ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2014/SC-A/11

ނަން ފޮރުވާފައި ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ސުޕްރީމް ކޯޓުދަށުކޯޓުގެ ނިންމުން ބާޠިލުނަން ފޮރުވާފައި
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 2 ނޮވެމްބަރު 2015ދަށު ކޯޓު: ހައިކޯޓު 2013/HC-A/198ބާވަތް: ޖިނާއީ

މި ޤަޟިއްޔާގައި ޚަޞްމުންގެ ނަން ފޮރުވާފައި.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2013/HC-A/198، 2011/D-6-C/13
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
މެޖިސްޓްރޭޓް ކޯޓުން ޕްރޮސިކިއުޓަރ ޖެނެރަލް ކުރި ދަޢުވާ ސާބިތުވެއްޖެކަމަށް ކަނޑައަޅައި، ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 09 ވަނަ މާއްދާގެ ދަށުން 15 އަހަރު ޖަލަށްލަން ޙުކުމްކުރިއެވެ. ހައިކޯޓުން 2013/HC-A/198 ގައި އެ ޙުކުމަށް ތާއީދުކުރިއެވެ.
ވާޤިޢާ
އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ގޭތެރޭގައި ޖިންސީ ޢަމަލެއް ހިންގިކަމުގެ ތުހުމަތު އިސްތިއުނާފުކުރި ފަރާތުގެ މައްޗަށް ކުރެވުނެވެ. ދަޢުވާ ބިނާވެފައިވަނީ ގޭގެ ގޯތިތެރެއަށް ވަދެ ކުޑަދޮރުން ބެލިއިރު ޢަމަލު ފެނުނުކަމަށް ބުނާ ދެ ހެކިންނާއި، އެމީހުންނާ އެކު ދިޔަ އިތުރު ހެކިންގެ ބަޔާންތަކުގެ މައްޗަށެވެ. އެ ހެކިންގެ ތެރެއިން ބަޔަކު ކުރިން އޭނާއަށް މާރާމާރީ ހިންގާފައިވިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ތުހުމަތުކުރެވޭ މީހާއަށް ޤާނޫނީ ވަކީލެއްގެ ޙައްޤު އަންގައި ފުރުޞަތު ނުދީ ހިންގި ޝަރީޢަތެއްގައި، އޭނާއާ ޢަދާވާތްތެރިކަން އޮތް ހެކިންގެ ހެކިބަހާއި ތަފާތުތައް ހުރި ބަޔާންތަކުގެ މައްޗަށް ބިނާކޮށް، ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށް އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތި ސާބިތުވިކަމަށް ކަނޑައެޅުން ޞައްޙަތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
އިސްތިއުނާފުކުރި ފަރާތުން ބުނީ، ތަޙުޤީޤާއި ޝަރީޢަތުގެ މަރުޙަލާގައި ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ނުލިބި ކުރި ޙުކުމަކީ ޤާނޫނުއަސާސީއާ ޚިލާފު ޙުކުމެއް ކަމަށާއި، ހެކިބަސް ނަގާފައިވަނީ ޝަރީޢަތްކުރުމާ ބެހޭގޮތުން ހެދިފައިވާ ޤަވާޢިދު (6) ގެ 287 ވަނަ މާއްދާއާ ޚިލާފަށް ހުވާކުރުވުމަކާ ނުލައި ކަމަށެވެ. އަދި ކުއްޖާގެ މަންމަ ތަޙުޤީޤަށް ބަޔާން ދިނީ ހެކިން ބިރުދެއްކުމުން ކަމަށާއި، އޭނާ ހެކިދޭން ބޭނުންވާ ކަމަށް ބުނިއެވެ.
ކޯޓުގެ ސަބަބުތައް
ވަކީލެއްގެ ޙައްޤު އަންގައި ފުރުޞަތު ނުދީ ޝަރީޢަތް ހިންގުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ށ) އާއި ޤާނޫނުއަސާސީގެ 53 ވަނަ މާއްދާއާ ޚިލާފު ކަމެއްކަން ކޯޓުން ފާހަގަކުރިއެވެ. ހުވާކުރުވާފައިވާކަން ދަށު ކޯޓުގެ ސިޓީން އެނގޭތީ އެ ޠަޢުނު ނުބަލައިގަތެވެ. ޢަދާވާތްތެރިކަން އޮތް ހެކިންގެ ހެކިބަހާއި، ތަފާތުތައް ހުރި ބަޔާންތަކާއި، ފުރިހަމަ ނުވާ ތަޙުޤީޤުގެ ސަބަބުން، ދަޢުވާ އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތި ސާބިތުނުވާކަމަށް ކަނޑައެޅިއެވެ.

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ދަށު ކޯޓުގެ 2011/D-6-C/13 ޤަޟިއްޔާގައި ކުށް ސާބިތުވެއްޖެކަމަށް ކަނޑައަޅައި 15 އަހަރު ޖަލަށްލަން ކޮށްފައިވާ ޙުކުމާއި، އެ ޙުކުމަށް ތާއީދުކޮށް ހައިކޯޓުގެ 2013/HC-A/198 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް، ދެ ޙުކުމްވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލުކުރި.

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ތުހުމަތުކުރެވޭ މީހާ އޭނާއަށް ލިބިގެންވާ ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ޙައްޤުން ޞަރީޙަކޮށް ނުވަތަ ޟިމްނީގޮތަކަށްވެސް ތަނާޒުލްވެފައިވާކަން އެނގެން ނެތްއިރު، ކޯޓުން އޭނާއަށް ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ޙައްޤު ލިބިގެންވާކަން އެންގުމަކާ ނުލައި، އަދި އޭނާ ތަމްޘީލުކުރާނޭ ޤާނޫނީ ވަކީލެއްގެ އެހީ ހޯދުމުގެ ފުރުޞަތު ފަހިކޮށް ދިނުމަކާ ނުލައި ޝަރީޢަތް ހިންގުމަކީ، އިސްތިޤްރާރުވެފައިވާ ކޯޓު ޕްރެކްޓިސްތަކާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ށ) ގެ ޞަރީޙަ ނައްޞާއި، ޤާނޫނުއަސާސީގެ 53 ވަނަ މާއްދާއާ ޚިލާފަށް، ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ޝަރީޢަތް ހިންގުމެވެ.

