޢިއްޔާގެ ފަރާތުން 17 އޮކްޓޯބަރ 2010 ވަނަ ދުވަހު މޫސާ ރަފީޢުއަށް ފޮނުވާފައިވާ ނޯޓުގައި އެ ޖަމްޢިއްޔާގެ ފަރާތުން 01 ސެޕްޓެމްބަރ 2010 އިން 22 ސެޕްޓެމްބަރ 2010 ދުވަހާ ހަމައަށް ހަދާފައިވާ ބިލުގައި -/5 (ފަހެއް)ރުފިޔާގެ ރޭޓުން ޔުނިޓަކަށް ކަރަންޓު ފީ ނަގަން ބިލު ފޮނުވާފައިވާ އެ ރޭޓުން ކަރަންޓް ފީ ދެއްކުމަށް މޫސާ ރަފީޢު އިންކާރުކުރުމުން، އެ ބިލާއި 23 ސެޕްޓެމްބަރ 2010 އިން 30 ސެޕްޓެމްބަރ ދެ ބިލަށް ފައިސާ ބަލައިގަނެވޭނީ އެއްފަހަރާކަމުގައި އަންގާފައިވާތީ، "ބިލެތްފަހި ޒުވާނުންގެ ޖަމްޢިއްޔާ" އަށް މޯލްޑިވްސް އެނަރޖީ އޮތޯރިޓީން ދެއްވާފައިވާ ހުއްދައާ އެއްގޮތްވާ ގޮތުގެމަތިން 50/4 (ހަތަރު ރުފިޔާ ފަންސާސް ލާރި) ރޭޓުން 01 ސެޕްޓެމްބަރ 2010 އިން 22 ސެޕްޓެމްބަރ 2010 ދުވަހާ ހަމައަށް ހަދާފައިވާ ބިލުގެ ފީ ބަލައިގަތުމަށް އެ ޖަމްޢިއްޔާގެ މައްޗަށް އަމުރުކޮށް، އެ ޖަމްޢިއްޔާގެ ފަރާތުން 2010 އޮގަސްޓް މަހު ބިލް މޫސާ ރަފީޢުއަށް ފޮނުވާފައިވަނީ މޯލްޑިވްސް އެނަރޖީ އޮތޯރިޓީން ފާސްކޮށްދެއްވާފައިވާ އަގުތަކާ ޚިލާފަށްކަމަށް ކަނޑައަޅައި ދެއްވާ 2010 އޮގަސްޓް މަހުގެ ބިލް އިޞްލާޙުކޮށް ފޮނުވުމަށް އެ ޖަމްޢިއްޔާގެ މައްޗަށް އަމުރެއް ނެރެދެއްވުމަށާއި އަދި 4 ސެޕްޓެމްބަރ 2010 ވަނަ ދުވަހު މޫސާ ރަފީޢުގެ ގެއިން ކަރަންޓް ކަނޑާފައިވަނީ ޤާނޫނާއި ޤަވާޢިދާ ޚިލާފަށްކަމަށް ކަނޑައަޅައި ދެއްވައި އެކަންކުރިފަރާތަށް އެކަމާ ގުޅިގެން ލިބެންޖެހޭ ޙައްޤު އަދަބު ކަނޑައަޅައި ތަންފީޛު ކޮށްދިނުމަށް އެދި މޫސާ ރަފީޢު ކޮށްފައިވާ ދަޢުވާއެއްކަން އިސްވެ އިޝާރާތްކުރެވުނު ށ. ބިލެތްފަހި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 18/C6C/2010 ޤަޟިއްޔާގެ ދަޢުވާފޯމަށް ބެލުމުން އެނގެއެވެ.
މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު18/C6C/2010 ޤަޟިއްޔާ ނިންމަވާފައިވަނީ ށ. ބިލެތްފަހި ނޫވިލް މޫސާ ރަފީޢުގެ ފަރާތުން ޝަރީޢަތަށް ހުށަހަޅާފައިވަނީ ށ. ބިލެތްފަހި ނޫވިލްގެއިން 2010 ވަނަ އަހަރު މެއި، ޖޫން، އަދި ޖުލައި މި ތިންމަހުގެ ކަރަންޓް ބިލަށް ށ. ބިލެތްފަހި ޒުވާނުންގެ ޖަމްޢިއްޔާއިން އިތުރަށް ފައިސާ ނަގާފައިވާކަމަށާއި އިތުރަށް ނަގާފައިވަނީ -/150ރ (ސަތޭކަ ފަންސާސް ރުފިޔާ) ކަމަށާއި، މި ފައިސާ އެއްފަހަރާ ލިބިގަތުމަށް ބޭނުންކަމަށާއި، ފައިސާ ނަގާފައިވަނީ މޯލްޑިވްސް އެނަރޖީ އޮތޯރިޓީއިން ކަނޑައަޅާފައިވާ ގޮތާއި ޚިލާފަށްކަމަށް ކަނޑައަޅައި ދިނުމަށްއެދި މޫސާ ރަފީޢުގެ ފަރާތުން ހުށަހެޅި މި މައްސަލައިގައި ޝަރީޢަތުން ބެލި ބެލުންތަކުން ށ. ބިލެތްފަހި ޒުވާނުންގެ ޖަމްޢިއްޔާއިން ޢަމަލުކޮށްފައިވަނީ މޯލްޑިވްސް އެނަރޖީ އޮތޯރިޓީން ކަނޑައަޅާފައިވާ އަގުތަކާ ޚިލާފަށްކަމަށް ކަނޑައަޅުއްވައި، 2010 މެއި، ޖޫން، އަދި ޖުލައި މިތިންމަހު ށ. ބިލެތްފަހި ނޫވިލްއެވެ ކިޔާ ގެއަށް ބިލެތްފަހި ޒުވާނުންގެ ޖަމްޢިއްޔާއިން ފޮނުވާފައިވާ ބިލްތަކަށް ފައިސާ ނަގާފައިވަނީ މޯލްޑިވްސް އެނާރޖީ އޮތޯރިޓީން ކަނޑައަޅާފައިވާ އަގުތަކާ ޚިލާފަށްކަމަށް ކަނޑައަޅުއްވައި އިތުރަށް ނަގާފައިވާ -/150 ރ (ސަތޭކަ ފަންސާސް ރުފިޔާ) މޫސާ ރަފީޢުއާ ހަވާލުކުރުމަށް 7 ދުވަހުގެ ތެރޭގައި ށ. ބިލެތްފަހި ކޯޓަށް ދެއްކުމަށް ޒުވާނުންގެ ޖަމްޢިއްޔާއަށް 16 ފެބްރުއަރީ 2011 ވަނަ ދުވަހުންފެށިގެން އަންގަވައި، ބިލެތްފަހި ޒުވާނުންގެ ޖަމްޢިއްޔާއިން ތައްޔާރުކުރާ ކަރަންޓް ބިލްތައް މޯލްޑިވްސް އެނަރޖީ އޮތޯރިޓީން ކަނޑައަޅާ ފާސްކުރައްވާފައިވާ އަގުތަކާ އެއްގޮތަށް ކަރަންޓް ބިލްތައް ތައްޔާރުކުރުމަށް އަންގަވައި، އަދި އެ ބިލްތަކަށް ކަނޑައެޅިފައިވާ އުޞޫލާ އެއްގޮތަށް ކަރަންޓް ބިލް ބަލައިގަތުމަށް ޒުވާނުންގެ ޖަމްޢިއްޔާއަށް އަންގައި ށ. ބިލެތްފަހި ނޫވިލްއެވެ ކިޔާ ގޯއްޗަށް ބިލެތްފަހި ޒުވާނުންގެ ޖަމްޢިއްޔާއިން ފޮނުވާފައިވާ 2010 އޯގަސްޓް މަހުގެ ކަރަންޓް ބިލް ފޮނުވާފައިވަނީ މޯލްޑިވްސް އެނަރޖީ އޮތޯރިޓީން ކަނޑައަޅާފައިވާ އަގުތަކާ އެއްގޮތްވާ ގޮތުގެމަތިން ނޫންކަމަށާއި އެ ބިލް އެ އޮތޯރިޓީއިން ކަނޑައަޅާފައިވާ އަގުތަކާ އެއްގޮތްވާ ގޮތުގެމަތިން ތައްޔާރުކޮށް ފޮނުވުމަށް ބިލެތްފަހި ޒުވާނުންގެ ޖަމްޢިއްޔާއަށް އަންގަވައި 04 ސެޕްޓެމްބަރ 2010 ވަނަ ދުވަހު ނޫވިލް ގެއިން ކަރަންޓް ކަނޑާލާފައިވަނީ ޤަވާޢިދާ ޚިލާފަށްކަމަށް ކަނޑައަޅުއްވާފަކަން އިސްވެ އިޝާރާތްކުރެވުނު މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 18/C6C/2010 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމުގެ ޢިބާރާތަށް ބެލުމުން އެނގެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުން، މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު18/C6C/2010 ޤަޟިއްޔާ އިސްތިއުނާފުކޮށް ބެއްލެވި، ހައިކޯޓުގެ ނަންބަރު 2011/HC-A/57 ނިންމަވާފައިވަނީ ށ. ބިލެތްފަހި ޒުވާނުންގެ ޖަމްޢިއްޔާއިން އެ ރަށުގައިދެމުން ގެންދާ ކަރަންޓުގެ ޚިދުމަތަށް 01 މެއި 2010 ން 31 ޖުލައި 2010 އަށް، މޫސާ ރަފީޢުގެ އަތުން އަގު ނަގާފައިވަނީ ޤަވާޢިދާ ޚިލާފަށްކަމަށްބުނެ ޤަވާޢިދާ ޚިލާފަށް ނަގާފައިވާ ފައިސާ ހޯދުމަށް އެދިގެންނާއި، އަދި ޤަވާއިދާ ޚިލާފަށް ފޮނުވި ބިލަށް ފައިސާ ނުދައްކައިގެންކަމަށްބުނެށ. ބިލެތްފަހި / ނޫވިލްއެވެ ކިޔާ ގެއިން ކަރަންޓް ކަނޑާލާފައިވަނީ ޤަވާޢިދާ ޚިލާފަށްކަމަށް ކަނޑައަޅައިދިނުން އެދި މޫސާ ރަފީޢުގެ ފަރާތުން ހުށަހެޅުމުން އެ ޤަޟިއްޔާ ބައްލަވައި ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ކުރައްވާފައިވާ ޙުކުމެއްކަމަށް ހައިކޯޓުގައި މި މައްސަލަ ބެލި ފަނިޔާރުންނަށް ނުފެނުނު ހިނދު، އެ ޤަޟިއްޔާގެ ޙުކުމް ބާޠިލްކުރައްވައި، 2010 މެއި، ޖޫން، އަދި ޖުލައި މި ތިންމަހުގެ ށ. ބިލެތްފަހި ނޫވިލްއެވެ ކިޔާ ގޭގެ ކަރަންޓް ބިލަށް ފައިސާ ނަގާފައިވަނީ މޯލްޑިވްސް އެނަރޖީ އޮތޯރިޓީން އެހާތަނަށް ފާސްކޮށްދެއްވާފައިވާކަން ބިލެތްފަހި ޒުވާނުންގެ ޖަމްޢިއްޔާއަށް އެނގިފައިވާ އެންމެފަހުގެ ޓެރިފާ އެއްގޮތަށްކަމަށް ކަނޑައަޅުއްވައި، އަދި މޯލްޑިވްސް އެނަރޖީ އޮތޯރިޓީގެ ފަރާތުން ށ. ބިލެތްފަހި ކަރަންޓުގެ ޚިދުމަތަށް 20 ނޮވެމްބަރ 2008 ގައި ފާސްކޮށްދެއްވާފައިވާ ޓެރިފާބެހޭ މަޢުލޫމާތު، 22 ސެޕްޓެމްބަރ 2010 ގެ ކުރިން ބިލެތްފަހި ޒުވާނުންގެ ޖަމްޢިއްޔާއަށް ލިބިފައިވާކަން ޝަރީޢަތަށް ސާބިތުވާފަދަ އެއްވެސް ހެއްކެއް ޤަރީނާއެއް ހުށަހެޅިފައިނުވާތީ، މޯލްޑިވްސް އެނަރޖީ އޮތޯރިޓީގެ ނަންބަރު 151/C/2008/02 (17 އޭޕްރީލް 2008) ސިޓީއާ ޙަވާލާދީ ބިލެތްފަހި އޮފީހުން ބިލެތްފަހި ޒުވާނުންގެ ޖަމްޢިއްޔާއަށް ފޮނުވާފައިވާ އެ އޮފީހުގެ ނަންބަރު C-6/BZJ/2008/07 (21 އޭޕްރީލް 2008) ގެ ސިޓީގައި ބަޔާންކޮށްފައިވާ ޓެރިފާ އެއްގޮތަށް 22 ސެޕްޓެމްބަރ 2010 އާ ހަމައަށް ކަރަންޓްގެ ޚިދުމަތަށް އަގު ނެގުމުގެ އިޚްތިޔާރު ބިލެތްފަހި ޒުވާނުންގެ ޖަމްޢިއްޔާއަށް ލިބިގެންނުވާކަމަށް ބެލެވޭނެ ޝަރުޢީ އަދި ޤާނޫނީ އެއްވެސް އަސާސެއް ނެތްކަމަށް ކަނޑައަޅުއްވައި ޙުކުމް ކުރައްވާފަކަން އިސްވެ އިޝާރާތްކުރެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ 2011/HC-A/57 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމުގެ ޢިބާރާތަށް ބެލުމުން އެނގެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/57 ޤަޟިއްޔާގައި އެ ކޯޓުން ކުރައްވާފައިވާ ޙުކުމް ބިނާވެފައިވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފަށްކަމަށް ބުނެ މޫސާ ރަފީޢުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް 02 (ދޭއް) ސަބަބެއް ހުށަހަޅާފައިވެއެވެ. އޭގެ ތެރެއިން:
