ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2013/SC-A/56ސުޕްރީމް ކޯޓު · 23 އޮކްޓޫބަރު 2019

—

ސުޕްރީމް ކޯޓު
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 23 އޮކްޓޫބަރު 2019ބާވަތް: ފައިސާ ހޯދުން

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ

ޤަޟިއްޔާ ނަންބަރު: 2013/SC-A/56

ދަޢުވާކުރާ ފަރާތް: 1. ޢަލީ ރަޝީދު

2. މުޙައްމަދު މުޙާޒު ޙަމީދު

3. ޢަބްދުއްރަޝީދު

ދަޢުވާ ލިބޭ ފަރާތް: މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް

މައްސަލައިގެ ބާވަތް: ފައިސާ ހޯދުން

މައްސަލަ އައިގޮތް: އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

ހުށަހެޅުނު ތާރީޚް: 18 ނޮވެމްބަރު 2013

ރަޖިސްޓްރީ ކުރެވުނު ތާރީޚް: 08 ޑިސެމްބަރު 2013

ނިމުނު ތާރީޚް: 23 އޮކްޓޫބަރު 2019

މައްސަލަ ނިންމި ގަޑި: 14:07

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ

އިސްތިއުނާފުކުރެވުނު ޤަޟިއްޔާ

ނަންބަރު: 2011/HC-A/263

ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު

ރަޖިސްޓްރީ ކުރެވުނު ތާރީޚް: 16 ނޮވެމްބަރު 2011

ނިމުނު ތާރީޚް: 04 ޖުލައި 2013

މައްސަލައިގެ ޚުލާޞާ

މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/263 ޤަޟިއްޔާ، އެ ކޯޓުން ބަލައި ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، މި ޤަޟިއްޔާ ސިވިލް ކޯޓުން ނިންމާފައިވާ ގޮތުގެ މަތިން، ލީޒް ކުރެވިފައިވާ އުޅަނދު، މޯލްޑިވްސް ފައިނޭންސް ލީސިންގ އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އިން އެކަށީގެންވާ އަގެއްގައި ވިއްކާލުމަށްފަހު، ޢަލީ ރަޝީދުއާއި މުޙައްމަދު މުޙާޒު ޙަމީދުއާއި ޢަބްދުއްރަޝީދުދައްކަންޖެހޭ ފައިސާއަކުން އެފައިސާއެއް އުނިކުރުމަށް ފަހު އިތުރަށް ދައްކަން ޖެހޭނަމަ، އެ ފައިސާއެއް ދެއްކުމަށް އަންގައިދިނުމަށް އެދި، ޢަލީ ރަޝީދު އާއި މުޙައްމަދު މުޙާޒު ޙަމީދު އާއި ޢަބްދުއްރަޝީދުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އެ ޤަޟިއްޔާ އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާ ރައްދުވާ ފަރާތަކީ، މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އެވެ.

އަދި ބުނެވިދިޔަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/263 ޤަޟިއްޔާއަކީ، ސިވިލް ކޯޓުގެ ނަންބަރު 236/Cv-C/2011 ޤަޟިއްޔާ ނިންމާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތް ނުވާކަމަށް ބުނެ، މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެއް ކަމާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/263 ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވި ފަރާތްތަކަކީ، ޢަލީ ރަޝީދު އާއި މުޙައްމަދު މުޙާޒު ޙަމީދު އާއި ޢަބްދުއްރަޝީދުއެވެ.

ފާހަގަކުރެވުނު ނުކުތާތައް:

01- ސިވިލް ކޯޓުގެ ނަންބަރު 236/Cv-C/2011 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ ރަޖިސްޓްރީ ނަންބަރު C4651A-03 10T'މޫންލައިޓް' އެވެ ކިޔުނު އުޅަނދު ފައިނޭންސް ލީސިންގ ގެ އުޞޫލުން ދޫކުރުމާބެހޭގޮތުން 16 އެޕްރީލް 2009 ދުވަހު މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ފްލެޓް3-308 ޢަލީ ރަޝީދުސޮއިކޮށްފައިވާ ނަންބަރު 09040804 ފައިނޭންސް ލީސް އެގްރީމެންޓްގެ ދަށުން ޢަލީ ރަޝީދު މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާ ދައްކަމުން ނުދާތީވެ، 21 ޖޫން 2010 މިތާރީޚުގައި ލީސް ބާޠިލުކޮށްފައިވާހިނދު، އެހާތަނަށް ލީސް ރެންޓްގެ ގޮތުގައި ޢަލީ ރަޝީދު ދައްކަންޖެހި ނުދައްކައިވާ އެންމެހައި ފައިސާއާއި، ޖޫރިމަނާ ފައިސާއާއި، ލިކުއިޑޭޓަޑް ޑެމޭޖަސްއާއި ޤާނޫނީ ވަކީލުންގެ ފީ އާއި، ކޯޓު ފީއާއެކު ލީސް އެގްރިމެންޓްގެ ދަށުން މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ލިބެންޖެހޭ 2,318,026/67ރ. (ދެމިލިއަން ތިންލައްކަ އަށާރަހާސް ސައްބީސް ރުފިޔާ / ފަސްދޮޅަސް ހަތް ލާރި) ހޯދުމަށް ފްލެޓް 3-308 ޢަލީ ރަޝީދުގެ މައްޗަށާއި މި މުޢާމަލަތުގައި ޔަޤީންކަން ދިން ފަރާތްތައް ކަމުގައިވާ މއ. ހެޕީގާރޑްން ޢަބްދުއްރަޝީދުއާއި މުޙައްމަދު މުޙާޒު ޙަމީދުގެ މައްޗަށް މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ދަޢުވާ ކުރުމުން ބަލާފައިވާ ޤަޟިއްޔާއެއްކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮންނަކަމާއި،

ސިވިލް ކޯޓުގެ ނަންބަރު 236/Cv-C/2011 ޤަޟިއްޔާގައި، "ދެންފަހެ، މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފްލެޓް3-308 ޢަލީ ރަޝީދުއާއި، ޢަބްދުއްރަޝީދުއާއި މއ. ފުލޫނިޔާ، މުޙައްމަދު މުޙާޒު ޙަމީދުގެ މައްޗަށް ކޮށްފައިވާ ދަޢުވާގައިވާ ފަދައިން ޢަބްދުއްރަޝީދު އަދި މުޙައްމަދު މުޙާޒު ޙަމީދު ޔަޤީންކަންދީގެން މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ޢަލީ ރަޝީދު އާއިދެމެދު 16 އޭޕްރީލް 2009 ގައި ނަންބަރު 09040804 ފައިނޭންސް ލީސް އެގްރީމެންޓެއް ކުރެވި، މިއެގްރީމެންޓްގެ ދަށުން ރަޖިސްޓްރީ ނަންބަރު: C4651A-03 10T 'މޫންލައިޓް' އެވެ ކިޔުނު އުޅަނދު މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ފައިސާ ދެއްކުމަށްފަހު ޢަލީ ރަޝީދަށް ލީސްކޮށްދެވުނު ކަމާއި، މި މުޢާމަލާތުގައި ޔަޤީންކަންދޭ ފަރާތުގެ ޙައިޘިއްޔަތުން ޢަބްދުއްރަޝީދު އަދި މުޙައްމަދު މުޙާޒު ޙަމީދު ސޮއިކޮށްފައިވާކަމާއި، މި މުޢާމަލާތާއި ގުޅިގެން ދައްކަންޖެހޭ ފައިސާ އެއްބަސްވެފައިވާ ގޮތުގެ މަތިން ދައްކާފައިނުވާކަން ހުށަހެޅިފައިވާ ލިޔެކިޔުމުން ޘާބިތުވާކަމަށާއި،

