—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 2014/SC-A/48
ދަޢުވާކުރާ ފަރާތް: އެންޓި-ކޮރަޕްޝަން ކޮމިޝަން
ދަޢުވާލިބޭ ފަރާތް: ޢަބްދުﷲ ޔާމީން
މައްސަލައިގެ ބާވަތް: ފައިސާ ހޯދުން
މައްސަލަ އައިގޮތް: އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚް: 05 ނޮވެންބަރު 2014
ރަޖިސްޓްރީކުރެވުނު ތާރީޚް: 28 ޑިސެންބަރު 2014
ނިމުނު ތާރީޚް: 02 މެއި 2016ާޗް 2009
މައްސަލަ ނިންމި ގަޑި: 12:10 45
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު
އިސްތިޢުނާފުކުރެވުނު ޤަޟިއްޔާ
ނަންބަރު: 2012/HC-A/343
ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
ހުށަހެޅުނު ތާރީޚް: 20 ޑިސެންބަރު 2012
ނިމުނު ތާރީޚް: 21 ޖުލައި 2014
ފާހަގަ ކުރެވުނު ނުކުތާތައް
މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/343 ޤަޟިއްޔާގެ ޙުކުމް ބިނާވެފައިވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާގޮތަށް ކަމަށް ބުނެ، އެ ޤަޟިއްޔާ އިލްތިމާސްކޮށްދިނުން އެދި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި ދަޢުވާ ލިބުނީ މއ. ޝާހީން، ޢަބްދުﷲ ޔާމީން އަށެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/343 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 05/VTR/2012 މައްސަލަ އެ ޓްރައިބިއުނަލްއިން ނިންމާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށް ބުނެ، އެ ނިންމުން އިސްތިއުނާފުކޮށްދިނުމަށް އެދި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުން ބަލައި ނިންމާފައިވާ ޤަޟިއްޔާއެއްކަން އެނގެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/343 ޤަޟިއްޔާގެ ދަށުން، އިސްތިއުނާފު ކުރެވުނު ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 05/VTR/2012 މައްސަލަ ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެ މައްސަލައަކީ، މއ. ޝާހީން، ޢަބްދުﷲ ޔާމީން، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ އޮޑިޓް ޔުނިޓްގައި އޮޑިޓް އެކައުންޓެންޓްގެ މަޤާމު އަދާކުރަމުން ދަނިކޮށް، އެ ކޮމިޝަންގެ މުވައްޒަފުންގެ އޮނިގަނޑަށް ގެނައި ބަދަލާއެކު އޮޑިޓް ޔުނިޓާއި އެ ޔުނިޓްގައި ކުރަމުންދިޔަ މަސައްކަތްތައް އުވާލުމާ ގުޅިގެން އޮޑިޓް އެކައުންޓެންޓްގެ މަޤާމް އުވިފައިވާތީ ކަމަށްބުނެ 12 އޮކްޓޯބަރ 2011 ގައި އޭނާ ވަޒީފާއިން ވަކިކޮށްފައި ވާތީ، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށްކަމަށް ދެކިގެން، އަލުން އަނބުރާ ވަޒީފާ ހޯދުމަށާއި، ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން މައްސަލަ ނިމުމާ ހަމައަށް ލިބެންޖެހޭ މުސާރައާއި ޢިނާޔަތްތައް ހޯދައިދިނުމަށާއި، އޭނާ ވަޒީފާއިން ވަކިކުރިއިރު، މުސާރައިން އުނިކޮށްފައި ހުރި ފައިސާ ހޯދައިދިނުމަށް އެދި އެންޓި-ކޮރަޕްޝަން ކޮމިޝަންއަށް މައްސަލަ ރައްދުވާގޮތަށް ޢަބްދުﷲ ޔާމީން މައްސަލަ ހުށަހެޅުމުން ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ބަލާފައިވާ މައްސަލައެއް ކަމާއި
ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން އެ މައްސަލަ ނިންމާފައިވަނީ ޢަބްދުﷲ ޔާމީން ވަޒީފާއިން ވަކިކޮށްފައިވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ އޮނިގަނޑަށް ގެނެވުނު ބަދަލާއެކު، އޭނާ ވަޒީފާ އަދާކުރަމުން ދިޔަ އޮޑިޓް ޔުނިޓާއި އެ ޔުނިޓްގައި ކުރަމުން ދިޔަ މަސައްކަތްތައް އުވާލުމާ ގުޅިގެން އޮޑިޓް އެކައުންޓެންޓްގެ މަޤާމު އުވިފައިވާތީ އާއި، އޮޑިޓް މަސައްކަތް ބަދަލުކުރި އޮޕަރޭޝަންސް ސެކްޝަންގެ އިންވެސްޓިގޭޝަން ޔުނިޓަށް އޭނާ ބަދަލުކުރަން ބެލިއިރު، އިންވެސްޓިގޭޝަން ޔުނިޓްގެ މަޤާމުތަކުގެ ޝަރުޠު އޭނާގައި ފުރިހަމަ ނުވާތީ، އެ ކޮމިޝަންގެ މުވައްޒަފުންގެ ގަވާއިދުގެ 30 ވަނަ މާއްދާއާއި 47 ގޮތުގެމަތިން، ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 25 ވަނަ މާއްދާގައިވާ ފަދައިން ނޯޓިސްގެ މުއްދަތަށްވާ ފައިސާ ދީފައިކަމަށް މައްސަލަ ރައްދުވި ފަރާތުން ބުނިނަމަވެސް، ޢަބްދުﷲ ޔާމީންގެ ވަޒީފާ ގެއްލިގެން ހިނގައިދާނޭކަމުގެ މަޢުލޫމާތު އޭނާ ވަޒީފާއިން ވަކިކުރުމުގެ ކުރިން އޭނާއާ ޙިއްޞާ ކުރެވިފައިވާކަން މައްސަލަ ރައްދުވި ފަރާތުން ސާބިތުކޮށްދީ ފައިނުވާތީ އާއި، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ އޮނިގަނޑަށް ބަދަލުގެނެސް މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރުމަށް އެ ކޮމިޝަންއިން ނިންމާފައިވަނީ ޢަބްދުﷲ ޔާމީން ވަޒީފާއިން ވަކިކުރި ދުވަހުގެ ކުރީދުވަސް ކަމަށްވާ 11 އޮކްޓޫބަރ 2011 ގައިކަން އެނގެން އޮތުމާއި، އޮނިގަނޑަށް ގެންނަ ބަދަލާ ގުޅިގެން ވަޒީފާއިން ވަކިކުރަންޖެހޭ މުވައްޒަފުން ވަޒީފާގައި ދެމިތިބެން ބޭނުންވާނަމަ ވަޒީފާގެ ޝަރުޠު ފުރިހަމަ ކުރުމަށްޓަކައި ބޭނުންވާ ތަޢުލީމާއި ތަމްރީނު ފުރިހަމަ ކުރުމުގެ ފުރުޞަތު ދީފައިވާނޭކަމަށް 11 އޮކްޓޯބަރ 2011 ގައި ބޭއްވި އެ ކޮމިޝަންގެ މެންބަރުގެ ބައްދަލުވުމުގެ ޔައުމިއްޔާގައި ބަޔާންކޮށްފައި ވީނަމަވެސް، އޮނިގަނޑަށް ގެނެވޭ ބަދަލާ ގުޅިގެން އެފަދަ ފުރުޞަތެއް ދީފައިވާކަން ސާބިތު ނުވާތީއާއި، އިންވެސްޓިގޭޝަން ޔުނިޓްގައި އެސިސްޓެންޓް އިންވެސްޓިގޭޝަން އޮފިސަރުގެ މަޤާމު އުފައްދަން ނިންމާ، އެ މަޤާމުގެ ޝަރުތަކީ ޑިޕްލޮމާ ފެންވަރުކަމަށް ނިންމާފައި ވަނީވެސް 11 އޮކްޓޯބަރު 2011 ގައިކަން ސާބިތުވާތީ، މައްސަލަ ހުށަހެޅި ޢަބްދުﷲ ޔާމީން ވަޒީފާއިން ވަކިކުރުމުގެ ކުރިން އޭނާއަށް އިންވެސްޓިގޭޝަން ޔުނިޓްގެ އޮނިގަނޑުގައިވާ އެސިސްޓެންޓް އިންވެސްޓިގޭޝަން އޮފިސަރގެ މަޤާމުގެ ޝަރުޠު ފުރިހަމަ ކުރުމަށް ފުރުޞަތެއް ލިބެންޖެހޭކަމަށް މައްސަލަ ބެލި މަޖިލީހުގެ މެންބަރުންގެ އަޣުލަބިއްޔަތުން ކަނޑައަޅާ، މައްސަލަ ހުށަހެޅި ޢަބްދުﷲ ޔާމީން، މި މައްސަލަ ހިނގަމުން ދަނިކޮށް، ޑިޕްލޮމާ ފެންވަރުގެ ކޯހެއް ފުރިހަމަ ކޮށްފައިވާކަން ސާބިތުވާތީ، ޢަބްދުﷲ ޔާމީންއަށް 6 ސެޕްޓެންބަރު 2012 އިން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ވަޒީފާ ހަމަޖައްސައި ދިނުމަށާއި، އޭނާއަކީ އެއްވެސް ޙާލެއްގައި މައްސަލަ ރައްދުވި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ވަޒީފާއިން ވަކިވެފައިވާ މީހެއްކަމުގައި ނުބެލުމަށާއި، ޢަބްދުﷲ ޔާމީން ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން ވަޒީފާ ހަމަޖެހުމާ ހަމައަށް މުސާރައާއި ޢިނާޔަތުގެ ގޮތުގައި ލިބެންޖެހޭ އެންމެހާ ފައިސާއާއި ޢިނާޔަތްތަކުގެ ތެރެއިން، އޭނާ ވަޒީފާއިން ވަކިކުރިއިރު ދީފައިވާ ފައިސާގެ ޢަދަދު އުނިކުރުމުން ޖެހޭ ފައިސާ، 6 ސެޕްޓެންބަރު 2012 އިން ފެށިގެން 10 (ދިހައެއް) ދުވަހުގެތެރޭ ޢަބްދުﷲ ޔާމީންއަށް އެކީއެއްފަހަރާ ދިނުމަށްފަހު، އެކަން ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ލިޔުމުން އެންގުމަށާއި، މުވައްޒަފުންގެ ވަޒީފާގެ ކަންކަމުގައި ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އާ ޚިލާފުނުވާ ގޮތެއްގެމަތީން ޢަމަލުކުރަމުން ގެންދިއުމަށް މައްސަލަ ރައްދުވި އެންޓި-ކޮރަޕްޝަން ކޮމިޝަންއަށް އަންގާ އަމުރު ކޮށްފައިކަމާއި،
މިކަންކަން އިސްވެ އިޝާރާތް ކުރެވުނު ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 05/VTR/2012 މައްސަލަ ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެއެވެ.
4- ދިވެހިރާއްޖޭގެ ހައިކޯޓުން، އެ ކޯޓުގެ ނަންބަރު 2012/HC-A/343 ޤަޟިއްޔާ ނިންމާފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 05/VTR/2012 މައްސަލައިގައި، ނިންމަވާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑައަޅައި ޙުކުމް ކޮށްގެންކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/343 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން އެނގެއެވެ.
5- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/343 ޤަޟިއްޔާގައި އެ ކޯޓުން ކޮށްފައިވާ ޙުކުމް ބިނާވެފައިވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާގޮތަށް ކަމަށް ބުނެ، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަޟިއްޔާއަށް މައިގަނޑު 06 (ހައެއް) ސަބަބެއް ހުށަހަޅައި އެކަންކަމާބެހޭ ގޮތުން ވާހަކަ ދައްކާފައިވެއެވެ. އޭގެތެރެއިން:
ފުރަތަމަ ސަބަބަކީ، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭ. ސީ. ސީ) ގައި 2011 ވަނަ އަހަރު އިންވެސްޓިގޭޝަން ޔުނިޓެއް ޤާއިމުކުރުމާއެކު އޮޑިޓް ޔުނިޓުގައި ތިބި ހުރިހާ މުވައްޒަފުންގެ ތެރެއިން، އިންވެސްޓިގޭޝަން ޔުނިޓުގައި އުފައްދާފައިވާ މަޤާމުތަކަށް ޝަރުޠު ފުރިހަމަވާ މުވައްޒަފުން، ވަކި މުވައްޒަފެއް ތަފާތު ކުރުމެއްނެތި ހަމަހަމަ އުޞޫލަކުން އިންވެސްޓިގޭޝަން ޔުނިޓަށް ބަދަލުކޮށްފައިވާ ކަމަށާއި، އިންވެސްޓިގޭޝަން ޔުނިޓުގެ ފެށޭ މަޤާމުކަމަށްވާ އެސިސްޓެންޓް އިންވެސްޓިގޭޝަން އޮފިސަރ ކަމުގެ މަޤާމުގެ ޝަރުޠު (ޑިޕްލޮމާ ފެންވަރު) ފުރިހަމަވި ހުރިހާ މުވައްޒަފުން އިންވެސްޓިގޭޝަން ޔުނިޓަށް ބަދަލުކުރެވިފައި ވާކަމަށާއި، އެގޮތުން، މއ. ޝާހީން، މާލެ، ޢަބްދުﷲ ޔާމީނާއި އަދިވެސް ޝަރުޠު ފުރިހަމަ ނުވާ އެހެން މުވައްޒަފުންވަނީ ޤާނޫނާއި ޤަވާޢިދާ އެއްގޮތަށް ނޯޓިސްދިނުމަށްފަހު އެއްވެސް ތަފާތުކުރުމެއް ނެތި 03 މަސް ދުވަހުގެ އަސާސީ މުސާރައާއި އަހަރީ ޗުއްޓީގެ ބާކީ ހުރި ދުވަސްތަކަށްވާ ފައިސާ ދިނުމަށްފަހު 12 އޮކްޓޯބަރ 2011 ގައި ވަޒީފާއިން ވަކިކުރެވިފަ ކަމަށާއި، މިގޮތުން ޢަބްދު ޔާމީން ވަޒީފާއިން ވަކިކުރެވިފައިވާ ވަކިކުރުމަކީ އިންވެސްޓިގޭޝަން ޔުނިޓަށް ބަދަލުކުރެވޭނެ ފެންވަރު ނެތުމުގެ ސަބަބުން ވަޒީފާއިން ވަކިކޮށްފައިވާ ވަކިކުރުމެއްކަމަށާއި، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ މައުޟޫއީ ޢަދުލުވެރިކަމާއި އިޖްރާއީ ޢަދުލުވެރިކަން ޤާއިމުކުރުމަށްފަހުގައި ކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބަޔާންކޮށްފައިވާއިރު، އެކަމަށް ހައިކޯޓުގެ ނަންބަރު 2012/HC-A/343 ޤަޟިއްޔާ ނިންމުމުގައި ހައިކޯޓުން ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބެވެ.
ދެވަނަ ސަބަބަކީ، އޭ.ސީ.ސީ ގެ އޮނިގަނޑަށް އޭރު ގެނެވުނު ބަދަލުގައި އިންވެސްޓިގޭޝަން ޔުނިޓަށް މުވައްޒަފުން ހަމަޖައްސާ އެންމެ ދަށް މަޤާމުގެ ފެންވަރަކީ ޑިޕްލޮމާ ކަމުގައި ހަމަޖައްސާފައިވާ ކަމަށާއި، އަދި މިހާރު އެ ޔުނިޓަށް އަލަށް މުވައްޒަފުން ހަމަޖައްސާ އެންމެ ދަށް މަޤާމުގެ ފެންވަރަކީ ބެޗްލާޒް ޑިގްރީ ކަމުގައިވާނީ ހަމަޖައްސާފަ ކަމަށާއި، ވުމާއެކު، ޢަބްދުﷲ ޔާމީން ވަޒީފާގައި ބެހެއްޓުމަށްޓަކައި ކޮމިޝަންގެ އޮނިގަނޑުގައި ނުހިމެނޭ މަޤާމަކަށް އަދި މަޤާމަށް ބޭނުންވާ ޝަރުޠު ފުރިހަމަ ނުވަނީސް ޢަބްދުﷲ ޔާމީން އަނބުރާ ވަޒީފާއަށް ރުޖޫޢަކުރުމަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/182 ޤަޟިއްޔާއިން ނިންމަވާފައިވާ ނިންމުމާ ތަޢާރުޞުވާ ނިންމުމެއްކަން އޭ.ސީ.ސީ އިން ފާހަގަކުރާކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބެވެ.
ތިންވަނަ ސަބަބަކީ، މުވައްޒަފުންގެ ފެންވަރު މަތިކުރުމަށް ހިންގުނު ޕްރޮގްރާމްގެ ދަށުން ޢަބްދުﷲ ޔާމީނަށް، އޭ.ސީ.ސީގެ ބަޖެޓުން ޚަރަދުކޮށްގެން 2009 ވަނަ އަހަރުން ފެށިގެން އޭ.ސީ.ސީ.އޭ" ފުރިހަމަކުރުމަށް ޚަރަދުކޮށްފައިވާ ކަމަށާއި 2011 ވަނައަހަރު އޭސީސީގެ މުވައްޒަފުންގެ އޮނިގަނޑު ރީސްޓްރަކްޗަރ ކުރިއިރު އޮޑިޓް ޔުނިޓް އުވާލައި، އެ ޔުނިޓުގައި ތިބި މުވައްޒަފުންގެ ތެރެއިން އިންވެސްޓިގޭޝަން ޔުނިޓުގެ މަޤާމުތަކަށް ޝަރުޠު ފުރިހަމަވާ މުވައްޒަފުން އެ ޔުނިޓަށް ބަދަލުކުރިއިރު، އިންވެސްޓިގޭޝަން ޔުނިޓުގެ އޮނިގަނޑުގައި އޮތް އެންމެ ދަށް މަޤާމުކަމުގައިވާ އެސިސްޓެންޓް އިންވެސްޓިގޭޝަން އޮފިސަރ ކަމުގެ މަޤާމުގެ ޝަރުޠަކީ، ޑިޕްލޮމާ ފެންވަރު ކަމަށްވާއިރު، ޢަބްދު ޔާމީން ވަޒީފާއިން ވަކިކޮށްފައިވަނީ އެ މަޤާމަށް ޝަރުޠު ފުރިހަމަ ނުވާތީކަމަށާއި، އަދި ޢަބްދުﷲ ޔާމީން ޑިޕްލޮމާ ފުރިހަމަކޮށްފައިވަނީ އޭ.ސީ.ސީގެ އައު އޮނިގަނޑަށް ޝަރުތުހަމަނުވާ ފަރާތްތައް ރިޑަންޑަންސީގެ ދަށުން ވަކި ކުރެވުނު ފަހުންކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބެވެ.
