ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2014/SC-A/46ސުޕްރީމް ކޯޓު · 4 ފެބުރުއަރީ 2019

—

ސުޕްރީމް ކޯޓު
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 4 ފެބުރުއަރީ 2019ބާވަތް: ފައިސާ ހޯދުން

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ

ޤަޟިއްޔާ ނަންބަރު: 2014/SC-A/46

ދަޢުވާކުރާ ފަރާތް: އަތަމާ އިންވެސްޓްމެންޓްސް ޕްރައިވެޓް ލިމިޓެޑް

އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް

ޢާޞިމާ ޙަސަން

އިބްރާހީމް ޢަބްދުއްލަޠީފް

ޢަލީ އަހްރޫޝް އިބްރާހީމް

ދަޢުވާ ލިބޭ ފަރާތް: ސްޓޭޓް ބޭންކް އޮފް އިންޑިއާ (މާލެ ބްރާންޗް)

ސްޓޭޓް ބޭންކް އޮފް އިންޑިއާ އިންޓަރނޭޝަނަލް (މޮރިޝަސް)

ކޮމާޝަލް ބޭންކް އޮފް ސިލޯން ލިމިޓެޑް

މައްސަލައިގެ ބާވަތް: ފައިސާ ހޯދުން

މައްސަލަ އައިގޮތް: އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

ހުށަހެޅުނު ތާރީޚް: 29 އޮކްޓޫބަރު 2014

ރަޖިސްޓްރީ ކުރެވުނު ތާރީޚް: 28 ޑިސެންބަރު 2014

ނިމުނު ތާރީޚް: 04 ފެބުރުވަރީ 2019

މައްސަލަ ނިންމި ގަޑި: 14:25

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޢަބްދުﷲ ދީދީ

އިލްތިމާސްކުރެވުނު ޤަޟިއްޔާ

ނަންބަރު: 138/HC-A/2013

ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު

ހުށަހެޅުނު ތާރީޚް: 21 އެޕްރީލް 2013

ނިމުނު ތާރީޚް: 17 ޖޫން 2014

މައްސަލައިގެ ޚުލާޞާ

މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 138/HC-A/2013 ޤަޟިއްޔާ އެ ކޯޓުން ނިންމަވާފައިވަނީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، އެކަންތައްތައް ފާހަގަކޮށް އެ ޤަޟިއްޔާ އަލުން ބަލައިދިނުމަށް އެދި އަތަމާ އިންވެސްޓްމެންޓްސް ޕްރައިވެޓް ލިމިޓެޑާއި، އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި، ޢާޞިމާ ޙަސަން އާއި، އިބްރާހީމް ޢަބްދުއްލަޠީފް އަދި ޢަލީ އަހްރޫޝް އިބްރާހީމްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބަލައިދެވުނު މައްސަލައެކެވެ. އަދި ބުނެވިދިޔަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 138/HC-A/2013 ޤަޟިއްޔާއަކީ ސިވިލް ކޯޓުގެ ނަންބަރު 2384/Cv-C/2011 ޤަޟިއްޔާ އެ ކޯޓުން ނިންމަވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނޫންކަމަށް ބުނެ، އަތަމާ އިންވެސްޓްމެންޓްސް ޕްރައިވެޓް ލިމިޓެޑާއި އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި ޢާޞިމާ ޙަސަން އާއި އިބްރާހީމް ޢަބްދުއްލަޠީފް އަދި ޢަލީ އަހްރޫޝް އިބްރާހީމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލައެކެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މިޤަޟިއްޔާގެ ދަޢުވާ ރައްދުވާ ފަރާތްތަކަކީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (މާލެ ބްރާންޗް) އާއި، ސްޓޭޓް ބޭންކް އޮފް އިންޑިއާ އިންޓަރނޭޝަނަލް (މޮރިޝަސް) އަދި ކޮމާޝަލް ބޭންކް އޮފް ސިލޯން ލިމިޓެޑްއެވެ.

ފާހަގަކުރެވުނު ނުކުތާތައް

މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ޚަޞްމުން ދެއްކި ވާހަކަތަކަށާއި، ހުށަހެޅިފައިވާ ލިޔުންތަކަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 138/HC-A/2013 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ އިތުރުން، ސިވިލް ކޯޓުގެ ނަންބަރު 2384/Cv-C/2011 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ މައްޗަށާއި، މި މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ އެހެނިހެން ލިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލައި ވިސްނިއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.

(ހ) ފުރަތަމަ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 2384/Cv-C/2011 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ އަތަމާ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑުގެ އެދުމުގެ މަތިން 01 މާރޗް 2007 ގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ (މާލެ ބްރާންޗް) އިން އަތަމާ އިންވެސްޓްމެންޓަށް ޓާރމް ލޯނުގެ ގޮތުގައި ދޫކޮށްފައިވާ US$15,000,000.00(ފަނަރަ މިލިއަން ޔޫ.އެސް ޑޮލަރު) އާއި، އަތަމާ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑުގެ އެދުމަކަށް22 ނޮވެންބަރ 2007 ގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ (މާލެ ބްރާންޗް) އިން ޓާރމް ލޯނުގެ ގޮތުގައި ދޫކޮށްފައިވާ US$5,000,000.00 (ފަސް މިލިއަން ޔޫ.އެސް ޑޮލަރު) އާއި، އަތަމާ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑުގެ އެދުމަކަށް 24 އޭޕްރިލް 2007 ގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ އިންޓަރނޭޝަނަލް (މޮރިޝަސް) ލިމިޓެޑުން އަތަމާ އިންވެސްޓްމެންޓްސް ޕްރައިވެޓް ލިމިޓެޑަށް ޓާރމް ލޯނުގެ ގޮތުގައި ދޫކޮށްފައިވާ US$6,000,000.00 (ހަ މިލިއަން ޔޫ.އެސް ޑޮލަރު) އާއި،16 ޖެނުއަރީ 2008 ގައި ޓާރމް ލޯނުގެ ގޮތުގައި ދޫކޮށްފައިވާ US$4,000,000.00(ހަތަރު މިލިއަން ޔޫ.އެސް ޑޮލަރު) އާއި، އަތަމާ އިންވެސްޓްމެންޓްސް ޕްރައިވެޓް ލިމިޓެޑުގެ އެދުމަކަށް 29 އޭޕްރިލް 2010 ގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ އިންޓަރނޭޝަނަލް (މޮރިޝަސް) ލިމިޓެޑުން އަތަމާ އިންވެސްޓްމެންޓްސް ޕްރައިވެޓް ލިމިޓެޑަށް ޓާރމް ލޯނުގެ ގޮތުގައި ދޫކޮށްފައިވާ US$2,000,000.00 (ދެ މިލިއަން ޔޫ.އެސް ޑޮލަރު) އާއި، އަދި އަތަމާ އިންވެސްޓްމެންޓްސް ޕްރައިވެޓް ލިމިޓެޑުގެ އެދުމަކަށް 29 އޭޕްރިލް 2010 ގައި ކޮމަރޝަލް ބޭންކް އޮފް ސިލޯން ލިމިޓެޑުން އަތަމާ އިންވެސްޓްމެންޓްސް ޕްރައިވެޓް ލިމިޓެޑަށް ޓާރމް ލޯނުގެ ގޮތުގައި ދޫކޮށްފައިވާ US$6,000,000.00 (ހަ މިލިއަން ޔޫ.އެސް ޑޮލަރު) އެއްބަސްވެފައިވާ ގޮތަށް އަތަމާ އިންވެސްޓްމެންޓްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސްޓޭޓް ބޭންކް އޮފް އިންޑިއާ (މާލެ ބްރާންޗް) އާއި، ސްޓޭޓް ބޭންކް އޮފް އިންޑިއާ އިންޓަރނޭޝަނަލް (މޮރިޝަސް) ލިމިޓެޑާއި، ކޮމަރޝަލް ބޭންކް އޮފް ސިލޯން ލިމިޓެޑަށް އަދާކޮށްފައި ނުވާކަމަށް ބުނެ، މި ލޯނުތަކަށް ދައްކަންޖެހޭ ފައިސާ އޭގެ އިންޓްރެސްޓާއި ޖޫރިމަނާއާއެކު އަތަމާ އިންވެސްޓްމެންޓްސް ޕްރައިވެޓް ލިމިޓެޑާއި، މި ލޯނުތަކަށް ގެރެންޓީދީފައިވާ އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި، މ. ކްރޯޓްން، ޢާޞިމާ ޙަސަނާއި، މއ. އަތަމާގެ، އިބްރާހީމް ޢަބްދުއްލަޠީފާއި، ޢަލީ އަހްރޫޝް އިބްރާހީމްގެ އަތުން އެއްފަހަރާ ލިބިގަތުމަށާއި، އަދި މި ލޯނުތަކުގެ ފައިސާ ނުދެއްކޭނަމަ، މި ލޯނުތަކާ ގުޅިގެން ސްޓޭޓް ބޭންކް އޮފް އިންޑިއާ (މާލެ ބްރާންޗް) އާއި، ސްޓޭޓް ބޭންކް އޮފް އިންޑިއާ އިންޓަރނޭޝަނަލް (މޮރިޝަސް) ލިމިޓެޑާއި، ކޮމަރޝަލް ބޭންކް އޮފް ސިލޯން ލިމިޓެޑަށް ރަހުނުކޮށްފައިވާ މުދާތައް ވިއްކާލައިގެން މި ލޯނުތަކުގެ ފައިސާ (އޭގެ އިންޓްރެސްޓާއި ޖޫރިމަނާއާއެކު) ލިބިގަތުމަށް އެދި އަތަމާ އިންވެސްޓްމެންޓްސް ޕްރައިވެޓް ލިމިޓެޑާއި، މި ލޯނުތަކަށް ގެރެންޓީދީފައިވާ އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި، މ. ކްރޯޓްން، ޢާޞިމާ ޙަސަނާއި، މއ. އަތަމާގެ، އިބްރާހީމް ޢަބްދުއްލަޠީފާއި، ޢަލީ އަހްރޫޝް އިބްރާހީމްގެ މައްޗަށް ސްޓޭޓް ބޭންކް އޮފް އިންޑިއާ (މާލެ ބްރާންޗް) އާއި، ސްޓޭޓް ބޭންކް އޮފް އިންޑިއާ އިންޓަރނޭޝަނަލް (މޮރިޝަސް) ލިމިޓެޑާއި، ކޮމަރޝަލް ބޭންކް އޮފް ސިލޯން ލިމިޓެޑުގެ ފަރާތުން ކޮށްފައިވާ ދަޢުވާއެއްކަމާއި،

