ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2014/SC-A/25ސުޕްރީމް ކޯޓު · 25 ޖުލައި 2019

—

ސުޕްރީމް ކޯޓު
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 25 ޖުލައި 2019ބާވަތް: ފައިސާ ހޯދުން

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ

ޤަޟިއްޔާ ނަންބަރު: 2014/SC-A/25

ދަޢުވާކުރާ ފަރާތް: އިބްރާހީމް ތައުފީޤު

ދަޢުވާ ލިބޭ ފަރާތް: ޢަބްދުﷲ މަޖީދު

މައްސަލައިގެ ބާވަތް: ފައިސާ ހޯދުން

މައްސަލަ އައިގޮތް: އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

ހުށަހެޅުނު ތާރީޚް: 08 މޭ 2014

ރަޖިސްޓްރީ ކުރެވުނު ތާރީޚް: 03 ޖޫން 2014

ނިމުނު ތާރީޚް: 22 ޖުލައި 2019

މައްސަލަ ނިންމި ގަޑި: 11:12

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ

އިލްތިމާސްކުރެވުނު ޤަޟިއްޔާ

ނަންބަރު: 2013/HC-A/252

ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު

ރަޖިސްޓްރީ ކުރެވުނު ތާރީޚް: 13 އޮގަސްޓު 2013

ނިމުނު ތާރީޚް: 06 މާރިޗު 2014

މައްސަލައިގެ ޚުލާޞާ

މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/252 ޤަޟިއްޔާ، އެ ކޯޓުން ބަލައި ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލުކޮށްދިނުމަށް އެދި، މާލޭ މުނިސިޕަލްޓީގެ ޚާއްޞަ ދަފްތަރު ނަންބަރު 2894 / މާލެ، އިބްރާހީމް ތައުފީޤުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އެ ޤަޟިއްޔާ އިލްތިމާސްކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާ ރައްދުވާ ފަރާތަކީ، ޢަބްދުﷲ މަޖީދުއެވެ.

އަދި ބުނެވިދިޔަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/252 ޤަޟިއްޔާއަކީ، ސިވިލް ކޯޓުގެ ނަންބަރު (2185/MC/2010) 1160/Cv-C/2010 ޤަޟިއްޔާ ނިންމާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތް ނުވާކަމަށް ބުނެ، ޢަބްދުﷲ މަޖީދު ގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެއް ކަމާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/252 ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވި ފަރާތަކީ، އިބްރާހީމް ތައުފީޤު އެވެ.

ފާހަގަކުރެވުނު ނުކުތާތައް:

01- ސިވިލް ކޯޓުގެ ނަންބަރު (2185/MC/2010) 1160/Cv-C/2010 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ، "ގ.ކަނޑުރޯޅި" އެވެ ކިޔާ ގޯތީގައި ކޮށްފައިވާ ޢިމާރާތުގެ 03 ވަނަ ބުރި، އިބްރާހީމް ތައުފީޤް އަށް، 01 މޭ 2007 ން ފެށިގެން މީލާދީ 02 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމާއި ބެހޭގޮތުން ޢަބްދުﷲ މަޖީދު އާއި އިބްރާހީމް ތައުފީޤު އާ ދެމެދު ކުރެވިފައިވާ އެގްރީމެންޓާ ޚިލާފަށް، އެ ޢިމާރާތުގެ 03 ވަނަ ބުރީގައި ވަކިން ހުރި 01 (އެކެއް) ކޮޓަރި، 01 މޭ 2007 އިން ފެށިގެން 30 ނޮވެންބަރު 2008 ގެ ނިޔަލަށް، އިބްރާހީމް ތައުފީޤު ނޫން އެހެން ފަރާތަކަށް ޢަބްދުﷲ މަޖީދު ކުއްޔަށް ދީފައިވާކަމަށާ، މަހަކު -/000,5ރ. (ފަސްހާސް ރުފިޔާ) ގެ މަގުން ޖުމްލަ 19 މަސްދުވަހަށް ޢަބްދުﷲ މަޖީދު އެ ކޮޓަރީގެ ކުލީގެ ގޮތުގައި 95,000/-ރ. (ނުވަދިހަ ފަސްހާސް ރުފިޔާ) ހޯދާފައިވާކަމަށްބުނެ އެ ފައިސާއާއި، އެ ކޮޓަރީގައި އުޅުނު ބަޔަކު ބޭނުންކޮށްފައިވާ ކަރަންޓާއި ފެނުގެ އަގުގެ ގޮތުގައި އިބްރާހީމް ތައުފީޤު ދައްކަންޖެހުނުކަމަށް ބުނާ 19,000/-ރ. (ނަވާރަހާސް ރުފިޔާ) ގެ ތެރެއިން ޢަބްދުﷲ މަޖީދު އެކި ފަހަރުމަތިން އިބްރާހީމް ތައުފީޤަށް ދީފައިވާ ކަމަށްބުނާ 20/951,4ރ. (ހަތަރުހާސް ނުވަސަތޭކަ ފަންސާސް އެއް ރުފިޔާ ވިހި ލާރި) ކަނޑާ ބާކީވާ 80/048,14ރ. (ސާދަހާސް ސާޅީސް އަށް ރުފިޔާ އަށްޑިހަ ލާރި) އާއި، ސެކިއުރިޓީ ޑިޕޮޒިޓުގެ ގޮތުގައި ޢަބްދުﷲ މަޖީދަށް އިބްރާހީމް ތައުފީޤް ދީފައިވާކަމަށްބުނާ -/000,36ރ. (ތިރީސް ހަހާސް ރުފިޔާ) އާއި، އެގްރީމެންޓުގެ ދަށުން ތަން ޙަވާލުކުރަންޖެހޭ މުއްދަތުގައި ތަން ޙަވާލުނުކޮށް ލަސްވެފައިވާ 04 (ހަތަރެއް) ދުވަހުގެ ކުލީގެ ގޮތުގައި ލިބެންޖެހޭކަމަށް ބުނާ -/400,2ރ. (ދެހާސް ހަތަރުސަތޭކަ ރުފިޔާ) އާއި، އެކުޖުމްލަ 80/448,147ރ. (އެއްލައްކަ ސާޅީސް ހަތްހާސް ހަތަރުސަތޭކަ ސާޅީސް އަށް ރުފިޔާ އަށްޑިހަ ލާރި) އެކީ އެއްފަހަރާ ޢަބްދުﷲ މަޖީދުގެ އަތުން ހޯދުމަށް އިބްރާހީމް ތައުފީޤް ދަޢުވާ ކުރުމުން ބަލާފައިވާ ޤަޟިއްޔާއެއްކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮންނަކަމާއި،

ސިވިލް ކޯޓުގެ ނަންބަރު (2185/MC/2010) 1160/Cv-C/2010 ޤަޟިއްޔާ ބަލައި ކޮށްފައިވާ ޙުކުމުގައި، ގ.ކަނޑުރޯޅިއެވެ ކިޔާ ގޯތީގައި ކޮށްފައިވާ ޢިމާރާތުގެ 03 ވަނަ ބުރީގައި، ވަކިން ހުރި 01 ކޮޓަރި އިބްރާހީމް ތައުފީޤުއާ ޙަވާލުނުކޮށް އެހެން ފަރާތަކަށް އެ ކޮޓަރި ކުއްޔަށް ދީފައިވާ މުއްދަތުކަމަށް އިބްރާހީމް ތައުފީޤު ބުނާ މުއްދަތުކަމަށްވާ 19 (ނަވާރަ) މަސްދުވަހަށް، އެ 01 ކޮޓަރީގެ އެޕާޓްމަންޓުގެ މިޘްލީ ކުއްޔެއްގެ ގޮތުގައި ކަނޑައެޅިފައިވާ 91,827/-ރ. (ނުވަދިހަ އެއްހާސް އަށް ސަތޭކަ ހަތާވީސް ރުފިޔާ) އާއި، އަދި އެ މުއްދަތުގައި އެ ކޮޓަރީގައި ތިބި މީހުން ބޭނުންކޮށްފައިވާ ކަރަންޓާއި ފެނުގެ އަގުގެ ގޮތުގައި ހޯދުމަށް އިބްރާހީމް ތައުފީޤު ދަޢުވާކުރާ 14,48/80ރ. (ސާދަހާސް ސާޅީސް އަށް ރުފިޔާ އަށްޑިހަ ލާރި) އާއި، ދެފަރާތުގެ ދެމެދުގައި ކުރެވިފައިވާ އެގްރިމަންޓްގެ 03 ވަނަ މާއްދާގެ ދަށުން ސެކިއުރިޓީ ޑިޕޮޒިޓުގެ ގޮތުގައި އިބްރާހީމް ތައުފީޤު ދީފައިވާ 36,000/-ރ. (ތިރީސްހަހާސް ރުފިޔާ) އާއި، އެގްރިމަންޓުގެ ދަށުން ތަން ޙަވާލުކުރަންޖެހޭ މުއްދަތުގައި ތަން ޙަވާލުނުކޮށް ލަސްވެފައިވާކަމަށް އިބްރާހީމް ތައުފީޤު ބުނާ 04 (ހަތަރެއް) ދުވަހުގެ މިޘްލީ ކުއްޔަށްވާ 90/155ރ. (ސަތޭކަ ފަންސާސް ފަސް ރުފިޔާ ނުވަދިހަ ލާރި) އާއި އެކު ޖުމްލަ 142,031/70ރ. (އެއްލައްކަ ސާޅީސް ދެހާސް ތިރީސް އެއް ރުފިޔާ ހަތްދިހަ ލާރި) އިބްރާހީމް ތައުފީޤަށް ލިބިދިނުމަށްޓަކައި، 30 އެޕްރީލް 2013 އިން ފެށިގެން 10 (ދިހައެއް) މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކުވެސް އެ މަހަކަށް ޖެހޭވަރު ސިވިލް ކޯޓަށް ދައްކަމުންގޮސް އެ މުއްދަތުގެ ތެރޭގައި 142,031/70ރ. (އެއްލައްކަ ސާޅީސް ދެހާސް ތިރީސް އެއް ރުފިޔާ ހަތްދިހަ ލާރި) އެއްކޮށް ދައްކައި ޚަލާސްކުރުމަށް ގ.ކަނޑުރޯޅި ޢަބްދުﷲ މަޖީދުގެ މައްޗަށް ޙުކުމްކޮށް، އެ ޤަޟިއްޔާ ނިންމާފައިވާކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮންނަކަމެވެ.

02- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/252 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު އެ ޤަޟިއްޔާއަކީ، ސިވިލް ކޯޓުގެ ނަންބަރު (2185/MC/2010) 1160/Cv-C/2010 ޤަޟިއްޔާ ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތް ނުވާކަމަށްބުނެ، ގ.ކަނޑުރޯޅި ޢަބްދުﷲ މަޖީދުގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެއް ކަމާއި،

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/252 ޤަޟިއްޔާ ބައްލަވައި ކުރައްވާފައިވާ ޙުކުމުގައި، ގ.ކަނޑުރޯޅިއެވެ ކިޔާ ގޯތީގައި ކޮށްފައިވާ ޢިމާރާތުގެ 03 ވަނަ ބުރީގައި، ވަކިން ހުރި 01 ކޮޓަރި، އިބްރާހީމް ތައުފިޤުއާ ޙަވާލުނުކޮށް އެހެން ފަރާތަކަށް އެ ކޮޓަރި ކުއްޔަށް ދީފައިވާ މުއްދަތުކަމަށް އިބްރާހީމް ތައުފީޤު ބުނާ މުއްދަތުކަމަށްވާ 19 (ނަވާރަ) މަސް ދުވަހަށް އެ 01 ކޮޓަރީގެ އެޕާޓްމަންޓްގެ މިޘްލީ ކުއްޔެއްގެ ގޮތުގައި ކަނޑައެޅިފައިވާ 91,827/-ރ. (ނުވަދިހަ އެއްހާސް އަށް ސަތޭކަ ހަތާވީސް ރުފިޔާ) އާއި، އަދި އެ މުއްދަތުގައި އެ ކޮޓަރީގައި ތިބި މީހުން ބޭނުންކޮށްފައިވާ ކަރަންޓާއި ފެނުގެ އަގުގެ ގޮތުގައި ހޯދުމަށް އިބްރާހީމް ތައުފީޤް ދަޢުވާކޮށްފައިވާ 14,48.80/-ރ. (ސާދަހާސް ސާޅީސް އަށް ރުފިޔާ އަށްޑިހަ ލާރި) އާއި، އެގްރިމަންޓްގެ ދަށުން ތަން ޙަވާލުކުރަންޖެހޭ މުއްދަތުގައި ތަން ޙަވާލުނުކޮށް ލަސްވެފައިވާކަމަށް އިބްރާހީމް ތައުފީޤް ބުނާ 04 (ހަތަރެއް) ދުވަހުގެ މިޘްލީ ކުއްޔަށްވާ 90/155ރ. (ސަތޭކަ ފަންސާސް ފަސް ރުފިޔާ ނުވަދިހަ ލާރި) އާއި، ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ޢަބްދުﷲ މަޖީދަށް އިބްރާހީމް ތައުފީޤު ދީފައިވާ 36,000/-ރ. (ތިރީސްހަހާސް ރުފިޔާ) އަކީ ޢަބްދުﷲ މަޖީދުގެ ފަރާތުން އިބްރާހީމް ތައުފީޤަށް ދައްކަންޖެހޭ ފައިސާއެއްކަމަށް ސިވިލް ކޯޓުގެ ނަންބަރު 1160/Cv-C/2010 (2185/MC/2010) ޤަޟިއްޔާ ގައި ކުރައްވާފައިވާ ޙުކުމް ބާޠިލުކަމަށް ކަނޑައަޅައި، މި ދެ ފަރާތުގެ ދެމެދުގައި ވެވިފައިވާ އެއްބަސްވުމުގެ 03 ވަނަ މާއްދާގެ ދަށުން ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި އިބްރާހީމް ތައުފީޤުގެ ފަރާތުން ޢަބްދުﷲ މަޖީދަށް ދީފައިވާ 36,000/-ރ. (ތިރީސްހަހާސް ރުފިޔާ) އާއި މެދު އެ ޤަޟިއްޔާ (ނަންބަރު 2013/HC-A/252) ގައި ފާހަގަކޮށްފައިވާ ކަންކަމުގެ އަލީގައި އިތުރަށް އެކަންކަން ސިވިލް ކޯޓުން ބަލައި ގޮތެއް ކަނޑައެޅުމަށް ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން ސިވިލް ކޯޓަށް މި މައްސަލަ ތަޙުވީލުކޮށްފައިވާކަން އެނގެން އޮންނަކަމެވެ.

03- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/252 ޤަޟިއްޔާގެ ޙުކުމް ބިނާވެގެންވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާ ގޮތަށްކަމަށް ބުނެ މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރި އިބްރާހީމް ތައުފީޤްގެ ފަރާތުން އަންނަނިވި ސަބަބުތައް ހުށަހަޅާފައިވެއެވެ.

