—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 2013/SC-C/11
ދަޢުވާކުރާ ފަރާތް: ދައުލަތް (އެޓަރނީ ޖެނެރަލްގެ އޮފީސް)
ދަޢުވާ ލިބޭ ފަރާތް: -
ތަދައްޚުލްވި ފަރާތް: މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމް.ޑީ.އޭ)
މައްސަލައިގެ ބާވަތް: ދުސްތޫރީ މައްސަލަ
މައްސަލަ އައިގޮތް: ދުސްތޫރީ މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚް: 12 މާރޗް 2013
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 14 މާރޗް 2013 26262626
ނިމުނު ތާރީޚް: 01 ސެޕްޓެމްބަރ 2013
މައްސަލަ ނިންމި ގަޑި: 14:53
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒް ޙުސައިން، ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު ޢަލީ ހަމީދު މުޙައްމަދު، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، ފަނޑިޔާރު އަޙްމަދު މުޢުތަސިމް އަދްނާން
މައްސަލައިގެ ޚުލާޞާ
މިއީ މީލާދީ ސަނަތުން 2013 ވަނަ އަހަރުގެ މާރޗް މަހުގެ 5 ވީ އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 2 ވަނަ ޖަލްސާއިން ފާސްކޮށް، 12 މާރޗް 2013 ވީ އަންގާރަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރި ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤަނޫނު) އަށް ޢަމަލުކުރަން ފަށާއިރު، އިލެކްޝަންސް ކޮމިޝަންގައި ރަޖިސްޓްރީ ކުރެވިފައިވާ ޕާޓީތަކުގެ ތެރެއިން 10,000 (ދިހަހާސް) މެންބަރުން ހަމަވާ ޕާޓީތަކަކީ އެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ޕާޓީތަކެއްކަމަށް ބެލެވޭނެކަމަށް، އެ ޤާނޫނުގެ 8 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވުމުން، އެ ޤާނޫނަށް ޢަމަލުކުރަން ފަށާއިރު، ޤާނޫނީގޮތުން ރަޖިސްޓްރީ ކުރެވިފައިވާ ޕާޓީތަކުގެ ތެރެއިން ބުނެވިދިޔަ މާއްދާގައި ބުނެފައިވާ ޢަދަދަށް މެންބަރުން ހަމަނުވާ އެންމެހައި ޕާޓީތަކަށް ވާނޭގޮތެއް އެ ޤާނޫނުގައި ބުނެފައި ނުވާތީއާއި އެ ޤާނޫނޫގެ 11 ވަނަ މާއްދާގެ (ހ) ގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެދި ހުށަހަޅާ ފަރާތުން އެ ޕާޓީއެއްގެ މެންބަރަކަށް ވުމަށް އެދިފައިވާ މަދުވެގެން 10,000 (ދިހަހާސް) މީހުންގެ ސޮއި ހޯދައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ވާނެކަމަށް ބުނެފައިވާތީ އާއި، އެ ޤާނޫނަށް ޢަމަލުކުރަން ފަށާއިރު، މަދުވެގެން 10,000 (ދިހަހާސް) މެންބަރުން ހަމަނުވާ ޕާޓީތައް އުވިގެންދާނެކަމަށް އިލެކްޝަންސް ކޮމިޝަނުންވެސް ބުނެފައިވާތީ، ސިޔާސީ ޕާޓީގެ ޤާނޫނަށް ޢަމަލުކުރަން ފަށާއިރު، ޤާނޫނީ ގޮތުން ރަޖިސްޓްރީ ކޮށްގެން ރާއްޖޭގައި ހިންގަމުން އަންނަ އެއްވެސް ސިޔާސީ ޕާޓީއެއް އުވިގެން ނުދާނެކަމަށް ކަނޑައަޅައި ދިނުމަށް އެދި ބަންޑާރަނައިބުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބަލާފައިވާ މައްސަލައެކެވެ.
ފާހަގަ ކުރެވުނު ނުކުތާތައް
މި މައްސަލައިގައި ބަންޑާރަނައިބުގެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މި މައްސަލައިގެ ތެރެއަށް ތަދައްޚުލުވި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައެންސް (އެމް.ޑީ.އޭ) ގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ކަނޑައަޅައި ބަޔާންކޮށްފައިވާ އަސާސީ ޙައްޤުތައް ލިބިފައިވާގޮތަށާއި، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން އަސާސީ ޙައްޤު ހަނިކުރެވިދާނެކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި އެކަށައަޅާފައިވާ ގޮތަށާއި، މިނިވަން ދީމިޤްރާޠީ މުޖްތަމަޢުތަކުގައި މިފަދަ ޙައްޤުތައް ހިފެހެއްޓިދާނެކަމަށް ޤަބޫލުކޮށްފައިވާ މިންގަނޑުތަކަށް ރިޢާޔަށްކުރާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެ އެވެ.
