—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 2014/SC-A/06
ދަޢުވާކުރާ ފަރާތް: މަރްޔަމް ޢާފިޔާ
ދަޢުވާ ލިބޭ ފަރާތް: ބޭންކް އޮފް ސިލޯން
ތަދައްޚުލްވި ފަރާތް: އަޙްމަދު ޒައިދު
މައްސަލައިގެ ބާވަތް: ރަހުނު ވިއްކާލުން ހުއްޓުވުން
މައްސަލަ އައިގޮތް: އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚް: 28 ނޮވެމްބަރ 2013
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 16 ޖެނުއަރީ 2014
ނިމުނު ތާރީޚް: 07 އޮކްޓޯބަރ 2015ާޗް 2009
މައްސަލަ ނިންމި ގަޑި: 15:09
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
އިސްތިޢުނާފުކުރެވުނު ޤަޟިއްޔާ
ނަންބަރު: 2013/HC-A/197
ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
ހުށަހެޅުނު ތާރީޚް: 10 ޖޫން 2013
ނިމުނު ތާރީޚް: 26 ސެޕްޓެމްބަރ 2013
މައްސަލައިގެ ޚުލާޞާ
މި މިއީ، ކުރީގެ މަދަނީ ކޯޓުގެ ނަންބަރު 105/MC/2010ޤަޟިއްޔާގެ ޙުކުމާއި ސިވިލް ކޯޓުގެ ނަންބަރު 1654/Cv-C/2012ޤަޟިއްޔާގެ ޙުކުމް ތަންފީޛްކުރުން ފަސްކޮށްދިނުން އެދި، ފެހިއަލިއާގެ، މަރްޔަމް ޢާފިޔާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި އެ ކޯޓުގެ ނަންބަރު 2013/Cv-C/829 ޤަޟިއްޔާ ނިމިފައިވަނީ ޝަރުއީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދި ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ އެ ކޯޓުގެ ނަންބަރު 2013/HC-A/197 ޤަޟިއްޔާވެސް ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށް ބުނެ މަރްޔަމް ޢާފިޔާގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ބެލެވިފައިވާ މައްސަލައެކެވެ.
މި ޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ބޭންކް އޮފް ސިލޯނެނެވެ.
ފާހަގަކުރެވުނު ނުކުތާތައް
މަރްޔަމް ޢާފިޔާގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށް ޖަވާބުދާރީވުމުގެ ގޮތުން ބޭންކް އޮފް ސިލޯންގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބަލާއިރު،
މަދަނީ ކޯޓުގެ ނަންބަރު 1654/MC/2012 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ތަންފީޛްކުރުން ފަސްކުރުމުގެ އަމުރެއް ނެރެދެއްވުން އެދި ހުށަހެޅުނު ސިވިލް ކޯޓުގެ ނަންބަރު829/Cv-C/2013 ޤަޟިއްޔާގައި މަރްޔަމް ޢާފިޔާގެ ފަރާތުން އެދިފައިވާފަދަ އަމުރެއް ނެރެދެވެން ނެތްކަމަށް ޙުކުމްކުރެއްވުމާ ގުޅިގެން އެ ނިންމެވުމާއި އަދި ދެފަރާތް ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން ބޭންކަށް ލިބިދޭ އިޚްތިޔާރުގެ ދަށުން 12 މާރޗް 2013 ގައި ރަހުނު ވިއްކާލުމާއި ބެހޭގޮތުން ޢާންމުކޮށް އިޢުލާނުކޮށް، 20 މާރޗް 2013 ގެ ކުރިން ރަހުނު ގަންނަންއެދޭ ފަރާތްތަކުން އަގު ހުށަހެޅުމަށް އިޢުލާނުކޮށްފައިވަނިކޮށް، އެންމެ މަތީ އަގު ހުށަހެޅި ފަރާތަށް ހަމަޖެހިފައިވާ ޤަވާޢިދާއި އެއްގޮތްވާ ގޮތުގެމަތިން 04 އޭޕްރީލް 2013 ގައި ރަހުނު ވިއްކާލެވިފައިވަނިކޮށް، 16 އޭޕްރީލް 2013 ގައި މަރްޔަމް ޢާފިޔާގެ ފަރާތުން ލޯނުގެ ފައިސާ ދައްކަން ބޭނުންވާކަމަށް ބުނެ ހުށަހެޅިކަމުގައިވިޔަސް އޭރު ރަހުނު ވިއްކާލުމުގެ މުޢާމަލާ ނިމިފައިވާތީ މަރްޔަމް ޢާފިޔާއަށް އިތުރު ފުރުޞަތެއް ދެވޭނެ ބުނެވިދިޔަ ރަހުނު ވިއްކާލުމުގެ އެންމެ އެންމެ ފަހު އިޖުރާއަތްތަކަކީ ކޯޓުގެ ޙުކުމް ތަންފީޛުކުރުމުގެ ގޮތުން އެ ޙުކުމާ އެއްގޮތްވާ ގޮތުގެމަތިން ބޭންކް އޮފް ސިލޯންގެ ފަރާތުން ކޮށްފައިވާ މުޢާމަލާއެއް ކަމަށް ބުނެ މަރްޔަމް ޢާފިޔާގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި ނުކުތާތަކާ މެދު ބޭންކް އޮފް ސިލޯނުގެ ފަރާތުން އިންކާރުކޮށްފައިވާކަން ފާހަގަކުރެވިފައިވެއެވެ.
