ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2014/SC-A/14ސުޕްރީމް ކޯޓު · 12 މާރިޗު 2020

—

ސުޕްރީމް ކޯޓު
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 12 މާރިޗު 2020ބާވަތް: ފައިސާ ހޯދުން

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ

ގަޟިއްޔާ ނަންބަރު: 2014/SC-A/14

ދަޢުވާކުރާ ފަރާތް: އެޓަރނީ ޖެނެރަލްގެ އޮފީސް

ދަޢުވާ ލިބޭ ފަރާތް: މުޙައްމަދު ޝަރީފް

މައްސަލައިގެ ބާވަތް: ފައިސާ ހޯދުން

މައްސަލަ އައިގޮތް: އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

ހުށަހެޅުނު ތާރީޚް: 09 ޖެނުއަރީ 2014

ރަޖިސްޓްރީ ކުރެވުނު ތާރީޚް: 12 ފެބްރުއަރީ 2014

ނިމުނު ތާރީޚް: 12 މާރިޗު 2020

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ހުސްނުއްސުއޫދު، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު

އިލްތިމާސްކުރެވުނު ގަޒިއްޔާ

ނަންބަރު: 2011/HC-A/235

ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު

ހުށަހެޅުނު ތާރީޚް: 29 ސެޕްޓެމްބަރ 2011

ނިމުނު ތާރީޚް: 20 އޮގަސްޓް 2013

ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔު: (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ތާއީދުކުރައްވާފައި)

ތަޢާރުފް

ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަން އާއި މުޙައްމަދު ޝަރީފް، އައިޑީ ކާޑް ނަންބަރު(މީގެ ފަހުން "މުޙައްމަދު ޝަރީފް) އާ ދެމެދު 20 ފެބްރުއަރީ 2006 ދުވަހު "ހ. ދިވެހިގެ" (މީގެ ފަހުން "ތަން" ނުވަތަ "ކުއްޔަށްހިފި ތަން") ކުއްޔަށް ދިނުމަށްޓަކައި އެއްބަސްވުމެއްގައި ސޮއިކުރިއެވެ. އެއްބަސްވުމުގެ މުއްދަތަކީ 20 ފެބްރުއަރީ 2006 އިން ފެށިގެން ހިނގާ 5 އަހަރެވެ. ހައިކޮމިޝަން އޮފް އިންޑިއާއިން ކުއްޔަށްހިފި ތަން އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން ދޫކޮށްލާފައިވެއެވެ. ހައިކޮމިޝަން އޮފް އިންޑިއާއިން އެއްބަސްވުމާ ޚިލާފަށް ތަން ދޫކޮށްލާފައިވާ ކަމަށާއި، ހައިކޮމިޝަން އޮފް އިންޑިއާއިން އެއްބަސްވުމާ ޚިލާފަށް ތަން ދޫކޮށްލުމުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށްޓަކައި، މުޙައްމަދު ޝަރީފުގެ ފަރާތުން ހައިކޮމިޝަން އޮފް އިންޑިޔާގެ މައްޗަށް ސިވިލް ކޯޓުގައި ދައުވާކުރިއެވެ.

ތަން ކުއްޔަށް ހިފުމަށްޓަކައި 20 ފެބްރުއަރީ 2006 ވަނަ ދުވަހު މުޙައްމަދު ޝަރީފް އާއި ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނާ ދެމެދު ސޮއިކުރެވުނު އެއްބަސްވުމުގައި، ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުގެ ފަރާތުން ސޮއިކޮށްފައިވަނީ އިންޑިއާގެ ރައީސުލްޖުމްހޫރިއްޔާގެ ފަރާތުންކަމަށް އެއްބަސްވުމުގެ ފެށުމުގައި ބަޔާންކޮށްފައިވެއެވެ.

ތަން ކުއްޔަށް ހިފުމަށްޓަކައި 20 ފެބްރުއަރީ 2006 ގައި މުޙައްމަދު ޝަރީފްއާއެކު ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން ތަން ކުއްޔަށް ހިފާފައިވަނީ އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ދިރިއުޅުމަށްކަން އެނގެއެވެ.

ސިވިލް ކޯޓުން މައްސަލަ ނިންމި ގޮތް

ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުގެ މައްޗަށް މުޙައްމަދު ޝަރީފް ހުށަހެޅި މައްސަލަ ސިވިލް ކޯޓުގައި ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 1495/Cv-C/2010 ގަޒިއްޔާއިންނެވެ.

ސިވިލް ކޯޓުގެ ނަންބަރު 1495/Cv-C/2010 ގަޒިއްޔާގައި އެ ކޯޓުން ނިންމާފައިވަނީ ދިވެހިރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަނުގެ މައްޗަށް މުޙައްމަދު ޝަރީފް ހުށަހެޅި މައްސަލަ އެ ކޯޓުން ނުބެލޭނެ ކަމަށެވެ.

ސިވިލް ކޯޓުން ނިންމި ނިންމުމުގައި ބުނެފައިވަނީ:

"20 ފެބްރުއަރީ 2006 ވަނަ ދުވަހު ހ. ދިވެހިގެ ކުއްޔަށް ހިފުމަށްޓަކައި މުޙައްމަދު ޝަރީފްއާއެކު އިންޑިޔާގެ ރައީސްގެ ފަރާތުން ވެފައިވާ އެއްބަސްވުމަކީ، ދިވެހިރާއްޖޭގައި އިންޑިއާ ތަމްސީލުކުރުމަށް ހުންނަ އިންޑިއާގެ ހައިކޮމިޝަނަރު ދިރިއުޅޭނެ ތަނެއް ހަމަޖެއްސުމަށްޓަކައި ވެފައިވާ އެއްބަސްވުމެއް ކަމުގައިވާ ހިނދު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދެވަނަ ބާބުގެ ދަށުން އަސާސީ ޙައްޤުތަކާއި މިނިވަންކަން މާނަކުރުމުގައި ގާނޫނުއަސާސީގެ 68 ވަނަ މާއްދާއަށް ރިއާޔަތްކުރަންޖެހޭއިރު، އެ މާއްދާގައި ބަޔާންކޮށްފައިވަނީ "ކޯޓުތަކުންނާއި ޓްރައިބިއުނަލްތަކުން މި ބާބުގައި ބަޔާންކޮށްފައިވާ ހައްގުތަކާއި މިނިވަންކަން މާނަކުރުމުގައްޔާއި ލިބިދިނުމުގައި، އިންސާނީ ޝަރަފާއި ހަމަހަމަކަމާއި މިނިވަންކަމަށް ބިނާކޮށް އުފެދިފައިވާ، ހުޅުވިގެންވާ ދިމިޤްރާތީ މުޖުތަމައުތަކުން ގަބޫލުކުރާ އުސޫލުތަކަށް ރިއާޔަތްކޮށް އެ އުސޫލުތައް ނަގަހައްޓަންވާނެ ކަމަށާއި، އަދި ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކަށް ރިއާޔަތްކުރަންވާނެކަމަށް" މިފަދައިން ކަމާއި، މިގޮތުން ބަލާއިރު، "ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސް 1961" އަކީ ދިވެހިރާއްޖެއިން ބައިވެރިވެފައިވާ އަދި ދިމިޤްރާތީ މުޖުތަމައުތަކުން ގަބޫލުކޮށް ޢަމަލުކުރާ މުއާހަދާއެއް ކަމުގައިވާ ހިނދު، އެ މުއާހަދާގެ 31 ވަނަ މާއްދާގެ 1 ވަނަ ނަންބަރުގެ (އޭ) އިން ޑިޕްލޮމެޓިކް މިޝަންގެ ބޭނުމަށްޓަކައި ނުއުފުލޭ މުދަލާ ގުޅިގެން އުފެދޭ ދައުވާތަކުން ޑިޕްލޮމެޓިކް އެޖެންޓުންނަށް އިމްތިޔާޒު ލިބިގެންވާކަން އެނގެން އޮތުމުންނާއި، އެ މުއާހަދާގެ 1 ވަނަ މާއްދާގައި "ޕްރެމިސަސް އޮފް ދަ މިޝަން" މާނަކޮށްފައިވާއިރު، އެ މާނައިގެ ތެރޭގައި އެ މިޝަންގެ އެންމެ އިސް ފަރާތް ދިރިއުޅޭތަން ހިމެނިފައިވާ ހިނދު، އިސްވެ ހަވާލާދެވުނު އެއްބަސްވުމަކީ ދިވެހިރާއްޖޭގައި އިންޑިޔާ ތަމްސީލުކުރުމަށް ހުންނަ އެންމެ އިސްފަރާތްކަމުގައިވާ އިންޑިޔާގެ ހައިކޮމިޝަނަރު ދިރިއުޅޭނެ ތަނެއް ހަމަޖެއްސުމަށްޓަކައި ވެފައިވާ އެއްބަސްވުމެއް ކަމުގައިވުމުން، މި އެއްބަސްވުމުގައި ޑިޕްލޮމެޓިކް އޭޖެންޓުންނަށް ލިބިދޭ އިމްތިޔާޒުތައް ބަޔާންކޮށް ލިޔެފައި ނުވި ނަމަވެސް، އެ އެއްބަސްވުމުގެ "އިމްޕްލައިޑް ޓަރމްސް" ގެ ގޮތުގައި އެ މުއާހަދާގައި ބަޔާންކޮށްފައިވާ އިމްތިޔާޒުތަކާއި މަބާދިއުތައް ހިމެނޭކަމުގައި ޝަރީއަތަށް ގަބޫލުކުރެވޭތީ، މި ދައުވާއަކީ އިސްވެ ފާހަގަކުރެވުނު ސަބަބުތަކަށްޓަކައި، ހައިކޮމިޝަން އޮފް އިންޑިޔާއިން ޑިޕްލޮމެޓިކް އިމްތިޔާޒުގެ ބޭނުން ހިފުމަށް ބޭނުންވީ ހިނދު، އެ މައްސަލަ ސިވިލް ކޯޓުގައި ކުރިއަށް ނުގެންދެވޭނެ" ކަމަށެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމިގޮތް

ސިވިލް ކޯޓުގެ ނަންބަރު 1495/Cv-C/2010 ގަޒިއްޔާ ނިންމާފައިވަނީ ގާނޫނީ ގޮތުން ރަނގަޅަށް ނޫންކަމަށް ބުނެ މުޙައްމަދު ޝަރީފްގެ ފަރާތުން އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ހައިކޯޓުން އެ މައްސަލަ ބަލާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/235 ގަޒިއްޔާއިންނެވެ.

