ޢަލީ ޝަހީމް ވ. އަޙްމަދު ޝިޔާމް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 2012/HC-A/87، 32/H-12-C/2010
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- މުޙައްމަދު އިބްރާހީމް (ގުޖަޑު ދޮންމަނިކު) ގެ ތަރިކަ ކ. މާފުށީ ކޯޓުގެ 17/H-12-C/81 ޤަޟިއްޔާގައި ބެހިއިރު، ބުލްބުލާގެ ގޯތި ޢަލީ ޝަހީމަށް ރަޖިސްޓްރީކޮށްދީފައިވާކަމަށް ބަޔާންކުރިއެވެ. ހައިކޯޓުގެ 2008/HC-A/122 ޤަޟިއްޔާގައި އެ ޙުކުމް ބާޠިލުކޮށް، މައްސަލަ އަލުން ބަލަން ނިންމިއެވެ. ކ. މާފުށީ މެޖިސްޓްރޭޓް ކޯޓުގެ 32/H-12-C/2010 ޤަޟިއްޔާގައި ގޯތީގެ ބިން ތިން ވާރިޘުންގެ މެދުގައި ބަހައި ތަރިކަ އަލުން އަގުކުރިއެވެ. ހައިކޯޓުގެ 2012/HC-A/87 ޤަޟިއްޔާގައި ބިން ބެހިގޮތަށް ތާއީދުކޮށް، ތަރިކައިގެ އެހެނިހެން ތަކެތި އަގުކުރިގޮތް ބާޠިލުކުރުމުން، ޢަލީ ޝަހީމް ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ.
- ވާޤިޢާ
- ކ. މާފުށީ ބުލްބުލާގެ ގޯތި ކުރިން ރަޖިސްޓްރީކުރެވިފައި އޮތީ ވާރިޘުންގެ ބައްޕަ މުޙައްމަދު އިބްރާހީމްގެ ނަމުގައެވެ. ފަހުން އެ ގޯތި ޢަލީ ޝަހީމްގެ ނަމަށް ރަޖިސްޓްރީކުރެވި، އޭނާގެ ޢާއިލާ އެތަނުގައި ދިރިއުޅެމުން ދިޔައެވެ. ދެން ތިބި ވާރިޘުން ކަމުގައިވާ ޝަހީމާ މުޙައްމަދު އިބްރާހީމް އާއި އަޙްމަދު ޝިޔާމަށް ކ. މާފުށިން 3500 އަކަފޫޓުގެ ބަންޑާރަ ގޯއްޗެއް ދޫކޮށްފައިވެއެވެ. ހައިކޯޓުން 2008/HC-A/122 ގައި ފާހަގަކުރީ، ގޯތި ޢަލީ ޝަހީމަށް ރަޖިސްޓްރީކޮށްދިންކަން ސާބިތުވާނެ ހެއްކެއް ނެތްކަމެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ތަރިކައިގެ މައްސަލައެއްގައި ކުރިން ކުރެވުނު ޙުކުމެއް އެއްކޮށް ބާޠިލުކޮށް މައްސަލަ އަލުން ބަލަން ނިންމުމުން، ބާޠިލުކުރެވުނު ޙުކުމުގެ ބަޔަކަށް ބިނާކޮށް ދަށު ކޯޓުން އަލަށް ކުރި އަގުކުރުން ބާޠިލުކުރެވޭނެތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ޢަލީ ޝަހީމް ބުނީ، ގޯތި އޭނާގެ ނަމަށް ރަޖިސްޓްރީކުރީ އޭރު ހަމަޖެހިފައިވާ ގަވާއިދުތަކާއި އުޞޫލުތަކާ އެއްގޮތަށް ކަމަށާއި، އޭރު މައިންބަފައިންގެ ގޯތި ހަމަޖައްސަނީ ގޯތީގައި ދިރިއުޅޭ ދަރިއަކަށް ކަމަށާއި، ބިން ނެތް ދަރިންނަށް ބަންޑާރަ ބިމުން އަލަށް ގޯތި ދޭ ކަމަށެވެ. ގޯތި ތިން ބަޔަށް ބެހުމުން އޭނާއަށް އިތުރު ގޯއްޗެއް ލިބުމުގެ ފުރުޞަތު ބަންދުވެ، ޙައްޤުތައް ނިގުޅޭ ކަމަށް ބުންޏެވެ.
- ކޯޓުގެ ސަބަބުތައް
- ސުޕްރީމް ކޯޓުން ކަނޑައެޅީ، 2008/HC-A/122 ގެ ޙުކުމަކީ ފައިސަލާކުރަނިވި ޙުކުމެއް ކަމަށާއި، އެ ޙުކުމާ އެއްގޮތަށް ގޯތީގެ ބިން ތިން ވާރިޘުންގެ މެދުގައި ބެހުމަކީ އެއްވެސް ވާރިޘަކަށް ގޯއްޗެއް ލިބުމުގެ ފުރުޞަތު ބަންދުވާ ސަބަބެއް ނޫން ކަމަށެވެ. އަދި 17/H-12-C/81 ގެ ޙުކުމް އެއްކޮށް ބާޠިލުވުމަށްފަހު އެ ޙުކުމުގެ އެއްވެސް ބަޔަކަށް ހުއްޖިއްޔަތެއް ނެތުމުން، އެ ޙުކުމަށް ބިނާކޮށް މެޖިސްޓްރޭޓް ކޯޓުން ކުރި އަގުކުރުން ބާޠިލުކުރުމަކީ ޞައްޙަ ކަމެއް ނޫނެވެ. އެހެންކަމުން މެޖިސްޓްރޭޓް ކޯޓުގެ ޙުކުމް ޞައްޙަކަމަށް ކަނޑައަޅައި، ހައިކޯޓުގެ ޙުކުމުގެ އެ ބައި ބާޠިލުކުރިއެވެ.
