—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނު ގޮތް
ޤަޟިއްޔާ ނަންބަރު:
2013/SC-A/55
ދަޢުވާކުރާ ފަރާތް:
ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދަޢުވާލިބޭ ފަރާތް:
އިސްމާޢީލް ރަފީޢު
މައްސަލައިގެ ބާވަތް:
ފައިސާ ހޯދުން
މައްސަލަ އައިގޮތް:
އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚު:
20 އޮކްޓޫބަރު 2013ރަޖިސްޓްރީ ކުރެވުނު ތާރީޚު:
05 ޑިސެންބަރު 2013ނިމުނު ތާރީޚު:
12 ޖުލައި 2020މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް:
އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން، ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު، ފަނޑިޔާރު ޙުސްނުއް ސުޢޫދުއިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
ނަންބަރު:
2011/HC-A/72
ހުށަހެޅުނު ތާރީޚު:
11 އެޕްރީލް 2011ނިންމި ކޯޓު:
ދިވެހިރާއްޖޭގެ ހައިކޯޓު
ނިމުނު ތާރީޚު:
18 ޖުލައި 2013
އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔު (ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު ޙުސްނުއްސުޢޫދު ތާއީދު ކުރައްވާފައި)
ތަޢާރުފު
ފައިބަރު ދޯންޏެއް ބަނުމަށް ބޭނުންވާ ފައިބަރގްލާސް މެޓީރިއަލް، 25 ދުވަހުގެ ތެރޭގައި ފޯރުކޮށްދިނުމަށް، ރަފީޢު (މީގެފަހުން "އިސްމާޢީލް ރަފީޢު") އާއި ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ކުންފުނި ރަޖިސްޓަރީ ނަންބަރު: C-100/2005) (މީގެފަހުން "ސީ އެންޑް ސަން") އާ ދެމެދު އެއްބަސްވުމެއް ލިޔެ ސޮއިކޮށްފައިވެއެވެ.
އިސްމާޢީލް ރަފީޢުއާއި ސީ އެންޑް ސަންއާ ދެމެދު ލިޔެ ސޮއިކުރެވުނު އެއްބަސްވުން ބުނާގޮތުން، އިސްމާޢީލް ރަފީޢުގެ ފަރާތުން ސީ އެންޑް ސަންއަށް 815,049.00ރ. (އަށްލައްކަ ފަނަރަހާސް ސާޅީސްނުވައެއް) ރުފިޔާ، 2008 ޖަނަވަރީ 27 ވަނަ ދުވަހު އެޑްވާންސްކޮށް ލިބިފައިވެއެވެ.
އިސްމާޢީލް ރަފީޢުއާއި ސީ އެންޑް ސަންއާ ދެމެދު ލިޔެ ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން، ސީ އެންޑް ސަން އިން ގެނެސްދޭންޖެހޭ ފައިބަރގްލާސް މެޓީރިއަލްގެ ތެރެއިން ބައެއް ގެނެސް އަނެއްބައި ގެނެސްދީފައި ނުވާކަމަށް ބުނެ، ގެނެސްދީފައިނުވާ ފައިބަރގްލާސް މެޓީރިއަލްގެ އަގަށްވާ ފައިސާ އަދި މިކަމުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ބަދަލާއެކު ޖުމްލަ 1,506,349.00ރ. (އެއްމިލިޔަން ފަސްލައްކަ ހަހާސް ތިންސަތޭކަ ސާޅީސްނުވައެއް) ރުފިޔާ، ހޯދުމަށް އިސްމާޢީލް ރަފީޢު ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ.
ސިވިލް ކޯޓަށް އިސްމާޢީލް ރަފީޢު މައްސަލަ ހުށަހަޅާފައިވަނީ 2010 ޖަނަވަރީ 18 ވަނަ ދުވަހުއެވެ. ސިވިލް ކޯޓުން މައްސަލަ ބެލުމަށްފަހު، މައްސަލަ ނިންމާފައި ވަނީ 2011 ޖަނަވަރީ 13 ވަނަ ދުވަހުއެވެ. ސިވިލް ކޯޓުން މި މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2010/CV-C/326 (117/MC/2010) ޤަޟިއްޔާއިންނެވެ.
ސީ އެންޑް ސަންގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 2010/CV-C/326 ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. ހައިކޯޓުގައި މައްސަލަ ބަލާފައި ވަނީ އެ ކޯޓުގެ ނަންބަރު 72/HC-A/2011 ޤަޟިއްޔާއިންނެވެ. ދިވެހިރާއްޖޭގެ ހައިކޯޓުން އެ މައްސަލައިގެ ޙުކުމްކޮށްފައި ވަނީ 2013 ޖުލައި 18 ވަނަ ދުވަހުއެވެ.
މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 72/HC-A/2011 ޤަޟިއްޔާ ނިންމާފައިވާގޮތާމެދު ހިތްހަމަނުޖެހިގެން، ސީ އެންޑް ސަންގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އެ މައްސަލަ އިސްތިއުނާފުކުރުމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެ މައްސަލަ ބަލައި ޙުކުމް ކުރި ޤަޟިއްޔާއެވެ.
މައްސަލައިގައި ކަންހިނގާފައިވާ ގޮތް
ފައިބަރު ދޯންޏެއް ބަނުމަށް ބޭނުންވާ ފައިބަރގްލާސް މެޓީރިއަލް 25 ދުވަހުގެ ތެރޭގައި ފޯރުކޮށްދިނުމަށް، ސީ އެންޑް ސަންއާއި އިސްމާޢީލް ރަފީޢުއާ ދެމެދު 2008 ޖަނަވަރީ 27 ވަނަ ދުވަހު އެއްބަސްވުމެއްގައި ސޮއިކުރިއެވެ.