HN2 ހެކިދޭމީހާ ހެކިދޭން ފެށުމުގެ ކުރިން ތެދުބުނުމަށް މާތް ﷲ ގަންދީ ހުވާކުރުމަކީ ޝަރީޢަތްކުރުމާ ބެހޭގޮތުން ހެދިފައިވާ ޤަވާޢިދު (6) ގެ 287 ވަނަ މާއްދާގެ ދަށުން ޤާނޫނީގޮތުން ލާޒިމްވެގެންވާ ކަމެކެވެ. ޖިނާއީ މައްސަލަތަކުގައި ހެކިން ހެކިދޭން ފެށުމުގެ ކުރިން ޝަރީޢަތުގެ މަޖިލީހުގައި ހުވާކުރުމަކީ ޙަޤީޤަތުގައި މުއްތަހަމަށް ލިބިގެންވާ ޟަމާނެއްކަމާއި، އެއީ ހެކިބަސް އެއާނުލައި ފުރިހަމަ ނުވާނެ ޖައުހަރީ ޢުންޞުރެކެވެ.

HN3 ހުވާކުރުމަކާ ނުލައި ދެވޭ ހެކިބަހުން ޤާއިމުވާ ޙުއްޖިއްޔަތަކީ ޚާލިޞް ޙުއްޖިއްޔަތެއް ނޫނެވެ. ނަމަވެސް މައްސަލާގައި ހުށަހެޅިފައިވާ އެހެން ހެކިތަކާއި ދަލީލުތަކާއެކު، އެފަދަ ހެކިބަހުގެ މައްޗަށް އިސްތިދްލާލީ ގޮތުން ރިޢާޔަތްކުރުމަކީ ކޯޓަށް ލިބިގެންވާ އިޚްތިޔާރީ ބާރެކެވެ.

HN4 ޝަރީޢަތުގެ މަޖިލީހުގައި ހެކިދޭ ހެކިވެރިޔާއަކީ، އޭނާގެ ހެކިބަހުގެ ޞައްޙަކަމާމެދު ތުހުމަތުކުރެވޭ، ނުވަތަ ޙަޤީޤަތާ ޚިލާފަށް ހެކިބަސް ދީފާނެކަމަށް ފާޅުކަން ބޮޑުގޮތަކަށް ޝައްކު ކުރެވޭ ފަރާތެއްކަމުގައި ވާނަމަ، އެފަރާތެއްގެ ހެކިބަހަކީ ޝަރީޢަތަށް ޤަބޫލުކުރެވޭނެ ހެކިބަހެއް ނޫނެވެ. މިގޮތުން ހެކިބަސްދޭ ފަރާތަކީ ހެކިބަސް ރައްދުވާ ފަރާތާ މެދު ޢަދާވާތްތެރިކަމެއް އޮތް ފަރާތެއް ނަމަ، އެފަރާތެއްގެ ހެކިބަސް ޝަރީޢަތަށް ޤަބޫލުނުކުރެވޭނެކަން އިސްލާމީ ފިޤްހުގެ ޖުމްހޫރުންގެ ރައުޔަށް ބެލުމުން އެނގެއެވެ.

HN5 ޤަބޫލުކުރުން ހުއްދަ ނޫން ހެކިބަހަކީ ޢަދާވާތްތެރިކަން އޮތް ދެފަރާތް، އެއްފަރާތް އަނެއްފަރާތާ އިދިކޮޅަށް ދޭ ހެކިބަހެވެ. ނަމަވެސް އެ ދެފަރާތް، އެއްފަރާތް އަނެއްފަރާތާ އެއްކޮޅަށް ދޭ ހެކިބަސް ޝަރީޢަތަށް ބަލައިގަތުމުގެ ޝަރްޢީ ނުވަތަ ޤާނޫނީ ހުރަހެއް ނެތެވެ. އެހެނީ އެފަދަ ޙާލަތުގައި ހެކިބަހުގެ ޞައްޙަކަމާމެދު އުފެދޭ ތުހުމަތު ނަފީވެގެންދާނެތީއެވެ.

HN6 ތުހުމަތުކުރެވޭ މީހާއާ މެދު ޢަދާވާތްތެރިކަމާއި ރުޅިވެރިކަން އުފެދިފައިވާކަމަކީ ހެކިންގެ ކިބައިގައި ހުންނަންޖެހޭ ޢަދުލުވެރިކަމާއި ނަޒާހަތްތެރިކަމާއި، ވަކިއަތަކަށް ނުޖެހުން ނަފީކުރެވޭފަދަ ޤަރީނާތަކެއް ކަމުގައި ވާއިރު، އެހެކިންގެ ހެކިބަހުން ޤާއިމުވާ ޙުއްޖަތަކީ އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޤާއިމުވާ ޙުއްޖަތެއް ނޫނެވެ.

HN7 ހެކިން ބުނާ ގޮތުގައި ކުށުގެ ޢަމަލު ފެނުނީ ކުޑަދޮރަކުން ބެލިއިރުކަމުގައި ވާއިރު، ތަޙްޤީޤީ އިދާރާއަކުން އެ ކުޑަދޮރު މުޢާޔަނާ (inspect) ކޮށް ބަލައި، ބޭރުން ބަލާ ބަޔަކަށް ގޭތެރޭގައި ހިނގާކަމެއްގެ މަންޒަރު ފެންނަ މިންވަރު ވަޒަންކޮށް ތަޙްލީލުކޮށްފައި ނުވާނަމަ، ތަޙުޤީޤުކުރި އިދާރާއިން ޢަމަލުކޮށްފައިވަނީ މިބާވަތުގެ ޖިނާއީ މައްސަލަތަކުގައި ޙަޤީޤަތަށް ވާޞިލުވުމަށްޓަކައި ތަޙުޤީޤު ހިންގަންޖެހޭ މިންގަނޑާ އެއްގޮތަށް ނޫނެވެ.

HN8 ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ ހެކިތަކަކީ ސާބިތުކުރުމުގެ ޢާންމު އުޞޫލުތަކަށް ފެތޭ ހެކިތަކަކަށް ނުވާނަމަ، އެހެކިތަކަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ކަނޑައަޅައި ބަޔާންވެގެންވާ އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތި ޝަރީޢަތުގައި ސާބިތުވާ މިންވަރަށް ހުށަހެޅިފައިވާ ހެކިތަކެއް ނޫނެވެ. އަދި އެ ހެކިތަކަކީ ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 47 ވަނަ މާއްދާގެ ދަށުން އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތި ޝަރީޢަތަށް ސާބިތުކުރުމަށް ބޭނުންވާ މިންވަރަށް ހުށަހެޅިފައިވާ ހެކިތަކެއްވެސް ނޫނެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޢަބްދުﷲ ސަޢީދު (ރިޔާސަތު)، ޢަބްދުﷲ ޢަރީފް، ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
ރިޔާސަތު
ޢަބްދުﷲ ސަޢީދު
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ފަރާތްތަކާއި ކުޑަކުދިން ރައްކާތެރިކުރުމަށްޓަކައި މި ލިޔުމުން ބައެއް ނަންތަކާއި ތަފްޞީލު ފޮރުވާފައިވޭ.

