—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 39/SC-C/2013
ދަޢުވާކުރާ ފަރާތް: އަޙްމަދު ޒަނީން އާދަމް، ގ. މާލެހިޔާ 2، 01-14
ދަޢުވާ ލިބޭ ފަރާތް: އިލެކްޝަންސް ކޮމިޝަން
ތަދައްޚުލްވި ފަރާތް: ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ
މައްސަލައިގެ ބާވަތް: ދުސްތޫރީ މައްސަލަ
މައްސަލަ އައިގޮތް: ދުސްތޫރީ މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދޭ ފޯމުން
ހުށަހެޅުނު ތާރީޚް: 22 އޮގަސްޓު 2013
ރަޖިސްޓަރީ ކުރެވުނު ތާރީޚް: 27 އޮގަސްޓު 2013
ނިމުނު ތާރީޚް: 02 ސެޕްޓެންބަރު 2013
މައްސަލަ ނިންމި ގަޑި: 15:16
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: އުއްތަމަފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން، ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން.
މައްސަލައިގެ ޚުލާޞާ
މިއީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ހ) ގައި އިންތިޚާބުތަކުގައްޔާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތަކުގައި ވޯޓު ދިނުމުގެ ޙައްޤު ޢުމުރުން 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާކަމަށް ސާފު ބަހުން ބުނެފައިވުމުން، މި ޙައްޤަކީ ވޯޓު ދިނުމުގެ ޝަރުޠު ފުރިހަމަވާ ކޮންމެ މީހަކަށްމެ ލިބިދީފައިވާ އަސާސީ ޙައްޤެއްކަން ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާކަން އެނގޭއިރު، ކުރިއަށް އޮތް ރިޔާސީ އިންތިޚާބާއި ގުޅިގެން ވޯޓުލާ މީހުންގެ ވޯޓު ރަޖިސްޓަރީ ކުރުމުގައި ސުވާލު އުފެދޭ ގޮތަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ޢަމަލުކުރަމުން އަންނާތީ، ވޯޓުލުމުގެ ޙައްޤު ގެއްލިގެން ހިނގައިދާނެކަމުގެ ބިރުވެރިކަން އުފެދިފައިވާތީ، އިލެކްޝަންސް ކޮމިޝަންގެ އައިޓީ ނިޒާމަކީ އިތުބާރުކުރެވޭ ނިޒާމެއްކަން ނުވަތަ ނޫންކަން ކަށަވަރު ކުރުމަށްޓަކައި، މިނިވަން މުސްތަޤިއްލު އައިޓީ އޮޑިޓަރެއް މެދުވެރިވެ އެތަނުގެ އައިޓީ ނިޒާމް އޮޑިޓުކޮށް ދިނުމުގެ އިތުރުން ވޯޓު ރެޖިސްޓަރޭޝަންގެ ކަންތައްތައް ކުރިޔަށް ގެންދަވާފައިވަނީ ވަކިފަރާތަކަށް ބުރަވުމެއްނެތި އިންޞާފުވެރިކަމާއެކުތޯ ބަލައި ކަށަވަރުކޮށް ދިނުމަށާއި، ވޯޓާ ރަޖިސްޓްރޭޝަންއާއި ގުޅިގެން އިލެކްޝަންގެ މުޅި ނަތީޖާއަށް ނޭދެވޭ އަސަރުތައް ކޮށްފާނެކަމުގެ ޝައްކު އުފެދޭ މިންވަރަށް އިލެކްޝަންސް ކޮމިޝަނަށް ގިނަ ޢަދަދެއްގެ ފޯމުތަކެއް ހުށަހަޅާފައިވާ ކަމުގެ މަޢުލޫމާތު ލިބިފައިވާތީ އެއީ ޙަޤީޤަތުގައި ވެސް އެ ފޯމުތަކުގައި ބުނެފައިވާ ފަރާތްތަކުން ބުނެފައިވާ ތަންތާނގައި ވޯޓުލާން ޙާޟިރުވެ ތިބި ކަމާމެދު ސުވާލު އުފެދޭ ކަންތައްތަކެއް ހުރުމާއެކު އެކަންކަން ކަށަވަރު ކުރުމަށާއި، 2013 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 07 ވަނަ ދުވަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި މިފަދަ ބޭއިންޞާފު ޣައިރު ޤާނޫނީ އެއްވެސް ކަމަކަށް ފުރުޞަތު ނުދިނުމަށްޓަކައި އަދި އެ އިންތިޚާބުގެ އިންޞާފުވެރި ކަމާއި ޞައްޙަކަން ފާޅުކަންބޮޑު ގޮތެއްގައި ކަށަވަރު ކުރުމަށްޓަކައި، މުޅި ރާއްޖޭގެ ހުރިހާ ދާއިރާތަކަށް ވޯޓުލާ މީހުންގެ ރަޖިސްޓަރީގެ އަޞްލާ އެއްގޮތް ކޮޕީއެއް ހުރިހާ ރިޔާސީ ކެންޑިޑޭޓުންގެ މަންދޫބުންނަށް ލިބި، އެ ލިސްޓުގެ ޞައްޙަކަން ޔަޤީން ކުރުމަށްފަހު އޭގައި އެފަރާތްތަކުގެ ސޮޔާއި، ސީލް ހިމެނޭގޮތަށް އިލެކްޝަންސް ކޮމިޝަނާއި ޙަވާލުކުރުމުން ކޮންމެ ދާއިރާއެއްގައިވެސް ވޯޓުލާ މީހުންގެ ލިސްޓުގެ ގޮތުގައި އޮންނަ ރަސްމީ ލިޔުމަކީ ހަމައެކަނި މި ދެންނެވި ގޮތުގެ މަތިން ކެންޑިޑޭޓުންގެ މަންދޫބުން ސޮއިކޮށް ސީލްޖަހައި، ސައްޙަކަން ކަށަވަރުކޮށްފައިވާ ލިސްޓަށް ހެދުމަށާއި، އެނޫން އެއްވެސް ލިސްޓެއްގެ މައްޗަށް ޢަމަލު ނުކުރާކަން އޮބްޒާވަރުން