އިސްމާޢީލް ރަފީޢުއާއި ސީ އެންޑް ސަންއާ ދެމެދު ލިޔެ ސޮއިކުރެވުނު އެއްބަސްވުން ބުނާގޮތުން، ސީ އެންޑް ސަންގެ ފަރާތުން އިސްމާޢީލް ރަފީޢުއަށް ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ ފައިބަރގްލާސް މެޓީރިއަލްގެ ޖުމްލަ އަގަކީ 921,995.00ރ. (ނުވަލައްކަ އެކާވީސްހާސް ނުވަސަތޭކަ ނުވަދިހަފަހެއް) ރުފިޔާއެވެ. އެޑްވާންސް ފައިސާގެ ގޮތުގައި 815,049.00ރ. (އައްލައްކަ ފަނަރަހާސް ސާޅިސްނުވައެއް) ރުފިޔާ، އިސްމާޢީލް ރަފީޢުގެ ފަރާތުން ސީ އެންޑް ސަން އަށް 2008 ޖަނަވަރީ 27 ވަނަ ދުވަހު ދީފައިވާކަމަށް ވެއެވެ.
ސީ އެންޑް ސަން އިން ގެނެސްދިނުމަށް އެއްބަސްވި ތަކެތީގެ ތެރެއިން ބައެއް ގެނެސްދިނުމަށް ފަހު އަނެއްބައި ގެނެސްދީފައި ނުވާކަމަށް އިސްމާޢީލް ރަފީޢު ބުނެއެވެ.
ފައިބަރގްލާސް މެޓީރިއަލް ސަޕްލައިކޮށްދިނުމަށް ސީ އެންޑް ސަންގެ ފަރާތުން ދެ ކޯޓޭޝަނެއް ދިންކަމަށްވެއެވެ. އެގޮތުން ދިން ފުރަތަމަ ކޯޓޭޝަނަކީ 369,946.40ރ. (ތިންލައްކަ ފަސްދޮޅަސްނުވަހާސް ނުވަސަތޭކަ ސާޅީސްހަރުފިޔާ ސާޅީސްލާރި) ގެ ތަކެތި ފޯރުކޮށްދިނުމަށް ދިން ކޯޓޭޝަނެކެވެ. މި ކޯޓޭޝަންގައިވާ ތަކެތި ފޯރުކޮށްދީފައި ވާކަމާމެދު އިސްމާޢީލް ރަފީޢުގެ ފަރާތުންވެސް އަދި ސީ އެންޑް ސަންގެ ފަރާތުންވެސް އެއްވެސް ޚުޞޫމަތެއް ނުއުފައްދައެވެ. ދެވަނަ ކޯޓޭޝަންގެ އަގަކީ 552,048.60ރ. (ފަސްލައްކަ ފަންސާސްދެހާސް ސާޅީސްއަށްރުފިޔާ ފަސްދޮޅަސްލާރި) އެވެ. ދެވަނަ ކޯޓޭޝަންގައިވާ ތަކެތި، ސީ އެންޑް ސަންގެ ފަރާތުން ފޯރުކޮށްދީފައި ނުވާކަމަށް އިސްމާޢީލް ރަފީޢު ބުނެއެވެ.
ގެނެސްދީފައިނުވާ ފައިބަރގްލާސް މެޓީރިއަލްގެ އަގަށްވާ ފައިސާ އަދި މިކަމުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ބަދަލަށްވާ ޖުމްލަ 1,506,349.00ރ. (އެއްމިލިޔަން ފަސްލައްކަ ހަހާސް ތިންސަތޭކަ ސާޅީސްނުވައެއް) ރުފިޔާ ހޯދުމަށް އިސްމާޢީލް ރަފީޢު ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ.
ސިވިލް ކޯޓުން ނިންމާފައިވާގޮތް
ސިވިލް ކޯޓުން ނިންމާފައިވަނީ، ދަޢުވާގައި އިޝާރާތްކުރާ މުދާ ސީ އެންޑް ސަންގެ ފަރާތުން އިސްމާޢީލް ރަފީޢުއަށް ފޯރުކޮށްދީފައި ނުވާކަން ހެކިންގެ ހެކިބަހުން ޘާބިތުވާ ކަމަށެވެ. އަދި ދެފަރާތުގެމެދުގައި ވެފައިވާ އެއްބަސްވުމުގެ 3 ވަނަ ނަންބަރުގައި ބުނާ، އެޑްވާންސް ފައިސާގެ ގޮތުގައި ސީ އެންޑް ސަންއަށް އިސްމާޢީލް ރަފީޢު ދައްކަންޖެހޭ 815,049.00ރ. (އަށްލައްކަ ފަނަރަހާސް ސާޅީސްނުވައެއް) ރުފިޔާ 2008 ޖަނަވަރީ 27 ވަނަ ދުވަހު އިސްމާޢީލް ރަފީޢުގެ ފަރާތުން ސީ އެންޑް ސަންއަށް ލިބިއްޖެކަމަށް އެއްބަސްވުމުގައި ލިޔެފައި އޮތަތީ، މިނޫން ގޮތަކަށް ސާބިތުނުވާހައި ހިނދަކު، މި ފައިސާއަކީ އެއްބަސްވުމުގައި ބުނެފައިވާގޮތަށް ސީ އެންޑް ސަންއާ ޙަވާލުކުރެވިފައިވާ ފައިސާއެއްކަމަށް ބަލަންޖެހޭނެކަމަށެވެ. އަދި، ސީ އެންޑް ސަން އިން އިސްމާޢީލް ރަފީޢުއަށް ފޯރުކޮށްދޭންޖެހޭ މުދާ ފޯރުކޮށްދީފައިނުވާތީ، އިސްމާޢީލް ރަފީޢުގެ ފަރާތުން ސީ އެންޑް ސަން އަށް ދައްކާފައިވާ 815,049.00ރ. (އަށްލައްކަ ފަނަރަހާސް ސާޅީސްނުވައެއް) ރުފިޔާ އަކީ ސީ އެންޑް ސަންގެ ފަރާތުން އިސްމާޢީލް ރަފީޢުއަށް އަނބުރާ ދައްކަންޖެހޭނެ ފައިސާއެއްކަމުގައި ކަނޑައަޅައި، މި ފައިސާ އިސްމާޢީލް ރަފީޢުއަށް ލިބިދިނުމުގެ ގޮތުން، 2011ޖަނަވަރީ 13 ވަނަ ދުވަހުން ފެށިގެން 08 (އަށެއް) މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކު އެ މަހަކަށްޖެހޭ ޢަދަދަށްވުރެ މަދުނޫން ޢަދަދެއް ސިވިލް ކޯޓަށް ދައްކަމުންގޮސް، މި މުއްދަތުގެ ތެރޭގައި މި ފައިސާ އެއްކޮށް ދައްކައި ޚަލާޞްކުރުމަށް ސީ އެންޑް ސަންއަށް އަންގައި، އެ ކުންފުނީގެ ޣައިރު ހާޒިރުގައި ޙުކުމްކޮށްފައިވެއެވެ.