ހަތަރުވަނަ ސަބަބަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/343 ޤަޟިއްޔާގައި، ޢަބްދުﷲ ޔާމީން ޑިޕްލޮމާ ފެންވަރުގެ ކޯސް ފުރިހަމަކޮށްފައިވަނީ ވަޒީފާއިން ވަކިކޮށް، ނޯޓިސްގެ ފައިސާ ދީފައިވާ މުއްދަތުގައި ކަމަށް ބަޔާންކޮށްފައި ވީނަމަވެސް، ޢަބްދުﷲ ޔާމީންއަށް 03 މަސް ދުވަހުގެ ނޯޓިސްދީ ވަޒީފާއިން ވަކިކޮށްފައިވަނީ 12 އޮކްޓޯބަރ 2011 ގައި ކަމަށްވާއިރު، ޢަބްދު ޔާމީން ކިޔަވަމުންދިޔަ ކޯސް ފުރިހަމަކޮށްފައިވަނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައިކަން އޭނާ ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށަހަޅާފައިވާ ޑިޕްލޮމާ ސެޓްފިކެޓުން އެނގޭއިރު، އޭނާ އެ ކޯސް ފުރިހަމަ ކޮށްފައިވަނީ ވަޒީފާއިން ވަކިކޮށް ދީފައިވާ ނޯޓިސްގެ މުއްދަތު ފަހަނައަޅައި ދިޔަފަހުން ކަމަށާއި، އަދި، އޭ.ސީ.ސީގެ އިދާރީ އޮނިގަނޑު ރީސްޓްރަކްޗަރކޮށް، އެއަށް ޢަމަލުކުރަން ފަށާނީ 2012 ވަނަ އަހަރުގެ ޖެނުއަރީ މަހުގައި ކަމަށާއި، އޮޑިޓް އެކައުންޓެންޓްގެ މަޤާމުގައި ތިބި މުވައްޒަފުންނަށް އެ މަޤާމުގައި ތިބެވޭނީ 2011 ވަނަ އަހަރުގެ ޑިސެންބަރު މަހާ ހަމައަށް ކަމަށްވާއިރު، 2011 ވަނަ އަހަރުގެ ޑިސެންބަރު މަސް ނިމުނުއިރު ޢަބްދުﷲ ޔާމީން ޑިޕްލޮމާ ފެންވަރުގެ ސެޓްފިކެޓެއް ޙާޞިލްކޮށްފައިނުވާ ކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބެވެ.
ފަސްވަނަ ސަބަބަކީ، އެންޓި-ކޮރަޕްޝަން ކޮމިޝަނަކީ ވަރަށް ގިނަބައެއްގެ ޙައްޤުތަކާ ގުޅިފައިވާ ތަޙްޤީޤެއް ހިންގާ އިދާރާއަކަށްވާއިރު، އަދި އިންވެސްޓިގޭޝަން ޔުނިޓަކީ އެ ހުރިހާ ތަޙްޤީޤެއް ޢަމަލީގޮތުން ހިންގާ ޔުނިޓުކަމަށްވާއިރު، އެތަނުގައި ހުންނަ ލިޔެކިއުންތަކާއި އެކި މަރްޙަލާތަކުގައި އެއްކުރެވޭ ހެކިތަކަކީ މައްސަލަތައް ނިމުމުގެ ކުރިން މީޑިޔާއާއި އެހެނިހެން ފަރާތްތަކަށް ހާމަކުރެވިގެންވާނެ ލިޔުމާއި މަޢުލޫމާތުކަމަށް ނުވާއިރު، އަދި އޭ.ސީ.ސީގައި މިހާތަނަށް ޤާއިމުކުރެވިފައިވާ ނިޒާމުގެ ސަބަބުން މައްސަލަތަކާގުޅޭ ސިއްރުތައް އެކަށީގެންވާ ގޮތެއްގައި ހިފެހެއްޓޭއިރު، ވަކި ޙާލަތެއް މެދުވެރިވެއްޖެނަމަ ވަޒީފާއިން ވަކިކުރާނެ ކަމުގެ ނޯޓިސްއެއް ދިނުމަށްފަހު، ތަނުގެ އެންމެހާ ލިޔުންތައް ލިބޭފަދަ މަޤާމެއްގައި މުވައްޒަފެއް ބެހެއްޓުމަކީ އެކަމުގެ ސަބަބުން އިޢާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް އޭ.ސީ.ސީ އާއި މުޖުތަމަޢަށް ލިބިދާނެކަމަކަށް ވުމާއެކު، ބަޔާންކުރެވުނު ޙާލަތުގައި ތިބި ޝަރުޠު ފުރިހަމަނުވާ މުވައްޒަފުން ވަޒީފާއިން ވަކިކުރެވިފައި ވާއިރު، ވަޒީފާއާބެހޭ ޓްރައިބިއުނަލް އާއި ދިވެހިރާއްޖޭގެ ހައިކޯޓުންވެސް އެކަމަށް ރިޢާޔަތްކޮށްފައިނުވާ ކަމަށްބުނެ ހުށަހަޅާފައިވާ ސަބަބެވެ.
ހަވަނަ ސަބަބަކީ، ރިޑަންޑަންސީގެ ދަށުން މުވައްޒަފުން ވަޒީފާއިން ވަކިކުރާނަމަ އެމީހަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން އެކަން އެމީހަކަށް އަންގަންވާނެ މުއްދަތެއް ބަޔާންކޮށްފައިވާ ޝަރުޢީ އަދި ޤާނޫނީ ނައްސެއް ނެތްއިރު، ޢަބްދުﷲ ޔާމީންއަށް ދެވުނު 03 މަސް ދުވަހުގެ ނޯޓިސްގެ މުއްދަތަކީ އެކަށީގެންވާ ނޯޓިހެއް ދީފައިވާކަމަށް ބެލޭނެ މުއްދަތެއް ކަމުގައި ދެކޭކަމަށާ އަދި ނޯޓިސްގެ މުއްދަތުގައި ވަޒީފާއަށް ނުކުންނަން ނުޖެހޭގޮތަށް ހަމަޖެއްސުމަކީ ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން ވަޒީފާދޭ ފަރާތަށް ލިބިދީފައިވާ އިޚްތިޔާރަކަށް ވާއިރު، ކަނޑައެޅިގެން 03 މަސް ކުރިން އޭނާ ވަޒީފާއިން ވަކިކުރިކަން އަންގާ އެ މުއްދަތަށް މުސާރައާއި ޢިނާޔަތްތައް ދީފައިވަނިކޮށް އެކަށީގެންވާ ވަގުތު އޮއްވާ މުވައްޒަފަށް ރިޑަންޑަންސީއާބެހޭ މަޢުލޫމާތު ދީފައިނުވާކަމަށް ބުނުމަކީ ޝަރުޢީ އަދި ޤާނޫނީ އަޞްލެއްގެ މައްޗަށް ކަނޑައަޅާފައިވާ ކަނޑައެޅުމެއް ކަމަށް ނުފެންނަކަމަށާއި، އޭނާއަށް އަލުން ވަޒީފާ ހަމަޖެއްސުމުގެ ނަތީޖާއެއް ކަމުގައި ވާނީ، އޭ.ސީ.ސީ ފަދަ މުއައްސަސާއެއްގެ ސިއްރުތައް ހިފެހެއްޓުމާއި ފަރުދުންގެ ޒާތީ މަޢުލޫމާތު ޙިމާޔަތް ކުރުމުގައި އޭ.ސީ.ސީއިން ގެންގުޅޭ އުޞޫލުތަކާ ފުށުއަރާ ނިންމުމަކަށް ވުންކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/343 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބިނާވެފައިވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާގޮތަށް ކަމަށްބުނެ، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށާއި، މި މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށާއި، އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 09/2015 (14/9/2015) ޢާއްމު ސިޓީގެ މައްޗަށް ރިޢާޔަތްކޮށް އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން މި މައްސަލައިގައި ދެކޭގޮތް ހާމަކުރުމަށް އެފަރާތަށް ދެވުނު ފުރުޞަތުގައި އެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި މައްސަލައާ ގުޅިގެން ޝަރީޢަތުގައި ދެއްކި ވާހަކައަށާއި، މި މައްސަލައާ ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ، މި މައްސަލައާ ގުޅޭ އެންމެހައި ލިޔެކިޔުންތަކުގެ މައްޗަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/343 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ މައްޗަށާއި، އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ މި ބުނެވުނު ޤަޟިއްޔާގެ ދަށުން އިސްތިއުނާފުކުރެވުނު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 05/VTR/2012 މައްސަލަ ނިމުނުގޮތުގެ ރިޕޯޓުގެ މައްޗަށް ޝަރުޢީ އަދި ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންތައްތައް މަޖިލީހަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައި ވެއެވެ.
