—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 2013/SC-A/58
ދަޢުވާކުރާ ފަރާތް: މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑް
ދަޢުވާ ލިބޭ ފަރާތް: ގުޑްލަކް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް
މައްސަލައިގެ ބާވަތް: ފައިސާ ހޯދުން
މައްސަލަ އައިގޮތް: އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚް: 19 ނޮވެމްބަރ 2013
ރަޖިސްޓްރީކުރެވުނު ތާރީޚް: 10 ޑިސެމްބަރ 2013
ނިމުނު ތާރީޚް: 17 ސެޕްޓެމްބަރ 2015
މައްސަލަ ނިންމި ގަޑި: 15:04
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
ނަންބަރު: 2011/HC-A/14
ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
ހުށަހެޅުނު ތާރީޚް: 10 ޖެނުއަރީ 2011
ނިމުނު ތާރީޚް: 04 ޖުލައި 2013
މައްސަލައިގެ ޚުލާޞާ
މިއީ މަދަނީ ކޯޓުގެ ނަންބަރު 1129/MC/2010 ޤަޟިއްޔާ އިސްތިއުނާފުކުރި ހައިކޯޓުގެ ނަންބަރު 2011/HC-A/14 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ. މި ޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ގުޑްލަކް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑެވެ.
01- ހައިކޯޓުގެ ނަންބަރު 2011/HC-A/14 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާ ކަމަށްބުނެ މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހަތަރު ސަބަބެއް ހުށަހަޅާ އެކަންކަމާ ބެހޭގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
ހ- ފުރަތަމަ ސަބަބަކީ، މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑާއި ގުޑްލަކް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު 2008، އޭޕްރީލް މަހުގެ ތެރޭގައި، މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ މިލްކުގައިވާ "ސަންސްޕީޑް 1" އަދި "ސަންސްޕީޑް 2" ލޯންޗް ވިއްކުމަށް ވެފައިވާ ކޮންޓްރެކްޓުގެ 5 ވަނަ މާއްދާގައިވަނީ، "ކޮންމެ މަހެއްގެ ކުލި ނުވަތަ އަގުކަމަށް ބުނެފައިވާ ފައިސާ ކޮންމެ މީލާދީ މަހެއްގެ 16 ވަނަ ދުވަހުގެ ކުރީން ދައްކަންވާނެއެވެ." މިހެންނެވެ. ހަމަ މި ކޮންޓްރެކްޓްގެ 6 ވަނަ މާއްދާގައިވަނީ، "ކޮންމެ މަހަކުވެސް ދައްކަންޖެހޭ ފައިސާ ދައްކަމުންދާނަމަ ލޯންޗު ވިއްކި ފަރާތަށް މި ލޯންޗުތައް އަތުލުމުގެ އެއްވެސް ބާރެއް ލިބިގެންނުވެއެވެ. ނަމަވެސް ޖެހިޖެހިގެން ދެ މަހުގެ ފައިސާ ނުލިބިއްޖެނަމަ ލޯންޗުތައް އަތުލުމުގެ ބާރު ލޯންޗުތައް ވިއްކި ފަރާތަށް ލިބިގެންވެއެވެ. އަދި އެ ޙާލަތުގައި ކުރިން ދައްކާފައިވާ ފައިސާއަކީ ފާއިތުވެ ގޮސްފައިވާ ތަނުގެ ކުލި ކަމުގައި ހަމަޖައްސާ ލޯންޗުތައް ވިއްކިފަރާތާއި ޙަވާލުކުރަންވާނެއެވެ." މިހެންނެވެ. އެހެންނަމަވެސް، ގުޑްލަކް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެއްބަސްވުމުގެ 3 ވަނަ މާއްދާގެ ދަށުން އެޑްވާންސްގެ ގޮތުގައި ދައްކަންޖެހޭ 35,000 ރުފިޔާ (ތިންލައްކަ ފަންސާސް ހާސް ދިވެހި ރުފިޔާ)ގެ އިތުރަށް އެއްބަސްވުމުގެ ދަށުން އުފެދިފައިވާ މަދަނީ އިލްތިޒާމްތަކަށް ބޯލެނބުމުގެ ގޮތުން ދައްކާފައެއް ނުވެއެވެ.
ށ- ދެވަނަ ސަބަބަކީ، މި ދެންނެވުނު މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑާއި ގުޑްލަކް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު 2008 އޭޕްރީލް މަހުގެ ތެރޭގައި، މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ މިލްކުގައިވާ "ސަންސްޕީޑް 1" އަދި "ސަންސްޕީޑް2" ލޯންޗު ވިއްކުމަށްވެވުނު އެއްބަސްވުމަކީ އުފެދުނީއްސުރެ ބާޠިލް އެއްބަސްވުމެއްކަމަށް މަދަނީ ކޯޓުގެ ނަންބަރު 1129/MC/2010 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާވުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން އެކޯޓުގެ ނަންބަރު 2011/HC-A/14 ޤަޟިއްޔާއިން ވަނީ ތާޢީދުކޮށް، މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑަށް ދައްކާފައިވާ އެންމެހާ ފައިސާއެއް ގުޑްލަކް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް ދިނުމަށާއި، އެ ފައިސާ މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދައްކާ ޚަލާޞްކުރާ ދުވަހުން ފެށިގެން ފަހެއް ދުވަހުގެ ތެރޭގައި ގުޑްލަކް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރެވިފައިވާ ދެ ލޯންޗާއި އެ ދެ ލޯންޗުގައި ހިމެނޭ އެންމެހާ ތަކެތި އެ ކުންފުންޏާއި ޙަވާލުކުރެވުނުއިރު ހުރި ޙާލަތުގައި މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކުރުމަށް އަންގާފައިވެއެވެ.