ނިންމުން
ބައެއް ބަދަލުކުރިހައިކޯޓުގެ ޙުކުމުގެ ބައެއް ބާޠިލު؛ މެޖިސްޓްރޭޓް ކޯޓުގެ ޙުކުމް ޞައްޙަ (އިއްތިފާޤުން)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ޢަލީ ޝަހީމުގެ ބައްޕަ އަލްމަރްޙޫމް މުޙައްމަދު އިބްރާހީމް (ގުޖަޑު ދޮންމަނިކު) ގެ ތަރިކައިގެ މައްސަލަ، ކ. މާފުށީ ކޯޓުން ބަލައި ނިންމި އެ ކޯޓުގެ ނަންބަރު 17/H-12-C/81 ޤަޟިއްޔާ ހައިކޯޓުގެ ނަންބަރު 2008/HC-A/122 ޤަޟިއްޔާއިން ބާޠިލުކަމަށް ޙުކުމްކޮށް، ކ. މާފުށީ ބުލްބުލާގެއެވެ ކިޔާ ގޯތީގެ ބިމާބެހޭ ގޮތުން ޝަރީޢަތުން އަލުން ގޮތެއް ކަނޑައަޅަންޖެހޭކަމަށް ކަނޑައަޅާފައިވާތީ، އެގޮތުގެމަތިން އެ މައްސަލަ ކ. މާފުށީ ކޯޓަށް ހުށަހެޅުމުން، ކ. މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 32/H-12-C/2010 ޤަޟިއްޔާގައި، ތިން ވާރިޘުންގެ މެދުގައި އެ ގޯތީގެ ބިން ބައިކުރަން ކަނޑައަޅާފައިވުމަކީ، ޢަލީ ޝަހީމު ނުވަތަ މި މައްސަލާގައި ހިމެނޭ އެއްވެސް ވާރިޘަކަށް ގޯއްޗެއް ލިބުމަށް އޮންނަ ފުރުޞަތު ބަންދުވާންޖެހޭ ސަބަބެއް ނޫންކަމާއި، މި ތިން ވާރިޘުންނަށް މި ޙައްޤު އިތުރަށް ކަށަވަރުވުން ފިޔަވައި އެހެން ޤާނޫނީ ނަތީޖާއެއް ނުކުންނަންޖެހޭ ސަބަބެއް ނޫންކަން އެނގެން އޮންނަ އޮތުމެވެ.
HN2 ހައިކޯޓުގެ ނަންބަރު 2008/HC-A/122 ޤަޟިއްޔާގައި ކ. މާފުށީ ކޯޓުގެ ނަންބަރު 17/H-12-C/81 ޤަޟިއްޔާ އެއްކޮށް ބާޠިލްކޮށްފައިވާކަމާއި، އެ ޤަޟިއްޔާގެ ޙުކުމުގައި ކަނޑައަޅައި ބަޔާންކޮށްފައިވަނީ އަލްމަރްޙޫމް މުޙައްމަދު އިބްރާހީމް (ގުޖަޑު ދޮންމަނިކު) ގެ ތަރިކައިގެ މައްސަލަ އަލުން ހުށަހަޅައިފިނަމަ، އަލުން ބެލުންކަމަށްކަން ސާފުކޮށް އެނގެން އޮންނާތީ، ކ. މާފުށީ ކޯޓުގެ ނަންބަރު 17/H-12-C/81 ޤަޟިއްޔާގެ ޙުކުމް ބާޠިލުވުމަށްފަހު، އެ ޙުކުމުގެ އެއްވެސް ބަޔަކަށް އިތުރު ހުއްޖިއްޔަތެއް ލިބެންވާކަމަށް ބެލެވޭފަދަ އަސާސެއް ނެތްއިރު، ކ. މާފުށީ ކޯޓުގެ ނަންބަރު 17/H-12-C/81 ޤަޟިއްޔާގެ ޙުކުމުގެ ބަޔަކަށް ބިނާކޮށް، ކ. މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 32/H-12-C/2010 ޤަޟިއްޔާގައި ތަރިކައިގެ އަގުކޮށްފައިވާގޮތް ރަނގަޅު ނޫންކަމަށްބަލައި، އެ ނޫން މިންގަނޑަކުން އަގުކުރަންޖެހޭފަދަ އަސާސެއް މައްސަލައިގައި ހިމެނޭ ލިޔުންތަކާއި ހެކިތަކުން ސާބިތުކުރެވިފައިނުވާތީ، ކ. މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 32/H-12-C/2010 ޤަޟިއްޔާގެ އެ ބައި ބާޠިލްކަމަށް ކަނޑައަޅާފައި އޮތްއޮތުން ޞައްޙަކަމުގައި ބެލެވެން ނެތްކަމެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޢަބްދުﷲ ސަޢީދު (ރިޔާސަތު)، ޢަބްދުﷲ ޢަރީފް، ޢަލީ ޙަމީދު މުޙައްމަދު
- ރިޔާސަތު
- ޢަބްދުﷲ ސަޢީދު
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ހުށަހެޅުނީ 4 ޖުލައި 2013 · ރަޖިސްޓްރީކުރީ 29 ޖުލައި 2013 · ނިމުނީ 8 ސެޕްޓެމްބަރު 2016 (37.4 މަސް)
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ކޯޓުން ޕެރެގްރާފް ނަންބަރު ޖަހާފައި ނުވާތީ، [ ] ތެރޭގައިވާ ނަންބަރުތައް ޖަހާފައިވަނީ ސަޢީދު ލެކްސް އިން.
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 2013/SC-A/33
ދަޢުވާކުރާ ފަރާތް: ޢަލީ ޝަހީމް، ބުލްބުލާގެ، ކ. މާފުށީ
ދަޢުވާ ލިބޭ ފަރާތް: އަޙްމަދު ޝިޔާމް، ހޮނެސްޓީ، ކ. މާފުށީ
މައްސަލައިގެ ބާވަތް: ތަރިކަ
މައްސަލަ އައިގޮތް: އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚް: 04 ޖުލައި 2013
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 29 ޖުލައި 2013
ނިމުނު ތާރީޚް: 08 ސެޕްޓެމްބަރ 2016
މައްސަލަ ނިންމި ގަޑި: 14:05
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު
އިލްތިމާސް ކުރެވުނު ޤަޟިއްޔާ
ނަންބަރު: 2012/HC-A/87
ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
ހުށަހެޅުނު ތާރީޚް: 19 މާރޗް 2012
ނިމުނު ތާރީޚް: 18 ނޮވެމްބަރ 2012
މައްސަލައިގެ ޚުލާޞާ
[1]މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/87 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ނޫންކަމަށްބުނެ، ކ. މާފުށި، ބުލްބުލާގެ، ޢަލީ ޝަހީމްގެ ފަރާތުން އެ ޙުކުމް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން، މި ކޯޓުގެ ނަންބަރު 33/SC-A/2013 ޤަޟިއްޔާއިން ބެލި މައްސަލައެވެ. މި ޤަޟިއްޔާގައި ދަޢުވާ ލިބުނީ ކ. މާފުށީ ހޮނެސްޓީ، އަޙްމަދު ޝިޔާމަށެވެ.
