—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 2014/SC-E/02
ދަޢުވާކުރާ ފަރާތް: މަސްޢޫދު އަޙްމަދު
ދަޢުވާ ލިބޭ ފަރާތް: އިލެކްޝަންސް ކޮމިޝަން
މައްސަލައިގެ ބާވަތް: ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ޝަރުޠާގުޅޭ
މައްސަލަ އައިގޮތް: އިންތިޚާބަށް ކުރިމަތިލުމުގެ ޝަރުޠާބެހޭ ގޮތުން މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚް: 22 ޑިސެމްބަރ 2013
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 06 ޖަނަވަރީ 2014
ނިމުނު ތާރީޚް: 12 ޖަނަވަރީ 2014 މާޗް 2009
މައްސަލަ ނިންމި ގަޑި: 16:46 45
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން، ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު، ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
މައްސަލައިގެ ޚުލާޞާ
މިއީ، 18 ޖެނުއަރީ 2014 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ގއ. އަތޮޅު ކައުންސިލް ވިލިނގިލި ދާއިރާގެ ގޮނޑިއަށް ކުރިމަތިލުމަށްޓަކައި، ގއ. ވިލިނގިލި، ބޮކަރުމާވިލާ، މަސްޢޫދު އަޙްމަދު ، 10 ޑިސެމްބަރ 2013 ވީ އަންގާރަ ދުވަހު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ނަންބަރު 2013/P/P2/13 ފޯމް، ގއ. އިލެކްޝަންސް އަތޮޅު ޔުނިޓަށް ހުށަހެޅި ހިނދު، މަސްޢޫދު އަޙްމަދަކީ ލޯކަލް ކައުންސިލް އިންތިޚާބަށް ޝަރުޠުހަމަނުވާ މީހެއްކަމަށް ކަނޑައަޅައި، މަސްޢޫދު އަޙްމަދުގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބާޠިލުކުރުމަށް ނިންމި ނިންމުމަކީ ޞައްޙަ ނިންމުމެއް ނޫންކަމަށާއި، ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ ދަށުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތައް މަސްޢޫދު އަޙްމަދުގެ ކިބައިގައި ފުރިހަމަވާކަމަށް ކަނޑައަޅައި، މަސްޢޫދު އަޙްމަދުގެ ކެންޑިޑެސީ ބަލައިގަތުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި، ގއ. ވިލިނގިލި، ބޮކަރުމާވިލާ، މަސްޢޫދު އަޙްމަދުގެ ފަރާތުން ހުށަހެޅުމުން ބެލިފައިވާ މައްސަލައެކެވެ.
މި މައްސަލާގައި ދަޢުވާލިބޭ ފަރާތަކީ އިލެކްޝަންސް ކޮމިޝަން އެވެ.
ފާހަގަ ކުރެވުނު ނުކުތާތައް
މި މައްސަލާގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި، ޤާނޫނުތަކަށާއި، ދަޢުވާކުރާ ފަރާތުންނާއި ދަޢުވާލިބޭ ފަރާތުން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި ލިޔުންތަކަށާއި، ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މިބާވަތުގެ މައްސަލަތަކުގައި ތަޠްބީޤުކުރެވޭ ޤާނޫނީ ޢާންމު މަބްދައުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލައި ވިސްނިއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