ނ- ތިންވަނަ ސަބަބަކީ، ދިވެހިރާއްޖޭގެ ހައިކޯޓުން އެ ކޯޓުގެ ނަންބަރު 2011/HC-A/14 ޤަޟިއްޔާގައި، މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑާއި ގުޑްލަކް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު 2008 އޭޕްރިލް މަހުގެ ތެރޭގައި ވެވުނު އެއްބަސްވުމުގެ 6 ވަނަ މާއްދާގައިވާ ފަދައިން ޢަމަލުކުރުމަށް އަންގާފައިނުވަނީ އެ މާއްދާގައިވާ ފަދައިން ގުޑްލަކް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެއްވަސްވުމުގެ 5 ވަނަ މާއްދާއާ ޚިލާފުވުމުގެ ސަބަބުން ލޯންޗުތައް ޙަވާލުކުރާއިރު، އެ ޙަވާލުކުރުމާއި ހަމައަށް ދައްކާފައިވާ ފައިސާއަކީ އެހާތަނަށް ކުލިކަމަށް ކަނޑައަޅައިފިނަމަ އެއީ މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑަށް ލިބިދޭ ނުޙައްޤު މަންފާ (unjust enrichment) އެއްކަމަށް ބެލެވޭތީކަމަށް މިދެންނެވުނު ޤަޟިއްޔާގެ ޝަރީޢަތަށް ފާހަގަކުރެވުނު ނުކުތާތަކުގެ ތެރެއިން (ރ) ގެ އެންމެ ފަހު ޕެރެގްރާފަށް ބެލުމުން ދޭހަވެއެވެ.
އެހެންނަމަވެސް، 'ނުޙައްޤު މަންފާ' ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2008/SC-A/09 ޤަޟިއްޔާގައި މާނަކޮށްފައިވާ ގޮތަށް ބަލާއިރު، އަދި ތަރައްޤީވެ ތަޙުޒީބުވެފައިވާ މުޖުތަމަޢުތަކުގައި މި މަފްޙޫމް މާނަކުރާ ގޮތަށް ބަލާއިރު، މިއީ ކޮންޓްރެކްޓެއްގެ އިލްތިޒާމްތަކުގެ ދަށުން ދޭންޖެހޭ ޚިދުމަތްތައް ދިނުމުގައި ވަކި ހިސާބަކަށް ދާފަހުން ކޮންޓްރެކްޓުގެ ބައިވެރިންކުރެ ބައިވެރިއެއްގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކާއި ހުރެ ކޮންޓްރެކްޓް ކުރިއަށް ނުގެންދެވޭނެ ފަދަ ޙާލަތެއް ނުވަތަ ކޮންޓްރެކްޓް ބާޠިލްވާފަދަ ޙާލަތެއް މެދުވެރިވާ ފަދަ ދަނޑިވަޅުތަކުގައި، ބާޠިލްވުމާއި ހަމައަށް ދެވިފައިވާ ޚިދުމަތްތަކަށް އެކަށީގެންވާ ބަދަލުދިނުމުގެ މަފްޙޫމެކެވެ.
މިގޮތުން ބަލާއިރު، މެރީޑީއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން، އެއްބަސްވުމުގެ ދަށުން އެފަރާތުގެ އިލްތިޒާމް ކަމުގައިވާ ލޯންޗްތައް ހަވާލުކުރެވި، އަދި ގުޑްލަކް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ފައިސާ ދައްކަމުން ގޮސް، ވަކި ހިސާބަކުން ގުޑްލަކް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން، ކޮންމެ ސަބަބަކާއިހުރެ ނަމަވެސް ފައިސާ ދެއްކުން ހުއްޓާލުމުން، މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ލޯންޗްތައް ހޯދަން ދަޢުވާކުރުމުން، މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެއްބަސްވުމުގައި އޮޅުވާލައި، މިސްރެޕްރެޒެންޓް ކޮށްފައިވާކަމަށް ބުނެ، އެއްބަސްވުން އެފުދުނީއްސުރެ ބާޠިލްކަމަށް ކަނޑައަޅާ، އެހާ ހިސާބަށް ގުޑްލަކް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދީފައިވާ އެންމެހާ ފައިސާ ދިވެހިރާއްޖޭގެ ހައިކޯޓުން އެ ކޯޓުގެ ނަންބަރު 2011/HC-A/14 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމާއި އެއްގޮތަށް އަނބުރާ ދިނުމުން، އެހާތަނަށް (އެއްބަސްވުން ބާޠިލްކަމަށް ކަނޑައެޅުމާ ހަމައަށް)، އަދި މިއަދާ ހަމައަށްވެސް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް މިދެންނެވުނު މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ ދެ ލޯންޗް ބޭނުންކޮށް، ހޯދާފައިވާ އަދި މަންފާގެ މުޤާބިލުގައި އެއްވެސް އެއްޗެއް މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑަށް ލިބިފައިނުވުން އެއީ އޭގެ ޒާތުގައި ނުޙައްޤު މަންފާއެއް ކަމަށްވާއިރު ދިވެހިރާއްޖޭގެ ހައިކޯޓުން އެކޯޓުގެ ނަންބަރު 2011/HC-A/14 ޤަޟިއްޔާ ނިންމެވުމުގައި މި ޤާނޫނީ އުޞޫލަށް ރިޢާޔަތްކުރައްވާފައިނުވެއެވެ.
