ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2013/SC-A/31ސުޕްރީމް ކޯޓު · 26 އޮކްޓޫބަރު 2015

—

ސުޕްރީމް ކޯޓު
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 26 އޮކްޓޫބަރު 2015ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ

ޤަޟިއްޔާ ނަންބަރު: 312013/SC-A/

ދަޢުވާކުރާ ފަރާތް: ޙަސަން ޢަލީ މަނިކު

ދަޢުވާ ލިބޭ ފަރާތް: އަޙްމަދު ޖަނާޙް

މައްސަލައިގެ ބާވަތް: ފައިސާ ހޯދުން

މައްސަލަ އައިގޮތް: އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

ހުށަހެޅުނު ތާރީޚް: 24 ޖޫން 2013

ރަޖިސްޓްރީ ކުރެވުނު ތާރީޚް: 15 ޖުލައި 2013

ނިމުނު ތާރީޚް: 26 އޮކްޓޯބަރ 2015

މައްސަލަ ނިންމި ގަޑި: 13:57

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު

އިލްތިމާސް ކުރެވުނު ޤަޟިއްޔާ

ނަންބަރު: 2009/HC-A/229

ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު

ހުށަހެޅުނު ތާރީޚް: 04 އޮގަސްޓް 2009

ނިމުނު ތާރީޚް: 26 ފެބްރުއަރީ 2013

މައްސަލައިގެ ޚުލާޞާ

މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/229 ޤަޟިއްޔާ، އެ ކޯޓުން ބަލައި ނިންމާފައިވަނީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލު ކޮށްދިނުމަށް އެދި، ޙަސަން ޢަލީ މަނިކުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި ދަޢުވާ ރައްދުވާ ފަރާތަކީ އަޙްމަދު ޖަނާޙުއެވެ.

ބުނެވިދިޔަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/229 ޤަޟިއްޔާއަކީ، މަދަނީ ކޯޓުގެ ނަންބަރު 2081/MC/2008 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، އަޙްމަދު ޖަނާޙުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލައި ނިންމާފައިވާ ޤަޟިއްޔާއެކެވެ. އަދި ބުނެވިދިޔަ ހައިކޯޓުގެ ނަންބަރު 2009/HC-A/229 ޤަޟިއްޔާގައި ދަޢުވާ ރައްދުވާ ފަރާތަކީ ޙަސަން ޢަލީ މަނިކުއެވެ.

ފާހަގަ ކުރެވުނު ނުކުތާތައް

މި މައްސަލާގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި، ޤާނޫނުތަކަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/229 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، މަދަނީ ކޯޓުގެ ނަންބަރު 2081/MC/2008 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، ދަޢުވާކުރާ ފަރާތުންނާއި، ދަޢުވާލިބޭ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި ލިޔުންތަކަށާއި ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި އަދި މިބާވަތުގެ މައްސަލަތަކާ ގުޅޭ ޢާންމު ޤާނޫނީ މަބްދައުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލައި ވިސްނިއިރު، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައި ވެއެވެ.