މެދުވެރިކޮށް ކަށަވަރުކުރެވޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށާއި، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގެ ނަތީޖާއަށް ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ނުފޫޒު ފޯރުވުމަށްޓަކައި، އެއްވެސް ފަރާތަކުން އެއްވެސް ޢަމަލެއް ހިންގިޔަ ނުދިނުމަށާ، އަދި އެފަދަ ކަމެއް ހިނގާފައިވާކަން ނުވަތަ ނޫންކަން ކަށަވަރުކުރުމުގެ މަސްއޫލިއްޔަތަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 236 ވަނަ މާއްދާއާއި 237 ވަނަ މާއްދާގެ ދަށުން ސަލާމަތީ ޚިދުމަތްތަކުގެ މަސްއޫލިއްޔަތެއް ކަމުގައިވާތީ މިދެންނެވި އެންމެހައި ކަންކަން ކުރުމުގެ އިންތިޒާމެއް ހަމަޖެހޭފަދަ ގޮތަކަށް ކަންކަން ކުރުމުގެ އަމުރެއް ނެރެދިނުމަށް އެދި، އަޙްމަދު ޒަނީން އާދަމް، (ގ. މާލެހިޔާ 2، 01-140) ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލިފައިވާ "ޢާންމު މަޞްލަޙަތުގެ ދަޢުވާ" (ޕަބްލިކް އިންޓަރެސްޓް ލިޓިގޭޝްން) ގެ މައްސަލައެކެވެ. މި މައްސަލާގައި ދަޢުވާ ލިބޭ ފަރާތަކީ އިލެކްޝަންސް ކޮމިޝަން އެވެ. އަދި ދަޢުވާލިބޭ ފަރާތާއެކު މި މައްސަލައަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއިން ވަނީ ތަދައްޚުލް ވެފައެވެ.
ފާހަގަ ކުރެވުނު ނުކުތާތައް
މި މައްސަލާގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި، ޤާނޫނުތަކަށާއި، ދަޢުވާކުރާ ފަރާތުންނާއި ދަޢުވާލިބޭ ފަރާތުންނާއި މައްސަލާގައި ތަދައްޚުލްވި ފަރާތުން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި ލިޔުންތަކަށާއި، ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މިބާވަތުގެ މައްސަލަތަކާ ގުޅޭ ޢާންމު ދުސްތޫރީ އަދި ޤާނޫނީ މަބްދައުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލައި ވިސްނިއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެ އެވެ.
ފުރަތަމަ ކަމަކީ، މި މައްސަލައަކީ 07 ސެޕްޓެންބަރު 2013 ގައި ބޭއްވުމަށް ހަމަޖެފައިވާ ރިޔާސީ އިންތިޚާބުގައި، ވޯޓު ދިނުމުގެ ޙައްޤުލިބިގެންވާ އެންމެހައި ރައްޔިތުންގެ ވޯޓް ރަޖިސްޓަރީ ތައްޔާރުކޮށް ބެލެހެއްޓުމުގައި އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ޢަމަލުކޮށްފައި ވާގޮތުން، ވޯޓު ދިނުމުގެ އަސާސީ ޙައްޤުން ގިނަ ޢަދަދެއްގެ ރައްޔިތުން މަޙުރޫމު ވެގެން ހިނގައްޖެނަމަ، ބުނެވިދިޔަ އިންތިޚާބަކީ މިނިވަން އަދި އިންޞާފުވެރި، ނޭދެވޭ ނުފޫޒުން އެއްކިބާވެގެންވާ އިންތިޚާބަކަށް ނުވުމުގެ ބިރު ޤާއިމުވެފައިވާތީ، އޭގެ ސަބަބުން މުޅި މުޖުތަމަޢުގެ ޢާންމު މަޞްލަޙަތާއި، އަމަން ޢާންމު ގެއްލިގެން ހިނގައިދާނެތީ، ބަޔާންވެދިޔަ ރިޔާސީ އިންތިޚާބަކީ މިނިވަން އަދި އިންޞާފުވެރި، އެއްވެސް ފަރާތެއްގެ ނޭދެވޭ ނުފޫޒުން އެއްކިބާވެފައިވާ އިންތިޚާބެއްކަން ކަށަވަރުކޮށް ދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައެއްކަން މި މައްސަލާގެ ދަޢުވާގެ ޞީޣާއިން އިސްތިޚުލާޞް ކުރެވެން އޮންނަ ހިނދު، އަދި ދައުލަތުގެ ދުސްތޫރީ ނިޒާމާ ގުޅިފައިވާ ޢާންމު އިންތިޚާބުތައް ފަދަ ކަމަކާ ގުޅިގެން އުފެދޭ، ދައުލަތް ދުސްތޫރީ ހުސްކަމަކަށް ހިނގައިދާނެކަމުގެ އިޙްތިމާލު ޤާއިމުވެގެންވާ ޢާންމު މަޞްލަޙަތާ ގުޅިފައިވާ މައްސަލަތައް ބަލައި ފައިޞަލާކުރުމަކީ އޭގެޒާތުގައި ޢަދުލު އިންޞާފު ޤާއިމުކުރުމުގެ އެންމެ އިސް ކޯޓުގެ ޙައިޘިއްޔަތުން ސުޕްރީމް ކޯޓަށް ލިބިގެންވާ ބެލެނިވެރިކަމުގެ އިޚުތިޞާޞާއި ވިރާސީ އިޚްތިޞާޞުގެ ދަށުން، އަދި ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ޅ) އާއި، އެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގެ (1)، އާއި (3) ގެ ދަށުން ސުޕްރީމް ކޯޓަށް ލިބިގެންވާ އިޚްތިޞާޞެއްކަން ސާފުކޮށް އެނގެން އޮންނައިރު، މި