(ހ) ފުރަތަމަ ކަމަކީ، މއ. ޝާހީން، ޢަބްދުﷲ ޔާމީން، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ އޮޑިޓް އެކައުންޓެންޓްގެ މަޤާމުގައި ހުއްޓައި، އެ ކޮމިޝަނުން، އެ ކޮމިޝަނުގެ އެ ވަޒީފާއިން 12 އޮކްޓޯބަރ 2011 ވަނަ ދުވަހުން ފެށިގެން، ޢަބްދުﷲ ޔާމީން ވަކިކޮށްފައިވާ ކަމާއި، އެ ކޮމިޝަންގެ އެ ވަޒީފާއިން ޢަބްދުﷲ ޔާމީން ވަކިކޮށްފައިވަނީ، އެ ކޮމިޝަންގެ މުވައްޒަފުންގެ އޮނިގަނޑަށް ގެނައި ބަދަލާއެކު އޮޑިޓް ޔުނިޓާއި އެ ޔުނިޓްގައި ކުރަމުން އައި މަސައްކަތް އުވާލުމާ ގުޅިގެން އޮޑިޓް އެކައުންޓެންޓްގެ މަޤާމު އުވިފައިވާތީ އެ ސަބަބަށްޓަކައި ކަމާއި، ޢަބްދުﷲ ޔާމީން އެންޓި-ކޮރަޕްޝަންކޮމިޝަންގައި އަދާކުރަމުންދިޔަ އިސްވެ އިޝާރާތް ކުރެވުނު ވަޒީފާއިން ބުނެވުނު ތާރީޚުން ފެށިގެން، ބަޔާންކުރެވިދިޔަ ސަބަބަށްޓަކައި ވަކިކޮށްފައިވަނީ އެ ކޮމިޝަންގެ މުވައްޒަފުންގެ ގަވާއިދުގެ 30 ވަނަ މާއްދާގެ (ނ) އަދި (ރ) ގައިވާ ގޮތުގެމަތިން އަދި ވަޒީފާއާބެހޭ ޤާނޫނުގެ 25 ވަނަ މާއްދާގައިވާ ގޮތުގެމަތިން، 3 މަސްދުވަހުގެ އަސާސީ މުސާރައާއި އަހަރީ ޗުއްޓީގެ ބާކީހުރި ދުވަސްތަކަށްވާ ފައިސާ ލިބޭގޮތަށް ކަމާއި މިކަންކަން މި މައްސަލައިގެ ޝަރީޢަތަށް ހުށަހެޅިފައިވާ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ނަންބަރު VV-2011/15 (11 އޮކްޓޯބަރު 2011) ގެ "ވަޒީފާއން ވަކިކުރި ޗިޓް" މި ނަމުގައިވާ ލިޔުމުން އެނގެން އޮންނަކަމެވެ.
(ށ) ދެވަނަ ކަމަކީ، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ވަޒީފާއިން ޢަބްދުﷲ ޔާމީން ވަކިކުރެވިފައިވާކަން އަންގައި، 11/10/2011 ގައި، އެ ކޮމިޝަނުން، ޢަބްދުﷲ ޔާމީނަށް ފޮނުވާފައިވާކަން ދެފަރާތުގެ ބަހުން އެނގެން އޮންނަ ނަންބަރު 123-A/MIS/2011/549 ގެ ސިޓީއިން، އެ ކޮމިޝަނުގެ މުވައްޒަފުންގެ އޮނިގަނޑަށް ގެނައި ބަދަލާގުޅިގެން އޮޑިޓް ޔުނިޓާއި އެ ޔުނިޓުގައި ކުރަމުންއައި މަސައްކަތްތައް އުވާލެވިފައިވާ ކަމާއި، މިގޮތުން އެ ޔުނިޓު އުވާލިއިރު އެ ޔުނިޓުގައި މަސައްކަތް ކުރަމުން ގެންދިޔަ މުވައްޒަފުން، އިންވެސްޓިގޭޝަން ބަޔަށް ބަދަލުކުރުމަށް ކޮމިޝަނުން ނިންމައި، އިންވެސްޓިގޭޝަން އޮފިސަރުންގެ އެކިއެކި ރޭންކްތަކަށް ފެތޭ، ޝަރުޠުހަމަވާ މުވައްޒަފުން، އެ މުވައްޒަފެއްގެ އެކަޑަމިކް ކޮލިފިކޭޝަނަށް ރިޢާޔަތްކޮށް އިންވެސްޓިގޭޝަންގެ އެކިއެކި މަޤާމުތަކަށް ބަދަލުކޮށްފައި ވާކަމާއި، އިންވެސްޓިގޭޝަންގެ ރޭންކްތަކަށް ޝަރުޠުހަމަވާ ތަޢުލީމީ ފެންވަރު ޢަބްދުﷲ ޔާމީންގެ ކިބައިގައި ނެތުމުގެ ސަބަބުން ޢަބްދުﷲ ޔާމީން އިންވެސްޓިގޭޝަންއަށް ބަދަލުކުރެވެ ނެތުމާއެކު އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މުވައްޒަފުންގެ ގަވާއިދުގެ 30 ވަނަ މާއްދާގެ (ނ) އަދި (ރ) ގައިވާ ގޮތުގެމަތިން 12 އޮކްޓޯބަރ 2011 ވަނަ ދުވަހުން ފެށިގެން ޢަބްދުﷲ ޔާމީން ވަޒީފާއިން ވަކިކުރެވިފައިވާ ކަމާއި، އަދި މިގޮތުގެމަތިން ޢަބްދުﷲ ޔާމީން، އެ ކޮމިޝަނުގެ ވަޒީފާއިން ވަކި ކުރެވިފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 25 ވަނަ މާއްދާގައިވާ ގޮތުގެމަތިން 3 މަސް ދުވަހުގެ އަސާސީ މުސާރައާއި އަހަރީ ޗުއްޓީގެ ބާކީ ހުރި ދުވަސްތަކަށްވާ ފައިސާ، ޢަބްދުﷲ ޔާމީންއަށް، ލިބޭނެކަން ޢަބްދު ޔާމީނަށް އަންގާފަ ކަމާއި މިކަންކަން، ޢަބްދުﷲ ޔާމީންއަށް އެންޓި-ކޮރަޕްޝަން ކޮމިޝަންއިން ފޮނުވާފައިވާ އިސްވެ އިޝާރާތްކުރެވުނު ސިޓީއިން އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ، ޤާނޫނުއަސާސީގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތު ކަމުގައި ކަނޑައަޅާފައިވާ ކަންކަން ފިޔަވައި އެހެން ކަންކަމުގައި ކޯޓުތަކުގައި ދައުލަތް ތަމްސީލުކުރާނީ ބަންޑާރަނައިބު ކަމުގައި ޤާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާތީ، ދައުލަތުގެ މުއައްސަސާތަކުންނާއި އިދާރާތަކުން ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގައި، އަދި ދައުލަތުގެ މުއައްސަސާ ތަކަށާއި އިދާރާތަކަށް ދަޢުވާ ރައްދުވާ ގޮތަށް ހުށަހެޅޭ މައްސަލަތަކުގައި ކޯޓުތަކުގައި ދައުލަތް ތަމްސީލުކުރާނީ ބަންޑާރަނައިބު ކަމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 09/2015 (14/9/2015) ޢާއްމު ސިޓީއިން ހަމަޖައްސާފައިވާތީ މި މައްސަލައިގައި އެޓަރނީޖެނެރަލްގެ އޮފީހުން ދެކޭގޮތް ހާމަކުރުމަށް ސުޕްރީމް ކޯޓުގެ މި މައްސަލައިގެ ޝަރީޢަތުގެ ފަރާތުން އެޓަރނީޖެނެރަލްގެ އޮފީހަށް ފުރުޞަތު ދިނުމުން، އެ އޮފީހުގެ ފަރާތުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މިޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުވެ، ދީފައިވާ ބަޔާނަށް ބެލިއިރު، މި މައްސަލައިގައި ދައުލަތުން އެދެނީ މި މައްސަލައާ ގުޅިގެން އެންޓި-ކޮރަޕްޝަން ކޮމިޝަނުން، ޝަރީޢަތަށް ދީފައިވާ ބަޔާންތަކާއި ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ބަލައި މައްސަލަ ވީއެންމެ އަވަހަކަށް ނިންމައި ދިނުމަށް ކަމަށްބުނެ ބުނެ އެޓަރނީޖެނެރަލްގެ އޮފީހުގެ ފަރާތުން ވާހަކަ ދައްކާފައިވާކަން އެނގެން އޮންނަކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މައްޗަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 05/VTR/2012 ގެ މައްސަލައިގެ ދަށުން ޢަބްދުﷲ ޔާމީން ހުށަހަޅާފައިވާ މައްސަލައިގެ ޖަވާބުގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާގެ ދަށުން، މުވައްޒަފުން ވަޒީފާއިން ވަކިކުރި ސަބަބަކީ، އެކަށީގެންވާ ސަބަބެއްކަން ސާބިތުކޮށްދިނުމަކީ، ވަޒީފާދޭ ފަރާތުގެ ޒިންމާއެއްކަމަށް އޮންނަ އޮތުމުގެ ޖަވާބެއްގެ ގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަނުން ސަބަބުތަކެއް ފާހަގަކުރާކަމަށާއި އެގޮތުން ޢަބްދުﷲ ޔާމީން އާއި، އެންޓި-ކޮރަޕްޝަން ކޮމިޝަންއާ ދެމެދު 01 މާރޗް 2011 ގައި ވެވިފައިވާ ވަޒީފާގެ އެއްބަސްވުމުގެ 1 ވަނަ މާއްދާގައި، މި އެއްބަސްވުމަކީ ވަޒީފާއާބެހޭ ޤާނޫނުއާއި "އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މުވައްޒަފުންގެ ގަވާއިދު" ގެ ދަށުން ވެވިފައިވާ އިދު" ގެ ދަށުން ވެވިފައިވާ އެއްބަސްވުމެއްކަމަށް ބަޔާންކޮށްފައިވާ ކަމަށާއި، އެހެންކަމުން "އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މުވައްޒަފުންގެ ގަވާއިދު" ގައި ބަޔާންކޮށްފައިވާ އުޞޫލުތައް، މި މައްސަލައިގައި ތަޠުބީޤު ކުރަންވާނެކަމަށާއި، އަދި، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ނަންބަރު123-A/MIS/2011/549 ސިޓީއިން، 12 އޮކްޓޯބަރ 2011 އިން ފެށިގެން ޢަބްދުﷲ ޔާމީން ވަޒީފާއިން ވަކިކުރިކަން ވަނީ އަންގާފަކަމަށާއި، އަދި އެ އެންގުމުގައި ޢަބްދުﷲ ޔާމީން ވަޒީފާއިން ވަކިކުރަންޖެހުނު ސަބަބުތައް ބަޔާންކޮށްފައި ވާނެކަމަށާއި، އެގޮތުން ޢަބްދުﷲ ޔާމީން ވަޒީފާއިން