(1) މައްސަލައަކާއި ގުޅިގެން ހެކީގެ ގޮތުގައި ޝަރީޢަތަށް ހުށަހަޅާ ސިޓީތަކާއި، އެހެނިހެން ލިޔުންތަކަކީ، ޤާނޫނީ ހަމަތަކުގެ މަތީން ހެކިކަމުގައި ބެލެވޭހިނދު އިބްރާހީމް ތައުފީޤު ޝަރީޢަތަށް ހުށަހަޅާފައިވާ ކިތާބީ ހެކިތަކުން ޢަބްދުﷲ މަޖީދު، އިބްރާހީމް ތައުފީޤަށް ދީފައިވަނީ ގ.ކަނޑުރޯޅީގެ 03 (ތިނެއް) ވަނަ ބުރިކަން ވަރަށް ސާފުކޮށް އެނގެން އޮންނައިރު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/252 ޤަޟިއްޔާގައި އިބްރާހީމް ތައުފީޤު ހުށަހަޅާފައިވާ ލިޔެކިޔުންތަކަކީ ހެކިތަކެއް ކަމުގައި ބަލާފައި ނުވުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފު ކަމެއް ކަމަށް ބުނެ ހުށަހެޅި ސަބަބެވެ.

(2) ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/252 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ ރިޕޯޓުގެ ފާހަގަކުރެވޭ 03 (ތިނެއް) ވަނަ ނުކުތާގައި މައްސަލައާ ގުޅުންހުރި ހުރިހާ ލިޔެކިޔުމަކަށް ބަލާފައިވާކަމަށް ފާހަގަކޮށްފައި ވީނަމަވެސް، އެ ޤަޟިއްޔާއާ ގުޅުންހުރި އެންމެހައި ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ބަލާފައި ނުވާކަމަށާއި، އެ ޤަޟިއްޔާގައި ބަލާފައިވަނީ ހަމައެކަނި އެކަށީގެންވާ ހެކިނެތި ދަޢުވާ އިސްތިއުނާފުކުރި ޢަބްދުﷲ މަޖީދު ދައްކާފައިވާ ޘާބިތު ނުހިފޭ ވާހަކަތަކަށް އެކަނިކަމަށް ބުނެ ހުށަހެޅި ސަބަބެވެ.

(3) އިބްރާހީމް ތައުފީޤަށް ޢަބްދުﷲ މަޖީދު ދޭންޖެހޭ ގިނަ ޢަދަދެއްގެ ފައިސާ ނުދީގެން އެ ފައިސާ ލިބިގަތުމުގެ މައްސަލަ ޝަރީޢަތަށް ހުށަހެޅުމުން އެ ދަޢުވާއިން ދިފާޢުވުމަށް ޢިމާރާތަށް ގެއްލުންވެފައިވާކަމަށް ބުނެ ޢަބްދުﷲ މަޖީދު ޙަޤީޤަތާއި ޚިލާފު ލިޔުންތަކެއް ހަދައި އެ ލިޔުންތަކާއެކު ޝިޔާމް ކިޔާ މީހެއްގެ ނަން ޝަރީޢަތަށް ހުށަހެޅި ކަމުގައިވިޔަސް، އަޙްމަދު ޝިޔާމަކީ އިބްރާހީމް ތައުފީޤު އެ ޢިމާރާތަށް ގެއްލުންދިންކަމަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން އިބްރާހީމް ތައުފީޤާއި ދެކޮޅަށް ހެކިދެވޭނެ މީހަކަށް ނުވާއިރު އެފަދަ މީހަކަށް އޭނާއާއި ދެކޮޅަށް ހެކިދެވިދާނެކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ދެކެނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށް ބުނެ ހުށަހެޅި ސަބަބެވެ.

(4) ޢަބްދުﷲ މަޖީދު ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި ކަރަންޓް ބިލާއި ފެންބިލްގައިވާ ފައިސާ ކަމާއިބެހޭ ފަރާތަށް ދެއްކީ ޢަބްދުﷲ މަޖީދުކަން ޝަރީޢަތަށް ސާބިތުވީ ގޮތެއް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާގައި ފުރިހަމައަށް ބަޔާންކޮށްފައި ނުވާކަމަށާއި، ގ. ކަނޑުރޯޅީގައި އިބްރާހީމް ތައުފީޤް ދިރިއުޅުނު މުއްދަތުގައި މަސްލަޙަތަށްޓަކައި ޝަރުޢީ ކޯޓެއްގައި ޢަބްދުﷲ މަޖީދުގެ މައްޗަށް ދަޢުވާ ނުކޮށް މަޑުކޮށްލައިގެން ހުރިހުރުމަކީ 01 މޭ 2007 ގައި އިބްރާހީމް ތައުފީޤާއި ޢަބްދުﷲ މަޖީދާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން މަހަކު 18,000/-ރ. (އަށާރަހާސް ރުފިޔާ) އަށް ކުއްޔަށް ދިނީ ގ. ކަނޑުރޯޅީގެ 03 (ތިނެއް) ވަނަބުރި ނޫންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާގައި ސާބިތުވީ އޭނާގެ ޢަމަލުތައް ކޮންގޮތަކަށް ހުރެގެންކަމެއް ނުވަތަ އޭނާގެ ޢަމަލުތައް ހުންނަން ޖެހެނީ ކޮން ގޮތަކަށްކަން އެ ޤަޟިއްޔާގައި ބަޔާންކޮށްފައި ނުވާކަމަށް ބުނެ ހުށަހެޅި ސަބަބެވެ.

(5) ގ. ކަނޑުރޯޅީގެ ތިންވަނަބުރި ކުއްޔަށް ހިފުމަށް ޢަބްދުﷲ މަޖީދާއި އިބްރާހީމް ތައުފީޤު އެއްބަސްވީ ވަގުތު ސެކިއުރިޓީ ޑިޕޮޒިޓާއި ކުލީގެ ގޮތުގައި 54,000/-ރ. (ފަންސާސް ހަތަރުހާސް ރުފިޔާ) ޙަވާލުކުރުމުން އިބްރާހީމް ތައުފީޤާއި ޢިމާރާތުގެ ތަޅުދަނޑި ޙަވާލުކުރެވޭނީ ޢިމާރާތުގައި ކުރަންހުރި މަރާމާތުގެ މަސައްކަތް ނިމިގެންކަމަށް ބުނެ އެ ޢިމާރާތް އިބްރާހީމް ތައުފީޤާއި ޙަވާލުނުކުރުމުގެ ސަބަބުން އިބްރާހީމް ތައުފީޤަށް އެ ޢިމާރާތުގެ މަންފާ ނުލިބިވާ 4 (ހަތަރެއް) ދުވަހުގެ ކުލި ކަމުގައިވާ 58/2322ރ. (ދެހާސް ތިންސަތޭކަ ބާވީސް ރުފިޔާ ފަންސާސް އަށްލާރި) ޢަބްދުﷲ މަޖީދަށް ޙައްޤުވީ ގޮތެއް ނުވަތަ އެ ދުވަހުގެ ކުލި އިބްރާހީމް ތައުފީޤަށް ނުލިބެންޖެހޭ ޤާނޫނީ އަދި ޝަރުޢީ ސަބަބެއް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާގައި ބަޔާންކޮށްފައި ނުވާކަމަށް ބުނެ ހުށަހެޅި ސަބަބެވެ.

04- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/252 ޤަޟިއްޔާގެ ޙުކުމް ބިނާކޮށްފައިވަނީ، ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށް ބުނެ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިލްތިމާސްކުރި އިބްރާހީމް ތައުފީޤުގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކަށާއި، މި ޤަޟިއްޔާއާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، މި ޤަޟިއްޔާއާ ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ މި ޤަޟިއްޔާއާ ގުޅުންހުރި އެންމެހައި ލިޔުންތަކަށާއި، ކަމާގުޅުންހުރި ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކަށާއި، އިސްތިއުނާފު ކޮށްފައިމިވާ ސިވިލް ކޯޓުގެ ނަންބަރު 1160/Cv-C/2010 (2185/MC/2010) ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، ހަމަ އެ ޤަޟިއްޔާއާ ގުޅުންހުރި ސިވިލް ކޯޓުގެ ނަންބަރު 2199/MC/2008 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/252 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބެލި ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.

(ހ) ފުރަތަމަ ކަމަކީ: ސިވިލް ކޯޓުގެ ނަންބަރު 1160/Cv-C/2010 (2185/MC/2010) ޤަޟިއްޔާގައި އިބްރާހީމް ތައުފީޤުގެ ފަރާތުން ޢަބްދުﷲ މަޖީދުގެ މައްޗަށް ކޮށްފައިވާ ދަޢުވާ، އެންމެ ފުރަތަމަ ކޮށްފައިވަނީ މަދަނީ ކޯޓުގެ ނަންބަރު 2199/MC/2008 ޤަޟިއްޔާގައި ކަމާއި، އެ ޤަޟިއްޔާގައި ދެފަރާތް ޙާޟިރުކޮށް ބަޔާންތައް ނެގުމަށްފަހު، 09 ނޮވެމްބަރ 2009 ދުވަހު ގެ 14:00 ގައި އެ ޤަޟިއްޔާއާއި ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުވުމަށް އަންގާ މަދަނީ ކޯޓުން އިބްރާހީމް ތައުފީޤުއަށް ފޮނުވާފައިވާ އެ ކޯޓުގެ ނަންބަރު MB2B-1/2009/3616 (25 އޮކްޓޯބަރ 2009) "ކޯޓަށް ޙާޟިރުވުމުގެ އަމުރު" ގައިވާ ތާރީޚާއި ގަޑިއަށް އިބްރާހީމް ތައުފީޤުގެ ފަރާތުން މަދަނީ ކޯޓަށް ޙާޟިރުވެފައިނުވާތީ، 09 ނޮވެމްބަރ 2009 ދުވަހު އެ މައްސަލަ ބާޠިލްކޮށް އެ ޤަޟިއްޔާ ނިންމާފައިވާކަން މަދަނީ ކޯޓުގެ ނަންބަރު 2199/MC/2008 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮންނަކަމާއި، އެހެންކަމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާ ނިންމުމުގައި، މަދަނީ ކޯޓުގެ ނަންބަރު 2199/MC/2008 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، މިހާރު އިސްތިއުނާފު ކޮށްފައިމިވާ ސިވިލް ކޯޓުގެ ނަންބަރު 1160/Cv-C/2010 (2185/MC/2010) ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/252 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ރިޢާޔަތް ކޮށްފައިވާނެކަމެވެ.

(ށ) ދެވަނަ ކަމަކީ: މަދަނީ ކޯޓުގެ ނަންބަރު 2199/MC/2008 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބަލާއިރު، އެ ޤަޟިއްޔާގައި އިބްރާހީމް ތައުފީޤުގެ ފަރާތުން ޢަބްދުﷲ މަޖީދުގެ މައްޗަށް ކޮށްފައިވާ ދަޢުވާއަކީ، އިބްރާހީމް ތައުފީޤު އާއި ޢަބްދުﷲ މަޖީދު އާ ދެމެދު އެގްރީމެންޓެއް ކުރެވިގެން 01 މޭ 2007 އިން ފެށިގެން، މީލާދީ ދެ އަހަރު ދުވަހުގެ މުއްދަތަށް، ޢަބްދުﷲ މަޖީދުގެ އަތުން އިބްރާހީމް ތައުފީޤު ކުއްޔަށް ހިފި ގ.ކަނޑުރޯޅި އެވެ ކިޔާ ގޭގެ 03 ވަނަ ފްލޯއިން އިބްރާހީމް ތައުފީޤު އާ ޙަވާލުކުރަންޖެހޭ 01 ކޮޓަރި، ޢަބްދުﷲ މަޖީދުގެ ފަރާތުން ޙަވާލު ކޮށްފައި ނުވާކަމަށާ، އަދި އެ ކޮޓަރި، ޢަބްދުﷲ މަޖީދުގެ ފަރާތުން އިބްރާހީމް ތައުފީޤު ނޫން އެހެން ފަރާތަކަށް މަހަކު 5,000/-ރ. (ފަސްހާސް ރުފިޔާ) ގެ އަގަށް ކުއްޔަށް ދީގެން 19 މަސްދުވަހު ޢަބްދުﷲ މަޖީދު މަންފާ ޙާޞިލުކޮށް 95,000/-ރ. (ނުވަދިހަ ފަސްހާސް ރުފިޔާ) ހޯދާފައިވާކަމަށްބުނެ، ޢަބްދުﷲ މަޖީދު އަތުން އެ 95,000/-ރ. (ނުވަދިހަ ފަސްހާސް ރުފިޔާ) އާއި، އެ ކޮޓަރީގައި ދިރިއުޅުނު ބަޔަކު ބޭނުންކޮށްފައިވާ ކަރަންޓާއި ފެނުގެ އަގަށް އިބްރާހީމް ތައުފީޤު 19,000/-ރ. (ނަވާރަހާސް ރުފިޔާ) ކަމާބެހޭ ފަރާތަށް ދައްކާފައިވާކަމަށްބުނެ އެ 19,000/-ރ. (ނަވާރަހާސް ރުފިޔާ) އާއި، ބަޔާންކުރެވުނު އެގްރީމެންޓުގެ ދަށުން އެތަން ކުއްޔަށް ހިފުމަށްޓަކައި އިބްރާހީމް ތައުފީޤު ގެ ފަރާތުން ސެކިއުރިޓީ ޑިޕޮސިޓެއްގެ ގޮތުގައި ޢަބްދުﷲ މަޖީދު އަށް ދީފައިވާ 36,000/-ރ. (ތިރީސް ހަހާސް ރުފިޔާ) އާއި، އެ އެގްރީމެންޓުގެ ދަށުން ޢަބްދުﷲ މަޖީދު ޙަވާލުކުރަންޖެހޭ ތަން ޙަވާލު ކޮށްފައިވަނީ، އެތަން ޙަވާލުކުރަންޖެހޭ ތާރީޚަށްވުރެ 03 ދުވަސް ފަހުން ކަމަށްބުނެ، އެ 03 ދުވަހުގެ ކުލީގެ ގޮތުގައި 1,741/93ރ. (އެއްހާސް ހަތްސަތޭކަ ސާޅީސް އެއް ރުފިޔާ، ނުވަދިހަ ތިން ލާރި) އާ އެކުޖުމްލަ51,741/93 1ރ. (އެއްލައްކަ ފަންސާސް އެއްހާސް، ހަތްސަތޭކަ ސާޅީސް އެއްރުފިޔާ، ނުވަދިހަ ތިންލާރި) ޢަބްދުﷲ މަޖީދު އަތުން ހޯދުމަށް ކޮށްފައިވާ ދަޢުވާއެއްކަން މަދަނީ ކޯޓުގެ ނަންބަރު 2199/MC/2008 ޤަޟިއްޔާގައި ދަޢުވާކުރުމަށް އެދި އިބްރާހީމް ތައުފީޤު އެ ކޯޓަށް ހުށަހަޅާފައިވާ ދަޢުވާ ފޯމަށް ބެލުމުން އެނގެން އޮންނައިރު،