އެ ޤަޟިއްޔާގެ ޙުކުމުގައިވަނީ "ދެންފަހެ އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކުރާއިރު، އަތަމާ އިންވެސްޓެމްންޓްސް ޕްރައިވެޓް ލިމިޓެޑުގެ އެދުމަކަށް 01 މާރޗް 2007 ގައި US$15,000,000.00 (ފަނަރަ މިލިއަން ޔޫ.އެސް ޑޮލަރު) ގެ ޓާރމް ލޯނެއް ސްޓޭޓް ބޭންކް އޮފް އިންޑިއާ (މާލެ ބްރާންޗް) އިން އަތަމާ އިންވެސްޓްމެންޓްސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ހިނދު، އެއްބަސްވެފައިވާގޮތަށް މި ލޯނުގެ ފައިސާ ދައްކާފައިނުވުމުގެ ސަބަބުން މި ލޯނުގެ ބެލެންސްގައި31 އޯގަސްޓް 2012 ގެ ނިޔަލަށް އޭގެ އިންޓްރެސްޓާއި ޖޫރިމަނާއާއެކު US$18,487,219.66 (އަށާރަ މިލިއަން ހަތަރުލައްކަ އަށްޑިހަ ހަތްހާސް ދުއިސައްތަ ނަވާރަ ޕޮއިންޓް ހައެއް ހައެއް ޔޫ.އެސް ޑޮލަރު) ދައްކަންޖެހި ނުދެއްކިވާކަމާއި،

އަތަމާ އިންވެސްޓްމެންޓްސް ޕްރައިވެޓް ލިމިޓެޑުގެ އެދުމަކަށް 22 ނޮވެމްބަރ 2007 ގައި US$5,000,000.00 (ފަސް މިލިއަން ޔޫ.އެސް ޑޮލަރު) ގެ ޓަރމް ލޯނެއް ސްޓޭޓް ބޭންކް އޮފް އިންޑިއާ (މާލެ ބްރާންޗް) އިން އަތަމާ އިންވެސްޓްމެންޓްސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާހިނދު، އެއްބަސްވެފައިވާ ގޮތަށް މި ލޯނުގެ ފައިސާ ދައްކާފައިނުވުމުގެ ސަބަބުން މި ލޯނުގެ ބެލެންސްގައި31 އޯގަސްޓް 2012 ގެ ނިޔަލަށް އޭގެ އިންޓްރެސްޓާއި ޖޫރިމަނާއާއެކު US$6,526,628.95(ހަ މިލިއަން ފަސްލައްކަ ސައްބީސްހާސް ހަސަތޭކަ އަށާވީސް ޕޮއިންޓް ނުވައެއް ފަހެއް ޔޫ.އެސް ޑޮލަރު) ދައްކަންޖެހި ނުދެއްކިވާކަމާއި،

އަތަމާ އިންވެސްޓްމެންޓްސް ޕްރައިވެޓް ލިމިޓެޑުގެ އެދުމަކަށް 24 އޭޕްރިލް 2007 ގައި US$6,000,000.00 (ހަ މިލިއަން ޔޫ.އެސް ޑޮލަރު) ގެ ޓަރމް ލޯނަކާއި، 16 ޖެނުއަރީ 2008 ގައި US$4,000,000.00 (ހަތަރު މިލިއަން ޔޫ.އެސް ޑޮލަރ) ގެ ޓަރމް ލޯނެއް (އެކު ޖުމްލަ US$10,000,000.00 (ދިހަ މިލިއަން ޑޮލަރު) ގެ ޓަރމް ލޯނެއް) ސްޓޭޓް ބޭންކް އޮފް އިންޑިއާ އިންޓަރނޭޝަނަލް (މޮރީޝަސް) ލިމިޓެޑުން އަތަމާ އިންވެސްޓްމެންޓްސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާހިނދު، އެއްބަސްވެފައިވާ ގޮތަށް މި ލޯނުގެ ފައިސާ ދައްކާފައިނުވުމުގެ ސަބަބުން މި ލޯނުގެ ބެލެންސްގައި 31 އޯގަސްޓް 2012 ގެ ނިޔަލަށް އޭގެ އިންޓްރެސްޓާއި ޖޫރިމަނާއާއެކު US$11,414,174.70 (އެގާރަ މިލިއަން ހަތަރު ލައްކަ ސާދަހާސް އެއްސަތޭކަ ހަތްދިހަ ހަތަރެއް ޕޮއިންޓް ހަތެއް ސުމެއް ޔޫ.އެސް ޑޮލަރު) ދައްކަންޖެހި ނުދެއްކިވާކަމާއި،

އަތަމާ އިންވެސްޓްމެންޓްސް ޕްރައިވެޓް ލިމިޓެޑުގެ އެދުމަކަށް 29 އޭޕްރިލް 2010 ގައި US$2,000,000.00 (ދެ މިލިއަން ޔޫ.އެސް ޑޮލަރު) ގެ ޓަރމް ލޯނެއް ސްޓޭޓް ބޭންކް އޮފް އިންޑިއާ އިންޓަރނޭޝަނަލް (މޮރިޝަސް) ލިމިޓެޑުން އަތަމާ އިންވެސްޓްމެންޓްސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާހިނދު، އެއްބަސްވެފައިވާ ގޮތަށް މި ލޯނުގެ ފައިސާ ދައްކާފައިނުވުމުގެ ސަބަބުން މި ލޯނުގެ ބެލެންސްގައި 31 އޯގަސްޓް 2012 ގެ ނިޔަލަށް އޭގެ އިންޓްރެސްޓާއި ޖޫރިމަނާއާއެކު US$2,283,842.92 (ދެމިލިއަން ދެލައްކަ އަށްޑިހަ ތިންހާސް އަށްސަތޭކަ ސާޅީސް ދޭއް ޕޮއިންޓް ނުވައެއް ދޭއް ޔޫ.އެސް ޑޮލަރު) ދައްކަންޖެހި ނުދެއްކިވާކަމާއި،

