—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 2015/SC-A/10
ދަޢުވާކުރާ ފަރާތް: އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންގ ޕްރައިވެޓް ލިމިޓެޑް
ދަޢުވާލިބޭ ފަރާތް: ދައުލަތް (މޯލްޑިވްސް ކަސްޓަމްސް ސަރވިސް)
މައްސަލައިގެ ބާވަތް: ފައިސާ ހޯދުން
މައްސަލަ އައިގޮތް: އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚް: 12 މާރިޗް 2015
ރަޖިސްޓްރީކުރެވުނު ތާރީޚް: 19 އޭޕްރިލް 2015
ނިމުނު ތާރީޚް: 20 މާރިޗް 2017
މައްސަލަ ނިންމި ގަޑި: 12:00
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ
ނަންބަރު: 2012/HC-A/255
ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
ހުށަހެޅުނު ތާރީޚް: 30 އޯގަސްޓް 2012
ނިމުނު ތާރީޚް: 28 އޮކްޓޯބަރ 2014
ފާހަގަ ކުރެވުނު ނުކުތާތައް
1- މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/255 ޤަޟިއްޔާގެ ޙުކުމް ބިނާވެފައިވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާ ގޮތަށްކަމަށް ބުނެ، އެ ޤަޟިއްޔާ އިލްތިމާސްކޮށްދިނުން އެދި އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންގ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ. މި މައްސަލައިގައި ދަޢުވާލިބުނީ ދައުލަތް (އެޓަރނީ ޖެނެރަލްގެ އޮފީސް) އަށެވެ. އެ އޮފީހުގެ ފަރާތުން މި މައްސަލައިގައި ވަކާލާތު ކޮށްފައިވަނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސް ތަމްޘީލްކޮށެވެ.
2- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/255 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ، ސިވިލް ކޯޓުގެ ނަންބަރު 223/Cv-C/2010 (2324/MC/2009) ޤަޟިއްޔާ، އެ ކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، އެ ޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދި ދައުލަތުން (މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ފަރާތުން) ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުން ބަލައި ނިންމާފައިވާ ޤަޟިއްޔާއެއްކަން އެނގެއެވެ.
3- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/255 ޤަޟިއްޔާގެ ދަށުން އިސްތިއުނާފުކުރެވުނު ސިވިލް ކޯޓުގެ ނަންބަރު 223/Cv-C/2010 (2324/MC/2009) ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ، އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންގ ޕްރައިވެޓް ލިމިޓެޑުން ދުއްވާ "އެމް.ވީ އޭ.ޑީ.ކޭ ހަސަންބޭ" އިން 07 އޯގަސްޓް 2008 ގެ ފަހުން މާލޭ ކޮމާޝަލް ހާބަރާއި ސަރަޙައްދީ ބަނދަރުތައް ފިޔަވައި، ރާއްޖޭގެ އެކި ބަނދަރުތަކަށް ބޭލި މުދަލުގެ ސާރޗާޖެއްގެ ގޮތުގައި މޯލްޑިވްސް ކަސްޓަމްސްއިން ނަގާފައިވާ ޖުމްލަ 756,089/47ރ. (ހަތްސަތޭކަ ފަންސާސް ހަހާސް އަށްޑިހަ ނުވަ ރުފިޔާ / ސާޅީސް ހަތްލާރި) އަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 97 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް ނަގާފައިވާ ސަރޗާޖެއްކަމަށް ބުނެ، މި ފައިސާ އެކުގައި އެއްފަހަރާ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ކިބައިން ހޯދުމަށާއި، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނެއް ނެތި ދައުލަތަށް އާމްދަނީއެއް ނުވަތަ އެއްވެސް ޓެކުހެއް ނުވަތަ އެނޫންވެސް އެއްޗެއް ނުނެގޭނެކަމަށް ކަނޑައަޅައި ދިނުމަށް އެދި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ޖަވާބުދާރީ ވާންޖެހޭ ގޮތަށް ދިވެހި ދައުލަތަށް ދަޢުވާލިބޭ ގޮތަށް އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންގ ޕްރައިވެޓް ލިމިޓެޑްއިން ދަޢުވާކުރުމުން ސިވިލް ކޯޓުން ބަލާ ނިންމާފައިވާ ޤަޟިއްޔާއެއްކަމާއި،
ސިވިލް ކޯޓުން، އެ ކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާ ނިންމާފައިވަނީ،07 އޯގަސްޓް 2008 ގެ ފަހުން، މާލޭ ކޮމާޝަލް ހާބަރާއި ސަރަޙައްދީ ބަނދަރުތައް ފިޔަވައި ރާއްޖޭގެ އެކި ބަނދަރުތަކަށް އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންގ ޕްރައިވެޓް ލިމިޓެޑްގެ "އެމް.ވީ އޭ.ޑީ.ކޭ ހަސަންބޭ" އިން ބޭލި މުދަލުގެ ސަރޗާޖެއްގެ ގޮތުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ނަގާފައިވާ 756,089/47ރ. (ހަތްސަތޭކަ ފަންސާސް ހަހާސް އަށްޑިހަ ނުވަ ރުފިޔާ / ސާޅީސް ހަތްލާރި) އަކީ ޤާނޫނާ ޤަވާޢިދާ އެއްގޮތްވާ ގޮތުގެމަތިން ނަގާފައިވާ ފައިސާއެއްކަމުގައި ބެލެވޭނެ ޤާނޫނީ ހަމައެއް ނެތަތީއާއި، އަދި ޢަދުލު އިންޞާފުގެ ހަމަތަކުން ބަލާއިރުވެސް، އެ ފައިސާ އަނބުރާ އިޢާދަކުރުމުގައި އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންގ ޕްރައިވެޓް ލިމިޓެޑަށް ލިބޭ "ބޭއިންޞާފު މަންފާ" އެއް ނެތަތީ،11 މާރޗް 2012 އިން ފެށިގެން 01 (އެކެއް) މަސްދުވަހުގެ ތެރޭގައި އެ ފައިސާ އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންގ ޕްރައިވެޓް ލިމިޓެޑަށް އަނބުރާ ރައްދުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް އަންގައި ޙުކުމްކޮށްގެންކަމާއި،
މި ކަންކަން އިސްވެ އިޝާރާތް ކުރެވުނު ސިވިލް ކޯޓުގެ ނަންބަރު 223/Cv-C/2010 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެއެވެ.
