—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 2014/SC-A/20
ދަޢުވާކުރާ ފަރާތް: އިލެކްޝަންސް ކޮމިޝަން ، ސިޔާމް މުޙައްމަދު ކުދިމާގެ
ދަޢުވާ ލިބޭ ފަރާތް: ޢަލީ އިބްރާހީމް ޖޯޖެޓްވިލާ
މައްސަލައިގެ ބާވަތް: އިންތިޚާބީ ޝަކުވާގެ މައްސަލަ
މައްސަލަ އައިގޮތް: އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚް: 07 އޭޕްރީލް 2014
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 28 އޭޕްރީލް 2014
ނިމުނު ތާރީޚް: 13 އޮގަސްޓް 2014
މައްސަލަ ނިންމި ގަޑި: 15:00
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
އުއްތަމަފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން، ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު ޢަބްދުﷲ ޢަރީފް ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދްނާން
އިލްތިމާސް ކުރެވުނު ޤަޟިއްޔާ
ނަންބަރު:2014/HC-I-SH/01
ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
ހުށަހެޅުނު ތާރީޚް: 12 ފެބްރުއަރީ 2014
ނިމުނު ތާރީޚް: 20 ފެބްރުއަރީ 2014
މައްސަލައިގެ ޚުލާޞާ
މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2014/HC-I-SH/01 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާގޮތް، ޝަރުޢީ އަދި ޤާނޫނީގޮތުން ރަނގަޅުނޫންކަމަށް ބުނެ އެކަންތައްތައް ފާހަގަކޮށް އެ ޤަޟިއްޔާ އަލުން ބަލައިދިނުމަށް އެދި އިލެކްޝަންސް ކޮމިޝަންގެ ފަރާތުންނާއި، ގއ.ކޮނޑޭ، ކުދިމާގޭ ސިޔާމް މުޙައްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބަލައިދެވުނު ދެ މައްސަލައެވެ. މި ދެ މައްސަލާގައިމެ ދަޢުވާލިބޭ ފަރާތަކީ ގއ.ކޮނޑޭ، ޖޯޖެޓްވިލާ ޢަލީ އިބްރާހީމްއެވެ.
އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2014/HC-I-SH/01 ޤަޟިއްޔާ އެ ކޯޓުން ނިންމަވާފައިވާގޮތް، ޝަރުޢީ އަދި ޤާނޫނީގޮތުން ރަނގަޅުނޫންކަމަށް ބުނެ އިލެކްޝަންސް ކޮމިޝަންގެ ފަރާތުންނާއި، ގއ.ކޮނޑޭ، ކުދިމާގެ ސިޔާމް މުޙައްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ސަބަބުތަކަށް ބެލިއިރު މި ދެ ޤަޟިއްޔާގެ މައުޟޫޢަކީ އެއް މައުޟޫޢެއްކަމާއި، މި ދެ ޤަޟިއްޔާގެ ދަޢުވާ ބިނާކުރެވުނު ސަބަބު ތަކަކީ އެއްބާވަތެއްގެ ސަބަބުތަކެއްކަން އެނގެއެވެ.
ފާހަގަކުރެވުނު ނުކުތާތައް.