ފުރަތަމަ ކަމަކީ، 2014 ޖެނުއަރީ 18 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ގއ އަތޮޅު ކައުންސިލް (ވިލިނގިލި ދާއިރާ) އަށް އަމިއްލަގޮތަށް ކުރިމަތިލުމަށް، 2013 ޑިސެމްބަރ 8 ވީ އާދީއްތަ ދުވަހު ގއ. ވިލިނގިލި، ބޮކަރުމާވިލާ، މަސްޢޫދު އަޙްމަދު ހުށަހެޅި (ނަންބަރު : 2013/P/P2/13) ފޯމުގައިވާ މަޢުލޫމާތާއި ތަކެތި އިލެކްޝަންސް ކޮމިޝަނުން ބަލައި ޗެކްކުރިއިރު، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ނ) ގެ (5) ވަނަ ނަންބަރުގައިވާ ޝަރުޠު ފުރިހަމަ ނުވާތީ، މަސްޢޫދު އަޙްމަދުގެ ކެންޑިޑަސީ އިލެކްޝަންސް ކޮމިޝަނުން ޤަބޫލުނުކުރާކަމަށް ކޮމިޝަނުގެ އިންތިޚާބާ ބެހޭ 177 ވަނަ ޚާއްޞަ ޖަލްސާގައި ނިންމާފައިވާ ކަމަށް 18 ޑިސެމްބަރ 2013 ގައި އިލެކްޝަންސް ކޮމިޝަނުން ދޫކޮށްފައިވާ ކެންޑިޑަސީ ޤަބޫލުނުކުރާކަން އަންގާ ލިޔުމުގައި ބަޔާންކޮށްފައިވާކަމާއި، އަދި ބުނެވިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް، މަސްޢޫދު އަޙްމަދު ހުށައެޅި ހުށައެޅުން ޤަބޫލުކޮށްފައިނުވަނީ، އެޕްލިކޭޝަން ފޯމާއެކު ހުށައަޅާފައިވާ ކްރިމިނަލް ކޯޓުން ސާފުކޮށްފައިވާ ކުށުގެ ރެކޯޑު ފޯމުގައި މަސްޢޫދު އަޙްމަދުގެ މައްޗަށް ޝަރީޢަތަށް ސާބިތުވެފައިވާ ކުށުގެ ރެކޯޑު އޮތްކަމަށް ކްރިމިނަލް ކޯޓުގެ ކުށުގެ ރެކޯޑް ސާފުކުރާ ފޯމުން ސާފުކޮށް އެނގެން އޮތުމުން ކަމަށާއި، މަސްޢޫދު އަޙްމަދުގެ މައްޗަށް ސާބިތުވެފައިވާކަމަށް ކްރިމިނަލް ކޯޓުގައި ރެކޯޑުކުރެވިފައިވާ ކުށުގެ ތަފްޞީލު އެނގިވަޑައިގަންނަވާނީ އެ ކޯޓަށް ކަމަށް، އިލެކްޝަންސް ކޮމިޝަންގެ އިދާރާ އިން 23 ޑިސެމްބަރ 2013 ވަނަ ދުވަހު މަސްޢޫދު އަޙްމަދަށް އެޑްރެސްކޮށްފައިވާ އެ ކޮމިޝަނުގެ ނަންބަރު 8032/2013/MIS/38-CA ސިޓީގައި ބުނެފައިވާކަން އެނގެން އޮންނަކަމެވެ.
ދެވަނަ ކަމަކީ، އިންތިޚާބަށް ކުރިމަތިލުމަށް އެދޭމީހާ އެކަން ބަޔާންކޮށް ހުށަހަޅާ ލިޔުން އިލެކްޝަންސް ކޮމިޝަނަށް ލިބޭތާ ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި، އެ މީހެއްގެ ހުށަހެޅުން ޤަބޫލުކުރިކަން ނުވަތަ ޤަބޫލުނުކުރާކަން، އިލެކްޝަންސް ކޮމިޝަނުން އެމީހަކަށް ލިޔުމަކުން އަންގަންވާނެކަމަށް ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 21 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާކަމާއި، އަދި، އިންތިޚާބަށް ކުރިމަތިލުމަށް އެދޭމީހާ ހުށަހަޅާ ހުށަހެޅުން އިލެކްޝަންސް ކޮމިޝަނުން ޤަބޫލުނުކުރާކަމަށް ކަނޑައަޅަންވާނީ، އެ އިންތިޚާބަށް ކުރިމަތިލުމަށް ފުރިހަމަވާންޖެހޭ ޝަރުޠެއް ފުރިހަމަނުވާނަމަ، ނުވަތަ ބުނެވިދިޔަ ޤާނޫނުގެ 16 ވަނަ މާއްދާ އާއި 17 ވަނަ މާއްދާގެ ދަށުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ މަޢުލޫމާތާއި ތަކެތި ފުރިހަމައަށް ނެތްނަމަ، ނުވަތަ އެތަކެތީގެ ތެރެއިން އެއްޗެއް ޞައްޙަނޫންކަމަށް އިލެކްޝަންސް ކޮމިޝަނަށް ޤަބޫލުކުރެވޭ ޙާލަތެއްގައި ކަމަށް ޙަވާލާދެވުނު 21 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރުމަށްފަހު، އެ މާއްދާގެ (ރ) ގައި އިންތިޚާބަށް ކުރިމަތިލުމަށް އެދޭމީހާ ހުށަހަޅާ ހުށަހެޅުން އިލެކްޝަންސް ކޮމިޝަނުން ޤަބޫލުނުކުރާނަމަ އެކަން އެމީހަކަށް އަންގާއިރު ޤަބޫލުނުކުރި ސަބަބު ލިޔުމުން އިލެކްޝަންސް ކޮމިޝަނުން އެމީހަކަށް އަންގަންވާނެކަމަށް ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމެވެ.