އޭގެ ފަހުން މިހާރު އިސްތިއުނާފު ކޮށްފައިމިވާ ސިވިލް ކޯޓުގެ ނަންބަރު 1160/Cv-C/2010 (2185/MC/2010) ޤަޟިއްޔާ ގައި ހަމަ އެ މުޢާމަލާތާއި ގުޅިގެން ޢަބްދުﷲ މަޖީދުގެ މައްޗަށް ދަޢުވާ ކުރުމަށްއެދި އިބްރާހީމް ތައުފީޤު ހުށަހެޅި ދަޢުވާ ފޯމުގައި، ގ.ކަނޑުރޯޅި އެވެ ކިޔާ ގޯތީގައިވާ ޢިމާރާތުގެ 03 ވަނަ ބުރި، އިބްރާހީމް ތައުފީޤް އަށް، 01 މޭ 2007 ން ފެށިގެން މީލާދީ 02 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމާއި ބެހޭގޮތުން ގ.ކަނޑުރޯޅި/ ޢަބްދުﷲ މަޖީދު އާއި އިބްރާހީމް ތައުފީޤު އާ ދެމެދު ކުރެވިފައިވާ އެގްރީމެންޓާއި ޚިލާފަށް، އެ ޢިމާރާތުގެ 03 ވަނަ ބުރީގައި ވަކިން ހުރި 01 (އެކެއް) ކޮޓަރި، 01 މޭ 2007 އިން ފެށިގެން 30 ނޮވެންބަރު 2008 ގެ ނިޔަލަށް އެހެން ފަރާތަކަށް ޢަބްދުﷲ މަޖީދު ކުއްޔަށް ދީފައިވާކަމަށާ، މަހަކު -/000,5ރ (ފަސްހާސް ރުފިޔާ) ގެ މަގުން ޖުމްލަ 19 މަސްދުވަހަށް ޢަބްދުﷲ މަޖީދު އެ ކޮޓަރީގެ ކުލީގެ ގޮތުގައި -/000,95ރ. (ނުވަދިހަ ފަސްހާސް ރުފިޔާ) ހޯދާފައިވާކަމަށްބުނެ އެ ފައިސާއާއި، އެ ކޮޓަރީގެ ކަރަންޓާއި ފެނުގެ އަގުގެ ގޮތުގައި އިބްރާހީމް ތައުފީޤު ދައްކަންޖެހުނުކަމަށް ބުނާ 19,000/-ރ. (ނަވާރަހާސް ރުފިޔާ) ގެ ތެރެއިން ޢަބްދުﷲ މަޖީދު އެކި ފަހަރުމަތިން އިބްރާހީމް ތައުފީޤުއަށް ދީފައިވާ ކަމަށްބުނާ 4,951/20ރ. (ހަތަރުހާސް ނުވަސަތޭކަ ފަންސާސް އެއް ރުފިޔާ ވިހި ލާރި) ކަނޑާ ބާކީވާ14,048/80 ރ. (ސާދަހާސް ސާޅީސް އަށް ރުފިޔާ އަށްޑިހަ ލާރި) އާއި، ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި ޢަބްދުﷲ މަޖީދަށް އިބްރާހީމް ތައުފީޤު ދީފައިވާކަމަށްބުނާ 36,000/-ރ. (ތިރީސް ހަހާސް ރުފިޔާ) އާއި، އެގްރީމެންޓުގެ ދަށުން ތަން ޙަވާލުކުރަންޖެހޭ މުއްދަތުގައި ތަން ޙަވާލުނުކޮށް ލަސްވެފައިވާ 04 (ހަތަރެއް) ދުވަހުގެ ކުލީގެ ގޮތުގައި ޢަބްދުﷲ މަޖީދު އަތުން ލިބެންޖެހޭކަމަށް ބުނާ 2,400/-ރ. (ދެހާސް ހަތަރުސަތޭކަ ރުފިޔާ) އާއި، އެކުޖުމްލަ 147,448/80ރ. (އެއްލައްކަ ސާޅީސް ހަތްހާސް ހަތަރުސަތޭކަ ސާޅިސް އަށް ރުފިޔާ އަށްޑިހަ ލާރި) ޢަބްދުﷲ މަޖީދުގެ އަތުން ހޯދުމަށް އިބްރާހީމް ތައުފީޤު ދަޢުވާ ކޮށްފައިވާކަމާއި،

ކުރީގެ މަދަނީ ކޯޓުގެ ނަންބަރު 2199/MC/2008 ޤަޟިއްޔާގައި އިބްރާހީމް ތައުފީޤު ކުރި ދަޢުވާއާ ޚިލާފު ބައެއް ކަންކަން ސިވިލް ކޯޓުގެ ނަންބަރު 1160/Cv-C/2010 (2185/MC/2010) ޤަޟިއްޔާ ގައި އިބްރާހީމް ތައުފީޤު ކޮށްފައިވާ ދަޢުވާއިން ފާހަގަކުރެވިފައިވާކަމާއި،

އެގޮތުން މަދަނީ ކޯޓުގެ ނަންބަރު 2199/MC/2008 ޤަޟިއްޔާގައި އިބްރާހީމް ތައުފީޤު ކުޅަ ދަޢުވާގައި، އެ ދެފަރާތުގެ ދެމެދުގައި ވެވިފައިވާ އެގްރީމެންޓުގެ ދަށުން ޢަބްދުﷲ މަޖީދުގެ ފަރާތުން އިބްރާހީމް ތައުފީޤުއާ ޙަވާލުކުރަންޖެހޭ 01 ކޮޓަރި ޙަވާލުނުކޮށް، އެ ކޮޓަރި އެހެން ފަރާތަކަށް ކުއްޔަށް ދޫކޮށްފައިވުމުން، އެ ކޮޓަރީގައި ދިރިއުޅުނު ބަޔަކު ބޭނުންކުރަމުން ދިޔަ ކަރަންޓާއި ފެނުގެ އަގުގެ ގޮތުގައި 19,000/-ރ. (ނަވާރަހާސް ރުފިޔާ) ޢަބްދުﷲ މަޖީދު އަތުން ހޯދުމަށް ދަޢުވާ ކޮށްފައިވާއިރު، ސިވިލް ކޯޓުގެ ނަންބަރު 1160/Cv-C/2010 (2185/MC/2010) ޤަޟިއްޔާގައި ކޮށްފައިވާ ދަޢުވާގައި، އެ ނުކުތާގައި ޢަބްދުﷲ މަޖީދު އަތުން ހޯދުމަށް ދަޢުވާ ކޮށްފައިވަނީ 14,048/80ރ. (ސާދަހާސް ސާޅީސް އަށްރުފިޔާ، އަށްޑިހަލާރި) ކަމާއި،

އަދި މަދަނީ ކޯޓުގެ ނަންބަރު 2199/MC/2008 ޤަޟިއްޔާގައި އިބްރާހީމް ތައުފީޤު ކުރި ދަޢުވާގައި، އެގްރީމެންޓުގެ ދަށުން ޢަބްދުﷲ މަޖީދު ޙަވާލުކުރަންޖެހޭ ތަން ޙަވާލު ކޮށްފައިވަނީ 03 ދުވަސް ފަހުން ކަމަށްބުނެ، އެ 03 ދުވަހުގެ ކުލީގެ ގޮތުގައި 93/1741ރ. (އެއްހާސް ހަތްސަތޭކަ ސާޅީސް އެއްރުފިޔާ، ނުވަދިހަ ތިންލާރި) ހޯދުމަށް ދަޢުވާކޮށްފައިވާއިރު، ސިވިލް ކޯޓުގެ ނަންބަރު 1160/Cv-C/2010 (2185/MC/2010) ޤަޟިއްޔާގައި، އެގްރީމެންޓުގެ ދަށުން ޢަބްދުﷲ މަޖީދު ޙަވާލުކުރަންޖެހޭ ތަން ޙަވާލު ކޮށްފައިވަނީ 04 ދުވަސް ފަހުން ކަމަށްބުނެ، އެ 04 ދުވަހުގެ ކުލީގެ ގޮތުގައި -/2400ރ. (ދެހާސް ހަތަރުސަތޭކަ) ރުފިޔާ ޢަބްދުﷲ މަޖީދު އަތުން ހޯދުމަށް ދަޢުވާ ކޮށްފައިވާކަމާއި،

އަދި މި ބަޔާންކުރެވުނު ދެ ބަދަލާއި ގުޅިގެން މަދަނީ ކޯޓުގެ ނަންބަރު 2199/MC/2008 ޤަޟިއްޔާ ގައި އިބްރާހީމް ތައުފީޤު ކުރި ދަޢުވާގައި ޢަބްދުﷲ މަޖީދު އަތުން ޖުމްލަ 93/151741ރ. (އެއްލައްކަ ފަންސާސް އެއްހާސް، ހަތްސަތޭކަ ސާޅީސް އެއްރުފިޔާ، ނުވަދިހަ ތިންލާރި) ހޯދުމަށް ދަޢުވާ ކޮށްފައިވާއިރު، ސިވިލް ކޯޓުގެ ނަންބަރު 1160/Cv-C/2010 (2185/MC/2010) ޤަޟިއްޔާގައި ޢަބްދުﷲ މަޖީދުގެ އަތުން ހޯދުމަށް އިބްރާހީމް ތައުފީޤު ދަޢުވާކުރާ ޖުމްލަ ޢަދަދު 80/147448ރ. (އެއްލައްކަ ސާޅީސް ހަތްހާސް ހަތަރުސަތޭކަ ސާޅީސް އަށްރުފިޔާ، އަށްޑިހަލާރި) އަށް މަދުވެފައިވާކަން އެނގެން އޮންނަކަމެވެ.

(ނ) ތިންވަނަ ކަމަކީ: މަދަނީ ކޯޓުގެ ނަންބަރު 2199/MC/2008 ޤަޟިއްޔާ އާ ގުޅިގެންނާއި، ސިވިލް ކޯޓުގެ ނަންބަރު 1160/Cv-C/2010 (2185/MC/2010) ޤަޟިއްޔާ އާ ގުޅިގެން ޢަބްދުﷲ މަޖީދުގެ ފަރާތުން ދީފައިވާ ބަޔާންތަކަށް ބަލާއިރު، އިބްރާހީމް ތައުފީޤުގެ ދަޢުވާއަށް ޢަބްދުﷲ މަޖީދުގެ ފަރާތުން އިންކާރުކޮށް، އިބްރާހީމް ތައުފީޤުގެ ދަޢުވާގައި ބަޔާންކޮށްފައިވާ މުޢާމަލާތާއި ގުޅިގެން ޢަބްދުﷲ މަޖީދުގެ ފަރާތުން އިބްރާހީމް ތައުފީޤު އަށް ދޭންޖެހޭ އެއްވެސް ފައިސާއެއް ނޯންނާނެކަމަށް ބުނެފައިވާކަން އެނގެން އޮންނަކަމެވެ.

(ރ) ހަތަރުވަނަ ކަމަކީ: އިބްރާހީމް ތައުފީޤުގެ ދަޢުވާގައި ބަޔާންކޮށްފައިވާ ކުލީގެ މުޢާމަލާތާއި ގުޅިގެން އިބްރާހީމް ތައުފީޤު އާއި ޢަބްދުﷲ މަޖީދު އާ ދެމެދު ކުރެވިފައިވާ އެގްރީމެންޓު ކަމަށްބުނެ ދެފަރާތުންވެސް ޝަރީޢަތަށް އެގްރީމެންޓު ހުށަހަޅާފައިވާ ކަމާއި،

މި ދެފަރާތުން ހުށަހަޅާފައިވާ އެގްރީމެންޓަށް ބަލާއިރު، އެއީ ގ. ކަނޑުރޯޅި އެވެ ކިޔާ ގޯތީގައި ހަދާފައިވާ ޢިމާރާތުގެ 3 ވަނަ ފްލޯއިން ދިރިއުޅުމަށްޓަކައި 05 ކޮޓަރީގެ އެޕާރޓްމަންޓެއް ކުއްޔަށް ދޫކުރުމަށާއި ކުއްޔަށް ހިފުމަށް ޢަބްދުﷲ މަޖީދު އާއި، އިބްރާހީމް ތައުފީޤު އާ ދެމެދު 01 މޭ 2007 ގައި ސޮއި ކޮށްފައިވާ އެގްރީމެންޓެއް ކަމާއި، އެ އެގްރީމެންޓަކީ 28 ނަންބަރުގެ މައްޗަށް އެކުލަވާލެވިފައިވާ އެގްރީމެންޓެއް ކަމާއި، އެ އެގްރީމެންޓުގެ 01 ވަނަ ނަންބަރުގައި އެތަން އިބްރާހީމް ތައުފީޤަށް ކުއްޔަށް ދޫކުރާ މުއްދަތަކީ 02 (ދެއެއް) އަހަރު ދުވަހުގެ މުއްދަތަށްކަމަށް ބަޔާން ކޮށްފައިވާކަމާއި، އަދި އެ އެގްރީމެންޓުގެ 02 ވަނަ ނަންބަރުގައި ގ.ކަނޑުރޯޅި އިން އިބްރާހީމް ތައުފީޤަށް ކުއްޔަށް ދޭ ބައިގެ ކުއްޔަކީ މަހަކު 18,000/-ރ. (އަށާރަހާސް ރުފިޔާ) ކަމަށް ބަޔާންކުރުމަށްފަހު، އެ އެގްރީމެންޓުގެ 03 ވަނަ ނަންބަރުގައި، ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި 2 މަހުގެ ކުލި ދެއްކުމަށް އިބްރާހީމް ތައުފީޤު އެއްބަސްވެފައިވާ ކަމާއި، މިކަންތައްތަކާމެދު މި ދެފަރާތުގެ ދެމެދުގައި އެއްވެސް ޚިލާފެއް ދެބަސްވުމެއް އުފެދިފައި ނެތްކަމާއި،

ނަމަވެސް ކުއްޔަށް ދޫކުރެވުނު ތަނުން 01 ކޮޓަރި އިބްރާހީމް ތައުފީޤުއާ ޙަވާލު ކޮށްފައި ނުވާކަމަށް އިބްރާހީމް ތައުފީޤު ބުނާ ބުނުމާ މެދުގަ އާއި، ކުއްޔަށް ހިފި ތަނުގައި ހުރި ފާޚާނާގެ ޢަދަދާ މެދުގައާއި، އެ އެގްރީމެންޓުގެ 03 ވަނަ ނަންބަރުގައިވާ ޢިބާރާތާ މެދުގައާއި، އިބްރާހީމް ތައުފީޤު ޝަރީޢަތަށް ހުށަހެޅި އެ އެގްރީމެންޓުގައި ހެކީންގެ ގޮތުގައި ސޮއި ކޮށްފައިވާ ހެކީންނާ މެދުގައާއި، އިބްރާހީމް ތައުފީޤު ޝަރީޢަތަށް ހުށަހެޅި އެގްރީމެންޓުގައި ހެކީންގެ ނަމުގެ ތިރީގައި، އަތުއަކުރުން ލިޔެފައިވާ ޢިބާރާތާ މެދުގައި، މި ދެފަރާތުގެ ދެމެދުގައި ޚިލާފު އުފެދިފައިވާކަން އެނގެން އޮންނަ ކަމެވެ.

