—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 2014/SC-SM/42
ދަޢުވާ ލިބޭ ފަރާތް: ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
މައްސަލައިގެ ބާވަތް: ސުމޯޓޯ
ފެށުނު ތާރީޚް: 16 ސެޕްޓެމްބަރ 2014
ނިމުނު ތާރީޚް: 16 ޖޫން 2015
މައްސަލަ ނިންމި ގަޑި: 18:05
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު ޢަބްދުﷲ އަރީފް، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
މައްސަލައިގެ ޚުލާޞާ:
މި މައްސަލައަކީ 16 ސެޕްޓެމްބަރ 2014 ވަނަ ދުވަހު ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ޢާންމުކޮށްފައިވާ، ޔުނިވަރސަލް ޕީރިއޮޑިކް ރިވިއު (ޔޫ.ޕީ.އާރ) ރިޕޯޓް، އޭޕްރީލް- މޭ 2014 (22 ވަނަ ސެޝަން) ގެ 4 ވަނަ ޞަފްޙާގައި "އެކްސެސް ޓު ޖަސްޓިސް" ގެ ސުރުޚީގެ ދަށުން ލިޔެފައިވާ ލިޔުމުގައި، ދިވެހިރާއްޖޭގައި ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުގައި ހިމެނޭ ކޯޓުތަކުން ޢަދުލު އިންޞާފު ޤާއިމުކުރުމާއި ޝަރީޢަތް ހިންގުމުގައި ޢަމަލުކުރަންޖެހޭ ދުސްތޫރީ އަދި ޤާނޫނީ އުޞޫލުތަކާއި އިޖްރާއަތްތަކާއި ކޯޓުތަކުން ދޭންޖެހޭ މަޢުލޫމާތު ދިނުމުގެ އިޖުރާއާތާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިޚްތިޞާޞްތައް އޮޅޭގޮތަށް، ޤާނޫނުއަސާސީން ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފުވާގޮތަށް، ޙަޤީޤަތާ ޚިލާފުވާހަކަތަކެއް ހިމަނައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ފަރާތުން ރިޕޯޓެއް އެކުލަވައި ރާއްޖެ އާއި ރާއްޖޭންބޭރުގެ ފަރާތްތަކާ ހިއްސާ ކޮށްފައިވާތީ އާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއާ އެއްގޮތްވާ ގޮތުގެމަތީން އަދި ދިވެހިރާއްޖޭގެ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުގެ އެންމެ އިސް ފަރާތުގެ ހައިސިއްޔަތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އަދާކުރަންޖެހޭ އަދި އަދާކުރަމުންދާ ދުސްތޫރީ އަދި ޤާނޫނީ މަސްޢޫލިއްޔަތަކީ ކޯޓުތަކަށް ނުފޫޒު ފޯރުވުންކަމަށް ސިފަކޮށް، ދިވެހި ދައުލަތުގެ ތިންބާރުގެ ތެރެއިން، ދިވެހިރާއްޖޭގެ މިނިވަން އަދި މުސްތަޤިއްލު، ޢަދުލު އިންސާފު ޤާއިމުކުރުމުގެ ބާރުގެ މިނިވަންކަމާއި މުސްތަޤިއްލުކަމަށް ގަސްތުގައި އުނިކަންދޭން މަސައްކަތްކޮށްފައިވާތީ އާއި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ގެއްލުންލިބޭގޮތަށް ޢަމަލުކުރުމާއެކު، ގަސްތުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ބާރުކަނޑުވަން މަސައްކަތްކޮށްފައިވާތީ ޢަދުލު އިންސާފު ޤާއިމުކުރުމުގެ ބާރުގެ އެންމެ އިސްފަރާތުގެ ހައިސިއްޔަތުން ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ށ) އާއި ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ޅ) އާއި ސުޕްރީމް ކޯޓުގެ ޤަވާޢިދުގެ 86 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިދޭ އިޚްތިޔާރާއި ބާރުގެ ދަށުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަމިއްލަ އިސްނެގުމުގެ މަތިން ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރިޢަތުގެ މަޖިލީހަށް ޙާޟިރުކޮށް ޖަވާބުދާރީކުރުމަށްޓަކައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އިސްނަގައިގެން ބެލެވިފައިވާ މައްސަލައެކެވެ. މި މައްސަލައިގައި މައްސަލަ ރައްދުވާ ފަރާތަކީ ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއެވެ.
ފާހަގަކުރެވުނު ނުކުތާތައް
މި މައްސަލާގައި ހުށަހެޅިފައިވާ ވާޤިޢާތަކާއި، ލިޔުންތަކާއި، ހެކިތަކާއި، ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުން ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކަށާއި، ޤާނޫނުއަސާސީއާއި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނާއި ކަމާގުޅުންހުރި އެހެނިހެން ޤާނޫނުތަކަށާއި، ޑިމޮކްރެޓިކް މުޖުތަމަޢު ތަކުގައި އިސްތިޤްރާރުވެފައިވާ އުޞޫލުތަކަށް ރިޢާޔަތްކުރާއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) ފުރަތަމަކަމަކީ، ޤައުމީ ސިޔާދަތާއި ޤައުމުތަކުގެ ދާޚިލީ ކަންތައްތަކުގެ ތެރެއަށް ނުވަނުމަކީ ބައިނަލް އަޤްވާމީ ޤާނޫނުގެ އެންމެ އަސާސީ އުޞޫލުތަކަށްވާތީއާއި، އަދި އެއީ ދިވެހިރާއްޖޭގެ ދީމިޤްރާޠީ ނިޒާމުގައި ބަލައިގެންފައިވާ އެންމެ އިސް ރުކުންތަކަކަށްވާތީ އާއި ސޮވެރިން އީކުއަލިޓީގެ މަބްދައުގެ މަތިން ބައިނަލްއަޤްވާމީ ކަންތައްތަކުގައި ބައިވެރިވުމުގައި އަދި ސޮވެރިން އިމުޔުނިޓީގައި އެހެނިހެން ދައުލަތްތަކާ ހަމަހަމަކަން އޮތުމުގެ ޙައްޤަކީ ދިވެހި ދައުލަތް (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ) އަށް ލިބިގެންވާ ޙައްޤަކަށް ވެފައި، ދިވެހިރާއްޖޭގެ ދުސްތޫރާއެއްގޮތްވާ ގޮތުގެމަތިން، ޤައުމީ ސަލާމަތާއި ޤައުމީ މަޞްލަހަތުތަކާ އިދިކޮޅު ޣައިރު ޤާނޫނީ ޢަމަލުތައް ކުރުމަކީ އެއްވެސް ފަރާތަކަށް އެއީ ފަރުދަކު ކަމުގައިވިޔަސް ނުވަތަ ޖަމާއަތެއް ކަމުގައިވިޔަސް ހުއްދަ ކުރެވޭނެ ކަމެއް ނޫންކަމާއި ބައިނަލްއަޤްވާމީ މުޖްތަމަޢުގައި ހިމެނޭ ޤާނޫނީ ޝަޚްޞު ލިބިފައިވާ އެހެނިހެން ދައުލަތްތަކެކޭ އެއްފަދައިން ދިވެހި ދައުލަތް (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ) ތަމްސީލުކުރެވޭނީ ހަމައެކަނި ދައުލަތުގެ "ސުލްޠާ ސިޔާސިއްޔާ" އިންކަމާއި ބައިނަލްއަޤްވާމީ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ކޮންމެ ދައުލަތަކީ އެ ދައުލަތެއްގައި އަސާސީ ތިން ރުކުން ފުރިހަމަވެފައިވުން ޝަރްޠުވާ ދައުލަތެއްކަމަށްވެފައި އެ ތިން ރުކުންތަކަކީ ދައުލަތެއްގެ ކަނޑައެޅިފައިވާ ސަރަޙައްދާއި، ރައްޔިތުންނާއި "ސުލްޠާ ސިޔާސިއްޔާ" އާއި ތިންރުކުންކަމުގައިވާއިރު، މީގެ ތެރޭގައި ހިމެނޭ އެއްރުކުން ކަމުގައިވާ "ސުލްޠާ ސިޔާސިއްޔާ" އަކީ ކޮންމެ ދައުލަތެއްގައިވެސް އެދައުލަތެއްގެ ސިޔާދަތީ އިޚްތިޞާޞްތައް އެ ދައުލަތަކުން ކަނޑައަޅާ ދުސްތޫރީ ހަމަތަކާއެއްގޮތަށް ހިންގުމުގެ ސިޔާދަތީ ބާރު ލިބިގެންވާ "ސުލްޠާ ސިޔާސިއްޔާ" ކަމަށްވުމީ އެއާމެދު އެއްވެސް ޤާނޫނީ ޖަދަލެއް އޮތްކަމެއް ނޫންކަން އެނގޭކަމާ، އެގޮތުން ދިވެހިރާއްޖެއަކީ ފުރިހަމަ މިނިވަންކަން ލިބިގެންވާ އިސްލާމީ އުޞޫލުގެ މައްޗަށް ބިނާކުރެވިފައިވާ އަމިއްލަ ވެރިކަން ކުރާ ދީމިޤްރާޠީ ޖުމްހޫރީ އަދި ޔުނިޓަރީ ދައުލަތެއްކަމަށް ޤާނޫނުއަސާސީގެ ދެވަނަ މާއްދާގައި ބަޔާންވެފައިވާކަމާއި ދައުލަތުގެ ސުލްޠާ ސިޔާސިއްޔާ (ވެރިކަމުގެ ބާރު) ގައި ހިމެނޭ ތިންގުނަން ކަމުގައިވާ ޤާނޫނު ހަދާ ބާރާއި ވެރިކަން ހިންގާ ބާރާއި ޢަދްލު އިންޞާފު ޤާއިމްކުރުމުގެ ބާރާއި މިތިން ބާރުގެ ސިޔާދަތީ ބާރުތައް އެކުލެވިގެންވާ ގޮތް ޤާނޫނުއަސާސީގެ 5 ވަނަ މާއްދާ އާއި 6 ވަނަ މާއްދާ އާއި 7 ވަނަ މާއްދާއިން ސާފުކޮށް އެނގެން އޮންނަ އޮތުމެވެ.
(ށ) ދެވަނަކަމަކީ، ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ކަނޑައަޅައި، ހިންގައި އެ ސިޔާސަތު ހިނގާ ނުހިނގާގޮތް ބަލައި، ބޭރު ޤައުމުތަކާއި ބައިނަލް އަޤްވާމީ ޖަމްޢިއްޔާތަކާއިއެކު ގުޅުން ޤާއިމްކޮށް ދެމެހެއްޓުމާއި ބޭރު ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއެކު ދިވެހިރާއްޖެއިންވާ މުޢާހަދާތަކާއި އެއްބަސްވުމުގެ ތެރެއިން ރައްޔިތުން އެއްވެސް އިލްތިޒާމެއް އުފުލަން ނުޖެހޭ ބާވަތުގެ ޢާންމު އެއްބަސްވުންތަކުގައ ސޮއި ކުރުމާއި، ބޭރު ޤާއުމުތަކާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި އެކު ދިވެހިރާއްޖެއިންވާ މުއާހަދާތަކާއި އެއްބަސްވުންތަކުގެ ތެރެއިން ރައްޔިތުން އެއްވެސް އިލްތިޒާމެއް އުފުލަން ޖެހޭބާވަތުގެ މުޢާހަދާތަކާއި އެނޫންވެސް އެއްބަސްވުންތަކުގައި ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ސޮއިކޮށް ތަޞްދީޤުކުރުމަކީ ރައީސުލްޖުމްހުރިއްޔާއަށް ލިބިގެންވާ ބާރެއް ކަމަށް ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (މ) އާއި (ފ) ގައި ކަނޑައެޅި ބަޔާންވެފައި އޮތްއޮތުމުގެ މައްޗަށާއި ދައުލަތް ބައިވެރިވެފައިވާ މުޢާހަދާތަކާއި ދައުލަތުގެ ބައިނަލްއަޤްވާމީ އިލްތިޒާމްތައް ތަންފީޒުކުރުމާބެހޭ މަޢުލޫމާތު ދައުލަތުގެ ނަމުގައި ނުވަތަ ދައުލަތުގެ ފަރާތުން ރިޕޯޓުތައް ތައްޔާރުކޮށް ބޭރު ފަރާތްތަކަށް ފޮނުވުންފަދަ ޢަމަލުތައް އެކަންކަން ދައުލަތުގެ އެތެރޭގައި އިންތިޒާމުކުރުމަށް ދައުލަތުގެ ދުސްތޫރީ އަދި ޤާނޫނީ ނިޒާމުގައި ކަނޑައެޅިފައިވާ ޤާނޫނީ އިޖްރާއާތުތަކާއި މިކަންކަމާބެހޭ ބައިނަލްއަޤްވާމީ ޤާނޫނުގެ އުޞޫލުތަކަށް ރިޢާޔަތްކުރާއިރު، މި އުޞޫލުތަކާ ޚިލާފުވާގޮތަށް އެއްވެސް ފަރާތަކުން ނުވަތަ މުއައްސަސާއަކުން ވިޔަސް ޢަމަލުކުރުމަކީ، ޣައިރު ޤާނޫނީ ޢަމަލެއްކަމުގައިމެނުވީ ނުވާނެކަމާއި ޤާނޫނުއަސާސީގައިވާ އެންމެހައި ކަންތައްތަކަށް ފުރިހަމައަށް ކިޔަމަންވެ ޢަމަލުކުރަންވާނެކަމަށް ޤާނޫނުއަސާސީގެ 299 ވަނަ މާއްދާގައި ބަޔާންވެފައިވާ ސުޕްރިމަސީ އޮފް ދަ ކޮންސްޓިޓިއުޝަންގެ އުޞޫލާއި ޤާނޫނުގެ ވެރިކަން (ރޫލް އޮފް ލޯ) ގެ އުޞޫލާ އެ ޢަމަލެއް ތަޢާރުޟުވެގެން ދާނެކަން އެނގެން އޮންނައޮތުމެވެ.
