ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2014/SC-A/29ސުޕްރީމް ކޯޓު · 25 އޮކްޓޫބަރު 2017

—

ސުޕްރީމް ކޯޓު
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 25 އޮކްޓޫބަރު 2017ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ

ޤަޟިއްޔާ ނަންބަރު: 2014/SC-A/29

ދަޢުވާކުރާ ފަރާތް: އަބޫބަކުރު ޢަބްދުއްރަޙްމާން، ތަރިވިދާގެ ލިބޭ ފަރާތް: ޔޫސުފް ޢަބްދުﷲ، ފުސްތުޅާގެ

މައްސަލައިގެ ބާވަތް: ތުރާފިލުވުން

މައްސަލަ އައިގޮތް: އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

ހުށަހެޅުނު ތާރީޚް: 02 ޖޫން 2014

ރަޖިސްޓްރީކުރެވުނު ތާރީޚް: 16 ޖޫން 2014

ނިމުނު ތާރީޚް: 24 އޮކްޓޫބަރު 2017

މައްސަލަ ނިންމި ގަޑި: 17:15

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ

އިސްތިއުނާފްކުރެވުނު ޤަޟިއްޔާ

ނަންބަރު: 2013/HC-A/233

ނިންމެވި ކޯޓު: ދިވެހިރާއްޖޭގަ ހައިކޯޓު

ހުށަހެޅުނު ތާރީޚް: 25 ޖުލައި 2013

ނިމުނު ތާރީޚް: 30 ޖަނަވަރީ 2014

މައްސަލައިގެ ޚުލާޞާ

މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/233 ޤަޟިއްޔާގައި ނިންމާފައިވާ ނިންމުން ރަނގަޅު ނޫންކަމަށް ބުނެ، ޅ. ނައިފަރު، ތަރިވިދާގެ، އަބޫބަކުރު އަބްދުއްރަޙުމާނު އެ މައްސަލަ އިލްތިމާސްކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލުނު މައްސަލައެވެ. މި ޤަޟިއްޔާގައި ދަޢުވާ ލިބުނީ ޅ. ނައިފަރު، ފުސްތުޅާގެ، ޔޫސުފް ޢަބްދުﷲއަށެވެ.

ފާހަގަކުރެވުނު ނުކުތާތައް

1- މި މައްސަލައިގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/233 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ މައްޗަށާއި، ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 54/G2MC/2012 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ މައްޗަށާއި، މި މައްސަލައިގައި ހުށަހެޅިފައިވާ އެންމެހައި ލިޔުންތަކަށާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، ދައުލަތުގެ ބަންޑާރަނައިބުގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.

(ހ) ފުރަތަމަ ކަމަކީ، މި މައްސަލައިގެ މައުޟޫޢަށް ބަލާއިރު، މި މައްސަލައަކީ އިދާރީ ޤަރާރަކާ ގުޅޭގޮތުން އިލްތިމާސްކުރެވިފައިވާ މައްސަލައަކަށްވެފައި، ދައުލަތުގެ ޢާއްމު މަޞްލަޙަތާ ގުޅިފައިވާ ޤާނޫނު އިދާރީ (Administrative Law) ގެ އަދި ޤާނޫނު ޢާއްމު (Public Law) ގެ މިފަދަ މައްސަލަތަކަކީ، މައްސަލައިގެ ޝަރީޢަތުގެ މަޖިލީހުގައި ދައުލަތުގެ ފަރާތުން ބަންޑާރަނައިބު މައްސަލައިގައި ދެކޭގޮތް ސާފުކުރަންޖެހޭ، މައްސަލައިގައި ދައުލަތް އަޞްލު ޙަޞްމެއްގެ ގޮތުން ތަމްޘީލުކުރެވެންޖެހޭ ބާވަތުގެ މައްސަލަތަކަކަށްވާތީ، މި މައްސަލައިގައި ބަންޑާރަނައިބު ކަނޑައަޅާފައިވާ ވަކީލުން ޙާޟިރުކުރެވި ދައުލަތުގެ ފަރާތުން ޖަވާބުދާރީވެ ދައުލަތުގެ ފަރާތުން މި މައްސަލައިގައި ދެކޭގޮތް ބަޔާންކޮށް، ބަޔާން ހުށަހަޅާފައިވާކަމެވެ.

