ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2013/SC-C/47ސުޕްރީމް ކޯޓު · 9 ނޮވެމްބަރު 2013

—

ސުޕްރީމް ކޯޓު
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 9 ނޮވެމްބަރު 2013ބާވަތް: ދުސްތޫރީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ

ޤަޟިއްޔާ ނަންބަރު: 2013/SC-C/47

ދަޢުވާކުރާ ފަރާތް: މުޙައްމަދު ވަޙީދު އިބްރާހީމް، މއ. އައިވަރީހައުސް، މާލެ

ދަޢުވާ ލިބޭ ފަރާތް: ދައުލަތް (ރައްޔިތުންގެ މަޖިލިސް)

މައްސަލައިގެ ބާވަތް: ދުސްތޫރީ މައްސަލަ

މައްސަލަ އައިގޮތް: ދުސްތޫރީ މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

ހުށަހެޅުނު ތާރީޚް: 29 އޮކްޓޯބަރ 2013

ރަޖިސްޓްރީކުރެވުނު ތާރީޚް: 307ނޮވެމްބަރ 2013

ނިމުނު ތާރީޚް: 309ނޮވެމްބަރ 2013

މައްސަލަ ނިންމި ގަޑި: 16:16

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން، ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން

މައްސަލައިގެ ޚުލާޞާ:

މި މައްސަލައަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 42//SC-C2013 ޤަޟިއްޔާގެ ޙުކުމް ބިނާކުރި ނުކުތާ 3 ގައި ބަޔާންކޮށްފައިވާ "ޤާނޫނުއަސާސީގައި ކަނޑައަޅާފައިވާ މުއްދަތުގައި ކުރަން އޮތްކަމެއް ޤާނޫނުއަސާސީއާއި އެއްގޮތަށް ކުރުމަށް "ނެސެސިޓީ" ނުވަތަ ޙާލަތުއް ޟަރޫރާ އާއި ކޮންޓިނުއިޓީ އޮފް ލީގަލް ގަވަރމެންޓް އާ މި ދެ މަބްދައުގެ ދަށުން ސަރުކާރު ދެމިއޮންނާނެކަމީ ދުސްތޫރީ އަދި ޤާނޫނީ ފިޤްހު ނުވަތަ ޖުރިސްޕުރޫޑެންސްގައި އިސްތިޤްރާރުވެ ބަލައިގެންފައިވާ އުޞޫލެއް" ކަމަށް ކަނޑައަޅާފައިވަނިކޮށް، ޤާނޫނުއަސާސީގެ 107 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ދައުރުގެ ތެރޭގައި 124 ވަނަ މާއްދާގައި ބުނާފަދަގޮތަކަށް ޢަމަލުކުރުމަށް އޮންނައޮތުމާ ޚިލާފަށް އަދި މުޅި ޤާނޫނުއަސާސީގެ ރޫޙާއި މަޤްޞަދާ ޚިލާފުވާގޮތަށް ޤާނޫނުއަސާސީން ރައްޔިތުންގެ މަޖިލީހަށް ލިބިދީފައިވާ ބާރުން ތަޖާވުޒުވެ، ޤާނޫނުއަސާސީގެ 75 ވަނަ މާއްދާއާ ތަޢާރުޟުވާގޮތަށް އިންތިޤާލީގޮތުން ޢަމަލުކުރާނެ ގޮތެއްކަމަށް ބުނެ، 2013 ވަނަ އަހަރުގެ ނޮވެންބަރު 11 ވަނަ ދުވަހުގެ ފަހުން ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގެ މަސްޢޫލިއްޔަތު ޙަވާލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ދެ ހުށަހެޅުމެއް ހުށަހަޅައި އެ ދެ ހުށަހެޅުން ފާސްކޮށް ނިންމާފައިވާ ނިންމުމަކީ އެއަށް ޢަމަލުކުރަން ނުޖެހޭ ޣައިރު ދުސްތޫރީ ދެ ނިންމުންކަމަށް ކަނޑައަޅައިދިނުމަށް އެދި ދިވެހި ރައްޔިތުންގެ ޢާންމު މަސްލަހާތާ ގުޅިފައިވާ ޕަބްލިކް އިންޓަރެސްޓް ލިޓިގޭޝަންގެ މައްސަލައެއްގެ ގޮތުގައި މއ. އައިވަރީހައުސް، މުޙައްމަދު ވަޙީދު އިބްރާހީމް މި ކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ. މިއީ ޕަބްލިކް ލޯ ގެ މައްސަލައަކަށްވެފައި މި މައްސަލައިގައި ދައުވާ ލިބޭ ފަރާތަކީ ދައުލަތްކަމަށްވާތީ މިމައްސަލައިގައި ދައުލަތުގެ ފަރާތުން ޖަވާބުދާރީވުމަށް މި ކޯޓުން ފުރުޞަތު އެރުވުމުން މި ވަގުތު ދައުލަތުގެ ބަންޑާރަނާއިބުގެ މަޤާމް ހުސްވެފައިވާތީކަމަށް ބުނެ ބަންޑާރަނައިބުގެ އޮފީހުން ޖަވާބުދާރީވެފައިނުވާތީ މި މައްސަލަ އެކްސްޕާޓޭ މައްސަލައެއްގެ ގޮތުގައި ހިންގުމަށް މި ކޯޓުން ކަނޑައަޅާފައިވެ އެވެ.

ފާހަގަކުރެވުނު ނުކުތާތައް:

މި މައްސަލައިގައި ޝަރީޢަތުގެ މަޖިލީހުގައި މައްސަލަ ހުށަހެޅި ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި ހުށަހަޅާފައިވާ ލިޔުންތަކަށާއި ޤާނޫނުއަސާސީއާއި ކަމާބެހޭ ޤާނޫނުތަކާއި ދުސްތޫރީ އަދި ޤާނޫނީ މަބާދީ ތަކުގެ މައްޗަށް ރިޢާޔަތްކުރާއިރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެ އެވެ.

(ހ) ފުރަތަމަ ކަމަކީ، މި މައްސަލައަކީ 2013 ވަނަ އަހަރުގެ ނޮވެންބަރު 11 ވަނަ ދުވަހުގެ ފަހުން ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގެ މަސްޢޫލިއްޔަތު ޙަވާލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން 2013 އޮކްޓޯބަރ 27 ވަނަ ދުވަހު ނިންމި ދެ ނިންމުމަކީ ދުސްތޫރީ މައްސަލަތައް ބަލައި ނިންމުމުގެ އަސްލީ އިޚްތިޞާޞްގެދަށުން ސުޕްރީމް ކޯޓުން ޖުޑީޝަލް ރިވިޔުކޮށް ޤާނޫނުއަސާސީގައިވާގޮތަށް ޤާނޫނުއަސާސީގައި ކަނޑައަޅާފައިވާ މުއްދަތުގައި ކުރަންއޮތްކަމެއް އެ މުއްދަތުގައި ފުރިހަމަނުކުރެވުމުގެ ސަބަބުން މުއްދަތެއް އިތުރުވާނަމަވެސް އެކަމަކީ ދައުލަތް ޤާނޫނީ ހުސްކަމަކަށް އަންނަންޖެހޭކަމެއް ނޫންކަމަށާއި މިފަދަ ޙާލަތެއް މެދުވެރިވިނަމަވެސް "ނެސެސިޓީ" ނުވަތަ ޙާލަތުއް ޟަރޫރާ އާއި ކޮންޓިނުއިޓީ އޮފް ލީގަލް ގަވަރނމެންޓް އާއި މި ދެމަބްދައުގެ ދަށުން ޤާނޫނީ ސަރުކާރު ދެމި އޮތުމަކީ ޤާނޫނުއަސާސީ އާއި އިސްތިޤްރާރުވެފައިވާ ދުސްތޫރީ މަބާދީތަކާ އެއްގޮތްވާ ގޮތުގެމަތިން އެކަން އޮންނަންޖެހޭގޮތްކަމަށް ސުޕްރީމް ކޯޓުގެ ޤަޟިއްޔާއަކުން ކަނޑައަޅާފައިވާ ކަނޑައެޅުމާ އަދި ޤާނޫނުއަސާސީގެ މާއްދާތަކަކާ ޚިލާފުވާގޮތަށް ނިންމާފައިވާ ދެ ނިންމުންކަމަށް ހުށަހަޅާފައިވާ މައްސަލައަކަށް ވާތީ މިއީ ޖުޑީޝަލް ރިވިޔުގެ މައްސަލައެއްކަން އެނގެން އޮންނައޮތުމެވެ.