މި މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ޚަޞްމުން ދެއްކި ވާހަކަތަކަށާއި، ހުށަހެޅިފައިވާ ލިޔުންތަކަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-I-SH/01 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ މައްޗަށާއި މި މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ އެހެނިހެން ލިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލައި ވިސްނިއިރު މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައި ވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ2014/HC-I-SH/01 ޤަޟިއްޔާއަށް ބެލިއިރު އެ ޤަޟިއްޔާއަކީ "ޤާނޫނު ނަންބަރ 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ ދަށުން، 18 ޖެނުއަރީ 2014 ވަނަ ދުވަހު މުޅިރާއްޖޭގައި ބޭއްވުނު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ތެރެއިން، ގއ. ކޮނޑޭ ކައުންސިލަށް މެންބަރުން ހޮވުމަށްޓަކައި ބޭއްވި އިންތިޚާބުގައި ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ތެރެއިން، ގއ. ދާންދޫގައި ބެހެއްޓިފައިވާ ނަންބަރP02.05.2 ވޯޓުފޮއްޓަށް ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ ގއ. ކޮނޑޭ ، އާގޭ މޫސާ ޢީސާއަށް އެ ވޯޓުފޮއްޓާ ޙަވާލުވެތިބި އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުން، އެހެން ދާއިރާއެއްގެ ވޯޓުކަރުދާސްކޮޅެއް ދިނުމުގެ ސަބަބުން ގއ. ކޮނޑޭގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤުން މޫސާ ޢީސާ މަޙްރޫމްވެފައިވާތީ އާއި، ގއ.ކޮނޑޭ ކައުންސިލަށް މެންބަރުން އިންތިޚާބުކުރުމަށް ނެގުނު ވޯޓުގައި މޫސާ ޢީސާގެ ވޯޓު ގުނިފައި ނުވުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރ 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 36 ވަނަ މާއްދާއާ ޚިލާފު ކަމެއްކަމަށް ވާތީއާއި، މޫސާ ޢީސާގެ ވޯޓަކީ މި އިންތިޚާބުގައި ބައިވެރިވި ކެންޑިޑޭޓުންގެ އިންތިޚާބީ ނަތީޖާއަށް ބަދަލު އަތުވެދާނެފަދަ ވޯޓެއްކަމަށް ވާތީ، ޤާނޫނު ނަންބަރ 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 65 ވަނަ މާއްދާގެ ދަށުން ގއ. ކޮނޑޭ ކައުންސިލަށް މެންބަރުން އިންތިޚާބުކުރުމަށް 2014 ޖެނުއަރީ 18 ވަނަ ދުވަހު ބޭއްވުނު އިންތިޚާބުގެ ވޯޓު ބާޠިލް ކޮށްދިނުމަށް އެދި" ގއ. ކޮނޑޭ، ޖޯޖެޓްވިލާ ޢަލީ އިބްރާހީމްގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައެއްކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮތުމެވެ.
(ށ) ދެވަނަ ކަމަކީ، ގއ. ކޮނޑޭ، ކުދިމާގެ ސިޔާމް މުޙައްމަދަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ2014/HC-I-SH/01 ޤަޟިއްޔާގައި ދަޢުވާކުރާ ނުވަތަ ދަޢުވާލިބޭ ނުވަތަ އެ ޤަޟިއްޔާއަށް ތަދައްޚުލްވެފައިވާ ފަރާތެއްކަމަށް ނުވިޔަސް، ސިޔާމް މުޙައްމަދަކީ 2014 ޖެނުއަރީ 18 ވަނަ ދުވަހު މުޅިރާއްޖޭގައި ބޭއްވުނު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ތެރެއިން، ގއ. ކޮނޑޭ ކައުންސިލަށް މެންބަރުން ހޮވުމަށްޓަކައި ބޭއްވި އިންތިޚާބުގައި އެންމެ ގިނަ (ސަތޭކަ އެގާރަ) ވޯޓު ލިބިގެން ގއ. ކޮނޑޭ ކައުންސިލަށް އިންތިޚާބުވެފައިވާ މީހެއްކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅުއްވާފައިވާ މީހަކަށްވާތީ، ސިޔާމް މުޙައްމަދަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގައިވާ ގޮތުގެމަތީން މި މައްސަލަ އިސްތިއުނާފު ކުރުމުގެ ޙައްޤު ލިބިގެންވާ ފަރާތެއްކަން އެނގެން އޮތުމެވެ.