ސިވިލް ކޯޓުގެ ނަންބަރު 1495/Cv-C/2010 ގަޒިއްޔާ އިސްތިއުނާފުކުރުމަށް މުޙައްމަދު ޝަރީފްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، ހައިކޯޓުގެ ނަންބަރު 2011/HC-A/235 ގަޒިއްޔާއިން ސިވިލް ކޯޓުގެ ނަންބަރު 1495/Cv-C/2010 ގަޒިއްޔާގެ ހުކުމް ބާތިލުކޮށްފައިވެއެވެ.

ހައިކޯޓުގެ ނަންބަރު 2011/HC-A/235 ގަޒިއްޔާއިން ސިވިލް ކޯޓުގެ ނަންބަރު1495/Cv-C/2010 ގަޒިއްޔާގެ ހުކުމް ބާތިލުކުރަމުން ހައިކޯޓުން ބުނެފައިވަނީ ހ. ދިވެހިގެ ކުއްޔަށް ހިފުމަށްޓަކައި 20 ފެބްރުއަރީ 2006 ވަނަ ދުވަހު މުޙައްމަދު ޝަރީފްއާއެކު އިންޑިއާގެ ރައީސްގެ ފަރާތުން ވެފައިވާ އެއްބަސްވުމާއި ގުޅިގެން، މުޙައްމަދު ޝަރީފް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކީ އެ ކޯޓުގައި ހިންގައި، ނިންމިދާނެ މައްސަލައެއް ކަމަށާއި، އަލުން މުޙައްމަދު ޝަރީފްގެ ފަރާތުން މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅިއްޖެނަމަ، މި މައްސަލަ މައުޟޫއީ ގޮތުން ބަލައި ސިވިލް ކޯޓުން ހުކުމެއް ކުރަންޖެހޭނެ ކަމަށެވެ.

އިސްތިއުނާފުކުރަން ސުޕްރީމް ކޯޓަށް ހުށަހެޅުނު ނުކުތާތައް

ހައިކޯޓުގެ ބުނެވިދިޔަ ނަންބަރު 2011/HC-A/235 ގަޒިއްޔާ ނިންމާފައިވަނީ ގާނޫނާ އެއްގޮތަށް ނޫންކަމަށް ބަޔާންކޮށް އިލްތިމާސްކުރާ ފަރާތުން ހުށަހަޅާފައިވާ މައިގަނޑު ނުކުތާތަކަކީ؛

(ހ) ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން އެއްބަސްވުމުގައި ސޮއިކުރީ އިންޑިއާގެ ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން ކަމަށްވާއިރު، އެ އެގްރީމެންޓުގެ އެއް ޚަޞްމަކީ އިންޑިއާގެ ރައީސްކަމަށްވުމުން އެ ދައުވާ ރައްދުވާ ފަރާތަކީ އިންޑިއާގެ ރައީސްކަމަށްވާތީވެ، އަދި އިންޑިއާގެ ރައީސްއަކީ އިންޑިއާގެ ދައުލަތް ތަމްސީލުކުރާ އެންމެ އިސްފަރާތް ކަމަށްވުމުން، އެ ފަރާތަކީ ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން ސޮވްރިން އިމިއުނިޓީ ނުވަތަ ސްޓޭޓް އިމިއުނިޓީ ލިބިގެންވާ ފަރާތެއް ކަމުގައި ވާތީ، މި ދައުވާ އަކީ އިންޑިއާގެ ރައީސްގެ މައްޗަށް ދިވެހިރާއްޖޭގެ ކޯޓެއްގައި ހިންގޭނެ ދައުވާއެއް ނޫން ކަމަށް ބުނެ ހުށަހެޅި ނުކުތާ؛

(ށ) ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސް 1961 ގެ ދަށުން ހިމާޔަތް ލިބިގެންވަނީ ހަމައެކަނި ޑިޕްލޮމެޓިކް އެޖެންޓުންނަށް ކަމަށް އިސްތިއުނާފުކުރެވޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަޒިއްޔާގައި ބަޔާންކޮށް، ދައުވާ އުފުލާފައިވަނީ އިންޑިއާގެ ހައިކޮމިޝަނުގެ މައްޗަށް ކަމަށްވާތީ، އެއީ އެފަދައިން ޑިޕްލޮމެޓިކް އެޖެންޓެއް ނޫންކަމަށް ބަލައި، އިންޑިއާގެ ހައިކޮމިޝަނަކީ ވަކި ހައިސިއްޔަތެއް ލިބިގެންވާ ތަނެއްކަމަށް މާނަކުރައްވައި މައްސަލަ ނިންމާފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާ؛ އަދި

(ނ) ގާނޫނުއަސާސީގެ 68 ވަނަ މާއްދާ އާއި ގާނޫނުއަސާސީގެ 93 ވަނަ މާއްދާ ދިވެހިރާއްޖޭގެ ހައިކޯޓުން މާނަކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް ބުނެ ފާހަގަކުރި ނުކުތާ.

ސޮވްރިން އިމިއުނިޓީ އަދި ސްޓޭޓް އިމިއުނިޓީ

ސޮވްރިން އިމިއުނިޓީ (ސިޔާދަތީ އިމްތިޔާޒު) ނުވަތަ ސްޓޭޓް އިމިއުނިޓީ (ދައުލަތުގެ އިމްތިޔާޒު)، މި މަފްހޫމުގައި ޝާމިލުވާ އުސޫލަކީ ދައުލަތެއް ނުވަތަ ގައުމެއްގެ ސަރުކާރެއް، އެ ފަރާތުގެ ރުހުމާނުލައި ކޯޓުގައި ޖަވާބުދާރީވާން ނުޖެހުމެވެ. އެފަރާތެއްގެ މައްޗަށް ކުރެވޭ ދައުވާއަކީ ކިތަންމެ ސައްހަ ދައުވާއެއް ނަމަވެސް އަދި ދައުވާ ބިނާކުރާ އަމަލަކީ ކިތަންމެ ޚުތޫރަތްތެރި އަމަލަކަށްވިޔަސް މެއެވެ.

ބައިނަލްއަގުވާމީ ގާނޫނުގެ ނިޒާމުގައި ބޭނުންކުރާ ސިޔާދަތީ އިމްތިޔާޒުގެ މަފްހޫމު އެންމެ ފުރަތަމައަށް ސާފުކޮށް އެކަށައަޅާފައިވަނީ އެމެރިކާގެ ސުޕްރީމް ކޯޓުން 1812 ވަނަ އަހަރު ނިންމާފައިވާ The Schooner Exchange v McFaddon ގަޒިއްޔާގައި، ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ (މީގެ ފަހުން "ޔުނައިޓެޑް ސްޓޭޓްސް") ގެ ސުޕްރީމް ކޯޓުގެ ޗީފް ޖަސްޓިސް މާޝަލްއެވެ. ޔުނައިޓެޑް ސްޓޭޓްސްގެ ސުޕްރީމް ކޯޓުގެ ޗީފް ޖަސްޓިސް މާޝަލްގެ މި އެކަށައެޅުމަކީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގެ ކޯޓުތަކުން ބަލައިގަނެ އެންމެ ގިނައިން މި މައުޟޫޢުގެ މައްޗަށް ހިންގޭ ގަޒިއްޔާތަކުގައި ހަވާލާދޭ އެކަށައެޅުމެވެ. އެ އެކަށައެޅުމުގައިވަނީ:

“One sovereign being in no respect amenable to another, and being bound by obligations of the highest character not to degrade the dignity of his nation, by placing himself or its sovereign rights within the jurisdiction of another, can be supposed to enter a foreign territory only under an express license, or in the confidence that the immunities belonging to his independent sovereign station, though not expressly stipulated, are reserved by implication, and will be extended to him.

This perfect equality and absolute independence of sovereigns, and this common interest compelling them to mutual intercourse, and an interchange of good offices with each other, have given rise to a class of cases in which every sovereign is understood to waive the exercise of a part of that complete exclusive territorial jurisdiction, which has been stated to be the attribute of every nation.”