(ހ) ފުރަތަމަކަމަކީ، މި މައްސަލައިގައި ދަޢުވާކުރި ފަރާތުން ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި:- (ހ) ޤާނޫނުއަސާސީގައިވާ ކޮންމެ ޙައްޤަކީވެސް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ހަނިކުރެވިދާނެ ޙައްޤަކަށް ވީނަމަވެސް ޙައްޤުތައް ހިފެހެއްޓުމުގެ މިންގަނޑަކަށް ވާންވާނީ މިނިވަން ދީމިޤްރާޠީ މުޖުތަމަޢުތަކުގައި އެފަދަ ޙައްޤުތައް ހިފެހެއްޓިދާނެކަމަށް ޤަބޫލުކުރެވޭ މިންގަނޑުކަމަށާއި، ނަމަވެސް ދިވެހިރާއްޖޭގެ ސިޔާސީ ޕާޓީގެ ޤާނޫނުގައި ސިޔާސީ ޕާޓީއެއްގައި ތިބެންޖެހޭ މެންބަރުންގެ އެންމެ ކުޑަ ޢަދަދު ކަނޑައަޅާފައި ވާއިރު ސިޔާސީ ޕާޓީއެއްގައި ތިބެންޖެހޭ މެންބަރުންގެ އެންމެ ކުޑަ ޢަދަދު އެގޮތަށް ކަނޑައަޅާފައި ވަނީ ދުނިޔޭގެ ވަރަށް މަދު ޤައުމެއްގައި ކަމަށާއި، (ށ) ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެދި ހުށަހަޅާ ފަރާތަކުން އެ ޕާޓީއެއްގެ މެންބަރުންގެ ގޮތުގައި މަދުވެގެން 10,000 (ދިހަހާސް) މީހުންގެ ސޮއި ހޯދައި ކޮމިޝަނަށް ހުށަހަޅަން ޖެހޭކަމަށާއި، ސިޔާސީ ޕާޓީގެ ޤާނޫނަށް ޢަމަލުކުރަން ފަށާއިރު، އެ ޕާޓީއެއްގައި 10,000 (ދިހަހާސް) މެންބަރުން ހަމަވާ ޕާޓީތަކަކީ، ސިޔާސީ ޕާޓީގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީވެފައިވާ ޕާޓީތަކެއްކަމަށް އެ ޤާނޫނުގައި ބުނެފައިވާކަމަށާއި ނަމަވެސް މީގެކުރިން ޢަމަލުކުރަމުން އައިސްފައިވާ ސިޔާސީ ޕާޓީގެ ޤަވާޢިދުގެ ދަށުން ރަޖިސްޓަރީ ކުރެވި ޤާނޫނީގޮތުން ހިނގަމުން އަންނަ ސިޔާސީ ޕާޓީތަކުގެ ތެރެއިން 10,000 (ދިހަހާސް) މެންބަރުން ހަމަނުވާ ޕާޓިތަކަށް ވާނެގޮތެއް އަދި އެ ޕާޓީތަކާބެހޭ ގޮތުން ކަންކުރާނެ ގޮތެއްގެ އިޖުރާއީ ނުވަތަ އިންތިޤާލީ އުޞޫލުތަކެއް ބަޔާންކޮށްފައި ނުވާކަމަށާއި، (ނ) މިހާރު ރާއްޖޭގައި ރަޖިސްޓަރީކުރެވި ހިންގަމުން އަންނަ ޕާޓީތަކުގެ ތެރެއިން 10,000 (ދިހަހާސް) މެންބަރުން ހަމަނުވާ ޕާޓީތަކާ ބެހޭގޮތުން ކަންކުރާނެ ވަކި އުޞޫލުތަކެއް ސިޔާސީ ޕާޓީގެ ޤާނޫނުގައި ކަނޑައަޅާފައި ނެތުމުން އެކަމުގައި ރިޢާޔަތް ކުރަންޖެހޭނީ ސިޔާސީ ޕާޓީތަކުގެ ޤަވާޢިދަށް ޤާނޫނީ ބާރު ލިބިދީފައިވާ ޤާނޫނު ނަންބަރު 2008/6 (ޢާންމު ޤަވާޢިދުތަކާބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާއަށް ކަމަށާއި، އެ މާއްދާގެ (ނ) ގައި "އެ ޤާނޫނުގެ ޖަދުވަލު 1 ގައި އާއި ޖަދުވަލު 2 ގައި ހިމެނޭ ޤަވާޢިދުތަކުގެ ތެރެއިން ޤަވާޢިދަކާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުން ޤާނޫނެއް ފާސްކޮށް އެ ޤާނޫނަކަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން އެ ޤަވާޢިދަކަށް ނުވަތަ އެ ޤާނޫނަކަށް ނިސްބަތްވާ އެ ޤަވާޢިދުގެ އެ ބަޔަކަށް ނިމުން އަންނާނެކަމަށް ބަޔާންކޮށްފައި ވާކަމަށާއި، ސިޔާސީ ޕާޓިގެ ޤާނޫނު ވުޖޫދަށް އަންނަ ހިސާބުން ފެށިގެން ސިޔާސީ ޕާޓީގެ ޤަވާޢިދު އުވިގެންދާނެ ކަމަށާއި، މިކަމުގެ ސަބަބުން ސިޔާސީ ޕާޓީގެ ޤަވާޢިދުގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން، ސިޔާސީ ޕާޓީގެ ޤާނޫނުގައިވާ ގޮތުގެމަތިން ރަޖިސްޓަރީ ވެފައިނުވާ ހުރިހާއި ސިޔާސީ ޕާޓީއެއް އުވިގެން ދާނެކަމަށާއި، އެގޮތުން 10 (ދިހައެއް) އަށް ވުރެގިނަ ސިޔާސީ ޕާޓީ އުވިގެންދާނެ ކަމަށާއި، ސިޔާސީ ޕާޓީގެ ޤާނޫނުގެ ސަބަބުން އުވިގެންދާ ޕާޓީތައް އުވިގެން ދަނީ އެ ޕާޓީތަކުގެ އެއްވެސް އިޙުމާލެއް ނުވަތަ "Wrong doing" އެއް ނެތި އަދި ސިޔާސީ ޕާޓީގެ ޤާނޫނުގެ އޮނިގަނޑަށް ފެއްތުމަށް އެއްވެސް މަސައްކަތެއް ކުރުމުގެ ފުރުޞަތެއް އެފަދަ ޕާޓީތަކަށް ނުލިބި ކަމަށާއި، (ރ) ސިޔާސީ ޕާޓީގެ ޤަވާޢިދުގެ ދަށުން ރަޖިސްޓަރީކޮށް މިހާރުވެސް ހިނގަމުން އަންނަ ސިޔާސީ ޕާޓީތަކަކީ އެ ޕާޓީތަކުގެ ނަމުގައި ޤާނޫނީ މުޢާމަލާތް ކުރުމުގެ ފުރިހަމަ ބާރު ލިބިފައިވާ ވަކި ޤާނޫނީ ޝަޚުޞްތަކެއް ކަމުގައިވެފައި އެ ޕާޓީތަކުން މުޢާމަލާތްތަކެއް ކޮށްފައި ވާނޭކަމަށް ޤަބޫލުކުރެވޭ ކަމަށާއި، އެ މުޢާމަލާތްތަކުގެ ސަބަބުން އެކި ފަރާތްތަކުގެ ޤާނޫނީ ޙައްޤުތަކާއި ޒިންމާތައް އުފެދިފައި ވާނެކަމަށް ބެލެވޭ ކަމަށާއި، މީގެއިތުރުންވެސް އެ ޕާޓީތަކުގެ މެންބަރުންގެ ޙައްޤުތައް ފަދަ ދުސްތޫރީ ޙައްޤުތަކާއި ޕާޓީގެ މުވައްޒަފުންގެ ޙައްޤުތައް ފަދަ ފަރުދީ ޙައްޤުތަކެއް ވެސް ޕާޓީ ވުޖޫދުގައި ވުމުގެތެރޭގައި އުފެދިފައި ހުންނާނެކަމަށް ބެލެވޭކަމަށާއި، ވުމާއެކު މިފަދަ ޙާލަތެއްގައި އިންތިޤާލީ މަރުޙަލާއެއް ނުވަތަ ވަގުތެއް ނެތި، އެ ހުރިހާ ޕާޓީތައް އުވާލެވިއްޖެނަމަ މިކަމުގެ ސަބަބުން އެ ޕާޓީތަކަށާއި އެ ޕާޓީތަކުގެ މެންބަރުންނަށާއި މުވައްޒަފުންގެ އަސާސީ ޙައްޤުތަކެއް ގެއްލުމުގެ އިތުރުން އެފަދަ ޕާޓީތަކާއެކު އެކިއެކި ޤާނޫނީ މުޢާމަލާތް ކޮށްފައިވާ 3 ވަނަ ފަރާތްތަކެއްގެ ޙައްޤު ގެއްލިގެން ހިނގައިދާނެކަމަށް ބެލެވޭކަމަށާއި، ޕާޓީތައް އުފެދިފައިވަނީ މެންބަރުންނާ ވަކިން އުފެދިފައިވާ ޤާނޫނީ ޝަޙްޞުތަކެއްގެ ގޮތުގައި ކަމަށްވާތީ، މިޙާލަތުގައި ޕާޓީގެ މުއައްސިސަކަށް ވިއަސް ނުވަތަ މެންބަރަކަށް ވިއަސް ޤާނޫނީ ޒިންމާއެއް އުފުލަންޖެހޭނެ ތަނެއް އޮތް ކަމަކަށް ނުބެލޭވޭ ކަމަށާއި، ރާއްޖޭގެ ދުސްތޫރީ އަދި ޤާނޫނީ އޮނިގަނޑުގެ ތެރެއިން އުފެދި ހިނގަމުން އަންނަ މުއައްސަސާތަކެއް ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން އުވާލެވޭއިރު އެކަން ކުރެވެން ވާނީ ސިޔާސީ ޕާޓީގެ ޤާނޫނީ އޮނިގަނޑުގެ ތެރެއިންކަމަށް ބަންޑާރަނައިބު ދެކޭކަމަށް ބުނެ، ފާހަގަ ކޮށްފައި ވާކަމެވެ.