އަތަމާ އިންވެސްޓްމެންޓްސް ޕްރައިވެޓް ލިމިޓެޑުގެ އެދުމަކަށް 29 އޭޕްރިލް 2010 ގައި US$6,000,000.00 (ހަ މިލިއަން ޔޫ.އެސް ޑޮލަރު) ގެ ޓަރމް ލޯނެއް ކޮމަރޝަލް ބޭންކް އޮފް ސިލޯން ލިމިޓެޑުން އަތަމާ އިންވެސްޓްމެންޓްސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާހިނދު، އެއްބަސްވެފައިވާ ގޮތަށް މި ލޯނުގެ ފައިސާ ދައްކާފައިނުވުމުގެ ސަބަބުން މި ލޯނުގެ ބެލެންސްގައި 23 ސެޕްޓެމްބަރ 2012 ގެ ނިޔަލަށް އޭގެ އިންޓްރެސްޓާއި ޖޫރިމަނާއާއެކު US$6,666,231.17 (ހަ މިލިއަން ހަ ލައްކަ ފަސްދޮޅަސް ހަހާސް ދުއިސައްތަ ތިރީސް އެކެއް ޕޮއިންޓް އެކެއް ހަތެއް ޔޫ.އެސް ޑޮލަރު) ދައްކަންޖެހި ނުދެއްކިވާކަމާއި،

ބަޔާންކުރެވިދިޔަ ބޭންކްތަކުން އަތަމާ އިންވެސްޓްމެންޓްސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައި މިވާ އެންމެހައި ލޯނުތަކުގައި "ކިހާދުއްފަރު" ރިސޯޓާއި، "މާވެލާވަރު އައިލެންޑް ރިސޯޓް" (އެތަންތަނުގައިވާ އެންމެހައި ޢިމާރާތްތަކާއި، ބިނާތަކާއި، ޚިދުމަތްދޭ ވަޞީލަތްތަކާއި، މެޝިނެރީއާއި، އިކްއިޕްމަންޓްތަކާއި، މަސައްކަތު ސާމާނާއި، ފަރުނީޗަރާއި، ހަރުކުރެވިފައިވާ ތަކެއްޗާއި، ތަށި، ތެލި، ސަމުސާފަދަ ތަކެއްޗާއި، ފޮތީގެ ސާމާނާއި، ސްޓޮކްގައި ހުރި ތަކެއްޗާއި، މީގެ އިތުރުންވެސް އެތަންތަނުގައި ބޭނުންކުރެވޭ އަދި އެތަންތަނާ ގުޅިފައިވާ އެންމެހައި ތަކެތި ހިމެނޭގޮތަށް) ރަހުނުކުރެވިފައިވާކަމާއި، އަދި މި އެންމެހައި ލޯނުތަކަށް އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި، މއ. އަތަމާގެ އިބްރާހީމް ޢަބްދުއްލަޠީފް އާއި، މ. ކްރޯޓްން ޢާޞިމާ ޙަސަން ގެރެންޓީދީފައިވާކަން މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ ބަހުންނާއި، ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި،

މި ލޯނުތަކުގެ ފައިސާ އެ ލޯނެއް ދޫކޮށްފައިވާ ބޭންކަކަށް އަދާކޮށްދިނުމުގެ ގޮތުން 30 ސެޕްޓެމްބަރ 2012 އިން ފެށިގެން 07 މަސް ދުވަހުގެ ތެރޭގައި ކޮންމެ މަހަކުވެސް އެ މަހަކަށް ޖެހޭވަރު އެ ލޯނެއް ދޫކުރި ބޭންކަށް އަދާކުރަމުންގޮސް އެ މުއްދަތުގެ ތެރޭގައި މިއެންމެހައި ލޯނުތައް އޭގެ އިންޓްރެސްޓާއި ޖޫރިމަނާއާއެކު ދައްކައި ޙަލާޞްކުރުމަށް އަތަމާ އިންވެސްޓްމެންޓްސް ޕްރައިވެޓް ލިމިޓެޑާއި، އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި، އިބްރާހީމް ޢަބްދުއްލަޠީފް އާއި، މ. ކްރޯޓްން، އާޞިމާ ޙަސަން އަށް އަންގައި،

މި ލޯނުތައް ދެއްކުމަށް މި ދެވުނު 07 (ހަތެއް) މަސް ދުވަހުގެ މުއްދަތު ހަމަވާއިރު، މި ލޯނުތައް އޭގެ އިންޓްރެސްޓާއި ޖޫރިމަނާއާއެކު އެއްކޮށް ދައްކައި ޚަލާޞްކުރެވިފައި ނުވާނަމަ މި ލޯނުތަކުގައި ރަހުނުކުރެވިފައިވާ "ކިހާދުއްފަރު" ރިސޯޓާއި، "މާވެލާވަރު އައިލެންޑް ރިސޯޓް" (އެ ތަންތަނުގައިވާ އެންމެހައި ޢިމާރާތްތަކާއި، ބިނާތަކާއި، ޚިދުމަތްދޭ ވަޞީލަތްތަކާއި، މެޝިނެރީއާއި، އިކްއިޕްމަންޓްތަކާއި، މަސައްކަތު ސާމާނާއި، ފަރުނީޗަރާއި، ހަރުކުރެވިފައިވާ ތަކެއްޗާއި، ތަށި، ތެލި، ސަމްސާފަދަ ތަކެއްޗާއި، ފޮތީގެ ސާމާނާއި، ސްޓޮކްގައި ހުރި ތަކެއްޗާއި، މީގެ އިތުރުންވެސް އެ ތަންތަނުގައި ބޭނުންކުރެވޭ އަދި އެ ތަންތަނާ ގުޅިފައިވާ އެންމެހައި ތަކެތި ހިމެނޭ ގޮތަށް) ވިއްކާލުމުގެ ހުއްދަ މި ލޯނުތައް ދޫކުރި ބޭންކުތަކަށް ލިބިގެންވާކަމަށް އެބޭންކުތަކަށް އަންގައި،

އަދި މި ލޯނުތަކަށް ގެރެންޓީދީފައިވާ ފަރާތެއް ކަމަށް ދަޢުވާކުރާ ބޭންކުތަކުން ބުނާ ޢަލީ އަހްރޫޝް އިބްރާހީމްގެ ބައި މި ޤަޟިއްޔާގެ ތެރޭގައި ބަލައިދެވިފައި ނުވާކަމާއި، އޭނާގެ ބައި ވަކިން ކުރިއަށް ގެންދިއުމަށްޓަކައި މައްސަލަ ހުށަހަޅައިފިނަމަ، އޭނާއާ ބެހޭބައި ވަކިން ބަލައިދެވޭނެކަން އަންގައި މިގޮތުގެމަތީން ޙުކުމްކޮށް މި ޤަޟިއްޔާ ނިންމީއެވެ." މިފަދައިންކަން އެނގެން އޮންނަކަމާއި،

އެ ޤަޟިއްޔާގައި ސިވިލް ކޯޓުން ކުރެއްވި ޙުކުމް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުކަމަށް ބުނެ އަތަމާ އިންވެސްޓްމެންޓްސް ޕްރައިވެޓް ލިމިޓެޑާއި އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި، ޢާޞިމާ ޙަސަން އާއި މއ. އަތަމާގެ، މާލެ އިބްރާހީމް ޢަބްދުއްލަޠީފް އަދި ޢަލީ އަހްރޫޝް އިބްރާހީމްގެ ފަރާތުން ސްޓޭޓް ބޭންކް އޮފް އިންޑިއާ (މާލެ ބްރާންޗް)، ސްޓޭޓް ބޭންކް އޮފް އިންޑިއާ އިންޓަރނޭޝަނަލް (މޮރިޝަސް) އަދި ކޮމާޝަލް ބޭންކް އޮފް ސިލޯން ލިމިޓެޑުގެ މައްޗަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރި ދަޢުވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/138 ޤަޟިއްޔާއިން ބަލައި ނިންމިއިރު އެ ޤަޟިއްޔާގައި ޙުކުމް ކޮށްފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 2384/Cv-C/2011 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ތާޢީދުކޮށްކަން އެނގެން އޮންނަ އޮތުމެވެ.

