ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2015/SC-A/01ސުޕްރީމް ކޯޓު · 28 މޭ 2015

—

ސުޕްރީމް ކޯޓު
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 28 މޭ 2015ބާވަތް: އިސްތިއުނާފީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ

ޤަޟިއްޔާ ނަންބަރު: 012015/SC-A/

ދަޢުވާކުރާ ފަރާތް: ޖުޑީޝަލް ސަރވިސް ކޮމިޝަން

ދަޢުވާ ލިބޭ ފަރާތް: 1. އަނަސް ޢަބަދުއް ސައްތާރު، މ. ބަޑިކުޅިމާގެ، މާލެ

2. ޙަސަން ފިޔާޟް

މައްސަލައިގެ ބާވަތް: ޖުޑީޝަލް ރިވިއު

މައްސަލަ އައިގޮތް: އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

ހުށަހެޅުނު ތާރީޚް: 30 ނޮވެމްބަރ 2014

ނިމުނު ތާރީޚް: 28 މޭ 2015

ރަޖިސްޓަރީ ކުރެވުނު ތާރީޙް: 27 ޖަނަވަރީ 2015

މައްސަލަ ނިންމި ގަޑި: 15:40

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:

އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ.

އިލްތިމާސް ކުރެވުނު ޤަޟިއްޔާ

ނަންބަރު:2014/HC-DM/05

ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު

ހުށަހެޅުނު ތާރީޚް: 04 ސެޕްޓެމްބަރ 2014

ނިމުނު ތާރީޚް: 30 އޮކްޓޯބަރ 2014

މައްސަލައިގެ ޚުލާޞާ

މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 05/HC-DM/2014 ޤަޟިއްޔާ، އެ ކޯޓުން ބަލައި ނިންމާފައިވަނީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، އެ ޤަޟިއްޔާގައި، ކޮށްފައިވާ ޙުކުމް ބާޠިލު ކޮށްދިނުމަށް އެދި، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި ދަޢުވާ ރައްދުވާ ފަރާތަކީ މ.ބަޑިކުޅިމާގޭ، އަނަސް ޢަބަދުއް ސައްތާރު އާއި، މ.ފްލޮރަންސް ޙަސަން ފިޔާޟް އެވެ.

ބުނެވިދިޔަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 05/HC-DM/2014 ޤަޟިއްޔާ އަކީ، ޖުޑީޝަލް ސަރވިސް ކޮމިޝަނުން ހައިކޯޓަށް ފަނޑިޔާރުން ޢައްޔަންކުރުމަށްޓަކައި 17 އޯގަސްޓް 2014 ގައި ޢާންމުކޮށްފައިވާ "ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރުން ޢައްޔަންކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު" އަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާއާއި، 20 ވަނަ މާއްދާއާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 02/HC-DM/2012 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާއި ތަޢާރަޟުވާ ޤަވާޢިދެއްކަމަށް ބުނެ، އެ ޤަވާޢިދަކީ ބާޠިލު ޤަވާޢިދެއްކަމަށް ކަނޑައަޅައި ދިނުމަށާއި، އެ ޤަވާޢިދުގެ ދަށުން ކެނޑިޑޭޓުން ޝޯޓްލިސްޓް ކޮށްގެން ހައިކޯޓަށް ފަނޑިޔާރުން ޢައްޔަންކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކުރަމުން ގެންދާ މަސައްކަތްތައް ހުއްޓާލުމަށް އަމުރުކޮށްދިނުމާއެކު، ޢަދުލު އިންޞާފުގެ ހަމަތަކާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 02/HC-DM/2012 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާއި އެއްގޮތްވާގޮތުގެ މަތިން ކަނޑައަޅާ ޤަވާޢިދެއްގެ ދަށުން ފަނޑިޔާރުން ޢައްޔަންކުރުމުގެ މަސައްކަތް ކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި މ.ފްލޮރަންސް ޙަސަން ފިޔާޟް އާއި، މ.ބަޑިކުޅިމާގޭ، އަނަސް ޢަބްދުއް ސައްތާރުގެ ފަރާތުން، ޖުޑީޝަލް ސަރވިސް ކޮމިޝަން އާއި، އެޓާރނީ ޖެނެރަލްގެ އޮފީހަށް ދަޢުވާ ރައްދުވާގޮތަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލައި ނިންމާފައިވާ ދުސްތޫރީ މައްސަލައެކެވެ.

ފާހަގަ ކުރެވުނު ނުކުތާތައް

މި މައްސަލާގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި، ޤާނޫނުތަކަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 05/HC-DM/2014 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، ދަޢުވާކުރާ ފަރާތުންނާއި، ދަޢުވާލިބޭ ފަރާތުން ސުޕްރީމްކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި ލިޔުންތަކަށާއި، ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މިބާވަތުގެ މައްސަލަތަކާ ގުޅޭ ޢާންމު ދުސްތޫރީ އަދި ޤާނޫނީ މަބްދައުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލައި ވިސްނިއިރު، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.

