ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2014/SC-A/35ސުޕްރީމް ކޯޓު · 16 މާރިޗު 2020

—

ސުޕްރީމް ކޯޓު
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 16 މާރިޗު 2020ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ

ޤަޟިއްޔާ ނަންބަރު: 2014/SC-A/35

ދަޢުވާކުރާ ފަރާތް: އެމްޕްލޯއިމަންޓް ބިއުރޯ މޯލްޑިވްސް (ރަޖިސްޓަރީ ނަންބަރު C-744/2006)، މާލެ

ދަޢުވާ ލިބޭ ފަރާތް: މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (ރަޖިސްޓަރީ ނަންބަރުC-(173/93 ، މާލެ

މައްސަލައިގެ ބާވަތް: ވިޔަފާރި ޢަޤުދުކޮށްދިނުމަށް އެދި

މައްސަލަ އައިގޮތް: އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

ހުށަހެޅުނު ތާރީޚް: 07 ޖުލައި 2014

ރަޖިސްޓްރީ ކުރެވުނު ތާރީޚް: 10 އޮކްޓޫބަރު 2014

ނިމުނު ތާރީޚް: 16 މާރިޗު 2020

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު،ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު، ފަނޑިޔާރު ޙުސްނުއްސުޢޫދު

އިސްތިއުނާފުކުރެވުނު ޤަޟިއްޔާ

ނަންބަރު: 2013/HC-A/168

ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު

ރަޖިސްޓްރީ ކުރެވުނު ތާރީޚް: 20 މެއި 2013

ނިމުނު ތާރީޚް: 27 ފެބުރުވަރީ 2014

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރަޢުޔު: (ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު ޙުސްނުއްސުޢޫދު ތާއީދުކުރައްވާފައި)

ތަޢާރުފު

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (ރަޖިސްޓަރީ ނަންބަރު C-173/93) (މީގެ ފަހުން "މިފްކޯ") ގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ "އެމް. ޓީ. ބަރޯސާ 101" (މީގެ ފަހުން "އެމް. ޓީ. ބަރޯސާ 101" ނުވަތަ "ތެޔޮ ޓޭންކަރު") އެވެ ނަމަކަށްކިޔާ ތެޔޮ ޓޭންކަރެއް ސިޓީލާ ނީލަމުގައި ވިއްކާލުމަށް މިފްކޯގެ ނަންބަރު 134-CORP/1/2010/14 އިޢުލާނު (މީގެ ފަހުން "އިޢުލާނު")، 04 އޮކްޓޫބަރު 2010 ގައި ކުރެވުނެވެ. މި އިޢުލާނާ ގުޅިގެން އެމްޕްލޯއިމަންޓް ބިއުރޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އެމް.ޓީ ބަރޯސާ 101 ގަތުމަށް އަގު ހުށަހަޅައި ނީލަން ކާމިޔާބު ކުރުމުންވެސް ތެޔޮ ޓޭންކަރު އެމްޕްލޯއިމަންޓް ބިއުރޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ވިއްކުމަށް މިފްކޯއިން އިންކާރު ކުރާތީ، މިފްކޯގެ މި ޢަމަލަކީ ވިޔަފާރީގެ ހަމަތަކުގެ މަތީން ބަލާއިރު އީޖާބާއި ޤަބޫލު ހިނގައި އަލުން ރުޖޫޢަނުވެވޭނެ ޢަޤުދެއް ކަމަށް ބުނެ، މި ވިޔަފާރި ޢަޤުދުކޮށް ނިންމުމަށް މިފްކޯގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި އެމްޕްލޯއިމަންޓް ބިއުރޯ މޯލްޑިވްސްގެ ފަރާތުން ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ. އެ މައްސަލަ ސިވިލް ކޯޓުގައި ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 36/Cv-C/2011 ޤަޟިއްޔާއިންނެވެ.

ސިވިލް ކޯޓުގެ ނަންބަރު 36/Cv-C/2011 ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/168 ޤަޟިއްޔާއިން ބަލާ، ސިވިލް ކޯޓުގެ ނަންބަރު 36/Cv-C/2011 ޤަޟިއްޔާގެ ޙުކުމް ބާޠިލްކުރިއެވެ.

މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/168 ޤަޟިއްޔާގެ ޙުކުމް ބާޠިލކޮށްދިނުމަށް އެދި، އެމްޕްލޯއިމަންޓް ބިއުރޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރުމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެމައްސަލަ ބެލި ޤަޟިއްޔާއެވެ.

އިސްތިއުނާފުކުރެވޭ މައްސަލަ ސިވިލް ކޯޓުން ނިންމާފައިވާ ގޮތް

ސިވިލް ކޯޓުގެ ނަންބަރު 36/Cv-C/2011 ޤަޟިއްޔާ އެ ކޯޓުން ނިންމުމުގައި މިފްކޯގެ އެމް. ޓީ. ބަރޯސާ 101 ސިޓީލާ ނީލަމުގައި ވިއްކާލުމަށް ކުރެވުނު މިފްކޯގެ ނަންބަރު 134-CORP/1/2010/14 (04 އޮކްޓޫބަރު 2010) އިޢުލާނުގައި، ތެޔޮ ޓޭންކަރު ގަތުމަށް ހުށަހަޅާ އަގު އެކަށީގެންވާ އަގަކަށް އެރުމަށްފަހު 03 (ތިނެއް) ދުވަސް (ބަންދު ދުވަސްތައް ނުހިމަނާ) ވަންދެން އެއް އަގެއް އޮވެއްޖެނަމަ، އެ އަގު ހުށަހެޅި ފަރާތަކަށް ނީލަން ނިންމާލެވޭނެ ކަމަށް ބަޔާންކޮށްފައިވާކަން ފާހަގަކޮށްފައިވެއެވެ. އަދި ތެޔޮ ޓޭންކަރަށް އެކަށީގެންވާ އަގަކީ ކޮބައިކަން މިފްކޯގެ ބޯޑުން ނިންމާފައިނުވާތީ، ނީލަން ހުޅުވާލުމަށް ކުރި އިޢުލާނުގައިވާ "އެކަށީގެންވާ އަގަކަށް އެރުމަށްފަހު" މި ޢިބާރާތަކީ ޚިޔާލީ ޝަރުޠެއްކަމަށާއި، އެ ޝަރުޠަކީ މި މުޢާމަލާތުގައި ޝަރުޢީގޮތުން ޞައްޙަ ޝަރުޠެއް ނޫންކަމުގައިވެސް ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން، މި ނީލަމުގައި ޞައްޙަ އެއްވެސް ޝަރުޠެއް ނެތްކަމުގައިވެސް ބަޔާންކޮށްފައި އޮވެއެވެ. އެހެންކަމުން، ނީލަމުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލުމާ ގުޅިގެން ނީލަން ފެށި، ތެޔޮ ޓޭންކަރުގެ އަގު -/800,000ރ. (އަށްލައްކަ ރުފިޔާ) އަށް އެރުމަށްފަހު ޖެހިޖެހިގެން 03 (ތިނެއް) ދުވަސްވަންދެން އެއް އަގެއް އޮތުމުން، ނީލަން ނިންމާލިއިރު އެންމެ މަތީ އަގެއް ހުށަހަޅާފައިވާ ފަރާތަކީ އެމްޕްލޯއިމަންޓް ބިއުރޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްކަން ދެ ފަރާތުގެ ބަހުންނާއި ހުށަހެޅިފައިވާ ބަޔާންތަކުން އެނގެން އޮތް ހިނދު، އެކަށީގެންވާ އަގަކަށް ނާރާތީ، ނީލަން ބާޠިލްކުރީ ކަމަށްބުނެ ތެޔޮ ޓޭންކަރު އެމްޕްލޯއިމަންޓް ބިއުރޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ވިއްކުމަށް މިފްކޯއިން އިންކާރު ކުރަނީ މިފްކޯގެ އިޢުލާނުގައިވާ ޚިޔާލީ ޝަރުޠުގެ މައްޗަށް ބިނާކޮށްގެންކަމުން، މިފްކޯއިން ބަޔާންވެދިޔަ ނީލަން ބާޠިލްކޮށްފައިވަނީ ޝަރުޢީ ގޮތުން ޞައްޙަ ސަބަބެއްގެ މައްޗަށް ބިނާކޮށްގެން ކަމުގައިނުވާތީ، މި މުޢާމަލާތުގައި ޤާނޫނީ ގޮތުން ބަނދެވޭ ފަދަ ހުށަހެޅުމަކާއި ޤަބޫލުކުރެއްމެއް އޮތްކަމުގައި ކަނޑައަޅާފައިވެސް ވެއެވެ. އަދި، ތެދު ނިޔަތަކާއެކު އެންމެ މަތީ އަގެއް ހުށަހެޅި ފަރާތަކީ އެމްޕްލޯއިމަންޓް ބިއުރޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުކަން ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް ސާބިތުވާތީ، އެ ކުންފުންޏަށް ތެޔޮ ޓޭންކަރު ވިއްކުން މިފްކޯއަށް ލާޒިމުވެއްޖެކަމަށް ކަނޑައަޅައި، 12 ޖޫން 2012 ވަނަ ދުވަހުން ފެށިގެން މީލާދީ 15 (ފަނަރަ) ދުވަހުގެ ތެރޭގައި މި ވިޔަފާރި ޢަޤުދުކޮށް ނިންމުމަށް މިފްކޯއަށް އަންގައި ޙުކުމްކޮށްފައިވެއެވެ.