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ކޯޓުން ޕެރެގްރާފް ނަންބަރު ޖަހާފައި ނުވާތީ، [ ] ތެރޭގައިވާ ނަންބަރުތައް ޖަހާފައިވަނީ ސަޢީދު ލެކްސް އިން.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ

ޤަޟިއްޔާ ނަންބަރު: 2014/SC-A/11

ދަޢުވާކުރާ ފަރާތް: [ތުހުމަތުކުރެވުނު މީހާ]، [އެޑްރެސް ފޮރުވާފައި]

ދަޢުވާލިބޭ ފަރާތް: ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް

މައްސަލައިގެ ބާވަތް: އިތުބާރުކުރެވޭ މަޤާމެއްގައިހުރެ ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލު ހިންގުން

މައްސަލަ އައިގޮތް: އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:

އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު ޢަބްދު ﷲ ޢަރީފް، ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ

އިލްތިމާސް ކުރެވުނު ޤަޟިއްޔާ

ނަންބަރު:2013/HC-A/198

ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު

މައްސަލައިގެ ޚުލާޞާ

[1]މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 198/HC-A/2013 ޤަޟިއްޔާގެ ޙުކުމް ބިނާވެފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށް ބުނެ، [އެޑްރެސް ފޮރުވާފައި] [ތުހުމަތުކުރެވުނު މީހާ]ގެ ފަރާތުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި ދަޢުވާލިބޭ ފަރާތަކީ ދިވެހި ދައުލަތުގެ ޕްރޮސެކިއުޓަރ ޖެނެރަލް އެވެ.

[2]އަދި ބުނެވިދިޔަ ހައިކޯޓުގެ ނަންބަރު 198/HC-A/2013 ޤަޟިއްޔާއަކީ، މިލަދުންމަޑުލު ދެކުނުބުރި ކުޑަފަރި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/D-6-C/13 ޤަޟިއްޔާ އެކޯޓުން ބަލައި ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި، [އެޑްރެސް ފޮރުވާފައި] [ތުހުމަތުކުރެވުނު މީހާ]ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލައި ނިންމާފައިވާ ޤަޟިއްޔާއެކެވެ.

ފާހަގަ ކުރެވުނު ނުކުތާތައް

[3]މި މައްސަލާގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި، ޤާނޫނުތަކަށާއި، ދަޢުވާކުރާ ފަރާތުންނާއި ދަޢުވާލިބޭފަރާތުން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެމަޖިލީހަށް ހުށަހެޅި ލިޔުންތަކަށާއި، ޝަރީޢަތުގެމަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މިލަދުންމަޑުލު ދެކުނުބުރި ކުޑަފަރި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/D-6-C/13 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ މައްޗަށާއި، އަދި ހައިކޯޓުގެ ނަންބަރު 198/HC-A/2013 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ މައްޗަށާއި، މިބާވަތުގެ މައްސަލަތަކުގައި ތަޠްބީޤުކުރެވޭ ޤާނޫނީ ޢާންމު މަބްދައުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލައި ވިސްނިއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަބެލި ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.

[4]މިލަދުންމަޑުލު ދެކުނުބުރި ކުޑަފަރި މެޖިސްޓްރޭޓް ކޯޓުގެ އިސްވެ ޙަވާލާދެވުނު ނަންބަރު 2011/D-6-C/13 ޤަޟިއްޔާ އަކީ، [އެޑްރެސް ފޮރުވާފައި] [ތުހުމަތުކުރެވުނު މީހާ] 24 މާރޗް 2011 ވަނަ ދުވަހު 23:00 އެހާކައްހާއިރު [އެޑްރެސް ފޮރުވާފައި]، ސިޓިންގް ރޫމް ތެރޭގައި އިން މީނާގެ ދޮންދަރި [އެޑްރެސް ފޮރުވާފައި] [ކުޑަކުއްޖާ] އާ މެދު ޖިންސީ ޢަމަލު ހިންގިތަން ދުށްކަމަށް [އެޑްރެސް ފޮރުވާފައި]، [ނަން ފޮރުވާފައި] (ހެކިވެރިޔާ 1) އާއި، [އެޑްރެސް ފޮރުވާފައި]، [ނަން ފޮރުވާފައި] (ހެކިވެރިޔާ 2) ބުނާތީއާއި، [ތުހުމަތުކުރެވުނު މީހާ]، [ކުޑަކުއްޖާ]އާ މެދު ޖިންސީ ޢަމަލު ހިންގިކަން [ނަން ފޮރުވާފައި] (ހެކިވެރިޔާ 1) އާއި، [ނަން ފޮރުވާފައި] (ހެކިވެރިޔާ 2)ގެ ފަރާތުން އެނގުމުން އެގޭ ސިޓިންގްރޫމްތެރެ ބެލިއިރު، [ކުޑަކުއްޖާ] [ކުޑަކުއްޖާއާ ގުޅޭ ތަފްޞީލު ފޮރުވާފައި] ދުށްކަމަށް [އެޑްރެސް ފޮރުވާފައި] [ނަން ފޮރުވާފައި]އާއި، [އެޑްރެސް ފޮރުވާފައި] [ނަން ފޮރުވާފައި] ބުނާތީއާއި، [ތުހުމަތުކުރެވުނު މީހާ] 24 މާރޗް 2011 ވަނަ ދުވަހު 23:00 އެހާކައްހާއިރު، [ކުޑަކުއްޖާ]އާ މެދު ޖިންސީ ޢަމަލު ހިންގިކަމަށް [ކުޑަކުއްޖާ]ގެ މަންމަ [އެޑްރެސް ފޮރުވާފައި] [ކުޑަކުއްޖާގެ މަންމަ]ގެ ގާތު [ކުޑަކުއްޖާ] ބުނިކަމަށް [ކުޑަކުއްޖާގެ މަންމަ]އާއި، [ނަން ފޮރުވާފައި] (ހެކިވެރިޔާ 1) އާއި، [ނަން ފޮރުވާފައި] (ހެކިވެރިޔާ 2)އާއި، [ނަން ފޮރުވާފައި]އާއި، [ނަން ފޮރުވާފައި]އާއި، [އެޑްރެސް ފޮރުވާފައި] [ނަން ފޮރުވާފައި] ބުނާތީ ޤާނޫނު ނަންބަރު 2009/12 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 09 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެމާއްދާގެ (ށ) ގެ ދަށުން [ތުހުމަތުކުރެވުނު މީހާ]ގެ މައްޗަށް އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ، ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގައި ދައުލަތުގެ ފަރާތުން ކޮށްފައި ދަޢުވާއެއްކަން އެނގެން އޮންނައިރު، ޙަވާލާދެވުނު ޤަޟިއްޔާގެ ޙުކުމުގައި "..... ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން [އެޑްރެސް ފޮރުވާފައި] [ތުހުމަތުކުރެވުނު މީހާ] ގެ މައްޗަށް އުފުލާފައިވާ އިތުބާރުކުރެވޭ މަޤާމެއްގައިހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ، [ތުހުމަތުކުރެވުނު މީހާ]ގެ މައްޗަށް ހެކިންގެ ހެކިބަހުން ޝަރީޢަތަށް ސާބިތުވެއްޖެކަމަށް ކަނޑައަޅައި، މިކުށުގެ ޢުޤޫބާތެއްގެ ގޮތުން ޤާނޫނު ނަންބަރު 2009/12 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 09 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެމާއްދާގެ (ށ) ގެ ދަށުން (15) އަހަރަށް ޖަލަށް ލުމަށް ކަނޑައަޅައި، މިގޮތުގެ މަތިން މި ޤަޟިއްޔާ ނިންމީއެވެ." މިފަދައިން ކަނޑައަޅައިފައިވާކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮވެއެވެ.