(ށ) ދެވަނަކަމަކީ، މި މައްސަލައިގެ ތެރެއަށް ތަދައްޚުލުވި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައެންސް (އެމް.ޑީ.އޭ) ގެ ފަރާތުން ފާހަގަކޮށްފައިވާ ކަންތައްތަކަށް ބަލާއިރު، އެ ޕާޓީއަކީ 2012 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 20 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓަރީ ކުރެވިފައިވާ ސިޔާސީ ޕާޓީއެއްކަމަށާއި ސިޔާސީ ޕާޓީގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެކުރިން، ސިޔާސީ ޕާޓީތަކުގެ ޤަވާޢިދާ (2005) އެއްގޮތްވާ ގޮތުގެމަތިން އެމް.ޑީ.އޭ އިން ޢަމަލުކުރަމުން ދަނިކޮށް ސިޔާސީ ޕާޓީގެ ޤާނޫނަށް ޢަމަލުކުރަން ފެށުމާ ގުޅިގެން އެ ޤާނޫނުގައި ކަނޑައަޅާފައިވާ ޢަދަދަށް މެންބަރުން ރަޖިސްޓަރީ ކުރުމަށްޓަކައި އެމް.ޑީ.އޭ އިން ރަޖިސްޓްރޭޝަން ފޯމް ހުށަހަޅާފައި ވަނިކޮށް، އިލެކްޝަންސް ކޮމިޝަނުގެ ސިޔާސީ ޕާޓިގެ ދަފްތަރުން އެމް.ޑީ.އޭ ގެ ނަން އުނިކުރި ކުރުމަކީ އެކަމުގެ ސަބަބުން އެމް.ޑީ.އޭ އަށާއި އެމް.ޑީ.އޭ ގެ އެންމެހައި މެންބަރުންގެ އިތުރުން އެމް.ޑީ.އޭ އާ ގުޅިގެން ސިޔާސީ ޙަރަކާތް ކުރިއަށް ގެންދިއުމަށް އެދި ތިބި އެތައް ހާސް ދިވެހި ރައްޔިތުން ތަކެއްގެ އަސާސީ ޙައްޤު ގެއްލިގެން ގޮސްފައިވާ ޢަމަލަކަށް ވުމުން މި މައްސަލައިގެ ތެރެއަށް ތަދައްޚުލްވި ކަމަށް ބުނެ، ފާހަގަ ކޮށްފައި ވާކަމެވެ.
(ނ) ތިންވަނަކަމަކީ، ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 8 ވަނަ މާއްދާގެ (ށ) އަށް ބަލާއިރު، މި އަކުރުގައި ވަނީ "މި ޤާނޫނުގެ މަޤްޞަދަށްޓަކައި މި ޤާނޫނަށް ޢަމަލުކުރަން ފަށާއިރު ކޮމިޝަންގައި ރަޖިސްޓަރީކުރެވިފައިވާ ޕާޓީތަކުގެ ތެރެއިން 10,000 (ދިހަހާސް) މެންބަރުން ހަމަވާ ޕާޓީތަކަކީ މި ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ޕާޓީތަކެއްކަމުގައި ބެލެވޭނެއެވެ." މިފަދައިންކަމާއި، ސިޔާސީ ޕާޓީގެ ޤާނޫނުގެ 8 ވަނަ މާއްދާގެ (ނ) ގައި ވަނީ "މި މާއްދާގެ (ށ) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކަމަށް ބެލެވޭ ޕާޓީތަކުގެ ތެރެއިން މި ޤާނޫނުގައިވާ އެހެން ޝަރުޠުތައް ހަމަނުވާ ޕާޓީތަކަށް އެ ޝަރުޠުތައް ހަމަ ކުރުމަށް 3 މަސް ދުވަހުގެ މުއްދަތެއް ދޭންވާނެއެވެ." މިފަދައިންކަމެވެ.