(ބ) ފަސްވަނަ ކަމަކީ: އިބްރާހީމް ތައުފީޤުގެ ފަރާތުން ޢަބްދުﷲ މަޖީދުގެ މައްޗަށް ކޮށްފައިވާ އިސްވެ ބަޔާންކުރެވުނު ދަޢުވާއާ ގުޅިގެން މި ދެފަރާތުގެ ދެމެދުގައި ޚިލާފު އުފެދިފައިވާ ކަންތައްތަކުގެ ތެރޭގައި، ޢަބްދުﷲ މަޖީދުގެ ފަރާތުން އިބްރާހީމް ތައުފީޤަށް ކުއްޔަށް ދޫކުރި ތަނުން، 01 ކޮޓަރި އިބްރާހީމް ތައުފީޤު އާ ޙަވާލުކޮށްފައި ނުވާކަމަށާއި، އެ ކޮޓަރި ޢަބްދުﷲ މަޖީދުގެ ފަރާތުން އެހެން ފަރާތަކަށް ކުއްޔަށް ދީގެން މަންފާ ހޯދާފައިވާކަމަށް ބުނެ، ޢަބްދުﷲ މަޖީދު ހޯދާފައިވާ ކަމަށް އިބްރާހީމް ތައުފީޤު ބުނާ މަންފާ، ޢަބްދުﷲ މަޖީދު އަތުން އަނބުރާ ހޯދުމަށް އިބްރާހީމް ތައުފީޤު ކޮށްފައިވާ ދަޢުވާއާމެދު ޢަބްދުﷲ މަޖީދުގެ ފަރާތުން އިންކާރުކޮށް ދައްކާފައިވާ ވާހަކާގައި،

ގ.ކަނޑުރޯޅި އެވެ ކިޔާ ގޯތީގައި ކޮށްފައިވާ ޢިމާރާތުގެ 03 ވަނަ ފްލޯގައި، 01 ކޮޓަރީގެ އެޕާރޓްމަންޓެއްގެ އިތުރުން، ކުރިން 04 ކޮޓަރީގެ އެޕާރޓްމަންޓެއްގެ ގޮތުގައި ހުރި އެޕާރޓްމަންޓުގެ 01 ކޮޓަރި މައްޗަށް ނަގައި، ލަކުޑި ޑެގެއް އަޅައި، ވަކި ކޮޓަރިއެއްގެ ގޮތުގައި ހަދައި، އެއީ 05 ކޮޓަރީގެ އެޕާރޓްމަންޓެއްގެ ގޮތުގައި އިބްރާހީމް ތައުފީޤަށް ކުއްޔަށް ދިނުމަށް 01 މޭ 2007 ގައި އިބްރާހީމް ތައުފީޤުއާ އެކު އެގްރީމެންޓު ކުރެވިފައިވާކަމަށާއި، އިބްރާހީމް ތައުފީޤުއާ ޙަވާލުކޮށްފައި ނުވާކަމަށް އޭނާ ބުނެފައިވާ 01 ކޮޓަރި އަކީ، އެ ފްލޯގައި މުޅިން ވަކިންހުރި 01 ކޮޓަރީގެ އެޕާރޓްމަންޓު ކަމަށާއި، 01 މޭ 2007 ގައި އިބްރާހީމް ތައުފީޤު އާއެކު އެގްރީމެންޓު ކުރެވުނު އިރުވެސް އަދި އިބްރާހީމް ތައުފީޤު އެތަން ދޫކޮށްފައި ދިޔައިރުވެސް، އެ ފްލޯގައި ހުރި 01 ކޮޓަރީގެ އެޕާރޓްމަންޓުގައި ޢަބްދުﷲ ޙަމީދު ކިޔާ މީހަކު ކުއްޔަށް އުޅެމުން ގެންދާ ކަމަށާއި، އެކަން އިބްރާހީމް ތައުފީޤަށް ވެސް އެނގޭނެކަމަށް ޢަބްދުﷲ މަޖީދު ބުނެފައިވާކަން އެނގެން އޮންނަ ކަމާއި،

އިސްވެ ބަޔާންކުރެވުނު އެގްރީމެންޓުގެ ދަށުން އިބްރާހީމް ތައުފީޤުއަށް ކުއްޔަށް ދޫކޮށްފައިވާ އެޕާރޓްމަންޓުގައި ހިމެނޭ ކޮޓަރީގެ ޢަދަދާމެދު އާއި ފާޚާނާގެ ޢަދަދާ މެދު ދެފަރާތުގެ ދެމެދުގައި ޚިލާފު އުފެދިފައިވާތީ، ސިވިލް ކޯޓުގެ ނަންބަރު 1160/Cv-C/2010 (2185/MC/2010) ޤަޟިއްޔާ އެ ކޯޓުގައި ހިންގަމުން ދިޔައިރު، ގ.ކަނޑުރޯޅި އެވެ ކިޔާ ގޯތީގައި ހަދާފައިވާ ޢިމާރާތުގައި ހުރި ކޮޓަރީގެ ޢަދަދާއި ފާޚާނާގެ ޢަދަދު، ޝަރުޢީ އަގުކޮމެޓީއިން ބަލާފައިވާކަން އެނގޭ ރިޕޯޓެއް ސިވިލް ކޯޓުގެ ނަންބަރު 1160/Cv-C/2010 (2185/MC/2010) ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމެނިފައިވާ ކަމާއި، އެ ރިޕޯޓަށް ބަލާއިރު، ގ.ކަނޑުރޯޅި އެވެ ކިޔާ ގޯތީގައި ހަދާފައިވާ ޢިމާރާތުގެ 03 ވަނަ ފްލޯގައި، 02 އެޕާރޓްމަންޓު ހުންނަ ކަމަށާއި،

އޭގެ ތެރެއިން އެއް އެޕާރޓްމަންޓުގައި، 01 ކޮޓަރީގެ އިތުރަށް 01 ފާޚާނާ އާއި، ކައްކާ ބަޔަކާއި ބެލްކަންޏެއް ހިމެނޭ ކަމަށާ، އަދި އަނެއް އެޕާރޓްމަންޓުގައި ހުރި 04 ކޮޓަރީގެ ތެރެއިން 01 ކޮޓަރި މައްޗަށް ނަގައި ލަކުޑިން ޑެގެއް އަޅައި، ޑެގްމަތީގައި ހަދާފައިވާ ކޮޓަރިއަށް އެރޭގޮތަށް ލަކުޑި ސިޑިއެއްހަރުކޮށް ހަދާފައިވާކަމަށާއި އަދި އޭގެ އިތުރުން އެ އެޕާރޓްމަންޓުގައި ކައްކާބަޔަކާއި ބެލްކަންޏެއް ހިމެނޭ ކަމަށް ބަޔާންކޮށްފައިވާކަން އެނގެން އޮންނަ ކަމާއި،

އިސްވެ ބަޔާންކުރެވުނު "ޝަރުޢީ އަގުކޮމެޓީގެ ރިޕޯޓު" އަށާއި، އިބްރާހީމް ތައުފީޤު އާއި ޢަބްދުﷲ މަޖީދުއާ ދެމެދު ކޮށްފައިވާ އެގްރީމެންޓަށާއި، މި ދެފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައަށް ބަލާއިރު، ޢަބްދުﷲ މަޖީދުގެ ފަރާތުން އިބްރާހީމް ތައުފީޤުއަށް ކުއްޔަށް ދޫކޮށްފައިވަނީ، ގ.ކަނޑުރޯޅި އެވެ ކިޔާ ގޯތީގައި ހަދާފައިވާ ޢިމާރާތުގެ 03 ވަނަ ފްލޯގައިހުރި ދެ އެޕާރޓްމަންޓުގެ ތެރެއިން ބޮޑު އެޕާރޓްމަންޓް ކަމާއި، އެ ޕާރޓްމަންޓުގައި ހިމެނޭ 04 ކޮޓަރީގެ ތެރެއިން އެއްކޮޓަރި މައްޗަށް ނަގައި ޑެގެއް އެޅުމަށްފަހު ހިޔާކޮށް، އެ ކޮޓަރިއަށް އެރޭގޮތަށް ސިޑި ހަރުކޮށްފައި ވުމުންނާއި، މިދެފަރާތުގެ ދެމެދުގައި ކުރެވުނު އެގްރީމެންޓުގެ ގޮތުގައި ޢަބްދުﷲ މަޖީދު ހުށަހަޅާފައިވާ އެގްރީމެޓުގައި، ކުއްޔަށް ދޫކުރެވުނު އެޕާރޓްމަންޓުގައި 05 ކޮޓަރި ހިމެނޭކަމަށް ބަޔާންކޮށްފައިވުމުން، ދެފަރާތުން އެގްރީމެންޓު ކޮށްފައިވަނީ މިބަޔާންކުރެވުނު ބޮޑު އެޕާރޓްމަންޓަކީ އެއީ 05 ކޮޓަރީގެ އެޕާރޓްމަންޓެއްގެ ގޮތުގައި ބަލައިގެންކަން އެނގެން އޮންނަކަމާއި، އެ އެޕާރޓްމަންޓުގެ ހުރިހާ ތަނެއް ވަނީ އެގްރީމެންޓާ އެއްގޮތަށް ޢަބްދުﷲ މަޖީދުގެ ފަރާތުން އިބްރާހީމް ތައުފީޤުއާ ޙަވާލު ކޮށްފައިކަމާއި، އަދި އިބްރާހީމް ތައުފީޤުގެ ފަރާތުން އެގްރީމެންޓާ އެއްގޮތަށް އެ ޕާރޓްމާންޓާ ޙަވާލުވެ އެތަނުގައި ދިރިއުޅެ އެތަނުގެ މަންފާ ލިބިގަނެފައިވާކަމާއި،

ޢަބްދުﷲ މަޖީދު އާއެކު ވެފައިވާ އެގްރީމެންޓާ އެއްގޮތަށް 01 ކޮޓަރި ޙަވާލު ކޮށްފައި ނުވާކަމަށް އިބްރާހީމް ތައުފީޤު އެންމެ ފުރަތަމަވެސް ބުނެފައިވަނީ، ގ.ކަނޑުރޯޅިން އޭނާ ކުއްޔަށް ހިފި އެޕާރޓްމަންޓުގައި 19 މަސް ދުވަހު ދިރިއުޅުމަށްފަހު، އެތަނުން ނުކުމެ، އެތަން ދޫކޮށް ދިޔުމަށްފަހުގައި ކަމާއި، އިބްރާހީމް ތައުފީޤު އެބުނާ ކޮޓަރި ޙަވާލު ކޮށްފައި ނުވާކަމަށްބުނެ، އޭގެކުރިން އެކަން ޢަބްދުﷲ މަޖީދުއާ ހިއްސާ ކޮށްފައިވާކަން އެނގެން ނެތްކަމާއި، އަދި އެކަން ކަމާބެހޭ އެހެން ފަރާތަކަށްވެސް އޭގެ ކުރިން ހުށަހަޅާފައިވާކަން އެނގެން ނެތްކަމާއި، ނަމަވެސް އިބްރާހީމް ތައުފީޤު އެޕާރޓްމަންޓު ކުއްޔަށް ހިފީއްސުރެ އެތަނުން ނުކުމެގެން ދިއުމާ ހަމައަށް އެގްރީމެންޓުގައި ބުނެފައިވާ ޢަދަދަށް ޢަބްދުﷲ މަޖީދަށް ކުލި ދައްކަމުން ގެންގޮސްފައިވާކަން އެނގެން އޮންނަކަމާއި، އެހެންކަމުން އިބްރާހީމް ތައުފީޤު އާއި ޢަބްދުﷲ މަޖީދުއާ ދެމެދު ކޮށްފައިވާ އިސްވެ ބަޔާންކުރެވުނު އެގްރީމެންޓާ އެއްގޮތަށް ޢަބްދުﷲ މަޖީދުގެ ފަރާތުން 01 ކޮޓަރި އިބްރާހީމް ތައުފީޤުއާ ޙަވާލު ކޮށްފައި ނުވާކަމަށް އިބްރާހީމް ތައުފީޤު ބުނެފައިވާ ބުނުން، ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ބަލާއިރު، ސާބިތު ކޮށްދެވިފައި ނުވާކަމާއި،

އަދި މީގެ އިތުރުން އިބްރާހީމް ތައުފީޤު އާއި ޢަބްދުﷲ މަޖީދު އާ ދެމެދު 01 މޭ 2007 ގެ ތާރީޚުގައި ސޮއި ކޮށްފައިވާ އިސްވެ ބަޔާންކުރެވުނު އެގްރީމެންޓު ކަމަށްބުނެ ދެފަރާތުންވެސް ޝަރީޢަތަށް އެގްރީމެންޓު ހުށަހަޅާފައިވާކަމާއި، އަދި އެ ދެފަރާތުން ހުށަހެޅި އެގްރީމެންޓަކީ، އެއް ޑޮކިއުމެންޓުގެ ދެ ޕްރިންޓުކަން ވަރަށް ސާފުކޮން އެނގެން އޮންނަކަމާއި، ނަމަވެސް ޢަބްދުﷲ މަޖީދުގެ ފަރާތުން ހުށަހަޅާފައިވާ އެގްރީމެންޓުގައި ބަޔާން ވެފައި ނެތް ބައެއް ޢިބާރާތްތަކާއި ހިސާބު ޢަދަދު، އިބްރާހީމް ތައުފީޤު ހުށަހެޅި އެގްރީމެންޓުގައި އަތުއަކުރުން ލިޔެފައިވާކަން ފާހަގަކުރެވޭކަމާއި، އެގޮތުން ޢަބްދުﷲ މަޖީދުގެ ފަރާތުން ހުށަހެޅި އެގްރީމެންޓުގެ ފުރަތަމަ ޢިބާރާތުގައި، "މި އެގްރީމެންޓަކީ ގ.ކަނޑުރޯޅި، އަމީނީމަގު، މާލެ، ގެ 3 ވަނަ ބުރީގެ 5 ކޮޓަރިއާއި 3 ފާޚާނާ އާއި، ޑައިނިންގ ރޫމް އަދި ކިޗަން އަދި ލިވިންގ ރޫމް ކުއްޔަށް ދޫކުރުމަށް ކުރެވިފައިވާ އެގްރީމެންޓެކެވެ." މި ޢިބާރާތް ލިޔެފައިވާ އިރު، މި ޢިބާރާތުގައި، ކުއްޔަށް ދޫކުރެވުނު ތަނުގައި ހިމެނޭ ފާޚާނާގެ ޢަދަދު ބަޔާންކުރުމުގެ ގޮތުން ހިސާބު އަކުރުން ލިޔެފައިވާ 3 (ތިނެއް) ލިޔެފައިވަނީ ކޮމްޕިއުޓަރުންކަމާއި، ނަމަވެސް އިބްރާހީމް ތައުފީޤު ހުށަހަޅާފައިވާ އެގްރީމެންޓުގައި ކުއްޔަށް ދޫކުރެވުނު ތަނުގައި ހިމެނޭ ފާޚާނާގެ ޢަދަދު ބަޔާންކުރުމުގެ ގޮތުން ހިސާބު އަކުރުން އަދި ކޮމްޕިއުޓަރުން ލިޔެފައިވާ އެ 3 (ތިނެއް)، ގަލަމަކުން ކަނޑާލުމަށްފަހު، އަތުރު އަކުރުން 4 ލިޔެފައިވާކަން އެނގެން އޮންނަކަމާއި، އަދި އިބްރާހީމް ތައުފީޤު ހުށަހެޅި އެގްރީމެންޓުގައި، ކުއްޔަށް ހިފި އެޕާރޓްމަންޓުގައި ހުރި ފާޚާނާގެ ޢަދަދު ބަޔާންކުރުމުގައި ކުރިން ކޮމްޕިއުޓަރުން އަދި ހިސާބު އަކުރުން ލިޔެފައިވާ 3 (ތިނެއް) ޤަލަމުން ކަނޑާލުމަށްފަހު، އަތުއަކުރުން 4 (ހަތަރެއް) ލިޔެފައިވަނީ، އިސްވެ ބަޔާންކުރެވުނުފަދައިން، އެ ޢިމާރާތުގެ އެފްލޯގައިހުރި 01 (އެކެއް) ކޮޓަރި ޙަވާލު ކޮށްފައި ނުވާކަމަށް އިބްރާހީމް ތައުފީޤު ބުނާބުނުމުގެ މައްޗަށް ބާރު ދިނުމުގެ މައްޗަށް ކަމަށް ބެލެވޭކަމަށް ޢަބްދުﷲ މަޖީދުގެ ފަރާތުން ފާހަގަކޮށްފައިވާކަމާއި،