ރ- ހަތަރުވަނަ ސަބަބަކީ، ބުނެވިދިޔަ ސަބަބުތަކަށްޓައި އިލްތިމާސްކުރާ ފަރާތުން ދެކެނީ އިލްތިމާސްކުރާ މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑާއި، އިލްތިމާސް ރައްދުވާ ގުޑްލަކް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު، އޭޕްރިލް މަހުގެ ތެރޭގައި، މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ މިލްކުގައިވާ "ސަންސްޕީޑް1" އަދި "ސަންސްޕީޑް2" ލޯންޗް ވިއްކުމަށް ވެފައިވާ ކޮންޓްރެކްޓްގެ 6 ވަނަ މާއްދާއަކީ މިދެނުންވެނު ނުޙައްޤު މަންފާއަށް ޤާނޫނީ ފަރުވާއެއް ލިބިދިނުމުގެ ގޮތުން ޢަމަލުކުރެވެންޖެހޭ މާއްދާއެއްކަމަށެވެ.
ފާހަގަކުރެވުނު ނުކުތާތައް
1- މި މައްސަލައާ ގުޅިގެން ދެ ފަރާތުން ދަށުކޯޓާއި ހައިކޯޓުގެ އިތުރުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިޔުންތަކަށާއި މި ބާވަތުގެ މައްސަލަތަކުގައި ރިޢާޔަތްކުރަންޖެހޭ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކުގެ މައްޗަށް ވިސްނާ ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
ހ- ފުރަތަމަ ކަމަކީ، މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށް ޖަވާބުދާރީވުމުގެ ގޮތުން ގުޑްލަކް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބަލާއިރު، ގުޑްލަކް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބުނެފައިވަނީ މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ދެ ލޯންޗު ގަތުމާ ބެހޭގޮތުން ދެ ފަރާތް ދެމެދު ކުރެވިފައިވާ އެގްރިމެންޓަކީ ހައިކޯޓުގެ ނަންބަރު 2011/HC-A/14 ޤަޟިއްޔާގައި ބުނެފައިވާ ފަދައިން އެގްރިމެންޓުކުރިއިރުވެސް ބާޠިލް އެގްރިމެންޓަކަށްވާތީ އެ އެގްރިމެންޓުގެ ދަށުން އިތުރު އިލްތިޒާމްތަކެއް އުފުލަންނުޖެހޭނެ ކަމަށާއި، އެ ދެ އުޅަނދުގެ އަގުގެ ގޮތުގައި ދައްކާފައިވާ ފައިސާއަކީ އެ ދެ އުޅަނދު ބޭނުންކުރި މުއްދަތުގެ ކުލި ކަމުގައިވެސް ބެލެވެންޖެހޭ ސަބަބެއް ނެތްކަމަށާއި އަދި އެ ސަބަބަށްޓަކައި، މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ދަޢުވާއާ މެދު އިންކާރުކޮށްފައިވާކަމެވެ.
ށ- ދެވަނަ ކަމަކީ، މި މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ މި ދެ ފަރާތް ދެމެދު ސޮއިކުރެވިފައިވާ އެގްރިމެންޓަށް ބެލިއިރު، އެ އެގްރިމެންޓްގެ 1 ވަނަ މާއްދާގައި ބުނެފައިވަނީ އެ އެއްބަސްވުމަކީ އެ އެއްބަސްވުމުގެ ދަށުން ގުޑްލަކް އެންޓަރޕްރައިސަސް ޕްރައިވެޓް ލމިޓެޑަށް މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލމިޓެޑްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ "ސަން ސްޕީޑް 1" ލޯންޗާއި އަދި "ސަން ސްޕީޑް 2" އާއި މި ދެ ލޯންޗު ގަތުމަށްޓަކައި އެ ދެ ފަރާތް ދެމެދު އެއްބަސްވާ އުޞޫލުކަތެއް ކަމަށް ބުނުމަށްފަހު، އެ ދެ އުޅަނދުގެ އަގުގެ ގޮތުގައި އެއްބަސްވެފައިވާ އެ ދެ އުޅަނދުގެ އަގުގެ ތެރެއިން ދެ ލޯންޗު ޙަވާލުކުރާއިރު ދައްކަންޖެހޭ 35,000 ރުފިޔާ (ތިންލައްކަ ފަންސާސް ހާސް ދިވެހި ރުފިޔާ) ފިޔަވައި ދެންހުރި ފައިސާއަކީ 12 މަސް ދުވަހުގެ ތެރޭގައި އެ މަހަކަށްޖެހޭވަރު އެ މަހަކު ދައްކަމުންގޮސް ޚަލާޞްކުރަންޖެހޭ ފައިސާއެއްކަމަށް ދެ ފަރާތް ދެމެދު ކުރެވިފައިވާ އެގްރިމެންޓްގެ 03 ވަނަ މާއްދާ އާއި 04 ވަނަ މާއްދާގައި ބުނެފައިވާ ކަމާއި އަދި ކޮންމެ މަހަކުވެސް ދެ ފަރާތް ދެމެދު އެއްބަސްވެވިފައިވާ ގޮތުގެމަތިން އެ މަހަކަށްޖެހޭ ވަރަށް ފައިސާ ދައްކަމުންދާހާ ހިނދަކު އެ ދެ އުޅަނދު އަތުލުމުގެ ޙައްޤު އެ ދެ އުޅަނދުގެ ވެރިފަރާތަށް ލިބިގެންނުވާކަމަށް ދެ ފަރާތް ދެމެދު ސޮއިކުރެވިފައިވާ އެގްރިމެންޓްގެ 6 ވަނަ މާއްދާގައި ބުނުމަށްފަހު، ވިދިވިދިގެން ދެމަސް ދުވަހުގެ ކުލި ނުދައްކައިފިނަމަ އެ ދެ އުޅަނދު އަތުލުމުގެ ބާރު ވެރިފަރާތަށް ލިބިގެންވާ ކަމަށާއި އެހާތަނަށް އެ ދެ އުޅަނދު ގަތުމަށްޓަކައި ދައްކާފައިވާ ފައިސާއަކީ އެ ދެ އުޅަނދު ބޭނުންކުރި މުއްދަތުގެ ކުލި ކަމުގައި ދެ ފަރާތް ދެމެދު އެއްބަސްވެވިފައިވާކަން އެގްރިމެންޓްގެ 6 ވަނަ މާއްދާގެ ޞަރީޙަ ނައްޞުން އެނގެން އޮންނައޮތުމެވެ.