މަދަނީ ކޯޓުގެ ނަންބަރު 2081/MC/2008 ޤަޟިއްޔާއަކީ، އެޗް.އެމް.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގައި އޮތް ހ. ވަލުމައިޒާންދޮށުގޭ އަޙްމަދު ޖަނާޙުގެ %33 (ތެއްތިރީސް އިންސައްތަ) ޙިއްޞާ US$700,000.00 (ހަތްލައްކަ ޔޫ.އެސް ޑޮލަރު) އަށް ވިއްކާލުމަށް، ހ. ކާމިނީޕޫލް ޙަސަން ޢަލީ މަނިކަށް ހުށަހެޅި ހިނދު، އަޙްމަދު ޖަނާޙުގެ %33 (ތެއްތިރީސް އިންސައްތަ) ޙިއްޞާ، އެ އަގަށް ގަންނަން ޙަސަން ޢަލީ މަނިކު އެއްބަސްވެ، 08 ފެބްރުއަރީ 2007 ދުވަހު އަޙްމަދު ޖަނާޙާއި ޙަސަން ޢަލީ މަނިކާ ދެމެދު އެއްބަސްވުމެއް އެކުލަވާލައި، އޭގައި ސޮއިކޮށް ކޯޓުގައި ރަޖިސްޓްރީކުރުމަށްފަހު، ބުނެވިދިޔަ %33 (ތެއްތިރީސް އިންސައްތަ) ޙިއްޞާގެ އަގުގެ ތެރެއިން ފުރަތަމަ ދެ (02) އިންސްޓޯލްމަންޓުގެ ފައިސާ ވަރަށް އުނދަގުލުން ލިބި، އެ ދެ އިންސްޓޯލްމަންޓުގެ ފައިސާ ކަނޑައި ބާކީވާ US$400,000.00 (ހަތަރުލައްކަ ޔޫ.އެސް ޑޮލަރު) ދެއްކުމާބެހޭ ގޮތުން އެއްބަސްވުމުގައިވާ ގޮތުގެމަތިން ޙަސަން ޢަލީ މަނިކު ޢަމަލުކުރަމުން ނުދާތީ، ބުނެވިދިޔަ US$400,000.00 (ހަތަރުލައްކަ ޔޫ.އެސް ޑޮލަރު) ގެ ތެރެއިން ނުދެއްކިވާ US$369,500.00 (ތިންލައްކަ ފަސްދޮޅަސް ނުވަހާސް ފަސްސަތޭކަ ޔޫ.އެސް ޑޮލަރު) އާއި، އެއްބަސްވެފައިވާ ގޮތަށް ފައިސާ ނުދައްކާނަމަ، އެއްބަސްވުމުގެ 11 ވަނަ މާއްދާގައިވާ ގޮތުގެމަތިން ދައްކަންޖެހޭ US$36,950.00 (ތިރީސް ހަހާސް ނުވަސަތޭކަ ފަންސާސް ޔޫ.އެސް ޑޮލަރު) އާއި އެކުޖުމްލަ US$406,450.00 (ހަތަރުލައްކަ ހަހާސް ހަތަރުސަތޭކަ ފަންސާސް ޔޫ.އެސް ޑޮލަރު) ޙަސަން ޢަލީ މަނިކުގެ އަތުން އެއްފަހަރާ ހޯދުމަށް އެދި، އަޙްމަދު ޖަނާޙު ދަޢުވާކުރުމުން އެ ކޯޓުން ބަލައި ނިންމާފައިވާ ޤަޟިއްޔާއެއްކަން އެ ޤަޟިއްޔާގެ ދަޢުވާގެ ޚުލާޞާއަށް ބެލުމުން އެނގެން އޮންނައިރު، އެ ޤަޟިއްޔާގެ ޙުކުމުގައި "....އެޗް.އެމް.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގައި އޮތް ހ. ވަލުމައިޒާންދޮށުގޭ އަޙްމަދު ޖަނާޙުގެ %33 (ތެއްތިރީސް އިންސައްތަ) ޙިއްޞާ ހ. ކާމިނީޕޫލްގޭ ޙަސަން ޢަލީ މަނިކަށް US$700,000.00 (ހަތްލައްކަ ޔޫ.އެސް ޑޮލަރު) ވިއްކުމާ ބެހޭގޮތުން އެ ދެފަރާތުގެ ދެމެދުގައި 08 ފެބްރުއަރީ 2007 ދުވަހު ވެފައިވާ އެއްބަސްވުމުގެ ދަށުން، އަޙްމަދު ޖަނާޙަށް ޙަސަން ޢަލީ މަނިކު ދައްކަންޖެހޭ ފުރަތަމަ ދެ (2) އިންސްޓޯލްމަންޓުގެ ފައިސާ ކަނޑައި ބާކީވާ US$400,000.00 (ހަތަރުލައްކަ ޔޫ.އެސް ޑޮލަރު) އަދާކުރުމަށް އެއްބަސްވެފައިވަނީ ދެ ވަނަ އިންސްޓޯލްމަންޓް ދެއްކުމަށް އެއްބަސްވެފައިވާ މުއްދަތު ހަމަވާ ތާރީޚުކަމަށްވާ 08 ސެޕްޓެމްބަރ 2007 ދުވަހުން ފެށިގެން މަސްހަމަކޮށް ކޮންމެ މަހަކު US$3500.00 (ތިންހާސް ފަސްސަތޭކަ ޔޫ.އެސް ޑޮލަރު) ގެ މަގުން ދިހަ (10) އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައިކަން އެ އެއްބަސްވުމުގެ 08 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮތްހިނދު، ބުނެވިދިޔަ US$400,000.00 (ހަތަރުލައްކަ ޔޫ.އެސް ޑޮލަރު) އަދާކުރުމާ ބެހޭގޮތުން އެއްބަސްވުމުގައިވާ ގޮތަށް ޙަސަން ޢަލީ މަނިކު ފައިސާ ދައްކަމުން ނުދާކަމަށް ބުނެ، އެ ފައިސާގެ ތެރެއިން ދައްކާފައިވާ ފައިސާ ކަނޑައި ބާކީވާ އެންމެހައި ފައިސާ އާއި އަދި އެއްބަސްވުމުގެ 11 ވަނަ މާއްދާގެ ދަށުން ދައްކަންޖެހޭ ޖޫރިމަނާގެ ފައިސާ، ޙަސަން ޢަލީ މަނިކުގެ އަތުން އެކީ އެއްފަހަރާ ހޯދުމަށް އަޙްމަދު ޖަނާޙު ދަޢުވާކޮށްފައިވަނީ، އެ ފައިސާ ދައްކައި ނިމުމުގެ ކުރިން ކުންފުނި ވިއްކާލައިފިނަމަ އެހާތަނަށް ނުދައްކައިވާ އެންމެހައި ފައިސާއެއް ޙަސަން ޢަލީ މަނިކުގެ ފަރާތުން އަޙްމަދު ޖަނާޙަށް ވަގުތުން ދައްކަންޖެހޭނެކަމަށް އެއްބަސްވުމުގެ 09 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، ކުންފުނީގެ ޙިއްޞާ އިތުރު ފަރާތަކަށް މިހާރު ވިއްކާފައިވާކަމަށް ބުނެ އެކަމުގެ މައްޗަށް ބިނާކޮށްގެން ކަމަށްވެފައި، އެ އެއްބަސްވުމުގެ 09 ވަނަ މާއްދާގައި "ކުންފުނި ވިއްކުން" ކަމަށް ބުނެފައިވަނީ ކުންފުނީގެ ޙިއްޞާ އިތުރު އެހެން ފަރާތަކަށް ވިއްކުމުގެ މާނައިގައިކަން އެ އެއްބަސްވުމަށާއި ދެފަރާތުގެ ވާހަކަތަކަށް ބެލުމުން އެނގެން ނެތުމާއެކު، "ކުންފުނި ވިއްކުން" މި މުޞްޠަލަޙަކީ ޤާނޫނީ ގޮތުން ތަރުޖަމާކުރެވެން ނެތް ބާޠިލް މުޞްޠަލަޙެއް (އިންވެލިޑް ޓާރމެއް) ކަމަށްވާތީ، އެޗް.އެމް.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ޙިއްޞާ އިތުރު ފަރާތަކަށް ވިއްކާފައި ނުވަތަ ޓްރާންސްފަރ ކޮށްފައި އޮތްނަމަވެސް، އެކަމުގެ މައްޗަށް ބިނާކޮށްގެން، ބުނެވިދިޔަ US$400,000.00 (ހަތަރުލައްކަ ޔޫ.އެސް ޑޮލަރު) ގެ ތެރެއިން ދައްކާފައިވާ ފައިސާ ކަނޑައި ބާކީވާ ފައިސާ އާއި އެއްބަސްވުމުގެ 11 ވަނަ މާއްދާގެ ދަށުން ދައްކަންޖެހޭ ޖޫރިމަނާ ފައިސާ، ޙަސަން ޢަލީ މަނިކުގެ އަތުން އެކީ އެއްފަހަރާ ނަގައިދެވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި، ބުނެވިދިޔަ US$400,000.00 (ހަތަރުލައްކަ ޔޫ.އެސް ޑޮލަރު) ގެ ތެރެއިން އެއްބަސްވުމުގެ 08 ވަނަ މާއްދާއާ އެއްގޮތަށް ދައްކަންޖެހި ނުދެއްކިވާ ފައިސާ ހޯދުމަށް ދަޢުވާކޮށްފިނަމަ، އަދި އެއްބަސްވެފައިވާ ގޮތަށް ފައިސާ ނުދެއްކުމުގެ ސަބަބުން އެއްބަސްވުމުގެ 11 ވަނަ މާއްދާގެ ދަށުން ދައްކަންޖެހޭ ޖޫރިމަނާގެ ފައިސާ ހޯދުމަށް ތަފްޞީލާއެކު އަލުން ދަޢުވާކޮށްފިނަމަ ބަލައިދެވޭނެކަން އަޙްމަދު ޖަނާޙަށް އަންގައި ޙުކުމް ކޮށްފީމެވެ." މިފަދައިން ކަނޑައަޅައިފައިވާކަން އެނގެން އޮވެއެވެ.

މަދަނީ ކޯޓުގެ އިސްވެ ޙަވާލާދެވުނު ނަންބަރު 2081/MC/2008 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތްވާގޮތަށް ނޫންކަމަށް ބުނެ، ހ. ވަލުމައިޒާންދޮށުގޭ އަޙްމަދު ޖަނާޙުގެ ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި، ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލައި ނިންމާފައިވާ އެ ކޯޓުގެ ނަންބަރު 2009/HC-A/229 ޤަޟިއްޔާއިން މަދަނީ ކޯޓުގެ ބުނެވިދިޔަ ނަންބަރު 2081/MC/2008 ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށް، އެ ޤަޟިއްޔާގައި ބަޔާންވެގެންވާ، އަޙްމަދު ޖަނާޙާއި ޙަސަން ޢަލީ މަނިކާ ދެމެދު ވެފައިވާ އެގްރީމެންޓުގެ 09 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، އެ ދެފަރާތް ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އަޙްމަދު ޖަނާޙުގެ އަތުން ޙަސަން ޢަލީ މަނިކު ގަނެފައިވާ ޙިއްޞާގެ އަގުގެ ތެރެއިން ނުދައްކައިވާ ފައިސާ އާއި އެ ފައިސާ ނުދެއްކުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ފައިސާއާ އެކު ޖުމްލަ US$406,450.00 (ހަތަރުލައްކަ ހަހާސް ހަތަރުސަތޭކަ ފަންސާސް ޔޫ.އެސް ޑޮލަރު) އަކީ، ހ. ކާމިނީޕޫލް ޙަސަން ޢަލީ މަނިކު ހ. ވަލުމައިޒާންދޮށުގޭ އަޙްމަދު ޖަނާޙަށް ދައްކަންޖެހޭ ފައިސާއެއްކަން ޝަރީޢަތަށް ސާބިތުވެއްޖެކަމަށް ކަނޑައަޅައި އެ ފައިސާ އަޙްމަދު ޖަނާޙަށް ލިބިދިނުމަށްޓަކައި، 26 ފެބްރުއަރީ 2013 އިން ފެށިގެން 2 (ދޭއް) މަސް ދުވަހުގެ ތެރޭގައި އެ ފައިސާ އެއްކޮށް ސިވިލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް ހ. ކާމިނީޕޫލް ޙަސަން ޢަލީ މަނިކަށް އަންގައި، ބުނެވިދިޔަ ހައިކޯޓުގެ ނަންބަރު 2009/HC-A/229 ޤަޟިއްޔާ ބެލުމުގައި ބައިވެރިވި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފައިވާކަން އެނގެން އޮވެއެވެ.