އިސްވެ ބަޔާންކުރެވުނު ހައިކޯޓުގެ ނަންބަރު 05/HC-DM/2014 ޤަޟިއްޔާއަށް ބަލާއިރު، އެ ޤަޟިއްޔާ ބަލައި ފައިޞަލާކުރި އެ ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކޮށްފައިވާ ޙުކުމުގައި، ޖުޑީޝަލް ސަރވިސް ކޮމިޝަނުން 17 އޯގަސްޓް 2014 ގައި ހަދާފައިވާ "ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރުން ޢައްޔަންކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު" ގައި ތަޢުލީމީ ބައިން މާކްސް ދިނުމާއި، ސިއްރު ވޯޓުން ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް މީހަކު ހޮވުމަށް ކަނޑައަޅާފައި އޮތް އޮތުން ބާޠިލުކަމަށް ކަނޑައެޅުމާއެކު، އެ ޤަޟިއްޔާގައި ފާހަގަކޮށްފައިވާ ހަމަތަކާއި އުޞޫލުތަކާ އެއްގޮތަށް ބުނެވިދިޔަ ޤަވާޢިދާއި އެ ޤަވާޢިދުގެ ޖަދުވަލު އިޞްލާޙުކޮށް، އެ އިޞްލާޙުތަކާ އެއްގޮތްވާ ގޮތުގެމަތިން އެކުލަވާލެވޭ ޤަވާޢިދެއްގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރުން ޢައްޔަންކުރުމުގެ މަސައްކަތް އަލުން ކުރިއަށް ގެންދިއުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މައްޗަށް އަންގާފައިވާކަން އެނގެން އޮވެއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްވެ ޙަވާލާދެވުނު ނަންބަރު 05/HC-DM/2014 ޤަޟިއްޔާއަކީ އެކޯޓުން ބެލޭނެ މައްސަލައެއްކަމުގައި ނުވާއިރުވެސް އެކޯޓުން އެ މައްސަލަ ބަލައި ޙުކުމްކޮށްފައިވާކަމަށް ބުނެ، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އުފުލާފައިވާ އިޖްރާއީ ނުކުތާގެ މައްޗަށް ބެލިއިރު، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ފަރާތުން ބުނެވުނު އިޖްރާއީ ނުކުތާ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އުފުލުމަކާނުލައި ފުރަތަމަ ފަހަރަށްވެސް އުފުލާފައިވަނީ ސުޕްރީމް ކޯޓުގައިކަން އެނގެން އޮންނަކަމާ؛ ތަފާތު ޖުރިސްޑިކްޝަންތަކުގައި އިސްތިޤްރާރުވެފައިވާ މަދަނީ އިޖްރާއާތުގެ އުޞޫލުތަކަށް ބަލާއިރު، ކޯޓަކަށް ހުށަހެޅޭ ދަޢުވާއެއް ބެލުމުގެ އިޚްތިޞާޞް އެކޯޓަކަށް ލިބިގެންނުވާކަމަށް ބުނެ ދަޢުވާގައި ހިމެނޭ ކަމުގެ މަޞްލަހަތުއޮތް ފަރާތަކުން އިޖްރާއީގޮތުން ޠަޢުނުކުރަންވާނީ އުޞޫލެއްގެ ގޮތުން، ކޯޓުން މައްސަލައިގެ މައުޟޫއަށް ފައިޞަލާކުރަން ފެށުމުގެ ކުރިންކަމުގައި ވީނަމަވެސް، އިޚްތިޞާޞް ލިބިގެންނުވާކަމަށް ކުރެވޭ ޠަޢުނު ބިނާކުރާ ޤާނޫނީ ޤާޢިދާއަކީ ނިޒާމުލް ޢާންމް އާއި ގުޅިފައިވާ ނުވަތަ ޢާންމު މަޞްލަޙަތު ޙިމާޔަތްކުރުމަށް ކަނޑައެޅިފައިވާ ޤާޢިދާއެއްނަމަ، އެ ޠައުނު، ދަޢުވާއަށް ފައިޞަލާކޮށް ޙުކުމްކުރުމުގެ ކުރިން ކޮންމެ ހިނދެއްގައިވެސް ކުރުމުގެ ޙައްޤު ދަޢުވާގައި ހިމެނޭ ފަރާތްތަކަށް ލިބިގެންވުމުގެ އިތުރުން، ކޯޓުގެ އަމިއްލަ އިސްނެގުމަކަށްވެސް އެފަދަ ޙާލަތުގައި އިޖްރާއީގޮތުން ނިންމަންޖެހޭ ނިންމުން ނިންމުމުގެ ބާރު ކޯޓަށް ލިބިގެންވާކަމާ، އަދި އެފަދަ ޙާލަތުގައި ކޯޓަށް އިޚްތިޞާޞް ލިބިގެންނުވާކަމަށް ބުނެ ކުރެވޭ ޠަޢުނު ފުރަތަމަ ފަހަރަށް އިސްތިއުނާފީ ކޯޓުގައި ނުވަތަ ސުޕްރީމް ކޯޓުގައިވެސް ކުރުމުގެ ޙައްޤު ދަޢުވާގައި ހިމެނޭ ފަރާތްތަކަށް ލިބިގެންވާކަން އެނގެން އޮންނައިރު، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އުފުލާފައިވާ، އިސްވެ އިޝާރާތްކުރެވުނު އިޖްރާއީ ނުކުތާއަކީ ޙަޤީޤަތުގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްވެ ޙަވާލާދެވުނު ނަންބަރު 05/HC-DM/2014 ޤަޟިއްޔާ ބެލުމުގެ އިޚްތިޞާޞް އެކޯޓަށް ލިބިގެން ނުވާކަމަށް ބުނެ އުފުލާފައިވާ އިޖްރާއީ ނުކުތާއެއް ކަމުގައިވެފައި، ދިވެހިރާއްޖޭގެ ހައިކޯޓާއި، ސުޕްރީމް ކޯޓުގެ އިޚްތިޞާޞް ކަނޑައަޅާ ޤާނޫނީ ޤާޢިދާތަކަކީ ދިވެހިރާއްޖޭގެ ޢަދްލު އިންޞާފުގެ ނިޒާމު އޭގެ އެންމެ ފުރިހަމަގޮތުގައި ހިންގުމާއި އެނިޒާމުގެ ހައިރާކީއާއި ގުޅިފައިވާ ޤާޢިދާތަކެއް ކަމުގައިވާއިރު، އެއީ ޝައްކެއް ނެތްގޮތުގައި، ނިޒާމުލް ޢާންމް އާއި، ޢާންމު މަޞްލަޙަތާ ގުޅިފައިވާ ޤާޢިދާތަކެއްކަން އެނގެން އޮންނައިރު، ބުނެވުނު އިޖްރާއީ ނުކުތާ ފުރަތަމަ ފަހަރަށް ސުޕްރީމް ކޯޓުގައި އުފުލުމުގެ ޤާނޫނީ ނުވަތަ އިޖްރާއީ ހުރަހެއް ނެތްކަން އެނގެން އޮވެއެވެ.

ހައިކޯޓުގެ އިސްވެ ޙަވާލާދެވުނު ނަންބަރު 05/HC-DM/2014 ޤަޟިއްޔާއަކީ ޖުޑީޝަލް ސަރވިސް ކޮމިޝަނުން ޢާންމުކޮށްފައިވާ "ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރުން ޢައްޔަންކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު" ގެ ބައެއްގެ ދުސްތޫރިއްޔަތު ކަމާމެދު ޠަޢުނުކޮށް ހުށަހަޅާފައިވާ މައްސަލައެއްކަން އެނގެން އޮންނައިރު، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއް ވިޔަސް ޤާނޫނުއަސާސީއާ ޚިލާފުވޭތޯ ބެލުމާއި، އެފަދަ މައްސަލަތަކުގައި ގޮތެއް ނިންމުމުގެ ބާރު ލިބިގެންވަނީ ހައިކޯޓަށާއި ސުޕްރީމް ކޯޓަށް ކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ކަމާއި، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނެއްގެ ދުސްތޫރިއްޔަތުކަމާމެދު ގޮތެއް ނިންމުމުގެ ބާރު ލިބިގެންވާ ކޯޓަކަށް ދައުލަތުގެ އިދާރާއަކުން ފާސްކުރާ ޤަވާޢިދެއް ނުވަތަ ޤަވާޢިދަކުން ބައެއްވިޔަސް ޤާނޫނުއަސާސީއާ ޚިލާފުވޭތޯ ބެލުމާއި އެފަދަ މައްސަލަތަކުގައި ގޮތެއް ނިންމުމުގެ ބާރު ލިބިގެންވާކަން ޟިމްނީގޮތުން އެނގެން އޮންނަކަމާ، މީގެ އިތުރުން ޤާނޫނަކުން ބާރުލިބިގެން ހަދާފައިވާ ޤަވާޢިދެއް ނުވަތަ އެ ޤަވާޢިދެއްގެ ބައެއް ޤާނޫނުއަސާސީއާ ނުވަތަ ޤާނޫނަކާ ތަޢާރުޟުވާކަމަށް ބަޔާންކޮށް ހުށަހަޅާ މައްސަލަތައް ބެލުމުގެ އަޞްލީ އިޚްތިޞާޞް ހައިކޯޓަށް ލިބިގެންވާކަމަށް ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 37 ވަނަ މާއްދާގެ (ށ) ގެ ޞަރީޙަ ނައްޞުން އެނގެން އޮންނައިރު، ހައިކޯޓުގެ ބުނެވިދިޔަ ނަންބަރު 05/HC-DM/2014 ޤަޟިއްޔާ ބަލައި ފައިޞަލާކުރުމުގެ އިޚްތިޞާޞް އެ ކޯޓަށް ލިބިގެންވާކަން އެއްވެސް އޮޅުމެއް ނާރާގޮތަށް އެނގެން އޮންނަކަމާ، އެހެންކަމުން އެ ޤަޟިއްޔާއަކީ ހައިކޯޓަށް ބެލޭނެ މައްސަލައެއްކަމުގައި ނުވާއިރުވެސް އެކޯޓުން އެ މައްސަލަބަލައި ޙުކުމްކޮށްފައިވާކަމަށް ބުނެ، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އުފުލާފައިވާ އިޖްރާއީ ނުކުތާ ބިނާކޮށްފައިވާ އަސާސްތަކަކީ ޤާނޫނީގޮތުން ޞައްޙަ އަސާސްތަކެއް ނޫންކަން އެނގެން އޮވެއެވެ.