[5]އިސްވެ ޙަވާލާދެވުނު މިލަދުންމަޑުލު ދެކުނުބުރި ކުޑަފަރި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/D-6-C/13 ޤަޟިއްޔާގެ ޙުކުމާ މެދު ހިތްހަމަ ނުޖެހިގެން [ތުހުމަތުކުރެވުނު މީހާ]ގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލައި ނިންމާފައިވާ އެ ކޯޓުގެ ނަންބަރު 198/HC-A/2013 ޤަޟިއްޔާގެ ޙުކުމުގައި ބުނެވިދިޔަ މިލަދުންމަޑުލު ދެކުނުބުރި ކުޑަފަރި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/D-6-C/13 ޤަޟިއްޔާ އެ ކޯޓުން ބަލައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑައަޅައި، އެ ޤަޟިއްޔާގެ ޙުކުމަށް ތާއީދުކޮށްފައިވާކަން އެނގެން އޮވެއެވެ.

[6]މިލަދުންމަޑުލު ދެކުނުބުރި ކުޑަފަރި މެޖިސްޓްރޭޓް ކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ނަންބަރު 2011/D-6-C/13 ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 53 ވަނަ މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ޤާނޫނީ ވަކީލެއްގެ އެހީތެރިކަން [ތުހުމަތުކުރެވުނު މީހާ] އަށް ތަޙްޤީޤު މަރްޙަލާގައި އަދި ޝަރީޢަތުގެ މަރްޙަލާގައިވެސް ލިބިދިނުމަކާ ނުލައި، މިލަދުންމަޑުލު ދެކުނުބުރި ކުޑަފަރި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/D-6-C/13 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ ޤާނޫނުއަސާސީއާ ޚިލާފަށް ކޮށްފައިވާ ޙުކުމެއްކަމުގައި ބުނެ [ތުހުމަތުކުރެވުނު މީހާ]ގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށާ، އަދި އެއާގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށާއި، ހައިކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތަކުގެ މައްޗަށް ބަލާއިރު، ބުނެވިދިޔަ މިލަދުންމަޑުލު ދެކުނުބުރި ކުޑަފަރި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/D-6-C/13 ޤަޟިއްޔާގައި [ތުހުމަތުކުރެވުނު މީހާ] އޭނާއަށް ލިބިގެންވާ ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ޙައްޤުން ޞަރީޙަކޮށް ނުވަތަ ޟިމްނީގޮތަކަށްވެސް ތަނާޒުލްވެފައިވާކަން އެނގެން ނެތްއިރު، ކޯޓުން [ތުހުމަތުކުރެވުނު މީހާ]އަށް ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ޙައްޤު ލިބިގެންވާކަން އެންގުމަކާ ނުލައި، އަދި އެ ޤަޟިއްޔާގައި [ތުހުމަތުކުރެވުނު މީހާ] ތަމްޘީލުކުރާނޭ ޤާނޫނީވަކީލެއްގެ އެހީ ހޯދުމުގެ ފުރުޞަތު [ތުހުމަތުކުރެވުނު މީހާ]އަށް ފަހިކޮށް ދިނުމަކާނުލައި، އެ ޤަޟިއްޔާގެ ޝަރީޢަތް ހިންގާފައިވަނީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަން އިސްތިޤްރާރުވެފައިވާ ކޯޓު ޕްރެކްޓިސްތަކަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ށ) ގެ ޞަރީޙަ ނައްޞަށާއި، ޤާނޫނުއަސާސީގެ 53 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮވެއެވެ.