އެހެނީ ގ.ކަނޑުރޯޅި އެވެ ކިޔާ ގޯތީގައި ހަދާފައިވާ ޢިމާރާތުގެ 3 ވަނަ ފްލޯގައި 4 ފާޚާނާ ހަމަކުރެވިގެންދަނީ، އެ ފްލޯގައި ވަކިން ހުންނަ 01 ކޮޓަރީގެ އެޕާރޓްމަންޓުގެ ފާޚާނާ އާއެކުގައި ކަމަށް ވާތީކަމާއި، އަދި އިބްރާހީމް ތައުފީޤު އަށް ކުއްޔަށް ދޫކުރި އެޕާރޓުމަންޓުގައި ހުރި ފާޚާނާގެ ޢަދަދަކީ 04 (ހަތަރެއް) ކަމަށް ޝަރީޢަތުން ބަލައިފިނަމަ، އެފްލޯގައި ހުރި 01 ކޮޓަރީގެ އެޕާރޓްމަންޓުގެ ކޮޓަރިއާއި ކައްކާބަޔާއި ބެލްކަންޏަކީވެސް އިބްރާހީމް ތައުފީޤަށް ކުއްޔަށް ދޫކުރެވިފައިވާ ތަންތަން ކަމުގައި ހިމެނިގެން ދާނެކަމާއި، އެހެންކަމުން ހުށަހެޅިފައިވާ އެގްރީމެންޓަށާއި، ދެފަރާތުގެ ވާހަކައަށާއި، ޝަރުޢީ އަގުކޮމެޓީގެ ރިޕޯޓަށް ބަލާއިރު، "ގ.ކަނޑުރޯޅި" އެވެ ކިޔާ ގޯތީގައި ހަދާފައިވާ ޢިމާރާތުގެ 03 ވަނަ ފްލޯގައިހުރި 01 ކޮޓަރީގެ އެޕާރޓްމަންޓުގައި ހިމެނޭ އެއްވެސް ތަނެއް ޢަބްދުﷲ މަޖީދުގެ ފަރާތުން އިބްރާހީމް ތައުފީޤުއަށް ކުއްޔަށް ދީފައިވާކަން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެމަތިން ބެލެވޭނެ ހަމައެއް އޮތްކަމަށް ނުފެންނަކަމެވެ.

(ޅ) ހަވަނަ ކަމަކީ: އިބްރާހީމް ތައުފީޤު އާއި ޢަބްދުﷲ މަޖީދު އާ ދެމެދު ސޮއި ކޮށްފައިވާ އިސްވެ ބަޔާންކުރެވުނު އެގްރީމެންޓާ އެއްގޮތްވާ ގޮތުގެމަތިން، ޢަބްދުﷲ މަޖީދުގެ ފަރާތުން އިބްރާހީމް ތައުފީޤު އާ ޙަވާލުކުރަންޖެހޭ އެޕާރޓްމަންޓު ޙަވާލުކުރަންޖެހޭ މުއްދަތުގައި ޙަވާލުކޮށްފައި ނުވާކަމަށް އިބްރާހީމް ތައުފީޤު ބުނެފައިވާއިރު، މި މުޢާމަލާތާ ގުޅިގެން އިބްރާހީމް ތައުފީޤުގެ ފަރާތުން މަދަނީ ކޯޓަށް ހުށަހެޅި ފުރަތަމަ ޤަޟިއްޔާ (ނަންބަރު 2199/MC/2008 ޤަޟިއްޔާ) ގެ ދަޢުވާ ފޯމުގައި، ޢަބްދުﷲ މަޖީދުގެ ފަރާތުން އެޕާރޓްމަންޓް ހަވާލުކޮށްފައިވަނީ ޙަވާލުކުރަންޖެހޭ ތާރީޚަށްވުރެ 03 ދުވަސް ފަހުން ކަމަށްބުނެ އެ 03 ދުވަހުގެ ކުލީގެ ގޮތުގައި 1,741/93ރ. (އެއްހާސް ހަތްސަތޭކަ ސާޅީސް އެއްރުފިޔާ، ނުވަދިހަ ތިންލާރި) ހޯދުމަށް ދަޢުވާކޮށްފައިވާކަން އެ ޤަޟިއްޔާގެ ދަޢުވާ ފޯމުން އެގެން އޮންނަ ކަމާއި، ނަމަވެސް އޭގެ ފަހުން ސިވިލް ކޯޓަށް ހުށަހެޅި އެ ކޯޓުގެ ނަންބަރު 1160/Cv-C/2010 (2185/MC/2010) ޤަޟިއްޔާގައި ޢަބްދުﷲ މަޖީދުގެ ފަރާތުން އެޕާރޓްމަންޓް ޙަވާލުކޮށްފައިވަނީ ޙަވާލުކުރަންޖެހޭ ތާރީޚަށްވުރެ 04 ދުވަސް ފަހުން ކަމަށްބުނެ އެ 04 ދުވަހުގެ ކުލީގެ ގޮތުގައި 2,400/-ރ. (ދެހާސް ހަތަރު ސަތޭކަ ރުފިޔާ) ހޯދުމަށް ދަޢުވާކޮށްފައިވާކަން އެނގެން އޮންނަކަމާއި،

މި ނުކުތާއާ ބެހޭގޮތުން ޢަބްދުﷲ މަޖީދު ދައްކާފައިވާ ވާހަކައިގައި، އެގްރީމެންޓުގައި ކަނޑައެޅިފައިވާ މުއްދަތުގައި އިބްރާހީމް ތައުފީޤުއާ ތަން ޙަވާލު ކޮށްފައިވާ ކަމަށާއި، އެއީ 01 މޭ 2007 ކަމަށާއި، އަދި 2007 މޭ މަހުގެ ކުލި ވެސް އިބްރާހީމް ތައުފީޤުގެ ފަރާތުން ފުރިހަމައަށް ދައްކާފައިވާކަމަށާއި، ތަން ޙަވާލުކުރަންޖެހޭ މުއްދަތުގައި ތަން ޙަވާލު ކޮށްފައި ނުވާކަމަށްބުނެ، އެ މަހުގެ ކުލި ދެއްކި އިރުގައިވެސް، އަދި އޭގެ ފަހުން އައި އެއްވެސް މަހެއްގެ ކުލި ދެއްކި އިރުގައިވެސް އިބްރާހީމް ތައުފީޤު އެބުނާ ދުވަސްތަކެއްގެ ކުލި އުނިކޮށް އެޖަސްޓް ކުރުމަށް، އެތަނުގައި އިބްރާހީމް ތައުފީޤު ދިރިއުޅެމުންދިޔަ މުއްދަތުގައި އެއްވެސް ފަހަރަކު ވާހަކަ ދައްކާފައި ނުވާކަމަށް ޢަބްދުﷲ މަޖީދު ބުނެފައިވާކަން އެނގެން އޮންނަކަމާއި، އަދި މޭ 2007 ގެ ކުލި އެއްކޮށް ދައްކާފައިވާކަމަށް އިބްރާހީމް ތައުފީޤު ވެސް އެއްބަސްވެފައިވާ ކަމާއި، އަދި އޭގެ ފަހުން އައި މަސްތަކުގެ ކުލިވެސް ފުރިހަމައަށް ދައްކާފައިވާކަމަށް ވެސް އިބްރާހީމް ތައުފީޤު ބުނެފައިވާއިރު، އެގްރީމެންޓާ އެއްގޮތަށް ތަން ޙަވާލުކުރަންޖެހޭ މުއްދަތުގައި ތަން ޙަވާލު ކޮށްފައި ނުވާކަމަށްބުނެ، އެ ދުވަސްތަކުގެ ކުލީގެ ކަންތައް ހަމަޖެއްސުމަށް، އެ އެޕާރޓްމަންޓުގައި ދިރިއުޅެމުން ދިޔައިރު ޢަބްދުﷲ މަޖީދު އާ، އިބްރާހީމް ތައުފީޤުގެ ފަރާތުން އެ ވާހަކަ ދައްކާފައިވާ ކަމަށް އިބްރާހީމް ތައުފީޤު ބުނެފައިވާކަން އެނގެން ނެތްކަމަށްޓަކައި، އިބްރާހީމް ތައުފީޤު އާއި ޢަބްދުﷲ މަޖީދު އާ ދެމެދު ސޮއި ކޮށްފައިވާ އިސްވެ ބަޔާންކުރެވުނު އެގްރީމެންޓާ އެއްގޮތްވާ ގޮތުގެމަތިން، ޢަބްދުﷲ މަޖީދުގެ ފަރާތުން އިބްރާހީމް ތައުފީޤު އާ ޙަވާލުކުރަންޖެހޭ އެޕާރޓްމަންޓު ޙަވާލުކުރަންޖެހޭ މުއްދަތުގައި ޙަވާލުކޮށްފައި ނުވާކަމަށް އިބްރާހީމް ތައުފީޤު ބުނެފައިވާ ބުނުން ޝަރީޢަތަށް ސާބިތުވާވަރަށް ހެކި ލިބިފައި ނުވާކަމާއި،

އަދި އިބްރާހީމް ތައުފީޤު ހުށަހެޅި އެގްރީމެންޓުގެ ފަހު ޞޮފްޙާގެ އެންމެ ތިރީގައި، އަތުއަކުރުން ހެކިވެރިންގެ ގޮތުގައި ދެފަރާތެއްގެ ނަމާއި ވަނަވަރު ލިޔެ، އޭގެ ތިރީގައި، "ނޯޓް: ޢިމާރާތުގެ ތަޅުދަނޑި ޙަވާލުކުރެވޭނީ، ޢިމާރާތުގެ އެތެރޭގެ މަސައްކަތް މުޅިން ނިމުމުންނެވެ." މިފަދައިން ލިޔެފައިވާއިރު، އިބްރާހީމް ތައުފީޤު ހުށަހެޅި އެގްރީމެންޓުގައި ނޯޓުގެ ގޮތުގައިވާ އެ ޢިބާރާތާއި ހެކީންގެ ނަމާއި ވަނަވަރަކީ އިބްރާހީމް ތައުފީޤު އަމިއްލައަށް އިތުރުކޮށްފައިވާ ބައެއްކަމަށް ޢަބްދުﷲ މަޖީދުގެ ފަރާތުން ބުނެފައިވާކަމާއި ޢަބްދުﷲ މަޖީދު ހުށަހެޅި އެގްރީމެންޓުގައި ހެކީންގެ ގޮތުގައި އެއްވެސް ފަރާތެއްގެ ވަނަވަރެއް ލިޔެފައި ނުވާކަމާ، އަދި ނޯޓެއްގެ ގޮތުގައިވެސް އެއްވެސް އެއްޗެއް އަތުއަކުރުންވިޔަސް ލިޔެފައި ނުވާކަމާއި، އަދި މި ނޯޓާއި ހެކިވެރިންގެ ވަނަވަރު އެގްރީމެންޓަށް އިބްރާހީމް ތައުފީޤުގެ ފަރާތުން އިތުރު ކޮށްފައި އެވަނީ، އިބްރާހީމް ތައުފީޤުގެ ދަޢުވާގައި ބުނެފައިވާ ފަދައިން ކުއްޔަށް ދޫކުރެވުނު ތަން، އެގްރީމެންޓު ކުރެވުނު ތާރީޚުގައި ޙަވާލުކުރެވިފައި ނުވާކަން ދެއްކުމުގެ ގޮތުންކަމަށް ޢަބްދުﷲ މަޖީދު ގެ ފަރާތުން ތުހުމަތު ކޮށްފައިވާ ކަމާއި، ނަމަވެސް ޢަބްދުﷲ މަޖީދުގެ އެ ބުނުމާމެދު އިބްރާހީމް ތައުފީޤުގެ ފަރާތުން އިންކާރުކުރުމުގެ ގޮތުން ޖަވާބު ދީފައިވާކަން އެނގެން ނެތްކަމާއި،

އެހެންކަމުން، މި ނުކުތާގައި އިސްވެ މި ފާހަގަކުރެވުނު ކަންކަމަށް ބަލާއިރު، އިބްރާހީމް ތައުފީޤު އާއި ޢަބްދުﷲ މަޖީދު އާ ދެމެދު ސޮއި ކޮށްފައިވާ އިސްވެ ބަޔާންކުރެވުނު އެގްރީމެންޓާ އެއްގޮތްވާގޮތުގެމަތިން، ޢަބްދުﷲ މަޖީދުގެ ފަރާތުން އިބްރާހީމް ތައުފީޤު އާ ޙަވާލުކުރަންޖެހޭ އެޕާރޓްމަންޓު ޙަވާލުކުރަންޖެހޭ މުއްދަތުގައި ޙަވާލު ކޮށްފައި ނުވާކަމަށް އިބްރާހީމް ތައުފީޤު ބުނެފައިވާ ބުނުން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ސާބިތުކޮށްދެވިފައި ނުވާކަން އެނގެން އޮންނަކަމެވެ.

(ކ) ހަތްވަނަ ކަމަކީ: އިސްވެ ބަޔާންކުރެވުނު އެގްރީމެންޓުގެ 03 ވަނަ ނަންބަރުގައި، "ކުއްޔަށް ހިފާ ޢިމާރާތުގެ ސެކިއުރިޓީ ޑިޕޮސިޓެއްގެ ގޮތުގައި 2 މަހުގެ ކުލި ދެއްކުމަށް ކުއްޔަށް ހިފާ ފަރާތުން އެއްބަސްވެއެވެ." މިފަދައިން އޮންނަ އޮތުމާ އެއްގޮތަށް ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި ޖުމްލަ 36,000/-ރ. (ތިރީސް ހަހާސް ރުފިޔާ) އިބްރާހީމް ތައުފީޤުގެ ފަރާތުން ޢަބްދުﷲ މަޖީދު އަށް ދައްކާފައިވާކަމަށް އިބްރާހީމް ތައުފީޤު ބުނެފައިވާ ބުނުމަށް ޢަބްދުﷲ މަޖީދު ވެސް އެއްބަސްވެފައިވާކަން އެގެން އޮންނަ ކަމާއި،

ނަމަވެސް މި ދެފަރާތުގެ ދެމެދުގައި ސޮއި ކޮށްފައިވާ އެގްރީމެންޓުގެ 03 ވަނަ މާއްދާގެ ޢިބާރާތަށް އިބްރާހީމް ތައުފީޤު ބަދަލުގެނެސް، އެ މާއްދާގެ ޢިބާރާތަށް ބައެއް އިތުރު ކޮށްފައިވާކަމަށް ޢަބްދުﷲ މަޖީދުގެ ފަރާތުން ބުނެ، ޢަބްދުﷲ މަޖީދުގެ ފަރާތުން އެދެފަރާތުގެ ދެމެދުގައި ސޮއިކުރެވުނު އެގްރީމެންޓު ސިވިލް ކޯޓަށް ހުށަހަޅާފައިވާ ކަމާއި، މި ދެފަރާތުން ޝަރީޢަތަށް ހުށަހަޅާފައިވާ ދެ އެގްރީމެންޓަށް ބަލާއިރު، އެއީ ކުރިންވެސް ފާހަގަކުރެވުނު ފަދައިން ކޮމްޕިއުޓަރުން ޓައިޕްކޮށް ޕްރިންޓް ކޮށްފައިވާ އެއް ޑޮކިއުމަންޓެއްގެ ދެ ކޮޕީކަން ހަމަ ލޮލުން ބަލާބެލުމަށްވެސް ފާޅުކަން ބޮޑުގޮތެއްގައި އެނގެން އޮންނަކަމާއި،