(ރ) ހަތަރުވަނަކަމަކީ، ސިޔާސީ ޕާޓީގެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގައި ވަނީ ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެދި ހުށަހަޅާ ފަރާތުން އެ ޕާޓީއެއްގެ މެންބަރަކަށް ވުމަށް އެދިފައިވާ މަދުވެގެން 10,000 (ދިހަހާސް) މީހުންގެ ސޮއި ހޯދައި، ކޮމިޝަނަށް ހުށަހަޅަން ވާނެކަމަށާއި މިގޮތުން ހުށަހަޅާއިރު، އެ ޕާޓީގެ މެންބަރަކަށްވުމަށް އެދި ސޮއިކުރި މީހުންގެ ނަމާއި، އެޑްރެހާއި، އައިޑެންޓިޓީ ކާޑުގެ ނަންބަރާއި، އުމުރާއި، އިނގިލީގެ ނިޝާނާއި، ސޮއިކުރި ތާރީޚް އެނގެން އޮންނަން ވާނެކަމަށާއި، އަދި އެއާއެކު މުއްދަތު ހަމަނުވާ އެ މީހުންގެ އައިޑެންޓިޓީ ކާޑުގެ ކޮޕީއެއް ހުށަހަޅަން ވާނެކަމަށާއި، މި މާއްދާގެ (ރ) ގައިވަނީ މި މާއްދާގެ (ނ) ގެ ދަށުން ޕާޓީއަކުން ހުށަހަޅާފައިވާ ނަންތަކުގެ ޞައްޙަކަން ކޮމިޝަނުން ބަލާއިރު އެ ޕާޓީއެއްގައި ހިމެނޭ ޞައްޙަ މެންބަރުންގެ ޢަދަދު 10,000 (ދިހަހާސް) މެންބަރުންނަށްވުރެ މަދުވާނަމަ އެކަން އެ ޕާޓީއަކަށް އަންގައި، އެ ޕާޓީގެ މެންބަރުންގެ ޢަދަދު މި މާއްދާގައި ބަޔާންކުރާ ޢަދަދަށް ހަމަކުރުމުގެ ފުރުޞަތު އެ ޕާޓީއަކަށް ކޮމިޝަނުން ދޭންވާނެކަމަށާއި، އެގޮތުން ދެވޭނީ ގިނަވެގެން 3 މަސްދުވަހުގެ ފުރުޞަތެއްކަމަށާއި، އެ ޤާނޫނުގެ 27 ވަނަ މާއްދާގެ (ނ) ގައިވަނީ މި މާއްދާގެ (ށ) ގައި ބުނެފައިވާ ފަދައިން ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ރަޖިސްޓަރީ ބަލައި ކަށަވަރު ކުރާއިރު، އެއްވެސް ޕާޓީއެއްގައި 10,000 (ދިހަހާސް) މެންބަރުން ނުވާކަމަށް ކޮމިޝަނަށް ފާހަގަ ކުރެވިއްޖެނަމަ، އެ ޕާޓީގައި 10,000 (ދިހަހާސް) މެންބަރުން ހަމަކުރުމަށް 3 މަސް ދުވަހުގެ ނޯޓިހެއް ކޮމިޝަނުން އެ ޕާޓީއަކަށް ދޭންވާނެކަމަށެވެ.
(ބ) ފަސްވަނަކަމަކީ، ސިޔާސީ ޕާޓީ އުފައްދައި، ހިންގައި، ޕާޓީތަކުގެ ޙަރަކާތްތަކުގައި ބައިވެރިވުމަކީ ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ ޙައްޤެއްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރުމަށްފަހު، ޖަމުޢިއްޔާތަކާއި ޖަމާޢާތްތައް ހެދުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާކަން މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާކަމާއި ޤާނޫނުއަސާސީގެ އަސާސީ ޙައްޤުތަކާއި މިނިވަންކަން ބަޔާންކޮށްފައިވާ ބާބުގައި ހިމެނިފައިވާ ޙައްޤުތަކާއި މިނިވަންކަން ޙިމާޔަތްކޮށް ކުރިއެރުވުމަކީ ދައުލަތުގެ ވާޖިބެއްކަމަށް ޤާނޫނުއަސާސީގެ 18 ވަނަ މާއްދާގައި ބުނެފައިވާކަމާއި، ޙައްޤުތަކާއި މިނިވަންކަން، ޤާނޫނުއަސާސީގައި ބަޔާންކޮށްފައި ވާގޮތުގެމަތިން އެއްވެސް ގޮތަކުން ތަފާތު ކުރުމެއްނެތި ކޮންމެ މީހަކަށްމެ ލިބިގެން ވާއިރު، ޙައްޤުތަކާއި މިނިވަންކަން ލިބުމުގައި އެމީހެއްގެ ނަޞްލަށް، ނުވަތަ އުފަން ޤައުމަށް، ނުވަތަ ކުލަޔަށް، ނުވަތަ ޖިންސަށް، ނުވަތަ ޢުމުރަށް، ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަކަށް، ނުވަތަ އެމީހެއްގެ ސިޔާސީ ނުވަތަ އެނޫންވެސް ވިސްނުމަކަށް، ނުވަތަ މާލީ ފުދުންތެރިކަމަށް ނުވަތަ ނިސްބަތްވާ ޢާއިލާއަށް، ނުވަތަ އުފަންރަށަށް، ނުވަތަ މިނޫންވެސް ކަމަކަށް ބަލައި ތަފާތުކޮށްގެން ނުވާނެކަމަށް ޤާނޫނު އަސާސީގެ 17 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާކަމާއި، އެއްވެސް ޤާނޫނެއް ނުވަތަ ޤަނޫނަކުން ބައެއްވިޔަސް އަސާސީ ޙައްޤަކާ ނުވަތަ މިނިވަންކަމަކާ ތަޢާރުޟުވާނަމަ، އެ ޤާނޫނެއް ނުވަތަ އެ ޤާނޫނަކުން އެޙައްޤަކާ ނުވަތަ އެމިނިވަންކަމަކާ ތަޢާރުޟުވާ މިންވަރެއް ވާނީ ބާޠިލު އެއްޗަކަށް ކަމަށް ޤާނޫނުއަސާސީގެ 63 ވަނަ މާއްދާގައި ބުނެފައިވާކަމެވެ.