[7]ދޮގު ހެކި ދިނުމަކީ އިސްލާމީ ޝަރީޢަތުގައި ބޮޑުވެގެންވާ މުންކަރާތްތަކުގެ ތެރޭގައި ހިމެނިގެންވާ ކަމެއްކަން ކީރިތި ޤުރުއާނާއި ސުންނަތުގެ ޞަރީޙަ ނައްޞުތަކުން ޘާބިތުވެ އެނގެން އޮތްއިރު، ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސް ދިނުމަށް ޙާޒިރުކުރެވޭ ހެކިވެރިޔާ އޭނާގެ ހެކިބަހުގައި ތެދުބުނުމަށް ހިތްވަރު ދިނުމުގެ ގޮތުންނާއި، ދޮގު ހެކިދިނުމުން މަނާވެގަތުމަށް ބާރުއެޅުމުގެ ގޮތުން، ހެކިދޭމީހާ ހެކިދޭން ފެށުމުގެ ކުރިން ތެދުބުނުމަށް މާތް ﷲ ގަންދީ ހުވާކުރުމަކީ ޤާނޫނީގޮތުން ލާޒިމްވެގެންވާ ކަމެއްކަމާ، މިގޮތުން ޝަރީޢަތްކުރުމާ ބެހޭގޮތުން ހެދިފައިވާ ޤަވާޢިދު (6) ގެ 287 ވަނަ މާއްދާގައި ކޯޓުގައި ހިނގަމުންދާ ޤަޟިއްޔާއަކާ ގުޅިގެން ހެކިންގެ ގޮތުގައި ޙާޒިރުކުރެވޭ މީހުން ހެކިދޭން ފެށުމުގެ ކުރިން ޝަރީޢަތުގެ މަޖިލީހުގައި އެމީހުންނާ ކުރެވޭ ސުވާލުތަކަށް ޖަވާބު ދިނުމުގަޔާއި، އެމީހުން ބުނާ ކޮންމެ ބަހެއްގައި ތެދުބުނުމަށާއި، ޙަޤީޤަތާއި ޚިލާފަށް އެއްވެސް އެއްޗެއް ނުބުނުމަށް މާތް ﷲ ގަންދީ ހުވާކުރަންވާނެ ކަމަށް ކަނޑައަޅައި ބަޔާންކޮށްފައިވާ އިރު، ޖިނާއީ މައްސަލަތަކުގައި ހެކިން ހެކިދޭން ފެށުމުގެ ކުރިން ޝަރީޢަތުގެ މަޖިލީހުގައި ބުނެވިދިޔަ ފަދައިން ހުވާކުރުމަކީ ޙަޤީޤަތުގައި މުއްތަހަމަށް ލިބިގެންވާ ޟަމާނެއްކަމާ، އަދި އެއީ ހެކިބަސް އެއާނުލައި ފުރިހަމަ ނުވާނެ ޖައުހަރީ ޢުންޞުރެއްކަމާ، އެހެންކަމުން ހުވާކުރުމަކާ ނުލައި ދެވޭ ހެކިބަހުން ޤާއިމުވާ ޙުއްޖިއްޔަތަކީ ޚާލިޞް ޙުއްޖިއްޔަތެއް ނޫންކަމާ، ނަމަވެސް މައްސަލާގައި ހުށަހެޅިފައިވާ އެހެން ހެކިތަކާއި ދަލީލުތަކާއެކު، އެފަދަ ހެކިބަހުގެ މައްޗަށް އިސްތިދްލާލީ ގޮތުން ރިޢާޔަތްކުރުމަކީ ކޯޓަށް ލިބިގެންވާ އިޚްތިޔާރީ ބާރެއްކަން އެނގެން އޮންނައިރު، މިލަދުންމަޑުލު ދެކުނުބުރި ކުޑަފަރި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/D-6-C/13 ޤަޟިއްޔާގައި [ތުހުމަތުކުރެވުނު މީހާ]ގެ މައްޗަށް އުފުލުނު ދަޢުވާގައި ހެކިބަސްނަގާފައިވަނީ ޝަރީޢަތްކުރުމާ ބެހޭގޮތުން ހެދިފައިވާ ޤަވާޢިދު (6) ގެ 287 ވަނަ މާއްދާއާ ޚިލާފަށް މާތް ﷲ ގަންދީ ހުވާކުރުވުމަކާ ނުލައި، ޝަރީޢަތް ކުރުމުގެ އިޖްރާއާތާ ޚިލާފަށްކަމަށާއި، ޝަރީޢަތުން އެ ޤަޟިއްޔާގެ ޙުކުމަށް ވާޞިލުވެފައިވަނީ ޝަރީޢަތްކުރުމުގެ އިޖްރާއާތާ ޚިލާފަށް ނަގާފައިވާ ހެކިބަސްތަކަށް ބުރަވެގެންކަމުގައި ވީހިނދު، އެ ޙުކުމަކީ ޤާނޫނާ ޚިލާފު ޙުކުމެއްކަމުގައި ބަލަންޖެހޭކަމަށް ބުނެ [ތުހުމަތުކުރެވުނު މީހާ]ގެ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ކޮށްފައިވާ ޠަޢުނަށް ބަލާއިރު، ބުނެވިދިޔަ ޤަޟިއްޔާގައި ހެކިބަސް ނެގިފައިވާ ފަރާތްތަކުގެ ހެކިބަސް ނެގިފައިވަނީ ޝަރީޢަތްކުރުމާ ބެހޭގޮތުން ހެދިފައިވާ ޤަވާޢިދު (6) ގެ 287 ވަނަ މާއްދާ އާ އެއްގޮތަށް ހުވާލައިދިނުމަށް ފަހުގައި ކަމަށް ބަޔާންކޮށް، އެކަމުގެ މައްޗަށް އެ ކޯޓުގެ ދެ މުވައްޒަފަކު ހެކިކޮށް މިލަދުންމަޑުލު ދެކުނުބުރި ކުޑަފަރި މެޖިސްޓްރޭޓް ކޯޓުން، 3 ސެޕްޓެމްބަރ 2013 ގައި ހައިކޯޓަށް ފޮނުވާފައިވާ މިލަދުންމަޑުލު ދެކުނުބުރި ކުޑަފަރި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 33/2013/D-6-C ސިޓީ އިން އެނގެން އޮންނަކަމަށް ހައިކޯޓުގެ ނަންބަރު 198/HC-A/2013 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައިވާކަމާއި، މި ސިޓީން އިސްތިޚްލާޞް ވާން އޮތް ޙަޤީޤަތަކީ މިލަދުންމަޑުލު ދެކުނުބުރި ކުޑަފަރި މެޖިސްޓްރޭޓް ކޯޓުގެ ޙަވާލާދެވުނު ޤަޟިއްޔާގައި ހެކިބަސް ނެގިފައިވަނީ ޤާނޫނުގައި ކަނޑައެޅިގެންވާ ގޮތުގެމަތިން ކަމުގައިވާއިރު، ބުނެވިދިޔަ ޤަޟިއްޔާގައި ހެކިބަސް ނަގާފައިވަނީ ޝަރީޢަތްކުރުމާ ބެހޭގޮތުން ހެދިފައިވާ ޤަވާޢިދު (6) ގެ 287 ވަނަ މާއްދާއާ ޚިލާފަށް މާތް ﷲ ގަންދީ ހުވާކުރުވުމަކާ ނުލައި ކަމަށް ބުނެ [ތުހުމަތުކުރެވުނު މީހާ]ގެ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަކީ އަސާސެއް ނެތް ވާހަކަތަކެއްކަން ފާހަގަކުރެވެއެވެ.