(ށ) ދެވަނަ ކަމަކީ، ޤާނޫނުއަސާސީގައި މަބްދައުލް މަޝްރޫޢިއްޔަތާއި (ޕްރިންސިޕަލް އޮފް ލީގަލްޓީ) މަބްދައުއް ދުސްތޫރިއްޔަތު (ޕްރިންސިޕަލް އޮފް ކޮންސްޓިޓިޔުޝަނަލިޓީ) ކަނޑައެޅިފައި އޮތްގޮތުގެ މައްޗަށް ބަލާއިރު، ޤާނޫނެއް ނުވަތަ ޤަވާޢިދެއް ނުވަތަ އިޖުރާއާތެއް ނުވަތަ ދައުލަތުގެ ރަސްމީ ކޮންމެ ނިންމުމެއްވިޔަސް އެއްވެސް އިސްތިސްނާއެއްނެތި ޤާނޫނުއަސާސީގެ އެންމެހައި މާއްދާތަކާ އެއްގޮތްވާންވާނެކަމާއި، ދައުލަތުގައި ޢަމަލުކުރެވޭ އެއްވެސް ޤަވާޢިދެއް، ނުވަތަ ދައުލަތުގެ އެއްވެސް ބާރެއްގެ ނުވަތަ މުއައްސަސާއެއްގެ އެއްވެސް ޤަރާރެއް، ނުވަތަ އެއްވެސް ނިންމުމެއް، ނުވަތަ އެއްވެސް އިޖްރާއެއް ނުވަތަ އެއްވެސް ޤާނޫނެއްގެ އެއްވެސް މާއްދާއަކާ އަދި ޤާނޫނުއަސާސީގެ އެއްވެސް މާއްދާއަކާ ތަޢާރުޟުވެއްޖެނަމަ އެ ތަޢާރުޟުވި މިންވަރު ބާޠިލުވާނެކަން އެނގެން އޮންނައޮތުމެވެ.

(ނ) ތިންވަނަ ކަމަކީ، ޤާނޫނުއަސާސީގައިވާ ގޮތުގެމަތިން، ޤާނޫނުއަސާސީގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާ ކަންތައްތަކުގައި، ރައްޔިތުންގެ މަޖިލީހުގައި ޕްރޮސީޑިންގއެއް ނުވަތަ ކަމެއް ހިނގިގޮތުގެ ޞައްޙަކަން ނުވަތަ އިރެގިޔުލަރިޓީ ހަމައެކަނި ބެލުމަށްޓަކައި މައްސަލައެއް ކޯޓުގައި ހިންގުމަކީ އުސޫލެއްގެގޮތުން އެކަން އޮންނަގޮތް ނޫންކަމުގައިވިޔަސް، ޤާނޫނުއަސާސީގެ 5 ވަނަ މާއްދާ އާއި 6 ވަނަ މާއްދާ އާއި 7 ވަނަ މާއްދާގައި ދައުލަތުގެ ތިން ބާރުގެ އިޚްތިޞާޞްތަކުގެ ދާއިރާ ކަނޑައެޅުމަށްފަހު ޤާނޫނުއަސާސީގެ 8 ވަނަ މާއްދާގައި ދައުލަތުގެ އެންމެހައި ބާރުތައް ހިންގާންވާނީ ޤާނޫނުއަސާސީގައިވާ ގޮތުގެމަތިންކަމަށް ބަޔާންކޮށްފައި އޮންނަ އޮތުމަށާއި ޤާނޫނުއަސާސީގައި ދައުލަތުގެ ތިން ބާރުގެ މެދުގައި "ސެޕަރޭޝަން އޮފް ޕަވަރސް" ގެ މަބްދައުގެމަތިން އެއް ބާރު އަނެއް ބާރުގެ މައްޗަށް ތަޖާވުޒުނުވެވޭނޭ ނުވަތަ ނުފޫޒު ނުފޯރުވޭނޭ އަދި އެއް ބާރުން އަނެއް ބާރަކުން ކުރާކަންތައްތަކާއި ނިންމާނިންމުންތައް ހުންނަނީ ދުސްތޫރީ އަދި ޤާނޫނީ އިމުގެ ތެރޭގައިކަމަށް ފާރަވެރިވެ ބެލުމަށް ކަނޑައެޅިފައިވާ ދުސްތޫރީ އިޖްރާއާތުތަކަކާއި ގެރެންޓީތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު ދުސްތޫރީ އެއް މަބްދައުއަކީ މި އިންތައް އެއްވެސް ބާރަކުން ނުވަތަ މުއައްސަސާއަކުން ވިޔަސް ފަހަނައަޅާގޮސްފިކަމަށް ނުވަތަ އެއް ބާރުން އަނެއް ބާރުގެ ފަންކްޝަނުގެތެރެއަށް ވަދެއްޖެކަމަށް ނުވަތަ ދުސްތޫރާ ޚިލާފުވެއްޖެކަމަށް ހުށަހެޅޭ މައްސަލަތައް ޖުޑިޝަރީން ބަލައި ޖުޑީޝަލް ރިވިޔުކުރުންކަމާއި އެގޮތުން، ޖުޑީޝަލް ރިވިޔު ކުރުމަކީ ޖުޑީޝަރީގެ އަސްލު ފަންކްޝަނެއް ކަމާއި "އަލްޓްރާވައެރަސްއެއް" ނުވަތަ ދުސްތޫރުން ބަޔާންކޮށްފައިވާ އިން ފަހަނައަޅާ ގޮސްފައިވާކަމަށް ނުވަތަ ޤާނޫނެއް ޤާނޫނުއަސާސީއާ ޚިލާފުވާކަމަށް ހުށަހެޅޭ މައްސަލަތައް ބަލައި ދުސްތޫރީގޮތުން ޞައްހަކަން ނުވަތަ ނޫންކަން ކަނޑައެޅުމާއި ޤާނޫނުގެ ޙުކުމަކީ ކޮބައިކަން ކަނޑައެޅުމާއި ޤާނޫނު ތަފްސީރުކުރުމަކީ އިސްވެ ބުނެވިދިޔަ ދުސްތޫރީ މަބްދައުގެދަށުން ޖުޑިޝަރީގެ އިޚްތިޞާޞެއްކަން އެނގެން އޮންނަކަމެވެ.

(ރ) ހަތަރުވަނަ ކަމަކީ، ދުސްތޫރީ މައްސަލަތައް ބަލައި އެފަދަ މައްސަލަތަކާމެދު ގޮތެއް ކަނޑައެޅުމަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޞްލީ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ކަމަކަށްވެފައި، ޤާނޫނުއަސާސީ އާއި ޤާނޫނު މާނަކުރުމުގައްޔާއި ޝަރީޢަތުން ބަލާ އެނޫންވެސް މައްސަލަތަކުގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުންކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 145ވަނަ މާއްދާގެ (ނ) ގައި ބުނެފައިވާއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން "ޖުޑީޝަލް ރިވިޔު" ކޮށް ޤާނޫނުގައި ނުވަތަ ޤާނޫނުއަސާސީގައި ކަމެއް އޮތްގޮތް ކަނޑައަޅައި ބަޔާންކޮށްފައިވާ އަޙްކާމްތަކާ ޚިލާފަށް ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއްވިޔަސް ނުވަތަ ދައުލަތުގެ އެއްވެސް ފަރާތެއްގެ އެއްވެސް ބާވަތެއްގެ ނިންމުމެއް ނުވަތަ ނިންމުމެއްގެ ބައެއް ނުވަތަ އިޖްރާއާތެއް ނުވަތަ އިޖްރާއާތަކުން ބައެއް ހުރެއްޖެނަމަ އެ ޚިލާފުވީ މިންވަރަކީ ރެސްޖުޑިކާޓާގެ އުޞޫލާ ޚިލާފު އަދި ޣައިރު ދުސްތޫރީ އެއްޗެއްކަމާއި އަދި ސުޕްރީމް ކޯޓުން ނިންމާ ނިންމުންތަކުގައި ކަނޑައަޅައި ބަޔާންކުރާ އަދި ތަޠްބީޤުކުރާ ޤާނޫނުގެ ޤާއިދާތަކާއި ޤާނޫނީ މަބާދީތަކަކީ އެއަށް ތަބާވާންޖެހޭ ޤާއިދާތަކާއި މަބާދީތަކެއްކަމާއި އެއްވެސް ޤަޟިއްޔާއެއްގައި އެ ޤަޟިއްޔާގެ ޙުކުމާއި އެ ޙުކުމް ބިނާކުރާ ޤާނޫނީ ސަބަބުތަކާއި ދުސްތޫރީ އަދި ޤާނޫނީ މަބާދީތަކާއި ވަކި ނުކުރެވޭނެކަމާ އަދި، މި އުޞޫލު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަޟިއްޔާތަކުގައި ޤާއިމްކޮށްފައިވާއިރު،