އިސްވެ ބަޔާންކޮށްފައިވާ ފަދައިން ސިވިލް ކޯޓުން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްކަން، ސިވިލް ކޯޓުގެ ނަންބަރު 36/Cv-C/2011 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.

ނީލަމުގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ނީލަން ނިންމާލިއިރު، އެންމެ މަތީ އަގެއް ހުށަހަޅާފައިވާ ފަރާތަކީ އެމްޕްލޯއިމަންޓް ބިއުރޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުކަމާއި، ޖެހިޖެހިގެން 03 (ތިނެއް) ދުވަސް ވަންދެން އެންމެ މަތީ އަގެއް ހުށަހެޅި ފަރާތަކީ ވެސް އެ ފަރާތްކަމާއި، އެ ފަރާތުން ހުށަހަޅާފައިވާ އަގަކީ -/800,000ރ. (އަށްލައްކަ ރުފިޔާ) ކަން ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގެން އޮތުން؛

ނީލަމަކީ އޭގެ ޒާތުގައި، ހުށަހެޅުމަކަށް ދެވޭ ދަޢުވަތެއް ކަމުގައިވިޔަސް، އިސްތިސްނާވާ ބައެއް ޙާލާތްތައް އަންނަކަމާއި އެގޮތުން އެންމެ މަތީ އަގެއް ހުށަހަޅާ ފަރާތަކަށް ނީލަން ނިންމާލެވޭނެކަމަށް "ވިތައުޓް ރިޒާވް" (އެއްވެސް ޝަރުޠަކާނުލައި) ބުނެފައިވާނަމަ އެއީ ހުށަހެޅުމަކަށް ދެވޭ ދަޢުވަތެއް ކަމަކަށް ނުބެލެވޭކަމަށާއި، އެފަދަ ޙާލަތުގައި އެންމެ މަތީ އަގު ހުށަހަޅާ ފަރާތަކަށް އެ މުދާ ވިއްކުން ލާޒިމްވާނެކަމާއި، މިގޮތުން މިފްކޯގެ ފަރާތުން މި ދަޢުވާގައި ހިމެނޭ ތެޔޮ ޓޭންކަރު ނީލަންކިޔުމަށްޓަކައި ކޮށްފައިވާ އިޢުލާނުގައިވާ ނީލަން ފެށޭ އަގަކީ -/500,000ރ. (ފަސްލައްކަ ރުފިޔާ) ކަމަށާއި، ހުށަހެޅިފައިވާ އަގަށް މަދުވެގެން އިތުރު ކުރެވޭނީ -/15,000ރ. (ފަނަރަހާސް ރުފިޔާ) ކަމަށާއި، އެކަށީގެންވާ އަގަކަށް އެރުމަށްފަހު ޖެހިޖެހިގެން 3 ދުވަހު (ބަންދު ދުވަސްތައް ނުހިމަނާ) އެއް އަގެއް އޮވެއްޖެނަމަ، އެ އަގު ހުށަހެޅި ފަރާތަކަށް ނީލަން ނިންމާލެވޭނެކަމަށް ބަޔާން ކޮށްފައިވުމުން، މި ޙާލަތުގައި ޝަރުޠު ރިޒާވެއް ކަމަށް ބެލެވޭ ކަމަކީ "އެކަށީގެންވާ އަގަކަށް އެރުމަށްފަހު" މިފަދައިން އޮތް އޮތުންކަމަށް ވީހިނދު، މިފަދަ ޝަރުޠަކީ ޚިޔާލީ ޝަރުޠަކަށް ވެގެން ނުވާނެ ކަމާއި، ހުށަހެޅިފައިވާ އަގަކީ އެކަށީގެންވާ އަގެއް ނޫންކަމަށް ކަނޑައެޅޭނީ އެކަށީގެންވާ އަގަކީ ކޮބައިކަން ނީލަން ނިމުމުގެ ކުރިން ކަނޑައެޅިފައި އޮވެގެން ކަމާއި، އެހެން ނޫންނަމަ އެ ޝަރުޠެއް ވެގެންދާނީ ޚިޔާލީ ޝަރުޠަކަށްކަން؛ އަދި

އެކަށީގެންވާ އަގަކަށް ނާރައިގެން ނީލަން ބާޠިލްކުރާނަމަ އެކަށީގެންވާ އަގަކީ ކޮބައިކަން ކުރިން ކަނޑައެޅި ނީލަމުގައި އެ އަގަށް ނާރާކަމަށް ބުނެ ނީލަން ބާޠިލްކުރަންޖެހޭއިރު، އެފަދަ ގޮތަކަށް މިފްކޯއިން ޢަމަލުކޮށްފައިނުވާތީ، މި ޙާލަތުގައި ބެލެވޭނީ ޤާނޫނީ ގޮތުން ބަނދެވޭ ހުށަހެޅުމެއް އުފެދިފައިވާ ކަމަށާއި، އެފަދަ ޙާލަތެއްގައި އެންމެ މަތީ އަގު ހުށަހަޅާ ފަރާތަކަށް އެ މުދާ ވިއްކުން ލާޒިމްވާނެކަން ޝަރީޢަތުގެ ހަމަތަކުން އެނގޭކަން.

ސިވިލް ކޯޓުގެ ނަންބަރު 36/Cv-C/2011 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން، އެ ޤަޟިއްޔާގައި ސިޓީލާ ނީލަމުގައި ވިއްކާލުމަށް ހުށަހެޅުނު ތެޔޮ ޓޭންކަރު ވިއްކާލުމަށް އެއްބަސްވުމަކަށް ވާޞިލުވެފައިވާކަން ނުވަތަ ނޫންކަން ބެލުމުގެ ގޮތުން ކޮންޓްރެކްޓެއް ވުޖޫދުވުމަށްޓަކައި ބޭނުންވާ އީޖާބާއި ޤަބޫލު (offer and acceptance) ހިނގާފައިވާކަމުގެ މައްޗަށާއި، ނީލަމުގައި މުދާ ވިއްކާލުމަށް ކޮށްފައިވާ ޝަރުޠުތަކުގެ ޞައްޙަކަމުގެ މައްޗަށް ބަލައި، އެ ޤަޟިއްޔާގައި އެކަންކަމުގެ މައްޗަށް ގޮތް ކަނޑައަޅާފައިވާކަން އެނގެން އޮވެއެވެ.

އިސްތިއުނާފުކުރެވޭ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ގޮތް

ސިވިލް ކޯޓުގެ ނަންބަރު 36/Cv-C/2011 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ނޫންކަމަށް ބުނެ، މިފްކޯއިން އެ ނިންމުން އިސްތިއުނާފުކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/168 ޤަޟިއްޔާއިން ބަލާފައިވެއެވެ.

ސިވިލް ކޯޓުގެ ނަންބަރު 36/Cv-C/2011 ޤަޟިއްޔާ އިސްތިއުނާފުކޮށް މިފްކޯގެ ފަރާތުން ހުށަހަޅާފައިވަނީ އެއް ނުކުތާކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/168 ޤަޟިއްޔާގެ ރިޕޯޓުން އެނގެއެވެ. އެއީ، ދަށު ކޯޓުން ޙުކުމް ކުރުމުގައި ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 6 ވަނަ މާއްދާގެ (ހ) އަށް ފުރިހަމައަށް ރިޢާޔަތްކޮށްފައިނުވުމާއި، ހުށަހެޅުން ފުރިހަމަނުވާކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، އެއާ ގުޅިގެން އައި ޤަބޫލުކުރުން އެއީ ޞައްޙަ އެއްޗެއްކަމުގައި ބަލައި ޢަޤުދު ފުރިހަމަކުރުމަށް ޙުކުމްކޮށްފައިވާކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއެކެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/168 ޤަޟިއްޔާ ބެލުމުގައި ބައިވެރި ފަނޑިޔާރުންގެ މަޖިލީހުގައި ހިމެނުނު ފަނޑިޔާރުންގެ މެދުގައި، މި މައްސަލަ ނިންމަން ފެންނަގޮތާމެދު ދެ ރައުޔެއްގެ މައްޗަށް ޚިޔާލު ތަފާތުވެފައި ވީހިނދު، މި މައްސަލަ ބެލުމުގައި ބައިވެރިވި ފަނޑިޔާރުންގެ މަޖިލީހުގެ އަޣުލަބިއްޔަތުން ސިވިލް ކޯޓުގެ ޙުކުމް ބާޠިލްކޮށްފައިވެއެވެ.