ފުރަތަމަ ސަބަބަކީ، 18 ޖޫން 2006 ގައި ޢާންމުކުރި މޯލްޑިވްސް އެނަރޖީ އޮތޯރިޓީގެ ނަންބަރު 151/TUL/2006/02 އިޢުލާނުގައި ބުނެފައިވަނީ އެ ނިޒާމުތަކުން ފޯރުކޮށްދޭ ޚިދުމަތްތަކަށް ފީނެގުމުގައި ރޭވިފައިވާ ގޮތާއި އަދި އެ ނިޒާމުތަކުން ޢާންމުކޮށް ޚިދުމަތްދިނުމުގެ ޤަވާޢިދު އެ ނިޒާމްތައް ޤާއިމްކުރުމުގައި ޒިންމާވާ ފަރާތްތަކުން މޯލްޑިވްސް އެނަރޖީ އޮތޯރިޓީއަށް ހުށަހަޅުއްވައިގެން ފާސްކުރެއްވުމަށްކަމަށާއި ބަޔާންކުރެވުނު އިޢުލާނަކީ ޢާންމުކޮށް ކުރެވިފައިވާ އިޢުލާނެއްކަމަށާއި މިއިޢުލާނުން ދޭހަވަނީ އެ އޮތޯރިޓީއަށް ހުށަހަޅައި އެ އޮތޯރިޓީ ހުއްދަދޭ އަގަކަށް މެނުވީ އަގުނަގައިގެން ނުވާނެކަމަށްކަމަށާއި ނަމަވެސް 17 އޭޕްރީލް 2008 ގައި މޯލްޑިވްސް އެނަރޖީ އޮތޯރިޓީއަށް ބިލެތްފަހި ޒުވާނުންގެ ޖަމްޢިއްޔާއިން ޚިދުމަތުގެ އަގު -/5 ރުފިޔާއަށް ބަދަލުކުރުމަށް ހުށަހެޅި ނަމަވެސް އެ އޮތޯރިޓީއިން އެ އަގަށް ހުއްދަ ދެއްވާފައި ނުވަނީސް އެއަގު ނަގަމުންދިޔަކަމާއި، ނޭނގުމަކީ އުޒުރަކަށްނުވާކަމަށާއި މިފަދައިން ޢާންމުކޮށް ކުރެވޭ އިޢުލާނެއް އެފަދަ ޚިދުމަތްދޭ ފަރާތްތަކަށް އެނގެންޖެހޭނެކަމަށާއި އެފަދަ ޢާންމު އިޢުލާންތައް ނޭނގޭކަމަށްބުނާފަދައިން ގެޒެޓްކުރެވޭ ޤާނޫނުތަކާއި ކޯޓުތަކުން ތަރިކަ މައްސަލަތަކާ ގުޅިގެން ދަރަންޏެއް ނުވަތަ ވަޞިއްޔަތެއް އޮތްކަން ނުވަތަ ނޫންކަން ކަށަވަރުކުރަންކުރެވޭ ޢާންމު އިޢުލާންތަކަށްވެސް ޢަމަލުކުރެވެނީ ނޭނގުމަކީ އުޛުރަކަށް ނުވާކަމަށް ބަލާ ޤާޢިދާގެމަތިން ކަމުގައިވާއިރު އިސްތިއުނާފު ރައްދުވާ ބިލެތްފަހި ޒުވާނުންގެ ޖަމްޢިއްޔާއިން އިޢުލާނެއްކުރިކަން ނޭނގޭކަމަށް ބުނެފައިވާއިރު އެ ބުނުމަކީ ޤާނޫނީ ހަމަތަކާ ޚިލާފު ބުނުމަކަށްވާއިރު އެ ބުނުމަށް ހައިކޯޓުން ރިޢާޔަތްކުރައްވާފައިވަނީ ޤާނޫނީ ހަމަތަކާ ޚިލާފަށްކަމުގައި ބަލަންޖެހޭކަމަށްބުނެ ހުށަހަޅާފައިވާ ސަބަބެވެ.
ދެވަނަ ސަބަބަކީ، ހައިކޯޓުގެ ޙުކުމުގައި ބިލެތްފަހި ޒުވާނުންގެ ޖަމްޢިއްޔާއިން އަގުތައް ބަޔާންކޮށް އިޢުލާނެއްކުރިކަމަށް ބަޔާންކޮށްފައިވާއިރު އެފަދައިން ބަޔާންކޮށްފައިވާ ނަންބަރު BZJ/2010/04 އިޢުލާނަކީ ޝަރީޢަތަށް ހުށަހެޅި އެއްވެސް ލިޔުމެއްގައިވެސް އޮތް އިޢުލާނަކަށްނުވާއިރު ނެތް އިޢުލާނަކަށް ޙަވާލާދީފައިވާތީ، ޙުކުމުގެ ޞައްޙަކަމަކާމެދު ސުވާލު އުފެދުމުގެ ފުރުޞަތު އޮތްކަމުގައި ބަލަންޖެހޭކަމަށްބުނެ ހުށަހަޅާފައިވާ ސަބަބެކެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/57 ޤަޟިއްޔާގައި އެ ކޯޓުން ކުރައްވާފައިވާ ޙުކުމް ބިނާވެފައިވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާގޮތަށް ކަމަށްބުނެ ށ. ބިލެތްފަހި ނޫވިލް މޫސާ ރަފީޢުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށާއި، މި މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށާއި، މި މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ މި މައްސަލައާގުޅޭ އެންމެހައި ލިޔެކިއުންތަކުގެ މައްޗަށާއި، މޫސާ ރަފީޢުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގެ ދަށުން އިލްތިމާސްކޮށްފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ މައްޗަށާއި، އަދި ހައިކޯޓުގެ މި ބުނެވުނު ޤަޟިއްޔާގެ ދަށުން އިސްތިއުނާފުކުރެވުނު ށ. ބިލެތްފަހި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 18/C6C/2010 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މި މައްސަލަބެލި ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަކަމަކީ، ޤާނޫނު ނަންބަރު 96/4 (ޢާންމު ބޭނުންތަކުގެ ޚިދުމަތާބެހޭ ޤާނޫނު) ގެ 8 ވަނަ މާއްދާގައި ޢާންމު ބޭނުންތަކުގެ ޚިދުމަތްދޭ ފަރާތުން އެ ޚިދުމަތުގެ އަގު ނަންގަވާނީ، ސަރުކާރުގެ ކަމާބެހޭ ފަރާތަށް ޚިދުމަތުގެ އަގުނަގަން ބޭނުންވާ ގޮތުގެ ތަފްޞީލް ހުށަހަޅައި، އެފަރާތުން އެ ހުށަހެޅި އަގުތައް ޤަބޫލުކުރުމުންކަމަށާއި އަދި އެ ޚިދުމަތުގެ އަގަށް ބަދަލެއް ގެންނަންވާނީވެސް ހަމަ މިގޮތުގެމަތިންކަމަށް ކަނޑައަޅައި ބަޔާންކޮށްފައިވާއިރު، މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހި މެޖިސްޓްރޭޓް ކޯޓުގެ އިސްވެ އިޝާރާތްކުރެވުނު އެ ކޯޓުގެ ނަންބަރު 18/C6C/2010 ޤަޟިއްޔާގައި މޫސާ ރަފީޢުގެ ފަރާތުން ކޮށްފައިވާ ދަޢުވާ ބިނާކޮށްފައިވަނީ ށ. ބިލެތްފަހި ޒުވާނުންގެ ޖަމްޢިއްޔާއިން، އެ ރަށުގައި ފޯރުކޮށްދެމުންގެންދާ ކަރަންޓްގެ ޚިދުމަތުގެ އަގަށް 01 މެއި 2010 ދުވަހުން ފެށިގެން، 0 ޔުނިޓުން ފެށިގެން 100 ޔުނިޓުގައި ހިމެނޭ ބޭންޑްގައި ހިމެނޭ ކަރަންޓް ޔުނިޓަކަށް -/5 ރުފިޔާގެ ރޭޓުން އަގުނަގާގޮތަށް ހަމަޖައްސާފައިވަނީ މޯލްޑިވްސް އެނަރޖީ އޮތޯރިޓީގެ ހުއްދަ ހޯދުމަކާނުލާ ކަމަށްބުނެ ބިލެތްފަހި ޒުވާނުންގެ ޖަމްޢިއްޔާގެ އެ ނިންމުމަކީ އިސްވެ އިޝާރާތްކުރެވުނު ޤާނޫނު ނަންބަރު 96/4 ގެ 8 ވަނަ މާއްދާއާ ޚިލާފު ނިންމުމެއްކަމަށް ދެކި އެ އަސާސްގެ މައްޗަށްކަން މޫސާ ރަފީޢުގެ އެ ދަޢުވާގެ ޞީޣާއިން އެނގެންއޮތުމުން މި ދަޢުވާއާ ގުޅިގެން ޝަރީޢަތުން ބަލަންޖެހޭ މައިގަނޑު އަސާސީ ނުކުތާއަކީ ށ. ބިލެތްފަހި ޒުވާނުންގެ ޖަމްޢިއްޔާގެ އިސްވެ އިޝާރާތްކުރެވުނު އެ ނިންމުން އެ ގޮތަށް ނިންމާފައިވަނީ އިސްވެ އިޝާރާތްކުރެވުނު ޤާނޫނުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުޞޫލާ އެއްގޮތްވާގޮތުގެ މަތިންތޯ ނުވަތަ ނޫންތޯ ބެލުމުގެ ނުކުތާކަން އެނގެންއޮންނައޮތުމެވެ.
(ށ) ދެވަނަކަމަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަމުންދާ ބަދަލާ ގުޅިގެން ބިލެތްފަހި ޒުވާނުންގެ ޖަމްޢިއްޔާއިން ށ. ބިލެތްފަހީގައި ދެމުންގެންދާ ކަރަންޓުގެ ޚިދުމަތަށް ނަގަމުން އަންނަ އަގަށް ބަދަލު ގެންނަން ބޭނުންވެގެން އެ ޖަމްޢިއްޔާގެ ފަރާތުން އޭރު އެ ރަށުގެ އޮފީހަށް އެ ޖަމްޢިއްޔާގެ ނަންބަރު BZJ/C6/2008/03 (24 ޖަނަވަރީ 2008) ގެ ސިޓީ ފޮނުވާފައިވާކަމާއި އެ ސިޓީގައި ކަރަންޓުގެ ޚިދުމަތަށް ނަގާ އަގު ބޮޑުކުރުމުގެ ހުއްދައަށް އެދިފައިވާކަމާއި މިގޮތުން ކަރަންޓުގެ ޚިދުމަތަށްނަގާ އަގު ބޮޑުކުރުމަށް ހުށަހަޅާފައިވަނީ ހަމައެކަނި ސަރުކާރުގެ މުއައްސަސާތަކުންނާއި ވިޔަފާރި ކުންފުނިތަކުން އެކަނިކަމާއި އެ ގޮތުން އެފަދަ ތަންތަނުން ނެގުމަށް ހުށަހަޅާފައިވަނީ ޔުނިޓަކަށް -/8 ރ. (އަށްރުފިޔާ) ކަމާއި، ޢާންމު ރައްޔިތުންގެ އަތުން ކަރަންޓުގެ ޚިދުމަތަށް ނަގާ ފީއަށް އެހާތަނަށް ބަދަލުގެންނަން ހަމަޖައްސާފައިނުވާކަމާއި ނަމަވެސް އޭރު ޢާންމު ރައްޔިތުންގެ އަތުން ޔުނިޓަކަށް ނަގަމުން އައިސްފައިވަނީ ކިހާވަރެއްކަމެއް އެ ސިޓީގައި ބަޔާންކޮށްފައިނުވާކަމާއި މި ކަންކަން އިސްވެ ޙަވާލާދެވުނު ބިލެތްފަހި ޒުވާނުންގެ ޖަމްޢިއްޔާގެ ސިޓީއަށް ބެލުމުން އެނގެންއޮންނަކަމެވެ.