(ނ) ތިންވަނަ ކަމަކީ، އިންތިޚާބުތަކުގައްޔާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތަކުގައި ވޯޓުދިނުމުގެ ޙައްޤާއި މިފަދަ ވޯޓުތަކަކީ ސިއްރުވޯޓުތަކަކަށް ވުމުގެ ޙައްޤާއި، އިންތިޚާބުތަކުގައި އެކިއެކި މަޤާމުތަކަށް ކުރިމަތިލުމުގެ ޙައްޤާއި، އެމީހަކު އަމިއްލައަށް ނުވަތަ އެމީހަކު މިނިވަންކަމާއެކު އިޚްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ޙައްޤަކީ ޤާނޫނުއަސާސީގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާ ޙާލަތްތަކުގައި ޢުމުރުން 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށްމެ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާއިން ލިބިދީފައިވާ ޙައްޤެއްކަން އެނގެން އޮތުމެވެ.
(ރ) ހަތަރުވަނަ ކަމަކީ، ޤާނޫނުއަސާސީގެ 170 ވަނަ މާއްދާއަށް ބަލާއިރު އިންތިޚާބުތަކާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތައް ނެގުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުމާއި، އެކަންތައްތައް ހިންގުމާއި، ބެލެހެއްޓުމާއި، އެކަންތައްތަކަށް މަގުފަހިކުރުމާއި، އަދި އިންތިޚާބުތަކާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތަކުގެ ކަންތައްތައް ހިނގަނީ އިންސާފުވެރިކަމާއެކު، ބިރުވެރިކަމެއް، ބިރުދެއްކުމެއް، ތަޅާފޮޅުމެއް ނުރަނގަޅު ނުފޫޒެއް އަދި ކޮރަޕްޝަނެއް ނެތި، މިނިވަންކަމާއެކު ރައްޔިތުންނަށް ވޯޓުލުމުގެ ޙައްޤު ފުރިހަމައަށް އަދާކުރެވޭ ގޮތަށްކަން ކަށަވަރުކުރުމަކީ ޤާނޫނުއަސާސީގެ 167 ވަނަ މާއްދާގެ ދަށުން އުފެދިފައިވާ އިލެކްޝަންސް ކޮމިޝަނުގެ މަސްއޫލިއްޔަތެއްކަން ޤާނޫނުއަސާސީގެ 170 ވަނަ މާއްދާގެ (ހ) އަށް ބެލުމުން އެނގެން އޮތުމެވެ.
(ބ) ފަސްވަނަ ކަމަކީ، ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) އަށް ބަލާއިރު، ދިވެހިރާއްޖޭގައި ބޭއްވޭ އިންތިޚާބުތަކަކީ ދީމިޤްރާޠީ އަސާސްތަކުގެ މައްޗަށް ބިނާކޮށް ސީދާ ރައްޔިތުންގެ ބައިވެރިވުން އޮންނަ، މިނިވަން، އިންސާފުވެރި، ހާމަކަންބޮޑު އަދި އިތުބާރު ކުރުވަނިވި ގޮތުގެމަތިން ބާއްވާ އިންތިޚާބުތަކެއްކަން އިލެކްޝަންސް ކޮމިޝަނުން ޔަޤީންކުރަންޖެހޭކަމާއި، އަދި އެ އިންތިޚާބަކާބެހޭ ޚާއްޞަ ޤާނޫނެއްގައި އެހެންގޮތަކަށް ބުނެފައިނުވާހާ ހިނދަކު، ދިވެހިރާއްޖޭގައި ބޭއްވޭ އިންތިޚާބުތަކުގައި ޢަމަލުކުރާނެ ޢާންމު އުޞޫލުތައް ކަނޑައަޅާނީ އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުންކަން އެ ޤާނޫނުގެ 2 ވަނަ މާއްދާއާއި 3 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނަކަމެވެ.
