—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 2013/SC-A/50 2013/SC-A/51,
ދަޢުވާކުރާ ފަރާތް: 1. ޢަލީ ރަޝީދު
2. މުޙައްމަދު މުޙާޒު ޙަމީދު
ދަޢުވާ ލިބޭ ފަރާތް: މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
މައްސަލައިގެ ބާވަތް: ފައިސާ ހޯދުން
މައްސަލަ އައިގޮތް: އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚް: 12 ސެޕްޓެމްބަރު 2013
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 20 ނޮވެމްބަރު 2013
ނިމުނު ތާރީޚް: 23 އޮކްޓޫބަރު 2019
މައްސަލަ ނިންމި ގަޑި: 13:56
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު،ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ
ނަންބަރު: 2012/HC-A/201, 2012/HC-A/247
ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 15އޮގަސްޓު 2012، 10 ޖުލައި 2012
ނިމުނު ތާރީޚް:20 މޭ 2013
މައްސަލައިގެ ޚުލާޞާ
މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/247 ޤަޟިއްޔާ އާއި ހައިކޯޓުގެ ނަންބަރު 2012/HC-A/201 ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އެ ޤަޟިއްޔާ އިސްތިއުނާފުކުރުމުން އެއް މައްސަލައެއްގެ ގޮތުގައި ހިންގުނު ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި ދަޢުވާ ރައްދުވާ ފަރާތަކީ، މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އެވެ.
އަދި ބުނެވިދިޔަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/247 ޤަޟިއްޔާއާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/201 ޤަޟިއްޔާއަކީ، ސިވިލް ކޯޓުގެ ނަންބަރު 133/Cv-C/2011 ޤަޟިއްޔާ ނިންމާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތް ނުވާކަމަށް ބުނެ، މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެއް ކަމާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/247 ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވި ފަރާތަކީ، ޢަލީ ރަޝީދު އާއި، މުޙައްމަދު މުޙާޒު ޙަމީދު އެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/201 ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވި ފަރާތަކީ މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕވޓ ލޓޑ އެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/247 ޤަޟިއްޔާ އާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/201 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވާގޮތް، ޝަރުޢީ އަދި ޤާނޫނީ ގޮތުން ރަނގަޅު ނޫންކަމަށް ބުނެ، ޢަލީ ރަޝީދު އާއި، މުޙައްމަދު މުޙާޒު ޙަމީދުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ސަބަބުތަކަށް ބެލިއިރު، މި ދެ ޤަޟިއްޔާގެ މައުޟޫޢަކީ އެއް މައުޟޫޢެއްކަމާއި، މި ދެ ޤަޟިއްޔާގެ ދަޢުވާ ބިނާކުރެވުނު ސަބަބުތަކަކީ އެއްކަހަލަ ސަބަބުތަކެއްކަމާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ބުނެވުނު ދެ ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވި ޢަލީ ރަޝީދު އާއި، މުޙައްމަދު މުޙާޒު ޙަމީދުގެ ފަރާތުން ސުޕްރީމް ކޯޓުގެ މި ދެ ޤަޟިއްޔާ އެއް ޤަޟިއްޔާގެ ގޮތުގައި ހިންގައިދިނުމަށް ޝަރީޢަތުގެ މަޖިލީހުގައި އެދިފައިވެއެވެ.
ފާހަގަކުރެވުނު ނުކުތާތައް:
01- ސިވިލް ކޯޓުގެ ނަންބަރު 133/Cv-C/2011 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ، މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އާއި، ޢަލީ ރަޝީދުއާއި ދެމެދު 30 އޮގަސްޓް 2007 ގައި ނަންބަރު 07080547 ފައިނޭންސް ލީސް އެގްރީމެންޓެއް ކުރެވި، މި އެގްރީމެންޓްގެ ދަށުން ރަޖިސްޓްރީ ނަންބަރު C8993A-01 10T"ޢާލިމް-1" އެވެ ކިޔާ އުޅަނދު، އެމް.އެފް.އެލް.ސީ އިން ފައިސާ ދެއްކުމަށްފަހު ޢަލީ ރަޝީދަށް ލީސް ކޮށްދެވިފައިވާ އެއްބަސްވުމާއި ޢަލީ ރަޝީދު ޚިލާފުވެ ޢަލީ ރަޝީދު އެމް.އެފް.އެލް.ސީ އަށް ދައްކަންޖެހޭ ފައިސާ ދައްކާފައި ނުވާތީއާއި، ގެރެންޓަރުގެ ޙައިޘިއްޔަތުން މުޙައްމަދު މުޙާޒު ޙަމީދުގެރެންޓަރުގެ އެއްބަސްވުމުގެދަށުން އުފުލަންޖެހޭ ޒިންމާ އުފުލާފައިނުވާތީ، 9 ޖެނުއަރީ 2011 ގެ ނިޔަލަށް ލީސް އެގްރީމެންޓުގެ ދަށުން ޢަލީ ރަޝީދު ދައްކަންޖެހި ނުދައްކައިވާ ލީސްޕޭމަންޓާއި، ޖޫރިމަނާއާއި، ލިކުއިޑޭޓެޑް ޑެމެޖަސްއާއި، ޤާނޫނީ ވަކީލުންގެ ފީއާއި، ކޯޓުފީއާއެކު، އެމް.އެފް.އެލް.ސީ އަށް ލިބެންޖެހޭ 1,191,953/53 (އެއްމިލިއަން އެއްލައްކަ ނުވަދިހަ އެއްހާސް ނުވަސަތޭކަ ފަންސާސް ތިން ރުފިޔާ ފަންސާސް ތިން ލާރި) ހޯދުމަށް ޢަލީ ރަޝީދުއާއި މުޙައްމަދު މުޙާޒު ޙަމީދުގެ މައްޗަށް އެމް.އެފް.އެލް.ސީ އިން ދަޢުވާ ކުރުމުން ބަލާފައިވާ ޤަޟިއްޔާއެއްކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮންނަކަމާއި،
ސިވިލް ކޯޓުގެ ނަންބަރު 133/Cv-C/2011 ޤަޟިއްޔާ ބަލައި ކޮށްފައިވާ ޙުކުމުގައި، "ދެންފަހެ، މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން (މީގެފަހުން "އެމް.އެފް.އެލް.ސީ" ކަމަށް ބުނެފައިވާ ފަރާތުން( ޢަލީ ރަޝީދު (ދ.ރ.ކާޑް: އާއި، މުޙައްމަދު މުޙާޒު ޙަމީދު (ދ.ރ.ކާޑް: ގެ މައްޗަށް ކޮށްފައިވާ މި ދަޢުވާ ޝަރީޢަތުން ބެލިއިރު،
އެމް.އެފް.އެލް.ސީ އާއި ޢަލީ ރަޝީދު އާއި ދެމެދު 30 އޮގަސްޓް 2007 ގައި ނަންބަރު 07080547 ފައިނޭންސް ލީސް އެގްރީމެންޓެއް ކުރެވި، މިއެގްރީމެންޓްގެ ދަށުން ރަޖިސްޓްރީ ނަންބަރު C8993A-01 10T "އާލިމް-1" އެވެ ކިޔާ އުޅަނދު، އެމް.އެފް.އެލް.ސީ އިން ފައިސާ ދެއްކުމަށްފަހު ޢަލީ ރަޝީދަށް ލީސްކޮށްދެވުނުކަމާއި، އެއްބަސްވުމުގައި ޢަލީ ރަޝީދު ވަކި އިލްތިޒާމުތަކެއް އުފުލުމަށް އެއްބަސްވެފައި ވާކަމާއި، އެއްބަސްވުމުގެ ބައިވެރިއެއްގެ ޙައިޘިއްޔަތުން ޢަލީ ރަޝީދު އުފުލަން ޢަޤުދުކޮށްފައިވާ އިލްތިޒާމްތައް ޢަލީ ރަޝީދު ނުއުފުލައިފިނަމަ، އެ އިލްތިޒާމްތައް އުފުލުމަށް ގެރެންޓަރުގެ އެއްބަސްވުމުގެ ދަށުން މުޙައްމަދު މުޙާޒު ޙަމީދު އެއްބަސްވެފައިވާކަން އެނގެން އޮތުމާއި،
މިމުޢާމަލާތާއި ގުޅިގެން ދައްކަންޖެހޭ ފައިސާ އެއްބަސްވެފައިވާ ގޮތުގެ މަތިން ދައްކާފައިނުވާކަން ދެފަރާތުގެ ބަހުންނާއި ހުށަހެޅިފައިވާ ލިޔުންތަކުން ސާބިތުވާކަމާއި، ލީސް އެގްރީމެންޓާއި އެއްގޮތްވާގޮތުގެ މަތިން ދައްކަންޖެހޭ ފައިސާ ދައްކާފައިނުވުމުގެ ސަބަބުން ލީސް ކުރި ކުރުން ބާޠިލުކޮށް، ލީސް އެގްރީމެންޓްގެ 17.2 ވަނަ މާއްދާގެ ދަށުން އެމް.އެފް.އެލް.ސީ އަށް ލިބިގެންވާ އިޚްތިޔާރުގެ ދަށުން ލީސްކުރެވުނު "އާލިމް-1" އެވެ ކިޔާ އުޅަނދު އެމް.އެފް.އެލް.ސީ އާއި ޙަވާލުކުރުމަށް އެމް.އެފް.އެލް.ސީ އިން ޢަލީ ރަޝީދަށް އަންގާފައިވާކަމާއި، ޢަލީ ރަޝީދު މިއުޅަނދު އެމް.އެފް.އެލް.ސީއާ ޙަވާލުކުރަން އުޅުމުން، އެމް.އެފް.އެލް.ސީ އިން ޙަވާލުވެފައި ނުވަނީ ލީސް ކުރެވިފައިވާ އުޅަނދު އަނބުރާ ޙަވާލުކުރުމަށް އެއްބަސްވުމުގެ 22 ވަނަ މާއްދާގައި ބަޔާންވެގެންވާ ގޮތުގެ މަތިން އުޅަނދު ލީސް ކުރެވުނުއިރު، އޮތް ކޮންޑިޝަންގައި ޙަވާލުކޮށްފައި ނުވާތީ ކަމަށް އެމް.އެފް.އެލް.ސީ އިން ބުނެފައިވުމާއި، އުޅަނދު ލީސް ކުރެވުނުއިރު، އޮތް ކޮންޑިޝަނުގައި އެމް.އެފް.އެލް.ސީ އަންގާ ތަނަކަށް އުޅަނދު ގެންގޮސް ޙަވާލުކުރާނަމަ ޙަވާލުވާނެ ކަމަށް އެމް.އެފް.އެލް.ސީ އިން ބުނެފައިވުމާއި، ޢަލީ ރަޝީދު އެމް.އެފް.އެލް.ސީ އާއި އުޅަނދު ޙަވާލުކުރަން އުޅުނީ އެއްބަސްވުމުގެ 22 ވަނަ މާއްދާގައި ބަޔާންވެގެންވާ ގޮތަށްކަން ޢަލީ ރަޝީދު ސާބިތުކޮށްދީފައި ނުވާތީ، އުޅަނދާއި ޙަވާލުވާން އެމް.އެފް.އެލް.ސީ އަށް ޝަރީޢަތުން އަންގާނެ ތަނެއް ނެތުމާއި،