ޤާނޫނުއަސާސީގެ 'ސުޕްރިމަސީ' (Supremacy of the Constitution) ގެ މަބްދައަކީ ޤާނޫނީ ދައުލަތެއްގެ އެންމެ މުހިއްމު އެއް "ޚާއްޞިއްޔަތު" ކަމުގައިވާއިރު، ދައުލަތުގައި ޢަމަލުކުރެވޭ އެންމެހައި ޤާނޫނީ ޤާޢިދާ (Legal Rule) ތައް - އެއީ ޕާރލަމެންޓުން ފާސްކުރާ ޤާނޫނަކަށް ވިއަސް، ނުވަތަ ދައުލަތުގެ އިދާރާއަކުން ނެރޭ ޤަވާޢިދު (regulation) އަކަށް ވިއަސް- ބައްޓަންވެގެން ވާންވާނީ ދައުލަތުގެ ޤާނޫނީ ހަރުފަތުގެ އެންމެ މަތީގައިވާ ދުސްތޫރު ނުވަތަ ޤާނޫނުއަސާސީގައި ކަނޑައަޅައި ބަޔާންވެގެންވާ ނައްޞުތަކާއި އަޙްކާމްތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމުގައިވުމާއި، ޤާނޫނުއަސާސީގެ ނައްޞުތަކާއި އަޙްކާމްތަކާ އެއްގޮތް ނޫން ނުވަތަ ޤާނޫނުއަސާސީއާ ޚިލާފުވާގޮތަށް ހެދޭ ޤާނޫނުތަކާއި ޤަވާޢިދުތަކަކީ އޭގެ ބާރު ނުހިނގާ ބާޠިލު އެއްޗެއްކަމުގައި ވުމަކީ މިޒަމާނުގެ އެންމެހައި ޤާނުނީ ނިޒާމްތަކުގައި އިސްތިޤްރާރުވެފައިވާ ދުސްތޫރީ މަބްދައެއްކަމަށްވާ "މަބްދައުއް ދުސްތޫރިއްޔާ" (Principle of Constitutionality) ގެ އަސާސް ކަމުގައިވާއިރު، މި އަސާސް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 268 ވަނަ މާއްދާގައި އެއްވެސް އޮޅުމެއް ނާރާގޮތަށް ކަށަވަރުކޮށްދީފައިވާކަން އެނގެން އޮވެއެވެ.

އިސްވެ ބަޔާންވެދިޔަ "މަބްދައުއް ދުސްތޫރިއްޔާ" ގެ އަލީގައި، ހައިކޯޓުގެ ޙަވާލާދެވުނު ނަންބަރު 05/HC-DM/2014 ޤަޟިއްޔާގެ ޙުކުމުގައި، ޖުޑީޝަލް ސަރވިސް ކޮމިޝަނުން 17 އޯގަސްޓް 2014 ގައި ހަދާފައިވާ "ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރުން ޢައްޔަންކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު" ގައި ތަޢުލީމީ ބައިން މާކްސް ދިނުމަށް ކަނޑައަޅާފައިވާ ގޮތް، ބާޠިލުކަމަށް ނިންމާފައި އޮންނަ އޮތުމުގެ މައްޗަށް ދުސްތޫރީ އަދި ޤާނޫނީ ނަޒަރަކުން ބެލިއިރު އަންނަނިވި ކަންތައް ފާހަގަކުރެވެއެވެ.

ހ) ފުރަތަމަ ކަމަކީ، އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ފިޔަވައި އެހެން ފަނޑިޔާރުން ޢައްޔަންކުރުމާއި މަޤާމުގެ ކުރިއެރުން ދިނުމާއި، ބަދަލުކުރުމަކީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މަސްއޫލިއްޔަތެއް ކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 159 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރުމަށްފަހު، އެ މާއްދާގެ (ނ) ގެ (1) ގައި ފަނޑިޔާރުން ހޯދުމާއި ޢައްޔަންކުރުމާ ގުޅޭ އެންމެހައި ކަންކަމާ ބެހޭ ޤަވާޢިދުތައް ހެދުމަކީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މަސްއޫލިއްޔަތެއް ކަމަށް ކަނޑައަޅައި ބަޔާންކޮށްފައިވާކަމާ، އަދި ހަމަ އެ އަޙްކާމްތައް ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 21 ވަނަ މާއްދާގެ (ހ) އާއި، (ނ) ގެ (1) ގައި ބަޔާންކޮށްފައިވާއިރު، ޖުޑީޝަލް ސަރވިސް ކޮމިޝަނުން ހައިކޯޓަށް ފަނޑިޔާރުން ޢައްޔަންކުރުމަށްޓަކައި 17 އޯގަސްޓް 2014 ގައި ޢާންމުކޮށްފައިވާ އިސްވެ ޙަވާލާދެވުނު، "ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރުން ޢައްޔަންކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު" އެ ކޮމިޝަނުން ހަދާފައިވަނީ ޤާނޫނުއަސާސީގެ 159 ވަނަ މާއްދާއާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 21 ވަނަ މާއްދާއިން ބާރު ލިބިގެންކަން އެނގެން އޮންނަކަމެވެ.

ށ) ދެވަނަ ކަމަކީ، ޤާނޫނުގައިވާ ގޮތުގެމަތިން ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަންކުރަންވާނީ ފަނޑިޔާރުކަމުގެ މަޤާމަށް ބޭނުންވާ ފެންވަރަށް ތަޢުލީމާއި ތަޖުރިބާލިބިފައިވާ އަދި ފަނޑިޔާރެއްގެ މަސްއޫލިއްޔަތު އުފުލޭފަދަ ޤާބިލް މީހުން ކަމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 149 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަމާއި، ފަނޑިޔާރުކަމުގެ މަޤާމަށް ބޭނުންވާ ފެންވަރަށް ތަޢުލީމު ލިބިފައިވާ މީހުންކަމަށް ކަނޑައެޅުމުގައި ޤާނޫނުއަސާސީގެ ބުނެވިދިޔަ 149 ވަނަ މާއްދާގެ (ހ) ގެ ބޭނުމަށް، ސުޕްރީމް ކޯޓު، ހައިކޯޓު ނުވަތަ ދަށު ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާ މީހެއް ނަމަ، އެމީހަކީ އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު، ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާ ރޮގުން ފުރަތަމަ ޑިގްރީ ޙާޞިލް ކޮށްފައިވާ މީހަކަށް ވާންޖެހޭނެކަމަށް ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ނ) ގެ (1) ގައި ބަޔާންކޮށްފައިވާ އިރު، ހައި ކޯޓަށް ޢައްޔަންކުރެވޭ ފަނޑިޔާރެއް ގައި ތަޢުލީމީގޮތުން ހުންނަންޖެހޭ އަސާސީ ޝަރްޠަކީ އިސްލާމީ ޝަރީޢާގެ ރޮގުން ފުރަތަމަ ޑިގްރީއެއް ނުވަތަ ޤާނޫނުގެ ރޮގުން ފުރަތަމަ ޑިގްރީއެއް ނުވަތަ އިސްލާމީ ޝަރީޢާ އާއި ޤާނޫނުގެ ރޮގުން ފުރަތަމަ ޑިގްރީއެއް (ކޮމްބައިންޑްކޮށް) ޙާޞިލް ކޮށްފައިވުންކަން އެނެގެން އޮންނަކަމެވެ.

