ޢިމާދު ޞާލީޙް ވ. އެޓަރނީޖެނެރަލްގެ އޮފީސް
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޢިމާދު ޞާލިޙް ވ. ދިވެހި ދައުލަތް (އެޓަރނީ ޖެނެރަލްގެ އޮފީސް)[2023] SC 06
އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ތާއީދު ކުރައްވާފައި)
ތަޢާރުފު
މިއީ، 05 މާރިޗު 2013 ގެ ތާރީޚުގައި ރައްޔިތުންގެ މަޖިލީހުގެ 2013 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 2 ވަނަ ޖަލްސާއިން ފާސްކޮށްފައިވާ، ސިޔާސީ ޕާޓީގެ ބިލު 12 މާރިޗު 2013 ގައި ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރެއްވުމާ ގުޅިގެން ޤާނޫނަކަށްވި ހިނދު، ސިޔާސީ ޕާޓީގެ ޤާނޫނު (ޤާނޫނު ނަންބަރު 2013/4) ގެ 8 ވަނަ މާއްދާގެ (ހ) އާއި (ށ) އާއި އެ ޤާނޫނުގެ 10 ވަނަ މާއްދާގެ (ނ) އާއި އެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) އާއި (ރ) އާއި އެ ޤާނޫނުގެ 27 ވަނަ މާއްދާގެ (ނ) އާއި އެ ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި (ށ) އާއި އެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ހ) އާއި (ށ) އާއި އެ ޤާނޫނުގެ 36 ވަނަ މާއްދާގެ (ހ) އާއި (ށ) އާއި އެ ޤާނޫނުގެ 37 ވަނަ މާއްދާގެ (ހ) އާއި (ށ) އާއި (ނ)، މި މާއްދާތަކަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 4 ވަނަ މާއްދާއާއި 20 ވަނަ މާއްދާއާއި 30 ވަނަ މާއްދާގެ (ހ) ގެ އިތުރުން ދިވެހިރާއްޖެ އިން ބައިވެރިވެފައިވާ ޔުނިވަރސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސްގެ މާއްދާ 21 އާއި 25 އާއި 26 އާއި އިންޓަރނޭޝަނަލް ކޮވިނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސްގެ މާއްދާ 2 އާއި 19 އާއި 21 އާ ކަނޑައެޅިގެން ޚިލާފު މާއްދާތަކެއްކަމަށް ބުނެ، ހަވާލާދެވުނު ޤާނޫނުގެ ބުނެވިދިޔަ މާއްދާތައް ޤާނޫނުއަސާސީގެ 63 ވަނަ މާއްދާގެ ދަށުން ބާޠިލުކޮށްދިނުމަށް އެދި ސ. ފޭދޫ، އެވަރެސްޓް، ޢިމާދު ޞާލިޙް (މީގެ ފަހުން "ޢިމާދު ޞާލިޙް" ނުވަތަ "މައްސަލަ ހުށަހަޅާ ފަރާތް" މިފަދައިން ބުނެފައިވާ) ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެ މައްސަލަ ބެލި ޤަޟިއްޔާއެވެ. މި މައްސަލަ ރައްދުވާ ފަރާތަކީ ދިވެހި ދައުލަތް (އެޓަރނީ ޖެނެރަލްގެ އޮފީސް) (މީގެ ފަހުން "ދައުލަތު" ނުވަތަ މައްސަލަ ރައްދުވާ ފަރާތް") އެވެ. ޢިމާދު ޞާލިޙްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މި މައްސަލައަށް ތަދައްޚުލުވުމަށް އެދި މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (މީގެ ފަހުން "އެމްޑީއޭ" ނުވަތަ "ތަދައްޚުލުވި ފަރާތް") އިން ހުށަހަޅާފައިވެއެވެ.
މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ބޭއްވިފައިވަނީ 2013 ވަނަ އަހަރުގެ އެޕްރީލް 29 ވަނަ ދުވަހުއެވެ. މި އަޑުއެހުމުގައި މި މައްސަލައިގައި ހިމެނޭ އެންމެހައި ފަރާތްތަކުން ހުށަހަޅަން ބޭނުންވާ ކަންކަން ހުށަހަޅައި ވާހަކަ ދެއްކުމުގެ ފުރުޞަތު ދެވުނެވެ. މިގޮތުން، މައްސަލަ ހުށަހަޅައި، މައްސަލައަށް ޖަވާބުދާރީވެފައިވެއެވެ. އަދި މައްސަލައަށް ތަދައްޚުލުވި އެމްޑީއޭގެ ފަރާތުން ފާހަގަކުރަން ބޭނުންވާ ކަންކަން ހުށަހެޅުމުގެ ފުރުޞަތު ދެވިފައިވެއެވެ.
އެކިފަހަރު މަތިން ސުޕްރީމް ކޯޓުގެ ބެންޗަށް އައި ބަދަލުތަކާގުޅިގެން މި މައްސަލަ އަލުން ބެންޗުކުރެވުނެވެ. މިގޮތުން ތިން ފަހަރެއްގެ މަތީން މައްސަލައިގެ ބެންޗު ބަދަލުވެ މައްސަލަ އަލުން ރީ-ބެންޗް ކުރެވިފައިވެއެވެ. މި މައްސަލައިގެ އަޑުއެހުމެއް 2020 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ޝެޑިއުލްކުރުމަށް މަސައްކަތްކުރެވުނެވެ. ނަމަވެސް، މި މައްސަލައިގެ ލިޔެކިޔުންތައް ގެއްލިފައިވާތީ މި މައްސަލައިގެ އެންމެހައި ލިޔެކިޔުންތައް ލިބޭނޭގޮތް ހަމަޖައްސައިދިނުމަށް ޢިމާދު ޞާލިޙްގެ ފަރާތުން މި ކޯޓަށް ހުށަހެޅިއެވެ. އަދި މި މައްސަލައިގެ އެންމެ ފަހުން ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގެ ރެކޯޑިންގެ ކޮޕީއެއް ލިބޭނޭގޮތް ހަމަޖައްސައިދިނުން އެދި ދައުލަތުގެ ފަރާތުން ވެސް ހުށަހެޅިއެވެ. އެހެންކަމުން، މައްސަލަ ހުށަހެޅި ފަރާތާއި މައްސަލަ ރައްދުވާ ފަރާތުން މި މައްސަލައިގެ ލިޔެކިޔުންތަކާއި އޯޑިއޯ ހޯދުމަށް އެދި ކޯޓަށް ހުށަހަޅައި އަދި މައްސަލަ ދިރާސާކުރުމަށް އިތުރު ފުރުޞަތަކަށް އެދުމާގުޅިގެން އެ ފުރުޞަތު ދެވިފައިވެއެވެ.
އެމްޑީއޭގެ މަޞްލަޙަތު ހިމާޔަތްކުރުމުގެ ގޮތުން މި މައްސަލައަށް ތަދައްޚުލުވެފައި ވީނަމަވެސް، އެކަމަށް މިހާރު ޙައްލު ލިބިފައިވާކަމަށް ބުނެ އެމްޑީއޭގެ ފަރާތުން މައްސަލައަށް ތަދައްޚުލުވުމަށް އެދި ހުށަހެޅި ފޯމު ބާޠިލުކޮށްދިނުމަށް އެދި ހުށަހަޅާފައިވާތީ މި މައްސަލަ ކުރިއަށް ގެންދެވިފައިވާނީ މި މައްސަލައިން އެމްޑީއޭ އުނިކުރުމަށް ފަހުއެވެ.
2013 މާރިޗު 17 ގައި މި މައްސަލަ ސުޕްރީމް ކޯޓަށްހުށަހަޅައި، 2013 އެޕްރީލް 10 ގައި މައްސަލަ ރަޖިސްޓްރީވެފައިވީނަމަވެސް، މި ފަނޑިޔާރުންގެ މަޖިލީހަށް މި މައްސަލަ ލިބިފައިވަނީ 2020 އެޕްރީލް 20 ގައެވެ.
ސުޕްރީމް ކޯޓަށް ހުށަހެޅި ނުކުތާތައް
ސުޕްރީމް ކޯޓަށް މި މައްސަލަ ހުށަހަޅަމުން ޢިމާދު ޞާލިޙްގެ ފަރާތުން މައިގަނޑު 05 (ފަހެއް) ކަމެއް ފާހަގަކޮށްފައިވެއެވެ. އެގޮތުން؛
ސިޔާސީ ޕާޓީގެ ޤާނޫނުގެ ދަށުން އަސާސީ ޙައްޤުތައް ހަނިކޮށްފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
މި ނުކުތާއާ ގުޅިގެން ޢިމާދު ޞާލިޙްގެ ފަރާތުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ، ޤާނޫނުއަސާސީގެ 30 ވަނަ މާއްދާގެ ދަށުން ލިބިދޭ ސިޔާސީ ޕާޓީ އުފައްދައި، ހިންގައި، ޕާޓީ ޙަރަކާތްތަކުގައި ބައިވެރިވުމުގެ ޙައްޤު ސިޔާސީ ޕާޓީގެ ޤާނޫނު (ޤާނޫނު ނަންބަރު 2013/4) އިން ހަނިކޮށްފައިވާކަމަށެވެ. އެގޮތުން، މި ނުކުތާގެ ތަފްޞީލުގައި އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
(ހ) ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީއެއް ހަދައި ހިންގަންވާނީ ރަޖިސްޓަރީކޮށްގެން ކަމަށް ސިޔާސީ ޕާޓީގެ ޤާނޫނުގެ 8 ވަނަ މާއްދާގެ (ހ) ލާޒިމުކޮށްފައި އޮތުމުން، ރަޖިސްޓަރީ ނުކޮށް ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީ އުފައްދައި، ހިންގައި، ޕާޓީގެ ޙަރަކާތްތަކުގައި ބައިވެރިވުމުގެ ޙައްޤު ހަނިވެގެންދާކަމަށާއި،