ދަ ސްކޫނަރ އެކްސްޗޭންޖް މި ގަޒިއްޔާގައި، ޔުނައިޓެޑް ސްޓޭޓްސްގެ ކޯޓުގައި ފަރަންސޭސި ދައުލަތުގެ މައްޗަށް ދައުވާކުރި ފަރާތުން ބޭނުންވީ، ފަރަންސޭސި ސަރުކާރުން ގެންގުޅޭ މިލިޓަރީ އުޅަނދަކީ ފަރަންސޭސި ސަރުކާރުން ސައްހަ ނޫންގޮތަކަށް އަތުލާފައިވާ އުޅަނދަކަށް ވާތީ، އެ އުޅަނދު ލިބިގަތުމަށެވެ. އެ މައްސަލަ ޔުނައިޓެޑް ސްޓޭޓްސްގެ ކޯޓަށް ހުށަހެޅުމުން ފަރަންސޭސި ވިލާތުން ދިފާއުގެ ގޮތުގައި ބޭނުންކުރީ ސިޔާދަތީ އިމްތިޔާޒެވެ. މި މައްސަލައިގައި ޔުނައިޓެޑް ސްޓޭޓްސް ގެ ސުޕްރީމް ކޯޓުން ފަރަންސޭސި ވިލާތުގެ ސިޔާދަތީ އިމްތިޔާޒުގެ ދިފާއު ގަބޫލުކޮށް އެ މައްސަލަ ޔުނައިޓެޑް ސްޓޭޓްސްގެ ކޯޓުގައި ނުހިންގޭނެ ކަމަށް ނިންމިއެވެ. މި ގަޒިއްޔާގައި ޗީފް ޖަސްޓިސް މާޝަލް އެކަށައެޅި ސިޔާދަތީ އިމްތިޔާޒުގެ މަބްދައު ބިނާކޮށްފައިވަނީ ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން ދައުލަތްތަކަށް ލިބިގެންވާ މިނިވަންކަމާއި ސިޔާދަތުގެ މައްޗަށެވެ. އެ އުސޫލު އެކަށައެޅުމުގައި ޗީފް ޖަސްޓިސް މާޝަލް ބުނެފައިވަނީ ކޮންމެ ދައުލަތަކީވެސް އެ ދައުލަތުގެ ސަރަހައްދުގެ ތެރޭގައި މުތުލަގު ގޮތެއްގައި ސިޔާދަތު ލިބިގެންވާ ފަރާތެއް ކަމުގައިވާތީ، އެއް ދައުލަތަކުން (މި ރިޕޯޓުގެ ބޭނުމަށްޓަކައި "ފޮނުވާ ދައުލަތް")، ކޮންމެ ހައިސިއްޔަތަކުން ނަމަވެސް، އެހެން ދައުލަތެއް (މި ރިޕޯޓުގެ ބޭނުމަށްޓަކައި"ބަލައިގަންނަ ދައުލަތް") ގެ ސަރަހައްދުގެ ތެރެއަށް ވަންނަ ނަމަ، އެފަދައިން ބަލައިގަންނަ ދައުލަތުގެ ސަރަހައްދުގެ ތެރެއަށް ވަދެވޭނީ، ބަލައިގަންނަ ދައުލަތުގެ ސިޔާދަތީ ބާރު ބޭނުން ނުކުރާނެ ކަމަށް ރުހުންދީފައިވާ ހާލަތްތަކުގައި ފިޔަވައި، ބަލައިގަންނަ ދައުލަތުގެ ގާނޫނުތަކަށް ތަބައަވުން ލާޒިމުވާ ގޮތަށެވެ. މާޝަލް ބުނެފައިވަނީ ހުރިހާ ގައުމުތަކުން ޢަމަލުކުރާ ގޮތަކީ ނުވަތަ ޕްރެކްޓިސް އަކީ މިފަދަ ހާލަތްތަކުގައި ބަލައިގަންނަ ދައުލަތުގެ މުތުލަގު ސިޔާދަތީ ބާރު ބޭނުން ނުކުރުމަށް ރުހުން ދިނުމެވެ. އެހެން ދައުލަތަކުން، ބަލައިގަންނަ ގައުމަށް ވަންނައިރު ސިޔާދަތީ ބާރު ބޭނުން ނުކުރުމަށް ދީފައި އޮންނަ ރުހުމަކީ ސަރީހަބަހުން ނުވަތަ ޒިމްނީގޮތުން ދެވިފައި އޮންނަ ރުހުމަކަށް ވެދާނެކަން ގައުމުތަކުގެ ޕްރެކްޓިސް އިން އެނގޭ ކަމަށެވެ.

ބަލައިގަންނަ ދައުލަތްތަކުން އެ ދައުލަތެއްގެ ސަރަހައްދުގެ ތެރޭގައި ލިބިފައިވާ ސިޔާދަތީ ބާރުތައް ދޫކޮށްލުމަށް ނުވަތަ އެމައްޗަށް އަމަލުނުކުރުމަށް ރުހުންދޭ ސަބަބުތައް މާޝަލް ބަޔާންކޮށްފައިވެއެވެ. އެއީ: (1) ކޮންމެ ދައުލަތަކީވެސް ބައިނަލްއަގުވާމީ މުޖުތަމައުގައި ހަމަހަމަ ސިޔާދަތީ ބާރުތަކެއް ލިބިގެންވާ ދައުލަތަކަށްވުން، (2) ބަލައިގަންނަ ދައުލަތުގެ ބާރުވެރިކަމާއި ނުފޫޒު ދައްކާކަން ދޭހަނުވާ ގޮތަށް އެ ގައުމުގެ ކޯޓުގައި ފޮނުވާ ދައުލަތުގެ މައްޗަށް ޝަރީއަތް ހިންގުމަކީ ކުރެވޭނެ ކަމަކަށް ނުވުން، (3) ފޮނުވާ ދައުލަތުގެ އިއްޒަތާއި ކަރާމާތަށް އިހާނާތްތެރިކަން އަތުވެދާނެ ކަމެއް ނުކުރުން، މިކަން ކަމެވެ.

ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން ދައުލަތްތަކަށް ލިބިގެންވާ ސިޔާދަތީ އިމްތިޔާޒުގެ ހައިސިއްޔަތު ދާދިފަހުން ޓެސްޓުކުރެވިފައިވަނީ އިންޓަނެޝަނަލް ކޯޓް އޮފް ޖަސްޓިސްއިން 2012 ވަނަ އަހަރު ނިންމި Jurisdictional Immunities of the State (Germany v. Italy: Greece intervening)

މި ގަޒިއްޔާގައެވެ. މި ގަޒިއްޔާގެ ޖަޖްމެންޓުގެ 55 އަދި 56 ވަނަ ޕެރެގްރާފުގައި ދައުލަތުގެ އިމްތިޔާޒު މި މަފްހޫމުގެ ގާނޫނީ ހައިސިއްޔަތާމެދު ފާހަގަކޮށްފައިވަނީ އަންނަނިވި ގޮތަށެވެ.

“Although there has been much debate regarding the origins of State immunity and the identification of the principles underlying that immunity in the past, the International Law Commission concluded in 1980 that the rule of State immunity had been “adopted as a general rule of customary international law solidly rooted in the current practice of States” (Yearbook of the International Law Commission, 1980, Vol. II (2), p. 147, para. 26). That conclusion was based upon an extensive survey of State practice and, in the opinion of the Court, is confirmed by the record of national legislation, judicial decisions, assertions of a right to immunity and the comments of States on what became the United Nations Convention. That practice shows that, whether in claiming immunity for themselves or according it to others, States generally proceed on the basis that there is a right to immunity under international law, together with a corresponding obligation on the part of other States to respect and give effect to that immunity” (para 55).

“The Court considers that the rule of State immunity occupies an important place in international law and international relations. It derives from the principle of sovereign equality of States, which, as Article 2, paragraph 1, of the Charter of the United Nations makes clear, is one of the fundamental principles of the international legal order. This principle has to be viewed together with the principle that each State possesses sovereignty over its own territory and that there flows from that sovereignty the jurisdiction of the State over events and persons within that territory. Exceptions to the immunity of the State represent a departure from the principle of sovereign equality. Immunity may represent a departure from the principle of territorial sovereignty and the jurisdiction which flows from it.” (Paragraph 56)

މި ގަޒިއްޔާއިން އެނގޭ އެއް ކަމަކީ ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން ދައުލަތްތަކަށް އިމްތިޔާޒު ލިބިގެންވަނީ ކަސްޓަމަރީ އިންޓަނެޝަނަލްލޯގެ ދަށުންކަމާއި، ޔުނައިޓެޑް ނޭޝަންސްގެ ޗާޓަރުގެ 2 ވަނަ މާއްދާގެ (1) ގެ ދަށުން ދައުލަތްތަކަށް ލިބިފައިވާ ސިޔާދަތީ ހަމަހަމަކަމުގެ ދަށުންކަމެވެ. އަދި ސިޔާދަތީ ހަމަހަމަކަމަކީ ބައިނަލްއަގުވާމީ ގާނޫނު އެމައްޗަށް ބިނާވެފައިވާ އެންމެ އަސާސީ އުސޫލު ކަމަށެވެ.

އެއް ގައުމަށް، އަނެއް ގައުމުގެ ސަރަހައްދުގެ ތެރޭގައި ލިބިގެންވާ ސިޔާދަތީ އިމްތިޔާޒާއި ދައުލަތުގެ އިމްތިޔާޒުގެ މަބްދައު ބިނާވެގެންވަނީ ބަލައިގަންނަ ގައުމުގެ ރުހުމުގެ މައްޗަށެވެ. އެހެންކަމުން ސިޔާދަތީ އިމްތިޔާޒުގެ ރުހުން އަނބުރާ ގެނައުމަށް ނުވަތަ ރުހުންދޭ ދާއިރާ ހަނިކޮށް ޝަރުތު ކަނޑައެޅުމުގެ އިޚްތިޔާރު ބަލައިގަންނަ ދައުލަތަށް ލިބިގެންވެއެވެ.

ދެވަނަ ބޮޑު ހަނގުރާމައަށްފަހު، ދައުލަތްތަކުން ކުރާ އެކިއެކި މުއާމަލާތްތަކުގެ ތޮބީއަތް ބަދަލުވެ، ޚާއްޞަކޮށް، ބިދޭސީ ދައުލަތްތަކުގެ ފަރުދުންނާއެކު ވެވޭ މުއާމަލާތްތަކުގެ އަދަދު ގިނަވުމުގެ ނަތީޖާއެއްގެ ގޮތުން އުފެދޭ ދެބަސްވުންތައް އިތުރުވުމުގެ ސަބަބުން، ސިޔާދަތީ އަދި ދައުލަތުގެ އިމްތިޔާޒު މުތުލަގު ގޮތެއްގައި ހުރިހާ ހާލަތެއްގައި ލިބިގެންވާކަމަށް އޮތް އޮތުން ބަދަލުވެ، މި މަބްދައުއަށް އިސްތިސްނާ ހާލަތްތަކެއް ހުރިކަމަށް ގައުމުތަކުން ގަބޫލުކުރަން ފެއްޓިއެވެ. މަދު ދައުލަތްތަކުން ސިޔާދަތީ އިމްތިޔާޒު މުތުލަގު ގޮތެއްގައި އަދިވެސް ދެމުން ގެންދިޔަނަމަވެސް، ގިނަ ގައުމުތަކުގެ ޕްރެކްޓިސްއަކީ ހަނިކުރެވި ހިފެހެއްޓިފައިވާ އިމްތިޔާޒެއް ބޭރުގެ ދައުލަތްތަކަށް ދިނުމެވެ.

ދައުލަތްތަކުގެ ޕްރެކްޓިސްއަށް ބަލާއިރު، ދައުލަތުގެ އިމްތިޔާޒުގެ ހިފެހެއްޓިފައިވާ ނަޒަރިއްޔާއަށް އަމަލުކުރާ ގައުމުތަކުގައި acta jure imprerri ގެ އަމަލުތަކާއި acta jure gestionis ގެ އަމަލުތައް ފަރަގުކުރެއެވެ. acta jure imprerri އަކީ ސަރުކާރުގެ އަމަލުތަކުގެ ތޮބީއަތަށް ފެތޭ އަމަލުތަކެވެ. acta jure gestionis އަކީ ވިޔަފާރި އާއި އަމިއްލަ މުއާމަލާތްތަކުގެ ސިފަ ހުންނަ ކަންކަމެވެ. އެހެންކަމުން އިމްތިޔާޒު ލިބޭތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގައި ކޯޓުތަކުން ބަލަނީ އަމަލުތަކުގެ ތޮބީއަތަށާއި މަގުސަދަށް ކަން އެނގެއެވެ. ކަންމިހެން އޮތް ނަމަވެސް، ކަނޑައެޅިގެން، ސަރުކާރުގެ އަމަލުތަކުގެ ތޮބީއަތަށް ފެތޭ ކަންކަމުގެ ތައުރީފެއް ހޯދުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ.

