ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2014/SC-A/23ސުޕްރީމް ކޯޓު · 25 އޮގަސްޓް 2016

—

ސުޕްރީމް ކޯޓު
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 25 އޮގަސްޓް 2016ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ

ޤަޟިއްޔާ ނަންބަރު: 232014/SC-A/

ދަޢުވާކުރާ ފަރާތް: ޝިފާޒާ އިބްރާހީމް

ދަޢުވާ ލިބޭ ފަރާތް: ފެލިދެއަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާ

މައްސަލައިގެ ބާވަތް: އުޞޫލާ ޚިލާފަށް ބިމެއް ދޫކޮށްފައިވާކަމަށް ބުނެ

މައްސަލަ އައިގޮތް: އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

ހުށަހެޅުނު ތާރީޚް: 04 މެއި 2014

ރަޖިސްޓްރީ ކުރެވުނު ތާރީޚް: 19 މެއި 2014

ނިމުނު ތާރީޚް: 25 އޯގަސްޓް 2016

މައްސަލަ ނިންމި ގަޑި: 13:55

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު

އިލްތިމާސް ކުރެވުނު ޤަޟިއްޔާ

ނަންބަރު: 2013/HC-A/25

ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު

ހުށަހެޅުނު ތާރީޚް: 30 ޖެނުއަރީ 2013

ނިމުނު ތާރީޚް: 03 އޮކްޓޫބަރ 2013

މައްސަލައިގެ ޚުލާޞާ

މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/25 ޤަޟިއްޔާ، އެ ކޯޓުން ބަލައި ނިންމާފައިވަނީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލު ކޮށްދިނުމަށް އެދި، ޝިފާޒާ އިބްރާހީމްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި ދަޢުވާ ރައްދުވާ ފަރާތަކީ ފެލިދެއަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާއެވެ.

ބުނެވިދިޔަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/25 ޤަޟިއްޔާއަކީ، ވ. ފުލިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 04/J1MC/2012 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، ޝިފާޒާ އިބްރާހީމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލައި ނިންމާފައިވާ ޤަޟިއްޔާއެކެވެ. އަދި ބުނެވިދިޔަ ހައިކޯޓުގެ ނަންބަރު 2013/HC-A/25 ޤަޟިއްޔާގައި ދަޢުވާ ރައްދުވާ ފަރާތަކީ ފެލިދެއަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާއެވެ.

ފާހަގަ ކުރެވުނު ނުކުތާތައް

މި މައްސަލައިގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި، ޤާނޫނުތަކަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/25 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، ވ. ފުލިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 04/J1MC/2012 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، ދަޢުވާކުރާ ފަރާތުންނާއި، ދަޢުވާލިބޭ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި ލިޔުންތަކަށާއި ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި އަދި މިބާވަތުގެ މައްސަލަތަކާ ގުޅޭ ޢާންމު ޤާނޫނީ މަބްދައުތަކުގެ މައްޗަށް ޝަރްޢީ އަދި ޤާނޫނީ ނަޒަރަކުން ބަލައި ވިސްނިއިރު، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައި ވެއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/25 ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް 10 އޮކްޓޯބަރ 2013 ގައި ފުރަތަމަ ފަހަރަށް ހުށަހެޅި، 04 ޑިސެންބަރ 2013 ގައި ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/52 ޤަޟިއްޔާގެ ގޮތުގައި ރަޖިސްޓްރީ ކުރެވުނުކަމާ، ނަމަވެސް، އޭގެ ފަހުން 24 އެޕްރީލް 2014 ގައި "ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު" ގެ 29 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން، އިސްވެ އިޝާރާތްކުރެވުނު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/52 ޤަޟިއްޔާގެ ދަޢުވާ ފޯމް ބާޠިލް ކުރެވިފައިވާ ކަމާއި، އެ މައްސަލަ ދެވަނަ ފަހަރަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅިފައިވަނީ 04 މެއި 2014 ގައި ކަމާ، އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަވާޢިދުގެ 75 ވަނަ މާއްދާގެ (ނ) އަށް ރިޢާޔަތްކޮށް، އެ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/23 ޤަޟިއްޔާގެ ގޮތުގައި ރަޖިސްޓްރީ ކުރެވިފައިވަނީ 19 މެއި 2014 ގައި ކަން އެނގެން އޮވެއެވެ.