(ޅ) ހަވަނަ ކަމަކީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގަންވާނީ ލާމަރުކަޒީ އުޞޫލުންކަމާއި، ލާމަރުކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އުފައްދާ ކައުންސިލުތަކުގައި ހިމެނެންވާނީ ހަމައެކަނި އެ ކައުންސިލް ނިސްބަތްވާ ސަރަޙައްދުގެ ރައްޔިތުން ދީމިޤްރާޠީ އުޞޫލުތަކުގެ މަތިން، ސިއްރު ވޯޓަކުން އިންތިޚާބުކުރާ މެންބަރުންކަން، ޤާނޫނުއަސާސީގެ 230 ވަނަ މާއްދާގެ (ހ) އާއި، 231 ވަނަ މާއްދާގެ (ހ) އަދި (ރ) އަށް ބެލުމުން އެނގޭކަމާއި، އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އުފައްދާ ކައުންސިލުތައް އިންތިޚާބުކުރުމާބެހޭ ޤާނޫނެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރަންވާނޭކަން ބަޔާންކުރެވުނު މާއްދާތަކުން އެނގޭކަމާއި، އަތޮޅު ކައުންސިލުތަކާއި ސިޓީ ކައުންސިލުތަކާއި ރަށު ކައުންސިލުތަކަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު ބާއްވައި އަދި އެ އިންތިޚާބުގެ އެންމެހައި އުޞޫލުތަކާއި ކަންކަން ކަނޑައަޅައި ބަޔާންކުރާ ޤާނޫނެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާކަމާއި، އެއީ ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލުތަކުގެ އިންތިޚާބުގެ ޤާނޫނު) ކަމާއި، އެ ޤާނޫނުގައި ބަޔާންކޮށްފައި ނުވާ ނުވަތަ އެ ޤާނޫނުގައި ކަނޑައެޅިގެން އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާ އުޞޫލުތަކާއި ކަންކަމާ ގުޅޭގޮތުން ޢަމަލުކުރާނީ އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 2 ވަނަ މާއްދާގެ (ހ) އިން އެނގޭކަމާއި، އެހެންކަމުން ޤާނޫނުއަސާސީއާއި ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ އިންތިޚާބުތަކާއި ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތައް ނެގުމުގައި އިލެކްޝަންސް ކޮމިޝަނުން ޢަމަލުކުރަންޖެހޭނީ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙައްޤުތައް ލިބިދެވޭނޭ ގޮތެއްގެމަތިން އެ އިންތިޚާބަކަށް ޚާއްޞަކޮށްގެން އެކުލަވާލެވިފައިވާ ޤާނޫނުގެ އިތުރުން އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން އެނގެން އޮންނަ އޮތުމެވެ.
(ކ) ހަތްވަނަ ކަމަކީ، ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 65 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ "އިންތިޚާބެއްގެ ރަސްމީ ނަތީޖާ މި ޤާނޫނުގައިވާ ގޮތުގެމަތިން އިޢުލާނު ކޮށްފައިވަނިކޮށް، މި ޤާނޫނުގެ 64 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެމަތިން ޝަރީޢަތަށް ހުށަހަޅާ މައްސަލައެއްގައި ތިރީގައިމިވާ ސަބަބުތަކުގެ ތެރެއިން ސަބަބެއް މެދުވެރިވެގެން، ވޯޓުލާ ސަރަޙައްދެއްގެ އިންތިޚާބުގެ ނަތީޖާއަށް އެކަށީގެންނުވާ އަސަރެއް ފޯރާފައިވާކަމަށް ޝަރީޢަތަށް ސާބިތުވެ، އަދި އެކަމުގެ ސަބަބުން އިންތިޚާބުގެ ނަތީޖާއަށް ބަދަލު އަތުވެދާނެކަމަށް ޝަރީޢަތުން ކަނޑައަޅައިފިނަމަ، އެސަރަޙައްދެއްގެ އިންތިޚާބު ބާޠިލުކޮށް އަލުން އިންތިޚާބު ބާއްވަން ޖެހޭނެއެވެ.
1- އިންތިޚާބުގެ ތެރޭގައި އެކަށީގެންނުވާ ނުފޫޒެއް ފޯރުވުން.