އެންމެ ކުރިއްސުރެ ޔުނައިޓެޑް ސްޓޭޓްސް އިން އަމަލުކުރަމުން އައި ގޮތަކީ މިބާވަތުގެ މައްސަލައެއް ކޯޓަކަށް ހުށަހެޅިއްޖެ ނަމަ، ކޯޓުގެ ފަރާތުން އެގްޒެކެޓިވް ބްރާންޗުގެ ލަފާ އެކަމުގައި ހޯދުމެވެ. ދަ ސްކޫނަރ މައްސަލައިގައިވެސް ޗީފް ޖަސްޓިސް މާޝަލް، ސްޓޭޓް ޑިޕާޓްމަންޓުގެ ލަފާ ހޯދިއެވެ. އޭގެ ފަހުން އައި ގަޒިއްޔާތަކުގައި ޔުނައިޓެޑް ސްޓޭޓްސްގެ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވަނީ ސިޔާދަތީ އިމްތިޔާޒު އެ ދައުލަތަކަށް ލިބިގެންވޭތޯ ކަނޑައެޅުމުގައި އިތުރު ތަހުގީގެއް ކުރުމަކާ ނުލައި ސްޓޭޓް ޑިޕާޓްމަންޓުގެ ލަފައަށް އަމަލުކުރުމަށެވެ. މިގޮތަށް ކޯޓުތަކުން ނިންމާފައިވަނީ ޚާރިޖީ ގުޅުމުގެ ކަންކަން ދުސްތޫރީ ގޮތުން ހަވާލުވެފައިވަނީ ދައުލަތް ހިންގާ ފަރާތަށް ކަމަށްވާތީ އާއި، އެހެންކަމުން، ބިދޭސީ ގައުމަކަށް އިމްތިޔާޒު ދޭނެތޯ ނުވަތަ ނޫންތޯ ކަނޑައަޅަންވާނީ އެފަރާތުން ކަމަށްވާތީއެވެ. ސްޓޭޓް ޑިޕާޓްމަންޓުން ވަކިގޮތަކަށް ލަފާދީފައި ނުވާނަމަ ކޯޓުތަކުން އެފަދަ މައްސަލަތައް ނިންމުމުގައި ބަލަނީ، ސުވާލުއުފެދިފައިވާ ކަމަކީ ސަރުކާރުގެ ހަރަކާތަކާބެހޭ ކަމެއް ނަމަ އެކަމަކީ އިމްތިޔާޒު ލިބިގެންވާ ކަމެއް ކަމަށެވެ.

The Foreign Sovereign Immunities Act 1976ޔުނައިޓެޑް ސްޓޭޓްސްގެ ކޮންގްރެސްއިން ފާސްކޮށް، 19 ޖެނުއަރީ 1977 ގައި އެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ސިޔާދަތީ އިމްތިޔާޒުގެ ކަންކަމުގެ މައްޗަށް ހިންގަނީ އެ ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކެވެ.

އިނގިރޭސި ކޮމަން ލޯގައި އެންމެ ކުރިން އަމަލުކުރަމުން އައި ގޮތަކީ ނުއުފުލޭ މުދަލުގެ މައްޗަށް ދައުވާކުރެވޭ މައްސަލަތަކުގައި (action in rem) ބޭރުގެ ދައުލަތްތަކަށް ސިޔާދަތީ އިމްތިޔާޒު ގާތްގަނޑަކަށް މުތުލަގު ގޮތެއްގައި ދިނުމެވެ. އަދި ކަނޑު ދަތުރު ފަތުރުކުރާ އުޅަނދުތަކުގެ މައްސަލަތަކުގައި މުތުލަގު ގޮތެއްގައި ސިޔާދަތީ އިމްތިޔާޒި ދިނުމެވެ. ބިދޭސީ ދައުލަތުގެ އަމަލަކީ ސިޔާދަތާގުޅޭ ހަރަކާތެއްތޯ ނުވަތަ ނޫންތޯ އިނގިރޭސި ކޯޓުތަކުން ނުބަލައެވެ.

hޔުނައިޓެޑް ސްޓޭޓްސްގެ ސްޓޭޓް ޑިޕާޓްމެންޓުން އެކަށައެޅި ޓޭޓް ލެޓަރ (Tate letter) އާ ގުޅިގެން ޔުނައިޓެޑް ސްޓޭޓްގެ ފެޑެރަލް ކޯޓުތަކުން ސިޔާދަތީ އިމްތިޔާޒު ހަނިކުރަން ފެށުމުން ޔޫރަޕުގެ ދައުލަތްތަކާއި ދުނިޔޭގެ އެހެން ގައުމުތަކުންވެސް ސިޔާދަތީ އިމްތިޔާޒުގެ ދާއިރާ ހަނިކުރަން ފެއްޓިއެވެ. މިގޮތުން ޖަރުމަނު ވިލާތުގެ ފެޑެރަލް ކޮންސްޓިޓިއުޝަނަލް ކޯޓު Bundesverfassungsgerict އިން 1963 ގައި ނިންމި މައްސަލައެއް ކަމުގައިވާ Claim against the Empire of Iran ގައި ސިޔާދަތީ އިމްތިޔާޒުގެ ދާއިރާ ހަނިކުރިއެވެ. އެއާއެކު، ދުނިޔޭގެ ގައުމުތަކުގެ ޕްރެކްޓިސް އެގޮތަށް ބަދަލުވެގެންދިޔައެވެ.

މިގޮތުން، ހޯންގް ކޯންގ ކޯޓަކުން ނިންމި ގަޒިއްޔާއެއް ކަމުގައިވާ The Philippine Admiral އިނގިރޭސިވިލާތުގެ ޕްރިވީ ކައުންސިލަށް ހުށަހެޅުމުން، ޕްރިވީ ކައުންސިލުގެ ޖުޑިޝަލް ކޮމިޓީއިން ނިންމީ، އެ އުޅަނދަކީ ރިޕަބްލިކް އޮފް ފިލިޕީންސްގެ ސަރުކާރުގެ އެޖެންސީއެއްގެ އުޅަނދަކަށްވީ ނަމަވެސް އެ އުޅަނދަކީ ވިޔަފާރީގައި ހަރަކާތްތެރިވާ އުޅަނދެއް ކަމަށްވާތީވެ ސިޔާދަތީ އިމްތިޔާޒު ނުދިނުމަށް ހޯންގް ކޯންގުގެ ކޯޓުން ނިންމި ނިންމުން ރަނގަޅުކަމަށެވެ.

ދައުލަތުގެ އިމްތިޔާޒަކީ މުތުލަގަށް ދެވޭނެ އެއްޗެއް ނޫންކަމަށާއި އެ އިމްތިޔާޒު ދެވޭނީ ހިފެހެއްޓިފައިވާ ދާއިރާއެއްގައި ކަމަށް Treadtex v Central Bank of Nigeria ގަޒިއްޔާގައި ލޯޑް ޑެނިންގ ފާހަގަކުރަމުން ބުނެފައިވަނީ ދައުލަތުގެ އިމްތިޔާޒު ލިބޭނީ ސަރުކާރުގެ ތޮބީއަތުގެ އަމަލުތަކަށް ކަމަށާއި، ވިޔަފާރީގެ ތޮބީއަތުގެ ކަންކަމަށް އިމްތިޔާޒު ނުލިބޭނެ ކަމަށެވެ. މީގެ އިތުރުން ލޯޑް ޑެނިންގ ބުނެފައިވަނީ، ދައުލަތްތަކުގެ ސިޔާދަތުގެ ދާއިރާގެ އިމަކީ ކޮބައިކަމާމެދު ދައުލަތްތަކުގެ އިއްތިފާގެއް ނެތް ކަމަށެވެ.

"There was no international consensus on the scope of State immunity. As a result, it was open to the courts of this country to define the rule as best they could, seeking guidance from the decisions of courts of other countries, from jurists, from conventions and by defining the rule in terms which are consonant with justice rather than adverse to it.”

މި މައުޟޫޢުގެ މައްޗަށް އިނގިރޭސި ވިލާތުގެ ކޯޓުތަކުގައި ކުރެވެމުންދިޔަ ބަހުސް ނިންމުމަކަށް ގެނައުމަށް، އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުން 1978 ވަނަ އަހަރު State Immunity Act ހެދި ނަމަވެސް، އެ ގާނޫނުގައިވެސް ދައުލަތުގެ އިމްތިޔާޒާބެހޭ ގޮތުން ޖަވާބު ނުލިބޭ ބައެއް ކަންކަން ހުއްޓެވެ.

އެގޮތުން، އިނގިރޭސިވިލާތުގެ ސްޓޭޓް އިމިއުނިޓީ އެކްޓުގައި، ދައުލަތުގެ ވެރިޔާ ނުވަތަ ސޮވްރިން ފިޔަވައި އެހެން ފަރުދަކަށް އިމްތިޔާޒު ލިބިގެންވާކަމަށް ސަރީހަބަހުން ބުނެފައެއް ނުވެއެވެ. އެ ގާނޫނުގެ 1 ވަނަ މާއްދާގައި ބުނެފައިވަނީ އެ ގާނޫނުގެ 14 ވަނަ މާއްދާގެ (1) ގައި ބުނެފައިވާ "ދައުލަތް" މި ލަފްޒުގެ މާނައިގެ ތެރޭގައި ދައުލަތުގެ ވެރިޔާ އާއި ސޮވްރިން ރަސްމީ ހައިސިއްޔަތުން ކުރާ ކަންތައްތަކާއި ސަރުކާރުތަކާއި ސަރުކާރުގެ ޑިޕާޓްމެންޓުތަކުން ކުރާކަންކަމަށް އިމްތިޔާޒު ލިބިގެންވާ ކަމަށެވެ. ނަމަވެސް، ދައުވާކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިގެންވާ ގާނޫނީ ޝަޚުޞުތައް އެ އިބާރާތުގެ މާނައިގެ ތެރޭގައި ނުހިމެނޭނެ ކަމަށެވެ. ބިދޭސީ ދައުލަތްތަކުގެ އޮފިޝަލުންނާއި އެޖެންޓުން ރަސްމީ ހައިސިއްޔަތުން ކުރާކަމަކަށް އިމްތިޔާޒު ލިބޭކަން ނުވަތަ ނޫންކަން ގާނޫނުގައި ސަރީހަބަހުން ބުނެފައެއް ނެތެވެ. އެހެންކަމުން އިނގިރޭސިވިލާތުގެ މި ގާނޫނުގައިވާ މި ހުސްތަން ފުރާދީފައިވަނީ އިނގިރޭސިވިލާތުގެ ކޯޓުތަކުން ނިންމާފައިވާ ގަޒިއްޔާތަކުންނެވެ. މިގޮތުން އިނގިރޭސިވިލާތުގެ ކޯޓުތަކުގެ ރައުޔަކީ ފަރުދަކު ދައުލަތުގެ ރަސްމީ ހައިސިއްޔަތުން ދައުލަތުގެ ނަމުގައިކުރާ ކަންތައްތަކަށް އިމްތިޔާޒު ލިބިގެންވާ ކަމަށެވެ.