ފާހަގަކުރެވުނު ނުކުތާތައް
[2]1. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/87 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން ކޮށްފައިވާ ޙުކުމެއް ނޫންމަށް ބުނެ ޢަލީ ޝަހީމްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ އަންނަނިވި ނުކުތާތައްކަން އެނގެއެވެ.
[3](ހ) ފުރަތަމަ ނުކުތާއަކީ، ކ. މާފުށީ އޮފީހުން ކ. މާފުށީ ބުލްބުލާގެއެވެ ކިޔާ ގޯތި، ޢަލީ ޝަހީމްގެ ނަމުގައި ރަޖިސްޓްރީކޮށްދީފައިވަނީ ދިރިއުޅުމަށް ގޯތި ދޫކުރުމަށް އޭރު ހަމަޖެހިފައިވާ ގަވާއިދުތަކާއި އުޞޫލުތަކުގެ މައްޗަށް ރިޢާޔަތްކޮށްކަމަށާއި، އެގޮތުގެމަތިން އެތަކެއް އަހަރެއްވަންދެން އެ ގޯތި ޢަލީ ޝަހީމުގެ ނަމުގައި އޮތުމުގެ ސަބަބުން ޢަލީ ޝަހީމްގެ ޢާއިލާ ދިރިއުޅެވޭނެ ރަނގަޅު ފެންވަރަކަށް ޢިމާރާތްކުރެވިފައި ވަނިކޮށް، ޢަލީ ޝަހީމްގެ ބައްޕަގެ ދެންތިބި ވާރިޘުން ކަމުގައިވާ ޝަހީމާ މުޙައްމަދު އިބްރާހީމްއާއި، އަޙްމަދު ޝިޔާމް، ދިރިއުޅުމަށްޓަކައި ކ.މާފުށީ ބިމުން 3500 އަކަފޫޓުގެ ބަންޑާރަ ގޯއްޗެއް ދޫކޮށްފައި ވުމާއެކުވެސް، ޢަލީ ޝަހީމްގެ ނަމުގައި ބުލްބުލާގެއެވެ ކިޔާ ގޯތި ރަޖިސްޓްރީ ކޮށްފައިވުމުން، ކ. މާފުށިން އިތުރު ގޯއްޗެއް ލިބުމަށް އޮތް ފުރުޞަތު ބަންދުވެފައި އޮވެ، ކ. މާފުށީ އޮފީހުން ކުޅަ ޢަމަލަކުން، ޢަލީ ޝަހީމަށް ލިބިގެންވާ ޙައްޤުތައް ނިގުޅޭފަދަ ގޮތަކަށް، އެ ގޯތި 3 ބަޔަށް ބެހުމަށް ޝަރީޢަތުން ނިންމުމަކީ އޭރު ޢަމަލުކުރަމުން ގެންދިޔަ ބިމާބެހޭ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ބުނެ ފާހަގަކުރި ނުކުތާ.
[4](ށ) ދެވަނަ ނުކުތާއަކީ، އަލްމަރްޙޫމް މުޙައްމަދު އިބްރާހީމް (ގުޖަޑު ދޮންމަނިކު) ގެ ތަރިކައިގެ މައްސަލަ ނިމުނުއިރު، 1981 ވަނަ އަހަރު ރާއްޖޭގައި ބިމާބެހޭ ޤާނޫނެއް ލިޔެފައި ނެތްކަމަށާއި، އަދި އެ ދުވަސްވަރު މިފަދަ މައްސަލަތަކުގައި ކ. މާފުށީގައި ދިރިއުޅުމަށް ގޯތި ދޫކުރުމަށް ހަމަޖެހިފައި އޮންނަ އުޞޫލަކީ، މައިންބަފައިންގެ ތަރިކަ ބަހައިގެން މައިންބަފައިންގެ ގޯތި ހަމަޖައްސަމުން ގެންދަނީ، އެވަގުތަކު އެ ގޯތީގައި ދިރިއުޅޭ ދަރިއަށް ހަމަޖައްސައި، ބިން ނެތް ދަރިންނަށް ބަންޑާރަ ބިމުން އަލުން ގޯއްޗެއް ދޭ އުޞޫލުން ބިންދޫކުރުން ކަމުގައިވާއިރު، މި ޙަޤީޤަތްތަކަށް ޝަރީޢަތުން ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނެ ފާހަގަކުރި ނުކުތާ.