(ށ) ދެވަނަ ކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/233 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތީން ކޮށްފައިވާ ޙުކުމެއް ނޫންކަމަށް ބަޔާންކޮށް ޅ. ނައިފަރު، ތަރިވިދާގެ، އަބޫބަކުރު ޢަބްދުއްރަޙްމާންގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ސަބަބުތަކަށް ބަލާއިރު، އެ ސަބަބުތަކަކީ ޅ. ނައިފަރު، ރިޔާޒް ގޯތި ޢިމާރާތްކުރަން ފެށިފަހުން ޅ. ނައިފަރު، ފުސްތުޅާގޭ ގޯއްޗާއި ޅ. ނައިފަރު، ރިޔާޒް ގޯތީގައި ދިރިއުޅޭ މީހުންގެ މެދުގައި ޙުޞޫމަތްތެރިކަން އުފެދިފައިވާ ގޯޅިއަށް ފެންލައިޓް ނުކެނޑުމަށާއި، ޖަންކްޝަންފަދަ ތަންތަން ނުހެދުމަށް އަންގަމުން ދަނިކޮށް، ޅ. ނައިފަރު، ތަރިވިދާގޭ، އަބޫބަކުރު ޢަބްދުއްރަޙްމާން އެ ގޯޅި ތެރެއަށް ފެންލައިޓާ ބޮޑުދޮރު ކަނޑާ ހަދާފައިވަނީ ޤަވާޢިދާ ޚިލާފަށްކަމަށް ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާއިން ދަށު ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނިބުނުން ކަށަވަރުކޮށްދިނުމުގެ ގޮތުން ފާދިއްޕޮޅު ނައިފަރު އޮފީހުގެ ފަރާތުން އެކަމަށް ހެކިބަސްދޭނެ ފަރާތެއް ނުވަތަ އެކަން ކަށަވަރުކޮށްދިނުމަށް ދަށު ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް އެއްވެސް ލިޔެކިޔުމެއް ހުށަހަޅާފައިނުވާއިރު، ހައިކޯޓުގެ ޙުކުމުގައި އެކަންކަމަށް ރިޢާޔަތްކޮށްފައި ނުވާކަމަށާއި، ޅ. ނައިފަރު، ރިޔާޒް ގޯއްޗާއި ޅ. ނައިފަރު، ފުސްތުޅާގޭ ގޯއްޗާ ދެމެދުގައިވާ ގޯޅީގެ މައްސަލައިގެ ޙަޤީޤަތް އެނގި ތިބި ވެރިންނަށް ޒަމާންތަކެއް ވެގެން ދިޔައިރުވެސް، އެ ދެ ގޭގެ މީހުންނަށް ގޯޅީގެ މައްސަލައިގައި ޞުލްޙަވެރި ޙައްލެއް ހޯދައިދެވިފައި ނުވާއިރު، ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ނިމުމާއެކު ކައުންސިލްގެ އިދާރާއާ ޙަވާލުވި ފަރާތްތަކުން ޅ. ނައިފަރު، ފުސްތުޅާގެ، ޔޫސުފް ޢަބްދުﷲއަށް ޅ. ނައިފަރު، ރިޔާޒް ގޯއްޗާއި ޅ. ނައިފަރު، ފުސްތުޅާގޭ ގޯއްޗާ ދެމެދުގައިވާ ހުސް ގޯޅި ދިން ދިނުމަކީ، ޒިންމާދާރުކަން ކުޑަ، ސާބިތުހިފޭ ޤަރީނާއެއްގެ މައްޗަށް ބިނާކުރުމެއްނެތި ނިންމާފައިވާ ނިންމުމަކަށްވާއިރުވެސް ހައިކޯޓުގެ ޙުކުމުގައި އެކަމަށް ރިޢާޔަތްކޮށްފައި ނުވާކަމަށާއި އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގެ (ނ) އަށް ރިޢާޔަތްކުރާއިރު، އިދާރީގޮތުން އަޅާ ފިޔަވަޅެއްގެ ސަބަބުން އެއްވެސް މީހެއްގެ ޙައްޤަކަށް އުނިކަމެއް ލިބިއްޖެކަމަށް ފެނިއްޖެނަމަ އެކަމެއް ކޯޓަށް ހުށަހެޅުމުގެ ބާރު ޤާނޫނުއަސާސީއިން އެމީހަކަށް ކަށަވަރުކޮށްދީފައިވާއިރު، ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާއިން ޅ. ނައިފަރު، ރިޔާޒް ގޯއްޗާއި ޅ. ނައިފަރު، ފުސްތުޅާގޭ ގޯއްޗާ ދެމެދުގައިވާ ހުސް ގޯޅީގެ މައްސަލައިގައި އަޅާފައިވާ އިދާރީ ފިޔަވަޅުގެ ސަބަބުން ޅ. ނައިފަރު، ތަރިވިދާގޭ އަބޫބަކުރު ޢަބްދުއްރަޙުމާނުގެ ޙައްޤަށް ލިބިފައިވާ އުނިކަން ފޫބައްދައިދޭނެ އެއްވެސް މިންވަރެއް (ބަދަލެއް) ހައިކޯޓުގެ ޙުކުމުގައި ކަނޑައަޅާފައި ނުވާކަމަށް ބުނެ، ހުށަހަޅާފައިވާ ސަބަބުތައްކަން އެނގެން އޮންނަ އޮތުމެވެ.

(ނ) ތިންވަނަ ކަމަކީ، ހައިކޯޓުގެ ނަންބަރު 2013/HC-A/233 ޤަޟިއްޔާގައި ނިންމަވާފައިވާ ނިންމުމުގެ މައްޗަށް ބަލާއިރު، އެ ކޯޓުން ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 54/G2MC/2012 ޤަޟިއްޔާގެ ނިންމުން ބާޠިލްކޮށްފައިވަނީ، ޅ. ނައިފަރު، ފުސްތުޅާގޭ ގޯއްޗާއި ޅ. ނައިފަރު، ރިޔާޒް ގޯތީގެ ވެރިފަރާތްތަކުގެ ބިމުގެ ތަނަވަސްކަމަށާއި އަދި އެ ދެ ގޯތީގައި ދިރިއުޅޭ މީހުންގެ ޢަދަދަށް ބަލައި، ޅ. ނައިފަރު، ފުސްތުޅާގޭ ގޯއްޗާއި ޅ. ނައިފަރު، ރިޔާޒް ގޯއްޗާ ދެމެދުގައިވާ ގޯޅި ޅ. ނައިފަރު، ފުސްތުޅާގޭ ގޯއްޗަށް އިތުރުކޮށްދިނުމަށް 25 މެއި 2011 ގައި ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާގެ ފަރާތުން ނިންމައި، އެ ގޯޅި ޅ. ނައިފަރު، ފުސްތުޅާގޭ ގޯއްޗަށް އިތުރުކޮށް، ޅ. ނައިފަރު، ފުސްތުޅާގޭގެ ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާއިން ޅ. ނައިފަރު، ފުސްތުޅާގެ، ޔޫސުފް ޢަބްދުﷲގެ ނަމުގައި 14 ފެބުރުއަރީ 2012 ގައި އަލުން ހަދައިދީފައި ވަނިކޮށް، ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާގެ އެ ނިންމުމަކީ އެ އިދާރާއަށް ލިބިގެންވާ އިޚްތިޔާރާއި ބާރުގެ ބޭރުން ނިންމާފައިވާ ނިންމުމެއްކަން އެނގެން ނެތްއިރު، ޅ. ނައިފަރު، ފުސްތުޅާގޭ ގޯއްޗަށް އިތުރުކޮށްދެވުނު ގޯޅިން ބައެއް އުނިކޮށް، އެ ދެ ގޭގެ ވެންޓިލޭޝަންގެ ގޮތުގައި އެބައި ބޭއްވުމަކީ މަޞްލަޙަތުހުރި ގޮތްކަމަށް ޝަރީޢަތަށް ފެންނާތީކަމަށް ބަޔާންކުރައްވައި، ޅ. ނައިފަރު، ފުސްތުޅާގޭގެ ވެރިފަރާތުގެ ބަހެއް ހޯދުމަކާ ނުލައި، އަދި އެފަރާތުގެ ޙައްޤު ދިފާޢުކުރުމަށް ފުރުޞަތުދީފައިނުވާތީ، އެ ސަބަބަށްޓަކައިކަން ހައިކޯޓުގެ ނަންބަރު 2013/HC-A/233 ޤަޟިއްޔާއިން އެނގެން އޮންނަ އޮތުމެވެ.