(ށ) ދެވަނަ ކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/138 ޤަޟިއްޔާ އެ ކޯޓުން ނިންމެވި ގޮތް ޝަރުޢީ އަދި ޤާނޫނީ ގޮތުން ރަނގަޅު ނޫންކަމަށް ބުނެ، އަތަމާ އިންވެސްޓްމެންޓްސް ޕްރައިވެޓް ލިމިޓެޑާއި އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި ޢާޞިމާ ޙަސަން އާއި އިބްރާހީމް ޢަބްދުއްލަޠީފް އަދި ޢަލީ އަހްރޫޝް އިބްރާހީމްގެ ފަރާތުން އިސްތިއުނާފުކުރި ނުކުތާތަކަށް ބަލާއިރު، މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ ހަތަރު ނުކުތާއެއްކަން އެނގޭކަމާއި، އެއީ؛

ސްޓޭޓް ބޭން އޮފް އިންޑިއާ (މާލެ ބްރާންޗް) އާއި، ސްޓޭޓް ބޭންކް އޮފް އިންޑިއާ އިންޓަރނޭޝަނަލް (މޮރިޝަސް) ލިމިޓެޑާއި ކޮމާޝަލް ބޭންކް އޮފް ސިލޯން ލިމިޓެޑުން އަތަމާ އިންވެސްޓްމެންޓްސް ޕްރައިވެޓް ލިމިޓެޑާއި، އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި، އިބްރާހީމް ޢަބްދުލްލަޠީފް އާއި ޢާޞިމާ ޙަސަނަށް ދޫކޮށްފައިވާކަމަށް ބުނެ ހުށަހަޅާފައިވާ ސިންޑިކޭޓެޑް ލޯން އެއްބަސްވުން ވުޖޫދުކުރި މައިގަނޑު ސަބަބު ކަމުގައިވާ ނ.އަތޮޅު މާވެލާވަރު، ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރުމުގެ މަޝްރޫޢު އެއްކޮށް ފުރިހަމަކުރެވިފައި ނުވަނީސް، ސްޓޭޓް ބޭންކް އޮފް އިންޑިއާ (މާލެ ބްރާންޗް) އާއި، ސްޓޭޓް ބޭންކް އޮފް އިންޑިއާ އިންޓަރނޭޝަނަލް (މޮރިޝަސް) ލިމިޓެޑާއި ކޮމާޝަލް ބޭންކް އޮފް ސިލޯން ލިމިޓެޑުން ކްރެޑިޓް ފެސިލިޓީ ދިނުން ހުއްޓާލުމަކީ ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 26 ވަނަ މާއްދާއާ އެއްގޮތަށް ކޮންޓްރެކްޓްގެ މަޤްޞަދު ޙާޞިލްކުރުމަށް އިސްތިއުނާފު ރައްދުވާ ފަރާތްތަކުން މަސްއޫލުނުވުން ކަމަށްވާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުން އަދި ސިވިލް ކޯޓުންވެސް މި ނުކުތާގައި ބަޔާންކުރާ މަޤްޞަދު ފުރިހަމަކުރުމަށް އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ މައްޗަށް ޤާނޫނީ ޒިންމާ ފުރިހަމަކުރިތޯ ބައްލަވާފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއާއި،

ސިވިލް ކޯޓުގެ ނަންބަރު 2384/Cv-C/2011 މައްސަލައިގައި ދަޢުވާކުރާ ސްޓޭޓް ބޭންކް އޮފް އިންޑިއާ (މާލެ ބްރާންޗް) އާއި، ސްޓޭޓް ބޭންކް އޮފް އިންޑިއާ އިންޓަރނޭޝަނަލް (މޮރިޝަސް) ލިމިޓެޑާއި ކޮމާޝަލް ބޭންކް އޮފް ސިލޯން ލިމިޓެޑުން ދަޢުވާކޮށްފައިވަނީ އަތަމާ އިންވެސްޓްމެންޓްސް ޕްރައިވެޓް ލިމިޓެޑާއި އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި، އިބްރާހީމް ޢަބްދުލްލަޠީފާއި، ޢާޞިމާ ޙަސަނާއި، ޢަލީ އަޙްރޫޝް އިބްރާހީމްގެ މައްޗަށްކަން އެނގޭއިރު، އަތަމާ އިންވެސްޓްމެންޓްސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ދަޢުވާކޮށްފައިވަނީ ލޯނު ނަގާފައިވާ ފަރާތްކަމަށް ވާތީކަމާއި، އިބްރާހީމް ޢަބްދުލްލަޠީފްއާއި، ޢާޞިމާ ޙަސަންއާއި، ޢަލީ އަޙްރޫޝް އިބްރާހީމްގެ މައްޗަށް ދަޢުވާކޮށްފައިވަނީ ލޯނަށް ޕާސަނަލް ގެރެންޓީ ދީފައިވާ ފަރާތްތައްކަމަށް ވާތީކަމާއި، އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ދަޢުވާކުރެވުނީ ލޯނަށް ކޯޕަރޭޓް ގެރެންޓީދީފައިވާ ފަރާތްކަމަށް ސިވިލް ކޯޓުގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ބަޔާންކޮށްފައިވާކަން އެނގޭއިރު، ހަމަ މި ލޯނު އެއްބަސްވުމުން ކޯޕަރޭޓް ގެރެންޓީދީފައިވާ ކުންފުންޏެއްކަމުގައިވާ ބިގް އައިލެންޑް ރިޒޯޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ދަޢުވާކޮށްފައި ނުވުމަކީ އަދި މިކަން ސިވިލް ކޯޓުގެ ޤަޟިއްޔާގައި ރިޔާޢަތްކޮށްފައި ނުވުމަކީވެސް ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 15 ވަނަ މާއްދާގެ ދަށުން އުފެދިފައިވާ ދެ ޤާނޫނީ ޝަޙްސެއްގެ ދެމެދުގައި ކަނޑައެޅިގެން ތަފާތުކުރުންކަމަށް ބުނެ ހުށަހެޅި ނުކުތާއާއި،

ލޯނު އެއްބަސްވުމާ އެއްގޮތަށް ލޯނު ނުދައްކާނަމަ މުދާ ނެގުމުގެ ޙައްޤު ނުވަތަ "ރައިޓް ޓު ފޯކްލޯޒަރ" އާއި އެ ޙައްޤާ ގުޅިފައިވާ ލޯނު ދައްކާ މުދަލުގެ މައްޗަށްވާ ރަހުނު ކެނޑުމުގެ ޙައްޤު ނުވަތަ "އިކުއިޓީ އޮފް ރިޑެމްޝަން" އަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކުން މާނަކޮށްފައިނުވާ މަފްޙޫމްތަކެއްކަމުން، ތަރައްޤީވެ ތަހުޒީބުވެފައިވާ މުޖުތަމަޢުތަކުގައި ބަލައިގަންނަ ހަމަތަކަށް ބަލާއިރު، ރައިޓް ޓު ފޯކްލޯޒަރ ތަންފީޒުކުރުމުގައި ލޯނު ނެގި ފަރާތުގެ އިކުއިޓީ އޮފް ރިޑެމްޝަނަށް ފުރިހަމައަށް ރިޢާޔަތްކުރެވެންޖެހޭ ކަމަށާއި، އެހެންކަމުން ލޯނު އަނބުރައި ދެއްކުމަށް 07 މަސް ދުވަހުގެ ކުރު މުހްލަތެއް ސިވިލް ކޯޓުން ކަނޑައަޅުއްވައި އަދި އެ މުއްދަތަށް ދިވެހިރާއްޖޭގެ ހައިކޯޓުން ތާޢީދުކުރެއްވުމަކީ އިސްތިއުނާފު ރައްދުވާ ފަރާތުގެ އިކުއިޓީ އޮފް ރިޑެމްޝަނާ އެންމެ އެކަށޭނަ މުއްދަތެއް ނުދީކަން އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރާ ކަމަށާއި، މިހެން ބަޔާންކުރަންޖެހޭ މައިގަނޑު ސަބަބަކީ ލޯނުގެ އިންޓަރެސްޓާއެކު) US$38,000,000.00 ތިރީސްއަށް މިލިއަން އެމެރިކާ ޑޮލަރު(، އަށް އަރާއިރު ކުންފުނިން މި ލޯނު ނެގި ޕްރޮޖެކްޓް ފުރިހަމަކުރެފިވައި ނުވާ ހާލު ވިޔަފާރިކުރެވޭނެ ނުވަތަ މި ޕްރޮޖެކްޓް ފުރިހަމަކުރެވި ފައިސާ ލިބިލިބި ހުރި ހާލަތެއް އަމުދުން ނެތްއިރު 07 މަސް ދުވަހަކީ އިކުއިޓީ އޮފް ރިޑެމްޝަން ތަންޟީމްކުރުމަށް ރީޒަނަބަލް މިންގަނޑުތަކުން ބަލާއިރު އެކަށީގެންވާ މިންވަރަށްވުރެ މާކުޑަ މުއްދަތެއް ނަމަވެސް މިކަން ސިވިލް ކޯޓުން އަދި ދިވެހިރާއްޖޭގެ ހައިކޯޓުންވެސް ބައްލަވާފައި ނުވާކަމަށް ބުނެ ފާހަގަކުރި ނުކުތާއާއި،