ސިޔާދަތީ އިމްތިޔާޒު ދޫކޮށްލުމުގެ އިޚްތިޔާރު ކޮންމެ ދައުލަތަކަށްވެސް ލިބިގެންވެއެވެ. އެގޮތުން ސިޔާދަތީ އިމްތިޔާޒު ދޫކޮށްލެވިދާނެ ގޮތްތަކަކީ:

(ހ) ކުރިން ލިޔުމުން އެއްބަސްވެފައި އޮތުން.

(ށ) ސިޔާދަތީ އިމްތިޔާޒު ބޭނުންނުކޮށް ބިދޭސީ ކޯޓަކަށް ދައުވާއެއް ހުށަހެޅުން.

(ނ) އެފަރާތުގެ މައްޗަށް ބިދޭސީ ކޯޓަކަށް ހުށަހެޅިފައިވާ މައްސަލައެއްގައި ކޯޓުގެ އިޚްތިސާސް ގަބޫލުކޮށް ދައުވާލިބޭ ފަރާތުގެ ގޮތުގައި ޖަވާބުދިނުމަށް ގަބޫލުކުރުން.

(ރ) އިމްތިޔާޒު ލިބިގަތުމަށް އަޅާފިޔަވަޅެއް ފިޔަވައި، އެހެން އެއްވެސް ގޮތަކަށް އެ މައްސަލައަށް ތަދައްޚުލުވުންފަދަ ގޮތަކަށް އެ މައްސަލައިގައި ބައިވެރިވުން.

އެހެންކަމުން، މި ބަލަމުންގެންދާ ގަޒިއްޔާގައި ސުޕްރީމް ކޯޓުގެ ކުރިމަތީގައި އޮތް އެއް ސުވާލަކީ އިންޑިއާއަށް ލިބިފައިވާ ދައުލަތުގެ އިމްތިޔާޒު ގެ ސަބަބުން، މުޙައްމަދު ޝަރީފް އިންޑިއާގެ ހައިކޮމިޝަނުގެ މައްޗަށް ސިވިލް ކޯޓަށް ހުށަހެޅި ދައުވާގެ މައްސަލަ ސިވިލް ކޯޓުގައި ހިންގިދާނެތޯ ނުވަތަ ނޫންތޯއެވެ. މަތީގައި ބަޔާންކުރެވުނު ނުކުތާތަކުގައި ފާހަގަކޮށްފައިވާ ބައިނަލްއަގުވާމީ ގާނޫނުގެ މަސްދަރުތަކަށް ބަލާއިރު، ދާޚިލީ ކޯޓެއްގައި ބިދޭސީ ދައުލަތެއްގެ މައްޗަށް ޝަރީއަތް ހިންގޭނީ ހަމައެކަނި ބައިނަލްއަގުވާމީ ގޮތުން ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިންނެވެ.

ވިހިވަނަ ގަރުނުގެ މެދާހަމައަށް ކަސްޓަމަރީ އިންޓަނެޝަނަލް ލޯގެ ދަށުން ދައުލަތްތަކަށް އިމްތިޔާޒު ލިބިދެވިފައިވަނީ މުތުލަގު ގޮތެއްގައި ކަމަށްވީނަމަވެސް، ސިޔާދަތީ އިމްތިޔާޒުގެ ދާއިރާ ހަނިކުރުމަށް ގައުމުތަކުގެ ޚާރިޖިއްޔާތަކުން ނިންމާފައިވެއެވެ. އަދި ސިޔާދަތީ އިމްތިޔާޒުގެ ދާއިރާ ހަނިކުރުމަށް ގައުމުތަކުގެ ޚާރިޖިއްޔާތަކުން ނިންމާފައިވާ ނިންމުންތައް ކަށަވަރުކުރުމަށް ގިނަ ގައުމުތަކުގައި ގާނޫނު ހަދާފައިވެއެވެ. ދިވެހިރާއްޖޭގައި އެފަދަ ގާނޫނެއް އަދި ހަދާފައި ނެތެވެ.

ދިވެހިރާއްޖޭގައި އަމަލުކުރަމުން އަންނަ ގޮތަށް ބަލާއިރު ބިދޭސީ ދައުލަތްތަކަށް ދީފައިވާ ސިޔާދަތީ އިމްތިޔާޒު ހަނިކުރުމަށް ދިވެހިރާއްޖޭގެ ޚާރިޖިއްޔާއިން ބޭނުންވާކަމުގެ އެއްވެސް އިޝާރާތެއް ކޮށްފައެއް ނުވެއެވެ. މި މައްސަލައާބެހޭ ގޮތުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އިން އެޓާރނީ ޖެނެރަލްގެ އޮފީހަށް 16 ޑިސެމްބަރ 2010 ގައި ފޮނިވި އެ މިނިސްޓްރީގެ ނަންބަރު 25- F3/32/2010/1049 ސިޓީއިން އެނގެނީ އިންޑިއާގެ ރައީސްއަށާއި އެ ދައުލަތަށް އިމްތިޔާޒު ލިބިގެންވާކަން ދިވެހިރާއްޖޭގެ ޚާރިޖިއްޔާއިން ގަބޫލުކުރާކަމެވެ. އަދި ދައުލަތުގެ އިމްތިޔާޒުތަކާބެހޭ ގާނޫނެއް ރާއްޖޭގައި ފާސްކޮށްފައި ނެތުމާއެކު، ސިޔާދަތީ އިމްތިޔާޒަކީ ބައިނަލްއަގުވާމީ ގާނޫނުގެ މައިގަނޑު އަސާސަކަށް ވާތީވެ، Treadtex v Central Bank of Nigeriaގަޒިއްޔާގައި ލޯޑް ޑެނިންގ ބުނެފައިވާ ފަދައިން ދައުލަތުގެ އިމްތިޔާޒާބެހޭ މައްސަލަތައް ދާޚިލީ ކޯޓުތަކުން ބެލުމުގައި އެންމެ ރަނގަޅުގޮތަކީ، މިބާވަތުގެ މައްސަލަތަކުގައި ބިދޭސީ ދައުލަތްތަކުގެ ކޯޓުތަކުން ނިންމާފައިވާ ގަޒިއްޔާތަކުގައި އެކަށައަޅާފައިވާ އުސޫލުތަކަށް ރިއާޔަތްކުރުމެވެ. އެގޮތުން، ގިނަ ދައުލަތްތަކުގެ ކޯޓުތަކުން ނިންމާފައިވާ ފަދައިން، މި މައްސަލައިގައި އަހުރެންގެ ރައުޔަކީ ބިދޭސީ ދައުލަތަކުންނާއި އެ ދައުލަތްތަކުގެ އޮފިޝަލުންނާއި އެޖެންޓުން ރަސްމީ ހައިސިއްޔަތުން ކުރާކަންކަމަށް ސިޔާދަތީ އިމްތިޔާޒު ލިބިގެންވާކަމަށް ބެލުމެވެ.

ޑިޕްލޮމެޓިކް އިމިއުނިޓީ

އިސްތިއުނާފުކުރާ ފަރާތުން މި ކޯޓަށް އިސްތިއުނާފުކުރަން ހުށަހެޅި ދެވަނަ ނުކުތާގައި ބުނެފައިވަނީ، އިސްތިއުނާފުކުރެވޭ ގަޒިއްޔާގައި، ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސް 1961 ގެ ދަށުން ހިމާޔަތް ލިބިގެންވަނީ ހަމައެކަނި ޑިޕްލޮމެޓިކް އެޖެންޓުންނަށް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބަޔާންކޮށް، ދައުވާ އުފުލާފައިވަނީ އިންޑިއާގެ ހައިކޮމިޝަނުގެ މައްޗަށް ކަމަށްވާތީވެ، އަދި ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސް 1961 ގައިވާ ގޮތުން އެއީ ޑިޕްލޮމެޓިކް އެޖެންޓެއް ނޫންކަމަށް ބައްލަވައި ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުގެ މައްޗަށް ދައުވާކުރެވިދާނެ ކަމަށް މާނަކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށެވެ.

ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސް 1961 ގެ 31 ވަނަ މާއްދާގެ (1) ގައި ބުނެފައިވަނީ ތިރީގައިމިވާ ގޮތަށެވެ.

A diplomatic agent shall enjoy immunity from the criminal jurisdiction of the receiving State. He shall also enjoy immunity from its civil and administrative jurisdiction, except in the case of:

(a) a real action relating to private immovable property situated in the territory of the receiving State, unless he holds it on behalf of the sending State for the purposes of the mission;

(b) an action relating to succession in which the diplomatic agent is involved as executor, administrator, heir or legatee as a private person and not on behalf of the sending State;

(c) an action relating to any professional or commercial activity exercised by the diplomatic agent in the receiving State outside his official functions.

ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސް 1961 ގެ 3 ވަނަ މާއްދާއަށް ބަލާއިރު ޑިޕްލޮމެޓިކް މިޝަންއަކީ ދައުވާކުރުމާއި ދައުވާލިބުމުގެ ބާރު ލިބިގެންވާ ވަކި ގާނޫނީ ޝަޚްސެއް ނޫންކަމާއި ޑިޕްލޮމެޓިކް މިޝަންއަކީ އެ މިޝަން ފޮނުވާ ދައުލަތުން އެ ދައުލަތް ތަމްސީލުކުރަން، ބަލައިގަންނަ ގައުމުގައި ހުންނަ އޮފީސްކަން އެނގެއެވެ. އެހެންކަމުން އެ ހައިކޮމިޝަނުގެ މައްޗަށް ދައުވާއެއްކޮށްފިނަމަ، އެ ދައުވާއެއް ކުރެވެނީ އެ މިޝަން ފޮނުވި ދައުލަތުގެ މައްޗަށްކަން އެނގެއެވެ. އަދި އިސްވެދިޔަ ޕެރެގްރާފުތަކުގައި ބުނެފައިވާ ފަދައިން، ބަލައިގަންނަ ގައުމުން ސިޔާދަތީ އިމްތިޔާޒު ދޫކޮށްލާފައި ނުވާނަމަ، އެ ގައުމެއްގެ ސަރަހައްދުގެ ތެރޭގައި ބިދޭސީ ދައުލަތަކުންނާއި އެ ދައުލަތްތަކުގެ އޮފިޝަލުންނާއި އެޖެންޓުން ރަސްމީ ހައިސިއްޔަތުން ކުރާކަންކަމަށް ސިޔާދަތީ އިމްތިޔާޒު ލިބިގެންވާކަން އެނގެއެވެ.

މި މައްސަލައިގައި ހިމެނޭ ތަން ކުއްޔަށް ހިފާފައިވަނީ އިންޑިއާގެ ޖުމްހޫރިއްޔާގެ ބޭނުމަކަށް، އިންޑިޔާގެ ޖުމްހޫރިއްޔާއިން ދިވެހިރާއްޖެއަށް ފޮނުވާފައި ހުންނަ އެންމެ އިސް ޑިޕްލޮމެޓު ދިރިއުޅެންކަން އެނގެއެވެ. އަދި އެ އެއްބަސްވުމުގައި މުޙައްމަދު ޝަރީފް އާއި އިންޑިއާގެ ހައިކޮމިޝަނުގެ ފަރާތުން ސޮއިކުރިއިރު އިންޑިއާއަށް ލިބިގެންވާ ސިޔާދަތީ އިމްތިޔާޒު ދޫކޮށްލުމަށް އިންޑިޔާއިން އެއްބަސްވެފައެއް ނުވެއެވެ.

ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސް 1961 ގެ 29، 31 އަދި 32 ވަނަ މާއްދާގައި ފޮނުވާ ގައުމުތަކުގެ ޑިޕްލޮމެޓުންނަށް ބަލައިގަންނަ ގައުމުތަކުގެ ކޯޓުތަކުގައި ކުރެވޭ ދައުވާތަކުންނާއި ޖިނާއީ އިޖުރާއާތުތަކުން ރައްކާތެރިކަން ދޭނޭ ގޮތާއި މިންވަރު ބަޔާންކޮށްފައި ވެއެވެ. މި މުއާހަދާގެ 29 ވަނަ މާއްދާ ބުނާގޮތުން ބަލައިގަންނަ ގައުމުގެ ސަރަހައްދުގެ ތެރޭގައި ބިދޭސީ ދައުލަތެއްގެ ޑިޕްލޮމެޓިކް އެޖެންޓެއް ހައްޔަރުކޮށް ނުވަތަ ބަންދުކޮށް ނުހެދޭނެއެވެ. 31 ވަނަ މާއްދާއިން ޑިޕްލޮމެޓިކް އެޖެންޓެއްގެ މައްޗަށް ޖިނާއީ ދައުވާކުރުމުން ރައްކާތެރިކޮށްދެއެވެ. އަދި ބައެއް ބާވަތުގެ އިދާރީ އަދި މަދަނީ ދައުވާތަކުން ޑިޕްލޮމެޓުން ރައްކާތެރިކޮށްދެއެވެ. 32 ވަނަ މާއްދާ ބުނާގޮތުން އެ ޑިޕްލޮމެޓަކު ފޮނުވި ގައުމަކުން، ޑިޕްލޮމެޓިކް އިމްތިޔާޒު ދޫކޮށްލާފައިވާނަމަ، ޑިޕްލޮމެޓިކް އެޖެންޓެއްގެ މައްޗަށް ބަލައިގަންނަ ގައުމުގެ ކޯޓުގައި ޝަރީއަތް ހިންގިދާނެއެވެ.

ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސް 1961 ގެ 31 ވަނަ މާއްދާއިން އެނގޭ ގޮތުގައި ޑިޕްލޮމެޓިކް އެޖެންޓަކު އެ ފޮނުވާ ދައުލަތުގެ ބޭނުމަށް ގެންގުޅޭ ނުއުފުލޭ މުދަލަކާބެހޭ ގޮތުންވެސް އެ ޑިޕްލޮމެޓިކް އެޖެންޓަށް ޑިޕްލޮމެޓިކް ހިމާޔަތް ލިބިގެންވެއެވެ. މާނައަކީ އެފަދަ ނުއުފުލޭ މުދަލަކާ ގުޅޭގޮތުން އުފެދޭ ދައުވާތަކުގައި އެފަދަ މީހަކު ކޯޓަށް ހާޒިރުކޮށް ޖަވާބުދާރީ ވާން ނުޖެހުމެވެ.

ރާއްޖޭގައި ހުންނަ ބިދޭސީ ދައުލަތެއްގެ މިޝަންއެއްގެ މައްޗަށް މީހަކު ދައުވާ އުފުލައިފިނަމަ، އެފަދަ ދައުވާއެއް އެ އުފުލެނީ ސީދާ ގޮތެއްގައި އެ ބިދޭސީ ދައުލަތުގެ މައްޗަށެވެ. އެ ދައުލަތް ތަމްސީލުކުރަން އެ މިޝަންގައި އެންމެ އިސްކޮށް ހުންނަނީ އެގައުމަކުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރެވެ. އެފަރާތަކީ، އެ ސަރުކާރުގެ ނުވަތަ އެ ދައުލަތުގެ ބޭނުމަށް ކުރާ ކަންކަމާ ގުޅޭގޮތުން ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން، އިމްތިޔާޒު ލިބިގެންވާ ފަރާތްތަކެއްކަން އެނގެއެވެ.

އަދުލުވެރިކަމާއެކު ޝަރީއަތްކުރެވުމުގެ އަސާސީ ހައްގު

އިސްތިއުނާފުކުރެވޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/235 ގަޒިއްޔާގެ ހުކުމުގައި ހައިކޯޓުން ބުނެފައިވަނީ، ގާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) ގައި، ކޮންމެ މީހަކަށްމެ މަދަނީ ހައްގުތަކާއި ވާޖިބުތައް ކަނޑައެޅުމުގައި ކޯޓެއްގައި ޝަރީއަތްކުރެވުމުގެ ހައްގު ލިބިގެންވާކަމަށް ބަޔާންކޮށްފައިވާއިރު، އަދި މީހެއްގެ އަސާސީ ހައްގެއް ނިގުޅައިގަނެވިއްޖެ ނަމަ އެ މައްސަލައެއް ކޯޓަށް ހުށަހެޅުމުގެ ހައްގު ގާނޫނުއަސާސީގެ 65 ވަނަ މާއްދާއިން އެމީހަކަށް ލިބިފައިވާއިރު، އަދި ގާނޫނުއަސާސީގެ 69 ވަނަ މާއްދާގައި ރައްޔިތެއްގެ އަސާސީ ހައްގެއް ގެއްލޭ ގޮތަށް ގާނޫނުއަސާސީގައިވާ އެއްވެސް މާއްދާއެއް މާނަކޮށްގެން ނުވާނެ ކަމަށް ބުނެފައިވާއިރު، އަދި މީހެއްގެ އަސާސީ ހައްގެއް ހިފެހެއްޓޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ކަމަށްވާއިރު، ސިވިލް ކޯޓަށް މުޙައްމަދު ޝަރީފް ހުށަހެޅި މައްސަލަ ސިވިލް ކޯޓުން ނުބެލޭނެ ކަމަށް ނިންމާފައިވަނީ ބިދޭސީ ދައުލަތަކަށް ނުވަތަ ޑިޕްލޮމެޓަކަށް އިމްތިޔާޒު ލިބިގެންވާ ކަމަށް ބަޔާންކުރާ ގާނޫނެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިނެތީސް ކަމަށްވުމުން އެއީ ގާނޫނާ އެއްގޮތަށް ސިވިލް ކޯޓުން ނިންމި ނިންމުމެއް ނޫން ކަމަށެވެ.

އިންޓަނެޝަނަލްކޯޓް އޮފް ޖަސްޓިސްއިން 2012 ވަނަ އަހަރު ނިންމި ގަޒިއްޔާއެއް ކަމަށްވާ Jurisdictional Immunities of the State (Germany v. Italy) ގައި އިންޓަނެޝަނަލްކޯޓް އޮފް ޖަސްޓިސްއިން، ހައިކޯޓުން ފާހަގަކުރި ބާވަތުގެ ނުކުތާއަކާ ބެހޭގޮތުން އެ ހުކުމުގައި ބަޔާންކޮށްފައިވާ ކަންކަމަށް މި ގަޒިއްޔާގައި ރިއާޔަތްކުރުން އެންމެ ރަނގަޅުކަމަށް ދެކެމެވެ.

03 ފެބްރުއަރީ 2012 ގައި އިންޓަނެޝަނަލްކޯޓް އޮފް ޖަސްޓިސްއިން ކޮށްފައިވާ ހުކުމުގައި ފުރަތަމަ ބަލާފައިވާ ނުކުތާއަކީ، އިޓަލީ ކޯޓުތަކުގައި ޖަރމަނީގެ މައްޗަށް މަދަނީ ދައުވާކުރުމަށް ހުއްދަކުރުމުން، ޖަރމަނީއަށް ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން ލިބިފައިވާ ދައުލަތުގެ އިމްތިޔާޒާއި އިޓަލީއިން ޚިލާފުވެފައިވޭތޯއެވެ. އަދި މަދަނީ ދައުވާއެއް ޖަރމަނީގެ މައްޗަށް އިޓަލީ ކޯޓަށް ހުށަހެޅުމުން އެ އިމްތިޔާޒު ދިނުމަށް އިޓަލީގެ ކޯޓުތަކަށް ލާޒިމުވޭތޯއެވެ. އިންޓަނެޝަނަލްކޯޓް އޮފް ޖަސްޓިސްއިން އިއްވި ހުކުމުގައި ބަޔާންކޮށްފައިވަނީ އިޓަލީގެ ކޯޓުތަކުން ޖަރމަނީއަށް އިމްތިޔާޒު ނުދިނުމަކީ އިޓަލީއިން އަދާކުރަންޖެހޭ ބައިނަލްއަގުވާމީ އިލްތިޒާމުތަކާ ޚިލާފުވުން ކަމަށެވެ.