ވަކިކޮށްފައިވަނީ، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މުވައްޒަފުންގެ އޮނިގަނޑަށް އައި ބަދަލަކާ ގުޅިގެން އޮޑިޓު ޔުނިޓާއި އެޔުނިޓްގައި ކުރަމުން އައި މަސައްކަތްތައް އުވާލައި އެ ޔުނިޓުގައި މަސައްކަތް ކުރަމުން ގެންދިޔަ މުވައްޒަފުން އިންވެސްޓިގޭޓިވް ޔުނިޓަށް ބަދަލުކުރަން ނިންމައި، އޮޑިޓް ޔުނިޓްގެ މުވައްޒަފުންގެ އެކަޑަމިކް ކޮލިފިކޭޝަނަށް ރިޢާޔަތްކޮށް އެ މުވައްޒަފުން އިންވެސްޓިގޭޝަންގެ އެކި ރޭންކްތަކަށް ބަދަލުކުރިއިރު، އިންވެސްޓިގޭޝަން ރޭންކަށް ބަދަލުކުރުމަށް ބޭނުންވާ ތަޢުލީމީ ފެންވަރު ޢަބްދުﷲ ޔާމީންގެ ކިބައިގައި ނެތުމުން ކޮމިޝަނުގެ މުވައްޒަފުންގެ ގަވާއިދުގެ 30 ވަނަ މާއްދާގެ (ނ) އަދި (ރ) ގައިވާ ގޮތުގެމަތިން ކަމަށާއި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މުވައްޒަފުންގެ ގަވާއިދުގެ 30 ވަނަ މާއްދާގެ (ރ) ގައި، މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން މަޤާމު އުނިކުރުމުގެ ސަބަބުން ވަކިކުރެވޭ މުވައްޒަފުން، އެ ގަވާއިދުގެ 47 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ނޯޓިސް ދިނުމަށްފަހު، ވަޒީފާއިން ވަކިކުރެވޭނެ ކަމަށް ބަޔާންވެގެންވާ ކަމަށާއި، އަދި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މުވައްޒަފުންގެ ގަވާއިދުގެ 47 ވަނަ މާއްދާގެ (ހ) ގެ 8 ވަނަ ނަންބަރުގައި ސެކްޝަނެއް ނުވަތަ ޔުނިޓެއް އުވާލުމާ ގުޅިގެން މުވައްޒަފުން އުނިކުރަންޖެހުން ބަޔާންވެފައިވުމުން އެއީ، މުވައްޒަފުން ވަޒީފާއިން ވަކިކުރެވޭނެ ޙާލަތްތަކުގެ ތެރޭގައި ހިމެނޭ ޙާލަތެއްކަމަށާއި، އަދި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މުވައްޒަފުންގެ ގަވާއިދުގެ 27 ވަނަ މާއްދާގައި ކޮމިޝަންގެ އިދާރީ އޮނިގަނޑު އެކުލަވާލުމާއި، ކޮމިޝަނަށް ބޭނުންވާ މަޤާމުތައް އުފެއްދުމާއި، މަސައްކަތަށް ބަދަލު ގެނައުމުގެ ސަބަބުން އުވާލަންޖެހޭ މަޤާމުތައް އުވާލުމުގެ ބާރު ކޮމިޝަނުގެ ލިބިގެންވާކަމަށް ބަޔާންވެގެންވާ ކަމަށާއި، އަދި މީގެ އިތުރަށް އެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ހ) ގައި ކޮމިޝަނުގެ އިދާރީ މަސައްކަތުގެ އޮނިގަނޑު އެކުލަވާލާނީ ކޮމިޝަނުގެ ޤާނޫނުގެ ދަށުން ކުރަން ކަނޑައަޅާފައިވާ މަސައްކަތުގެ މައްޗަށް ބަލައިގެން ކަމުގައި ބަޔާންވެގެންވާ ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 25 ވަނަ މާއްދާގައި ވަޒީފާއިން ވަކިކުރުމުގެ ގޮތުން ދޭންޖެހޭ ނޯޓިސް ދިނުމުގެ ބަދަލުގައި، އެ ނޯޓިސްގެ މުއްދަތު ފެށޭ ދުވަހުން ފެށިގެން އެ ނޯޓިސްގެ މުއްދަތު ނިމޭ ދުވަހާ ހަމައަށް އެ މުވައްޒަފަކަށް ލިބޭ މުސާރަ އާއި އެހެނިހެން ޢިނާޔަތްތައް އޭނާއަށް ދިނުމަށްފަހު، ވަޒީފާދޭ ފަރާތަށް އޭނާ ވަޒީފާއިން ވަކިކުރެވިދާނެކަމަށް ބަޔާންވެގެންވާ ކަމަށާއި އެހެންކަމުން އެންޓިކޮރަޕްޝަން ކޮމިޝަނުން ޤަބޫލުކުރަނީ ޢަބްދުﷲ ޔާމީން ވަޒީފާއިން ވަކިކުރެވުނު ސަބަބަކީ އެކަށީގެންވާ ސަބަބެއްކަމުގައި ކަމަށް ބުނެ، މިކަންކަމުގެ މައްޗަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ފަރާތުން މައްސަލައިގެ ޝަރީޢަތަށް ދީފައިވާ ބަޔާންތަކުގައި ވާހަކަ ދައްކާފައިވާކަން އެނގެން އޮންނަކަމެވެ.
(ބ) ފަސްވަނަ ކަމަކީ، މިމައްސަލައާ ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ "އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މުވައްޒަފުންގެ ގަވާއިދު" މިނަމުގައިވާ ގަވާއިދުގެ 30 ވަނަ މާއްދާގެ (ނ) ގައި ސެކްޝަނަކުން ކުރަމުންދިޔަ މަސައްކަތެއް ހުއްޓާލައިފިނަމަ، ނުވަތަ ސެކްޝަނުގެ މަސައްކަތުން ބައެއް އުނިވެއްޖެނަމަ، ހުއްޓާލި ނުވަތަ އުނިވި މަސައްކަތުގެ ބައިގެ ނިސްބަތުން މަޤާމު އުނިކުރަންވާނެ ކަމަށާއި، އެގޮތަށް މަސައްކަތުން ބައެއް އުނިކުރެވޭ ޙާލަތުގައި، އެ މަސައްކަތެއް ކުރުމަށް އެއްމަޤާމަށްވުރެ، ގިނަ މަޤާމު އޮތްނަމަ، އޮނިގަނޑުގައި ބާއްވާނެ މަޤާމު ކަނޑައަޅާނީ މަޤާމުގެ ބޭނުންތެރި ކަމުގެ މައްޗަށް ބަލާފަ ކަމަށާއި، އަދި އެގޮތަށް، މަސައްކަތުން ބައެއް އުނިކުރެވޭ ޙާލަތުގައި، އެ މަސައްކަތެއް ކުރުމަށް އެކަކަށްވުރެ ގިނަ މީހުން ތިބިނަމަ، އެމީހުންގެ ތެރެއިން މަޤާމުގައި ބަހައްޓާނެ މީހެއް ނުވަތަ ބަޔަކު ކަނޑައަޅާނީ އެ މުވައްޒަފެއްގެ ނުވަތަ އެބައެއްގެ މަސައްކަތުގެ ފެންވަރާއި ތަޢުލީމީ ފެންވަރަށް ބަލައިގެން ކަމަށް ބަޔާން ވެފައިވާކަމާއި، އަދި ބުނެވުނު ގަވާއިދުގެ 30 ވަނަ މާއްދާގެ (ރ) ގައި މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން މަޤާމު އުނިކުރުމުގެ ސަބަބުން ވަކިކުރެވޭ މުވައްޒަފުން، މި ގަވާއިދުގެ 47 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ނޯޓިސް ދިނުމަށްފަހު ވަޒީފާއިން ވަކިކުރެވިދާނެ ކަމަށް ބަޔާންވެފައިވާ ކަމާއި، އަދި ބުނެވުނު ގަވާއިދުގެ 47 ވަނަ މާއްދާގެ (ހ) ގައި އެ މާއްދާގައި ބަޔާންކޮށްފައިވާ ސަބަބުތަކުގެ ތެރެއިން ސަބަބެއް މެދުވެރިވެއްޖެނަމަ، އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނެކަމަށް ބަޔާންވެފައިވާއިރު، މި މާއްދާގެ (ހ) ގެ 8 ވަނަ ނަންބަރުގައި "ސެކްޝަނެއް ނުވަތަ ޔުނިޓެއް އުވާލުމާއި ގުޅިގެން މުވައްޒަފުން އުނިކުރަންޖެހުން" ހިމެނިގެންވާ ކަމާއި، އަދި ބުނެވުނު ގަވާއިދުގެ 27 ވަނަ މާއްދާގައި ކޮމިޝަންގެ އިދާރީ އޮނިގަނޑު އެކުލަވާލުމާއި، ކޮމިޝަނަށް ބޭނުންވާ މަޤާމުތައް އުފެއްދުމާ މަސައްކަތަށް ބަދަލު ގެނައުމުގެ ސަބަބުން އުވާލަންޖެހޭ މަޤާމުތައް އުވާލާނީ ކޮމިޝަނުގެ މެންބަރުން ކަމަށް ބަޔާންވެފައިވާ ކަމާއި، ބުނެވުނު ގަވާއިދުގެ 29 ވަނަ މާއްދާގެ (ހ) ގައި ކޮމިޝަންގެ އިދާރީ އޮނިގަނޑު އެކުލަވާލާނީ ކޮމިޝަންގެ ޤާނޫނުގެ ދަށުން ކުރަން ކަނޑައަޅާފައިވާ މަސައްކަތުގެ މައްޗަށް ބަލައިގެންކަމަށް ބަޔާންވެފައިވާ ކަމާއި، އަދި ހަމަ ބުނެވުނު ގަވާއިދުގެ 29 ވަނަ މާއްދާގެ (ށ) ގައި އިދާރީ އޮނިގަނޑު އެކުލަވާލުމުގައި ކޮމިޝަނުގެ މަސައްކަތުގެ ކުޑަބޮޑު މިނަށްބަލައި، އެ މަސައްކަތްތައް އެންމެ ފުރިހަމަ ގޮތުގައި ކުރެވޭނެ ގޮތަކަށް، ޑިޕާޓްމަންޓު، ޑިވިޜަން، ސެކްޝަން އަދި ޔުނިޓްތައް އުފައްދައި، އެއިން ކޮންމެ ހަރުފަތަކަށް ވަކިވަކި މަސައްކަތްތަކާއި މަޤާމުތައް ކަނޑައަޅަން ވާނެކަމަށް ބަޔާންވެފައިވާ ކަމާއި މިކަންކަން އިސްވެ އިޝާރާތް ކުރެވުނު "އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މުވައްޒަފުންގެ ގަވާއިދު" ގެ އިސްވެ އިޝާރާތްކުރެވުނު މާއްދާތަކަށް ބެލުމުން އެނގެން އޮންނައިރު، މި ޤަވާޢިދަކީ، ޢަބްދުﷲ ޔާމީން އެންޓި-ކޮރަޕްޝަން ކޮމިޝަންގެ އޮޑިޓް ޔުނިޓުގައި އަދާކުރަމުންދިޔަ އޮޑިޓް އެކައުންޓެންޓުގެ މަޤާމުން 12 އޮކްޓޯބަރ 2011 ގައި ވަކިކުރެވުނުއިރު، ޢަމަލުކުރެވެމުންދިޔަ ޤަވާޢިދެއްކަން، މައްސަލައާ ގުޅިގެން މި ދެފަރާތުން ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކަށް ބެލުމުން އެނގެން އޮންނަކަމެވެ.