4- ދިވެހިރާއްޖޭގެ ހައިކޯޓުން، އެ ކޯޓުގެ ނަންބަރު 2012/HC-A/255 ޤަޟިއްޔާ ނިންމާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 223/Cv-C/2010 (2324/MC/2009) ޤަޟިއްޔާގައި ޙުކުމް ކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށް އެ ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، ސިވިލް ކޯޓުގެ ނަންބަރު 223/Cv-C/2010 (2324/MC/2009) ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލްކޮށް އެގޮތުގެމަތިން ޙުކުމްކޮށްގެން ކަން
ހައިކޯޓުގެ ނަންބަރު 2012/HC-A/255 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެއެވެ.
5- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/255 ޤަޟިއްޔާގައި އެ ކޯޓުން ކޮށްފައިވާ ޙުކުމް ބިނާވެފައިވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާ ގޮތަށްކަމަށް ބުނެ އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންގ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާއަށް މައިގަނޑު ދެ ސަބަބެއް ހުށަހަޅައި އެ ކަންކަމާ ބެހޭ ގޮތުން ވާހަކަ ދައްކާފައި ވެއެވެ. އޭގެ ތެރެއިން:
ފުރަތަމަ ސަބަބަކީ، އެހެން ބަނދަރަކަށް މުދާ ބޭލުމަށް، މުދާ ފާސްކުރުމަށް ހިނގާ ޚަރަދުތަކަށް، މުދާ ބާލަންއެދޭ ފަރާތުން ޒިންމާވެފައިވާއިރު، އެފަދަ ބަނދަރަކަށް މުދާ ބޭލުމަށްޓަކައި މުދާ ފާސްކުރުމަށްޓަކައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ނަގާ ސަރޗާޖަކީ ޚިދުމަތުގެ އަގުގެ ގޮތުގައި ނަގާ ފައިސާކަމަށް ކަނޑައަޅުއްވާފައިވަނީ ރަނގަޅަށްކަމަށް ނުވުމާއި އަދި އެ ނިންމުން ޤާނޫނުއަސާސީގެ 97 ވަނަ މާއްދާއާ ޚިލާފުވުންކަމަށް ބުނެ ފާހަގަކޮށްފައިވާ ސަބަބެވެ.
ދެވަނަ ސަބަބަކީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ނަގާ ސަރޗާޖް، އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންގ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދައްކާފައިވަނީ އެކަން ޤަބޫލުކޮށްގެން ކަމަށް ހައިކޯޓުން ފާހަގަކޮށްފައިވާއިރު، މުދާ އެހެން ބަނދަރަކަށް ބޭލުމަށްޓަކައި އެވަގުތު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އެންގި ޢަދަދަށް ފައިސާ ދެއްކުން ނޫން އެހެންގޮތެއް ނެތްއިރު، އެއީ ޤާނޫނާ ޚިލާފަށް ސަރުކާރަށް ނެގިފައިވާ ފައިސާއެއް އަނބުރާ ނުދިނުމަށް ޙުއްޖަތެއްކަމަށް ނުވާއިރު، އެކަމަށް ރިޢާޔަތް ނުކުރައްވައި ހައިކޯޓުން މައްސަލަ ނިންމާފައިވުން ކަމަށް ބުނެ ފާހަގަކޮށްފައިވާ ސަބަބެވެ.
6- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/255 ޤަޟިއްޔާގައި އެ ކޯޓުން ކޮށްފައިވާ ޙުކުމް ބިނާވެފައިވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާ ގޮތަށްކަމަށް ބުނެ އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންގ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށާއި، މި މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށާއި، މި މައްސަލައާ ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ މި މައްސަލައާ ގުޅޭ އެންމެހައި ލިޔެކިޔުންތަކުގެ މައްޗަށާއި، އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންގ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގެ ދަށުން އިލްތިމާސްކޮށްފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/255 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ މައްޗަށާއި، އަދި ހައިކޯޓުގެ މި ބުނެވުނު ޤަޟިއްޔާގެ ދަށުން އިސްތިއުނާފުކުރެވުނު ސިވިލް ކޯޓުގެ ނަންބަރު 223/Cv-C/2010 (2324/MC/2009) ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންކަން ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ސިވިލް ކޯޓުގެ އިސްވެ އިޝާރާތް ކުރެވުނު އެ ކޯޓުގެ ނަންބަރު 223/Cv-C/2010 ޤަޟިއްޔާގައި އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންގ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކޮށްފައިވާ ދަޢުވާއަށް ޖަވާބުދާރީވުމުގެ ގޮތުން އެ ޤަޟިއްޔާގައި ދަޢުވާލިބުނު، މޯލްޑިވްސް ކަސްޓަމްސް ސަރވިސް ތަމްޘީލް ކުރަމުން، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެ ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ބަޔާންތަކުގައި، އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންގ ޕްރައިވެޓް ލިމިޓެޑްގެ މި ދަޢުވާގައި ބުނާ 756,089/47 (ހަތްލައްކަ ފަންސާސް ހަހާސް އަށްޑިހަ ނުވަ ރުފިޔާ / ސާޅީސް ހަތް ލާރި) އަކީ، އެ ކުންފުނިން ދުއްވާ "އެމް.ވީ އޭ.ޑީ.ކޭ ޙަސަންބޭ" އިން 07 އޯގަސްޓް 2008 މި ތާރީޚްގެ ފަހުން ރާއްޖޭގެ ބަނދަރުތަކަށް ބޭލި މުދަލުގެ ސަރޗާޖެއްގެ ގޮތުގައި އެ ކުންފުނީގެ ކިބައިން، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ނަގާފައިވާ ފައިސާއެއްކަމަށާއި، ނަމަވެސް ސަރޗާޖްގެ ގޮތުގައި އެ ކުންފުނީގެ ކިބައިން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ނަގާފައިވާ މި ފައިސާ ނަގާފައިވަނީ ޤާނޫނު ނަންބަރު 2008/6 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލު 1 ގައި ހިމެނިފައިވާ "ކަސްޓަމްސްގެ ޢާންމު ގަވާއިދު" ގެ އެއްވަނަ ބައިގެ 10.2 އާއި 10.9 ގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަމަށްވާތީއާއި، ބުނެވިދިޔަ ކަސްޓަމްސްގެ ޢާންމު ގަވާއިދުގެ އެއްވަނަ ބައިގެ 10.2 އާއި 10.9 ގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޚިދުމަތުގެ އަގެއްގެ ގޮތުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ނަގަމުންދާ މިފަދަ ފައިސާ އަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 97 ވަނަ މާއްދާގެ (ށ) ގައި ބުނާ ފަދަ ޓެކުހެއް ނޫންކަމުގައިވާތީ، އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންގ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މައްޗަށް ކޮށްފައިވާ މި ދަޢުވާގައި ބުނާ މި ފައިސާއަކީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން، އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންގ ޕްރައިވެޓް ލިމިޓެޑަށް އަނބުރާ ދޭންޖެހޭ ފައިސާއެއް ނޫންކަމަށްބުނެ އޭ.ޑީކޭ ޓްރޭޑް އެންޑް ޝިޕިންގ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މައްޗަށް ކޮށްފައިވާ މި ދަޢުވާގައި ބުނާ ފައިސާ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން، އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންގ ޕްރައިވެޓް ލިމިޓެޑަށް އަނބުރާ ދެއްކުމަށް އިންކާރު ކޮށްފައިވާކަން މައްސަލައާ ގުޅިގެން އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދަށު ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ބަޔާންތަކުން އެނގެން އޮންނަކަމެވެ.