[5](ނ) ތިންވަނަ ނުކުތާއަކީ، ބިމާބެހޭ ޤާނޫނު ވުޖޫދަށް އައުމުގެ ކުރިން، އޭރު ޢަމަލުކުރަމުން ގެންދިޔަ އުޞޫލުކަމަށް ދައުލަތުގެ މުއައްސަސާއަކުން ކަނޑައަޅާފައިވާ އުޞޫލަކީ، އޭރުގެ ޤާނޫނީ އޮނިގަނޑުގެ ދަށުން ބަލައިގަންނަންޖެހޭ އުޞޫލެއްކަމަށް ދެކޭކަމަށާއި، މިއާ ޚިލާފަށް އަލްމަރްޙޫމް މުޙައްމަދު އިބްރާހީމް (ގުޖަޑު ދޮންމަނިކު) ގެ ތަރިކަ މައްސަލަ ބެލުނުއިރު، ކ. މާފުށީ ބުލްބުލަގެއެވެ ކިޔާ ބަންޑާރަ ގޯތި، ޝަރީޢަތުން ވާރިޘުންގެ މެދުގައި ބަހާފައި ނުވަނީ އިސްވެދެންނެވުނު އުޞޫލަށް ރިޢާޔަތްކޮށްގެންކަމަށާއި، އެހެންކަމުން، ކ. މާފުށީ ބުލްބުލާގެ އެވެ ކިޔާ ގޯތި ޢަލީ ޝަހީމުގެ ކިބައިން ނެގުމަށް ނިންމައި، ތަރިކައިގެ އުޞޫލުން ވާރިޘުންގެ މެދުގައި ބަހަންޖެހޭނެކަމަށް ކަނޑައަޅައި އެގޮތުގެމަތިން، އަގުމަގުކޮށް ބައިކުރުމަށް ނިންމާފައިވަނީ، އިސްވެދެންނެވުނު ބިމާބެހޭ އުޞޫލާ ޚިލާފަށްކަމަށް ބުނެ ފާހަގަކުރި ނުކުތާ.
[6](ރ) ހަތަރުވަނަ ނުކުތާއަކީ، 1980 އާއި 1995 އާ ދެމެދު ދިރިއުޅުމަށް ގޯތި ދޫކުރުމަށް ހަމަޖެހިފައި އޮންނަ އުޞޫލަކީ، މައިންބަފައިންގެ ތަރިކަ ބަހައިގެން މައިންބަފައިންގެ ގޯތި ހަމަޖައްސަމުން ގެންދަނީ އެވަގުތަކު ދިރިއުޅޭ ދަރިއަކަށް ހަމަޖައްސާ އުޞޫލުންކަމަށްވާއިރު، އެގޮތުން ހުރިހާ ދަރިންގެ ތެރެއިން ކޮންމެވެސް އެއް ދަރިއަކަށް ބިން ހަމަޖައްސައި، ބިން ނެތް ދަރިންނަށް ބަންޑާރަ ބިމުން ގޯއްޗެއް ދޭ އުޞޫލުން ބިން ދޫކުރުންކަމުގައިވާތީ، އަލްމަރްޙޫމް މުޙައްމަދު އިބްރާހީމް (ގުޖަޑު ދޮންމަނިކު) ގެ ވާރިޘުންގެ ތެރޭގައި ހިމެނޭ 3 ކުދިންގެ ތެރެއިން، ކ. މާފުށި، ބުލްބުލާގެއެވެ ކިޔާ ގޯތި ޢަލީ ޝަހީމަށް ހަމަޖައްސައި، ދެން ތިބި ވާރިޘުންނަށް ކ. މާފުށީ ބިމުން 3500 އަކަފޫޓުގެ ބަންޑާރަ ގޯއްޗެއް ދޫކޮށްފައިވާކަމަށާއި ވާރިޘުންގެ ތެރެއިން އަޙްމަދު ޝިޔާމަށްވެސް ގޯތި ދޫކޮށްފައިވަނީ މި އުޞޫލުން އަދި އެ ފަރާތުން ގޯއްޗަކަށް އެދިފައި ނުވަނީސްކަމަށާއި، އެހެންކަމުން، އަޙްމަދު ޝިޔާމަށް ގެއްލުމެއް ލިބިފައި ނުވާކަމަށާއި އަދި އެ ފަރާތްތަކަށް ބޯހިޔާވަހިކަމުގެ ޙައްޤު ލިބިދީފައިވާކަމުގެ ޙަޤީޤަތަށް ރިޢާޔަތްކުރައްވާފައި ނުވާކަމަށް ބުނެ ފާހަގަކުރި ނުކުތާ.
[7]2. މި މައްސަލައިގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، ކ.މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 32/H-12-C/2010 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، ހައިކޯޓުގެ ނަންބަރު 2012/HC-A/87 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، ހުށަހެޅިފައިވާ އެންމެހައި ލިޔުންތަކަށާއި، މި މައްސަލައިގައި ހިމެނޭ ވަޤާއިޢުތަކަށާއި، ކަމާގުޅުންހުރި ޤާނޫނުތަކަށާއި، ޤާނޫނީ އަދި ޝަރްޢީ މަބާދީތަކާއި އުޞޫލުތަކަށް ޝަރްޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައި ވެއެވެ.