(ށ) ސިޔާސީ ޕާޓީގެ ޤާނޫނުގެ 8 ވަނަ މާއްދާގެ (ށ) ގެ ދަށުން އެ ޤާނޫނު ވުޖޫދަށް އަންނައިރު އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓަރީ ވެފައިވާ ޕާޓީތަކުގެ ތެރެއިން 10,000 (ދިހަހާސް) މެންބަރުން ހަމަވާ ޕާޓީތަކަކީ ރަޖިސްޓަރީ ކުރެވިފައިވާ ޕާޓީތައް ކަމުގައި ބެލޭކަމަށާއި، އަދި އެ ޢަދަދު ހަމަނުވާ ޕާޓީތައް އުވާލެވިގެން ދިއުމުން ނަތީޖާއަކީ އެ ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު މެންބަރުންގެ ގޮތުގައި އެ ޕާޓީއެއްގައި 10,000 (ދިހަހާސް) މެންބަރުން ހަމަނުވާ ހުރިހާ ފަރާތްތަކެއް ސިޔާސީ ޕާޓީ އުފައްދައި، ހިންގައި، ޕާޓީތަކުގެ ޙަރަކާތްތަކުގައި ބައިވެރިވުމުގެ ޙައްޤުން މަޙުރޫމުވެގެންދިއުން ކަމަށާއި،
(ނ) ސިޔާސީ ޕާޓީގެ ޤާނޫނު (ޤާނޫނު ނަންބަރު 2013/4) ގެ 11 ވަނަ މާއްދާގެ ދަށުން، ރަޖިސްޓަރީ ކޮށްގެންވެސް ސިޔާސީ ޕާޓީއެއް އުފެއްދޭނީ އެ ޕާޓީ އުފެއްދުމަށް އެދި ހުށަހަޅާ ފަރާތުން އެ ޕާޓީއެއްގެ މެންބަރަކަށްވުމަށް އެދިފައިވާ މަދުވެގެން 10,000 (ދިހަހާސް) މީހުންގެ ސޮއި ހޯދައި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުން ކަމަށާއި، އެގޮތަށް އެކަން ލާޒިމުކުރުމުގެ ނަތީޖާއަކީ އެ ޢަދަދު ހަމަނުވާ އެންމެހައި ފަރާތައް ޤާނޫނުއަސާސީގެ 30 ވަނަ މާއްދާގެ ދަށުން ލިބިދޭ ސިޔާސީ ޕާޓީ އުފައްދައި، ހިންގައި، ޕާޓީ ޙަރަކާތްތަކުގައި ބައިވެރިވުމުގެ ޙައްޤުން މަޙުރޫމުވެގެންދިއުން ކަމަށާއި،
(ރ) ސިޔާސީ ޕާޓީގެ ޤާނޫނު (ޤާނޫނު ނަންބަރު 2013/4) ގެ 8 ވަނަ މާއްދާގެ (ހ) ގެ ދަށުން ސިޔާސީ ޕާޓީ އުފައްދައި، ހިންގަންވާނީ ޤާނޫނުގެ ދަށުން ރަޖިސްޓަރީކޮށްގެން ކަމަށް ލާޒިމުކުރުމަށް ފަހު، އަދި އެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގެ ދަށުން ސިޔާސީ ޕާޓީއެއް އުފެއްދުމަށްޓަކައި މަދުވެގެން 10,000 (ދިހަހާސް) މެންބަރުން ލާޒިމުކުރުމަށް ފަހު އެ ޢަދަދު ހަމަނުވާ އެންމެހައި ޕާޓީތައް އުވޭނެކަމަށް ބަޔާންކުރުމަށް ފަހު، އެ ޤާނޫނުގެ 31 ވަނަ މާއްދާގެ (ހ) ގެ ދަށުން ޕާޓީއެއް އުވުމުން އެ ޕާޓީގެ މެންބަރުންގެ ގޮތުގައި ތިބި މީހުން އެ ޕާޓީގެ މެންބަރުކަމުން ވަކިވާނެކަމަށް ބަޔާންކޮށްފައިވާކަމަށާއި، މީގެ ނަތީޖާއަކީ އެ ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު މެންބަރުންގެ ގޮތުގައި 10,000 (ދިހަހާސް) ހަމަނުވާ ހުރިހާ ޕާޓީތައް ސިޔާސީ ޕާޓީއެއް ހެދުމުގެ ޙައްޤުން މަޙުރޫމުވާއިރު އެ ޢަދަދަށް ވުރެ މަދުވާ ފަރާތްތަކަށް "އޮރގަނައިޒްޑް" ކޮށް ސިޔާސީ އެއްވެސް ޙަރަކާތެއް ރާވައި ހިންގައި އަދި ބައިވެރިވުމުގެ ޙައްޤުން މަޙުރޫމުވުން ކަމަށާއި،
(ބ) ސިޔާސީ ޕާޓީގެ ޤާނޫނު (ޤާނޫނު ނަންބަރު 2013/4) ގެ 31 ވަނަ މާއްދާގެ (ށ) ގައި ވާގޮތުން ޤާނޫނުއަސާސީގެ ދަށުން ބާއްވާ އިންތިޚާބެއްގައި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ގޮނޑިއެއް ކާމިޔާބުކޮށްފައި ވަނިކޮށް އޭނާ ނިސްބަތްވާ ޕާޓީ 10,000 (ދިހަހާސް) މީހުން ނަށްވުރެ މަދުވުމުގެ ސަބަބުން އުވިއްޖެނަމަ އޭނާ އިންތިޚާބު ކާމިޔާބުކުރި، އަދި ތަމްސީލުކުރަމުންދިޔަ ޕާޓީއާއި މެންބަރުންނާއި ޕާޓީގެ ޙަރަކާތްތަކުގައި ބައިވެރިވުމުގެ ޙައްޤުން އެ އިންތިޚާބު ކާމިޔާބުކުރި މެންބަރު މަޙުރޫމުވެ، ވަކި ޕާޓީއަކަށް ނިސްބަތްވީތީވެ އޭނާއަށް ވޯޓުދިން މީހުންގެ ޙައްޤަށްވެސް އަރައިގަނެވުނީ ކަމަށާއި،
(ޅ) ސިޔާސީ ޕާޓީގެ ޤާނޫނު (ޤާނޫނު ނަންބަރު 2013/4) ގެ 31 ވަނަ މާއްދާގެ (ހ) ގެ ދަށުން އެއްވެސް ސަބަބަކާހުރެ ސިޔާސީ ޕާޓީއެއް އުވާލާނަމަ (އެއީ، މެންބަރުންގެ ޢަދަދު 10,000 (ދިހަހާސް) މީހުންނަށްވުރެ މަދުވުމުގެ ސަބަބުން ނަމަވެސް) އެ ޕާޓީގެ ނަމުގައި މިލްކުކޮށްފައިވާ ބިންބިމާއި، ޢިމާރާތް ފަދަ ތަންތަނާއި އެންމެހައި މުދާ އޮޑިޓަރ ޖެނެރަލް ކަނޑައަޅާ އުސޫލެއްގެ މަތިން ބާޒާރުގައި ލިބެންއޮތް އެކަށޭނަ އަގަކަށް ހުޅުވާލެވިފައިވާ އުސޫލަކުން ވިއްކާލައި، އެގޮތަށް ވިއްކުމަށް ފަހު ލިބޭ ފައިސާއިން އެ ޕާޓީއެއްގެ ދަރަނި އަދާކުރުމަށް ފަހު ބާކީވާ ފައިސާ ދައުލަތުގެ ކޮންސޮލިޑޭޓެޑް ރެވެނިއު ފަނޑަށް ޖަމާކުރަންޖެހޭނެ ކަމަށް އެ މާއްދާގެ (ށ) ލާޒިމުކުރާ ކަމަށާއި، ނަތީޖާއަކީ ޢާންމު މަޞަލަޙަތެއް ނެތި، ޝަރުޢީ ކޯޓުން ޢަދުލުވެރި ބަދަލެއް ދިނުމެއް ނެތި ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ށ) އިން ފަރުދަކަށް ލިބިދޭ މުދަލުގެ ރައްކާތެރިކަމުގެ މިނިވަންކަމަށް އަރައިގަނެ އެ ޙައްޤުން މަޙުރޫމުވުން ކަމަށާއި،
(ކ) ސިޔާސީ ޕާޓީގެ ޤާނޫނު (ޤާނޫނު ނަންބަރު 2013/4) ގެ 34 ވަނަ މާއްދާގެ ދަށުން ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން 0.1% (ސުމެއް ޕޮއިންޓް އެކެއް އިންސައްތަ) އާއި %0.2 (ސުމެއް ޕޮއިންޓް ދޭއް އިންސައްތަ) އާ ދެމެދުގެ ޢަދަދަކަށް ފައިސާ ދޭންޖެހޭނެ ކަމަށް ބަޔާންކޮށް އެ ފައިސާ ބަހަންވާނީ ޕާޓީގެ މެންބަރުންގެ ނިސްބަތުން ކަމަށް އެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށް އަދި ރަޖިސްޓަރީކޮށްފައިވާ ޕާޓީތަކުގެ ތެރެއިން 20,000 (ވިހިހާސް) ހަމަވާ ކޮންމެ ސިޔާސީ ޕާޓީއަކަށް އިދާރީ އޮފީހެއް ޤާއިމުކުރުމުގެ ގޮތުން 1,000 (އެއްހާސް) އަކަފޫޓުގެ ބިމެއް މާލެ ސިޓީ ކައުންސިލުން ހަމަޖައްސައިދޭންވާނެކަމަށް ލާޒިމުކުރާ ކަމަށާއި، މީގެ ނަތީޖާއަކީ، ޤާނޫނުއަސާސީން ލިބިދޭ ވަކި ޙައްޤަކަށް ބޮޑެތި މާލީ ޢިނާޔަތްތަކާއި ބިމުގެ ތަނަވަސްކަން ފޯރުކޮށްދިންއިރު ހަމަ ސިޔާސީ ޕާޓީގެ ޙައްޤު ކަށަވަރުކޮށްދިން މާއްދާއިން ކަށަވަރުކޮށްދީފައިވާ އެހެން ޙައްޤުތަކަށް (ޖަމްޢިއްޔާ ޖަމާޢަތް ހެދުމުގެ ޙައްޤު) އެފަދަ ފުރުޞަތު ތަނަވަސްކޮށްދީފައިނުވުމާއި، ޤާނޫނުގައި ކަނޑައެޅިފައިވާ ޢަދަދު ހަމަނުވާ ސިޔާސީގޮތުން ޙަރަކާތްތެރިވާން ބޭނުން ފަރާތްތަކަށާއި، ޤާނޫނުއަސާސީން ޙިމާޔަތްކޮށްދީފައިވާ ނޫސްވެރިކަން، ޖަމްޢިއްޔާ ޖަމާޢަތް، ޓްރޭޑް ޔޫނިއަން ފަދަ ފަރާތްތަކަށް އެފަދަ މާލީ އަދި ބިމުގެ މަންފާ ފޯރުކޮށް ނުދިނުމުގެ ސަބަބުން ޤާނޫނުއަސާސީގެ 20 ވަނަ މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ޤާނޫނުގެ މަންފާއާއި ރައްކާތެރިކަން ހަމަހަމަކަމާއެކު ލިބިދިނުމުގެ ޙައްޤުން ވަކި ބަޔަކު މަޙުރޫމުކުރެވުން ކަމަށެވެ.
ސިޔާސީ ޕާޓީގެ ޤާނޫނު (ޤާނޫނު ނަންބަރު 2013/4) އިން އަސާސީ ޙައްޤުތައް ހަނިކޮށްފައި ވަނީ ޤާނޫނުއަސާސީއާ ޚިލާފަށް ކަމަށްބުނެ ހުށަހެޅި ނުކުތާ.