(ނ) ތިންވަނަކަމަކީ، އިސްވެ ޙަވާލާދެވުނު ބިލެތްފަހި ޒުވާނުންގެ ޖަމްޢިއްޔާގެ ނަންބަރު BZJ/C6/2008/03 (24 ޖަނަވަރީ 2014) ގެ ސިޓީއާ ޙަވާލާދީ ބިލެތްފަހި އޮފީހުގެ ފަރާތުން އެ އޮފީހުގެ ނަންބަރު C-6/BZJ/2008/07 (21 އޭޕްރިލް 2008) ގެ ސިޓީ ބިލެތްފަހި ޒުވާނުންގެ ޒަމްޢިއްޔާއަށް ފޮނުވާފައިވާކަމާއި، އެ ސިޓީގައި އެ ޖަމްޢިއްޔާއިން އެދިފައިވާގޮތަށް އެ އޮފީހުގެ ފަރާތުން ކަމާބެހޭ އިދާރާއަށް ހުށަހެޅުމުން އެމް. އީ. އޭ ގަވަރނިންގ ބޯޑުން ފާސްކޮށްފައިވާ އަގުތަކަކީ، އަމިއްލަ ފަރާތްތަކަށް ޔުނިޓަކަށް -/5 ރ. (ފަސްރުފިޔާ)، ސަރުކާރު ތަންތަނަށް ޔުނިޓަކަށް -/8 ރ. (އަށްރުފިޔާ)، ވިޔަފާރި ކުންފުނިތަކަށްވެސް ޔުނިޓަކަށް -/8 ރ. (އަށްރުފިޔާ) ކަމަށާއި އެ އަގުތައް އެގޮތަށް ފާސްވެފައިވާކަން އެ އޮފީހަށް މޯލްޑިވްސް އެނަރޖީ އޮތޯރިޓީން އަންގާފައިވާ ސިޓީ ނަންބަރަކީ 151/C/2008/02 ކަމަށް ބަޔާންކޮށްފައިވާކަމާއި މިކަންކަން ބިލެތްފަހި އޮފީހުގެ ނަންބަރުC-6/BZJ/2008/07 (21 އޭޕްރިލް 2008) ގެ ސިޓީން އެނގެންއޮންނަކަމެވެ.
(ރ) ހަތަރުވަނަކަމަކީ، އިސްވެ ޙަވާލާދެވުނު ށ. ބިލެތްފަހި އޮފީހުގެ ނަންބަރުC-6/BZJ/2008/07 (21 އޭޕްރިލް 2008) ގެ ސިޓީގައި ޙަވާލާދީފައިވާ މޯލްޑިވްސް އެނަރޖީގެ ނަންބަރު151/C/2008/02 (17 އޭޕްރިލް 2008) ގެ ސިޓިއަށް ބަލާއިރު، ށ. ބިލެތްފަހީގައި ދޭ ކަރަންޓްގެ ޚިދުމަތަށް ފީނެގުމަށް ގަވަރނިންގ ބޯޑުން ފާސްކުރެއްވި އަގުތަކަކީ އަމިއްލަ ފަރާތްތަކަށް ޔުނިޓަކަށް -/5 ރުފިޔާކަމަށާއި ސަރުކާރުތަންތަނަށާއި އަދި ވިޔަފާރި ކުންފުނިތަކަށް ޔުނިޓަކަށް -/8 ރުފިޔާކަމަށް އެ ސިޓީގައި ބަޔާންކުރުމަށްފަހު، ތެޔޮއަގުބޮޑުވުމުގެ ސަބަބުން ސަރުކާރުން ސަބްސިޑީއެއް ދެއްވުމަށް ހަމަޖެހިފައިވާނަމަ، އަދި މިފަދަ ސަބްސިޑީއެއް ށ.ބިލެތްފަހީގައި ކަރަންޓުގެ ޚިދުމަތް ދޭފަރާތުން ބޭނުންވާނަމަ، ކަރަންޓުގެ ޚިދުމަތަށް އަގުނެގުމުގައި ސަބްސިޑީ ދިނުމަށް ހަމަޖެހިފައިވާ އުޞޫލުތަކަށް ފެތޭގޮތަށް އަގުނެގުމަކީ ޚިދުމަތްދޭފަރާތުގެ އިޚްތިޔާރުގައިވާކަމެއްކަމާއި ނަމަވެސް މިގޮތުން ކަނޑައަޅާ އަގުތައްވެސް ވާންޖެހޭނީ ބަޔާންކުރެވިފައިވާ އަގުތަކަށްވުރެ ބޮޑުނޫން އަގުތަކެއްކަމުގައި އެ ސިޓީގައި ބަޔާންކޮށްފައިވާކަން އިސްވެ މި ޙަވާލާދެވުނު މޯލްޑިވްސް އެނަރޖީ އޮތޯރިޓީގެ ނަންބަރު 151/C/2008/02 (17 އޭޕްރިލް 2008) ގެ ސިޓީއަށް ބެލުމުން އެނގެންއޮންނަކަމެވެ.
(ބ) ފަސްވަނަކަމަކީ، 17 މެއި 2010 ގެ ތާރީޚްގައި ބިލެތްފަހި ޒުވާނުންގެ ޖަމްޢިއްޔާގެ ފަރާތުން އެ ޖަމްޢިއްޔާގެ ނަންބަރު BZJ/2010/04 އިޢުލާނުން ޢާންމު އިޢުލާނެއްކޮށް އަދި ހަމަ މި ބުނެވުނު 17 މެއި 2010 ގެ ތާރީޚްގައި ބިލެތްފަހި ޒުވާނުންގެ ޖަމްޢިއްޔާއިން، އެ ރަށު އޮފީހަށް ފޮނުވާފައިވާކަން އެނގެންއޮންނަ އެ ޖަމްޢިއްޔާގެ ނަންބަރު BZJ/C6/2010/33 ގެ ސިޓީގައި އެ ޖަމްޢިއްޔާއިން އެ ރަށުގެ ރައްޔިތުންނަށް ދެމުންގެންދާ ކަރަންޓުގެ ޚިދުމަތަށް ޔުނިޓަކަށް ނަގަމުން އަންނަ -/3 ރުފިޔާގެ ބަދަލުގައި 01 މެއި 2010 ގެ ތާރީޚުން ފެށިގެން -/5 ރުފިޔާ ނެގުމަށް ހަމަޖައްސާފައިވާކަމަށާއި، އެގޮތަށް ހަމަޖައްސަންޖެހުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަމުންދާ ބަދަލާ ގުޅިގެން ޔުނިޓަކަށް -/3 ރުފިޔާގެ އަގަށް އެ ޚިދުމަތް ދީގެން ޚަރަދު ދެކޮޅު ޖެއްސޭނެގޮތެއް ނެތިގެންކަމަށް ބުނެފައިވާކަމާއި،
ށ. ބިލެތްފަހި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 18/C6C/2010 ޤަޟިއްޔާގައި މައްސަލަ ހުށަހެޅި ފަރާތްކަމުގައިވާ ށ. ބިލެތްފަހި ނޫވިލް މޫސާ ރަފީޢުގެ ފަރާތުން އޭނާގެ ދަޢުވާ ބިނާކޮށްފައިވާ މައިގަނޑު އަސާސަކީ، ބިލެތްފަހި ޒުވާނުންގެ ޖަމްޢިއްޔާއިން، އެރަށުގައި ފޯރުކޮށްދެމުންދާ ކަރަންޓުގެ ޚިދުމަތުގެ އަގަށް 01 މެއި 2010 އިން ފެށިގެން 0 ޔުނިޓުއިން ފެށިގެން 100 ޔުނިޓުގައި ހިމެނޭ ބޭންޑުގައި ހިމެނޭ ކަރަންޓް ޔުނިޓަކަށް -/5 ރުފިޔާގެ ރޭޓުން އަގުނަގަން 17 މެއި 2010 ގައި ބިލެތްފަހި ޒުވާނުންގެ ޖަމްޢިއްޔާއިން ހަމަޖައްސާފައިވަނީ ސަރުކާރުގެ ކަމާބެހޭ އިދާރާއިން އެ އަގު ފާސްކުރުމެއްނެތި ކަމަށްދެކި އެގޮތަށް އެ ޖަމްޢިއްޔާއިން ހަމަޖައްސާފައިވަނީ ޤާނޫނު ނަންބަރު 4/96 (ޢާންމު ބޭނުންތަކުގެ ޚިދުމަތާބެހޭ ޤާނޫނު) ގެ 8 ވަނަ މާއްދާއާ ޚިލާފަށްކަމަށްބުނެ އެ އަސާސްގެ މައްޗަށްކަމާއި،
މޫސާ ރަފީޢުގެ ފަރާތުން ފާހަގަކޮށްފައިވާ އެ ނުކުތާއާ ގުޅިގެން ބިލެތްފަހި ޒުވާނުންގެ ޖަމްޢިއްޔާގެ ފަރާތުން ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ކަރަންޓް ޔުނިޓަކަށް -/5 ރުފިޔާގެ ރޭޓުން އަގު ނެގުމަށް ކުރިންސުރެ ވަނީ މޯލްޑިވްސް އެނަރޖީ އޮތޯރިޓީން ފާސްކޮށްދެއްވާފައި ކަމަށާއި، އެއީ ބިލެތްފަހި ޒުވާނުންގެ ޖަމްޢިއްޔާއިން އެ ރަށު އޮފީހަށް ފޮނުވާފައިވާ ނަންބަރުBZJ/C6/2008/03 (24 ޖެނުއަރީ 2008) ސިޓީއާ ގުޅިގެން އެ އޮފީހުގެ ފަރާތުން މޯލްޑިވްސް އެނަރޖީ އޮތޯރިޓީއަށް ހުށަހަޅައި،އެ ހުށަހެޅުން ފާސްވެފައިވާކަމަށް މޯލްޑިވްސް އެނަރޖީ އޮތޯރިޓީގެ ނަންބަރު151/C/2008/02 (17 އޭޕްރީލް 2008) ސިޓީން އަންގަވާފައިވާކަމަށް ބިލެތްފަހި އޮފީހުގެ ނަންބަރު C-6/BZJ/2008/03 (21 އޭޕްރީލް 2008) ސިޓީން، އެ ޖަމްޢިއްޔާއަށް އަންގަވާފައިވާ އެންގުމުން ކަމަށާއި އޭގެފަހުން އަގު ފާސްކުރުމަށް ހުށަހެޅި އެއްވެސް ހުށަހެޅުމަކާ ގުޅިގެން އައު އަގެއް ނުވަތަ ޓެރިފެއް ފަސްކޮށްދެއްވާފައިވާކަން އެޖަމްޢިއްޔާއަށް އެނގިފައި ނުވާކަމަށާއި ކަރަންޓް ޔުނިޓަކަށް -/5 ރުފިޔާގެ ރޭޓުން އަގުނެގުމަށް މޯލްޑިވްސް އެނަރޖީ އޮތޯރިޓީން ހަމަޖައްސާދެއްވާފައި ވަނިކޮށް، ޔުނިޓަކަށް 3/- ރުފިޔާގެ މަގުން އަގުނަގަމުން އައިސްފައިވަނީ އެ ޖަމްޢިއްޔާއަށް ލިބިފައިވާ ސަބްސިޑީއަށް ބަރޯސާވެގެން ކަމަށާއި، ނަމަވެސް ލިބިފައިވާ ސަބްސިޑީ ހުސްވުމާ ގުޅިގެން އަލުން އަނބުރާ ކުރިން ހުރިއަގަށް އަގުތައް ރުޖޫޢަކުރީކަމަށާއި، މޯލްޑިވްސް އެނަރޖީ އޮތޯރިޓީގެ ނަންބަރު 151/2008/02(17 އޭޕްރީލް 2008) ސިޓީއާ ޙަވާލާ ދެއްވާ ބިލެތްފަހި އޮފީހުގެ ނަންބަރު C-6/BZJ/2008/07 (21 އޭޕްރީލް 2008) ގެ ސިޓީއިން މޯލްޑިވްސް އެނަރޖީ އޮތޯރިޓީން ފާސްކޮށްދެއްވި އަގުތައް އެންގުމަށް ފަހު، ބިލެތްފަހި އޮފީހުގެ ނަންބަރު C-6/BZJ/2010/88 (22 ސެޕްޓެމްބަރ 2010) ގެ ސިޓީ، އެ ޖަމްޢިއްޔާއަށް ލިބުމާހަމައަށް މޯލްޑިވްސް އެނަރޖީ އޮތޯރިޓީއިން އިތުރު ޓެރިފެއް ފާސްކޮށްދެއްވާފައި ވާކަން އެ ޖަމްޢިއްޔާއަށް އެނގިފައި ނުވާކަމަށާއި އެހެންކަމުން 01 މެއި 2010 ދުވަހުން ފެށިގެން ކަރަންޓް ޔުނިޓަކަށް -/5 ރުފިޔާގެ މަގުން އަގުނެގުމަށް އެ ޖަމްޢިއްޔާއިން 17 މެއި 2010 ގައި ނިންމާފައިވާ ނިންމުން މޯލްޑިވްސް އެނަރޖީ އޮތޯރިޓީއިން ފާސްކޮށް ބިލެތްފަހި ޒުވާނުންގެ ޖަމްޢިއްޔާއަށް އަންގާފައިވާ ޓެރިފާ ޚިލާފްކަމަށް ޤާނޫނީގޮތުން ބެލެވޭނެ ތަނެއް އޮތްކަމަށް ނުދެކޭކަމަށް އެ ޖަމްޢިއްޔާގެ ފަރާތުން ބުނެފައިވާކަން އެނގެން އޮންނަކަމެވެ.