އެއްބަސްވުމުގައިވާގޮތުން، އެއްބަސްވުމުގެ 17.1 ވަނަ މާއްދާގެ (ބީ) ގައި ބަޔާންވެގެންވާ ޙާލަތެއް ދިމާވެއްޖެ ނަމަ؛ ނުވަތަ އެއްބަސްވުމާއި "ލެސީ" (ނުވަތަ މުދާ ގެންދިޔަ ފަރާތް) ޚިލާފުވެފައިވާނަމަ އެއްބަސްވުން ބާޠިލުކުރަން ބޭނުންވާކަން "ލެސީ" އަށް ލިޔުމުން އަންގައި، އޭގެފަހުންވެސް އެއްބަސްވުމުގައިވާ ފަދައިން ފައިސާ ދެއްކުމަށް ނުވަތަ އެއްބަސްވުމާއި ޚިލާފަށް ކޮށްފައިވާ އެހެންވެސް ކަމެއްވެސް ރަނގަޅުކުރުމަށް "ލެސީ" ނުކުޅެދިއްޖެނަމަ؛ ނުވަތަ "ލެސީ" ގެ ފަރާތުން އެއްބަސްވުމުގެ ޖައުހަރީ މާއްދާއަކާއި ޚިލާފުވެއްޖެނަމަ، އެއްބަސްވުމުގެ 17.2 ވަނަ މާއްދާގެ ދަށުން އެއްވެސް އިތުރު ނޯޓިސްއަކާ ނުލައި، "ލެސީ" އެއްބަސްވުމާއި ޚިލާފުވީކަމުގައި ބަލައި، އެއްބަސްވުން ބާޠިލުކުރުމުގެ ޙައްޤު އެމް.އެފް.އެލް.ސީ އަށް ލިބިގެންވާކަމަށް އެއްބަސްވުމުގައި ބަޔާން ވެގެންވުމާއި،
އެއްބަސްވުމުގެ 17.2 ވަނަ މާއްދާގެ (އޭ) ގެ ދަށުން، "ލެސީ" ގެ ފަރާތުން އެހާތަނަށް ދައްކަންޖެހި ނުދެއްކިވާ ފައިސާއާއި، އެފައިސާ އެއްބަސްވެފައިވާ ގޮތަށް އަދާ ނުކުރުމުގެ ސަބަބުން ދައްކަންޖެހޭ ޖޫރިމަނާ ފައިސާއާއި، އެފައިސާ ހޯދުމަށް ޚަރަދުކުރަންޖެހުނު އެންމެހާ ފައިސާ ހޯދުމުގެ ޙައްޤު "ލެސޯ" އަށް ލިބިގެންވާކަން އެނގެން އޮތުމާއި، އެއްބަސްވުމުގެ 17.4 ވަނަ މާއްދާގެ ދަށުން، އެއްބަސްވުމާއި "ލެސީ" ޚިލާފުވާ ޙާލަތުގައި، އެފަދަ ޚިލާފުވުމެއްގެ ސަބަބުން ޤާނޫނީ ފިޔަވަޅު އަޅަން ޖެހިއްޖެ ޙާލަތެއްގައި އެކަމަށްދާ ޚަރަދާއި، ދޫކުރެވުނު މުދާ ލިބިގަތުމަށްޓަކައި އަދި އެހެނިހެން ގޮތްގޮތުން "ލެސޯ" ގެ ޙައްޤުތައް ލިބިގަތުމަށްޓަކައި ކުރެވޭ އެހެން ޚަރަދުތަކަށްވާ ފައިސާ "ލެސީ" ގެ ފަރާތުން ދެއްކުމަށް އެއްބަސްވެފައިވާކަން އެނގޭކަމާއި، އެއްބަސްވުން ބާޠިލުކޮށްފައިވަނީ އެއްބަސްވެފައިވާ ފަދައިން "ލެސީ" ފައިސާ ނުދެއްކުމުގެ ސަބަބުންކަން ހުށަހެޅިފައިވާ ބަޔާންތަކުންނާއި ލިޔުންތަކުން އެނގެން އޮތުމުން،
އެއްބަސްވުން 21 ޖޫން 2010 ދުވަހު ބާޠިލުކުރުމާ ހަމައަށް ލީސް ރެންޓަލްސްގެ ގޮތުގައި ޢަލީ ރަޝީދުގެ ފަރާތުން އެމް.އެފް.އެލް.ސީ އަށް ދައްކަންޖެހި ނުދައްކައި އޮތް 1,060,051/-ރ. (އެއްމިލިއަން ފަސްދޮޅަސްހާސް ފަންސާސް އެއް ރުފިޔާ) އާއި، އެއްބަސްވުމާއި އެއްގޮތަށް ފައިސާ ނުދެއްކުމުގެ ސަބަބުން އެއްބަސްވުމުގެ ޝެޑިއުލް 14 ގެ ދަށުން ގެއްލުމުގެ ބަދަލުގެގޮތުގައި އެމް.އެފް.އެލް.ސީ އަށް ޢަލީ ރަޝީދުގެ ފަރާތުން ދައްކަން ޖެހޭ 13,764/73ރ. (ތޭރަހާސް ހަތްސަތޭކަ ފަސްދޮޅަސް ހަތަރު ރުފިޔާ ހަތްދިހަ ތިން ލާރި) އާއި، އެމް.އެފް.އެލް.ސީ އިން ޤާނޫނީ ވަކީލެއްގެ އެހީ ހޯދުމަށް ޚަރަދުވި 26,000/-ރ. (ސައްބީސް ހާސް ރުފިޔާ) އާއި ކޯޓުފީއެއްގެ ގޮތުގައި ދެއްކި 25/-ރ. (ފަންސަވީސް ރުފިޔާ) އާއި، އެކުޖުމްލަ 1,099,840/73ރ. (އެއްމިލިއަން ނުވަދިހަ ނުވަހާސް އަށްސަތޭކަ ސާޅީސް ރުފިޔާ ހަތްދިހަ ތިން ލާރި) އަކީ ޢަލީ ރަޝީދުއާއި، މުޙައްމަދު މުޙާޒު ޙަމީދު އެމް.އެފް.އެލް.ސީ އަށް ދައްކަންޖެހޭ ފައިސާކަމަށް ކަނޑައަޅައި،
މި ބުނެވިދިޔަ 1,099,840/73ރ. (އެއްމިލިއަން ނުވަދިހަ ނުވަހާސް އަށްސަތޭކަ ސާޅީސް ރުފިޔާ ހަތްދިހަ ތިން ލާރި) އެމް.އެފް.އެލް.ސީ އަށް ލިބިދިނުމަށްޓަކައި 02 އެޕްރީލް 2012 އިން ފެށިގެން 12 (ބާރަ) މަސްދުވަހުގެ ތެރޭގައި، ކޮންމެ މަހަކުވެސް އެމަހަކަށްޖެހޭ މިންވަރަށްވުރެ މަދުނޫން ޢަދަދެއް ސިވިލް ކޯޓަށް ދައްކައި ޚަލާސް ކުރުމަށް، ޢަލީ ރަޝީދު އާއި، މއ. ފުލޫނިޔާ، މާލެ، މުޙައްމަދު މުޙާޒު ޙަމީދުއަށް އަންގައި" ޙުކުމްކޮށް، އެ ޤަޟިއްޔާ ނިންމާފައިވާކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮންނަކަމެވެ.
02- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/247 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު އެ ޤަޟިއްޔާއަކީ، ސިވިލް ކޯޓުގެ ނަންބަރު 133/Cv-C/2011 ޤަޟިއްޔާ ނިންމާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތް ނުވާކަމަށް ބުނެ، މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެއް ކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/247 ޤަޟިއްޔާ ބަލައި ކޮށްފައިވާ ޙުކުމުގައި "ދެންފަހެ އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ސަބަބުތައް އެގޮތުގެ މަތިން ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 133/Cv-C/2011 ޤަޟިއްޔާގައި މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕވޓ ލޓޑ ގެ ފަރާތުން ހޯދުމަށް ދަޢުވާކުރި ފައިސާގެ ތެރެއިން ލިކުއިޑޭޓެޑް ޑެމެޖަސްގެ ގޮތުގައި ހޯދުމަށް ދަޢުވާކޮށްފައިވާ 92,112/80ރ. (ނުވަދިހަ ދެ ހާސް އެއްސަތޭކަ ބާރަ ރުފިޔާ އަށްޑިހަ ލާރި) ނަގައި ދެވޭނެ ތަނެއް ނެތްކަމަށް ނިންމާފައިވާ ނިންމުން ބާޠިލުކޮށް، މި ދެފަރާތުގެ ދެމެދުގައި ކުރެވިފައިވާ ލީޒް އެގްރީމެންޓްގެ 18 ވަނަ މާއްދާއާއި، އެ މާއްދާގައި ޙަވާލާދީފައިވާ ޝެޑިއުލްގެ އައިޓަމް (14) ގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން ލިކުއިޑޭޓެޑް ޑެމެޖަސްއަކީ އެގްރީމެންޓްގެ ދަށުން ނަގައިދެވޭނެ ފައިސާއެއްކަން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި، ސިވިލް ކޯޓުގެ ނަންބަރު 133/Cv-C/2011 ޤަޟިއްޔާގައި ލިކުއިޑޭޓެޑް ޑެމެޖަސްގެ ގޮތުގައި މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕވޓ ލޓޑ ގެ ފަރާތުން ހޯދުމަށް ދަޢުވާކުރި 92,112/80ރ. (ނުވަދިހަ ދެ ހާސް އެއްސަތޭކަ ބާރަ ރުފިޔާ އަށްޑިހަ ލާރި) އަކީ، ޢަލީ ރަޝީދުއާއި، މުޙައްމަދު މުޙާޒު ޙަމީދު މޯލްޑިވްސް ފައިނޭންސ ލީސިންގ ކޮމްޕެނީ ޕވޓ ލޓޑ އަށް ދައްކަންޖެހޭ ފައިސާއެއް ކަމަށް ކަނޑައަޅައި، މިފައިސާ (20 މެއި 2013) ން ފެށިގެން 01 (އެކެއް) މަސް ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކާ ޚަލާޞްކުރުމަށް ޢަލީ ރަޝީދު އާއި، މުޙައްމަދު މުޙާޒު ޙަމީދަށް އަންގާ" އެ ޤަޟިއްޔާގައި ޙުކުމް ކޮށްފައިވާކަން އެނގެން އޮވެއެވެ.
03- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/201 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު އެ ޤަޟިއްޔާއަކީ، ސިވިލް ކޯޓުގެ ނަންބަރު 133/Cv-C/2011 ޤަޟިއްޔާ ނިންމާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތް ނުވާކަމަށް ބުނެ، ޢަލީ ރަޝީދު އާއި، މުޙައްމަދު މުޙާޒު ޙަމީދުގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެއް ކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/201 ޤަޟިއްޔާ ބަލައި ކޮށްފައިވާ ޙުކުމުގައި، "ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންތައްތައް އެގޮތުގެ މަތިން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 133/Cv-C/2011 ޤަޟިއްޔާގައި އެ ކޯޓުން ކުރައްވާފައިވާ ޙުކުމް އިސްތިއުނާކުރުމަށް ޢަލީ ރަޝީދުއާއި މުޙައްމަދު މުޙާޒު ޙަމީދުގެ ފަރާތުން ހުށަހެޅި ނުކުތާތަކުގެ މައްޗަށް ބިނާކޮށް އެ ޙުކުމަށް ބަދަލުގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ވިޔަސް ފެންނަން ނެތްކަމަށް މި މައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވިފައިވާތީ، ސިވިލް ކޯޓުގެ ނަންބަރު 133/Cv-C/2011 ޤަޟިއްޔާގައި އެ ކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަދަލެއް ގެންނަންޖެހޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި" އެ ޤަޟިއްޔާގައި ޙުކުމް ކޮށްފައިވާކަން އެނގެން އޮވެއެވެ.
04- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/247 ޤަޟިއްޔާއާއި ސިވިލް ކޯޓުގެ ނަންބަރު 133/Cv-C/2011 ޤަޟިއްޔާ ނިންމާފައިވަނީ ޝަރީޢަތާ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ، ޢަލީ ރަޝީދު އާއި، މުޙައްމަދު މުޙާޒު ޙަމީދުގެ ފަރާތުން ހައިކޯޓުގެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަމުން 07 (ހަތެއް) ނުކުތާއެއް ފާހަގަކޮށް، އެ ނުކުތާތަކާމެދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ، ސިވިލް ކޯޓުގެ ނަންބަރު 133/Cv-C/2011 ޤަޟިއްޔާ އިން ކުރި ޙުކުމާމެދު ހިތްހަމަ ނުޖެހިގެން، ޢަލީ ރަޝީދުއާއި، މުޙައްމަދު މުޙާޒު ޙަމީދުގެ ފަރާތުން މޯލްޑިވްސް ލީސިންގ ފައިނޭންސް ޕވޓ ލޓޑ އަށް ހައިކޯޓުގައި ދަޢުވާ ކުރަމުން ދަނިކޮށް އެމް.އެފް.އެލް.ސީގެ ފަރާތުންވެސް ބުނެވުނު ސިވިލް ކޯޓުގެ ޤަޟިއްޔާގެ ޙުކުމުގެ ބަޔަކާއިމެދު ހިތްހަމަ ނުޖެހިގެން ދަޢުވާއެއް ކުރި ކަމަށާއި، މި ދެ ދަޢުވާ އެއް މައްސަލައެއްގެ ގޮތުގައި ބަލައި ދިނުމަށް އެދުމުންވެސް ހައިކޯޓުން މިމައްސަލަ ނިންމީ ތަފާތު ދެ މައްސަލައިގެ ގޮތުއިކަމަށާއި، އަދި ޢަލީ ރަޝީދާއި މުޙައްމަދު މުޙާޒު ޙަމީދު އިސްތިއުނާފުކުރި މައްސަލަ ހައިކޯޓުން އެ ޙުކުމަށް ތާއީދުކޮށް ޤަޟިއްޔާ ނަންބަރު 2012/HC-A/201 އިން މި ޙުކުމަށް ބަދަލެއް ގެންނަންޖެހޭނެ ތަނެއް ނެތް ކަމުގައި ޙުކުމްކުރި އިރު، ހައިކޯޓުގެ ނަންބަރު 2012/HC-A/247 ޤަޟިއްޔާ އިން ހަމަ ހައިކޯޓުން މި މައްސަލަ ބަލައި އެ ޙުކުމްގެ ބައެއް ބާޠިލު ކޮށްފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ދެވަނަ ނުކުތާއަކީ، މއ. ބިންމަތީގެ، ޢަލީ ރަޝީދު މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ލީސްކޮށްފައިވާ ދެ އުޅަނދުކަމުގައިވާ "މޫންލައިޓް" ކިޔާ އުޅަނދާއި، "ޢާލިމް-1" ކިޔާ އުޅަނދަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން އެ ދެއުޅަނދަށް ޢަލީ ރަޝީދާއި މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ދެމެދުވެވިފައިވާ އެއްބަސްވުން ބާޠިލުކޮށްފައިވަނީ އެއްޙާލަތެއްގައި ހަމަ އެއްދުވަހަކު ކަމަށާއި، އަދި ދެފަރާތުން ދެ އުޅަނދަށްވެސް ކޮށްފައިވަނީ ހުރިހާގޮތަކުންވެސް އެއްގޮތް މުޢާމަލާތެއް ކަމަށާއި، ނަމަވެސް ސިވިލް ކޯޓުގައި މި ދެއުޅަނދުގެ އަގު ހޯދުމަށް މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ކޮށްފައިވާ ދެ ދަޢުވާގެ ދެ ޤަޟިއްޔާކަމުގައިވާ ސިވިލް ކޯޓުގެ ނަންބަރު 133/Cv-C/2011 ޤަޟިއްޔާ އާއި، ނަންބަރު 236/Cv-C/2011 ޤަޟިއްޔާ އެ ކޯޓުގެ ދެ ސެކްޝަނަކުން ނިންމާފައިވަނީ ތަފާތު ދެގޮތަށްކަމާއި މިގޮތުން 133/Cv-C/2011 ނިންމާފައިވަނީ މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއިން އެދުނުގޮތުގެ މަތިން ލިކުއިޑޭޓަޑް ޑެމެޖަސްގެ ފައިސާ ފިޔަވައި ހުރިހާ ފައިސާއެއް ޢަލީ ރަޝީދާއި އަދި މި އެއްބަސްވުމުގެ ގެރެންޓަރު ކަމުގައިވާ މުޙައްމަދު މުޙާޒު ޙަމީދު، ދެއްކުމަށްކަމާއި އެހެނަސް، ދެވަނަ ޤަޟިއްޔާ 236/Cv-C/2011 ނިންމާފައިވަނީ މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އިން އުޅަނދު ވިއްކާލައި ލިބޭ ފައިސާއިން ޢަލީ ރަޝީދު ދައްކަންޖެހޭ ފައިސާއެއް އުނިކުރުމަށްފަހު މެނުވީ ޢަލީ ރަޝީދު ފައިސާއެއް ދައްކަން ނުޖެހޭނެކަމަށް ކަމަށް ބުނެ ހުށަހެޅި ނުކުތާ.
ތިންވަނަ ނުކުތާއަކީ، ސިވިލް ކޯޓުގެ ނަންބަރު 133/Cv-C/2011 ޤަޟިއްޔާ ޢަލީ ރަޝީދު އާއި މުޙައްމަދު މުޙާޒު ޙަމީދު ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުގެ ނަންބަރު 2012/HC-A/201 ޤަޟިއްޔާއިން ސިވިލް ކޯޓުގެ ޙުކުމަށް ތާއީދުކޮށް އެ ޙުކުމަށް ބަދަލެއް ގެންނަން ޖެހޭތަނެއް ނެތްކަމަށް ނިންމާފައިވާ ކަމަށާއި ބަދަލުގެންނާނެ ތަނެއް ނެތްކަމުގައި ކަނޑައެޅި ސިވިލް ކޯޓުގެ ޙުކުމުގައި ލިކުއިޑޭޓެޑް ޑެމެޖަސް ނަގައިދެވެން ނެތްކަމުގައި ބަޔާންކޮށްފައިވާކަމަށާއި ނަމަވެސް ސިވިލް ކޯޓުގެ ނަންބަރު 133/Cv-C/2011 ޤަޟިއްޔާ މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ލިމިޓެޑުން ލިކުއިޑޭޓެޑް ޑެމެޖަސް ހޯދުމަށް އިސްތިއުނާފުކުރުމުން، ސިވިލް ކޯޓުގެ ޙުކުމުގެ އެބައި ބާޠިލުކޮށް ލިކުއިޑޭޓެޑް ޑެމެޖަސް ދެއްކުމަށް ހައިކޯޓުގެ ނަންބަރު 2012/HC-A/247 ޤަޟިއްޔާއިން ޢަލީ ރަޝީދާއި ގެރެންޓަރު މުޙައްމަދު މުޙާޒު ޙަމީދުގެ މައްޗަށް ޙުކުމްކޮށްފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާ.
ހަތަރުވަނަ ނުކުތާއަކީ، ސިވިލް ކޯޓުގެ ނަންބަރު133/Cv-C/2011 ޤަޟިއްޔާގެ އަނެއް ޤަޟިއްޔާ ކަމުގައިވާ ސިވިލް ކޯޓުގެ ނަންބަރު 236/Cv-C/2011 ޤަޟިއްޔާ، ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ ޤަޟިއްޔާ ގެ ޙުކުމް ބާޠިލުކޮށް، މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އިން އެދުނު ފަދައިން ފައިސާ ދެއްކުމަށާއި އެ ދަޢުވާގައި ހިމެނޭ އުޅަނދުވެސް ވިއްކާލުމަށް މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އާ 30 ދުވަހުގެ ތެރޭގައި ޙަވާލުކުރުމަށް ނަންބަރު 2012/HC-A/263 ޤަޟިއްޔާއިން ޙުކުމްކޮށްފައިވާކަމަށާއި، އެހެނަސް ހައިކޯޓުން ސިވިލް ކޯޓުގެ ޙުކުމަށް ތާއީދުކޮށް ނަންބަރު 2012/HC-A/201 ޤަޟިއްޔާ އާއި ނަންބަރު 2012/HC-A/247 ޤަޟިއްޔާ ނިންމިއިރުވެސް އުޅަނދާ ބެހޭގޮތުން ޢަމަލުކުރަންވީ އެއްވެސް ގޮތެއް ޙުކުމުގައި ބަޔާންކޮށްފައި ނުވާ ކަމަށް ބުނެ ހުށަހެޅި ނުކުތާ.
ފަސްވަނަ ނުކުތާއަކީ، މި ޙުކުމް (ސިވިލް ކޯޓުގެ ނަންބަރު133/Cv-C/2011 ޤަޟިއްޔާގެ ޙުކުމް) ތަންފީޛުވެ ނިމިގެން ގޮސްފިނަމަ، މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ރަޖިސްޓްރީކޮށް، ސަލާމަތީ ސެޓްފިކެޓާއި އެހެނިހެން ހުރިހާ ހުއްދައެއް އެފަރާތުގެ ނަމުގައިވާ، އަދި އެފަރާތުން އިންޝުއަރ ކޮށްފައިވާ އެފަރާތުގެ އުޅަނދުވެސް އެފަރާތަށް ލިބި، އަދި އޭގެ ފުރިހަމަ އަގުވެސް އެފަރާތަށް ލިބިގެން ދިޔުމަކީ ޢަދުލު އިންޞާފުން އެއްކިބާވެފައިވާ މުޢާމަލާތެއްކަމުގައި ދެކޭކަމަށް ބުނެ ހުށަހެޅި ނުކުތާ.