ސީ އެންޑް ސަންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރި ނުކުތާތައް
ސިވިލް ކޯޓުގެ ނަންބަރު 2010/CV-C/326 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ ސީ އެންޑް ސަންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި 3 (ތިނެއް) ނުކުތާއެއް ފާހަގަކޮށްފައިވެއެވެ. އެ ނުކުތާތައް ތިރީގައި މި ވަނީއެވެ.
އިސްމާޢީލް ރަފީޢުގެ ފަރާތުން ސީ އެންޑް ސަން އާމެދު ކޮށްފައިވާ މި ދަޢުވާގައި، ފައިބަރގްލާސް މެޓީރިއަލް ގަތުމަށް ސީ އެންޑް ސަންއަށް ދައްކާފައިވަނީ 921,995.00ރ. (ނުވަލައްކަ އެކާވީސްހާސް ނުވަސަތޭކަ ނުވަދިހަފަހެއް) ރުފިޔާ ކަމަށް ދަޢުވާފޯމުގެ "މައްސަލައިގައި ކަންހިނގާފައި ވާގޮތުގެ ތަފްޞީލް" ގެ އެއްވަނަ ނަންބަރުގައި ބަޔާންކޮށް، މި ފައިބަރގްލާސް ގަތުމަށް ދެ ކޯޓޭޝަނެއް ފޮނުވިކަމަށާއި، މީގެތެރެއިން އެއް ކޯޓޭޝަންގެ އަގަކީ 369,946.40ރ. (ތިންލައްކަ ފަސްދޮޅަސްނުވަހާސް ނުވަސަތޭކަ ސާޅީސްހަރުފިޔާ ސާޅީސްލާރި) ކަމަށާއި، މި ކޯޓޭޝަނުގައިވާ ތަކެތި ހަމައަށް ގެނެސްދީފައިވާ ކަމަށާއި، ލިބިފައިނުވަނީ ދެވަނަ ކޯޓޭޝަނުގައިވާ 552,048.60ރ. (ފަސްލައްކަ ފަންސާސްދެހާސް ސާޅީސްއަށްރުފިޔާ ފަސްދޮޅަސްލާރި) ގެ ތަކެތި ކަމަށް ދަޢުވާފޯމުގެ "މައްސަލައިގައި ކަންހިނގާފައި ވާގޮތުގެ ތަފްޞީލް" ގެ ދެވަނަ ނަންބަރުގައި ބަޔާންކޮށްފައިވާއިރު، 815,049.00ރ. (އަށްލައްކަ ފަނަރަހާސް ސާޅީސްނުވައެއް) ރުފިޔާ ސީ އެންޑް ސަން އިން އިސްމާޢީލް ރަފީޢުއަށް ދިނުމަށް ކޮށްފައިވާ ޙުކުމަކީ އެއްވެސް އަސްލެއްގެ މައްޗަށް ކޮށްފައިވާ ޙުކުމަކަށް ނުވާކަމަށް ބުނެ ފާހަގަކުރި ނުކުތާ؛
އިސްމާޢީލް ރަފީޢުއަށް ފައިބަރގްލާސް މެޓީރިއަލްސް ގެނެސް ދިނުމަށް ސީ އެންޑް ސަންއާއި އިސްމާޢީލް ރަފީޢުއާ ދެމެދު 2008 ޖަނަވަރީ 27 ވަނަ ދުވަހު ވެފައިވާ އެއްބަސްވުމުގައި، ސީ އެންޑް ސަންއަށް އިސްމާޢީލް ރަފީޢު 815,049.00ރ. (އަށްލައްކަ ފަނަރަހާސް ސާޅީސްނުވައެއް) ރުފިޔާ ދެއްކިކަމަށް ބުނެފައިވާއިރު، އިސްމާޢީލް ރަފީޢު ސީ އެން ސަންއަށް ދައްކާފައިވަނީ އިސްމާޢީލް ރަފީޢުގެ އެކައުންޓްގެ ޗެކަކުން ދެއްކި 583,649.00ރ. (ފަސްލައްކަ އަށްޑިހަތިންހާސް ހަސަތޭކަ ސާޅީސްނުވައެއް) ރުފިޔާ ކަމާއި، އިސްމާޢީލް ރަފީޢު ފައިސާ ދައްކާފައިވަނީ އެއްބަސްވުމުގައި ސޮއިކުރުމުގެ ފަހުން ކަމަށްވާއިރު، އިސްމާޢީލް ރަފީޢު ޗެކުން ދެއްކި ފައިސާ ފިޔަވައި އިތުރު އެއްވެސް ފައިސާއެއް ސީ އެންޑް ސަންއަށް ދެއްކިކަން ސާބިތުވާފަދަ އެއްވެސް ހެއްކެއް ދެއްކިފައި ނުވާއިރު، މި މައްސަލައިގެ އަސްލާ އެއްވެސް ގުޅުމެއްނުވާ ހެކިންގެ ހެކިބަހުގެ މައްޗަށް މައްސަލަ ނިމާފައިވުން ކަމަށް ބުނެ ފާހަގަ ކުރި ނުކުތާ؛
އިސްމާޢީލް ރަފީޢުއަށް ބޭނުންވާ ދެވަނަ ކޯޓޭޝަނުގައި ހިމެނޭ މުދާ ރާއްޖެ ގެނެސް، ސީ އެންޑް ސަންއަށް ދައްކަންޖެހޭ ފައިސާދައްކައި އެ ތަކެތި ގެންދިއުމަށް އިސްމާޢީލް ރަފީޢުއަށް ސީ އެންޑް ސަންގެ ފަރާތުން އެންގިކަން ސާބިތުކުރުމަށް ހެކިންތިބިކަމަށާއި، މި ހެކިންތިބިކަން ސާބިތުކޮށްދިނުމަށް އެދުމުން ޝަރީޢަތުން ހެކިން ހާޒިރުކޮށްދިނުމެއްނެތި މައްސަލަ ނިންމާފައި ވުމުން، މިފަދަ މަދަނީ މައްސަލައެއްގައި ބަލަންޖެހޭ މިންވަރަށް ނުބަލާ މައްސަލަ ނިންމާފައިވާތީ ސީ އެންޑް ސަންގެ ޙައްޤު ގެއްލިފައިވާކަމަށް ބުނެ ފާހަގަކުރި ނުކުތާ އެވެ.