ލީސް އެގްރީމެންޓާއި އެއްގޮތްވަގޮތުގެ މަތިން ދައްކަންޖެހޭ ފައިސާ ދައްކާފައިނުވުމުގެ ސަބަބުން ލީސްކުރި ކުރުން ބާޠިލްކޮށް، ލީސް އެގްރީމެންޓްގެ 17.2 ވަނަ މާއްދާގެ ދަށުން މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ލިބިގެންވާ އިޚްތިޔާރުގެ ބޭނުންހިފައި، ލީސްކުރެވުނު 'މޫންލައިޓް' އެވެކިޔުނު އުޅަނދު ޙަވާލުކުރުމަށް މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ޢަލީ ރަޝީދަށް އަންގާފައިވާކަމާއި، ހަމަ އެފަދައިން މިއުޅަނދު މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ޙަވާލުކުރުމަށް މަސައްކަތްކޮށް، މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން މިއުޅަނދާއި ޙަވަލުވެފައިނުވާކަން ދެފަރާތުގެ ބަހުންނާއި ހުށަހެޅިފައިވާ ލިޔެކިޔުމުން އެނގެންއޮތް ހިނދު،

މި އުޅަނދަކީ ފައިނޭންސް ލީސިންގގެ އުޞޫލުން މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ޢަލީ ރަޝީދާއި ޙަވާލުކޮށްފައިވާ އުޅަނދަކަށްވެފައި، މިއުޅަނދުގެ މިލްކުވެރިފަރާތަކީ މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ކަމުން، މި އުޅަނދުގެ ބަލަދުވެރިކަން ބަދަލުކުރުމާ ގުޅޭފަދަ މުޢާމަލާތެއް ކުރުމާއި، އެފަދަ ތަޞައްރުފެއްކުރުމުގެ ޙައްޤު ލިބިގެންވަނީ އުޅަނދުގެ މިލްކުވެރި ފަރާތްކަމުގައިވާ މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށްކަމާއި، ދެފަރާތުގެ ދެމެދުގައި ކުރެވިފައިވާ ލީސް އެގްރީމެންޓަށް ބަލާއިރު، ލީސް އެގްރީމެންޓްގައިވާ ފަދައިން ފައިސާ ދައްކާފައިނުވާ ޙާލަތުގައި، ލީސްކުރި ކުރުން ބާޠިލުކޮށް، އުޅަނދު އަތުލައި، ލީސް އެގްރީމެންޓްގައިވާ ފައިސާ ހޯދުމީ މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް އޮތް ކަމެއްކަން އެނގެން އޮތަތީއާއި، ލީސް އެގްރީމެންޓްގައިވާ ފަދައިން ފައިސާ ދައްކާފައިނުވާ ޙާލަތުގައި ލީސްކޮށްފައިވާ އުޅަނދު މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ހުއްދަ ހޯދައިގެން އެ އުޅަނދު ވިއްކާލައި، އެ މުޢާމަލަތުން ލިބޭ ފައިސާ ހޯދައި މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ރައްދުކުރުން ލީސް އެގްރީމެންޓްގެ ދަށުން ލެސީގެ މައްޗަށް ލާޒިމްކޮށްފައި ނެތަތީ، އެކަން އެގޮތަށް ލެސީގެ މައްޗަށް ލާޒިމްކުރެވޭނޭ ޤާނޫނީ ހަމައެއް ނެތްކަމުން،

ލީސް އެގްރީމެންޓްގެ ދަށުން ލީސްކުރެވުނު 'މޫންލައިޓް' އެވެކިޔުނު އުޅަނދު މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ޢަލީ ރަޝީދު ޙަވާލުކުރުމުން، އެއުޅަނދާއި ޙަވާލުވުމަށް މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް އަންގައި، އެ އުޅަނދު ވިއްކާލައިގެން ނުވަތަ އެ އުޅަނދާއިމެދު މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ކުރާ ތަޞައްރުފުގެ މުޢަމަލާތަކަށްފަހު، އެމުޢާމަލާތަކުން ހޯދޭ ފައިސާގެ މިންވަރު އުނިކުރުމަށްފަހުގައި މެނުވީ، ޢަލީ ރަޝީދުގެ ފަރާތުން މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާގެ މިންވަރުކުރެވެން ނެތްކަމަށާއި، މިއުޅަނދާމެދު މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ކުރާ ތަޞައްރުފެއް ޢަލީ ރަޝީދުގެ ފަރާތުން މިއުޅަނދު ޙަވާލުކުރާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ފުރިހަމަކުރުމަށް މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް އަމުރުކޮށް، މިގޮތުން ލީސް ކުރެވުނު އުޅަނދާމެދު މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ކުރާ ތަޞައްރުފެއްގެ ނަތީޖާއިން އުނިކުރަންޖެހޭ ފައިސާއެއް އުނިކުރުމަށްފަހު ލީސް އެގްރީމެންޓްގެ ދަށުން ދައްކަންޖެހޭ ބާކީ ފައިސާއަކީ މިމުޢާމަލާތުގެ ބައިވެރިންކަމުގައިވާ ފްލެޓް 3-308 ޢަލީ ރަޝީދުއާއި ޢަބްދުއްރަޝީދުއާއި މއ. ފުލޫނިޔާ، މާލެ މުޙައްމަދު މުޙާޒު ޙަމީދުގެ ފަރާތުން މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާއެއްކަމުގައި ކަނޑައަޅައި" ޙުކުމްކޮށް، އެ ޤަޟިއްޔާ ނިންމާފައިވާކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެއެވެ.

02- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/263 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު އެ ޤަޟިއްޔާއަކީ، ސިވިލް ކޯޓުގެ ނަންބަރު 236/Cv-C/2011 ޤަޟިއްޔާ ނިންމާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތް ނުވާކަމަށް ބުނެ ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެއް ކަމާއި،