[8]ޝަރީޢަތުގެ މަޖިލީހުގައި ހެކިދޭ ހެކިވެރިޔާއަކީ، އޭނާގެ ހެކިބަހުގެ ޞައްޙަކަމާމެދު ތުހުމަތުކުރެވޭ، ނުވަތަ ޙަޤީޤަތާ ޚިލާފަށް ހެކިބަސް ދީފާނެކަމަށް ފާޅުކަން ބޮޑުގޮތަކަށް ޝައްކު ކުރެވޭ ފަރާތެއްކަމުގައި ވާނަމަ އެފަރާތެއްގެ ހެކިބަހަކީ ޝަރީޢަތަށް ޤަބޫލުކުރެވޭނެ ހެކިބަހެއް ނޫންކަމާ، މިގޮތުން ހެކިބަސްދޭ ފަރާތަކީ ހެކިބަސް ރައްދުވާ ފަރާތާ މެދު ޢަދާވާތްތެރިކަމެއް އޮތްފަރާތެއް ނަމަ، އެފަރާތެއްގެ ހެކިބަސް ޝަރީޢަތަށް ޤަބޫލުނުކުރެވޭނެކަން އިސްލާމީ ފިޤްހުގެ ޖުމްހޫރުންގެ ރައުޔަށް ބެލުމުން އެނގެން އޮންނަކަމާ، އެހެނީ އެދެފަރާތުގެ މެދުގައިވާ ޢަދާވާތްތެރިކަމުގެ ސަބަބުން ވަކިފަރާތަކަށް ބުރަވެހުރެ ހެކިބަސްދިނުމުގެ އިޙްތިމާލު ބޮޑުވެގެންވާ ކަމާއި، މިގޮތުން ޤަބޫލުކުރުން ހުއްދަ ނޫން ހެކިބަހަކީ ޢަދާވާތްތެރިކަން އޮތް ދެފަރާތް، އެއްފަރާތް އަނެއްފަރާތާ އިދިކޮޅަށްދޭ ހެކިބަސް ކަމާ، ނަމަވެސް އެ ދެފަރާތް، އެއްފަރާތް އަނެއްފަރާތާ އެއްކޮޅަށްދޭ ހެކިބަސް ޝަރީޢަތަށް ބަލައިގަތުމުގެ ޝަރްޢީ ނުވަތަ ޤާނޫނީ ހުރަހެއް ނެތްކަމާ، އެހެނީ އެފަދަ ޙާލަތުގައި ހެކިބަހުގެ ޞައްޙަކަމާމެދު އުފެދޭ ތުހުމަތު ނަފީވެގެންދާނެކަމާ، މި އުޞޫލުތަކަކީ އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ތަފާތު ޖުރިސްޑިކްޝަންތަކުގައި ތަޤުނީނުކުރެވިފައިވާ އުޞޫލުތަކެއްކަން އެނގެން އޮންނައިރު، މިލަދުންމަޑުލު ދެކުނުބުރި ކުޑަފަރި މެޖިސްޓްރޭޓް ކޯޓުގެ އިސްވެ ބަޔާންވެދިޔަ ނަންބަރު 2011/D-6-C/13 ޤަޟިއްޔާގައި [ތުހުމަތުކުރެވުނު މީހާ]ގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ކޮށްފައިވާ އިސްވެ އިޝާރާތްކުރެވުނު ދަޢުވާ ޘާބިތުކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް ގެ ފަރާތުން ހުށަހަޅާފައިވާ ހެކިންގެތެރެއިން [ނަން ފޮރުވާފައި]އާއި، [ނަން ފޮރުވާފައި] (ހެކިވެރިޔާ 2)އާއި، [ނަން ފޮރުވާފައި] އާއި، މި ތިން މީހުންނަކީ، ބުނެވިދިޔަ ދަޢުވާގައި [ތުހުމަތުކުރެވުނު މީހާ]ގެ މައްޗަށް ކުރެވިފައިވާ ތުހުމަތާ ގުޅޭ ޙާދިޘާގެ ކުރިންވެސް [ތުހުމަތުކުރެވުނު މީހާ] ގަޔަށް އަތްލައި މާރާމާރީ ހިންގައި، [ތުހުމަތުކުރެވުނު މީހާ] އާ މެދު ޢަދާވާތްތެރިކަމާއި ރުޅިވެރިކަން އުފެދިފައިވާ ބައެއްކަމާއި، އެ މީހުން [ތުހުމަތުކުރެވުނު މީހާ] ގަޔަށް އަތްލައި މާރާމާރީ ހިންގި މައްސަލަ ފުލުހުން ތަޙްޤީޤުކުރުމަށްފަހު ޕްރޮސެކިއުޓަރ ޖެނެރަލް އަށް ފޮނުވާފައިވާކަމާއި، މި ސަބަބުތަކަކީ ބުނެވިދިޔަ ހެކިންގެ ކިބައިގައި ހުންނަންޖެހޭ ޢަދުލުވެރިކަމާއި ނަޒާހަތްތެރިކަމާއި، ވަކިއަތަކަށް ނުޖެހުން ނަފީކުރެވޭފަދަ ޤަރީނާތަކެއް ކަމުގައި ވާއިރު، އެހެކިންގެ ހެކިބަހުން ޤާއިމުވާ ޙުއްޖަތަކީ އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޤާއިމުވާ ޙުއްޖަތެއް ނޫންކަން އެނގެން އޮވެއެވެ.

[9]މި މައްސަލާގައި ހިމެނޭ [ކުޑަކުއްޖާ] އޭނާގެ މަންމަ [ކުޑަކުއްޖާގެ މަންމަ] ކައިރީގައި އޭނައާ މެދު އޭނާގެ ދޮންބައްފަ [ތުހުމަތުކުރެވުނު މީހާ] ޖިންސީ ޢަމަލު ހިންގިކަމަށް [ނަން ފޮރުވާފައި] (ހެކިވެރިޔާ 1) އާއި، [ނަން ފޮރުވާފައި] (ހެކިވެރިޔާ 2)ގެ ޙާޒިރުގައި ބުނިކަމަށް، މިލަދުންމަޑުލު ދެކުނުބުރި ކުޑަފަރި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/D-6-C/13 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހުގައި އެމީހުން ދީފައިވާ ހެކިބަހުގައި ބުނިކަމުގައި ވިއަސް، [ކުޑަކުއްޖާގެ މަންމަ] އޭނާގެ ދަރިފުޅު [ކުޑަކުއްޖާ] އޭނާ ގާތުގައި އެހެން ނުބުނާކަމަށާއި، އަދި [ކުޑަކުއްޖާގެ މަންމަ]، [ކުޑަކުއްޖާ] އޭނަ ކައިރީގައި އެފަދައިން ބުނިކަމަށް ތަޙްޤީޤަށް ބަޔާންދީފައިވަނީ މި މައްސަލާގައި ހެކިދިން [ނަން ފޮރުވާފައި] (ހެކިވެރިޔާ 1) އާއި، [ނަން ފޮރުވާފައި] (ހެކިވެރިޔާ 2) އޭނާއަށް ބިރުދެއްކުމުގެ ސަބަބުން ކަމަށާއި، އަދި އޭނާ ޝަރީޢަތުގެ މަޖިލީހަށް އެކަމާގުޅިގެން ހެކިބަސްދޭން ޙާޒިރުވާން ބޭނުންވާކަމަށް [ކުޑަކުއްޖާގެ މަންމަ] ބުނާކަމަށް [ތުހުމަތުކުރެވުނު މީހާ]ގެ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވީނަމަވެސް، އެކަންކަން ބަލައި ސާފުކުރުމަށްޓަކައި [ކުޑަކުއްޖާގެ މަންމަ] ޝަރީޢަތަށް ޙާޒިރުކޮށް އޭނާގެ ހެކިބަސް ނެގިފައި ނުވާކަން އެނގެން އޮވެއެވެ.