އިސްވެ ބުނެވުނު ފަދައިން ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްކަން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/168 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.

އިސްތިއުނާފުކުރެވޭ މި މައްސަލައިގައި ހިމެނޭ މިފްކޯގެ ފަރާތުން ނީލަން ހުޅުވާލާފައިވާ އެ ކުންފުނީގެ ނަންބަރު 134-CORP/1/2010/14 (04 އޮކްޓޫބަރު 2010) އިޢުލާނުގައި ބަޔާންކޮށްފައިވާ "އެކަށީގެންވާ އަގަކަށް އެރުމަށްފަހު" މި ޢިބާރާތުން ކަނޑައަޅާފައިވާ ޝަރުޠު (ރިޒާރވް) އަކީ "ޚިޔާލީ ޝަރުޠެއްކަމުން" އެ ޝަރުޠަކީ މި މުޢާމަލާތުގައި ޝަރުޢީ ގޮތުން ޞައްޙަ ޝަރުޠެއް ނެތި ހުޅުވާލެވިފައިވާ ނީލަމެއް ކަމަށާއި، ...މި މުޢާމަލާތުގައި ޤާނޫނީ ގޮތުން ބަނދެވޭ ހުށަހެޅުމަކާއި ޤަބޫލުކުރުމެއް އޮތް" ކަމަށް ކަނޑައެޅުމުގެ ނަތީޖާއަކީ އެ އިޢުލާނުގައިވާ ޝަރުޠު (ރިޒަރވް) އަކީ ޞައްޙަނޫން ޝަރުޠެއްކަމަށްވެ، "އެކަށީގެންވާ އަގަކަށް އެރުމަށްފަހު" މި ޢިބާރާތް އުނިކުރުމަށްފަހު، މިފްކޯގެ ބަޔާންކުރެވުނު އިޢުލާނަކީ ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ ހުށަހެޅުމެއް ކަމަށް ކަނޑައެޅިގެން ދިއުންކަން؛

ކޮންޓްރެކްޓާބެހޭ ޤާނޫނުގެ ދަށުން އެކަކު އަނެކަކަށް ހުށަހަޅާ ހުށަހެޅުމެއްގައި ހިމެނޭ ވަކި ބައެއް އެއީ ޤާނޫނީ ގޮތުން ޞައްޙަ ބައެއް ނޫންކަމަށް ކަނޑައަޅައި، އެ ހުށަހެޅުމުގެ ދެން ހުރި ބައިތައް އެއްކޮށްލުމުން އެއީ ފުރިހަމަ ހުށަހެޅުމެއް ކަމަށް ޝަރުޢީ ކޯޓަކުން ކަނޑައެޅިދާނެތޯ ބަލާއިރު، ކޮންޓްރެކްޓެއް ކުރުމުގެ މަޤްޞަދުގައި އެއްފަރާތަކުން ހުށަހަޅާ ހުށަހެޅުމަކަށް އުނިއިތުރުގެނެސް އެ ހުށަހެޅުން ޤާނޫނުގެ އިމުގެ ތެރެއަށް ފެއްތުމުގެ އިޚްތިޔާރު، ޢާންމު އުޞޫލެއްގެ ގޮތުން، އެ ހުށަހެޅުމެއް ހުށަހެޅި ފަރާތް ނޫން އެހެން ފަރާތަކަށް ލިބިގެންނުވާކަން؛

ހުށަހެޅުމުގައި ޤާނޫނީ ގޮތުން ޞައްޙަ ނޫން ކަންތައްތަކެއް ހިމެނިފައިވާކަމަށް ޝަރީޢަތަށް ޤަބޫލުކުރެވޭނަމަ، ބާޠިލްކުރަންޖެހޭނީ ހަމައެކަނި އެ ހުށަހެޅުމެއްގައި އޮތް ޤާނޫނީގޮތުން ޞައްޙަނޫން މިންވަރު އެކަނި ނޫންކަމާއި، އެފަދަ ޙާލަތުގައި ބާޠިލްވާނީ މުޅި ހުށަހެޅުންކަން؛ އަދި

އެކަކު އަނެކަކަށް ހުށަހަޅާ ހުށަހެޅުމެއްގައި ޚިޔާލީ ކަންތައްތަކެއް ހުރުމުގެ ނަތީޖާއަކީ އެ ހުށަހެޅުމުގައި އޮޅުންނުފިލާ ނުވަތަ ޔަޤީންނުވާ ކަންތައްތަކެއް ހިމެނިފައިވާކަމަށް ބަލަންޖެހުން ކަމަށްވީއިރު، އެފަދަ ހުށަހެޅުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ ބާޠިލު ހުށަހެޅުމެއްކަމަށް ޝަރީޢަތުން ބަލަންޖެހޭކަން.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ނުކުތާތަކާއި އެ ނުކުތާތަކަށް ދީފައިވާ ރައްދު

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/168 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ އެމްޕްލޯއިމަންޓް ބިއުރޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައިގަނޑު 02 (ދޭއް) ސަބަބެއް ހުށަހަޅާފައިވެއެވެ.

ފުރަތަމަ ސަބަބަކީ، މިފްކޯގެ އިޢުލާނުގައި "އެކަށީގެންވާ އަގަކަށް އެރުމަށްފަހު ޖެހިޖެހިގެން ތިން ދުވަހު އެއް އަގެއްގައި" އޮތްނަމަ ނީލަން ނިންމާލެވޭނެ ކަމުގައި ޞަރީޙަ ބަހުން ބަޔާންކޮށްފައިވާކަމާއި، އެ އިޢުލާނުގައި އޮތްކަމެއް އޮޅުން ނުފިލައިގެން އެއްވެސް ފަރާތަކުން ހުށަހަޅާފައިނުވާ ކަމާއި، ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 8 ވަނަ މާއްދާގައިވާގޮތުން، ކުޅަ ޢަމަލަކުން ޤަބޫލުކުރުން ފުރިހަމަ ވާކަން އެނގެން އޮންނަކަމަށާއި، ތިން ދުވަސް ވުމުގެ ކުރިން ނީލަން ނުނިމޭކަން ނާންގާހާ ހިނދަކު ބެލެވޭނީ ނީލަން ނިމުނީ ކަމަށާއި، އިޢުލާނުގައި ބުނާފަދައިން ނީލަން ނިމުނުއިރު އެންމެ މަތީ އަގު ހުށަހެޅި ފަރާތަކީ އެމްޕްލޯއިމަންޓް ބިއުރޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުކަން އެންގެން އޮންނާތީ، ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާގައި ބުނާ ފަދައިން ހުށަހެޅުމާއި ޤަބޫލުކުރުން ފުރިހަމަވެ، ޤާނޫނީ ގޮތުން ބަނދެވުނީކަމުގައި ބަލަންޖެހޭކަމާއި، ނީލަން ނިމުނުއިރު އެކަށީގެންވާ އަގަކީ ކޮބައިކަން ބުނެފައި ނެތުމުން ބަލަންޖެހޭނީ ނީލަން ނިންމާލާފައިވަނީ އެކަށީގެންވާ އަގަކަށް އެރުމަށްފަހުގައި ކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބަބެވެ.

ދެވަނަ ސަބަބަކީ، މިފްކޯގެ އިޢުލާނުގައިވާ "އެކަށީގެންވާ އަގަކަށް އެރުމަށްފަހު" މި ޢިބާރާތުން ކަނޑައަޅާ ޝަރުޠު (ރިޒަރވް) އަކީ ޢަމަލުނުކޮށް ދޫކޮށްލާފައިވާ ކަމެއް ކަމަށް ބަލަންޖެހޭ ކަމަށާއި އެކަމުގެ ސަބަބުން މި މުޢާމަލާތުގައި ހިމެނޭ ހުށަހެޅުމަށް ދެވޭ ދަޢުވަތު ބާޠިލްނުވާނެކަމަށާއި، ސިވިލް ކޯޓުގެ ނަންބަރު 36/Cv-C/2011 ޤަޟިއްޔާގެ ޙުކުމުން އެ ޢިބާރާތް އުނިކުރި ކުރުމާއި، މި މުޢާމަލާތުގެ ބޭނުމަށް މަފްހޫމް މަނާކުރުން އެންމެ ރަނގަޅު ނޫން ކަމުގައިވީނަމަވެސް، އެ މުޢާމަލާތުގައި ހިމެނޭ ދެ ފަރާތުގެ މެދުގައި ޤާނޫނީ ގޮތުން ބަނދެވިފައިވާ ހުށަހެޅުމަކާއި ޤަބޫލުކުރުމެއް އޮތުމުން ދަށުކޯޓުގެ މުޅި ޙުކުމް ބާޠިލްކުރުމަކީ ޤާނޫނީ ހަމައެއް ނޫންކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/168 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ އެމްޕްލޯއިމަންޓް ބިއުރޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކަށް ރައްދުދިނުމުގެ ގޮތުން މިފްކޯގެ ފަރާތުން މައިގަނޑު 4 (ހަތަރެއް) ނުކުތާއެއް ފާހަގަކޮށްފައިވެއެވެ.