ހަވަނަ ނުކުތާއަކީ، ދެ އުޅަނދުގެ މައްސަލަ ސިވިލް ކޯޓުގައި 2 (ދޭއް) ޤަޟިއްޔާ އަދި ހައިކޯޓުގައި 3 (ތިނެއް) ޤަޟިއްޔާގެ ގޮތުގައި ނިމިގެން ދިޔައިރު އެއް ޙުކުމާއި އަނެއް ޙުކުމާ ފުށުއަރާ، ތަފާތު 4 (ހަތަރެއް) ގޮތަކަށް ޙުކުމް ކޮށްފައިވުމުން، މި ޙުކުމްތަކުގައި ބޮޑެތި މައްސަލަތަކެއް ހުރިކަން ފާހަގަކުރާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ހަތްވަނަ ނުކުތާއަކީ، ސިވިލް ކޯޓުގެ ޙުކުމް ހައިކޯޓުގައި އިސްތިއުނާފުކުރިއިރު، އެދިފައިވާ މައްސަލަތަކަށް އެ ޙުކުމުގައި ފުރިހަމައަށް ހައިކޯޓުން ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
05- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/201 ޤަޟިއްޔާ އާއި ސިވިލް ކޯޓުގެ ނަންބަރު 133/Cv-C/2011 ޤަޟިއްޔާގެ ޙުކުމް ބިނާވެގެންވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާ ގޮތަށްކަމަށް ބުނެ މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި ޢަލީ ރަޝީދު އާއި، މުޙައްމަދު މުޙާޒު ޙަމީދުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ސަބަބުތަކަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/247 ޤަޟިއްޔާގައި ވެސް ހުށަހަޅާފައިވާ މަތީގައި ބުނެވުނު ސަބަބުތައް ކަން ފާހަގަކުރެވިފައިވެއެވެ.
06- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/247 ޤަޟިއްޔާ އާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/201 ޤަޟިއްޔާގެ ޙުކުމް ބިނާކޮށްފައިވަނީ، ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށް ބުނެ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރި ޢަލީ ރަޝީދު އާއި، މުޙައްމަދު މުޙާޒު ޙަމީދުގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކަށާއި، މި ޤަޟިއްޔާތަކާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި މައްސަލައިގައި ހިމެނޭ ދެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، މި ޤަޟިއްޔާތަކާ ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ މި ޤަޟިއްޔާތަކާ ގުޅުންހުރި އެންމެހައި ލިޔުންތަކަށާއި، ކަމާގުޅުންހުރި ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކަށާއި، އިސްތިއުނާފު ކޮށްފައިމިވާ ސިވިލް ކޯޓުގެ ނަންބަރު 133/Cv-C/2011 ޤަޟިއްޔާ ގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/247 ޤަޟިއްޔާ އާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/201 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 133/Cv-C/2011 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނީ ނުވަތަ ޝަރުޢީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ އެ ޤަޟިއްޔާގައި ހިމެނޭ ދެފަރާތުންވެސް އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރިކަމާއި، އެގޮތުން، ޢަލީ ރަޝީދުއާއި މުޙައްމަދު މުޙާޒު ޙަމީދު އިސްތިއުނާފުކުރި މައްސަލަ ހައިކޯޓުން ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2012/HC-A/201 ޤަޟިއްޔާއިންކަމާއި، އަދި ހައިކޯޓުގެ ނަންބަރު 2012/HC-A/247 ޤަޟިއްޔާއަކީ މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕވޓ ލޓޑ (މީގެ ފަހުން "އެމް.އެފް.އެލް.ސީ") އިން ސިވިލް ކޯޓުގެ ނަންބަރު 133/Cv-C/2011 ޤަޟިއްޔާ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބަލާފައިވާ ޤަޟިއްޔާއެއްކަމާއި،
ސިވިލް ކޯޓުގެ ނަންބަރު 133/Cv-C/2011 ޤަޟިއްޔާއަކީ އެމް.އެފް.އެލް.ސީ އާއި ޢަލީ ރަޝީދުއާ ދެމެދު 30 އޮގަސްޓް 2007 ގައި ވެވުނު ފައިނޭންސް ލީޒް އެގްރިމެންޓް ނަންބަރު 07080547 ގެ ދަށުން، ރަޖިސްޓަރީ ނަންބަރު C8993A-01 10T "ޢާލިމް-1" ކިޔާ އުޅަނދު ޢަލީ ރަޝީދަށް ލީޒްކޮށްދެވިފައިވާއިރު، އެ އެއްބަސްވުމާ ޢަލީ ރަޝީދު ޚިލާފުވެ، ދައްކަންޖެހޭ ފައިސާ ދައްކާފައިނުވާތީ އެމް.އެފް.އެލް.ސީ އިން ދަޢުވާކުރުމުން ބަލައި ނިންމާފައިވާ މައްސަލައެއްކަމާއި، މުޙައްމަދު މުޙާޒު ޙަމީދަކީ އެ މުޢާމަލާތަށް ގެރެންޓީ ދީފައިވާ ޢަލީ ރަޝީދުގެ ގެރެންޓަރުކަމާއި، އަދި އެ ޤަޟިއްޔާގައި އެމް.އެފް.އެލް.ސީ އިން ހޯދުމަށް އެދިފައިވަނީ ލީޒް އެގްރިމެންޓުގެ ދަށުން ޢަލީ ރަޝީދު ދައްކަންޖެހި ނުދައްކައިވާ ލީޒް ޕޭމަންޓާއި، ޖޫރިމަނާއާއި، ލިކުއިޑޭޓަޑް ޑެމެޖަސްއާއި، ޤާނޫނީ ވަކީލުންގެ ފީ އާއި އަދި ކޯޓު ފީއަށް ވާ ޖުމްލަ ޢަދަދުކަމާއި، އަދި ސިވިލް ކޯޓުން އެ މައްސަލަ ނިންމިއިރު ލިކުއިޑޭޓަޑް ޑެމެޖަސް ފިޔަވައި، އެމް.އެފް.އެލް.ސީ އިން އެދިފައިވާ އެހެން ހުރިހާ ޢަދަދެއް ނަގާދީފައިވާކަމާއި،
ހައިކޯޓުގެ ނަންބަރު 2012/HC-A/247 ޤަޟިއްޔާގައި، އެމް.އެފް.އެލް.ސީ އިން އެދިފައިވާ ގޮތަށް ލިކުއިޑޭޓަޑް ޑެމެޖަސްއަކީ އެއްބަސްވުމުގެ ދަށުން ނަގައިދެވޭނެ ފައިސާއެއްކަމަށް ކަނޑައަޅާފައިވާކަމާއި، އަދި ހައިކޯޓުގެ ނަންބަރު 2012/HC-A/201 ޤަޟިއްޔާގައި ޢަލީ ރަޝީދުއާއި މުޙައްމަދު މުޙާޒު ޙަމީދު ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް ސިވިލް ކޯޓުގެ ނަންބަރު 133/Cv-C/2011 ޤަޟިއްޔާއަށް ބަދަލު ގެންނަންޖެހޭނެ ތަނެއް ނެތްކަމަށް ކަނޑައަޅާފައިވާކަމާއި،
ހައިކޯޓުގެ ނަންބަރު 2012/HC-A/247 ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވިފައިވަނީ މި ކޯޓުގެ ނަންބަރު 2013/SC-A/50 ޤަޟިއްޔާއިންކަމާއި، އަދި ހައިކޯޓުގެ ނަންބަރު 2012/HC-A/201 ޤަޟިއްޔާ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވިފައިވަނީ މި ކޯޓުގެ ނަންބަރު 2013/SC-A/51 ޤަޟިއްޔާއިން ކަމާއި، ސުޕްރީމް ކޯޓުގެ މި ދެ ޤަޟިއްޔާ އެއްކޮށްގެން ކުރިއަށް ގެންގޮސް ދިނުމަށް ޢަލީ ރަޝީދުއާއި މުޙައްމަދު މުޙާޒު ޙަމީދު ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި އެދިފައިވުމާއި އަދި ހައިކޯޓުގެ ދެ ޤަޟިއްޔާއިންވެސް ބަލާފައިވަނީ ސިވިލް ކޯޓުގެ އެއް ޤަޟިއްޔާއެއްކަމުން، ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/50 ޤަޟިއްޔާއާއި ނަންބަރު 2013/SC-A/51 ޤަޟިއްޔާ އާ މި ދެ ގަޟިއްޔާ މި ކޯޓުން ބަލާފައިވަނީ އެއްކޮށްގެންކަމެވެ.