(ނ) ތިންވަނަކަމަކީ، "ދަ ޔުނިވަރސަލް ޑެކްލަރޭޝަން އޮފް ހިޔުމަން ރައިޓްސް" ގެ ދީބާޖާގައި އިންސާނީ ޙައްޤުތައް "ރޫލް އޮފް ލޯ" (ޤާނޫނުގެ ޙުކުމް) ގެ ޒަރީޢާއިން ޙިމާޔަތް ކުރަން ވާނެކަމަށް ބަޔާންވެފައިއޮތުމަށްފަހު، ކޮންމެ މީހަކަށްވެސް އެމީހަކަށް ދުސްތޫރާއި ޤާނޫނުން ލިބިދީފައިވާ އަސާސީ ޙައްޤުތަކާއި ޚިލާފުވާ ޢަމަލަތަކަށް އެ ޤައުމުގެ ކަމާބެހޭ ޝަރުޢީ ކޯޓަކުން ނުވަތަ ޓްރައިބިއުނަލަކުން ހައްލުލިބިދޭންވާނެކަމާއި، އަދި ކޮންމެ މީހަކަށްވެސް ފުރިހަމަކަމާއެކު ޢަދުލުވެރި އަދި ޢާންމުކޮށް ހުޅުވާލައިގެން އަޑުއެހުން ބާއްވައިގެން މިނިވަން މުސްތަޤިއްލު ވަކިއަތަކަށް ބުރަނުވާ ކޯޓެއްގައި އެމީހެއްގެ ޙައްޤުތަކާއި ވާޖިބުތައް ކަނޑައެޅެވުމުގެ ޙައްޤުލިބިގެންވާކަން އެ ޑެކްލަރޭޝަންގެ 8 ވަނަ މާއްދާއާއި 10 ވަނަ މާއްދާއިން އެނގެން އޮތުމާއި، އެގޮތުން ޤާނޫނާއި ޤާނޫނުގެ މަބާދީތައް ތަޠްބީޤުކޮށް ފައިސަލާކުރުމުގެ އޮތޯރިޓީ ލިބިގެންވަނީ ކޯޓުތަކަށްކަމާއި "ރޫލް އޮފް ލޯ" ގެ މި މަބްދައާ އެއްގޮތްވާ ގޮތުގެމަތިން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) ގައި "ކޮންމެ މީހެއްގެ މަދަނީ ޙައްޤުތަކާއި ވާޖިބުތައް ކަނޑައެޅުމުގައި ނުވަތަ ޖިނާއީ ކުށުގެ ދަޢުވާ މީހެއްގެ މައްޗަށް އުފުލުމުގައި، ޤާނޫނަކުން ޤާއިމްކޮށްފައިވާ މިނިވަން އަދި މުސްތަޤިއްލު ކޯޓެއްގައި ނުވަތަ ޓްރައިބިޔުނަލެއްގައި އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ޢާންމުކޮށް ހުޅުވައިލެވިގެންބާއްވާ، އަޑުއެހުމެއްގައި އިންޞާފުން ޝަރީޢަތްކުރެވުމުގެ ޙައްޤު ކޮންމެ މީހަކަށް ލިބިގެންވާކަމަށް ކަނޑައަޅައި ބަޔާންވެފައި އޮންނައޮތުމަށާއި ޔުނިވަރސަލް ޑިކްލަރޭޝަން އޮފް ހިޔުމަން ރައިޓްސްގެ ބުނެވިދިޔަ އުޞޫލުތަކަށާއި ދިވެހި ދައުލަތުގެ ތިންބާރުގެ ތެރެއިން ޢަދުލު އިންޞާފު ޤާއިމްކުރުމުގެ ބާރުގެ ފަރާތުން ފޯރުކޮށްދޭ ފަރްދުންނާއި ޖަމާޢަތުގެ ޙައްޤުތައް ޙިމާޔަތްކުރުމުގެ މަސްއޫލިއްޔަތު އެންމެ އެކަށީގެންވާގޮތުގައި އަދާކުރުމަށާއި ޢަދުލު އިންޞާފު ޤާއިމްކުރުމުގެ ޚިދްމަތްތައް އިތުރަށް ހަރުދަނާކޮށް ފަސޭހައިން އިންސާފު ލިބިދިނުމައްޓަކައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ށ) އިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިދީފައިވާ ބެލެނިވެރިކަމުގެ ބާރަށާއި ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ށ) އާއި އެމާއްދާގެ (ރ) އާއި ޤާނޫނުއަސާސީގެ 144 ވަނަ މާއްދާގައިވާ ގޮތުގެމަތިން އަދި ޤާނޫނުއަސާސީގެ 145 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، އަދި އެހެނިހެން ދީމިޤްރާޠީ ދައުލަތްތަކުގެ އެންމެ މަތީ ކޯޓުތަކެކޭ އެއްފަދައިން ދުސްތޫރީގޮތުން ކަނޑައެޅިފައިވާ ސުޕަވައިޒަރީ އިޚްތިޞާޞްގެ ދަށުން އަސާސީ ޙައްޤުތައް ތަންފީޛްކުރުމަށްޓަކައި، ހޭބިއަސް ކޯޕަސް، މެންޑާމަސް، ސަރޝިއެރަރީ، ރިޓް އޮފް ޕްރޮހިބިޝަން، ކުއޯ ވޮރަންޓޯ ޠަބީޢަތުގެ ޕްރިރޮގޭޓިވް އަމުރުތައް ނެރުމާއި އެފަދަ އަމުރުތައް ނެރުމުގެ އިޖްރާއާތުތަކަކީ ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުގައި އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނިންމުންތަކުން އިސްތިޤްރާރުވެފައިވާ އިޖްރާއާތުތަކަށްވާއިރު، މިފަދަ ޤާނޫނީ އިޖްރާއާތުގެ ޙަޤީޤަތް އޮޅޭގޮތަށް، ޙަޤީޤަތާ ޚިލާފު ރިޕޯޓު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ފަރާތުން ތައްޔާރުކޮށްފައިވަނީ ކޯޓުތަކުގެ އިޖްރާއާތުތަކާ ބެހޭ މަޢުލޫމާތު ހޯދަންޖެހޭ ރަސްމީ މަސްދަރުތައްކަމުގައިވާ ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި އެ ޤާނޫނުތަކުގެ ދަށުން ހެދިފައިވާ ޤަވާޢިދުތަކާއި ކޯޓުތަކުގެ ނިންމުންތައް ފަދަ ރަސްމީ މަސްދަރުތަކުގައިވާ އަޙްކާމްތަކަށް އެއްވެސް މިންވަރަކަށް ބެލުމެއްނެތިކަމާއި އެ މަޢުލޫމާތުތަކުގެ އެއްވެސް ޞައްޙަ އަސާސެއް ނެތިކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުންގެ ފަރާތުން ލިބިފައިވާ އިޢުތިރާފުތަކުން ކަނޑައެޅިގެން އެނގެން އޮންނަކަމާއި، އެގޮތަށް އެފަދަ މަޢުލޫމާތު ދޭންޖެހުނީ ދިވެހިރައްޖޭގެ ސުޕްރީމް