އިލްތިމާސްކޮށްދިނުން އެދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ ސިވިލް ކޯޓުގެ ނަންބަރު829/Cv-C/2013 ޤަޟިއްޔާ އިސްތިއުނާފުކުރި ހައިކޯޓުގެ ނަންބަރު2013/HC-A/197 ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ފެހިއަލިއާގެ ވިއްކާލުމުގެ މުޢާމަލާ ހުއްޓުވުމަށް ބޭންކް އޮފް ސިލޯންގެ މައްޗަށް އަމުރުކުރެވޭނެ ތަނެއްނެތްކަމަށް މަދަނީ ކޯޓުގެ ނަންބަރު829/Cv-C/2013 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ތާއީދުކުރައްވާކަން މި މައްސަލައާ ގުޅިގެން ދެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަތަކުންނާއި ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮވެއެވެ.
ހައިކޯޓުގެ ނަންބަރު 2013/HC-A/197 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާ ކަމަށްބުނެ މަރްޔަމް ޢާފިޔާގެ ފަރާތުން ހަތް ސަބަބެއް ހުށަހަޅާ، އެ ކަންކަމާ ބެހޭގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
ހ. ފުރަތަމަ ސަބަބަކީ، "ސިވިލް ކޯޓުގެ ނަންބަރު 1654/Cv-C/2012 ޤަޟިއްޔާގެ ޙުކުމުގައި މއ. ފެހިއަލިއާގެ އެވެކިޔުނު ގޯތި ވިއްކާލުމުގެ ހުއްދަ ބޭންކް އޮފް ސިލޯނަށް ޝަރީޢަތުންދާ މަދަނީ ކޯޓުގެ ނަންބަރު105/MC/2010 ޤަޟިއްޔާގެ ޙުކުމަށް ޢަމަލުކުރުމަށް މ. ގްރީންސިލްކް، މާލެ، އަޙްމަދު ޒައިދު އާއި މަރްޔަމް ޢާފިޔާ އާއި ލީ އެންޑް ލުޖް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް އަންގާ ޙުކުމް ކޮށްފީމެވެ." މިފަދައިން ޙުކުމް ކުރައްވާފައިވާއިރު ފައިސާ ދެއްކުމަށްޓަކައި މަރްޔަމް ޢާފިޔާގެ ފަރާތުން ފައިސާ ހިފައިގެން ބޭންކް އޮފް ސިލޯނަށް، ސިލޯނަށް، މ. ގްރީންސިލްކް، އަޙްމަދު ޒައިދު ދިއުމުން ކުންފުނީގެ އެކައުންޓް މިހާރުވަނީ ބަންދުކޮށްފައިކަމަށް ބޭންކް އޮފް ސިލޯނުގެ މެނޭޖަރ ބުނެ އެ ފައިސާ ދެއްކޭނެ ގޮތް ބޭންކް އޮފް ސިލޯނުން ހަމަޖައްސާދީފައި ނުވާކަމެވެ.
ށ. ދެވަނަ ސަބަބަކީ، ބޭންކް އޮފް ސިލޯނަށް ފައިސާ ދައްކަން ދިޔައިރު (11 މާރޗް 2013 ވަނަ ދުވަހު) ބޭންކް އޮފް ސިލޯނުން ގޯތި ވިއްކާލުމަށް އިޢުލާން ކޮށްފައިނުވާކަމާއި، އިޢުލާންކޮށްފައިވަނީ 12 މާރޗް 2013 ގައިކަމަށް ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިސްގައި ދަންނަވާފައިވާއިރު ބޭންކް އޮފް ސިލޯނުގެ މެނޭޖަރާއި ބޭންކް އޮފް ސިލޯނުގެ އޮފިސަރ ލަޠީފް ޝަރީޢަތަށް ޙާޟިރުކުރެއްވުމެއްނެތި މައްސަލަ ނިންމަވާފައިވުމެވެ.