ވ. ފުލިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 04/J1MC/2012 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ ދެކުނު ފަރާތުގައި ހުންނަ ރަސްކެފޭ އެވެ ކިޔާ ޢިމާރާތުގެ ދެކުނު ފަރާތު އަތިރިމަތިން ވ.ފުލިދޫ އެކުވެރިންގެ އުފާ ޖަމުޢިއްޔާގެ އިދާރީ މަރުކަޒެއް އެޅުމަށް 16 ފެބްރުއަރީ 2012 ދުވަހު ވ. ފުލިދޫ ރަށު ކައުންސިލްގެ އިދާރާއިން ދޫކޮށްފައިވާ ބިމަކީ މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީގެ ޤަވާޢިދުތަކަށް ނުފެތި، އަދި އެ އޮތޯރިޓީގެ ހުއްދަ ލިބިގެން ދޫކޮށްފައިވާ ބިމަކަށް ނުވާތީއާއި، ސަރުކާރުގެ ބިން ދޫކުރުމުގެ ސިޔާސަތާ ފުށުއަރާ ގޮތަށް ދޫކޮށްފައިވާ ބިމަކަށް ވުމާއި، މި ބިން ދޫކުރުމުގައި ސަރުކާރާ ގުޅުން ހުރި އެއްވެސް އިދާރާއެއްގެ ހުއްދަ ލިބުމަކާ ނުލައި، އަދި ވ. އަތޮޅު އަތޮޅު ކައުންސިލްގެ އިދާރާއިން އެބިން މިސަރަޙައްދުން ދޫނުކުރުމަށް ރަށު ކައުންސިލްގެ އިދާރާއަށް އަންގާފައި ވަނިކޮށް އެބިން އެތަނުން ދޫކޮށްފައިވުމާއި، މިގޮތަށް ވ.ފުލިދޫ ރަށު ކައުންސިލްގެ އިދާރާއިން ޢަމަލުކުރުމުން އެ ޤަޟިއްޔާގައި ދަޢުވާކުރާ ޝިފާޒާ އިބްރާހީމްގެ ޙައްޤުތަކެއް ގެއްލިގެން ދިއުމާއި، އެބިން އެ ސަރަޙައްދުން ދިނުމުން އެ ބިމުގައިވާ ދެރުއް ފިޔަވައި އެހެން ހުރިހައި ރުއްގަހަކީ ޝިފާޒާ އިބްރާހީމްގެ ޢާއިލާގެ ރުއްގަސް ކަމަށްވާތީ އާއި، އަދި މިބިން އެ ސަރަޙައްދުން ދޫކުރުމުގައި ތިމާވެށީގެ ގޮތުން ރަށާއި ސަރަޙައްދަށް ލިބިދާނެ ގެއްލުމެއް އެނގޭވަރުގެ އެއްވެސް ދިރާސާއެއް ކޮށަފައިނެތުމާއި، މިސަރަޙައްދުގައި މިހާރު ހުރި ބޮޑެތި ރުއްގަސް ކެނޑުމުން މިސަރަޙައްދު އާދަޔާ ޚިލާފަށް ގިރައިގެން ހިނގައިދާނެކަމުގެ ކަންބޮޑުވުން ފާހަގަކުރެވޭތީ މިބިމަކީ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި ޤަވާޢިދުތަކާއި އުޞޫލުތަކާ ޚިލާފަށް ދޫކޮށްފައިވާ ބިމެއްކަމަށް ޝަރީޢަތުން ކަނޑައަޅައި ދިނުމަށް އެދި، ފެލިދެ އަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާއަށް ދަޢުވާލިބޭ ގޮތަށް، ޝިފާޒާ އިބްރާހީމް ދަޢުވާކުރުމުން އެ ކޯޓުން ބަލައި ނިންމާފައިވާ ޤަޟިއްޔާއެއްކަން އެ ޤަޟިއްޔާގެ ދަޢުވާގެ ސީޣާއިން އެނގެން އޮންނައިރު، ފުލިދޫ އެކުވެރިންގެ އުފާ ޖަމްޢިއްޔާގެ އިދާރީ މަރުކަޒެއް އެޅުމަށް ވ. ފުލިދޫ ކައުންސިލްގެ އިދާރާއިން 16 ފެބްރުއަރީ 2012 ގައި ޙަވާލުކޮށްފައިވާ އިސްވެ އިޝާރާތްކުރެވުނު ބިމަކީ ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ދޫކޮށްފައިވާ ބިމެއްކަން ޝަރީޢަތުން ކަނޑައަޅާނެ ތަނެއް ނެތްކަމަށް ޝިފާޒާ އިބްރާހީމްއަށް އަންގައި، ޙަވާލާދެވުނު، ވ. ފުލިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 04/J1MC/2012 ޤަޟިއްޔާގައި ޙުކުމްކޮށްފައިވާކަން އެނގެން އޮވެއެވެ.

ވ. ފުލިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްވެ ޙަވާލާދެވުނު ނަންބަރު 04/J1MC/2012 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޝަރްޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާގޮތަށް ނޫންކަމަށް ބުނެ، ޝިފާޒާ އިބްރާހީމްގެ ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި، ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލައި ނިންމާފައިވާ އެ ކޯޓުގެ ނަންބަރު 2013/HC-A/25 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، ވ. ފުލިދޫ އެކުވެރިންގެ އުފާ ޖަމްޢިއްޔާގެ އިދާރީ މަރުކަޒެއް އެޅުމަށް ވ. ފުލިދޫ ކައުންސިލްގެ އިދާރާއިން 16 ފެބްރުއަރީ 2012 ގައި ޙަވާލުކޮށްފައިވާ ބިމަކީ ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ދޫކޮށްފައިވާ ބިމެއްކަމަށް ޝަރީޢަތުން ކަނޑައަޅާނެ ތަނެއް ނެތްކަމަށް ވ. ފުލިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 04/J1MC/2012 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަށް ހައިކޯޓުގެ ބުނެވިދިޔަ ނަންބަރު 2013/HC-A/25 ޤަޟިއްޔާ ބެލުމުގައި ބައިވެރިވި ފަނޑިޔާރުންގެ އިއްތިފާޤުން ތާއީދުކޮށްފައިވާކަން އެނގެން އޮވެއެވެ.

ޤާނޫނީ ދައުލަތެއް އެ މައްޗަށް ބިނާވެގެންވާ އެންމެ މުހިއްމު އެއް އަސާސަކީ "މަބްދައުލް މަޝްރޫޢިއްޔާ" (Principle of Legality) ނުވަތަ ދައުލަތުގެ އެންމެހައި ބާރުތަކާއި އިދާރާތަކާއި މުއައްސަސާތަކާއި އަފްރާދުން ޤާނޫނުއަސާސީއަށާއި ޤާނޫނުތަކަށާއި ޤަވާޢިދުތަކަށް ބޯލަބައި ތަބާވުމުގެ އަސާސްކަމާއި، މިއަސާސްގެ މައްޗަށް ރިޢާޔަތްކުރާއިރު، ދައުލަތުގެ އެންމެހައި އިދާރާތަކާއި މުއައްސަސާތަކުގެ ޢަމަލުތަކާއި ތަޞައްރުފާތުތަކާއި އިދާރީ އެންމެހައި ޤަރާރުތަކާއި އަމުރުތައް ބައްޓަންވެގެން ވާންވާނީ ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި ޤަވާޢިދުތަކާ އެއްގޮތްވާގޮތުގެ މަތިންކަމާއި، ޤާނޫނުއަސާސީއާއި، ޤާނޫނުތަކާއި، ޤަވާއިދުތަކާ ޚިލާފު އިދާރީ ޤާރާރުތަކާއި، އިދާރީ ޢަމަލުތަކާއި ތަޞައްރުފާތުތަކަކީ އެއަށް މަޝްރޫޢިއްޔަތުކަން ލިބިގެންނުވާ ބާޠިލު ކަންތަކެއްކަން އެނގެން އޮންނައިރު، ވ. ފުލިދޫ ރަށު ކައުންސިލްގެ އިދާރާގެ ފަރާތުން އެކައުންސިލްގެ އިޚްތިޞާޞް ހިނގާ ދާއިރާގައި ހިމެނޭ ބިންބިމާބެހޭގޮތުން ނިންމާ ނިންމުންތަކާއި ޤަރާރުތަކަކީ ޢަމަލުކުރެވޭ ކަމާބެހޭ ޤަނޫނުތަކާއި ޤަވާޢިދުތަކާ ޚިލާފު ނޫން ނިންމުންތަކަކަށް ވާންޖެހޭނެކަމާ، މިގޮތުން ދެކުނު ފަރާތުގައި ހުންނަ ރަސްކެފޭ އެވެ ކިޔާ ޢިމާރާތުގެ ދެކުނު ފަރާތު އަތިރިމަތިން ވ.ފުލިދޫ އެކުވެރިންގެ އުފާ ޖަމުޢިއްޔާގެ އިދާރީ މަރުކަޒެއް އެޅުމަށް ވ. ފުލިދޫ ރަށު ކައުންސިލްގެ އިދާރާއިން ދޫކޮށްފައިވާ އިސްވެ އިޝާރާތްކުރެވުނު ބިން ދޫކުރުމަށް އެއިދާރާގެ ނަންބަރު 06/2011/357 ޤަރާރުން ނިންމާފައިވާ ނިންމުން ޞައްޙަވާނީ، އެނިންމުމަކީ ކަމާބެހޭ ޤާނޫނުތަކާއި ޤަވާޢިދުތަކާ އެއްގޮތްވާގޮތުގެ މަތިން ނިންމާފައިވާ ނިންމުމެއްކަމުގައި ވާނަމަކަން އެނގެން އޮވެއެވެ.

ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރްކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 23 ވަނަ މާއްދާގައި ރަށު ކައުންސިލްގެ ބާރުތަކާއި މަސްއޫލިއްޔަތުތައް ބަޔާންވެގެންވާގޮތުގެ މައްޗަށް ބަލާއިރު، ރައްޔިތުންގެ ބައިވެރިވުމާއެކު އެކުލަވާލައި އަތޮޅު ކައުންސިލަށް ފޮނުވޭ ރަށުގެ ތަރައްޤީގެ ޕްލޭނަށް ރިޢާޔަތް ކުރެވިގެން ސަރުކާރުން އެކަށައަޅާ މަޝްރޫޢުތަކުގެ ތެރެއިން، ރަށު ކައުންސިލުން ތަންފީޒުކުރުމަށް ރަށު ކައުންސިލާ ސަރުކާރުން ޙަވާލުކުރާ ތަރައްޤީގެ މަޝްރޫޢުތައް ތަންފީޒުކުރުމާއި، ތަރައްޤީގެ އެކިއެކި މަޝްރޫޢުތައް ހިނގާނުހިނގާގޮތް ބެލުމުގައި މިނިސްޓްރީތަކަށާއި، އަތޮޅު ކައުންސިލަށް އެހީތެރިވެދީ، ތަރައްޤީގެ މަޝްރޫޢުތައް ތަންފީޒުކުރުމުގައި އަތޮޅުކައުންސިލަށް ޖަވާބުދާރީވެ، އެ މިނިސްޓްރީތަކުންނާއި އަތޮޅު ކައުންސިލުން ކަނޑައަޅާ ގޮތަކަށް ޤަވާޢިދުން ރިޕޯޓު ހުށަހެޅުމާއި، ދިވެހިރާއްޖޭގެ ޤާނޫނުތަކާ އެއްގޮތްވާގޮތުގެ މަތިން، އިޤްތިޞާދީ ނުވަތަ އިޖްތިމާޢީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި ބިންބިމާއި ފަރާއި ފަޅު ހޯދުމާއި، މިލްކުކުރުމާއި، އެފަދަ ތަންތަން އެހެން ފަރާތްތަކަށް ކުއްޔަށް ދޫކުރުމާއި، އެފަދަ ތަންތަނުގައި އިންވެސްޓްކުރުމާއި، އަދި އެފަދަ އިންވެސްޓްމެންޓްތައް ކައުންސިލްގެ ނަމުގައި މިލްކު ކުރުމާއި، އަތޮޅު ކައުންސިލްގެ ލަފަޔާއި އިރްޝާދުގެ މަތިން އަދި ބިމާބެހޭ ޤާނޫނާއި ރަށުގެ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން ސަރުކާރުގެ ބިމާބެހޭ ޤައުމީ އިދާރާއިން ރަށު ކައުންސިލާ ޙަވާލުކޮށްފައިވާ ފަޅާއި ބިން އެކި ބޭނުމަށް ކުއްޔަށް ދޫކުރުމާއި ދިނުމަކީ ރަށު ކައުންސިލްގެ މަސްއޫލިއްޔަތުތަކާއި ބާރުތަކު ތެރޭގައި ހިމެނޭ ކަންތައްކަން ބުނެވިދިޔަ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރްކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 23 ވަނަ މާއްދާގެ (ށ) އާއި (ނ) އާއި (ރ) އާއި (އ) އާއި (ވ) އަށް ބެލުމުން އެނގެން އޮންނަކަމާ، އަދި ރަށު ކައުންސިލުން ދޭންޖެހޭ ޚިދުމަތްތަކުގެ ތެރޭގައި އިޖްތިމާޢީ މަރުކަޒުތަކާއި ކުޅިވަރު ކުޅޭ ޢާންމު ދަނޑުތަކާއި ބިންތައް ބެލެހެއްޓުމާއި، ކުޅިވަރުގެ ވަސީލަތްތަކާއި، ޢާންމު ޕާކުތަކާއި މުނިފޫހިފިލުވުމާބެހޭ ޚިދުމަތް ފޯރުކޮށްދިނުމާއި، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި ރަށުގެ ލޭންޑް ޔޫސް ޕްލޭނާ ތަޢާރުޟުނުވާ ގޮތުގެމަތިން ރަށުން ބިން ދޫކުރުމާއި، ބިމާއި ޢިމާރާތް ރަޖިސްޓްރީކުރުމާއި، ދިވެހިރާއްޖޭގެ ޢިމާރާތްކުރުމުގެ ޤަވާޢިދުތަކާއި ސަރުކާރުގެ މިނިސްޓްރީތަކުން ހަދާފައިވާ އެންމެހައި ޤަވާޢިދުތަކާ އެއްގޮތްވާގޮތުގެ މަތިން ރަށުގައި ޢިމާރާތްކުރުމުގެ ކަންކަން ބަލަހައްޓައި، އެކިއެކި ފަރާތްތަކުން ބިމާ ގުޅޭގޮތުން ހިންގާ ބިމާބެހޭ މުޢާމަލާތްތަކުގެ ރެކޯޑުތައް ބެލެހެއްޓުން ޝާމިލުވެގެންވާކަން ބުނެވިދިޔަ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރްކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 24 ވަނަ މާއްދާގެ (ވ) އާއި (ފ) އަށް ބެލުމުން އެނގެން އޮންނައިރު، ވ.ފުލިދޫ ކައުންސިލްގެ އިދާރާގެ އިސްވެ އިޝާރާތްކުރެވުނު ނަންބަރު 06/2011/357 ޤަރާރުން ވ.ފުލިދޫ އެކުވެރިންގެ އުފާގެ އިދާރީ މަރްކަޒެއް އެޅުމަށް ބިމެއް ދޫކުރުމަށް 13 އޮކްޓޯބަރ 2011 ގައި ނިންމާފައިވާ ނިންމުން ވާންޖެހޭނީ ބުނެވިދިޔަ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރްކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 23 ވަނަ މާއްދާއާއި 24 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ބިމާބެހޭ ޤާނޫނުތަކާއި ޤަވާޢިދުތަކާއި، ކަމާބެހޭ ވުޒާރާތަކުން ކަނޑައަޅައި ދައުލަތުގެ ޢާންމު ސިޔާސަތުތަކާއި، ރަށުގެ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތްވާގޮތުގެ މަތިން، ވ.އަތޮޅު އަތޮޅު ކައުންސިލްގެ ލަފަޔާއި އިރްޝާދުގެ މަތިންކަން އެނގެން އޮވެއެވެ.