ތިންވަނަ ކަމަކީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގެ 12 ވަނަ މާއްދާގައިވާ ޝަރުޠުތަކުގެ ތެރެއިން، ކުށުގެ ރެކޯޑު އޮތްކަން ނުވަތަ ނެތްކަން، އިލެކްޝަންސް ކޮމިޝަނުން 2014 ވަނަ އަހަރު ބޭއްވޭ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ގުޅިގެން، ސާފުކުރުމަށް ހަމަޖައްސާފައިވަނީ ކޯޓުތަކުން އެ މަޢުލޫމާތު ސާފުކުރުމަށްފަހު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާގޮތަށް ކަމަށާއި، މި މައްސަލާގައި ދަޢުވާކުރާ މަސްޢޫދު އަޙްމަދުގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ކުށުގެ ރެކޯޑް ސާފުކުރާ ފޯމުގައި، ކްރިމިނަލް ކޯޓުން "ކުޑަކުއްޖަކާމެދު ބަދުއަޚްލާޤީ ޢަމަލެއް ހިންގިކަން ނުވަތަ މީހެއްގެ ޢިއްފަތްތެރިކަން ފޭރިގަތްކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއްކަން ނުވަތަ ނޫންކަން" މިފަދައިން ޖަހާފައިވާ ގޮޅީގައި ކްރިމިނަލް ކޯޓުން އެފަދަ ރެކޯޑެއް އޮތްކަމަށް ބުނެފައިވާތީ، އެ މަޢުލޫމާތުގެ މައްޗަށް ބަރޯސާކޮށް، މަސްޢޫދު އަޙްމަދަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ޝަރުޠު ފުރިހަމަވާ މީހެއް ނޫންކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާކަން އެނގެން އޮންނައިރު، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް ފުރިހަމަވާންޖެހޭ ޝަރުޠުތަކުގެ ތެރެއިން މަސްޢޫދު އަޙްމަދުގެ ކިބާގައި ފުރިހަމަ ނުވާ ވަކި ޝަރުޠެއް އިލެކްޝަންސް ކޮމިޝަނުން ބަޔާންކޮށްފައިނުވާކަމާއި، އަދި އެކަން ކަށަވަރުކުރުމަށްޓަކައި އެއްވެސް އީޖާބީ ދައުރެއް އިލެކްޝަންސް ކޮމިޝަނުން އަދާކޮށްފައި ނުވާކަން މި މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިޔުންތަކުންނާއި، އިލެކްޝަންސް ކޮމިޝަނުގެ ބަހުން އެނގެން އޮންނަކަމެވެ.