“…practice shows that, whether in claiming immunity for themselves or according it to others, States generally proceed on the basis that there is a right to immunity under international law, together with a corresponding obligation on the part of other States to respect and give effect to that immunity.” (Paras 55 – 56).

އިންޓަނެޝަނަލްކޯޓް އޮފް ޖަސްޓިސްގެ ޖަޖްމެންޓުގައި އިތުރަށް ބުނެފައިވަނީ އެ ދައުލަތުން އަދާކުރަންޖެހޭ މި އިލްތިޒާމު އުފެދިފައިވަނީ ކަސްޓަމަރީ އިންޓަނެޝަނަލްލޯ އިން ކަމަށެވެ.

މި ގަޒިއްޔާގައި ދައުވާލިބުނު އިޓަލީއިން ދިފާއުގައި ހުށަހެޅި އެއް ނުކުތާގައި ބުނެފައިވަނީ ގެއްލުމުގެ ބަދަލު ހޯދުމަށްޓަކައި ދައުވާކުރާ ފަރާތްތަކުން ތަފާތު ގޮތްގޮތުން މަސައްކަތްކުރުމަށްފަހު، އެ ގެއްލުމުގެ ބަދަލު ހޯދުމަށްޓަކައި ޖަރމަނީގެ މައްޗަށް ދައުވާކުރުމަށް އިޓަލީގެ ކޯޓަށް ދިއުން ނޫންގޮތެއް އެފަރާތްތަކަށް ނެތް ކަމަށެވެ. ވީމާ އެފަދަ ދައުވާއެއްކުރުން ސައްހަ ކަމަށެވެ. އިންޓަނެޝަނަލްކޯޓް އޮފް ޖަސްޓިސްގެ މި ޖަޖްމެންޓުގައި ބުނެފައިވަނީ ދައުވާކުރާ ފަރާތްތަކަށް އިންސާފު ހޯދޭނެ އެހެން ގޮތެއް ނެތުން، އެއީ ދައުލަތްތަކަށް ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން ލިބިފައި އޮންނަ އިމްތިޔާޒު ގެއްލޭނެ ސަބަބެއް ނޫން ކަމަށެވެ.

މިގޮތަށް ބަޔާންކުރުމަށްފަހު، ކޯޓުން އިޓަލީއަށް އަމުރުކޮށްފައިވަނީ، އަލުން ގާނޫނެއް ހަދައިގެން ނަމަވެސް، ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން ޖަރމަނީއަށް ލިބިގެންވާ އިމްތިޔާޒަށް ހުރަސް އަޅާގޮތަށް އިޓަލީގެ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކުގެ ބާރު ހުއްޓުވުމަށެވެ.

އިންޓަނެޝަނަލްކޯޓް އޮފް ޖަސްޓިސްގެ މި ގަޒިއްޔާއިން އެނގެނީ، ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން ދައުލަތްތަކުގެ މައްޗަށް އޮންނަ އިލްތިޒާމްތަކަކީ އެ ދައުލަތަކުން އިހްތިރާމްކުރަންޖެހޭ، އަދި އެ އުސޫލުތަކާ ދުރަށް ނުދެވޭނެ ބައިނަލްއަގުވާމީ ގާނޫނުގެ ހަމަތަކެއް ކަމާއި ދާޚިލީ ގާނޫނެއް ނެތުމަކީ ދައުލަތުގެ މައްޗަށް ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން ކުރުން ލާޒިމުކުރާ ކަމެއް ނުކުރުމަށް ދެއްކޭނެ ހަމައެއް ނޫންކަމެވެ. އެހެންކަމުން އަހުރެންނަށް ފެންނަނީ، ސިޔާދަތު ލިބިގެންވާ ދައުލަތެއްގެ މައްޗަށް ސިޔާދަތު ލިބިގެންވާ އެހެން ގައުމެއްގެ ކޯޓެއްގައި ޝަރީއަތް ހިންގުމަކީ ބައިނަލްއަގުވާމީ ގާނޫނާ ޚިލާފުކަމެއް ކަމުގައިވާތީވެ، ސިވިލް ކޯޓުން މި މައްސަލަ ނުބެލުމަށް ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށެވެ.

ގާނޫނުއަސާސީގެ 93 ވަނަ މާއްދާ

މި މައްސަލަ އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުން ގާނޫނުއަސާސީގެ 93 ވަނަ މާއްދާ މާނަކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށެވެ.

އިސްތިއުނާފުކުރެވޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/235 ގަޒިއްޔާ ނިންމަމުން ހައިކޯޓުން ބުނެފައިވަނީ، ދިވެހި ދައުލަތުން ބައިވެރިވާ ބައިނަލްއަގުވާމީ މުއާހަދާތަކުގެ މައްޗަށް އަމަލުކުރުމަށް ރައްޔިތުންނަށް ލާޒިމުވާނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ކަމަށްވާއިރު، އަދި އެކަން ގާނޫނުއަސާސީގެ 93 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސް 1961 އަށް އަމަލުކުރުމަށް ރައްޔިތުންގެ މައްޗަށް ލާޒިމުވާގޮތަށް ރައްޔިތުންގެ މަޖިލީހުން ގާނޫނެއް ފާސްކޮށްފައިނުވާތީވެ، މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުގެ ހައްގު މުޙައްމަދު ޝަރީފަށް ލިބިގެންވާ ކަމަށެވެ.

މަތީގައިވާ ބަޔާންވެދިޔަ ޕެރެގްރާފްތަކުން އެނގެނީ ސިޔާދަތީ އިމްތިޔާޒު / ސްޓޭޓް އިމިއުނިޓީ އަކީ ބައިނަލްއަގުވާމީ ގާނޫނުގެ މަބްދައުއެއް ކަމާއި، އެ މަބްދައުގެ މަސްދަރަކީ ކަސްޓަމަރީ އިންޓަނެޝަނަލް ލޯ ކަމާއި، ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސް 1961 މުއާހަދާއަކީ ދައުލަތްތަކުގެ ފަރާތުން، ބަލައިގަންނަ ގައުމަށް ފޮނުވާފައިތިބޭ ޑިޕްލޮމެޓިކް އެޖެންޓުންނާބެހޭ ބައިނަލްއަގުވާމީ މުއާހަދާއެއް ކަމާއި، އެގޮތުން ބަލައިގަންނަ ގައުމަށް ފޮނުވާފައި ތިބޭ ޑިޕްލޮމެޓިކް އެޖެންޓުންނަށް އިމްތިޔާޒު ލިބިގެންވާ ހާލަތްތައް އެ މުއާހަދާގެ 29، 31، އަދި 32 ވަނަ މާއްދާގައި ސަރީހަ ބަހުން ބަޔާންކޮށްފައިވާކަމެވެ. ވީމާ، ސިޔާދަތީ އިމްތިޔާޒު/ސްޓޭޓް އިމިއުނިޓީ އަކީ ބައިނަލްއަގުވާމީ ގާނޫނުގެ ވަކި ވަކި މަސްދަރުތަކަކުން ބާރުލިބޭ ވަކި މަބްދައުއެއް ކަމަށްވާ ހިނދު ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން ދައުލަތްތަކުގެ މައްޗަށް އޮންނަ އިލްތިޒާމްތަކަކީ އެ ދައުލަތަކުން އިހްތިރާމްކުރަންޖެހޭ، އަދި އެއަށް އިންކާރުނުކުރެވޭނެ ހަމަތަކެއްކަން އެނގެއެވެ.

ބައިނަލްއަގުވާމީ މުއާހަދާތަކުގައިވާ އުސޫލުތައް ގައުމުގެ ދާޚިލީ ގާނޫނީ ނިޒާމުގެ ތެރެއަށް ގެނައުމުގައި ގައުމުތަކުގައި އަމަލުކުރަނީ މައިގަނޑު ދެގޮތަކަށެވެ. ބައެއް ގައުމުތަކުގައި މުއާހަދާ ތަސްދީގުކުރުމާއެކު (ratify) ނުވަތަ ބައިވެރިވުމާއެކު(accede) ، އެ މުއާހަދާގައިވާ ކަންކަން އޮޓަމެޓިކުން ގައުމުގެ ދާޚިލީ ގާނޫނުގެ ބަޔަކަށް ވެދެއެވެ. އެހެން ބައެއް ގައުމުތަކުގައި އެ ގައުމުން ބައިވެރިވާ މުއާހަދާގައިވާ ކަންކަން ދާޚިލީ ގާނޫނުގެ ތެރެއަށް ވަންނާނީ އެކަމާބެހޭ ގޮތުން އެ ގައުމެއްގެ ގާނޫނުހަދާ މަޖިލީހުން އިތުރު ގާނޫނެއް ފާސްކުރުމުންނެވެ.