ހައިކޯޓުން ނިންމާފައިވާގޮތް
ސިވިލް ކޯޓުގެ ނަންބަރު 326/Cv-C/2010 (117/MC/2010) ޤަޟިއްޔާ ސީ އެންޑް ސަންގެ ފަރާތުން އިސްތިއުނާފުކުރުމުން، ހައިކޯޓުގެ ފަރާތުން އެ މައްސަލަބެލީ އެ ކޯޓުގެ ނަންބަރު 2011/HC-A/72 ޤަޟިއްޔާއިންނެވެ. ހައިކޯޓުންވަނީ ސިވިލް ކޯޓުގެ ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށްފައެވެ. ސިވިލް ކޯޓުގެ ނަންބަރު 326/Cv-C/2010 (117/MC/2010) ޤަޟިއްޔާގެ ޙުކުމް ބާޠިލުކުރަމުން ހައިކޯޓުން ކަނޑައެޅި ކަންކަމަކީ:
(ހ) ސީ އެންޑް ސަންއާއި އިސްމާޢީލް ރަފީޢުއާ ދެމެދު 2008 ޖަނަވަރީ 27 ވަނަ ދުވަހު ވެފައިވާ އެއްބަސްވުމުގެ ދަށުން، 369,946.40ރ. (ތިންލައްކަ ފަސްދޮޅަސް ނުވަހާސް ނުވަސަތޭކަ ސާޅިސްހަރުފިޔާ ސާޅީސްލާރި) ގެ ކޯޓޭޝަނުގައި ހިމެނޭ ތަކެތި، ސީ އެންޑް ސަންގެ ފަރާތުން ގެނެސްދީފައިވާކަން އިސްމާޢީލް ރަފީޢުގެ ބަހުން ޝަރީޢަތަށް ސާބިތުވާތީ އެ އެއްބަސްވުމުގެ ދަށުން އެޑްވާންސް ފައިސާގެ ގޮތުގައި ދައްކާފައިވާ 815,049.00ރ. (އައްލައްކަ ފަނަރަހާސް ސާޅީސްނުވައެއް) ރުފިޔާގެ ތެރެއިން އެ ކޯޓޭޝަންގައި ހިމެނޭ ތަކެތީގެ އަގު ކަމުގައިވާ 369,946.40ރ. (ތިންލައްކަ ފަސްދޮޅަސްނުވަހާސް ނުވަސަތޭކަ ސާޅިސްހަރުފިޔާ ސާޅީސްލާރި) އުނިކުރަންޖެހޭތީ، ސީ އެންޑް ސަން އިން އިސްމާޢީލް ރަފީޢުއަށް ދައްކަންޖެހޭ ފައިސާކަމަށް ސިވިލް ކޯޓުގެ ނަންބަރު 2010/CV-C/326 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ޢަދަދަށް ބަދަލުގެންނަންޖެހޭކަން؛
(ށ) އިސްމާޢީލް ރަފީޢުއާއި ސީ އެންޑް ސަންއާ ދެމެދު 2008 ޖަނަވަރީ 27 ގައި ވެފައިވާ އެއްބަސްވުމުގެ 3 (ތިނެއް) ވަނަ މާއްދާގައި "... އެޑްވާންސް ފައިސާގެ ގޮތުގައި 815,049.00ރ. (އަށްލައްކަ ފަނަރަހާސް ސާޅީސްނުވައެއް) ރުފިޔާ އިސްމާޢީލް ރަފީޢުގެ އަތުން މި ކުންފުންޏަށް (ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް) އަށް 27 ޖަނަވަރީ 2008 ދުވަހު ލިބިއްޖެއެވެ." މިފަދައިން ބަޔާންކޮށްފައި ވީހިނދު، އެނޫން ގޮތަކަށް އެކަން ސާބިތުނުވާހާ ހިނދަކު، މި ފައިސާއަކީ އެއްބަސްވުމުގައިވާ ފަދައިން އިސްމާޢީލް ރަފީޢުގެ ފަރާތުން ހަވާލުކުރެވި ސީ އެންޑް ސަންއަށް ލިބިފައިވާ ފައިސާއެއްކަމަށް ބަލަންޖެހޭކަން؛
(ނ) ސީ އެންޑް ސަންއާއި އިސްމާޢީލް ރަފީޢުއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، އެއްބަސްވުމުގައި ހިމެނޭ 552,048.60ރ. (ފަސްލައްކަ ފަންސާސްދެހާސް ސާޅިސްއަށްރުފިޔާ ފަސްދޮޅަސްލާރި) ގެ ކޯޓޭޝަނުގައި ހިމެނޭ ތަކެތި ރާއްޖެގެނެސް، އެ ތަކެއްޗާ ޙަވާލުވުމަށް ސީ އެންޑް ސަންގެ ފަރާތުން އިސްމާޢީލް ރަފީޢުއަށް އަންގާފައިވާކަން ސާބިތުކުރުމަށް ހެކިން ތިބިކަމަށާއި، އަދި އެފަރާތްތައް ދަށުކޯޓަށް