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/263 ޤަޟިއްޔާ ބަލައި ކޮށްފައިވާ ޙުކުމުގައި، "ދެންފަހެ، ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފްލެޓް 3-308 ޢަލީ ރަޝީދުއާއި މއ. ބިންމަތީގެ ޢަބްދުއްރަޝީދުއާއި މއ. ފުލޫނިޔާ، މާލެ މުޙައްމަދު މުޙާޒު ޙަމީދުގެ މައްޗަށް ކޮށްފައިވާ ދަޢުވާގައިވާ ފަދައިން ޢަބްދުއްރަޝީދު އަދި މުޙައްމަދު މުޙާޒު ޙަމީދު ޔަޤީންކަން ދީގެން ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ޢަލީ ރަޝީދު އާއި ދެމެދު 16 އޭޕްރީލް 2009 ގައި ނަންބަރު: 09040804 ފައިނޭންސް ލީސް އެގްރީމެންޓެއް ކުރެވި، މިއެގްރިމެންޓްގެ ދަށުން ރަޖިސްޓްރީ ނަންބަރު: C4651A-03 10T 'މޫންލައިޓް' އެވެ ކިޔުނު އުޅަނދު މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ފައިސާ ދެއްކުމަށްފަހު ޢަލީ ރަޝީދަށް ލީސްކޮށްދެވުނު ކަމާއި، މި މުޢާމަލާތުގައި ޔަޤީންކަންދޭ ފަރާތުގެ ޙައިޘިއްޔަތުން ޢަބްދުއްރަޝީދު އަދި މުޙައްމަދު މުޙާޒު ޙަމީދު ސޮއިކޮށްފައިވާކަމާއި، އެގްރިމެންޓްގެ ދަށުން 48 މަހުގެ ލީސް ޕޭމަންޓްގެ ގޮތުގައި މުޅި ޖުމްލަ ދައްކަންޖެހޭ 2’553’464/-ރ. (ދެމިލިއަން ފަސްލައްކަ ފަންސާސް ތިންހާސް ހަތަރު ސަތޭކަ ފަސްދޮޅަށް ހަތަރު ރުފިޔާ) ގެ ތެރެއިން ޢަލީ ރަޝީދު ދައްކާފައިވާ 468’539/-ރ. (ހަތަރުލައްކަ ފަސްދޮޅަސް އަށް ހާސް ފަސްސަތޭކަ ތިރީސް ނުވަރުފިޔާ) ކެނޑުމުން ބާކީވާ 2’084’925/-ރ. (ދެމިލިއަން އަށްޑިހަ ހަތަރުހާސް ނުވަސަތޭކަ ފަންސަވީސް ރުފިޔާ) އާއި، ފައިނޭންސް ލީސް އެގްރީމެންޓްގެ ޝެޑިއުލް 10 ގައި ތަފްޞީލް ދެވިފައިވާގޮތަށް ލީސް ޕޭމަންޓް ދައްކަން އޮތް ތާރީޚަށް ބަރާބަރަށް ނުދެއްކުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި ޢަލީ ރަޝީދު ދައްކަންޖެހިފައިވާ ޖުމްލަ 13’214/53ރ. (ތޭރަހާސް ދުއިސައްތަ ސާދަ ރުފިޔާ ފަންސާސް ތިންލާރި) އާއި، ޢަލީ ރަޝީދު ފައިނޭންސް ލީސް އެގްރީމެންޓާއި ޚިލާފުވުމުގެ ސަބަބުން ލީސް އެގްރީމެންޓް ބާޠިލު ކުރި ތާރީޚް ކަމުގައިވާ 21 ޖޫން 2010 އިން ފެށިގެން 27 ޑިސެންބަރު 2010 އާއި ހަމައަށް ލިކުއިޑޭޓެޑް ޑެމޭޖާސްގެ ގޮތުގައި ދައްކަން ޖެހިފައިވާ 175’362/14ރ. (އެއްލައްކަ ހަތްދިހަ ފަސްހާސް ތިންސަތޭކަ ފަސްދޮޅަސް ދެރުފިޔާ، ސާދަ ލާރި) އާއި، މިފައިސާ ހޯދުމަށް ކޯޓުގައި ދަޢުވާ ކުރަން ޖެހުމުން ކޯޓަށް ދައްކަން ޖެހުނު 25/-ރ. (ފަންސަވީސް ރުފިޔާ) އާއި، ޤާނޫނީ ވަކީލުގެ ފީގެ ގޮތުގައި ކުންފުނިން ހޭދަކުރަން ޖެހިފައިވާ 26’000/-ރ. (ސައްބީސް ހާސް ރުފިޔާ) އާއެކު ޖުމްލަ 2’299’526/67ރ. (ދެމިލިއަން ދެލައްކަ ނުވަދިހަ ނުވަހާސް ފައްސަތޭކަ ސައްބީސް ރުފިޔާ/ ފަސްދޮޅަސް ހަތްލާރި) އަކީ ޢަލީ ރަޝީދުއާއި މި މުޢާމަލާތަށް ގެރެންޓީ ދީފައިވާ ފަރާތްތަކުން ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާއެއް ކަމުގައި ޝަރީޢަތަށް ސާބިތުވާ ކަމުގައި ކަނޑައަޅައި، މިފައިސާ ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ލިބިދިނުމަށްޓަކައި މިއަދު (4 ޖުލައި 2013) ން ފެށިގެން މަސްހަމަކޮށް ކޮންމެ މަހަކު 1’91’627/22ރ. (އެއްލައްކަ ނުވަދިހަ އެއް ހާސް ހަސަތޭކަ ހަތާވީސް ރުފިޔާ، ބާވީސް ލާރި) ސިވިލް ކޯޓަށް ދައްކަމުންގޮސް 12 މަސްދުވަހުގެ ތެރޭގައި މި ފައިސާ އެކީ ދައްކާ ޚަލާސްކުރުމަށް ޢަލީ ރަޝީދަށާއި ޢަބުދުއްރަޝީދަށާއި މުޙައްމަދު މުޙާޒު ޙަމީދަށް އެންގުމާއެކު، ލީސް އެގްރިމެންޓާއި އެއްގޮތްވާގޮތުގެ މަތީން ދައްކަންޖެހޭ ފައިސާ ދައްކާފައި ނުވުމުގެ ސަބަބުން ލީސް ކުރިކުރުން ބާޠިލްކޮށް، ލީސް އެގްރީމެންޓްގެ 17.2 ވަނަ މާއްދާގެ ދަށުން ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ލިބިގެންވާ އިޚްތިޔާރުގެ ބޭނުން ހިފައި، ލީސްކުރެވުނު 'މޫންލައިޓް' އެވެ ކިޔުނު އުޅަނދު ޙަވާލުކުރުމަށް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ޢަލީ ރަޝީދަށް އަންގާފައިވާ ކަމާއި އެއެންގުމާއި އެއްގޮތަށް އަދި އެގްރިމެންޓްގައި ކަނޑައަޅައި ބަޔާންކޮށްފައިވާގޮތަށް އެ އުޅަނދު އެ ކުންފުންޏާއި ޙަވާލުކޮށްފައިވާކަން ސާބިތުނުވާކަމަށް ކަނޑައަޅައި، އެގްރީމެންޓާއި އެއްގޮތްވާގޮތުގެ މަތިން އެ އުޅަނދު މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކުރުމަށް ޢަލީ ރަޝީދަށް އަންގައި، އެގްރީމެންޓާއި އެއްގޮތަށް ޢަލީ ރަޝީދުގެ ފަރާތުން އުޅަނދު ޙަވާލުކުރުމުން މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އެކަށީގެންވާ އަވަސް މުއްދަތެއްގެ ތެރޭގައި އުޅަނދު ވިއްކާލުމުގެ މަސައްކަތްކޮށް، އުޅަނދު ވިއްކާލުމަށްފަހު ލިބޭ ފައިސާ، އެގްރީމެންޓްގެ 17.2 ގެ (ބީ) ގައި ބަޔާންކޮށްފައި ވާގޮތުގެ މަތިން ޢަލީ ރަޝީދު ދައްކަންޖެހިފައިވާ ފައިސާއިން އުނިކޮށް، އެގްރީމެންޓްގައި ބަޔާންވެގެންވާ ގޮތުގެ މަތިން އެންމެހައި ފަރާތްތަކުން އެއްފަރާތުން އަނެއް ފަރާތަށް އަދާކުރަންޖެހޭ އިލްތިޒާމްތައް ފުރިހަމައަށް އަދާކޮށް ނިންމާ، މުޅި މުޢާމަލާތް އެކުގައި ޚަލާސްކޮށް ނިންމުމަށް އެގްރީމެންޓްގެ އެންމެހައި ބައިވެރިންނަށް އަންގާ، ސިވިލް ކޯޓުގެ ނަންބަރު 236/Cv-C/2011 ޤަޟިއްޔާގެ ޙުކުމް ބާޠިލްކޮށް، މުޙައްމަދު މުޙާޒު ޙަމީދުއާއި ޢަލީ ރަޝީދުގެ ބަދަލުގައި ހާޒިރުވުމަށް ހަމަޖައްސާފައިވާ އިބްރާހީމް ނާސިރު މުޙައްމަދު ގެ ޣައިރު ހާޒިރުގައި" އެ ޤަޟިއްޔާގެ ޙުކުމްކޮށްފައިވާކަން އެނގެން އޮވެއެވެ.

03- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/263 ޤަޟިއްޔާ ނިންމާފައިވަނީ ޝަރީޢަތާ ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ ޢަލީ ރަޝީދު އާއި މުޙައްމަދު މުޙާޒު ޙަމީދުއާއި ޢަބްދުއްރަޝީދުގެ ފަރާތުން ހައިކޯޓުގެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަމުން 07 (ހަތެއް) ނުކުތާއެއް ފާހަގަކޮށް، އެ ނުކުތާތަކާމެދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.

ފުރަތަމަ ނުކުތާއަކީ، ޢަލީ ރަޝީދު މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ލީސްކޮށްފައިވާ ދެ އުޅަނދުކަމުގައިވާ "މޫންލައިޓް" ކިޔާ އުޅަނދާއި "ޢާލިމް-1" ކިޔާ އުޅަނދަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން އެ ދެއުޅަނދަށް ޢަލީރަޝީދާއި، މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ދެމެދުވެވިފައިވާ އެއްބަސްވުން ބާޠިލްކޮށްފައިވަނީ އެއްޙާލަތެއްގައި ހަމަ އެއް ދުވަހަކުކަމަށާއި އަދި ދެފަރާތުން ދެ އުޅަނދަށްވެސް ކޮށްފައިވަނީ ހުރިހާގޮތަކުންވެސް އެއްގޮތް މުޢާމަލާތެއްކަމަށާއި ނަމަވެސް ސިވިލް ކޯޓުގައި މި ދެއުޅަނދުގެ އަގު ހޯދުމަށް މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ކޮށްފައިވާ ދެ ދަޢުވާގެ ދެ ޤަޟިއްޔާކަމުގައިވާ ނަންބަރު 133/Cv-C/2011 ޤަޟިއްޔާ އާއި، ނަންބަރު 236/Cv-C/2011 ޤަޟިއްޔާ އެ ކޯޓުގެ ދެ ސެކްޝަނަކުން ނިންމާފައިވަނީ ތަފާތު ދެގޮތަކަށްކަމަށާއި މިގޮތުން، ނަންބަރު 133/Cv-C/2011 ޤަޟިއްޔާ ނިންމާފައިވަނީ މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އިން އެދުނުގޮތުގެ މަތީން ލިކުއިޑޭޓަޑް ޑެމެޖަސްގެ ފައިސާ ފިޔަވައި ހުރިހާ ފައިސާއެއް ޢަލީ ރަޝީދާއި އަދި މި އެއްބަސްވުމުގެ ގެރެންޓަރު ކަމުގައިވާ މުޙައްމަދު މުޙާޒް ޙަމީދު ދެއްކުމަށް ކަމަށާއި އެހެނަސް، ދެވަނަ ޤަޟިއްޔާ 236/Cv-C/2011 ނިންމާފައިވަނީ މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އިން އުޅަނދު ވިއްކާލައިގެން ލިބޭ ފައިސާއިން ޢަލީ ރަޝީދު ދައްކަންޖެހޭ ފައިސާއެއް އުނިކުރުމަށްފަހު މެނުވީ ޢަލީ ރަޝީދު ފައިސާއެއް ދައްކަން ނުޖެހޭ ކަމަށް ކަމުގައި ބުނެ ހުށަހެޅި ނުކުތާ.

ދެވަނަ ނުކުތާއަކީ، ސިވިލް ކޯޓުން ނިންމި ދެ ޤަޟިއްޔާގެ ތެރެއިން ނަންބަރު 133/Cv-C/2011 ޤަޟިއްޔާ، ޢަލީ ރަޝީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ސިވިލް ކޯޓުގެ ޙުކުމަށް ތާއީދުކޮށް އެޙުކުމަށް ބަދަލެއް ގެންނަންޖެހޭތަނެއް ނެތްކަމުގައި ޙުކުމްކޮށްފައިވާކަމަށާއި، އެ ޙުކުމްގައި ލިކުއިޑޭޓަޑް ޑެމެޖަސް ދައްކަން ނުޖެހޭނެކަމުގައި ބަޔާންވެގެންވާ ކަމަށާއި އަދި އެ ޤަޟިއްޔާ މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އިސްތިއުނާފު ކުރުމުން، ކުރިން ޙުކުމް ކޮށްފައިވާ ފައިސާގެ އިތުރުން ލިކުއިޑޭޓަޑް ޑެމެޖަސްވެސް ހިމެނޭގޮތުން ޢަލީ ރަޝީދާއި ގެރެންޓަރު މުޙައްމަދު މުޙާޒު ޙަމީދު ދެއްކުމަށް ޙުކުމް ކޮށްފައިވާކަމަށާއި، އެހެނަސް މީގެ އަނެއް ޤަޟިއްޔާ ކަމުގައިވާ ނަންބަރު 236/Cv-C/2011 ޤަޟިއްޔާ މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އިން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ސިވިލް ކޯޓުގެ ޙުކުމް ބާޠިލުކޮށް މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އިން އެދުނު ފަދައިން ފައިސާ ދެއްކުމަށާއި، މީގެ އިތުރުން މި ދަޢުވާގައި ހިމެނޭ އުޅަނދުވެސް ވިއްކާލުމަށް މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއާ 30 ދުވަހުގެ ތެރޭގައި ޙަވާލުކުރުމަށް ހައިކޯޓުގެ ނަންބަރު 2012/HC-A/263 ޤަޟިއްޔާއިން ޙުކުމް ކޮށްފައިވާކަމަށާއި، އެހެނަސް، ހައިކޯޓުން ސިވިލް ކޯޓުގެ ޙުކުމަށް ތާއީދުކޮށް ހައިކޯޓުގެ ނަންބަރު 2012/HC-A/201 ޤަޟިއްޔާ ނިންމިއިރު، އުޅަނދާބެހޭގޮތުން ޢަމަލުކުރަންވީ އެއްވެސް ގޮތެއް ޙުކުމްގައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.

ތިންވަނަ ނުކުތާއަކީ، މި ޙުކުމް ތަންފީޛުވެ ނިމިގެން ގޮސްފިނަމަ، މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ރަޖިސްޓްރީކޮށް، ސަލާމަތީ ސެޓްފިކެޓާއި އެހެނިހެން ހުރިހާ ހުއްދައެއް އެފަރާތުގެ ނަމުގައިވާ، އަދި އެފަރާތުން އިންޝުއަރކޮށް، އެފަރާތުގެ ޙަވާލުގައިވާ އެފަރާތުގެ އުޅަނދުވެސް އެފަރާތަށްލިބި، އަދި އޭގެ ފުރިހަމަ އަގުވެސް އެފަރާތަށް ލިބިގެން ދިޔުމަކީ ޢަދުލު އިންޞާފުން އެއްކިބާވެފައިވާ މުޢާމަލާތެއްކަމުގައި ދެކޭކަމަށް ބުނެ ހުށަހެޅި ނުކުތާ.

ހަތަރުވަނަ ކަމަކީ، މި ދެ އުޅަނދު ("މޫންލައިޓް" ކިޔާ އުޅަނދާއި "ޢާލިމް-1" ކިޔާ އުޅަނދު) ގެ މައްސަލަ ސިވިލް ކޯޓުގައި 2 (ދޭއް) ޤަޟިއްޔާ އަދި ހައިކޯޓުގައި 3 (ތިނެއް) ޤަޟިއްޔާގެ ގޮތުގައި ނިމިގެން ދިޔައިރު އެއް ޙުކުމާ އަނެއް ޙުކުމް ފުށުއަރާ، ތަފާތު 4 (ހަތަރެއް) ގޮތަކަށް ޙުކުމް ކުރެވިފައިވުމުން، މި ޙުކުމްތަކުގައި ބޮޑެތި މައްސަލަތަކެއް ހުރިކަން ފާހަގަކުރާކަމަށް ބުނެ ހުށަހެޅި ނުކުތާ.