2- އިންތިޙާބެއްގެ ޙައްގެއްގެ ފައިދާ، ވަކި މީހަކަށް ނުވަތަ ވަކިބަޔަކަށް ލެންބުމަށްޓަކައި ރިޝްވަތު ދިނުން.
3- މި ޤާނޫނާއި ނުވަތަ މި ޤާނޫނުގެ ދަށުން ހަދާފައިވާ ޤަވާޢިދާއި ނުވަތަ އެ އިންތިޚާބުތަކާބެހޭ ޚާއްޞަ ޤާނޫނާއި ނުވަތަ އެ ޤާނޫނުގެ ދަށުން ހަދާ ޤަވާޢިދާ ޚިލާފަށް ޢަމަލު ކުރުން" މިފަދައިން ކަމާއި،
18 ޖެނުއަރީ 2014 ގައި ބޭއްވުނު ލޯކަލް ކައުންސިލުތަކުގެ އިންތިޚާބު 2014 ގައި ގއ. ކޮނޑޭގައި ބޭއްވުނު އެ ދާއިރާގެ އިންތިޚާބުގައި އެފަދަ އެއްވެސް ކަމެއް ހިނގާފައިވޭތޯ ބަލާއިރު، މޫސާ ޢީސާއަށް ގއ. ދާންދޫ މީހުން ވޯޓުލާ 2 ނަންބަރު ފޮއްޓަށް ވޯޓުލުމަށް ކަރުދާސް ދޫކުރެވިފައިވަނީ، އެ އިންތިޚާބުގައި ގއ. ދާންދޫގައި ބެހެއްޓުނު 2 ނަންބަރު ވޯޓުފޮށީގެ ކަންތައްތައް ބެލެހެއްޓި ބަޔަކަށް އޮޅިގެންކަން އެނގޭކަމާއި، ގއ. ދާންދޫގައި ބެހެއްޓިފައިވާ 2 ނަންބަރު ވޯޓުފޮއްޓަށް ވޯޓުލުމަށް ގއ. ކޮނޑޭ، އާގޭ މޫސާ ޢީސާ އެދުވަހު ދިއުމުން އޭނާއަށް ވޯޓު ކަރުދާސް ދޫކުރުމުން އޭނާ ވޯޓުލާފައިވަނީ ވޯޓު ކަރުދާހުގެ ތަރުތީބަށް ބަލައިގެން ކަމަށާއި މޫސާ ޢީސާއަށް ވޯޓު ދެވުނީ ކޮން ކެންޑިޑޭޓަކަށްކަން މޫސާ ޢީސާއަށް ނޭނގޭކަމަށް މޫސާ ޢީސާ ބުނެފައިވާކަމާއި، މޫސާ ޢީސާ ވޯޓުލުމަށްފަހު ގެއަށް ދިޔަފަހުން މޫސާ ޢީސާއަށް ދޫކުރެވުނީ ގއ. ދާންދޫ ރަށު ކައުންސިލް އަދި އެ ދާއިރާގެ އަތޮޅު ކައުންސިލްގެ ވޯޓު ކަރުދާހެއްކަން އެނގުމާއެކު މޫސާ ޢީސާއަށް އެކަން އެންގުމަށްޓަކައި މޫސާ ޢީސާ ވޯޓު ލާފައި ގެއަށް ދިޔަތާ ގަޑިއެއްހާ އިރު ފަހުން ގއ. ދާންދޫ ބުލޫހެވަން މުޙައްމަދު އާސިފް، މޫސާ ޢީސާ ގއ. ދާންދޫގައި ދިރިއުޅޭ ގެއަށްގޮސް އެކަން އެންގިކަމާއި، ނަމަވެސް މުސާ ޢީސާ އެދުވަހު ދެވަނަފަހަރަށް ވޯޓުލުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަން މޫސާ ޢީސާގެ ބަޔާނުން އެނގެން އޮތުމެވެ.