ކުންފުންޏަކީ ޕްރައިވެޓް ކުންފުންޏެއްނަމަ، އެ ކުންފުނީގެ މެންބަރެއްގެ ޙިއްޞާ އެކެއްގެ ކިބައިން އަނެކަކަށް ބަދަލުކުރެވޭނީ ނުވަތަ ޓްރާންސްފަރ ކުރެވޭނީ އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ހުއްދައާއެކުކަން ޤާނޫނު ނަންބަރު 96/10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 36 ވަނަ މާއްދާއިން އެނގެން އޮންނައިރު، އެޗް.އެމް.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގައި ވާ އަޙްމަދު ޖަނާޙުގެ %33 (ތެއްތިރީސް އިންސައްތަ) ޙިއްޞާ އެ ކުންފުނީގެ އެހެން ޙިއްޞާދާރެއްކަމަށްވާ ޙަސަން ޢަލީ މަނިކަށް ވިއްކުމަށާއި ޓްރާންސްފަރ ކުރުމަށް އެ ދެފަރާތުގެ ދެމެދުގައި 8 ފެބްރުއަރީ 2007 ގައި ސޮއިކުރެވި މަދަނީ ކޯޓުގައި ރަޖިސްޓްރީކުރެވިފައިވާ އެއްބަސްވުމަށް ބަލާއިރު، އެޗް.އެމް.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގައި ވާ އަޙްމަދު ޖަނާޙުގެ ބުނެވިދިޔަ %33 (ތެއްތިރީސް އިންސައްތަ) ޙިއްޞާ ޙަސަން ޢަލީ މަނިކަށް ވިއްކައި ޓްރާންސްފަރ ކުރުމުގެ މުޤާބިލުގައި ޙަސަން ޢަލީ މަނިކުގެ ފަރާތުން އަޙްމަދު ޖަނާޙު އަށް، އެ ޙިއްޞާ ގަންނަ އަގު (The Purchase Price) ކަމަށްވާ US$700,000.00 (ހަތްލައްކަ އެމެރިކާ ޑޮލަރު) ދައްކަން ވާނެކަމަށާއި، އެފައިސާގެ ފުރަތަމަ އިންސްޓޯލްމަންޓްގެ ގޮތުގައި US$100,000.00 (އެއްލައްކަ އެމެރިކާ ޑޮލަރު) އެއްބަސްވުމުގައި ސޮއިކުރާތާ އެއްމަސް ދުވަހުގެ ތެރޭގައި ދައްކަންވާނެކަމަށާއި، ފުރަތަމަ އިންސްޓޯލްމަންޓް ދައްކާތާ ހަ (6) މަސް ދުވަހުގެ ތެރޭގައި ދެވަނަ އިންސްޓޯލްމަންޓްގެ ގޮތުގައި US$200,000.00 (ދެލައްކަ އެމެރިކާ ޑޮލަރު) ދައްކަންވާނެކަމަށާއި، ބަޔާންކުރެވުނު 6 މަސް ދުވަސް ފާއިތުވުމަށްފަހު، ޖުމްލަ ފައިސާގެ ތެރެއިން ބާކީވާ US$400,000.00 (ހަތަރުލައްކަ އެމެރިކާ ޑޮލަރު) މަހަކު US$3500.00 (ތިންހާސް ފަސްސަތޭކަ އެމެރިކާ ޑޮލަރު) ގެ މަގުން 10 އަހަރު ދުވަހުގެ ތެރޭގައި ދައްކަންވާނެކަމަށް ބުނެވިދިޔަ އެއްބަސްވުމުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ވާއިރު، އެ މާއްދާގައި ބަޔާންކޮށްފައިވާ ފުރަތަމަ ދެ އިންސްޓޯލްމަންޓް ފައިސާ ދެއްކުން ލަސްވެއްޖެނަމަ ފައިސާ ނުދައްކައި އިތުރުވާ ކޮންމެ މަހަކަށް 15% (ފަނަރަ އިންސައްތަ) އިތުރަށް ދައްކަން ޖެހޭނެކަމަށް ބުނެވދިޔަ އެއްބަސްވުމުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމާ، އަދި އެގްރީމެންޓްގެ ދަށުން މަހުން މަހުން ދައްކަންޖެހޭ އިންސްޓޯލްމަންޓް ފައިސާ ދެއްކުމުގައި ލަސްވެއްޖެނަމަ، ފައިސާ ނުދައްކައި އިތުރުވާ ކޮންމެ 10 ދުވަހަކަށް ނުދައްކައިވާ ފައިސާގެ 10 އިންސައްތަ އިތުރަށް ދައްކަންޖެހޭނެކަމަށް އިސްވެދިޔަ އެއްބަސްވުމުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، އެއްބަސްވުމުގެ ދަށުން ޙަސަން ޢަލީ މަނިކު އަޙްމަދު ޖަނާޙު އަށް ދައްކަންޖެހޭ ފައިސާ ދައްކާ ނިމުމުގެ ކުރިން އެއްވެސް އިރެއްގައި ކުންފުނި "ލިކުވިޑޭޓް" (liquidate) ކޮށްފިނަމަ، އުވާލައިފިނަމަ، ނުވަތަ ވިއްކާލައިފިނަމަ، އެ ވަގުތަކު ނުދައްކައިވާ ބާކީ ފައިސާ ވަގުތުން އަޙްމަދު ޖަނާޙު އަށް ދައްކަންވާނެ ކަމަށް ބުނެވިދިޔަ އެއްބަސްވުމުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައި ވެއެވެ.

8 ފެބްރުއަރީ 2007 ގައި ޙަސަން ޢަލީ މަނިކު އާއި އަޙްމަދު ޖަނާޙު އާއި ދެމެދު ވެވުނު އިސްވެ ޙަވާލާދެވުނު އެއްބަސްވުމުގެ ދަށުން ހިނގާފައިވާ، އެޗް.އެމް.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގައި ވާ އަޙްމަދު ޖަނާޙުގެ %33 (ތެއްތިރީސް އިންސައްތަ) ޙިއްޞާ ޙަސަން ޢަލީ މަނިކު އަށް ވިއްކުމުގެ މުޢާމަލާތާ ވިދިގެން އެ ޙިއްޞާ ވަނީ އަޙްމަދު ޖަނާޙުގެ ކިބައިން ޙަސަން ޢަލީ މަނިކު އަށް ބަދަލުކުރެވިފައި ކަމާއި، އަދި އަޙްމަދު ޖަނާޙު ވަނީ ކުންފުނީގެ މެންބަރުކަމުން ވަކިވެފައިކަން މަދަނީ ކޯޓަށް އެޑްރެސްކޮށް 28 މެއި 2009 ގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ފޮނުވާފައިވާ އެމިނިސްޓްރީގެ ނަންބަރު 71/2009/144/101-C ސިޓީގައި ބަޔާންކޮށްފައިވާ އެޗް.އެމް.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ މަޢުލޫމާތަށް ބެލުމުން އެނގެން އޮންނަކަމާ، މިގޮތުން 23 މެއި 2007 ގައި އެ ކުންފުނީގެ ޙިއްޞާ ބަދަލުކުރުމަށްފަހު ޙަސަން ޢަލީ މަނިކުގެ ނަމުގައި ކުންފުނީގެ 66% (ފަސްދޮޅަސް ހައެއް އިންސައްތަ) ޙިއްޞާ ވާކަން އެނގެން އޮންނައިރު، އެ ކުންފުނީގައިވާ ޙަސަން ޢަލީ މަނިކުގެ ޙިއްޞާ ޤާނޫނު ނަންބަރު 96/10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ އިސްވެ އިޝާރާތްކުރެވުނު 36 ވަނަ މާއްދާއާ އެއްގޮތްވާގޮތުގެ މަތިން އެހެންފަރާތަކަށް ވިއްކައި ބަދަލުކުރުމަކީ ޙަސަން ޢަލީ މަނިކަށް ލިބިގެންވާ އިޚްތިޔާރެއްކަން އެނގެން އޮވެއެވެ.