ހަތަރުވަނަ ކަމަކީ، އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ޚިޔާނަތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް، ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ނުވަތަ މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއްކަމުގައިވުމާއި، ކުޑަކުއްޖަކާމެދު ބަދުއަޚްލާޤީ ޢަމަލެއް ހިންގިކަން ނުވަތަ މީހެއްގެ ޢިއްފަތްތެރިކަން ފޭރިގަތްކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއްކަމުގައިވުމީ، އެމީހަކަށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ދާއިމީގޮތަކަށް ބައިވެރިނުވެވޭނެ ޙާލަތްތައްކަން ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ނ) ގެ (4) އާއި (5) އަށް ބެލުމުން ސާފުކޮށް އެނގެން އޮންނަކަމާއި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހާއަކީ އިސްވެ ބަޔާންވެދިޔަފަދަ ކުށެއް ކުރިކަމަށް ޝަރީޢަތަށް ސާބިތުވެފައިވާ މީހެއްކަން ނުވަތަ ނޫންކަން ކަށަވަރުކުރުމަކީ އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނީ މަސްއޫލިއްޔަތެއްކަމާއި، މިގޮތުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލާ މީހެއްގެ ބުނެވިދިޔަފަދަ ކުށުގެ ރެކޯޑެއް އޮތްކަމަށް، ކަމާބެހޭ އިދާރާއަކުން ފާހަގަކޮށްފިނަމަ، ޝަރީޢަތުން އެކުށެއް ސާބިތުކޮށްފައިވާ ޙުކުމަށް ބަލައި، އެމީހާގެ މައްޗަށް ސާބިތުވެފައިވަނީ ކޮން ކުށެއްކަން ރަނގަޅަށް ކަށަވަރުކުރުމަކާ ނުލައި، އަދި އެއްވެސް އޮޅުމެއް ނާރާފަދަގޮތަކަށް ސަބަބު ބަޔާންކުރުމަކާ ނުލައި، އެމީހެއްގެ ކެންޑިޑެސީ ޤަބޫލުނުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާ ނިންމުމުގެ ސަބަބުން ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ނ) އިން ކަށަވަރުކޮށްދީފައިވާ، ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ، އިންތިޚާބުތަކުގައި އެކިއެކި މަޤާމުތަކަށް ކުރިމަތިލުމުގެ އަސާސީ ޙައްޤަށް ހުރަސްއެޅިގެން ހިނގާދާނެކަން ފާހަގަކުރެވޭކަމެވެ.
ފަސްވަނަ ކަމަކީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ނ) ގެ (5) ވަނަ ނަންބަރުގައިވާ ޝަރުޠު ފުރިހަމަ ނުވާތީކަމަށް ބުނެ، މަސްޢޫދު އަޙްމަދުގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ޤަބޫލުނުކުރުމަށް ނިންމާފައިވާ އަސާސަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް މަސްޢޫދު އަޙްމަދު ހުށައެޅި އެޕްލިކޭޝަން ފޯމާއެކު ހުށަހަޅާފައިވާ ކްރިމިނަލް ކޯޓުގެ ރެކޯޑު ފޯމުގައި މަސްޢޫދު އަޙްމަދަކީ ކުޑަކުއްޖަކާމެދު ބަދުއަޚްލާޤީ ޢަމަލެއް ހިންގިކަން ނުވަތަ މީހެއްގެ ޢިއްފަތްތެރިކަން ފޭރިގަތްކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއްކަމަށް ބުނެފައިވާތީކަން އެނގެން އޮންނައިރު، ކްރިމިނަލް ކޯޓުން މަސްޢޫދު އަޙްމަދުގެ އެފަދަ ރެކޯޑެއް އޮތްކަމަށް ކަނޑައަޅާފައިވަނީ ކޯޓު ނަންބަރު 1 ގެ ނަންބަރު 95/JC-1/1540 ޤަޟިއްޔާގެ ޙުކުމުގެ މައްޗަށް ބިނާކޮށްކަމަށާއި، 1 އޮކްޓޯބަރ 1995 ގައި ނިންމާފައިވާ އެ ޤަޟިއްޔާގެ ދަޢުވާއަކީ، މަސްޢޫދު އަޙްމަދު، އެރަށު މާޖެހިގެ މަރިޔަމް ޚާލިދާއާއި އެކު ބަދުއަޚްލާޤީ ޢަމަލު ހިންގާފައިވާތީ، ދައުލަތުގެ އެޓަރނީ ޖެނެރަލްގެ ފަރާތުން މަސްޢޫދު އަޙްމަދުގެ މައްޗަށް ކޮށްފައިވާ ބަދުއަޚްލާޤީ ޢަމަލު ހިންގުމުގެ ކުށުގެ ދަޢުވާއެއްކަމާ، އަދި އެ ޤަޟިއްޔާގައި މަސްޢޫދު އަޙްމަދުގެ މައްޗަށް ސާބިތުވި ބަދުއަޚްލާޤީ ޢަމަލު ހިންގުމުގެ ކުށުގެ ޢުޤޫބާތެއްގެ ގޮތުން ބަދުއަޚްލާޤީ ކުށްތަކަށް އަދަބު ދިނުމުގެ ޤަވާޢިދުގެ 4 ވަނަ މާއްދާގެ (ހ) ގައި ވާގޮތުގެ މަތިން މަސްޢޫދު އަޙްމަދު 1 މަސްދުވަހުގެ މުއްދަތަށް ގޭގައި ބަންދުކުރުމަށް ޙުކުމް ކޮށްފައިވާކަން އެނގެން އޮންނަކަމެވެ.