(ށ) ދެވަނަ ކަމަކީ، އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންގ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން، ސިވިލް ކޯޓުގެ އިސްވެ އިޝާރާތްކުރެވުނު އެ ކޯޓުގެ ނަންބަރު 223/Cv-C/2010 ޤަޟިއްޔާގައި ކޮށްފައިވާ އިސްވެ އިޝާރާތްކުރެވުނު ދަޢުވާއަށް އެ ޤަޟިއްޔާގައި ދަޢުވާލިބުނު އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ޖަވާބުދާރީވުމުގައި އިޝާރާތްކޮށްފައިވާ ކަސްޓަމްސްގެ ޢާންމު ގަވާއިދުގެ 10.2 އާއި 10.9 ގެ (ށ) އާ ޙަވާލާދީ ދެއްކި ވާހަކައާ ގުޅިގެން
އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންގ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މި މައްސަލައިގެ ޝަރީޢަތަށް ދީފައިވާ ބަޔާންތަކަށް ބަލާއިރު، ޤާނޫނު ނަންބަރު 6/2008 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) 31 ޖުލައި 2008 ގައި ފާސްކުރިއިރު އެ ޤާނޫނުގެ ޖަދުވަލު 1 ގެ 32 ވަނަ ނަންބަރުގައި "ކަސްޓަމްސްގެ ޢާންމު ގަވާއިދު" ގެ ގޮތުގައި ހިމަނާފައިވަނީ 25 މެއި 2005 ގެ ތާރީޚްގައިވާ ޤަވާޢިދެއްކަމަށާއި، އެ ޤަވާޢިދާ ޙަވާލާދީ ދައުލަތުގެ ފަރާތުން ފާހަގަކޮށްފައިވާ 10.2 އާއި 10.9 ގެ (ށ) އަކީ އެ ޤަވާޢިދުގައި އޭރު ހިމެނިފައިވާ މާއްދާއެއް ނޫން ކަމަށާއި އަދި މީގެ އިތުރުން މިދަޢުވާގެ ޖަވާބު ފޯމާ އެކު ދައުލަތުގެ ފަރާތުން ހުށަހެޅި 31 ޖުލައި 2008 ގެ ތާރީޚް ޖަހާފައިވާ "ކަސްޓަމްސްގެ ޢާންމު ގަވާއިދު" އަކީ، 28 ޖުލައި 2009 ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދު ކޮމެޓީ ގެ 09 ވަނަ ބައްދަލުވުމުގައި "ކަސްޓަމްސްގެ ޢާންމު ގަވާއިދު 25 މެއި 2005 " އިޞްލާޙު ކުރުމަށްފަހު "ކަސްޓަމްސްގެ ޢާންމު ގަވާއިދު" ގެ ނަމުގައި ޤާނޫނު ނަންބަރު 6/2008 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގައި ހިމެނުމަށް ނިންމާފައިވާ ޤަވާޢިދެއް ކަމަށާއި،
އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންގ ޕްރައިވެޓް ލިމިޓެޑްގެ މި ދަޢުވާގައި ބުނާ ސަރޗާޖްގެ ފައިސާ މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަށް ނަގާފައިވަނީ 13 އޯގަސްޓް 2008 އިން 10 މާރިޗް 2009 ގެ ތާރީޚް އާ ދެމެދުގައި ކަމަށާއި އެހެންކަމުން އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންގ ޕްރައިވެޓް ލިމިޓެޑްގެ މި ދަޢުވާގައި ސަރޗާޖްގެ ގޮތުގައި މޯލްޑިވްސް ކަސްޓަމްސް ސާރވިސް އިން ނަގާފައިވާ ކަމަށް ބުނެފައިވާ ފައިސާ ނަގާފައިވަނީ ސަރޗާޖްއާ ބެހޭ މާއްދާތައް ހިމަނައި، "ކަސްޓަމްސްގެ ޢާންމު ގަވާއިދު" 28 ޖުލައި 2009 ދުވަހު، ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދު ކޮމިޓީ އިން އިޞްލާޙު ކުރުމުގެ ކުރިންކަމަށް ބުނެ،
އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންގ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މި މައްސަލައިގެ ދަށު ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައި ވާކަން އެނގެން އޮންނައިރު،
ސިވިލް ކޯޓުގެ ނަންބަރު 223/Cv-C/2010 ޤަޟިއްޔާގެ ޝަރީޢަތުގެ ފަރާތުން ޢިޝާރާތްކުރެވުނު "ކަސްޓަމްސްގެ ޢާންމު ގަވާއިދު" އާ ގުޅިގެން ކަން ހިނގާދިޔަ ގޮތް ސާފުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން، ޤާނޫނު ނަންބަރު 6/2008 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ފާސްވެގެން ދިޔައިރު، "ކަސްޓަމްސްގެ ޢާންމު ގަވާއިދު" ގެ ނަމުގައި ފޮނުވާފައިވާ ޤަވާޢިދާއެކު ޢަމަލުކުރަން އިތުރު ޢުޞޫލުތަކެއް އަދި އިޢުލާނެއްވިއަސް ހިމެނިފައި ނުވާކަމަށާއި ކަސްޓަމްސްގެ ޤަވާޢިދަށް އިޞްލާޙު ގެނައުމަށް ޤަވާޢިދު ކޮމެޓީއަށް ހުށަހެޅުނީ 28 ޖުލައި 2009 ދުވަހު ބޭއްވުނު، ޤަވާޢިދު ކޮމިޓީގެ 08 ވަނަ ބައްދަލުވުމުގައިކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ނަންބަރު57-F/144/2010/1008 (31 އޯގަސްޓް 2010) ގެ ސިޓީއިން ސިވިލް ކޯޓަށް އަންގާފައިވާކަމަށް ސިވިލް ކޯޓުގެ އިސްވެ އިޝާރާތްކުރެވުނު އެ ކޯޓުގެ ނަންބަރު 223/Cv-C/2010 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 6.2 ގައި އެ ކޯޓުން ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ، އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންގ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން، ސިވިލް ކޯޓުގެ އިސްވެ އިޝާރާތްކުރެވުނު، އެ ކޯޓުގެ ނަންބަރު 223/Cv-C/2010 ޤަޟިއްޔާގައި ކޮށްފައިވާ ދަޢުވާއަށް ޖަވާބުދާރީވެ، އެ ޤަޟިއްޔާގައި ދަޢުވާލިބުނު ފަރާތުން ޝަރީޢަތުގައި ދެއްކި ވާހަކައިގައި މި ދަޢުވާގައި ބުނާ ސަރޗާޖް ނަގާފައިވަނީ "ކަސްޓަމްސްގެ ޢާންމު ގަވާއިދު" ގެ 10.2 އާއި 10.9 ގެ (ށ) އާ ޙަވާލާދީ އެ ޤަވާއިދާވެސް އެއްގޮތަށް ކަމަށް ބުނެފައިވީނަމަވެސް، މި ދަޢުވާގައި ބުނާ ސަރޗާޖް ނެގި ދުވަސްވަރު، “ކަސްޓަމްސްގެ ޢާންމު ގަވާއިދު” ގައި މި ސަރޗާޖްއާ ބެހޭ މާއްދާތައް ހިމެނިފައިނުވާކަމާއި، މި ސާރޗާޖާބެހޭ މާއްދާތައް، "ކަސްޓަމްސްގެ ޢާންމު ގަވާއިދު" ގައި އެންމެ ފުރަތަމަ ހިމެނިގެން ދިއައީ، ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދު ކޮމެޓީއިން މި ސާރޗާޖާބެހޭ މާއްދާތައް ހިމަނައިގެން، އެ ޤަވާޢިދު އިޞްލާޙުކުރި ތާރީޚް ކަމުގައިވާ 28 ޖުލައި 2009 ގެ ތާރީޚްގައި ކަމާއި، މި މައްސަލައާ ގުޅިގެން އެޓާރނީ ޖެނެރަލް އޮފީހުގެ ފަރާތުން ހުށަހެޅި މި ޤަވާޢިދުގެ ވާޝަނެއް ގައި 31 ޖުލައި 2008 ޖެހިފައި އެވަނީ އޮޅުމަކުން ކަމާއި، އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންގ ޕްރައިވެޓް ލިމިޓެޑްގެ މި ދަޢުވާގައި ބުނާ ސަރޗާޖް ނެގި ދުވަސްވަރު މި ސަރޗާޖް ނަގާފައިވަނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ނަންބަރު 20/2006 (20 އޭޕްރިލް 2006) ގެ ޢާންމު އިޢުލާނުގެ ދަށުން ކަމާއި މި އިޢުލާނަށް ޢަމަލުކުރުން ނިމުމަކަށް އައިސްފައިވަނީ، ސަރޗާޖްއާބެހޭ މާއްދާތަކެއް ހިމަނައިގެން، 28 ޖުލައި 2009 ގެ ތާރީޚްގައި “ކަސްޓަމްސްގެ ޢާންމު ގަވާއިދު” އަށް ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދު ކޮމިޓީއިން އިޞްލާޙު ގެނައުމާ ގުޅިގެން 28 ޖުލައި 2009 ދުވަހުން ފެށިގެން ކަމާއި، މި ކަންކަން މި މައްސަލައާ ގުޅިގެން މި މައްސަލައިގެ ދަޢުވާލިބުނު ފަރާތުން ޝަރީއަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން ވެސް އެންގެން އޮންނަކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން މި މައްސަލައިގެ ޝަރީޢަތަށް ހުށަހަޅާފައިވާ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ނަންބަރު 2006/20(20 އޭޕްރިލް 2006) ގެ އިޢުލާނަށް ބަލާއިރު، އެ އިޢުލާނަކީ، 01 މެއި 2006 ދުވަހުން ފެށިގެން ރާއްޖެއިން ބޭރުން ކަނޑުމަގުން ގެންނަ މުދަލުގެ ތެރެއިން، މާލޭގެ ވިޔަފާރި ބަނދަރަށާއި، ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރަށާއި، ހިތަދޫ ސަރަޙައްދީ ބަނދަރަށް ބާލާ މުދާ ފިޔަވައި، އެހެން ރަށްރަށަށް ބާލާ މުދަލުގެ ކޮންމެ މެޓްރިކް ޓަނަކުން ނުވަތަ ކިއުބިކް މީޓަރަކުން -/2 (ދޭއް) އެމެރިކާ ޑޮލަރުގެ ސާރޗާޖެއް، ޝިޕިންގ އެޖެންޓުން ކަސްޓަމްސްއަށް ދައްކަންޖެހޭ ގޮތަށް ހަމަޖައްސައިފި ކަމަށާއި އަދި އެ ތާރީޚުން ފެށިގެން ކަނޑުމަގުން ރާއްޖެއަށް މުދާ ގެންނަ ބޯޓު ފަހަރުގެ ކަރގޯ މެނިފެސްޓް، ބޯޓް ރާއްޖެ ވަނުމުގެ ލަސްވެގެން 24 ގަޑިއިރު ކުރިން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ހުށަހަޅަން ވާނެކަމަށާއި އަދި އަންމެނިފަސްޓެޑް ކާރގޯ ލިސްޓް، އިންވޯޑް ކްލިއަރެންސް ދިނުމަށް ބޯޓަށްދާ ކަސްޓަމްސް އޮފިސަރުންނާ ޙަވާލުކުރަންވާނެ ކަމަށާއި، އިންވޯޑް ކްލިއަރެންސް ދެވޭނީ، ބުނެވުނު މަޢުލޫމާތު ފުރިހަމަވާ ޑޮކިއުމަންޓްތައް ހުށަހެޅުމަށް ފަހުގައި ކަމަށާއި، އަދި އައުޓްވޯޑް ކްލިއަރެންސް ދެވޭނީ، ދައްކަންޖެހޭ ސާރޗާޖެއްވާނަމަ ދެއްކިތޯ ކަށަވަރު ކުރުމަށްފަހުގައި ކަމަށާއި މެނިފެސްޓާއި، އަންމެނިފެސްޓެޑް ކާރގޯ ލިސްޓް ހުށަހަޅާއިރު އެ ލިޔުންތަކުގައި ހިމެނޭ މުދާ ބޭލުމަށް ހަމަޖެހިފައިވާ ބަނދަރުތަކާއި، މުދަލުގެ ގްރޮސްޓަނޭޖް، ކިއުބިކް މީޓަރ، ފްރައިޓް، އަދި ކޮންމެ ބަނދަރަކަށް ބާލާ މުދަލުގެ ޖުމްލަ ގްރޮސްޓަނޭޖާއި، ޖުމްލަ ކިއުބިކް މީޓަރ، އެނގޭ ގޮތަށް އެ ލިޔުންތަކުގައި ބަޔާންކުރެވިފައި އޮންނަންވާނެ ކަމަށާއި މި އިޢުލާނުގައި ބަޔާންކުރެވިފައިވާ ތިން ބަނދަރު ފިޔަވައި އެހެން ރަށަކަށް މުދާ ބޭލުމުގެ ހުއްދަ ދެވޭނީ، ސަރޗާޖް، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ދެއްކުމުންކަމަށާއި، ފައިސާ ދައްކާނީ ބޯޓް ރާއްޖެ އައި ދުވަހު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން، ޔޫ.