އިންތިޚާބުތަކާ އަދި އެނޫނަސް، ޤާނޫނުއަސާސީ އާއި ޤާނޫނުތަކުގައި ވަކިގޮތަކަށް ކުރަން ކަނޑައަޅާފައިވާ ކަންތައް ކުރަންވާނީ ޤާނޫނުއަސާސީގައި ބުނެފައިވާ ގޮތުގެމަތިންކަމަށާއި އަދި ޤާނޫނުއަސާސީގައި ވަކި ތާރީޚެއްގެ ކުރިން ކުރަން އޮންނަކަމެއް އެ ތާރީޚުގެ ކުރިން ކުރުމަކީވެސް ޤާނޫނުއަސާސީއާ އެއްގޮތަށް ކަންތައް ކުރުމުގެ ތެރޭގައި ހިމެނޭނެކަމެއް ކަމަށާއި ޤާނޫނުއަސާސީގައިވާ އިޖްރާއާތުތަކާއި ޤާނޫނުތަކުގައި ކަނޑައަޅާފައިވާ އިޖްރާއާތާ އެއްގޮތަށް ކަންތައް ކުރެވިފައިނުވާކަން ޝަރުޢީ ކޯޓަކަށް ސާބިތުވުމާ ގުޅިގެން ޤާނޫނުއަސާސީ އާއި ޤާނޫނުތަކާއި އެއްގޮތްވާ ގޮތުގެމަތިން ފުރިހަމަކުރަންޖެހޭ ކަންތައްތައް ފުރިހަމަކުރަންޖެހުމުގެ ސަބަބުން ނުވަތަ އެނޫންވެސް ޤާނޫނީގޮތުން ހުއްދަކުރާ ޙާލަތުއްޟަރޫރާ ނުވަތަ ނެސެސިޓީގެ މަބްދައުގެ ދަށުން މުއްދަތެއް އިތުރުވާންޖެހިއްޖެނަމަ، އެ މުއްދަތު އިތުރުވާ އިތުރުވުމަކީ ދައުލަތުގައި ޤާއިމުވެފައި އޮތް ޤާނޫނީ ސަރުކާރު ދެމިއޮތުން ނިމުމަކަށް އަންނަންޖެހޭ ސަބަބެއް ނޫންކަމަށާއި މިފަދަ ޙާލަތްތަކުގައި ސްޓޭޓް އޮފް ނެސެސިޓީ އާއި ކޮންޓިނިއުޓީ އޮފް ލީގަލް ގަވަރމެންޓްގެ މަބްދައުގެ ދަށުން ޤާއިމްވެ އޮތް ޤާނޫނީ ސަރުކާރު ދެމި އޮންނާނެކަމަށް އިސްތިޤްރާރުވެފައިވާ ޤާނޫނީ އަދި ދުސްތޫރީ ފިޤްހަށް ރިޢާޔަތްކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 42//SC-C2013 ޤަޟިއްޔާގައި ކަނޑައަޅައި ބަޔާންކޮށްފައިވާކަމެވެ.

ޙުކުމް

އިސްވެ ބަޔާންކުރެވުނު ސަބަބުތައް އެގޮތަށް ހުރުމާއެކު، މީލާދީ ސަނަތުން 2013 ވަނަ އަހަރުގެ ސެޕްޓެމްބަރު 7 ގައި ބޭއްވި ރިޔާސީ އިންތިޚާބަކީ ބާޠިލް އިންތިޚާބެއްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅައި، ޤާނޫނުއަސާސީ އާއި އިންތިޚާބުތަކާބެހޭ ޤާނޫނުތަކުގައި ކަނޑައަޅާފައިވާ ޤާނޫނީ އިޖްރާއާތާ އެއްގޮތްވާ ގޮތުގެމަތިން ޤާނޫނީގޮތުން ޞައްޙަ އިންތިޚާބެއް ބޭއްވުމަށްޓަކައި އެ ޤަޟިއްޔާގައި ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެމަތިން ބާއްވަންޖެހޭ އިންތިޚާބު ނުބޭއްވި އިތުރު މުއްދަތަކަށް ފަސްވެގެން ދިޔަކަމުގައިވިޔަސް މިހާރު ދައުލަތުގައި ޤާއިމްވެ އޮތް ޤާނޫނީ ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާ މަޤާމުގައި ދެމިހުންނެވުން ނިމުމަކަށް ނައިސް، ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް މީހަކު އިންތިޚާބުކުރެވި، އަލަށް އިންތިޚާބުވާ ރައީސުލްޖުމްހޫރިއްޔާ ޤާނޫނުއަސާސީގައިވާ ގޮތުގެމަތިން މަޤާމާ ޙަވާލުވަންދެން، ސްޓޭޓް އޮފް ނެސެސިޓީ އާއި ކޮންޓިނިއުޓީ އޮފް ލީގަލް ގަވަރމެންޓުގެ މަބްދައުގެ ދަށުން، ދިވެހިރާއްޖޭގައި މިހާރު ޤާއިމްވެ އޮތް ޤާނޫނީ ސަރުކާރާއި ޤާނޫނީ ސަރުކާރުގެ އިސްވެރިޔާ، ރައީސުލްޖުމްހޫރިއްޔާ މަޤާމުގައި ދެމިހުންނާނެކަމަށާއި މިނޫންގޮތެއް ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމުގައި ނެތްކަމަށް ދައުލަތުގެ އެންމެހައި ފަރާތްތަކަށް އަންގައި ޙުކުމް ކޮށްފީމެވެ.

ފަނޑިޔާރު ޢަބްދުﷲ ސަޢީދު

ފަނޑިޔާރު ޢަބްދުﷲ އަރީފް

ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު

ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ

އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން އާއި ފަނޑިޔާރު ޢާދަމް މުޙައްމަދު ޢަބްދުﷲ ގެ ތަފާތުވި ރަޢުޔު

މި މައްސަލައަކީ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-C/42 ޤަޟިއްޔާގައި ފާހަގަކުރެވުނު ތިންވަނަ ނުކުތާގައި "ޤާނޫނުއަސާސީގައި ކަނޑައެޅިފައިވާ މުއްދަތުގައި ކުރާން އޮތްކަމެއް ޤާނޫނުއަސާސީއާ އެއްގޮތަށް ކުރުމަށް ނެސެސިޓީގެ އުޞޫލުން މުއްދަތެއް އިތުރުވާން ޖެހިއްޖެނަމަ މުއްދަތު އިތުރުވާ އިތުރުވުމަކީ ދައުލަތުގައި ޤާއިމްކޮށްފައި އޮތް ސަރުކާރު ދެމިއޮތުން ނިމުމަކަށް އަންނަންޖެހޭ ސަބަބެއް ނޫންކަމަށާއި ސްޓޭޓް އޮފް ނެސެސިޓީ ނުވަތަ ޙާލަތުއްޟަރޫރާ އާއި ކޮންޓިނިއުޓީ އޮފް ލީގަލް ގަވަރމެންޓްއާއި މި ދެ މަބްދަޢުގެ ދަށުން ސަރުކާރު ދެމިއޮންނާނެކަމީ ދުސްތޫރީ އަދި ޤާނޫނީ ފިޤުހުގައި ނުވަތަ ޖުރިސްޕްރޫޑެންސް ގައި އިސްތިޤްރާރުވެ، ބަލައިގެންފައިވާ އުޞޫލެއްކަމަށް ކަނޑައަޅާފައިވަނިކޮށް، ސުޕްރީމް ކޯޓުގެ އެ ނިންމުމާ ޚިލާފަށް ޤާނޫނުއަސާސީގެ ބާރު ކުޑަވާގޮތަށް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 107 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ދައުރުގެ ތެރޭގައި 124 ވަނަ މާއްދާގައި ބުނާފަދަ ގޮތަކަށް ޢަމަލުކުރުމަށް އޮންނަ އޮތުމާވެސް ޚިލާފަށް އަދި ޤާނޫނުއަސާސީގެ ރޫޙާއި މަޤްޞަދާވެސް ޚިލާފަށް ރައްޔިތުންގެ މަޖިލީހަށް ޤާނޫނުއަސާސީން ލިބިދީފައި ނުވާ ބާރެއްގެ ބޭނުންކޮށްގެން ރައްޔިތުންގެ މަޖިލީހުގެ ޤަރާރަކަށް ނުވަތަ ޤާނޫނަކަށް ނުވަތަ ޤާނޫނީ ހަމަޔަކަށް ނުވާގޮތަށް އަދި ޤާނޫނުއަސާސީއަށް ގެނައި ބަދަލެއް ނޫން ގޮތަށް 2013 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 27 ވަނަ ދުވަހު، ޤާނޫނުއަސާސީގެ 75 ވަނަ މާއްދާގައި ބުނެފައިވާ ގޮތާ ޚިލާފަށް ޤާނޫނީގޮތުން ކޮން ބާވަތެއްގެ ނިންމުމެއް ކަން ނޭނގޭގޮތަށް އިންތިޤާލީގޮތުން ޢަމަލުކުރާނޭ ގޮތެއް ކަމަށްބުނެ، 2013 ނޮވެމްބަރ 11 ވަނަ ދުވަހުގެ ފަހުން ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގެ މަސްއޫލިއްޔަތު ޙަވަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން 2 ހުށަހެޅުމެއް ހުށަހަޅައި 2 ހުށަހެޅުން ފާސްކޮށް ނިންމާފައިވާ ނިންމުމަކީ އެ ހުށެހެޅިއިރުވެސް އަދި ފާސްކޮށް ނިންމި އިރުވެސް ބާޠިލް ނިންމުމެއް ކަމަށް ބުނެ، އެއަށް ޢަމަލުކުރަން ނުޖެހޭ ޣައިރު ދުސްތޫރީ 2 ނިންމުމެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ދިވެހިރައްޔިތުންގެ ޢާއްމު މަޞްލަޙަތު (ޕަބްލިކް އިންޓްރެސްޓް ލިޓިގޭޝަން) މައްސަލައެއްގެ ގޮތުގައި މއ. އައިވަރީހައުސް މުޙައްމަދު ވަޙީދު އިބްރާހީމް ހުށަހެޅުމުން ބެލި މައްސަލައެކެވެ.