ފަސްވަނަ ނުކުތާއަކީ، ސިވިލް ކޯޓުގެ ޙުކުމް ހައިކޯޓުގައި އިސްތިއުނާފުކުރިއިރު އެދިފައިވާ މައްސަލަތަކަށް އެ ޙުކުމުގައި ފުރިހަމައަށް ހައިކޯޓުން ރިޢާޔަތްކޮށްފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.

ހަވަނަ ނުކުތާއަކީ، ހައިކޯޓުގެ އެ ޙުކުމުގައި އެފަރާތުން އުޅަނދުގެ އަގުވެސް ހިމެނޭގޮތަށް އެދުނު އެންމެހާ ފައިސާއެއް އެ ޢަދަދަށް މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދެއްކުމަށް ޢަލީ ރަޝީދާއި، ޢަބްދުއްރަޝީދާއި، މުޙައްމަދު މުޙާޒު ޙަމީދުގެ މައްޗަށް ޙުކުމް ކުރުމަށްފަހު، މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ އެއުޅަނދު ވިއްކާލައިގެން ލިބޭ އެއްޗަކުން އުނިކުރަން އޮތުމުން، ޙުކުމުގައި ކަނޑައަޅާފައިވާ ޢަދަދަކީ ދަރަނީގެ ގޮތުގައި ބެލެވޭނެ ޖާގައެއް އޮތް ޢަދަދެއް ކަމުގައި ނުބެލެވޭކަމަށާއި، އެހެންނަމަވެސް، ސިވިލް ކޯޓުގެ ޙުކުމުގައި އޮތް ފަދައިން ފުރަތަމަ އުޅަނދު ވިއްކާލައިގެން މެނުވީ ޢަލީ ރަޝީދާއި، ޢަބްދުއްރަޝީދާއި، މުޙައްމަދު މުޙާޒު ޙަމީދު ދައްކަންޖެހޭ ޢަދަދެއް ކަނޑައެޅޭނެ ގޮތެއް ނެތްކަމަށާއި، އެހެނީ ލީސް އެގްރިމަންޓްގެ 17.2 ގެ (ބީ) ގައި "ލީޒްކުރެވިފައިވާ މުދާ، ލެސޯ އަށް އަނބުރާ ނެގުމަށް ލިބިގެންވާ އިޚްތިޔާރުގެ ދަށުން މުދާ އަނބުރާ ނަގައިފިނަމަ، މިމާއްދާގެ (އޭ) ގައި ބުނާ ދައްކަންޖެހޭ ފައިސާގެ ޢަދަދުގެ މިންވަރުކަމުގައި ބެލެވޭނީ އެއިރެއްގައި އެމުދަލުގެ އަގު ހުރި މިންވަރަކުން އެކަށީގެންވާ އަގެއްގައި މުދާ ވިއްކާލުމަށްފަހު މުދަލުގެ އަސްލު އަގުން ކަނޑާ ބާކީވާ މިންވަރެކެވެ." ބުނެފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.

04- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/263 ޤަޟިއްޔާގެ ޙުކުމް ބިނާކޮށްފައިވަނީ، ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށް ބުނެ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފު ކުރި ކ .މާލެ / މއ. ބިންމަތީގެ، ޢަލީ ރަޝީދު އާއި މުޙައްމަދު މުޙާޒު ޙަމީދު އާއި ޢަބްދުއްރަޝީދުގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކަށާއި، މި ޤަޟިއްޔާއާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، މި ޤަޟިއްޔާއާ ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ މި ޤަޟިއްޔާއާ ގުޅުންހުރި އެންމެހައި ލިޔުންތަކަށާއި، ކަމާގުޅުންހުރި ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކަށާއި، އިސްތިއުނާފު ކޮށްފައިމިވާ ސިވިލް ކޯޓުގެ ނަންބަރު 236/Cv-C/2011 ޤަޟިއްޔާ ގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/263 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބެލި ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.

(ހ) ފުރަތަމަ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 236/Cv-C/2011 ޤަޟިއްޔާގައި މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "އެމް.އެފް.އެލް.ސީ") އިން ޢަލީ ރަޝީދުއާއި، ޢަބްދުއްރަޝީދުއާއި މުޙައްމަދު މުޙާޒު ޙަމީދުގެ މައްޗަށް ދަޢުވާކޮށްފައިވަނީ އެމް.އެފް.އެލް.ސީ އާއި ޢަލީ ރަޝީދުއާ ދެމެދު ވެވުނު ނަންބަރު 09040804 ލީޒް އެގްރިމެންޓްގެ ދަށުން ޢަލީ ރަޝީދަށް ލީޒްކޮށްފައިވާ ރަޖިސްޓަރީ ނަންބަރު C4651A-03 10T "މޫންލައިޓް" އެވެކިޔާ އުޅަނދަށް ދައްކަންޖެހޭ ފައިސާ ދައްކާފައިނުވާތީ، އެ ފައިސާ ހޯދުމަށްކަން އެނގޭކަމާއި، ޢަބްދުއްރަޝީދުއާއި މުޙައްމަދު މުޙާޒު ޙަމީދަކީ މި މުޢާމަލާތަށް ޢަލީ ރަޝީދުގެ ފަރާތުން ގެރެންޓީ ދިން ފަރާތްތައްކަމާއި، އަދި އެ ޤަޟިއްޔާގައި އެމް.އެފް.އެލް.ސީ އިން ހޯދުމަށް އެދިފައިވަނީ އެއްބަސްވުން ބާޠިލުކުރި ތާރީޚުގެ ނިޔަލަށް ލީޒް ރެންޓުގެ ގޮތުގައި ޢަލީ ރަޝީދު ދައްކަންޖެހި ނުދައްކާވާ އެންމެހައި ފައިސާއާއި، ޖޫރިމަނާއާއި، ލިކުއިޑޭޓަޑް ޑެމެޖަސްއާއި، ޤާނޫނީ ވަކީލުންގެ ފީ އާއި އަދި ކޯޓު ފީއަށް ވާ ޖުމްލަ ޢަދަދުކަމާއި، އަދި ސިވިލް ކޯޓުން އެ މައްސަލަ ނިންމިއިރު އެމް.އެފް.އެލް.ސީ އިން "މޫންލައިޓް" އުޅަނދު ވިއްކާލައިގެން ނުވަތަ އެ އުޅަނދާމެދު އެމް.އެފް.އެލް.ސީ އިން ކުރާ ތަޞައްރުފުގެ މުޢަމަލާތަކަށްފަހު، އެމުޢާމަލާތަކުން ހޯދޭ ފައިސާގެ މިންވަރު އުނިކުރުމަށްފަހުގައި މެނުވީ، ޢަލީ ރަޝީދުގެ ފަރާތުން އެމް.އެފް.އެލް.ސީ އަށް ދައްކަންޖެހޭ ފައިސާގެ މިންވަރުކުރެވެން ނެތްކަމަށް ކަނޑައަޅައި، އެ އުޅަނދު އެމް.އެފް.އެލް.ސީ އާ ޢަލީ ރަޝީދުގެ ފަރާތުން ޙަވާލުކުރުމުން، އެމް.އެފް.އެލް.ސީ އިން ކުރާ ތަޞައްރުފެއް ޢަލީ ރަޝީދުގެ ފަރާތުން އެއުޅަނދު ޙަވާލުކުރާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ފުރިހަމަކުރުމަށްފަހު އެ ތަޞައްރުފުގެ ނަތީޖާއިން އުނިކުރަންޖެހޭ ފައިސާ އުނިކުރުމަށްފަހު ލީޒް އެގްރިމެންޓްގެ ދަށުން ދައްކަންޖެހޭ ބާކީ ފައިސާއަކީ ޢަލީ ރަޝީދާއި، ޢަބްދުއްރަޝީދާއި މުޙައްމަދު މުޙާޒު ޙަމީދުގެ ފަރާތުން އެމް.އެފް.އެލް.ސީއަށް ދައްކަންޖެހޭ ފައިސާކަމަށް ކަނޑައަޅައި ޙުކުމް ކޮށްފައިވާކަމާއި،