މި ނުކުތާގެ ތަފުސީލުގައި ޢިމާދު ޞާލިޙްގެ ފަރާތުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
(ހ) ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންވެސް ޤާނޫނުއަސާސީގައި ބަޔާންވެގެންވާ އެއްވެސް ޙައްޤެއް ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއްވެސް ހިފަހައްޓަން ހުއްދަވަނީ މިނިވަން ޑިމޮކްރެޓިކް މުޖުތަމަޢެއްގައި އެފަދަ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެކަމަށް ޤަބޫލުކުރެވޭ މިންވަރަށްކަމަށާއި، މި އުސޫލުން ދުނިޔޭގެ މިނިވަން ދީމިޤްރާޠީ ޤައުމުތަކުގެ ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ޕާޓީއެއްގެ މެންބަރުން ވަކިވަރަކަށްވުރެ މަދުވުމަކީ ޕާޓީ އުވާލެވޭ ސަބަބެއް ނޫންކަމަށާއި، އަދި ސިޔާސީ ޕާޓީ ރަޖިސްޓަރީކުރަން ވަކި ޢަދަދަކަށް ސޮއި ހުށަހަޅަން ލާޒިމުކޮށްފައިވާ ޤައުމުތަކުގައިވެސް 10,000 (ދިހަހާސް) މީހުންގެ ސޮއި ނުވަތަ ޤައުމުގެ އާބާދީގެ %3.12 މީހުންގެ ސޮއި ހުށަހަޅަން ލާޒިމުކޮށްފައި ނުވާކަމަށާއި،
(ށ) ސިޔާސީ ޕާޓީގެ ޤާނޫނު (ޤާނޫނު ނަންބަރު 2013/4) ގައި 10,000 (ދިހަހާސް) މީހުން ހަމަވެގެން މެނުވީ ސިޔާސީ ޕާޓީއެއް ރަޖިސްޓަރީ ނުކުރެވޭގޮތަށް ބަޔާންކޮށް ސިޔާސީ ޕާޓީ ހެދުމުގެ ޙައްޤު ހަނިކޮށްފައިވަނީ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ މިނިވަން ދީމިޤްރާޠީ މުޖުތަމަޢެއްގައި ސިޔާސީ ޕާޓީ ހަދައި ރަޖިސްޓަރީކޮށް ހިންގުމުގެ ޙައްޤު ހިފެހެއްޓިދާނެކަމަށް ޤަބޫލުކުރެވޭ މިންވަރަށްވުރެ މާބޮޑުކޮށް ކަމަށާއި،
(ނ) ސިޔާސީ ޕާޓީއެއް ރަޖިސްޓަރީ ކުރުމުގައި ލާޒިމުކޮށްފައިވާ މެންބަރުންގެ ޢަދަދަށް ބަލާއިރު، ދިވެހިރާއްޖޭގެ އާބާދީގެ %3.12 ރައްޔިތުން އެކުވެގެން މެނުވީ ސިޔާސީ ޕާޓީއެއް ނުހެދޭނެކަން އެނގޭކަމަށާއި، އަދި ދުނިޔޭގެ މިނިވަން ދީމިޤްރާޠީ އެއްވެސް މުޖުތަމަޢެއްގައި ސިޔާސީ ޕާޓީއެއް ހަދާނަމަ އެ މުޖުތަމައެއްގެ އާބާދީގެ %3.12 ރައްޔިތުންގެ ސޮއި ހޯދަންޖެހޭނެހެން ސިޔާސީ ޕާޓީ އުފެއްދުމުގެ ޙައްޤު ހަނިކޮށްފައި ނުވާކަމަށާއި، އަދި ވަކިވަރަކަށްވުރެ މެންބަރުން މަދުވެއްޖެނަމަ ސިޔާސީ ޕާޓީ އުވާލެވޭގޮތަށް ސިޔާސީ ޕާޓީގެ ޙައްޤު ހަނިކޮށްފައިވެސް ނުވާކަމަށާއި، އެގޮތުން، ސިޔާސީ ޕާޓީއެއް ރަޖިސްޓަރީ ކުރުމަށްޓަކައި ރަމްޒީގޮތުން ނަމަވެސް ވަކި ޢަދަދެއްގެ ސޮއި ހޯދުން ލާޒިމުކުރާ ޤައުމުތަކުގައިވެސް އެކަން ލާޒިމުކުރަނީ އިދާރީ ކަމެއްގެ ގޮތުގައި ކަމަށާއި، އެއީ އެއްގޮތަކަށްވެސް އެ އިޖުރާއާތުތައް ފުރިހަމަވެގެން މެނުވީ ސިޔާސީ ޕާޓީ ހަދައި ހިންގުމާއި ސިޔާސީ ޙަރަކާތްތަކުގައި ބައިވެރިވުމުގެ ޙައްޤުގެ ބޭނުން ނުހިފޭނެތީއެއް ނޫންކަމަށާއި،
(ރ) މިނިވަން ދީމިޤްރާޠީ މުޖުތަމަޢެއް ކަމުގައިވާ ޖަރުމަން ވިލާތުގެ ޤާނޫނު ހަދާ މަޖިލީހުން 2011 ވަނަ އަހަރު ފާސްކުރި "ފެޑަރަލް އެލެކްޓޯރަލް ލޯ 25 ނޯވެމްބާރ 2011" ގައި އެ ޤައުމުގެ ބައެއް ސިޔާސީ ޕާޓީތަކަށް އިސްކަން ދީފައިވުމާއި އަދި ސިޔާސީ ބޮޑެތި ޕާޓީތަކަށް އިންތިޚާބުގައި ނިސްބަތުން ފައިދާވާގޮތަށް ބައެއް މާއްދާތައް ހުރުމުން ޖަރުމަނުވިލާތުގެ އެންމެ އިސް ކޯޓު ކަމުގައިވާ ފެޑެރަލް ކޮންސްޓިޓިއުޝަނަލް ކޯޓު އޮފް ޖަރމަނީ އިން އެ ޤާނޫނުގައިވާ މާއްދާތައް ބާޠިލުކުކޮށް ޙުކުމްކޮށްފައިވާކަމަށާއި،
(ބ) ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2009/SC-A/09 ޤަޟިއްޔާގައި ފާހަގަކުރި ނުކުތާތަކުގެ (ރ) އަށް ބަލާއިރު، ސިޔާސީ ޕާޓީ އުފައްދައި، ހިންގައި، ޕާޓީގެ ޙަރަކާތްތަކުގައި ބައިވެރިވުމުގެ އަސާސީ ޙައްޤަކީ އެއްވެސް ޤައިދެއްނެތި، މުޠުލަޤު ގޮތެއްގައި ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤެއްކަން ފާހަގަކޮށްފައި ވާކަމަށެވެ.
ސިޔާސީ ޕާޓީގެ ޤާނޫނު (ޤާނޫނު ނަންބަރު 2013/4) އަށް ޢަމަލުކުރަން ފެށިއިރު ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން ވަކި ޕާޓީތަކެއްގެ ލާބަޔާއި މަންފާ ޙިމާޔަތްކޮށް، އެހެން ޕާޓީތަކަށް އެފަދަ ޙިމާޔަތާއި ރައްކާތެރިކަންނުދީ ތަފާތުކޮށްފައިވާކަމަށް ބުނެ ހުށަހެޅުނު ނުކުތާ.
މި ނުކުތާގެ ތަފްސީލުގައި ޢިމާދު ޞާލިޙްގެ ފަރާތުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
(ހ) ސިޔާސީ ޕާޓީގެ ޤާނޫނު (ޤާނޫނު ނަންބަރު 2013/4) ގެ 8 ވަނަ މާއްދާގެ (ށ) އާއި (ނ) ގައިވާގޮތުން ސިޔާސީ ޕާޓީތަކުގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ޕާޓީތަކުގައި ރަޖިސްޓަރީވެފައިވާ މެންބަރުންގެ ޢަދަދު 10,000 (ދިހަހާސް) އަށްވުރެ މަދުވާނަމަ 10,000 (ދިހަހާސް) މެންބަރުން ހަމަކުރަން އެ ޕާޓީތަކަށް 3 (ތިނެއް) މަސްދުވަހުގެ މުއްދަތެއް ދެވޭނެކަމަށް އޮތްހިނދު، އެ ޤާނޫނަށް ޢަމަލުކުރަން ފަށާއިރު ސިޔާސީ ޕާޓީތަކުގެ ދަފުތަރުގައި ރަޖިސްޓަރީ ވެފައިވާ ޕާޓީތަކުގެ ތެރެއިން 10,000 (ދިހަހާސް) މެންބަރުން ހަމަނުވާ އެއްވެސް ޕާޓީއަކަށް 10,000 (ދިހަހާސް) މެންބަރުން ހަމަކުރަން ފުރުޞަތު ދީފައިނުވުމުން، ޤާނޫނުގެ މަންފާއާއި ރައްކާތެރިކަން އެންމެނަށް ހަމަހަމަކަމާއެކު ލިބުމުގެ ޙައްޤުން މަޙުރޫމުވެފައިވާކަމަށާއި،
(ށ) ސިޔާސީ ޕާޓީގެ ޤާނޫނު (ޤާނޫނު ނަންބަރު 2013/4) ފާސްކުރުމަށް ތާޢީދުކޮށް ވޯޓުދެއްވި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނިސްބަތްވަނީ އެ ބޭފުޅުން ވޯޓުދެއްވިއިރު ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކުރެވިފައިވާ 16 ސިޔާސީ ޕާޓީގެ ތެރެއިން ހަމައެކަނި 10,000 (ދިހަހާސް) މެންބަރުން ހަމަވާ 4 ޕާޓީކަމުގައިވާ މޯޑިވިއަން ޑިމޮކްރެޓިކް ޕާޓީއާއި، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްއާއި، ދިވެހިރައްޔިތުންގެ ޕާޓީ އަދި ޖުމްހޫރީ ޕާޓީއަށް ކަމަށާއި، މިގޮތަށް ވޯޓު ދިނުމުގެ ނަތީޖާއަކީ އެ ޕާޓީތައް ފިޔަވައި އެހެން ހުރިހާ ޕާޓީތައް އުވި އަދި އަލަށް ސިޔާސީ ޕާޓީތައް ހެދުމުގެ މަގު ހަނިކޮށް ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޭ ފައިސާ ހަމައެކަނި މި ޤާނޫނަށް ވޯޓުދިން ޕާޓީތަކަށް ލިބޭނޭގޮތް ހެދުންކަމަށާއި، މިއީ ކަނޑައެޅިގެން ޤާނޫނުއަސާސީގެ 75 ވަނަ މާއްދާއާއި ޚިލާފު ޢަމަލެއް ކަމަށާއި، އެ މާއްދާއިން މެންބަރުންގެ މައްޗަށް ލާޒިމުކުރަނީ ޤައުމުގެ މަޞްލަޙަތާއި ރައްޔިތުންގެ ލާބައާއި މަންފާއަށް އިސްކަން ދިނުމަށާއި، އެއްވެސް މެންބަރަކު އެމީހެއްގެ ނުވަތަ އެމީހަކާ ޚާއްޞަ ގުޅުމެއް އޮތް އެހެންވެސް މީހެއްގެ މަޞްލަޙަތެއް ކުރިއެރުވުމަށް މަޤާމުގެ ބޭނުންކޮށްގެނެއް ނުވާނެކަމަށާއި، އެގޮތުން ސިޔާސީ ޕާޓީގެ ޤާނޫނު ފާސްކުރުމުގައި ޤާނޫނުއަސާސީގެ 75 ވަނަ މާއްދާއާ ޚިލާފުވެފައިވާކަން އެނގޭކަމަށާއި،
(ނ) ސިޔާސީ ޕާޓީއެއް ހޯދާ ކާމިޔާބީ ވަޒަންކުރުމުގައި އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެ ޕާޓީއަކުން ހޯދި ޖުމްލަ ވޯޓުގެ ޢަދަދަށާއި އަދި މަޖިލީހުގައި އެ ޕާޓީ ތަމްސީލުކުރާ މެންބަރުންނަށް ބަލަންޖެހޭނެކަމަށް އެ ޤާނޫނުގެ 10 ވަނަ މާއްދާގެ (ނ) ގެ (1) އަދި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާކަމަށާއި، ނަމަވެސް މާލީ އެހީއާއި ބިމުގެ ތަނަވަސްކަން ފޯރުކޮށްދިނުމުގައި އެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ހ) އާއި އެ ޤާނޫނުގެ 36 ވަނަ މާއްދާގެ (ހ) ގެ ދަށުން ބަލަންޖެހެނީ ހަމައެކަނި ޕާޓީއެއްގެ ދަފުތަރުގައި ރަޖިސްޓަރީކުރެވިފައިވާ މެންބަރުންގެ ޢަދަދަށް ކަމަށާއި، އަދި ސިޔާސީ ޕާޓީގެ ކާމިޔާބީ ވަޒަންކުރުމުގައި އެންމެފަހުން ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެ ޕާޓީއަކުން ހޯދި ވޯޓުގެ ޖުމްލަ ޢަދަދާއި، ރައްޔިތުންގެ މަޖިލީހުގައި އެ ޕާޓީ ތަމްސީލުކުރާ މެންބަރުންގެ ޢަދަދަށް ރިޢާޔަތްކުރަންޖެހޭނެކަމަށް އެ ޤާނޫނުގެ 10 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވީނަމަވެސް، ދައުލަތުން މާލީ އެހީއާއި ބިމުގެ ތަނަވަސްކަން ފޯރުކޮށްދިނުމުގައި މިކަންކަމަށް ރިޢާޔަތްނުކޮށް ހަމައެކަނި ޕާޓީގެ މެންބަރުންގެ ޢަދަދަށް ބަލައި މާލީ އަދި އެހެނިހެން ވަޞީލަތްތައް ދިނުމަކީ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާގެ ދަށުން ލާޒިމުކުރާ މުސާވާތުގެ އުސޫލާ ޚިލާފުކަމެއް ކަމަށެވެ.