(ރ) ހަތަރުވަނަ ކަމަކީ، މި މައްސަލައިގައި ކަންހިނގާފައިވާ ގޮތުގެ މައްޗަށް ބަލާއިރު، ޅ. ނައިފަރު، ރިޔާޒް ގޯއްޗާއި ޅ. ނައިފަރު، ފުސްތުޅާގޭ ގޯއްޗާ ދެމެދު އޮންނަ ގޯޅިއަކީ ޒަމާނުއްސުރެ ހުސްކޮށް އޮންނަ ގޯޅިއެއްކަމާއި، މި ގޯޅި ހޯދުމަށް ޅ. ނައިފަރު، ފުސްތުޅާގެ، ޔޫސުފް ޢަބްދުﷲގެ ފަރާތުން ކުރީގެ ނައިފަރު އޮފީހަށް 1998 އިން ފެށިގެން ހުށަހަޅަމުން އަންނަކަމާއި، ޅ. ނައިފަރު، ރިޔާޒް ގޯތި ތަރިކައިގެ އުޞޫލުން ޅ. ނައިފަރު، ތަރިވިދާގޭ އަބޫބަކުރު ޢަބްދުއްރަޙްމާނަށް ލިބުމާ ގުޅިގެން މި ގޯޅި ލިބުމަށް އެދި ޅ. ނައިފަރު، ތަރިވިދާގޭ އަބޫބަކުރު ޢަބްދުއްރަޙްމާން ފާދިއްޕޮޅު ނައިފަރު އޮފީހަށް ހުށަހަޅާފައިވާކަމާއި، ޅ. ނައިފަރު، ފުސްތުޅާގެ އާއި ޅ. ނައިފަރު، ރިޔާޒް ގޭގެ ވެރިފަރާތްތަކުން މި ގޯޅި ހޯދުމަށް އެދެމުންދާތީ، މި މައްސަލައާ ގުޅޭގޮތުން ފާދިއްޕޮޅު ނައިފަރު އޮފީހުގެ ވެރިން މަޝްވަރާކުރުމަށްފަހު ދެ ގެއަށް ހަމަހަމައަށް ގޯޅި ބެހުމަށް 30 ޑިސެމްބަރު 2007 ގައި ނިންމާފައިވާކަމާއި، މި ނިންމުމާމެދު ދެ ފަރާތުން އެއްބަސްވުމަކަށް ނާދެވި، މި ގޯޅި ހޯދުމަށް އެދެމުންދާތީ، މި މައްސަލައިގައި ލަފަޔަކަށް އެދި، ޅ. ނައިފަރު، ފުސްތުޅާގެ އެވެކިޔާ ގޯއްޗާއި ޅ. ނައިފަރު، ރިޔާޒް އެވެކިޔާ ގޯތީގެ ވެރިފަރާތްތަކުގެ ބަޔާންތައް ފާދިއްޕޮޅު ނައިފަރު އޮފީހުގެ ފަރާތުން ފާދިއްޕޮޅު އަތޮޅު އޮފީހަށް ފޮނުވުމުން، ރ.ކ ކޮމިޓީގެ މަޝްވަރާގެ މަތިން އެ ގޯޅީގެ މައްސަލަ ކުރިއަށް ގެންދިއުމަށް ފާދިއްޕޮޅު އަތޮޅު އޮފީހުން ލަފާދީފައިވާތީ، ރ.ކ ކޮމިޓީގެ ފަރާތުން އެ ދެފަރާތުގެ ގެދޮރުގެ ތަނަވަސްކަމަށާއި، ދިރިއުޅޭ މީހުންގެ ޢަދަދަށް ރިޢާޔަތްކޮށް، އަދި އެ ސަރަޙައްދަށް ގޮސް ބެލުމަށްފަހު، ޅ. ނައިފަރު، ފުސްތުޅާގެއަށް އެ ގޯޅި އިތުރުކޮށްދިނުމަށް ފެންނަކަމަށް ޅ. ނައިފަރު ރ.ކ ކޮމިޓީން އެ ކޮމިޓީގެ ނަންބަރު 1DC/2008/46 (01 މެއި 2008) ސިޓީން ނިންމާފައިވާކަމާއި، ޅ. ނައިފަރު، ފުސްތުޅާގެ އެވެކިޔާ ގޯއްޗާއި ޅ. ނައިފަރު، ރިޔާޒް އެވެކިޔާ ގޯތީގެ ދެމެދުގައިވާ ހުސް ގޯޅީގެ މައްސަލައިގައި އެއްބަސްވުމަކަށް އާދެވިފައިނުވާތީ، މި މައްސަލައިގައި އޭރުގެ މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓްގެ ލަފައަކަށް އެދުމުން، ފާދިއްޕޮޅު އަތޮޅު ވެރިޔާއަށް ފެނިވަޑައިގަންނަވާ ގޮތެއްގެމަތިން ކުރިއަށް ގެންދިއުމަށް އެ މިނިސްޓްރީގެ ނަންބަރު (J)E-2008/523 (21 އޯގަސްޓް 2008) ސިޓީއިން ލަފާދެއްވާފައިވާތީ، އެ ގޯޅި އެއްވެސް ފަރާތަކަށް ނުދީ ބޭއްވުމަކީ އެންމެ މަޞްލަޙަތުހުރި ގޮތްކަމުގައި ފެނިވަޑައިގަންނަވާކަމަށް ފާދިއްޕޮޅު ނައިފަރު އޮފީހުގެ ނަންބަރު G2-B/2008/263 (13 އޮކްޓޯބަރު 2008) ސިޓީއިން ޅ. ނައިފަރު، ފުސްތުޅާގޭ ޔޫސުފް ޢަބްދުﷲއަށް އަންގާފައިވާކަމާއި، މި ގޯޅީގެ މައްސަލައިގައި ޅ. ނައިފަރު، ފުސްތުޅާގެ އެވެކިޔާ ގޯއްޗާއި ޅ. ނައިފަރު، ރިޔާޒް އެވެކިޔާ ގޯތީގެ ވެރިފަރާތްތަކުގެ މެދުގައި އެއްބަސްވުމަކަށް ނާދެވި ދެންނެވުނު ދެ ޢިމާރާތުގެ މެދުގައިވާ ހުސް ގޯޅީގައި ޤަވާޢިދާ ޚިލާފަށް ގޯތީގެ އިމަށް ބިން އިތުރުކޮށް ގޯޅި ތެރެއަށް ޤަވާޢިދާ ޚިލާފަށް ތަކެތި އަޅަމުންދާކަމަށް ބުނެ، މި މައްސަލައިގައި ފާދިއްޕޮޅު އަތޮޅު އޮފީހުން ޢަމަލުކުރަންވީ ގޮތުގެ ލަފައަކަށް އެދި ފާދިއްޕޮޅު އަތޮޅު އޮފީހުގެ ނަންބަރު G-B/138/2009/19 (30 މާޗް 2009) ސިޓީއިން މިނިސްޓްރީ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓްގައި ދެންނެވުމުން، އެ މިނިސްޓްރީގެ ނަންބަރު 138-HLS/G/2009/24 (26 އޭޕްރީލް 2009) ސިޓީއިން ޅ. ނައިފަރު ފަދަ ބިމުގެ ދަތިކަން ބޮޑު ރަށެއްގައި މިގޮތަށް ހުރި މަގުތައް ބައްދައި ގޯތިތަކަށް އިތުރުކުރުމަކީ ކުރިމަގުގައި ބޮޑެތި ދަތިތަކާ ކުރިމަތިވެ، ރަށުގެ ޢާއްމު މަޞްލަޙަތަށް ބުރޫ އަރާނެ ކަމެއްކަމަށް ފެންނަކަމަށާއި، ވީމާ، މިގޮތަށް ބިން އިތުރުކޮށްދޭން ނުފެންނަކަމަށް ފާދިއްޕޮޅު އަތޮޅު އޮފީހަށް އަންގަވާފައިވާކަމާއި، އެ އެންގެވުމާ ޚިލާފަށް ފާދިއްޕޮޅު ނައިފަރު ރ.ކ ކޮމިޓީގެ އިދާރާގެ ނަންބަރު G2-IDC/2009/135 (09 ނޮވެމްބަރު 2009) ސިޓީއިން ޅ. ނައިފަރު، ރިޔާޒް ގޯއްޗާއި ޅ. ނައިފަރު، ފުސްތުޅާގޭ ގޯއްޗާ ދެމެދުގައިވާ ގޯޅި ޅ. ނައިފަރު، ފުސްތުޅާގޭ އިމަށް އިތުރުކޮށްދިނުމަށް ނިންމިކަމާއި، ފާދިއްޕޮޅު ނައިފަރު ރ.ކ ކޮމިޓީއިން ޅ. ނައިފަރު، ރިޔާޒް ގޯއްޗާއި ޅ. ނައިފަރު، ފުސްތުޅާގޭ ގޯއްޗާ ދެމެދުގައިވާ ގޯޅި ޅ. ނައިފަރު، ފުސްތުޅާގެ އިމަށް އިތުރުކޮށްދިނުމަށް ނިންމި ނިންމުމުގެ މައްޗަށް ބިނާކޮށް 25 މެއި 2011 ވަނަ ދުވަހު ބޭއްވުނު ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާގެ 2011 ވަނަ އަހަރުގެ 13 ވަނަ ޢާއްމު ޖަލްސާއިން ފާދިއްޕޮޅު ނައިފަރު ރ.ކ ކޮމިޓީގެ ނިންމުން ތަންފީޛުކުރުމަށް ނިންމިކަން އެނގެން އޮންނަކެމެވެ.