މުދާ ހޯދުމާއި މުދާ ގެންގުޅުމުގެ ޙައްޤަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ހ) އިން ކަށަވަރުކޮށްދީފައިވާ ޙައްޤަކަށްވާއިރު، އެ ޙައްޤުން އެއްވެސް މިންވަރެއް ނިގުޅައިގަތުމުގައި އެ ނިގުޅައިގަނެވޭ މިންވަރަކީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދައިގެ ތަރަހައިގެ ތެރެއިން ހިފެހެއްޓޭ ހިފެހެއްޓުމެއްތޯ ކަށަވަރުކުރުމަކީ ޝަރުޢީ ކޯޓުތަކުން ފުރިހަމައަށް ދެނެގަނެ ޤަޠުޢީކޮށް ޔަޤީންކުރަންޖެހޭނެ ކަމަކަށްވާއިރު، ސިވިލް ކޯޓުގެ ނަންބަރު 2384/Cv-C/2011 ޤަޟިއްޔާގައި އެކަށީގެންވާ މިންވަރަށްވުރެ މާކުޑަ މުއްދަތެއް ލޯނު އަދާކުރުމަށްދީ އެ މުއްދަތުގެ ތެރޭގައި ލޯނު އަދާނުކޮށްފިނަމަ އިސްތިއުނާފުކުރާ ފަރާތުގެ މުދާކަމުގައިވާ ކިހާދުއްފަރު ރިސޯޓާއި، މާވެލާވަރު އައިލެންޑް ރިސޯޓް ވިއްކާލުމުގެ ހުއްދަ އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް ލިބިދީފައިވަނީ މީހެއްގެ މުދާނެގުމުގެ ކުރިން ޝަރީޢަތުން ޔަޤީން ކުރަންޖެހޭކަންކަން އެންމެ ފުރިހަމައަށް ޔަޤީންނުކޮށް، މުދަލުގެ ކަރާމަތަށާއި ޢަދާލަތުގެހަމަ (އިކުއިޓީ) ގެ އުޞޫލުތަކަށް ރިޢާޔަތްނުކޮށްކަމަށް ބުނެ ހުށަހެޅި ނުކުތާކަން އެނގެން އޮންނަ އޮތުމެވެ.

(ނ) ތިންވަނަ ކަމަކީ، ސްޓޭޓް ބޭން އޮފް އިންޑިއާ (މާލެ ބްރާންޗް) އާއި، ސްޓޭޓް ބޭންކް އޮފް އިންޑިއާ އިންޓަރނޭޝަނަލް (މޮރިޝަސް) ލިމިޓެޑާއި ކޮމާޝަލް ބޭންކް އޮފް ސިލޯން ލިމިޓެޑުން އަތަމާ އިންވެސްޓްމެންޓްސް ޕްރައިވެޓް ލިމިޓެޑާއި، އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި، އިބްރާހީމް ޢަބްދުއްލަޠީފްއާއި ޢާޞިމާ ޙަސަނަށް ދޫކޮށްފައިވާކަމަށް ބުނެ ހުށަހަޅާފައިވާ ސިންޑިކޭޓެޑް ލޯން އެއްބަސްވުން ވުޖޫދުކުރި މައިގަނޑު ސަބަބުކަމުގައިވާ ނ.އަތޮޅު މާވެލާވަރު، ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރުމުގެ މަޝްރޫޢު އެއްކޮށް ފުރިހަމަ ކުރެވިފައި ނުވަނީސް، ސްޓޭޓް ބޭންކް އޮފް އިންޑިއާ (މާލެ ބްރާންޗް) އާއި، ސްޓޭޓް ބޭންކް އޮފް އިންޑިއާ އިންޓަރނޭޝަނަލް (މޮރިޝަސް) ލިމިޓެޑާއި ކޮމާޝަލް ބޭންކްސް އޮފް ސިލޯން ލިމިޓެޑުން ކްރެޑިޓް ފެސިލިޓީ ދިނުން ހުއްޓާލުމަކީ ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 26 ވަނަ މާއްދާއާ އެއްގޮތަށް ކޮންޓްރެކްޓްގެ މަޤްޞަދު ޙާޞިލްކުރުމަށް އިސްތިއުނާފު ރައްދުވާ ފަރާތްތަކުން މަސްއޫލު ނުވުންކަމަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުން އަދި ސިވިލް ކޯޓުންވެސް މި ނުކުތާގައި ބަޔާންކުރާ މަޤްޞަދު ފުރިހަމަކުރުމަށް އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ މައްޗަށް ޤާނޫނީ ޒިންމާ ފުރިހަމަ ކުރިތޯ ބައްލަވާފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއަށް ބަލާއިރު،

މި މައްސަލައިގައި ބަޔާންކޮށްފައިވާ ކްރެޑިޓް ފެސިލިޓީތައް ހޯދާފައިވަނީ ނ.އަތޮޅު މާވެލާވަރުގައި ރިސޯޓެއް ތަރައްޤީކުރުމަށް ކަމަށާއި އެ ޕްރޮޖެކްޓް ނުނިމިވަނީ ބޭންކުތަކުން ކްރެޑިޓް ފެސިލިޓީ ދިނުން ހުއްޓާލުމުން ކަމުގައި އަތަމާ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑާއި އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި، އިބްރާހީމް ޢަބްދުއްލަޠީފުގެ ފަރާތުން ސިވިލް ކޯޓުގައި ބުނެފައިވާކަން އެނގެން އޮތްއިރު، ނ.އަތޮޅު މާވެލާވަރު ރިސޯޓެއްގެ ގޮތުގައި ތަރައްޤީކޮށް ފުރިހަމަކޮށް ނިމެންދެން އިސްތިއުނާފު ރައްދުވާ ބޭންކުތަކުން ކްރެޑިޓް ފެސިލިޓީސް ދިނުން ހުއްޓާލައިގެން ނުވާނެކަން އެނގޭ އެއްވެސް ޤާނޫނީ ސަބަބެއް އަދި އެއްބަސްވުމުގެ މާއްދާއެއް ވިޔަސް އިސްތިއުނާފުކުރި ފަރާތްތަކުން ސިވިލް ކޯޓުގައިވެސް އަދި ހައިކޯޓުގައި ވިޔަސް ބަޔާންކޮށްދީފައި ނުވާކަން އެނގެން އޮތުމުގެ އިތުރުން ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 26 ވަނަ މާއްދާއަށް ބަލާއިރު އެ މާއްދާގައި ވަނީ "ކޮންޓްރެކްޓެއްގައި ނުވަތަ ޤާނޫނުގައި އެހެން ގޮތަކަށް ކަނޑައަޅާފައި ނުވާނަމަ ކޮންޓްރެކްޓެއްގެ ބައިވެރިން ދަރަންޏާމެދު ނުވަތަ ކުރަންޖެހޭ ކޮންމެ ކަމަކާމެދު ހުރިހާ ބައިވެރިން އެކުގައިވެސް އަދި އެކި ބައިވެރިން ވަކިވަކިންވެސް މަސްއޫލުވާން ޖެހޭނެއެވެ." މިފަދައިން ކަމުން މި މާއްދާގައި ބުނެފައިވާ ވާހަކަތަކާއި އިސްތިއުނާފީ މި ނުކުތާގައި ދައްކާފައިވާ ވާހަކަތަކާ ގުޅުމެއް ނެތްކަން އެނގެން އޮންނަ އޮތުމެވެ.