ނ. ތިންވަނަ ސަބަބަކީ، ސިވިލް ކޯޓުގެ ނަންބަރު 1654/Cv-C/2012 ޤަޟިއްޔާގެ ޙުކުމަށް ބަލާއިރު ބޭންކް އޮފް ސިލޯނަށް ފައިސާ ދެއްކުމަށް ދިއުމުން ފައިސާ ބަލައިގަންނަން ޖެހޭނޭކަން އެ ޙުކުމުން އެނގެން އޮތްއިރު އެ ހުކުމާއި ޚިލާފަށް ބޭންކް އޮފް ސިލޯނުން ގޯތި ވިއްކާލުމަށް. އިޢުލާނުކޮށްފައިވާކަމަށް ޝަރީޢަތުގެ މަޖިލިސްގައި ދަންނަވާފައިވާއިރު އެ ނުކުތާއަށް ރިޢާޔަތް ނުކުރައްވާ މައްސަލަ ނިންމަވާފައިވުމެވެ.
ރ. ހަތަރުވަނަ ސަބަބަކީ، އޮފް ސިލޯންގައި އޮންނަ ލީ އެންޑް ލުޖް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގެ އެކައުންޓަށް ފައިސާ ދެއްކޭގޮތް ނުވުމުން 15 އޭޕްރީލް 2013 ގައި މަރްޔަމް ޢާފިޔާގެ އެކައުންޓަށް 54,216.86 ޔޫ.އެސް ޑޮލަރު ދައްކާ އެ ފައިސާ ލޯނަށް ކަނޑާލުމަށް ބޭންކް އޮފް ސިލޯނުގައި ދެންނެވުމުން ބޭންކް އޮފް ސިލޯނުން އެ ގޯތި ވިއްކާލުމުގެ ހުރިހާ މަރުޙަލާއެއް ނިމިފައިވާކަމަށް 17 އޭޕްރީލް 2013 ތާރީޚުގައި ލިޔެފައިވާކަމަށް ބުނާ ސިޓީ މަރްޔަމް ޢާފިޔާއަށް ލިބިފައިވަނީ ސިވިލް ކޯޓުން އެ މައްސަލަ ނިންމެވި ފަހުންކަމާއި އެ ސިޓީ މަރްޔަމް ޢާފިޔާއަށް ރައްދުކުރުމަށް ބޭންކް އޮފް ސިލޯނުން ޕޯސްޓަށް ލާފައިވަނީ މައްސަލަ ނިމުނު ދުވަހު (08 މެއި 2013 ގައި) ކަން އެނގެން އޮތުމުން ހުރިހާ މަރުޙަލާއެއް ނިމިފައިވާކަމަށް ބޭންކް އޮފް ސިލޯނުން ބުނާ ބުނުމަކީ ޙަޤީޤަތާއި އެއްގޮތަށް ބުނާ ބުނުމެއްކަމަށް ބެލެވެން ނެތްކަމެވެ.
ބ. ފަސްވަނަ ސަބަބަކީ، މއ. ފެހިއަލިއާގޭގެ ވެރިފަރާތަކީ މަރްޔަމް ޢާފިޔާ ކަމަށްވާއިރު އެ ވިޔަފާރި ޝަރުޢީ އަދި ޤާނޫނީ ގޮތުން އަޤުދު ކުރެވިފައިނުވާކަން އެނގެން އޮތްއިރު ގޯތި ވިއްކާލުމުގެ މުޢާމަލާ ހުއްޓުމަށް ބޭންކް އޮފް ސިލޯނުގެ މައްޗަށް އަމުރުކުރެވޭނޭ ޤާނޫނީ ހަމައެއް ނެތްކަމަށް ސިވިލް ކޯޓުން ކުރެއްވި ޙުކުމަށް ހައިކޯޓުން ބަދަލެއް ގެންނަން ޖެހޭނެތަނެއް ނެތްކަމަށް ކަނޑައަޅުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށްކަމަށް މަރްޔަމް ޢާފިޔާއަށް ޤަބޫލުނުކުރެވޭކަމެވެ.
ޅ. ހަވަނަ ސަބަބަކީ، ގޯތި ގަތުމަށް ފައިސާ ދެއްކިކަމަށް ބުނާ މ. ލޭޑީބާރޑް، މުޙައްމަދު ފިރާޤު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުކޮށް ސުވާލުކުރައްވާ ހެއްދެވިއިރު ބޭންކް އޮފް ސިލޯނަށް މި ގްރީންސިލްކް، އަޙްމަދު ޒައިދު ފައިސާގެ ޗެކް ހިފައިގެންގޮސް ފައިސާ ދައްކަން އުޅުމުން އެކަމަށް ބޭންކް އޮފް ސިލޯނުގެ މެނޭޖަރ ހުރަސްއަޅާފައިވާކަމަށް ޝަރީޢަތުގެ މަޖިލިސްގައި ތަކުރާރުކޮށް ދެންނެވުމުންވެސް އެއީ ތެދެއްތޯ ނުވަތަ ދޮގެއްތޯ ސާފުކުރުމަށް ބޭންކް އޮފް ސިލޯނުގެ މެނޭޖަރ ސިވިލް ކޯޓަށްވެސް އަދި ހައިކޯޓަށްވެސް ޙާޟިރުކުރައްވާފައިނުވާކަމާއި އަދި އެ ފައިސާ ދެއްކުމަށް ގޮސް މެނޭޖަރާއި ބައްދަލު ކުރެއްވޭނެގޮތް ހަމަޖައްސަވައިދެއްވި ބޭންކް އޮފް ސިލޯނުގެ އޮފިސަރ ލަޠީފްވެސް ހާޟިރުނުކުރައްވާ މައްސަލަ ނިންމަވާފައިވުމެވެ.