[8](ހ) ފުރަތަމަ ކަމަކީ، ކ. މާފުށީ ބުލްބުލާގެ، އަލްމަރްޙޫމް މުޙައްމަދު އިބްރާހީމް (ގުޖަޑު ދޮންމަނިކު) ގެ ތަރިކަ، ކ. މާފުށީ ކޯޓުން ބަހައި ނިންމި އެ ކޯޓުގެ ނަންބަރު 17/H-12-C/81 ޤަޟިއްޔާ، ހައިކޯޓުގެ ނަންބަރު 2008/HC-A/122 ޤަޟިއްޔާއިން އިސްތިއުނާފުކުރެވި، ކ. މާފުށީ ކޯޓުގެ )ނަންބަރު (17/H-12-C/8އެ ޤަޟިއްޔާގެ ޙުކުމް ބާޠިލުކުރުމުން، އެ މައްސަލަ އަލުން ކ. މާފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި، އެ ކޯޓުން ބަލައި ނިންމި އެ ކޯޓުގެ ނަންބަރު 32/H-12-C/2010 ޤަޟިއްޔާގެ ޙުކުމުގައި؛ އެ ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 02 ވަނަ ނުކުތާއާއި، 03 ވަނަ ނުކުތާގައިވާ ގޮތުގެމަތީން، އަލްމަރްޙޫމް މުޙައްމަދު އިބްރާހީމްގެ ވާރިޘުންނާއި، އޭނާގެ ތަރިކަމުދާ، އޭނާގެ ވާރިޘުންގެ އިއްތިފާޤުން ޝަރީޢަތަށް ސާބިތުވެފައިވާކަމަށާއި، އެ ޤަޟިއްޔާގައި ފާހަގަކުރެވުނު ނުކުތާތަކުގެ 15 ވަނަ ނުކުތާއާއި، 16 ވަނަ ނުކުތާއާއި، 17 ވަނަ ނުކުތާއާއި، 18 ވަނަ ނުކުތާގައިވާ ގޮތުގެމަތީން އެ ތަރިކަ ބަހައި ނިމިފައިވާއިރު، އެ ތަރިކައިން އަޙްމަދު ޝިޔާމަށް ލިބޭ -/2728 (ދެހާސް ހަތްސަތޭކަ އަށާވީސް) ރުފިޔާއާއި، ޝަހީމާ މުޙައްމަދު އިބްރާހީމަށް ލިބޭ -/1364 (އެއްހާސް ތިން ސަތޭކަ ފަސްދޮޅަސް ހަތަރު) ރުފިޔާ އެ ދެ މީހުންނަށް ދައްކާ ޚަލާސް ކުރަންޖެހޭނީ ކ. މާފުށީ ބުލްބުލާގޭ ޢަލީ ޝަހީމްކަމަށާއި، ވީމާ އެ ދެ މީހުންނަށް އެ ފައިސާ 26 މެއި 2011 ވަނަ ދުވަހުން ފެށިގެން 01 މަސްދުވަހުގެ ތެރޭގައި އެ ކޯޓު މެދުވެރިކޮށް ދައްކާ ޚަލާޞްކުރުމަށާއި، އެ ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 29 ވަނަ ނުކުތާއާއި، 30 ވަނަ ނުކުތާއާއި، 31 ވަނަ ނުކުތާގައިވާ ގޮތުގެމަތިން، ކ. މާފުށީ ބުލްބުލާގެ އެވެ ކިޔާ ބަންޑާރަ ގޯތީގައިވާ ޢިމާރާތްތަކާއި ވަޅުފަދަތަންތަނާއި، ތަކެއްޗާއި، ރުށްގަހުގެ ތެރެއިން ޝަހީމާ މުޙައްމަދު އިބްރާހީމަށް ގޯތީގެ ދެކުނު ފަރާތު މަގުމައްޗަށްވީ ބައިގައި އޮތް41’.6’x27” ބިމުގައިވާ ތަންތަނާއި، ތަކެއްޗާއި، ބިމާ ރުއްގަސް، ލިބިފައިވާކަމަށާއި، ގޯތީގެ މެދުން 33’x35’ ގެ ބިމުގައިވާ ތަންތަނާއި، ބިމާއި، ތަކެތި އަޙްމަދު ޝިޔާމަށް ލިބިފައިވާކަމަށާއި، ގޯތީގެ އުތުރު ފަރާތު ބިއްދޮށުގައި އޮތް 33’x35’ ގެ ބިމުގައިވާ ތަކެއްޗާ ބިމާ ރުއްގަސް ޢަލީ ޝަހީމަށް ލިބިފައިވާ ކަމަށާއި، ނަމަވެސް ޝަހީމާ މުޙައްމަދު އިބްރާހީމްއާއި، އަޙްމަދު ޝިޔާމަށް ލިބިފައިވާ ތަންތަނާއި، ތަކެއްޗާއި، ބިމާއި، ރުއްގަސް އެ ދެ މީހުންނަށް މިލްކުވާނީ، ޝަހީމާ މުޙައްމަދު އިބްރާހީމްގެ ފަރާތުން 142,971.75 (އެއްލައްކަ ސާޅީސް ދެހާސް ނުވަސަތޭކަ ހަތްދިހަ އެއްރުފިޔާ ހަތްދިހަ ފަސްލާރި) އާއި، އަޙްމަދު ޝިޔާމުގެ ފަރާތުން 118,564.76 (އެއްލައްކަ އަށާރަހާސް ފަސްސަތޭކަ ފަސްދޮޅަސް ހަތަރު ރުފިޔާ ހަތްދިހަ ހަ ލާރި) ޢަލީ ޝަހީމަށް ދައްކާ ޚަލާސްކުރުމަށް ކަމަށާއި، އެ ފައިސާ ޙުކުމްކުރި ތާރީޚުން ފެށިގެން 01 (އެކެއް) މަސް ދުވަހުގެ ތެރޭގައި ކ. މާފުށީ މެޖިސްޓްރޭޓް ކޯޓް މެދުވެރިކޮށް ޝަހީމާ މުޙައްމަދު އިބްރާހީމް އާއި، އަޙްމަދު ޝިޔާމްގެ ފަރާތުން ޢަލީ ޝަހީމަށް ދައްކާ ޚަލާސްކުރުމަށާއި، އެގޮތުގެމަތިން ކ. މާފުށީ ބުލްބުލާގޭ، އަލްމަރްޙޫމް މުޙައްމަދު އިބްރާހީމް (ގުޖަޑު ދޮންމަނިކު) ގެ ތަރިކަ ބަހައި ނިމިފައިވާކަމަށް ކަނޑައަޅާފައިވާކަން އެނގެން އޮންނަ އޮތުމެވެ.