ޤާނޫނުއަސާސީގެ 68 ވަނަ މާއްދާގެ ދަށުން އަސާސީ ޙައްޤުތައް މާނަކުރުމުގައި ދިވެހިރާއްޖެ ބައިވެރިވެފައިވާ މުޢާހަދާތަކަށް ރިޢާޔަތް ކުރަންޖެހޭނެކަމަށް ބުނެފައިވާއިރު، ސިޔާސީ ޕާޓީގެ ޤާނޫނު (ޤާނޫނު ނަންބަރު 2013/4) ގައި ސިޔާސީ ޕާޓީ އުފައްދައި ހިންގުމުގެ ޙައްޤު ހަނިކޮށްފައިވަނީ ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާއެއް ކަމުގައިވާ International Covenant on Civil and Political Rights ގެ މާއްދާތަކާއި ޚިލާފަށްކަމުގައިވުން ކަމަށް ބުނެ ހުށަހެޅުނު ނުކުތާ.
މި ނުކުތާގެ ތަފުޞީލުގައި ޢިމާދު ޞާލިޙްގެ ފަރާތުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
(ހ) ސިޔާސީ ޕާޓީގެ ޤަނޫނު (ޤާނޫނު ނަންބަރު 2013/4) ގައި ވަކި ޚާއްޞަ ސިޔާސީ ޕާޓީއެއް ފިޔަވައި އެހެން އެންމެހައި ސިޔާސީ ޕާޓީތައް އުވާލެވޭގޮތަށާއި، އަދި 10,000 (ދިހަހާސް) މީހުންނަށް މެނުވީ ސިޔާސީ ޕާޓީއެއް ނެހެދޭނެކަމަށް ކަނޑައަޅާފައިވަނީ ބުނެވިދިޔަ މުޢާހަދާގެ 22 ވަނަ މާއްދާއާއި، 25 ވަނަ މާއްދާއާއި، 26 ވަނަ މާއްދާއާއި ޚިލާފުވާގޮތަށް ކަމަށާއި، އެގޮތުން އެ މާއްދާތަކުގެ ދަށުން، އެހެން މީހުންނާ ގުޅިގެން ޖަމާޢަތް ހެދުމުގެ މިނިވަންކަން ކޮންމެ ފަރުދަކަށްވެސް ލިބިގެންވާކަމަށާއި، އެއިގެތެރޭގައި އެމީހެއްގެ ޙައްޤު ހިމާޔަތްކުރުމުގެ ގޮތުން ޓްރޭޑް ޔޫނިއަންތަކާ ގުޅުމާއި، އުފެއްދުން ހިމެނޭކަމަށާއި، އެހެންމީހުންގެ ޙައްޤުތަކާއި، މިނިވަންކަން ރައްކާތެރިކުރުމަށްޓަކައި ނުވަތަ ރައްޔިތުންގެ ޞިއްޙީ ދުޅަހެޔޮކަން ރައްކާތެރިކުރުމަށްޓަކައި ނުވަތަ ރައްޔިތުންގެ ސަލާމަތާއި ޕަބްލިކް އޯޑަރ އަށްޓަކައި ނުވަތަ ޤައުމީ ސަލާމަތަށްޓަކައި ކޮންމެހެން ހިފަހައްޓަންޖެހޭ މިންވަރަށް މެނުވީ ބުނެވިދިޔަ މިނިވަންކަން ހަނިކުރެވިގެން ނުވާނެކަމަށާއި، ޤާނޫނެއްގައި ވާގޮތުގެމަތިން އަސްކަރިއްޔާއާއި ފުލުހުންނަށް މި މިނިވަންކަން ހަނިކުރުމަށް މި މާއްދާ ހުރަހެއް ނާޅާ ކަމަށާއި، އެ މުޢާހަދާގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމާ ފުށުނާރާ ގޮތެއްގެމަތިން ކޮންމެ ރައްޔިތަކީވެސް، ދައުލަތުގެ ކަންކަން ހިންގުމުގައި ސީދާގޮތުން ބައިވެރިވުން ނުވަތަ އަމިއްލަ އިޚްތިޔާރުން ހޮވާ މަންދޫބަކު މެދުވެރިކޮށް އެކަންކުރުމުގެ ބާރު ލިބިގެންވާ ރައްޔިތެއް ކަމަށާއި، ޤާނޫނުގެ ކުރިމަތީގައި ކޮންމެ މީހަކީވެސް އެއްވެސް ތަފާތުކުރުމެއްނެތި ހަމަހަމަކަމާއެކު ޤާނޫނީ ހިޔާމަތް ލިބިގެންވާ މީހެއް ކަމަށާއި، މި ޙައްޤުތައް ލިބުމުގައި އެމީހެއްގެ ނަސްލަށް، ކުލައަށް، ޖިންސަށް، ވާހަކަ ދައްކާ ބަހަށް، ދީނަށް، ސިޔާސީ ނުވަތަ އެނޫންވެސް ވިސްނުމަކަށް، އުފަންވާ ޤައުމު ނުވަތަ ޢާއިލާ، މުދާ، ނުވަތަ އެހެންވެސް ހައިސިއްޔަތެއްގެ ސަބަބުން އެމީހަކާ މެދު ތަފާތުކުރުން ޤާނޫނުން މަނާކުރާކަމަށާއި މި ޙައްޤުތައް ކޮންމެ މީހަކަށް ހަމަހަމަކަމާއެކު ލިބޭކަން ކަށަވަރުކުރަންވާނެކަމަށާއި، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ޔުނިވަރސަލް ޑިކްލެރޭޝަން އޮން ހިއުމަން ރައިޓްސްގެ 21 ވަނަ މާއްދާއިން ދައުލަތުގެ ކަންކަން ހިންގުމުގައި ސީދާގޮތުން ބައިވެރިވުން ނުވަތަ އަމިއްލަ އިޚްތިޔާރުން ހޮވާ މަންދޫބަކު މެދުވެރިކޮށް އެކަންކުރުން ބަޔާންކޮށްފައި ވާކަމަށެވެ.
ސިޔާސީ ޕާޓީގެ ޤާނޫނު (ޤާނޫނު ނަންބަރު 2013/4) ގެ 37 ވަނަ މާއްދާގައި ބިދޭސީ ސަރުކާރުތަކުންނާއި، ޖަމާޢަތްތަކަށް ދިވެހިރާއްޖޭގެ ސިޔާސީ ޕާޓީތަކަށް ފައިނޭންސް ކުރުމުގެ ފުރުޞަތު ހުޅުވާލާފައި އޮތުމުން ދިވެހިރާއްޖޭގެ މިނިވަންކަމަށާއި އިސްތިޤުލާލަށް ހުރަސް އެޅޭ ގޮތްވުން ކަމަށް ބުނެ ހުށަހެޅުނު ނުކުތާ.
މި މާއްދާގެ ތަފުސީލުގައި ޢިމާދު ޞާލިޙްގެ ފަރާތުން އަންނަނިވި ކަންކަން ފާގަހަކޮށްފައިވެއެވެ.
(ހ) ސިޔާސީ ޕާޓީގެ ޤާނޫނު (ޤާނޫނު ނަންބަރު 2013/4) ގެ 37 ވަނަ މާއްދާގެ ދަށުން ބިދޭސީ ސަރުކާރުތަކުންނާއި، ޖަމާޢަތްތަކުންނާއި، ބިދޭސީ އިދާރާތަކުންނާއި އެނޫންވެސް ބިދޭސީ ފަރާތްތަކަށް ދިވެހިރާއްޖޭގެ ސިޔާސީ ޕާޓީތަކަށް ފަންޑުކުރުމުގެ ފުރުޞަތު ހުޅުވައިލެވިފައިވާކަމަށާއި، މިގޮތުން ބިދޭސީ ފަރާތްތަކުން ރާއްޖޭގެ ސިޔާސީ ޕާޓީއަކަށް ފަންޑުކޮށް ބިދޭސީ ފަރާތްތަކަށް ފަހިވާގޮތަށް ރާއްޖޭގެ ސިޔާސަތު ބަދަލުކުރުމުގެ ފުރުޞަތު ހުޅުވާފައިވާކަމަށާއި، ދުނިޔޭގެ ކުރިއަރާފައިވާ ދީމިޤްރާޠީ ޤައުމުތަކުގައި ސިޔާސީ ޕާޓީތަކުން ކޮންމެ ކޮންމެ ބައެއްގެ އަތުން މާލީ އެހީ ހޯދުން މަނާކުރާކަމަށާއި، ޤާނޫނުތައް މިގޮތަށް މަނާކޮށް ފަރުމާކުރެވިފައި ހުންނަނީ ވަރަށް ބޮޑެތި މަޤްޞަދުތަކެއް ހާސިލުކުރުމުގެ ގޮތުން ކަމަށާއި، އެގޮތުން، ސިޔާސީ ޕާޓީތަކުން ކޮންމެ ކޮންމެ ބައެއްގެ އަތުން މާލީ އެހީ ހޯދުމަށް ހުއްދަ ދެވިއްޖެނަމަ، ދިވެހިރާއްޖެއަށް ނުފޫޒު ފޯރުވަން ބޭނުންވާ، ރާއްޖޭގެ ދާޚިލީ ކަންކަން ގަޑުބަޑުކުރަން ބޭނުން ކޮންމެ މީހަކަށް ސިޔާސީ ޕާޓީތަކަށް ފައިސާ ދީގެން އެކަން ކުރެވޭނެ މަގު މިހާރު ފާސްކުރެވިފައިވާ ޤާނޫނުން ފަހިކޮށްދީފައިވާކަމަށާއި، ދިވެހި ޤައުމަށް ވެރިވާން ބޭނުން ކޮންމެ ބޭރުގެ ފަރުދަކަށް، ޝަޚްޞަކަށް ނުވަތަ ޤައުމަކަށްވިޔަސް، ކޮންމެވެސް ބަޔަކު މެދުވެރިކޮށް ސިޔާސީ ޕާޓީ އުފެއްދުމަށްފަހު، ނުވަތަ އުފެދިފައިވާ ޕާޓީއެއް މެދުވެރިކޮށް އެފަދަ ފަރާތްތަކުން ބޭނުންވާ ސިޔާސަތުތައް ތަންފީޒުކުރުމަށް މިފަދަ ޕާޓީތައް މެދުވެރިކޮށް ސީދާ ގޮތުގައި މަސައްކަތް ކުރުމަށް މަގުފަހިވެގެންދާނެކަމަށާއި، މި މާއްދާ މިގޮތަށް އޮވެއްޖެނަމަ މިއީ ދިވެހިރާއްޖޭގެ މިނިވަންކަމަށް އޮތް ބޮޑު ނުރައްކަލެއް އަދި ބިރެއް ކަމަށާއި، ޒަމާނީ (ކޮންޓެމްޕްރަރީ) ސިޔާސީ ނިޒާމްތަކުގައި ދައުލަތުގެ އެންމެހައި ވެރިކަމުގެ ބާރުތަކަކީ ރައްޔިތުންގެ ކިބައިން ފެށިގެން އަންނަ އަދި ރައްޔިތުންގެ ކިބައިގައި ދެމިއޮންނަ ބާރުތަކެއްކަމާއި، ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމުގައިވެސް އިސްވެދިޔަ އުސޫލުތައް ޤާއިމުވެފައިވާކަން އެނގެން އޮންނައިރު، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 4 ވަނަ މާއްދާގައި "ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އަދި މި ބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގައެވެ." މިފަދައިން ބަޔާންވެގެން އޮތްހިނދު، މި ޤާނޫނުގެ މި މާއްދާގެ ސަބަބުން ދިވެހި ރައްޔިތުންގެ ބާރުވެރިކަން އޭގެ ޙަޤީޤީ މާނައިގައި ނިގުޅައިގަނެވިގެންދާނެކަމަށާއި، ސަބަބަކީ ސިޔާސީ ޕާޓީއެއް ހިންގައި އެ ޕާޓީއެއްގެ މައްޗަށް ބާރުފޯރުވައި ޙަޤީޤީ ބަސްކިޔާ ފަރާތަކަށް ވެގެންދާނީ ފައިސާދޭ ބިދޭސީ ފަރާތްތައް ކަމުގައިވާތީ ކަމަށާއި،