މަދަނީ ކޯޓުގެ އިސްވެ ޙަވާލާދެވުނު ނަންބަރު 2081/MC/2008 ޤަޟިއްޔާގެ ދަޢުވާގެ ޚުލާޞާއަށް ބަލާއިރު، އެ ޤަޟިއްޔާގައި އަޙްމަދު ޖަނާޙުގެ ފަރާތުން ދަޢުވާކޮށްފައިވަނީ 08 ފެބްރުއަރީ 2007 ދުވަހު އަޙްމަދު ޖަނާޙާއި ޙަސަން ޢަލީ މަނިކާ ދެމެދު ވެވުނު ބުނެވިދިޔަ އެއްބަސްވުމުގެ ދަށުން ޙަސަން ޢަލީ މަނިކަށް އަޙްމަދު ޖަނާހު ވިއްކާފައިވާ އެޗް.އެމް.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގައި އޮތް އަޙްމަދު ޖަނާޙުގެ %33 (ތެއްތިރީސް އިންސައްތަ) ޙިއްޞާގެ އަގުގެ ތެރެއިން ފުރަތަމަ ދެ (2) އިންސްޓޯލްމަންޓުގެ ފައިސާ ކަނޑައި ބާކީވާ US$400,000.00 (ހަތަރުލައްކަ ޔޫ.އެސް ޑޮލަރު) ގެ ފައިސާ އަޙްމަދު ޖަނާޙު އަށް ދެއްކުމަށް ދެފަރާތުގެ ދެމެދުގައި އެއްބަސްވެފައިވާ ގޮތުގެމަތިން ޙަސަން ޢަލީ މަނިކު ޢަމަލުކުރަމުން ނުދާތީ ކަމަށް ބުނެ، ބުނެވިދިޔަ US$400,000.00 (ހަތަރުލައްކަ ޔޫ.އެސް ޑޮލަރު) ގެ ތެރެއިން ނުދައްކައިވާ US$369,500.00 (ތިންލައްކަ ފަސްދޮޅަސް ނުވަހާސް ފަސްސަތޭކަ ޔޫ.އެސް ޑޮލަރު) އާއި، އެއްބަސްވެފައިވާ ގޮތަށް ފައިސާ ނުދައްކާނަމަ، އެއްބަސްވުމުގެ 11 ވަނަ މާއްދާގައިވާ ގޮތުގެމަތިން ދައްކަންޖެހޭ US$36,950.00 (ތިރީސް ހަހާސް ނުވަސަތޭކަ ފަންސާސް ޔޫ.އެސް ޑޮލަރު) އާއި އެކުޖުމްލަ US$406,450.00 (ހަތަރުލައްކަ ހަހާސް ހަތަރުސަތޭކަ ފަންސާސް ޔޫ.އެސް ޑޮލަރު) ޙަސަން ޢަލީ މަނިކުގެ އަތުން އެއްފަހަރާ ހޯދުމަށް އެދިކަން އެނގެން އޮންނައިރު، މިމައްސަލައާ ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ ވަޤާއިޢުތަކުގެ މައްޗަށް ޝަރްޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.

(ހ) ފުރަތަމަ ކަމަކީ، އަޙްމަދު ޖަނާޙުއަށް ޙަވާލާދެވުނު އެއްބަސްވުމުގެ ދަށުން ޙަސަންމަނިކުގެ ފަރާތުން ދައްކަންޖެހޭ ފައިސާގެ ތެރެއިން ފުރަތަމަ ދެ އިންސްޓޯލްމަންޓްގެ ފައިސާ އަދާކުރުމަށްފަހު ބާކީވާ US$400,000.00 (ހަތަރުލައްކަ ޔޫ.އެސް ޑޮލަރު) ގެ ތެރެއިން ނުދައްކައިވާ US$369,500.00 (ތިންލައްކަ ފަސްދޮޅަސް ނުވަހާސް ފަސްސަތޭކަ ޔޫ.އެސް ޑޮލަރު) އެކީ އެއްފަހަރާ ހޯދުމަށާއި، އެއްބަސްވުމުގެ 11 ވަނަ މާއްދާގައިވާ ގޮތުގެމަތިން ދައްކަންޖެހޭ US$36,950.00 (ތިރީސް ހަހާސް ނުވަސަތޭކަ ފަންސާސް ޔޫ.އެސް ޑޮލަރު) ޙަސަން މަނިކު އަތުން ހޯދުމަށް ބުނެވިދިޔަ މަދަނީ ކޯޓުގެ ނަންބަރު 2081/MC/2008 ޤަޟިއްޔާގެ ދަޢުވާގައި އަޙްމަދު ޖަނާޙުގެ ފަރާތުން އެދިފައި އޮންނައޮތުމަށް ބަލާއިރު، އެއްބަސްވުމުގެ 11 ވަނަ މާއްދާގެ ދަށުންކަމަށް ބުނެ ހޯދުމަށް އެދިފައިވާ US$36,950.00 (ތިރީސް ހަހާސް ނުވަސަތޭކަ ފަންސާސް ޔޫ.އެސް ޑޮލަރު) އަކީ، ބުނެވިދިޔަ US$400,000.00 (ހަތަރުލައްކަ ޔޫ.އެސް ޑޮލަރު) ގެ ތެރެއިން ނުދައްކައިވާކަމަށް ބުނާ US$369,500.00 (ތިންލައްކަ ފަސްދޮޅަސް ނުވަހާސް ފަސްސަތޭކަ ޔޫ.އެސް ޑޮލަރު) ގެ10% (ދިހަ އިންސައްތަ) ފައިސާކަން އެނގެން އޮންނަކަމާއި، އެއްބަސްވުމުގެ އިޝާރާތްކުރެވުނު 11 ވަނަ މާއްދާއަށް ބަލާއިރު، އެމާއްދާއަކީ އެއްބަސްވުމުގެ 8 ވަނަ މާއްދާގައިވާ ގޮތުގެމަތިން މަހުން މަހުން ދައްކަންޖެހޭ އިންސްޓޯލްމަންޓް ފައިސާ ދެއްކުމުގައި ލަސްވެއްޖެނަމަ، ފައިސާ ނުދައްކާ އިތުރުވާ ކޮންމެ 10 ދުވަހަކަށް ނުދައްކައިވާ ފައިސާގެ 10 އިންސައްތަ އިތުރަށް ދައްކަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ މާއްދާއެއްކަން އެނގެން އޮންނައިރު، އަޙްމަދު ޖަނާޙަށް އެއްބަސްވުމުގެ 8 ވަނަ މާއްދާގެ ދަށުން މަހުން މަހަށް ދައްކަންޖެހޭ އިންސްޓޯލްމަންޓް ފައިސާގެ ތެރެއިން ޙަސަން ޢަލީ މަނިކު އެ މާއްދާއާ އެއްގޮތްވާގޮތަށް އަދާކޮށްފައި ނުވާ އިންސްޓޯލްމަންޓްތަކަށްވާ ފައިސާއާއި، އެފައިސާ ދެއްކުން ލަސްވުމުގެ ސަބަބުން އެއްބަސްވުމުގެ 11 ވަނަ މާއްދާގައި ކަނޑައަޅާފައިވާ "ޝަރްޠު ޖަޒާއީ" ގެ ދަށުން ޙައްޤުވާ ފައިސާ ހޯދުމަށް މަދަނީ ކޯޓުގެ ބުނެވިދިޔަ ނަންބަރު 2081/MC/2008 ޤަޟިއްޔާގެ ދަޢުވާގައި އެދިފައި ނުވާކަން އެ ޤަޟިއްޔާގެ ދަޢުވާގެ ޞީޢާ އަށް ބެލުމުން އެނގެން އޮންނަކަމާ، އެއާ ޚިލާފަށް އެ ޤަޟިއްޔާގައި އަޙްމަދު ޖަނާޙުގެ ފަރާތުން އެދިފައިވަނީ ޙަސަން ޢަލީ މަނިކު އަޙްމަދު ޖަނާޙަށް ދައްކަންޖެހޭ ފައިސާގެތެރެއިން ނުދައްކާވާ ޖުމްލަ ފައިސާ އެއްބަސްވުމުގެ 9 ވަނަ މާއްދާއާ ޙަވާލާދީ އެކީ އެއްފަހަރާ ހޯދުމަށާއި، އެ ޖުމްލަ ފައިސާ ދެއްކުމުގައި ޙަސަން ޢަލީ މަނިކުގެ ފަރާތުން އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށް ބުނެ އެއްބަސްވުމުގެ 11 ވަނަ މާއްދާގެ ދަށުން އެ ޖުމްލަ ފައިސާގެ 10 އިންސައްތަ ފައިސާ އިތުރަށް ހޯދުމަށްކަން އެނގެން އޮންނަ އޮތުމެވެ.