(ޅ) ހަވަނަކަމަކީ،އިސްވެ ޙަވާލާ ދެވުނު ށ.ބިލެތްފަހި އޮފީހުގެ ނަންބަރު C-6/BZJ/2010/88 (22 ސެޕްޓެންބަރ 2010) ގެ ސިޓީއަށް ބަލާއިރު އަމިއްލަ ފަރާތްތަކަށް ކަރަންޓް ފީގެ ގޮތުގައި ޔުނިޓަކަށް -/5ރ. (ފަހެއް ރުފިޔާ)، ހަމަޖައްސައި މޯލްޑިވްސް އެނަރޖީ އޮތޯރިޓީ އިން ބިލެތްފަހި ޒުވާނުންގެ ޖަމްޢިއްޔާއަށް 17 އޭޕްރީލް 2008 ގައި ދީފައިވާ ހުއްދަ ބާޠިލްކުރެވިފައިވާ ކަމަށް އެ އޮތޯރިޓީގެ ނަންބަރު 151/C/2010/04 (06 ޖުލައި 2010) ގެ ސިޓީން ބިލެތްފަހި އޮފީހަށް އަންގަވާފައިވާ ކަމަށް ބަޔާންކޮށްފައިވާ ކަމާއި އަދި 17 އޭޕްރީލް 2008 ގެ ހުއްދަ އެ އޮތޯރިޓީން ބާޠިލް ކުރުމަށްފަހު 27 ނޮވެމްބަރު 2008 ގައި މޯލްޑިވްސް އެނަރޖީ އޮތޯރިޓީން ފާސްކޮށްދެއްވާފައިވާ އަގުތައް އެ ސިޓީގައި ބަޔާންކޮށްފައި ވާކަމާއި އެ އަގުތަކަކީ 0 ޔުނިޓުން ފެށިގެން 100 ޔުނިޓާހަމައަށް ޔުނިޓަކަށް 4/50ރ (ހަތަރު ރުފިޔާ ފަންސާސްލާރި)، އަދި 101 ޔުނިޓުން ފެށިގެން 200 ޔުނިޓާ ހަމައަށް ޔުނިޓަކަށް -/5ރ. (ފަސްރުފިޔާ)، އަދި 201 ޔުނިޓުން ފެށިގެން މަތީ ޔުނިޓަކަށް 5/50ރ. (ފަސްރުފިޔާ ފަންސާސް ލާރި)، ކަމާއި އަދި ބިލެތްފަހި ޒުވާނުންގެ ޖަމްޢިއްޔާއަށް ފާސްކޮށްދެއްވާފައިވާ މިފަހުގެ ރޭޓުތައް ފަސްކޮށްދެއްވާފައި ވާކަން އެ ޖަމްޢިއްޔާއަށް ނޭނގިއޮތްނަމަ، މި ސިޓީ އެ ޖަމްޢިއްޔާއަށް ފޮނުވާފައިވާ22 ސެޕްޓެމްބަރ 2010 ދުވަހުން ފެށިގެން މޯލްޑިވްސް އެނަރޖީ އޮތޯރިޓީން 27 ނޮވެމްބަރ 2008ގައި ފާސްކޮށްދެއްވާފައިވާ ކަމަށް އެ ސިޓީގައި ބަޔާންކުރެވި ދިޔަ އަގުތަކަށް ކަރަންޓްފީ ބަދަލުކުރުމަށް ދަންނަވާކަމަށް ވެސް ބަޔާންކޮށްފައިވާ ކަމާއި މިކަންކަން އިސްވެ ޙަވާލާދެވުނު ށ. ބިލެތްފަހި އޮފީހުގެ ނަންބަރު C-6/BZJ/2010/88 (22 ސެޕްޓެންބަރ 2010) ސިޓީއަށް ބެލުމުން އެނގެން އޮންނަކަމެވެ.
(ކ) ހަތްވަނަކަމަކީ، އިސްވެ ޙަވާލާ ދެވުނު ށ. ބިލެތްފަހި އޮފީހުގެ ނަންބަރުC-6/BZJ/2010/88 (22 ސެޕްޓެންބަރ 2010) ގެ ސިޓީގައި އިޝާރާތްކޮށްފައިވާ މޯލްޑިވްސް އެނަރޖީ އޮތޯރިޓީގެ ނަންބަރު 151/C/2010/04 (6 ޖުލައި 2010) ގެ ސިޓީއަށް ބަލާއިރު އެ ސިޓީއަކީ ށ. ބިލެތްފަހި އޮފީހަށް ފޮނުވާފައިވާ ސިޓީއެއްކަމާއި، އަދި ށ. ބިލެތްފަހީގައި، ބިލެތްފަހި ޒުވާނުންގެ ޖަމްޢިއްޔާއިން ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތަށް މޯލްޑިވްސް އެނަރޖީ އޮތޯރިޓީގެ ގަވަރނިންގ ބޯޑުން 27 ނޮވެމްބަރ 2008 ގައި ފާސްކޮށްދެއްވާފައިވާ އަގުތައް އެ ސިޓީގައި ބަޔާންކޮށްފައިވާއިރު، މި އަގުތަކާ، ށ. ބިލެތްފަހި އޮފީހުގެ އިސްވެ އިޝާރާތްކުރެވުނު އެ އޮފީހުގެ ނަންބަރުC-6/BZJ/2010/88 (22 ސެޕްޓެންބަރ 2010) ގެ ސިޓީ ގައި، މޯލްޑިވްސް އެނަރޖީ އޮތޯރިޓީގެ ނަންބަރު 151/C/2010/04 (6 ޖުލައި 2010) ގެ ސިޓީއާ ޙަވާލާދީ ބަޔާންކޮށްފައިވާ އަގުތަކާދެމެދު އެއްވެސް ތަފާތެއްނެތްކަމާއި އަދި އެ އޮތޯރިޓީގެ ނަންބަރު 151/C/2008/02 (17 އެޕްރީލް 2008) ގެ ސިޓީގެ ދަށުން ދީފައިވާ ހުއްދަ، މޯލްޑިވްސް އެނަރޖީ އޮތޯރިޓީގެ މި ސިޓީގެ ދަށުން ބާޠިލްވެފައިވާކަމާއި މިކަންކަން މޯލްޑިވްސް އެނަރޖީ އޮތޯރިޓީގެ ނަންބަރު 151/C/2010/04 (6 ޖުލައި 2010) ގެ ސިޓީން އެނގެން އޮތް ނަމަވެސް މޯލްޑިވްސް އެނަރޖީ އޮތޯރިޓީގެ ނަންބަރު151/C/2008/03 (25 ނޮވެމްބަރ 2008) ގެ ސިޓީން މުޢާމަލާތްކުރެވިފައިވަނީ ސީދާ ބިލެތްފަހި އޮފީހަށްކަމަށް ސާފުބަހުން އެ ސިޓީގައި ބަޔާންކޮށްފައިވާކަމާއި އަދި އެ ސިޓީއަކީ، ބިލެތްފަހި ޒުވާނުންގެ ޖަމްޢިއްޔާއަށް ކޮޕީކޮށް ފޮނުވާފައިވާ ސިޓީއެއްނޫންކަން ވެސް އިސްވެ ޙަވާލާދެވުނު މޯލްޑިވްސް އެނަރޖީ އޮތޯރިޓީގެ ނަންބަރު 151/C/2010/04 (6 ޖުލައި 2010) ގެ ސިޓީން ރަނގަޅަށް އެނގެން އޮންނައޮތުމުން މޯލްޑިވްސް އެނަރޖީ އޮތޯރިޓީގެ ނަންބަރު 151/C/2008/03 (25 ނޮވެމްބަރ 2008)ގެ ސިޓީއާއި އަދި އެ އޮތޯރިޓީގެ ނަންބަރު 151/C/2010/04 (6 ޖުލައި 2010) ގެ ސިޓީއާއި މި ދެސިޓީއަކީ، އެ ދެ ސިޓީގައިވާ މަޢުލޫމާތުތައް ހިމެނޭގޮތުން، އިސްވެ އިޝާރާތްކުރެވުނު ށ. ބިލެތްފަހި އޮފީހުގެ ނަންބަރު C-6/BZJ/2010/88 (22 ސެޕްޓެމްބަރ 2010) ގެ ސިޓީން، ށ. ބިލެތްފަހި ޒުވާނުންގެ ޖަމްޢިއްޔާއަށް އެންގުމުގެ ކުރިން ށ. ބިލެތްފަހި ޒުވާނުންގެ ޖަމްޢިއްޔާއަށް ލިބިފައިވާ ދެ ސިޓީކަމަށް ބެލެވޭނެތަނެއް އޮތް ދެސިޓީނޫންކަން މޯލްޑިވްސް އެނަރޖީ އޮތޯރިޓީގެ ނަންބަރު151/C/2010/04 (6 ޖުލައި 2010) ގެ ސިޓީގެ ޢިބާރާތަށް ބެލުމުންވެސް އެނގެންއޮންނަކަމެވެ.
(އ) އަށްވަނަކަމަކީ، މޯލްޑިވްސް އެނަރޖީ އޮތޯރިޓީގެ އިސްވެ އިޝާރާތްކުރެވުނު އެއޮތޯރިޓީގެ ނަންބަރު 151/C/2010/04 (6 ޖުލައި 2010) ގެ ސިޓީގައި އިޝާރާތްކޮށްފައިވާއޮތޯރިޓީގެ ނަންބަރު151/C/2008/03 (25 ނޮވެމްބަރ 2008) ގެ ސިޓީއަށް ބަލާއިރު، އެ ސިޓީއަކީ ށ. ބިލެތްފަހި ބޮޑު ކަތީބު އަލްފާޟިލް ޢަބްދުއް ސައްތާރު މޫސާއަށް އެޑްރެސްކުރައްވައި، ފޮނުވާފައިވާ ސިޓީއެއްކަމާއި، އަދި އެ ސިޓީއަކީ، އެ އޮތޯރިޓީގެ ނަންބަރު 151/C/2008/02 (17 އޭޕްރީލް 2008) ގެ ސިޓީއިން ށ. ބިލެތްފަހި އޮފީހަށް އެންގިފައިވާ އެމް.އީ.އޭގެ ގަވަރނިންގ ބޯޑުން 14 އޭޕްރީލް 2008 ގައި ފާސްކޮށްފައިވާ އަގަށް ބަދަލުގެނައުމަށް ބޭނުންވެގެން ށ. ބިލެތްފަހި ޒުވާނުންގެ ޖަމްޢިއްޔާއިން 2008 ވަނަ އަހަރުގެ މެއި 22 އާއި ޖޫން 25 ގައި ފޮނުވާފައިވާ 2 ސިޓީއާއި، އަދި އެ ޖަމްޢިއްޔާއިން2008 ގެ ޖޫން 10 އަދި ޖުލައި 08 ގައި ހުށަހަޅާފައިވާ މަޢުލޫމާތާ ގުޅިގެން ށ. ބިލެތްފަހީގައި ކަރަންޓް ފީ ފާސްކުރުމާ ބެހޭގޮތުން ގޮތެއް ނިންމުމަށްޓަކައި 20 ނޮވެމްބަރ 2008 ގައި ބޭއްވުނު އެމް.އީ.އޭ ގަވަރނިންގ ބޯޑުގެ ބައްދަލުވުމަށް ހުށަހެޅުމުން އެ ބޯޑުން ނިންމިގޮތް ބަޔާންކޮށް ފޮނުވާފައިވާސިޓީއެއްކަމާއި، މި ގޮތުން އެމް.އީ.އޭ ގަވަރނިންގ ބޯޑުގެ އެ ބައްދަލުވުމުން ށ. ބިލެތްފަހީގެ ޓެރިފާބެހޭގޮތަށް ނިންމާފައިވަނީ 0 ޔުނިޓުންފެށިގެން 100 ޔުނިޓަށް ޔުނިޓަކަށް 4/50 ރ. (ހަތަރު ރުފިޔާ ފަންސާސް ލާރި)، 101 ޔުނިޓުން ފެށިގެން 200 ޔުނިޓަށް: ޔުނިޓަކަށް -/5 ރ. (ފަސްރުފިޔާ)، 201 ޔުނިޓުން ފެށިގެން މަތީކޮންމެ ޔުނިޓަކަށް 5/50 ރ. (ފަސް ރުފިޔާ ފަންސާސް ލާރި) ކަމާއި މިކަންކަން އެ ސިޓީއިން އެނގެން އޮތްކަމުގައިވިޔަސް މޯލްޑިވްސް އެނަރޖީ އޮތޯރިޓީގެ މި ސިޓީ ފޮނުވާފައިވަނީ ށ. ބިލެތްފަހި ރަށު އޮފީހަށްކަމަށްވެފައި އަދި ކޮޕީކޮށްފައިވަނީ "މިލަދުންމަޑުލު އުތުރުބުރީ އޮފީސް" ކިޔާ ތަނަކަށްކަމާއި އަދި މި ސިޓީއަކީ ބިލެތްފަހި ޒުވާނުންގެ ޖަމްޢިއްޔާއަށް ކޮޕީކޮށްފައިވާ ސިޓީއެއްނޫންކަމާއި މި ކަންކަން މި ސިޓީއަށް ބެލުމުން އެނގެން އޮތްއޮތުމުން މޯލްޑިވްސް އެނަރޖީ އޮތޯރިޓީގެ މި ސިޓީގައިވާ މައުލޫމާތުތަކަކީ، ށ. ބިލެތްފަހި ޒުވާނުންގެ ޖަމްޢިއްޔާއަށް ލިބި އަދި އެ ޖަމްޢިއްޔާއާ ޙިއްސާކުރެވިފައިވާ މަޢުލޫމާތުތަކެއްކަމަށް ބެލެވޭނެތަނެއް އޮތް މަޢުލޫމާތުތަކެއް ނޫންކަން އެ ސިޓީގެ ޢިބާރާތަށް ބެލުމުންވެސް އެނގެންއޮންނަކަމެވެ.