މި މައްސަލާގައި ދަޢުވާކުރާފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދެއްކި ވާހަކަތަކަށާއި 27 އޮކްޓޯބަރ 2013 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދެ ނިންމުން ކަމަށް ބުނެ ދަޢުވާކުރިފަރާތުން މި މައްސަލާގެ ޝަރީޢަތަށް ހުށަހެޅި ލިޔުމަށާއި ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދަށާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.

(ހ) ފުރަތަމަ ކަމަކީ، އިސްވެ ބަޔާންކުރެވުން ފަދައިން މި މައްސަލައަކީ ޤާނޫނުއަސާސީގައި ކަނޑައެޅިފައިވާ މުއްދަތުގައި ކުރާން އޮތްކަމެއް ޤާނޫނުއަސާސީއާ އެއްގޮތަށް ކުރުމަށް ނެސެސިޓީގެ އުޞޫލުން މުއްދަތެއް އިތުރުވާން ޖެހިއްޖެނަމަ މުއްދަތު އިތުރުވާ އިތުރުވުމަކީ ދައުލަތުގައި ޤާއިމްކޮށްފައިއޮތް ސަރުކާރު ދެމިއޮތުން ނިމުމަކަށް އަންނަންޖެހޭ ސަބަބެއް ނޫންކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވަނިކޮށް، ޤާނޫނުއަސާސީގެ 107 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ދައުރުގެ ތެރޭގައި 124 ވަނަ މާއްދާގައި ބުނާފަދަ ގޮތަކަށް ޢަމަލުކުރުމަށް އޮންނަ އޮތުމަށާއި ޤާނުނުއަސާސީގެ ރޫޙާއި މަޤްޞަދާވެސް ޚިލާފަށް ރައްޔިތުންގެ މަޖިލީހަށް ޤާނޫނުއަސާސީން ލިބިދީފައިނުވާ ބާރެއްގެ ބޭނުންކޮށްގެން ރައްޔިތުންގެ މަޖިލީހުގެ ޤަރާރަކަށް ނުވަތަ ޤާނޫނަކަށް ނުވަތަ ޤާނޫނީ ހަމަޔަކަށް ނުވާގޮތަށް އަދި ޤާނޫނުއަސާސީއަށް ގެނައި ބަދަލެއް ނޫން ގޮތަށް 2013 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 27 ވަނަ ދުވަހު، ޤާނޫނުއަސާސީގެ 75 ވަނަ މާއްދާގައި ބުނެފައިވާ ގޮތާ ޚިލާފަށް އިންތިޤާލީގޮތުން ޢަމަލުކުރާނެ ގޮތްތަކެއް ކަނޑައަޅައި 2013 ނޮވެމްބަރ 11 ވަނަ ދުވަހުގެ ފަހުން ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުގެ މަސްއޫލިއްޔަތު ޙަވަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން 2 ހުށަހެޅުން ފާސްކޮށް ނިންމާފައިވާ ނިންމެވުމަކީ އެ ހުށެހެޅިއިރުވެސް އަދި ފާސްކޮށް ނިންމިއިރުވެސް ބާޠިލް ނިންމުމެއްކަމަށާއި އެއަށް ޢަމަލުކުރަން ނުޖެހޭ ޣައިރު ދުސްތޫރީ ދެ ނިންމުމެއް ކަމަށް ކަނޑައަޅައި ދިނުމުގެ އިތުރުން ދަޢުވާކުރާ ފަރާތުން އެދިފައިވަނީ މި މައްސަލަ ބަލައި ވަކިގޮތަކަށް ނިންމަންދެން 2013 ނޮވެމްބަރ 11 ވަނަ ދުވަހުގެ ފަހުން ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގެ މަސްއޫލިއްޔަތު ޙަވާލުކުރުމާއި ގުޅޭގޮތުން 27 އޮކްޓޯބަރ 2013 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދެ ނިންމުމަށް ޢަމަލުކުރުން ފަސްކޮށްދިނުމުގެ ވަގުތީ އަމުރަކަށާ، އަދި މި މައްސަލަ ނިންމުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ މެންބަރަކު ނުވަތަ މުވައްޒަފަކު ވިޔަސް ޤާނޫނުއަސާސީގެ މަޤްޞަދާއި ރޫޙާ ޚިލާފަށް އިމްތިޔާޒެއް ނުވަތަ ބާރެއް ބޭނުންކުރުމަށް ޤާނޫނެއްގައި ނުވަތަ ޤަވާޢިދެއްގައިވާ ޤާނޫނުއަސާސީއާ ޚިލާފުވާ މިންވަރު ބާޠިލްކޮށްދިނުމަށްވެސް ދަޢުވާކުރި ފަރާތުން އެދިފައިވާ ކަމެވެ.

(ށ) ދެވަނަ ކަމަކީ، ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ ދަށުން އަންނަނިވި ކަންކަމާ ގުޅޭގޮތުން ޤަރާރު ފާސްކުރެވިދާނެކަން ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގައި ބަޔާންކޮށްފައިވާކަމާއި؛ (1) މަޖިލީހުގެ މަސައްކަތް ހިންގާނެ އުޞޫލަށް ގެނޭވޭ ބަދަލު ފާސްކުރުމަށާއި (2) މަޖިލީހުގެ ޤަވާޢިދަށް ގެނެވޭ ބަދަލުތަކަށާއި (3) މަޖިލީހުން ކަމަކާ ދޭތެރޭގައި ދެކޭގޮތް ހަމައެކަނި ހާމަކުރުމަށްޓަކައި ފާސްކުރާ ޤަރާރުތައްކަމާއި، އެހެންކަމުން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާރާރުތަކަކީ ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 142 ވަނަ މާއްދާގެ ދަށުން ފާސްކުރާ ޤަރާރުތަކެއް ކަމަށްވާނަމަ، އެ ޤަރާރުތައް ވާންވާނީ ބުނެވުނު ކަންކަމުގެ މައްޗަށް ފާސްކުރެވޭ ޤަރާރުތަކެއްކަން އެ ޤަވާޢިދުގެ 142 ވަނަ މާއްދާއިން އެނގެން އޮންނަކަމެވެ.

(ނ) ތިންވަނަ ކަމަކީ، 27 އޮކްޓޯބަރ 2013 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި 2 ނިންމުން ކަމަށްބުނެ ދަޢުވާކުރިފަރާތުން ހުށަހެޅި ލިއުމަށް ބަލާއިރު އެ ލިޔުމުގައިވަނީ " މި އިޞްލާޙު ހުށަހަޅާފައިވަނީ 11 ނޮވެމްބަރު 2008 ގައި ފެށުނު ރިޔާސީ ދައުރު ހަމަވާއިރު، ޤާނޫނުއަސާސީގެ 111 ވަނަ މާއްދާގައިވާ ގޮތުގެމަތިން އިންތިޚާބުކޮށްފައިވާ ރައީސަކު ނެތުމުގެ ފުރުޞަތު އޮތްކަމަށާއި، އަދި މިޙާލަތަކީ ޤާނޫނީ މައްސަލަތަކެއް ދިމާވާނެ ޙާލަތެއްކަމަށާއި، އަދި މި މައްސަލަތައް ޙައްލުކުރުން އެންމެ އެކަށީގެންވަނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކަމަށް ދެކޭކަމަށާއި މި މައްސަލަތަކަށް ޙައްލު ހޯދުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން އިސްނަގައިގެން ކުރިއަށް ގެންގޮސްދިނުމަށް 23 އޮކްޓޯބަރު 2013 ވީ ބުދަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ފޮނުވި ސިޓީން އެދިފައިވާކަމަށާއި ހިންނަވަރު ދާއިރާގެ މެންބަރު އިބްރާޙިމް މުޙަންމަދު ޞާލިޙު ހުށަހެޅި ހުށަހެޅުމަކީ 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ރޭގަނޑު 12:00 ވާއިރު 2013 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުން އައު ރައީސުލްޖުމްހޫރިއްޔާއެއް އިންތިޚާބުވެފައި ނުވާނަމަ ކަންކުރާނެ ގޮތް އެމަޖިލީހުން ނިންމުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 23 އޮކްޓޯބަރު 2013 ގައި ފޮނުވި ސިޓީން އަންގަވާފައިވާތީ، މި ޙާލަތުގައި ކަންކުރާނެގޮތްކަމަށާ އެގޮތުން (ހ) ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް އަލުން މީހަކު އިންތިޚާބުކުރެވެންދެން އެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އެކަމާ ޙަވާލުވެވެން ނެތްނަމަ އެކަމާ ޙަވާލުވާނީ ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސްކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސަށް އެކަމާ ޙަވާލުވެވެން ނެތްނަމަ އެކަމާ ޙަވާލުވާނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤަރާރަކުން ހޮވާ އެ މަޖިލީހުގެ މެންބަރެއް ކަމަށާއި މީގެއިތުރުން އިންތިޤާލީ މަރުޙަލާއަށް ތައްޔާރުވުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުން އަވަސްކޮށް ނިންމަންޖެހޭކަމަށް މަޖިލީހުގެ ރައީސަށް ފެންނަކަންކަން ވާނަމަ އެކަންކަން ކޮށް ނިންމުމުގެ އިޚްތިޔާރާއި ބާރު ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދިނުމަށް ފާސްކޮށްފައިވާކަމެއެވެ.