(ށ) ދެވަނަ ކަމަކީ، ޙަސަން ޢަލީ މަނިކާއި، އަޙްމަދު ޖަނާޙު އާ ދެމެދުގައި 08 ފެބްރުއަރީ 2007 ދުވަހު ވެފައިވާ އިސްވެ ޙަވާލާދެވުނު އެއްބަސްވުމުގެ ދަށުން، އެޗް.އެމް.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގައި އޮތް އަޙްމަދު ޖަނާޙުގެ %33 (ތެއްތިރީސް އިންސައްތަ) ޙިއްޞާ ޙަސަން ޢަލީ މަނިކަށް ވިއްކުމާގުޅިގެން އެ ޙިއްޞާ ގަތުމަށް ދެފަރާތުގެ މެދުގައި އެއްބަސްވެފައިވާ އަގުކަމަށްވާ US$700,000.00 (ހަތްލައްކަ ޔޫ.އެސް ޑޮލަރު) އަޙްމަދު ޖަނާޙުއަށް ދައްކަން ޙަސަން ޢަލީ މަނިކު އެއްބަސްވެފައިވަނީ އިންސްޓޯލްމަންޓް ތަކަކަށް ބަހައިގެން ވަކި މުއްދަތެއްގެ ތެރޭގައި އަދާކޮށް ޚަލާޞްކުރާ އުޞޫލަކުން ކަން އެނގެން އޮންނަކަމާ، މިގޮތުން ބުނެވިދިޔަ އެއްބަސްވުމުގެ ދަށުން، އަޙްމަދު ޖަނާޙަށް ޙަސަން ޢަލީ މަނިކު ދައްކަންޖެހޭ ފުރަތަމަ ދެ (2) އިންސްޓޯލްމަންޓުގެ ފައިސާ ކަނޑައި ބާކީވާ US$400,000.00 (ހަތަރުލައްކަ ޔޫ.އެސް ޑޮލަރު) އަދާކުރުމަށް އެއްބަސްވެފައިވަނީ ދެ ވަނަ އިންސްޓޯލްމަންޓް ދެއްކުމަށް އެއްބަސްވެފައިވާ މުއްދަތު ހަމަވާ ތާރީޚުކަމަށްވާ 08 ސެޕްޓެމްބަރ 2007 ދުވަހުން ފެށިގެން މަސްހަމަކޮށް ކޮންމެ މަހަކު US$3500.00 (ތިންހާސް ފަސްސަތޭކަ ޔޫ.އެސް ޑޮލަރު) ގެ މަގުން ދިހަ (10) އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައިކަން އެ އެއްބަސްވުމުގެ 08 ވަނަ މާއްދާއިން ރަނގަޅަށް އެނގެން އޮންނައިރު، އަޙްމަދު ޖަނާޙުގެ ފަރާތުން މަދަނީ ކޯޓަށް 24 ނޮވެމްބަރު 2008 ގައި ހުށަހަޅާފައިވާ އެކޯޓުގެ އިސްވެދިޔަ ނަންބަރު 2081/MC/2008 ޤަޟިއްޔާގައި، ބުނެވިދިޔަ US$400,000.00 (ހަތަރުލައްކަ ޔޫ.އެސް ޑޮލަރު) ގެ ތެރެއިން ދައްކައި ނިންމާފައިވާ ފައިސާ ކަނޑައި ބާކީވާ އެންމެހައި ފައިސާ ޙަސަން ޢަލީ މަނިކުގެ އަތުން އެކީ އެއްފަހަރާ ހޯދުމަށް އަޙްމަދު ޖަނާޙުގެ ފަރާތުން އެދި ދަޢުވާކޮށްފައިވަނީ، އެއްބަސްވުމުގެ ދަށުން ޙަސަން ޢަލީ މަނިކު އަޙްމަދު ޖަނާޙު އަށް ދައްކަންޖެހޭ ފައިސާ ދައްކާ ނިމުމުގެ ކުރިން އެއްވެސް އިރެއްގައި ކުންފުނި ވިއްކާލައިފިނަމަ އެހާތަނަށް ނުދައްކައިވާ އެންމެހާ ފައިސާއެއް ޙަސަން ޢަލީ މަނިކުގެ ފަރާތުން އަޙްމަދު ޖަނާޙަށް ވަގުތުން ދައްކަންޖެހޭނެކަމަށް އެއްބަސްވުމުގެ 09 ވަނަ މާއްދާގައި ބުނެފައިވާއިރު، ކުންފުނީގެ ޙިއްޞާ އިތުރު ފަރާތަކަށް މިހާރު ވިއްކާފައިވާކަމަށް ބުނެ އެ އަސާސްގެ މައްޗަށް ބިނާކޮށްގެންކަން އެނގެން އޮންނަކަމެވެ.