(ޅ) ހަވަނަ ކަމަކީ، ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 25 ވަނަ މާއްދާގައި ވަޒީފާއިން ވަކިކުރުމުގެ ގޮތުން ދޭންޖެހޭ ނޯޓިސްދިނުމުގެ ބަދަލުގައި، އެ ނޯޓިސްގެ މުއްދަތުފެށޭ ދުވަހުން ފެށިގެން އެ ނޯޓިސްގެ މުއްދަތު ނިމޭ ދުވަހާ ހަމައަށް، އެ މުވައްޒަފަކަށް ލިބެންޖެހޭ މުސާރައާއި އެހެނިހެން ޢިނާޔަތްތައް، ހަމައަށް އޭނާއަށް ދިނުމަށްފަހު، ވަޒީފާ ދޭފަރާތަށް ، އޭނާ ވަޒީފާއިން ވަކިކުރެވިދާނެ ކަމަށް ބަޔާންވެފައި ވާކަން އެނގެން އޮންނައޮތުމެވެ.
(ކ) ހަތްވަނަ ކަމަކީ، މައްސަލައާ ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ، 11 އޮކްޓޯބަރ 2011 ދުވަހު ބޭއްވުނު، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރުންގެ އިދާރީ ބައްދަލުވުމުގެ ޔައުމިއްޔާ އަށް ބަލާއިރު، ކޮމިޝަނުގެ މުވައްޒަފުންގެ ގަވާއިދުގެ 30 ވަނަ މާއްދާގެ (ނ) އާއި (ރ) ގައިވާ ގޮތުގެމަތިން އޮޕަރޭޝަން ސެކްޝަނުގެ އޮޑިޓް ޔުނިޓާއި، އެ ޔުނިޓުގެ މަޤާމުތައް އުވާލުމަށް ނިންމުމާ ގުޅިގެން، އިންވެސްޓިގޭޝަން އޮނިގަނޑަށް ޝަރުޠު ހަމަނުވާ އޮޑިޓް އެކައުންޓަންޓް ގްރޭޑް 1 ގެ މަޤާމުގައި ތިބި މުވައްޒަފުން، 3 މަސްދުވަހުގެ މުސާރައާއި، އަހަރީ ޗުއްޓީއިން ބާކީ ހުރި ދުވަސްތަކަށް ދޭންޖެހޭ ފައިސާ ދިނުމަށްފަހު، ވަޒީފާއާބެހޭ ޤާނޫނުގެ 25 ވަނަ މާއްދާގައިވާ ގޮތުގެމަތިން 12 އޮކްޓޯބަރ2011 އިން ފެށިގެން ވަޒީފާއިން ވަކި ކުރުމަށް ކޮމިޝަނުން ނިންމާފައިވާ ކަމާއި، ކޮމިޝަނުގެ އޮޑިޓަރުންގެ އޮނިގަނޑުގެ އެންމެ ދަށް އެކަޑަމިކް ލެވެލްއަކީ ޑިޕްލޮމާ ކަމާއި، އަދި އެސިސްޓެންޓް އޮޑިޓަރުންނަށް ބަދަލުވެވޭނެ ހަމައެކަނި ފުރުޞަތަކީ ޑިޕްލޮމާ ފެންވަރުގެ ސެޓްފިކެޓެއް އޮތުންކަމާއި މިކަންކަން މި ޔައުމިއްޔާއިން އެނގެން އޮންނަކަމެވެ.
(އ) އަށްވަނަ ކަމަކީ، 11 އޮކްޓޯބަރ 2011 ވަނަ ދުވަހު، އެންޓި-ކޮރަޕްޝަން ކޮމިޝަން އިން ނިންމި އިސްވެ މި ބަޔާންކުރެވި ދިޔަ ނިންމުމުގެ ދަށުން، ކޮމިޝަނުގެ އެޑިޓަރުންގެ އޮނިގަނޑުގެ އެންމެ ދަށް އެކަޑަމިކް ލެވެލްއަކީ، ޑިޕްލޮމާ ފެންވަރުކަން އެނގެން އޮންނައިރު، ޢަބްދުﷲ ޔާމީން އެ ކޮމިޝަނުގައި އަދާކުރަމުންދިޔަ އޮޑިޓް އެކައުންޓެންޓްގެ ވަޒީފާއިން 12 އޮކްޓޯބަރ 2011 ދުވަހުން ފެށިގެން ވަކިވެފައިވާ ކަމަށް އެ ކޮމިޝަނުން ނިންމިއިރު، ޢަބްދުﷲ ޔާމީންގެ އަތުގައި ޢަބްދުﷲ ޔާމީން ޙާޞިލްކޮށްފައިވާ ޑިޕްލޮމާ ނުވަތަ އެއަށްވުރެ މަތީ ފެންވަރުގެ ސެޓްފިކެޓެއް ނެތްކަން މައްސަލައާ ގުޅިގެން ދެފަރާތުން ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނަކަމެވެ.
(ވ) ނުވަވަނަ ކަމަކީ، މި މައްސަލައާ ގުޅިގެން، ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔުންތަކުގެ ތެރޭގައި ހިމެނޭ، ވަޒީފާ ދޭ ފަރާތުގެ ޙައިޘިއްޔަތުން އެންޓި-ކޮރަޕްޝަން ކޮމިޝަން އާއި، އަދި ވަޒީފާ އަދާކުރާ ފަރާތުގެ ޙައިޘިއްޔަތުން ޢަބްދުﷲ ޔާމީން އާއި ދެމެދު 1 މާރޗް 2011 ގައި ވެވިފައިވާކަމަށް މި ދެ ފަރާތުންމެ އެއްބަސްވާ ވަޒީފާގެ އެއްބަސްވުމަށް ބަލާއިރު މި އެއްބަސްވުމަކީ 1 މާރޗް 2011 އިން ފެށިގެން 31 މެއި 2014 އަށް (ޖުމްލަ 03 (ތިން) އަހަރާއި 03 (ތިން) މަސްދުވަހުގެ މުއްދަތަށް) މި ދެފަރާތުގެ ދެމެދުގައި ވެވިފައިވާ އެއްބަސްވުމެއްކަން އެނގެން އޮތްނަމަވެސް އެއްބަސްވުމުގެ 1 ވަނަ މާއްދާގައި މި އެއްބަސްވުމަކީ ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އާއި "އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މުވައްޒަފުންގެ ގަވާއިދު" ގެ ދަށުން މި ދެ ފަރާތުގެ ދެމެދުގައި ވެވޭ އެއްބަސްވުމެއް ކަމަށް ބަޔާންކުރެވިފައި ވާކަން އެނގެން އޮތުމުން އެއްބަސްވުމުގައި، ޢަބްދުﷲ ޔާމީން ސޮއިކޮށްފައިވަނީ، ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އާއި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މުވައްޒަފުންގެ ކަންކަން ރެގިއުލޭޓް ކުރުމަށް ކޮމިޝަނުން އެކުލަވާލާފައިވާ، ކަމާގުޅޭ ގަވާއިދުތަކުގައި، ކަނޑައެޅިފައިވާ އުޞޫލުތައް ޢަބްދުﷲ ޔާމީނުގެ މައްޗަށް ކޮންމެ އިރެއްގައިވެސް ތަޠުބީޤު ކުރެވިދާނެކަން ޢަބްދުﷲ ޔާމީނަށް މި އެއްބަސްވުމުގެ ދަށުންވެސް އެންގިގެންކަން އަދި އެނގިހުރެކަން އެނގެން އޮތުމުން، ޢަބްދުﷲ ޔާމީން އެ ކޮމިޝަނުގައި އަދާކުރަމުން ދިޔަ ވަޒީފާއިން އިސްވެ އިޝާރާތްކުރެވުނު ތާރީޚުގައި އެ ކޮމިޝަނުން ވަކިކޮށްފައިވަނީ އިސްވެ އިޝާރާތްކުރެވުނު "އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މުވައްޒަފުންގެ ގަވާއިދު" ގެ އިސްވެ އިޝާރާތް ކުރެވިދިޔަ 30 ވަނަ މާއްދާގެ (ނ) އާއި (ރ) އާއި އަދި އެ ގަވާއިދުގެ 47 ވަނަ މާއްދާއާއި 29 ވަނަ މާއްދާގެ (ހ) އާއި (ށ) އާއި އަދި ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 25 ވަނަ މާއްދާގައި ކަނޑައެޅި ބަޔާންވެފައިވާ އުޞޫލުތަކުގެ ދަށުން ކޮމިޝަންގެ އިދާރީ އޮނިގަނޑަށް ގެންނަ ބަދަލަކާ ގުޅިގެން އަޅާ ފިޔަވަޅެއްގެ ދަށުން އެ މާއްދާތަކުގައި ކަނޑައެޅި ބަޔާންވެފައިވާ އުޞޫލުތަކާއި އިޖުރާއާތުގެ ތެރެއިން ޢަބްދުﷲ ޔާމީނުވެސް އެ ކޮމިޝަނުގައި އަދާކުރަމުންދިޔަ ވަޒީފާއަކުން ވަކިކުރެވިދާނެ މައުޟޫޢީ އަދި އިޖުރާއީ މިންގަނޑުތަކާއި އުޞޫލުތައް ކުރިންސުރެ ޢަބްދުﷲ ޔާމީނަށް އެންގިފައިވާކަމަށް އަދި އެނގިފައިވާ ކަމަށް ބެލެވޭ ނިޒާމެއްގެ ތެރެއިންކަން އެނގެން އޮންނަކަމެވެ.