ހަވަނަ ކަމަކީ، ކޯޓު ނަންބަރު 1 ގެ އިސްވެ ޙަވާލާދެވުނު، ނަންބަރު 95/JC-1/1540 ޤަޟިއްޔާގައި މަސްޢޫދު އަޙްމަދުގެ މައްޗަށް ސާބިތުވެފައިވަނީ ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ނ) ގެ (5) ގައި ބަޔާންވެގެންވާ ކުޑަކުއްޖަކާމެދު ބަދުއަޚްލާޤީ ޢަމަލެއް ހިންގިކަމުގެ ކުށެއް ނޫންކަން އެ ޤަޟިއްޔާއިން ސާފުކޮށް އެނގެން އޮންނަކަމާ، އެހެނީ އެ ޤަޟިއްޔާގައި މަސްޢޫދު އަޙްމަދު އެ މީހަކާމެދު ބަދުއަޚްލާޤީ ޢަމަލު ހިންގިކަމަށް ދަޢުވާކޮށްފައިވާ މަރިޔަމް ޚާލިދާގެ ޢުމުރަކީ އެ ދަޢުވާކުރިއިރު 18 އަހަރުކަމަށް ބުނެވިދިޔަ ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމެވެ.
ހަތްވަނަ ކަމަކީ، ލޯކަލް ކައުންސިލްތަކުގެ އިލެކްޝަނަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ކުށުގެ ރެކޯޑް ސާފުކުރުމަށް ހުށަހަޅާ ފޯމުގައި "ޢިއްފަތްތެރިކަން ފޭރިގަތްކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއްކަން ނުވަތަ ނޫންކަން" މިފަދައިން އޮންނަ ކުށުގެ ބާވަތަކީ މިހާތަނަށް ކްރިމިނަލް ކޯޓަށް ހުށަހެޅި އަދި އެ ކޯޓުން ބަލާފައިވާ ބާވަތުގެ މައްސަލައެއް ނޫންކަމަށާއި، އެހެންކަމުން އެބާވަތުގެ ކުށުގެ ރެކޯޑެއް އެ ކޯޓުގައި ރެކޯޑްކުރެވިފައި ނުވާކަމަށާއި، ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ޢިއްފަތްތެރިކަން ފޭރިގަތުން މާނަކުރަނީ ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގުންކަމަށްވާނަމަ އެ ކޯޓުން ދޫކުރެވިފައިވާ ކުށުގެ ރެކޯޑް ފޯމްތަކުގައި ކުށުގެ ރެކޯޑް ހުރިކަމަށް ބުނެފައިވާ ގިނަ ޢަދަދެއްގެ ފޯމުތަކުގައި ހުރި ކުށުގެ ރެކޯޑްތަކަކީ ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގުމުގެ ކުށުގެ ރެކޯޑް އޮތް މީހުންނެއް ނޫންކަމަށާއި، އަދި ކުށުގެ ރެކޯޑް ފޯމުތަކުގައިވާ ފަރާތްތަކުގެ ކުށުގެ ރެކޯޑް ކްރިމިނަލް ކޯޓުން ސާފުކޮށް ރެކޯޑް ހުރިކަމަށް ބުނެފައިވަނީ އެމީހެއްގެ މުޅި ޢުމުރަށް ބަލައި އެއްވެސްކަހަލަ ބަދުއަޚްލާޤީ ޢަމަލެއް ހިންގާފައިވާނަމަ އެއީ ރެކޯޑްހުރި މީހެއްކަމަށް ބަލައިގެންކަމަށް ކްރިމިނަލް ކޯޓުން 10 ޑިސެމްބަރ 2013 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނަށް ފޮނުވާފައިވާ، ކްރިމިނަލް ކޯޓުގެ ނަންބަރު 06/2013/38/145-A ސިޓީގައި ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމެވެ.