(ށ) މިގޮތުން، ދުނިޔޭގެ ކުރިއަރާފައިވާ ދީމިޤްރާޠީ ނިޒާމުތަކުގައި ސިޔާސީ ޕާޓީތަކުން ބޭރުގެ މާލީ އެހީ ހޯދުން ނުވަތަ ލިބިގަތުން މަނާކުރާ ކަމަށާއި، މިފަދަ ބައެއް ޤައުމުތަކަށް ބަލާލާއިރު،
ފަރަންސޭސި ވިލާތުގައި 1988 ވަނަ އަހަރު ޢަމަލުކުރަންފެށި "ލޯ އޮން ފައިނޭންޝިއަލް ޓްރާންސްޕޭރެންސީ އިން ޕޮލިޓިކަލް ލައިފް" (Law on Financial Transparency in Political Life) ގެ 11-4 ވަނަ މާއްދާގެ ދަށުން ބޭރުގެ އެއްވެސް ފަރާތެއް ނުވަތަ ބޭރުގެ ޤައުމަކުން ދޭ ފައިސާގެ ނުވަތަ އެހެންވެސް އެހީއެއް ސިޔާސީ ޕާޓީއަކުން ޤަބޫލުކޮށްގެން ނުވާނެކަމަށް ބަޔާންކޮށްފައި ވާކަމަށާއި، އަދި މި މާއްދާއާ ޚިލާފަށް ބޭރުގެ ހުށަހެޅުންތައް ޤަބޫލުކުރާ ފަރާތްތައް ޖުރުމަނާ ކުރުމާއި ޖަލަށްލުން ހިމެނޭ ކަމަށާއި،
ޖަރުމަނުވިލާތުގެ ސިޔާސީ ޕާޓީތަކާ ބެހޭ ޤާނޫނުގެ 25 ވަނަ މާއްދާގައި ބޭރުގެ ފަރާތްތަކުން އެހީގެ ގޮތުގައި ހޯދޭނެ އަދަދު ވަނީ މަހްދޫދު ކުރެވިފައިކަމަށާއި، އަދި އިޤްތިޞާދީ އަދި ސިޔާސީ މަންފާއެއް ހޯދުމުގެ ނިޔަތުގައި އެއްވެސް ފަރާތަކުން ދޭ އެހީއެއް ހޯދުމަކީ މަނާކަމެއް ކަމަށާއި،
ސިންގަޕޫރުގެ ޕޮލިޓިކަލް ޑޮނޭޝަން ލޯ އާއި ޕޮލިޓިކަލް ޑޮނޭޝަން ޤަވާޢިދުގެ މައިގަނޑު މަޤްޞަދުގައި ބަޔާންކޮށްފައިވަނީ ބޭރުގެ ފަރާތްތަކުން ސިޔާސީ ކެންޑިޑޭޓުންނަށާއި ސިޔާސީ ޕާޓީތަކަށް ޚަރަދުކޮށް ޤައުމުގެ ދާޚިލީ ސިޔާސީ ކަންކަމުގެ ތެރެއަށް ވަނުމުގެ ފުރުޞަތު ނުދިނުމުގެ ގޮތުން ކަމަށާއި،
އިންޑިއާގެ 2011 ވަނަ އަހަރުގެ ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ 10 ވަނަ މާއްދާގެ (3) ގައިވާގޮތުން ބޭރު ޤައުމެއްގެ ފަރުދެއް، އިދާރާއެއް، ސިޔާސީ ފައުންޑޭޝަނެއް، ޖަމާޢަތެއް ނުވަތަ ބޭރުގެ ޤައުމަކުންވިޔަސް ނުވަތަ އިންޑިއާގެ ސަރަޙައްދުން ބޭރު އެއްވެސް ފަރާތެއްގެ ކިބައިން އެއްވެސް ކަހަލަ އެހީއެއް ނުހޯދޭނެކަމަށް ބަޔާންކޮށްފައިވާކަމަށާއި، އަދި އެ ޤާނޫނުގެ މާއްދާއަކާ ޚިލާފުވާ ޕާޓީތަކާމެދު ފިޔަވަޅު އެޅުމުގެ ބާރު ރަޖިސްޓްރާރއަށް ލިބިގެން ވާކަމަށާއި، އެގޮތުން އެފަދަ މާއްދާއަކާ ޚިލާފުވާ ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރޭޝަން ބާޠިލުކުރުމުގެ ބާރުވެސް ރަޖިސްޓްރާރަށް ލިބިގެންވާ ކަމަށާއި،
ޕާކިސްތާނުގެ 2002 ވަނަ އަހަރުގެ ޕާކިސްތާނުގެ ޕޮލިޓިކަލް ޕާޓީގެ ޤާނޫނުގެ 6 ވަނަ މާއްދާގެ 3 ގެ ދަށުން ބޭރުގެ އެއްވެސް ފަރާތެއް ނުވަތަ ބޭރު ޤައުމަކުން ދޭ ފައިސާގެ ނުވަތަ އެހެންވެސް އެހީއެއް ސިޔާސީ ޕާޓީއަކުން ސީދާގޮތުންވެސް އަދި ނުސީދާ ގޮތުންވެސް ޤަބޫލުކުރުމަކީ މަނާކަމެއް ކަމަށާއި، އަދި މި މާއްދާގެ ދަށުން މަނާކުރެވިފައިވާ މިފަދަ އެހީއެއް ސިޔާސީ ޕާޓީއަކުން ލިބިގެންފިނަމަ އެފަދަ ފައިސާއެއް ދައުލަތަށް ނެގޭނެ ކަމުގައިވެސް ބަޔާންކުރާ ކަމަށާއި،
(ނ) އިސްވެ ބަޔާންކުރެވުނު އުސޫލު، 2005 ވަނަ އަހަރު ތަޢާރަފުކުރި ސިޔާސީ ޕާޓީގެ ޤަވާޢިދުގެ 25 ވަނަ މާއްދާގެ ދަށުން ވަނީ ވަރަށް ރަނގަޅަށް ހިމާޔަތްކުރެވިފައި ކަމަށާއި، އެގޮތުން ބިދޭސީން، ބިދޭސީ ސަރުކާރު، ޖަމާޢަތްތައް، އިދާރާތައް އަދި ބިދޭސީން އެހީގެ ގޮތުގައި ދޭ އެއްވެސް ފައިސާއެއް އަދި ބައިނަލްއަޤުވާމީ ޖަމާޢަތަކުންދޭ އެހީއާއި ތަކެތި، ނަން ހާމަކުރަން ބޭނުންނުވާ ފަރާތްތަކުން ދޭ ހަދިޔާއާއި ފައިސާ ލިބިގަތުން މަނާކޮށްފައިވާކަމަށާއި، އެހެންނަމަވެސް، މި އުސޫލުވަނީ ސިޔާސީ ޕާޓީގެ ޤާނޫނު (ޤާނޫނު ނަންބަރު 2013/4) ގެ 37 ވަނަ މާއްދާގެ ދަށުން ދޫކޮށް އިލެކްޝަންސް ކޮމިޝަންގެ ހުއްދައާއެކު އެފަދަ ކޮންމެ ފަރާތަކުން ދޭ ފައިސާ ޤަބޫލުކުރެވޭ ގޮތަށް ކަމަށާއި، އެ ކޮމިޝަނަކީ ރައްޔިތުންގެ މަޖިލީހުން ޢައްޔަންކޮށް ވަކިކުރާ ކޮމިޝަނަކަށް ވުމުން މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ ސިޔާސީ ޕާޓީއެއްގެ ފިކުރާ ދެކޮޅަށް ގޮތްތައް ނިންމުމުގެ ފުރުޞަތު ހަނިވާ ކަމަށެވެ.
މައްސަލަ ހުށަހަޅާ ފަރާތުން އެދޭގޮތް
މި މައްސަލައިގައި ޢިމާދު ޞާލިޙްގެ ފަރާތުން އެދިފައިވަނީ،
(ހ) ސިޔާސީ ޕާޓީގެ ޤާނޫނު (ޤާނޫނު ނަންބަރު 2013/4) ގެ 8 ވަނަ މާއްދާއާއި 11 ވަނަ މާއްދާގެ (ހ) އާއި (ރ) އާއި 12 ވަނަ މާއްދާގެ (ށ) އާއި 27 ވަނަ މާއްދާގެ (ނ) އާއި 35 ވަނަ މާއްދާގެ (ށ) އާއި 36 ވަނަ މާއްދާއާއި 37 ވަނަ މާއްދާއަށް ޢަމަލުކުރުން ހުއްޓާލުމަށް ދައުލަތުގެ މުއައްސަސާތަކުގެ މައްޗަށް އަމުރުކޮށްދިނުމަށާއި،
(ށ) ސިޔާސީ ޕާޓީގެ ޤާނޫނު (ޤާނޫނު ނަންބަރު 2013/4) ގައި ސިޔާސީ ކޮންމެ ޕާޓީއެއްގައި 10,000 (ދިހަހާސް) މެންބަރުން ތިބުން ލާޒިމުކުރާ މާއްދާއާއި، 10,000 (ދިހަހާސް) މެންބަރުން ހަމަނުވާ ކޮންމެ ޕާޓީއެއް އުވިގެންދާގޮތަށް ކަނޑައަޅާފައިވާ މާއްދާތަކަކީ ޤާނޫނުއަސާސީގެ 30 ވަނަ މާއްދާގެ ދަށުން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުން ފަރުދުން މަޙްރޫމުވާގޮތަށް ކަނޑައަޅުއްވާފައިވާ މާއްދާއެއްކަމަށް ކަނޑައަޅައި އެ މާއްދާތައް ބާޠިލުކޮށްދިނުމަށާއި،
(ނ) ސިޔާސީ ޕާޓީގެ ޤާނޫނު (ޤާނޫނު ނަންބަރު 2013/4) ގެ 36 ވަނަ މާއްދާގައި 20,000 (ވިހިހާސް) މެންބަރުން ހަމަވާ ކޮންމެ ޕާޓީއަކަށް ބިމެއް ދޫކުރުން މާލޭ ސިޓީ ކައުންސިލަށް ލާޒިމުވާގޮތަށް ބައްޓަންކޮށްފައިވާ މާއްދާއަކީ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާގައި ކަށަވަރުކޮށްދީފައިވާ ހަމަހަމަކަމުގެ ޙައްޤުން ރައްޔިތުން މަޙްރޫމުވާގޮތަށް ބަޔާންކޮށްފައިވާ މާއްދާއެއްކަމަށް ކަނޑައަޅައި އެ މާއްދާ ބާޠިލުކޮށްދިނުމަށާއި،
(ރ) ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 37 ވަނަ މާއްދާއަކީ ދިވެހިރާއްޖޭގެ މިނިވަންކަމަށާއި އިސްތިޤްލާލަށް ހުރަސްއެޅޭގޮތަށް ފަރުމާކުރެވިފައިވާ މާއްދާއެއްކަމަށް ކަނޑައަޅައި އެ މާއްދާ ބާޠިލުކޮށްދިނުމަށާއި،
(ބ) ސިޔާސީ ޕާޓީއެއް ރަޖިސްޓަރީ ކުރުމަށްޓަކައި ވަކި އިޖުރާއަތެއް ލާޒިމުކުރިނަމަވެސް އެ އިޖުރާއަތެއް ފުރިހަމަކުރުމާއި ނުކުރުމަކީ އިޚްތިޔާރީ ކަމެއްކަމަށާއި، އަދި ސިޔާސީ ޕާޓީތައް ހަދާ، ހިންގައި، ސިޔާސީ ޙަރަކާތްތަކުގައި ފަރުދީގޮތުންނާއި، ޖުމްލަވީގޮތުން އަދި އޮރގަނައިޒްޑްކޮށް ޙަރަކާތްތެރިވުމަށްޓަކައި ސިޔާސީ ޕާޓީއެއް ރަޖިސްޓަރީކުރުމާއި ނުކުރުމަކީވެސް އިޚްތިޔާރީ ކަމެއްކަމަށް ކަނޑައަޅައިދިނުމަށާއި،