ފުރަތަމަ ނުކުތާއަކީ، މިފްކޯގެ އިޢުލާނުގައިވާ "އެކަށީގެންވާ އަގަކަށް އެރުމަށްފަހު" މި ޢިބާރާތަކީ ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 6 ވަނަ މާއްދާގެ (ހ) ގައި ބުނާފަދަ އޮޅުން ނުފިލާގޮތަށް އޮތް ހުށަހެޅުމެއް ކަމާއި، އެފަދަ ހުށަހެޅުމެއް ޤަބޫލުކުރުމުން ކޮންޓްރެކްޓެއް ކުރެވުނީ ކަމަށް ބަލައިގެން ނުވާނެކަމަށާއި، ހަމަ އެ ޤާނޫނުގެ 5 ވަނަ މާއްދާއަށް ބެލުމުން އެކަން ސާފުކޮށް އެނގޭކަމާއި، އެ އިޢުލާނުގެ ދަށުން ނީލަމުގައި ވިއްކުމަށް ހުށަހަޅާފައިވާ ތެޔޮ ޓޭންކަރު ވިއްކުމުގެ ވިޔަފާރި ޢަޤުދުކުރުމަށް އަންގާނެތަނެއް ނެތްކަމުގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/168 ޤަޟިއްޔާއިން ކަނޑައަޅާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށްކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.

ދެވަނަ ނުކުތާއަކީ، މިފްކޯއިން ކޮށްފައިވާ އިޢުލާނުގައި "އެކަށީގެންވާ އަގަކަށް އެރުމަށްފަހު" މިހެން ބަޔާންކޮށްފައި އޮތްހިނދު، މި ޝަރުޠަށް މިފްކޯއިން ޢަމަލުނުކޮށް ދޫކޮށްލާފައިވަނީ ކަމަށް އެމްޕްލޯއިމަންޓް ބިއުރޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބަޔާންކުރަނީ ޝަރުޢީ އަދި ޤާނޫނީ އަސާސެއްގެ މައްޗަށް ބިނާކޮށް ނޫންކަމަށާއި، އެއްބަސްވުމެއް ވުޖޫދުކުރުމަށް ޤާނޫނުން ލާޒިމުކުރާ ހުށަހެޅުން ފުރިހަމަ ނުވެ، އެ ހުށަހެޅުމާ ގުޅިގެން ޤަބޫލުކުރުމެއް އައުމުން، އެކަން ޞައްޙަކަމަށް ކަނޑައެޅުމަކީ ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 6 ވަނަ މާއްދާގެ (ހ) އާއި ޚިލާފު ޢަމަލެއް ކަމުގައި ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.

ތިންވަނަ ނުކުތާއަކީ، ސިވިލް ކޯޓަށާއި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުނު މައްސަލަތަކުގައި އެ ކޯޓުތަކުންވަނީ މައްސަލައިގައި ހިމެނޭ ވަޤާއިޢުތަކާއި ދަލީލުތައް ބަލައި ތަޤްޔީމްކޮށް ވަޒަންކޮށްފައިކަމާއި، އެކަމަކީ ދަށުކޯޓުގެ ތަޤްދީރީ ބާރުގެ ތެރެއިން ކަނޑައެޅޭ ކަންކަން ކަމުގައާއި، އެފަދަ ކަންކަމަކީ ސުޕްރީމް ކޯޓުން ފައިސަލާ ކުރަންޖެހޭ އަދި ކޯޓުގެ ރަޤާބާއިން ބޭރުގައިވާ ކަންކަންކަމުގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.

ހަތަރުވަނަ ނުކުތާއަކީ، މިފްކޯގެ އިޢުލާނުގައިވާ ޝަރުޠު (ރިޒަރވް) އަށް މިފްކޯއިން ޢަމަލުނުކޮށް ދޫކޮށްލާފައިވާ ކަމެއް ކަމަށް ބަލަންޖެހޭ ކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނާއިރު، އެ ބުނުން ބިނާކުރި ޤާނޫނީ ސަބަބެއް ދެއްކިފައިނުވާ ކަމަށާއި، އިސްތިއުނާފުކުރެވޭ މައްސަލަ ހުށަހެޅީވެސް ދެންނެވުނު ޝަރުޠު (ރިޒަރވް) އަށް މިފްކޯއިން ޢަމަލުކޮށް އެކަށީގެންވާ އަގަކަށް ނާރާތީ، އަގު ހުށަހެޅި އެއްވެސް ފަރާތަކަށް ނީލަން ކިޔުނު އުޅަނދު ވިއްކާލާފައިނުވާތީ ކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.

ނީލަމާގުޅޭ ޢާންމު އުޞޫލުތައް

މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/168 ޤަޟިއްޔާއިން ބާޠިލްކުރި ސިވިލް ކޯޓުގެ ނަންބަރު 36/Cv-C/2011 ޤަޟިއްޔާގެ ޙުކުމް އެ ކޯޓުން ބާޠިލްކޮށްފައިވަނީ އީޖާބާއި ޤަބޫލު ފުރިހަމަވެފައިވާ ޙާލަތުގައި ކަމަށް ބުނެ ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލައެއް ކަމުގައިވެފައި، ދިވެހިރާއްޖޭގައި މުދާވިއްކުމާބެހޭ ޤާނޫނަކާއި ކޮންޓްރެކްޓާބެހޭ ޤާނޫނެއް ވުޖޫދުގައި އޮތްނަމަވެސް، އެ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ އުޞޫލުތައް ނީލަމުގެ މުޢާމަލާތެއްގައި ތަޠުބީޤު ކުރަންޖެހޭގޮތް ކަނޑައަޅާފައި ނުވެއެވެ. އެހެންކަމުން، މި މައްސަލައަށް ގޮތް ކަނޑައެޅުމުގެ ކުރިން، ދުނިޔޭގެ އެހެން ދިމިޤްރާތީ ޤައުމުތަކުގައި ނީލަމާގުޅޭ ކަންކަމުގައި ޢަމަލުކުރާ އުޞޫލުތަކަށް ރިޢާޔަތްކުރުން މުހިންމު ކަމުގައި ދެކެމެވެ.

ނީލަމުގެ މުޢާމަލާތްތަކަށް ބަލާއިރު، ނީލަމުގައި މުދާ ވިއްކަނީ މުދަލުގެ ވެރިފަރާތުން އަމިއްލައަށް، ނުވަތަ އެފަރާތުން އެދިގެން، އެހެން ތިންވަނަ ފަރާތެކެވެ. މުދަލުގެ ވެރިފަރާތުން އެހެން ތިންވަނަ ފަރާތަކުން ނީލަމުގައި މުދާ ވިއްކާނަމަ، އެކަން ޢާންމު އުޞޫލުން ކުރަނީ ނީލަން ކިޔާ ފަރާތް (auctioneer) އެކެވެ. އަދި މިފަދަ ޙާލަތްތަކުގައި، ނީލަންކިޔާ ފަރާތް (auctioneer) ނުވަތަ އެފަދަ ތިންވަނަ ފަރާތް މަސައްކަތްކުރަނީ މުދަލުގެ ވެރި ފަރާތުގެ އެޖެންޓެއްގެ ހައިސިއްޔަތުންނެވެ.

ޢާންމު އުޞޫލުންނަމަ، ނީލަމަށް ކުރާ އިޢުލާނަކީ ނީލަމުގައި ވިއްކާ މުދާ ގަތުމަށް ދެވޭ ދަޢުވަތެކެވެ. އަދި ނީލަން ފެށުމުން، މުދާ ގަންނަން އެދޭ ފަރާތްތަކުން ހުށަހަޅާ އަގަކީ ކޮންޓްރެކްޓްގެ އުޞޫލުތަކުގައި ބަލާ ހުށަހެޅުމެވެ. މިހެންކަމުން، ނީލަން ހުޅުވާލާ، އެކި ފަރާތްތަކުން އަގު ހުށަހެޅުމަށްފަހު، މުދާ ގަތުމަށް ހުށަހަޅާފައިވާ އެންމެ މަތީ އަގުގެ ގޮތުގައިވާ އަގުގެ އިތުރުން އަގެއް ނުލިބި (ކަނޑައެޅިފައިވާ ގޮތުގެ މަތިން) ނީލަން ނިންމާލުމުން (fall of the hammer) ބެލޭނީ މުދަލުގެ ވެރި ފަރާތުން އެ އަގެއް ޤަބޫލުކުރީކަމަށެވެ. އަދި އެންމެ ފަހުން ހުށަހަޅާފައިވާ އެންމެ މަތީ އަގަށް، އެ އަގު ހުށަހެޅި ފަރާތަށް މުދާ ވިއްކުމަށްޓަކައި އީޖާބާއި ޤަބޫލުފުރިހަމަވީ ކަމަށެވެ. މިއީ ޢާންމު އުޞޫލުގެ ތެރެއިން ކަން އޮންނަގޮތް ނަމަވެސް، ނީލަމުގެ އެކި ބާވަތްތަކުގައި، އީޖާބާއި ޤަބޫލު ފުރިހަމަވީ ކަމުގައި ބެލޭގޮތް ތަފާތެވެ.