(ށ) ދެވަނަ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 133/Cv-C/2011 ޤަޟިއްޔާގައި ހިމެނޭ ދެފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރިއިރު، ހައިކޯޓުގެ ދެ ޤަޟިއްޔާ އެއް މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް އެދުމުންވެސް ހައިކޯޓުން އެ މައްސަލަ ބަލައި ނިންމީ ތަފާތު ދެ މައްސަލައިގެ ގޮތުގައި ކަމަށާއި އަދި ޢަލީ ރަޝީދާއި މުޙައްމަދު މުޙާޒު ޙަމީދު އިސްތިއުނާފުކުރި ހައިކޯޓުގެ ނަންބަރު 2012/HC-A/201 ޤަޟިއްޔާގައި، ސިވިލް ކޯޓުގެ ނަންބަރު 133/Cv-C/2011 ޤަޟިއްޔާގެ ޙުކުމަށް ތާއީދުކޮށް، އެ ޙުކުމަށް ބަދަލެއް ގެންނަންޖެހޭނެ ތަނެއް ނެތް ކަމުގައި ކަނޑައެޅިއިރު، ހައިކޯޓުގެ ނަންބަރު 2012/HC-A/247 ޤަޟިއްޔާއިން ސިވިލް ކޯޓުގެ ނަންބަރު 133/Cv-C/2011 ޤަޟިއްޔާ ބަލައި، އެ ޙުކުމްގެ ބައެއް ބާޠިލު ކޮށްފައިވާ ކަމަށްބުނެ ހުށަހެޅި ސަބަބަށް މި މައްސަލަ ބެލި ފަނޑިޔާރުން ރިޢާޔަތް ކުރިއިރު،
ހައިކޯޓުގެ ނަންބަރު 2012/HC-A/247 ޤަޟިއްޔާގައި ސިވިލް ކޯޓުގެ ނަންބަރު 133/Cv-C/2011 ޤަޟިއްޔާ އިސްތިއުނާފުކޮށްފައިވަނީ އެމް.އެފް.އެލް.ސީ އިން ކަމާއި، އެ ޤަޟިއްޔާގައި ހުށަހެޅިފައިވާ މައިގަނޑު ނުކުތާއަކީ، އިސްވެ ބުނެވުނު ސިވިލް ކޯޓުގެ ޤަޟިއްޔާގައި ލިކުއިޑޭޓަޑް ޑެމެޖަސްގެ ފައިސާގެ ގޮތުގައި 92,112/80ރ. (ނުވަދިހަ ދެ ހާސް އެއްސަތޭކަ ބާރަ ރުފިޔާ އަށްޑިހަ ލާރި) ހޯދުމަށް ސިވިލް ކޯޓުގައި އެދުމުން، އެ ފައިސާ ނަގައިދީފައިނުވާތީ، އެ ފައިސާ ހޯދުމަށްކަން ފާހަގަކުރެވޭކަމާއި،
ސިވިލް ކޯޓުގެ ނަންބަރު 133/Cv-C/2011 ޤަޟިއްޔާގައި ލިކުއިޑޭޓަޑް ޑެމަޖަސްއާ ގުޅިގެން ސީދާ ޙުކުމުގައި އެއްވެސް އެއްޗެއް ބަޔާންކޮށްފައި ނެތްނަމަވެސް، އެ ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 9 ވަނަ ނަންބަރުގައި، ލިކުއިޑޭޓަޑް ޑެމެޖަސްގެ ގޮތުގައި ހޯދުމަށް އެމް.އެފް.އެލް.ސީ އިން އެދިފައިވާ 92,112/80ރ. (ނުވަދިހަ ދެ ހާސް އެއްސަތޭކަ ބާރަ ރުފިޔާ އަށްޑިހަ ލާރި) އަކީ ލީޒް އެގްރިމެންޓް ބާޠިލުކުރެވުނު ފަހުން ހިސާބުކޮށްފައިވާ ޢަދަދަކަށް ވާތީ، އެ ސަބަބަށްޓަކައި އެފައިސާ ނަގައިދެވޭނެ ތަނެއް ނެތްކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވާކަމާއި،
ހައިކޯޓުގެ ނަންބަރު 2012/HC-A/247 ޤަޟިއްޔާއިން ލިކުއިޑޭޓަޑް ޑެމެޖަސްއަކީ ދެފަރާތު ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ނަގައިދެވޭނެ ފައިސާއެއްކަމަށް ކަނޑައެޅުމާއެކު ލިކުއިޑޭޓަޑް ޑެމެޖަސްއާމެދު ސިވިލް ކޯޓުގެ ނަންބަރު 133/Cv-C/2011 ޤަޟިއްޔާގައި ނިންމާފައިވާ ނިންމުން ބާޠިލުކަމަށް ޙުކުމް ކޮށްފައިވާކަމާއި،
ހައިކޯޓުގެ ނަންބަރު 2012/HC-A/201 ޤަޟިއްޔާގައި ސިވިލް ކޯޓުގެ ނަންބަރު 133/Cv-C/2011 ޤަޟިއްޔާ އިސްތިއުނާފުކޮށްފައިވަނީ ޢަލީ ރަޝީދުއާއި މުޙައްމަދު މުޙާޒު ޙަމީދުގެ ފަރާތުންކަމާއި، އެ ޤަޟިއްޔާގައި، މައިގަނޑު ގޮތެއްގައި އިސްތިއުނާފުކުރި ފަރާތްތަކުން ފާހަގަކޮށްފައިވާ ކަންކަމަކީ "ޢާލިމް-1" އުޅަނދު ޙަވާލުކުރުމާމެދު ސިވިލް ކޯޓުން ބައެއް ކަންކަމަށް ރިޢާޔަތް ނުކުރާކަމަށާއި، ގެރެންޓަރު ފައިސާ ދައްކަންޖެހޭނީ ޢަލީ ރަޝީދު ބާކީ ދައްކަންޖެހޭ ފައިސާ ކަނޑައެޅުމަށްފަހު، އެ ފައިސާ ޢަލީ ރަޝީދަށް ނުދެއްކުމުން ކަމަށާއި އަދި ޢަލީ ރަޝީދުއާއި މުޙައްމަދު މުޙާޒު ޙަމީދު އާއި އެމް.އެފް.އެލް.ސީ ހިމެނޭ ހަމަ މި ބާވަތުގެ ސިވިލް ކޯޓުގެ ނަންބަރު 236/Cv-C/2011 ޤަޟިއްޔާގައި ނިންމާފައިވާ ނިންމުމަށް ސިވިލް ކޯޓުގެ ނަންބަރު 133/Cv-C/2011 ޤަޟިއްޔާގައި ރިޢާޔަތް ނުކުރާކަމަށް ބުނެ ހުށަހެޅި ނުކުތާތައްކަން އެނގެން އޮންނަކަމާއި،
އެހެންކަމުން، ސިވިލް ކޯޓުގެ ނަންބަރު 133/Cv-C/2011 ޤަޟިއްޔާގައި ހިމެނޭ ދެފަރާތުން ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފުކުރިއިރު، ދެ ފަރާތުންވެސް ދެއްކީ ތަފާތު ދެ ވާހަކަތަކެއްކަން އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 33 ވަނަ މާއްދާގެ (ރ) ގައި އިސްތިއުނާފު ކުރިއިރު ހުށަހެޅި ނުކުތާތައް ފިޔަވައި، އިސްތިއުނާފު ކުރުމަށް ހުށަހެޅިފައިވާ މައްސަލާގައި އައު ހުށަހެޅުންތަކެއް ހުށަހެޅި ކަމުގައި ވީނަމަވެސް، އެ މައްސަލަ ހައިކޯޓުން ބެލުމުގައި އެ ނުކުތާތައް ބަލައި ނުދެވޭނެކަމަށް ހައިކޯޓުގެ އިސްނެގުމުގައި ކަނޑައަޅަންވާނެކަމަށް ބަޔާންކުރެވިފައި އޮތުމުން، ހައިކޯޓުން މައްސަލަ ބެލުމުގައި ޢަމަލުކުރާ އުޞޫލަކީ ހަމައެކަނި އިސްތިއުނާފުކުރާ ނުކުތާތަކަށް ޖަވާބު ދިނުންކަން ފާހަގަކުރެވޭކަމާއި،
އެގޮތުން، ހައިކޯޓުގެ ނަންބަރު 2012/HC-A/201 ޤަޟިއްޔާގައި، ސިވިލް ކޯޓުގެ ނަންބަރު 133/Cv-C/2011 ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޤާނޫނީ އަދި ޝަރުޢީ ސަބަބެއް ފެންނަން ނެތްކަމަށް ކަނޑައަޅާފައިވަނީ، ހަމައެކަނި ޢަލީ ރަޝީދުއާއި މުޙައްމަދު މުޙާޒު ޙަމީދުގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް ބިނާކޮށްގެންކަން އެ ޤަޟިއްޔާގެ ޙުކުމުގައި ބަޔާންކޮށްފައިވާކަމާއި، އެ ޤަޟިއްޔާގައި ލިކުއިޑޭޓަޑް ޑެމެޖަސްއާ ގުޅޭ ގޮތުން އިސްތިއުނާފީ ނުކުތާއެއްވެސް ހުށަހެޅިފައިނުވާ ކަމާއި، އަދި އެކަމާ ގުޅޭ ގޮތުން މައްސަލަ ބެލި ފަނޑިޔާރުންވެސް ވަކި ގޮތެއް ކަނޑައަޅާފައި ނުވާކަން އެނގެން އޮންނަކަމާއި،
ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވޭ ހައިކޯޓުގެ ނަންބަރު 2012/HC-A/247 ޤަޟިއްޔާގައި ހުށަހެޅުނު ނުކުތާއަކީ ހަމައެކަނި ލިކުއިޑޭޓަޑް ޑެމެޖަސްއާ ގުޅޭ ނުކުތާއެއް ކަމާއި، އަދި ހައިކޯޓުގެ އެ ޤަޟިއްޔާގައި ބާޠިލުކަމަށް ކަނޑައަޅާފައިވަނީ ހަމައެކަނި ސިވިލް ކޯޓުގެ ނަންބަރު 133/Cv-C/2011 ޤަޟިއްޔާގައި ލިކުއިޑޭޓަޑް ޑެމެޖަސް ނަގައިނުދެވޭނެކަމަށް ނިންމާފައިވާ ނިންމުން ކަމުގައިވާއިރު، އިސްވެ ބުނެވުނު ހައިކޯޓުގެ ދެ ޤަޟިއްޔާގެ ނަތީޖާއަކީ، ސިވިލް ކޯޓުގެ ނަންބަރު 133/Cv-C/2011 ޤަޟިއްޔާގައި ޢަލީ ރަޝީދުއާއި މުޙައްމަދު މުޙާޒު ޙަމީދު އެމް.އެފް.އެލް.ސީ އަށް ފައިސާ ދައްކަންޖެހޭކަމަށް ނިންމާފައިވާ ނިންމުމަށް ހައިކޯޓުން ތާއީދުކުރުމުގެ އިތުރުން، ސިވިލް ކޯޓުގެ އިސްވެ ބުނެވުނު ޤަޟިއްޔާގައި ލިކުއިޑޭޓަޑް ޑެމެޖަސް ނަގައިނުދެވޭނެކަމަށް ނިންމާފައިވާ ނިންމުންވެސް ހައިކޯޓުން ބާޠިލު ކުރުމާއެކު، އެ ފައިސާއަކީ ވެސް ނަގައިދެވޭނެ އެއްޗެއްކަން ކަނޑައެޅުން ކަމުން، ހައިކޯޓުގެ ނަންބަރު 2012/HC-A/247 ޤަޟިއްޔާގައި ނިންމާފައިވާ ނިންމުމާއި އެކޯޓުގެ ނަންބަރު 2012/HC-A/201 ޤަޟިއްޔާގައި ނިންމާފައިވާ ނިންމުން ފުށުއަރާކަމަށް ބަލާނެ ތަނެއް ނެތްކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ، ޢަލީ ރަޝީދުއާއި މުޙައްމަދު މުޙާޒު ޙަމީދުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިތުރަށް ފާހަގަކޮށްފައިވާ ނުކުތާތަކަށް ބެލިއިރު، ސިވިލް ކޯޓުގެ ނަންބަރު 133/Cv-C/2011 ޤަޟިއްޔާގެ އިތުރުން، އެ ކޯޓުގެ ނަންބަރު 236/Cv-C/2011 ޤަޟިއްޔާގައި ޢަލީ ރަޝީދުއާއި މުޙައްމަދު މުޙާޒު ޙަމީދު އަދި ޢަބްދުއްރަޝީދުގެ މައްޗަށް އެމް.