ހާޒިރުކޮށްދިނުމަށް އެދިފައިވާނެކަމަށް ސީ އެންޑް ސަންގެ ފަރާތުން ބުނެފައިވީނަމަވެސް، ސިވިލް ކޯޓުގެ ނަންބަރު 2010/CV-C/326 ޤަޟިއްޔާއާ ގުޅިގެން ސިވިލް ކޯޓަށް ދީފައިވާ އެންމެހައި ބަޔާންތަކަށް ބަލާއިރު، ސީ އެންޑް ސަންގެ ފަރާތުން ހެކިން ހުށަހަޅައި އެ ހެކިން ހާޒިރުކޮށްދިނުމަށް އެދިފައިވާކަން އެއިން އެއްވެސް ބަޔާނަކުންވެސް ފާހަގަކުރެވެން ނެތްކަން ސިވިލް ކޯޓުގެ ނަންބަރު 2010/CV-C/326 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮންނަކަން؛
(ރ) އެޑްވާންސް ފައިސާގެ ގޮތުގައި ސީ އެންޑް ސަންއަށް އިސްމާޢީލް ރަފީޢު ދައްކާފައިވާ 815,049.00ރ. (އަށްލައްކަ ފަނަރަހާސް ސާޅީސްނުވައެއް) ރުފިޔާގެ ތެރެއިން 369,946.40ރ. (ތިންލައްކަ ފަސްދޮޅަސްނުވަހާސް ނުވަސަތޭކަ ސާޅިސްހަރުފިޔާ ސާޅީސްލާރި) ކެނޑުމުން ބާކީވާ 445,102.60ރ. (ހަތަރުލައްކަ ސާޅީސްފަސްހާސް އެއްސަތޭކަ ދެރުފިޔާ ފަސްދޮޅަސްލާރި) އަކީ ސީ އެންޑް ސަންގެ ފަރާތުން އިސްމާޢީލް ރަފީޢުއަށް ދައްކަންޖެހޭ ފައިސާއެއްކަމަށާއި، މި ފައިސާ 2013 ޖުލައި 18 ވަނަ ދުވަހުން ފެށިގެން 02 (ދޭއް) މަސް ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދެއްކުމަށް ސީ އެންޑް ސަންއަށް އަންގައި ޙުކުމްކޮށްފައިވާކަން؛ މިއެވެ.
އިސްތިއުނާފަށް ހުށަހެޅި ނުކުތާތަކާއި އެ ނުކުތާތަކުގައިވާ ޤާނޫނީ ބުރަދަން
ސީ އެންޑް ސަންގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރި 5 (ފަސް) ނުކުތާގެ ތެރެއިން ފުރަތަމަ ނުކުތާއަށް ބަލާއިރު އެ ނުކުތާގައި ބުނަނީ، ސީ އެންޑް ސަން އާމެދު ކޮށްފައިވާ ދަޢުވާގައި ފައިބަރގްލާސް މެޓީރިއަލް ގަތުމަށް ސީ އެންޑް ސަންއަށް ދައްކާފައިވަނީ 995,921.00ރ. (ނުވަލައްކަ ނުވަދިހަފަސްހާސް ނުވަސަތޭކަ އެކާސްވީސް) ރުފިޔާ ކަމަށް ދަޢުވާފޯމުގެ "މައްސަލާގައި ކަންހިނގާފައިވާ ގޮތުގެ ތަފްޞީލް" ގެ އެއްވަނަ ނަންބަރުގައި ބަޔާންކޮށް، މި ފައިބަރގްލާސް ގަތުމަށް ދެ ކޯޓޭޝަނެއް ފޮނުވިކަމަށާއި މީގެތެރެއިން އެއް ކޯޓޭޝަންގެ އަގަކީ 369,946.40ރ. (ތިންލައްކަ ފަސްދޮޅަސްނުވަހާސް ނުވަސަތޭކަ ސާޅިސްހަރުފިޔާ ސާޅީސްލާރި) ކަމަށާއި، މި ކޯޓޭޝަނުގައިވާ ތަކެތި ހަމައަށް ގެނެސްދީފައިވާ ކަމަށާއި، ލިބިފައިނުވަނީ ދެވަނަ ކޯޓޭޝަނުގައިވާ 552,048.60ރ. (ފަސްލައްކަ ފަންސާސްދެހާސް ސާޅީސްއަށް ރުފިޔާ ފަސްދޮޅަސް ލާރި) ގެ ތަކެތިކަމަށް ދަޢުވާފޯމުގެ "މައްސަލައިގައި ކަންހިނގާފައި ވާގޮތުގެ ތަފްޞީލް" ގެ ދެވަނަ ނަންބަރުގައި ބަޔާންކޮށްފައިވާއިރު، 815,049.00ރ. (އަށްލައްކަ ފަނަރަހާސް ސާޅީސްނުވަ ރުފިޔާ) ސީ އެންޑް ސަން އިން އިސްމާޢީލް ރަފީޢުއަށް ދިނުމަށްކޮށްފައިވާ ޙުކުމަކީ އެއްވެސް އަޞްލެއްގެ މައްޗަށް ކޮށްފައިވާ ޙުކުމަކަށް ނުވާކަމަށެވެ.