ވ.ފުލިދޫ ކައުންސިލްގެ އިދާރާގެ އިސްވެ އިޝާރާތްކުރެވުނު ނަންބަރު 06/2011/357 ޤަރާރުން ވ.ފުލިދޫ އެކުވެރިންގެ އުފާގެ އިދާރީ މަރްކަޒެއް އެޅުމަށް ބިމެއް ދޫކުރުމަށް ފާސްކުރުމަށްފަހު، އެ ކައުންސިލްގެ ނަންބަރު 01/2012/357-A ސިޓީން ބުނެވިދިޔަ ބިން ދޫކުރުމުގެ ހުއްދައަށް އެދި 09 ފެބްރުއަރީ 2012 ގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރމެންޓް ގައި އެދުމުން، އެދިފައިވާގޮތުގެ މަތިން އެބިންދޫކުރުމުގެ އިޢުތިރާޟެއް ނެތްކަމަށް މިނިސްޓްރީ އޮފް ހައުސިންގެ އެންޑް އެންވަޔަރމަންޓުގެ އިދާރާއެއްކަމަށްވާ މޯލްޑިވްސް ލޭންޑް އެންޑް ސާރވޭ އޮތޯރިޓީގެ ނަންބަރު 1/2012/357/431-VR ސިޓީއިން 12 ފެބްރުއަރީ 2012 ގައި ވ.ފުލިދޫ ކައުންސިލްގެ އިދާރާއަށް ފުރަތަމަ އަންގާފައިވީނަމަވެސް، ވ.ފުލިދޫ އެކުވެރިންގެ އުފާ ޖަމްޢިއްޔާގެ އިދާރީ މަރްކަޒު އެޅުމަށް ދޫކޮށްފައިވާ ބިމަކީ، އެރަށު ގޮނޑުދޮށާއި 65 ފޫޓަށްވުރެ ކައިރިން ކަނޑައަޅާފައިވާ ބިމެއްކަމުގެ ޝަކުވާ އެ އޮތޯރިޓީއަށް ހުށަހެޅިފައިވާ ކަމަށާއި، ދިވެހިރާއްޖޭގެ ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ޤަވާޢިދުގައިވާ ގޮތުގެ މަތިން ބިން ދޫކުރާ ސަރަޙައްދާއި ހޭޅިފަށާ ދެމެދު 65 ފޫޓުގެ ދުރުމިނެއް ބާއްވަންޖެހޭކަމަށާއި، ވީމާ، ވ.ފުލިދޫ އެކުވެރިންގެ އުފާ ގެ އިދާރީ މަރްކަޒެއް އެޅުމަށް ދޫކޮށްފައިވާ ބިމަކީ އެ މިންގަޑަށް ނުފެތޭ ބިމެއްނަމަ އެބިން ދޫކުރުމަށް ނިންމި ނިންމުން ބާޠިލުކޮށް، އެކަށީގެންވާ އެހެން ސަރަޙައްދަކުން ބިން ކަނޑައެޅުމަށްފަހު އަލުން ހުށަހެޅުމަށް މޯލްޑިވްސް ލޭންޑް އެންޑް ސާރވޭ އޮތޯރިޓީގެ ނަންބަރު 2/2012/357/431VR ސިޓީއިން ވ. ފުލިދޫ ކައުންސިލްގެ އިދާރާއަށް އަންގާފައިވާކަން އެނގެން އޮވެއެވެ.