އެފް.އެލް.ސީ އިން އިތުރު ދަޢުވާއެއްކޮށްފައިވާ ކަމާއި، އެ ދަޢުވާއަކީވެސް އެމް.އެފް.އެލް.ސީ އާއި ޢަލީ ރަޝީދުއާ ދެމެދު ވެވުނު ފައިނޭންސް ލީޒް އެގްރިމެންޓެއްގެ ދަށުން ރަޖިސްޓަރީ ނަންބަރު C4651A-03 10T "މޫންލައިޓް" އެވެ ކިޔާ އުޅަނދު ޢަލީ ރަޝީދަށް ލީޒްކޮށްދެވިފައިވާއިރު، އެ އެއްބަސްވުމާ ޢަލީ ރަޝީދު ޚިލާފުވެ، ދައްކަންޖެހޭ ފައިސާ ދައްކާފައިނުވާތީ އެމް.އެފް.އެލް.ސީ އިން ކުރި ދަޢުވާއެއްކަމާއި، މުޙައްމަދު މުޙާޒު ޙަމީދުއާއި ޢަބްދުއްރަޝީދަކީ އެ މުޢާމަލާތަށް ޢަލީ ރަޝީދުގެ ފަރާތުން ގެރެންޓީދިން ދެފަރާތްކަމާއި، އަދި އެ ޤަޟިއްޔާގައި އެމް.އެފް.އެލް.ސީ އިން ހޯދުމަށް އެދިފައިވަނީ ލީޒް އެގްރިމެންޓުގެ ދަށުން ޢަލީ ރަޝީދު ދައްކަންޖެހި ނުދައްކައިވާ ލީޒް ރެންޓާއި، ޖޫރިމަނާއާއި، ލިކުއިޑޭޓަޑް ޑެމެޖަސްއާއި، ޤާނޫނީ ވަކީލުންގެ ފީ އާއި އަދި ކޯޓު ފީއަށް ވާ ޖުމްލަ ޢަދަދުކަމާއި، އަދި ސިވިލް ކޯޓުން އެ މައްސަލަ ނިންމަމުން އެމް.އެފް.އެލް.ސީ އާ "މޫންލައިޓް" އުޅަނދު ޙަވާލުކުރުމުން، އެ އުޅަނދާ ޙަވާލުވުމަށް އެމް.އެފް.އެލް.ސީ ގެ މައްޗަށް އަމުރުކޮށްފައިވާކަމާއި، އެ އުޅަނދު ވިއްކާލައިގެން ނުވަތަ އެ އުޅަނދާމެދު އެމް.އެފް.އެލް.ސީ އިން ކުރާ ތަޞައްރުފުގެ މުޢާމަލާތަކަށްފަހު، އެ މުޢާމަލާތަކުން ހޯދާ ފައިސާގެ މިންވަރު އުނިކުރުމަށްފަހުގައި މެނުވީ، ޢަލީ ރަޝީދުގެ ފަރާތުން އެމް.އެފް.އެލް.ސީ އަށް ދައްކަންޖެހޭ ފައިސާ މިންވަރު ކުރެވެން ނެތްކަމަށާއި، މި އުޅަނދާމެދު އެމް.އެފް.އެލް.ސީ އިން ކުރާ ތަޞައްރުފެއް ޢަލީ ރަޝީދުގެ ފަރާތުން މިއުޅަނދު ޙަވާލުކުރާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ފުރިހަމަކުރުމަށް އެމް.އެފް.އެލް.ސީ ގެ މައްޗަށް އަމުރުކޮށް، މިގޮތުން ލީސް ކުރެވުނު އުޅަނދާމެދު އެމް.އެފް.އެލް.ސީ އިން ކުރާ ތަޞައްރުފެއްގެ ނަތީޖާއިން އުނިކުރަންޖެހޭ ފައިސާއެއް އުނިކުރުމަށްފަހު ލީސް އެގްރީމެންޓްގެ ދަށުން ދައްކަންޖެހޭ ބާކީ ފައިސާއަކީ މި މުޢާމަލާތުގެ ބައިވެރިންކަމުގައިވާ ޢަލީ ރަޝީދު އާއި، ޢަބްދުއްރަޝީދު އާއި، އަދި މުޙައްމަދު މުޙާޒު ޙަމީދުގެ ފަރާތުން އެމް.އެފް.އެލް.ސީ އަށް ދައްކަންޖެހޭ ފައިސާއެއްކަމުގައި ކަނޑައަޅައި ޙުކުމް ކޮށްފައިވާކަމާއި،
ސިވިލް ކޯޓުގެ ނަންބަރު 236/Cv-C/2011 ޤަޟިއްޔާ އެމް.އެފް.އެލް.ސީ ގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުގެ ނަންބަރު 2011/HC-A/263 ޤަޟިއްޔާގައި ލީޒް އެގްރިމެންޓުގެ ދަށުން ޢަލީ ރަޝީދު ދައްކަންޖެހި ނުދައްކައިވާ ލީޒް ޕޭމަންޓާއި، ޖޫރިމަނާއާއި، ލިކުއިޑޭޓަޑް ޑެމެޖަސްއާއި، ޤާނޫނީ ވަކީލުންގެ ފީ އާއި އަދި ކޯޓު ފީއަށް ވާ ޖުމްލަ އަދަދު 2,299,526/67ރ. (ދެމިލިއަން ދެލައްކަ ނުވަދިހަ ނުވަހާސް ފައްސަތޭކަ ސައްބީސް ރުފިޔާ/ ފަސްދޮޅަސް ހަތްލާރި) އަކީ ޢަލީ ރަޝީދުއާއި މި މުޢާމަލާތަށް ގެރެންޓީ ދީފައިވާ ފަރާތްތަކުން އެމް.އެފް.އެލް.ސީއަށް ދައްކަންޖެހޭ ފައިސާއެއް ކަމުގައި ޝަރީޢަތަށް ސާބިތުވާ ކަމަށް ކަނޑައަޅައި، އެ ފައިސާ އެމް.އެފް.އެލް.ސީއަށް ލިބިދިނުމަށްޓަކައި 4 ޖުލައި 2013 އިން ފެށިގެން މަސްހަމަކޮށް ކޮންމެ މަހަކު 1,91,627/22 ރ. (އެއްލައްކަ ނުވަދިހަ އެއް ހާސް ހަސަތޭކަ ހަތާވީސް ރުފިޔާ، ބާވީސް ލާރި) ސިވިލް ކޯޓަށް ދައްކަމުންގޮސް 12 މަސްދުވަހުގެ ތެރޭގައި އެ ފައިސާ އެކީ ދައްކާ ޚަލާސްކުރުމަށް ޢަލީ ރަޝީދުއާއި ޢަބުދުއްރަޝީދުއާއި މުޙައްމަދު މުޙާޒު ޙަމީދަށް އަންގާފައިވުމުގެ އިތުރުން، ލީސް އެގްރިމެންޓާއި އެއްގޮތްވާގޮތުގެ މަތިން ދައްކަންޖެހޭ ފައިސާ ދައްކާފައި ނުވުމުގެ ސަބަބުން ލީސް ކުރިކުރުން ބާޠިލުކޮށް، ލީސް އެގްރީމެންޓްގެ 17.2 ވަނަ މާއްދާގެ ދަށުން އެމް.އެފް.އެލް.ސީއަށް ލިބިގެންވާ އިޚްތިޔާރުގެ ބޭނުން ހިފައި، ލީސްކުރެވުނު "މޫންލައިޓް" އެވެ ކިޔުނު އުޅަނދު ޙަވާލުކުރުމަށް އެމް.އެފް.އެލް.ސީއިން ޢަލީ ރަޝީދަށް އަންގާފައިވާ ކަމަށް ބަލައި، އެ އެންގުމާއި އެއްގޮތަށް އަދި އެ އެގްރިމެންޓްގައި ކަނޑައަޅައި ބަޔާންކޮށްފައިވާގޮތަށް އެ އުޅަނދު އެ ކުންފުންޏާއި ޙަވާލުކޮށްފައިވާކަން ސާބިތުނުވާކަމަށް ކަނޑައަޅައި، އެގްރިމެންޓާ އެއްގޮތްވާގޮތުގެ މަތިން އެ އުޅަނދު ޙުކުމް ކުރި ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެމް.އެފް.އެލް.ސީއާ ޙަވާލުކުރުމަށް ޢަލީ ރަޝީދަށް އަންގައި، އެގްރިމެންޓާ އެއްގޮތަށް ޢަލީ ރަޝީދުގެ ފަރާތުން އުޅަނދު ޙަވާލުކުރުމުން އެމް.އެފް.އެލް.ސީއިން އެކަށީގެންވާ އަވަސް މުއްދަތެއްގެ ތެރޭގައި އުޅަނދު ވިއްކާލުމުގެ މަސައްކަތް ކުރިއަށް ގެންގޮސް، އުޅަނދު ވިއްކާލުމަށްފަހު ލިބޭ ފައިސާ، ލީސް އެގްރިމެންޓްގެ 17.2 ގެ (b) ގައި ބަޔާންކޮށްފައި ވާގޮތުގެ މަތިން ޢަލީ ރަޝީދު ދައްކަންޖެހިފައިވާ ފައިސާއިން އުނިކޮށް، އެގްރިމެންޓްގައި ބަޔާންވެގެންވާ ގޮތުގެ މަތިން އެންމެހައި ފަރާތްތަކުން އެއްފަރާތުން އަނެއް ފަރާތަށް އަދާކުރަންޖެހޭ އިލްތިޒާމްތައް ފުރިހަމައަށް އަދާކޮށް ނިންމައި، މުޅި މުޢާމަލާތް އެކުގައި ޚަލާސްކޮށް ނިންމުމަށް އެގްރިމެންޓްގެ އެންމެހައި ބައިވެރިންނަށް އަންގައި، ސިވިލް ކޯޓުގެ ނަންބަރު 236/Cv-C/2011 ޤަޟިއްޔާގެ ޙުކުމް ބާޠިލު ކޮށްފައިވާކަމާއި،
ޢަލީ ރަޝީދުއާއި މުޙައްމަދު މުޙާޒު ޙަމީދު ސުޕްރީމް ކޯޓުގައި ކޮށްފައިވާ ޝަކުވާއަކީ ސިވިލް ކޯޓުންވެސް އެއްކަހަލަ ދެ މައްސަލަ ދެ ގޮތަށް ނިންމުންކަމަށް ބުނެފައިވާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގައި ބަޔާންކުރާ އިސްތިއުނާފު ކުރުމުގެ ޙައްޤު ޢަލީ ރަޝީދުއާއި މުޙައްމަދު މުޙާޒު ޙަމީދަށް ހައިކޯޓުގައި ލިބިދެވިފައިވާކަން އެނގެން އޮންނަކަމާއި، އަދި އިސްވެ ފާހަގަކުރެވުނު ޤަޟިއްޔާތަކުން، ޢަލީ ރަޝީދު ކުއްޔަށް ނަގާފައިވާ ދެ އުޅަނދަށްވެސް ޢަލީ ރަޝީދުއާއި އެ ދެ މުޢާމަލާތުގައި ގެރެންޓީދީފައިވާ ފަރާތްތަކުން، އެމް.އެފް.އެލް.ސީ އަށް ދެފަރާތު ދެމެދު ވެވުނު އެއްބަސްވުންތަކުގެ ދަށުން ފައިސާ ދައްކަންޖެހޭކަމާއި އަދި ދައްކަންޖެހޭ ޢަދަދު ކަނޑައަޅާފައި އޮތުމުން، މި މައްސަލަތައް ބެލި އެންމެ ފުރަތަމަ މަރުޙަލާގައި، އެއް ބާވަތެއްގެ އަދި އެއްކަހަލަ މުޢާމަލާތެއްގައި ދެ ގޮތަކަށް ކަނޑައަޅާފައި ވީނަމަވެސް، އިސްތިއުނާފީ މަރުޙާލާއިން ދެ މައްސަލާގައިވެސް ފައިސާ ނަގައިދެވޭ ކަންކަމާއި، ޢަދަދު ކަނޑައަޅާފައިވަނީ އެގްރިމެންޓްތަކުގައި ބަޔާންކުރެވިފައިވާ ގޮތުގެ މަތިން، އެއް އުޞޫލެއްގެ ދަށުންކަން އެނގެން އޮންނަކަމެވެ.