އަދި ޢަބްދުﷲ މަޖީދު ހުށަހަޅާފައިވާ އެގްރީމެންޓުގެ 03 ވަނަ ނަންބަރުގައި، "ކުއްޔަށް ހިފާ ޢިމާރާތުގެ ސެކިއުރިޓީ ޑިޕޮސިޓެއްގެ ގޮތުގައި 2 މަހުގެ ކުލި ދެއްކުމަށް ކުއްޔަށް ހިފާ ފަރާތުން އެއްބަސްވެއެވެ." މިފަދައިން ލިޔެފައިވާއިރު، އެ ޢިބާރުގެ ފަހަތުގައި އެ ނަންބަރުގައި، އިތުރު އެއްވެސް ލަފުޒެއް އަދި އަކުރެއްވިޔަސް ލިޔެފައި ނުވާކަމާއި،

ނަމަވެސް އިބްރާހީމް ތައުފީޤު ހުށަހެޅި އެގްރީމެންޓުގެ 03 ވަނަ ނަންބަރުގައި، (ޢަބްދުﷲ މަޖީދު ހުށަހެޅި އެގްރީމެންޓުގެ 03 ވަނަ ނަންބަރުން އިސްވެ މިބަޔާންކުރެވުނު ޢިބާރާތަށް ފަހު) އަތުއަކުރުން، "ނަމަވެސް މުއްދަތު ހަމަވުމުގެ ކުރިން ޢިމާރާތް އަތުލާނަމަ މިފައިސާ އަނބުރާ ދޭންވާނެއެވެ." މިފަދައިން ލިޔެފައިވާކަން އެނގެން އޮންނަކަމާއި، އިބްރާހީމް ތައުފީޤު ހުށަހެޅި އެގްރީމެންޓުގައި އަތުއަކުރުން ލިޔެފައިވާ އިސްވެ މި ބުނެވުނު ޢިބާރާތަކީ، އިބްރާހީމް ތައުފީޤު އަމިއްލައަށް އިތުރުކޮށްފައިވާ ޢިބާރާތެއްކަމަށް ޢަބްދުﷲ މަޖީދު ބުނެފައިވާކަމާއި،

ކުއްޔަށް ހިފުމާއި ކުއްޔަށް ދިނުމުގެ މިފަދަ މުޢާމަލާތްތައް ކުރާއިރު ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި ބެހެއްޓޭ ފައިސާއަކީ، އެ ދެފަރާތުން އިތުރު ގޮތަކަށް އެއްބަސްވެފައި ނުވާނަމަ، ކުލީގެ މުއްދަތު ހަމަވެގެން ނުވަތަ އެނޫން އެހެންވެސް ސަބަބެއް މެދުވެރިވެގެން، ކުއްޔަށް ހިފާފައިވާ ތަން ދޫކޮށްލާއިރު، އެތަނަށް ގެއްލުމެއް ލިބިފައިވާނަމަ، އެ ގެއްލުމެއް މަރާމާތު ކުރުމުގައި ހިނގާނެ ޚަރަދުތައް، ކުއްޔަށް ދޫކުރި ފަރާތަށް ލިބޭނެ ކަމުގެ ޔަޤީންކަން ދިނުމުގެ ގޮތުން، އަދި ކުއްޔަށް ހިފި ފަރާތުން އެތަނުގައި ބޭނުންކޮށްފައިވާ އެއްވެސް ޚިދުމަތަކަށް ކަމާބެހޭ އިދާރާއަކަށް ދައްކަންޖެހޭ ފައިސާއެއް ނުދައްކާ އޮވެ، އެ ފައިސާގެ ކަންތައް ހަމަޖެއްސުމުގެ ޔަޤީންކަން ކުއްޔަށް ދިން ފަރާތަށް ދިނުމުގެ ގޮތުން ބެހެއްޓޭ ފައިސާއެއް ކަމާއި،

އެގޮތުން ބަޔާންކުރެވުނު އެގްރީމެންޓާ އެއްގޮތްވާގޮތުގެ މަތިން އިބްރާހީމް ތައުފީޤުގެ ފަރާތުން ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި ދައްކާފައިވާ ފައިސާ، ޢަބްދުﷲ މަޖީދުގެ އަތުން އަނބުރާ ހޯދުމަށް އިބްރާހީމް ތައުފީޤުގެ ދަޢުވާގައި އެދިފައިވާއިރު، އެ ފައިސާއަށްވުރެ ގިނަ ފައިސާ، އިބްރާހީމް ތައުފީޤު އެތަން ދޫކޮށްދިޔައިރު އެތަނަށް ދީފައިވާ ގެއްލުންތައް މަރާމާތު ކުރުމަށް ޚަރަދު ވެފައިވާކަމަށް ޢަބްދުﷲ މަޖީދުގެ ފަރާތުން ސިވިލް ކޯޓުގައި ބުނެފައިވާ ކަމާއި، އަދި އެކަން ސާބިތު ކޮށްދިނުމަށްޓަކައި އެ މަރާމާތުތައް ޢަމަލީގޮތުން ކޮށްފައިވާ ފަރާތް ހެއްކެއްގެ ގޮތުގައި ހާޒިރު ކޮށްދިނުމަށް ޢަބްދުﷲ މަޖީދު އެދިފައިވާކަން އެނގެން އޮންނަކަމާ، ނަމަވެސް ސިވިލް ކޯޓުގެ ނަންބަރު 1160/Cv-C/2010 (2185/MC/2010) ޤަޟިއްޔާ ބަލާ ނިންމުމުގައި، އިބްރާހީމް ތައުފީޤުގެ ފަރާތުން އެތަނަށް ގެއްލުންތަކެއް ދީފައިވާކަން ސާބިތު ކުރުމަށް ޢަބްދުﷲ މަޖީދުގެ ފަރާތުން ހުށަހެޅި ހެކި، ސިވިލް ކޯޓަށް ހާޒިރު ކޮށްފައިވާކަން އެނގެން ނެތްކަމާއި، އަދި އެ ހެކި ޙާޟިރު ކޮށްފައި ނުވާ ސަބަބުވެސް ބަޔާން ކޮށްފައި ވާކަން އެގެން ނެތްކަމާއި، އަދި އެގްރީމެންޓުގެ 3 ވަނަ ނަންބަރަށް އިބްރާހީމް ތައުފީޤު އަމިއްލައަށް އިތުރު ކޮށްފައިވާކަމަށް ޢަބްދުﷲ މަޖީދު ބުނެފައިވާ ޢިބާރާތުގެ ޞައްޙަ ކަމާމެދުގައިވެސް އެއްވެސް ގޮތެއް ކަނޑައަޅާފައިވާކަން އެނގެން ނެތްކަމާ، އަދި މީގެ އިތުރުން އިބްރާހީމް ތައުފީޤު އެތަނުން ނުކުމެގެން ދިޔައިރު، ފެން ބިލާއި ކަރަންޓު ބިލުގެ ފައިސާ ދައްކާފައި ނުވާކަމަށް ޢަބްދުﷲ މަޖީދުގެ ފަރާތުން ބުނެފައިވާ ބުނުމާމެދުގައިވެސް ޝަރީޢަތުގެ ފަރާތުން ގޮތެއް ނިންމާފައިވާކަން އެގެން ނެތްކަމާއި،

އެހެންކަމުން، މި ދެފަރާތުގެ ދެމެދުގައި ސޮއި ކޮށްފައިވާ އެގްރީމެންޓުގެ 3 ވަނަ ނަންބަރުގެ ނައްޞުގެ ޞައްޙަ ގޮތާ މެދުގައާއި، ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި އިބްރާހީމް ތައުފީޤުގެ ފަރާތުން ޢަބްދުﷲ މަޖީދުއާ ޙަވާލު ކޮށްފައިވާ 36,000/-ރ. (ތިރީސް ހަހާސް ރުފިޔާ) އަކީ، އެ މިންވަރަށް އަނބުރާ އިބްރާހީމް ތައުފީޤަށް ދޭންޖެހޭ ފައިސާއެއްކަމަށް އިބްރާހީމް ތައުފީޤު ބުނެފައިވާ ބުނުމާމެދުގައާއި، އިބްރާހީމް ތައުފީޤު އެތަން ދޫކޮށްފައި ދިޔައިރު އެތަނަށް ގެއްލުންތަކެއް ދީފައިވުމުގެ ސަބަބުންނާއި އެތަނުގައި އިބްރާހީމް ތައުފީޤު ބޭނުންކޮށްފައިވާ ޚިދުމަތުގެ ބިލްތަކަށް ފައިސާ ދައްކާފައި ނުވުމުގެ ސަބަބުން، އިބްރާހީމް ތައުފީޤުގެ ފަރާތުން ސެކިއުރިޓީ ޑިޕޮސިޓް ގެ ގޮތުގައި ދީފައިވާ ފައިސާއަށްވުރެ އިތުރަށް ޚަރަދު ކުރަންޖެހުނުކަމަށް ޢަބްދުﷲ މަޖީދުގެ ފަރާތުން ބުނެފައިވާ ބުނުމާމެދުގައި ޝަރީޢަތުން ގޮތެއް ނިންމަންޖެހޭނެ ކަމާއި، އެގޮތުން އެނުކުތާއާ މެދު ގޮތެއް ނިންމުމުގައި، މިފަދަ މުޢާމަލާތްތައް ކުރުމުގައި ގެންގުޅޭ ޢާންމު އުޞޫލަށާއި، އެ އެގްރީމެންޓުގެ 3 ވަނަ މާއްދާ އާއި އެހެނިހެން މާއްދާތަކުގެ ނައްޞުތަކަށާއި، ޢަބްދުﷲ މަޖީދުގެ ފަރާތުން ހުށަހަޅާފައިވާ ކިތާބީ ހެކިތަކަށާއި އަދި ޝަފަހީ ހެކީގެ ހެކިބަހަށް ޝަރީޢަތުން ރިޢާޔަތް ކުރަންޖެހޭކަން ފާހަގަކުރެވޭ ކަމާއި،

ނަމަވެސް މި ނުކުތާއާމެދު ސިވިލް ކޯޓުގެ ނަންބަރު 1160/Cv-C/2010 (2185/MC/2010) ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ (3.4) ގައި، އިބްރާހީމް ތައުފީޤު ތަނުން ނުކުމެގެން ދިޔައިރު، ތަނަށް އެއްވެސް ގެއްލުމެއް ވެފައިވާކަން ޢަބްދުﷲ މަޖީދުގެ ފަރާތުން ސާބިތުކޮށްދީފައިނުވާކަމަށް ބަޔާންކޮށް، ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި އިބްރާހީމް ތައުފީޤު ދީފައިވާ -36,000/.ރ (ތިރީސް ހަހާސް ރުފިޔާ) އެކީ އިބްރާހީމް ތައުފީޤަށް އަނބުރާ ދިނުމަށް އަންގާ ޢަބްދުﷲ މަޖީދުގެ މައްޗަށް ޙުކުމް ކޮށްފައިވާކަން އެނގެން އޮންނައިރު،

އެނުކުތާއާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/252 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3 ގެ (ޅ) ގައި، ސިވިލް ކޯޓުގެ ނަންބަރު 1160/Cv-C/2010 (2185/MC/2010) ޤަޟިއްޔާ ނިންމެވިއިރު ޝަރީޢަތަށް ފާހަގަކުރައްވާފައިވާ ކަންތައްތަކުގެ ތެރޭގައި، އިބްރާހީމް ތައުފީޤު އާއި ޢަބްދުﷲ މަޖީދު އާ ދެމެދު ވެވިފައިވާ އެއްބަސްވުމުގެ3 ވަނަ މާއްދާއަށް އިބްރާހީމް ތައުފީޤު އިތުރު ކޮށްފައިވާކަމަށް ޢަބްދުﷲ މަޖީދު ބުނެފައިވާ ޢިބާރާތުގެ ޞައްޙަކަމާމެދު އެއްވެސް ކަމެއް ފާހަގަކުރައްވައި ގޮތެއް ކަނޑައެޅުއްވިކަން އެނގެން ނެތްކަމަށާއި، އަދި އިބްރާހީމް ތައުފީޤު ޢަބްދުﷲ މަޖީދު އަތުން ކުއްޔަށް ހިފިތަނުން ނުކުމެގެން ދިޔައިރު، އެތަނުގެ ފެނާއި ކަރަންޓު ބިލުގެ ފައިސާ ދައްކާފައި ނުވާކަމަށް ޢަބްދުﷲ މަޖީދުގެ ފަރާތުން ބުނެފައިވާ ބުނުމާމެދުގައިވެސް، ސިވިލް ކޯޓުގެ އެޤަޟިއްޔާގައި ޝަރީޢަތުން އެނުކުތާއާމެދު ދެކޭގޮތެއް ބަޔާންކޮށްފައި ނުވާކަމަށާއި، އަދި އިބްރާހީމް ތައުފީޤުގެ ފަރާތުން އެތަނަށް ގެއްލުންތަކެއް ދީފައިވާކަމަށާއި، އެގެއްލުންތައް ޢަބްދުﷲ މަޖީދުގެ ފަރާތުން މަރާމާތު ކުރުމަށް ޚަރަދުތަކެއް ކުރަންޖެހުނު ކަމަށްބުނެ އެކަން ސާބިތުކުރުމަށް ހުށަހެޅި ހެކި ސިވިލް ކޯޓުގެ އެޤަޟިއްޔާގެ ޝަރީޢަތަށް ހާޒިރު ކޮށްފައި ނުވާކަމަށާއި، އަދި އެ ހެކި ހާޒިރު ނުކުރި ސަބަބުވެސް އެރިޕޯޓުގައި ފާހަގަކޮށްފައި ނުވާކަމަށް ބަޔާންކޮށް، ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި އިބްރާހީމް ތައުފީޤުގެ ފަރާތުން ދައްކާފައިވާ 36,000/-.ރ (ތިރީސް ހަހާސް ރުފިޔާ) އަކީ، ޢަބްދުﷲ މަޖީދުގެ ފަރާތުން އިބްރާހީމް ތައުފީޤަށް ހަމަ އެމިންވަރަށް ދައްކަންޖެހޭ ފައިސާއެއްކަމަށް ސިވިލް ކޯޓުގެ ނަންބަރު 1160/Cv-C/2010 (2185/MC/2010) ޤަޟިއްޔާ ގެ ޙުކުމުގައި ކަނޑައަޅާފައިވާ ކަނޑައެޅުން ބާޠިލްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/252 ޤަޟިއްޔާގައި ކަނޑައަޅައި، އެ ފައިސާއާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/252 ޤަޟިއްޔާގައި ފާހަގަކޮށްފައިވާ ކަންކަމުގެ ޢަލީގައި އިތުރަށް އެކަންކަން ސިވިލް ކޯޓުން ބަލައި ގޮތެއް ކަނޑައެޅުމަށް ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން ސިވިލް ކޯޓަށް ތަޙްވީލުކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/252 ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފައިވާކަން އެނގެން އޮނަކަމެވެ.