އެސް ޑޮލަރު ވިއްކަން ހުންނަ ރޭޓުން ދިވެހި ރުފިޔާއިން ކަމަށާއި، ސަރޗާޖް ނަގާނީ މެޓްރިކް ޓަނަށާއި، ކިއުބިކް މީޓަރަށް ބަލައި މީގެތެރެއިން ބޮޑު ޢަދަދަކުން ކަމަށާއި، މެޓްރިކް ޓަނެއް ނުވަތަ ކިއުބިކް މީޓަރެއް ހަމަނުވާ މުދަލުން ސަރޗާޖް ނަގާނީ، 1 މެޓްރިކް ޓަނަށް ނުވަތަ 1 ކިއުބިކް މީޓަރަށް ކަމަށް އެ އިޢުލާނުގައި ބަޔާންކޮށް، އެ އިޢުލާނުގައި ބުނާ ސަރޗާޖް ނެގުމާބެހޭ އިޖުރާއީ އަދި މައުޟޫޢީ އުޞޫލުތައް ނުވަތަ ޤަވާޢިދުތައް ބަޔާންކޮށް ޢާންމުކޮށް އެންގުމަށް މޯލްޑިވްސް ކަސްޓަމް ސަރވިސްއިން ކޮށްފައިވާ އިޢުލާނެއްކަން އެ އިޢުލާނަށް ބެލުމުން އެނގެން އޮންނަކަމެވެ.
(ބ) ފަސްވަނަ ކަމަކީ، އިސްވެ ބަޔާންވެދިޔަ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ނަންބަރު 2006/20 (26 އޭޕްރިލް 2006) ގެ ޢާންމު އިޢުލާނަށް ޢަމަލުކުރަންފެށި ފައިވަނީ،01 މެއި 2006 ދުވަހުކަން އެ އިޢުލާނުން އެނގެން އޮތުމުން، އެ އިޢުލާނަކީ، 01 ޖެނުއަރީ 1998 ދުވަހުން ފެށިގެން، ދިވެހިރާއްޖޭގައި ޢަމަލުކުރަން ފެށުނު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ހިނގަމުން އައި ދުވަސްވަރު، ނެރެފައިވާ އިޢުލާނެއްކަން އެ އިޢުލާނުން އެނގެން އޮންނައިރު، އެ ޤާނޫނުއަސާސީގެ 156 ވަނަ މާއްދާގައި "ޤާނޫނު" މި ލަފްޒު މާނަކޮށްފައިވާ ގޮތަށް ބަލާއިރު، އެ ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފަށާދުވަހުގެ ފަހުން، ރައްޔިތުންގެ މަޖިލީހުންނާއި ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރާ ޤާނޫނުތަކާއި، އެ ޤާނޫނުތަކުން ލިބިދޭ ބާރުގެ ދަށުން ސަރުކާރުން ހަދާ ޤަވާޢިދުތަކާއި، ސަރުކާރުން އެ މައްޗަށް ޢަމަލުކުރެވޭ އުޞޫލުތައް ވެސް "ޤާނޫނު" ގެ މާނައިގެ ތެރޭގައި ހިމެނިފައިވާކަން އެ ޤާނޫނުއަސާސީގެ 156 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނަ އޮތުމަށާއި، އަދި އެ ޤާނޫނުއަސާސީގައި "ޓެކްސް" މި ލަފްޒު މާނަކޮށްފައިވާ ގޮތަށް ބަލާއިރު، "ޓެކްސް" ކަމަށް އެ ޤާނޫނުއަސާސީގައި ބުނެފައިވަނީ ދެވޭ ޚިދުމަތަކާ ނުވަތަ ކޮށްދެވޭ ކަމަކާ ގުޅިގެން ނަގާ އަގެއް ނުވަތަ ކުއްޔެއް ފިޔަވައި، ހުރިހާ ވައްތަރެއްގެ ޓެކްސްއާއި ޑިއުޓީއަށް ކަމަށް، އެ ޤާނޫނުއަސާސީގެ ބުނެވިދިޔަ 156 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނަ އޮތުމަށާއި، އަދި އެ ޤާނޫނުއަސާސީގެ 76 ވަނަ މާއްދާގައި ރައްޔިތުންގެ މަޖިލީހުން ފާސްވާ ޤާނޫނަކުން މެނުވީ، އެއްވެސް ޓެކްސެއް ނުނެގޭނެ ކަމަށް ބަޔާންކޮށްފައި އޮންނައޮތުމަށް ބަލާއިރު، ދައުލަތުގެ އެކިއެކި އިދާރާތަކުން ޢާންމުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކާ ނުވަތަ ކޮށްދޭ ކަމަކާ ގުޅޭގޮތުން ކަންކުރަންޖެހޭ އުޞޫލުތައް ބަޔާންކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނެއް ނެތްނަމަވެސް، ދައުލަތުގެ އިދާރާތަކުން ޢާންމުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކާ ނުވަތަ ކޮށްދޭ ކަމަކާ ގުޅިގެން ޓެކްސްއާއި ޑިއުޓީއަށް ނުހިމެނޭ ގޮތުން، ދައުލަތަށް އަގެއް ނުވަތަ ކުއްޔެއް ނެގިދާނޭ އުޞޫލުތައް ނުވަތަ ޤަވާޢިދުތައް ބަޔާންކުރާ ޢާންމު އިޢުލާނުތަކުގެ ނުވަތަ ޤަވާޢިދުތަކުގެ ޛަރީޢާއިން ވެސް އެ އިދާރާތަކުން ޢާންމުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކާ ނުވަތަ ކޮށްދޭ ކަމަކާ ގުޅިގެން ދައުލަތަށް އަގެއް ނުވަތަ ކުއްޔެއް ނެގުމަކަށް01 ޖެނުއަރީ 1998 ގައި ޢަމަލުކުރަންފެށުނު ޤާނޫނުއަސާސީ ހުރަސްއަޅާފައި ނުވާކަން އެނގެން އޮންނައޮތުމެވެ.