(ބ) ފަސްވަނަ ކަމަކީ، މި މައްސަލައިގައި އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޔާންތަކުގައި ޅ. ނައިފަރު، ރިޔާޒް ގޯއްޗާއި ޅ. ނައިފަރު، ފުސްތުޅާގޭ ގޯއްޗާ ދެމެދުގައިވާ ގޯޅި އެއްވެސް ފަރާތަކަށް ނުދިނުމަށާއި، ޅ. ނައިފަރު، ރިޔާޒް ގޯއްޗާއި ޅ. ނައިފަރު، ފުސްތުޅާގޭ ގޯއްޗާ ދެމެދުގައިވާ ގޯޅި އެއްވެސް ފަރާތަށް ދީފިނަމަ މުސްތަޤުބަލުގައި ރަށުގެ ތަރައްޤީއަށް ބުރޫއަރާނެކަމަށާއި، ދައުލަތުން ދެކެނީ ޅ. ނައިފަރު، ރިޔާޒް ގޯއްޗާއި ޅ. ނައިފަރު، ފުސްތުޅާގޭ ގޯއްޗާ ދެމެދުގައިވާ ގޯޅި ޅ. ނައިފަރު، ފުސްތުޅާގޭ ގޯއްޗަށް އިތުރުކޮށްދިނުން އެއީ ރަނގަޅު ނިންމުމެއް ނޫންކަމަށާއި، ޤާނޫނުއަސާސީގެ 233 ވަނަ މާއްދާ އާއި ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) 3 ވަނަ މާއްދާ އާއި 4 ވަނަ މާއްދާ އާއި 10 ވަނަ މާއްދާ އާއި، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ވ) އާއި 24 ވަނަ މާއްދާގެ (ފ) އާއި 148 ވަނަ މާއްދާއާ ޙަވާލާދީ ޅ. ނައިފަރު، ރިޔާޒް އެވެކިޔާ ގޯއްޗާއި ޅ. ނައިފަރު، ފުސްތުޅާގެ އެވެކިޔާ ގޯއްޗާ ދެމެދުގައިވާ ގޯޅި ޅ. ނައިފަރު، ފުސްތުޅާގެ އެވެކިޔާ ގޯތީގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމަށް ފާދިއްޕޮޅު ނައިފަރު ކައުންސިލުގެ އިދާރާގެ 2011 ވަނަ އަހަރުގެ 13 ވަނަ ޢާއްމު ޖަލްސާއިން ނިންމާފައިވަނީ ދައުލަތުގެ ކަމާބެހޭ މިނިސްޓްރީގެ އެންގުމާއި އަދި ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އާއި ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އާ ޚިލާފަށްކަމަށް ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމެވެ.