އަށްވަނަ ކަމަކީ، ކުށުގެ ރެކޯޑް ސާފުކުރުމުގައި މީހެއްގެ ޢިއްފަތްތެރިކަން ފޭރިގަތްކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއްކަން ކަނޑައެޅުމުގައި ކްރިމިނަލް ކޯޓުން ބަލާފައިވާ މިންގަޑަކީ އެއްވެސް ކަހަލަ ބަދުއަޚްލާޤީ ޢަމަލެއް ހިންގިކަން ޝަރީޢަތަށް ސާބިތުވެފައިވުންކަން، އެ ކޯޓުގެ އިސްވެ ޙަވާލާދެވުނު ނަންބަރު 06/2013/38/145-A ސިޓީއިން އެނގެން އޮންނައިރު، ބަދުއަޚްލާޤީ ޢަމަލު ހިންގުމުގެ ކުށްތަކަކީ ޙަޤީޤަތުގައި، ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި ތަޖްރީމުކުރެވިފައިވާ ތަފާތު ދަރަޖައިގެ ޖިންސީ ކުށްތައްކެއްކަން އެނގޭކަމާ؛ މިގޮތުން ޢާންމު ތަންތާގައި "ފާޟިޙް" (disgraceful) ޖިންސީ ޙަރަކާތްތައް ގެނައުމާއި، ތަފާތު ދަރަޖައިގެ ޖިންސީ އިޢުތިދާޢު (sexual assault) ތަކާއި، މި ނޫންވެސް އަންހެނަކާއެކު ޖިމާއުވުން (sexual intercourse) ނޫން އެހެނިހެން ތަފާތު ދަރަޖައިގެ ޖިންސީ ޢަމަލުތަކާއި، ޒިނޭކުރުމާއި، ގަދަކަމުން ޖިންސީ ގުޅުން ހިންގުމާއި، ކުޑަކުދިންނާއެކު ޖިންސީގުޅުން ހިންގުމަކީ، ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި ބަދުއަޚްލާޤީ ކުށުގެ ޢާންމު މަފްހޫމުގެ ތެރޭގައި ހިމެނޭ ކުށްތަކެއްކަން އެނގެން އޮންނަކަމާ، މިގޮތުން ޝަރީޢަތްކުރުމާބެހޭގޮތުން ހެދިފައިވާ ޤަވާޢިދު (6)، 2003 ގެ 173 ވަނަ މާއްދާގައި "ބަދުއަޚްލާޤީ ކުށުގެ އަދަބު" މި ޞުރުޚީގެ ދަށުގައި؛ ޢާންމު ތަންތާގައި ބަދުއަޚްލާޤީ ޢަމަލު ހިންގުމާއި، އެއް ޖިންސުގެ މީހުން ޖިންސީގުޅުން ހިންގުމާއި، މީހަކާ އިނދެގެންހުރި މީހަކު ނުވަތަ މީހެއްގެ ޢިއްދައިގައިއިން މީހަކު އެހެން މީހަކާއެކު ބަދުއަޚްލާޤީ ޢަމަލު ހިންގުމާއި، ޢާންމުތަންތަން ފިޔަވައި އެހެންތަންތާގައި ހިންގާ އާދައިގެ ބަދުއަޚްލާޤީ ޢަމަލާއި، ބޮޑެތި ބަދުއަޚްލާޤީ ޢަމަލާއި، ބާލިޣުވެފައިވާ އުފަންދަރިއަކާއެކު ބަދުއަޚްލާޤީ ޢަމަލު