ވ. ފުލިދޫ "އެކުވެރިންގެ އުފާ" ޖަމްޢިއްޔާގެ އިދާރީ މަރްކަޒު އެޅުމަށް ދޫކޮށްފައިވާ ބިމަކީ ފުލިދޫގެ ގޮނޑުދޮށާ 65 ފޫޓަށްވުރެ ކައިރިން ކަނޑައަޅާފައިވާ ބިމެއްކަމުގެ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކަށް ލިބިފައިވާތީއާއި، އަދި ގޮނޑުދޮށާ 65 ފޫޓަށްވުރެ ކައިރިން ބިން ނެގުމަކީ ކަމާބެހޭ މިނިސްޓްރީން ޤަބޫލުކުރާ ކަމަކަށް ނުވާތީ އެ ބިންނެގުމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރަމަންޓުން ދީފައިވާ ހުއްދަ ބާޠިލު ކޮށްފިކަން އެމިނިސްޓްރީގެ ނަންބަރު 1/2012/235/431-VR (19 ފެބްރުއަރީ 2012) ސިޓީއިން އަންގާފައިވާތީ، އެހެން ސަރަޙައްދަކުން ގޮނޑުދޮށުން ފެށިގެން 65 ފޫޓަށްވުރެ ކައިރިނުވާގޮތަށް ބިން ނެގުމަށްފަހު ވ.އަތޮޅު އަތޮޅު ކައުންސިލްގެ އިދާރާއަށް އަންގައިދިނުމަށާ، އަދި ފުލިދޫ "އެކުވެރިންގެ އުފާ" ޖަމްޢިއްޔާގެ އިދާރީ މަރްކަޒު އެޅުމަށް މިހާރު ދޫކޮށްފައިވާ ބިން ދިނުމުގެ މަސައްކަތް ހުއްޓާލުމަށް އެދި ވ.އަތޮޅު އަތޮޅު ކައުންސިލްގެ އިދާރާގެ ރެފްނަންބަރ 96/2012/FAX/235-D ފެކްސް މެސެޖުން 20 ފެބްރުއަރީ 2012 ގައި ވ. ފުލިދޫ ކައުންސިލްގެ އިދާރާއަށް އަންގާފައިވާކަން އެނގެން އޮންނައިރު، ވ. ފުލިދޫ "އެކުވެރިންގެ އުފާ" ޖަމްޢިއްޔާއަށް ފުލިދޫ ރަސްކެފޭ ކުރިމަތިން ބިން ދޫކުރުމުގެ މައްސަލައިގައި ވ. އަތޮޅު އަތޮޅު ކައުންސިލްގެ އިދާރާއިން ވ. ފުލިދޫ ކައުންސިލްގެ އިދާރާއަށް އަރުވާފައިވާ ލަފަޔަކީ ބަޔާންވެދިޔަ ބިން ދޫކުރުމުގެ މަސައްކަތް ހުއްޓާލުމަށްފަހު އެހެން ސަރަޙައްދަކުން ބިން ދޫކުރުންކަން މިމައްސަލައިގައި ހުށަހެޅިފައިވާ ލިއުންތަކުން އެނގެން އޮންނަކަމާއި، ބުނެވިދިޔަ ބިން ދޫކުރުމުގައި ވ.އަތޮޅު އަތޮޅު ކައުންސިލްގެ ލަފަޔާއި އިރްޝާދުގެ މަތިން ޢަމަލުކުރުމަކީ ވ. ފުލިދޫ ކައުންސިލްގެ މައްޗަށް ޤާނޫނީގޮތުން ލާޒިމްވެގެންވާ ކަމެއްކަން އިސްވެ އިޝާރާތްކުރެވުނު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރްކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 23 ވަނަ މާއްދާގެ (ވ) ގެ ޞަރީޙަ ނައްޞުން ސާފުކޮށް އެނގެން އޮންނައިރު، ބުނެވިދިޔަ ލަފަޔާއި އިރްޝާދުގެ މަތިން ޢަމަލުކުރުމަކާ ނުލައި، ބަޔާންވެދިޔަ ބިމަކީ އެ ކައުންސިލުން ޤާނޫނާ ޤަވާޢިދާ އެއްގޮތްވާގޮތުގެ މަތިން ދީފައިވާ ބިމެއްކަމަށް ބުނެ، އެބިމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ގެންދާނެކަން ހާމަކޮށް ވ.ފުލިދޫ ކައުންސިލްގެ އިދާރާގެ ފަރާތުން 21 ފެބްރުއަރީ 2012 ގައި، އެ އިދާރާގެ ނަންބަރު 03/2012/357-A ސިޓީ ވ.އަތޮޅު އަތޮޅު ކައުންސިލްގެ އިދާރާއަށް ފޮނުވާފައިވާކަން އެނގެން އޮވެއެވެ.

ވ. ފުލިދޫ "އެކުވެރިންގެ އުފާ" ޖަމްޢިއްޔާއަށް ފުލިދޫ ރަސްކެފޭ ކުރިމަތިން ބިން ދޫކުރުމުގެ މައްސަލާގައި ވ. އަތޮޅު އަތޮޅު ކައުންސިލްގެ އިދާރާއިން ވ. ފުލިދޫ ކައުންސިލްގެ އިދާރާއަށް އަރުވާފައިވާ އިސްވެ އިޝާރާތްކުރެވުނު ލަފަޔާމެދު ހިތްހަމަ ނުޖެހޭނަމަ އިދާރީގޮތުން "ތަފާހުމީ" (mutual understanding) ވަސީލަތަކަށް އިސްކަން ދިނުމަކާނުލައި، އަދި "ޤަޟާއީ" (judicial) ނުވަތަ ޝަރީޢަތުން ޙައްލު ހޯދުމުގެ މަގު އިޚްތިޔާރުކުރުމަކާ ނުލައި، އެ ލަފަޔާމެދު ޗެލެންޖުކޮށް އެލަފަޔާ އެއްގޮތްވާގޮތުގެ މަތިން ޢަމަލުނުކުރުމަށް ނިންމުމަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރްކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ރ) އިން ޤާއިމުކޮށްފައިވާ، ރަށު ކައުންސިލުން އެރަށެއް ހިމެނޭ އަތޮޅެއްގެ އަތޮޅު ކައުންސިލަށް ޖަވާބުދާރީވުމުގެ އުޞޫލާ ތަޢާރުޟުވާ ކަމަކަށް ވުމުގެ އިތުރުން، އެއީ ބުނެވިދިޔަ ޤާނޫނުގެ 23 ވަނަ މާއްދާގެ (ވ) ގެ ޞަރީޙަ ނައްޞާ ވެސް ކަނޑައެޅިގެން ޚިލާފު ކަމެއްކަން އެނގެން އޮވެއެވެ.