(ލ) އަށްވަނަ ކަމަކީ: ދުނިޔޭގެ ކުރިއަރާފައިވާ ތަފާތު ޖުރިސްޑިކްޝަންތަކާއި އަދި ދީމިޤްރާޠީ މުޖުތަމަޢުތަކުގެ ޢަދުލު އިންޞާފު ޤާއިމްކުރުމުގެ ބާރު އެތުރިފައިވާގޮތުގެ މައްޗަށް ބަލާއިރު، ފުރަތަމަ މަރުޙަލާގެ ކޯޓުތަކުން ނިންމާ މައްސަލަތައް އެއަށްވުރެ މަތީ މަރުޙަލާގެ އިސްތިއުނާފީ ކޯޓުތަކުގައި އިސްތިއުނާފުކުރުމުގެ ޙައްޤުލިބިދީފައިވާ މައިގަނޑު ސަބަބަކީ، ފުރަތަމަ މަރުޙަލާގެ ކޯޓުގެ ޙުކުމް ޞައްޙަނޫންކަމަށް ބެލެވިދާފަދަ ސަބަބެއް ނުވަތަ ސަބަބުތަކެއް މެދުވެރިވެފައިވުމުން އެ ޙުކުމުގައި ކުށެއް ނުވަތަ ޢައިބެއް އޮވެދާނެކަމުގެ އިޙްތިމާލު އޮވެދާނެތީ، ޢަދުލު އިންޞާފު އޭގެ އެންމެ ތަނަވަސް މާނައިގައި ލިބިދިނުމުގެ މަފްހޫމާ އެއްގޮތަށް އެފަދަ ޙުކުމްތަކުން ފާހަގަކުރެވޭ އެފަދަ ޢައިބުތައް ޤާނޫނީ ގޮތުން ފިލުވައި ޞައްޙަ ޙުކުމަކަށް އެ ޙުކުމް ބަދަލުކޮށް، ފުރަތަމަ މަރުޙަލާގެ ކޯޓުގެ ޙުކުމުގައިވާ ޢައިބު ނުވަތަ ކުށް ރަނގަޅުވެގެން ދިއުމުގެ އުންމީދުގައި ފުރަތަމަ މަރުޙަލާގެ ކޯޓުގައި ކުރެވުނު ދަޢުވާ އަލުން ބަލައި އެ ކޯޓުގެ ޙުކުމް އަލުން މުރާޖަޢާކުރުމަށް މަގުފަހިކުރުން ކަމާއި،

އަދި މި ބާވަތުގެ ކުށެއް ނުވަތަ ޢައިބެއް ފުރަތަމަ މަރުޙަލާގެ ކޯޓުގެ ޙުކުމުގައި އޮވެދާނެކަމުގެ އިޙްތިމާލު އޮތުމަށް ދިމާވާ މައިގަނޑު ސަބަބަކީ، ފުރަތަމަ މަރުޙަލާގެ ކޯޓުން ބަލާ ދަޢުވާ އެ ކޯޓުން އެ ބެލެވެނީ އެންމެ ފުރަތަމަ ފަހަރަށްކަމަށްވެފައި، އެ ދަޢުވާގެ އެންމެހާ ޢުންޞުރުތަކެއް ޞައްޙަ މަގުން ސާފުވެގެން ނުދިއުމަކީ އެކަށީގެންވާ ކަމެއްކަމަށްވުމުން، ނުވަތަ އެ ދަޢުވާގެ ޙުކުމް އައިއިރު، ޞައްޙަ މަގުން ޤާނޫނު ތަޠްބީޤު ވެގެން ނުދިއުމަކީ އެކަށީގެންވާ ކަމެއްކަމަށްވުމުންނާއި، އަދި މީގެ އިތުރުން މަތީ މަރުޙަލާގެ ކޯޓެއްގައި އިސްތިއުނާފްކޮށްގެން ދެވަނަ ފަހަރަށް އެ ދަޢުވާ ބަލައި، ދަށު މަރުޙަލާގެ ކޯޓުން ނެރުނު ޙުކުމުން ޢައިބެއް ނުވަތަ ޤާނޫނު ތަޠުބީޤު ކުރުމުގައި ނުރަނގަޅު ކަމެއް ފާހަގަވުމުގެ އިޙްތިމާލު އޮންނާނެކަމަށް ފުރަތަމަ މަރުޙަލާގެ ކޯޓުގައި މައްސަލަ ބަލާ ފަނޑިޔާރަށް އެނގިފައިއޮތުމަކީ، އެއީ އެ މަރުޙަލާގެ ކޯޓުން މައްސަލަ ރަނގަޅަށް ބެލުމަށް އިތުރު އަހައްމިއްޔަތު ކަމެއް ދިނުމަށް މަގުފަހިކުރުވާ، އަދި ފުރަތަމަ މަރުޙަލާގެ ކޯޓުގެ ޙުކުމް ޞައްޙަ ރަނގަޅު ޙުކުމަކަށްވެގެން ދިއުމަށްޓަކައި ބަލަންޖެހޭ އެންމެހައި ބެލުންތައް ފަރުވާތެރިކަމާއެކު ބެލުމަށް ބާރުލިބިދޭނޭ ކަމެއްކަމަށްވުމާއި، އަދި މީގެ އިތުރުން ފުރަތަމަ މަރުޙަލާގެ ކޯޓަށް ހުށަހެޅުނު ދަޢުވާ ދެވަނަ ފަހަރަށް ބެލުމަކީ ވާޤިޢާތައް (facts) ވަޒަންކުރުން ކަމުގައި ވިޔަސް އެއްބާވަތެއްގެ މައްސަލަތަކުގައި ޝަރީޢަތުން ހަރުދަނާ ޤަޟާއީ އުޞޫލުތަކެއް އެކަށައެޅިގެންދިއުމަށް މަގުފަހި ކޮށްދޭނޭ ކަމެއްކަމަށް ވުމާއި މި އެންމެހައި ކަންކަމަކީ، މައްސަލަތައް އިސްތިއުނާފްކުރުމުގެ މައިގަނޑު މަޤްޞަދުތައްކަން އެނގެން އޮންނަ އޮތުމުގެ އިތުރުން،

ފުރަތަމަ މަރުޙަލާގެ ކޯޓަކަށް ހުށަހެޅޭ ދަޢުވާއަކާ ގުޅިގެން އެ ކޯޓަކުން އެ ދަޢުވާގެ މައުޟޫޢު ބަލައި ފައިޞަލާކުރަނިވި ގޮތުގައި ކުރާ ޙުކުމެއް، އަޞްލީ އިޚްތިޞާޞްގެ ގޮތުގައި އިސްތިއުނާފީ މައްސަލަތައް ބެލުމަށް ޚާއްޞަކުރެވިފައިވާ އިސްތިއުނާފީ ކޯޓުގައި އިސްތިއުނާފުކުރުމުގެ ސަބަބުން ނުކުންނަ މައިގަނޑު ނަތީޖާތަކުގެ ތެރެއިން އެންމެ މުހިންމު އެއް ނަތީޖާއަކީ، ފުރަތަމަ މަރުޙަލާގެ ކޯޓަށް ހުށަހެޅިފައިވާ ދަޢުވާއަކީ ޖިނާއީ ދަޢުވާއެއްކަމުގައިވިޔަސް ނުވަތަ މަދަނީ ދަޢުވާއެއްކަމުގައިވިޔަސް، އެ ދަޢުވާ އިސްތިއުނާފީ ކޯޓުން ބެލުމަށްޓަކައި ފުރަތަމަ މަރުޙަލާގެ ކޯޓުގެ ދަޢުވާގައި ހިމެނޭ ވާޤިޢާ ތަކާއި ޤާނޫނު ތަޠުބީޤު ކޮށްފައިވާގޮތާއި މި އެންމެހައި ކަންތައް ހިމެނޭގޮތުން އިސްތިއުނާފީ ނުކުތާތަކުގެ ޙުދޫދުގެ ތެރެއިން އިސްތިއުނާފީ ކޯޓަށް މުޅި ދަޢުވާ އަލުން ހުށަހެޅިގެން ދިއުންކަމާއި، މި ގޮތުން ފުރަތަމަ މަރުޙަލާގެ ކޯޓުން ކޮށްފައިވާ ޙުކުމް، އިސްތިއުނާފީ ކޯޓުގައި އިސްތިއުނާފް ކުރެވިގެންދިއުމާއެކު، ފުރަތަމަ މަރުޙަލާގެ ކޯޓަށް އެ ދަޢުވާ ހުށަހެޅިގެން ދިޔަވަގުތުން ފެށިގެން އެ ދަޢުވާ ބެލުމަށް އެ ކޯޓަށް ޤާނޫނީ ގޮތުން ލިބިގެންވާ ހުރިހާ ބާރުތަކެއް އިސްތިއުނާފީ ކޯޓަށް އުޞޫލެއްގެ ގޮތުން ލިބިގެންވާ ކަމާއި، މީގެ ތެރޭގައި އެ ދަޢުވާގެ އެންމެހައި ވާޤިޢާތައް ބެލުމާއި، އަދި ކަމެއް ޘާބިތުކުރުމަށްޓަކައި އިސްތިއުނާފީ ކޯޓަށް ފެންނަ އެންމެހައި އިޖުރާއާތުތަކެއް ފުރިހަމަކުރުމާއި، ހުށަހެޅިފައިވާ އެންމެހައި ލިޔެކިއުންތަކުގައްޔާއި ޚަޞްމުންގެ ދިފާޢުތަކުގައި ހިމެނޭ އެންމެހާ ވާޤިޢާތައް އަލުން ބަލައި ވަޒަންކުރުމާއި، އަދި އޭގެފަހުން ދަޢުވާގެ އެންމެހައި ވާޤިޢާތަކެއްގެ މައްޗަށް، އެ ކޯޓުން ތަޠުބީޤުކުރުން ޞައްޙަކަމަށް ފެންނަ ޤާނޫނީ ޤާޢިދާ ތަޠުބީޤުކުރުން ހިމެނޭ ކަމާއި،

އަދި މީގެ އިތުރުން އިސްތިއުނާފު ކުރުމުގެ ތަޞައްވުރު ބިނާވެފައިވަނީ، ފުރަތަމަ މަރުޙަލާގެ ކޯޓުން ކުރި ޙުކުމް އިސްތިއުނާފްކުރެވިއްޖެނަމަ، ފުރަތަމަ މަރުޙަލާގެ ކޯޓުން އެ ޙުކުމް ނެރުމުގެ ކުރިން، އެ ކޯޓަށް އެ ހުށަހެޅުނު އެ ދަޢުވާ އެއޮތް ޙާލަތުގައި އިސްތިއުނާފީ ކޯޓަށް ނަޤުލުވެގެންދިއުމުގެ މައްޗަށް ކަމާއި، މީގެ ނަތީޖާއެއްގެގޮތުން ފުރަތަމަ މަރުޙަލާގެ ކޯޓަށް ހުށަހެޅިފައިވާ ދަޢުވާއާ ގުޅޭގޮތުން އައު ހެއްކާއި އައު ދިފާޢުތައް އިސްތިއުނާފީ ކޯޓަށް ހުށަހެޅުމުގެ ފުރުޞަތުވެސް ހުޅުވިގެންދާނެ ކަމާއި، އެހެނީ އިސްތިއުނާފުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ދަށު މަރުޙަލާގެ ކޯޓުންކުރި ޙުކުމް ރަނގަޅު ނޫންކަމަށް ދެކޭފަރާތަށް، ދަށު މަރުޙަލާގެ ކޯޓަށް ހުށަހެޅުމަށް ނުކުޅެދުނު އައު ހެއްކެއް ފަހުން ލިބިފައިވާނަމަ، އެހެކި އިސްތިއުނާފީ ކޯޓަށް އަލުން ހުށަހަޅުމުގެ މަގު ތަނަވަސް ކޮށްދިނުމާއި، އަދި ދަށު ކޯޓުގެ ދަޢުވާއާ ގުޅިގެން ހަނދާންނެތިގެން ނުވަތަ އެނޫން ގޮތަކުން ކަމަށްވިޔަސް ދަށު ކޯޓަށް ކަމެއް ހުށަހެޅިއިރު، ގޯހެއް ހުށަހެޅިފައިވާނަމަ އެ ކަމެއް ދެނެގަނެ ރަނގަޅުކުރުމަށް މަގުފަހިކުރުން ހިމެނޭކަމާއި، މިކަންކަން މައްސަލަތައް އިސްތިއުނާފްކުރުމާ ބެހޭގޮތުން ހުރި ޤާނޫނީ އުޞޫލުތަކާއި ހަމަތަކަށް ބެލުމުން ސާފުކޮށް އެނގެންއޮތްއިރު، އަދި ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގައި "ޖިނާއީ މައްސަލަތަކުގައްޔާއި މަދަނީ މައްސަލަތަކުގައި އިއްވާ ޙުކުމްތަކާއި ނެރޭ ކޯޓު އަމުރުތައް އިސްތިއުނާފަށް ހުށަހެޅުމުގެ ޙައްޤު މައްސަލައާ ގުޅުންހުރި ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ." މިފަދައިން ބަޔާންކޮށްފައިއޮންނަ އޮތުމަށް ބަލާއިރު ރައްޔިތުންގެ ތެރެއިން ހަމަ ކޮންމެ މީހަކަށްވެސް ލިބިފައިވާ އަސާސީ ޙައްޤެއްގެ ގޮތުގައި ޤާނޫނުއަސާސީގެ މި މާއްދާގައި އިސްތިއުނާފްކުރުމުގެ ޙައްޤު ކަނޑައަޅާފައި އެވަނީ ފުރަތަމަ މަރުޙަލާގެ ކޯޓުން ކުރި ޙުކުމާގުޅޭ ދަޢުވާގެ އެންމެހައި ޢުންޞުރުތަކާއި ވާޤިޢާތަކާއި ހެކި ވަޒަންކޮށްފައިވާގޮތާއި ޤާނޫނު ތަޠްބީޤު ކޮށްފައިވާގޮތާއި މި އެންމެހައި ކަންތައްތައް ހިމެނޭގޮތުން އިސްތިއުނާފީ ކޯޓުން ބަލައި ކަށަވަރުކޮށް އިންޞާފު ޤާއިމުކުރުމުގެ މަތިވެރި މަޤްޞަދުގައިކަން މި މާއްދާގެ ނައްޞަށާއި އަދި ޤާނޫނުއަސާސީގެ 69 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ބެލުމުން ސާފުކޮށް އެނގެންއޮންނަ ކަމާއި،