ހިންގުމާއި، ބާލިޣުނުވާ އުފަންދަރިއަކާއެކު ބަދުއަޚްލާޤީ ޢަމަލު ހިންގުމާއި، އުފަންދަރި ފިޔަވައި ކާވެނި ޙަރާމް މީހަކާއެކު ބަދުއަޚްލާޤީ ޢަމަލު ހިންގުމާއި، ބާލިޣުނުވާ ކުޑަކުއްޖަކާއެކު ބަދުއަޚްލާޤީ ޢަމަލު ހިންގުމާއި، ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގުމާއި، ޒިނޭކުރުމާއި، އަންހެންމީހާގެ ނުރުހުމުގައި ގަދަކަމުން ޒިނޭކުރުމާއި އެ ޢަމަލު ހިންގުމުގައި އެހީވެދިނުމާއި، ކާވެނި ހެޔޮނުވާ މީހަކާ ނުވަތަ ބާލިޣުނުވާ ކުއްޖަކާ ޒިނޭކުރުމާއި، މީހެއްގެ އަންބަކާ ނުވަތަ މީހެއްގެ ޢިއްދައިގައި އިން އަންހެނަކާ ޒިނޭކުރުމާއި، މި ކުށްތައް ހިމަނާފައިވާކަން އެނގެން އޮންނައިރު، މިއިން ކޮންމެ ކުށެއްވެސް ޤާނޫނީގޮތުން ތަކްޔީފުކުރެވޭނީ އެ ކުށުގައި ހިމެނޭ ވަޤާއިޢުތަކަށް ބެލުމަށްފަހުކަން އެނގެން އޮންނަކަމެވެ.
ނުވަވަނަ ކަމަކީ، މީހަކު އެއްވެސްކަހަލަ ބަދުއަޚްލާޤީ ޢަމަލެއް ހިންގާފައިވާކަމަށް ޝަރީޢަތަށް ސާބިތުވެފައި ވުމަކީ، ކޮންމެހެން ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ނ) ގެ (5) ގައި ބަޔާންވެގެންވާ، މީހެއްގެ ޢިއްފަތްތެރިކަން ފޭރިގަތްކަން އެ މީހެއްގެ މައްޗަށް ސާބިތުވުން ނޫންކަމާއި، ޢިއްފަތްތެރިކަން ފޭރިގަތުމަކީ ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި ވަކި ޚާއްޞަ ޖިންސީ ކުށަކަށް ބޭނުނުންކުރާ އިޞްޠިލާޙެއްކަމާއި، އެ އިޞްޠިލާޙު ދިވެހިރާއްޖޭގައި ޢުރުފީގޮތުން ބޭނުންކުރަނީ "އިޣުތިޞާބު" (اغتصاب) ނުވަތަ "ރޭޕް" (rape) ގެ ކުށަށް ކަމާއި، ޖިނާއީ ޤާނޫނުގެ އިޞްޠިލާހުގައި "އިޢުތިޞާބަކީ" އޭނަގެ އަނބިމީހާ ނޫން އަންހެނަކާއެކު ގަދަކަމުން ނުވަތަ އެ އަންހެންމީހާގެ ނުރުހުމުގައި ޖިމާޢުވުން ކަމާއި، އެހެންކަމުން "އިޢުތިޞާބު" ނުވަތަ "ރޭޕް" ގެ ކުށުގައި މާއްދީގޮތުން ފުރިހަމަވާންޖެހޭ ޢުންޞުރަކީ ގަދަކަމުން ނުވަތަ ނުރުހުމުގައި އަންހެނަކާ ޖިމާޢުވުންކަން އެނގެން އޮންނަކަމެވެ.