ދިވެހިރާއްޖޭގެ ބިމާއި ގޯތި ދޫކޮށް ލިބިގަނެ، މިލްކު ކޮށް، ވިއްކައި، ކުއްޔަށްދީ، ބޭނުންކޮށް، ގެންގުޅެ، ބިމާއި ގޯއްޗާބެހޭ އެންމެހައި މުޢާމަލާތު ކުރަންވާނީ ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އާ އެއްގޮތްވާގޮތުގެ މަތިންކަމަށް އެ ޤާނޫނުގެ 2 ވަނަ މާއްދާގައި ކަނޑައަޅައި ބަޔާންކުރުމަށްފަހު، އެ ޤާނޫނުގެ 9 ވަނަ މާއްދާގެ (ހ) ގައި ދިރިއުޅުމަށްޓަކައި ގެދޮރު އެޅުމަށާއި، ޢިމާރާތްކުރުމަށް އެކަށައަޅާ ބިންބިން ފިޔަވައި، މިނިސްޓްރީތަކާ ޙަވާލުކުރެވޭ ބިން އެ މިނިސްޓްރީއަކުން ދޫކުރަންވާނީ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި، އެކި ބޭނުންތަކަށާއި ކަންކަމަށް އެކަށައަޅާ ބިންބިމާބެހޭ ޤާނޫނުތަކާއި، އެ ޤާނޫނުތަކުގެ ދަށުން ހަދާ ޤަވާޢިދުގައިވާ ގޮތުގެމަތިން، އެ މިނިސްޓްރީއާއި ބިންދޫކުރެވޭ ފަރާތާ ދެމެދު، ލިޔުމަކުން ކުރެވޭ އެގްރީމެންޓެއްގެ ދަށުންކަމަށް ބަޔާންކޮށްފައި ވާކަމާއި، ދިރިއުޅުމަށްޓަކައި ގެދޮރު އެޅުމަށާއި، ޢިމާރާތްކުރުމަށް އެކަށައަޅާ ބިންބިން ފިޔަވައި ބިން އެކަށައެޅޭ ޙާލަތްތަކަކީ އިޤްތިޞާދީ ބޭނުންތަކަށާއި، އިޖްތިމާޢީ ބޭނުންތަކަށާއި، ތިމާވެށި ރައްކާތެރިކުރުމަށާއި، ދައުލަތުގެ ބޭނުމަށް ކަން ބުނެވިދިޔަ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާއިން އެނގެން އޮތުމުން، ދިރިއުޅުމަށްޓަކައި ގެދޮރު އެޅުމަށާއި، ޢިމާރާތްކުރުމަށް އެކަށައަޅާ ބިންބިން ފިޔަވައި ބިމާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ ބޭނުންތަކާއި ކަންކަމަށް އެކަށައެޅޭ ބިން ޙަވާލުކުރެވޭ މިނިސްޓްރީއަކުން އެބިން ދޫކުރަންވާނީ އެހެން ޤާނޫނަކުން ނުވަތަ ޤަވާޢިދަކުން އިސްތިސްނާ ނުކުރާހާ ހިނދަކު، އެ މިނިސްޓްރީއާއި ބިންދޫކުރެވޭ ފަރާތާ ދެމެދު ލިޔުމަކުން ކުރެވޭ އެގްރީމެންޓެއްގެ ދަށުންކަމާއި، އެ އެގްރީމެންޓަކީ ލިއުމުން އޮންނަންޖެހޭ ޞަރީޙަ އެގްރީމެންޓެއްކަމާއި، އެއީ އެއްވެސް ޙާލެއްގައި ޟިމްނީ އެގްރީމެންޓެއް ނޫންކަން ބުނެވިދިޔަ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 9 ވަނަ މާއްދާގެ ނައްޞުން ސާފުކޮށް އެނގެން އޮންނައިރު، ހައިކޯޓުގެ އިސްވެދިޔަ ނަންބަރު 2013/HC-A/25 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ (ކ) ގައި، ވ.ފުލިދޫ "އެކުވެރިންގެ އުފާ" ޖަމްޢިއްޔާއަށް ދިނުމަށް އެރަށު ކައުންސިލުން ނިންމާފައިވާ ބިން ދޫކުރުމުގެ ހުއްދައަށް އެދި ކަމާބެހޭ މިނިސްޓްރީގެ ކަމާބެހޭ އިދާރަގައި އެދުމުން، އެބިން ދޫކުރުމުގައި އެއިދާރާއިން އިޢުތިރާޟު ނުކުރާކަމަށް އަންގާފައި އޮންނަ އޮތުމަކީ ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީއާއި ރަށުކައުންސިލްގެ އިދާރާއާ ދެމެދު އެބިން ދޫކުރުމަށް ވެވިފައިވާ އެއްބަސްވުމެއް ކަމަށާއި، އިޖްތިމާޢީ ބޭނުންތަކަށް ނުވަތަ ކުލަބު ޖަމްޢިއްޔާތަކުގެ އިދާރީ މަރްކަޒެއް އެޅުމަށް ދޫކުރާ ބިމާބެހޭގޮތުން ބިމާއި ޢިމާރާތުގެ ރަޖިސްޓްރީގައި ބަޔާންކުރެވިފައިވާ އުޞޫލުތަކަކީ ބިމާބެހޭ ޤާނޫނުގެ 9 ވަނަ މާއްދާގެ ދަށުން ބިން ދޫކުރުމުގައި ވެވޭ އެއްބަސްވުން ކަމަށް ބެލެވޭނެކަމަށް ފާހަގަކޮށް، ކޮށްފައިވާ ތަފްސީރަކީ ނުވަތަ މާނަކުރުމަކީ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 9 ވަނަ މާއްދާގެ (ހ) ގެ "މަންޠޫޤު" (منطوق) (text) އާ އަދި "މަފްހޫމް" (مفهوم) (intendment) އާވެސް ޚިލާފު މާނަކުރުމެއް ކަމާ، އެހެނީ އެ މާއްދާގެ އެއަކުރުގައި ބަޔާންވެގެން އެވަނީ ކަމާބެހޭ މިނިސްޓްރީއާއި ބިން ދޫކުރެވޭ ފަރާތާ ދެމެދު ލިޔުމަކުން ކުރެވޭ އެގްރީމެންޓެއްގެ ވާހަކަ ކަމާއި، ބިން ދޫކުރުމުގެ އިޖްރާއާތު ފުރިހަމަ ކުރުމަށްޓަކައި ލާޒިމްވާ، ހުއްދައާއި، ބިމާއި ޢިމާރާތުގެ ރަޖިސްޓަރީ ފަދަ ކަމާގުޅޭ އެހިނިހެން މުސްތަނަދު (document) ތަކަކީ އެއްވެސް ޙާލެއްގައި ލިޔުމަކުން ކުރެވޭ އެގްރީމެންޓެއްކަމުގައި ނުބެލެވޭނެކަމާއި، ބުނެވިދިޔަ އެގްރިމެންޓުގައި ކަމާބެހޭ މިނިސްޓްރީ އާއި ބިން ދޫކުރެވޭ ފާރާތަށް ޤާނޫނުތަކާއި ޤަވާޢިދުތަކުގެ ޙުދޫދުގެ ތެރޭގައި ލިބިދެވޭ ޙައްޤުތަކާއި އަދާކުރަންޖެހޭ އިލްތިޒާމްތައް ބަޔާންކުރަންވާނެކަމާ، އަދި ވަކިން ޚާއްޞަކޮށް ބިންދޫކުރެވޭ ފަރާތުން އެބިން ބޭނުންކުރުމުގަޔާއި، އެ ބިމާބެހޭ ގޮތުން މުޢާމަލާތްކުރުމުގައި ތަބާވާންޖެހޭ ކަންތައްތައް ބަޔާންވެގެންވާން ވާނެކަން ބުނެވިދިޔަ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 9 ވަނަ މާއްދާގެ (ށ) އިން ރަނގަޅަށް އެނގެން އޮވެއެވެ.