[10]މިލަދުންމަޑުލު ދެކުނުބުރި ކުޑަފަރި މެޖިސްޓްރޭޓް ކޯޓުގެ ބުނެވިދިޔަ ނަންބަރު 2011/D-6-C/13 ޤަޟިއްޔާގައި [ތުހުމަތުކުރެވުނު މީހާ]ގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށުގެ ޢަމަލު ލޮލުން ދުށްކަމަށް ބުނެ ކުޑަފަރި މެޖިސްޓްރޭޓް ކޯޓުގައި ހެކިބަސް ދީފައިވާ، [ނަން ފޮރުވާފައި] (ހެކިވެރިޔާ 1) އާއި، [ނަން ފޮރުވާފައި] (ހެކިވެރިޔާ 2) ގެ ހެކިބަހަށާއި، އެދެމީހުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙްޤީޤަށް ދީފައިވާ ބަޔާންތަކަށް ބަލާއިރު، އެ ދެމީހުން 24 މާރޗް 2011 ވަނަ ދުވަހުގެ ރޭގަނޑު 11 ޖަހާކަށް ހާއިރު، [ތުހުމަތުކުރެވުނު މީހާ] ދިރިއުޅޭ [އެޑްރެސް ފޮރުވާފައި]، ކައިރިން ދަމުން، [ނަން ފޮރުވާފައި] (ހެކިވެރިޔާ 1) އެގޭގެ ގޯތިތެރެއަށް ވަދެ އެގޭގެ ބޭރު ކުޑަދޮރުން ގޭތެރެއަށް ބެލިއިރު އެގޭގެ ސިޓިންގްރޫމްގެ ތެރޭގައި [ތުހުމަތުކުރެވުނު މީހާ] އޭނާގެ ދޮންދަރިފުޅު [ކުޑަކުއްޖާ]އާ މެދު ޖިންސީ ޢަމަލެއް ހިންގަން ހުރިތަން ފެނުނުކަމަށް ބުނެ [ނަން ފޮރުވާފައި] (ހެކިވެރިޔާ 2) ކާރީގައި އެވާހަކަބުނުމުން އޭނައާ [ނަން ފޮރުވާފައި] (ހެކިވެރިޔާ 1)އާ ދެމީހުން އެގޭގެ ގޯތި ތެރެއަށް ދެވަނަ ފަހަރަށް ވަދެ، އެގޭގެ ބޭރަށް ހުންނަ ކުޑަދޮރުގެ އެންމެ ތިރީގައިވާ ބިއްލޫރި ލޫވާގެ ތިރިން ބެލިއިރު [ތުހުމަތުކުރެވުނު މީހާ] [ކުޑަކުއްޖާ]އާ މެދު ޖިންސީ ޢަމަލު ހިންގި މަންޒަރު ދުއްކަމަށް ބުނެ، [ނަން ފޮރުވާފައި] (ހެކިވެރިޔާ 1) އާއި [ނަން ފޮރުވާފައި] (ހެކިވެރިޔާ 2) ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބަލާއިރު، [ތުހުމަތުކުރެވުނު މީހާ] އޭނާގެ ދޮންދަރިފުޅު [ކުޑަކުއްޖާ]އާ އެކު ޖިންސީ ޢަމަލެއް ހިންގަމުންދާކަމުގެ ތުހުމަތުކުރެވި އެކަމުގެ ޝަކުވާއެއް ކަމާބެހޭ ތަޙުޤީޤީ އިދާރާއަކަށް އުފުލިފައި ނުވަނީސް، މާތްވެގެންވާ އިސްލާމީ ޝަރީޢަތުގެ ނައްޞުތަކާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 24 ވަނަ މާއްދާގެ އިތުރުން، މިޒަމާނުގެ އެންމެހައި ދުސްތޫރީ ނިޒާމްތަކުގައި ކަށަވަރުކޮށްދީފައިވާ ގޮވަތި ގެދޮރުގެ ޙުރުމަތް ނަގާލައި، ފަރުދުންގެ ޒާތީ އަދި ޢާއިލީ ދިރިއުޅުމާއި، ޕްރައިވެސީގެ ޙައްޤަށް އުނިކަން އަންނަ ގޮތަށް، [ތުހުމަތުކުރެވުނު މީހާ] ދިރިއުޅޭ [އެޑްރެސް ފޮރުވާފައި]، ގޮވަތި ތެރެއަށް ޢަޝްވާއީގޮތަކަށް އެގޭގެ އަހްލުވެރިންގެ އިޒްނައަކާ ނުލައި ވަދެ، އެގޭގެ ކުޑަދޮރުގެ ލޫވާ އަކުން އެގޭގެ ތެރެއަށް ބަލައި ޤާނޫނާ ޚިލާފު ޢަމަލުތަކެއް ކުރިކަމަށް [ނަން ފޮރުވާފައި] (ހެކިވެރިޔާ 1) އާއި، [ނަން ފޮރުވާފައި] (ހެކިވެރިޔާ 2) އަމިއްލައަށް އިޢުތިރާފު ވުމަށްފަހު، ބުނާ ބުނެމެއް ފިޔަވައި އިތުރު އެއްވެސް ހެއްކެއް ނުވަތަ ޤަރީނާއެއްވިއަސް [ތުހުމަތުކުރެވުނު މީހާ] އޭނާގެ ދޮންދަރިފުޅު [ކުޑަކުއްޖާ]އާ މެދު ޖިންސީ ޢަމަލެއް ހިންގިކަން ޘާބިތުކުރުމަށް މިމީހުންނަށް ދެއްކިފައި ނުވާކަން ފާހަގަކުރެވިފައި ވެއެވެ.

[11][ތުހުމަތުކުރެވުނު މީހާ] އޭނާގެ ދޮންދަރިފުޅު [ކުޑަކުއްޖާ]އާ މެދު ޖިންސީ ޢަމަލު ހިންގި މަންޒަރު ބުނެވިދިޔަ [އެޑްރެސް ފޮރުވާފައި]ގެ ބޭރަށް ހުންނަ ކުޑަދޮރުގެ އެންމެ ތިރީގައިވާ ބިއްލޫރި ލޫވާގެ ތިރިން ބެލިއިރު ފެނުނުކަމަށް [ނަން ފޮރުވާފައި] (ހެކިވެރިޔާ 1) އާއި، [ނަން ފޮރުވާފައި] (ހެކިވެރިޔާ 2) ބުނެފައިވާއިރު، އެއްވެސް ތަޙްޤީޤީ އިދާރާއަކުން ބުނެވިދިޔަ ކުޑަދޮރު "މުޢާޔަނާ" (inspect) ކޮށް ބަލައި، އެ ކުޑަދޮރުގެ ބޭރުން ބަލާ ބަޔަކަށް އެގޭގެ ތެރޭގައި ހިނގާކަމެއްގެ މަންޒަރު ފެންނަ މިންވަރު ވަޒަންކޮށް ތަޙްލީލުކޮށްފައި ނުވާކަން އެނގެން އޮންނައިރު، މި މައްސަލަ ތަޙުޤީޤުކުރި އިދާރާއިން ޢަމަލުކޮށްފައިވަނީ މިބާވަތުގެ ޖިނާއީ މައްސަލަތަކުގައި ޙަޤީޤަތަށް ވާޞިލުވުމަށްޓަކައި ތަޙުޤީޤު ހިންގަންޖެހޭ މިންގަނޑާ އެއްގޮތަށް ނޫންކަން ފާހަގަކުރެވިފައިވެއެވެ.