ކ. ހަތްވަނަ ސަބަބަކީ، މއ. ފެހިއަލިއާގެ ކިޔާ ގޯތި ވިއްކާލުމަށް ބޭންކް އޮފް ސިލޯނުން ކުރެއްވި އިޢުލާނުގައި ނީލަންފެށޭ އަގު ބަޔާންކޮށްފައިނުވާއިރު، ބޭންކް އޮފް ސިލޯނުގައި މި ގޯތި މޯގޭޖް ކުރިއިރު ގޯއްޗާއި ޢިމާރާތުގެ އަގަކީ 1.5 މިލިއަން ރުފިޔާއެވެ. މި ގޯތި ބޭންކް އޮފް ސިލޯނުގައި މޯގޭޖް ކުރިފަހުން، 3 ބުރީގެ ފައުންޑޭޝަނެއް އަޅާ 2 ފްލޯރވަނީ ފުރިހަމަ ކުރެވިފައެވެ. އެހެންކަމުން މޯގޭޖް ކުރިއިރު ގޯތީގެ އަގަކީ 1.5 މިލިއަން ރުފިޔާކަމަށް ބޭންކް އޮފް ސިލޯނުން ޤަބޫލުކޮށް ސޮއިކޮށްފައިވާއިރު ބޭންކް އޮފް ސިލޯނުން ކުރެއްވި އިޢުލާނުގައި ނީލަން ފެށޭ އަގު ބަޔާންކޮށްފައިނުވާތީ އެ އިޢުލާނަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ކުރައްވާފައިވާ އިޢުލާނެއްކަމަށް ޤަބޫލުނުކުރެވޭކަމާއި އެހެންކަމުން ބޭންކް އޮފް ސިލޯނުގައި މޯގޭޖްކުރި ފަހުން އެ ޢިމާރާތް ތަޅާލާ ތިން ބުރީގެ ފައުންޑޭޝަނެއް އަޅާ 2 ފްލޯރ ފުރިހަމަކޮށް ނިމިފައިވާއިރު ބޭންކް އޮފް ސިލޯނުން އެގޮތަށް އިޢުލާނުކޮށްފައި އެވަނީ މަރްޔަމް ޢާފިޔާގެ ޙައްޤަށް އަރައިގަނެ ނާޖާއިޒް ފައިދާއެއް ހޯދުމަށްކަމަށް އެނގެން އޮތްއިރު މި ނުކުތާގެ މައްޗަށް ޝަރީޢަތުން އެއްވެސް ވަރަކަށް ރިޢާޔަތްކުރައްވާފައި ނުވުމެވެ. މި މައްސަލައާ ގުޅިގެން ދެ ފަރާތުން ދަށު ކޯޓާއި ހައިކޯޓުގެ އިތުރުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި ލިޔުންތަކަށާއި މި މައްސަލައިގައި ކަންހިނގާފައިވާ ގޮތުގެމައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާ ބަލާއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، މއ. ފެހިއަލިއާގެ ރަހުނުކޮށް ބޭންކް އޮފް ސިލޯނުން ލޯނު ނަގާފައިވަނީ 2006 ވަނަ އަހަރުގެ ޖުލައި މަހުގެ 25 ވަނަ ދުވަހުގައިކަމާއި އަދި އެ ލޯނަށް ފައިސާ ދައްކާ ޚަލާޞްކުރަންޖެހެނީ އޭގެ 30 މަސްދުވަސް ފަހުންކަމަށްވާއިރު، ދެފަރާތް ދެމެދު އެއްބަސްވެވިފައިވާ ގޮތުގެމަތިން މަރްޔަމް ޢާފިޔާގެ ފަރާތުން އެ ފައިސާ ބޭންކް އޮފް ސިލޯނަށް ދައްކާފައިނުވާތީ އެ ފައިސާ ލިބިގަތުމުގެ މައްސަލަ ޝަރީޢަތަށް ހުށަހެޅުމާ ގުޅިގެން، 30 މެއި 2010 އިން ފެށިގެން 10 މަސް ދުވަހުގެ ތެރޭގައި ލޯނުގެ ފައިސާ ދެއްކުމަށް މަދަނީ ކޯޓުގެ ނަންބަރު 105/MC/2010 ޤަޟިއްޔާގައި ކުރެއްވި ޙުކުމާ އެއްގޮތަށް މަރްޔަމް ޢާފިޔާގެ ފަރާތުން ޢަމަލުކޮށްފައިނުވާތީ، 2012 ވަނަ އަހަރު އެ ޤަޟިއްޔާގެ ޙުކުމް ތަންފީޛުކޮށްދިނުން އެދި ހުށަހެޅުނު މަދަނީ ކޯޓުގެ ނަންބަރު 1654/Cv-C/2012 ޤަޟިއްޔާގައި ދެފަރާތް ދެމެދު އެއްބަސްވެވިފައިވާ ގޮތުގެމަތިން ލޯނުގެ ފައިސާ ލިބިގަތުމަށްޓަކައި ރަހުނު ވިއްކާލުމުގެ ހުއްދަ 2013 ވަނަ އަހަރުގެ މާރޗް މަހުގެ 03 ވަނަ ދުވަހު ބޭންކް އޮފް ސިލޯނަށް ދީފައިވާކަން މި މައްސަލައާ ގުޅިގެން ދެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުންނާއި ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮންނައިރު، ލޯނުގެ ފައިސާ ލިބިގަތުމަށްޓަކައި ރަހުނު ވިއްކާލުމުގެ އިޖުރާއާތު 2013 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 04 ވަނަ ދުވަހު ނިމުމަކަށް އައިސްފައިވާކަން މި މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮންނައޮތުމެވެ.
(ށ) ދެވަނަ ކަމަކީ، މި މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިޔުންތަކުގެ ތެރޭގައި ހިމެނޭ މަދަނީ ކޯޓުގެ ނަންބަރު 105/MC/2010 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ މ. ގްރީންސިލްކް، އަޙްމަދު ޒައިދު އާއި މއ. ފެހިއަލިއާގެ، މަރްޔަމް ޢާފިޔާއާ ދެ މީހުން ދީފައިވާ ޔަޤީންކަމުގެ މައްޗަށް ބިނާކޮށް ލީ އެންޑް ލުޖް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ލޯނުގެ ފައިސާ ދެފަރާތް ދެމެދު ސޮއިކޮށްފައިވާ އެގްރިމެންޓުގައި ބުނެފައިވާ ގޮތުގެމަތިން ދައްކަމުންނުދާތީ އެ ފައިސާ ހޯދުމަށާއި އެ ފައިސާ ނުދެއްކިއްޖެ ޙާލަތެއްގައި އެ ލޯނާ ގުޅިގެން ރަހުނުކުރެވިފައިވާ ރަޖިސްޓްރީ ނަންބަރު ބ. 14815 މއ. ފެހިއަލިއާގެ އެވެކިޔާ ގޯތީގައިވާ ޢިމާރާތްތައް ދެފަރާތް ދެމެދު އެއްބަސްވެވިފައިވާ ގޮތުގެމަތިން ވިއްކާލުމުގެ ބާރު ބޭންކް އޮފް ސިލޯނަށް ލިބިގެންވާކަމަށް ކަނޑައަޅައި ދެއްވުންއެދި ލީ އެންޑް ލުޖް އެންޓަރޕްރައިސަސް އާއި އަޙްމަދު ޒައިދު އާއި މަރްޔަމް ޢާފިޔާ އާއި މި ތިން ފަރާތުގެ މައްޗަށް ބޭންކް އޮފް ސިލޯނުގެ ފަރާތުން ދަޢުވާކުރުމުން ބެލެވިފައިވާ މައްސަލައެއްކަން އެނގެންއޮތްއިރު، ދެފަރާތް ދެމެދު ސޮއިކުރެވިފައިވާ އެގްރިމެންޓުގެ ދަށުން ދޫކޮށްފައިވާ ލޯނުގެ ފައިސާ އެ ޤަޟިއްޔާގައި ޙުކުމްކުރި ތާރީޚު ކަމުގައިވާ 30 މެއި 2010 އިން ފެށިގެން 10 މަސް ދުވަހުގެ ތެރޭގައި ބޭންކަށް ދެއްކުމަށާއި އަދި އެ ފައިސާ ނުދެއްކިއްޖެ ޙާލަތެއްގައި އެ ލޯނަށްޓަކައި ރަހުނުކުރެވިފައިވާ މއ. ފެހިއަލިއާގެ އެވެކިޔާ ގޯތީގައިވާ ޢިމާރާތްތައް ވިއްކާލުމުގެ ބާރު ބޭންކަށް ލިބިގެންވާ ކަމަށް ޙުކުމްކުރައްވާފައިވާކަން އެނގެން އޮންނައިރު، އެ ޙުކުމަށް އެއްވެސް ބަދަލެއްނައިސް މިހާތަނަށްވެސް ދެމިއޮތުމާއިއެކުވެސް އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމާއި އެއްގޮތްވާ ގޮތުގެމަތިން މަރްޔަމް ޢާފިޔާގެ ފަރާތުން ޢަމަލުކޮށްފައިނުވާތީ މަދަނީ ކޯޓުގެ ނަންބަރު 105/MC/2010 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ތަންފީޛުކޮށްދެއްވުން އެދި ހުށަހެޅި ސިވިލް ކޯޓުގެ ނަންބަރު 1654/Cv-C/2012 ޤަޟިއްޔާގައި ފެހިއަލިއާގެ އެވެކިޔާ ގޯތި ވިއްކާލުމުގެ ހުއްދަ ބޭންކް އޮފް ސިލޯނަށް ޝަރީޢަތުގެ ފަރާތުން ދީފައިވާކަން އެނގެން އޮވެއެވެ.