ދިހަވަނަ ކަމަކީ، ކޯޓު ނަންބަރު 1 ގެ އިސްވެ ޙަވާލާދެވުނު، ނަންބަރު 95/JC-1/1540 ޤަޟިއްޔާގެ ވަޤާއިޢުތަކަށް ބަލާއިރު، އެ ޤަޟިއްޔާގައި މަސްޢޫދު އަޙްމަދުގެ މައްޗަށް ސާބިތުވެފައިވަނީ އަންހެނެއްގެ ނުރުހުމުގައި އެ އަންހެންމީހާއާއި ޖިމާޢުވުމުގެ ކުށެއް ނޫންކަމާއި، އަދި އެއީ ކުޑަކުއްޖަކާމެދު ބަދުއަޚްލާޤީ ޢަމަލު ހިންގުމުގެ ކުށެއްވެސް ނޫންކަމާއި، ސަބަބަކީ ބުނެވިދިޔަ ޤަޟިއްޔާގައި ދަޢުވާކޮށްފައިވާ ކުށުގެ ޢަމަލު ހިންގިއިރު، ގއ. ވިލިނގިލި، މާޖެހިގެ، މަރިޔަމް ޚާލިދާއަކީ ޢުމުރުން 16 އަހަރުންމަތީގެ އަންހެންކަށްވެފައި، ރާއްޖޭގެ ޤާނޫނުގައި އެއިރު ކުޑަކުއްޖެއްކަމަށް ކަނޑައަޅާފައިވާ ޢުމުރަކީ 16 އަހަރުކަމަށްވާތީ، އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ގއ. ވިލިނގިލި، ބޮކަރުމާވިލާ، މަސްޢޫދު އަޙްމަދަކީ، ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ނ) ގެ (5) ގައި ބަޔާންވެގެންވާ ކުޑަކުއްޖަކާމެދު ބަދުއަޚްލާޤީ ޢަމަލެއް ހިންގިކަން ނުވަތަ މީހެއްގެ ޢިއްފަތްތެރިކަން ފޭރިގަތްކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ބަލައި، އޭނާއަކީ، ލޯކަލް ކައުންސިލް އިންތިޚާބަށް ޝަރުޠުހަމަނުވާ މީހެއްކަމަށް ކަނޑައަޅައި، އަދި އޭނަގެ ކެންޑިޑަސީ ބާޠިލުކުރުމަށް ނިންމި ނިންމުމަކީ އެއްވެސް ޤާނޫނީ އަސާސެއްގެ މައްޗަށް ބިނާކޮށް ނިންމި ނިންމުމެއް ނޫންކަން އެނގެން އޮންނަ ކަމެވެ.
ޙުކުމް:
އިސްވެ ބަޔާން ކުރެވުނު ސަބަބުތައް އެހެން ހުރުމާއެކު، 18 ޖެނުއަރީ 2014 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ގއ އަތޮޅުކައުންސިލް ވިލިނގިލި ދާއިރާގެ ގޮނޑިއަށް ކުރިމަތިލުމަށްޓަކައި، ގއ. ވިލިނގިލި، ބޮކަރުމާވިލާ، މަސްޢޫދު އަޙްމަދު، 10 ޑިސެމްބަރ 2013 ވީ އަންގާރަ ދުވަހު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ނަންބަރު 2013/P/P2/13 ފޯމް، ގއ. އިލެކްޝަންސް އަތޮޅު ޔުނިޓަށް ހުށަހެޅި ހިނދު، މަސްޢޫދު އަޙްމަދަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ޝަރުޠުހަމަނުވާ މީހެއްކަމަށް ކަނޑައަޅައި، މަސްޢޫދު އަޙްމަދުގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބާޠިލުކުރި ކުރުމަކީ، ޤާނޫނީގޮތުން ޞައްޙަނޫން ބާޠިލް ނިންމުމެއް ކަނޑައަޅައި، މި މައްސަލަބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.
އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން ފަނޑިޔާރު ޢަބްދުﷲ ސަޢީދު
ފަނޑިޔާރު ޢަބްދުﷲ ޢަރީފް ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު
ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.