ނ- ތިންވަނަ ކަމަކީ، ރަޖިސްޓްރީ ނަންބަރު C7072A-04 10-T އާއި ރަޖިސްޓްރީ ނަންބަރު C6868A-02 10-T އާއި މި ދެ އުޅަނދަކީ މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ރަޖިސްޓްރީކުރެވިފައިވާ އެ ކުންފުނީގެ ދެ އުޅަނދުކަމާއި ގުޑްލަކް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން އެ ދެ އުޅަނދު ގަތުމަށް ހުށަހެޅިހިނދު، އެ ދެ އުޅަނދު ގަތުމާއި ބެހޭ އުޞޫލުތައް ކަމަށްބުނެ ދެ ފަރާތް ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުގައިވާ ގޮތުން އެ އެއްބަސްވުމަކީ އުޅަނދުގެ މިލްކުވެރިކަން އެ ދެ އުޅަނދު ގަތުމަށް އެއްބަސްވާ ފަރާތަށް ވަގުތުން ބަދަލުވާ ފަދަ ވިޔަފާރީގެ ލާޒިމް ޢަޤުދެއްނޫން ކަމާއި، އެއީ ކަނޑައެޅޭ ފައިސާގެ ވަކި މިންވަރެއް ކޮންމެ މަހަކު އުޅަނދުގެ ވެރިފަރާތަށް ދައްކަމުންގޮސް ކަނޑައެޅިފައިވާ ވަކި ޢަދަދެއް ދައްކާ ނިމުމުން އޭގެ ފަހުން އެ ދެ އުޅަނދުގެ މިލްކުވެރިކަން ބަދަލުކުރުމަށްޓަކައި ދެ ފަރާތް އެއްބަސްވެގެން ކޮށްފައިވާ މިލްކުވެރިވުމަކުން ނިމޭ ކުލީގެ އެއްބަސްވުމެއްކަން ދެ ފަރާތް ދެމެދު ސޮއިކުރެވިފައިވާ އެގްރިމެންޓްގެ 06 ވަނަ މާއްދާއިން ރަނގަޅަށް އެނގެން އޮންނާތީ އެ ދެ ފަރާތް ދެމެދު ސޮއިކުރެވިފައިވާ އެގްރިމެންޓްގައި ސޮއިކުރުމަކީ އެ ސޮއިކުރުމާއެކު އެ ދެ އުޅަނދުގެ މިލްކުވެރިކަން އެ ހިނދުން ހިނދަށް ބަދަލުވާ ވިޔަފާރީގެ ޢަޤުދެއްކުރުން ކަމަށް ބެލެވެންޖެހޭ ޝަރުޢީ އަދި ޤާނޫނީވިޔަސް ހަމައެއް ނެތުމާއެކު، އެ އެގްރިމެންޓުގެ ދަށުން މިލްކު ބަދަލުކުރުމުގެ ސުވާލު އެފެދޭނީވެސް ދެ ފަރާތް ދެމެދު ސޮއިކުރެވިފައިވާ އެގްރިމެންޓްގެ ދަށުން ދައްކަންޖެހޭ ފައިސާއެއްކޮށް ދައްކާ ޚަލާޞްކޮށް ނިންމުމަށްފަހުގައިކަން ދެ ފަރާތް ދެމެދު ކުރެވިފައިވާ އެގްރިމެންޓްގެ ޞަރީޙަ ނައްޞުން އެނގެން އޮންނާތީ، އެ އެގްރިމެންޓްގެ ދެބައިވެރިންގެ ތެރެއިން އުޅަނދާ ޙަވާލުވި ފަރާތަށް ލާޒިމްވެގެންވަނީ އެއްބަސްވެވިފައިވާ ގޮތުގެމަތިން ކަނޑައެޅިފައިވާ ތާރީޚުތަކުގައި ދައްކަންޖެހޭ ފައިސާ ދައްކަމުން ގެންދިއުންކަމާއި އަދި އެގޮތަށް ފައިސާ ދައްކަމުންދާހާ ހިނދަކު އެގްރިމެންޓްގެ ދަށުން އުޅަނދާ ޙަވާލުވާ ފަރާތަށް ލިބިދޭ އެއްވެސް ޙައްޤަކަށް އަރައިގަތުމުގެ ފުރުޞަތު އުޅަނދުގެ ވެރިފަރާތަށް ލިބިދެވޭނެ ހަމައެއްނެތްކަމާއި އަދި އެއްބަސްވެވިފައިވާ ގޮތުގެމަތިން ފައިސާ ދައްކާ ޚަލާޞްކުރުމުން އެ ދެ އުޅަނދުގެ މިލްކުވެރިކަން ބަދަލުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންތައް ކުރުމަކީ އެ ދެ ލޯންޗުގެ ވެރިފަރާތަށް އެއިން ރެކިނުގަނެވޭނެ އިލްތިޒާމްތަކަކަށްވީ ފަދައިން އަދި ދެ ފަރާތް ދެމެދު އެއްބަސްވެވިފައިވާ އެގްރިމެންޓްގެ ދަށުން ދައްކަންޖެހޭ ފައިސާ އެއްވެސް ސަބަބަކަށްޓަކައި ނުދައްކާ ހިފެހެއްޓުމުގެ ޙައްޤު އުޅަނދާ ޙަވާލުވާ ފަރާތަށްވެސް ލިބިދެވެންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީވިޔަސް ހަމައެއް ނެތްކަން ފާހަގަކުރެވިފައި އޮންނައޮތުމެވެ.