މީހުން ދިރިއުޅޭ ރަށްރަށުން ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ފިޔަވައި އެހެނިހެން ބޭނުންތަކަށް ސަރުކާރާއި އަމިއްލަ ފަރާތްތަކަށް ބިން ދޫކުރުމާ ބެހޭގޮތުން ޤަވާޢިދެއް އެކުލަވާލެވިފައިވާ ކަމާއި، އެއީ "ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ފިޔަވައި އެހެނިހެން ބޭނުންތަކަށް ސަރުކާރާއި އަމިއްލަ ފަރާތްތަކަށް ބިން ދޫކުރުމާއިބެހޭ ޤަވާޢިދު – 1 މާރޗް 2008 " ކަމާއި، އެ ޤަވާޢިދުގެ 4 ވަނަ މާއްދާގެ (ހ) ގައި އަމިއްލަ ފަރާތްތަކަށް ބިން ދޫކުރަންވާނީ އެބިން ޙަވާލުކުރެވޭފަރާތާއި އެ އަތޮޅެއްގެ އަތޮޅު އޮފީހާ ދެމެދުވެވޭ އެއްބަސްވުމެއްގެ ދަށުން ކަމުގައި ބަޔާންކޮށްފައިވާ ކަމާއި، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރްކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ފާސްކުރުމުގެ ކުރިން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަކުގައި ހިނގަމުންއައި އަތޮޅު އޮފީސްތައް އެ ޤާނޫނަށް ޢަމަލުކުރަންފެށުމާއެކު ހިނގަމުން ދާނީ އަތޮޅު ކައުންސިލްގެ އިދާރާގެ ނަމުގައި ކަމަށާއި، އަދި އެ ޤާނޫނު ފާސްވުމުގެ ކުރިން އިދާރީ ދާއިރާތަކުގައި ހިނގަމުންއައި ރަށު އޮފީސްތައް އެ ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު ހިނގަމުންދާނީ ރަށު ކައުންސިލްގެ އިދާރާގެ ގޮތުގައި ކަމަށް ބުނެވިދިޔަ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރްކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 128 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމާ، އަދި އެ ޤާނޫނުގެ 123 ވަނަ މާއްދާގައި އަތޮޅު ކައުންސިލްގެ ލަފަޔާއި އިރްޝާދުގެ މަތިން އަދި ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި ރަށުގެ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތްވާގޮތުގެ މަތިން ސަރުކާރުގެ ބިމާބެހޭ ޤައުމީ އިދާރާއިން ރަށު ކައުންސިލާ ޙަވާލުކޮށްފައިވާ ބިން އެކި ބޭނުމަށް ކުއްޔަށް ދިނުމަކީ ރަށު ކައުންސިލްގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ކަމެއްކަމަށް ކަނޑައަޅައި ބަޔާންކޮށްފައި ވާކަމާއި؛ މިކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް، ވ. ފުލިދޫ "އެކުވެރިންގެ އުފާ" ޖަމްޢިއްޔާގެ އިދާރީ މަރުކަޒެއް އެޅުމަށް އެރަށު ކައުންސިލްގެ އިދާރާއިން 16 ފެބްރުއަރީ 2012 ގައި ބިން ދޫކޮށްފައިވާ މައްސަލާގައި ޙަވާލާދެވުނު "ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ފިޔަވައި އެހެނިހެން ބޭނުންތަކަށް ސަރުކާރާއި އަމިއްލަ ފަރާތްތަކަށް ބިން ދޫކުރުމާބެހޭ ޤަވާޢިދުގެ 4 ވަނަ މާއްދާގެ (ހ) ތަޠްބީޤުކުރާއިރު، އިޝަރާތްކުރެވުނު ބިން ޙަވާލުކުރެވުނު ވ.ފުލިދޫ އެކުވެރިންގެ އުފާއާއި، ވ. ފުލިދޫ ކައުންސިލާ ދެމެދު އެ ބިން ދޫކުރުމާބެހޭގޮތުން ވެވޭ އެއްބަސްވުމެއް އޮތުން ލާޒިމުވާނެކަމާ، ނަމަވެސް އެފަދަ އެއްބަސްވުމެއް އެ ދެފަރާތުގެ މެދުގައި ވެފައި ނެތްކަން އެނގެން އޮތުމުން ބުނެވިދިޔަ ބިން ވ.ފުލިދޫ އެކުވެރިންގެ އުފާއާ ޙަވާލުކުރެވިފައިވަނީ "ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ފިޔަވައި އެހެނިހެން ބޭނުންތަކަށް ސަރުކާރާއި އަމިއްލަ ފަރާތްތަކަށް ބިން ދޫކުރުމާބެހޭ ޤަވާޢިދުގެ 4 ވަނަ މާއްދާގެ (ހ) އާ އެއްގޮތްވާގޮތުގެ މަތިން ނޫންކްން އެނގޭކަމާ، އަދި މީގެ އިތުރުން އިޖްތިމާޢީ ބޭނުންތަކަށް އަމިއްލަ ފަރާތްތަކަށް ނުވަތަ ކުލަބް ޖަމްޢިއްޔާ ތަކަށް ޙަވާލުކުރެވޭ ބިންތަކުގެ ރަޖިސްޓްރީ އެއަތޮޅެއްގެ އަތޮޅުއޮފީހުން އެފަރާތަކަށް ހަދައިދޭންވާނެ ކަމަށާއި، މިގޮތުން ދޫކުރެވޭ ބިން ކަނޑައެޅޭ މުއްދަތެއްގައި ބޭނުން ނުކުރާނަމަ ނުވަތަ އެކުލަބެއް ނުވަތަ ޖަމްޢިއްޔާއެއް އުވާލުމުން އެބިންތައް އެފަރާތުން ވަކިކުރެވޭނެ އުޞޫލެއް ކަނޑައަޅައި، ރަޖިސްޓްރީގައި ބަޔާންކުރެވިފައި އޮންނަންވާނެކަމަށް ޙަވާލާދެވުނު ޤަވާޢިދުގެ 4 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައި އޮންނައިރު، ފެލިދެއަތޮޅު ފުލިދޫ ކައްންސިލްގެ އިދާރާގެ ފަރާތުން ފުލިދޫ އެކުވެރިންގެ އުފާ ޖަމްޢިއްޔާ އަށް ހަދާދީފައިވާ ބިމުގެ ރަޖިސްޓްރީ (ރަޖިސްޓްރީ ނަންބަރ: 01/2014/357-A) ގައި ބުނެވިދިޔަ ޤަވާޢިދުގެ 4 ވަނަ މާއްދާގެ (ރ) ގައި ބުނެފައިވާ ކަންތައް ބަޔާންކޮށްފައި ނުވާކަން އެ ރަޖިސްޓްރީއަށް ބެލުމުން ރަނގަޅަށް އެނގެން އޮވެއެވެ.