(ރ) ހަތަރުވަނަ ކަމަކީ، މި މައްސަލާގައި ހުށަހެޅިފައިވާ ލިޔުމަށް ބަލާއިރު އިސްވެ ބަޔާންކުރެވުނު ދެ ނިންމުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސިގެ 124 ވަނަ މާއްދާގެ (ހ) އާއި (ށ) ގެ ދަށުން އެ މާއްދާ ބަޔާންކޮށްފައިވާ ޙާލަތްތަކުގައި ކަންކުރަންވީ ގޮތުގެ މައްޗަށް އޮތް ނިންމުމެއް ނޫންކަން އެނގޭކަމާއި ޤާނޫނުއަސާސީގެ 124 ވަނަ މާއްދާގެ (ހ) ގައި ވަނީ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާނުކުރެވޭ ފަދަ ޙާލަތެއް ވަގުތީގޮތުން މެދުވެރި ވެއްޖެނަމަ، ރައީސުލްޖުމްހޫރިއްޔާއަށް ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް މަސައްކަތާ އަލުން ޙަވާލުވެވެންދެން ވަގުތީގޮތުން އެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ޙަވަލުވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އެކަމާ ޙަވާލުވެވެން ނެތްނަމަ އެކަމާ ޙަވާލުވާނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމާއި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސަށް އެކަމާ ޙަވާލުވެވެން ނެތްނަމަ، ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާ ޙަވާލުވާނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤަރާރަކުން ހޮވާ އެ މަޖިލީހުގެ މެންބަރެއްކަމާއި އެ މާއްދާއްގެ (ށ) ގައިވަނީ ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ރައީސުލްޖުމްހޫރިއްޔާގެ ވާޖިބުތައް އަދާކުރަން ހުރަސްއެޅޭފަދަ ދާއިމީ ޙާލަތެއް ކުރިމަތިވެގެން ނުވަތަ މަޤާމުން އިސްތިއުފާދީގެން ނުވަތަ މަޤާމުން ދުރުކުރުމުގެ ސަބަބުން ނުވަތަ މަރުވެގެން އެ ދެ މަޤާމު އެއްފަހަރާ ހުސްވެއްޖެނަމަ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމުގެ މަޤާމަށް އަލުން މީހުން އިންތިޚާބުކުރެވެންދެން އެ ދެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ވަގުތީގޮތުން އަދާކުރާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އެކަމާ ޙަވާލުވެވެން ނެތްނަމަ އެކަމާ ޙަވާލުވާނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އެކަމާ ޙަވާލުވެވެން ނެތްނަމަ، ޙަވާލުވާނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާރާރަކުން ހޮވާ އެ މަޖިލީހުގެ މެންބަރެއްކަމާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ނުވަތަ އެ މަޖިލީހުގެ މެންބަރަކު ރައީސުލްޖުމްހޫރިއްޔާގެ މަޤާމާ ޙަވާލުވެވޭނެ ގޮތްކަމަށް ހަމައެކަނި ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ޙާލަތަކީ އިސްވެބަޔާންކުރެވުނު ފަދައިން ޤާނޫނުއަސާސީގެ 124 ވަނަ މާއްދާގައިވާ ގޮތުގެމަތިންކަން އެނގޭއިރު، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤަރާރަކުން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ވަގުތީގޮތުން ޙަވާލުކުރެވޭނީ ޤާނޫނުއަސާސީގެ މި މާއްދާގެ ދަށުން މި މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގައިކަމާއި ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ވަގުތީގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސާ ނުވަތަ ނައިބު ރައީސާ ޙަވާލުވެވޭނީ ޤާނޫނުއަސާސީގެ 124 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތުގައިކަން އެނގެން އޮތްއިރު، އެނޫންގޮތަކަށް ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާކަން އެނގެންނެތްކަމެއެވެ.

(ބ) ފަސްވަނަ ކަމަކީ، ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ އެ މަޖިލީހުގެ ނައިބު ރައީސް ނުވަތަ އެ މަޖިލީހުގެ މެންބަރަކާ ޙަވާލުކުރެވޭނެ ޙާލަތާއި އުޞޫލުތައް ޤާނޫނުއަސާސީގެ 124 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ކަނޑައެޅިފައިވާ ރިޔާސީ ދައުރެއްގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއަށާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް އަދާނުކުރެވޭ ފަދަ ވަގުތީ ޙާލަތެއް މެދުވެރިވެގެން ނުވަތަ އެ ވާޖިބުތައް އަދާކުރުރުމަށް ހުރަސްއެޅޭ ފަދަ ދާއިމީ ޙާލަތެއް މެދުވެރިވެގެން ނުވަތަ މަޤާމުން އިސްތިއުފާދީގެން ނުވަތަ މަޤާމުން ދުރުކުރުމުގެ ސަބަބުން ނުވަތަ މަރުވެގެން އެ ދެ މަޤާމު ހުސްވެއްޖެ ޙާލަތެއްގައި ކަމަށްވާއިރު، ކަނޑައެޅިފައިވާ ރިޔާސީ ދައުރެއް ނިމޭއިރު ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބަކު އިންތިޚާބު ނުކުރެވިއްޖެ ޙާލަތެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ނުވަތަ އެ މަޖިލީހުގެ މެންބަރަކާ ރައީސުލްޖުމްހޫރިއްޔާގެ ބާރުތަކާއި މަސްއޫލިއްޔަތުތައް ޙަވާލުކުރާން އިންތިޤާލީ ޚާއްޞަ އުޞޫލުތަކެއް ޤާނޫނުއަސާސީއަށް ގެނެވޭ އިސްލާޙަކަށް ނުވާގޮތަށް ކަނޑައެޅުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިދީފައިވާކަން ޤާނޫނުއަސާސީގައި ބަޔާންވެފައިނުވާތީ 27 އޮކްޓޯބަރ 2013 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދެ ނިންމުމަކީ ޤާނޫނުއަސާސީން ކަނޑައެޅިފައިވާ ނިންމުމެއްކަމަށް ބެލެވޭނެ ތަނެއް ނެތްކަމެއެވެ.

(ޅ) ހަވަނަ ކަމަކީ، މި މައްސަލަ ނިންމުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ މެންބަރަކު ނުވަތަ މުވައްޒަފަކު ވިޔަސް ޤާނޫނުއަސާސީގެ މަޤްޞަދާއި ރޫޙާ ޚިލާފަށް އިމްތިޔާޒެއް ނުވަތަ ބާރެއް ބޭނުންކުރުމަށް ޤާނޫނެއްގައި ނުވަތަ ޤަވާޢިދެއްގައިވާ ޤާނޫނުއަސާސިއާ ޚިލާފުވާ މިންވަރު ބާޠިލްކޮށްދިނުމަށްވެސް ދަޢުވާކުރާ ފަރާތުން އެދިފައި އޮތް ކަމުގައިވިއަސް އެ އެދުމަކީ އެފަރާތުން ކޮށްފައިވާ ދަޢުވާއިން ބޭރު އެދުމެއްކަމަށް ވާތީ، މިމައްސަލާގައި އެކަމާމެދު ގޮތެއް ކަނޑައެޅިދާނެ ކަމަކަށް ނުފެނެއެވެ.

ވީމާ، އިސްވެ ފާހަގަކުރެވުނު ކަންތައްތަކަށް ރިޢާޔަތްކުރާއިރު 27 އޮކްޓޯބަރ 2013 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި 2 ނިންމުމަކީ، އެބާވަތުގެ ނިންމުންތައް ނިންމުމަށް ޤާނޫނުއަސާސީން ރައްޔިތުންގެ މަޖިލީހަށް ލިބިދީފައިވާ ބާރުތަކާއި އިޚްތިޔާރުގެ ތެރެއިން ނިންމާފައިވާ ނިންމުމެއްކަމަށް ބެލެވޭނެ ތަނެއް ނެތަތީ، ދުސްތޫރީ އަދި ޤާނޫނީގޮތުން ޢަމަލުކުރުން ލާޒިމް ނިންމުމެއްކަމަށް ކަނޑައެޅިދާނެ ކަމަކަށް ނުފެނެއެވެ.

އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން

ފަނޑިޔާރު ޢާދަމް މުޙައްމަދު ޢަބްދުﷲ

ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ތަފާތުވި ރަޢުޔު

މި މައްސަލައަކީ 27 އޮކްޓޯބަރު 2013 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން، 11 ނޮވެމްބަރު 2013 ވަނަ ދުވަހުގެ ފަހުން ރައީސުލްޖުމްހޫރިއްޔާއަކު އިންތިޚާބު ނުކުރެވިއްޖެނަމަ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުގެ މަސްއޫލިއްޔަތު ހަވާކުރުމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް 2 ހުށަހެޅުމެއް ހުށަހަޅާ އެ 2 ހުށަހެޅުން ފާސްކޮށް ނިންމާފައިވާ ނިންމުމަކީ އެ ހުށަހެޅިއިރުވެސް އަދި ފާސްކޮށް ނިންމިއިރުވެސް ބާޠިލް 2 ނިންމުން ކަމަށާއި، އެއީ އެއަށް ޢަމަލުކުރަންނުޖެހޭ ޣައިރު ދުސްތޫރީ 2 ނިންމުންކަމަށް ކަނޑައަޅައިދިނުމަށް އެދި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް، މއ. އައިވަރީހައުސް މުޙައްމަދު ވަޙީދު އިބްރާހީމް، ދިވެހި ރައްޔިތުންގެ އާންމު މަސްލަޙަތު (ޕަބްލިކް އިންޓަރެސްޓް ލިޓިގޭޝަން) ގެ ދަޢުވާއެއް ކަމަށްބުނެ، ދައުލަތް (ރައްޔިތުންގެ މަޖިލިސް) ގެ މައްޗަށް ހުށަހަޅާފައިވާ މައްސަލައެކެވެ.

މި މައްސަލައިގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި ކަމާގުޅޭ ޤާނޫނުތަކަށާއި ޝަރީޢަތުގެ މަޖިލީހުގައި ދެއްކި ވާހަކަތަކަށާއި ހުށަހެޅުނު ލިޔުންތަކަށާއި މި މައްސަލަ ހިނގާދިޔަގޮތުގެ އިޖުރާއާތުތަކަށް، ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާ ބެލިއިރު އަންނަނިވި ކަންކަން އަހުރެން ފާހަގަ ކުރަމެވެ.

(ހ) ފުރަތަމަ ކަމަކީ، މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ 29 އޮކްޓޯބަރު 2013 ގައި ކަމާއި، މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ރަޖިސްޓަރީ ކުރެވިފައިވަނީ 07 ނޮވެމްބަރު 2013 ގައި ކަމާއި މި މައްސަލައިގެ އަޑުއެހުން ބޭއްވިފައިވަނީ 8 ނޮވެމްބަރު 2013 ވަނަ ދުވަހުގެ ރޭ ދިވެހިރާއްޖޭގެ ގަޑިން 21:00 ގައި ކަމާއި މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމައި ޙުކުމްކުރަން ހަމަޖެހިފައިވަނީ 09 ނޮވެމްބަރު 2013 ވަނަ ދުވަހުގެ މެންދުރުފަހު 15:00 ގައި ކަމެވެ.

(ށ) ދެވަނަ ކަމަކީ، މި މައްސަލައިގެ ދައުވާ ލިބޭ ފަރާތަކީ ދައުލަތް (ރައްޔިތުންގެ މަޖިލިސް) ކަމަށްވާތީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަރާތުން ދިވެހިރާއްޖޭގެ ބަންޑާރަނައިބުގެ އޮފީހުގައި އިބްތިދާއީ ބައްދަލުވުމަށް ވަޑައިގަތުމަށް ދެންނެވިކަމާއި އެ އޮފީހުން ވިދާޅުވެފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ނ) ގައި "ދިވެހިރާއްޖޭގެ އެންމެހައި ކޯޓުތަކަށް ހާޒިރުވެ ވާހަކަދެއްކުމުގެ ޙައްޤު ބަންޑާރަނައިބަށް ލިބިގެންވެއެވެ. އަދި މި ޤާނޫނުއަސާސީގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތު ކަމުގައި ކަނޑައަޅާފައިވާ ކަންކަން ފިޔަވައި އެހެން ކަންކަމުގައި ކޯޓުތަކުގައި ދައުލަތް ތަމްޞީލުކުރާނީ ބަންޑާރަނައިބު ނުވަތަ އޭނާ ކަނޑައަޅާ ފަރާތެއް" ކަމުގައި ބަޔާންކޮށްފައިވާތީ، ދައުލަތުގެ ފަރާތުން ޝަރީޢަތުގެ މަޖިލީހަށް ހާޒިރުވެ ވާހަކަދައްކާ ފަރާތަކީ ބަންޑާރަނައިބު ޢައްޔަންކޮށްފައިވާ ނުވަތަ ކަނޑައަޅުއްވާފައިވާ ފަރާތަކަށް ވާންޖެހޭއިރު، ދައުލަތުގެ ފަރާތުން ކޮންމެ މައްސަލައަކަށްވެސް ހާޒިރުވެ ވަކާލާތުކުރާނެ ފަރާތެއް ޢައްޔަންކުރަނީ ބަންޑާރަނައިބު ކަނޑައަޅުއްވާ ގޮތެއްގެމަތިން ކަމަށްވީހިނދު، ދައުލަތުގެ ބަންޑާރަނައިބުގެ މަޤާމު 29 އޮކްޓޯބަރު 2013 ވަނަ ދުވަހުން ފެށިގެން ހުސްވެފައިވާތީ އާއި، އަދި ބަންޑާރަނައިބަކު މިހާތަނަށްވެސް ޢައްޔަންކުރައްވާފައި ނުވާތީ، ދައުލަތުގެ ބަންޑާރަނައިބަކު މިހާތަނަށްވެސް ޢައްޔަންކުރައްވާފައި ނުވާތީ، ދައުލަތުގެ ބަންޑާރަނައިބުގެ ނަމުގައި އެއްވެސް ފަރާތަކަށް ޝަރީޢަތުގެ މަޖިލީހަށް ހާޒިރުވެ ބަންޑާރަނައިބުގެ ނަމުގައި ދައުލަތް ތަމްޞީލުކުރެވިދާނެ ތަނެއް އޮތްކަމަށް ނުފެންނަކަމަށާއި، ދައުލަތުގެ ފަރާތުން ޝަރީޢަތުގެ މަޖިލީހަށް ހާޒިރުވާ ފަރާތްތަކުން ތަމްޞީލުކުރަނީ ބަންޑާރަނައިބުގެ ނިންމެވުންކަމަށްވާއިރު، މިހާރު ދައުލަތުގެ ބަންޑާރަނައިބުގެ މަޤާމު ހުސްވެފައިވާހިނދު، ޝަރީޢަތުގެ އެއްވެސް މަޖިލީހަކަށް ދައުލަތުގެ ނަމުގައި ވަކާލާތުކުރަން ހާޒިރުވާ ފަރާތަކުން ތަމްޞީލުކުރާނީ ކޮންފަރާތެއްގެ ނިންމެވުމެއްކަން އެނގެން ނެތަތީ، އެކަމުގައި ސުވާލު އުފެދިދާނެކަމަށް ދެކޭ ކަމަށާއި ބަންޑާރަނައިބު ނެތް ޙާލަތެއްގައި ދައުލަތުގެ ފަރާތުން ޝަރީޢަތުގެ މަޖިލީހަށް ހާޒިރުވެ ޖަވާބުދާރީ ނުވެވޭނެކަމަށް ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުން ކަނޑައަޅުއްވާފައިވާ ކަމަށާއި، 29 އޮކްޓޯބަރ 2013 އިން ފެށިގެން އެގޮތަށް ޢަމަލުކުރައްވަމުންދާ ކަމަށެވެ.

(ނ) ތިންވަނަ ކަމަކީ، މި މައްސަލައަކީ ރައްޔިތުންގެ މަޖިލީހާ ގުޅުންހުރި މައްސަލައަކަށްވާތީ މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ ވާހަކަ ރައްޔިތުންގެ މަޖިލީހުގައި މި ކޯޓުގެ ނަންބަރު 197-B1/57/2013/12 (07 ނޮވެމްބަރު 2013) ސިޓީއިން ދަންނަވާފައިވާކަމާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މި ކޯޓަށް ފޮނުއްވި އެ އިދާރާގެ ނަންބަރު 57-J/197/2013/22 (07 ނޮވެމްބަރު 2013) ސިޓީއިން ވިދާޅުވެފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ސިޓީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިބިފައިވަނީ 07 ނޮވެމްބަރު 2013 ވަނަ ދުވަހުގެ 16:00 ގައި ކަމަށާއި އެ ސިޓީގައި ބަޔާންކުރައްވާފައިވާ ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ދަޢުވާ ލިބޭގޮތަށް ހުށަހަޅުއްވާފައިވާ މައްސަލައިގެ އަޑުއެހުމެއް މާދަމާގެ 15:30 ގައި ބޭއްވުމަށް ހަމަޖައްސަވާފައިވާކަމަށް ސުޕްރީމް ކޯޓުން މަޢުލޫމާތު ދެއްވާފައިވާ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ ދަށުން ޤާނޫނީގޮތުން މަޖިލިސް ތަމްޞީލުކުރަންޖެހޭ ޙާލަތްތަތުގައި މަޖިލިސް ތަމްޞީލުކުރުމުގެ މަސްއޫލިއްޔަތު ޙަވާލުކުރައްވާފައިވާ ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް އަލްއުސްތާޛާ ފާތިމަތު ފިލްޒާ މިވަގުތު ހުންނެވީ ރާއްޖޭން ބޭރުގައިކަމުން އެކަމަނާއަށް އެންމެ އަވަހަށްވެސް މާލެ ވަޑައިގެންނެވެން އޮތީ މާދަމާ، 8 ނޮވެމްބަރު 2013 ވަނަ ދުވަހު ރޭގަނޑު ކަމުގައި ސުޕްރީމް ކޯޓުގެ މަޢުލޫމާތަށްޓަކައި ދެންނެވުމަށް މަޖިލީހުގެ ރައީސް ވިދާޅުވެފައިވާ ކަމަށެވެ.