ރ- ހަތަރުވަނަ ކަމަކީ، މި ދެ ފަރާތް ދެމެދު ކުރެވިފައިވާ އެގްރިމެންޓަށް ނަޒަރުކޮށް ބަލާއިރު އެ އެގްރިމެންޓަކީ އެ އެގްރިމެންޓްގެ ދަށުން ގުޑްލަކް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކުރެވޭ ދެ އުޅަނދުގެ އަގުއެއްކޮށް ދައްކާ ނިންމުމުގެ ކުރިން އެ އެގްރިމެންޓުގައި ކަނޑައެޅިފައިވާ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން އެ ދެ އުޅަނދު ބޭނުންކުރުމާއި އޭގެ ހުއްދަކުރެވިފައިވާ މަންފާ ލިބިގަތުން ފިޔަވައި އިތުރު އެހެން ޙައްޤުތަކެއް އެ ދެ އުޅަނދާއި ޙަވާލުވި ފަރާތަށް ލިބިދޭ އެގްރިމެންޓަކަށް ނުވާތީ އާއި ދެ ފަރާތް އެއްބަސްވެފައިވާ ޢަދަދަށް ފައިސާ އެއްކޮށް ދައްކާ ޚަލާޞްކުރުމުގެ ކުރިން އެ ދެ އުޅަނދުގެ މިލްކުވެރިކަން ބަދަލުކުރުމުގެ ސުވާލު ޤާނޫނީ ހަމަތަކުގެ މަތިން އުފެދެންޖެހޭ އެއްވެސް ހަމައެއް ނެތް ކަމާއި އަދި ހަމައެކަނި އެ ދެ އުޅަނދު ރަހުނުކުރެވިފައި އޮންނައޮތުމަކީ މި ދެ ފަރާތް ދެމެދު ކުރެވުނު އެގްރިމެންޓުގައި ބުނެފައިވާ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން އެ ދެ އުޅަނދުގެ ބޭނުންކުރުމާއި އެގްރިމެންޓްގެ ޙުދޫދުގެ ތެރޭގައި ތަޞައްރުފްކުރުމަށް ހުރަސްއަޅާ ކަމަކަށްނުވާއިރުވެސް އަދި އެ ދެ އުޅަނދުގެ ވެރިފަރާތަށް ގުޑްލަކް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދައްކަންޖެހޭ ފައިސާއެއްކޮށް ދައްކާ ޚަލާޞްކުރުމުގެ ކުރިން އެ ދެ އުޅަނދުގެ މިލްކުވެރިކަން ބަދަލުކުރަންޖެހޭ މަރުޙަލާ އައިސްއަރާ ހަމަވުމުގެވެސް ކުރިން އެ ދެ އުޅަނދަކީ ހަމައެކަނި ރަހުނުކުރެވިފައިވާ ދެ އުޅަނދުކަމަށް ބަލައި، އެ މުޢާމަލާއަކީ އޭގެ ޒާތުގައި ބާޠިލް މުޢާމަލާއެއްކަމަށް ކަނޑައަޅާ ސިވިލް ކޯޓުގެ ނަންބަރު 1129/MC/2010 ޤަޟިއްޔާގައި ގުޑްލަކް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެ ދެ އުޅަނދު ބޭނުންކުރި މުއްދަތުގެ ކުއްޔާއި މެދު ދެ ފަރާތް ވަކި ގޮތަކަށް އެއްބަސްވެފައިވާކަން އެނގެން އޮތުމާއިއެކުވެސް އެ ފައިސާއަކީވެސް ދެ ފަރާތް ދެމެދު ވެވިފައިވާ އެއްބަސްވުމާއި އެއްގޮތްވާ ގޮތުގެމަތިން މެރީޑިޔަމް ސަރވިސްއަށް ލިބިދެވޭނެ އެއްޗެއްނޫންކަމަށް ސިވިލް ކޯޓުން ޙުކުމް ކުރެއްވިއިރު، އެ ޤަޟިއްޔާ އިސްތިއުނާފުކުރި ހައިކޯޓުގެ ނަންބަރު 2011/HC-A/14 ޤަޟިއްޔާގައި ޙުކުމްކުރައްވާފައިވަނީ ސިވިލް ކޯޓެކޭ އެއްފަދައަކުން އެ މުޢާމަލާއަކީ ބާޠިލް މުޢާމަލާއެއްކަމަށް ކަމުގައިވިޔަސް، މެރީޑިއަމްއަށް ދެ އުޅަނދު ޙަވާލުކުރުމަށާއި ގުޑްލަކް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑާއި މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑްއާ ޙަވާލުކޮށްފައިވާ އެންމެހައި ފައިސާތައް އެ ޤަޟިއްޔާގައި ޙުކުމްކުރި ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައި މަދަނީ ކޯޓަށް ދައްކާ ޚަލާޞްކުރުމަށް ކަމުގައިވުމުން ދަށުކޯޓާއި އަދި ހައިކޯޓުގެ ޙުކުމުގައިވެސް މި ދެ ފަރާތް ވަކި ހަމަތަކެއްގެ މަތިން ބަނދެވޭ އެގްރިމެންޓަށް އެއްވެސް މިންވަރަކަށް ރިޢާޔަތްކުރައްވާފައިނުވާކަން ފާހަގަކުރެވިފައިވެއެވެ.