(ނ) ތިންވަނަ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 1654/Cv-C/2012 ޤަޟި ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް އިސްތިއުނާފުކުރުމެއްނެތި އެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ތަންފީޛުކުރުން ހުއްޓުވައިދެއްވުން އެދި މަރްޔަމް ޢާފިޔާގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު829/Cv-C/2013 ޤަޟިއްޔާގައި ދަޢުވާކުރުމުން ސިވިލް ކޯޓުން އެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަލާއިރު، އެ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ބުނެވިދިޔަ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ތަންފީޛުކުރުން ހުއްޓުވުމުގެ އަމުރެއް ބޭންކް އޮފް ސިލޯނުގެ މައްޗަށް ނެރެވޭނެ ތަނެއްނެތްކަމަށް ކަނޑައަޅައިކަން ފާހަގަކުރެވިފައި އޮންނަ އޮތުމެވެ.
(ރ) ހަތަރުވަނަ ކަމަކީ، ދެފަރާތް ދެމެދު ކުރެވިފައިވާ އެގްރިމެންޓުގެ ދަށުން ބޭންކް އޮފް ސިލޯނުން ދޫކޮށްފައިވާ ލޯނުގެ ފައިސާ އެއްބަސްވެވިފައިވާ ގޮތުގެމަތިން ދައްކާފައިނުވާތީ އެ ފައިސާ ލިބިގަތުމަށްޓަކައި އެ ލޯނަށް ރަހުރުނުކުރެވިފައިވާ މއ. ފެހިއަލިއާގެ އެވެކިޔާ ގޯތި ވިއްކާލުމަށް ސިވިލް ކޯޓުގެ ނަންބަރު 829/Cv-C/2013 ޤަޟިއްޔާއިން ބޭންކް އޮފް ސިލޯނަށް ލިބިދީފައިވާ އިޚްތިޔާރުގެ ދަށުން އެ ގޯތި ނީލަމުގައި ވިއްކާލި ވިއްކާލުމާއި އަދި އެ ގޯތި ވިއްކާލުން ހުއްޓުވައިދެއްވުން އެދި މަރްޔަމް ޢާފިޔާގެ ފަރާތުން ހުށަހެޅި މައްސަލައިގައި އެކަމަށް އެއްވެސް މިންވަރަކަށް ރިޢާޔަތްކުރެވިފައި ނެތުމަކީ ފަރުދުންގެ އަސާސީ ޙައްޤުތަކަށާއި ގޯތި ގެދޮރުގެ ޙުރުމަތްތެރިކަމުގެ އުޞޫލުގެ ދަށުން މަރްޔަމް ޢާފިޔާގެ ޙައްޤުތަކަށް އުނިކަން ލިބޭގޮތަށް ކުރައްވާފައިވާ ޙުކުމެއް ކަމަށާއި ބޭންކް އޮފް ސިލޯނަށް މަރްޔަމް ޢާފިޔާގެ ފަރާތުން ދައްކަންޖެހޭ ފައިސާ ދައްކަން ދިޔުމުން އެ ފައިސާ ބަލައިނުގަނެ، ބުނެވިދިޔަ ލޯނާއި ގުޅިގެން ރަހުނުކުރެވިފައިވާ މއ. ފެހިއަލިއާގެ އެވެ ކިޔުނު ގޯތީގައިވާ ޢިމާރާތްތައް ވިއްކާލުމަކީ ޤާނޫނުއަސާސީގެ ރޫޙާއި ޚިލާފުކަމެއް ކަމަށްބުނެ މަރްޔަމް ޢާފިޔާގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބަލާއިރު، މި ދެފަރާތް ދެމެދު ސޮއިކުރެވިފައިވާ އެގްރިމެންޓުގެ ދަށުން ލޯނު ދޫކުރެވިފައިވާ ތާރީޚަކީ 2006 ވަނަ އަހަރުގެ ޖުލައި މަހުގެ 25 ވަނަ ދުވަސްކަމަށްވެފައި އެ ލޯނު އެއްކޮށް ދައްކާ ޚަލާޞްކުރަންޖެހެނީ އޭގެ 30 މަސްދުވަސް ފަހުންކަމަށްވާއިރު، މި ދެފަރާތް ދެމެދު ސޮއިކުރެވިފައިވާ ރަހުނުގެ އެއްބަސްވުމުގެ 03 ވަނަ މާއްދާގައި "ބޭންކާއިއެކު ފައިސާ ނަގާ ފަރާތް ގެރެންޓީ ދޭ ފަރާތް އެއްބަސްވެފައިވާ ގޮތުގެމަތިން ބޭންކަށް ދައްކަންޖެހޭ ފައިސާ ދަންކަންވާ މުއްދަތަށް ނުދެއްކިއްޖެ ހިނދެއްގައި ބޭންކުން ދޫކޮށްފައިވާ ފައިސާ އާއި އަދި އެއަށްވާ ސަރވިސް ޗާރޖް ލިބިގަތުމަށްޓަކައި ޢިމާރާތް ކުއްޔަށްދީ ނުވަތަ ވިއްކާލުމުގެ އިޚްތިޔާރު ލިބިގެންވެ މިފަދައިން ސާފުބަހުން ބުނެ މިކަމުގެ މައްޗަށް ދެފަރާތް ދެމެދު އިސްވެ އެއްބަސްވެވިފައިވާކަން އެއްވެސް އޮޅުމެއްނެތް ގޮތުގައި ސާފުކޮށް އެނގެން އޮންނާތީ، ބުނެވިދިޔަ ލޯނާ ގުޅިގެން ރަހުނުކުރެވިފައިވާ ފެހިއަލިއާގެ އެވެކިޔާ ގެ ދެފަރާތް ދެމެދު ސޮއިކުރެވިފައިވާ އެއްބަސްވުމުގެ ވަނަ މާއްދާގެ ދަށުން ވިއްކާލުމުގެ ހުއްދަ ސިވިލް ކޯޓުގެ ނަންބަރު 1654/Cv-C/2012 ޤަޟިއްޔާއިން ބޭންކް އޮފް ސިލޯނަށް ދިންދިނުމަކީ އެއީ ދެފަރާތް ދެމެދު އިސްވެ އެއްބަސްވެފައިވާ ގޮތް ކަމަށްވާތީ އާއި އަދި އެގޮތަށް އެއްބަސްވުމަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ހުރަސް އަޅަންޖެހޭ ފަދަ އެއްވެސް ހަމައެއްނެތްކަމަށްޓަކައި މިކަމުގައި ލޯނު ނެގި ފަރާތުގެ ޙައްޤުތަކަށް އުނިކަން އައިސްފައިވާ ކަމަށްބުނެ މަރްޔަމް ޢާފިޔާގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަކީ ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު ހަރުދާ އަސާސެއްގެ މައްޗަށް ބިނާވެފައިވާ ވާހަކަތަކެއްނޫންކަން އެނގެއެވެ.
ޙުކުމް:
އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރިއިރު، މި މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ މަދަނީ ކޯޓުގެ ނަންބަރު 105/MC/2010 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމާއި އަދި ސިވިލް ކޯޓުގެ ނަންބަރު 1654/Cv-C/2012 ޤަޟިއްޔާގެ ޙުކުމާއި އަދި ސިވިލް ކޯޓުގެ ނަންބަރު 829/Cv-C/2013 ޤަޟިއްޔާގެ ޙުކުމާއި އަދި އެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ތާއީދުކޮށް ހައިކޯޓުގެ ނަންބަރު 2013/HC-A/197 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަލާއިރު، މއ. ފެހިއަލިއާގެ އެވެކިޔާ ގެ ވިއްކާލުމުގެ ހުއްދަ ސިވިލް ކޯޓުގެ ނަންބަރު 1654/Cv-C/2012 ޤަޟިއްޔާއިން ބޭންކް އޮފް ސިލޯނަށް ދީފައިވަނީ ފެހިއަލިއާގެ އެވެކިޔާ ގޯތީގައިވާ ޢިމާރާތްތައް ރަހުނުކޮށް މއ. ފެހިއަލިއާގޭ، މަރްޔަމް ޢާފިޔާ އާއި ގްރީން ސިލްކް، އަޙްމަދު ޒައިދު އާއި މި ދެފަރާތުން ދީފައިވާ ޔަޤީންކަމުގެ މައްޗަށް މއ. ފެހިއަލިއާގެ އެވެކިޔާ ގެ ރަހުނުކޮށް، ބޭންކް އޮފް ސިލޯނުން، ލީ އެންޑް ލުޖް އެންޓަރ ޕްރައިޒަސް ޕްރައިވެޓް ލިމިޓެޑަށް ދީފައިވާ ލޯނާ ގުޅިގެން ބޭންކަށް ދައްކަންޖެހޭ ފައިސާ، ދެފަރާތް ދެމެދު އެއްބަސްވެވިފައިވާ ގޮތުގެމަތިން ދައްކާފައިނުވާތީ އެ ލޯނަށްޓަކައި