ހައިކޯޓުގެ ނަންބަރު 2011/HC-A/72 ޤަޟިއްޔާގެ، ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާގެ 3 ގެ (ހ) އަދި (ށ) އަށް ބެލުމުން، ސީ އެންޑް ސަން އިން ނެގި ފުރަތަމަ އިސްތިއުނާފީ ނުކުތާއަށް ހައިކޯޓުން ރިޢާޔަތްކޮށް ޖަވާބު ދީފައިވާކަން އެނގެއެވެ. އެގޮތުން، ސީ އެންޑް ސަންއާއި އިސްމާޢީލް ރަފީޢުއާ ދެމެދު 2008 ޖަނަވަރީ 27 ވަނަ ދުވަހު ވެފައިވާ އެއްބަސްވުމުގެ ދަށުން، 369,946.40ރ. (ތިންލައްކަ ފަސްދޮޅަސްނުވަހާސް ނުވަސަތޭކަ ސާޅިސްހަރުފިޔާ ސާޅީސްލާރި) ގެ ކޯޓޭޝަނުގައި ހިމެނޭ ތަކެތި، ސީ އެންޑް ސަންގެ ފަރާތުން ގެނެސްދީފައިވާކަން ސާބިތުވާކަމާއި، އެޑްވާންސް ފައިސާގެ ގޮތުގައި އިސްމާޢީލް ރަފީޢު ސީ އެންޑް ސަންއަށް ދައްކާފައިވާ 815,049.00ރ. (އަށްލައްކަ ފަނަރަހާސް ސާޅީސްނުވައެއް) ރުފިޔާގެ ތެރެއިން 369,946.40ރ. (ތިންލައްކަ ފަސްދޮޅަސްނުވަހާސް ނުވަސަތޭކަ ސާޅިސްހަރުފިޔާ ސާޅީސްލާރި) ކެނޑުމުން ބާކީވާ 445,102.60ރ. (ހަތަރުލައްކަ ސާޅީސްފަސްހާސް އެއްސަތޭކަ ދެރުފިޔާ ފަސްދޮޅަސްލާރި) އަކީ ސީ އެންޑް ސަންގެ ފަރާތުން އިސްމާޢީލް ރަފީޢުއަށް ދައްކަންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅާފައިވާތީ، އަދި އިސްމާޢީލް ރަފީޢުއާއި ސީ އެންޑް ސަންއާ ދެމެދު 2008 ޖަނަވަރީ 27 ގައި ވެފައިވާ އެއްބަސްވުމުގެ 3 (ތިނެއް) ވަނަ މާއްދާގައި "... އެޑްވާންސް ފައިސާގެ ގޮތުގައި 815,049.00ރ. (އަށްލައްކަ ފަނަރަހާސް ސާޅީސްނުވައެއް) ރުފިޔާ އިސްމާޢީލް ރަފީޢުގެ އަތުން މި ކުންފުންޏަށް (ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް) އަށް 27 ޖަނަވަރީ 2008 ދުވަހު ލިބިއްޖެއެވެ." މިފަދައިން ބަޔާންކޮށްފައިވީހިނދު، އެނޫން ގޮތަކަށް އެކަން ސާބިތުނުވާހާހިނދަކު، މި ފައިސާއަކީ އެއްބަސްވުމުގައިވާ ފަދައިން އިސްމާޢީލް ރަފީޢުގެ ފަރާތުން ހަވާލުކުރެވި ސީ އެންޑް ސަންއަށް ލިބިފައިވާ ފައިސާއެއްކަމަށް ބަލަންޖެހޭކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބުނެފައިވާތީ، އަދި ސިވިލް ކޯޓުގެ ޙުކުމަށް ހައިކޯޓުން ބަދަލުގެނައުމުން، އެ ނުކުތާއަށް ހައިކޯޓުން ރިޢާޔަތްކޮށް ގޮތެއް ނިންމާފައިވާކަން އެނގެއެވެ. އަދި ދިވެހިރާއްޖޭގެ ހައިކޯޓުން މި ނުކުތާއަށް ރިޢާޔަތްކޮށްފައި ވަނީ ރަނގަޅަށް ކަމުގައި އަހުރެން ދެކެމެވެ.