ނ) ތިންވަނަ ކަމަކީ، ޖުޑީޝަލް ސަރވިސް ކޮމިޝަނުން 17 އޯގަސްޓް 2014 ގައި ހަދާފައިވާ "ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރުން ޢައްޔަންކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު" ގެ ޖަދުވަލު 1 ކަމުގައިވާ " ހައިކޯޓަށް ފަނޑިޔާރުން ޢައްޔަންކުރުމުގައި މާކްސް ދޭނޭގޮތުގެ ކްރައިޓީރިއަރ" ގައި ތަޢުލީމީ ބައިން މާކްސް ދިނުމަށް ކަނޑައަޅާފައިވާ ގޮތަށް ބަލާއިރު، އިސްލާމީ ޝަރީޢާ އިން ފުރަތަ ޑިގްރީ ޙާޞިލްކޮށްފައިވާ ފަރާތަކަށް 20 މާކްސް، ޤާނޫނުން ފުރަތަމަ ޑިގްރީ ޙާޞިލްކޮށްފައިވާ ފަރާތަކަށް 20 މާކްސް، އިސްލާމީ ޝަރީޢާއާއި ޤާނޫނުން ފުރަތަމަ ޑިގްރީ ޙާޞިލްކޮށްފައިވާ ފަރާތަކަށް 25 މާކްސް، ޝަރީޢާ ނުވަތަ ޤާނޫނީ ދާއިރާއިން މާސްޓަރސް ޑިގްރީ ޙާޞިލްކޮށްފައިވާ ފަރާތަކަށް 5 މާކްސް، ޝަރީޢާ ނުވަތަ ޤާނޫނީ ދާއިރާއިން ޕީ.އެޗް.ޑީ ޙާޞިލްކޮށްފައިވާ ފަރާތަކަށް 5 މާކްސް، ހަމައެކަނި އިސްލާމީ ޝަރީޢާއިން ޑިގްރީ ލިބިފައިވާ ފަރާތެއްގެ ޓްރާންސްކްރިޕްޓަށް ބަލާއިރު ޤާނޫނީ މޮޑިއުލެއް ކިޔަވާފައިވާނަމަ 5 މޮޑިއުލްއާ ހަމައަށް ކޮންމެ މޮޑިއުލަކަށް 0.4 މާކްސް، ހަމައެކަނި ޤާނޫނުން ޑިގްރީ ލިބިފައިވާ ފަރާތެއްގެ ޓްރާންސްކްރިޕްޓަށް ބަލާއިރު ޝަރީޢާ މޮޑިއުލެއް ކިޔަވާފައިވާނަމަ 5 މޮޑިއުލްއާ ހަމައަށް ކޮންމެ މޮޑިއުލަކަށް 0.4 މާކްސް، އަދި އިސްލާމީ ޝަރީޢާއިން ފުރަތަމަ ޑިގްރީ ޙާޞިލްކޮށްފައި ވުމާއެކު، ޤާނޫނުން ފުރަތަމަ ޑިގްރީ ވަކިން ފުރިހަމަ ކޮށްފައިވާނަމަ، އިސްލާމީ ޝަރީޢާއާއި ޤާނޫނުން ފުރަތަމަ ޑިގްރީ ޙާޞިލްކޮށްފައިވާ ފަރާތަކަށް ކަނޑައަޅާފައިވާ 25 މާކްސް ލިބޭނެކަމަށް ބުނެވިދިޔަ ޤަވާޢިދު" ގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާއިރު، އެޖަދުވަލުގައ ތަޢުލީމީ ބަޔަށް ޖުމްލަ 35 މާކްސް، ތަޖްރިބާގެ ބަޔަށް ޖުމްލަ 30 މާކްސް، އަޚްލާޤު ގެ ބަޔަށް ޖުމްލަ 10 މާކްސް، އަދި ޤާބިލްކަން ބެލުމަށްޓަކައި ކުރެވޭ އިންޓަރވިއު އަށް ޖުމްލަ 25 މާކްސް އާއެކު މުޅި ޖުމްލަ 100 މާކްސް ކަނޑައަޅާފައިވާކަން އެނގެން އޮންނަކަމެވެ.