ސިވިލް ކޯޓުގެ އިސްވެ ބުނެވުނު ޤަޟިއްޔާ ހައިކޯޓުގައި އެމް.އެފް.އެލް.ސީ އިން އިސްތިއުނާފުކުރުމުން، އެ ކޯޓުން އެ މައްސަލަ ބަލައިފައިވަނީ އެ ކޯޓުގެ ނަންބަރު 2011/HC-A/263 ޤަޟިއްޔާއިންކަމާއި، އަދި އެ ޤަޟިއްޔާގައި ކަނޑައަޅާފައިވަނީ އެމް.އެފް.އެލް.ސީ އިން އެދިފައިވާ ހުރިހާ ޚަރަދެއް ނަގައިދިނުމާއެކު، އެއްބަސްވުމުގައިވާ ގޮތުގެ މަތިން "މޫންލައިޓް" އުޅަނދު ޢަލީ ރަޝީދުގެ ފަރާތުން އެމް.އެފް.އެލް.ސީ އާ ޙަވާލުކުރުމާއެކު، އެމް.އެފް.އެލް.ސީ އިން އެ އުޅަނދު އެކަށީގެންވާ އަވަސް މުއްދަތެއްގައި ވިއްކާލުމަށްފަހު ލިބޭ ފައިސާއިން އެއްބަސްވުމުގެ ދަށުން ޢަލީ ރަޝީދު ދައްކަންޖެހޭ ފައިސާއިން އުނިކުރުމަށްކަން އެނގެން އޮންނަކަމާއި،

"މޫންލައިޓް" އުޅަނދާގުޅޭ އެއްބަސްވުމުގައި އެމް.އެފް.އެލް.ސީ އާއި ޢަލީ ރަޝީދު ސޮއިކޮށްފައިވަނީ 16 އޭޕްރިލް 2009 ގައިކަމާއި، އޭގެ ކުރިން، 30 އޮގަސްޓް 2007 ގައި ހަމަ މިދެ ފަރާތް ދެމެދު އެހެން އެއްބަސްވުމެއް ވެވުނުކަމާއި، އެ އެއްބަސްވުމުގެ ދަށުން "ޢާލިމް-1" ކިޔާ އުޅަނދެއް ލީޒް ކުރެވުނުކަމާއި، އިސްވެ ބުނެވުނު "މޫންލައިޓް" އާއި "ޢާލިމް-1" އުޅަނދުތަކަށް ދެފަރާތު ދެމެދު ވެވުނު އެއްބަސްވުމުގައިވާ ގޮތުގެ މަތިން ޢަލީ ރަޝީދަށް ފައިސާ ދެއްކިފައިނުވާތީ، އެއްބަސްވުންތަކުގެ ދަށުން ހޯދަންޖެހޭ އެންމެހައި ފައިސާ ހޯދުމަށްޓަކައި އެމް.އެފް.އެލް.ސީގެ ފަރާތުން މިހާރު މި އިސްތިއުނާފު ކުރެވިފައިވާ "މޫންލައިޓް" އުޅަނދު މައްސަލާގައި ހިމެނޭ ސިވިލް ކޯޓުގެ ނަންބަރު 236/Cv-C/2011 ޤަޟިއްޔާ 19 ޖެނުއަރީ 2011 ގައި އެކޯޓަށް ހުށަހެޅުނުއިރު، "ޢާލިމް-1" އުޅަނދާ ގުޅޭ ސިވިލް ކޯޓުގެ ނަންބަރު 133/Cv-C/2011 ޤަޟިއްޔާ ހުށަހެޅުނީ 13 ޖެނުއަރީ 2011 ގައިކަމާއި، މި ދެ މައްސަލަ ބަލާފައިވަނީ ސިވިލް ކޯޓުގެ ދެ ސެކްޝަނަކުންކަމާއި،

"ޢާލިމް-1" އުޅަނދާ ގުޅޭ ސިވިލް ކޯޓުގެ ނަންބަރު 133/Cv-C/2011 ޤަޟިއްޔާގެ މައްސަލާގައި ހިމެނޭ ދެފަރާތުންވެސް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ދެ މައްސަލަ ބަލާފައިވަނީ ހައިކޯޓުގެ ތަފާތު ދެ ޤަޟިއްޔާއެއް ގޮތަށް، ތަފާތު ދެ މައްސަލަ ބަލައި ފަނޑިޔާރުންގެ މަޖިލިހަކުންކަމާއި، އަދި ހައިކޯޓުގެ އެ ދެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/50 ޤަޟިއްޔާއާއި 2013/SC-A/51 ނަންބަރު ޤަޟިއްޔާއިން ބަލައި ނިންމާފައިވާކަމާއި،

މިހާރު އިސްތިއުނާފު ކުރެވޭ މައްސަލާގައި އިސްތިއުނާފުކުރާ ފަރާތްތަކުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތައް މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ އެއް ކަހަލަ ދެ މައްސަލައެއްގައި ސިވިލް ކޯޓުންނާއި ހައިކޯޓުން ތަފާތު ގޮތްގޮތަށް މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާތަކަށްކަމާއި، ސުޕްރީމް ކޯޓުގެ އިސްވެ ބުނެވުނު ނަންބަރު 2013/SC-A/50 އާއި ނަންބަރު 2013/SC-A/51 ޤަޟިއްޔާގެ އަޑުއެހުންތައް ކުރިއަށް ގެންދެވުނީ އެއްކޮށްގެންކަމާއި، އަދި ބުނެވުނު ދެ ޤަޟިއްޔާގައި ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކަކީ މިހާރު ބަލަމުންދާ ޤަޟިއްޔާގައިވެސް ހުށަހަޅާފައިވާ ނުކުތާތައްކަން ފާހަގަކުރެވެން އޮންނަކަމެވެ.

(ށ) ދެވަނަ ކަމަކީ، ސުޕްރީމް ކޯޓުގައި ހައިކޯޓުގެ ނަންބަރު 2011/HC-A/263 ޤަޟިއްޔާ އިސްތިއުނާފުކުރަމުން ހުށަހަޅާފައިވާ ނުކުތާތަކުގައި "ޢާލިމް-1" އުޅަނދުގެ މައްސަލައާއި މިހާރު ބަލަމުން މިދާ "މޫންލައިޓް" އުޅަނދުގެ މައްސަލަ ތަފާތު ދެ ގޮތަކަށް ސިވިލް ކޯޓުން ނިންމާފައިވާކަމަށާއި އަދި ހައިކޯޓުގެ ނިންމުންތަކުގައިވެސް ފުށުއެރުންތައް ހުރިކަމަށް ބުނެ ދެއްކި ވާހަކަތަކާގުޅޭ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންނަށް ފާހަގަކުރެވިފައިވާ ކަންކަން މި ކޯޓުގެ ނަންބަރު 2013/SC-A/50 އާއި ނަންބަރު 2013/SC-A/51 ޤަޟިއްޔާގައި ބަޔާންކުރެވިފައިވާކަމުން، މިހާރު އިސްތިއުނާފު ކުރެވޭ މިޤަޟިއްޔާގައިވެސް އެ ނުކުތާތަކާ ގުޅޭ ގޮތުން ފަނޑިޔާރުން ފާހަގަ ކުރަންޖެހޭ ނުކުތާތައް މި ކޯޓުގެ ނަންބަރު 2013/SC-A/50 އާއި ނަންބަރު 2013/SC-A/51 ޤަޟިއްޔާގައި ފާހަގަކުރެވިފައި އެވަނީކަމާއި،

މީގެ އިތުރުން، ސިވިލް ކޯޓުގައި "ޢާލިމް-1" އުޅަނދާއި "މޫންލައިޓް" އުޅަނދުގެ މައްސަލާގައި އެ ކޯޓުގެ ތަފާތު ދެ ސެކްޝަނަކުން އެ މައްސަލަތައް ނިންމުމުން، އެ ދެ މައްސަލަވެސް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރެވުނު ކަމާއި، އަދި މި ދެ އުޅަނދާ ގުޅިގެން ޢަލީ ރަޝީދުގެ ފަރާތުން ދައްކަންޖެހޭ ފައިސާ ހިސާބުކުރެވުނު ގޮތް، އެއީ، ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާއާއި، ޖޫރިމަނާއާއި، ލިކުއިޑޭޓަޑް ޑެމެޖަސްއާއި ޤާނޫނީ ވަކީލުންގެ ފީ އާއި އަދި ކޯޓު ފީއަށް ވާ ޖުމްލަ ޢަދަދާމެދު އެއް އުޞޫލަކުން ހައިކޯޓުގެ "މޫންލައިޓް" އުޅަނދާއި "ޢާލިމް-1" އުޅަނދާ ގުޅޭ ޤަޟިއްޔާތަކުގައި ނިންމާފައިވާކަން ފާހަގަކުރެވެން އޮތުމުން،

އިސްތިއުނާފުކުރާ ފަރާތްތަކުން ފާހަގަކުރާ ފުށުއެރުންތަކާ މެދު ހައިކޯޓު މަރުޙަލާގައި ގޮތް ކަނޑައަޅާފައިވާކަމާއި، އަދި ދެ އުޅަނދާ ގުޅިގެން ޢަލީ ރަޝީދު ދައްކަންޖެހޭ ފައިސާ ކަނޑައަޅާފައިވަނީ އެއް އުޞޫލަކުންކަން އެނގެން އޮންނަކަމެވެ.

(ނ) ތިންވަނަ ކަމަކީ، އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ޤަޟިއްޔާގައި އެމް.އެފް.އެލް.ސީ އިން އުޅަނދުގެ އަގުވެސް ހިމެނޭގޮތަށް އެދުނު އެންމެހައި ފައިސާއެއް އެ ޢަދަދަށް އެމް.އެފް.އެލް.ސީ އަށް ދެއްކުމަށް ޢަލީ ރަޝީދާއި، ޢަބްދުއްރަޝީދާއި، މުޙައްމަދު މުޙާޒު ޙަމީދުގެ މައްޗަށް ޙުކުމް ކުރުމަށްފަހު، އެމް.އެފް.އެލް.ސީ އިން އެއުޅަނދު ވިއްކާލައިގެން ލިބޭ އެއްޗަކުން އުނިކުރަން އޮތުމުން، ޙުކުމުގައި ކަނޑައަޅާފައިވާ ޢަދަދަކީ ދަރަނީގެ ގޮތުގައި ނުބެލެވޭ ޢަދަދެއްކަމަށާއި، ސިވިލް ކޯޓުގެ "މޫންލައިޓް" އުޅަނދާ ގުޅޭ ޙުކުމުގައި އޮތް ފަދައިން، ފުރަތަމަ އުޅަނދު ވިއްކާލައިގެން މެނުވީ ޢަލީ ރަޝީދާއި، ޢަބްދުއްރަޝީދާއި، މުޙައްމަދު މުޙާޒު ޙަމީދު ދައްކަންޖެހޭ ޢަދަދެއް ކަނޑައެޅޭނެ ގޮތެއް ނެތްކަމަށާއި، އެހެނީ ލީސް އެގްރިމަންޓްގެ 17.2 ގެ (b) ގައި ލީޒްކުރެވިފައިވާ މުދާ، ލެސޯ އަށް އަނބުރާ ނެގުމަށް ލިބިގެންވާ އިޚްތިޔާރުގެ ދަށުން މުދާ އަނބުރާ ނަގައިފިނަމަ، އެމާއްދާގެ (a) ގެ ދަށުން ދައްކަންޖެހޭ ފައިސާގެ ޢަދަދުގެ މިންވަރުކަމުގައި ބެލެވޭނީ އެއިރެއްގައި އެމުދަލުގެ އަގު ހުރި މިންވަރަކުން އެކަށީގެންވާ އަގެއްގައި މުދާ ވިއްކާލުމަށްފަހު، މުދަލުގެ އަސްލު އަގުން ކަނޑާ ބާކީވާ މިންވަރުކަމަށް ބުނެ އިސްތިއުނާފުކުރާ ފަރާތްތަކުން ހުށަހެޅި ނުކުތާއާ ގުޅިގެން،

ޢަލީ ރަޝީދުއާއި އެމް.އެފް.އެލް.ސީ އާ ދެމެދު ލިޔުމުން ވެފައިވާ ނަންބަރު 09040804 ލީޒް އެގްރިމެންޓްގެ 17.2 ވަނަ މާއްދާގެ (iii) ގެ ދަށުން ޢަލީ ރަޝީދަށް ފައިސާ ނުދެއްކިއްޖެނަމަ އެމް.އެފް.އެލް.ސީ އަށް އެޅިދާނެ ފިޔަވަޅުތައް ބަޔާންކުރެވިފައިވާކަމާއި، އަދި އެގޮތުން، އެ އަކުރުގައި ލިސްޓުކުރެވިފައިވާ އެއް ފިޔަވަޅަށް ވުރެ ގިނަ ފިޔަވަޅު އެޅުމުގެ ބާރުވެސް ލިބިފައިވާކަން ފާހަގަކުރެވޭކަމާއި،

އެމް.އެފް.އެލް.ސީގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 236/Cv-C/2011 ޤަޟިއްޔާގައި ދަޢުވާކޮށްފައިވަނީ އެމް.އެފް.އެލް.ސީ އާއި ޢަލީ ރަޝީދުއާ ދެމެދު ވެވުނު ލީޒް އެގްރިމެންޓްގެ 17.2 ވަނަ މާއްދާގެ (iii) ގެ (a) ގެ ދަށުން ޢަލީ ރަޝީދުގެ ފަރާތުން ދައްކަންޖެހޭ އެންމެހައި ފައިސާ ހޯދުމަށްކަން އެނގެން އޮންނަކަމާއި، ދިވެހިރާއްޖޭގެ ހައިކޯޓުން ޢަލީ ރަޝީދު އެމް.އެފް.އެލް.ސީ އަށް ދައްކަންޖެހޭ ފައިސާގެ ޢަދަދު ކަނޑައެޅިއިރު، ލީޒް އެގްރިމެންޓްގެ 17.2 ވަނަ މާއްދާގެ (iii) ގެ (b) ގެ ދަށުން "މޫންލައިޓް" އުޅަނދު އެމް.އެފް.އެލް.ސީ އާ ޙަވާލުކުރުމަށް އަންގައި، އެމް.އެފް.އެލް.ސީ އިން އެ އުޅަނދު ވިއްކާލުމުން ލިބޭ ފައިސާއިން ޢަލީ ރަޝީދު ދައްކަންޖެހޭ ފައިސާ އުނިކުރުމަށް ކަނޑައަޅައި ޙުކުމް ކޮށްފައިވާކަން އެނގޭކަމާއި،