(ޅ) ހަވަނަ ކަމަކީ، 07 އޯގަސްޓް 2008 ގައި ދިވެހިރާއްޖޭގައި ޢަމަލުކުރަންފެށިފައިވާ، އަދި މިހާރުވެސް ޢަމަލުކުރެވެމުންދާ، "ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ" އަށް ޢަމަލުކުރަން ފެށުމުން، 01 ޖެނުއަރީ 1998 ވަނަ ދުވަހުން ފެށިގެން ޢަމަލުކުރެވެމުންދިޔަ "ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ" އުވިފައިވީ ނަމަވެސް، 07 އޯގަސްޓް 2008 ގައި ދިވެހިރާއްޖޭގައި ޢަމަލުކުރަން ފެށިފައިވާ އަދި މިހާރުވެސް ޢަމަލުކުރެވެމުންދާ "ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ" ގެ 66 ވަނަ މާއްދާގައި އެ ޤާނޫނުއަސާސީއަށް ޢަމަލުކުރަންފަށާއިރު ދިވެހިރާއްޖޭގައި ހިނގަމުން އަންނަ އެންމެހައި ޤާނޫނުތަކާއި ޤަވާޢިދުތަކާއި ޤަރާރުތަކާއި އިޢުލާންތަކުގައި ބަޔާންވެފައިވާ ކަންތައްތަކުގެ ތެރެއިން، އެ ޤާނޫނުއަސާސީގައި، އަސާސީ ޙައްޤުތަކާއި މިނިވަންކަން ބަޔާންކޮށްފައިވާ ބާބުގައި ބަޔާންކޮށްފައިވާ ޙައްޤުތަކާ، މިނިވަންކަމާ ތަޢާރުޟުވާ އެންމެހައި ކަންތައްތައް، އެ ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުމާއެކު ބާޠިލްވީކަމަށް ކަނޑައެޅި ބަޔާންވެފައި އޮންނަ އޮތުމަށް ބަލާއިރު، އެ ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުމުގެ ކުރިން ރައްޔިތުން އެ މައްޗަށް ޢަމަލުކުރުން ލާޒިމުކޮށް ދައުލަތުގެ އެކިއެކި އިދާރާތަކުން ނެރެ ޢާންމުކޮށްފައިވާ ޤަވާޢިދުތަކާއި، ޤަރާރުތަކާއި، އިޢުލާންތަކުގެ ތެރެއިން އެ ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުމާއެކު އެ ޤާނޫނުއަސާސީގެ މި މާއްދާގެ ބާރުން، ތިލްޤާއީ (އޮޓޮމެޓިކް) ގޮތެއްގައި ބާޠިލްވެގެން ދާނެކަމަށް ބެލެވޭނީ، އެ ޤާނޫނުއަސާސީގައި، އަސާސީ ޙައްޤުތަކާއި މިނިވަންކަން ބަޔާންކޮށްފައިވާ ބާބުގައި ބަޔާންކޮށްފައިވާ ޙައްޤުތަކާ، މިނިވަންކަމާ ކަނޑައެޅިގެން ތަޢާރުޟުވާ އެންމެހައި ކަންކަން ކަމާއި، ނަމަވެސް އެ ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުމުގެ ކުރިން ރައްޔިތުން އެ މައްޗަށް ޢަމަލުކުރުން ލާޒިމުކޮށް ދައުލަތުގެ އެކިއެކި އިދާރާތަކުން ނެރެ ޢާންމުކޮށްފައިވާ ޤަވާޢިދުތަކާއި، ޤަރާރުތަކާއި، އިޢުލާންތަކުގެ ތެރެއިން އެ ޤާނޫނުއަސާސީގެ ޙައްޤުތަކާއި މިނިވަންކަން ކަށަވަރުކޮށްދީފައިވާ ބާބުގައި ބަޔާންކޮށްފައިވާ ޙައްޤުތަކާ، މިނިވަންކަމާ ތަޢާރަޟުނުވާ ކަންކަން އަދި އެ ޤާނޫނުއަސާސީގެ ޞަރީޙަ ނައްޞަކާ ޚިލާފުނުވާ ކަންކަން އެ ޤާނޫނުއަސާސީގެ މި މާއްދާގެ ދަށުން ތިލްޤާއީ ގޮތެއްގައި ބާޠިލްވެގެން ދާނެކަމަށް ބެލެވޭނެ ތަނެއް ނެތްކަމާއި، އެހެންކަމުން އިސްވެ އިޝާރާތްކުރެވުނު މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ނަންބަރު 2006/20 (26 އޭޕްރިލް 2006) ގެ އިޢުލާންގެ ދަށުން ތަންޒީމް ކޮށްފައިވަނީ ދިވެހިރާއްޖޭގައި މިހާރު ޢަމަލުކުރެވެމުންދާ 07 އޯގަސްޓް 2008 ގެ ޤާނޫނުއަސާސީގެ އަސާސީ ޙައްޤުތަކާއި މިނިވަންކަން ކަށަވަރުކޮށްދީފައިވާ ބާބުގައި ބަޔާންކޮށްފައިވާ އެއްވެސް އަސާސީ ޙައްޤަކާ ނުވަތަ މިނިވަންކަމަކާ ގުޅޭ ކަމެއްނޫންކަން އެ އިޢުލާނުގެ ޢިބާރާތަށާއި، ސީޔާޤު (ކޮންޓެކްސްޓް) އަށް ބެލުމުން އެނގެން އޮތުމުން، ބުނެވުނު އިޢުލާނަކީ، ދިވެހިރާއްޖޭގައި މިހާރު ޢަމަލުކުރެވެމުންދާ 07 އޯގަސްޓް 2008 ގެ ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުމާއެކު، އެ ޤާނޫނުއަސާސީގެ 66 ވަނަ މާއްދާގެ ދަށުން އެ މާއްދާގެ ބާރުން ތިލްޤާއީ ގޮތެއްގައި ބާޠިލްވެފައި ވާކަމަށް ބެލެވޭނެ އިޢުލާނެއްކަމަށް ބެލެވޭނެ ތަނެއް ނެތުމެވެ.