(ރ) ހަތަރުވަނަ ކަމަކީ، ދައުލަތުގެ ބަންޑާރަނައިބަކު އައްޔަނު ކުރެވިފައިނެތޭ ބުނެ ދައުލަތުގެ މައްޗަށް ހުށަހެޅޭ މައްސަލަތައް ކޯޓުގައި ނުހިންގުމަކީ އަހުރެންނަށް ބަލައިގަނެވޭނެ ކަމެއް ނޫންކަމެވެ.

(ބ) ފަސްވަނަ ކަމަކީ، މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އަލުން ބާއްވަން ޝެޑިއުލް ކުރެވުނީ 08 ނޮވެމްބަރު 2013 ވަނަ ދުވަހުގެ ރޭ 21:00 ގައި ކަމާއި މިކަން އެޓަރނީ ޖެނެރަންގެ އޮފީހާއި ރައްޔިތުން މަޖިލީހަށް ވެސް އެންގިފައިވާކަން އަހުރެންގެ އަތުގައި ހުރި ޑޮކިއުމަންޓްތަކުން ދައްކާ ކަމާއި ބަންޑާރަނާއިބުގެ ފަރާތުންވެސް އަދި ރައްޔިތުންގެ މަޖިލީހުން ވެސް ހާޒިރުވެފައި ނުވާކަމާއި މައްސަލަ ބޭއްވިފައިވަނީ އެކްސްޕާޓޭ މައްސަލައެއްގެ ގޮތުގައިކަން ޝަރީޢަތުގެ މަޖިލީހުގައި އިޢުލާން ކުރެވުނު ކަމެވެ.

(ޅ) ހަވަނަ ކަމަކީ، މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި މއ. އައިވަރީހައުސް މުޙައްމަދު ވަޙީދު އިބްރާހީމް އެދިފައިވަނީ ތިން ކަމަކަށް ކަމާއި އެއީ:

1. މައްސަލައިގެ ޞީޣާ އާއި ސަބަބުތަކުގެ މައްޗަށާއި، މި މައްސަލައިގެ ވަށައިގެންވާ ކަންތައްތަކުގެ މައްޗަށް ރިއާޔަތްކޮށް މި މައްސަލަ ބަލައި ވަކިގޮތެއް ނިންމަންދެން، 11 ނޮވެމްބަރު 2013 ވަނަ ދުވަހުގެ ފަހުން ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގެ މަސްއޫލިއްޔަތު ޙަވާލުކުރުމާއި ގުޅޭގޮތުން 27 އޮކްޓޯބަރު 2013 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ހުށަހަޅާ ފާސްކުރި 2 ނިންމެވުމަށް ޢަމަލުކުރުން ފަސްކޮށްދެއްވުމުގެ ވަގުތީ ޢަމުރެއް ނެރެދިނުން.

2. 11 ނޮވެމްބަރު 2013 ވަނަ ދުވަހުގެ ފަހުން ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގެ މަސްއޫލިއްޔަތު ޙަވާލުކުރުމާއި ގުޅޭގޮތުން 27 އޮކްޓޯބަރު 2013 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ހުށަހަޅާ ފާސްކުރި، 2 ނިންމުމަކީ އެހުށަހެޅި އިރުވެސް އަދި ފާސްކޮށް ނިންމި އިރުވެސް ބާޠިލް 2 ނިންމެވުން ކަމަށާއި އެއީ އެއަށް ޢަމަލުކުރަންނުޖެހޭ ޣައިރު ދުސްތޫރީ، ބާޠިލް 2 ނިންމެވުންކަމަށް ކަނޑައަޅައި ދިނުން.

3. މި މައްސަލަ ބަލާ ނިންމުމުގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ އެ މަޖިލީހުގެ މެންބަރަކު ވިއަސް ނުވަތަ މުވައްޒަފަކު ވިއަސް ޤާނޫނުއަސާސީގެ މަޤްޞަދާއި ރޫޙާއި ޚިލާފަށް އިމްތިޔާޒެއް ނުވަތަ ބާރެއް ބޭނުންކުރުމަށް ޤާނޫނެއްގައި ނުވަތަ ޤަވާޢިދެއްގައި އޮތްނަމަ ޤާނޫނުއަސާސީން ދީފައިވާ ބާރާއި، އިމްތިޔާޒަށްވުރެ އިތުރަށް ބާރާއި އިމްތިޔާޒް ދީފައިވާ ޤާނޫނެއްގައި ނުވަތަ ޤަވާޢިދެއްގައިވާ ޤާނޫނުއަސާސީއާ ޚިލާފްވާ މިންވަރު ބާޠިލް ކޮށްދިނުން.

(ކ) ހަތްވަނަ ކަމަކީ، ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމާއި އެ ބާރުތައް އަބަދަށްމެ ދެމިއޮންނަނީ ރައްޔިތުންގެ ކިބައިގައި ކަމެވެ.

(އ) އަށްވަނަ ކަމަކީ، 11 ނޮވެމްބަރު 2008 ގައި ފެށުނު ރިޔާސީ ދައުރު ހަމަވާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 111 ވަނަ މާއްދާގައިވާ ގޮތުގެމަތިން އިންތިޚާބު ކުރެވިފައިވާ ރައީސަކު ނެތުމުގެ ފުރުޞަތު އޮތްކަމަށާއި މި ޙާލަތަކީ ޤާނޫނީ މައްސަލަތަކެއް ދިމާވެދާނެ ޙާލަތެއްކަމަށާއި މި މައްސަލަތައް ޙައްލުކުރުން އެންމެ އެކަށީގެންވަނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކަމަށް ދެކެވަޑައިގެން މި މައްސަލަތަކަށް ޙައްލެއް ހޯދުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން އިސް ނަންގަވައިގެން ކުރިއަށް ގެންގޮސްދެއްވުމަށް އެދިވަޑައިގެން 23 އޮކްޓޯބަރު 2013 ވަނަ ދުވަހު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ފޮނުއްވިކަމެވެ.

(ވ) ނުވަވަނަ ކަމަކީ، ރައީސުލްޖުމްހޫރިއްޔާގެ ހުށަހެޅުއްވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ދެ ހުށަހެޅުމެއް ހުށަހެޅި އެ ދެ ހުށަހެޅުން ރައްޔިތުންގެ މަޖިލީހުން ފާސްވިކަމެވެ.

(މ) ދިހަވަނަ ކަމަކީ، ރައީސުލްޖުމްހޫރިއްޔާކަމުގެ ދައުރަކީ 5 އަހަރުކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 107 ވަނަ މާއްދާގެ (ހ) ބުނާކަމާއި ދިވެހިރާއްޖޭގައި ރައީސުލްޖުމްހޫރިއްޔާއަކު މި ފަހުން އިންތިޚާބު ކުރެވި މަޤާމާ ޙަވާލުވެފައިވަނީ 11 ނޮވެމްބަރު 2008 ގައި ކަމާއި 11 ނޮވެމްބަރު 2008 ވަނަ ދުވަހު ފެށުނު ރިޔާސީ ދައުރު 10 ނޮވެމްބަރު 2013 ގެ ނިޔަލަށް ހަމަވާނެކަމެވެ.

(ފ) އެގާރަވަނަ ކަމަކީ، ރައީސުލްޖުމްހޫރިއްޔާގެ ވާޖިބުތަށް ވަގުތީގޮތުން އަދާ ނުކުރެވޭފަދަ ޙާލަތެއް ވަގުތީގޮތުން މެދުވެރިވެއްޖެނަމަ ޢަމަލުކުރަންވީގޮތް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 124 ވަނަ މާއްދާގެ (ހ) ގެ ނައްޞުގައި ވަރަށް ސާފުކޮށް ބުނެދީފައި އެބައޮތްކަމެވެ.