(ވ) ނުވަވަނަކަމަކީ، މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު18/C6C/2010 ގެ ޤަޟިއްޔާގެ ޝަރީޢަތް އެ ކޯޓުގައި ހިނގަމުންދިޔަ ދުވަސްވަރު އެ ކޯޓުން މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހި އޮފީހަށް އެޑްރެސްކޮށް ފޮނުވާފައިވާ އެ ކޯޓުގެ ނަންބަރު C6MC/C6/2011/01 (17 ޖެނުއަރީ 2011) ގެ ސިޓީއާ ޙަވާލާދީ މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހި އޮފީހުން މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހި މެޖިސްޓްރޭޓް ކޯޓަށް ފޮނުއްވި އެ އޮފީހުގެ C6/C6MC/2011/10 ނަންބަރު (24 ޖެނުއަރީ 2011) ގެ ސިޓީއަށް ބަލާއިރު، އެ އޮފީހުން ތިން ފަހަރެއްގެމަތިން ކަރަންޓް ފީ ނެގުމުގެ އަގުތައް ބިލެތްފަހި ޒުވާނުންގެ ޖަމްޢިއްޔާއަށް އެންގިފައިވާނެކަމަށާއި މިގޮތުން އެންމެ ފުރަތަމަ އެންގިފައިވަނީ 21 އޭޕްރީލް 2008 ގައި އެ އޮފީހުގެ ނަންބަރު BZJ/C6/2008/07 ގެ ސިޓީއިންކަމަށާއި އެ ސިޓީގައިވާ ރޭޓްތަކަކީ އަމިއްލަ ފަރާތްތަކުން، ޔުނިޓަކަށް -/5 ރުފިޔާ، ސަރުކާރާއި ކުންފުނިތަކުން ޔުނިޓަކަށް -/8 ރުފިޔާ ކަމަށާއި މިރޭޓްތަކަކީ މޯލްޑިވްސް އެނަރޖީ އޮތޯރިޓީގެ ގަވަރނިންގ ބޯޑުން އެ ދުވަސްވަރު ފާސްކުރައްވައި އެ އޮތޯރިޓީގެ ނަންބަރު 151/C/2008/02 (17 އެޕްރީލް 2008) ގެ ސިޓީއިން ބިލެތްފަހި އޮފީހަށް އަންގާފައިވާ ރޭޓްތަކެއްކަމަށާއި
ދެވަނަ ފަހަރަށް އެންގިފައިވަނީ 17 މާޗް 2009 ގައި ބިލެތްފަހި އޮފީހުގެ ނަންބަރު BZJ/C6/2009/39 ގެ ސިޓީންކަމަށާއި އެ ސިޓީގައިވާނެ ރޭޓްތަކަކީ ރައްޔިތުންގެ އަތުން ޔުނިޓަކަށް 3/- ރުފިޔާ، ސަރުކާރު ތަންތަނުން ޔުނިޓަކަށް -/8 ރުފިޔާ، ކުންފުނިތަކުން ޔުނިޓަކަށް -/10 ރުފިޔާކަމަށާއި ނަމަވެސް މި އަގުތަކަކީ މޯލްޑިވްސް އެނަރޖީ އޮތޯރިޓީގެ ގަވަރނިންގ ބޯޑުން ފާސްކޮށްފައިވާ އަގުތަކެއްނޫންކަމުގައި 23 ޖެނުއަރީ 2011 ގައި ލިޔުއްވާ އެ އޮފީހަށް ފޮނުވާފައިވާ މޯލްޑިވްސް އެނަރޖީ އޮތޯރިޓީގެ ނަންބަރު 151/C/2011/04 ސިޓިން އަންގަވާފައިވާތީ، މި އަގުތަކަކީ، ޤާނޫނު ނަންބަރު 4/96 (ޢާންމު ބޭނުންތަކުގެ ޚިދުމަތާބެހޭ ޤާނޫނު) ގެ 8 ވަނަ މާއްދާއާއި، މޯލްޑިވްސް އެނަރޖީ އޮތޯރިޓީގެ ނަންބަރު 2009/03 (14 މެއި 2009) ގެ ސަރކިއުލަރ އާ ޚިލާފަށް އެ އޮފީހުން އެންގިފައިވާ އެންގުންތަކެއްކަމަށް އެ އޮފީހުން ޤަބޫލުކުރާކަމަށާއި
ތިންވަނަ ފަހަރަށް އެންގިފައިވަނީ 22 ސެޕްޓެމްބަރ 2010 ގައި އެ އޮފީހުގެ ނަންބަރު 2010/88/C-6/BZJ ސިޓީއިންކަމަށާއި އެ ސިޓީގައިވާ އަގުތަކަކީ، 0 ޔުނިޓުން 100 ޔުނިޓާ ހަމައަށް (ހަތަރު ރުފިޔާ ފަންސާސް ލާރި)، 101 ޔުނިޓުން 200 ޔުނިޓާ ހަމައަށް ޔުނިޓަކަށް -/5 ރ .(ފަސްރުފިޔާ)، 201 ޔުނިޓުން މަތީ ޔުނިޓަކަށް 5/50 ރ. (ފަސްރުފިޔާ ފަންސާސްލާރި)، ކަމަށާއި މި އަގުތަކަކީ މޯލްޑިވްސް އެނަރޖީ އޮތޯރިޓީގެ ނަންބަރު 04/2010/ސީ/151 ސިޓީއާއި މޯލްޑިވްސް އެނަރޖީ އޮތޯރުޓީގެ ނަންބަރު 04/2010/ސީ/151 ސިޓިއާއި މި ދެ ސިޓީއިން އެ އޮފީހަށް އަންގާފައިވާ އަގުތަކެއްކަމަށާއި، މި އަގުތައް ފާސްކުރައްވާފައިވަނީ 20 ނޮވެމްބަރ 2008 ގައިކަމަށްވިޔަސް އެ ދުވަސްވަރު އެ އޮފީހަށް މިކަމާބެހޭ އެއްވެސް ލިޔުމެއް އައިސްފައި ނުވާކަމަށާއި މި އަގުތައް ބިލެތްފަހި ޒުވާނުންގެ ޖަމްޢިއްޔާއަށް، އެ އޮފީހުން އަންގާފައިވަނީ އެ އޮފީހުގެ ނަންބަރު C-6/BZJ/2010/88 (22 ސެޕްޓެމްބަރ 2010) ގެ ސިޓީންކަމަށް އެ ސިޓީގައި (ޔައުނީ: ށ. ބިލެތްފަހި އޮފީހުގެ ނަންބަރު C6/C6MC/2011/10 (24 ޖެނުއަރީ 2011) ގެ ސިޓީގައި) ބަޔާންކޮށްފައިވުމުން މި ސިޓީގައި އެ އޮފީހުން، ބިލެތްފަހި ޒުވާނުންގެ ޖަމްޢިއްޔާއަށް ދެވަނަ ފަހަރަށް ކަރަންޓުގެ އަގުގެ ރޭޓްތައްކަމަށް ބަޔާންކޮށް ފޮނުވާފައިވާ ރޭޓްތަކަކީ، މޯލްޑިވްސް އެނަރޖީ އޮތޯރިޓީއިން ފާސްކޮށްފައިވާ ރޭޓްތަކެއް ނޫންކަމަށް އެ ސިޓީގައި ސާފުބަހުން ބަޔާންކޮށްފައިވާތީ އެ ރޭޓްތަކަށް ޢަމަލުކުރުން ބިލެތްފަހި ޒުވާނުންގެ ޖަމްޢިއްޔާގެ މައްޗަށް ޤާނޫނީ ގޮތުން ލާޒިމުނުކުރެވޭނެކަމާއި، އަދި މޯލްޑިވްސް އެނަރޖީ އޮތޯރިޓީން ބިލެތްފަހި އޮފީހަށް ފޮނުވި އިސްވެ ޙަވާލާދެވުނު އެ އޮތޯރިޓީގެ ނަންބަރު151/C/2008/03 (25 ނޮވެމްބަރ 2008) ގެ ސިޓީއާއި އަދި އޭގެ ފަހުން އެ އޮފީހަށް އެ އޮތޯރިޓީން ފޮނުވި އެ އޮތޯރިޓީގެ ނަންބަރު 151/C/2010/04 (06 ޖުލައި 2010) ގެ ސިޓީއާއި މި ދެސިޓީގައި ބިލެތްފަހި ޒުވާނުންގެ ޖަމްޢިއްޔާއިން ށ. ބިލެތްފަހީގައި ދޭ ކަރަންޓުގެ ޚިދުމަތަށް އެ އޮތޯރިޓީގެ ގަވަރނިންގ ބޯޑުން20 ނޮވެމްބަރ 2008 ނުވަތަ 27 ނޮވެމްބަރ 2008 ގައި ފާސްކޮށްދީފައިވާ އިސްވެ ބަޔާންކުރެވިދިޔަ މަޢުލޫމާތު ބިލެތްފަހި އޮފީހުން، ބިލެތްފަހި ޒުވާނުންގެ ޖަމްޢިއްޔާއަށް އަންގަވާފައިވަނީ22 ސެޕްޓެމްބަރ 2010 ގައި އެ އޮފީހުން އެ ޖަމްޢިއްޔާއަށް ފޮނުވި އެ އޮފީހުގެ ނަންބަރު C-6/BZJ/2010/88ގެ ސިޓީންކަމާއި އަދި މި ސިޓީގައިވާ 22 ސެޕްޓެމްބަރ 2010 ގެ ކުރިން މޯލްޑިވްސް އެނަރޖީ އޮތޯރިޓީގެ އިސްވެ މި ޙަވާލާދެވުނު ދެ ސިޓީގައިވާ މަޢުލޫމާތުތައް، އެ އޮފީހުން ބިލެތްފަހި ޒުވާނުންގެ ޖަމްޢިއްޔާއަށް އަންގާފައިނުވާކަމާއި މިކަންކަން އިސްވެ މި ޙަވާލާދެވުނު ބިލެތްފަހި އޮފީހުގެ ނަންބަރު C6/C6MC/2011/10 (24 ޖެނުއަރީ 2011) ގެ ސިޓީންވެސް ސާފުކޮށް އެނގެންއޮންނައޮތުމެވެ.