ނީލަމުގެ ބާވަތްތަކަށް ބަލާއިރު، ޢާންމުކޮށް 3 (ތިނެއް) ބާވަތެއްގެ ނީލަންވެއެވެ. އެއީ (ހ) ކަނޑައަޅާ ވަކި އަގަކާނުލައި ހުޅުވާލާ ނީލަން (auction without reserve) އާއި؛ (ށ) ކަނޑައަޅާ ދަށް އަގެއް ހިމެނޭގޮތަށް ހުޅުވާލާ ނީލަން (auction with reserve) އާއި؛ (ނ) ޝަރުޠާއެކު ހުޅުވާލާ ނީލަން (conditional auction) އެވެ.

ކަނޑައަޅާ ވަކި އަގަކާނުލައި ހުޅުވާލާ ނީލަން (auction without reserve) އެއްގައި މުދަލުގެ ވެރިފަރާތުން މުދާ ވިއްކާލުމަށް އެދޭ އެންމެ ކުޑައަގެއް ކަނޑައަޅާފައި ނުހުރެއެވެ. އަދި މިފަދަ ނީލަމެއްގައި ވިއްކުމަށް ކަނޑައަޅާފައިވާ މުދާ ގަތުމަށް އެންމެ މަތީ އަގު ހުށަހަޅާ ފަރާތަށް އެ މުދާ ވިއްކެއެވެ. އެހެންކަމުން، މިބާވަތުގެ ("ވިތްއައުޓް ރިސަރވް") ނީލަންތަކުގައި، މުދާ ނީލަމަށް ލުމަކީ އޭގެ ޒާތުން އެއްބަސްވުމެއް ވުޖޫދުވުމަށް ހުށަހެޅޭ ހުށަހެޅުމެއް ކަމުގައި ބެލެވެއެވެ. އަދި މުދާ ގަތުމަށް ހުށަހަޅާ ކޮންމެ އަގަކީ (ޝަރުޠަކާއެކު) ޤަބޫލުކުރާ ޤަބޫލުކުރުމެއްކަމުގައި ބެލެވެއެވެ. މި ބާވަތުގެ ނީލަމުގައި، މުދާ ގަތުމަށް ހުށަހަޅާ ކޮންމެ އަގަކީ ޤަބޫލުކުރުމެއް ކަމުގައި ބެލިނަމަވެސް، ޤަބޫލުކުރުމެއް ފުރިހަމަވާނީ ހަމައެކަނި (ކަނޑައެޅިފައިވާ އުޞޫލުތަކުގެ ތެރެއިން) އެންމެ މަތީ އަގު ހުށަހަޅާ ފަރާތަށެވެ. މިހެންކަމުން، އެކަށީގެންވާ ވަގުތެއްގެ ތެރޭގައި ނީލަމުގައި މުދާ ގަތުމަށް އަގު ހުށަހަޅާފައިނުވާ ޙާލަތްތަކުގައި މެނުވީ، ވިތްއައުޓް ރިސަރވް ނީލަމެއްގައި ވިއްކުމަށް ހުށަހަޅާފައިވާ މުދަލެއް އަނބުރާ ނެގުމުގެ އިޚްތިޔާރު މުދަލުގެ ވެރިފަރާތަށް ލިބިގެން ނުވެއެވެ.

ކަނޑައަޅާ ދަށް އަގެއް ހިމެނޭގޮތަށް ހުޅުވާލާ ނީލަން (auction with reserve) އަކީ ނީލަމެއްގައި ވިއްކުމަށް ހަމަޖެހިފައިވާ މުދާ ވިއްކާނެ އެންމެ ކުޑަ އަގެއް ("ރިސަރވް އަގު") ކަނޑައެޅުމުގެ އިޚްތިޔާރު (އަދި ކަނޑައަޅާ އެ އަގަށް ބަދަލު ގެނައުމުގެ އިޚްތިޔާރު)، މުދަލުގެ ވެރިފަރާތަށް ލިބިދޭ ބާވަތުގެ ނީލަމެވެ. އެހެނަސް ރިސަރވް އަގަކީ ކޮބައިކަން ގަންނަ ފަރާތްތަކަށް ޢާންމުކޮށް އޮންނަނީ ވަންހަނާ ކުރެވިފައެވެ. ކަނޑައަޅާ ދަށް އަގެއް ހިމެނޭގޮތަށް ހުޅުވާލާ ނީލަން (auction with reserve) ތަކުގައި، މުދަލަކަށް ކަނޑައަޅާ ރިސަރވް އަގުގައި އެ މުދާ ނުވިއްކޭނެ ކަމަށް ބެލެވޭނަމަ، މުދަލުގެ ވެރިފަރާތުން ނުވަތަ ނީލަންކިޔާ ފަރާތުން (auctioneer) އެ ނީލަން ނިންމާލުމުގެ ކުރިން، މުދާ ނީލަމުން ނަގަންޖެހެއެވެ. އެއީ، ނީލަމުގެ ޢާންމު އުޞޫލާއި، ވިތްއައުޓް ރިސަރވް ނީލަމާއި ޚިލާފަށް، މިބާވަތުގެ "ވިތް ރިސަރވް" ނީލަންތަކުގައި، އެއްބަސްވުމެއް ވުޖޫދުވުމަށް ބޭނުންވާ ހުށަހެޅުން ކަމުގައި ބަލަނީ ގަތުމަށް ހުށަހަޅާ އަގުތައްކަމުގައި ވާތީއެވެ. އަދި، ރިސަރވް އަގަކީ މުދާ ގަތުމަށް އަގު ހުށަހަޅާ ފަރާތްތަކަށް އަންގާ އަގެއް ކަމުގައިނުވާތީ، ނީލަން ކަނޑައެޅިފައިވާ ގޮތަށް ނިންމާލުމުން، އެންމެ މަތިން ހުށަހަޅާފައިވާ އަގު ޤަބޫލުކުރީ ކަމުގައި ބެލެވި، ނީލަން ނިންމާލުމުން ޤާނޫނީގޮތުން ބަނދެވޭ އެއްބަސްވުމެއް ވުޖޫދުވާކަމަށްޓަކައެވެ.

ޝަރުޠާއެކު ހުޅުވާލާ ނީލަން (conditional auction) އަކީ ނީލަން ނިންމާލުމަށް ފަހުގައި، ނީލަމުގައި ހުށަހަޅާފައިވާ އެންމެ މަތީ އަގު ޤަބޫލުކުރުމުގެ ނުވަތަ ޤަބޫލުނުކުރުމުގެ އިޚްތިޔާރު، މުދަލުގެ ވެރި ފަރާތަށް ލިބިދޭ ބާވަތުގެ ނީލަމެކެވެ. މުދަލެއް ނީލަމަށް ލަނީ މިބާވަތުގެ "ކޮންޑިޝަނަލް" ނީލަމެއްގައި ކަމަށްވާނަމަ، އެކަން އެ މުދާ ގަތުމަށް އަގު ހުށަހަޅާ ފަރާތްތަކަށް ސާފުކޮށް އަންގާފައިވާންވާނެއެވެ. މިފަދައިން މުދާ ގަތުމަށް އަގުހުށަހަޅާ ފަރާތްތަކަށް ދެވޭ މަޢުލޫމާތުގައި، ޢާންމު އުޞޫލުން، ނީލަން ކިޔާ ފަރާތަށް (auctioneer) އެންމެ މަތިން ހުށަހަޅާ އަގު ޤަބޫލުކުރުމުގެ ބާރާއި އިޚްތިޔާރު ލިބިގެން ނުވާކަމަށާއި، އެ ބާރާއި އިޚްތިޔާރު ލިބިގެންވަނީ މުދަލުގެ ވެރި ފަރާތަށްކަން ބަޔާންކޮށްފައި އޮންނަންޖެހެއެވެ. ކޮންޑިޝަނަލް ނީލަމަކާއި، ވިތް ރިސަރވް ނީލަމަކާ ދެމެދު އޮންނަ މައި ތަފާތަކީ، ކޮންޑިޝަނަލް ނީލަމެއްގައި މުދާ ނުވިއްކުމަށް ނިންމަނީ ނީލަން ނިންމާލުމަށް ފަހުގައި ކަމަށްވާއިރު، ވިތް ރިސަރވް ނީލަމެއްގައި މުދާ ނުވިއްކުމަށް ނިންމަންޖެހެނީ ނީލަން ނިންމާލުމުގެ ކުރިން ކަމުގައި ވުމެވެ.