ބ- ފަސްވަނަ ކަމަކީ، މި މައްސަލައާ ގުޅިގެން ދެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިޔުންތަކުގެ މައްޗަށް ބަލާއިރު މި ދެ ފަރާތް ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން ކޮށްފައިވާ މުޢާމަލާއަކީ ގަންނަ ފަރާތުން ވަގުތުން އަގު އަދާކުރުމުން ނުވަތަ ފަހުން އަގުއަދާކުރާ ގޮތަށް ވިޔަފާރި ވަގުތުން ޢަޤުދުވުން ލާޒިމްވުމާ ގުޅިގެން އެއް ފަރާތަށް އަގު، އަދި އަނެއް ފަރާތަށް މުދާ މިލްކުވާންޖެހޭ އުޞޫލުންކޮށްފައިވާ، އެ ވަގުތުން ފެށިގެން ލާޒިމްވާންޖެހޭ ފަދަ ވިޔަފާރީގެ ލާޒިމް ޢަޤުދެއްނޫންކަމާއި، އެ މުޢާމަލާއަކީ ދެ ފަރާތް ދެމެދު ސޮއިކޮށް އެއްބަސްވެފައިވާ އެއްބަސްވުމުގައި ކަނޑައެޅި ބަޔާންވެފައިވާ ގޮތަށް ބަލާއިރު އެއީ ދެ ފަރާތް ދެމެދު އެއްބަސްވެވިފައިވާ ގޮތުގެމަތިން ދައްކަންޖެހޭ ފައިސާ ދައްކަމުންގޮސް އެ ފައިސާ އެއްކޮށް ދައްކާ ނިމުމުން އެ ދެ ލޯންޗުގެ މިލްކުވެރިކަން ބަދަލުކުރުމަށް އެއްބަސްވެ، އެ ޝަރުޠުގެ މަތިން ސޮއިކޮށްފައިވާ އެއްބަސްވުމަކަށްވާއިރު، އަދި އެއްބަސްވެފައިވާ ގޮތުގެމަތިން ފައިސާ ނުދެއްކިއްޖެ ޙާލަތެއްގައި އެއްބަސްވުމުގައި ކަނޑައެޅި ބަޔާންވެފައިވާ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން އެ ދެ ލޯންޗް އަނބުރާ ލިބިގަނެ، އެހާތަނަށް ދައްކާފައިވާ ފައިސާއަކީ އެ ދެ އުޅަނދު ބޭނުންކުރި ދުވަސްތަކުގެ ކުލި ކަމުގައި ބެލެވިގެންދާނެ ކަމަށް ދެ ފަރާތްދެމެދު ވެވިފައިވާ އެއްބަސްވުމުގައި ޞަރީޙަކޮށް ބަޔާންކޮށްފައިވާތީ ދެ ފަރާތް ދެމެދުވެފައިވާ އެއްބަސްވުމުގެ ދަށުން މިލްކު ބަދަލުކުރަންޖެހޭ މަރުޙަލާއައިސް ޖެހުމުގެކުރިން ބުނެވިދިޔަ ދެ ލޯންޗާއި ބެހޭގޮތުން ކޮށްފައިވާ މުޢާމަލާއަކީ ވިޔަފާރި ޢަޤުދެއްގެ ދަށުން އެގްރިމެންޓުގައި ސޮއިކުރުމާއެކު މިލްކުވެރިކަން ބަދަލުވާގޮތަށް ކޮށްފައިވާ ވިޔަފާރި މުޢާމަލާއެއްކަމަށް ބަލައި، ހަމައެކަނި އެ ސަބަބަށްޓަކައި އެ މުޢާމަލާއަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ޞައްޙަ މަގުން ހިނގާފައިވާ މުޢާމަލާއެއްނޫންކަމަށް ބަލަންޖެހޭ ފަދަ ޝަރުޢީ ނުވަތަ ޤާނޫނީވިޔަސް ސަބަބެއް އޮތްކަމަކަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފެނެއެވެ.