(ޅ) ހަވަނަކަމަކީ، ޤާނޫނުއަސާސީގައި އަސާސީ ޙައްޤުތަކާއި މިނިވަންކަން ބަޔާންކޮށްފައިވާ ބާބުގައި ހިމަނާފައިވާ ޙައްޤުތަކާއި މިނިވަންކަމުގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ ޤާނޫނުއަސާސީއާ ތަޢާރުޟުނުވާ ގޮތެއްގެ މަތިން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނެއްގެ ދަށުން މިނިވަން ދީމިޤްރާޠީ މުޖްތަމަޢެއްގައި މިފަދަ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެކަމަށް ޤަބޫލުކުރެވޭ މިންވަރަށްކަން ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމާއި ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ޙައްޤެއް ހިފަހައްޓާފައިވަނީ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާއާ އެއްގޮތަށްތޯ ކަނޑައެޅުމުގައި ކޯޓުން ރިޢާޔަތްކުރަންޖެހޭ ކަންތައްތައް ޤާނޫނުއަސާސީގެ 16 ވަނަމާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާކަމާއި މި މާއްދާގެ (ނ) ގައިވަނީ މި ބާބުގައި ބަޔާންކޮށްފައިވާ ޙައްޤެއް ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފަހައްޓާފައިވަނީ މި މާއްދާގެ (ހ) އާއި (ށ) ގައިވާ ގޮތުގެމަތިންތޯ ކަނޑައެޅުމުގައި ކޯޓުން އެކަމާގުޅޭ ހުރިހާ ކަންތައްތަކަށް ފުރިހަމައަށް ރިޢާޔަތްކުރަން ވާނެކަމަށާއި މީގެތެރޭގައި (1). އެ ޙައްޤެއް ނުވަތަ އެ މިނިވަންކަމެއްގެ ޒާތާއި ބާވަތަށާއި (2). އެ ޙައްޤެއް ނުވަތަ އެ މިނިވަންކަމެއް ހިފެހެއްޓައިފައިވާ ގޮތުގެ މިންވަރަށާއި (3). އެ ޙައްޤެއް ނުވަތަ އެ މިނިވަންކަމެއް ހިފެހެއްޓުމުގެ ބޭނުމާއި މުހިންމުކަމަށާއި (4). އެ ޙައްޤެއް ނުވަތަ އެ މިނިވަންކަމެއް ހިފެހެއްޓި ހިފެހެއްޓުމާ އެ ޙައްޤެއް ނުވަތަ އެ މިނިވަންކަމެއްގެ މުހިންމުކަމާ ހުރި ގުޅުމަށާއި (5). އެ ޙައްޤެއް ނުވަތަ އެ މިނިވަންކަމެއް ހިފެހައްޓައިފައިވާ މިންވަރަށްވުރެ ކުޑަކޮށް ހިފަހައްޓައިގެން ބޭނުންވާ މަޤްޞަދު ޙާޞިލް ކުރެވިދާނެތޯއާއި (6). އެ ޙައްޤެއް ނުވަތަ އެ މިނިވަންކަމެއް ހިފެހެއްޓިފައިވަނީ 16 ވަނަ މާއްދާގެ (ށ) ގެ ދަށުން ނަމަ، އިސްލާމްދީނުގެ އަޞްލުތައް ރައްކާތެރި ކުރުމަށްޓަކައި އެ ޙައްޤެއް ނުވަތަ އެ މިނިވަންކަމެއް ކޮންމެހެން ހިފަހައްޓަން ޖެހޭތޯ ބަލަންޖެހޭއިރު، އިސްވެ ބުނެވިދިޔަ ކަންކަމަކީ ޤާނޫނުއަސާސީގެ 30 ވަނަ މާއްދާއިން ކޮންމެ ރައްޔިތަކަށްމެ ކަށަވަރު ކޮށްދީފައިވާ، ސިޔާސީ ޕާޓީ އުފައްދައި، ހިންގައި، ޕާޓީތަކުގެ ޙަރަކާތްތަކުގައި ބައިވެރިވުމުގެ ޙައްޤު ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) އިން ލިބިދީފައި ވަނީ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާއާ އެއްގޮތަށްތޯ ކަނޑައެޅުމުގައި ކޯޓުން ރިޢާޔަތްކުރަންޖެހޭ ކަންތައްތަކެއްކަން އެނގެން އޮންނާތީ މި މައްސަލާގައި އެކަންކަމަށް ރިޢާޔަތް ކުރެވިފައި ވާނެއެވެ.
(ކ) ހަތްވަނަކަމަކީ، މިނިވަންކަމާއެކު ސިޔާސީ ޕާޓީތަކުގައި ބައިވެރިވެ ޙަރަކާތްތެރިވުން ޤާނޫނީ އޮނިގަނޑުތަކުގެ ތެރެއިން ކަށަވަރުކޮށް ރައްކާތެރި ކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއްކަމުގައި ވީފަދައިން މިނިވަންކަމާއެކު ސިޔާސީ ޕާޓީތައް ހިންގުމަށް ޢަމަލީގޮތުން ބޭނުންވާނޭ ވަސީލަތްތަކާއި ގޮތްތައް ޤާނޫނުން ކަށަވަރު ކުރުމަކީވެސް ދައުލަތުގެ ޒިންމާއެއްކަމާއި، ޤާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ހ) ގައި އަސާސީ ޙައްޤެއް ގޮތުގައި ސިޔާސީ ޕާޓީ އުފައްދައި ހިންގުމުގެ ޙައްޤު ކަށަވަރު ކޮށްދިންއިރު ދުސްތޫރީ އަދި ޤާނޫނީ އިމުގެ ތެރެއިން އެ ޙައްޤު ހަނިކުރެވޭނީ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންކަމާއި، ޤާނޫނެއްގެ ދަށުން ޙައްޤު ހަނިކުރާނަމަ، އެ ޤާނޫނަކީ މިނިވަން ޑިމޮކްރެޓިކް މުޖުތަމަޢުތަކުގައި އެ ޙައްޤު ހަނިކުރެވޭ އުޞޫލުތަކާއި މިންގަނޑުތަކާއި އެއްގޮތް ޤާނޫނަކަށް ވާންޖެހޭނެކަމާއި މިނިވަން ޑިމޮކްރެޓިކް މުޖުތަމަޢުތަކުގައި ޢަމަލުކުރާ އުޞޫލަށް ބަލާއިރު މަދު ޤައުމެއް ފިޔަވައި ސިޔާސީ ޕާޓީ އުފެއްދުމަށް ވަކި ޢަދަދަކަށް މެންބަރުން ހަމަކުރުން ލާޒިމްކޮށްފައި ނުހުންނަކަމާއި އިންޑިއާ، އިނގިރޭސިވިލާތް، ޖަރުމަނުވިލާތް، ފަރަންސޭސްވިލާތް، ސައުތު އެފްރިކާ، ނިއުޒިލެންޑް ފަދަ ބޮޑެތި ޑިމޮކްރެސީތަކުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް މެންބަރުން ތިބުން ނުވަތަ ސޮއި ލާޒިމުކޮށްފައި ނުހުންނަ ކަމާއި ވަކި ޢަދަދަކަށް މެންބަރުން ތިބެގެން މެނުވީ ސިޔާސީ ޕާޓީ ނުއުފެއްދޭ ގޮތަށް ލާޒިމުކޮށްފައިވާ ޤައުމުތަކުގެ ތެރެއިން ކެނެޑާގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ބޭނުންވަނީ 250 (ދުއިސައްތަ ފަންސާސް) މެންބަރުންކަމާއި، އޮސްޓްރޭލިޔާގައި ބޭނުންވަނީ 500 (ފައްސަތޭކަ) މީހުންކަމާއި، ސިޔާސީ ޕާޓީ އުފެއްދުމަށް ގިނަ ޢަދަދެއްގެ މެންބަރުން ލާޒިމުވާގޮތަށް ހުންނަ މަދު ޤައުމުތަކުގެ ތެރެއިން ފިޖީގައި 5000 (ފަސްހާސް) މެންބަރުން ހަމަކުރުން ލާޒިމުކޮށްފައި ވާއިރު، އެކަމުގެ ނަތީޖާއަކަށް ވަނީ ސިޔާސީ ޕާޓީތަކުގެ ޢަދަދު މަދުވުންކަން އެނގޭކަމެވެ.