(ނ) ތިންވަނަ ކަމަކީ، ޙަސަން ޢަލީ މަނިކާއި، އަޙްމަދު ޖަނާޙު އާ ދެމެދުގައި ވެވުނު އިސްވެދިޔަ އެއްބަސްވުމުގެ 9 ވަނަ މާއްދާއަށް ބަލާއިރު، އެއްބަސްވުމުގެ ދަށުން ޙަސަން ޢަލީ މަނިކު އަޙްމަދު ޖަނާޙު އަށް ދައްކަންޖެހޭ ފައިސާ ދައްކައި ނިމުމުގެ ކުރިން އެއްވެސް އިރެއްގައި ކުންފުނި "ލިކުވިޑޭޓް" (liquidate) ކޮށްފިނަމަ، އުވާލައިފިނަމަ، ނުވަތަ ވިއްކާލައިފިނަމަ، އެ ވަގުތަކު ނުދައްކައިވާ ބާކީ ފައިސާ ވަގުތުން އަޙްމަދު ޖަނާޙު އަށް ދައްކަންވާނެ ކަމަށް އެ މާއްދާގައި ބުނެފައިވާ އިރު، މި މާއްދާގައި ބުނެފައިވާ ޙާލަތްތަކަކީ ޙަޤީޤަތުގައި ކުންފުނި ނިމުމަކަށް އައިސް ކުންފުނީގެ ޤާނޫނީ ޝަޚްޞިއްޔަތު ނިމުމަކަށް ދާނެ ޙާލަތްތައްކަމާއި، އެހެންނަމަވެސް އެފަދަ ޙާލަތެއް ބުނެވިދިޔަ އެޗް.އެމް.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަށް މެދުވެރިވެފައި ނުވާކަން އެނގެން އޮންނަކަމާ؛ އެހެނީ އެ ކުންފުންޏަކީ މިހާރުވެސް ޤާނޫނު ނަންބަރު 96/10 (ކުންފުންޏާ ބެހޭ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ކޮށްގެން ހިންގަމުން ގެންދާ ކުންފުންޏެއްކަމާއި، އެ ކުންފުނީގައި މިވަޤުތު ތިބި ޙިއްޞާދާރުންނަކީ، ހ.ކާމިނީޕޫލް ޙަސަން ޢަލީ މަނިކު (300 ޙިއްޞާ) އާއި، ހ.ކިނޮޅަސް ނަސީމާ މުޙައްމަދު (300 ޙިއްޞާ) އާއި، ހ.ހިރިފުށި ޙާމިދު އިސްމާޢީލު (400 ޙިއްޞާ) ކަމާއި، އެ ތިން މީހުންނަކީވެސް ކުނފުނީގެ ބޯރޑް އޮފް ޑައިރެކްޓަރސްގެ މެންބަރުންކަމާއި، 16 ފެބްރުއަރީ 2006 އިން ފެށިގެން ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ އަކީ ޙަސަން ޢަލީ މަނިކުކަން 20 އޮކްޓޯބަރ 2015 ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މިނިސްޓްރީ އޮފް އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ފޮނުވާފައިވާ އެ މިނިސްޓްރީގެ 14/2015/971/101-BR ސިޓީގައި ހިމެނިފައިވާ އެޗް.އެމް.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާ ގުޅޭ މަޢުލޫމާތަށް ބެލުމުން އެނގެން އޮންނަކަމާއި، 10 ޖޫން 2007 ގައި ކުންފުނީގެ ޙިއްޞާ ބަދަލުކުރުމަށްފަހު ކުންފުނީގެ ޙިއްޞާދާރުންގެ ތެރޭގައި ހ.ހިރިފުށީ ޙާމިދު އިސްމާޢީލު ހިމެނިފައިވުމަކީ ކުންފުނި ވިއްކާލުންކަމުގައި ބަލާނެ އެއްވެސް ޤާނޫނީ އަސާސެއް ނެތްކަމާ، އެހެނީ ޤާނޫނު ނަންބަރު 96/10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 36 ވަނަ މާއްދާއާ އެއްގޮތްވާގޮތުގެ މަތިން ކުންފުންޏެއްގެ ޙިއްޞާ އެހެންފަރާތަކަށް ވިއްކައި ޓްރާންސްފަރ ކުރުމަކީ ކުންފުނި ވިއްކާލުން ނޫންކަން އެނގެން އޮންނަކަމާއި، އިސްވެ ބަޔާންވެދިޔަ އެއްބަސްވުމުގެ 9 ވަނަ މާއްދާގެ ބޭނުމަށް ކުންފުނި ވިއްކާލުމަކީ ކުންފުނީގެ ބައެއް ޙިއްޞާތައް ވިއްކާލުން ނޫންކަމާއި، ނަމަވެސް ކުންފުނި ވިއްކާލުމަކީ ކުންފުނީގެ ޤާނޫނީ ޝަޚްޞިއްޔަތު ނިމުމަކަށް އަންނަފަދަ ގޮތަކަށް ކުންފުނި ވިއްކާލުންކަމާއި، މިގޮތަށް ކުންފުނި ވިއްކާލެވޭ ޙާލަތްތަކުގެ ތެރޭގައި ކުންފުނީގެ އެންމެހައި ޙިއްޞާތައް ކުންފުނީގެ އެއް ޙިއްޞާދާރު ގަތުމުގެ ސަބަބުން އެ ޙިއްޞާދާރުގެ އަތުގައި މުޅި ކުންފުނީގެ އެންމެހައި ޙިއްޞާތައް ޖަމާވުމަކީ، ކުންފުންޏެއް އުފެއްދުމަށާއި، އެ ކުންފުނި ދެމިއޮތުމަށް ކުންފުނީގައި މަދުވެގެން ތިބުން ލާޒިމްވާ ޢަދަދަށް މީހުން ނެތުމުގެ ސަބަބުން ކުންފުނި ނިމުމަކަށް އަންނާނެ ސަބަބެއް ކަމާއި، އަދި ހަމަ އެހެންމެ ކުންފުންޏަކުން ކުންފުންޏެއްގެ އެންމެހައި ޙިއްޞާތަކާއި މުދާތައް ގަނެ، ގަނެވޭ ކުންފުނި ގަންނަ ކުންފުންޏާއި އެއްކޮށްލުމުން ނުވަތަ މާރޖް ކޮށްލުމުން ގަނެވޭ ކުންފުނީގެ ޤާނޫނީ ޝަޚްޞިއްޔަތު ނިމުމަކަށް އައިސް ގަނެވޭ ކުންފުނިން ކުރިން ކޮށްފައިވާ މުޢާމަލާތްތަކާ ގުޅިގެން އުފެދިފައިވާ ޙައްޤުތަކާއި އިލްތިޒާމްތައް ގަންނަ ކުންފުންޏަށް ނަޤުލުވާ ޙާލަތަކީވެސް ގަނެވުނު ކުންފުނި ނިމުމަކަށް އަންނާނެ ސަބަބެއްކަމާއި، މިފަދަ އެއްވެސް ޙާލަތެއް ބުނެވިދިޔަ އެޗް.އެމް.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަށް މެދުވެރިވެ އެ ކުންފުނި ނިމުމަކަށް އައިސްފައިވާކަން އެނގެން ނެތްއިރު، ޙަސަން ޢަލީ މަނިކު އާއި އަޙްމަދު ޖަނާޙު އާއި ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ 09 ވަނަ މާއްދާގައި ބުނާ ކުންފުނި ވިއްކާލުމަކީ، ޙަސަން ޢަލީ މަނިކު ގެ ޙިއްޞާވާ މިންވަރު އެހެން ފަރާތަކަށް ވިއްކާލުންކަމަށް ޤަބޫލުކުރެވޭކަމަށާއި، އަދި ޙަސަން ޢަލީ މަނިކު އެ ކުންފުނީގައިވާ ޙިއްޞާ ވިއްކާލައި އެ ކުންފުނިން ވަކިވެފައިވާތީ، އެ އެއްބަސްވުމުގެ 09 ވަނަ މާއްދާގެ ބޭނުމަށްޓަކައި އެ ކުންފުނީގައިވާ ޙަސަން ޢަލީ މަނިކުގެ ޙިއްޞާ ވިއްކާލުމަކީ ކުންފުނި ވިއްކާލުން ކަމުގައި ބަލަންޖެހޭކަމަށް ޤަބޫލުކުރެވޭކަމަށް ހައިކޯޓުގެ ބުނެވިދިޔަ ނަންބަރު 2009/HC-A/229 ޤަޟިއްޔާގައި ބަޔާންކޮށްފައި އޮންނަ އޮތުމަށް ބަލާއިރު، ހައިކޯޓުން ބުނެވިދިޔަ އެއްބަސްވުމުގެ 9 ވަނަ މާއްދާ މާނަކޮށްފައިވަނީ ޝަރްޢީ އަދި ޤާނޫނީގޮތުން ޞައްޙަ އަސާސެއްގެ މައްޗަށް ބިނާކޮށްގެން ނޫންކަމާއި، އަދި އެ މާނަކުރުން ބިނާކޮށްފައިވަނީ ޙަޤީޤަތާއި ޚިލާފު މަޢުލޫމާތުގެ މައްޗަށް ބިނާކޮށްވެސްކަން ފާހަގަކުރެވޭކަމާއި، އެހެނީ ހައިކޯޓުން ފާހަގަކޮށްފައި އޮތްގޮތާ ޚިލާފަށް ޙަސަން ޢަލީ މަނިކު އެ ކުންފުނީގައިވާ އޭނާގެ ޙިއްޞާ ވިއްކާލައި އެ ކުންފުނިން އެއްވެސް އިރެއްގައި ވަކިވެފައިވާކަން އެނގެން ނެތްކަމާއި، ޙަސަން ޢަލީ މަނިކު ވިއްކައި ބަދަލުކޮށްފައިވަނީ އޭނާގެ ނަމުގައި ކުންފުނީގައި އޮތް ޙިއްޞާގެ ތެރެއިން ބައެއްކަމާއި، މިހާރުވެސް އޭނާއަކީ ކުންފުނީގެ 30 އިންސައްތަ ޙިއްޞާދާރެއް ކަމުގައިވާ އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރވެސް ކަން އެނގެން އޮންނަ އޮތުމެވެ.