ޅ- ހަވަނަ ކަމަކީ، މެރީޑިއަމް ސަރވިސްގެ ނަމުގައި ރަޖިސްޓްރީކުރެވިފައިވާ ނަންބަރު C7072A-04 10-T އުޅަނދާއި އަދި ނަންބަރު C6868A-02 10-T އުޅަނދާއި މި ދެ އުޅަނދުގެ ހަމަ އަގު ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ދައްކާ ޚަލާޞްކުރުމުން އެ ދެ އުޅަނދު މިލްކުކޮށްދިނުން ޝަރުޠުކޮށް ބުނެވިދިޔަ ދެ ފަރާތް ދެމެދު ވެފައިވާ އެއްބަސްވުމުގައި ސޮއިކުރިއިރު، އެ ދެ އުޅަނދަކީ ރަހުނުކުރެވިފައިވާ ދެ އުޅަނދަށްވިޔަސް އެހެން ގޮތަކަށް އެއްބަސްވެވިފައި ނުވާނަމަ މިލްކު ބަދަލުކުރުން ފިޔަވައި އެ ރަހުނުގެ އެހެނިހެން މަންފާ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ލިބިގަތުމުގެ ޙައްޤަށް ހުރަސްއެޅެންޖެހޭ ޝަރުޢީ އަދި ޤާނޫނީވިޔަސް ހަމައެއް ނެތަތީ އާއި އެ ރަހުނުގެ މިލްކުވެރިކަން ބަދަލުކުރުމުގެ މަރުޙަލާ އައިސްއަރާ ހަމަވުމުގެ ކުރިން އަދި ރަހުނުގެ ސަބަބުން އެ ދެ އުޅަނދު ބަނދެވިފައިއޮތް ބަނދެވުން ފިލުވުމުގެ ފުރުޞަތު ރަހުނު ބެހެއްޓި ފަރާތަށް އޮންނާނެތީ އާއި ބުނެވިދިޔަ ދެ ފަރާތް ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމަކީ ޝަރުޢީ އަދި ޤާނޫނީ ގޮތުން ވިޔަފާރި ވަގުތުން ލާޒިމްވެ އެއް ފަރާތުން އަނެއް ފަރާތަށް މިލްކު ބަދަލުވާ ގޮތަށް ކޮށްފައިވާ ގަނެވިއްކުމުގެ ލާޒިމް ޢަޤުދަކަށްނުވާތީ މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑާއި ގުޑްލަކް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ނަންބަރު C7072A-04 10-T ލޯންޗާއި ނަންބަރު C6868A-02 10-T ލޯންޗާއި މި ދެ ލޯންޗު ވިއްކުމާ ބެހޭގޮތުން އެއްބަސްވާ އުޞޫލުތައް ކަމަށްބުނެ އެއްބަސްވެފައިވާ އެއްބަސްވުމުގެ ދަށުން ހިނގާފައިވާ މުޢާމަލާއަކީ އޭގެ ޒާތުގައިވެސް ބާޠިލް މުޢާމަލާއެއްކަމަށް ދަށު ކޯޓާއި ހައިކޯޓުން ބެއްލެވި ބެއްލެވުން އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމާއެކު ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާތީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ދެކެނީ އެ ދެ ޤަޟިއްޔާގެ ޙުކުމަށްވެސް ބަދަލުގެންނަންޖެހޭނެ ކަމަށެވެ.
ޙުކުމް:
ދެން ފަހެ، އިސްވެދިޔަ ބަޔާންތަކާއި ފާހަގަކުރެވިފައިވާ ނުކުތާތަކުގެ މައްޗަށާއި މި މައްސަލާގައި ކަން ހިނގާފައިވާ ގޮތުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާ ބަލާއިރު، މެރީޑިއަމް ސަރވިސަސް އާއި ގުޑްލަކް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ނަންބަރު C7072A-04 10-T ލޯންޗާއި ނަންބަރު C6868A-02 10-T ލޯންޗާއި މި ދެ ލޯންޗު ވިއްކުމުގައި ޢަމަލުކުރާނެ އުޞޫލާ ބެހޭގޮތުން ސޮއިކޮށްފައިވާ އެގްރިމެންޓްގައި ބުނެފައިވާ ހަމަތަކުގެ މަތިން ދައްކަންޖެހޭ ފައިސާ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ދައްކާ ނިންމުމަށް އެ ދެ އުޅަނދު ގުޑްލަކް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް މިލްކުކޮށްދިނުމުގެ ޝަރުޠުގެ މަތިން އެ ދެ ފަރާތް ދެމެދު ސޮއިކޮށްފައިވާ މިލްކުވެރިވުމަކުން ނިމުމަކަށް އަންނަ ކުލީގެ އެގްރިމެންޓަކަށްވެފައި، އެ އެގްރިމެންޓަކީ އެ އެގްރިމެންޓުގައި ސޮއިކުރި ވަގުތުން ފެށިގެން އެއް ފަރާތުން އަނެއް ފަރާތަށް މިލްކު ބަދަލުކުރުމުގެ މަޤްޞަދުގައި ކޮށްފައިވާ، އަދި އެ ވަގުތުން ފެށިގެން ވިޔަފާރި ލާޒިމްވާ ފަދަ ވިޔަފާރީގެ ލާޒިމް ޢަޤުދެއްކަމަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ބެލެވޭނެ ތަނެއްނެތަތީ އާއި އަދި އެ ދެ އުޅަނދުގެ މިލްކުވެރިކަން