(އ) އަށްވަނަކަމަކީ، އިންސާނީ ޙައްޤުތަކާބެހޭ ބައިނަލް އަޤްވާމީ މުޢާހަދާ (Universal Declaration of Human Right) އާއި މަދަނީ އަދި ސިޔާސީ ޙައްޤުތަކާބެހޭ ބައިނަލް އަޤްވާމީ މުޢާހަދާ (International Covenant on Civil and Political Rights) ފަދަ ޔުނިވަރސަލް އިންސްޓްރޫމަންޓްތަކުގައި ޕާޓީތަކާއި ޖަމުޢިއްޔާ ޖަމާޢަތް (freedom of association) އުފައްދައި މިނިވަންކަމާއެކު ހިންގުމުގެ ޙައްޤު ކަށަވަރު ކޮށްދީފައި ވާކަމާއި، މި ޙައްޤު އެންމެ ފުޅާ ގޮތެއްގައި ލިބިދީފައިވާ ދައުލަތްތަކުގައި ސިޔާސީ ޕާޓީތައް އުފައްދައި ރަޖިސްޓަރީ ކުރުމުގައި ލުއިފަސޭހަ ގޮތްތައް ތަންޒީމު ކުރެވިފައިވާކަން ފާހަގަ ކުރެވޭކަމާއި، ސިޔާސީ ޕާޓީތައް އުފައްދައި ހިންގުމުގައި ޙިމާޔަތާއި ރައްކާތެރިކަން ލިބިދިނުމުގެ ގޮތުން ދައުލަތުގެ އިދާރާތަކުގެ ފަރާތުން ނުފޫޒު (interference) ފޯރުވުން ވީހާވެސް ކުޑަކުރުމުގެ ގޮތުން ދަތި އުނދަގޫ އިޖުރާއަތު ނައްތާލުމަކީ ގިނަ ޑިމޮކްރެޓިކް ދައުލަތްތަކުން ބާރުއަޅާ ގޮތްކަމާއި، ޑިމޮކްރެޓިކް ޕްރޮސެސްގައި ސިޔާސީ ޕާޓީތަކަކީ އެންމެ މުހިއްމު ޖަމާޢަތްތައް ކަމަށްވެފައި ޑިމޮކްރަސީ ހަރުދަނާކުރުމުގައި ސިޔާސީ ޕާޓީތަކުގެ ދައުރަށް ރިޢާޔަތްކޮށް ޕާޓީތަކަށް ލިބިދޭންޖެހޭ ރައްކާތެރިކަމާއި ޙިމާޔަތަށްޓަކައި އިސްވެ ބުނެވުނު ފަދަ އުޞޫލުތަކަކީ ޔޫރަޕިއަން ކޯޓް އޮފް ހިއުމަން ރައިޓްސްއިން ބަލައިގެންފައިވާ އުޞޫލުތަކެއްކަން އެނގެން އޮންނަކަމެވެ.
(މ) ނުވަވަނަކަމަކީ، މިނިވަން ދީމިޤްރާޠީ މުޖްތަމަޢުތަކުގައި ސިޔާސީ ޕާޓީ އުފައްދައި ހިންގުމުގެ ޙައްޤު ހަނި ކުރެވިދާނެކަމަށް ނުވަތަ ހިފެހެއްޓިދާނެ ކަމަށް ޤަބޫލު ކޮށްފައި ވަނީ އެޙާލަތަކާ އެކަށީގެންވާ އަދި ޙާޞިލްކުރުމަށް ބޭނުންވާ މަޤުޞަދު ޙާޞިލުކުރެވޭނެ އެންމެ ކުޑަ މިންވަރަށްކަމާއި ސިޔާސީ ޕާޓީތަކުގެ އަސާސީ ދައުރަށް ރިޢާޔަތްކޮށް އެކަށީގެންވާ އުޞޫލުތަކާއި މަނާ ކުރުމުގެ ފިޔަވަޅުތައް އަޅަންވާނީ ވީހާވެސް ހަނި ދާއިރާއަކުންކަމާއި އެފަދަ މަނާކުރުންތަކާއި ފިޔަވަޅުތަކަކީ ޑިމޮކްރެޓިކް މުޖްތަމަޢު އަކަށް ބޭނުންތެރި އަދި ޤާނޫނުއަސާސީގެ އިމުގެތެރެއިން އެޅޭ ފިޔަވަޅުތަކަށް ވާންޖެހޭނެކަމާއި އެމުޖުތަމަޢެއްގެ އާބާދީއާ އަޅާބަލާއިރު ނިސްބަތުން ގިނަ މީހުންގެ ސޮއި ހޯދައިގެން މެނުވީ ސިޔާސީ ޕާޓީ ނުއުފެއްދޭގޮތަށް ހަރުކަށި އުޞޫލުތަކެއް އެކަށައެޅުމަކީ ތަނާޞުބު (proportionality) ގެ އުޞޫލާ ޚިލާފުކަމެއްކަމާއި ގިނަ ސިޔާސީ ޕާޓީ (multi party) ނިޒާމަށް ޖާގަދޭ ޑިމޮކްރެޓިކް އުޞޫލުތަކަކީ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ލުއިފަސޭހަ ގޮތްތައް އެކަށައެޅުންކަމާއި ސިޔާސީ ޕާޓީ އުފައްދައި ޕާޓީތަކުގެ ޙަރަކާތްތަކުގައި ބައިވެރިވުމަށް ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ޙައްޤު ފުރިހަމަގޮތުގައި ޙާޞިލްކޮށްދެވޭނީ ލުއިފަސޭހަ އުޞޫލުތަކެއް އެކަށައެޅިގެންކަމެވެ.
(ފ) ދިހަވަނަކަމަކީ، ސިޔާސީ ޕާޓީތަކާއި ބެހޭގޮތުން ހެދޭ ޤާނޫނުތަކާއި ޤަވާޢިދުތައް ފަރުދުންގެ މެދުގައި ނުވަތަ ޖަމާޢަތްތަކުގެ މެދުގައި ނުވަތަ ވަކި ޖިންސެއްގެ މެދުގައި ނުވަތަ ވަކި ނަޞްލެއްގެ މެދުގައި ނުވަތަ ވަކި ސިޔާސީ ފިކުރަކަށް ނިސްބަތްވާ ބައެއްގެ މެދުގައި ނުވަތަ އެހެންވެސް ސަބަބަކަށް ތަފާތުކޮށްގެން (discrimination) ނުވާނެކަމާއި ސިޔާސީ ޙަރަކާތުގައި ބައިވެރިވުމުގެގޮތުން ސިޔާސީ ޕާޓީގައި ބައިވެރިވުމުގެ ޙައްޤަކީ އެމީހަކު ޤަބޫލުކުރާ ޕާޓީއެއްގައި ބައިވެރިވުމުގެ ފުރުޞަތުފުޅާ ޙައްޤެއްކަމާއި މިޙައްޤަކީ އެމީހަކު ޤަބޫލުނުކުރާ ޕާޓީއެއްގައި ބައިވެރިކުރުމަށް މަޖުބޫރުވާގޮތަށް ސީޔާސީ ޕާޓީތަކާބެހޭ ނިޒާމު ބައްޓަންކޮށް، ޕާޓީތަކުގެ ދައުރު ހަނިކުރެވޭ ޙައްޤެއް ނޫންކަމެވެ.