(މ) ދިހަވަނަކަމަކީ، ބިލެތްފަހި އޮފީހުން، ބިލެތްފަހި ޒުވާނުންގެ ޖަމްޢިއްޔާއަށްފޮނުވާފައިވާ މޯލްޑިވްސް އެނަރޖީ އޮތޯރިޓީގެ ނަންބަރު 151/C/2010/04 (6 ޖުލައި 2010) ގެ ސިޓީއިން އެ ސިޓީގައި ބަޔާންކޮށްފައިވާ އަގުތަކަކީ 27 ނޮވެމްބަރ 2008 ގައި މޯލްޑިވްސް އެނަރޖީ އޮތޯރިޓީގެ ގަވަރނިންގ ބޯޑުން ފާސްކޮށްދެއްވާ އަގުތަކެއްކަމާއި އަދި މިކަން އެ އޮތޯރިޓީގެ ނަންބަރު 151/C/2008/03 (25 ނޮވެމްބަރ 2008) ގެ ސިޓީން ބިލެތްފަހި އޮފީހަށް މުޢާމަލާތު ކޮށްފައިވާކަން އެނގޭކަމަށް ބަޔާންކޮށް މޯލްޑިވްސް އެނަރޖީ އޮތޯރިޓީގެ ނަންބަރު151/C/2008/03 ގެ ސިޓީ ބިލެތްފަހި އޮފީހަށް ލިބިވަޑައިގެންފައިވާކަން ނުވަތަ ނޫންކަން އަދި ލިބިވަޑައިގެންފައިވާނަމަ އެ ސިޓީގައި ބަޔާންކުރައްވާފައިވާކަމަށް ވިދާޅުވާ އަގުތައް ބިލެތްފަހި އޮފީހުން، ބިލެތްފަހި ޒުވާނުންގެ ޖަމްޢިއްޔާއަށް އެންގެވި ސިޓީގެ ނަންބަރު އަދި ތާރީޚް އަންގަވައިދެއްވުމަށާއި އަދި މޯލްޑިވްސް އެނަރޖީ އޮތޯރިޓީގެ ނަންބަރު151/C/2010/04 ގެ ސިޓީގެ ތާރީޚަކީ 06 ޖުލައި 2010 ކަމަށްވެފައި، އެ ސިޓީއާ ގުޅިގެން ބިލެތްފަހި އޮފީހުން، ބިލެތްފަހި ޒުވާނުންގެ ޖަމްޢިއްޔާއަށް އެންގެވި އެންގެވުންތައް ސިޓީއަކުން އަންގަވާފައިވަނީ 02 މަހާއި 16 ދުވަސް ފަހުންކަމަށްވާތީ މޯލްޑިވްސް އެނަރޖީ އޮތޯރިޓީގެ ނަންބަރު 151/C/2010/04 ގެ ސިޓީވެސް، ބިލެތްފަހި އޮފީހަށް ލިބިވަޑައިގެންނެވި ތާރީޚެއް އަންގަވައިދެއްވުމަށް ބިލެތްފަހި ޒުވާނުންގެ ޖަމްޢިއްޔާއިން މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހި އޮފީހަށް ފޮނުވާފައިވާ އެ ޖަމްޢިއްޔާގެ ނަންބަރު BZJ/C6/2010/84(28 ސެޕްޓެމްބަރ 2010) ގެ ސިޓީން ދެންނެވުމުން، މި ސިޓީއާ ޙަވާލާދީ މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހި އޮފީހުން، ބިލެތްފަހި ޒުވާނުންގެ ޖަމްޢިއްޔާއަށް ފޮނުވާފައިވާ އެ އޮފީހުގެ ނަންބަރު C6/BZJ/2010/99(05 އޮކްޓޯބަރ 2016) ސިޓީގައި ބިލެތްފަހި އޮފީހުން އެންޓްރީބަލާ ޗެކްކުރިއިރު މޯލްޑިވްސް އެނަރޖީ އޮތޯރިޓީގެ 3 ނަންބަރު ސިޓީ، އަދިމޯލްޑިވްސް އެނަރޖީ އޮތޯރިޓީގެ އެއްވެސް ލިޔުމެއް 01 ނޮވެމްބަރ 2008 އިން 31 ޑިސެމްބަރ 2008 އަށް އެ އޮފީހަށް ލިބިފައިވާކަމަށް ފެންނަށް ނެތްކަމަށާއި އަދި މޯލްޑިވްސް އެނަރޖީ އޮތޯރިޓީގެ 4 ނަންބަރު ސިޓީއާ ގުޅޭގޮތުން ކޮށްފައިވާ ސުވާލުގެ ޖަވާބުގައި އެ އޮފީހުގެ C6/BZJ/2010/75 ނަންބަރު ސިޓީން މޯލްޑިވްސް އެނަރޖީ އޮތޯރިޓީގެ ޤަވާޢިދާ އެއްގޮތަށް އަމަލުކުރުމަށް ބިލެތްފަހި ޒުވާނުންގެ ޖަމްޢިއްޔާއަށްވާނީ ދަންނަވާފަކަމަށާއި އެހެންނަމަވެސް ބިލެތްފަހި ޒުވާނުންގެ ޖަމްޢިއްޔާއަށް އެ ސިޓީ ލިބުމުންވެސް މޯލްޑިވްސް އެނަރޖީ އޮތޯރިޓީއިން ބިލެތްފަހި ޒުވާނުންގެ ޖަމްޢިއްޔާއަށް އެންމެފަހުން ފާސްކޮށްދެއްވި އަގު ހޯއްދެވުމަށް މަސައްކަތް ކުރައްވާފައި ނުވާކަން އެ އޮފީހަށް ފާހަގަކުރެވުމުން އެ އޮފީހުގެ ނަންބަރު C-6/BZJ/2010/88 ގެ ސިޓީން ވާނީ މޯލްޑިވްސް އެނަރޖީ އޮތޯރިޓީގެ ޤަވާޢިދާ ޢަމަލުކުރުމަށް ތަކުރާރުކޮށް އެންގިފައިކަމުގައި ދަންނަވާކަމަށް ބަޔާންކޮށްފައިވާތީ، މިސިޓީ ޢިބާރާތްކޮށްފައިވާގޮތުން މޯލްޑިވްސް އެނަރޖީ އޮތޯރިޓީގެ ނަންބަރު 151/C/2010/04(06 ޖުލައި 2010) ގެ ސިޓީގައިވާ މަޢުލޫމާތުތައް، ބިލެތްފަހި އޮފީހުގެ ނަންބަރު C6/BZJ/2010/75 ގެ ސިޓީން ބިލެތްފަހި ޒުވާނުންގެ ޖަމްއިއްޔާއަށް އަންގަވާފައިވާކަން ދޭހަވާތީ ބިލެތްފަހި އޮފީހުން، ބިލެތްފަހި ޒުވާނުންގެ ޖަމްޢިއްޔާއަށް ފޮނުވާފައިވާކަމަށްބުނާ އެ އޮފީހުގެ ނަންބަރު C6/BZJ/2010/75 ގެ ސިޓީ އަށްބަލާއިރު އެ ސިޓީގައިވާ ތާރީޚަކީ 28 ޖުލައި 2010 ކަން އެ ސިޓީން އެނގެން އޮތްނަމަވެސް އެ ސިޓީގައި އެއްވެސް މިންވަރަކަށް މޯލްޑިވްސް އެނަރޖީ އޮތޯރިޓީގެ އިސްވެ އިޝާރާތްކުރެވުނު އެ އޮތޯރިޓީގެ ނަންބަރު 151/C/2010/04 (06 ޖުލައި 2010) ގެ ސިޓީއާބެހޭ އެއްވެސް އެ މައުލޫމާތެއް އަދި އެ އޮތޯރިޓީގެ އެ ނޫން ސިޓީއަކާބެހޭ މަޢުލޫމާތެއްވިޔަސް އެ އޮފީހުން، ބިލެތްފަހި ޒުވާނުންގެ ޖަމްޢިއްޔާއާ ޙިއްޞާކޮށްފައިނުވާކަން އެ ސިޓީން ސާފުކޮށް އެނގެން އޮންނާތީ އެ ސިޓީއަކީވެސް، މޯލްޑިވްސް އެނަރޖީ އޮތޯރިޓީގެ އިސްވެ އިޝާރާތްކުރެވުނު އެ އޮތޯރިޓީގެ ނަންބަރު 151/C/2008/03 (25 ނޮވެމްބަރ 2008) ގެ ސިޓީއާއި އަދި އެ އޮތޯރިޓީގެ ނަންބަރު 151/C/2010/04(06 ޖުލައި 2010) ގެ ސިޓީއާ މި ދެސިޓީގައިވާ މަޢުލޫމާތުތައް އެއްވެސް މިންވަރަކަށް ޙިއްސާކުރުމުގެ ގޮތުން ބިލެތްފަހި އޮފީހުން، ބިލެތްފަހި ޒުވާނުންގެ ޖަމްޢިއްޔާއަށް ފޮނުވާފައިވާ ސިޓީއެއްކަމަށް ބެލެވޭނެ ތަނެއް އޮތް ސިޓީއެއް ނޫންކަން އެނގެންއޮންނަކެމެވެ.
(ފ) އެގާރަވަނަކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/57ޤަޟިއްޔާ އެ ކޯޓުން ނިންމަވާފައިވާނީ ޝަރީޢަތާ އަދި ޤާނޫނާ ޚިލާފުވާގޮތަށް ކަމަށްބުނެ މޫސާ ރަފީޢުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ފުރަތަމަ ސަބަބުގައި އިޝާރާތްކޮށްފައިވާ މޯލްޑިވްސް އެނަރޖީ އޮތޯރިޓީން 18 ޖޫން 2006 ގައި ޢާންމުކޮށްފައިވާ ކަމަށްބުނާ އެ އޮތޯރިޓީގެ ނަންބަރު 151/TUL/2006/02 ގެ އިޢުލާނަކީ، ރާއްޖޭގައި ޤާއިމުކުރެވޭ އިލެކްޓްރިކް ކަރަންޓް އުފައްދާ ފޯރުކޮށްދޭ ނިޒާމުތަކުގެ ޑިޒައިނާއި ފަންނީ މަޢުލޫމާތު، އަދި އެ ނިޒާމުތަކުން ފޯރުކޯށްދޭ ޚިދުމަތަށް ފީނެގުމަށް ރޭވިފައިވާގޮތާއި އަދި އެ ނިޒާމުތަކުން ޢާންމުކޮށް ޚިދުމަތްދިނުމުގެ ޤަވާއިދު، އެ ނިޒާމު ޤާއިމުކުރުމުގައި ޒިންމާވާ ފަރާތްތަކުން މޯލްޑިވްސް އެނަރޖީ އޮތޯރިޓީއަށް ހުށަހަޅައިގެން ފާސްކުރަންވާނެކަމަށް ދަންނަވައި ކޮށްފައިވާ އިޢުލާނެއްކަން އެނގެން އޮތްނަމަވެސް އެ އިޢުލާނަކީ ރާއްޖޭގެ ކަންކޮޅުތަކުގައި ޢާންމުކޮށް ކަރަންޓުގެ ޚިދުމަތްދޭ ފަރާތްތަކުން އެ ޚިދުމަތަށް ނަގަންޖެހޭ އަގުތައް ކަނޑައަޅައި ބަޔާންކުރުމުގެ ގޮތުން ނެރެފައިވާ އިޢުލާނެއްނޫންކަން އެ އިޢުލާނު ބެލުމުން އެނގެންއޮވެފައި 01 މެއި 2010 ދުވަހުން ފެށިގެން އޭގެ ކުރިން ޢާންމު ރައްޔިތުންގެ އަތުން ކަރަންޓް ޔުނިޓަކަށް ބިލެތްފަހި ޒުވާނުންގެ ޖަމްޢިއްޔާއިން ނަގަމުންއައި -/3 ރުފިޔާގެ ބަދަލުގައި އެ ތާރީޚުން ފެށިގެން ކަރަންޓް ޔުނިޓަކަށް -/5 ރުފިޔާގެ ރޭޓުން އަގުނަގާގޮތަށް 17 މެއި 2010 ގައި ބިލެތްފަހި ޒުވާނުންގެ ޖަމްޢިއްޔާއިން ނިންމާފައިވަނީ ށ. ބިލެތްފަހީގައި ދޭ ކަރަންޓްގެ ޚިދުމަތަށް މޯލްޑިވްސް އެނަރޖީ އޮތޯރިޓީގެ ގަވަރނިންގ ބޯޑުން 14 އޭޕްރީލް 2008 ގައި ފާސްކޮށްދެއްވާފައިވާ އަގުތައް ބަޔާންކޮށް އެ އޮތޯރިޓީގެ ނަންބަރު 151/C/2008/02 (17 އޭޕްރީލް 2008) ގެ ސިޓީގައި ބަޔާންކުރެވިފައިވާ ކަރަންޓުގެ ޚިދުމަތުގެ އަގުތަކުގެ ޙުދޫދުގެ ތެރެއިންކަން ސާފުކޮށް އެނގެން އޮންނާތީއާއި އަދި އޭގެ ފަހުންށ. ބިލެތްފަހި ޒުވާނުންގެ ޖަމްޢިއްޔާއިން ށ. ބިލެތްފަހީގައި ދެމުންގެންދާ ކަރަންޓުގެ ޚިދުމަތަށް އަގު ނަގަންވީގޮތް ބަޔާންކޮށް އެ އޮތޯރިޓީން ށ. ބިލެތްފަހި އޮފީހަށް ފޮނުވާފައިވާ އެ އޮތޯރިޓީގެ ނަންބަރު 151/C/2008/03 (25 ނޮވެމްބަރ 2008) ގެ ސިޓީއާއި އަދި އެ އޮތޯރިޓީގެ ނަންބަރު 151/C/2010/04 (06 ޖުލައި 2010) ގެ ސިޓީއާއި މި ދެސިޓީގައިވާ މަޢުލޫމާތުތައް، ބިލެތްފަހި އޮފީހުން ބިލެތްފަހި ޒުވާނުންގެ ޖަމްޢިއްޔާއަށް އަންގާފައިވަނީ 22 ސެޕްޓެމްބަރ 2010 ގައިކަން ބިލެތްފަހި ޒުވާނުންގެ ޖަމްޢިއްޔާއަށް ފޮނުވި އިސްވެ އިޝާރާތްކުރެވުނު އެ އޮފީހުގެ ނަންބަރުC-6/BZJ/2010/88 ގެ ސިޓީއިންކަން އެނގެންއޮންނާތީއާއި އަދި އިސްވެ އިޝާރާތްކުރެވުނު މޯލްޑިވްސް އެނަރޖީ އޮތޯރިޓީގެ 2008 ގެ 03 ނަންބަރު ސިޓީއާއި 2010 ގެ 04 ނަންބަރު ސިޓީއާއި މި ދެ ސިޓީގައިވާ މަޢުލޫމާތުތައް 22 ސެޕްޓެމްބަރ 2010 ގެ ކުރިން ބިލެތްފަހި ޒުވާނުންގެ ޖަމްޢިއްޔާއަށް ލިބިފައިވާކަން އެނގޭ އެއްވެސް ހެއްކެއް ނުވަތަ ޤަރީނާއެއް މި މައްސަލައިގެ ޝަރީޢަތަށް ލިބިފައިނުވާކަން އެނގެންއޮންނާތީ 01 މެއި 2010 ދުވަހުން ފެށިގެން އޭގެ ކުރިން ޢާންމު ރައްޔިތުންގެ އަތުން ކަރަންޓު ޔުނިޓަކަށް ބިލެތްފަހި ޒުވާނުންގެ ޖަމްޢިއްޔާއިން ނަގަމުންއައި -/3 ރުފިޔާގެ ބަދަލުގައި އެ ތާރީޚުން ފެށިގެން ކަރަންޓު ޔުނިޓަކަށް -/5 ރުފިޔާގެ ރޭޓުން އަގުނަގާ ގޮތަށް 17 މެއި 2010 ގައި ބިލެތްފަހި ޒުވާނުންގެ ޖަމްޢިއްޔާއިން ނިންމައި 22 ސެޕްޓެމްބަރ 2010 ގެ ނިޔަލަށް، ކަރަންޓް ޔުނިޓަކަށް -/5 ރުފިޔާގެ ރޭޓުން އަގުނަގަމުންއައި އައުމަކީ، މި މައްސަލަ އިލްތިމާސްކުރި ފަރާތުން އިޝާރާތްކޮށްފައިވާ މޯލްޑިވްސް އެނަރޖީ އޮތޯރިޓީގެ ނަންބަރު151/TUC/2006/02 (18 ޖޫން 2006) ގެ ޢިއުލާނާ ޚިލާފަށް ށ. ބިލެތްފަހި ބިލެތްފަހި ޒުވާނުންގެ ޖަމްޢިއްޔާއިން ކޮށްފައިވާ ކަމެއްކަމަށް ބެލެވޭނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއްވިޔަސް ނެތްކަން އެނގެން އޮންނައޮތުމެވެ.