(ޅ) ހަވަނަ ކަމަކީ، ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 54/G2MC/2012 ޤަޟިއްޔާއިން ބަލައި ނިންމާފައިވާ މައްސަލައަށް ބަލާއިރު، އެ މައްސަލައަކީ، ޅ. ނައިފަރު، ފުސްތުޅާގޭ ގޯއްޗާއި ޅ. ނައިފަރު، ރިޔާޒް ގޯއްޗާ ދެމެދުގައިވާ ހުސް ގޯޅި އެއްކޮށް ޅ. ނައިފަރު، ފުސްތުޅާގޭ ގޯއްޗަށް އިތުރުކޮށް ދެއްވުމުގެ ސަބަބުން ޅ. ނައިފަރު، ރިޔާޒް ގޯތީގެ ހުޅަނގު ފަރާތުގައި ހުރި 04 ފެންލައިޓާއި 01 ބޮޑު ދޮރާއި، 01 އެގްޒޯސްޓް، އެއަރކޯންގެ އައުޓްޑޯރ ބެދިފައިވާކަމަށާއި މިކަމުން ޅ. ނައިފަރު، ރިޔާޒް ގޯއްޗަށް ދަތި އުނދަގޫތަކެއްވަމުން ދާކަމަށްބުނެ، މިކަން ޝަރީޢަތުން ބައްލަވައި މިކަމުން ޅ. ނައިފަރު، ރިޔާޒް ގޯއްޗަށްވާ ތުރާ ފިލުވައިދިނުމަށް އެދިގެން ފާދިއްޕޮޅު ނައިފަރު ރަށު ކައުންސިލްގެ އިދާރާގެ މައްޗަށް ހުށަހެޅުމުން، މި މައްސަލައަކީ ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާގެ ނިންމުން މުރާޖަޢާކޮށް ރިވިއުކުރުމުގެ މައްސަލައެއްކަން އެނގެން އޮތުމުން، ޝަރުޢީ އަދި ޤާނޫނީ ގޮތުން ދައުލަތުގެ އިދާރާއަކުން ނިންމާފައިވާ މިފަދަ އިދާރީ ނިންމުމަކީ ޞައްޙަ ނިންމުމެއްކަން ނުވަތަ ނޫންކަން ކަނޑައެޅޭނީ އެ ނިންމުން ނިންމުމުގައި ޤާނޫނަކުން ނުވަތަ ޤަވާޢިދަކުން އެ އިދާރާ އިޖުރާއީގޮތުންނާއި ޝަކްލީ (Formality) ގޮތުން ތަބާވުން ލާޒިމްކޮށްފައިވާ ކަންތައްތަކަށް ތަބާވެފައިވޭތޯ އާއި އެ ނިންމުމަކީ އެ ނިންމުން ނިންމިއިރު ޢަމަލުކުރެވޭ އެއްވެސް ޤާނޫނަކާ ޚިލާފުވާ ނިންމުމެއްތޯ އާއި އެ ނިންމުން ނިންމުމުގައި އިޚްތިޔާރާއި ބާރުގެ ބޭނުން ނުރަނގަޅު ގޮތުގައި ނުވަތަ ނާޖާއިޒުގޮތުގައި ބޭނުންކޮށް ޤާނޫނީގޮތުން އެ މަޤުޞަދަކަށްޓަކައި އެ ނިންމުން އޮންނަންޖެހޭ އިންތަކުން އެ ނިންމުން ބޭރުވެފައިވޭތޯ އާއި އެ ނިންމުން ބިނާކުރީ މާއްދީ ޙަޤީޤަތްތަކެއްގެ މައްޗަށް ކަމަށްވާނަމަ، އެ ޙަޤީޤަތް އެގޮތަށް ހުރިތޯ އާއި އަދި އެ ނިންމުން ބިނާކުރި ޤާނޫނީ ސަބަބުތައް ސައްޙަކަން ނުވަތަ ނޫންކަން ބެލުމުގެ މައްޗަށްކަން އެނގެން އޮންނައިރު، ރަށެއްގައި މީހުން ހިނގާ ބިނގާވެ އުޅުމަށް މަގެއްގެ ގޮތުގައި އޮތް ބަންޑާރަ ބިމެއް ގެއެއްގެ ބައެއްގެ ގޮތުގައި ހިމެނުމާގުޅޭ އަދި ޤާނޫނު އިދާރީއާގުޅޭ މިފަދަ "ޤާނޫނު ޢާއްމު" ގެ މައްސަލަތަކުގެ ޝަރީޢަތްތަކަކީ ދައުލަތުގެ ފަރާތުން ބަންޑާރަނައިބު ނުވަތަ ބަންޑާރަނައިބު ކަނޑައަޅާ ޤާނޫނީ ވަކީލަކު ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުވެ މައްސަލައާ ގުޅިގެން ޝަރީޢަތާއި ޤާނޫނުގައި ކަންއޮތްގޮތާއި ދައުލަތުން އެ މައްސަލައިގައި ޝަރުޢީ އަދި ޤާނޫނީ ގޮތުން ދެކޭގޮތް ބަޔާންކޮށް މައްސަލައިގެ އަޞްލު ޚަޞްމެއްގެ ގޮތުން ދައުލަތް ތަމްޘީލުކުރެވެންޖެހޭ ބާވަތުގެ މައްސަލައެއްކަމަށްވާއިރު، މި މައްސަލައިގެ ޝަރީޢަތް ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓުގައި ހިންގައިފައިވަނީ މި އިޖުރާއާތާ އެއްގޮތްވާ ގޮތުގެމަތިން ނޫންކަން އެނގެން އޮންނަކަމާއި، ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 54/G2MC/2012 ޤަޟިއްޔާގައި ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާގެ އެ ނިންމުމުގެ ޞައްޙަކަން ނުވަތަ ނޫންކަން ކަނޑައެޅުމަކާ ނުލައި ދެ ފަރުދެއްގެ މެދުގައި ބިމުގެ ޙައްޤުވެރިކަމާމެދު އުފެދޭ މަދަނީ ޚުޞޫމަތެއްގައި އަމިއްލަ ދެ ފަރުދެއްގެ މެދުގައި ބިންހަމަހަމައަށް ދެބައިކުރާ އުޞޫލުން ޅ. ނައިފަރު ފުސްތުޅާގެ އެވެކިޔާ ގޯއްޗާއި ޅ ނައިފަރު ރިޔާޒް އެވެކިޔާ ގޯއްޗާއި ދެމެދުގައިވާ ގޯޅި ޅ. ނައިފަރު ފުސްތުޅާގެ އެވެކިޔާ ގޯއްޗާއި ޅ. ނައިފަރު ރިޔާޒް އެވެކިޔާ ގޯތީގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމަށް ކަނޑައަޅައި ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 54/G2MC/2012 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނީގޮތުން ޞައްޙަ އަސާސްތަކެއްގެ މައްޗަށްކަމަށް ބެލެވޭނެތަނެއް ނެތްކަމެވެ.