ސީ އެންޑް ސަންގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރި 5 (ފަސް) ނުކުތާގެ ތެރެއިން ދެވަނަ ނުކުތާ އަށް ބަލާއިރު އެ ނުކުތާގައި ބުނަނީ، އިސްމާޢީލް ރަފީޢުއަށް ފައިބަރގްލާސް ގެނެސްދިނުމަށް ސީ އެންޑް ސަންއާއި އިސްމާޢީލް ރަފީޢުއާ ދެމެދު 2008 ޖަނަވަރީ 27 ވަނަ ދުވަހު ވެފައިވާ އެއްބަސްވުމުގައި، އިސްމާޢީލް ރަފީޢު 815,049.00ރ. (އަށްލައްކަ ފަނަރަހާސް ސާޅީސްނުވައެއް) ރުފިޔާ ސީ އެންޑް ސަން އަށް ދެއްކިކަމަށް ބުނެފައިވާއިރު، އިސްމާޢީލް ރަފީޢު ފައިސާ ދައްކާފައިވަނީ އެއްބަސްވުމުގައި ސޮއިކުރުމުގެ ފަހުން ކަމަށާއި، އިސްމާޢީލް ރަފީޢު ޗެކުން ދެއްކި ފައިސާ ފިޔަވައި އިތުރު އެއްވެސް ފައިސާއެއް ސީ އެންޑް ސަންއަށް ދެއްކިކަން ސާބިތުވާފަދަ އެއްވެސް ހެއްކެއް އިސްމާޢީލް ރަފީޢުއަށް ދެއްކިފައިނުވާއިރު، މި މައްސަލައިގެ އަސްލާ އެއްވެސް ގުޅުމެއްނުވާ ހެކިންގެ ހެކިބަހުގެ މައްޗަށް މައްސަލަ ނިންމާފައިވުން ކަމަށް ބުނެ ފާހަގަކުރި ނުކުތާއަށް ދިވެހިރާއްޖޭގެ ހައިކޯޓުން ރިޢާޔަތްކޮށްފައި ނުވާކަމަށެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/72 ޤަޟިއްޔާގެ ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަ ކުރެވުނު ނުކުތާގެ 3 ގެ (ށ) އަށް ބެލުމުން، ސީ އެންޑް ސަން އިން ނެގި ދެވަނަ އިސްތިއުނާފީ ނުކުތާއަށް ދިވެހިރާއްޖޭގެ ހައިކޯޓުން ރިޢާޔަތްކޮށް ޖަވާބުދީފައިވާކަން އެނގެއެވެ. މިގޮތުން ސީ އެންޑް ސަންއާއި އިސްމާޢީލް ރަފީޢުއާ ދެމެދު 2008 ޖަނަވަރީ 27 ވަނަ ދުވަހު ވެފައިވާ އެއްބަސްވުމުގެ 3 (ތިނެއް) ވަނަ މާއްދާގައި "... އެޑްވާންސް ފައިސާގެ ގޮތުގައި 815,049/-ރ. (އަށްލައްކަ ފަނަރަހާސް ސާޅީސްނުވައެއް) ރުފިޔާ އިސްމާޢީލް ރަފީޢު އަތުން މި ކުންފުންޏަށް (ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް) އަށް 27 ޖަނަވަރީ 2008 ގައި ލިބިއްޖެއެވެ." މިފަދައިން ބަޔާންކޮށްފައި ވާކަމާއި، އެނޫންގޮތަކަށް ސާބިތު ނުވާހާ ހިނދަކު، މި ފައިސާއަކީ އިސްމާޢީލް ރަފީޢުގެ ފަރާތުން ހަވާލުކުރެވި ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވާ ފައިސާއެއް ކަމަށް ބަލަންޖެހޭނެ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބުނެފައިވެއެވެ. އަދި، ސީ އެންޑް ސަންއާއި އިސްމާޢީލް ރަފީޢުއާ ދެމެދު 27 ޖަނަވަރީ 2008 ގައި ވެފައިވާ އެއްބަސްވުމުގެ ޞައްޙަކަމާމެދު ސިވިލް ކޯޓުގައިވެސް އަދި ދިވެހިރާއްޖޭގެ ހައިކޯޓުގައިވެސް، ސީ އެންޑް ސަންގެ ފަރާތުންވެސް އަދި އިސްމާޢީލް ރަފީޢުގެ ފަރާތުންވެސް ސުވާލު އުފައްދާފައި ނުވާކަން އެނގެއެވެ.
ސީ އެންޑް ސަންގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރި 5 (ފަސް) ނުކުތާގެ ތެރެއިން 3 (ތިނެއް) ވަނަ ނުކުތާ އަށް ބަލާއިރު އެ ނުކުތާގައި ބުނަނީ، އިސްމާޢީލް ރަފީޢުއަށް ބޭނުންވާ ދެވަނަ ކޯޓޭޝަންގައި ހިމެނޭ މުދާ ރާއްޖެ ގެނެސް، ސީ އެންޑް ސަންއަށް ދައްކަންޖެހޭ ފައިސާ ދައްކައި، އެ ތަކެތި ގެންދިއުމަށް އިސްމާޢީލް ރަފީޢުއަށް ސީ އެންޑް ސަންގެ ފަރާތުން އެންގިކަން ސާބިތުކުރުމަށް ހެކިން ތިބިކަމަށާއި، މި ހެކިން ތިބިކަން ސާބިތުކޮށްދިނުމަށް އެދުމުން ޝަރީޢަތުން ހެކިން ހާޒިރުކޮށްދިނުމެއް ނެތި މައްސަލަ ނިންމާފައިވުމުން، މިފަދަ މަދަނީ މައްސަލައެއްގައި ބަލަންޖެހޭ މިންވަރަށް ނުބަލައި މައްސަލަނިންމާފައިވާތީ ސީ އެންޑް ސަންގެ ޙައްޤު ގެއްލިފައިވާކަމަށް ބުނެ ފާހަގަކުރި ނުކުތާއަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބަލާފައި ނުވާކަމަށާ އަދި ސީ އެންޑް ސަން އިން ހުށަހެޅި ހެކިންގެ ހެކިބަސް ނަގާފައި ނުވާކަމަށެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/72 ޤަޟިއްޔާގެ ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަ ކުރެވުނު ނުކުތާގެ 3 ގެ (ނ) އަށް ބެލުމުން، ސީ އެންޑް ސަން އިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ނެގި ތިންވަނަ އިސްތިއުނާފީ ނުކުތާއަށް ހައިކޯޓުން ރިޢާޔަތްކޮށް ޖަވާބު ދީފައިވާކަން އެނގެއެވެ. މިގޮތުން، ސިވިލް ކޯޓުގެ ނަންބަރު 326/Cv-C/2010 (1129/MC/2010) ޤަޟިއްޔާއާ ގުޅިގެން ސިވިލް ކޯޓަށް ދީފައިވާ އެންމެހައި ބަޔާންތަކަށް ބަލާއިރު، ސީ އެންޑް ސަންގެ ފަރާތުން ހެކިން ހުށަހަޅައި އެ ހެކިން ހާޒިރުކޮށްދިނުމަށް އެދިފައިވާކަން އެއިން އެއްވެސް ބަޔާނަކުންވެސް ފާހަގަކުރެވެން ނެތްކަން ސިވިލް ކޯޓުގެ ނަންބަރު326/Cv-C/2010 (1129/MC/2010) ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގޭކަން ދިވެހިރާއްޖޭގެ ހައިކޯޓުން ފާހަގަކޮށްފައިވެއެވެ.