މައްސަލައަކީ އެއްވެސް ޙާލެއްގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގައިވާ މަޢުލޫމާތާއިމެދު ނުވަތަ އެ ރަޖިސްޓަރީއަށް ބަދަލުގެނައުމާއި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނަށް އުފުލާ ޝަކުވާއަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ނިންމާ ނިންމުމަކާމެދު ހިތްހަމަނުޖެހޭ ފަރާތަކުން ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 10 ވަނަ މާއްދާގެ (ރ) ގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅަންޖެހޭ ބާވަތުގެ މައްސަލައެއް ނޫންކަން އެނގެން އޮންނަކަމާއި އަދި ހަމައެފަދައިން މި މައްސަލައަކީ އިންތިޚާބެއް ހިނގަމުންދާއިރު، އެ އިންތިޚާބަކާއި ގުޅޭ އެއްވެސް ކަމަކާއި ގުޅިގެން ނުވަތަ ބުނެވިދިޔަ އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނާއި ނުވަތަ އެ ޤާނޫނުގެ ދަށުން ހަދާ ޤަވާޢިދާއި ނުވަތަ ވަކި ޚާއްޞަ އިންތިޚާބަކާބެހޭ ޚާއްޞަ ޤާނޫނާއި ނުވަތަ ޤަވާޢިދާ ޚިލާފަށް އެއްވެސް ފަރާތަކުން ކަމެއް ކުރުމާއިގުޅިގެން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅޭ ޝަކުވާއެއް އެ ކޮމިޝަނުން ނިންމާގޮތާއިމެދު ހިތްހަމަނުޖެހޭނަމަ ނުވަތަ އިންތިޚާބުގެ ނަތީޖާއާއިމެދު ހިތްހަމަނުޖެހޭނަމަ، އިސްވެދިޔަ އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު 64 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓަށް އެފަދަ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ދީފައިވާ ބާވަތުގެ އިންތިޚާބާބެހޭ ޝަކުވާގެ މައްސަލައެއްވެސް ނޫންކަން އެނގެން އޮންނައިރު، މި މައްސަލާގައި ދަޢުވާލިބޭ ފަރާތުންނާއި، އެ ފަރާތާއެކު ތަދައްޚުލްވި ފަރާތުން މި މައްސަލައަކީ ސުޕްރީމް ކޯޓުގެ އިޚްތިޞާޞުގެ ތެރޭގައި ނުހިމެނޭ މައްސަލައެއްކަމަށް ބުނެ އުފުލާފައިވާ އިޖުރާއީ ނުކުތާއަކީ، އެއްވެސް ޤާނޫނީ އަސާސެއްގެ މައްޗަށް ބިނާވެގެންވާ ނުކުތާއެއް ނޫންކަން އެނގެން އޮންނަކަމެވެ.
ދެވަނަ ކަމަކީ، 2013 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 07 ވަނަ ދުވަހު ދިވެހިރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ކަންތައްތައް އިންތިޒާމުކުރުމުގައި އިލެކްޝަންސް ކޮމިޝަނުން ޤަވާޢިދާ ޚިލާފަށް ކޮށްފައިވާ ކަންތައްތަކެއް ކަމަށް ބުނެ ދަޢުވާ ކުރާ ފަރާތުން ހުށަހަޅާފައިވާ ކަންތައްތަކުގެ ތެރޭގައި ތިމާ ރަށްވެހިވެފައިވާ ރަށް ނޫން ރަށްރަށުގައި ވޯޓުލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލިއިރު، އެކަމަށް ބޭނުންވާކަމަށް ބުނެ ގިނަ ޢަދަދެއްގެ ފޯމުތަކެއް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅިފައިވާކަމަށާއި، އަދި އިލެކްޝަންސް ކޮމިޝަނުން އެ ފޯމުތައް ބަލައިގަނެ ފޯމުތަކުގައިވާ ގޮތުގެމަތިން، ފޯމުތަކުގައިވާ ފަރާތްތަކުގެ ނަންތައް އެކިއެކި ދާއިރާތަކަށް ބަދަލުކޮށް ވޯޓުލާ މީހުންގެ ރަޖިސްޓަރީއަށް އުނިއިތުރު ގެނެސްފައިވަނީ އެ ފޯމުތަކުގެ ޞައްޙަކަމާމެދު ބަލައި ކަށަވަރުކުރަންޖެހޭ ބެލުންތައް ބަލައި ކަށަވަރުކުރުމަކާ ނުލާކަމަށާއި، އެގޮތަށް އެކަންކުރުމުގެ ސަބަބުން ގިނަ ޢަދަދެއްގެ ރައްޔިތުން އެމީހުން ވޯޓުލާންޖެހޭ ދާއިރާތަކަށް ވޯޓުލާން ދާއިރު އެ ފަރާތްތަކުގެ ނަންތައް އެ ދާއިރާގެ ލިސްޓުން ޤަވާޢިދާ ޚިލާފަށް އުނިކުރުމުގެ ސަބަބުން އެ ފަރާތްތަކުގެ އަސާސީ ޙައްޤަކުން މަޙުރޫމްވެގެންދާނެ ކަމަށާއި، އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ތައްޔާރުކޮށްފައިވާ ވޯޓުލާ މީހުންގެ ލިސްޓްގައި މަރުވެފައިވާ މީހުން ހިމެނިފައިވާއިރު، ނަންތައް ތަކުރާރުވެފައި ހުރުމާއި، ނުބައިކޮށް ނަންލިޔެފައި ހުރުމާއި، ނަމާއި އައިޑީ ކާޑު ނަންބަރާ ދިމާނުވުމާއި ނަމާއި އެޑްރެސް ދިމާނުވުން ފަދަ ކަންކަން