ކޯޓުން އެ އިޖްރާއާތުތަކާބެހޭ މަޢުލޫމާތުތަކަށް އެދުމުން އެ މަޢުލޫމާތު ލިބިފައިނުވާތީ ކަމަށް އެ މެންބަރުންގެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައި ވީނަމަވެސް އެފަދަ މަޢުލޫމާތަކަށް އެދިފައިވާކަން ސާބިތުވާނޭ ހެއްކެއް ދެއްކިފައި ނުވާކަމާއި ކޯޓުތަކުގެ ޤާނޫނާއި ޤަވާޢިދުތަކާއި އިޖްރާއާތުތަކާއި ކޯޓުތަކުގެ ނިންމުންތަކަކީ ޢާންމުކޮށް ޝާއިޢުކޮށް ގެޒެޓްކުރެވިފައިވާ އަޙްކާމްތަކަކަށް ވާއިރު، އެފަދަ ޤާނޫނީ އަޙްކާމް ތަކާގުޅިގެން، ހަދައިގެން ޙަޤީޤަތާ ޚިލާފު ރިޕޯޓު ތައްޔާރުކުރުން ހުއްދަކުރެވިދާނެ ޤާނޫނީ އެއްވެސް އަސާސެއްނެތްކަމާއި ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މި ޢަމަލަކީ ޤާނޫނުއަސާސީގެ 189 ވަނަ މާއްދާގައި ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަކީ ވަކިފަރާތަކަށް ބުރަ ނުވާ މުސްތަޤިއްލު މުއައްސަސާއަކަށް ވާންވާނެކަމަށާއި ކޮމިޝަނުން އިންސާނީ ޙައްޤުތައް ކުރިއެރުވުމުގައި މަސައްކަތް ކުރަންވާނީ އެއްވެސް ފަރާތަކަށް ބުރަވުމެއްނެތި ތަޢައްޞުބުން އެއްކިބާވެ ތިބެގެންކަމަށް އޮތް އޮތުމާއި ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތައް ކުރިއެރުވުމަށް މަސައްކަތް ކުރަންވާނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެމަތިންކަމަށް ޤާނޫނު ނަންބަރު 2006/6 (ހިޔުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު) ގައި ކަނޑައަޅައި ބަޔާންވެފައި އޮންނައޮތުމާއި ޚިލާފުވާ ޢަމަލެއްކަން އެނގެން އޮންނަ އޮތުމެވެ.
(ރ) ހަތަރުވަނަކަމަކީ، ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ބުނެވިދިޔަ ރިޕޯޓުގައި ދިވެހިރާއްޖޭގެ ޖުޑިޝަރީގެ އިޚްތިޞާޞްތައް އޮޅޭގޮތަށް ޤާނޫނީ އިޖްރާއާތާ ޚިލާފުވާގޮތަށް އަދި ޙަޤީޤަތާ ޚިލާފު މަޢުލޫމާތުތައް ހިމަނައިގެން ރިޕޯޓު ތައްޔާރުކޮށް ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ފޮނުވުމުގެ ޢަމަލަކީ ކޯޓުތަކުގެ އިޚްތިޞާޞްތަކާއި މަސައްކަތާ ބެހި ނުފޫޒު ފޯރުވުންކަމާއި، އަދި މި ޢަމަލަކީ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ނ) އާއި (ރ) އާއި ބައިނަލްއަޤްވާމީ ޤާނޫނުގެ އުޞޫލުތަކާއި ޚިލާފު ޢަމަލެއްކަމާ އެގޮތުން، ޤާނޫނުއަސާސީ އާއި ބައިނަލްއަޤްވާމީ ޤާނޫނުގެ ޤާއިދާތަކާއި އުޞޫލުތަކުން ޖުޑިޝަރީގެ މުސްތަޤިއްލުކަން ކަށަވަރުކޮށްދީފައިވާ މަބްދައާ މި ޢަމަލުތައް ކަނޑައެޅިގެން ޚިލާފުވާކަން އެނގެން އޮތުމާއި ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ރިޕޯޓުގައި ހިމަނާފައިވާ ވާހަކަތަކަކީ ޙަޤީޤަތް އޮޅުވާލެވޭ އަދި އިތުބާރު ނުހިފޭ މަސްދަރުތަކަކުން ހޯދާފައިވާ މަޢުލޫމާތު ތަކެއްކަން ކޮމިޝަނުގެ މެންބަރުން ޝަރީޢަތުގެ މަޖިލީހުގައި ވެފައިވާ އިޢުތިރާފުތަކުން އެނގެން އޮންނަކަމާއި ދިވެހިރާއްޖޭގެ ކޯޓުތަކުގައި ޝަރީޢަތްކުރެވެނީ އެހެނިހެން ޑިމޮކްރެޓިކް މުޖްތަމަޢުތަކެކޭވެސް އެއްފަދައިން ޢަދުލުވެރި ޝަރީޢަތް ކުރުން ކަށަވަރުކުރުމަށް ކަނޑައެޅިގެންވާ ޤާނޫނީ އިޖްރާއަތުތަކާ އެއްގޮތްވާ ގޮތުގެމަތިންކަން ޤާނޫނުއަސާސީ އާއި ކޯޓުތަކުގެ އިޖްރާއާތުތަކާ ބެހޭ ޤާނޫނުތަކާއި ޤަވާއިދުތަކާއި ކޯޓުތަކުގެ ނިންމުންތަކުން ސާފުކޮށް އެނގެން އޮތުމާއި، ދިވެހި ދައުލަތަކީ ދިވެހި ދައުލަތް ބައިވެރިވެފައިވާ މުޢާހަދާތްތަކާއި ބައިނަލްއަޤްވާމީ އިލްތިޒާމްތަކަށް ހުރުމަތްތެރިކޮށް ހިތުމުގައި ދެމިއޮންނަ ދައުލަތަކަށްވެފައި ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމަށް އިސްނަގައިގެން ޤާނޫނުތައް ފާސްކޮށް އެއަށް ޢަމަލުކުރަމުން އަންނަ ޤައުމެއްކަމާއި، އެގޮތުން އިންސާނީ ޙައްޤުތަކާބެހޭ ޤައުމީ ކޮމިޝަނެއްގެ ގޮތުގައި ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، "ޕެރިސް ޕްރިންސިޕަލް" ތަކާއެއްގޮތްވާ ގޮތުގެމަތިން ޤާއިމްކޮށް، ޑިމޮކްރަސީ އާއި އިންސާނީ ޙައްޤުތައް ދައުލަތުގެ ތިންބާރުން ކުރިއަރުވާ ޙިމާޔަތް ކުރަމުން އަންނަ ޤައުމަކަށް ވާއިރު، ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުން ވަކި އަތަކަށް ބުރަވެ، މުއައްސަސާގެ މިސްދާޤިއްޔަތު (ކްރެޑިބިލިޓީ) ގެއްލޭގޮތަށް، ކަނޑައެޅިގެން