ވެރިކަން ހިންގާ ފަރާތް ނުވަތަ ދައުލަތުގެ ތަންފީޒީ ބާރުން ސޮއިކުރާ ބައިނަލްއަގުވާމީ މުއާހަދާތަކަށް އަމަލުކުރުން ދިވެހި ދައުލަތުގެ މައްޗަށް ލާޒިމުވާނެ ގޮތް ގާނޫނުއަސާސީގެ 93 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވެއެވެ. އެ މާއްދާގައި ބުނާގޮތުން ވެރިކަން ހިންގާ ފަރާތުން ސޮއިކުރާ ނުވަތަ ބައިވެރިވާ މުއާހަދާއަކަށް އަމަލުކުރުން ދައުލަތަށް ލާޒިމުވާނީ އެ މުއާހަދާއެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ފާސްކުރުމުންނެވެ. ނަމަވެސް، ގާނޫނުއަސާސީގެ 93 ވަނަ މާއްދާގެ (ށ) ގައި ވާގޮތުން ދައުލަތުން ބައިވެރިވާ މުއާހަދާއަކަށް އަމަލުކުރުން ރައްޔިތުންނަށް ލާޒިމުވާނީ އެކަމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ޚާއްސަ ގާނޫނެއް ފާސްކުރުމުންނެވެ. ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސް 1961 އަށް ބަލާއިރު، އެ މުއާހަދާގައި ދިވެހިރާއްޖެއިން ބައިވެރިވެފައިވަނީ 2007 ވަނަ އަހަރުއެވެ. އެއީ 2008 ގެ އޮގަސްޓުމަހު އަމަލުކުރަންފެށި ގާނޫނުއަސާސީގެ ކުރިން ދިވެހިރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާއަކަށްވާތީވެ، އެ މުއާހަދާގައި ދިވެހިރާއްޖެއިން ބައިވެރިވެފައިވަނީ އޭރު ދިވެހިރާއްޖޭގައި އޮތް ދުސްތޫރީ ނިޒާމުގެ ތެރެއިން ކަމަށްވުމާއެކު، އެ މުއާހަދާއަށް އަމަލުކުރުމަކީ ދިވެހި ދައުލަތުގެ މައްޗަށް ލާޒިމުކަމެކެވެ. ދިވެހި ދައުލަތުގެ މައްޗަށް ކަމެއް ލާޒިމުވުމަކީ ދައުލަތުގެ ހުރިހާ ގުނަވަންތަކުން އެ މައްޗަށް އަމަލުކުރުން ލާޒިމުވުމެވެ. އޭގެ ތެރޭގައި ކޯޓުތައްވެސް ހިމެނެއެވެ. ވީމާ ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސް 1961 އަށް ދިވެހިރާއްޖޭގެ ކޯޓުތަކުން އަމަލުކުރުމަށް ލާޒިމްވެގެންވެއެވެ.

އިސްވެ އަހުރެން ބަޔާންކުރި ސަބަބުތައް އެހެން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/235 ގަޒިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ހުކުމްކޮށްފައިވަނީ ކަމާބެހޭ ގާނޫނުތަކާ ބައިނަލްއަގުވާމީ ހަމަތަކާ އެއްގޮތަށް ކަމަށް އަހުރެންނަށް ނުފެނެއެވެ.

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު:

މި މައްސަލައިގައި ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު:

މި މައްސަލައިގައި ފަނޑިޔާރު ހުސްނުއްސުއޫދު ފާހަގަކުރައްވާފައިވާ ނުކުތާތަކަށް އަހުރެން ތާއީދުކޮށް، އަންނަނިވި ކަންކަން ފާހަގަކުރަމެވެ.

އިންޓަރނެޝަނަލް ކޯޓް އޮފް ޖަސްޓިސްއިން ޖަރުމަނުވިލާތާއި އިޓަލީވިލާތް ހިމެނޭގޮތަށް ހިންގި މައްސަލައިގައި އިޓަލީގެ ކޯޓުތަކުން ޖަރމަނީއަށް އިމްތިޔާޒު ނުދިނުމަކީ އިޓަލީއިން އަދާކުރަންޖެހޭ ބައިނަލްއަގްވާމީ އިލްތިޒާމުތަކާ ޚިލާފުވުން ކަމުގައި ބަޔާންކޮށްފައިވުމުން، ސްޓޭޓް އިމިއުނިޓީއަކީ ކަސްޓަމަރީ އިންޓަނެޝަނަލް ލޯގެ ހައިސިއްޔަތު އެކޯޓުން ދީފައިވާ މަބްދަޢުއެއް ކަން އެނގެއެވެ.

ސްޓޭޓް އިމިއުނިޓީއަކީ ބައިނަލްއަޤްވާމީ ގުޅުންތަކުގެ ތެރެއިން ނުވަތަ ދޭދޭ ޤައުމުތަކުގައި އުފެދޭ ގުޅުންތަކުގެ ތެރެއިން އެއް ޤައުމަކުން އަނެއް ޤައުމެއްގައި ހަރަކާތްތެރިވަމުންދާއިރު، މެދުވެރިވާ ކަންކަމުގެ ތެރެއިން އުފެދޭ ހުސޫމާތްތަކާއި ގުޅޭގޮތުން، ބަލައިގަންނަ ޤައުމުގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުގެ އިޚްތިޞާޞް ފޮނުވާ ޤައުމުގެ މައްޗަށް ނުހިންގޭނެ ކަމުގެ މައްޗަށް ތަރުތީބުވެގެންވާ މަބްދަޢުއެއް ކަމުން، އެފަދަ އިމިއުނިޓީ ލިބިފައިވާ ފަރާތަކާއެކު ބަލައިގަންނަ ޤައުމެއްގެ އެއްވެސް ފަރާތެއް މުޢާމަލާތްކުރުމުގައި، މިމައްސަލައިގައި ކުރިމަތިވެފައިވާ ފަދައިން، ދަތިތަކާ ކުރިމަތިލާންޖެހުމުގެ އިޙްތިމާލު އޮވެއެވެ. މިހެންކަމާއެކު، ޤައުމަކާއި ނުވަތަ ޤައުމެއް ތަމްސީލުކުރާ ފަރާތްތަކާއި މުޢާމަލާތްކުރާއިރު، އަބަދުވެސް، މިކަންކަމުގެ މައްޗަށް ރިޢާޔަތްކުރަންޖެހެއެވެ.

ސްޓޭޓް އިމިއުނިޓީއަކީ، އެއިގެ ޒާތުން، ބަލައިގަންނަ ޤައުމުން ކަނޑައަޅާ ފަދައަކުން އެ އިމިއުނިޓީ ޤައިދު ނުކުރާނަމަ، ފޮނުވާ ޤައުމަށް ފުރިހަމައަށް ލިބިގެންވާ އެއްޗެކެވެ. އަދި ބަލައިގަންނަ ޤައުމުތަކުން ސްޓޭޓް އިމިއުނިޓީ ޤައިދުކުރަނީ ޤާނޫނުންކަމުގައި ވެފައި، އެފަދަ ޤާނޫނެއް ދިވެހިރާއްޖޭގައި ނެތުމުން، ދެ ޤައުމެއްގެ ދެމެދުގައި އެފަދަ އިމިއުނިޓީއެއް ހަނިކުރުމާމެދު އެއްބަސްވެފައި ނުވާނަމަ، އެ އިމިއުނިޓީ އެއިގެ ފުރިހަމަ ގޮތުގައި ފޮނުވާ ޤައުމަށް ލިބިގެންދެއެވެ.

މިހެންކަމުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) ގެ ދަށުން މުޙައްމަދު ޝަރީފަށް ޙައްޤުތަކެއް ލިބިގެންވާނަމަވެސް، ޤާނޫނޫއަސާސީގެ 68 ވަނަ މާއްދާގެ ދަށުން، ކޮންމެ ޙައްޤަކާއި މިނިވަންކަމެއްވެސް މާނަކުރުމުގައި ހުޅުވުގެން ހިނގާ ދިމިޤްރާތީ މުޖްތަމަޢުތަކުގައި ޢަމަލުކުރަމުންދާގޮތާއި، ރާއްޖެ ސޮއިކޮށްފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކުގެ ދަށުން ކަންކުރާގޮތަށް ރިޢާޔަތްކުރަންޖެހޭކަމުން، ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސް 1961 ގައި ބަޔާންކޮށް، ބައިނަލްއަޤްވާމީ ޤާނޫނުގެ މަޙައްލުގެ ތެރެއިން ކަސްޓަމަރީ އިންޓަނެޝަނަލް ލޯގެ ދަރަޖަ ލިބިފައިވާ އަދި ދިވެހިރާއްޖެއިން ޤައިދުކޮށްފައި ނުވާ އިމިއުނިޓީއަކީ، މުޙައްމަދު ޝަރީފަށް ޤާނޫނުއަސާސީއިން ލިބިގެންވާ ޙައްޤަށް އަސަރުކުރާ، އަދި މައްސަލަ ނިންމުމުގައި އެކަމުގެ މައްޗަށް ރިޢާޔަތްކުރަންޖެހޭ ކަމެވެ.

ބަވަނަވެގެންވާ ދުނިޔެއެއްގައި، ދުނިޔޭގެ ސުލްޙަ މަސަލަސްކަމަށްޓަކައި (ދިވެހިރާއްޖެ ހިމެނޭގޮތުން) ކޮންމެ ޤައުމަކީވެސް، ދުނިޔޭގައި އެހެން (ގިނަ) ޤައުމުތަކެކޭ އެއްފަދައިން، ވަކި އުސޫލުތަކަކަށް އިޚްތިރާމުކޮށް އެއުޞޫލުތަކަށް ޢަމަލުކުރާ ޤައުމެއްކަމުގައި ވާންޖެހޭކަމުން، އަދި މިމަޤްޞަދުގައި އެކި ކަންކަމާބެހޭގޮތުން ޤައުމުތަކުން ސޮއިކުރާ މުޢާހަދާތަކާމެދު ޢަމަލުކުރާންޖެހޭ ވަކި އުޞޫލުތަކެއް ޤާއިމުވެފައިވާކަމުން، ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސް 1961 ގެ 31 ވަނަ މާއްދާގެ އަލީގައި، މިމައްސަލައިގައި ކޮށްފައިވާފަދަ (ވިޔަފާރި އުޞޫލުން ކޮށްފައިވާ މުޢާމަލާތެއް ކަމުގައި ނުބެލެވޭ) މުޢާމަލާތެއްގެ ދަށުން ފޮނުވާ ޤައުމުން އެފަރާތަށް ލިބިގެންވާ އިމިއުނިޓީ ދޫކޮށްލަން ބޭނުން ނުވާ ޙާލަތުގައި، އެޤައުމަކީ އިމިއުނިޓީ ލިބިގެންވާ ޤައުމެއްކަމުގައި ޤާނޫނީގޮތުން ބަލަންޖެހޭކަމުގައި އަހުރެން ދެކެމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ސަބަބުތައް އެހެން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/235 ގަޒިއްޔާގައި ހުކުމްކޮށްފައިވަނީ ކަމާބެހޭ ގާނޫނުތަކާއި ބައިނަލްއަގުވާމީ ގާނޫނުގެ ހަމަތަކާ އެއްގޮތަށް ކަމަށް ނުވާތީވެ، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލިސްގެ އިއްތިފާގުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/235 ގަޒިއްޔާގެ ހުކުމް ބާތިލުކޮށްފީމެވެ.

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