ރ) ހަތަރުވަނަ ކަމަކީ، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ކަނޑައަޅާފައިވާ ފަދައިން ހައިކޯޓަށް ޢައްޔަންކުރެވޭ ފަނޑިޔާރުންގައި ތަޢުލީމީގޮތުން ފުރިހަމަ ވާންޖެހޭ އަސާސީ ޝަރްޠަކީ އިސްލާމީ ޝަރީޢާއިން ނުވަތަ ޤާނޫނުން ނުވަތަ އިސްލާމީ ޝަރީޢާއާއި ޤާނޫނުން ފުރަތަމަ ޑިގްރީ ޙާޞިލްކޮށްފައިވުން ކަމުގައި ވީނަމަވެސް، ޖުޑީޝަލް ސަރވިސް ކޮމިޝަނުން އެކޮމިޝަނުގެ ދުސްތޫރީ އަދި ޤާނޫނީ މަސްއޫލިއްޔަތުގެ ދަށުން ކޯޓުތަކަށް ފަނޑިޔާރުން ހޮވާއިރު، ފަނޑިޔާރުކަމުގެ ވަޒީފާގެ ޠަބީޢަތަށް ރިޢާޔަތްކޮށް އެ ވަޒީފާއަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ތެރެއިން ތަޢުލީމީގޮތުން އެންމެ ޤާބިލް މީހުން ހޮވުން ކަށަވަރުކުރުމަށްޓަކައި ތަޢުލީމީ ބައިން މާކްސް ދޭނެ މިންގަނޑުތަކާއި އުޞޫލުތައް ކަނޑައެޅުމަކީ އެކޮމިޝަނުގެ މަސްއޫލިއްޔަތެއްކަމުގައި ވީހިނދު، އެ މަސްއޫލިއްޔަތުގެ ދަށުން، އިސްވެ އިޝާރާތްކުރެވުނު "ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރުން ޢައްޔަންކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު" ގައި ކަނޑައަޅާފައިވާ ކްރައިޓީރިއާގައި، ހަމައެކަނި ޝަރީޢާ އިން ނުވަތަ ޤާނޫނުން ފުރަތަމަ ޑިގްރީ ޙާޞިލްކޮށްފައިވާ ފަރާތަކަށް 20 މާކްސް ދޭގޮތަށް އޮންނައިރު، ޝަރީޢާއާއި ޤާނޫނުން ފުރަތަމަ ޑިގްރީ ޙާޞިލްކޮށްފައިވާ ފަރާތަކަށް 25 މާރކްސް ދޭގޮތަށް އޮންނަ އޮތުމަށް ބަލާއިރު، ޝަރީޢާއާއި ޤާނޫނުގެ ޑިގްރީއަކީ ކޮމްބައިންޑް ޑިގްރީއެއްކަމާއި، ޝަރީޢާއާއި ޤާނޫނުގެ ކޮމްބައިންޑް ޑިގްރީ ޕޮރްގްރާމެއްގައި އިސްލާމީ ޝަރީޢާގެ ޑިގްރީ ޕްރޮގްރާމެއްގައި ކިޔަވައިދެވޭ ޝަރީޢާގެ މާއްދާތަކުގެ އިތުރުން ޤާނޫނުގެ ޑިގްރީ ޕްރޮގްރާމެއްގައި ކިޔަވައިދެވޭ ޤާނޫނީ މާއްދާތައް ކިޔަވައިދެވޭކަމާ، އަދި ޝަރީޢާއާއި ޤާނޫނުގެ ރޮގުން ކޮމްބައިންޑް ޑިގްރީ ޙާޞިލްކުރާ ފަރާތަކަށް ޝަރީޢާގެ ރޮގުން ވަކިން ޑިގްރީ ޙާޞިލްކުރާ ފަރާތަކަށް ލިބިގެންވާ އެންމެހައި ޙައްޤުތަކާއި އިމްތިޔާޒުތަކުގެ އިތުރުން، ޤާނޫނުގެ ރޮގުން ވަކިން ޑިގްރީ ޙާޞިލްކުރާ ފަރާތަކަށް ލިބިގެންވާ ޙައްޤުތަކާއި އިމްތިޔާޒުތައް ލިބިގެންވާކަން ބުނެވިދިޔަ ފަދަ ކޮމްބައިންޑް ޑިގްރީ ޕްރޮގްރާމްތައް ތަންޒީމްކޮށް ހިންގުމުގައި ތަފާތު ޔުނިވަރސިޓީތަކާއި ކޮލެޖްތަކުގައި ޢަމަލުކުރާ ޤާނޫނުތަކާއި ޤަވާޢިދުތަކަށް ބެލުމުން އެނގެން އޮންނައިރު، ޝަރީޢާއާއި ޤާނޫނުން ފުރަތަމަ ޑިގްރީ ޙާޞިލްކޮށްފައިވާ ފަރާތަކަށް 25 މާކްސް ދޭގޮތަށް ބުނެވިދިޔަ "ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރުން ޢައްޔަންކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު" ގައި ކަނޑައަޅާފައިވަނީ، އެފަދަ ކޮމްބައިންޑް ޑިގްރީއެއް ޙާޞިލްކޮށްފައިވާ ފަރާތެއް، ހަމައެކަނި ޝަރީޢާ އިން ނުވަތަ ޤާނޫނުން ފުރަތަމަ ޑިގްރީ ޙާޞިލްކޮށްފައިވާ ފަރާތަކަށް ވުރެ ފަނޑިޔާރުކަމުގެ ވަޒީފާ އަދާކުރުމަށް، ތަޢުލީމީގޮތުން ޤާބިލްވާނެކަމަށް ބަލައިގެންކަން ފާހަގަކުރެވޭކަމާއި، އެއީ އެއްވެސް ޙާލެއްގައި ހަމައެކަނި ސެޓްފިކެޓްގެ ނަމަށް ބަލައިގެން ދެވޭ މާކްސް އެއް ނޫންކަމާއި، އެހެންކަމުން ޤާނޫނުން އެކަނި ފުރަތަމަ ޑިގްރީ ޙާޞިލްކޮށްފައިވާ ފަރާތެއް ޝަރީޢާގެ މޮޑިއުލްތަކެއް އޭނާގެ ޑިގްރީ ޕްރޮގްރާމުގައި ކިޔަވާފައިވުމަކީ އޭގެޒާތުގައި، އޭނާ ޝަރީޢާއާއި ޤާނޫނުން ކޮމްބައިންޑް ޑިގްރީ ޙާޞިލްކޮށްފައިވާ ފަރާތަކާއި އެއްވަރަށް ޝަރީޢާގެ ރޮގުން "މުއައްހަލް" ނުވަތަ "ކޮލިފައިޑް" މީހެއްކަމުގައި ބަލަންޖެހޭ ސަބަބެއް ނޫންކަމާއި، އެހެނީ ޤާނޫނުގެ ޑިގްރީ ޕްރޮގްރާމެއްގައި ޝަރީޢާގެ ބައެއް މޮޑިއުލް ހިމެނުގެ މަޤްޞަދަކީ ޤާނޫނުން ޑިގްރީ ޙާޞިލްކުރާ ފަރާތަށް ޝަރީޢާގެ ރޮގުން ޢާންމު ޘަޤާފަތެއް ޙާޞިލް ކޮށްދިނުންކަމާއި، އެއީ ޝަރީޢާގެ ރޮގުން "ތަޚައްޞުޞް" ވުން ނޫންކަމާ، ހަމައެހެންމެ އިސްލާމީ ޝަރީޢާއިން ހަމައެކަނި ފުރަތަމަ ޑިގްރީ ޙާޞިލްކޮށްފައިވާ ފަރާތެއް ޤާނޫނުގެ މޮޑިއުލްތަކެއް އޭނާގެ ޑިގްރީ ޕްރޮގްރާމުގައި ކިޔަވާފައި ވުމަކީ އޭގެޒާތުގައި، އޭނާ ޝަރީޢާއާއި ޤާނޫނުން ކޮމްބައިންޑް ޑިގްރީ ޙާޞިލްކޮށްފައިވާ ފަރާތަކާއި އެއްވަރަށް ޤާނޫނީ ރޮގުން "މުއައްހަލް" ނުވަތަ "ކޮލިފައިޑް" މީހެއްކަމުގައި ބަލަންޖެހޭ ސަބަބެއް ނޫންކަމާ، އެހެންކަމުން ޝަރީޢާގެ މޮޑިއުލްތަކެއް ޤާނޫނުން ޑިގްރީ ޙާޞިލްކުރާ ފަރާތަކުން ކިޔަވާފައިވުމަކީ، ނުވަތަ ޤާނޫނުގެ މޮޑިއުލްތަކެއް ޝަރީޢާއިން ޑިގްރީ ޙާޞިލްކުރާ ފަރާތަކުން ކިޔަވާފައިވުމަކީ، އެ ފަރާތްތަކަށް ޝަރީޢާއާއި ޤާނޫނުން ކޮމްބައިންޑް ޑިގްރީ ޙާޞިލްކޮށްފައިވާ ފަރާތްތަކާއި އެއްވަރަށް ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަންކުރުމުގައި މާކްސް ދޭންޖެހޭ ސަބަބެއް ނޫންކަން ފާހަގަކުރެވޭ ކަމެވެ.