ހިމެނިފައިވާއިރު، މިއިން ކޮންމެ ކަމަކީވެސް ވޯޓުލުމަށް ހުރަސްއެޅިގެންދާނެ ކަމެއްކަމަށާއި، މާލޭގައި ރަށްވެހިވެފައިވާ މީހުންގެ ތެރެއިން މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން 2009 އަކުން ފެށިގެން 2011 އާ ހަމައަށް އެ ދަފްތަރުގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ނަންތައް އިލެކްޝަންސް ކޮމިޝަނުގެ ޑޭޓާ ބޭސްގައި ހިމެނިފައިނުވާކަމަށާއި، މިގޮތަށް މިކަން މެދުވެރިވެފައިވަނީ ދިވެހިރާއްޖޭގެ ރައްޔިތުންގެ ތެރެއިން ވޯޓުލުމުގެ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ޞައްޙަކަން ބޮޑު ޑޭޓާބޭސްއެއް ތައްޔާރުކޮށް އޭގެ ޞައްޙަކަމާއި އޭގައި ގޯހެއްނެތްކަން ކަށަވަރުކުރުމަކާނުލައި، އިލެކްޝަންސް ކޮމިޝަނުގެ ޑޭޓާ ބޭސްގައި ހުރި މަޢުލޫމާތު އެއްކޮށް ފޮހެލުމަށްފަހު ޞައްޙަކަން ކަށަވަރުނުކުރެވޭ މަޢުލޫމާތުތަކެއް އެތަނުގެ ޑޭޓާ ބޭސްއަށް ލުމުގެ ސަބަބުންކަމަށް ވާއިރު، މިކަންކަމާ ގުޅިގެން ގެއްލިގެންދާ ދިވެހި ރައްޔިތުންގެ އަސާސީ ޙައްޤު ޙިމާޔަތްކުރުމަށާއި، 2013 ވަނަ އަހަރުގެ ސެޕްޓެންބަރ މަހުގެ 07 ވަނަ ދުވަހު ބޭއްވޭ އިންތިޚާބަކީ އަރާރުމެއް ތަޅާފޮޅުމެއް ކޮރަޕްޝަނެއްނެތް ނުރަނގަޅު ނުފޫޒުން އެއްކިބާވެފައިވާ އިންސާފުވެރި އިންތިޚާބަކަށް ހެދުން ކަށަވަރުކޮށްދޭ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމަށް މި މައްސަލާގައި ދަޢުވާހުށަހެޅި ފަރާތުން އެދިފައިވާކަން އެނގެން އޮންނަކަމެވެ.
ތިންވަނަ ކަމަކީ، އިންތިޚާބުތަކުގައްޔާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތަކުގައި، ބައިވެރިވެ ވޯޓު ދިނުމުގެ ޙައްޤަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ކަނޑައެޅި ބަޔާންވެފައިވާ ދިވެހިރައްޔިތުންގެ އަސާސީ ޙައްޤެއްކަން ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅައި ބަޔާންކުރުމަށްފަހު، "މި ބާބުގައި ބަޔާންކޮށްފައިވާ އެންމެހައި ހައްޤުތަކާއި މިނިވަންކަން އިސްލާމް ދީނުގެ އަޞްލަކާ ޚިލާފު ނުވާނޭ ގޮތުގެ މަތިން ކޮންމެ މީހަކަށްމެ ލިބިގެންވާކަން މިޤާނޫނުއަސާސީ ކަށަވަރުކޮށްދޭކަމަށް ޤާނޫނުއަސާސީގެ 16 ވަނަމާއްދާގެ (ހ) ގައި ސާފުބަހުން ބުނުމަށްފަހު، އަސާސީ ޙައްޤުގެ ތެރެއިން އެއްވެސް ޙައްޤެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ ޤާނޫނުއަސާސީއާ ޚިލާފު ނުވާނޭ ގޮތުގެ މަތިން އެކަމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ކަމަށާއި، އަދި އަސާސީ ޙައްޤެއްގެ އެއްވެސް މިންވަރެއް ޤާނޫނަކުންވެސް ހިފެހެއްޓޭނީ މިނިވަން ދީމިޤްރާޠީ މުޖްތަމަޢުތަކުގައި އެފަދަ ޙައްޤެއް ހިފެހެއްޓިދާނެކަމަށް ޤަބޫލުކުރެވޭ މިންވަރަކަށް ކަމަށް ޤާނޫނުއަސާސީގެ ބުނެވިދިޔަ މާއްދާގައި އެކަން އިތުރަށް ކަށަވަރުކޮށް ދީފައިވާކަން ފާހަގަ ކުރެވިފައިވާކަމެވެ.
ހަތަރުވަނަ ކަމަކީ، ޢާންމު އިންތިޚާބުތަކުގައްޔާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތަކުގައި ވޯޓުދިނުމުގެ ޙައްޤަކީ ޢުމުރުން 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ އަސާސީ ޙައްޤެއްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ހ) ގައި ސާފު ބަހުން ބަޔާންކޮށްފައިވާއިރު، ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ މި މަބްދައަކީ މިޒަމާނުގެ ދުސްތޫރީ ނިޒާމްތަކުގައި އިސްތިޤްރާރުވެފައިވާ "އަލްއިޤްތިރާޢުލް ޢާންމު" (الاقتراع العام( ނުވަތަ "ޔުނިވަރސަލް ސަފްރިޖް" (Universal Suffrage) ގެ މަބްދައުކަން އެނގެން އޮންނަކަމާއި، މި މަބްދައުގެ އެންމެ މުޙިއްމު އެއް ހައިޘިއްޔަތަކީ ވޯޓްދިނުމުގައި ހަމަހަމަކަން (equality) އޮތުމުގެ މަބްދައުކަމާ މިގޮތުން ވޯޓު ދިނުމުގެ ޝަރުޠު ހަމަވާ ކޮންމެ މީހަކަށް “One Man One Vote” ގެ އުޞޫލުގެ ދަށުން