(ކ) ހަތްވަނަ ކަމަކީ، ބަޔާންވެދިޔަ ސަބަބުތަކުގެ މައްޗަށާއި، މަބްދައުލް މަޝްރޫޢިއްޔަތު (ޕްރިންސިޕަލް އޮފް ލެޖިޓިމެސީ) ގެ އުޞޫލުގެ މައްޗަށާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 8 ވަނަ މާއްދާ އާއި 43 ވަނަ މާއްދާ އާއި 133 ވަނަ މާއްދާގެ (ނ) އާއި (ރ) އާއި (ބ) އާއި 144 ވަނަ މާއްދާ އާއި 233 ވަނަ މާއްދާގެ (ހ) XE "ޤާނޫނުއަސާސީގެ 299 ވަނަ މާއްދާގެ (ހ)" އާއި 268 ވަނަ މާއްދާ އާއި 299 ވަނަ މާއްދާ އާއި ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 3 ވަނަ މާއްދާ އާއި 4 ވަނަ މާއްދާ އާއި 10 ވަނަ މާއްދާ އާއި ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ވ) އާއި 24 ވަނަ މާއްދާގެ (ފ) އާއި 61 ވަނަ މާއްދާގެ (ހ) އާއި 148 ވަނަ މާއްދާގެ މައްޗަށާއި އަދި ޅ. ނައިފަރު، ރިޔާޒް ގޯއްޗާއި ޅ. ނައިފަރު، ފުސްތުޅާގޭ ގޯއްޗާ ދެމެދުގައިވާ ގޯޅި އެއްވެސް ފަރާތަކަށް ނުދީ ބޭއްވުމަށް ފެންނަކަމަށް ބަޔާންކޮށް، ދައުލަތުގެ ފަރާތުން މި މައްސަލައިގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި ސަބަބުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު، ޅ. ނައިފަރު، ފުސްތުޅާގެ އެވެކިޔާ ގޯއްޗާއި ޅ. ނައިފަރު، ރިޔާޒް އެވެކިޔާ ގޯއްޗާ ދެމެދުގައިވާ ހުސް ގޯޅި، ޅ. ނައިފަރު، ފުސްތުޅާގެ އެވެކިޔާ ގޯއްޗަށް އިތުރުކުރުމަށް 25 މެއި 2011 ވަނަ ދުވަހު ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާއިން ނިންމި ނިންމުން ޖުޑިޝަލް ރިވިއު (Judicial Review) ގެ އުޞޫލުން ޞައްޙަކަން ނުވަތަ ނޫންކަން ކަނޑައެޅުމުގައި އެފަދަ އިދާރީ ނިންމުމެއްގައި ފުރިހަމަވުން ލާޒިމުވާކަމަށް އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގެ (ޅ) ގައި ބުނެފައިވާ ޝަރުޠުތައް ފުރިހަމަވެފައިވޭތޯ ބަލަންޖެހޭކަމާއި އެގޮތުން އެ ޝަރުޠުތަކަކީ؛

(1) އެ ނިންމުން ނިންމީ އެ ނިންމުން ނިންމުމުގެ އިޚްތިޞާޞް ޤާނޫނީގޮތުން އޮތް ފަރާތަކުންކަމުގައިވުން؛

(2) އެ ނިންމުން ނިންމުމުގައި ޤާނޫނަކުން ނުވަތަ ޤަވާޢިދަކުން އެ އިދާރާ އިޖުރާއީގޮތުންނާއި ޝަކުލީގޮތުން ތަބާވުން ލާޒިމްވާ ކަންތައްތަކަށް ތަބާވެފައިވުން؛

(3) އެ ނިންމުމަކީ އެ ނިންމުން ނިންމިއިރު ޢަމަލުކުރެވޭ އެއްވެސް ޤާނޫނަކާ ޚިލާފުނުވާ ނިންމުމަކަށްވުން؛

(4) އެ ނިންމުން ނިންމުމުގައި އިޚްތިޔާރީ ބާރުގެ ބޭނުން ނުރަނގަޅުގޮތުގައި ނުވަތަ ނާޖާއިޒުގޮތުގައި ބޭނުންކޮށް ޤާނޫނީގޮތުން އެ މަޤުޞަދަކަށްޓަކައި އެ ނިންމުން އޮންނަންޖެހޭ އިންތަކުން އެ ނިންމުން ބޭރުވެފައިނުވުން؛

(5) އެ ނިންމުން ބިނާކުރީ މާއްދީ ޙަޤީޤަތްތަކެއްގެ މައްޗަށް ކަމަށްވާނަމަ، އެ ޙަޤީޤަތް އެގޮތަށް ހުރުން އަދި؛