ބަދަލުކުރުމުގެ މަރުޙަލާ އަންނާނީ ދެފަރާތް ދެމެދު އެއްބަސްވެވިފައިވާ ގޮތުގެމަތިން ގުޑްލަކް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދައްކަންޖެހޭ ފައިސާއެއްކޮށް ދައްކާ ތާރީޚުން ފެށިގެން ކަމަށްވާތީ އާއި އަދި އެ ދެ އުޅަނދަކީ އޭގެ ކުރީގެ ރަހުނުކުރެވިފައިވާ ދެ އުޅަނދަށްވިޔަސް، އެ ވަގުތާ ހަމަޔަށްވެސް ރަހުނުގެ ސަބަބުން އެ ދެ އުޅަނދު ބަނދެވިފައި އޮތްއޮތުން ނިމުމަކަށް ގެނައުމުގެ ފުރުޞަތު އުޅަނދުގެ ވެރި ފަރާތަށް ގެއްލިފައިނުވާތީ އާއި އެ ދެ އުޅަނދުގެ މިލްކުވެރިކަމުގެ ޙައްޤު ލިބިގަތުމަށްޓަކައިއެއްވެސް ފިޔަވަޅެއް އަޅަންވާނީ ދެ ފަރާތް ދެމެދު ސޮއިކުރެވިފައިވާ އެގްރިމެންޓްގު ދަށުން އެ ދެ އުޅަނދާ ޙަވާލުވި ފަރާތުން ފުރިހަމަކުރަންޖެހޭ އިލްތިޒާމްތައް ފުރިހަމަކުރުމަށް ފަހުގައި ކަމަށްވެފައި، ބުނެވިދިޔަ ދެ އުޅަނދަކީ ރަހުނުކުރެވިފައިވާ ދެ އުޅަނދު ކަމަށްބުނެ މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑާއި ގުޑްލަކް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ސޮއިކޮށްފައިވާ ކުލީގެ އެގްރިމެންޓަކީ އޭގެ ޒާތުގައި ބާޠިލް އެގްރިމެންޓެއްކަމަށް ސިވިލް ކޯޓުގެ ނަންބަރު 1129/MC/2010 ޤަޟިއްޔާ އާއި ހައިކޯޓުގެ ނަންބަރު 2011/HC-A/14 ޤަޟިއްޔާގައި ބެއްލެވި ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާތީ އެ ދެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ބާޠިލް ޙުކުމްތަކެއްކަމަށް ކަނޑައަޅައި، ދެ ފަރާތް ދެމެދު ސޮއިކުރެވިފައިވާ އެގްރިމެންޓްގެ ދަށުން ގުޑްލަކް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެގްރިމެންޓްގައި ބުނެފައިވާ ގޮތުގެމަތިން ދައްކަންޖެހޭ ފައިސާ އެއްބަސްވެވިފައިވާ ގޮތުގެމަތިން ދައްކަމުންނުދާކަން ދެ ފަރާތުންމެ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނާތީ މި ދެ ފަރާތް ދެމެދު ސޮއިކުރެފައިވާ އެގްރިމެންޓް ބާޠިލްކޮށް އެ ދެ އުޅަނދު އަނބުރާ ލިބިގަތުމާއި އެހާތަނަށް ދައްކާފައިވާ ފައިސާއަކީ އުޅަނދުގެ ކުލިކަމުގައި ބެލުމުގެ ޙައްޤު މެރީޑިއަމް ސަރވިސަސް އަށް ލިބިގެންވާކަން ދެ ފަރާތް ދެމެދު ސޮއިކޮށްފައިވާ އެގްރިމެންޓްގެ 6 ވަނަ މާއްދާއިން އެނގެން އޮންނާތީ އެ މުޢާމަލާގެ ދަށުން ގުޑްލަކް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑާ ޙަވާލުވެފައިވާ ދެ އުޅަނދު މީލާދީ ސަނަތުން 2015 ވަނަ އަހަރުގެ 09 ވަނަ މަހުގެ 17 ވަނަ ދުވަހުން ފެށިގެން 1 މަސް ދުވަހުގެ ތެރޭގައި މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކުރުމަށާއި، އަދި އެ މުޢާމަލާގެ ދަށުން ގުޑްލަކް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑަށް ދައްކާފައިވާ ފައިސާއަކީ، ގުޑްލަކް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގެ ބެލުމުގެ ދަށުގައި އެ ދެ އުޅަނދު އޮތް މުއްދަތުގެ ކުލި ކަމުގައި ދެ ފަރާތް ދެމެދު ސޮއިކުރެވިފައިވާ އެގްރިމެންޓުގައި އެއްބަސްވެފައިވާތީ، ދެ ފަރާތް ދެމެދު އެއްބަސްވެވިފައިވާ ގޮތުގެމަތިން އެ ފައިސާއަކީ އެ ދެ އުޅަނދު ގުޑްލަކް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގެ ބެލުމުގެ ދަށުގައިއޮތް މުއްދަތުގެ ކުލިކަމުގައި ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ބެލެވޭނެކަމަށް ޙުކުމްކޮށްފީމެވެ.
ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު
ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ
ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.