(ރ) ހަތަރުވަނަ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 2384/Cv-C/2011 ޤަޟިއްޔާގައި ދަޢުވާކުރާ ސްޓޭޓް ބޭންކް އޮފް އިންޑިއާ (މާލެ ބްރާންޗް) އާއި، ސްޓޭޓް ބޭންކް އޮފް އިންޑިއާ އިންޓަރނޭޝަނަލް (މޮރިޝަސް) ލިމިޓެޑާއި ކޮމާޝަލް ބޭންކް އޮފް ސިލޯން ލިމިޓެޑުން ދަޢުވާކޮށްފައިވަނީ އަތަމާ އިންވެސްޓްމެންޓްސް ޕްރައިވެޓް ލިމިޓެޑާއި އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި، އިބްރާހީމް ޢަބްދުލްލަޠީފާއި، ޢާޞިމާ ޙަސަނާއި، ޢަލީ އަޙްރޫޝް އިބްރާހީމްގެ މައްޗަށްކަން އެނގޭއިރު، އަތަމާ އިންވެސްޓްމެންޓްސްގެ މައްޗަށް ދަޢުވާކޮށްފައިވަނީ ލޯނު ނަގާފައިވާ ފަރާތްކަމަށް ވާތީކަމަށާ، އިބްރާހީމް ޢަބްދުލްލަޠީފްއާއި، ޢާޞިމާ ޙަސަންއާއި، ޢަލީ އަޙްރޫޝް އިބްރާހީމްގެ މައްޗަށް ދަޢުވާކޮށްފައިވަނީ ލޯނަށް ޕާސަނަލް ގެރެންޓީދީފައިވާ ފަރާތްތައް ކަމަށްވާތީ ކަމަށާއި، އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ދަޢުވާ ކުރީ ލޯނަށް ކޯޕަރޭޓް ގެރެންޓީ ދީފައިވާ ފަރާތްކަމަށްވާތީ ކަމުގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ސިވިލް ކޯޓުގައި ބަޔާންކޮށްފައިވާކަން އެނގޭއިރު، ހަމަ މި ލޯނު އެއްބަސްވުމަށް ކޯޕަރޭޓް ގެރެންޓީދީފައިވާ ކުންފުންޏެއް ކަމުގައިވާ ބިގް އައިލެންޑް ރިސޯޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ދަޢުވާކޮށްފައި ނުވުމަކީ އަދި މިކަން ސިވިލް ކޯޓުގެ ޤަޟިއްޔާގައި ރިޔާޢަތްކޮށްފައި ނުވުމަކީވެސް، ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 15 ވަނަ މާއްދާގެ ދަށުން އުފެދިފައިވާ ދެ ޤާނޫނީ ޝަހްޝެއްގެ ދެމެދުގައި ކަނޑައެޅިގެން ތަފާތުކުރުން ކަމަށްބުނެ ހުށަހެޅި ނުކުތާއަށް ބަލާއިރު؛ ބިގް އައިލެންޑް ރިސޯޓް ޕްރައިވެޓް ލިމިޓެޑުގެ ޙިއްޞާ މި މައްސަލަ އިސްތިއުނާފުކުރި ފަރާތްތަކުގެ ތެރޭގައި ހިމެނޭ އަތަމާ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑަށާއި، އިބްރާހީމް ޢަބްދުއްލަޠީފަށް ބަދަލުކޮށްފައިވާކަމަށާއި، އަދި އޭގެ އިތުރަށް ސަރުކާރާއި ބިގް އައިލެންޑް ރިސޯޓް ޕްރައިވެޓް ލިމިޓެޑާއި ދެމެދު މާވެލާވަރު ކުއްޔަށް ދިނުމަށް ވެފައިވާ އެއްބަސްވުން އަތަމާ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑަށް އެސައިންކުރެވިފައިވާކަން މި މައްސަލައާ ގުޅިގެން ހުށަހެޅުނު ލިއުންތަކުން އެނގެން އޮންނަކަމަށާ، ސިވިލް ކޯޓަށް ހުށަހެޅުނު މި މައްސަލައިގެ ދަޢުވާ ފޯމުގައި ބިގް އައިލެންޑް ރިސޯޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކޮށްފައިވާކަމަށް ބަޔާންކޮށްފައިވާ ލިޔުންތަކަކީ އަތަމާ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑުން ސޮއިކޮށްފައިވާ ލިޔުންތަކެއް ކަމުގައި ބެލެވޭނެކަމަށް ބުނެ އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ދަށު ކޯޓުގައި ދައްކާފައިވާ ވާހަކަތަކަށް މި މައްސަލަ އިސްތިއުނާފުކުރި ފަރާތްތަކުން ސިވިލް ކޯޓުގައި އިންކާރުކޮށްފައި ނުވާކަމާ، އަދި އިސްތިއުނާފުކުރެވިފައި މިވާ ހައިކޯޓުގެ ނަންބަރު 2013/HC-A/138 ޤަޟިއްޔާއިން ބެލުނު ސިވިލް ކޯޓުގެ ޤަޟިއްޔާގައި ބިގް އައިލެންޑް ރިސޯޓް ޕްރައިވެޓް ލިމިޓެޑަށް ޙުކުމް ރައްދުކުރަންޖެހޭ ސަބަބެއް އޮތްކަން އިސްތިއުނާފުކުރާ ފަރާތްތަކުން ސިވިލް ކޯޓުގައި ބަޔާންކޮށްދީފައިވެސް ނުވާކަން އެނގެން އޮތުމުގެ އިތުރުން، ހައިކޯޓުގެ ނަންބަރު 2013/HC-A/138 ޤަޟިއްޔާއިން އިސްތިއުނާފު ކުރެވިފައި މިވާ ސިވިލް ކޯޓުގެ ނަންބަރު 2384/Cv-C/2011 ޤަޟިއްޔާގެ ޙުކުމް، ބިގް އައިލެންޑް ރިސޯޓު ޕްރައިވެޓް ލިމިޓެޑަށް ރައްދުކޮށްފައި ނުވުމަކީ ޤާނޫނީ ދެ ޚަޞްމެއްގެ މެދުގައި ތަފާތުކުރުމެއްކަމަށް ބެލެވެން ނެތްކަމާއި، އަދި މިއީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ އިސްތިއުނާފުކުރި ފަރާތްތަކުން ދަށު ކޯޓުގައި ނަގާފައިވާ ނުކުތާއެއް ނޫންކަންވެސް އެނގެން އޮންނަކަމެވެ.