[12][ނަން ފޮރުވާފައި] (ހެކިވެރިޔާ 1) [އެޑްރެސް ފޮރުވާފައި]ގެ ބޭރަށް ހުންނަ ކުޑަދޮރުގެ އެންމެ ތިރީގައިވާ ބިއްލޫރި ލޫވާގެ ތިރިން ބެލިއިރު އެގޭގެ ސިޓިންގްރޫމްގެ ތެރޭގައި [ތުހުމަތުކުރެވުނު މީހާ] އޭނާގެ ދޮންދަރިފުޅު [ކުޑަކުއްޖާ]އާ މެދު ޖިންސީ ޢަމަލެއް ހިންގަން ހުރިތަން ފެނުނުކަމަށް ބުނެ [ނަން ފޮރުވާފައި] (ހެކިވެރިޔާ 2) ކާރީގައި އެވާހަކަބުނި ވަގުތު އެތާގައި ތިބި، [އެޑްރެސް ފޮރުވާފައި] [ނަން ފޮރުވާފައި]އާއި، [އެޑްރެސް ފޮރުވާފައި] [ނަން ފޮރުވާފައި] އާއި، [އެޑްރެސް ފޮރުވާފައި] [ނަން ފޮރުވާފައި] އާއި، މިތިން މީހުންވެސް އެދެ މިހުންނާއެކު [އެޑްރެސް ފޮރުވާފައި]ގެ ގޯތި ތެރެއަށް ވަދެ، [ނަން ފޮރުވާފައި] (ހެކިވެރިޔާ 1) ދުށްކަމަށް ބުނާ މަންޒަރު ބެލިކަމަށް ބަޔާންދީފައިވާކަމާއި، އެމީހުންގެ ބަޔާންތަކުގައި [ތުހުމަތުކުރެވުނު މީހާ] އޭނާގެ ދޮންދަރިފުޅާ މެދު ޖިންސީ ޢަމަލު ހިންގަނިކޮށް ފެނިފައިވާކަމަށް ބުނެފައި ނުވާއިރު، އެ ތިންމީހުންގެ ބަޔާންތަކުގައި ބުނެފައިވާ ވާހަކަތަކާއި، [ނަން ފޮރުވާފައި] (ހެކިވެރިޔާ 2)އާއި، [ނަން ފޮރުވާފައި] (ހެކިވެރިޔާ 1)ގެ އިސްވެދިޔަ ބަޔާންތަކުގައި ބުނެފައިވާ ވާހަކަތަކުގެ މެދުގައި ބޮޑެތި ތަފާތުތަކާއި ފުށޫއެރުންތަކެއް ހުރިކަން ފާހަގަކުރެވިފައިވެއެވެ.

[13]އިސްވެ ބަޔާންވެދިޔަ ނުކުތާތަކުގައި ފާހަގަކުރެވިފައިވާ ކަންތަކުގެ މައްޗަށް ރިޢާޔަތް ކޮށް ބަލާއިރު، މިލަދުންމަޑުލު ދެކުނުބުރި ކުޑަފަރި މެޖިސްޓްރޭޓް ކޯޓުގެ ބަޔާންވެދިޔަ ނަންބަރު 2011/D-6-C/13 ޤަޟިއްޔާގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން [އެޑްރެސް ފޮރުވާފައި] [ތުހުމަތުކުރެވުނު މީހާ]ގެ މައްޗަށް ކޮށްފައިވާ، ޤާނޫނު ނަންބަރު 2009/12 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 09 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެމާއްދާގެ (ށ) ގެ ދަށުން [ތުހުމަތުކުރެވުނު މީހާ]ގެ މައްޗަށް އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ، ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ ޘާބިތުކުރުމަށް ޕްރޮސެކިއުޓަރ ޖެނަރަލްގެ ފަރާތުން ހުށަހަޅާފައިވާ ހެކިތަކަކީ އިސްވެ ބަޔާންވެދިޔަ ސަބަބުތަކަށްޓަކައި ޘާބިތުކުރުމުގެ ޢާންމު އުޞޫލުތަކަށް ފެތޭ ހެކިތަކަކަށް ނުވާތީ، އެހެކިތަކަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ކަނޑައަޅައި ބަޔާންވެގެންވާ އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތި ޝަރީޢަތުގައި ޘާބިތުވާ މިންވަރަށް ހުށަހެޅިފައިވާ ހެކިތަކެއްކަމަށް ނުވުމުގެ އިތުރުން، އެ ހެކިތަކަކީ ޤާނޫނު ނަންބަރު 2009/12 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 47 ވަނަ މާއްދާގެ ދަށުން އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތި ޝަރީޢަތަށް ޘާބިތުކުރުމަށް ބޭނުންވާ މިންވަރަށް ހުށަހެޅިފައިވާ ހެކިތަކެއްވެސް ނޫންކަން ފާހަގަކުރެވިފައިވާތީ، އިސްވެ ބަޔާންވެދިޔަ މިލަދުންމަޑުލު ދެކުނުބުރި ކުޑަފަރީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/D-6-C/13 ޤަޟިއްޔާގެ ޙުކުމާއި، ބުނެވިދިޔަ ހައިކޯޓުގެ ނަންބަރު 198/HC-A/2013 ޤަޟިއްޔާގެ ޙުކުމާއި މިދެ ޙުކުމް ބިނާވެގެންވަނީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފެނެއެވެ.

ޙުކުމް

[14]އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެ މަތިން ހުރުމާއެކު، މިލަދުންމަޑުލު ދެކުނުބުރި ކުޑަފަރި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/D-6-C/13 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމާއި، އެ ޙުކުމަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 198/HC-A/2013 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމާއި ދެ ޙުކުމް ބާޠިލުކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.

[15]އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު ފަނޑިޔާރު ޢަބްދު ﷲ ޢަރީފް

[16]ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 09 ވަނަ މާއްދާގެ (ހ) އަދި (ށ)
  • ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 47 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 24 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ށ)
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ)
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 53 ވަނަ މާއްދާ
  • ޝަރީޢަތްކުރުމާ ބެހޭގޮތުން ހެދިފައިވާ ޤަވާޢިދު (6) ގެ 287 ވަނަ މާއްދާ

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