(އ) އަށްވަނަ ކަމަކީ، 18 ޖެނުއަރީ 2014 ގައި ގއ. ކޮނޑޭގައި ބޭއްވުނު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2014 ގައި ވާދަކުރި 18 ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނައިން ވޯޓު ލިބުނު ކެންޑިޑޭޓުންނާއި އެ ކެންޑިޑޭޓުންނަށް ވޯޓު ލިބިފައިވާ ގޮތަށް ބަލާއިރު އެ އިންތިޚާބުގައި 111 (ސަތޭކަ އެގާރަ) ވޯޓު ލިބިގެން އެންމެ ކުރީގައި އޮތީ ގއ. ކޮނޑޭ ކުދިމާގެ ސިޔާމު މުޙައްމަދު ކަމާއި، 98 (ނުވަދިހަ އަށެއް) ވޯޓު ލިބިގެން 2 ވަނާގައި އޮތީ ގއ. ކޮނޑޭ ދޯދިގޭ އަޙްމަދު އިބްރާހީމް ކަމާއި، 91 (ނުވަދިހަ އެކެއް) ވޯޓު ލިބިގެން 3 ވަނާގައި އޮތީ ގއ. ކޮނޑޭ އަތަމާގެ އަޙްމަދު ޝާން މުޙައްމަދު ކަމާއި 89 (އަށްޑިހަ ނުވައެއް) ވޯޓު ލިބިގެން 4 ވަނާގައި އޮތީ ގއ. ކޮނޑޭ ނޫއަލި މުރުތަޟާ ސަލީމް ކަމާއި، މި ހަތަރު ކެންޑިޑޭޓުންނަށް ލިބިފައިވާ ވޯޓުގެ އަދަދަށް ބަލާއިރު މުސާ ޢީސާގެ ވޯޓަކީ މިހަތަރު ކެނޑިޑޭޓުންކުރެ ކެންޑިޑޭޓެއްގެ ވޯޓުގެ ނަތީޖާ ތަރުތީބުކުރުމުގައި އެއްވެސް އަސަރެއް ކޮށްފާނެ ވޯޓެއްނޫންކަން އެނގެން އޮތުމުން ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 65 ވަނަ މާއްދާ މާނަކުރެވޭނީ އެ ހަތަރު ކެންޑިޑޭޓުންގެ ހައްޤު ނުގެއްލޭ އަދި އެ މާއްދާގެ މަޤްޞަދު ހާޞިލްވާގޮތެއްގެ މަތިންކަން އެނގެން އޮތުމެވެ.
(ވ) ނުވަވަނަ ކަމަކީ، 18 ޖެނުއަރީ 2014 ގައި ބޭއްވުނު ލޯކަލް ކައުންސިލުތަކުގެ އިންތިޚާބު 2014 ގައި ގއ. ކޮނޑޭ ދާއިރާގައި ވާދަކުރި 18 ކެންޑިޑޭޓުންގެ ތެރެއިން ފަސްވަނައަށް ދެ ކެންޑިޑޭޓުން އައިސްފައިވާ ކަމާއި، އެއީ 88 (އަށްޑިހަ އަށެއް) ވޯޓު ލިބުނު 2 ކެނޑިޑޭޓުން ކަމުގައިވާ ގއ. ކޮނޑޭ ވައިލެޓްވިލާ ސާޖިދާ މުޙައްމަދު އާއި ގއ. ކޮނޑޭ އުޖާލާގޭ ނާހިދާ ޙަސަންދީދީ ކަމާއި، ހަވަނައަށް އައިސްފައިވާ ގއ.ކޮނޑޭ ހިރިޔާ ޔުމްނާ ޤާސިމަށް ލިބިފައިވަނީ 87 (އަށްޑިހަ ހަތެއް) ވޯޓު ކަމަށްވާތީ، ގއ. ކޮނޑޭ، އާގޭ މޫސާ ޢީސާއަށް އެ ދާއިރާއަށް ވޯޓު ލެވުނުނަމަ، މި ތިން ކެނޑިޑޭޓުންގެ ވޯޓު އެއްވަރުވެ، ވޯޓުގެ ނަތީޖާއަށް އަސަރު ކޮށްފާނެކަމުގެ އިޙްތިމާލް އޮތުމުން ގއ. ކޮނޑޭ ކައުންސިލަށް ފަސްވަނަ މެންބަރަކު ހޮވުމަށްޓަކައި އިތުރު އިންތިޚާބެއް ބާއްވަންޖެހޭކަމާއި އެ އިންތިޚާބު ބާއްވަންޖެހޭނީ ފަސްވަނައަށް އެންމެގިނަ ވޯޓު ލިބުނު ދެ ކެންޑިޑޭޓުންނާއި ހަވަނައަށް ދިޔަ ކެންޑިޑޭޓު ހިމެނޭގޮތަށް އެ ތިން ކެންޑިޑޭޓުންގެ މެދުގައިކަން ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުގައި، މި މައްސަލަ ބެލި ފަނޑިޔާރުންނަށް ފާހަގަ ކުރެވުމެވެ.