އަދި މީގެ އިތުރުން ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 31 ވަނަ މާއްދާގެ (ހ) ގައި، ހައިކޯޓަކީ ދަށުކޯޓުތަކުން ނިންމާ އެންމެހައި ނިންމުންތައް އިސްތިއުނާފުކުރެވޭ ކޯޓުކަމަށް ބަޔާން ކުރުމަށްފަހު، ހަމަ އެ މާއްދާގެ (ށ) ގައި، ޤާނޫނަކުން އިސްތިސްނާ ނުކުރާހާ ހިނދަކު ދަށުކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ އެންމެހައި ނިންމުންތައް އިސްތިއުނާފްކުރާނީ ހައިކޯޓުގައިކަމަށް ބަޔާންކޮށްފައި ވުމާއި، އަދި ހަމަ އެ ޤާނޫނުގެ 36 ވަނަ މާއްދާގައި ދަށު ކޯޓުތަކުން ނިންމާ މައްސަލަތަކުގެ ތެރެއިން އިސްތިއުނާފަށް ހުށަހެޅޭ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ހައިކޯޓަށް ލިބިގެންވާކަމަށާއި، އަދި ހަމަ އެ ޤާނޫނު ގެ 32 ވަނަ މާއްދާގެ (ހ) ގައި، ހައިކޯޓުން މައްސަލަތައް ބަލާނީ ދަށުކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންކަމަށް ބަޔާންކުރުމަށްފަހު، އެ މާއްދާގެ (ށ) ގައި، މި މާއްދާގެ (ހ) ގައި އެހެން ބުނެފައި އޮތުމަކީ ދަށުކޯޓުގައި ހުށަހެޅުމުގެ ފުރުޞަތު ލިބިފައިނުވާ ހެކި، އިސްތިއުނާފުގެ މަރުޙަލާގައި ހުށަހެޅުމަށް ހުރަސްއަޅާނެ ކަމެއް ނޫންކަމަށް ކަނޑައެޅި ބަޔާންވެފައި އޮންނައޮތުމުގެ މައްޗަށް ބަލާއިރު، ދިވެހިރާއްޖޭގެ ދުސްތޫރީ އަދި ޤާނޫނީ ނިޒާމުގައިވެސް އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިދީފައިވަނީ ފުރަތަމަ މަރުޙަލާގެ ކޯޓަށް ހުށަހެޅުނު ދަޢުވާގެ މައުޟޫޢުއާ ގުޅޭގޮތުން އެ ކޯޓުން ފައިޞަލާކުރަނިވި ގޮތުގައި ކުރި ޙުކުމާގުޅޭ އެ ދަޢުވާގެ އެންމެހައި ޢުންޞުރުތަކާއި ވާޤިޢާތަކާއި ހެކިވަޒަންކޮށްފައިވާ ގޮތާއި ޤާނޫނު ތަޠްބީޤު ކޮށްފައިވާ ގޮތާއި މި އެންމެހައި ކަންތައްތައް ހިމެނޭގޮތުން، އިސްތިއުނާފުކުރި ފަރާތުގެ އިސްތިއުނާފީ ނުކުތާތަކުގެ ޙުދޫދުގެ ތެރެއިން އިސްތިއުނާފީ ކޯޓުން ބަލައި ނަޒަރުކޮށް، ފުރަތަމަ މަރުޙަލާގެ ކޯޓަށް ނުވަތަ ޓްރައިބިއުނަލަކަށް ހުށަހެޅިފައިވާ ދަޢުވާގެ މައުޟޫޢުގައިވާ ކަންކަމާމެދު ފައިޞަލާކުރަނިވި ޙުކުމަކުން، އިންޞާފު އޭގެ އެންމެ ފުރިހަމަގޮތުގައި ޤާއިމުކުރުމުގެ މަތިވެރި މަޤްޞަދުގައިކަން އެނގެން އޮންނާތީ، ބަޔާންކުރެވުނު ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އިން ބަޔާންކުރެވުނު މާއްދާތަކުގައި ކަނޑައަޅާފައިވާ އިސްތިއުނާފު ކުރުމުގެ އުޞުލުތަކަށް ޝަރުޢީ އަދި ޤާނުނީ ހަމަތަކުގެމަތިން ރިޢާޔަކޮށް ބަލާއިރު، ސިވިލް ކޯޓުގެ ނަންބަރު 1160/Cv-C/2010 (2185/MC/2010) ޤަޟިއްޔާގައި ޙުކުމް ކޮށްފައިވަނީ، އެމައްސަލަ އެ ކޯޓަށް ހުށަހެޅި ފަރާތުން އެ މައްސަލައިގައި ކޮށްފައިވާ ދަޢުވާ މައުޟޫޢީގޮތުން ބައްލަވައި، ފައިޞަލާކުރަނިވި ނިންމުމަކުން އެ މައްސަލަ ނިންމަވައިގެންކަން އެ ރިޕޯޓަށް ބެލުމުން އެނގެން އޮތުމުން، އެ މައްސަލައަކީ، އެ މައްސަލައިގައި ހިމެނޭ ވަކިނުކުތާއަކާ ގުޅޭގޮތުން، ކަންހިނގާފައިވާގޮތް އަލުންބެލުމަށްޓަކައި ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން ސިވިލް ކޯޓަށް ތަޙްވީލުކުރުމުގެ އެއްވެސް އަސާސެއް އޮތް މައްސަލައެއް ކަމަށް ބެލެވެން ނެތްކަމެވެ.

(މ) ނުވަވަނަ ކަމަކީ، އިސްވެ ބަޔާންކުރެވިދިޔަ ޝަރުޢީ އަދި ޤާނޫނީ އަސާސުތައް އެ ގޮތުގެމަތިން ހުރުމާއެކު ފުރަތަމަ މަރުޙަލާގެ ކޯޓަކަށް ނުވަތަ ޓްރައިބިއުނަލަކަށް ހުށަހެޅިފައިވާ ދަޢުވާއަކާ ގުޅިގެން އެ ކޯޓުން ނުވަތަ އެ ޓްރައިބިއުނަލުން އެ މައްސަލަ، މައުޟޫޢީގޮތުން ބައްލަވައި، ފައިޞަލާކުރަނިވި ގޮތުގައި ނިންމާ ނިންމުންތައް، އިސްތިއުނާފު ކުރުމަށް ކަމާބެހޭ ފަރާތަކުން ހައިކޯޓަށް ހުށަހެޅުމުން، ފުރަތަމަ މަރުޙަލާގެ ކޯޓުން އެ މައްސަލައިގައި ނިންމާފައިވާ ނިންމުންތަކުގެ ތެރެއިން އިސްތިއުނާފު ކުރިފަރާތުން އިސްތިއުނާފުކޮށްފައިވާ ނުކުތާތަކުގެ ޙުދޫދުގެ ތެރެއިން، ފުރަތަމަ މަރުޙަލާގެ ކޯޓުން އެ ދަޢުވާގައި ބަލާ ފައިޞަލާ ކުރަނިވި ގޮތުގައި ނިންމާފައިވާ އެ ދަޢުވާގައި ހިމެނޭ އެންމެހައި ކަންކަމާއި، އަދި އެ ދަޢުވާގައި ހިމެނޭ އެންމެހައި ވާޤިޢާތަކާއި، އަދި އެ ދަޢުވާއާގުޅޭ ޤާނޫނީ ނުކުތާތައް ހިމެނޭގޮތުން ދަށުކޯޓުން ބައްލަވައި ޙުކުމްކޮށްފައިވާ އެ މައްސަލަ މައުޟޫޢީގޮތުން އަލުން ބަލައި، ނުވަތަ އެ މައްސަލާގައި ހިމެނޭ ވަކި ނުކުތާއެއްގައި ފުރަތަމަ މަރުޙަލާގެ ކޯޓުން އިންޞާފު ޤާއިމް ކުރެވިފައިވާކަމަށް ހައިކޯޓަށް ނުފެނިއްޖެނަމަ، އެ ނުކުތާއެއް އަލުންބަލައި، ފައިޞަލާކުރަނިވި ގޮތުގައި ޙުކުމްކޮށް އިންޞާފު ޤާއިމުކުރުމަކީ ހައިކޯޓުން އިސްތިއުނާފީ އުޞޫލުން މައްސަލަބަލާ ނިންމުމުގައި ޝަރުޢީ ގޮތުންނާއި ޤާނޫނީ ގޮތުން ހައިކޯޓަށް ލިބިގެންވާ ބާރެއްކަމާއި، އަދި އެއީ އެ ކޯޓުގެ ޤާނޫނީ މަސްއޫލިއްޔަތެއްކަން ސާފުކޮށް އެނގެން އޮތްއިރު، ސިވިލް ކޯޓުގެ ނަންބަރު 1160/Cv-C/2010 (2185/MC/2010) ޤަޟިއްޔާގައި ފައިޞަލާކުރަނިވި ގޮތުގައި ނިންމާފައިވާ ވަކި ނުކުތާއަކާ ގުޅޭގޮތުން ކަންހިނގާފައިވާގޮތް އަލުން ބެލުމަށްޓަކައި ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން އެ ކޯޓަށް ތަޙްވީލްކުރުމުގެ އެއްވެސް އަސާސެއްއޮތް މައްސަލައެއް ނޫންކަން އެނގެން އޮންނާތީ، ދިވެހިރާއްޖޭގެ ހައިކޯޓުން، އެ ކޯޓުގެ ނަންބަރު 2013/HC-A/252 ޤަޟިއްޔާ ބަލާ ނިންމަވާފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 1160/Cv-C/2010 (2185/MC/2010) ޤަޟިއްޔާގައި ފައިޞަލާކުރަނިވިގޮތުގައި ނިންމާފައިވާ އެންމެހައި ކަންތައްތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުން ފައިޞަލާކުރަނިވި ޙުކުމެއް ކުރެއްވުމަކާ ނުލައި ކަމަށްވުމާއެކު، ހައިކޯޓުގެ ނަންބަރު 2013/HC-A/252 ޤަޟިއްޔާގެ ޙުކުމު ކުރެއްވުމުގައި، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ށ) އަށް ޙަވާލާދީ ސިވިލް ކޯޓަށް ތަޙްވީލު ކޮށްފައިވާ ބަޔަކީވެސް، ސިވިލް ކޯޓުގެ ނަންބަރު 1160/Cv-C/2010 (2185/MC/2010) ޤަޟިއްޔާގައި ފައިޞަލާކުރަނިވިގޮތުގައި ނިންމާފައިވާ ނިންމުމެއް ކަމުގައިވާތީ، އެބަޔާމެދު ހައިކޯޓުގެ އިސްތިއުނާފީ މައްސަލަތައް ބެލުމުގެ އިޖުރާއާތުގެ ތެރެއިން ހައިކޯޓުން ފައިޞަލާކުރަނިވި ޙުކުމެއްކޮށް ނިންމަންޖެހޭ ބައެއްކަން ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް ބެލުމުން އެނގެންއޮތުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ (ކ) ގައި ބަޔާން ކޮށްފައިވާ ނުކުތާއާ ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ އެންމެހައި ކަންކަމަށާއި، އަދި ޤާނޫނީ ނުކުތާތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނުނީ ހަމަތަކުގެމަތިން ދިވެހިރާއްޖޭގެ ހައިކޯޓުން އަލުން ބަލައި ވަޒަންކޮށް އެނުކުތާއާމެދު މައުޟޫޢީ ގޮތުން ބަލަންޖެހޭ އެންމެހައި ބެލުންތައް ބަލައި ފައިޞަލާކުރަނިވި ޙުކުމެއް ކުރަންޖެހޭ ނުކުތާއެއްކަން ސާފުކޮށް އެނގެން އޮންނައޮތުމެވެ.

ޙުކުމް

އިސްވެދިޔަ ސަބަބުތަކާއި ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވިދިޔަ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކުގެ މައްޗަށް ރިޢާޔަތްކޮށް ބެލުމުން، ސިވިލް ކޯޓުގެ ނަންބަރު 1160/Cv-C/2010 (2185/MC/2010) ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ގ.ކަނޑުރޯޅި / ޢަބްދުﷲ މަޖީދުގެ ފަރާތުން ހުށަހެޅުމުން، ގ.ކަނޑުރޯޅިއެވެ ކިޔާ ގޯތީގައި ކޮށްފައިވާ ޢިމާރާތުގެ 03 ވަނަ ބުރީގައި، ވަކިން ހުރި 01 ކޮޓަރީގެ 19 (ނަވާރަ) މަސް ދުވަހުގެ މިޘްލީ ކުއްޔެއްގެ ގޮތުގައި ކަނޑައަޅާފައިވާ 91,827/-ރ. (ނުވަދިހަ އެއްހާސް އަށް ސަތޭކަ ހަތާވީސް ރުފިޔާ) އާއި، އަދި އެ މުއްދަތުގައި އެ ކޮޓަރީގައި ތިބި މީހުން ބޭނުންކޮށްފައިވާ ކަރަންޓާއި ފެނުގެ އަގުގެ ގޮތުގައި ހޯދުމަށް އިބްރާހީމް ތައުފީޤް ދަޢުވާކޮށްފައިވާ 14,048/80ރ. (ސާދަހާސް ސާޅީސް އަށް ރުފިޔާ އަށްޑިހަ ލާރި) އާއި، އެގްރިމަންޓްގެ ދަށުން ތަން ޙަވާލުކުރަންޖެހޭ މުއްދަތުގައި ތަން ޙަވާލުނުކޮށް ލަސްވެފައިވާކަމަށް އިބްރާހީމް ތައުފީޤު ބުނެފައިވާ މުއްދަތުގެ ކުއްޔާއި، ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ޢަބްދުﷲ މަޖީދަށް އިބްރާހީމް ތައުފީޤް ދީފައިވާ 36,000/-ރ. (ތިރީސްހަހާސް ރުފިޔާ) އަކީ ޢަބްދުﷲ މަޖީދުގެ ފަރާތުން އިބްރާހީމް ތައުފީޤުއަށް ދައްކަންޖެހޭ ފައިސާއެއްކަމަށް ކުރައްވާފައިވާ ޙުކުމް ބާޠިލުކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/252 ޤަޟިއްޔާ ގައި ކަނޑައަޅާފައިވާ ކަނޑައެޅުމަށް ތާއީދު ކުރުމާއެކު، އިބްރާހީމް ތައުފީޤު އާ ޢަބްދުﷲ މަޖީދު އާ ދެމެދު ކުރެވިފައިވާ އިސްވެ ބަޔާންކުރެވިފައިވާ ކުލީގެ އެއްބަސްވުމުގެ 03 ވަނަ މާއްދާގެ ދަށުން ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި އިބްރާހީމް ތައުފީޤުގެ ފަރާތުން ޢަބްދުﷲ މަޖީދަށް ދީފައިވާ 36,000/-ރ. (ތިރީސްހަހާސް ރުފިޔާ) އާއި މެދު އަލުން ސިވިލް ކޯޓުން ބަލައި ގޮތެއް ކަނޑައެޅުމަށް ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން ސިވިލް ކޯޓަށް އެބައި ތަޙުވީލުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/252ޤަޟިއްޔާގައި ނިންމާފައިވާ ނިންމުން ބާޠިލްކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގައި ފާހަގަކުރެވުނު ނުކުތާތަކުގެ އަލީގައި، އިބްރާހީމް ތައުފީޤު އާއި ޢަބްދުﷲ މަޖީދު އާ ދެމެދު ކުރެވިފައިވާ އިސްވެ ބަޔާންކުރެވިފައިވާ ކުލީގެ އެއްބަސްވުމުގެ 03 ވަނަ މާއްދާގެ ދަށުން ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި އިބްރާހީމް ތައުފީޤުގެ ފަރާތުން ޢަބްދުﷲ މަޖީދަށް ދީފައިވާ 36,000/-ރ. (ތިރީސްހަހާސް ރުފިޔާ) އާއި މެދު ފައިޞަލާކުރަނިވި ގޮތުގައި ގޮތެއް ކަނޑައެޅުމަކީ ދިވެހިރާއްޖޭގެ ހައިކޯޓުން ކުރަންޖެހޭ ކަމެއްކަމުގައި ކަނޑައަޅައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/252 ޤަޟިއްޔާ ގައި ސިވިލް ކޯޓުން އަލުން ބެލުމަށް ތަޙްވީލު ކޮށްފައިވާ ނުކުތާ، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ށ) ގެ ދަށުން ހައިކޯޓަށް ތަޙްވީލުކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.

ފަނޑިޔާރު ޢަބްދުއްޣަނީ މުޙައްމަދު

ފަނޑިޔާރު ޢަބްދުﷲ ޢަރީފް

ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