ރަހުނުކުރެވިފައިވާ މއ. ފެހިއަލިއާގެ އެވެކިޔާ ގޭގެ ޢިމާރާތްތައް، ރަހުނުކުރުމާ ބެހޭގޮތުން މި ދެފަރާތް ދެމެދު ސޮއިކުރެވިފައިވާ ރަހުނުގެ އެގްރިމެންޓުގެ 03 ވަނަ މާއްދާގައި ދެފަރާތް ދެމެދު އިސްވެ އެއްބަސްވެވިފައިވާ އެއްބަސްވުމުގެ މައްޗަށް ރިޢާޔަތްކޮށް، އެ ލޯނާ ގުޅިގެން ބޭންކް އޮފް ސިލޯނުގައި ރަހުނުކުރެވިފައިވާ ޢިމާރާތްތައް ވިއްކާލުމަށް ޝަރީޢަތުގެ ފަރާތުން ދީފައިވާ އިޚްތިޔާރާއި ބާރުގެ ދަށުންކަން ސާފުކޮށް އެނގެން އޮތްއިރު، 30 މަސްދުވަހުގެ ތެރޭގައި އަނބުރާ ދެއްކުން ޝަރުތުކޮށް 2006 ވަނަ އަހަރުގެ ޖުލައި މަހުގެ 25 ވަނަ ދުވަހު ބޭންކް އޮފް ސިލޯނުން ދޫކޮށްފައިވާ ލޯނުގެ ފައިސާ ނުދައްކާ އަހަރުތަކެއް ފާއިތުވެގެން ދިޔަފަހުން 2013 ވަނަ އަހަރު އެ ފައިސާ ދައްކަން ހުއްޓާ މަރްޔަމް ޢާފިޔާއަށް އެ ފުރުޞަތުނުދީ މަރްޔަމް ޢާފިޔާގެ ޙައްޤުތަކަށް އުނިކަން ލިބޭގޮތަށް ބޭންކް އޮފް ސިލޯނުގެ ފަރާތުން އެ ގޯތީގައިވާ ޢިމާރާތްތައް ވިއްކާލާފައިވާ ކަމަށްބުނެ މަރްޔަމް ޢާފިޔާގެ ފަރާތުން ކޮށްފައިވާ އިޢުތިރާޝްތަކުގެ މައްޗަށް ބަލާއިރު، 2006 ވަނަ އަހަރުގެ ޖުލައި މަހުގެ 25 ވަނަ ދުވަހު ދޫކޮށްފައިވާ އެ ލޯނަކީ 30 މަސްދުވަހުގެ މުއްދަތުގެ ތެރޭގައި އަނބުރާ ދެއްކުން ދޫކޮށްފައިވާ ލޯނަކަށްވެފައި، އެއްބަސްވެވިފައިވާ ގޮތުގެމަތިން ލޯނުގެ ފައިސާ ނުދައްކައިފިނަމަ، ރަހުނު ވިއްކާލުމުގެ އިޚްތިޔާރު ދެފަރާތް ދެމެދު ސޮއިކޮށްފައިވާ ރަހުނުގެ އެގްރިމެންޓުގެ 03 ވަނަ މާއްދާއިން ބޭންކް އޮފް ސިލޯނަށް ލިބިދީފައިވާކަން އެނގެން އޮންނާތީ، ދެފަރާތް ދެމެދު ސޮއިކޮށްފައިވާ އެގްރިމެންޓުގައި ކަނޑައެޅި
ބަޔާންވެފައިވާ ގޮތުގެމަތިން ބޭންކް އޮފް ސިލޯނަށް ލިބިފައިވާ އިޚްތިޔާރު އެ ބޭންކުން ބޭނުންކުރި ކުރުމަކީ، މަރްޔަމް ޢާފިޔާގެ އަސާސީ ޙައްޤަކަށް އުނިކަން އަންނަކަމެއްކަމަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ބެލެވޭނެ ހަމައެއްނެތްކަމަށްޓަކައި، ބުނެވިދިޔަ ލޯނާއި ގުޅިގެން ރަހުނުކުރެވިފައިވާ ޢިމާރާތްތައް ވިއްކާލުން އަމުރެއް ނެރެދެވޭނެ ތަނެއް ނެތްކަމަށް ސިވިލް ކޯޓުގެ ކޯޓުގެ ނަންބަރު 829/Cv-C/2013 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ތާއީދުކޮށް ހައިކޯޓުގެ ނަންބަރު 2013/HC-A/197 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީވިޔަސް ހަމައެއްނެތަތީ އެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ތާއީދުކޮށްފީމެވެ.
ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު
ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ
ފަނޑިޔާރު ޑރ. އަޙްމަދު ޢބްދުﷲ ދީދީ
ޝަރ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.