ނީލަންތަކުގައި ބޭނުންކުރެވޭ ލަފްޒުތަކަށް ބަލާއިރު، ފަށާ އަގު (starting bid or opening bid) އަދި ރިސަރވް އަގު (minimum bid or reserve price) އަދި އެއީ ތަފާތު ދެ އެއްޗެއްކަން ފާހަގަކުރުން މުހިންމު ކަމުގައި ފެނެއެވެ. މިގޮތުން، ފަށާ އަގަކީ ނީލަން ފެށުމަށް ކަނޑައަޅާފައިވާ އަގެވެ. ފަށާ އަގެއް ކަނޑައަޅާފައިވާ ނީލަމެއްގައި، އެ އަގަށްވުރެ ކުޑަކޮށް މުދާ ގަތުމަށް ހުށަނޭޅޭނެއެވެ. އަދި ރިސަރވް އަގަކީ މުދަލުގެ ވެރި ފަރާތުން މުދާ ވިއްކުމަށް ކަނޑައަޅާ އެންމެ ދަށް އަގެވެ. މި އަގަކީ މުދާ ގަންނަން އެދޭ ފަރާތްތަކަށް އަންގާ އަގެއް ނޫނެވެ. އަދި ރިސަރވް އަގެއް ކަނޑައަޅާފައިވާނަމަ، މުދާ ވިއްކާލެވޭނީ، މުދާ ގަތުމަށް ހުށަހަޅާ އަގު އެ ރިސަރވް އަގާއި އަރާ ހަމަކުރުމުން، ނުވަތަ އެ އަގު ފަހަނައަޅާ ދިއުމުންނެވެ. ނީލަމެއްގައި ފަށާ އަގެއް ހިމެނި، ރިސަރވް އަގެއް ކަނޑައެޅިފައި ނެތްނަމަ، ނީލަން ކާމިޔާބު ކުރާނީ ފަށާ އަގުގެ މައްޗަށް އެންމެ ބޮޑު އަގު ހުށަހަޅާފައިވާ ފަރާތުންނެވެ.

އެމް. ޓީ. ބަރޯސާ 101 ވިއްކާލަން އުޅުނީ ކޮން ބާވަތެއްގެ ނީލަމެއްގައި؟

ސިވިލް ކޯޓުގެ ނަންބަރު 36/Cv-C/2011 ޤަޟިއްޔާ އާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/168 ޤަޟިއްޔާގައި ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ބެލުމުން، މިފްކޯ އާއި އެމްޕްލޯއިމަންޓް ބިއުރޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު އުފެދިފައި އޮތް ޚުޞޫމަތް އުފެދިފައިވަނީ މިފްކޯއިން ކުރި އިޢުލާނާއި ގުޅިގެން އެއްބަސްވުމެއް އުފެދިފައިވާކަން ނުވަތަ ނޫންކަމުގެ މައްޗަށެވެ. އަދި އެގޮތުން، އެއްބަސްވުމެއް އުފެދުމަށްޓަކައި ފުރިހަމަވާންޖެހޭ އީޖާބާއި ޤަބޫލު ހިނގާފައިވާކަން ނުވަތަ ނޫންކަމުގެ މައްޗަށެވެ. އިސްވެ ފާހަގަކޮށްފައިވާ ފަދައިން، އެކި ބާވަތްތަކުގެ ނީލަމުގައި އީޖާބާއި ޤަބޫލުގެ ކަންކަން ހިނގާ ޙާލަތާއި ވަގުތު ތަފާތުވާކަމުންނާއި، މީގެ ސަބަބުން، އެކި ބާވަތްތަކުގެ ނީލަމާއި ގުޅިގެން ޤާނޫނީގޮތުން ބަނދެވޭ އެއްބަސްވުމެއް ވުޖޫދުވުމުގައިވެސް ތަފާތުތަކެއް ހުންނާތީ، އެމްޕްލޯއިމަންޓް ބިއުރޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކަށް ގޮތެއް ނިންމުމުގެ ކުރިން، މިފްކޯއިން ކޮށްފައިވާ އިޢުލާނުގައި، ތެޔޮ ޓޭންކަރު ވިއްކާލުމަށް ހުށަހަޅާފައިވަނީ އިސްވެ ބަޔާންކުރެވުނު 3 (ތިނެއް) ބާވަތުގެ ނީލަމުގެ ތެރެއިން ކޮން ބާވަތެއްގެ ނީލަމެއްގައިކަން ބަލަންޖެހޭކަމުގައި ދެކެމެވެ.

ސިވިލް ކޯޓުގެ ނަންބަރު 36/Cv-C/2011 ޤަޟިއްޔާ އާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/168 ޤަޟިއްޔާގައި ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ބެލުމުން، އެމް. ޓީ. ބަރޯސާ 101 ސިޓީލާ ނީލަމުގައި ވިއްކާލުމަށް މިފްކޯއިން 04 އޮކްޓޫބަރު 2010 ގައި ކުރި އިޢުލާނަށް ބެލުމުން، ނީލަމާގުޅޭ ޝަރުޠުގެ ގޮތުގައި މިފްކޯއިން އަންނަނިވި ކަންކަން ހިމަނާފައިވާކަން އެނގެއެވެ.

ނީލަން ފަށާ އަގެއްގެ ގޮތުގައި 500,000/-ރ. (ފަސް ލައްކަ ރުފިޔާ) ކަނޑައަޅާފައިވާ ކަން؛

ފަށާ އަގުގެ މައްޗަށް، ތެޔޮ ޓޭންކަރު ގަންނަން ހުށަހަޅާ ކޮންމެ އަގެއް، މަދުވެގެން 15,000/-ރ. (ފަނަރަހާސް ރުފިޔާ) އަށްވުރެ އިތުރު ވާންޖެހޭނެކަން؛

ތެޔޮ ޓޭންކަރު ގަންނަން ހުށަހަޅާ އަގު ހުށަހަޅާނީ މިފްކޯގައި މިކަމަށްޓަކައި ބަހައްޓާފައިވާ ފޮއްޓަށްކަން؛

ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 ގައި، ތެޔޮ ޓޭންކަރު ގަންނަން ހުށަހަޅާ އެންމެ މަތީ އަގު މިފްކޯގެ ނޯޓިސްބޯޑުގައި ބެހެއްޓިފައި ހުންނާނެކަން؛

އެކަށީގެންވާ އަގަކަށް އެރުމަށްފަހު، ޖެހިޖެހިގެން ބަންދު ނޫން 3 ދުވަސް ވަންދެން ތެޔޮ ޓޭންކަރު ގަންނަން ހުށަހަޅާ އަގު އެއް އަގެއް އޮވެއްޖެނަމަ، އެ އަގު ހުށަހެޅި ފަރާތަށް ނީލަން ނިންމާލެވޭނެކަން؛

ތެޔޮ ޓޭންކަރުގައި ބޭނުންކުރުމަށް ހުރި ޑީސަލް، ބޯޓުގެ އަގުގެ ތެރޭގައި ނުހިމެނޭކަން، އަދި އޭގައިވާ ޑީސަލަށް މިފްކޯއިން ވިއްކާ ރޭޓުން ވަކިން އަގު ދައްކަންވާނެކަން؛

ނީލަމުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ސިޓީ ގައި، އެ ފަރާތެއްގެ ފުރިހަމަ ނަމާއި، އެޑްރެހާއި، އައި.ޑީ. ކާޑު ނަންބަރާއި، ގުޅޭނެ ފޯނު ނަންބަރު ހިމަނަންވާނެކަން؛

ނީލަމުގައި ބައިވެރިވާ ކޮންމެ ފަރާތަކުން، 50,000/-ރ. ގެ ޑިޕޮޒިޓެއް މިފްކޯގައި ބަހައްޓަންވާނެކަން؛

ނީލަން ކާމިޔާބުވެ، ފައިސާ ދެއްކުމަށް ދެވޭ މުއްދަތުގައި ފައިސާ ދައްކާނަމަ، އަގުގެ ގޮތުގައި ދައްކަންޖެހޭ ފައިސާއިން، ޑިޕޮޒިޓަށް ދައްކާފައިވާ މިންވަރު އުނިކުރެވޭނެކަން؛

ނީލަން ކާމިޔާބުވެ، ފައިސާ ދެއްކުމަށް ދެވޭ މުއްދަތުގައި ފައިސާ ނުދައްކައިފިނަމަ، ޑިޕޮޒިޓް ފައިސާ އަނބުރާ ރައްދު ނުކުރެވޭނެކަން؛ އަދި

ނީލަމުގައި ބައިވެރިވެ، ނީލަން ކާމިޔާބު ނުކުރެވޭ ފަރާތްތަކަށް ޑިޕޮޒިޓް ފައިސާ އަނބުރާ ރައްދު ކުރެވޭނެކަން.