ވ.ފުލިދޫ "އެކުވެރިންގެ އުފާ" އަށް ދޫކުރެވުނު ބިން ރަޖިސްޓްރީކުރުމަށް ވ. ފުލިދޫ ކައުންސިލްގެ ނަންބަރު 357-A/2013/1 (04 ޑިސެމްބަރ 2013) ޤަރާރުން ނިންމާފައިވާ ނިންމުން، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު 23 ވަނަ މާއްދާގެ (ލ) އާ ތަޢާރުޟުވާތީ، އެނިންމުން ބާޠިލުކުރުމަށް 25 މާރޗް 2014 ގައި ބޭއްވުނު ވ.ފުލިދޫ ކައުންސިލްގެ 2014 ވަނަ އަހަރުގެ 4 ވަނަ ޖަލްސާގައި ފާސްކޮށްފައިވާ ކަން މިމައްސަލާގައި ދަޢުވާ ރައްދުވާ ވ. ފުލިދޫ ކައުންސިލްގެ އިދާރާގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ފެލިދެ އަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާގެ ނަންބަރު 04/2014/357-A (ކައުންސިލްގެ 2014 ވަނަ އަހަރުގެ 04 ވަނަ ޖަލްސާގެ) ޔައުމިއްޔާއަށް ބެލުމުން އެނެގެން އޮންނަކަމާއި، ޙަވާލާދެވުނު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 23 ވަނަ މާއްދާގެ (ލ) ގައި "މީހުންގެ އަމިއްލަ ބިންތަކާއި މުދާ ޢާންމު ބޭނުމަށްޓަކައި ކޮންމެހެން ނަގަން ޖެހިއްޖެނަމަ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ޢަދުލުވެރި ބަދަލު ދިނުމަށްފަހު އެފަދަ ތަންތަން ނެގުން" މިފަދައިން ކަނޑައަޅައި ބަޔާންކޮށްފައިވާ އިރު، އެއީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ށ) އިން ކަށަވަރުކޮށްދީފައިވާ އުޞޫލެއްކަމާއި؛ ވ. ފުލިދޫ އެކުވެރިންގެ އުފާ ޖަމްޢިއްޔާއަށް ދޫކުރެވުނު ބަޔާންވެދިޔަ ބިމުގައި އަމިއްލަ ފަރުދުންގެ ރުއްގަސްތައް ހުރިކަމާއި، އޭގެ ތެރޭގައި މިމައްސަލާގައި ދަޢުވާކުރާ ޝިފާޒާ އިބްރާހީމުގެ ޢާއިލާގެ ރުއްގަސްތައް ހުރިކަން މިމައްސަލާގައި ދެކެވެނު ވާހަކަތަކުންނާއި ހުށަހެޅިފައިވާ ލިއުންތަކުން އެނގެން އޮންނަކަމާ، ނަމަވެސް އެރުއްގަސްތަކުގެ މިލްކުވެރިންނަށް ޢަމަލުކުރެވޭ ޤާނޫނުތަކާ ޤަވާޢިދުތަކާ އެއްގޮތްވާ ގޮތުގެމަތިން އެއްވެސް ޝަރްޢީ ބަދަލެއް ދެވިފައިނުވާކަން އެނގެން އޮތުމުން ބުނެވިދިޔަ ބިން ވ. ފުލިދޫ އެކުވެރިންގެ އުފާ ޖަމްޢިއްޔާއަށް ދޫކުރެފައިވަނީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަން އެނގެން އޮވެއެވެ.

ބަޔާންވެދިޔަ ކަންތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، ވ. ފުލިދޫ އެކުވެރިންގެ އުފާ ޖަމްޢިއްޔާގެ އިދާރީ މަރުކަޒެއް އެޅުމަށް، ވ. ފުލިދޫ ކައުންސިލްގެ އިދާރާއިން 16 ފެބްރުއަރީ 2012 ގައި ޙަވާލުކޮށްފައިވާ، އިސްވެ އިޝާރާތްކުރެވުނު ބިން ދޫކޮށްފައިވަނީ ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތް ލާމަރްކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ވ) އާއި (ލ) އާއި، ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 9 ވަނަ މާއްދާގެ އިތުރުން، "ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ފިޔަވައި އެހެނިހެން ބޭނުންތަކަށް ސަރުކާރާއި އަމިއްލަ ފަރާތްތަކަށް ބިން ދޫކުރުމާއިބެހޭ ޤަވާޢިދު – 1 މާރޗް 2008 " 4 ވަނަ މާއްދާގެ (ހ) އާއި، (ރ) އާ ޚިލާފަށްކަން ސާފުކޮށް އެނގެން އޮންނައިރު، ވ. ފުލިދޫ އެކުވެރިންގެ އުފާ ޖަމްޢިއްޔާގެ އިދާރީ މަރުކަޒެއް އެޅުމަށް ވ. ފުލިދޫ ކައުންސިލްގެ އިދާރާއިން 16 ފެބްރުއަރީ 2012 ގައި ޙަވާލުކޮށްފައިވާ ބިމަކީ ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ދޫކޮށްފައިވާ ބިމެއްކަމަށް ޝަރީޢަތުން ކަނޑައަޅާނެ ތަނެއް ނެތްކަމަށް ވ. ފުލިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 04/J1MC/2012 ޤަޟިއްޔާއިން ކޮށްފައވާ ޙުކުމަށް ހައިކޯޓުގެ ނަންބަރު 2013/HC-A/25 ޤަޟިއްޔާއިން ތާއީދުކޮށް، ކޮށްފައިވާ ޙުކުމް ބިނާކޮށްފައިވަނީ ޞައްޙަ ޝަރްޢީ އަދި ޤާނޫނީ އަސާސްތަކެއްގެ މައްޗަށް ނޫންކަން އެނގެން އޮވެއެވެ.

ޙުކުމް:

އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެމަތިން ހުރުމާއެކު، ވ.ފުލިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 04/J1MC/2012 ޤަޟިއްޔާގެ ޙުކުމް ބިނާކޮށްފައިވަނީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަން އެނގެން އޮންނާތީ އެ ޙުކުމަކީ ބާޠިލު ޙުކުމެއްކަމަށް ކަނޑައެޅުމާއެކު، އެ ޙުކުމަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ އެކޯޓުގެ ނަންބަރު 2013/HC-A/25 ޤަޟިއްޔާގެ ޙުކުމަކީ ބާޠިލު ޙުކުމެއްކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.

ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ

ފަނޑިޔާރު ޢަބްދުﷲ ޢަރީފް

ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