ހުރި ސާބިތު ޙަޤީޤަތްތަކާއި އިންސާނީ ޙައްޤުތަކާއި ޤާނޫނުގެ ޙުކުމް ނެގެހެއްޓުމާއި ޑިމޮކްރަސީގައި ދައުލަތުން ހޯދާފައިވާ އަދި ހޯދަމުންއަންނަ ކުރިއެރުންތަކާމެދު ޤަސްދުގައި ފަރުވާކުޑަކޮށްލައި، ޤާނޫނުއަސާސީއާއި ޤާނޫނުތަކާ ޚިލާފަށް، އަދި ރައްޔިތުންނާ، ދައުލަތުގެ މުއައްސަސާތަކާ އަދި ސަލާމަތީ ބާރުތަކާ ދެކޮޅަށް ހިންގޭ ޓެރަރިޒަމްގެ ޢަމަލުތަކާއި ދައުލަތުގެ އަމަން ޢާންމާއި ޞުލްޙަ މަސަލަސްކަމާއި ދިރިއުޅުމުގެ ފަސޭހައާއި ހަމަހިމޭންކަމާއި އަމާންކަމަށް ނުރައްކާވާނޭ އިޖްރާމީ ޢަމަލުތަކަށާއި ދައުލަތުގެ އަމާންކަމާއި ހަމަޖެހުމާއި ދައުލަތުގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވާނޭ ޢަމަލުތަކާއި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާމެދު ޣާފިލުވެ، ޞައްޙަ މަޢުލޫމާތަކަށް ބުރަވުމެއްނެތި ޙަޤީޤަތާ ޚިލާފު ރިޕޯޓުތައް ތައްޔާރުކުރުމާއި އެފަދަ ރިޕޯޓުތައް ފަރާތްފަރާތަށް ފޮނުވުމަކީ ޤައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤްލާލާއި، އަމަންޢާންމާއި، ދުސްތޫރީ ނިޒާމާއި ދައުލަތުގެ ހަމަޖެހުމާއި އިސްތިޤްރާރާ ޚިލާފުވާނޭ ކަންތައްތަކަށް ހިތްވަރު ލިބޭނޭ ޣައިރު ޤާނޫނީ ޢަމަލުތަކަކަށް ވާނެކަން އެނގެން އޮންނަ އޮތުމެވެ.
(ބ) ފަސްވަނަކަމަކީ، ދައުލަތުގެ ކަމަކާ ޙަވާލުވެ ހުންނަ ކޮންމެ ފަރާތެއް މަސައްކަތް ކުރަންވާނީ މުޖްތަމަޢުގެ ހަޤީޤަތާއި މުޖްތަމަޢުގެ ޤިޔަމް (ވެލިޔު) ތަކާއެއްގޮތްވާ ގޮތުގެމަތިން އަދި ދައުލަތުގެ ކެރި ފޯރުން ތެރިކަމުގެ މައްޗަށާއި ތަނަވެސްވެފައި ހުރި ވަސީލަތްތަކުގެ މައްޗަށް ވިސްނައި ފިކުރުކޮށް، ދައުލަތަށް ގެއްލުންވާނޭ ޣައިރު ޤާނޫނީ ވާހަކަތަކާއި މަޢުލޫމާތު ފެތުރުމާއި ޣައިރު ޤާނޫނީ ޢަމަލުތަކަށް ޖާގަ ނުދީ ޙިކްމަތްތެރި އަދި ޞުލްޙަވެރި ޙައްލުތައް ލިބިދީގެން، ނަތީޖާ ބޮޑުކޮށް ނެރެދެވޭ އުޞޫލުގެ މަތިންކަމަށްވެފައި، އިންސާނާއަށް ލިބެންޖެހޭ އިންސާނީ ޙައްޤުތައް ހުންނައިރު، ޤައުމާއި ރައްޔިތުންގެ މަޞްލަޙަތުތަކަށް ގެއްލުން ފޯރާފަދަ ޢަމަލުތަކުން އެއްކިބާވެހުރުމުގެ ވާޖިބަކީ އިންސާނީ ޙައްޤުތަކާއި އިންސާނީ ޙައްޤުތަކާބެހޭ ޤައުމީ މުއައްސަސާތަކުގެ (ދިވެހިރާއްޖޭގައި ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ) މަސްއޫލިއްޔަތުތަކުގެ މައިގަނޑު އެއް އަސާސްކަމާއި އިންސާނީ ޙައްޤުތަކާބެހޭ ޤައުމީ މުއައްސަސާތައް މަސައްކަތްކުރަންވާނީ މުސްތަޤިއްލުކަމާއެކު އަދި ޤައުމީ މުއައްސަސާއެއްގެ ގޮތުގައިކަން 1993 ގެ ވިއެނާ ކޮންފަރެންސްގައި ނެރެފައިވާ ޔުނައިޓެޑް ނޭޝަންސް ޤަރާރުންނާއި "ޕެރިސް މަބާދީ" ތަކުން ސާފުކޮށް އެނގެންއޮތުމާއި އެގޮތުން ޤައުމުތަކުގެ ދުސްތޫރީ ނިޒާމުގެ ތެރެއިން ޤައުމުތަކުގައި ޤާއިމްކުރާ އިންސާނީ ޙައްޤުތަކާއި ބެހޭ ޤައުމީ މުއައްސަސާތަކުގެ މަޤްސަދަކަށް ވާންވާނީ އިންސާނީ ޙައްޤުތައް ކުރިއެރުވުމާއި އިންސާނީ ޙައްޤުތައް ޙިމާޔަތް ކުރުމާބެހޭގޮތުން ސަރުކާރާއި ދައުލަތުގެ ކަމާބެހޭ އެހެން ފަރާތްތަކަށް ލަފާދިނުމާއި އިންސާނީ ޙައްޤުތަކާބެހޭ ގޮތުން ހޭލުންތެރިކުރުން ފަދަ ޕްރޮގްރާމްތައް ހިންގުންކަމަށްވާއިރު، ދައުލަތުގެ ތަންފީޛީ ބާރުގައި ހިމެނޭ އެއްވެސް ވުޒާރާއެއް ނުވަތަ މުއައްސަސާއެއް އަދި ސަލާމަތީ ބާރުތަކުގެ އިޚްތިޞާޞް ވިޔަސް ނުވަތަ ޖުޑިޝަރީގެ އެއްވެސް އިޚްތިޞާޞެއް ނުވަތަ ޤާނޫނު ހަދާ ބާރުގެ އެއްވެސް އިޚްތިޞާޞެއްގެ ތެރެއަށް މި ފަދަ ޤައުމީ މުއައްސަސާއަކުން ވަދެގެން ނުވާނެކަމާއި އެފަދަ އިޚްތިޞާޞެއް ލިބޭގޮތަށް ޤާނޫނެއް ހެދުން ނުވަތަ ޤާނޫނެއް މާނަކުރުން ޞައްޙަނުވުމުގެ އިތުރަށް، އިންސާނީ ޙައްޤުތަކާ ބެހޭ ބައިނަލްއަޤްވާމީ މިންގަނޑުތަކަކަށް އެކަން ވާއިރު އަދި ވަކިން ޚާއްޞަކޮށް ރައްޔިތުންގެ ޝަކުވާ އަޑުއަހައި އެ ޝަކުވާތަކަށް ހައްލުލިބިދީ ރައްޔިތުންނާ މުޢާމަލާތްކުރާ މުއައްސަސާއެއްގެ ގޮތުގައި އޮންނަ މިފަދަ މުއައްސަސާއަކުން، ދައުލަތުގެ ކަމާބެހޭ އެހެނިހެން މުއައްސަސާތަކާ ފުށުއަރާގޮތަށް ޢަމަލުކުރުމަކީ، މިފަދަ ޤައުމީ މުއައްސަސާއެއްގެ މަސައްކަތައް ބުރޫއަރާނޭ ކަންތައްތަކަކަށް ވާނޭކަން އެނގެން އޮންނަ އޮތުމެވެ.