ޙުކުމް:
އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެމަތިން ހުރުމާއެކު، ގއ. ކޮނޑޭ ކައުންސިލަށް މެންބަރުން އިންތިޚާބު ކުރުމަށްޓަކައި 2014 ޖެނުއަރީ 18 ވަނަ ދުވަހު ގއ. ކޮނޑޭގައި ބޭއްވުނު ލޯކަލް ކައުންސިލްގެ އިންތިޚާބު އެއްކޮށް ބާޠިލްކުރަން ޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަމަށް ކަނޑައަޅައި، ގއ. ކޮނޑޭ ކައުންސިލަށް އިންތިޚާބު ކުރަންޖެހެނީ ފަސް މެންބަރުން ކަމަށްވެފައި، ބުނެވިދިޔަ ތާރީޚުގައި ބޭއްވުނު އިންތިޚާބުގެ ނަތީޖާއަށް ބަލާއިރު، 88 (އަށްޑިހަ އަށެއް) ވޯޓު ލިބިގެން ދެފަރާތް ފަސްވަނައަށް އައިސްފައިވާތީ އާއި، 87 (އަށްޑިހަ ހަތެއް) ވޯޓު ލިބިގެން ހަވަނައަށް އެއްފަރާތް އައިސްފައިވާތީ އާއި، އިދާރީގޮތުން އެރި އޮޅުމެއްގެ ސަބަބުން އެ ދާއިރާއަށް ވޯޓުލާން ދިޔަ މީހުންގެ ތެރެއިން އެކަކަށް، ވޯޓުލެވިފައިވަނީ އޭނާ ވޯޓުލާންޖެހޭ ދާއިރާއަށް ނޫންކަން އެނގޭތީ، ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ ދަށުން އެ ކައުންސިލަށް އިންތިޚާބުކުރަންޖެހޭ ފަސްވަނަ މެންބަރު އިންތިޚާބު ކުރުމަށްޓަކައި ބާއްވަންޖެހޭ އިންތިޚާބު، ފަސްވަނައަށް އައި ދެ ކެންޑިޑޭޓުން ކަމުގައިވާ ގއ. ކޮނޑޭ، ވައިލެޓްވިލާ ސާޖިދާ މުޙައްމަދު އާއި ގއ. ކޮނޑޭ، އުޖާލާގޭ ނާހިދާ ޙަސަންދީދީ އާއި، ހަވަނައަށް އައި ކެންޑިޑޭޓު ގއ. ކޮނޑޭ، ހިރިޔާ ޔުމްނާ ޤާސިމާއި މިތިން ކެންޑިޑޭޓުންގެ މެދުގައި މިއަދު (13 އޮގަސްޓް 2014) ން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރު ކުރުމާއެކު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2014/HC-I-SH/01 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ބާޠިލް ޙުކުމެއްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.
އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން
ފަނޑިޔާރު ޢަބްދުﷲ ސަޢީދު
ފަނޑިޔާރު ޢަބްދުﷲ ޢަރީފް
ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު
ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ
ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.