(ދ) ބާރަވަނަކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/57 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާގޮތަށް ކަމަށްބުނެ މޫސާ ރަފީޢުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދެވަނަ ސަބަބުގައި ހައިކޯޓުގެ ޙުކުމުގައި ބިލެތްފަހި ޒުވާނުންގެ ޖަމްޢިއްޔާއިން އަގުތައް ބަޔާންކޮށް އިޢުލާނެއްކުރިކަމަށް ބަޔާންކޮށްފައިވާއިރު އެފަދައިން ބަޔާންކޮށްފައިވާ ނަންބަރ BZJ/2010/04 އިޢުލާނަކީ ޝަރީޢަތަށް ހުށަހެޅި އެއްވެސް ލިޔުމެއްގައިވެސް އޮތް އިޢުލާނަކަށް ނުވާއިރު އެ އިޢުލާނާ ޙަވާލާދީފައިވާތީ ހައިކޯޓުގެ ޙުކުމް ޞައްޙަކަމާމެދު ސުވާލު އުފެދުމުގެ ފުރުޞަތު އޮތްކަމަށް ބުނެފައިވާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/57 ޤަޟިއްޔާގެ ދަށުން އިސްތިއުނާފުކުރެވުނު މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 18/C6C/2010 ޤަޟިއްޔާގައި މޫސާ ރަފީޢުގެ ފަރާތުން ކޮށްފައިވާ ދަޢުވާ ބިނާކޮށްފައިވާ މައިގަނޑު އަސާސަކީ، ބިލެތްފަހި ޒުވާނުންގެ ޖަމްޢިއްޔާއިން ށ. ބިލެތްފަހީގައި ދެމުންދާ ކަރަންޓުގެ ޚިދުމަތަށް 01 މެއި 2010 ވަނަ ދުވަހުން ފެށިގެން 0 ޔުނިޓުން ފެށިގެން 100 ޔުނިޓުގައި ހިމެނޭ ބޭންޑްގައި ހިމެނޭ ކަރަންޓް ޔުނިޓަކަށް -/5 ރުފިޔާގެ ރޭޓުން އަގުނަގާ ގޮތަށް 17 މެއި 2010 ވަނަ ދުވަހު ހަމަޖައްސާފައިވަނީ ޤާނޫނު ނަންބަރު 96/4 (ޢާންމު ބޭނުންތަކުގެ ޚިދުމަތާބެހޭ ޤާނޫނު) ގެ 8 ވަނަ މާއްދާއާ ޚިލާފަށް މޯލްޑިވްސް އެނަރޖީ އޮތޯރިޓީގެ ހުއްދައަކާނުލައި ކަމަށްދެކި އެ އަސާސްގެ މައްޗަށްކަން އިސްވެ އިޝާރާތްކުރެވުނު މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 18/C6C/2010 ޤަޟިއްޔާގައި މޫސާ ރަފީޢުގެ ފަރާތުން ކޮށްފައިވާ ދަޢުވާގެ ޞިޣާއިން ރަނގަޅަށް އެނގެންއޮންނައިރު، ހައިކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާ، މިކޯޓުގައި އިލްތިމާސްކޮށްދިނުން އެދި ހުށަހަޅާފައިވާ ދެވަނަ ސަބަބުގައި އިޝާރާތްކޮށްފައިވާ ބިލެތްފަހި ޒުވާނުންގެ ޖަމްޢިއްޔާގެ ނަންބަރު BZJ/2010/04 (17 މެއި 2010) ގެ އިޢުލާނުކަމަށްބުނާ އިޢުލާނުގައިވެސް ވަނީ އެ ޖަމްޢިއްޔާއިން ރަށުގެ ރައްޔިތުންނަށް ދެމުންގެންދާ ކަރަންޓްގެ ޚިދުމަތުގެ އަގަށް 01 މެއި 2010 ވަނަ ދުވަހުން ފެށިގެން ކަރަންޓް ޔުނިޓެއްގެ އަގުގެ ގޮތުގައި -/5 ރުފިޔާ ނަގާގޮތަށް ނިންމައިފިކަމަށް ކަމުގައިކަން އެ އިޢުލާނުން އެނގެން އޮތުމުން މި އިޢުލާނުގައިވެސްވަނީ އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާގައި މޫސާ ރަފީޢު ކޮށްފައިވާ ދަޢުވާ އޭގެ މައްޗަށް ބިނާކޮށްފައިވާ މައިގަނޑު އަސާސާބެހޭ ވާޤިއާކަން އެނގެންއޮންނާތީ ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާ އެ ކޯޓުން ނިންމެވިއިރު، އެ ކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި، ބިލެތްފަހި ޒުވާނުންގެ ޖަމްޢިއްޔާގެ އިސްވެ އިޝާރާތްކުރެވުނު އިޢުލާނުގެ ވާހަކަ ޛިކުރުކޮށްފައި އޮތްއޮތުމަކީ، އެ ޤަޟިއްޔާގައި ހައިކޯޓުން ޙުކުމްކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށް ބަލަންޖެހޭ ސަބަބެއްނޫންކަން އެނގެންއޮންނަ އޮތުމެވެ.
(ތ) ތޭރަވަނަކަމަކީ، މި ޒަމާނުގެ ތަހުޛީބު މުޖުތަމަޢު ތަކުގައި އިދާރީ ޤާނޫނުގެދާއިރާގައި އިސްތިޤުރާރުވެ ޢަމަލުކުރެވެމުންދާ ޤާނޫނީ އުޞޫލުތަކުގެ މައްޗަށް ނަޒަރުކޮށްބަލާއިރު، އިދާރީ ޤަރާރަކީ ނުވަތަ އެޑްމިނިސްޓްރޭޓިވް އެކްޓަކީ، "ޢާންމު މަޞްލަޙަތަށްޓަކައި ޤާނޫނީ ގޮތުން ހުއްދަ އަދި އެކަށީގެންވާ ކަމެއްކަމަށް ބެލެވޭ ގޮތެއްގައި، ކަނޑައެޅިފައިވާ ޤާނޫނީ މަރުކަޒެއް އުފެއްދުމުގެ މަޤްޞަދުގައި ޤާނޫނުތަކާއި ޤަވާޢިދުތަކުގެ ދަށުން ދައުލަތުގެ އިދާރާއަކަށް ލިބިގެންވާ ބާރުގެދަށުން، އިލްޒާމްކުރުވަނިވި ގޮތެއްގައި އެ އިދާރާ ބޭނުންވާގޮތް ބަޔާންކުރުން" ކަމާއި އަދި މިފަދަ ގޮތެއްގައި ދައުލަތުގެ އިދާރާއަކުން ނެރޭ އިދާރީ ޤަރާރުތަކަކީ ޢާންމު ޤާޢިދާއެއްގެގޮތުން އެ ޤަރާރުތައް ނެރުމާއެކު އެ ޤަރާރުތަކުގައި އެހެންގޮތަކަށް ކަނޑައަޅާފައި ނުވާހިނދަކު އެ ޤަރާރު ނެރުނު އިދާރާގެ ޙައްޤުގައި ތަންފީޛުކުރެވޭނެ ޤަރާރުތަކެއް ކަމަށްވިއަސް އެފަދަ ޤަރާރުތަކަކީ، ވަކި ފަރާތަކަށް ވަކި ތަނަކަށްމުޚާޠަބުކުރާގޮތެއްގައި ނެރެވޭ ފަރުދީ އިދާރީ ޤަރާރުތަކެއްގެ ގޮތުގައި ސިފަކުރެވޭފަދަ ޤަރާރުތަކެއްނަމަ، އެފަދަ ޤަރާރުތަކަށް ޢަމަލުކުރުން، އެ ޤަރާރުތައް މުޚާތަބުކުރެވޭ ފަރުދުގެ މައްޗަށް ނުވަތަ ތަނުގެ މައްޗަށް ލާޒިމުކުރެވޭނީ އެފަރުދަކަށް ނުވަތަ އެ ތަނަކަށް އެ ޤަރާރުގެ އަޙްކާމުތައް އެންގުމުންކަމާއި އަދި ބުނެވިދިޔަފަދަ އިދާރީ ޤަރާރުތަކަކީ، ތަންޝީމީ ސިފައެއްލިބިގެންވާ ރެގިއުލޭޓަރީ އެކްޓްފަދަ ތަކެއްކަމުގައިވާނަމަ އެފަދަ ޤަރާރުތައް ދައުލަތުގެ ރަސްމީ ގެޒެޓް ނުވަތަ އެނޫންވެސް ޚަބަރު ފަތުރާޢާއްމު ވަސީލަތް ފަދަ ވަސީލަތެއް މެދުވެރިކޮށް އެ ޤަރާރުތައް ޢާއްމުކޮށް ޝާޢިއުކުރުމުން ކަމާއި މި އުޞޫލުގެ މަތިން ތަރުތީބުވެގެންދާނެ ނަތީޖާއަކީ، ދައުލަތުގެ އިދާރާއަކުންނެރޭ އިދާރީ ޤަރާރު މުޚާތަބުކުރެވޭ ފަރުދަށް އެންގުމަކާނުލައި، ނުވަތަ އެފަދަ އިދާރީ ޤަރާރު މުޚާތަބުކުރެވޭ ފަރާތްތަކަށް ޢާންމުކޮށް އެކަން އެންގޭނެ ވަސީލަތެއްގެ ޛަރީޢާއިން އެފަދަ ޤަރާރުތައް ޝާޢިއުކުރުމަކާނުލައި އެ އިދާރާއިން އެ އިދާރީ ޤަރާރުތައް ތަންފީޛުކުރިކަމަށްވިއަސް ފަރުދުންގެ ޙައްޤުގައި އެ އިދާރީ ޤަރާރުތަކުގެ އަޙްކާމުތައް ހިނގަންފަށާނީ އެ އިދާރީ ޤަރާރަކީ ބުނެވިދިޔަފަދަ ފަރުދީ އިދާރީ ޤަރާރެއްނަމަ، އެ ޤަރާރު މުޚާތަބުކުރާ ފަރާތަށް އެންގުމުން، ނުވަތަ އެ އިދާރީ ޤަރާރަކީ ބުނެވިދިޔަފަފަ ތަންޡީމީ އިދާރީ ޤަރާރެއްކަމުގައިވާނަމަ ޢާންމުކޮށް އެކަން އެންމެނަށް އެނގޭފަދަ ވަސީލަތަކުން ލިބެންހުންނާނޭގޮތަށް އިންތިޒާމުކޮށް ޢާންމުކޮށް ޝާޢިއުކުރުމުންކަމާއި މިކަންކަން މި ބަޔާންކުރެވިދިޔަ މަގުން އެނގެން އޮންނައޮތުމަށާއި، ޤާނޫނުތަކާއި، ޤަވާޢިދުތަކާއި، ރައްޔިތުން އެ މައްޗަށް ޢަމަލުކުރުމަށް ސަރުކާރުން އަންގާ އެންގުންތަކާއި، ސަރުކާރުގެ ސިޔާސަތުތައް ޢާންމުންނަށް ލިބެންހުންނާނޭގޮތަކަށް އިންތިޒާމުކޮށް، ޢާންމުކޮށް ޝާއިޢު ކުރާންވާނެކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 61 ވަނަ މާއްދާގެ (ހ) ގައި ކަނޑައެޅި ބަޔާންވެފައި އޮންނަ ދުސްތޫރީ މަބްދަޢުގެ މައްޗަށް ރިޢާޔަތްކޮށްބަލާއިރު،
އިސްވެ އިޝާރާތްކުރެވިދިޔަ މޯލްޑިވްސް އެނަރޖީ އޮތޯރިޓީގެ ނަންބަރު151/C/2008/03 (25 ނޮވެމްބަރ 2008) ގެ ސިޓީއާއި އަދި އެ އޮތޯރިޓީގެ ނަންބަރު 151/C/2010/04 (06 ޖުލައި 2010) ގެ ސިޓީއާއި މިދެސިޓީގެ ދަށުން ށ. ބިލެތްފަހި ޒުވާނުންގެ ޖަމްޢިއްޔާއިން އެ ރަށުގައި ދޭކަރަންޓުގެ ޚިދުމަތުގެ އަގުކަނޑައަޅައި، އެ އޮތޯރިޓީން ނިންމާފައިވާ އެ ނިންމުންތައް އެއީ އިދާރީ ޤަރާރުތަކުގެ ތެރެއިން، ފަރުދީ އިދާރީ ޤަރާރުތަކެއްގެ ގޮތުގައި ބެލެވޭފަދަ ޤަރާރުތަކެއްކަން އެނގެންއޮތުމުން، އެ ދެސިޓީގެ ދަށުން މޯލްޑިވްސް އެނަރޖީ އޮތޯރިޓީއިން ނިންމާފައިވާ އެ ނިންމުމާ އެއްގޮތަށް އަމަލުކުރުން ބިލެތްފަހި ޒުވާނުންގެ ޖަމްޢިއްޔާގެ މައްޗަށް ލާޒިމުކުރެވޭނީ އެ ޖަމްޢިއްޔާއަށް އެ ނިންމުމުގައިވާ ކަންކަން އެންގޭވަގުތުން ފެށިގެންކަން އެނގެން އޮންނަކަމެވެ.