(މ) ދިހަވަނަ ކަމަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 05/VTR/2012 މައްސަލަ، އެ ޓްރައިބިއުނަލްއިން ނިންމުމުގައި އެ ޓްރައިބިއުނަލްއިންނާއި އަދި މި މައްސަލައިގެ ޝަރީޢަތަށް ޢަބްދުﷲ ޔާމީނުގެ ފަރާތުން ދީފައިވާ ބަޔާންތަކުގައި ޙަވާލާދީފައިވާ އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން (އައި.އެލް.އޯ) ގެ ކޮންވެންޝަން ނަންބަރ 158 "ޓަރމިނޭޝަން އޮފް އެމްޕްލޯއިމަންޓް ކޮންވެންޝަން 1982" އާއި "ޓަރމިނޭޝަން އޮފް އެންޕްލޯއިމަންޓް ރެކޮމެންޑޭޝަން 1982 (ނަންބަރު 166) އާއި މި ދެ އިންސްޓްރޫމަންޓަކީ އޭގައި ދިވެހިރާއްޖެ ބައިވެރިވެފައިވާ އިންސްޓްރޫމަންޓްތަކެއް ނޫންކަން މި މައްސަލައާ ގުޅިގެން، މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްއިން މި ކޯޓަށް ދީފައިވާ ރަސްމީ މަޢުލޫމާތުތަކުން އެނގެން އޮތުމުގެ އިތުރުން މި ދެ އިންސްޓްރޫމަންޓްގެ ތެރެއިން އެއްވެސް އިންސްޓްރޫމެންޓެއްގައި މުއައްސަސާއެއްގެ ހިންގުމާއި އުފެއްދުންތެރިކަން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން އެ މުއައްސަސާއެއްގެ އިދާރީ އޮނިގަނޑަށް ގެންނަ ބަދަލެއްގެ ސަބަބުން މުވައްޒަފުންގެ ޝަރުޠުތަކާއި އަދި ތަޢުލީމީ މިންގަނޑުތަކަށް ގެންނަ ބަދަލެއްގެ ސަބަބުން އެ އޮފީހެއްގައި ނުވަތަ އެ މުއައްސަސާއެއްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފަކު، ނުވަތަ މުވައްޒަފުންތަކެއް، ކަނޑައެޅިފައިވާ ވަކި އުޞޫލެއްގެ ތެރެއިން އެ މީހުން އަދާކުރަމުން ދާ ވަޒީފާއަކުން އެއްވެސް ޙާލެއްގައި ވަކިކުރުމަށް ހުރަސްއަޅާފައިވާ މާއްދާއެއް ނުވަތަ އުޞޫލެއް ނެތްކަމާއި، އަދި ކިއެއްތަ! އިޝާރާތް ކުރެވުނު ދެ އިންސްޓްރޫމެންޓްއަށް ބަލާއިރު، މުއައްސަސާއެއްގެ ނުވަތަ ޚިދުމަތްދޭ ތަނެއްގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން އެތަނެއްގެ އިދާރީ އޮނިގަނޑަށް ކޮންމެހެން ގެންނަންޖެހޭ ބަދަލެއްގެ ތެރެއިން މުވައްޒަފުންގެ ޝަރުޠުތަކާއި ތަޢުލީމީ މިންގަނޑުތައް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ކޮންމެހެން ބޭނުންވާ ކަންތައްތަކެއްގެ ދަށުން، އެ މުއައްސަސާއަކަށް އިންތިޒާމީގޮތުން އިންތިޒާމީގޮތުން ގެންނަންޖެހޭ ބަދަލެއްގެ ސަބަބުން އެތަނުގެ މުވައްޒަފެއްގެ ނުވަތަ މުވައްޒަފުންތަކެއްގެ ވަޒީފާ ނިމުމަކަށް ގެންނަން ޖެހިއްޖެނަމަ އެފަދަ މުވައްޒަފުންނަށް، އެ ޤައުމެއްގައި ޢަމަލުކުރެވޭ ކަމާބެހޭ ޤާނޫނުތަކާއި ޕްރެކްޓިސްތަކުގައި ކަނޑައެޅި ބަޔާން ވެފައިވާ ގޮތެއްގެމަތިން އެފަދަ މުވައްޒަފުންގެ ޚިދުމަތް ނިމުމަކަށް ގެނެވޭތީ އޭގެ ބަދަލުގައި އެމީހުންނަށް ދިނުމަށް ކަނޑައަޅާފައިވާ ލިއްދީ އެފަދަ މުވައްޒަފުންގެ ޚިދުމަތް ނިމުމަކަށް ގެނައުން، އެ ދެ އިންސްޓްރޫމެންޓް މަނާ ނުކުރާކަން އެ ދެ އިންސްޓްރޫމެންޓްގެ ކަމާބެހޭ މާއްދާތަކުގައި ބަޔާންވެފައިވާ އަޙުކާމުތަކަށް ބެލުމުން ޙައްޤެއް އެނގެން އޮންނަކަމެވެ.