އެކަކަށް އެއް ވޯޓަށް ވުރެ ގިނައިން ވޯޓު ނުލެވޭގޮތަށް އޮތުމާއި، އެއް އިންތިޚާބީ ދާއިރާއަށްވުރެ ގިނަ އިންތިޚާބީ ދާއިރާގައި އެކަކަށް ވޯޓު ނުލެވޭގޮތަށް އޮތުމާއި، ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހާ ވޯޓު ދިނުމުގެ ޙައްޤުން މަޙްރޫމްނުވުން ގެރެންޓީ ކޮށްދޭ އަސާސީ އެއް އުޞޫލަކީ ވޯޓު ދިނުމުގެ ޙަޢްޤު ލިބިގެންވާ މީހުންގެ ލިސްޓްތައް ތަރްތީބުކޮށް ތަންޒީމްކޮށް ބެލެހެއްޓުމުގެ އުޞޫލުކަމާއި، ގިނަ ދީމިޤްރާޠީ ނިޒާމްތަކުގައި ވޯޓުދިނުމުގެ ޙައްޤުލިބިގެންވާ މީހުންގެ ލިސްޓްތައް ތަރުތީބުކޮށް އިންތިޒާމްކުރުމަކީ ދައުލަތުގެ ދުސްތޫރީ މަސްޢޫލިއްޔަތެއްކަން އެނގެން އޮންނައިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ޞަރީޙަ ނައްޞުގައި މި މަސްއޫލިއްޔަތު އިލެކްޝަންސް ކޮމިޝަނާ މަތިކޮށްފައިވާ ކަމާ، މިގޮތުން އިންތިޚާބުތަކާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތަކުގައި، ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ ތައްޔާރުކުރުމާއި، އެ ރަޖިސްޓަރީއަށް ގެންނަންޖެހޭ އުނިއިތުރު ގެނައުމާއި، ބެލެހެއްޓުމާއި، އިންތިޚާބުތަކާއި ރައްޔިތުންގެ ޚިޔާލުހޯދުމުގެ ޢާންމު ވޯޓު ނެގުމާ ބެހޭގޮތުން ހަމަޖައްސާންޖެހޭ އެންމެހައި އިންތިޒާމްތައް ހަމަޖެއްސުމަކީ އިލެކްޝަންސް ކޮމިޝަނުގެ މަސްއޫލިއްޔަތެއްކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 170 ވަނަ މާއްދާގެ (ށ) ގެ ޞަރީޙަ ނައްޞުގައި ބަޔާންކޮށްފައިވާއިރު، ވޯޓު ދިނުމުގެ ޙައްޤުލިބިގެންވާ މީހާގެ އަޞްލު އިންތިޚާބީ ދާއިރާ ނޫން އެހެންތަނެއްގައި ވޯޓުދިނުމަށް ރަޖިސްޓްރީކުރަންޖެހޭ ޙާލަތު ފިޔަވައި އެހެން ޙާލަތްތަކުގައި ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ލިސްޓްތައް ތަރުތީބުކޮށް އިންތިޒާމްކުރުމުގައި އިލެކްޝަންސް ކޮމިޝަނުގެ ދައުރު ވާންޖެހޭނީ އީޖާބީ (Positive) ދައުރަކަށް ކާމާއި، މިގޮތުން ކޮންމެ އިންތިޚާބީ ދާއިރާއެއްގެ ރަޖިސްޓްރީގައިވާ މީހުންގެ ތެރެއިން މަރުވާ މީހުން އުނިކޮށް، ޢުމުރުން 18 އަހަރު ފުރިފައިވާ މީހުން ރަޖިސްޓްރީއަށް އިތުރުކުރުމަކީ ރައްޔިތުންގެ އިސްނެގެމަކާނުލައި އިލެކްޝަންސް ކޮމިޝަނުން އަދާކުރަންޖެހޭ ދުސްތޫރީ މަސްއޫލިއްޔަތެއްކަން އެނގެން އޮންނަހިނދު، ވޯޓުދިނުމުގެ ޙައްޤު ޤާނޫނީގޮތުން ލިބިގެންވާ ގިނަ ޢަދަދެއްގެ ބަޔަކު ވޯޓުދިނުމުގެ ޙައްޤުން މަޙަރޫމްވާގޮތަށް ވޯޓުދޭ މީހުންގެ ރަޖިސްޓްރީ ތައްޔާރުވެފައި އޮތްނަމަ އެކަމަކީ އިލެކްޝަންސް ކޮމިޝަނުން އޭގެ ޤާނޫނީ މަސްއޫލިއްޔަތު އުފުލަންޖެހޭނެ ކަމެއްކަމާއި އަދި އެއްވެސް އިންތިޚާބެއްގައި ވޯޓުދިނުމުގެ ޙައްޤުލިބިގެންވާ ގިނަ ޢަދަދެއްގެ މީހުންނަށް އެ މީހުންގެ ވޯޓުދިނުމުގެ ޙައްޤުން މަޙްރޫމްވުމަކީ، އެ އިންތިޚާބެއްގެ ނަތީޖާއަށް އަސަރުކުރާނެ އަދި އެ އިންތިޚާބުގެ ޞައްޙަކަމާމެދު ޠަޢުނުކުރެވޭ ސަބަބެއްކަން އެނގެން އޮންނަކަމާއި، ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ހ) ގައި ވާގޮތުގެމަތިން އިންތިޚާބެއް ބޭއްވުމުގެ މަދުވެގެން 45 ދުވަސްކުރިން ޢާންމުކުރެވޭ ވޯޓު ދިނުމުގެ ޙައްޤުލިބިފައިވާ މީހުންގެ ރަޖިސްޓްރީއާ ގުޅިގެން، ޝަކުވާ ހުށަހެޅުމުގެ އިޚްތިޔާރު ލިބިފައިވާ ފަރާތްތަކުން، ބުނެވިދިޔަ ޤާނޫނުގެ 10 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ މުއްދަތުގައި އިލެކްޝަންސް ކޮމިޝަނަށް ޝަކުވާ ހުށަނެހެޅުމަކީ، އެއްވެސް ޙާލެއްގައި ޤާނޫނުއަސާސީގެ 170 ވަނަ މާއްދާގެ (ށ) ގައި އިލެކްޝަންސް ކޮމިޝަނާ މަތިކުރެވިފައިވާ ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓްރީ ތައްޔާރުކޮށް ރަނގަޅަށް ބެލެހެއްޓުމުގެ ދުސްތޫރީ މަސްއޫލިއްޔަތުން އެ ކޮމިޝަން ބަރީއަވެވޭނެ ސަބަބެއް ނޫންކަން އެނގެން އޮންނަކަމެވެ.
ފަސްވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 26 ވަނަ މާއްދާގެ (ހ) ގައި ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ އަސާސީ ޙައްޤެއްގެ ގޮތުގައި ކަށަވަރުކޮށްދީފައިވާ އެކިއެކި އިންތިޚާބުތަކާއި ޢާންމު ވޯޓުތަކުގައި ވޯޓުދިނުމުގެ ޙައްޤަކީ، ބިރުވެރިކަމެއް، ބިރުދެއްކުމެއްނެތި، ކޮރަޕްޝަނާއި ނުރަނގަޅު ނުފޫޒުން އެއްކިބާވެ ތިބެ، އަމާން ކަމާއެކު ވޯޓުލުމުގެ އަސާސީ ޙައްޤު ބޭނުންކުރެވޭނެ މަގު ދިވެހިރައްޔިތުންނަށް ފަހިކޮށްދިނުމުގެ މަސްއޫލިއްޔަތު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީން މަތިކޮށްފައިވާ ފަރާތަކީ އިލެކްޝަންސް ކޮމިޝަންކަން ޤާނޫނު އަސާސީގެ 170 ވަނަ މާއްދާއިން އެނގެން އޮތްއިރު، އިންތިޚާބުތަކާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމާއި އެކަންތައްތައް ހިންގުމާއި، ބެލެހެއްޓުމާއި އެކަންތައްތަކަށް މަގުފަހިކުރުމާ، އަދި، އިންތިޚާބުތަކާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތަކުގެ ކަންތައްތަކަށް މަގުފަހިކުރުމާ، އަދި އިންތިޚާބުތަކާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތަކުގެ ކަންތައް ހިނގަނީ އިންޞާފުވެރިކަމާއެކު ބިރުވެރިކަމެއް، ބިރު ދެއްކުމެއް، ތަޅާފޮޅުމެއް، ނުރަނަގަޅު ނުފޫޒެއް އަދި ކޮރަޕްޝަނެއް ނެތި މިނިވަންކަމާއެކު، ރައްޔިތުންނަށް ވޯޓުލުމުގެ ޙައްޤު ފުރިހަމަޔަށް އަދާކުރެވޭ ގޮތަށްކަން، ކަށަވަރުކުރުމަކީ އިލެކްޝަންސް ކޮމިޝަނުގެ ދުސްތޫރީ މަސްއޫލިއްޔަތެއްކަމާއި، ދިވެހިރާއްޖެއަކީ ދައުލަތުގެ ބާރުތަކާއި މަސްއޫލިއްޔަތުތައް ވަކިފަރާތެއްގައި ޖަމާވެފައި އޮތުމުގެ އުޞޫލާ މުޅިން ޚިލާފަށް ދިވެހި ދައުލަތް އެ މުއައްސަސާތަކެއްގެ މައްޗަށް ބިނާވެފައިވާ އެންމެހައި މުއައްސަސާތަކުގެ މެދުގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ވާގޮތުގެ މަތިން، ދައުލަތުގެ ބާރުތަކާއި މަސްއޫލިއްޔަތުތައް ބަހާލެވިފައިވާ ދައުލަތެއްކަމާއި ކޮންމެ މުއައްސަސާއަކީ އެ މުއައްސަސާއަކާ ޙަވާލުވެފައިވާ ޚާއްޞަ މޭންޑޭޓުގެ އިތުރުން، ދައުލަތަށް ނުވަތަ ދައުލަތުގެ ވަކި މުއައްސަސާއަކަށް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި މުޅި ދައުލަތުގެ ގުނަވަނެއްގެ ޙައިޘިއްޔަތުން، ދައުލަތުގެ އެހެނިހެން މުއައްސަސާތަކާ ގުޅިގެންނާއި އަދި މުޅި ދައުލަތާއި، ރައްޔިތުންގެ ސަލާމަތާއި، ރައްކާތެރިކަމާއި، އަމަނު އަމާންކަމާއި، ޞުލްޙަ މަސަލަސްކަން ދެމެހެއްޓުމަށްޓަކައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު ޤާނޫނުގެ ޙުދޫދުގެ ތެރޭގައި އަދާކުރަން ޖެހޭ ފަރާތެއްކަން އެނގެން އޮންނަ އޮތުމެވެ.
ހަވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ދިވެހިރާއްޖޭގައި ޤާއިމުކޮށްފައިވާ ދިމިޤްރާތީ ނިޒާމް ހިމާޔަތްކުރުމާއި ދިވެހި ރައްޔިތުންނާއި ދިވެހި ދައުލަތުގެ ޙައްޤުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމާއި ދިވެހިރާއްޖޭގައި އަމަންއަމާންކަން ދަމަހައްޓައި ދިވެހިރާއްޖެއަކީ ޞުލްޙަވެރި ރައްޔިތެއް ދިރިއުޅޭ ތަނަކަށް ހެދުމުގެ މަސްއޫލިއްޔަތަކީ ދައުލަތުގެ މުއައްސަސާތަކުގެ ތެރެއިން ވަކި މިވެނި މުއައްސަސާއެއްގެ މަސްއޫލިއްޔަތެއްކަމަށް ނުވަތަ ވަކި ފަރުދެއްގެ މަސްއޫލިއްޔަތެއްކަމަށް ބެލުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ނައްޞާއި ރޫޙާއި އެއްގޮތްވާ ކަމެއް ނޫންކަމާއި، އެ މަސްއޫލިއްޔަތު އަދާކުރުމަކީ ވަކިވަކި ފަރުދުންނާއި ޖަމާއަތްތަކާއި ސަރުކާރާއި ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި އެ މުއައްސަސާތަކުގައި ޙަރަކާތްތެރިވާ އެންމެންގެ މަސްއޫލިއްޔަތެއްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ފާޅުކަންބޮޑު ގޮތެއްގައި އެނގެން އޮތުމުން ދައުލަތުގެ ބައެއް އިދާރާތަކާއި މުއައްސަސާތަކަކީ ވަކި ޙައިޘިއްޔަތެއް ލިބިގެންވާ މުއައްސަސާތަކަކަށްވިޔަސް، ދައުލަތް ހިންގުމުގައި އެ މުއައްސަސާތަކުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތް ފޯރުކޮށްދިނުމުގައި އެތަންތަނުން މަސައްކަތްކުރަންވާނީ އެ މުއައްސަސާތަކާއި އެތަންތަނުގެ މަސައްކަތް ހިންގުމުގައި އެހެން މުއައްސަސާތަކާ ޤާނޫނީގޮތުން ގުޅުވާލެވިފައިވާ ޙުދޫދުގެތެރޭގައި ދައުލަތުގެ ހިންގުމަށް ނޭދެވޭ އަސަރުތަކެއް ނުފޯރާނޭގޮތެއްގެ މަތިންކަން ފާހަގަކުރެވިފައިވާ ކަމެވެ.