އެމް. ޓީ. ބަރޯސާ 101 ނީލަމުގައި ވިއްކާލުމާ ގުޅޭގޮތުން އިސްވެ ބަޔާންކުރެވުނު އިޢުލާނުގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން އެއްވެސް އިތުރު ކަމެއް މަތިކޮށްފައި އޮތްކަން ނުވަތަ ޝަރުޠެއް ކޮށްފައިވާކަން އެނގެން ނެތެވެ. އަދި އެ އިޢުލާނުގައި، އެ ނީލަމަކީ ވިތްއައުޓް ރިސަރވް ނުވަތަ ވިތް ރިސަރވް ނުވަތަ ކޮންޑިޝަނަލް ނީލަމެއްކަމުގައި ބަޔާންކޮށްފައި ނުވެއެވެ. އެހެންކަމުން، އިޢުލާނުގައި ބަޔާންކޮށްފައިވާ ކަންކަމަށާއި ބޭނުންކޮށްފައިވާ ލަފްޒުތަކަށް ނަޒަރުކުރުން މުހިންމުވެގެން ދެއެވެ.

ސިވިލް ކޯޓުގައާއި ދިވެހިރާއްޖޭގެ ހައިކޯޓުގައި ފާހަގަކޮށްފައިވާ ނުކުތާތަކަށް ބަލާއިރު، އިޢުލާނުގެ ކަމާބެހޭ އެންމެ މުހިންމު ބަޔަކީ، އެކަށީގެންވާ އަގަކަށް އެރުމަށްފަހު، ޖެހިޖެހިގެން ބަންދު ނޫން 3 (ތިނެއް) ދުވަސް ވަންދެން ތެޔޮ ޓޭންކަރު ގަންނަން ހުށަހަޅާ އަގު އެއް އަގެއްގައި އޮވެއްޖެނަމަ، އެ އަގު ހުށަހެޅި ފަރާތަށް ނީލަން ނިންމާލެވޭނެ ކަމުގައި ބަޔާންކޮށްފައިވާ ނުކުތާކަން އެނގެއެވެ.

އިޢުލާނުގައި ބަޔާންކޮށްފައިވާ ފަދައިން، ނީލަން ނިންމާލެވޭނީ "އެކަށީގެންވާ އަގަކަށް އެރުމަށްފަހު"، ޖެހިޖެހިގެން (ތިނެއް) ދުވަސް (ބަންދު ދުވަސްތައް ނުހިމަނާ) ވަންދެން ތެޔޮ ޓޭންކަރު ގަންނަން ހުށަހަޅާ އަގު އެއް އަގެއްގައި އޮވެއްޖެނަމަ ކަމުގައި ބަޔާންކޮށްފައި އޮތުމުން، މިފްކޯއިން ކޮށްފައިވާ އިޢުލާނަކީ ވިތްއައުޓް ރިސަރވް ނީލަމެއް ކަމުގައި ބެލުމުގެ ޖާގައެއް ނެތެވެ. އެހެނީ، އިޢުލާނުގައި ބޭނުންކޮށްފައިވާ ޢިބާރާތުން، ވިއްކާ ފަރާތުން މުދަލުގެ އަގު ވަކި މިންވަރަކަށް އުފުލުމަށް އެދޭކަން ސާފުވާތީއެވެ.

އިޢުލާނުގައި ބަޔާންކޮށްފައިވާ ނީލަމަކީ ވިތް ރިސަރވް ނުވަތަ ކޮންޑިޝަނަލް ނީލަމެއްކަން ނުވަތަ ނޫންކަމުގެ މައްޗަށް ބަލާއިރު، އިޢުލާނުގައި ބަޔާންކޮށްފައިވާ ކަންކަމުގެ މައްޗަށް ރިޢާޔަތްކުރުމުން، ނީލަން ނިންމާލުމަށް ފަހު، ނީލަމުގައި ހުށަހަޅާފައިވާ އެންމެ މަތީ އަގު ޤަބޫލުކުރުމުގެ ނުވަތަ ޤަބޫލުނުކުރުމުގެ އިޚްތިޔާރު މުދަލުގެ ވެރި ފަރާތަށް ލިބިގެންވާކަމަށް ބަޔާންކޮށްފައި ނުވާކަމާއި، އެފަދައިން ދޭހަވާ އެއްވެސް ނުކުތާއް ހިމަނާފައި ނުވާކަން ސާފެވެ. އަދި މުދަލުގެ އަގު ވަކި މިންވަރަކަށް އުފުލުމުގެ ވިސްނުމެއް މުދަލުގެ ވެރިފަރާތުގައި ހުރިކަން ސާފެވެ. އެހެންކަމާއެކު، އިޢުލާނުގައިވާ ނީލަން ހުޅުވާލާފައިވަނީ ކޮން ބާވަތެއްގެ ނީލަމެއްގެ ގޮތުގައިކަން ބަޔާންކޮށްފައި ނުވާޙާލު، އިޢުލާނުގެ ޢިބާރާތަށް ބަލައި، އަހުރެންނަށް ބުރަވެވެނީ، މިފްކޯއިން ތެޔޮ ޓޭންކަރު ވިއްކާލުމަށް ހުޅުވާލި ނީލަމަކީ ވިތް ރިސަރވް ނީލަމެއް ކަމުގައެވެ.

އެމް. ޓީ. ބަރޯސާ 101 ވިއްކާލަން ކުރި ނީލަމުގައި އީޖާބާއި ޤަބޫލު

މި މައްސަލައިގެ ނުކުތާތަކުގެ 18 ވަނަ ނަންބަރުގައި ފާހަގަކޮށްފައިވާ ފަދައިން، ވިތް ރިސަރވް ނީލަންތަކުގައި، އެއްބަސްވުމެއް ވުޖޫދުވުމަށް ބޭނުންވާ ހުށަހެޅުން ކަމުގައި ބަލަނީ ގަތުމަށް ހުށަހަޅާ އަގުތަކެވެ. އެހެންކަމުން، ތެޔޮ ޓޭންކަރު ގަތުމަށް ކޮންމެ ފަރާތަކުންވެސް، ނީލަމުގެ ފަށާ އަގު ކަމުގައިވާ 500,000/-ރ. (ފަސް ލައްކަ ރުފިޔާ) ގެ މައްޗަށް، މަދުވެގެން 15,000/-ރ. (ފަނަރަހާސް ރުފިޔާ) އަށްވުރެ އިތުރުވާ ފަދައިން ހުށަހަޅާ ކޮންމެ އަގަކީ ކޮންޓްރެކްޓްގެ ބޭނުމަށްޓަކައި ހުށަހެޅުމެކެވެ.

ވިތް ރިސަރވް ނީލަންތަކުގައި، ކަނޑައެޅިފައިވާ އުޞޫލުގެ ތެރެއިން، ނީލަން ނިންމާލާއިރު ހުށަހެޅިފައިވާ އެންމެ މަތީ އަގަކީ މުޢާމަލާތުގެ ބޭނުމަށްޓަކައި ޞައްޙަ ހުށަހަޅުން ކަމުގައި ބަލާތީ، އަދި ރިސަރވް އަގަކީ (މި މުޢާމަލާތުގައި ބަޔާންކޮށްފައިވާ 'އެކަށީގެންވާ އަގު") މުދާ ގަތުމަށް ހުށަހަޅާ ފަރާތްތަކަށް އަންގާ އަގެއް ކަމުގައި ނުވާތީ، އިޢުލާނުގައި ބަޔާންކޮށްފައިވާ ޖެހިޖެހިގެން ބަންދު ނޫން 3 (ތިނެއް) ދުވަސް ވަންދެން ތެޔޮ ޓޭންކަރު ގަތުމަށް ހުށަހަޅާފައިވާ އަގެއް އޮތުމުން، އެ އަގަކީ މި މުޢާމަލާތުގެ ބޭނުމަށްޓަކައި ހުށަހަޅާފައިވާ ހުށަހެޅުން ކަމުގައި ދެކެމެވެ. އަދި މިފަދައިން އެންމެ މަތީ އަގު ހުށަހަޅާފައިވާ ފަރާތަކީ އެމްޕްލޯއިމަންޓް ބިއުރޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުކަން ސިވިލް ކޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓުގައި ހުށަހަޅާފައިވާ ބަޔާންތަކުންނާއި ލިޔެކިޔުމުން އެނގެން އޮތުމުން، ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހުށަހެޅުން ފުރިހަމަވީކަމުގައި ދެކެމެވެ.