ސީ އެންޑް ސަންގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރި 5 (ފަސް) ނުކުތާގެ ތެރެއިން 4 (ހަތަރެއް) ވަނަ ނުކުތާއަށް ބަލާއިރު އެ ނުކުތާގައި ބުނަނީ، ސީ އެންޑް ސަންއަށް ފައިސާދައްކާފައި ވަނީ ޗެކަކުންކަމާއި، އަދި އެ ޗެކް ސީ އެންޑް ސަންގެ އެކައުންޓަށް ޖަމާކުރި ސްލިޕްގެ ކޮޕީ ސިވިލް ކޯޓަށާއި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން މި ލިޔުމަށް ސިވިލް ކޯޓުގެ ނަންބަރު 326/Cv-C/2010 ޤަޟިއްޔާއާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/72 ޤަޟިއްޔާގައި ބަލާފައި ނުވުމުން، ސީ އެންޑް ސަންގެ މަދަނީ ޙައްޤު ގެއްލިފައިވާކަމަށެވެ.
ސީ އެންޑް ސަންއަށް ފައިސާ ދައްކާފައިވަނީ ޗެކަކުންކަމާއި، އަދި އެ ޗެކް ސީ އެންޑް ސަންގެ އެކައުންޓަށް ޖަމާކުރި ސްލިޕްގެ ކޮޕީ ސިވިލް ކޯޓަށާއި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިކަން އެނގެއެވެ. މި ސްލިޕްކޮޅު، ސިވިލް ކޯޓުގެ ނަންބަރު 326/Cv-C/2010 ޤަޟިއްޔާ އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/72 ޤަޟިއްޔާގައި ބަލާފައި ނުވުމުން، ސީ އެންޑް ސަންގެ މަދަނީ ޙައްޤު ގެއްލިފައިވާކަމަށް ބުނާބުނުން ފިޔަވައި، ސީ އެންޑް ސަންގެ މަދަނީ ޙައްޤެއް ގެއްލުނީ ކިހިނެއްކަމާއި ގެއްލިފައިވަނީ ކޮން މަދަނީ ޙައްޤެއް ކަމެއް ސީ އެންޑް ސަންގެ ފަރާތުން ބުނެދެވިފައެއް ނުވެއެވެ.
ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރި 5 (ފަސް) ނުކުތާގެ ތެރެއިން ފަސްވަނަ ނުކުތާ އަށް ބަލާއިރު އެ ނުކުތާގައި ބުނަނީ، މަދަނީ މައްސަލަތައް ބެލުމުގައި ޢަމަލުކުރަމުންދާ މަދަނީ މުހިއްމު އެއް ޤާޢިދާއަކީ "ބޮޑަށް ބުރަވެވޭ ގޮތެއްގެ މައްޗަށް" ބިނާކޮށްގެން މައްސަލަ ނިންމުން ކަމަށްވާއިރު، އިސްމާޢީލް ރަފީޢުގެ ފަރާތުން ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ދަޢުވާކުރާ މި މައްސަލައިގައި ބުނެވިދިޔަ ޤާޢިދާއަށް ސިވިލް ކޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓުން ބަލާފައި ނުވާކަމަށެވެ.
މަދަނީ މައްސަލަތަކުގައި ފަނޑިޔާރު މައްސަލަ ނިންމާނީ ބޮޑަށް ބުރަވެވޭ ގޮތެއްގެ މައްޗަށެވެ. މިގޮތުން ބޮޑަށް ބުރަވެވޭގޮތެއް ފަނޑިޔާރު ކަނޑައަޅާނީ އެ މައްސަލައިގެ ހެކި ވަޒަންކުރުމަށް ފަހުއެވެ. ހެކި ހުށަހަޅައިގެން އެ ދަޢުވާއެއް ސާބިތުކުރުމަކީ ދަޢުވާ ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.
ސީ އެންޑް ސަންގެ ފަރާތުން މި ކޯޓަށް ހުށަހެޅި އިސްތިއުނާފީ 5 ނުކުތާ ސާބިތުވާ ވަރަށް ހެކި ހުށަހެޅިފައެއް ނެތެވެ. އަދި ދެވަނަ ކޯޓޭޝަންގައި ބަޔާންކުރާ ތަކެތި އިސްމާޢީލް ރަފީޢުއަށް ފޯރުކޮށްދީފައިވާކަމަށް ބެލޭނެ އެއްވެސް ހެއްކެއް ސީ އެންޑް ސަންގެ ފަރާތުން ސިވިލް ކޯޓަށާއި ދިވެހިރާއްޖޭގެ ހައިކޯޓަށްވެސް ހުށަހަޅާފައިނުވާކަން އެ ދެ ކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުތަކަށް ބެލުމުން އެނގެއެވެ.
ވީމާ، އިސްވެބަޔާންކުރި ނުކުތާތަކުގައި ބުނެވިދިޔަ ސަބަބުތައް އެހެން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 72/HC-A/2011 ޤަޟިއްޔާ ނިންމާފައިވަނީ ރަނގަޅަށް ކަމަށް އަހުރެން ދެކެމެވެ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު
މި މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދްނާން ފާހަގަކުރައްވާފައިވާ ނުކުތާތަކަށް އަހުރެން ތާއީދު ކުރަމެވެ.
ފަނޑިޔާރު ހުސްނުއް ސުޢޫދުގެ ރައުޔު
މި މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދްނާން ފާހަގަކުރައްވާފައިވާ ނުކުތާތަކަށް އަހުރެން ތާއީދު ކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/72 ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ ޙުކުމަށް ބަދަލުގެންނަން ޖެހޭ ޤާނޫނީ ސަބަބެއް ނެތް ކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
މަޙާޒު ޢަލީ ޒާހިރު އަޙްމަދު މުޢުތަޞިމް ޢަދްނާން ޙުސްނުއްސުޢޫދު
(ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.