[9](ށ) ދެވަނަ ކަމަކީ، އިސްވެ ބަޔާންވެދިޔަ (ކ. މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 32/H-12-C/2010) ޤަޟިއްޔާގެ ޙުކުމް ރަނގަޅުނޫންކަމަށް ދެކިގެން، ޢަލީ ޝަހީމްގެ ފަރާތުން އެ ޤަޟިއްޔާ ހައިކޯޓުގައި އިސްތިއުނާފުކުރުމުން، ހައިކޯޓުގެ ނަންބަރު 2012/HC-A/87 ޤަޟިއްޔާގައި؛ ކ. މާފުށީ ކޯޓުގެ ނަންބަރު 17/H-12-C/81 ޤަޟިއްޔާގެ ޙުކުމް ބާޠިލްކަމަށް ކަނޑައަޅައި، އަލްމަރްޙޫމް މުޙައްމަދު އިބްރާހީމް (ގުޖަޑު ދޮންމަނިކު) ގެ ތަރިކައިގެ މައްސަލަ އަލުން ބެލުމަށް ހައިކޯޓުގެ ނަންބަރު 2008/HC-A/122 ގެ ޤަޟިއްޔާއިން ޙުކުމްކުރި ހަމައެކަނި ސަބަބަކީ، ކ. މާފުށީ ކޯޓުގެ ނަންބަރު 17/H-12-C/81 ޤަޟިއްޔާގެ ރިޕޯޓުގައި، އެ ޤަޟިއްޔާ ބަލައި ނިންމިއިރު، ކ. މާފުށި "ބުލްބުލާގެ" ހުރި ގޯތި، ޢަލީ ޝަހީމަށް ރަޖިސްޓްރީކޮށްދީފައިވާކަމަށް ބަޔާންކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން އެކަން ސާބިތުވާނެ އެއްވެސް ހެއްކެއް ނެތިކަން ޝަރީޢަތަށް ސާބިތުވުން ކަމަށްވާތީއާއި، އަލުން އެ ތަރިކައިގެ މައްސަލަ ބަލާއިރު ގޮތެއް ކަނޑައަޅަންޖެހިފައިވާ ހަމައެކަނި ކަމަކީ ކ. މާފުށީ "ބުލްބުލާގެ" އެވެ ކިޔާ ގޯތީގެ ބިމުން ލިބޭ އަދި ބިމުން ބޭނުންވާ ވާރިޘުންގެ މެދުގައި ބިން ބައިކުރުމުގެ ގޮތުން ކުރަންޖެހޭ ކަމެއް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެމަތިން ފުރިހަމަކޮށް ނިންމުންކަމަށްވާތީ، ކ. މާފުށީ ކޯޓުގެ ނަންބަރު 17/H-12-C/81 ޤަޟިއްޔާއިން ބަހައި ނިމިފައިވާ އަލްމަރްޙޫމް މުޙައްމަދު އިބްރާހީމް (ގުޖަޑު ދޮންމަނިކު) ގެ ތަރިކައިގައި ހިމެނޭ (ގޯތީގެ ބިންފިޔަވައި) އެހެނިހެން ތަކެތި، ކ. މާފުށީ ކޯޓުގެ ނަންބަރު 17/H-12-C/81 ގައި އަގުމަގު ކޮށްފައިވާގޮތާއި ޚިލާފަށް، މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 32/H-12-C/2010 ޤަޟިއްޔާގައި އަގުމަގުކޮށް، ވާރިޘުންގެ މެދުގައި އެ އަގު ހަމަޖައްސާފައިވާ ގޮތް، ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާކަމަށް އެ މައްސަލަ ބެލި ހައިކޯޓުގެ ފަނޑިޔާރުންނަށް ނުފެނުނު ހިނދު، މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 32/H-12-C/2010 ޤަޟިއްޔާގެ ޙުކުމުގެ އެބައި ބާޠިލުކޮށް، އަދި ކ. މާފުށީ ބުލްބުލާގެ އެވެ ކިޔާ ބަންޑާރަ ގޯތީގައިވާ ޢިމާރާތްތަކާއި، ވަޅުފަދަތަންތަނާއި، ތަކެއްޗާއި، ރުށްގަހުގެ ތެރެއިން ޝަހީމާ މުޙައްމަދު އިބްރާހީމަށް ގޯތީގެ ދެކުނު ފަރާތު މަގުމައްޗަށްވީ ބައިގައި އޮތް 41’.6’x27” ބިމުގައިވާ ތަންތަނާއި، ތަކެއްޗާއި، ބިމާއި، ރުއްގަސް ލިބިފައިވާކަމަށާއި، ގޯތީގެ މެދުން 33’x35’ ގެ ބިމުގައިވާ ތަންތަނާއި، ބިމާއި، ތަކެތި އަޙްމަދު ޝިޔާމަށް ލިބިފައިވާކަމަށާއި، ގޯތީގެ އުތުރު ފަރާތު ބިއްދޮށުގައި އޮތް 33’x35’ ގެ ބިމުގައިވާ ތަކެއްޗާއި، ބިމާއި، ރުއްގަސް ޢަލީ ޝަހީމަށް ލިބިފައިވާ ކަމަށް ކަނޑައަޅައި، ޝަހީމާ މުޙައްމަދު އިބްރާހީމްއާއި، އަހްމަދު ޝިޔާމަށް ލިބިފައިވާ ތަންތަނާއި، ތަކެއްޗާއި، ބިމާއި، ރުއްގަސް އެ ދެ މީހުންނަށް މިލްކުވާނީ، ޝަހީމާ މުޙައްމަދު އިބްރާހީމްގެ ފަރާތުން 142,971.75 (އެއްލައްކަ ސާޅީސް ދެހާސް ނުވަސަތޭކަ ހަތްދިހަ އެއްރުފިޔާ ހަތްދިހަ ފަސްލާރި) އާއި، އަޙްމަދު ޝިޔާމުގެ ފަރާތުން 118,564.76 (އެއްލައްކަ އަށާރަހާސް ފަސްސަތޭކަ ފަސްދޮޅަސް ހަތަރު ރުފިޔާ ހަތްދިހަ ހަލާރި) ޢަލީ ޝަހީމަށް ދައްކައި ޚަލާސްކުރުމުން ކަމަށާއި، އެ ފައިސާ 26 މެއި 2011 ވަނަ ދުވަހުން ފެށިގެން 01 (އެކެއް) މަސް ދުވަހުގެ ތެރޭގައި، ކ. މާފުށީ މެޖިސްޓްރޭޓް ކޯޓް މެދުވެރިކޮށް ޝަހީމާ މުޙައްމަދު އިބްރާހީމް އާއި، އަޙްމަދު ޝިޔާމްގެ ފަރާތުން ޢަލީ ޝަހީމަށް ދައްކައި، ޚަލާޞްކުރުމަށް އެ ދެ މީހުންނަށް އަންގައި، އެ ޤަޟިއްޔާގައި ކޮށްފައިވާފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތަށް ކޮށްފައިވާ ޙުކުމެއްކަމަށް ހައިކޯޓުގެ އެ ޤަޟިއްޔާ ބެލި ފަނޑިޔާރުންނަށް އިއްތިފާޤު ވެވިފައިވާތީ، މާލެ އަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 32/H-12-C/2010 ޤަޟިއްޔާގެ ޙުކުމުގެ އެބަޔަށް ތާއީދުކޮށް ހައިކޯޓުން ޙުކުމްކޮށްފައިވާކަން އެނގެން އޮންނަ އޮތުމެވެ.