(6) އެ ނިންމުން ބިނާކުރި ޤާނޫނީ ސަބަބުތައް ޞައްޙަވުން؛

އެހެންކަމުން، ބުނެވިދިޔަ ޝަރުޠުތަކުގެ އަލީގައި، ޅ. ނައިފަރު، ފުސްތުޅާގެ އެވެކިޔާ ގޯއްޗާއި ޅ. ނައިފަރު، ރިޔާޒް އެވެކިޔާ ގޯއްޗާ ދެމެދުގައިވާ ހުސް ގޯޅި، ޅ. ނައިފަރު، ފުސްތުޅާގެ އެވެކިޔާ ގޯއްޗަށް އިތުރުކުރުމަށް 25 މެއި 2011 ވަނަ ދުވަހު ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާއިން ނިންމި ނިންމުމުގެ މައްޗަށް ބަލާއިރު އެ ނިންމުމަކީ އެ އިދާރާގެ އިޚްތިޔާރުގެ ޙުދޫދުން ބޭރުވެފައިވާ "އަލްޓްރާ ވައިރެސް" (ތަޖާވުޒު ޙުދޫދިއް ސުލްޠާ) ނިންމުމެއްކަން ސާފުކޮށް އެނގެން އޮންނަކަމާއި، އެހެންކަމުން އެ ނިންމުމަކީ ޞައްޙަ ނިންމުމެއްކަމަށް ބެލެވެންނެތްކަމާއި، ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި އެ ކޯޓުގެ ނަންބަރު 54/G2MC/2012 ޤަޟިއްޔާއިން ބަލައި ނިންމި މައްސަލައަކީ، ޅ. ނައިފަރު، ފުސްތުޅާގޭ ގޯއްޗާއި ޅ. ނައިފަރު، ރިޔާޒް ގޯއްޗާ ދެމެދުގައިވާ ހުސް ގޯޅި އެއްކޮށް ޅ. ނައިފަރު، ފުސްތުޅާގެ ގޯއްޗަށް އިތުރުކޮށް ދިނުމުގެ ސަބަބުން ޅ. ނައިފަރު، ރިޔާޒް ގޯތީގެ ހުޅަނގު ފަރާތުގައި ހުރި 04 ފެންލައިޓާއި 01 ބޮޑު ދޮރާއި، 01 އެގްޒޯސްޓް، އެއަރކޯންގެ އައުޓްޑޯރ ބެދިފައިވާކަމަށާއި މިކަމުން ޅ. ނައިފަރު، ރިޔާޒް ގޯއްޗަށް ދަތި އުނދަގޫތަކެއް ވަމުންދާކަމަށް ބުނެ، މިކަން ޝަރީޢަތުން ބައްލަވައި މިކަމުން ޅ. ނައިފަރު، ރިޔާޒް ގޯއްޗަށްވާ ތުރާ ފިލުވައިދިނުމަށް އެދިގެން ފާދިއްޕޮޅު ނައިފަރު ރަށު ކައުންސިލްގެ އިދާރާގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައެއްކަމަށްވުމުން، މިއީ ފާދިއްޕޮޅު ނައިފަރު ކައުންސިލް އިދާރާގެ އިދާރީ ޤަރާރާމެދު ހިތްހަމަ ނުޖެހިގެން ހުށަހަޅާފައިވާ ޖުޑިޝަލް ރިވިއުގެ މައްސަލައެއްކަން އެނގޭކަމާއި، ދައުލަތުގެ އިދާރީ ނިންމުމެއް ޖުޑިޝަލް ރިވިއުކޮށް މައުޟޫޢީގޮތުން މައްސަލަ ބަލައި ފައިޞަލާކުރުން ބިނާވާންވާނީ ޕްރިންސިޕަލް އޮފް ލެޖިޓިމަސީ (Principle of Legitimacy) ގެ އުޞޫލުން އެފަދަ އިދާރީ ނިންމުމެއްގައި ފުރިހަމަވުން ލާޒިމްވާކަމަށް މަތީގައި ބަޔާންވެދިޔަ ޝަރުޠުތައް ފުރިހަމަވެފައިވާކަން ކަށަވަރުކުރުމުގެ މައްޗަށްކަން އެނގެން އޮތްއިރު، ދައުލަތުގެ ޢާއްމު މަޞްލަޙަތާގުޅޭ އަދި ޤާނޫނު އިދާރީއާގުޅޭ "ޤާނޫނު ޢާއްމު" ގެ މިފަދަ މައްސަލަތަކުގެ ޝަރީޢަތްތަކަކީ ދައުލަތުގެ ފަރާތުން ބަންޑާރަނައިބު ނުވަތަ ބަންޑާރަނައިބު ކަނޑައަޅާ ޤާނޫނީ ވަކީލަކު ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުވެ މައްސަލައާ ގުޅިގެން ޝަރީޢަތާއި ޤާނޫނުގައި ކަންއޮތްގޮތާއި ދައުލަތުގެ ފަރާތުން އެ މައްސަލައިގައި ޝަރުޢީ އަދި ޤާނޫނީ ގޮތުން ދެކޭގޮތް ބަޔާންކޮށް މައްސަލައިގެ އަޞްލު ޚަޞްމެއްގެ ގޮތުން ދައުލަތް ތަމްޘީލުކުރެވެންޖެހޭ ބާވަތުގެ މައްސަލަތަކަކަށްވާއިރު، ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 54/G2MC/2012 ޤަޟިއްޔާގައި މައްސަލަ އިޖުރާއީގޮތުންނާއި މައުޟޫޢީގޮތުން ބަލައި ނިންމާފައިވަނީ ބުނެވިދިޔަ އުޞޫލުގެމަތިން ނޫންކަމަށްވާތީ ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 54/G2MC/2012 ޤަޟިއްޔާގެ ޙުކުމަކީ އިޖުރާއީގޮތުންނާއި މައުޟޫޢީގޮތުން ޞައްޙަ ނިންމުމެއްކަމަށް ބެލެވެން ނެތްކަމާއި އަދި ބަޔާންވެދިޔަގޮތަށް ކަންތައްތައް ހުރިއިރު، ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 54/G2MC/2012 ޤަޟިއްޔާ ހައިކޯޓުގައި އިސްތިއުނާފުކުރެވުމުން އެ ކޯޓުގެ ނަންބަރު 2013/HC-A/233 ޤަޟިއްޔާގައި ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާއިން ޅ. ނައިފަރު، ފުސްތުޅާގެ އެވެކިޔާ ގޯއްޗާއި ޅ. ނައިފަރު، ރިޔާޒް އެވެކިޔާ ގޯއްޗާ ދެމެދުގައިވާ ހުސް ގޯޅި، ޅ. ނައިފަރު، ފުސްތުޅާގެ އެވެކިޔާ ގޯއްޗަށް އިތުރުކުރުމަށް 25 މެއި 2011 ވަނަ ދުވަހު ނިންމި ނިންމުމަށް ތާއީދުކޮށް ނިންމި ނިންމުމަކީ ޝަރުޢީ އަދި ޤާނޫނީ ގޮތުން ޞައްޙަ އަސާސްތަކެއްގެ މައްޗަށް ބިނާކޮށްގެން ނިންމާފައިވާ ނިންމުމެއްކަމަށް ބެލެވެން ނެތްކަމެވެ.