ބ) ފަސްވަނަ ކަމަކީ، ދިވެހިރާއްޖެއަކީ އިސްލާމީ އުޞޫލުތަކުގެ މައްޗަށް ބިނާކުރެވިފައިވާ ދައުލަތެއްކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 2 ވަނަ މާއްދާގައި ބަޔާންކުރުމަށްފަހު، ދިވެހިދައުލަތުގެ ދީނަކީ އިސްލާމްދީން ކަމާއި، އަދި އިސްލާމްދީނަކީ ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަޞްދަރުކަމާއި، ދިވެހިރާއްޖޭގައި އިސްލާމްދީނުގެ އަޞަލަކާ ޚިލާފު އެއްވެސް ޤާނޫނެއް ނުހެދޭނެކަން ޤާނޫނުއަސާސީގެ 10 ވަނަ މާއްދާގެ (ހ) އާއި (ށ) ގެ ޞަރީޙަ ނައުޞުން ކަނޑައެޅިގެން އެނގެން އޮންނަކަމާ، އަދި ފަނޑިޔާރުން ޢަމަލުކުރާނީ ޤާނޫނުއަސާސީއަށާއި ޤާނޫނަށް ކަމަށާއި، ޤާނޫނުއަސާސީއާއި ޤާނޫނުގައި ވަކިގޮތަކަށް ކަނޑައަޅައިފައި ނުވާ ކަންކަން ނިންމުމުގައި އިސްލާމީ ޝަރީޢަތުގައި އެކަމެއް ކަނޑައެޅިފައިވާ ގޮތަށް ފަނޑިޔާރުން ރިޢާޔަތްކުރަންވާނެ ކަމަށް ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގައި ކަނޑައަޅައި ބަޔާންކޮށްފައިވާއިރު، ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމު އޭގެ މައްޗަށް ބިނާވެގެންވާ އަސާސީ އަދި އެންމެ މަތީ ޤާނޫނީ މަޞްދަރަކީ އިސްލާމީ ޝަރީޢާގެ އުޞޫލުތައްކަން އެއްވެސް އޮޅުމެއް ނާރާފަދަ ގޮތަކަށް އެނގެން އޮންނަކަމާ، އަދި ދިވެހިރާއްޖޭގެ ޢަދްލު އިންޞާފް ޤާއިމްކުރުމުގެ ބާރުގައި ހިމެނޭ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުންނަކީ، އިސްލާމީ ޝަރީޢާގެ ރޮގުން ޢިލްމު ލިބިގެންވާ، ޝަރީޢާގެ އުޞޫލުތަކާއި އަޙްކާމްތައް އަމިއްލައަށް ތަޠްބީޤުކުރުމުގެ ޢިލްމީ ޤާބިލްކަން ލިބިގެންވާ ބަޔަކުކަމުގައި ވާންޖެހޭނެކަން އިސްވެދިޔަ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގެ ނައްޞުގެ މަފްހޫމުން އެނގެން އޮންނައިރު، ޖުޑީޝަލް ސަރވިސް ކޮމިޝަނުން ޢާންމުކޮށްފައިވާ ބުނެވިދިޔަ "ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރުން ޢައްޔަންކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު" ގައި އިސްލާމީ ޝަރީޢާއާއި ޤާނޫނުން ފުރަތަމަ ޑިގްރީ ޙާޞިލް ކޮށްފައިވާ ފަރާތްތަކަށް، ޤާނޫނުގެ ރޮގުން ނުވަތަ ޝަރީޢާގެ ރޮގުން ވަކިން ޑިގްރީ ޙާޞިލްކުރާ ފަރާތްތަކަށްވުރެ 5 މާކްސް އިތުރަށް ދޭގޮތަށް ކަނޑައަޅާފައި އޮންނަނީ ޤާނޫނުއަސާސީގެ 149 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 15 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ފަދައިން، ފަނޑިޔާރުކަމަށް ޢިލްމީ ޤާބިލް މީހުން ހޮވުމުގެ މަޤްޞަދުގައި ކަމަށްވީހިނދު، އެއީ އެއްވެސް ޙާލެއްގައި ޤާނޫނުއަސާސީގެ 17 ވަނަ މާއްދާއާއި 20 ވަނަ މާއްދާގައި ކަނޑައަޅައިފައިވާ ރައްޔިތުންގެ މެދުގައި ތަފާތު ނުކުރުމާއި، ޤާނޫނުގެ ކުރިމަތީގައި ހަމަހަމަވެގެންވުމުގެ ޙައްޤާއި އެއްވެސް މިންވަރަކަށް ތަޢާރުޟުވާ ކަމެއް ނޫންކަމާއި، އެހެނީ މީހަކަށް ވަޒީފާދިނުމުގައި އެމީހަކު ޙާޞިލްކޮށްފައިވާ ތަޢުލީމާއި ހުނަރަށް ރިޢާޔަތްކޮށް އިސްކަން ދިނުން ޙައްޤުވެގެންވާ ފަރާތަކަށް، ކަނޑައެޅިގެންވާ އުޞޫލެއްގެ ދަށުން ގިނައިން މާކްސް ދިނުމަކީ ބުނެވިދިޔަ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގައި ބުނެފައިވާފަދަ ތަފާތުކުރުމެއް ނޫންކަމާ، ހަމަ އެހެންމެ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާގައި ބުނެފައިވާ ޤާނޫނުގެ ކުރިމަތީގައި، އަދި އެ މީހެއްގެ މައްޗަށް ޤާނޫނު ހިންގުމުގައި ހަމަހަމަވެގެންވުމާއި، ޤާނޫނުގެ ރައްކާތެރިކަމާއި، ޤާނޫނުން ލިބިދޭ މަންފާތައް ހަމަހަމަކަމާއެކު ކޮންމެ މީހަކަށްވެސް ލިބުމަކީ، ޙަޤީޤަތުގައި އެބައެއްގެ ޙާލަތަށް ބަލާއިރު، އެއް މިންގަނޑަކުން ވަޒަންކުރަންޖެހޭފަދަ، އެއްގޮތް ޙާލަތްތަކުގައިވާ ފަރާތްތަކަށް ހަމަހަމަކަމާއެކު ޤާނޫނުން ލިބިދޭ ރައްކާތެރިކަމާއި، މަންފާތައް ލިބުންކަމުގައި ވާއިރު، ފަނޑިޔާރުން ހޮވުމުގައި ޝަރީޢާ އިން ނުވަތަ ޤާނޫނުން ފުރަތަމަ ޑިގްރީ ޙާޞިލްކޮށްފައިވާ ފަރާތަކަށް 20 މާކްސް ދޭގޮތަށް އޮވެފައި، ޝަރީޢާއާއި ޤާނޫނުން ފުރަތަމަ ޑިގްރީ ޙާޞިލްކޮށްފައިވާ ފަރާތަކަށް 25 މާކްސް ދޭގޮތަށް އޮންނަ އޮތުމަކީ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ހަމަހަމަކަން ގެއްލޭފަދަ ސަބަބެއް ނޫންކަމާއި، ސަބަބަކީ އެ ދެފަރާތުން ކުރެ އެއް ފަރާތަކީ ޤާނޫނީ ރޮގުން ނުވަތަ ޝަރީޢާގެ ރޮގުން ސިންގަލް ޑިގްރީއެއް ޙާޞިލްކޮށްފައިވާ ފަރާތެއްކަމުގައި ވާއިރު، ދެވަނަ ފަރާތަކީ ޝަރީޢާ އާއި، ޤާނޫނުގެ ރޮގުން ކޮމްބައިންޑް ޑިގްރީ ޙާޞިލްކޮށްފައިވާ ފަރާތެއް ކަމާއި، ކޮމްބައިންޑް ޑިގްރީއެއް ޙާޞިލްކޮށްފައިވާ ފަރާތަކީ ސިންގަލް ޑިގްރީއެއް ޙާޞިލްކޮށްފައިވާ ފަރާތަކަށްވުރެ ތަޢުލީމީގޮތުން ޤާބިލުފަރާތެއްކަމަށް ބަލައި، އެފަރާތަށް ގިނައިން މާކްސްދޭގޮތަށް އިސްވެ އިޝާރާތްކުރެވުނު "ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރުން ޢައްޔަންކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު" ގައި ކަނޑައަޅާފައި އޮންނައޮތުމަކީ ޤާނޫނުއަސާސީގެ އެއްވެސް ނައްޞަކާ، ނުވަތަ ޤާނޫނުއަސާސީއިން ޤާއިމުކޮށްފައިވާ އެއްވެސް ދުސްތޫރީ މަބްދައަކާ، ނުވަތަ އެއްވެސް ޤާނޫނަކާ ޚިލާފުކަމެއްކަމަށް ބަލަންޖެހޭނެ އެއްވެސް ދުސްތޫރީ އަދި ޤާނޫނީ އަސާސެއް ނެތްކަމާ، އަދި މީގެ އިތުރުން، ބުނެވިދިޔަ ޤަވާޢިދުގައި ޝަރީޢާ ނުވަތަ ޤާނޫނީ ދާއިރާއިން މާސްޓަރސް ޙާޞިލްކޮށްފައިވާ ފަރާތަކަށް އިތުރު 5 މާކްސް، އަދި ޝަރީޢާ ނުވަތަ ޤާނޫނީ ދާއިރާއިން ޕީ.އެޗް.ޑީ ޙާޞިލްކޮށްފައިވާ ފަރާތަކަށް އިތުރު 5 މާކްސް ދޭގޮތަށް އޮންނަ އޮތުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ތަޢުލީމީ ސެޓްފިކެޓްތައް އެކްރެޑިޓްކުރެވޭ ދަރަޖަތަކާއި ޚިލާފުވާ ކަމަށް ހައިކޯޓުގެ އިސްވެދިޔަ ނަންބަރު 05/HC-DM/2014 ޤަޟިއްޔާގައި ފާހަގަކޮށްފައިވާއިރު، އެކްރެޑިޓްކުރުމުގައި ސެޓްފިކެޓް ދަރަޖަކުރެވޭ ގޮތަކީ ކޮންމެހެން ހައިކޯޓަށް ފަނޑިޔާރުން ޢައްޔަންކުރުމުގައި ތަޢުލީމީގޮތުން އެންމެ ޤާބިލްމީހުން ބެލުމަށް މާކްސް ދޭންޖެހޭ މިންގަނޑަކަށް ވާކަށް ނުޖެހޭ ކަމާއި، އެހެނީ ބުނެވިދިޔަ ޤަވާޢިދުގައި ފަނޑިޔާރުކަމަށް ޢައްޔަންކުރާ ފަރާތްތަކަށް ދެވޭ ޖުމްލަ 35 މާކްސްގެ ތެރެއިން 20 މާކްސް "އެލޮކޭޓް" ކުރެވިފައިވަނީ ފަނޑިޔާރުކަމުގެ އަސާސީ ޝަރްޠު ނުވަތަ ބޭސިކް ކޮލިފިކޭޝަން ކަމަށްވާ ޤާނޫނީ ރޮގުން ނުވަތަ ޝަރީޢާގެ ރޮގުން ފުރަތަމަ ޑިގްރީ ޙާޞިލްކޮށްފައިވާ ފަރާތްތަކަށްކަމާއި، އެއާއެކު ޝަރީޢާއާއި ޤާނޫނުގެ ރޮގުން ކޮމްބައިންޑް ޑިގްރީ ޙާޞިލް ކުރާ ފަރާތްތަކަށް އިތުރަށް 5 މާކްސް އަދި މުޅި އެކު 25 މާކްސް ދޭގޮތަށް ކަނޑައެޅިފައިވާ އިރު، ޝަރީޢާ ނުވަތަ ޤާނޫނީ ދާއިރާއިން މާސްޓަރސް ޙާޞިލްކޮށްފައިވާ ފަރާތަކަށް އިތުރު 5 މާކްސް، އަދި ޝަރީޢާ ނުވަތަ ޤާނޫނީ ދާއިރާއިން ޕީ.އެޗް.ޑީ ޙާޞިލްކޮށްފައިވާ ފަރާތަކަށް އިތުރު 5 މާކްސް ދޭގޮތަށް އޮންނަ އޮތުމުން، ފަނޑިޔާރުކަމަށް ކުރިމަތިލާ ފަރާތަކީ، ޝަރީޢާއާއި ޤާނޫނުގެ ރޮގުން ކޮމްބައިންޑް ޑިގްރީ ޙާޞިލްކޮށްފައި އޮތުމުގެ އިތުރުން މާސްޓަރސް އާއި، ޕީ.އެޗް.ޑީ ޙާޞިލް ކޮށްފައިވާ ފަރާތެއްނަމަ އެފަރާތަކަށް ތަޢުލީމީ ބަޔަށް ކަނޑައެޅިފައިވާ ޖުމްމަ މާކްސްކަމަށްވާ 35 މާކްސް ލިބުމަކީ ވެސް، ޤާނޫނުއަސާސީގެ ބުނެވިދިޔަ 17 ވަނަ މާއްދާއާއި 20 ވަނަ މާއްދާއާއި ތަޢާރުޟުވާ ކަމެއް ނޫންކަމާ،