(ރ) ހަތަރުވަނަ ކަމަކީ، ޙަސަން ޢަލީ މަނިކާއި، އަޙްމަދު ޖަނާޙު އާ ދެމެދުގައި ވެވުނު ބުނެވިދިޔަ އެއްބަސްވުމުގެ ދަށުން ޙަސަން ޢަލީ މަނިކު އަޙްމަދު ޖަނާޙު އަށް ދައްކަންޖެހޭ ފައިސާ ދައްކައި ނިމުމުގެ ކުރިން އެއްބަސްވުމުގެ 9 ވަނަ މާއްދާގައި ބުނާފަދަ ޙާލަތެއް މެދުވެރިވެފައި ނުވާކަމާއި، މިގޮތުން ކުންފުނި 'ލިކުވިޑޭޓް' ކޮށްފައި ނުވަތަ އުވާލާފައި ނުވަތަ ވިއްކާލާފައި ނުވާކަން އިސްވެ ބަޔާންވެދިޔަ ފަދައިން، ރަނގަޅަށް އެނގެން އޮންނައިރު، އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ފައިސާ އަދާކޮށް ނިންމުމަށް ދެފަރާތުން އެއްބަސްވެފައިވާ މުއްދަތު ހަމަވުމުގެ ކުރިން އެއްބަސްވުމުގެ 9 ވަނަ މާއްދާއަށް ރިޢާޔަތްކޮށް އެއްބަސްވުމުގެ ދަށުން ޙަސަން ޢަލީ މަނިކު ނުދައްކައިވާ ބާކީ ފައިސާ އެކީ އެއްފަހަރާ ވަޤުތުން ހޯދުމަށް މަދަނީ ކޯޓުގެ ބުނެވިދިޔަ ނަންބަރު 2081/MC/2008 ޤަޟިއްޔާގައި އަޙްމަދު ޖަނާޙުގެ ފަރާތުން ދަޢުވާކޮށްފައިވަނީ ބުނެވިދިޔަ އެއްބަސްވުމުގެ 8 ވަނަ މާއްދާއާ ކަނޑައެޅިގެން ޚިލާފަށް ކަމާ، ވުމާއެކު އެމާއްދާގައި ޙަސަން ޢަލީ މަނިކު އަޙްމަދު ޖަނާޙު އަށް އަދާ ކުރަންޖެހޭ ފައިސާ އަދާކޮށް ނިންމުމަށް ދެފަރާތުން އެއްބަސްވެފައިވާ މުއްދަތު ފަހަނައަޅައި ދިއުމުގެ ކުރިން، އެއްބަސްވުމުގެ ދަށުން ޙަސަން ޢަލީ މަނިކު ނުދައްކައިވާ ފައިސާ އެކީ އެއްފަހަރާ ވަޤުތުން ހޯދުމަށް ދަޢުވާކުރުމުގެ ޙައްޤު އަޙްމަދު ޖަނާޙު އަށް ލިބިގެން ނުވާކަމާއި، ހަމައެހެންމެ، ބުނެވިދިޔަ އެއްބަސްވުމުގެ 8 ވަނަ މާއްދާގައި ދެފަރާތުން އެއްބަސްވެފައިވާ ގޮތުގެމަތިން ޙަސަން ޢަލީ މަނިކު އަޙްމަދު ޖަނާޙު އަށް މަހުންމަހަށް ދައްކަންޖެހޭ އިންސްޓޯލްމަންޓްތަކުގެ ތެރެއިން، އިންސްޓޯލްމަންޓްތައް ދައްކަންޖެހޭ މުއްދަތު ހަމަނުވާ އިންސްޓޯލްމަންޓްތައް ވެސް ހިމެނޭގޮތަށް، އެއްބަސްވުމުގެ ދަށުން ޙަސަން ޢަލީ މަނިކު ނުދައްކައިވާ ޖުމްލަ ފައިސާގެ 10% (ދިހަ އިންސައްތަ) ފައިސާ އިތުރަށް ނަގައިދިނުމަށް މަދަނީ ކޯޓުގެ ބުނެވިދިޔަ ނަންބަރު 2081/MC/2008 ޤަޟިއްޔާގައި އަޙްމަދު ޖަނާޙުގެ ފަރާތުން ދަޢުވާކޮށްފައިވަނީވެސް ބުނެވިދިޔަ އެއްބަސްވުމުގެ 11 ވަނަ މާއްދާއާ ކަނޑައެޅިގެން ޚިލާފަށްކަން އެނގެން އޮންނައޮތުމެވެ.