(ޅ) ހަވަނަކަމަކީ، އިސްވެ ބަޔާންކުރެވުނު ގޮތުގެމަތިން، އިންސާނީ ޙައްޤުތަކާ ބެހޭ ޤައުމީ މުއައްސަސާތަކުން މަސައްކަތް ކުރަންޖެހެނީ ދައުލަތުގެ ދުސްތޫރީ އަދި ޤާނޫނީ ނިޒާމުގެ ތެރޭގައި ދައުލަތުގެ ބާރުތަކާއި މުއައްސަސާތަކާ އެއްބާރުލުންދިނުމުގެ ގުޅުމުން ގުޅިގެން، މުސްތަޤިއްލުކަމާއެކު، ރިކަމެންޑޭޝަންތަކުގެ ގޮތުގައި އިންސާނީ ޙައްޤުތަކާގުޅޭ ކަންތަކާއި އިންސާނީ ޙައްޤުތަކާ ޚިލާފުވާކަންތަކުގައި ލަފާދިނުމާއި އިންސާނީ ޙައްޤުތަކާ ޚިލާފުވާކަމަށް ބުނެ ހުށަހެޅޭ ޝަކުވާތައްބަލައި ހައްލު ހޯދައިދިނުމުގައި އެހީތެރިވުމާއި، އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމާގުޅޭ ޤާނޫނުގެ ބިލްތަކާއި އެފަދަ ޤާނޫނުތަކުގެ އިސްލާޙީ ބިލްތަކަށް ލަފާދިނުމާއި އިންސާނީ ޙައްޤުތަކުގެ ޙާލަތު ބަޔާންކޮށް އެ ޙާލަތާގުޅޭ ގޮތުން މަޝްވަރާދިނުމާއި އިންސާނީ ޙައްޤުތަކުގެ ތަޢުލީމާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުން ނުވަތަ މިފަދަ ޕްރޮގްރާމް ދައުލަތުގެ އިދާރާތަކާ ގުޅިގެން ހިންގުންފަދަ ޕްރޮގްރާމްތައް ހިންގައި އިންސާނީ ޙައްޤުތައް ކުރިއަރުވައި ތަރައްޤީކުރުމަށްކަން އެނގެން އޮންނަ އޮތުމެވެ.
ޙުކުމް:
ދިވެހިރާއްޖޭގައި ޢަދުލު އިންޞާފު ޤާއިމްކުރުމުގެ އެންމެ އިސް ފަރާތަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ށ) ގައި ސާފުބަހުން ބުނެފައިވާއިރު، ދިވެހިރާއްޖޭގެ ޢަދުލު އިންޞާފު ޤާއިމްކުރުމުގެ ބާރުގެ މިނިވަންކަމާއި މުސްތަޤިއްލުކަން ޙިމާޔަތްކުރުމަށާއި ޢަދުލު އިންޞާފުގެ ބޭނުން ނަހަމަ ގޮތުގައި ހިފިޔަނުދިނުން ކަށަވަރުކުރުމަށާއި އެއްވެސް ފަރާތަކުން ކުރިމަތިކޮށްފާނޭ ބިރަކަށް ޖެހިލުންވުމެއްނެތި ތައައްސުބުން އެއްކިބާވެ ތިބެ، ޝަރީޢަތާއި ޤާނޫނުގައިވާ ގޮތުގެމަތިން އިންޞާފު ލިބިދިނުން ކަށަވަރުކޮށް، ދިވެހިރާއްޖޭގައި ޤާނޫނުގެ ވެރިކަން ނަގަހައްޓައި ދެމެހެއްޓުމަށްޓަކައި ޤާނޫނުއަސާސީ އާއި ޤާނޫނުތަކުގެ ބެލެނިވެރިޔާގެ ޙައިސިއްޔަތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އަޅަމުން ގެންދާ ފިޔަވަޅުތަކަކީ ކޯޓުތަކަށް ނުފޫޒު ފޯރުވުންކަމަށް ސިފަކޮށް، ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން މީލާދީ ސަނަތުން 2014 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 16 ވަނަ ދުވަހު ޢާންމުކޮށްފައިވާ ޔުނިވަރސަލް ޕީރިއޮޑިކް ރިވިއު (ޔޫ.ޕީ.އާރު) ރިޕޯޓުގެ "އެކްސެސް ޓު ޖަސްޓިސް" ގެ ސުރުޚީގެ ދަށުގައި ލިޔެފައިވާ ލިޔުމުގައި، ޢަދުލު އިންޞާފު ޤާއިމްކުރުމުގައްޔާއި، ކޯޓުތަކުން ބަލާ މައްސަލަތައް ބެލުމުގައި ޢަމަލުކުރަންޖެހޭ ޤާނޫނީ އުޞޫލުތަކާއި އިޖުރާއާތްތަކާއި އަދި ކޯޓުތަކުން ދޭންޖެހޭ މަޢުލޫމާތު ދިނުމުގައި ޢަމަލުކުރަންޖެހޭ އިޖުރާއާތްތަކާއި ދިވެހިރާއްޖޭގައި ޢަދުލު އިންޞާފު ޤާއިމްކުރުމުގެ ބާރުގެ އެންމެ އިސް ފަރާތުގެ ޙައިސިއްޔަތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިދޭ ބެލެނިވެރިކަމުގެ އިޚްތިޞާޞް އޮޅޭގޮތަށް، ބުނެވިދިޔަ ރިޕޯޓު އެކުލަވާލުމަށްފަހު، ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ފަރާތްތަކާ ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ޙިއްސާކޮށްފައިވާ އެ ރިޕޯޓުގައި ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުގެ ތެރޭގައި ހަމަޖެހި ޢަމަލުކުރަމުންދާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އެކިއެކި ކަންކަން ހިނގަމުންދާ ގޮތާ ޚިލާފު ސައްޙަނޫން މަޢުލޫމާތު ހިމަނާފައިވާއިރު، ޤާނޫނުއަސާސީ އާއި ޤާނޫނު މާނަކުރުމުގައި އަދި ޝަރީޢަތުން ބަލާ އެނޫންވެސް މައްސަލަތަކުގައި ސުޕްރީމް ކޯޓުގެ ނިންމުމަކީ އެކަމަކާބެހޭ އެންމެފަހުގެ ނިންމުންކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 145 ވަނަ މާއްދާގެ (ނ) ގައި ސާފުބަހުން ބުނެފައިވާކަމާއި އަދި ހަމަ އެފަދައިންމެ، ސުޕްރީމް ކޯޓުގެ ނިންމުމަކީ އެންމެ ފަހުގެ ނިންމުންކަމަށާއި ސަރުކާރުންނާއި ރައްޔިތުންގެ މަޖިލީހުންނާއި ދައުލަތުގެ މުއައްސަސާތަކުން ސުޕްރީމް ކޯޓުގެ ނިންމުމަށް ތަބާވާންޖެހޭނެ ކަމަށް ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 20 ވަނަ މާއްދާގައި އޮޅުން ނާރާފަދަ ސާފުބަހުން ބުނެފައިވާތީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ކަމާބެހޭ އެހެނިހެން ޤާނޫނުތަކުގެ އިތުރަށް އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސްއާ އެއްގޮތްވާ ގޮތުގެމަތިން ދިވެހިރާއްޖޭގެ ޢަދުލު އިންޞާފު ޤާއިމްކުރުމުގެ ބާރުގެ އެންމެ އިސްފަރާތުގެ ޙައިސިއްޔަތުން ސުޕްރީމް ކޯޓުން އަދާކުރަންޖެހޭ އަދި އަދާކުރަމުންދާ ދުސްތޫރީ މަސްއޫލިއްޔަތަކީ ކޯޓުތަކަށް ނުފޫޒު ފޯރުވުންކަމަށް ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ފަރާތުން ބުނެ، ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ފަރާތްތަކާ ބުނެވިދިޔަ ރިޕޯޓުގައި ހިމެނޭ ޙަޤީޤަތާ ޚިލާފު އަދި ޢަދުލު އިންޞާފުގެ އިތުބާރު ގެއްލޭގޮތަށް ހުރި ވާހަކަތައް ޙިއްސާކުރުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާ އާއި 145 ވަނަ މާއްދާގެ (ނ) އާއި ޤާނޫނުއަސާސީގެ 299 ވަނަ މާއްދާގެ (ހ) ގެ އިތުރުން ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ހ) އާއި (ށ) ގެ ޞަރީޙަ ނައްޞާ ޚިލާފު ޢަމަލަކަށްވާތީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް ހުރުމަތްތެރިކޮށް ހިތުމަށާއި އަދި އެފަދަ ޢަމަލެއް ޤަސްދުގައި ތަކުރާރުނުކުރުމަށް ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މައްޗަށް އަމުރުކުރުމާއެކު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 189 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފެދިފައިވާ ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަކީ އިސްލާމީ ޝަރީޢަތާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ޤާނޫނުތަކުގެ އިތުރަށް ދިވެހި ދައުލަތުން އެ މައްޗަށް ޢަމަލުކުރަންޖެހޭ މުއާހަދާއެއް ނުވަތަ މުއާހަދާއެއްގެ ބައެއްގެ ދަށުން ދިވެހި ދައުލަތުގެ އެހެނިހެން މުއައްސަސާތަކެކޭވެސް އެއްފަދައަކުން އުފުލަންޖެހޭ އިލްތިޒާމްތައް ފިޔަވައި، އިތުރު އެހެން އިލްތިޒާމެއް އުފުލަންޖެހޭ ފަރާތެއް ނޫންކަމަށާއި، ދިވެހިރާއްޖެއަކީ ފުރިހަމަ މިންވަންކަން ލިބިގެންވާ އިސްލާމީ އުޞޫލުތަކުގެ މައްޗަށް ބިނާކުރެވިފައިވާ އަމިއްލަ ވެރިކަމެއްކުރާ ދީމިޤްރާތީ އަދި ޔުނިޓަރީ ދައުލަތެއް ކަމަށްވުމާއެކު، ދިވެހިރާއްޖޭގެ ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ފަރާތުން އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް ކުރިއެރުވުމަށްޓަކައި ހިންގަންޖެހޭ އެންމެހައި ހަރަކާތްތައް ހިންގަންވާނީ:-
1- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ޤާނޫނުތަކުގެ ތަރަހައިގެ ތެރޭގައި ޤާނޫނުތަކުގެ އިން ފަހަނައަޅާ ނުދާނޭ ގޮތެއްގެމަތިން ދިވެހި ރައްޔިތުންނާއި ދިވެހި ދައުލަތުގެ އެންމެ މަތީ މަސްލަޙަތުތަކަށް ފުރިހަމައަށް ރައްކާތެރިވެ ތިބެގެންކަން ކަށަވަރުކުރުން.
2. ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމަށާއި އިންސާނީ ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތުން އިތުރުކުރުމަށްޓަކައި ކުރެވޭ މަސައްކަތްތަކަކީ ދިވެހި މުޖުތަމައުގެ އެއްބައިވަންތަކަމާއި އެއްބައެއް ވަންތަކަމަށް އެއްވެސް ސިފައެއްގައި ބުރުލެއް އެރިޔަނުދޭ އުޞޫލެއްގެ މަތިން ކުރެވޭ މަސައްކަތެއްކަން ކަށަވަރުކުރުން.
3. ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް ކުރިއެރުވުމަށާއި ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތަކަށް ޙުރުމަތްތެރިކޮށްހިތާ މިންވަރު އިތުރުކުރުމަށްޓަކައި ކުރެވޭ އެންމެހައި މަސައްކަތްތަކަކީ ދިވެހިރާއްޖޭގެ ސުލްހަ މަސަލަސްކަމާއި އަމްނުއަމާންކަމާއި، ދިވެހި ރައްޔިތުންގެ ހަމަޖެހުމާއި ޒަމާނުއްސުރެ ދިވެހިރާއްޖޭގައި ޤާއިމްވެފައިވާ ރިވެތި އަޚްލާޤީ އުޞޫލުތަކަށް ހީނަރުކަން ނާންނާނެ ގޮތެއްގެމަތިން ކުރެވޭ މަސައްކަތްތަކެއްކަން ކަށަވަރުކުރުން.
4. ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމަށާއި ރާއްޖޭގައި އިންސާނީ ޙައްޤުތައް ކުރިއެރުވުމަށްޓަކައި ކުރެވޭ މަސައްކަތްތަކަކީ ދިވެހި ދައުލަތުގެ އެހެނިހެން އިދާރާތަކަށް ޤާނޫނީ ގޮތުން ލިބިގެންވާ އިޚްތިޞާޞް އާއި މަސްޢޫލިއްޔަތުތަކާއި ފުށުއަރާގޮތަށް ކުރެވޭ މަސައްކަތްތަކެއް ނޫންކަން ކަށަވަރުކުރުން.
5. ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި ކުރެވޭ އެންމެހައި މަސައްކަތްތަކަކީވެސް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ޤާނޫނުތަކުގެ ދަށުން ދިވެހި މުޖުތަމައުގައި ހުއްދަކުރެވިފައިވާ ކަންތައްތަކެއްކަން ކަށަވަރުކުރުން.
6. ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމަށާއި ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި ކުރެވޭ މަސައްކަތްތަކަކީ ދިވެހިންގެ ޢަޤީދާ އާއި ދިވެހިން ޤަބޫލުކުރާ ހަމަތަކާއި ދިވެހި ޤައުމުގެ އިޖްތިމާއީ މިންގަނޑުތަކާއި އަދި ރިވެތި އަޚްލާޤާއި ޚިލާފަށް ކުރެވޭ މަސައްކަތެއް ނޫންކަން ކަށަވަރުކުރުން.
7. ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމަށާއި ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތައް ކުރިއެރުވުމަށާއި ތަރައްޤީކޮށް ދެމެހެއްޓުމަށްޓަކައި ކުރެވޭ އެންމެހައި މަސައްކަތްތަކަކީވެސް ދިވެހިންގެ ޢަޤީދާ އާއި ދިވެހިން ޤަބޫލުކުރާ ހަމަތަކާއި ރިވެތި އަޚްލާޤާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ޤާނޫނުތަކުގެ އަލީގައި ކުރެވޭ ޙަޤީޤީ ދިރާސާތަކުގެ އަލީގައި އެކަށައެޅޭ ހަރުދަނާ ޕޮލިސީތަކެއްގެ ދަށުން ދިވެހި ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމާއި، ހަމަޖެހުމާއި، ދިވެހިންގެ މެދުގައި ޒަމާނުއްސުރެ ޤާއިމްވެފައިވާ އެއްބަނޑު އެއްބަފާކަމާއި ޞުލްޙަވެރިކަމަށް ބުރުލެއްނާރާނެ ގޮތެއްގެމަތިން ދިވެހި ދައުލަތުގެ އެހެނިހެން މުއައްސަސާތަކާއި އިދާރާތަކުގެ ފުރިހަމަ އެއްބާރުލުން ލިބިގެން ހިންގޭ މަސައްކަތަކަށްވާކަން ކަށަވަރުކުރުން.
8. ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް ކުރިއެރުވުމަށްޓަކައި ކުރެވޭ މަސައްކަތަކީ ބޭރުގެ ފަރާތްތަކާ ބައިވެރިވެގެން ކުރަންޖެހޭ ކަމަކަށްވާނަމަ، ފުރިހަމަ ސިޔާދަތު ލިބިގެންވާ އަމިއްލަ ވެރިކަމެއްކުރާ މިނިވަން ދިވެހި ދައުލަތުގެ މުއައްސަސާއަކުން އެފަދަ ފަރާތަކާއެކު ހިންގަންޖެހޭ ގުޅުން ހިންގުމަށްޓަކައި ދިވެހި ދައުލަތުން ކަނޑައަޅފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އެފަދަ ކަންކަމުގައި ދައުލަތުގެ ކަމާބެހޭ ޙާއްސަ ފަރާތް މެދުވެރިކުރުން.
9. ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމަށާއި ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި ކުރެވޭ މަސައްކަތްތަކަކީ ދިވެހިރާއްޖޭގައި ޤާނޫނުގެ ވެރިކަން ނެގެހެއްޓުމަށާއި ދިވެހިރާއްޖޭގައި ރޫލް އޮފް ލޯއަށް ޙުރުމަތްތެރިކޮށް ހިތުން ކަށަވަރުކުރެވޭ ގޮތެއްގެމަތިން، ދިވެހި ރައްޔިތުންގެ މެދުގައި ރޫލް އޮފް ލޯ އަށް ބޯލެނބުން އިތުރުކުރުން ކަށަވަރުކޮށްދޭ މަސައްކަތްތަކެއްކަން ކަށަވަރުކުރުން.
10. ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް ކުރިއެރުވުމަށްޓަކައި ކުރެވޭ މަސައްކަތަކީ ވަކި ސިޔާސީ ފިކުރެއްގައި، ވަކި ފަރާތަކަށް ފައިދާއެއް ހޯދައިދިނުމުގެ މަޤްޞަދުގައި ނުވަތަ ވަކި ފަރާތެއްގެ އަގުވައްޓާލުމަށްޓަކައި ކުރެވޭ މަސައްކަތަކަކަށްނުވާކަން ކަށަވަރުކުރުން.
11. ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމަށާއި ކުރިއެރުވުމަށްޓަކައި ކުރެވޭ އެންމެހައި މަސައްކަތްތަކަކީ ސިޔާސީ ގޮތުން ނުވަތަ އިޖުތިމާއީ ގޮތުން ނުވަތަ ދީނީ ގޮތުން ހައްދުފަހަނައަޅާ ދިއުމަށާއި ދިވެހިރާއްޖެއަށް އެއްވެސް ދެރައެއް ދިނުމަށް މަގުފަހިވާފަދަ ގޮތަކަށް ނުވަތަ ދިވެހި ޤައުމުގެ ރީތިނަމަށް ހުތުރުވާފަދަ ގޮތަކަށް ކުރެވޭ މަސައްކަތްތަކެއް ނޫންކަން ކަށަވަރުކުރުން.
ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 189 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފައްދާފައިވާ ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މޭންޑޭޓަކަށް ޤާނޫނީގޮތުން ވާންވާނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ޤާނޫނުތަކުން އެ ކޮމިޝަނަށް ހުއްދަކޮށްފައިވާ މަސައްކަތްކުރުން ކަމަށްވާއިރު، މަތީގައި ބަޔާންވެފައިވާ ކަންތައްތަކަކީ ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ފަރާތުން ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް ކުރިއެރުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްކުރުމުގައި ޤާނޫނީ ގޮތުން ޢަމަލުކުރުން ލާޒިމްވާ ކަންތައްތަކެއްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު، ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް ކުރިއަރުވާ ތަރައްޤީކުރުމަށްޓަކައި ކުރެވޭ މަސައްކަތްކުރުމުގައި މި ޙުކުމުގައި ކަނޑައެޅި ބަޔާންވެފައިވާ ގައިޑްލައިނާއި އެއްގޮތްވާ ގޮތުގެމަތިން ޢަމަލުކުރަމުން ގެންދިޔުމަށާއި މި ގައިޑްލައިނާ ޚިލާފުނުވުމަށް ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މައްޗަށް އަންގާ އަމުރުކޮށްފީމެވެ.
އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު
ފަނޑިޔާރު ޢަބްދުﷲ ޢަރީފް
ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު
ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ
ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.