ޙުކުމް:

އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތަށް ހުރުމުން، ޅ. ނައިފަރު، ފުސްތުޅާގެ އެވެކިޔާ ގޯއްޗާއި ޅ. ނައިފަރު، ރިޔާޒް އެވެކިޔާ ގޯއްޗާ ދެމެދުގައިވާ ހުސް ގޯޅި، ޅ. ނައިފަރު، ފުސްތުޅާގެ އެވެކިޔާ ގޯއްޗަށް އިތުރުކުރުމަށް 25 މެއި 2011 ވަނަ ދުވަހު ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާއިން ނިންމި ނިންމުމަކީ ޝަރުޢިއްޔަތެއްނެތް އަލްޓްރާ ވައިރެސް ނިންމުމަކަށްވާތީ، މަބްދައުލް މަޝްރޫޢިއްޔަތު (ޕްރިންސިޕަލް އޮފް ލެޖިޓިމެސީ) ގެ އުޞޫލުގެ މައްޗަށާއި، ފާހަގަކުރެވުނު ނުކުތާތަކުގެ (ކ) ގެ މައްޗަށާއި، އިދާރީ ނިންމުމެއް ޞައްޙަވުން ލާޒިމްވާ ޝަރުޠުތައްކަމަށް ބަޔާންވެފައިވާ ޝަރުޠުތަކުގެ މައްޗަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ 8 ވަނަ މާއްދާ އާއި 43 ވަނަ މާއްދާ އާއި 133 ވަނަ މާއްދާގެ (ނ) އާއި (ރ) އާއި (ބ) އާއި 144 ވަނަ މާއްދާ އާއި 233 ވަނަ މާއްދާގެ (ހ) XE "ޤާނޫނުއަސާސީގެ 299 ވަނަ މާއްދާގެ (ހ)" އާއި 268 ވަނަ މާއްދާ އާއި 299 ވަނަ މާއްދާ އާއި ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 3 ވަނަ މާއްދާ އާއި 4 ވަނަ މާއްދާ އާއި 10 ވަނަ މާއްދާ އާއި ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ވ) އާއި 24 ވަނަ މާއްދާގެ (ފ) އާއި 61 ވަނަ މާއްދާގެ (ހ) އާއި 148 ވަނަ މާއްދާގެ މައްޗަށް ރިޢާޔަތްކޮށް، ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާއިން ޅ. ނައިފަރު، ފުސްތުޅާގެ އެވެކިޔާ ގޯއްޗާއި ޅ. ނައިފަރު، ރިޔާޒް އެވެކިޔާ ގޯއްޗާ ދެމެދުގައިވާ ހުސް ގޯޅި، ޅ. ނައިފަރު، ފުސްތުޅާގެ އެވެކިޔާ ގޯއްޗަށް އިތުރުކުރުމަށް 25 މެއި 2011 ވަނަ ދުވަހު ނިންމި ނިންމުމަކީ ބާޠިލް ނިންމުމެއްކަމަށް ކަނޑައެޅުމާއެކު، ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި އެ ކޯޓުގެ ނަންބަރު 54/G2MC/2012 ޤަޟިއްޔާއިން ބެލި މައްސަލައަކީ ފާދިއްޕޮޅު ނައިފަރު ކައުސިލްގެ އިދާރާއިން 25 މެއި 2011 ވަނަ ދުވަހު ނިންމި ނިންމުމުގެ ޖުޑިޝަލް ރިވިއުގެ (ޤަޟާއީގޮތުން މުރާޖަޢާކުރުމުގެ) މައްސަލައެއްކަމަށްވާއިރު، މިފަދަ އިދާރީ ނިންމުމުގެ ޞައްޙަކަން ބެލުމުގެ އުޞޫލުތައްކަމަށް ބަޔާންވެދިޔަ އުޞޫލުތަކަށް މައުޟޫޢީގޮތުން ރިޢާޔަތް ކުރެވިފައިނުވާތީ އާއި އަދި އިޖުރާއީގޮތުން ދައުލަތުގެ ޢާއްމު މަޞްލަޙަތާގުޅޭ އަދި ޤާނޫނު އިދާރީއާގުޅޭ މިފަދަ "ޤާނޫނު ޢާއްމު" ގެ މައްސަލަތަކުގެ ޝަރީޢަތްތަކަކީ ދައުލަތުގެ ފަރާތުން ބަންޑާރަނައިބު ނުވަތަ ބަންޑާރަނައިބު ކަނޑައަޅާ ޤާނޫނީ ވަކީލަކު ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުވެ މައްސަލައާ ގުޅިގެން ޝަރީޢަތާއި ޤާނޫނުގައި ކަންއޮތްގޮތާއި ދައުލަތުގެ ފަރާތުން އެ މައްސަލައިގައި ޝަރުޢީ އަދި ޤާނޫނީ ގޮތުން ދެކޭގޮތް ބަޔާންކޮށް މައްސަލައިގެ އަޞްލު ޚަޞްމެއްގެ ގޮތުން ދައުލަތް ތަމްޘީލުކުރެވެންޖެހޭ ބާވަތުގެ މައްސަލައެއްކަމަށް ވާއިރު، މި މައްސަލައިގެ ޝަރީޢަތް ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 54/G2MC/2012 ޤަޟިއްޔާއިން ހިންގިފައިވަނީ ބުނެވިދިޔަ އިޖުރާއާތާ އެއްގޮތްވާ ގޮތުގެމަތިން ނޫންކަމަށްވާތީ، ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 54/G2MC/2012 ޤަޟިއްޔާ ބާޠިލްކޮށް، ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 54/G2MC/2012 ޤަޟިއްޔާ ހައިކޯޓުގައި އިސްތިއުނާފުކުރެވުނު ހައިކޯޓުގެ ނަންބަރު2013/HC-A/233 ޤަޟިއްޔާގައި ފާދިއްޕޮޅު ނައިފަރު ކައުންސިލުގެ އިދާރާގެ ނިންމުމަށް ތާއީދުކޮށް ނިންމާފައިވާ ނިންމުމަކީ ޝަރުޢީ އަދި ޤާނޫނީ ގޮތުން ޞައްޙަ އަސާސްތަކެއްގެ މައްޗަށް ބިނާވެފައިވާ ނިންމުމަކަށް ނުވާތީ ހައިކޯޓުގެ ނަންބަރު 2013/HC-A/233 ޤަޟިއްޔާގެ ޙުކުމަކީ ބާޠިލް ޙުކުމެއްކަމަށް ކަނޑައަޅައި، މިގޮތަށް ކަނޑައެޅުމުން ޅ. ނައިފަރު ކައުންސިލުގެ އިދާރާއިން ޅ. ނައިފަރު، ފުސްތުޅާގެ އެވެކިޔާ ގޯއްޗަށް ހަދައިދީފައިވާ ނަންބަރު A–41 ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީއަކީ ބާޠިލު ރަޖިސްޓްރީއެއްކަން އަންގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށް މައްސަލަ ނިންމީއެވެ.

އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު

ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ

ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