ސިވިލް ކޯޓުގައި އެމް.އެފް.އެލް.ސީ އިން ކޮށްފައިވާ ދަޢުވާއާ ތަފާތު މާއްދާއަކާ ޙަވާލާދީ ހައިކޯޓުން ކޮށްފައިވާ ޙުކުމާ ގުޅޭގޮތުން އެމް.އެފް.އެލް.ސީ އާ ސުވާލުކުރެވުމުން، ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި އެމް.އެފް.އެލް.ސީ ގެ ފަރާތުން ބުނެފައިވަނީ، ލީޒް އެގްރިމެންޓްގެ 17.2 ވަނަ މާއްދާގެ (iii) ގެ (a) ގެ ދަށުން ކަމުގައި ވިޔަސް، އަދި (b) ގެ ދަށުން ކަމުގައި ވިޔަސް، ލީޒް ކުރެވުނު އުޅަނދު ވިއްކާލަންޖެހޭ ކަމަށާއި، އެގޮތުން 17.2 ވަނަ މާއްދާގެ (iii) ގެ (a) ގެ ދަށުން އުޅަނދު ވިއްކާލުމުގެ އިލްތިޒާމް އުފުލަންޖެހޭ ފަރާތަކީ ޢަލީ ރަޝީދުކަމުގައިވާއިރު، އެ މާއްދާގެ (b) ގެ ދަށުން އުޅަނދު ވިއްކާލުމުގެ އިލްތިޒާމް އުފުލާނެ ފަރާތަކީ އެމް.އެފް.އެލް.ސީ އިން ކަމަށާއި، ހައިކޯޓުގައި ލީޒް އެގްރިމެންޓްގެ 17.2 ވަނަ މާއްދާގެ (iii) ގެ (b) ގެ ދަށުން އުޅަނދު ވިއްކާލުމުގެ އިލްތިޒާމް އެމް.އެފް.އެލް.ސީ އަށް ބަދަލު ކުރިކުރުމަށް އެމް.އެފް.އެލް.ސީ ގެ ފަރާތުން އިޢުތިރާޟު ނުކުރާކަމަށާއި، އަދި ދެފަރާތު ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ޢަލީ ރަޝީދު ދައްކަންޖެހޭ ފައިސާގެ ޖުމްލަ ޢަދަދަށްވާ 2,299,526/67ރ. (ދެމިލިއަން ދެލައްކަ ނުވަދިހަ ނުވަހާސް ފަސްސަތޭކަ ސައްބީސް ރުފިޔާ/ ފަސްދޮޅަސް ހަތްލާރި) އަށް އެއްވެސް ބަދަލެއް ނާންނާނެކަމަށް ފާހަގަކޮށްފައިވާއިރު،

މި ޢަދަދާ މެދު ޢަލީ ރަޝީދުގެ ފަރާތުންވެސް އިޢުތިރާޟު ނުކުރާކަމަށް ޢަލީ ރަޝީދު ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވާކަމާއި، އެހެންނަމަވެސް ޢަލީ ރަޝީދުގެ ފަރާތުން ދައްކަންޖެހޭ ޢަދަދު ކަނޑައަޅަންޖެހޭނީ އުޅަނދު ވިއްކާލުމަށްފަހު، ބާކީ ދައްކަންޖެހޭ ޢަދަދެއް އޮތްނަމަކަމަށް ބުނެފައި އޮތުމުން،

ޢަލީ ރަޝީދުވެސް އަދި އެމް.އެފް.އެލް.ސީ އިން ވެސް އެދޭ ގޮތަށް، "މޫންލައިޓް" އުޅަނދު ވިއްކާލުމަށްފަހު ލިބޭ ފައިސާއިން ޢަލީ ރަޝީދު ދައްކަންޖެހޭ ޢަދަދު އުނިކުރާނަމަ، އެންމެ ފުރަތަމަ ދެފަރާތު ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ޢަލީ ރަޝީދު ދައްކަންޖެހޭ ޢަދަދު ކަނޑައަޅަންޖެހޭކަމާއި، ދައްކަންޖެހޭ ޢަދަދެއް ކަނޑަނޭޅި އުޅަނދު ވިއްކާލައިގެން ލިބޭ ފައިސާއިން އުނިކުރަންޖެހޭ ޢަދަދު އެނގެން ނޯންނާނެކަމާއި، އިސްތިއުނާފު ކުރެވޭ ހައިކޯޓު ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމުން، ދެ ފަރާތު ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ކަނޑައަޅާފައިވަނީ ޢަލީ ރަޝީދުގެ ފަރާތުން އެމް.އެފް.އެލް.ސީ އަށް ދައްކަންޖެހޭ ޖުމްލަ ޢަދަދުކަން އެނގެން އޮތްއިރު، "މޫންލައިޓް" އުޅަނދު ވިއްކާލުމަށްފަހު ލިބޭ ޖުމްލަ ފައިސާއިން އުނިކުރާ ޢަދަދަކީ އެ ޤަޟިއްޔާގައި ބަޔާންކުރާ 2,299,526/67ރ. (ދެމިލިއަން ދެލައްކަ ނުވަދިހަ ނުވަހާސް ފަސްސަތޭކަ ސައްބީސް ރުފިޔާ/ ފަސްދޮޅަސް ހަތްލާރި) ކަން އެނގެން އޮތުމުން، އިސްތިއުނާފު ކުރެވޭ ހައިކޯޓުގެ ނަންބަރު 2011/HC-A/263 ޤަޟިއްޔާގައި ނިންމާފައިވާ ނިންމުމަކީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ބަލާނެތަނެއް ނެތްކަމެވެ.

(ރ) ހަތަރުވަނަ ކަމަކީ، "މޫންލައިޓް" އުޅަނދު ވާނީ އެމް.އެފް.އެލް.ސީ އާ ޙަވާލުކުރެވިފައިކަމަށް ޢަލީ ރަޝީދާއި ޢަބްދުއްރަޝީދުއާއި މުޙައްމަދު މުޙާޒު ޙަމީދުގެ ފަރާތުން ބުނިނަމަވެސް، ލީޒް އެގްރިމެންޓުގެ 22 ވަނަ މާއްދާގައިވާ ގޮތަށް، އުޅަނދު ލީސް ކުރެވުނުއިރު ހުރި ފެންވަރުގައި، އުޅަނދު ޙަވާލުކުރުމަށް ކަނޑައެޅިފައިވާ އުޞޫލުތަކާ އެއްގޮތަށް އެ އުޅަނދު ޙަވާލުކުރެވިފައިވާކަން މި ދެފަރާތަށް، ސިވިލް ކޯޓުގައިވެސް އަދި ހައިކޯޓުގައިވެސް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން އެކަން ސާބިތުކޮށްދެވިފައިނުވާކަން ފާހަގަކުރެވޭކަމާއި، އަދި ހައިކޯޓުގައި މި މައުޟޫޢޫއާ ގުޅޭ ގޮތުން ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ފަދަ ހަރުދަނާ ޝަރުޢީ ނުވަތަ ޤާނޫނީ ސަބަބުތަކެއް ސުޕްރީމް ކޯޓުގައިވެސް ޢަލީ ރަޝީދަށާއި މުޙައްމަދު މުޙާޒު ޙަމީދަށް ހުށަހެޅިފައިނުވާކަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމާއެކު ޢަލީ ރަޝީދުއާއި މުޙައްމަދު މުޙާޒު ޙަމީދުއާއި ޢަބްދުއްރަޝީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/263 ޤަޟިއްޔާ އިސްތިއުނާފުކުރަމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެ ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޝަރުޢީ ނުވަތަ ޤާނޫނީ ސަބަބުތަކެއް ނެތްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، ޙުކުމްކޮށްފީމެވެ.

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު

ފަނޑިޔާރު ޢަބްދުﷲ ޢަރީފް

ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