(ބ) ފަސްވަނަ ކަމަކީ، އަޙުމަދު ޖަނާޙުއާއި، ޙަސަން ޢަލީ މަނިކުއާ ދެމެދު ވެވުނު އިސްވެ ބަޔާންވެދިޔަ އެއްބަސްވުމުގެ ދަށުން އަޙްމަދު ޖަނާޙު އަށް ޙަސަން ޢަލީ މަނިކު ދައްކަންޖެހޭ ފައިސާ އަދާކޮށް ނިންމުމަށް އެއްބަސްވުމުގެ 8 ވަނަ މާއްދާގައި ކަނޑައަޅާފައިވާ މުއްދަތު ހަމަވުމުގެ ކުރިން، އެ ފައިސާ އެކީ އެއްފަހަރާ ވަޤުތުން ދައްކަންޖެހޭނެ އެއްވެސް އަސާސެއް ނެތްކަން މިމައްސަލައިގެ ވާޤާއިޢުތަކަށް ބެލުމުން އެނގެން އޮތްކަމުގައި ވީނަމަވެސް، ބުނެވިދިޔަ އެއްބަސްވުމުގެ ދަށުން އަޙްމަދު ޖަނާޙުއަށް ޙަސަން ޢަލީ މަނިކު ދައްކަންޖެހޭ US$700,000.00 (ހަތްލައްކަ އެމެރިކާ ޑޮލަރު) ގެ ތެރެއިން، ފުރަތަމަ ދެ އިންސްޓޯލްމަންޓް ދެއްކުމަށްފަހު ބާކީވާ US$400,000.00 (ހަތަރުލައްކަ އެމެރިކާ ޑޮލަރު) މަހަކު US$3,500.00 (ތިންހާސް ފަސްސަތޭކަ އެމެރިކާ ޑޮލަރު) ގެ މަގުން 10 އަހަރު ދުވަހުގެ ތެރޭގައި ދައްކަންވާނެކަމަށް ބުނެވިދިޔަ އެއްބަސްވުމުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ވާއިރު، އެ ގޮތުގެ މަތިން އެ ފައިސާ ދައްކައި ޚަލާޞްކުރުމަކީ އެއްބަސްވުމުގެ ދަށުން ޙަސަން ޢަލީ މަނިކުގެ މައްޗަށް ލާޒިމްވެގެންވާ ކަމެއްކަމާއި، އެހެންކަމުން އެއްބަސްވުމުގެ ބުނެވިދިޔަ 8 ވަނަ މާއްދާގައި ވާގޮތުގެ މަތިން ޙަސަން ޢަލީ މަނިކު މަހުން މަހަށް ދައްކަންޖެހޭ އިންސްޓޯލްމަންޓްތައް އަދާ ނުކުރާނަމަ، އެ އިންސްޓޯލްމަންޓްތަކަށްވާ ފައިސާ ހޯދުމަށް ދަޢުވާކުރުމުގެ ޙައްޤު އަޙްމަދު ޖަނާޙުއަށް ލިބިގެންވާކަމާއި، އަދި އެހެންމެ، އެގްރީމެންޓްގެ ދަށުން މަހުން މަހުން ދައްކަންޖެހޭ އިންސްޓޯލްމަންޓް ފައިސާ ދެއްކުމަށް ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދައްކައި ލަސްވެއްޖެނަމަ، ފައިސާ ނުދައްކާ ފާއިތުވާ ކޮންމެ 10 ދުވަހަކަށް ނުދައްކައިވާ ފައިސާގެ 10 އިންސައްތަ އިތުރަށް އަޙްމަދު ޖަނާޙުއަށް ދެއްކުމަކީވެސް އެގްރީމެންޓުގެ 11 ވަނަ މާއްދާގެ ދަށުން ޙަސަން ޢަލީ މަނިކުގެ މައްޗަށް ލާޒިމްވެގެންވާ ކަމެއްކަމުގައިވާއިރު، އެ ފައިސާ ހޯދުމަށް ކަމާބެހޭ ކޯޓުގައި ދަޢުވާކުރުމުގެ ޙައްޤުވެސް އަޙްމަދު ޖަނާޙުއަށް ލިބިގެންވާކަން އެނގެން އޮންނަކަމެވެ.

އިސްވެ ބަޔާންވެދިޔަ ކަންތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، އަޙްމަދު ޖަނާޙުއާއި، ޙަސަން ޢަލީ މަނިކުއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ޙަސަން ޢަލީމަނިކު އަޙްމަދު ޖަނާޙަށް ދައްކަންޖެހޭ ފައިސާގެތެރެއިން ފުރަތަމަ ދެ އިންސްޓޯލަމަންޓަށްވާ ފައިސާދެއްކުމަށްފަހު ބާކީވާ US$400,000.00 (ހަތަރުލައްކަ ޔޫ.އެސް ޑޮލަރު) ގެ ތެރެއިން ދައްކާފައިވާ ފައިސާ ކަނޑައި ބާކީވާ ފައިސާ އާއި އެއްބަސްވުމުގެ 11 ވަނަ މާއްދާގެ ދަށުން ދައްކަންޖެހޭ ޖުރިމަނާ ފައިސާ، ޙަސަން ޢަލީ މަނިކުގެ އަތުން އެކީ އެއްފަހަރާ ނަގައިދެވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅުމާއެކު، ބުނެވިދިޔަ US$400,000.00 (ހަތަރުލައްކަ ޔޫ.އެސް ޑޮލަރު) ގެ ތެރެއިން އެއްބަސްވުމުގެ 08 ވަނަ މާއްދާއާ އެއްގޮތަށް ދައްކަންޖެހި ނުދެއްކިވާ ފައިސާ ހޯދުމަށް ދަޢުވާކޮށްފިނަމަ، އަދި އެއްބަސްވެފައިވާ ގޮތަށް ފައިސާ ނުދެއްކުމުގެ ސަބަބުން އެއްބަސްވުމުގެ 11 ވަނަ މާއްދާގެ ދަށުން ދައްކަންޖެހޭ ޖޫރިމަނާގެ ފައިސާ ހޯދުމަށް ތަފްޞީލާއެކު އަލުން ދަޢުވާކޮށްފިނަމަ ބަލައިދެވޭނެކަން އަޙްމަދު ޖަނާޙަށް އަންގައި މަދަނީ ކޯޓުގެ ބުނެވިދިޔަ ނަންބަރު 2081/MC/2008 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ކޮށްފައިވާ ޙުކުމެއްކަން ފާހަގަކުރެވިފައިވާ އިރު، މަދަނީ ކޯޓުގެ ބުނެވިދިޔަ ނަންބަރު 2081/MC/2008 ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށް އެ ޤަޟިއްޔާގައި ބަޔާންވެގެންވާ، އަޙްމަދު ޖަނާޙާއި ޙަސަން ޢަލީ މަނިކާ ދެމެދު ވެފައިވާ އެގްރީމެންޓުގެ 09 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، އެ ދެފަރާތް ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އަޙްމަދު ޖަނާޙުގެ އަތުން ޙަސަން ޢަލީ މަނިކު ގަނެފައިވާ ޙިއްޞާގެ އަގުގެ ތެރެއިން ނުދައްކައިވާ ފައިސާ އާއި އެ ފައިސާ ނުދެއްކުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ފައިސާއަކީ ޙަސަން ޢަލީ މަނިކު އަޙްމަދު ޖަނާޙަށް ދައްކަންޖެހޭ ފައިސާއެއްކަން ޝަރީޢަތަށް ސާބިތުވެއްޖެކަމަށް ކަނޑައަޅައި އެ ފައިސާ އަޙްމަދު ޖަނާޙަށް ލިބިދިނުމަށްޓަކައި، 26 ފެބްރުއަރީ 2013 އިން ފެށިގެން 2 (ދޭއް) މަސް ދުވަހުގެ ތެރޭގައި އެ ފައިސާ އެއްކޮށް ސިވިލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް ޙަސަން ޢަލީ މަނިކަށް އަންގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ބުނެވިދިޔަ ނަންބަރު 2009/HC-A/229 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބިނާކޮށްފައިވާ އަސާސްތަކަކީ ޝަރްޢީ އަދި ޤާނޫނީގޮތުން ޞައްޙަ އަސާސްތަކެއް ކަމުގައި ނުވާތީ އެ ޙުކުމް ބާޠިލު ކުރަންޖެހޭކަމަށް މި މައްސަލަބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ފެނެއެވެ.

ޙުކުމް:

އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެ މަތިން ހުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/229 ޤަޟިއްޔާގެ ޙުކުމަކީ ބާޠިލު ޙުކުމެއްކަމަށް ކަނޑައަޅައި، އެ ޤަޟިއްޔާއިން ބާޠިލުކަމަށް ކަނޑައަޅާފައިވާ މަދަނީ ކޯޓުގެ ނަންބަރު 2081/MC/2008 ޤަޟިއްޔާގެ ޙުކުމަކީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ކޮށްފައިވާ ޙުކުމެއްކަމަށް ފެންނާތީ މަދަނީ ކޯޓުގެ ނަންބަރު 2081/MC/2008 ޤަޟިއްޔާގެ އެ ޙުކުމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ތާއިދުކޮށް ޙުކުމް ކޮށްފީމެވެ.

ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ

ފަނޑިޔާރު ޢަބްދުﷲ ޢަރީފް

ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