(ލ) ސާދަވަނަކަމަކީ، އިސްވެ ބަޔާންކުރެވިދިޔަ ދުސްތޫރީ އަދި ޤާނޫނީ އުޞޫލުތަކަށާއި ފާހަގަކުރެވިދިޔަ އެންމެހައި ކަންކަމަށް ރިޢާޔަތްކޮށް ބަލާއިރު، ށ. ބިލެތްފަހީގައި އެ ރަށު ޒުވާނުންގެ ޖަމްޢިއްޔާގެ ފަރާތުން ޢާންމުކޮށްދޭ ކަރަންޓުގެ ޚިދުމަތުގެ އަގަށް، 01 މެއި 2010 ދުވަހުން ފެށިގެން، އޭގެ ކުރިން ޢާންމު ރައްޔިތުންގެ އަތުން ކަރަންޓް ޔުނިޓަކަށް ނަގަމުންއައި -/3 ރުފިޔާގެ ބަދަލުގައި އެ ތާރީޚުން ފެށިގެން ކަރަންޓް ޔުނިޓަކަށް -/5 ރުފިޔާގެ ރޭޓުން އަގު ނަގާގޮތަށް 17 މެއި 2010 ގައި ބިލެތްފަހި ޒުވާނުންގެ ޖަމްޢިއްޔާއިން ނިންމާފައިވަނީ، އެ ޖަމްޢިއްޔާއަށް، ށ. ބިލެތްފަހި އޮފީހުގެ ނަންބަރު C-6/BZJ/2008/07 (21 އޭޕްރިލް 2008) ގެ ސިޓީގެ ޛަރީޢާއިން، އެންގިފައިވާކަން ސާބިތުވާ މޯލްޑިވްސް އެނަރޖީ އޮތޯރިޓީގެ ނަންބަރު 151/C/2008/02 (17 އޭޕްރިލް 2008) ސިޓީގައިށ. ބިލެތްފަހީގައި އެ ޖަމްޢިއްޔާއިން ދެމުންދާ ކަރަންޓުގެ ޚިދުމަތަށް ކަނޑައަޅައި، ބަޔާންކުރެވިފައިވާ އަގުތަކުގެ ޙުދޫދުގެ ތެރެއިންކަން ސާފުކޮށް އެނގެން އޮންނާތީއާއި އަދި އޭގެ ފަހުން ށ. ބިލެތްފަހި ޒުވާނުންގެ ޖަމްޢިއްޔާއިން ށ. ބިލެތްފަހީގައި ދެމުންދާ ކަރަންޓުގެ ޚިދުމަތަށް އަގުނަގަންވީގޮތް ބަޔާންކޮށް އެ އޮތޯރިޓީއިން ށ. ބިލެތްފަހި އޮފީހަށް ފޮނުވާފައިވާ އެ އޮތޯރިޓީގެ ނަންބަރު 151/C/2008/03(25 ނޮވެންބަރ 2008) ގެ ސިޓީއާއި އަދި އެ އޮތޯރިޓީގެ ނަންބަރު 151/C/2010/04(26 ޖުލައި 2010) ގެ ސިޓީއާއި މި ދެސިޓީގައި ބަޔާންވެފައިވާ އަގުތައް، ބިލެތްފަހި އޮފީހުން ބިލެތްފަހި ޒުވާނުންގެ ޖަމްޢިއްޔާއަށް އަންގާފައިވަނީ 22 ސެޕްޓެމްބަރ 2010 ގައިކަން އެތާރީޚުގައި ބިލެތްފަހި ޒުވާނުންގެ ޖަމްޢިއްޔާއަށް ބިލެތްފަހި އޮފީހުން ފޮނުވާފައިވާ އިސްވެ އިޝާރާތްކުރެވުނު އެ އޮފީހުގެ ނަންބަރު C-6/BZJ/2010/88 ގެ ސިޓީއިން އެނގެން އޮންނާތީއާއި އަދި އިސްވެއިޝާރާތްކުރެވުނު މޯލްޑިވްސް އެނަރޖީ އޮތޯރިޓީގެ 2008 ގެ 3 ނަންބަރު ސިޓީއާއި 2010 ގެ 04 ނަންބަރު ސިޓީއާއި މި ދެސިޓީގައިވާ މަޢުލޫމާތު 22 ސެޕްޓެމްބަރ 2010 ގެ ކުރިން ބިލެތްފަހި ޒުވާނުންގެ ޖަމްޢިއްޔާއަށް ލިބިފައިވާކަން އެނގޭ އެއްވެސް ހެއްކެއް ނުވަތަ ޤަރީނާއެއް މި މައްސަލައިގެ ޝަރީޢަތަށް ލިބިފައިނުވާކަން އެނގެން އޮންނާތީއާއި އަދި އިސްވެ އިޝާރާތްކުރެވުނު މޯލްޑިވްސް އެނަރޖީ އޮތޯރިޓީގެ 2008 ގެ 03 ނަންބަރު ސިޓީއާއި 2010 ގެ 04 ނަންބަރު ސިޓީއާއި މި ދެ ސިޓީގައި ބަޔާންކުރެވިފައިވާ ކަރަންޓުގެ ޚިދުމަތުގެ އަގުތަކާބެހޭ މަޢުލޫމާތު، ބިލެތްފަހި އޮފީހުގެ އިސްވެ އިޝާރާތްކުރެވުނު އެ އޮފީހުގެ 2010 ގެ 88 ނަންބަރު ސިޓީ މެދުވެރިކޮށް ބިލެތްފަހި ޒުވާނުންގެ ޖަމްޢިއްޔާއަށް އެންގިފައިވާކަން ސާބިތުވާ 22 ސެޕްޓެމްބަރ 2010 ގެ ތާރީޚުގެ ކުރީގެ އެއްވެސް ތާރީޚެއްގައި މޯލްޑިވްސް އެނަރޖީ އޮތޯރިޓީގެ އިސްވެ އިޝާރާތްކުރެވުނު އެ އޮތޯރިޓީގެ 2008 ގެ 03 ނަންބަރު ސިޓީއާއި 2010 ގެ 04 ވަނަ ނަންބަރު ސިޓީއާއި މި ދެސިޓީގައިވާ މަޢުލޫމާތުތައް، ޚަބަރު ފަތުރާ ވަސީލަތެއްގެ ނުވަތަ ދިވެހި ސަރުކާރުގެ ގެޒެޓުގެ ޛަރީޢާއިން ނަމަވެސް ޢާންމުކޮށް ޝާއިޢުކުރެވިފައި ނުވާކަންވެސް މޯލްޑިވްސް އެނަރޖީ އޮތޯރިޓީގެ އިސްވެ އިޝާރާތްކުރެވުނު ދެސިޓީގެ ޢިބާރާތަށް ބެލުމުން އެނގޭތީއާއި 01 މެއި 2010 ދުވަހުން ފެށިގެން، އޭގެ ކުރިން ޢާންމު ރައްޔިތުންގެ އަތުން ކަރަންޓު ޔުނިޓަކަށް ބިލެތްފަހި ޒުވާނުންގެ ޖަމްޢިއްޔާއިން ނަގަމުންއައި -/3 ރުފިޔާގެ ބަދަލުގައި އެ ތާރީޚުން ފެށިގެން ކަރަންޓު ޔުނިޓަކަށް -/5 ރުފިޔާގެ ރޭޓުން އަގުނަގާގޮތަށް އެ ޖަމްޢިއްޔާއިން ހަމަޖައްސާފައިވާ 17 މެއި 2010 ގެ ތާރީޚަކީ އިސްވެ އިޝާރާތްކުރެވުނު ބިލެތްފަހި އޮފީހުގެ 2010 ގެ 88 ނަންބަރު ސިޓީގައިވާ 22 ސެޕްޓެމްބަރ 2010 ގެ ތާރީޚުގެ ކުރީގެ ތާރީޚެއްކަންވެސް އެނގެން އޮންނާތީ 01 މެއި 2010 ދުވަހުން ފެށިގެން އޭގެ ކުރިން ޢާންމު ރައްޔިތުންގެ އަތުން ކަރަންޓު ޔުނިޓަކަށް ބިލެތްފަހި ޒުވާނުންގެ ޖަމްޢިއްޔާއިން ނަގަމުންއައި -/3 ރުފިޔާގެ ބަދަލުގައި އެ ތާރީޚުން ފެށިގެން ކަރަންޓު ޔުނިޓަކަށް -/5 ރުފިޔާގެ ރޭޓުން އަގުނަގާ ގޮތަށް 17 މެއި 2010 ގައި ބިލެތްފަހި ޒުވާނުންގެ ޖަމްޢިއްޔާއިން ނިންމައި 22 ސެޕްޓެމްބަރ 2010 ގެ ނިޔަލަށް ކަރަންޓް ޔުނިޓަކަށް -/5 ރުފިޔާގެ ރޭޓުން އެ ޖަމްޢިއްޔާއިން އަގުނަގަމުން އައިއައުން ޤާނޫނު ނަންބަރު 4/96 (ޢާންމު ބޭނުންތަކުގެ ޚިދުމަތާބެހޭ ޤާނޫނު) ގެ 8 ވަނަ މާއްދާގައި ކަނޑައެޅިފައިވާ އުޞޫލުތަކާ ޚިލާފުކަމަށް ބެލެވޭނެތަނެއް ނެތްކަން އެނގެންއޮންނައޮތުމެވެ.
ޙުކުމް
އިސްވެ ބަޔާންކުރެވިދިޔަ ސަބަބުތަކާއި ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް ބެލުމުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/57 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް، ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާކަން އެނގެންއޮންނާތީ އެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ރަނގަޅުކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
އަލްއުސްތާޛް ޢާދަމް މުޙައްމަދު ޢަބްދުﷲ
އަލްއުސްތާޛް ޢަބްދުﷲ ސަޢީދު
އަލްއުސްތާޛް އަޙްމަދު މުޢުތަޞިމް އަދްނާން
ޢީދުތަމަ ފ
ވެހިރާއްީ: އިބްރާހީމް ޝަރ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.