ވިތް ރިސަރވް ނީލަންތަކުގައި ޤަބޫލު ކަމުގައި ބެލެނީ ކަނޑައެޅިފައިވާ އުޞޫލާ އެއްގޮތަށް ނީލަން ނިންމުމުގެ ޢަމަލަށް ކަމުގައިވާތީ، އަދި އިޢުލާނުގައިވާ ގޮތުންނަމަ، ނީލަން ނިންމާލެވޭނީ އެންމެ މަތީ އަގު ހުށަހަޅާފައިވާތާ 3 ދުވަސް ވުމަށް ފަހުގައި، އެ ފަރާތަކަށް ކަމުގައި ބަޔާންކޮށްފައި އޮތުމުން، އެ މަގުން ނީލަން ނިންމާލާ، ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޤަބޫލުކުރުން، އެޤާނޫނުގެ 8 ވަނަ މާއްދާގައި ބަޔާންކުރާ ފަދައިން ފުރިހަމަވެފައިވާކަމުގައި އަހުރެން ޤަބޫލުކުރަމެވެ.

ކޮންޓްރެކްޓެއް ވުމަށް އެދި ހުށަހަޅާ ހުށަހެޅުމަކީ ޤާނޫނީގޮތުން ބަނދެވޭ ބަނދެވުންތަކެއް އުފެއްދުމުގެ ނިޔަތުގައި، އޮޅުން ފިލާގޮތަށް، އަދި ޔަޤީންވާގޮތަށް އޮންނަ ހުށަހެޅުމަކަށް ވާންޖެހޭކަމުން، އެންމެ މަތިން ހުށަހަޅާ އަގު ޤަބޫލުކުރުމާއި ނުކުރުމުގެ މައްޗަށް ގޮތެއް ކަނޑައަޅާނީ ނީލަން ނިންމާލުމަށްފަހު، ފަހުގެ ތާރީޚެއްގައި ކަމަށް އިޢުލާނުގައި ބަޔާންކޮށްފައި ނުވާނަމަ، އެއީ ފަހުން އުފަންކޮށް، އެކަމުގެ މައްޗަށް އެހެން ފަރާތްތަކުން އެއްބަސްވާންޖެހޭ ޝަރުޠެއް ކަމުގައި ބަލައިގަނެވޭނެ ޤާނޫނީ ބިނާއެއް ނެތެވެ.

މުދަލަކަށް އެކަށީގެންވާ އަގަކީ ކޮބައިކަން ކަނޑައެޅުމަކީ މުދަލުގެ ވެރި ފަރާތުގެ ޙައްޤެއް ކަމުގައިވާހިނދު، ނީލަމުގެ އުޞޫލުތަކުން މުދަލެއް ވިއްކުމަށް ނެރޭއިރު، އެ މުދަލެއް ވިއްކާލުމަށް އެކަށީގެންވާ އަގަކީ ކޮބައިކަން ކަނޑައަޅާފައި ނުވާ ޙާލަތުގައި، އަދި ނީލަން ކުރިއަށްދާ މުއްދަތުގައި އެފަދަ އެކަށީގެންވާ އަގަކީ ކޮބައިކަން ކަނޑައެޅުމަކާއި ނުލައި، ނުވަތަ މުދަލަށް ހުށަހަޅާ އަގުތައް އެ ފަދަ އެކަށީގެންވާ އަގަކަށް ނާރާނަމަ، ނީލަމުން މުދާ ނެގުމަކާއި ނުލައި، ނީލަން ނިންމާލުމުން، މުދަލުގެ ވެރިފަރާތުން އެ (މުދަލަކަށް އެކަށީގެންވާ އަގު ކަނޑައެޅުމުގެ) ޙައްޤު ދޫކޮށްލީ ކަމުގައި ބަލަންޖެހެއެވެ. އެހެނީ، މުދާ ވިއްކަން ހުށަހަޅާފައިވަނީ ނީލަމުގެ އުޞޫލުން ކަމުގައިވެފައި، ނީލަންތައް ކުރިއަށްދާ ވަކި ގޮތްތަކެއް ހުރުމުން، ނީލަމުގެ އުޞޫލުތަކަށް ވިއްކާ ފަރާތުން ތަބާވާނެކަމަށް ބެލޭތީ (imply) އެވެ.

އިސްވެ ބަޔާންކުރި ކަންކަން އެހެން ހުރުމުން، އެމް. ޓީ. ބަރޯސާ 101 ސިޓީލާ ނީލަމުގައި ވިއްކާލުމަށް މިފްކޯއިން ކުރި އިޢުލާނާ ގުޅިގެން އެންމެ މަތީ އަގު ހުށަހަޅާފައިވަނީ އެމްޕްލޯއިމަންޓް ބިއުރޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑު ކަމުގައިވާތީ، އެމް. ޓީ. ބަރޯސާ 101 ވިއްކުމާގުޅޭ މުޢާމަލާތުގެ އީޖާބާއި ޤަބޫލު ފުރިހަމަވެފައިވާ ކަމުގައި އަހަރެން ދެކެމެވެ. އަދި މިފްކޯއިން ކަނޑައަޅާ އެކަށީގެންވާ (reasonable) ގޮތެއްގެ މަތިން، އެމްޕްލޯއިމަންޓް ބިއުރޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެ ތެޔޮ ޓޭންކަރު ގަތުމަށް ހުށަހަޅާފައިވާ އަގު އަދާކޮށްފިނަމަ، އެ މުދަލުގެ މިލްކުރެވިކަން އެމްޕްލޯއިމަންޓް ބިއުރޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ނަޤުލުކޮށްދިނުމަކީ މިފްކޯގެ މައްޗަށް އޮތް ޤާނޫނީ ޒިންމާއެއް ކަމުގައިވެސް ދެކެމެވެ.

އަހުރެންގެ މި ނިންމުމުގެ ނަތީޖާއަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/168 ޤަޟިއްޔާގެ ޙުކުމް ބާޠިލްވެ، ސިވިލް ކޯޓުގެ ނަންބަރު 36/Cv-C/2011 ޤަޟިއްޔާގެ ޙުކުމް ދެމެހެއްޓުންކަމުގައި ވާއިރު، ސިވިލް ކޯޓުގެ ނަންބަރު 36/Cv-C/2011 ޤަޟިއްޔާގެ ޙުކުމުގައި، މިފްކޯއިން ކުރި އިޢުލާނުގައިވާ "އެކަށީގެންވާ އަގަކަށް އެރުމަށްފަހު" މި ޢިބާރާތަކީ ޚިޔާލީ ޝަރުޠެއްކަމަށާއި، އެ ޝަރުޠަކީ މި މުޢާމަލާތުގައި ޝަރުޢީގޮތުން ޞައްޙަ ޝަރުޠެއް ނޫންކަމުގައި ކަނޑައަޅާފައިވަނީ ރަނގަޅަށް ނޫންކަމުގައިވެސް ފާހަގަކުރަމެވެ.

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު:

މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ފާހަގަކުރައްވާފައިވާ ނުކުތާތަކަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު:

މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ފާހަގަކުރައްވާފައިވާ ނުކުތާތަކަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ސަބަބުތައް އެހެން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/168 ޤަޟިއްޔާގެ ޙުކުމްކޮށްފައިވަނީ ކަމާބެހޭ ގާނޫނީ އުޞޫލުތަކާ އެއްގޮތަށް ކަމުގައި ނުވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/168 ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށް، ސިވިލް ކޯޓުގެ ނަންބަރު 36/Cv-C/2011 ޤަޟިއްޔާގެ ޙުކުމުގައި ނީލަން ނިންމާލިއިރު އެންމެ މަތީ އަގެއް ހުށަހަޅާފައިވާ ފަރާތް ކަމުގައިވާ އެމްޕްލޯއިމަންޓް ބިއުރޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އެމް. ޓީ. ބަރޯސާ 101 ވިއްކުމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑްގެ މައްޗަށް ލާޒިމުވެއްޖެ ކަމުގައި ކަނޑައަޅައި އެ ވިޔަފާރި ޢަޤުދުކޮށް ނިންމުމަށް އަންގައި ސިވިލް ކޯޓުގެ އިސްވެބުނެވުނު ނަންބަރު 36/Cv-C/2011 ޤަޟިއްޔާގެ ޙުކުމުގެ އެބަޔަށް ތާއީދުކޮށް، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލިސްގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.

މި ގަޟިއްޔާ ބަލައި ޙުކުމްކުރީ:

މަޙާޒު ޢަލީ ޒާހިރު ޢާއިޝާ ޝުޖޫން މުޙައްމަދު ޙުސްނުއްސުޢޫދު

(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