(ދ) ބާރަވަނަ ކަމަކީ، ރައީސުލްޖުމްހޫރިއްޔާގެ ވާޖިބުތައް އަދާ ނުކުރެވޭފަދަ ޙާލަތެއް ދާއިމީގޮތުން މެދުވެރި ވެއްޖެނަމަ ޢަމަލުކުރަންވީގޮތް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 124 ވަނަ މާއްދާގެ (ށ) ގެ ނައްޞުން ވަރަށް ސާފުކޮށް އެނގެން އެބައޮތްކަމާއި އެއީ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް، ރައީސުލްޖުމްހޫރިއްޔާ ކަމުގެ ވާޖިބުތައް އަދާކުރަން ހުރަސްއެޅޭފަދަ ދާއިމީ ޙާލަތެއް ކުރިމަތިވެގެން ނުވަތަ މަޤާމުން އިސްތިއުފާ ދީގެން ނުވަތަ މަޤާމުން ދުރުކުރުމުގެ ސަބަބުން ނުވަތަ މަރުވެގެން އެ ދެ މަޤާމު އެއްފަހަރާ ހުސްވެސްޖެނަމަ ޢަމަލުކުރަންވީ ގޮތްކަމާއި، އެގޮތުން ރައީސުލްޖުމްހޫރިއްޔާ ކަމުގެ ވާޖިބުތައް އަދާކުރަން ހުރަސްއެޅޭފަދަ ދާއިމީ ޙާލަތެއް ކުރިމަތިވެއްޖެނަމަ، ރައީސުލްޖުމްހޫރިއްޔާގެ މަޤާމާ ފުރަތަމަ ޙަވާލުވާންޖެހޭނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އެ މަޤާމާ ޙަވާލުވެވެން ނެތްނަމަ އެކަމާ ޙަވާލުވާނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމާއި، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސަށް ޙަވާލުވެވެން ނެތްނަމަ އެކަމާ ޙަވާލުވާނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤަރާރަކުން ހޮވާ އެ މަޖިލީހުގެ މެންބަރެއް ކަމެވެ.

(ތ) ތޭރަވަނަ ކަމަކީ، ރައީސުލްޖުމްހޫރިއްޔާކަމުގެ ރިޔާސީ ދައުރަކީ 5 އަހަރު ކަމާއި 5 އަހަރު ހަމަވުމުން ދައުރު ހަމަވީ ކަމާއި ދައުރު ހަމަވުމުން ރިޔާސީ އާއުދައުރަކަށް ނުހޮވޭނަމަ އެ މަޤާމުގައި އޭނާ ހުރުމުގެ ޤާނޫނީ ޙައިޞިއްޔަތެއް ނެތްކަމާއި އަދި އެއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 124 ވަނަ މާއްދާގެ (ށ) ގައި ބުނާ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ވާޖިބުތައް އަދާކުރަން ހުރަސްއެޅޭފަދަ ދާއިމީ ޙާލަތެއް ކަމެވެ.

(ލ) ސާދަވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 124 ވަނަ މާއްދާގައި ބުނާ ވާޖިބުތައް އަދާކުރާން ހުރަސްއެޅޭފަދަ ދާއިމީ ޙާލަތެއް ކުރިމަތިވަނީ ހަމައެކަނި ރިޔާސީ ދައުރުގެ ތެރެއިން ނޫން ކަމާއި ރިޔާސީ ދައުރު ހަމަވުމުން އެ ކުރިމަތިވަނީ ވެސް ރައީސުލްޖުމްހޫރިއްޔާގެ ވާޖިބުތައް އަދާކުރަން ކަނޑައެޅިގެން ހުރަސްއެޅޭފަދަ ޙާލަތެއް ކަމާއި ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށްވެފައި އެ ބާރުތައް ދެމިއޮންނަނީ ރައްޔިތުންގެ ކިބައިގައިކަމަށް ވާއިރު، ރައްޔިތުންގެ މައްޗަށް ވެރިކަންކުރާން ރައްޔިތުން އިންތިޚާބު ކޮށްފައިނުވާ މީހަކު ހުރުމަކީ ޤަބޫލުކޮށް ބަލައިގަނެވޭނެ ކަމެއް ނޫންކަމެވެ.

(ގ) ފަނަރަވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 124 ވަނަ މާއްދާގައި ބުނާ އިބާރާތްތަށް ދެނެގަނެ މާނަ ކޮށްފައިވާނީ ޤާނޫނު ނަންބަރު 2011/4 (މާނަކުރުމުގެ ހަމަތައް ބަޔާން ކުރުމުގެ ޤާނޫނު) ގެ ތަރަހައިގެ ތެރެއިން ކަމާއި އަދި މި ކަމުގެ ޖޫރިސްޕްރުޑަންސް ރާއްޖޭގައި ނެތުމުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 124 ވަނަ މާއްދާގެ (ށ) ގައި ބުނާ: ވާޖިބުތައް އަދާކުރާން ހުރަސްއެޅޭފަދަ ދާއިމީ ޙާލަތެއް ކުރިމަތިވެގެން އިނގިރޭސި ބަހަށް ތަރުޖަމާކޮށް

(A permanent situation that results in preventing/inhibiting the execution of the duties of the president)

އެހެންވެސް ޤައުމުތަކުގެ ޖޫރިސްޕްރުޑަންސް އަށް ވެސް އަހުރެން ވިސްނީމެވެ. އަދި ބައިނަލްއަޤްވާމީ ޤާނޫނުގެ އުންޞުރުތަކާއި އުޞޫލުތަކުގެ އަލީގައި ދައުލަތް ދެމިއޮތުމުގެ ހަމަތަކުގެމަތިން ވެސް އަހުރެން ވިސްނީމެވެ.

(ޏ) ސޯޅަވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ މާއްދާތަކަށާ އެ ޤާނޫނުއަސާސީގެ ރޫޙަށް ބަލާއިރު، ރައީސުލްޖުމްހޫރިއްޔާގެ ދައުރު ހަމަވެ އޭނާއަށް އެ މަޤާމުގެ ވާޖިބުތައް އަދާކުރުމަށް ހުރަސްއެޅިއްޖެ ނަމަ އެ މަޤާމާ ވަގުތީ ގޮތުން ޙަވާލުވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޙަވާލުވުމަށްފަހު ޤާނޫނުއަސާސީގައި ބުނެފައިވާ މުއްދަތުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއަކު ހަމަޖައްސަންޖެހޭނެ ކަމާއި މި ޙާލަތުގައިވެސް މުޅި ދައުލަތް ދެމިއޮވެ ފަންކްޝަން ކުރާނެ ކަމާއި ދިވެހި ދައުލަތުގެ ސިޔާދަތައްވެސް އަދި ދިވެހި ސަރުކާރުގެ ބާރަށް އެއްވެސް އުނިކަމެއް ނާންނާނެކަމެވެ.

(ސ) ސަތާރަވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ށ) ގައި މި ޤާނޫނުއަސާސީގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ކަމެއް ހިނގިގޮތުގެ ޞައްޙަކަން ބެލުމަށްޓަކައި އެއްވެސް ކޯޓަކަށް މައްސަލައެއް ހުށައެއް ނޭޅޭނެ ކަމާއި 27 އޮކްޓޯބަރު 2013 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ނިންމެވި ދެ ނިންމެވުމަކީ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މައްސަލައަކާ ގުޅިގެން ނިންމެވި ދެ ނިންމެވުން ކަމާއި އެ ދެ ނިންމެވުމަކީ ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ ބާރުގެ ތެރެއިން އެ މަޖިލީހުން ނިންމެވި ދެ ނިންމެވުން ކަމެވެ.

(ޑ) އަށާރަވަނަ ކަމަކީ، މި މައްސަލަ ބަލާ ނިންމުމުގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ އެ މަޖިލީހުގެ މެންބަރަކު ވިއަސް ނުވަތަ މުއައްޒަފަކު ވިއަސް ޤާނޫނުއަސާސީގެ މަޤްޞަދާއި ރޫޙާއި ޚިލާފަށް އިމްތިޔާޒެއް ނުވަތަ ބާރެއް ބޭނުންކުރުމަށް ޤާނޫނެއްގައި ނުވަތަ ޤަވާޢިދެއްގައި އޮތްނަމަ ޤާނޫނުއަސާސީން ދީފައިވާ ބާރާއި، އިމްތިޔާޒަށްވުރެ އިތުރަށް ބާރާއި އިމްތިޔާޒް ދީފައިވާ ޤާނޫނެއްގައި ނުވަތަ ޤަވާޢިދެއްގައިވާ ޤާނޫނުއަސާސީއާ ޚިލާފުވާ މިންވަރު ބާޠިލްކޮށްދިނުމަށް މއ. އައިވަރީހައުސް، މުޙައްމަދު ވަޙީދު އިބްރާހީމް އެދިފައިވާ އެދުމަކީ މި ކޯޓަށް އަދި އެހެން ކޯޓަކަށްވެސް ކުރެވޭނެ ކަމެއް ކަމަށް އަހުރެން ނުދެކޭ ކަމާއި ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ހުރިހާ ޤާނޫނެއް އަދި ދިވެހިރާއްޖޭގައި ޢަމަލުކުރަމުންދާ ހުރިހާ ޤަވާޢިދެއް ބަލައި މއ. އައިވަރީހައުސް، މުޙައްމަދު ވަޙީދު އިބްރާހީމް އެދިފައިވާގޮތަށް މި މައްސަލައިގެ ތެރޭގައި ރިވިޔު ނުކުރެވޭނެ ކަމެވެ.

ދެންފަހެ، އިސްވެ ފާހަގަކުރި ކަންތައްތަކަށް ބަލައި ރިޢާޔަތް ކުރާއިރު، މއ. އައިވަރީހައުސް، މުޙައްމަދު ވަޙީދު އިބްރާހީމް އެދިފައިވާ ކަންތައްތަކުގެ މައްޗަށް ޙުކުމެއް ކުރަންޖެހޭފަދަ ޟުރޫރަތެއް އޮތްކަމަށް އަހުރެން ނުދެކެމެވެ.

ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