(ޅ) ސިޔާސީ ޕާޓީއެއް ހޯދާ ކާމިޔާބީ ވަޒަންކުރުމުގައި ސިޔާސީ ޕާޓީއެއްގެ ދަފުތަރުގައި ރަޖިސްޓަރީ ކުރެވިފައިވާ މެންބަރުންގެ ޢަދަދަށް ބެލުން އެ ޤާނޫނުގެ 10 ވަނަ މާއްދާގެ (ނ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށް އެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ށ) ގެ ދަށުންނާއި އަދި އެ ޤާނޫނުގެ 36 ވަނަ މާއްދާގެ (ހ) ގެ ދަށުން މާލީ އަދި ބިމުގެ ތަނަވަސްކަން ފޯރުކޮށްދިނުމަކީ ޤާނޫނުއަސާސީގެ 30 ވަނަ މާއްދާގެ ދަށުން ލިބިދޭ ސިޔާސީ ޕާޓީ ހަދައި، ހިންގުމާއި، އަދި ސިޔާސީ ޙަރަކާތްތަކުގައި ބައިވެރިވުމުގެ ޙައްޤުގެ ބޭނުންކުރުމުގައި ޤާނޫނުއަސާސީގެ 20 ވަނަ މާއްދާގެ ދަށުން ލާޒިމުކުރާ މުސާވާތުގެ އުޞޫލާ ޚިލާފުކަމެއް ކަމަށް ކަނޑައަޅައިދިނުމަށާއި،
(ކ) ސިޔާސީ ޕާޓީއެއް ހޯދާ ކާމިޔާބީ ވަޒަންކުރުމުގައި އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެ ޕާޓީއަކުން ހޯދި ޖުމްލަ ވޯޓުގެ ޢަދަދަށާއި އަދި މަޖިލީހުގައި އެ ޕާޓީ ތަމްސީލުކުރާ މެންބަރުންނަށް ބަލަންޖެހޭނެކަމަށް އެ ޤާނޫނުގެ 10 ވަނަ މާއްދާގެ (ނ) ގެ (1) އަދި (2) ގައި ބަޔާންކުރުމަށް ފަހު އެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ށ) ގެ ދަށުންނާއި އެ ޤާނޫނުގެ 36 ވަނަ މާއްދާގެ (ހ) ގެ ދަށުން މާލީ އަދި ބިމުގެ ތަނަވަސްކަން ފޯރުކޮށްދިނުމުގައި ހަމައެކަނި ޕާޓީއެއްގެ ދަފުތަރުގައި ރަޖިސްޓަރީ ކުރެވިފައިވާ މެންބަރުންނަށް ރިޢާޔަތްކުރުމާއި އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ފިޔަވާ ޤާނޫނުއަސާސީއާއި ޤާނޫނުގައި ބަޔާންވެގެންވާ އެހެނިހެން އިންތިޚާބުތަކުގައި ހޯދާ ކާމިޔާބީއާއި ގޮނޑިތަކަށް ރިޢާޔަތް ނުކުރުމަކީ އަދި އެ އުޞޫލުން މާލީ އަދި އެހެނިހެން ވަޞީލަތްތައް ނުދިނުމަކީ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާގެ ދަށުން ލާޒިމުކުރާ މުސާވާތުގެ އުޞޫލާ ޚިލާފުކަމެއް ކަމަށް ކަނޑައަޅައި ދިނުމަށެވެ.
ވަގުތީ އަމުރު
ސުޕްރީމް ކޯޓުން މި މައްސަލައިގައި ގޮތެއް ކަނޑައަޅަންދެން، ސިޔާސީ ޕާޓީގެ ޤާނޫނު (ޤާނޫނު ނަންބަރު 2013/4) ގެ 8 ވަނަ މާއްދާއާއި 11 ވަނަ މާއްދާގެ (ހ) އާއި (ރ) އާއި 12 ވަނަ މާއްދާގެ (ށ) އާއި 27 ވަނަ މާއްދާގެ (ނ) އާއި 35 ވަނަ މާއްދާގެ (ށ) އާއި 36 ވަނަ މާއްދާއާއި 37 ވަނަ މާއްދާއަށް ޢަމަލު ނުކުރުމަށް ދައުލަތުގެ އެންމެހައި ފަރާތްތަކަށް އަންގައި ވަގުތީ އަމުރެއް ނެރެދިނުމަށް ޢިމާދު ޞާލިޙްގެ ފަރާތުން އެދިފައިވީނަމަވެސް، މި މައްސަލައިގައި އެފަދަ އަމުރެއް ސުޕްރީމް ކޯޓުން ނެރެދީފައެއް ނުވެއެވެ.
މައްސަލައިގެ ރައްދުގައި ސުޕްރީމް ކޯޓުގެ ޝަރީޢަތުގައި ދައުލަތުގެ ފަރާތުން ފާހަގަކުރި ކަންތައްތައް
ޢިމާދު ޞާލިޙްގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައިގެ ރައްދުގައި ދައުލަތުގެ ފަރާތުން ޖުމްލަގޮތެއްގައި ބުނެފައިވަނީ، ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ ބައެއް މާއްދާތައް ޤާނޫނުއަސާސީއާ ފުށުއަރާކަމަށް ދައުލަތުގެ ފަރާތުން ދެކޭކަމަށާއި އެ މާއްދާތައް ބާޠިލުކޮށްދިނުމަށް އެދި ދައުލަތުގެ ފަރާތުން މީގެކުރިން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވާނެކަމަށާއި، އެ މައްސަލައިގައިވެސް މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވާނީ ސިޔާސީ ޕާޓީގެ ޤާނޫނު (ޤާނޫނު ނަންބަރު 2013/4) ގެ ދަށުން ކަނޑައަޅާފައިއޮތް 10,000 (ދިހަހާސް) މީހުންގެ މެންބަރުން ހަމަކުރަންޖެހޭނެ ކަމަށް ބަޔާންކުރާ މާއްދާއާއި އަދި އޭގެއިތުރުން މި ޤާނޫނު ވުޖޫދަށް އައިއިރު ދިވެހިރާއްޖޭގައި އުފެދި ހިނގަމުންދިޔަ ސިޔާސީ ޕާޓީތައް އުވިގެން ދިޔައިރު އެ ޕާޓީތަކަށް އެއްވެސް ގޮތެއް ކަނޑައެޅިފައި ނުވާތީ އެކަންކަމަށް ޙައްލެއް ހޯދުމަށް ކަމަށާއި، އަދި އޭގެއިތުރުން މިހާރު ހިނގަމުންދާ ސިޔާސީ ޕާޓީތައް އުވިގެންދާނެކަމަށް ސިޔާސީ ޕާޓީ ޤާނޫނު (ޤާނޫނު ނަންބަރު 2013/4) ގައި ކަނޑައަޅާފައިވާ މާއްދާތަކަކީ ޙަޤީޤަތުގައިވެސް ޤާނޫނުއަސާސީން ލިބިދޭ ޙައްޤުތަކަށް ކޮންމެވެސް ވަރެއްގެ އުނިކަމެއް ނުވަތަ ފުށުއެރުންތަކެއް ހުރި މާއްދާތަކެއް ކަމަށެވެ.
ޢިމާދު ޞާލިޙްގެ ފަރާތުން ހުށަހަޅުއްވާފައިވާ ސިޔާސީ ޕާޓީގެ ޤާނޫނު (ޤާނޫނު ނަންބަރު 2013/4) ގެ 35 ވަނަ މާއްދާއާއި 36 ވަނަ މާއްދާގައި ބަޔާންކުރާ ކަންތައްތަކަކީ ހަމަހަމަކަމުގެ އުސޫލަށް ބަލާއިރު ޤާނޫނުއަސާސީގެ 20 ވަނަ މާއްދާއާ ޚިލާފު އަދި އެ މާއްދާއިން ކަށަވަރުކޮށްދީފައިވާ ހަމަހަމަކަމާގުޅޭ ކަމެއް ކަމުގައި ނުދެކޭ ކަމަށެވެ.
އަދި މީގެއިތުރުން، ސިޔާސީ ޕާޓީގެ ބިލް އެންމެ ފުރަތަމަ ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާ ގުޅިގެން މި ބިލް ތަޞްދީޤުކުރުމަށްޓަކައި ބަންޑާރަނައިބުގެ ލަފަޔަށް އެދުމާގުޅިގެން ބަންޑާރަނައިބުގެ އޮފީހުން ރައީސުލްޖުމްހޫރިއްޔާއަށް އެރުވި ލަފާގައި، ސިޔާސީ ޕާޓީގެ ބިލްގެ ޤާނޫނުގެ 8 ވަނަ މާއްދާއާއި އަދި 11 ވަނަ މާއްދާ އަދި 29 ވަނަ މާއްދާއަށް ބަލާއިރު މި ދިހަހާސް މީހުން ހަމަކުރަންޖެހޭނެކަމަށް އޮތްއޮތުމަކީ ޤާނޫނުއަސާސީގެ 30 ވަނަ މާއްދާއިން އެ ލިބިދޭ ޙައްޤު އުނިވެދާނެ ކަމެއްކަމަށާއި އަދި އޭގެ އިތުރުން ޤާނޫނުގެ 35 ވަނަ މާއްދާގެ ދަށުން ބައެއް ސިޔާސީ ޕާޓީތަކަށް ފައިސާ ލިބެންޖެހޭނެކަމަށް ކަނޑައަޅައިފައިވާއިރު 35 ވަނަ މާއްދާއާ އެ ޤާނޫނުގެ އެހެން ބައެއް މާއްދާތަކާ ފުށުއަރާ ކަމަށާއި، އަދި އޭގެއިތުރަށް ސިޔާސީ ޕާޓީގެ ޤާނޫނުގެ 32 ވަނަ މާއްދާގެ ދަށުން ދަރަނިތަކާ ބެހޭގޮތުން ޢަމަލުކުރެވެން ޖެހޭނެގޮތެއް އެ ޤާނޫނުގައި ބަޔާންކޮށްފައިވާއިރު އެކަމުގައި ހުރި ބައެއް ކަހަލަ މައްސަލަތަކާއި އަދި އޭގެއިތުރުން އެ ޤާނޫނުގެ 36 ވަނަ މާއްދާގެ ދަށުން ބިން ދޭންޖެހޭނެ ކަމަށް ކަނޑައަޅާފައިވާއިރު ދިވެހިރާއްޖޭގައި ޢަމަލުކުރަމުންދާ ޤާނޫނީ އޮނިގަނޑަށް ބަލާއިރު އެކަން ނުކުރެވޭނެ ކަމަށާއި، އެހެންނަމަވެސް 36 ވަނަ މާއްދާގެ (ހ) ގައި އޮތް ވާހަކަތަކަކީ ޤާނޫނުއަސާސީއާ ޚިލާފު ކަމެއްކަމަށް ނުދެކޭކަމަށާއި، ސިޔާސީ ޕާޓީތަކަކީ އޭރު ޢަމަލުކުރަމުންދިޔަ ސިޔާސީ ޕާޓީގެ ޤަވާޢިދާ އެއްގޮތަށް އުފެދިގެން ހިނގަމުންއައި ސިޔާސީ ޕާޓީތަކެއް ކަމަށާއި، އެއިން އެއްވެސް ޕާޓީއެއްގެ އިހުމާލެއްނެތި ހަމަ ކުއްލިއަކަށް ހުރިހާ ސިޔާސީ ޕާޓީތަކެއް އުވިގެން ދިޔައިރު އެކަމަށް އެއްވެސް ޙައްލެއް މި ޤާނޫނުން ލިބިދީފައިނުވާކަމަށާއި، މިއީ ދުނިޔޭގެ އެހެން ދީމިޤްރާޠީ ޤާނޫނީ އޮނިގަނޑުތަކަށް ބަލާއިރު ސިޔާސީ ޕާޓީތައް އުވާލެވޭ ޙާލަތެއް ނޫންކަމަށާއި، ސިޔާސީ ޕާޓީގެ ޤާނޫނު (ޤާނޫނު ނަންބަރު 2013/4) ގެ 37 ވަނަ މާއްދާ މިހާރު ލިޔެފައިވާގޮތުން ދައުލަތުގެ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ.