އެހެންކަމުން، ބަޔާންވެދިޔަ ސަބަބުތަކަށްޓަކައި، ހައިކޯޓުގެ ނަންބަރު 05/HC-DM/2014 ޤަޟިއްޔާގެ ޙުކުމުގައި، ޖުޑީޝަލް ސަރވިސް ކޮމިޝަނުން 17 އޯގަސްޓް 2014 ގައި ހަދާފައިވާ "ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރުން ޢައްޔަންކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު" ގައި ތަޢުލީމީ ބައިން މާކްސް ދިނުމަށް ކަނޑައަޅާފައިވާ ގޮތް، ބާޠިލުކަމަށް ނިންމާފައިވާ ނިންމުން ބިނާކޮށްފައިވާ އަސާސްތަކަކީ ޤާނޫނީގޮތުން ޞައްޙަ އަސާސްތަކެއް ނޫންކަން އެނގެން އޮންނަކަމެވެ.

ހައިކޯޓުގެ ޙަވާލާދެވުނު ނަންބަރު 05/HC-DM/2014 ޤަޟިއްޔާގެ ޙުކުމުގައި، ޖުޑީޝަލް ސަރވިސް ކޮމިޝަނުން 17 އޯގަސްޓް 2014 ގައި ހަދާފައިވާ "ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރުން ޢައްޔަންކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު" ގައި ސިއްރު ވޯޓުން ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް މީހަކު ހޮވުމަށް ކަނޑައަޅާފައި އޮތް އޮތުން ބާޠިލުކަމަށް ނިންމާފައި އޮންނަ އޮތުމުގެ މައްޗަށް ދުސްތޫރީ އަދި ޤާނޫނީ ނަޒަރަކުން ބެލިއިރު، އަންނަނިވި ކަންތައް ފާހަގަކުރެވެއެވެ.

ހ) ފުރަތަމަ ކަމަކީ، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޖަލްސާއެއް ބޭއްވޭނީ އެ ކޮމިޝަނުގެ މެންބަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެންބަރުން ޙާޒިރުވެ ތިބެގެން ކަމަށާއި، އަދި އެ ކޮމިޝަނުން އެއްވެސް ކަމެއް ނިންމޭނީ ޖަލްސާއަށް ޙާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޢުލަބިއްޔަތު އެކަމަށް ލިބިގެންކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 163 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާކަމާ، އަދި މީގެއިތުރުން ކޮމިޝަނުގެ އެއްވެސްކަމެއް ނިންމޭނީ ޖަލްސާއަށް ޙާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތު އެކަމަކަށް ލިބިގެން ކަމަށާއި، ނަމަވެސް ޢާންމު އުޞޫލެއްގެގޮތުން ކޮމިޝަނުން މައްސަލަތައް ނިންމޭތޯ ބަލާނީ ޖަލްސާއަށް ޙާޒިރުވެ ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުން އިއްތިފާޤުން ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ހިންގާ ޤަވާޢިދުގެ 21 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާއިރު، އެ މާއްދާގެ (ނ) ގައި "ނެގޭ ކޮންމެ ވޯޓެއްގައި ކޮމިޝަނުގެ ކޮންމެ މެންބަރަކަށްވެސް ދެވޭނީ އެއް ވޯޓެވެ. އަދި ވޯޓު ނަގާނެގޮތާމެދު މެންބަރުންގެ މެދުގައި ޚިޔާލުތަފާތު ވެއްޖެނަމަ ވޯޓު ނަގާނެގޮތެއް ކަނޑައަޅާނީ ޖަލްސާގެ އަޢުލަބިއްޔަތުންނެވެ." މިފަދައިން ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމެވެ.

ށ) ދެވަނަ ކަމަކީ، ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމާ ނިންމުންތަކާ ގުޅިގެން ވޯޓު ދިނުމާބެހޭ ޢާންމު އުޞޫލުތައް ކަނޑައަޅައިފައިވާ އިސްވެ ބަޔާންވެދިޔަ ދުސްތޫރީ އަދި ޤާނޫނީ ޤާޢިދާތަކުގައި އެ ކޮމިޝަނުން ނިންމާ ކަންތައް ނިންމުމުގައި ނަގާ ވޯޓަކީ ސިއްރު ވޯޓަކަށް ވުން ނުވަތަ ފާޅުގައި ނެގޭ ވޯޓަކަށް ވުން ލާޒިމްކޮށްފައި ނުވާއިރު، އަދި އެ ވޯޓު ވަކިގޮތަކަށް ނެގުން ލާޒިމްކުރާ ދުސްތޫރީ މަބްދައެއް ނުވަތަ ޤާނޫނީ ޢާންމު މަބްދައެއްވިއަސް ނެތްއިރު، ކޮމިޝަނުގެ މެންބަރުންގެ މެދުގައި އެއްބަސްވެވޭގޮތެއްގެމަތިން، ކޮމިޝަނުން ކަންތައް ނިންމުމުގައި ނަގާ ވޯޓު ސިއްރުކުރުމުގެ ނުވަތަ ފާޅުގައި ވޯޓުނެގުމުގެ އިޚްތިޔާރު މެންބަރުންނަށް ލިބިގެންވާކަމާ، އަދި ހަމައެހެންމެ ކޮމިޝަނުން ފާސްކުރާ ޤަވާޢިދެއްގައި ކޮމިޝަނުގައި ނަގާ ވޯޓު ސިއްރުކުރާގޮތަށް ނުވަތަ ނުކުރާގޮތަށް ކަނޑައެޅުމަކީވެސް ކޮމިޝަނަށް ލިބިގެންވާ އިޚްތިޔާރީ ބާރެއްކަން އެނގެން އޮންނައިރު، އިސްވެ އިޝާރާތްކުރެވުނު "ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރުން ޢައްޔަންކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު" ގެ 5 ވަނަ މާއްދާގެ (ށ) ގައި ފަނޑިޔާރުން ޢައްޔަންކުރުމަށް ނަގާނީ ސިއްރު ވޯޓެއްކަމުގައި ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމެވެ.