(ބ) ފަސްވަނަ ކަމަކީ، "ޢާލިމް-1" އުޅަނދާއި އަދި "މޫންލައިޓް" އުޅަނދު ވިއްކާލުމާ މެދު ހައިކޯޓުންވަނީ ދެގޮތަކަށް ކަނޑައަޅާފައިކަމަށް ޢަލީ ރަޝީދުއާއި މުޙައްމަދު މުޙާޒު ޙަމީދުގެ ފަރާތުން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ފާހަގަކޮށްފައިވާކަމާއި،
އެގޮތުން، ސިވިލް ކޯޓުގެ ނަންބަރު 133/Cv-C/2011 ޤަޟިއްޔާގައި، "ޢާލިމް-1" އުޅަނދާމެދު ޢަމަލު ކުރަންވީ ގޮތެއް އެ ޤަޟިއްޔާގެ ޙުކުމުގައި ބަޔާންކޮށްފައިނުވާކަމާއި، އަދި ހައިކޯޓުގައި ދެފަރާތުންވެސް އިސްތިއުނާފުކޮށްފައިވާ ޤަޟިއްޔާގައި މިކަމާމެދު ވަކި ގޮތެއް ކަނޑައަޅާފައިނުވާ ހިނދު، "މޫންލައިޓް" އުޅަނދާ މެދު ހައިކޯޓުން އެ ކޯޓުގެ ނަންބަރު 2011/HC-A/263 ޤަޟިއްޔާގައި ކަނޑައަޅާފައިވަނީ ޢަލީ ރަޝީދު "މޫންލައިޓް" އުޅަނދު އެމް.އެފް.އެލް.ސީ އާ ޙަވާލުކުރުމުން އެމް.އެފް.އެލް.ސީ އިން އެކަށީގެންވާ އަވަސް މުއްދަތެއްގެ ތެރޭގައި އުޅަނދު ވިއްކާލުމަށް މަސައްކަތް ކުރަންވާނެ ކަމަށާއި، އަދި އުޅަނދު ވިއްކާލުމަށްފަހު ލިބޭ ފައިސާއިން ޢަލީ ރަޝީދު ދައްކަންޖެހޭ ޢަދަދު އުނިކުރުމަށްކަން ފާހަގަކުރެވޭކަމާއި،
އެމް.އެފް.އެލް.ސީ އިން ކުރާ މުޢާމަލާތެއްގައި ތަކެތި ކުއްޔަށް ގެންދާ ފަރާތް ނުވަތަ ލެސީ ދައްކަންޖެހޭ ފައިސާ ނުދައްކާނަމަ، ދެފަރާތު ދެމެދުގައި ވެވޭ އެއްބަސްވުމުގެ ދަށުން އެމް.އެފް.އެލް.ސީ އަށް ޢަމަލު ކުރެވޭ އެއް ގޮތަށް ވުރެ ގިނަ ގޮތް ބަޔާންކުރެވިފައިވާކަމަށާއި، އެގޮތުން، "ޢާލިމް-1" އަދި "މޫންލައިޓް" އުޅަނދާ ގުޅިގެންވެސް އެމް.އެފް.އެލް.ސީ އިން ދަޢުވާކޮށްފައިވަނީ ދެފަރާތު ދެމެދު ވެވުނު ދެ ލީސް އެގްރިމެންޓުގެވެސް 17.2 ވަނަ މާއްދާގެ (iii) ގެ (a) ގެ ދަށުންކަމަށް، އެމް.އެފް.އެލް.ސީ އިން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ފާހަގަކޮށްފައިވާކަމާއި، އަދި އިސްވެ ބުނެވުނު މާއްދާގެ ދަށުން ޢަމަލުކޮށްފިނަމަ ނިކުންނާނެ ނަތީޖާއަކީ ކުއްޔަށް ގެންދާ ތަކެތި ވިއްކާލުމާއެކު ހޯދަންޖެހޭ ފައިސާ ހޯދުމުގެ ޒިންމާ އުފުލަންޖެހޭ ފަރާތަކީ ލެސީކަމަށް އެމް.އެފް.އެލް.ސީ އިން ބުނެފައިވާކަމާއި،
މިއާ ޚިލާފަށް، ލީސް އެގްރީމެންޓްގެ 17.2 ވަނަ މާއްދާގެ (iii) ގެ (b) ގެ ދަށުން ޢަމަލުކޮށްފިނަމަ، ކުއްޔަށް ގެންދާ މުދާ އެމް.އެފް.އެލް.ސީ ގެ ބެލުމުގެ ދަށަށް ގެނައުމުގެ ބާރު އެމް.އެފް.އެލް.ސީއަށް ލިބިދެވޭ ކަމަށާއި އަދި އެގޮތަށް މުދާ އަނބުރާ ގެނެސްފިނަމަ، އެ މުދާ ވިއްކާލުމަށްފަހު ހޯދަންޖެހޭ ފައިސާ ހޯދުމުގެ ޒިންމާ އުފުލަންޖެހޭނީ އެމް.އެފް.އެލް.ސީ އިން ކަމަށް އެމް.އެފް.އެލް.ސީގެ ފަރާތުން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވާކަމާއި، އަދި މިކަމާ ގުޅިގެން ޢަލީ ރަޝީދު ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވަނީ އުޅަނދު ވިއްކާލާނެ އެއްވެސް ފުރުޞަތެއް ފަހިވެފައިނުވާކަމަށާއި، އެއީ އުޅަނދުގެ ރަޖިސްޓަރީއާއި ސަލާމަތީ ސެޓްފިކެޓާއި އެހެނިހެން ހުރިހާ ހުއްދައަކާއި ލިޔެކިއުމެއް ހުރީ އެމް.އެފް.އެލް.ސީގެ ނަމުގައި އަދި އެފަރާތުގެ ބެލުމުގެ ދަށުގައިކަމަށްވުމުން ކަމަށާއި،
"ޢާލިމް-1" އަދި "މޫންލައިޓް" އުޅަނދާ ގުޅިގެން އެމް.އެފް.އެލް.ސީ ގެ ފަރާތުން ސިވިލް ކޯޓުގައި ކޮށްފައިވާ ދަޢުވާތަކަށް ބެލިއިރު، ސިވިލް ކޯޓުގެ ދެ ޤަޟިއްޔާގައިވެސް "ވިޔަފާރިއާބެހޭ ބަޔަށް ދަޢުވާއާއި މައްސަލަ ހުށަހަޅާ ފޯމް" ގައި ދެ އުޅަނދުގެ އެއްބަސްވުންވެސް ބާޠިލުކުރި މާއްދާއަކަށް ޙަވާލާދީފައިވަނީ ލީސް އެގްރީމެންޓްގެ 17.2 ވަނަ މާއްދާގެ(iii) ގެ (a) އަށްކަން އެނގެން އޮންނަކަމާއި، އަދި މިހާރު އިސްތިއުނާފު ކުރެވޭ މައްސަލައަކީ "ޢާލިމް-1" އުޅަނދާ ގުޅޭ މައްސަލަކަމުގައި ވީހިނދު، ސިވިލް ކޯޓުގެ ނަންބަރު 133/Cv-C/2011 ޤަޟިއްޔާ ނިންމާފައިވަނީ އިސްވެ ބުނެވުނު މާއްދާގައިވާ ގޮތުގެ މަތިންކަމާއި، އަދި އެ ޤަޟިއްޔާގައި ނަގާދީފައިނުވާ ލިކުއިޑޭޓަޑް ޑެމެޖަސް އެއީ ދައްކަންޖެހޭ ފައިސާއެއްކަމަށް ހައިކޯޓުގެ ނަންބަރު 2012/HC-A/247 ޤަޟިއްޔާއިން ކަނޑައަޅާފައިވާއިރު، އިސްތިއުނާފު ކުރެވޭ "ޢާލިމް-1" އުޅަނދުގެ މައްސަލަ ހިމެނޭ ސިވިލް ކޯޓުގެ ނަންބަރު 133/Cv-C/2011 ޤަޟިއްޔާ އަދި ހައިކޯޓުގެ ނަންބަރު 2012/HC-A/247 ޤަޟިއްޔާއާއި އެ ކޯޓުގެ ނަންބަރު 2012/HC-A/201 ޤަޟިއްޔާގައި ގޮތް ކަނޑައަޅާފައިވަނީ އެމް.އެފް.އެލް.ސީގެ ފަރާތުން ކޮށްފައިވާ ދަޢުވާގައިވާ ގޮތުގެ މަތިންކަން އެނގެން އޮންނަކަމާއި،
"ޢާލިމް-1" އުޅަނދު ވިއްކާލާނެ އެއްވެސް ފުރުޞަތެއް ފަހިވެފައިނުވާ ކަމަށާއި، އަދި މިއުޅަނދާ ގުޅޭ ހުރިހާ ލިޔެކިއުންތަކެއް ހުރީ އެމް.އެފް.އެލް.ސީ ގެ ބެލުމުގައި ދަށުގައިކަމަށް ޢަލީ ރަޝީދުގެ ފަރާތުން ބުނިނަމަވެސް، އުޅަނދު ވިއްކާލުމާގުޅޭ ގޮތުން ކުރަންޖެހޭ މަސައްކަތް ކުރުމަށް އެމް.އެފް.އެލް.ސީ ގެ ފަރާތުން އެއްބާރުލުން ނުދޭނަމަ، ޝަރީޢަތް މެދުވެރިކޮށް އެކަމަށް ޙައްލު ހޯދުމުގެ ފުރުޞަތު ޢަލީ ރަޝީދަށާއި މުޙައްމަދު މުޙާޒު ޙަމީދަށް ލިބިދެވިފައިވާކަން ފާހަގަކުރެވޭކަމާއި،
"ޢާލިމް-1" އުޅަނދުވާނީ އެމް.އެފް.އެލް.ސީ އާ ޙަވާލުކުރެވިފައިކަމަށް ޢަލީ ރަޝީދާއި މުޙައްމަދު މުޙާޒު ޙަމީދުގެ ފަރާތުން ބުނިނަމަވެސް، ލީޒް އެގްރިމެންޓުގެ 22 ވަނަ މާއްދާގައިވާ ގޮތަށް، އުޅަނދު ލީސް ކުރެވުނުއިރު ހުރި ފެންވަރުގައި، އުޅަނދު ޙަވާލުކުރުމަށް ކަނޑައެޅިފައިވާ އުޞޫލުތަކާ އެއްގޮތަށް އެ އުޅަނދު ޙަވާލުކުރެވިފައިވާކަން މި ދެފަރާތަށް، ސިވިލް ކޯޓުގައިވެސް އަދި ހައިކޯޓުގައިވެސް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން އެކަން ސާބިތުކޮށްދެވިފައިނުވާކަން ފާހަގަކުރެވޭކަމާއި، އަދި ހައިކޯޓުގައި މި މައުޟޫޢޫއާ ގުޅޭ ގޮތުން ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ފަދަ ހަރުދަނާ ޤާނޫނީ ނުވަތަ ޝަރުޢީ ސަބަބުތަކެއް ސުޕްރީމް ކޯޓުގައިވެސް ޢަލީ ރަޝީދަށާއި މުޙައްމަދު މުޙާޒު ޙަމީދަށް ހުށަހެޅިފައިނުވާކަމެވެ.