މި މައްސަލައިގައި މިފަހުން ބޭއްވުނު ޝަރީޢަތުގެ މަޖިލިސްތަކުގައި، މި މައްސަލައިގައި ޚުޞޫމާތް އުފައްދާ މާއްދާތަކަށް ބަދަލު އައިސްފައިވާއިރު އެ މާއްދާތަކުގެ ސަބަބުން މައްސަލަ ހުށަހަޅާ ފަރާތުގެ ޤާނޫނީ ސަބަބުތައް އެގޮތުގައި ހުރިކަމަށް ބެލެވެން ނެތަތީވެ މި މައްސަލަ އަކީ މިހާރު އިތުރަށް ކުރިއަށް ގެންގޮސް ގޮތެއް ކަނޑައަޅަންޖެހޭ މައްސަލައެއް ނޫން ކަމަށްބުނެ، ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އިޖުރާއީ އިޢުތިރާޟެއް ހުށަހަޅައި އެކަމާގުޅޭގޮތުން ވާހަކަ ދައްކާފައިވެއެވެ.
ސުޕްރީމް ކޯޓު ކުރިމަތީގައި އޮތް ސުވާލު
މި މައްސަލައިގައި ސުޕްރީމް ކޯޓު ކުރިމަތީގައި އޮތް ސުވާލަކީ ސިޔާސީ ޕާޓީގެ ޤާނޫނު (ޤާނޫނު ނަންބަރު 2013/4) ގެ 8 ވަނަ މާއްދާ (ސިޔާސީ ޕާޓީ އުފެއްދުމާއި ހިންގުން) އާއި؛ 10 ވަނަ މާއްދާ (ހަމަހަމަކަމާއެކު މުއާމަލާތު ކުރުން) ގެ (ނ) އާއި؛ 11 ވަނަ މާއްދާ (ސިޔާސީ ޕާޓީ އުފެއްދުން) ގެ (ހ) އަދި (ރ) އާއި؛ 12 ވަނަ މާއްދާ (ސިޔާސީ ޕާޓީ އުފެއްދުމަށް ބާއްވާ ބައްދަލުވުން) ގެ (ށ) އާއި، 27 ވަނަ މާއްދާ (ޕާޓީގެ މެންބަރުންގެ ރަޖިސްޓްރީ) ގެ (ނ) އާއި؛ 35 ވަނަ މާއްދާ (ދައުލަތުގެ ބަޖެޓުން ދޭ ފައިސާ ބަހާނެ ގޮތް) ގެ (ހ) އަދި (ށ) އާއި؛ 36 ވަނަ މާއްދާ (ޕާޓީތަކަށް ބިން ދޫކުރުން) އާއި؛ 37 ވަނަ މާއްދާ (ވަކި ފަރާތްތަކުން ދޭ ފައިސާ ޤަބޫލުކުރުމުގެ ކުރިން ހުއްދަ ހޯދުން) މި މާއްދާތަކަކީ، ޢިމާދު ޞާލިޙްގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކަށް ރިޢާޔަތްކޮށް، ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ މާއްދާތަކެއްތޯ ބެލުމުގެ ސުވާލެވެ.
ސިޔާސީ ޕާޓީގެ ޤާނޫނު (ޤާނޫނު ނަންބަރު 2013/4) އަށް ޢަމަލުކުރަން ފަށާއިރު، އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީ ކުރެވިފައިވާ ޕާޓީތަކުގެ ތެރެއިން 10،000 (ދިހަހާސް) މެންބަރުން ހަމަވާ ޕާޓީތަކަކީ އެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ޕާޓީތަކެއްކަމަށް ބެލޭނެކަމަށް، އެ ޤާނޫނުގެ 8 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވުމުން، އެ ޤާނޫނަށް ޢަމަލުކުރަން ފަށާއިރު، ޤާނޫނީގޮތުން ރަޖިސްޓްރީ ކުރެވިފައިވާ ޕާޓީތަކުގެ ތެރެއިން ބުނެވިދިޔަ މާއްދާގައި ބުނެފައިވާ ޢަދަދަށް މެންބަރުން ހަމަނުވާ އެންމެހައި ޕާޓީތަކަށް ވާނޭގޮތެއް އެ ޤާނޫނުގައި ބުނެފައިނުވާތީއާއި، އެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެދި ހުށަހަޅާ ފަރާތުން އެ ޕާޓީއެއްގެ މެންބަރަކަށް ވުމަށްއެދިފައިވާ މަދުވެގެން 10،000 (ދިހަހާސް) މީހުންގެ ސޮއި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންވާނެކަމަށް ބުނެފައިވާތީއާއި، އެ ޤާނޫނަށް ޢަމަލުކުރަން ފަށާއިރު މަދުވެގެން 10،000 (ދިހަހާސް) މެންބަރުން ހަމަނުވާ ޕާޓީތައް އުވިގެން ދާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާތީ، ސިޔާސީ ޕާޓީގެ ޤާނޫނަށް ޢަމަލުކުރަން ފަށާއިރު ޤާނޫނީގޮތުން ރަޖިސްޓްރީކޮށްގެން ރާއްޖޭގައި ހިންގަމުން އަންނަ އެއްވެސް ސިޔާސީ ޕާޓީއެއް އުވިގެން ނުދާނެކަމަށް ކަނޑައަޅައިދިނުމަށް އެދި 12 މާރިޗު 2013 ގައި ބަންޑާރަ ނައިބުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލުނު މި ކޯޓުގެ ނަންބަރު 2013/SC-C/11 ޤަޟިއްޔާގައި؛
ސިޔާސީ ޕާޓީ އުފައްދައި، ހިންގައި، ޕާޓީ ޙަރަކާތްތަކުގައި ބައިވެރިވުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ހ) އިން ކޮންމެ ރައްޔިތަކަށްމެ ކަށަވަރުކޮށްދީފައިވާ ޙައްޤު، މިނިވަން ދީމިޤްރާޠީ މުޖުތަމަޢުތަކުގައި ލިބިދެވޭ މިންވަރަށްވުރެ ބޮޑަށް، ސިޔާސީ ޕާޓީގެ ޤާނޫނުގެ 8 ވަނަ މާއްދާގެ (ށ) އާއި އެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) އިން ހަނިކުރެވިފައި އޮތްއޮތުން ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) އާ ޚިލާފުވާކަމަށްޓަކައި ބާޠިލުކަމަށް ކަނޑައެޅުމާއެކު،
އެ ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލުތަކާއި ހަމަތަކާ އެއްގޮތްވާގޮތުގެމަތީން ރައްޔިތުންގެ މަޖިލީހުން އެ ޤާނޫނަށް އިޞްލާޙު ގެނެސް ޢަމަލުކުރަން ފެށެންދެން، ސިޔާސީ ޕާޓީގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެކުރިން ސިޔާސީ ޕާޓީ އުފެއްދުމަށް އެދި ހުށަހަޅާ ފަރާތުން އެ ޕާޓީއެއްގެ މެންބަރަކަށްވުމަށް އެދިފައިވާ މަދުވެގެން 3,000 (ތިންހާސް) މީހުންގެ ސޮއި ހޯދައި، އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް އޮތް އޮތުން ބާޠިލުނުވެ ދެމިއޮންނާނެކަމަށް، 01 ސެޕްޓެންބަރު 2013 ގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވެއެވެ.
އަދި ޢިމާދު ޞާލިޙްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައި މިވާ މައްސަލަ މި ކޯޓަށް ހުށަހެޅި މި ކޯޓުގައި ހިނގަމުންދަނިކޮށް ސިޔާސީ ޕާޓީގެ ޤާނޫނު (ޤާނޫނު ނަންބަރު 2013/4) އަށް އެކި ފަހަރުމަތިން ގެނެވުނު އިޞްލާޙުތަކުން، ޢިމާދު ޞާލިޙްގެ ފަރާތުން ބާޠިލުކޮށްދިނުމަށް އެދި މި ކޯޓަށް ހުށަހަޅާފައިވާ ބައެއް ކަންކަމަށް ބަދަލުތައް އައިސްފައިވާކަން އެނގެން އޮވެއެވެ.
އަދި މި މައްސަލައަށް ތަދައްޚުލުވި، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސްގެ ފަރާތުން މި މައްސަލައަށް އޭރު ތަދައްޚުލުވެފައިވަނީ އެ ޕާޓީގެ މަޞްލަޙަތުތައް ހިމާޔަތްކުރުމަށް ކަމަށާއި، އެހެންނަމަވެސް، މިހާރު އެކަމަށް ޙައްލު ލިބިފައިވާތީ މި މައްސަލައަށް ތަދައްޚުލުވުމަށް އެދި ހުށަހެޅި ފޯމު ބާޠިލުކޮށްދިނުމަށް އެދިފައިވެއެވެ.
މި މައްސަލައާގުޅިގެން، 17 މާރިޗު 2021 ގައި މި ކޯޓުގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި ޢިމާދު ޞާލިޙްގެ ފަރާތުން އެދިފައިވަނީ، ޢިމާދު ޞާލިޙްގެ ފަރާތުން މައްސަލަ ހުށަހެޅި ފޯމުގައި ފާހަކޮށްފައިވާ ކަންކަމަށް ރިޢާޔަތްކޮށް މި މައްސަލައާމެދު ގޮތެއް ކަނޑައަޅައި ދިނުމަށެވެ. އެހެންކަމުން، މި މައްސަލައިގައި ޢިމާދު ޞާލިޙުގެ ފަރާތުން ލިބިދިނުމަށް އެދުނު ފަރުވާ ލިބި ދިނުމާއި ނުދިނުމުގެ މައްޗަށް މި މައްސަލައިގައި މި ކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިން ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ފުރަތަމަވެސް މި މައްސަލަ ސުޕްރީމް ކޯޓަށް ބެލިދާނެތޯ ބަލައިލުން މުހިއްމު ކަމުގައި އަހުރެން ދެކެމެވެ.
ދުސްތޫރީ މައްސަލަ ބެލުމުގެ އިޚްތިޞާޞް
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 274 ވަނަ މާއްދާގެ (ހ) ގައި، "ދުސްތޫރީ މައްސަލަ" ކަމުގައި ބުނެފައި އެވަނީ، ޤާނޫނުއަސާސީ ގެ މާއްދާއެއް ނުވަތަ މާއްދާއެއްގެ ބައެއްވިޔަސް މާނަކުރާން ޖެހިއްޖެނަމަ އެކަމުގައި ގޮތެއް ކަނޑައެޅުމަށްޓަކައި ބެލޭ މައްސަލަތަކާއި، ޤާނޫނެއް ނުވަތަ ޤާނޫނެއްގެ ބައެއް ނުވަތަ ޤަވާޢިދެއް ނުވަތަ ޤަވާޢިދުން ބައެއް ނުވަތަ ދައުލަތުގެ އިދާރާއަކުން ނެރޭ އަމުރެއް ނުވަތަ އެއިން އިދާރާއެއްގެ މުވައްޒަފަކު ކުރާ ކަމެއް ނުވަތަ ނިންމައިފައިވާ ނިންމުމެއްވިޔަސް ޤާނޫނުއަސާސީ އާ ޚިލާފުވޭތޯ ބަލައި، އެކަމުގައި ގޮތެއް ނިންމާން ޖެހިއްޖެ ކޮންމެ މައްސަލައަކަށެވެ." މިފަދައިން ބަޔާންކޮށްފައިވެއެވެ.
ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު (ޤާނޫނު ނަންބަރު 2010/22) ގެ 11 ވަނަ މާއްދާގެ (ހ) ގައި ސުޕްރީމްކޯޓަށް އަސްލީ އިޚްތިޞާޞް ލިބިފައިވާ ދުސްތޫރީ މައްސަލަތައް ބަޔާންކޮށްފައިވެއެވެ. އެގޮތުން ބަޔާންކޮށްފައިވާ ބާވަތްތަކުގެ މައްސަލަތަކަކީ؛
އެ މައްސަލައަކީ ޤައުމު ދުސްތޫރީ ހުސްކަމަކަށް ހިނގައިދާނެ ނުވަތަ ދުސްތޫރީ ނިޒާމުން ބޭރުވެދާނެ ފަދަ ޤާނޫނީ ސަބަބުތަކެއް އެކުލެވިގެންވާ މައްސަލައަކަށްވުން؛ ނުވަތަ
އެ މައްސަލައަކީ ދައުލަތުގެ ދެ މުއައްސަސާއެއްގެ ދެމެދުގައި ނުވަތަ ދެބާރެއްގެ ދެމެދުގައި ޤާނޫނުއަސާސީ މާނަކުރުމާ ގުޅޭ ގޮތުން އުފެދޭ މައްސަލައަކަށްވުން؛ ނުވަތަ
އެ މައްސަލައަކީ ޤައުމުގެ ޢާންމު މަޞްލަޙަތާ ގުޅިފައިވާ ދުސްތޫރީ މައްސަލައަކަށްވުން؛ މިއެވެ.
ދުސްތޫރީ މައްސަލަތަކުގެ ތެރެއިން، ހައިކޯޓަށް އަޞްލީ އިޚްތިޞާޞް ލިބޭ މައްސަލަތައް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު (ޤަނޫނު ނަންބަރު 2022/10) ގެ 37 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން، ދުސްތޫރީ މައްސަލަތަކުގެ ތެރެއިން، ޤާނޫނުއަސާސީއާއި ކޯޓުތަކުގެ ޤާނޫނުގެ ދަށުން ސުޕްރީމް ކޯޓުން ބަލައިގަންނަ މައްސަލަތައް ފިޔަވައި، އަންނަނިވި މައްސަލަތަކަކީ ހައިކޯޓުން ފުރަތަމަ މަރުހަލާގައި ބެލުމުގެ އިޚްތިޞާޞް ލިބިދެވިފައިވާ މައްސަލަތަކެވެ؛
ޤާނޫނެއް ނުވަތަ ޤާނޫނެއްގެ ބައެއް ޤާނޫނުއަސާސީއާ ތައާރުޒުވާކަމަށް ބަޔާންކޮށް ހުށަހަޅާ މައްސަލަތައް؛ އަދި
ޤާނޫނަކުން ބާރު ލިބިގެން ހަދާފައިވާ ގަވާއިދެއް ނުވަތަ އެ ގަވާއިދެއްގެ ބައެއް ޤާނޫނުއަސާސީއާ ނުވަތަ ޤާނޫނަކާ ތައާރުޒުވާކަމަށް ބަޔާންކޮށް ހުށަހަޅާ މައްސަލަތައް.
އިމާދު ޞާލިޙުގެ ފަރާތުން ހުށަހެޅި މި މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަނެ ރަޖިސްޓްރީ ކުރެވިފައިވަނީ، 10 އެޕްރީލް 2013 ގައެވެ. މި މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަތުމުގެ ހުއްދަ ދިން ލިޔުމުގައި މި މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަތް ސަބަބެއްކަމަށް ބަޔާންކޮށްފައިވަނީ މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ ސުޕްރީމް ކޯޓުގެ ޤަވާޢިދާ އެއްގޮތަށް ކަމަށްވުމެވެ. އެހެންނަމަވެސް، މި މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަތުމުގެ ހުއްދަދިނީ ސުޕްރީމް ކޯޓުގެ ޤަވާޢިދުގެ ކޮން މާއްދާއަކާ ޙަވާލާދީ ކަން މައްސަލަ ހުށަހެޅުމުގެ ހުއްދަދޭ ލިޔުމުގައި ބަޔާންކޮށްފައެއް ނުވެއެވެ.
މިގޮތުން، މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުނުއިރު ޢަމަލުކުރަމުން ދިޔަ ސުޕްރީމް ކޯޓުގެ ޤަވާޢިދު (2009) ގެ 38 ވަނަ މާއްދާގެ (ށ) ގައި އަޞްލީ އިޚްތިޞާޞް ލިބިފައިވާ މައްސަލައެއްގެ ގޮތުގައި ދުސްތޫރީ މައްސަލަ ބަލައިގަތުމުގައި ރިޢާޔަތް ކުރާނެ ކަންކަން ބަޔާންކޮށްފައިވެއެވެ. އެއީ؛
އެ މައްސަލައަކީ ޤައުމު ޤާނޫނީ ހުސްކަމަކަށް ހިނގައިދާނެ ނުވަތަ ދުސްތޫރީ ނިޒާމުން ބޭރުވެދާނެ ފަދަ ދުސްތޫރީ ގޮތުން ބޮޑު މައްސަލައަކަށްވުން.
އެ މައްސަލައަކީ ޤައުމުގެ ޢާއްމު މަސްލަޙަތާއި ގުޅިފައިވާ ދުސްތޫރީ މައްސަލައަކަށްވުން؛ އެވެ.
މީގެ ކުރިން ފުރަތަމަ މަރުޙަލާގައި ދުސްތޫރީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވަނީ ކޮން ކޯޓަކަށްކަން މާބޮޑަށް ތަފްސީލުކޮށް ބަޔާންކޮށްދީފައިވާ ނިންމުމެއް ނެތެވެ. އެހެންނަމަވެސް، ސުޕްރީމް ކޯޓުގެ ޑރ މުޙައްމަދު ޖަމީލު އަޙްމަދު ވ. ރައްޔިތުންގެ މަޖިލިސް [2021] SC 72ޤަޟިއްޔާގައި ސުޕްރީމް ކޯޓުގައި ފުރަތަމަ މަރުޙަލާއިން ދުސްތޫރީ މައްސަލައެއް ބެލޭނީ ކޮން ޙާލަތެއްގައިކަން ވަރަށް ސާފުކޮށް ބަޔާންކޮށްދެއްވާފައިވެއެވެ. މިގޮތުން ޑރ މުޙައްމަދު ޖަމީލު ޤަޟިއްޔާގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ބަޔާންކުރައްވާފައިވަނީ؛
"ޤާނޫނުއަސާސީގައި ކަނޑައެޅިގެން ސުޕްރީމް ކޯޓުން ބަލަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ މައްސަލަތަކުގެ އިތުރުން، ސުޕްރީމް ކޯޓުގައި ފުރަތަމަ މަރުޙަލާއިން ދުސްތޫރީ މައްސަލައެއް ބަލާނީ ކޯޓުތަކުގެ ޤާނޫނުގެ 11 ވަނަ މާއްދާގައި ބަޔާންކުރާ 3 ހާލަތުގެ ތެރެއިން ހާލަތަކަށް ފެތޭ މައްސަލަތަކެވެ. އަދި ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއް ވިޔަސް، ނުވަތަ ގަވާއިދެއް ނުވަތަ ގަވާއިދަކުން ބައެއްވިޔަސް އެއީ ކޯޓުތަކުގެ ޤާނޫނުގެ 11 ވަނަ މާއްދާގެ ދަށުން ބަޔާންކުރާ ހާލަތްތަކުން ކުރެ ހާލަތަކަށް ފެތޭ މައްސަލައެއްނަމަ، އެފަދަ މައްސަލަވެސް ފުރަތަމަ މަރުހަލާގައި ސުޕްރީމް ކޯޓަށް ބެލުމުގެ ފުރުޞަތު އެބައޮތެވެ. އެހެން ނޫންނަމަ، އެ ބާވަތުގެ މައްސަލަތަކުގައި ޢަމަލުކުރާ ޢާންމު އުޞޫލަކީ، އެފަދަ މައްސަލަތައް އެއީ ފުރަތަމަ މަރުޙަލާގައި ހައިކޯޓަށް ހުށަހެޅިގެންދާ މައްސަލަތަކަށްވުމެވެ. ސުޕްރީމް ކޯޓުން އެ މައްސަލަތަކަށް ގޮތެއް ކަނޑައެޅޭނީ ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރާ ހާލަތްތަކުގައެވެ."
މި މައްސަލައިގައި އިމާދު ޞާލިހުގެ ފަރާތުން ހުށަހެޅި ނުކުތާތަކާއި ހޯދުމަށް އެދުނު ފަރުވާތަކަށް ރިޢާޔަތްކުރާއިރު، މި މައްސަލައިގައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 11 ވަނަ މާއްދާގެ ދަށުން ސުޕްރީމް ކޯޓުގެ އަޞްލީ އިޚްތިޞާޞް ލިބިގެންވާ މައްސަލައެއްގެ ގޮތުގައި މި މައްސަލަ ސުޕްރީމް ކޯޓުން ކުރިއަށް ގެންދަންޖެހޭފަދަ ސަބަބެއް އިމާދު ޞާލިޙުގެ ފަރާތުން ހުށަހެޅިފައިވާ ކަމަކަށް އަހުރެން ނުދެކެމެވެ. އަދި އޭރު ޢަމަލުކުރެވުނު ސުޕްރީމް ކޯޓުގެ ޤަވާޢިދާ ޙަވާލާދީ މި މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަނެފައި ވީނަމަވެސް، ސުޕްރީމް ކޯޓުގެ ޤަވާޢިދު (2009) ގެ 38 ވަނަ މާއްދާގެ (ށ) އަށް ބެލުމުން، މި ބާވަތުގެ ދުސްތޫރީ މައްސަލަތައް ފުރަތަމަ މަރުޙާލާގައި ބެލުމުގެ އިޚްތިޞާޞް އެ ޤަވާޢިދުގެ ދަށުން ސުޕްރީމް ކޯޓަށް ލިބިގެން ވާކަމަކަށް އަހުރެން ނުދެކެމެވެ.
އެހެންކަމުން، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެމަތިންހުރުމާއެކު، ޢިމާދު ޞާލިޙްގެ ފަރާތުން ދަޢުވާ ބިނާކުރި އަސާސްތަކުގެ މައްޗަށް ބިނާކޮށް މި މައްސަލައަކީ ފުރަތަމަ މަރުޙަލާގައި މި ކޯޓުން ބަލައި ގޮތެއް ކަނޑައަޅަންޖެހޭ ބާވަތުގެ ދުސްތޫރީ މައްސަލައެއްކަމުގައި އަހުރެން ނުދެކެމެވެ.
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު
މި މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު
މި މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު
މި މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު
މި މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެމަތިންހުރުމާއެކު، ޢިމާދު ޞާލިޙްގެ ފަރާތުން ދަޢުވާ ބިނާކުރި އަސާސްތަކުގެ މައްޗަށް ބިނާކޮށް މި މައްސަލައަކީ ފުރަތަމަ މަރުޙަލާގައި މި ކޯޓުން ބަލައި ގޮތެއް ކަނޑައަޅަންޖެހޭ ބާވަތުގެ ދުސްތޫރީ މައްސަލައެއްނޫންކަމުގައި ކަނޑައަޅައި، ސުޕްރީމް ކޯޓުގެ މި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
އަޒްމިރާލްދާ ޒާހިރުއަޙްމަދު މުޢުތަޞިމް ޢަދުނާންޢާއިޝާ ޝުޖޫން މުޙައްމަދު(ރިޔާސަތު) މަޙާޒު ޢަލީ ޒާހިރުޢަލީ ރަޝީދު ޙުސައިން
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.