(ދ) އެގާރަވަނަކަމަކީ، ޤާނޫނުގެ ޙުކުމް (rule of law) ހިންގޭ ޤާނޫނަކީ އެއް އުޞޫލަކުން ހުރިހާ ފަރާތެއްގެ މައްޗަށް ހަމަހަމަކަމާއެކު މުޢާމަލާތްކުރެވޭ (equal treatment) ޤާނޫނަކަށް ވާންޖެހޭނެކަމާއި ސިޔާސީ ޕާޓީ އުފައްދައި ހިންގުމަށް ބޭނުންވާ ފަރާތަކަށް މި ޙައްޤު ހަމަހަމަ ކަމާއެކު ލިބުމުގެ ފުރުޞަތު ހުޅުވިފައި އޮނަންޖެހޭނެކަމާއި ސިޔާސީ ޕާޓީއެއް އުފައްދަން ބޭނުންވާ ވަކި ބަޔަކަށް ފައިދާ ވާގޮތަކަށް ނުވަތަ ވަކި ބަޔަކަށް ގެއްލުން ވާގޮތަކަށް ޤާނޫނެއް ހެދިގެން ނުވާނެކަމާއި ސިޔާސީ ޕާޓީގެ ޤާނޫނަކީ ހުރިހާ ޕާޓީތަކެއްގެ މައްޗަށްވެސް އެއްހަމައަކުން ޢަމަލުކުރެވޭނެ ޤާނޫނެއްކަމުގައި ވާންޖެހޭނެކަމެވެ.
(ތ) ބާރަވަނަކަމަކީ، ދިވެހިރާއްޖެއަކީ ފުރިހަމަ މިނިވަކަން ލިބިގެންވާ، އިސްލާމީ އުޞޫލުތަކުގެ މައްޗަށް ބިނާކުރެވިފައިވާ، އަމިއްލަ ވެރިކަންކުރާ، ދީމިޤްރާޠީ، ޖުމްހޫރީ އަދި ޔުނިޓަރީ ދައުލަތެއްކަން ޤާނޫނުއަސާސީގެ 2 ވަނަ މާއްދާގައި ކަނޑައަޅާފައި ވުމުން މި ރާއްޖޭގެ ވެރިކަމުގެ ނިޒާމަކީ އިސްލާމީ އުޞޫލުތަކުގެ މައްޗަށް ބިނާވެފައިވާ ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމެއް ކަމުގައި ވީހިނދު، ގިނަ ސިޔާސީ ޕާޓީތައް އެކުލެވޭ ދީމިޤްރާޠީ ސިޔާސީ ނިޒާމެއް އޮތުމުގެ މަޤުޞަދުތަކުގެ ތެރޭގައި ތަފާތު ސިޔާސީ ވިސްނުންތަކަށް ފުރުޞަތު އޮތުންކަމުގައި ވާއިރު، ރައްޔިތުންގެ ޚިޔާލާއި ފިކުރު މިނިވަން ކަމާއެކު ބައްޓަން ކުރުމަށް ޖާގަ ދެނީ އިސްލާމްދީނުގެ އަޞްލަކާ ޚިލާފު ނުވާގޮތެއްގެ މަތިންކަމާއި އިސްލާމްދީނުގެ އަޞްލަކާ ޚިލާފު ނުވާ ގޮތުގެމަތިން ދީމިޤްރާޠީ އުޞޫލުތަކާއި، ގޮތްތައް، ކުރިއެރުވުމަކީ ކޮންމެ ރައްޔިތެއްގެ މަސްޢޫލިއްޔަތެއްކަން ޤާނޫނުއަސާސީގެ 67 ވަނަ މާއްދާގެ (ޅ) ގައި ބަޔާން ކޮށްފައި ވާއިރު، ސިޔާސީ ޕާޓީގެ ޤާނޫނުގެ މައިގަނޑު މަޤުޞަދަކަށް ވާންވާނީ އިސްލާމީ އުޞޫލުތަކުގެ މައްޗަށް ބިނާކުރެވިފައިވާ، ސިޔާސީ ތަފާތު ފިކުރުތަކުގެ މައްޗަށް އެކުލެވޭ ސިޔާސީ ނިޒާމެއް ޤާއިމުކުރުމެވެ.
(ގ) ތޭރަވަނަކަމަކީ، ސިޔާސީ ގިނަ ފިކުރުތަކާއި ވިސްނުންތަކަށް ފުރުޞަތު އޮންނަގޮތަށް ސިޔާސީ ޕާޓީ އުފެއްދުމާއި މިނިވަންކަމާއެކު ޙަރަކާތްތެރިވުމާއި އެބައެއްގެ ޚިޔާލާއި ފިކުރު އިސްލާމްދީނުގެ އަޞްލުތަކާ ހަމަތަކާއި އެއްގޮތަށް ކުރިއެރުވުމާއި ސިޔާސީ ކަންކަމުގައި އެބަޔަކު ތަމްޘީލު ކުރުމަށް މިނިވަންކަމާއެކު އިޚުތިޔާރުކުރާ ބަޔަކު މެދުވެރިކޮށް ޤައުމީ ކަންކަމުގައްޔާއި، އިޖުތިމާޢީ ކަންކަމުގައި އަދި ސިޔާސީ ކަންކަމުގައި ބައިވެރިވެވޭ ސިޔާސީ ނިޒާމަކަށް ފުރުޞަތު އޮންނަ އުޞޫލުތަކަށް ތަބަޢުވާ ޤާނޫނަކަށް ސިޔާސީ ޕާޓީގެ ޤާނޫނު ވާންޖެހޭނެކަމާއި، ޕޮލިޓިކަލް ޕްލޫރަލިޒަމް (political pluralism) ނުވަތަ ގިނަ ޕާޓީތަކާއި ސިޔާސީ ތަފާތު ފިކުރުތަކުގެ މައްޗަށް އެކުލެވޭ ސިޔާސީ ނިޒާމެއްގެ ތެރެއިން ރައްޔިތުންނަށް ތަފާތު ސިޔާސީ ވިސްނުންތައް ލިބުމަކީ ހަރުދަނާ ޑިމޮކްރަސީއެއްގެ މުޙިއްމު އުންޞުރެއްކަމާއި އެމީހަކު ނުވަތަ އެބަޔަކު ބޭނުންވާ ސިޔާސީ ޕާޓީއެއްގައި ބައިވެރިވެ، އެމީހަކު ނުވަތަ އެބަޔަކު ތަމްޘީލުކުރާ މީހަކު ނުވަތަ ބަޔަކު މެދުވެރިކޮށް ޤައުމުގެ ކަންކަމުގައި ރައްޔިތުންގެ ބައިވެރިވުމަކީ އިންސާނީ ޙައްޤެއް ކަމުގައި ކޯޕަންހޭގަން ޑޮކިޔުމެންޓު ފަދަ (Document of the Copenhagen meeting of the Conference on the human dimension of the CSCE) ޑޮކިޔުމެންޓުންވެސް އެނގެން އޮންނަކަމެވެ.