[10](ނ) ތިންވަނަ ކަމަކީ، ހައިކޯޓުގެ ނަންބަރު 2008/HC-A/122 ޤަޟިއްޔާއިން ކ. މާފުށީ ކޯޓު ނަންބަރު 17/H-12-C/81 ޤަޟިއްޔާގެ ޙުކުމް ބާޠިލްކަމަށް ކަނޑައަޅައި ކޮށްފައިވާ ޙުކުމަކީ، ކަނޑައެޅި ނިޔާގެ ބާރުލިބިފައިވާ، ފައިސަލާކުރަނިވި ޙުކުމަކަށްވެފައިވާކަން އެނގެން އޮތުމުގެ އިތުރަށް، އެ ޙުކުމާ އެއްގޮތްވާ ގޮތުގެމަތިން އަލުން އެ ތަރިކައިގެ މައްސަލަ ކ. މާފުށީ ކޯޓަށް ހުށަހެޅި، އެ ކޯޓުން ބަލައި ނިންމާފައިވާކަން އެނގެން އޮންނަކަމާއި، ހައިކޯޓުގެ ނަންބަރު 2008/HC-A/122 ޤަޟިއްޔާގައި، ކ. މާފުށީ ކޯޓުގެ ނަންބަރު 17/H-12-C/81 ޤަޟިއްޔާ ބާޠިލްކަމަށް ކަނޑައަޅާފައިވަނީ، ކ. މާފުށީ ބުލްބުލާގެއެވެ ކިޔާ ގޯތި ޢަލީ ޝަހީމުގެ ނަމަށް ރަޖިސްޓްރީކުރުމުގެ ކުރިން، އެ ގޯތި ރަޖިސްޓްރީކުރެވިފައިވަނީ ޢަލީ ޝަހީމުގެ ބައްޕަ އަލްމަރްޙޫމް މުޙައްމަދު އިބްރާހީމް (ގުޖަޑު ދޮންމަނިކު) ގެ ނަމުގައިކަމަށްވެފައި، ކ. މާފުށީ ކޯޓުގެ ނަންބަރު 17/H-12-C/81 ޤަޟިއްޔާއިން އަލްމަރްޙޫމް މުޙައްމަދު އިބްރާހީމް (ގުޖަޑު ދޮންމަނިކު) ގެ ތަރިކައިގެ މައްސަލަ ބަލައި ނިންމިއިރު، ކ. މާފުށީ ބުލްބުލާގެ ހުރި ގޯތި ޢަލީ ޝަހީމަށް ރަޖިސްޓްރީކޮށްދީފައިވާކަމަށް ބަޔާންކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެމަތިން އެކަން ސާބިތުވާނެ އެއްވެސް ހެއްކެއް ނެތިކަން ޝަރީޢަތަށް ސާބިތުވެފައިވާތީކަން ހައިކޯޓުގެ ނަންބަރު 2008/HC-A/122 ޤަޟިއްޔާގެ ޙުކުމުން އެނގެން އޮންނަ އޮތުމެވެ.
[11](ރ) ހަތަރުވަނަ ކަމަކީ، ކ. މާފުށީ އޮފީހުން ޢަލީ ޝަހީމްގެ ނަމުގައި ކ. މާފުށީ ބުލްބުލާގެއެވެ ކިޔާ ގޯތި ރަޖިސްޓްރީކޮށްފައިވަނީ، އޭރު ހަމަޖެހިފައިވާ ގަވާއިދުތަކާއި އުޞޫލުތަކުގެ މައްޗަށް ރިޢާޔަތްކޮށްކަމަށާއި، އެ ތަނުގައި އެތައް އަހަރެއްވަންދެން ދިރިއުޅުމުގެ ސަބަބުން، ރަނގަޅު ފެންވަރަކަށް ޢަލީ ޝަހީމްގެ ޢާއިލާއަށް ދިރިއުޅެވޭނެ ފެންވަރަކަށް ޢިމާރާތްކޮށްފައިވަނިކޮށް އަދި ދެންތިބި ވާރިޘުންނަށް ކ. މާފުށީ ބިމުން 3500 އަކަފޫޓުގެ ބާންޑާރަ ގޯތިދޫކޮށްފައިވަނިކޮށް، ޢަލީ ޝަހީމަށް ބުލްބުލާގެ ރަޖިސްޓްރީވުމުގެ ސަބަބުން އިތުރު ގޯއްޗެއް ލިބުމަށް އޮތް ފުރުޞަތު ބަންދުވެފައި އޮވެ، ގޯތި 3 ބަޔަށް ބެހުމަށް ޝަރީޢަތުން ނިންމުމަކީ އޭނާގެ ޙައްޤުތައް ނިގުޅެވޭ ގޮތަށް ކޮށްފައިވާ ޙުކުމެއްކަމަށާއި، އެއީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ބުނެ، ޢަލީ ޝަހީމުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާއަށް ބަލާއިރު، ޢަލީ ޝަހީމުގެ ބައްޕަ އަލްމަރްޙޫމް މުޙައްމަދު އިބްރާހީމް (ގުޖަޑު ދޮންމަނިކު) ގެ ތަރިކައިގެ މައްސަލަ، ކ. މާފުށީ ކޯޓުން ބަލައި ނިންމި އެ ކޯޓުގެ ނަންބަރު 17/H-12-C/81 ޤަޟިއްޔާ ހައިކޯޓުގެ ނަންބަރު 2008/HC-A/122 ޤަޟިއްޔާއިން ބާޠިލުކަމަށް ޙުކުމްކޮށް، ކ. މާފުށީ ބުލްބުލާގެއެވެ ކިޔާ ގޯތީގެ ބިމާބެހޭ ގޮތުން ޝަރީޢަތުން އަލުން ގޮތެއް ކަނޑައަޅަންޖެހޭކަމަށް ކަނޑައަޅާފައިވާތީ، އެގޮތުގެމަތިން އެ މައްސަލަ ކ. މާފުށީ ކޯޓަށް ހުށަހެޅުމުން، ކ. މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 32/H-12-C/2010 ޤަޟިއްޔާގައި، ތިން ވާރިޘުންގެ މެދުގައި އެ ގޯތީގެ ބިން ބައިކުރަން ކަނޑައަޅާފައިވުމަކީ، ޢަލީ ޝަހީމު ނުވަތަ މި މައްސަލާގައި ހިމެނޭ އެއްވެސް ވާރިޘަކަށް ގޯއްޗެއް ލިބުމަށް އޮންނަ ފުރުޞަތު ބަންދުވާންޖެހޭ ސަބަބެއް ނޫންކަމާއި، މި ތިން ވާރިޘުންނަށް މި ޙައްޤު އިތުރަށް ކަށަވަރުވުން ފިޔަވައި އެހެން ޤާނޫނީ ނަތީޖާއެއް ނުކުންނަންޖެހޭ ސަބަބެއް ނޫންކަން އެނގެން އޮންނަ އޮތުމެވެ.