(ބ) ފަސްވަނަ ކަމަކީ، ލޯނު އެއްބަސްވުމާ އެއްގޮތަށް ލޯނު ނުދައްކާނަމަ މުދާނެގުމުގެ ޙައްޤު ނުވަތަ "ރައިޓް ޓު ފޯކްލޯޒަރ" އާއި އެ ޙައްޤާ ގުޅިފައިވާ ލޯނުދައްކާ މުދަލުގެ މައްޗަށްވާ ރަހުނު ކެނޑުމުގެ ޙައްޤު ނުވަތަ "އިކުއިޓީ އޮފް ރިޑެމްޝަން" އަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކުން މާނަކޮށްފައިނުވާ މަފްޙޫމްތަކެއްކަމަށާ، ތަރައްޤީވެ ތަހުޒީބުވެފައިވާ މުޖުތަމަޢުތަކުގައި ބަލައިގަންނަ ހަމަތަކަށް ބަލާއިރު، ރައިޓް ޓު ފޯކްލޯޒަރ ތަންފީޒުކުރުމުގައި ލޯނު ނެގި ފަރާތުގެ އިކުއިޓީ އޮފް ރިޑެމްޝަނަށް ފުރިހަމައަށް ރިޢާޔަތްކުރެވެންޖެހޭ ކަމަށާއި، އެހެންކަމުން ލޯނު އަނބުރައި ދެއްކުމަށް 7 މަސް ދުވަހުގެ ކުރު މުހްލަތެއް ސިވިލް ކޯޓުން ކަނޑައަޅުއްވައި އަދި އެ މުއްދަތަށް ދިވެހިރާއްޖޭގެ ހައިކޯޓުން ތާޢީދުކުރެއްވުމަކީ އިސްތިއުނާފު ރައްދުވާ ފަރާތުގެ އިކުއިޓީ އޮފް ރިޑެމްޝަނާ އެންމެ އެކަށޭނަ މުއްދަތެއް ނުދީ އޮތްއޮތުމެއްކަން އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރާކަމަށާއި، މިހެން ބަޔާންކުރަންޖެހޭ މައިގަނޑު ސަބަބަކީ ލޯނުގެ އިންޓަރެސްޓާއެކު ) US$38,000,000.00ތިރީސްއަށް މިލިއަން އެމެރިކާ ޑޮލަރު( އަށް އަރާއިރު ކުންފުނިން މި ލޯނު ނެގި ޕްރޮޖެކްޓް ފުރިހަމަކުރެވިފިއި ނުވާ ހާލު ވިޔަފާރިކުރެވޭނެ ނުވަތަ މި ޕްރޮޖެކްޓް ފުރިހަމަކުރެވި ފައިސާ ލިބިލިބި ހުރި ޙާލަތެއް އަމުދުން ނެތްއިރު 70 މަސް ދުވަހަކީ އިކުއިޓީ އޮފް ރިޑެމްޝަން ތަންޟީމްކުރުމަށް ރީޒަނަބަލް މިންގަނޑުތަކުން ބަލާއިރު އެކަށީގެންވާ މިންވަރަށްވުރެ މާކުޑަ މުއްދަތެއް ނަމަވެސް މިކަން ސިވިލް ކޯޓުން އަދި ދިވެހިރާއްޖޭގެ ހައިކޯޓުންވެސް ބައްލަވާފައި ނުވާކަމަށް ބުނެ ފާހަގަކުރި ނުކުތާއަށް ބަލާއިރު، މި ފައިސާ ދެއްކުމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވާ މުއްދަތަކީ މި ފައިސާ އަނބުރާ ދައްކަން އެކަށީގެންވާ މިންވަރަށްވުރެ މާކުޑަ މުއްދަތެއްކަމުގައި ބުނާބުނުން ފިޔަވައި އެ މުއްދަތަކީ ޤާނޫނީ ހަމައަކާ ޚިލާފަށް ނުވަތަ އެއްބަސްވެފައިވާ ގޮތާ ޚިލާފަށް ސިވިލް ކޯޓުން ކަނޑައަޅާފައިވާ މުއްދަތެއް ކަމުގައި އިސްތިއުނާފުކުރާ ފަރާތްތަކަށް ބަޔާންކޮށްދެވިފައި ނުވާކަމާއި، އިސްތިއުނާފުކުރެވިފައި މިވާ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅިފައިވަނީ 11 ޑިސެންބަރު 2011 ގައި ކަމަށްވާއިރު، އެ މައްސަލަ ސިވިލް ކޯޓުން ނިންމާފައިވަނީ 30 ސެޕްޓެންބަރު 2012 ގައިކަމާ، އަތަމާ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުންނާއި އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުންނާއި އަދި އިބްރާހީމް ޢަބްދުއްލަޠީފުގެ ފަރާތުން ސިވިލް ކޯޓުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު މި މައްސަލައިގައި ބަޔާންކޮށްފައިވާ ޕްރޮޖެކްޓު ނިންމުމަށް މިހާރު ވާހަކަތަކެއް ދެކެވެމުންދާ ޕާޓްނަރުގެ ފަރާތުން ފައިސާދިނުމުގެ ކުރިން ބަލަންޖެހޭ ބެލުންތައް ބަލައި ނިންމާލުމަށްޓަކައި 06 (ހައެއް) މަސްދުވަހުގެ މުއްދަތެއް ބޭނުންވާކަމަށް ބުނެ އެ ފުރުޞަތު ހޯދުމަށް އެދިފައިވާކަން އެނގޭއިރު އިސްތިއުނާފުކުރާ ފަރާތްތަކުން ސިވިލް ކޯޓުގައި އެދި ހުށަހަޅާފައިވާ އެ މުއްދަތުތަކަށް ސިވިލް ކޯޓުން ރިޢާޔަތްކޮށްފައިވާ ކަމާއި، އެގޮތުން ބަލާއިރު، 11 ޑިސެމްބަރު 2011 ގައި ސިވިލް ކޯޓަށް ހުށަހެޅުނު މި މައްސަލަ 30 ސެޕްޓެމްބަރު 2012 ގައި ނިމިފައިވާއިރު މައްސަލަ ނިންމި ތާރީޚުން ފެށިގެން އިތުރު 07 (ހަތެއް) މަސް ދުވަސް މި މައްސަލައިގައި ބަޔާންކޮށްފައިވާ ފައިސާ ދެއްކުމަށް ދެވިފައިވާކަން އެނގެން އޮތުމުން، އިސްތިއުނާފުކުރެވިފައި މިވާ މައްސަލައިގައި ބަޔާންކޮށްފައިވާ ލޯނުތަކުގެ ފައިސާ ދެއްކުމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވާ މުއްދަތަކީ މި މައްސަލަ އިސްތިއުނާފުކުރާ ފަރާތްތަކުން ސިވިލް ކޯޓުގައި ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ރިޢާޔަތްކުރެވިގެން ލޯނުގެ ފައިސާ ދެއްކުމަށް އެފަރާތްތަކަށް ފުރުޞަތުދިނުމުގެ ގޮތުން ކަނޑައަޅާފައިވާ މުއްދަތުތަކެއްގެ ގޮތުގައި ބަލަންޖެހޭކަމާ، އެ މުއްދަތު އެގޮތަށް ކަނޑައެޅުމުގައި ޤާނޫނީ އަދި ޝަރުޢީ ވިޔަސް ހަމައަކާ ސިވިލް ކޯޓުން ޚިލާފުވެފައިވާކަމަށް ބެލެވެން ނެތްކަން އެނގެން އޮންނަ އޮތުމެވެ.

(ޅ) ހަވަނަ ކަމަކީ، މުދާ ހޯދުމާއި މުދާ ގެންގުޅުމުގެ ޙައްޤަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ހ) އިން ކަށަވަރުކޮށްދީފައިވާ ޙައްޤަކަށްވާއިރު، އެ ޙައްޤުން އެއްވެސް މިންވަރެއް ނިގުޅައިގަތުމުގައި އެ ނިގުޅައިގަނެވޭ މިންވަރަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ ތަރަހައިގެ ތެރެއިން ހިފެހެއްޓޭ ހިފެހެއްޓުމެއްތޯ ކަށަވަރުކުރުމަކީ ޝަރުޢީ ކޯޓުތަކުން ފުރިހަމައަށް ދެނެގަނެ ޤަޠުޢީކޮށް ޔަޤީންކުރަންޖެހޭނެ ކަމެއް ކަމަށާ، ސިވިލް ކޯޓުގެ ނަންބަރު 2384/Cv-C/2011 ޤަޟިއްޔާގައި އެކަށީގެންވާ މިންވަރަށްވުރެ މާކުޑަ މުއްދަތެއް ލޯނު އަދާކުރުމަށްދީ އެ މުއްދަތުގެ ތެރޭގައި ލޯނު އަދާނުކޮށްފިނަމަ އިސްތިއުނާފުކުރާ ފަރާތުގެ މުދާކަމުގައިވާ ކިހާދުއްފަރު ރިސޯޓާއި، މާވެލާވަރު އައިލެންޑް ރިސޯޓް ވިއްކާލުމުގެ ހުއްދަ އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް ލިބިދީފައިވަނީ މީހެއްގެ މުދާ ނެގުމުގެ ކުރިން ޝަރީޢަތުން ޔަޤީން ކުރަންޖެހޭކަންކަން އެންމެ ފުރިހަމައަށް ޔަޤީންނުކޮށް، މުދަލުގެ ކަރާމަތަށާއި ޢަދާލަތުގެހަމަ (އިކުއިޓީ) ގެ އުޞޫލުތަކަށް ރިޢާޔަތްނުކޮށްކަމަށް ބުނެ ހުށަހެޅި ނުކުތާއަށް ބަލާއިރު؛ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ހ) ގައި ވަނީ "މުދާ ހޯދުމާއި މިލްކުކުރުމާއި ވާރުތަކުރުމާއި ދިނުމާއި މުދަލުން މުޢާމަލާތުކުރުމުގެ ޙައްޤު ކޮންމެ ރައްޔިތަކަށްމެ ލިބިގެންވެއެވެ." މިފަދައިން ކަމަށް ވާއިރު، ސިވިލް ކޯޓުގެ ނަންބަރު 2384/CV-C/2011 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ މި މައްސަލަ އިސްތިއުނާފުކުރި ފަރާތްތަކުން މުދާ ހޯދުމަށް، ނުވަތަ މުދާ މިލްކުކުރުމަށް އަދި ވާރުތަކުރުމާއި ދިނުމުގެ އިތުރުން މުދަލުން މުޢާމަލާތުކުރުމުގެ ޙައްޤު އެފަރާތްތަކުން ނިގުޅައިގަނެވޭ ގޮތަށް ނިންމާފައިވާ ނިންމުމެއް ނޫންކަމާ، ސިވިލް ކޯޓުގެ ނަންބަރު 2384/CV-C/2011 ޤަޟިއްޔާގައި ހުށަހެޅުނު ދަޢުވާއަށާއި އަދި އެ ދަޢުވާގައި ބަޔާންކޮށްފައިވާ ލޯނުތަކާގުޅޭ ފައިސާ އެއްބަސްވެފައިވާ ގޮތުގެމަތިން ދެއްކިފައި ނުވާކަން ސިވިލް ކޯޓަށް ހުށަހެޅުނު ލިޔުންތަކުންނާއި މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ ބަހުން އެނގެން އޮންނަކަމާއި، އަދި އެ ފައިސާއަކީ ދައްކަންޖެހޭ ފައިސާއެއް ކަމާމެދު އިސްތިއުނާފުކުރާ ފަރާތްތަކުން އިންކާރުކޮށްފައި ނުވާކަމާއި، އިސްތިއުނާފުކުރާ ފަރާތްތަކުން ސިވިލް ކޯޓުގައި ފާހަގަކޮށްފައިވާ މައިގަނޑު މައްސަލައަކީ އެ ލޯނުތަކާއި ގުޅިގެން ދައްކަންޖެހޭ ފައިސާގެ ޢަދަދީ ބޮޑު ޢަދަދެއްކަމުން އެ ލޯނުތައް ނަގައިގެން ނިންމަން ޤަޞްދުކުރި ޕްރޮޖެކްޓު ނުނިމި ވަނިކޮށް އެ ފައިސާ ދެއްކުމަށް ދަތިވާތީ އިތުރު ވަގުތު އެކަމަށް ލިބުންކަމާއި އަދި އެ ފަރާތްތަކުން ދިވެހިރާއްޖޭގެ ހައިކޯޓުގައިވެސް ފާހަގަކުރި މައިގަނޑު މައްސަލައަކީ އެ ލޯނުތަކުގެ ފައިސާ ދެއްކުމަށް ސިވިލް ކޯޓުން ކަނޑައެޅި މުއްދަތުގެ މައްސަލަކަން އެނގެން އޮތްއިރު، މިފަދަ ފައިސާ ދެއްކުމަށް ދެ ޚަޞްމުން ވަކިގޮތަކަށް އެއްބަސްނުވާ ޙާލަތްތަކުގައި މައްސަލައިގެ ވަށައިގެންވާ ކަންތައްތަކަށް ރިޢާޔަތްކޮށް، ކޯޓުން މުއްދަތެއް ކަނޑައެޅުމަކީ ޤާޟީގެ އިޚްތިޔާރުގައި އޮންނަ ބާރެއްކަމާ، އަދި ސިވިލް ކޯޓުން އެ ލޯނުތަކުގެ ފައިސާ ދެއްކުމަށް އިސްތިއުނާފުކުރާ ފަރާތްތަކަށް އަންގައި އެކަމަށް މުއްދަތެއް ކަނޑައަޅައި ނިންމި ނިންމުމަކީ ހުށަހެޅިފައިވާ ލިޔުންތަކަށާއި ޝަރީޢަތުގައި ދެކެވުނު ވާހަކަތަކުގެ މައްޗަށް ރިޢާޔަތްކޮށް ނިންމާފައިވާ ނިންމުމެއްކަމާއި، އަދި އެ ނިންމުމުގައި ލޯނުތަކުގެ ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ މުއްދަތަކީވެސް އިސްތިއުނާފުކުރާ ފަރާތްތަކުން ސިވިލް ކޯޓުގައި ދެއްކި ވާހަކަތަކުގެ މައްޗަށް ރިޢާޔަތްކޮށްގެން ކަނޑައަޅާފައިވާ މުއްދަތެއްކަމާއި، އެހެންކަމުން ސިވިލް ކޯޓުގެ އެ ނިންމުމަކީ މުދަލުގެ ކަރާމާތަށާއި ޢަދާލަތުގެ ހަމަ، ނުވަތަ (އިކުއިޓީ) ގެ އުޞޫލުތަކަށް ރިޢާޔަތްނުކޮށް ނިންމާފައިވާ ނިންމުމެއް ކަމުގައި ބަލާނެ ތަނެއް ނެތްކަން އެނގެން އޮންނަ އޮތުމެވެ.

(ކ) ހަތްވަނަ ކަމަކީ، އިސްވެދިޔަ ނުކުތާތަކަށް ބަލާއިރު، އިސްތިއުނާފުކުރެވިފައި މިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/138 ޤަޟިއްޔާއިން ބަލައި ނިންމާފައިވާ ސިވިލް ކޯޓުގެ ނަންބަރު 2384/CV-C/2011 ޤަޟިއްޔާގައި ބަޔާންކުރެވިފައިވާ، ބޭންކްތަކުން އަތަމާ އިންވެސްޓްމެންޓްސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ލޯނުތަކުގެ ފައިސާ އެ ލޯނެއް ދޫކޮށްފައިވާ ބޭންކަކަށް އަދާކޮށްދިނުމުގެ ގޮތުން 30 ސެޕްޓެމްބަރ 2012 އިން ފެށިގެން 07 މަސް ދުވަހުގެ ތެރޭގައި ކޮންމެ މަހަކުވެސް އެ މަހަކަށް ޖެހޭވަރު އެ ލޯނެއް ދޫކުރި ބޭންކަށް އަދާކުރަމުންގޮސް އެ މުއްދަތުގެ ތެރޭގައި މި އެންމެހައި ލޯނުތައް އޭގެ އިންޓްރެސްޓާއި ޖޫރިމަނާއާއެކު ދައްކައި ޙަލާޞްކުރުމަށް އަތަމާ އިންވެސްޓްމެންޓްސް ޕްރައިވެޓް ލިމިޓެޑާއި، އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި، އިބްރާހީމް ޢަބްދުއްލަޠީފް އާއި، މ. ކްރޯޓްން، މާލެ އާޞިމާ ޙަސަނަށް އަންގައި، މި ލޯނުތައް ދެއްކުމަށް ދެވުނު 07 މަސް ދުވަހުގެ މުއްދަތުހަމަވާއިރު މި ލޯނުތައް އޭގެ އިންޓްރެސްޓާއި ޖޫރިމަނާއާއެކު އެއްކޮށް ދައްކައި ޚަލާޞްކުރެވިފައި ނުވާނަމަ މި ލޯނުތަކުގައި ރަހުނުކުރެވިފައިވާ "ކިހާދުއްފަރު" ރިސޯޓާއި، "މާވެލާވަރު އައިލެންޑް ރިސޯޓް" (އެ ތަންތަނުގައިވާ އެންމެހައި ޢިމާރާތްތަކާއި، ބިނާތަކާއި، ޚިދުމަތްދޭ ވަޞީލަތްތަކާއި، މެޝިނެރީއާއި، އިކްއިޕްމަންޓްތަކާއި، މަސައްކަތު ސާމާނާއި، ފަރުނީޗަރާއި، ހަރުކުރެވިފައިވާ ތަކެއްޗާއި، ތަށި، ތެލި، ސަމްސާފަދަ ތަކެއްޗާއި، ފޮތީގެ ސާމާނާއި، ސްޓޮކްގައި ހުރި ތަކެއްޗާއި، މީގެ އިތުރުންވެސް އެތަންތަނުގައި ބޭނުންކުރެވޭ އަދި އެ ތަންތަނާ ގުޅިފައިވާ އެންމެހައި ތަކެތި ހިމެނޭ ގޮތަށް) ވިއްކާލުމުގެ ހުއްދަ މި ލޯނުތައް ދޫކުރި ބޭންކުތަކަށް ލިބިގެންވާކަމަށް އަންގައި ކޮއްފައިވާ ޙުކުމަށް، ދިވެހިރާއްޖޭގެ ހައިކޯޓުން ތާޢީދުކޮށް ކޮށްފައިވާ ޙުކުމަކީ، ޝަރުޢީ ނުވަތަ ޤާނޫނީ ހަމަޔަކާވިޔަސް ޚިލާފަށް ކޮށްފައިވާ ޙުކުމެއް ކަމަށް ބެލެވެން ނެތްކަން އެނގެން އޮންނަ އޮތުމެވެ.

ޙުކުމް:

އިސްވެ ބަޔާންވެދިޔަ ޝަރުޢީ އަދި ޤާނޫނީ ސަބަބުތައް އެގޮތުގެމަތިން ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 2384/CV-C/2011 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ތާޢީދުކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/138 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ކޮށްފައިވާ ޙުކުމެއްކަމަށް، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/138 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ތާޢީދުކޮށް މި ޤަޟިއްޔާ ނިންމީއެވެ.

ފަނޑިޔާރު ޢަބްދުﷲ ޢަރީފް

ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ

ފަނޑިޔާރު ޢަބްދުﷲ ދީދީ

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