(ފ) އެގާރަވަނަ ކަމަކީ، ޢަބްދުﷲ ޔާމީން، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ އޮޑިޓް އެކައުންޓެންޓްގެ މަޤާމުގައި ހުއްޓައި، އެކޮމިޝަނުގެ ވަޒީފާއިން ޢަބްދުﷲ ޔާމީން ވަކިކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ޢަބްދުﷲ ޔާމީން ދެ މައިގަނޑު ސަބަބަކީ، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާގައި މުވައްޒަފުންނަށް ލިބިދީފައި އޮންނަ ރައްކާތެރިކަން ގެއްލިގެންދާ ގޮތަށްކަމަށް އޭނާ ދެކޭތީ އެ ސަބަބަށްޓަކައި ކަން މައްސަލައާ ގުޅިގެން ޢަބްދުﷲ ޔާމީންގެ ފަރާތުން ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނައިރު ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާއަށް ބަލާއިރު، އެ މާއްދާ އެކުލެވިގެންވަނީ (ހ) އަދި (ށ) ގެ މައްޗަށްކަމާއި އެ މާއްދާގެ (ހ) ގައި ބުނަނީ މުވައްޒަފެއްގެ މަސައްކަތުގެ ޤާބިލުކަން ނުވަތަ އަޚްލާޤީ މިންގަނޑު ރަނގަޅުކުރުމަށް ފިޔަވަޅު އެޅުމަށްފަހުވެސް އޭނާގެ މަސައްކަތުގެ އަޚްލާޤާއި ނުވަތަ އޭނާ ވަޒީފާއަދާކުރާ ތަން ރަނގަޅުގޮތުގައި ހިންގުމާ ގުޅިފައިވާ އޭނާގެ ޒިންމާ އަދާނުކުރާކަމުގެ އެކަށީގެންވާ ސަބަބަކާ ލައިގެން މެނުވީ، ވަޒީފާ އަދާކުރަމުންދާ މުވައްޒަފަކު، އޭނާ ވަޒީފާއިން ވަކިކޮށްގެން ނުވާނެ ކަމުގައި ކަމާއި، އަދި ބުނެވުނު މާއްދާގެ (ށ) އަށް ބަލާއިރު އެ އަކުރުގައި ބަޔާންކޮށްފައިވަނީ މަސައްކަތުގެ އަޚްލާޤީ މިންގަނޑަށް މުވައްޒަފަކު ތަބާނުވާކަމަށް ބެލުމުގައި، ނުވަތަ މުވައްޒަފަކު އޭނާގެ ވަޒީފާއިން ވަކިކުރުމުގައި، އެކަށީގެންވާ ސަބަބުތަކެއް ކަމުގައި ނުބެލެވޭނެ ކަންތައްތައްކަން އެނގެން އޮންނައިރު، އޭގެ ތެރޭގައި، މުއައްސަސާއެއްގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން އެތަނެއްގެ އިދާރީ އޮނިގަނޑަށް ކޮންމެހެން ގެންނަންޖެހޭ ބަދަލެއްގެ ތެރެއިން މުވައްޒަފުންގެ ޝަރުޠުތަކާއި ތަޢުލީމީ މިންގަނޑުތައް އިތުރަށް ވަރުގަދަކުރުމުގެ ގޮތުން ކޮންމެހެން ބޭނުންވާ ކަންތައްތަކެއްގެ ދަށުން، އެ މުއައްސަސާއަކަށް އިންތިޒާމީގޮތުން ގެންނަންޖެހޭ ބަދަލެއްގެ ދަށުން އަލަށް ކަނޑައެޅުނު ޝަރުޠުތަކާއި ތަޢުލީމީ މިންގަނޑުތައް މުވައްޒަފެއްގެ ކިބައިގައި ފުރިހަމަ ނުވުން ހިމެނިފައި ނުވާކަން ކަން އެނގެން އޮތުމުގެ އިތުރުން ބުނެވުނު މާއްދާގެ (ހ) އިން ކަށަވަރު ކޮށްދީފައިވަނީ އެކަށީގެންވާ ރަނގަޅު ސަބަބަކާ ލައިގެން މެނުވީ ވަޒީފާ އަދާކުރަމުންދާ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްގެން ނުވާނެކަން ކަން އެ މާއްދާގެ އެ އަކުރު ޢިބާރާތް ކުރެވިފައިވާ ގޮތުގެ މައްޗަށް ވިސްނާބެލުމުން އެނގެން އޮތުމުންނާއި، އަދި ހަމަ އެހެންމެ ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 25 ވަނަ މާއްދާގައި ބުނާ އުޞޫލުގެ މަތިން އެ މާއްދާގައި ބުނާ ޙައްޤުތައް މުވައްޒަފަށް ލިބިދީ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވިދާނެކަން އެ މާއްދާއިން އެނގެން އޮންނައިރު، ބުނެވުނު ޤާނޫނުގެ 25 ވަނަ މާއްދާ އައިސްފައިވަނީ، އެ ޤާނޫނުގެ 21 ވަނަ މާއްދާއާ އެއްވެސް ގުޅުމެއް ނެތް ގޮތެއްގައިކަން އެނގެން އޮތުމުންނާއި އަދި ހަމައެހެންމެ އިސްވެ ބަޔާންކުރެވި ދިޔަ ފަދައިން، މުއައްސަސާއެއްގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން އެތަނެއްގެ އިދާރީ އޮނިގަނޑަށް ޒަމާނާ ޙާލަތަށް ރިޢާޔަތްކޮށް ކޮންމެހެން ގެންނަޖެހޭ ބަދަލެއްގެ ތެރެއިން މުވައްޒަފުންގެ ޝަރުޠުތަކާއި ތަޢުލީމީ މިންގަނޑުތައް އިތުރަށް ވަރުގަދަކޮށް ހަރުދަނާ ކުރުމުގެ ގޮތުން ކޮންމެހެން ބޭނުންވާ ކަންތައްތަކެއްގެ ދަށުން، އެ މުއައްސަސާއަކަށް އިންތިޒާމީގޮތުން ފެމެހެން ގެންނަންޖެހޭ ބަދަލެއްގެ ދަށުން އަލަށް ކަނޑައެޅުނު ޝަރުޠުތަކާއި ތަޢުލީމީ މިންގަނޑުތައް މުވައްޒަފެއްގެ ނުވަތަ މުވައްޒަފުން ތަކެއްގެ ކިބައިގައި ފުރިހަމަނުވާ ޙާލަތުގައި، އެފަދަ މުވައްޒަފުންނަށް ޤާނޫނުގައި ކަނޑައެޅިފައިވާ ޙައްޤެއް ފުރިހަމައަށް ލިބިދިނުމާއެކު، އެފަދަ މުވައްޒަފުންގެ ޚިދުމަތް ނިމުމަކަށް ގެނެވިދާނެ މައުޟޫޢީ އަދި އިޖުރާއީ މިންގަނޑުތަކާއި އުޞޫލުތައް ކުރިންސުރެ ބަޔާންކުރެވި، އެނގިފައިވާކަމަށް ބެލެވޭ ނިޒާމެއްގެ ތެރެއިން މުވައްޒަފެއްގެ ޚިދުމަތް ނިމުމަކަށް ގެނައުމަށް ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާއިން ނުވަތަ އެނޫން މާއްދާއަކުން ވިޔަސް އެ ޤާނޫނު ހުރަސްއަޅާފައި ނުވާކަން އެނގެން އޮތްއިރު، ޢަބްދުﷲ ޔާމީނު، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ އިސްވެ އިޝާރާތް ކުރެވުނު ވަޒީފާއިން އިސްވެ އިޝާރާތްކުރެވުނު ތާރީޚުގައި ވަކިކޮށްފައިވަނީ، ޢަބްދު ޔާމީން އެ ކޮމިޝަނުގައި އަދާކުރަމުންދިޔަ ވަޒީފާއަކުން ވަކިކުރެވިދާނެ މައުޟޫޢީ އަދި އިޖުރާއީ މިންގަނޑު ތަކާއި އުޞޫލުތައް ކުރިންސުރެ ޢަބްދުﷲ ޔާމީންއަށް އެންގިފައިވާކަމަށް އަދި އެނގިފައި ވާކަމަށް ބެލެވޭ ނިޒާމެއްގެ ތެރެއިންކަން މަތީގައި ބަޔާންކުރެވިދިޔަ އެންމެހާ ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް ބެލުމުން އެނގެން އޮންނާތީ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މުވައްޒަފެއްގެ ގޮތުގައި ޢަބްދުﷲ ޔާމީން ހުއްޓައި، އެ ކޮމިޝަނުގައި ޢަބްދުﷲ ޔާމީން އަދާކުރަމުންދިޔަ ވަޒީފާއިން ވަކިކުރަންޖެހުނު ސަބަބުތައް ބަޔާންކޮށް އިސްވެ އިޝާރާތްކުރެވުނު އެ ކޮމިޝަނުގެ ނަންބަރު VV-2011/15 (11 އޮކްޓޯބަރު 2011) ގެ "ވަޒީފާއިން ވަކިކުރި ޗިޓް" ގެ ދަށުން ޢަބްދުﷲ ޔާމީން، 12 އޮކްޓޯބަރ 2011 އިން ފެށިގެން ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ބެލެވޭނެ ތަނެއް ނެތްކަން އެނގެން އޮންނައޮތުމެވެ.
(ދ) ބާރަވަނަ ކަމަކީ، އިސްވެ ބަޔާންކުރެވިދިޔަ ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، އެންޓި-ކޮރަޕްޝަން ކޮމިޝަންގައި ޢަބްދުﷲ ޔާމީން އަދާކުރަމުންދިޔަ އޮޑިޓް އެކައުންޓެންޓްގެ މަޤާމުން ޢަބްދުﷲ ޔާމީން 12 އޮކްޓޯބަރ 2011 ވަނަ ދުވަހުން ފެށިގެން ވަކިކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށް ބެލެވޭނެ ތަނެއްނެތްކަން އެނގެން އޮންނާތީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 05/VTR/2012 މައްސަލައިގައި އެ ޓްރައިބިއުނަލްއިން ނިންމާފައިވާ ނިންމުމާއި އެ ޓްރައިބިއުނަލްގެ ބުނެވުނު މައްސަލައިގައި އެ ޓްރައިބިއުނަލްއިން ނިންމާފައިވާ އެ ނިންމުމަށް ބަދަލުގެންނަންޖެހޭ ނެތްކަމަށް ކަނޑައަޅައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/343 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމް، ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާ ކަމަށް ސަބަބެއް ބެލެވޭނެ ތަނެއް ނެތްކަން އެނގެން އޮންނަކަމެވެ.
ޙުކުމް
އިސްވެދިޔަ ސަބަބުތަކާއި ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް ބެލުމުން އެންޓި-ކޮރަޕްޝަން ކޮމިޝަނުން، އެ ކޮމިޝަނުގައި މއ. ޝާހީން، ޢަބްދުﷲ ޔާމީން އަދާކުރަމުން ދިޔަ އޮޑިޓް އެކައުންޓެންޓްގެ މަޤާމުން 12 އޮކްޓޯބަރ 2011 ވަނަ ދުވަހުން ފެށިގެން ޢަބްދުﷲ ޔާމީން ވަކިކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށް ބެލެވޭނެ ތަނެއް ނެތްކަން އެނގެން އޮންނާތީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 05/VTR/2012 މައްސަލައިގައި ޢަބްދުﷲ ޔާމީން އެދިފައިވާ ގޮތަށް އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މައްޗަށް އަންގާ އަމުރުކުރާނެ ތަނެއް ނެތްކަމަށް ކަނޑައެޅުމާއެކު،
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 05/VTR/2012 މައްސަލައިގެ ނިންމުމާއި އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/343 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަން އެނގެން އޮންނާތީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 05/VTR/2012 މައްސަލައިގެ ނިންމުމާއި އަދި އެ މައްސަލަ އިސްތިއުނާފްކޮށް ބެލެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/343 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލްކަމަށް ކަނޑައަޅައި
މިގޮތުގެމަތިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މި މައްސަލަބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދު
ފަނޑިޔާރު ޢަބްދުﷲ ޢަރީފް
ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.