ހަތްވަނަ ކަމަކީ، އިންތިޚާބުތަކުގައްޔާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތަކުގައި ވޯޓުދިނުމުގެ ޙައްޤަކީ ޢުމުރުން 18 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ހ) އިން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤަކަށްވެފައި، ޤާނޫނުއަސާސީގައި ކަނޑައެޅި ބަޔާންވެފައިވާ އުޞޫލުތަކާ ޚިލާފަށް އެ ޙައްޤުން އެއްވެސް ދިވެހި ރައްޔިތަކު މަޙްރޫމްކުރުމުގެ ޙައްޤު ހަމަ އެއްވެސް ފަރާތަކަށް ލިބިގެން ނުވާނެކަން ކަނޑައެޅިގެން އެނގެން އޮންނާތީއާއި، 2013 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 7 ވަނަ ދުވަހު ދިވެހިރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ވޯޓުލުމުގެ ކަންތައް އިލެކްޝަންސް ކޮމިޝަނުން އިންތިޒާމު ކުރިކުރުމުގެ ތެރޭގައި ވޯޓުލާ މީހުންގެ ރަޖިސްޓްރޭޝަންގެ ކަންތައް ކުރިޔަށް ގެންގޮސްފައިވަނީ އެ މީހަކު ރަށްވެހިވެފައިވާ ރަށްނޫން ރަށްރަށަށް ވޯޓުލާން ބޭނުންވާކަމަށް ބުނެ، އެކިއެކި ފަރާތްތަކުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާ ފޯމުތަކާ ގުޅިގެން ބަލައި ކަށަވަރުކުރަންޖެހޭ ކަންތައްތައް ބަލައި ކަށަވަރުކުރުމަކާ ނުލައިކަމަށާއި، އޭގެ ސަބަބުން ޤާނޫނުއަސާސީއިން ދިވެހިރައްޔިތުނަށް ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤަކުން ޤާނޫނުއަސާސީއާ ޚިލާފަށް ދިވެހިރައްޔިތުންގެ ތެރެއިން ގިނަބަޔަކު މަޙްރޫމްވެގެންދާނެކަމަށް ބުނެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހަޅާފައިވާ ލިޔުންތަކަށް ބަލާއިރު، އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ވޯޓުލާ މީހުން ރަޖިސްޓަރީކުރުމުގެ ކަންތައް ކުރިއަށް ގެންގޮސްފައިވަނީ ވޯޓުލާމީހުންގެ ނަންތައް އެއް ދާއިރާއިން އަނެއް ދާއިރާއަށް ނުވަތަ އެއް ރަށުން އަނެއް ރަށަށް ބަދަލުކޮށްލުމުގެ ކުރިން އެކަންކަމާގުޅިގެން އިލެކްޝަންސް ކޮމިޝަނުން ބަލައި ކަށަވަރުކުރަންޖެހޭ މިންވަރަށް އެކަންކަން ބަލައި ކަށަވަރުކުރުމަކާ ނުލައިކަމަށް ބުނެ، މި މައްސަލައާ ގުޅިގެން ހެކީގެ ގޮތުގައި ޝަރީޢަތުގެ މަޖިލީހަށް ހުށަހަޅާފައިވާ ފޯމުތަކުން އިސްތިޚްލާޞްކުރެވޭ ޤަރީނާތަކުގެ މައްޗަށް ރިޢާޔަތްކުރާއިރު، ދިވެހިރާއްޖޭގެ ރައްޔިތުންގެ އަސާސީ ޙައްޤެއް ޤާނޫނުއަސާސީއާ ޚިލާފަށް ނިގުޅިގެންދިއުން ހުއްދަކުރެވިދާނެ ޝަރުޢީ އަދި ޤާނޫނީވިއަސް ހަމައެއް ނެތަތީ، ވާދަވެރި ރިޔާސީ އިންތިޚާބެއްގެ ނަތީޖާއާ މެދު ދެބަސްވެރިވެ ދިވެހި ޤައުމު ފިތުނަވެރިކަމަކާ ކުރިމަތިލާންޖެހިދާނެފަދަ ޙާލަތަކަށް ވެއްޓިގެން ދިޔަނުދިނުމަށްޓަކައި އިންތިޚާބު ބޭއްވޭ މާޙައުލަކީ ޤާނޫނުއަސާސީގެ 170 ވަނަ މާއްދާގައި ބުނެފައިވާ ފަދަ މާޙައުލެއްކަން ކަށަވަރުކުރުމާއި، ކޮންމެ ދާއިރާއަކަށް ވޯޓު ލާންދާ، އެ ދާއިރާގެ މީހުންގެ ތެރެއިން އެމީހެއްގެ ނަން އެ ދާއިރާގައިވާ ލިސްޓްގައި ނެތިގެން ވަގުތީގޮތުން ވޯޓުލުމުގެ ޙައްޤަށް ހުރަސް އެޅިފައިވާ އެންމެންނަށް އެ ދާއިރާއެއްގައި ވޯޓުލައި ނިމުމުން އެ ފަރާތްތަކަށް ވޯޓުލުމުގެ ޙައްޤު ލިބިގެންދާނެކަން ކަށަވަރުކުރުމަށްޓަކައި އެފަދަ ފަރާތްތަކުގެ ނަންތައް ނޯޓުކޮށް ބެލެހެއްޓޭނެ އިންތިޒާމްތަކެއް ހަމަޖެހިފައިހުރުމާއި، ވޯޓުލުމަށްޓަކައި ވޯޓުލާ ދާއިރާއަށް ވަންނަ ކޮންމެ މީހަކީ މީލާދީގޮތުން 18 އަހަރު ފުރިފައިވާ މީހެއްކަން ކަށަވަރުކުރުމާއި، އެ މީހަކު ރަށްވެހިވެފައިވާ ރަށުގެ ދާއިރާއަށް ވޯޓުލާންދާ، ޢުމުރުން 18 އަހަރު ފުރިފައިވާ ކޮންމެ ދިވެހި ރައްޔިތަކު، އެހެންތަނެއްގައި ވޯޓުލާން ރަޖިސްޓަރީކޮށްފައި ނުވާނަމަ، އެ ދާއިރާއަށް ވޯޓުލެވޭނެ އިންތިޒާމް ހަމަޖެއްސުމާއި، މާލެ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަކީ، މާލޭގެ ރަށްވެހިންކަމަށް ޤާނޫނީގޮތުން ބެލެވޭތީ އެ ފަރާތްތަކުގެ ތެރެއިން ކޮންމެ މީހަކަށްވެސް، އެހެންތަނެއްގައި ވޯޓުލާން ރަޖިސްޓްރީކޮށްފައި ނުވާނަމަ، އެ މީހަކު ވޯޓުލާންޖެހޭ މާލޭގެ ދައިރާގައި ވޯޓުލެވޭނެ އިންތިޒާމް ހަމަޖެއްސުމާއި، މުޅި ރާއްޖޭގައިވެސް ވޯޓުލެވެނީ އިލެކްޝަންސް ކޮމިޝަނުން ދޫކޮށްފައިވާ އެންމެ ފަހުގެ ލިސްޓަށްކަމާއި، އެ ލިސްޓަކީ ކެންޑިޑޭޓުންގެ މަންދޫބުންނާ ޙަވާލުކޮށްފައިވާ ލިސްޓުކަމާއި، އިތުރު އެއްވެސް އެހެން ލިސްޓެއްގެ މައްޗަށް ޢަމަލުނުކުރާކަން ކަށަވަރުކުރުންފަދަ ޤާނޫނީ އިޖްރާއާތުގެ ޒަރީޢާއިން އިންތިޚާބުގެ އިންޓެގްރިޓީ ކަށަވަރުކޮށްދިނުމަކީ ޤާނޫނުއަސާސީގެ 170 ވަނަ މާއްދާގެ ދަށުން އިލެކްޝަންސް ކޮމިޝަނުން އަދާކުރަންޖެހޭ އީޖާބީ (Positive) މަސްޢޫލިއްޔަތެއްކަން އެނގެން އޮންނަކަމެވެ.
ޙުކުމް:
އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެ މަތިން ހުރުމާއެކު، މީލާދީ ސަނަތުން 2013 ވަނައަހަރުގެ ސެޕްޓެމްބަރު މަހުގެ 07 ވަނަ ދުވަހު ދިވެހިރާއްޖޭގައި ބޭއްވޭ ރިޔާސީ އިންތިޚާބަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 170 ވަނަ މާއްދާގައި ބުނެފައިވާ ފަދަ އަމާން މާޙައުލެއްގައި، ޤާނޫނާ ޚިލާފު ނުފޫޒުތަކުން އެއްކިބާކުރެވިފައިވާ އިންޞާފުވެރި އަދި ނަޒާހަތްތެރި އިންތިޚާބެއްކަން ކަށަވަރުކުރުމަށްޓަކައި ހަމަޖައްސަންޖެހޭ އެންމެހައި އިންތިޒާމްތައް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ހަމަޖެއްސުމާއި، ވާދަވެރި މިފަދަ އިންތިޚާބެއްގައި ކުރިމަތިވެދާނޭ ކޮންމެ ޙާލަތަކަށް ފާރަވެރިވެ ތައްޔާރަށް ތިބުމާއި، ވޯޓުދިނުމުގެ ކަންތައް ހިނގަމުންދާއިރު އެއްވެސް ފަރާތަކުން ހިންގާފާނެ، ޣައިރު ޤާނޫނީ ޢަމަލުތަކެއްގެ ސަބަބުން ރާއްޖޭގައި ޤާއިމުވެފައިވާ ދީމިޤުރާޠީ ނިޒާމަށާއި، ޤާނޫނުގެ ވެރިކަމަށާއި، ދީމިޤުރާޠީ މުއައްސަސާތަކަށް ކުރިމަތިވެދާނޭ ކޮންމެ ނުރައްކަލަކުން އެތަންތަން ޙިމާޔަތްކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދިއުމާއި، އަދި އިންތިޚާބަށް ފަހުގައިވެސް، އިންތިޚާބާގުޅިގެން ދިވެހިރާއްޖޭގެ އަމްނު ޢާންމަށާއި، ރައްޔިތުންގެ ހަމަހިމޭން ކަމަށާއި، ޤާނޫނުގެ ވެރިކަމަށް އެއްވެސް ބުރުލެއް އެރިޔަނުދިނުން ކަށަވަރުކޮށްދޭ އިންތިޒާމްތަކެއް ހަމަޖެއްސުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން އިލެކްޝަންސް ކޮމިޝަނަށާއި، ދައުލަތުގެ ކަމާބެހޭ އެހެނިހެން މުއައްސަސާތަކުގެ މައްޗަށް އެފަރާތްތަކުގެ ޤާނޫނީ ޙުދޫދުގެތެރޭގައި ލާޒިމްވެގެންވާ ކަމެއް ކަމަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ތެރެއިން ފަސް ފަނޑިޔާރުންގެ އަޢުލަބިއްޔަތުން ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.
ފަނޑިޔާރު ޢަބްދުﷲ ސަޢީދު
ފަނޑިޔާރު ޢަބްދުﷲ ޢަރީފް
ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު
ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ
ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.