(ޅ) ހަވަނަ ކަމަކީ، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 16 ވަނަ މާއްދާގައި ހައިކޯޓުގެ ޙުކުމްތަކާއި ނިންމުންތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވޭ ޙާލަތްތައް ބަޔާންކުރެވިފައިވާއިރު، ހައިކޯޓުގެ ނަންބަރު 2012/HC-A/247 ޤަޟިއްޔާއާއި އެ ކޯޓުގެ ނަންބަރު 2012/HC-A/201 ޤަޟިއްޔާގައިވެސް އެކޯޓުން ބަލައި ނިންމާފައިވާ ބުނެވުނު ޤާނޫނުގެ 16 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ އުޞޫލުތަކާ ޚިލާފަށްކަމަށް ބެލެވެން ނެތްކަމާއި،
ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/50 ޤަޟިއްޔާއާއި ނަންބަރު 2013/SC-A/51 ޤަޟިއްޔާގައިވެސް ޢަލީ ރަޝީދުއާއި މުޙައްމަދު މުޙާޒު ޙަމީދުގެ ފަރާތުން ފާހަގަކޮށްފައިވާ މައިގަނޑު ނުކުތާތައް ބިނާވެފައިވަނީ އެއްކަހަލަ ދެ މުޢާމަލާތެއްގައި ދެ ގޮތަކަށް އެއް ކޯޓަކުން ނިންމުންކަމަށް ބުނެ އެ އަސާސްގެ މައްޗަށްކަމާއި، އަދި އޭގެ ފަހުން އެއް ޤަޟިއްޔާއެއް މައްސަލައިގެ ދެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން، އެ ދެ މައްސަލަ ގުޅުވާލައިގެން ނުވަތަ މައްސަލަ ބަލައި އެއް ފަނޑިޔާރުންގެ މަޖިލިހަކުން ބެލުމުގެ ބަދަލުގައި، ވަކި ދެ ޤަޟިއްޔާއެއް ގޮތަށް ދެ ފަނޑިޔާރުންގެ މަޖިލިހަކުން އެ މައްސަލައާ މެދު ގޮތެއް ކަނޑައެޅުމުގެ ސަބަބުން އިސްތިއުނާފުކުރާ ފަރާތްތަކަށް އޮޅުންއަރާފައިވުންކަން އެނގޭކަމާއި،
ދަށު ކޯޓެއްގެ އެއް ޤަޟިއްޔާއެއް، އެ މައްސަލާގައި ހިމެނޭ ދެފަރާތުން އިސްތިއުނާފުކޮށްފިނަމަ، ހައިކޯޓުގައި އެ ދެ މައްސަލަ ވަކި ވަކިން ރަޖިސްޓަރީ ކުރުމާއެކު ވަކި ދެ ޤަޟިއްޔާގެ ގޮތުގައި ނަންބަރު ދެވޭކަމާއި، އެހެންނަމަވެސް އެފަދަ ޙާލަތެއްގައި، އެ ދެ ޤަޟިއްޔާ އެއްކޮށް ހިންގުމަށް ލާޒިމުކުރާ ޤާނޫނެއްވިޔަސް އަދި ޤަވާޢިދެއްވިޔަސް ނެތްކަމާއި، އެހެންނަމަވެސް، ބައެއް ފަހަރު އެފަދަ ޙާލަތްތަކުގައި ކޯޓަށް ލިބިދެވިފައިވާ އިދާރީ އިޚްތިޔާރުތައް ބޭނުންކުރުމާއެކު، ދެ މައްސަލަ ބަލަން ފަނޑިޔާރުންގެ އެއް މަޖިލިހަކާ ޙަވާލުކުރެވޭކަން މީގެ ކުރިން ހައިކޯޓުން ނިންމާފައިވާ ބައެއް ޤަޟިއްޔާތަކުން އެނގޭކަމާއި،
މިފަދަ ކަންކަން ޤާނޫނަކުން އަދި ޤަވާޢިދަކުން ލާޒިމު ނުކުރިނަމަވެސް، މިހާރު ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކުގައި ނިކުތް ނަތީޖާފަދަ ކަންކަން ހުއްޓުވުމުގެ ގޮތުން، ޝަރީޢަތުން ނިންމާ ނިންމުންތަކަކީ އިންޞާފުވެރިކަމާއި، ހާމަކަމާއި، ހަމަހަމަކަމާއި، ފުށުއެރުންތަކެއްނެތި، ދެފުށްފެންނަގޮތަށް ނިންމާ ނިންމުންތަކެއްކަން މައްސަލާގައި ހިމެނޭ ޚަޞްމުންނަށް ކަށަވަރުކޮށްދިނުމަށްޓަކައި، ދަށު ކޯޓުގެ އެއް ޤަޟިއްޔާއެއް މައްސަލައިގެ ދެފަރާތުން އިސްތިއުނާފު ކުރާ ޙާލަތްތަކުގައި، ހައިކޯޓުގެ އެ ދެ ޤަޟިއްޔާ ގުޅުވާލެވިގެން، އެއްކޮށް، މައްސަލަ ބަލައި އެއް ފަނޑިޔާރުންތަކެއް ބެލުމަކީ އެފަދަ މައްސަލައެއްގައި ހިމެނޭ ހުރިހާ ފަރާތްތަކަށްވެސް އެންމެ މަޞްލަޙަތު ރަނގަޅު ގޮތްކަމެވެ.
(ކ) ހަތްވަނަ ކަމަކީ، މި މައްސަލަ ބެލުމުގައި އިސްތިއުނާފު ކުރާ ފަރާތްތަކުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، މި މައްސަލާގައި ނިންމާފައިވާ ނިންމުންތަކަށް ބަދަލު ގެންނަންޖެހޭ ފަދަ ސަބަބުތަކެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ދެއްކިފައިނުވި ނަމަވެސް، ހައިކޯޓުގައި މި މައްސަލައާ ގުޅިގެން އެ ކޯޓުގެ ނަންބަރު 2012/HC-A/247 ޤަޟިއްޔާގައި ލިކުއިޑޭޓަޑް ޑެމެޖަސް ނަގައި ދިނުމުގައި ޙަވާލާ ދީފައިވަނީ ލިކުއިޑޭޓަޑް ޑެމެޖަސްއާ ގުޅުންހުރި މާއްދާތަކުގެ ބަދަލުގައި ޕެނަލްޓީ ކްލޯސް (ޝަރުޠު ޖަޒާއީ) އާ ޙަވާލާދޭ މާއްދާތަކަށްކަން ފާހަގަކުރެވޭކަމާއި،
އެގޮތުން، ޢަލީ ރަޝީދުއާއި އެމް.އެފް.އެލް.ސީ އާ ދެމެދު އޮތް އެއްބަސްވުމުގެ ދަށުން އެމް.އެފް.އެލް.ސީ އިން ލިކުއިޑޭޓަޑް ޑެމެޖަސް ނަގައިދިނުމަށް އެދިފައިވަނީ "ޢާލިމް-1" އާ ގުޅިގެން ދެފަރާތު ދެމެދު ވެވުނު ލީޒް އެގްރިމެންޓް ނަންބަރު 07080547 ގެ 17.2 ވަނަ މާއްދާގެ(iii) ގެ (a) ގެ ދަށުންކަން އެނގޭކަމާއި، އަދި 17.3 ވަނަ މާއްދާގައި 17 ވަނަ މާއްދާގެ ދަށުން ލެސީ ދައްކަންޖެހޭ ހުރިހާ ފައިސާއަކީ ލެސީ އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ލިކުއިޑޭޓަޑް ޑެމެޖަސްގެ ގޮތުގައި ލެސޯރއަށް ދައްކަންޖެހޭ ފައިސާކަމަށް ލެސީ ޤަބޫލުކުރާކަމާއި އަދި މި ފައިސާއަކީ ޕެނަލްޓީއެއްގެ ގޮތުގައި ދައްކާ ފައިސާއެއް ނޫންކަމަށް ބަޔާންކުރެވިފައިވާކަމާއި،
ހައިކޯޓުގެ ނަންބަރު 2012/HC-A/247 ޤަޟިއްޔާގައި ލިކުއިޑޭޓަޑް ޑެމެޖަސް ނަގައި ދެމުން ޙަވާލާދީފައިވާ މާއްދާއަކީ އެ ލީސް އެގްރީމެންޓްގެ 18 ވަނަ މާއްދާކަމާއި، އަދި މި މާއްދާއަކީ ފައިސާ ދެއްކުން ލަސްވުމުގެ ސަބަބުން ކުރެވޭ ޖޫރިމަނާއާ ބެހޭ މާއްދާއެއްކަމާއި ލިކުއިޑޭޓަޑް ޑެމެޖަސް ހިސާބުކޮށްފައިވަނީ ދެފަރާތު ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ޕެނަލްޓީ ކްލޯސް ހިސާބު ކުރުމަށް އޮތް މިންގަނޑުން ކަމުގައި ވީނަމަވެސް، ލިކުއިޑޭޓަޑް ޑެމެޖަސް ނަގައިދެވޭ މާއްދާއަކީ ލީސް އެގްރީމެންޓްގެ 17.2 ވަނަ މާއްދާގެ(iii) ގެ (a) ގެ ދަށުންކަން ފާހަގަކުރެވިފައިވުމުގެ އިތުރުން، ހައިކޯޓުގެ ނަންބަރު 2012/HC-A/247 ޤަޟިއްޔާގެ ޙުކުމުގައި ހިމެނޭ 92,112/80ރ. (ނުވަދިހަ ދެ ހާސް އެއްސަތޭކަ ބާރަ ރުފިޔާ އަށްޑިހަ ލާރި) އާއި އަދި ހައިކޯޓުގެ ނަންބަރު 2012/HC-A/201 ޤަޟިއްޔާގެ ޙުކުމުން ތާއީދުކޮށްފައިވާ ސިވިލް ކޯޓުގެ ނަންބަރު 133/Cv-C/2011 ޤަޟިއްޔާގެ ޙުކުމުގައި ހިމެނޭ 1,099,840/73ރ. (އެއްމިލިއަން ނުވަދިހަ ނުވަހާސް އަށްސަތޭކަ ސާޅީސް ރުފިޔާ ހަތްދިހަ ތިން ލާރި) އަކީވެސް ދައްކަންޖެހޭ ޢަދަދެއްކަމަށް އިސްތިއުނާފުކުރާ ފަރާތްތަކުގެ ބަހުންވެސް އެންގެން އޮންނަކަމެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމާއެކު، ޢަލީ ރަޝީދާއި މުޙައްމަދު މުޙާޒު ޙަމީދުގެ ފަރާތުން ހައިކޯޓުގެ ނަންބަރު 2012/HC-A/247 ޤަޟިއްޔާއާއި އެ ކޯޓުގެ ނަންބަރު 2012/HC-A/201 ޤަޟިއްޔާ އިސްތިއުނާފު ކުރަމުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެ ދެ ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޝަރުޢީ ނުވަތަ ޤާނޫނީ ސަބަބެއް އޮތްކަމަކަށް މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބެލި އެއްވެސް ފަނޑިޔާރަކަށް ނުފެނުނެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމާއެކު ޢަލީ ރަޝީދުއާއި މުޙައްމަދު މުޙާޒު ޙަމީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/247 ޤަޟިއްޔާއާއި އެ ކޯޓުގެ ނަންބަރު 2012/HC-A/201 ޤަޟިއްޔާ އިސްތިއުނާފުކުރަމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެ ދެ ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޝަރުޢީ ނުވަތަ ޤާނޫނީ ސަބަބުތަކެއް ނެތްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، ޙުކުމްކޮށްފީމެވެ.
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު
ފަނޑިޔާރު ޢަބްދުﷲ ޢަރީފް
ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.