(ދ) ސާދަވަނަކަމަކީ، ސިޔާސީ ޕާޓީތައް ރަޤާބާކޮށް ރެގިއުލޭޓްކުރުމުގެ ނިޒާމަކީ ޑިމޮކްރެޓިކް މުޖްތަމަޢުތަކުގައިވެސް އިސްތިޤްރާރު ވެފައިވާ ނިޒާމެއްކަމާއި ސިޔާސީ ޕާޓީތައް ރަޤާބާކޮށް ރެގިއުލޭޓްކުރުމުގައި ހުރިހާ ޙާލަތެއްގައިވެސް އެންމެ ކުޑަ ނުފޫޒަކުން ފުރިހަމައަށް ރެގިއުލޭޓް ކުރެވޭނެގޮތައް އިޚުތިޔާރު ކުރަންވާނެކަމާއި މަޖުބޫރުކަމެއް ނުވަތަ ފިއްތުމެއް ނެތި ސިޔާސީ ކަންކަމުގައްޔާއި ޤައުމީ އަދި އިޖްތިމާޢީ ކަންކަމުގައި ހުރިހައި ވަގުތެއްގައިވެސް ކޮންމެ ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން ޤާނޫނުގެ ތެރެއިން ކަށަވަރުކުރަން ޖެހޭނެކަމެވެ.
ޙުކުމް:
ދެންފަހެ، އިސްވެ ބަޔާން ކޮށްފައިވާ ކަންކަމުގެ މައްޗަށް ރިޢާޔަށް ކުރާއިރު، ޤާނޫނު ނަންބަރު 4/2013 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 8 ވަނަ މާއްދާގެ (ށ) ގައި "މި ޤާނޫނުގެ މަޤްޞަދައްޓަކައި މި ޤާނޫނަށް ޢަމަލު ކުރަން ފަށާއިރު ކޮމިޝަނުގައި ރަޖިސްޓަރީ ކުރެވިފައިވާ ޕާޓީތަކުގެ ތެރެއިން 10,000 (ދިހަހާސް) މެންބަރުން ހަމަވާ ޕާޓީތަކަކީ މި ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ޕާޓީތަކެއް ކަމުގައި ބެލެވޭނެ އެވެ." މި ފަދައިން މި މާއްދާގައި ބަޔާންކުރުމަށްފަހު، ސިޔާސީ ޕާޓީގެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގައި "ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެދި ހުށަހަޅާ ފަރާތުން އެ ޕާޓީއެއްގެ މެންބަރަކަށް ވުމަށް އެދިފައިވާ މަދުވެގެން 10,000 (ދިހަހާސް) މީހުންގެ ސޮއި ހޯދައި، ކޮމިޝަނަށް ހުށަހަޅަން ވާނެއެވެ......" މި ފަދައިން މި މާއްދާގެ މި އަކުރުގައި ބަޔާންކޮށްފައި ވާއިރު، ސިޔާސީ ޕާޓީ އުފައްދައި، ހިންގައި، ޕާޓީތަކުގެ ޙަރަކާތްތަކުގައި ބައިވެރިވުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ހ) އިން ކޮންމެ ރައްޔިތަކަށްމެ ކަށަވަރު ކޮށްދީފައިވާ ޙައްޤު، މިނިވަން ދީމިޤްރާޠީ މުޖްތަމަޢުތަކުގައި ލިބިދެވޭ މިންވަރަށްވުރެ ބޮޑަށް ހަނިކުރެވިފައިވާކަން އިސްވެބަޔާން ކޮށްފައިވާ ކަންކަމަށް ބެލުމުން އެނގެން އޮންނާތީ، ސިޔާސީ ޕާޓީގެ ޤާނޫނުގެ 8 ވަނަ މާއްދާގެ (ށ) އާއި އެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގައި "ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެދި ހުށަހަޅާ ފަރާތުން އެ ޕާޓީއެއްގެ މެންބަރަކަށްވުމަށް އެދިފައިވާ، މަދުވެގެން 10,000 (ދިހަހާސް) މީހުންގެ ސޮއި ހޯދައި، ކޮމިޝަނަށް ހުށަހަޅަންވާނެއެވެ." މި ފަދައިން އޮންނަ އޮތުން ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) އާއި ޚިލާފުވާ ކަމަށްޓަކައި ބާޠިލުކަމަށް ކަނޑައެޅުމާއެކު، މި ޤަޟިއްޔާގައި ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކޮށްފައިވާ އުޞޫލުތަކާއި ހަމަތަކާއި އެއްގޮތްވާ ގޮތުގެމަތީން ރައްޔިތުންގެ މަޖިލީހުން އެ ޤާނޫނަށް އިޞްލާޙް ގެނެސް ޢަމަލު ކުރަން ފެށެންދެން، ޤާނޫނުއަސާސީގެ 144 ވަނަ މާއްދާގެ (ނ) އަށް ރިޢާޔަތްކޮށް، ޤާނޫނު ނަންބަރު 4/2013 (ސިޔާސީ ޕާޓީގެ ޤާނޫނު) އަށް ޢަމަލު ކުރަން ފެށުމުގެ ކުރިން، ސިޔާސީ ޕާޓީ އުފެއްދުމަށް އެދި ހުށަހަޅާ ފަރާތުން އެ ޕާޓީއެއްގެ މެންބަރަކަށް ވުމަށް އެދިފައިވާ މަދުވެގެން 3,000 (ތިންހާސް) މީހުންގެ ސޮއި ހޯދައި، އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް އޮތް އޮތުން ބާޠިލުނުވެ، ޢަމަލުކުރުން ދެމިއޮންނާނެކަމަށް ސުޕްރީމް ކޯޓުގެ 07 ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.
އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒް ޙުސައިން ފަނޑިޔާރު ޢަބްދުﷲ ސަޢީދު
ފަނޑިޔާރު ޢަބްދުﷲ ޢަރީފް ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު
ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
ފަނޑިޔާރު އަޙްމަދު މުޢުތަސިމް އަދުނާން
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.