[12](ބ) ފަސްވަނަ ކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/87 ޤަޟިއްޔާގެ ޙުކުމަށް ބަލާއިރު، އެ ޙުކުމުގައި ކ. މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 32/H-12-C/2010 ޤަޟިއްޔާގެ ޙުކުމުގައިވާ ތަރިކައިގައި ހިމެނޭ (ގޯތީގެ ބިން ފިޔަވައި) އެހެނިހެން ތަކެތި އަގުމަގު ކުރައްވާފައިވާ ގޮތާގުޅޭ ގޮތުން އެ ޤަޟިއްޔާގެ އެ ބައި ބާޠިލްކަމަށް އޮތް ނުކުތާއަށް ބެލިއިރު، ހައިކޯޓުގެ ނަންބަރު 2008/HC-A/122 ޤަޟިއްޔާގައި ކ. މާފުށީ ކޯޓުގެ ނަންބަރު 17/H-12-C/81 ޤަޟިއްޔާ އެއްކޮށް ބާޠިލްކޮށްފައިވާކަމާއި، އެ ޤަޟިއްޔާގެ ޙުކުމުގައި ކަނޑައަޅައި ބަޔާންކޮށްފައިވަނީ އަލްމަރްޙޫމް މުޙައްމަދު އިބްރާހީމް (ގުޖަޑު ދޮންމަނިކު) ގެ ތަރިކައިގެ މައްސަލަ އަލުން ހުށަހަޅައިފިނަމަ، އަލުން ބެލުންކަމަށްކަން ސާފުކޮށް އެނގެން އޮންނާތީ، ކ. މާފުށީ ކޯޓުގެ ނަންބަރު 17/H-12-C/81 ޤަޟިއްޔާގެ ޙުކުމް ބާޠިލުވުމަށްފަހު، އެ ޙުކުމުގެ އެއްވެސް ބަޔަކަށް އިތުރު ހުއްޖިއްޔަތެއް ލިބެންވާކަމަށް ބެލެވޭފަދަ އަސާސެއް ނެތްއިރު، ކ. މާފުށީ ކޯޓުގެ ނަންބަރު 17/H-12-C/81 ޤަޟިއްޔާގެ ޙުކުމުގެ ބަޔަކަށް ބިނާކޮށް، ކ. މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 32/H-12-C/2010 ޤަޟިއްޔާގައި ތަރިކައިގެ އަގުކޮށްފައިވާގޮތް ރަނގަޅު ނޫންކަމަށްބަލައި، އެ ނޫން މިންގަނޑަކުން އަގުކުރަންޖެހޭފަދަ އަސާސެއް މައްސަލައިގައި ހިމެނޭ ލިޔުންތަކާއި ހެކިތަކުން ސާބިތުކުރެވިފައިނުވާތީ، ކ. މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 32/H-12-C/2010 ޤަޟިއްޔާގެ އެ ބައި ބާޠިލްކަމަށް ކަނޑައަޅާފައި އޮތްއޮތުން ޞައްޙަކަމުގައި ބެލެވެން ނެތްކަމެވެ.
ޙުކުމް:
[13]އިސްވެ ބަޔާންވެދިޔަ ޝަރުޢީ އަދި ޤާނޫނީ ސަބަބުތައް އެގޮތުގެމަތިން ހުރުމާއެކު، ކ. މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 32/H-12-C/2010 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ކުރައްވާފައިވާ ޙުކުމަކަށްވާތީ، އެ ޙުކުމަކީ ޞައްޙަ ޙުކުމެއްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައެޅުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/87 ޤަޟިއްޔާގެ ޙުކުމުގައި، ކ. މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 32/H-12-C/2010 ޤަޟިއްޔާގައި އަލްމަރްޙޫމް މުޙައްމަދު އިބްރާހީމް (ގުޖަޑު ދޮންމަނިކު) ގެ ތަރިކައިގައި ހިމެނޭ (ގޯތީގެ ބިން ފިޔަވައި) އެހެނިހެން ތަކެތި އަގުކުރައްވައި ވާރިޘުންގެ މެދުގައި އެ އަގު ހަމަޖައްސަވާފައިވާގޮތް ރަނގަޅު ނޫންކަމަށް އެ ޤަޟިއްޔާގައި ކަނޑައަޅައި، ކ. މާފުށީ މެޖިސްޓްރޭޓު ކޯޓުގެ ނަންބަރު 32/H-12-C/2010 ޤަޟިއްޔާގެ ޙުކުމުގެ އެ ބައި ބާޠިލްކަމަށް ކަނޑައަޅާފައިވަނީ ރަނގަޅަށް ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންނަށް ނުފެންނާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/87 ޤަޟިއްޔާގެ ޙުކުމުގެ އެ ބައި ބާޠިލްކޮށް މި ޤަޟިއްޔާ ނިންމީއެވެ.
އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު
ފަނޑިޔާރު ޢަބްދުﷲ ޢަރީފް
ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/122 ޤަޟިއްޔާ
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.