ނ) ތިންވަނަ ކަމަކީ، ބުނެވިދިޔަ "ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރުން ޢައްޔަންކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު" ގެ 5 ވަނަ މާއްދާގެ (ށ) ގައި ފަނޑިޔާރުން ޢައްޔަންކުރުމަށް ނަގާނީ ސިއްރު ވޯޓެއްކަމަށް ކަނޑައަޅާފައި އޮންނައޮތުން ޚިލާފުވާ ނުވަތަ ތަޢާރުޟުވާ ދުސްތޫރީ އަދި ޤާނޫނީ ޤާޢިދާއެއް ވިއަސް ނެތްއިރު، އެ މާއްދާގައި ފަނޑިޔާރުކަމަށް ޢައްޔަންކުރާ ފަރާތެއް ސިއްރު ވޯޓުން ހޮވާގޮތަށް އޮތުމަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 36/SC-C/2012 ޤަޟިއްޔާގެ ނިންމުމާއި ޚިލާފު ކަމެއްކަމަށް ހައިކޯޓުގެ ބުނެވިދިޔަ ނަންބަރު 05/HC-DM/2014 ޤަޟިއްޔާ ގައި ފާހަގަކޮށްފައި އޮންނައޮތުމަށް ބަލާއިރު، އިޝާރާތްކުރެވުނު ސުޕްރީމް ކޯޓުގެ ނަންބަރު 36/SC-C/2012 ޤަޟިއްޔާއަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ، ރައްޔިތުންގެ މަޖިލީހުގައި ސިއްރު ވޯޓުނެގުން ލާޒިމްކުރާ ޙާލަތްތައް ނޫން އެހެން ބައެއް ޙާލަތްތަކުގައި ސިއްރު ވޯޓުނެގުން ލާޒިމްކޮށް ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 167 ވަނަ މާއްދާއަށާއި، 173 ވަނަ މާއްދާއަށާއި، 177 ވަނަ މާއްދާއަށް، 03 ޑިސެމްބަރު 2012 ގައި ގެނެވުނު އިޞްލާޙުތަކަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޚިލާފު ބާޠިލު އިޞްލާޙުތަކެއްކަމަށް ކަނޑައަޅާފައިވާ ޤަޟިއްޔާއެއްކަމާއި، އެ ޤަޟިއްޔާގެ ޙުކުމް ބިނާވެގެންވާ ދުސްތޫރީ އަދީ ޤާނޫނީ އަސާސްތަކަކީ "ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރުން ޢައްޔަންކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު" ގެ 5 ވަނަ މާއްދާގެ (ށ) ގައި ފަނޑިޔާރުން ޢައްޔަންކުރުމަށް ނަގާނީ ސިއްރު ވޯޓެއްކަމަށް ކަނޑައަޅާފައި އޮންނަ އޮތުމުގެ ދުސްތޫރިއްޔަތުކަން ބެލުމުގައި ޠަޠްބީޤްކުރެވިދާނެ އަސާސްތަކެއް ނޫންކަމާ، އެހެނީ އެ ޤަޟިއްޔާގައި ތަޠްބީޤުކުރެވިފައިވަނީ ރެޕްރެޒެންޓެޓިވް ޑިމޮކްރަސީގެ ދަށުން ރައްޔިތުން ތަމްޘީލުކުރުމަށް ހޮވާ ތަފާތު ތަމްޘީލީ ޗެމްބަރ ތަކުން ނިންމާ ކަންތަކުގައި އުޞޫލެއްގެ ގޮތުން ވޯޓުދޭންވާނީ ފާޅުގައި ކަން ބަޔާންކުރާ އުޞޫލުތަކާއި މަބްދައުތައް ކަމުގައިވާއިރު، އެއީ ޖުޑީޝަލް ސަރވިސް ކޮމިޝަނުނުން ކަންކަން ނިންމުމުގައި ނަގާ ވޯޓަށް "އިންޠިބާޤުވާ" (concur) އުޞޫލުތަކާއި މަބްދައުތަކެއް ނޫންކަން ސުޕްރީމް ކޯޓުގެ ބުނެވިދިޔަ ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކަށް ބެލުމުން ރަނގަޅަށް އެނގެން އޮންނައިރު، ހައިކޯޓުގެ ބުނެވިދިޔަ ނަންބަރު 05/HC-DM/2014 ޤަޟިއްޔާގައި "ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރުން ޢައްޔަންކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު" ގައި ސިއްރު ވޯޓުން ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް މީހަކު ހޮވުމަށް ކަނޑައަޅާފައި އޮތް އޮތުން ބާޠިލުކަމަށް ޙުކުމްކޮށްފައިވަނީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާއި އެއްގޮތަށް ނޫންކަން ފާހަގަކުރެވިފައިވާކަމެވެ.

ޙުކުމް:

އިސްވެ ބަޔާންކުރެވުނު ސަބަބުތައް އެގޮތުގެ މަތިން ހުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 05/HC-DM/2014 ޤަޟިއްޔާގައި، ޖުޑީޝަލް ސަރވިސް ކޮމިޝަނުން 17 އޯގަސްޓް 2014 ގައި ހަދާފައިވާ "ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރުން ޢައްޔަންކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު" ގައި ތަޢުލީމީ ބައިން މާކްސް ދިނުމާއި، ސިއްރު ވޯޓުން ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް މީހަކު ހޮވުމަށް ކަނޑައަޅާފައި އޮތް އޮތުން ބާޠިލުކަމަށް ކަނޑައެޅުމާއެކު، އެ ޤަޟިއްޔާގައި ފާހަގަކޮށްފައިވާ ހަމަތަކާއި އުޞޫލުތަކާ އެއްގޮތަށް ބުނެވިދިޔަ ޤަވާޢިދާއި އެ ޤަވާޢިދުގެ ޖަދުވަލު އިޞްލާޙުކޮށް، އެ އިޞްލާޙުތަކާ އެއްގޮތްވާ ގޮތުގެމަތިން އެކުލަވާލެވޭ ޤަވާޢިދެއްގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރުން ޢައްޔަންކުރުމުގެ މަސައްކަތް އަލުން ކުރިއަށް ގެންދިއުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މައްޗަށް އަނގާ ކޮށްފައިވާ ހައިކޯޓުގެ ބެނެވިދިޔަ ނަންބަރު 05/HC-DM/2014 ޤަޟިއްޔާގެ ޙުކުމަކީ ބާޠިލް ޙުކުމެއްކަމަށް، މިމައްސަލަ ބެލި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.

އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު

ފަނޑިޔާރު ޢަބްދުﷲ ޢަރީފް

ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