(ކ) ހަތްވަނަ ކަމަކީ، 07 އޯގަސްޓް 2008 ގައި ދިވެހިރާއްޖޭގައި ޢަމަލުކުރަން ފެށިފައިވާ، އަދި މިހާރުވެސް ޢަމަލުކުރަމުންދާ "ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ" ގެ 61 ވަނަ މާއްދާގެ (ހ) ގައި ޤާނޫނުތަކާއި، ޤަވާޢިދުތަކާއި، ރައްޔިތުން އެ މައްޗަށް ޢަމަލުކުރުމަށް ސަރުކާރުން އަންގާ އެންގުންތަކާއި، ސަރުކާރުގެ ސިޔާސަތުތައް ޢާންމުންނަށް ލިބެން ހުންނާނޭ ގޮތަކަށް އިންތިޒާމްކޮށް، ޢާންމުކޮށް ޝާއިޢުކުރަން ވާނެކަމަށް ކަނޑައެޅި ބަޔާންވެފައި އޮންނަ އޮތުމަށް ބަލާއިރު، ޤާނޫނުއަސާސީއާ އަދި ޤާނޫނާ ތަޢާރުޟުނުވާ ގޮތެއްގެމަތިން ރައްޔިތުން އެ މައްޗަށް ޢަމަލުކުރުމަށް ސަރުކާރުން ކަނޑައަޅާ އުޞޫލުތަކާއި، އަދި ސަރުކާރުގެ އެކިއެކި އިދާރާތަކުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި ރައްޔިތުންނަށް ސާފުކޮށްދިނުމަށް ބޭނުންވާ ސިޔާސަތުތައް ބަޔާންކޮށް، ޢާންމު އިޢުލާނުގެ ޛަރީޢާއިންވެސް ރައްޔިތުން އެ މައްޗަށް ޢަމަލު ކުރުމަށް ސަރުކާރުން ބޭނުންވާ އެކިއެކި އެންގުންތައް ޤާނޫނު އަސާސީ އާއި ޤާނޫނުތަކާ ތަޢާރުޟުނުވާނޭ ގޮތުން އެންގުމުގެ ބާރު ދައުލަތުގެ އެކިއެކި އިދާރާތަކަށް ޤާނޫނުއަސާސީގެ މި މާއްދާގެ ދަށުންވެސް ލިބިދީފައިވާކަން އެނގެން އޮތުމުން، އިސްވެ އިޝާރާތް ކުރެވުނު މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ނަންބަރު 2006/20 (26 އޭޕްރީލް 2006) ގެ އިޢުލާނަކީ، ރާއްޖޭގައި މިހާރު ޢަމަލުކުރެވެމުންދާ ޤާނޫނުއަސާސީގެ ކުރީގެ އިޢުލާނެއްކަމަށް ވިއަސް އެ އިޢުލާނަކީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވާ ޚިދުމަތަކާ ގުޅޭގޮތުން ކަންކުރަންވީ އުޞޫލުތަކާއި ޢަމަލުކުރަންޖެހޭ ގޮތްތައް، ބަޔާންކޮށް ނެރެ ޢާންމުކޮށްފައިވާ އިޢުލާނެއް ކަމުގައި ބެލުމަކަށް، މިހާރު ރާއްޖޭގައި ޢަމަލުކުރެވެމުންދާ ޤާނޫނުއަސާސީގެ 61 ވަނަ މާއްދާގެ (ހ) އިން ހުރަސް އެޅިފައިވާ އިޢުލާނެއްކަމަށް ބެލެވޭނެތަނެއް ނެތްކަން އެނގެން އޮންނަކަމެވެ.
(އ) އަށްވަނަ ކަމަކީ، މިހާރު ޢަމަލުކުރެވެމުންދާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި "ޓެކްސް" މަނާކޮށްފައިވާ ގޮތަށްބަލާއިރު އެ ޤާނޫނުއަސާސީގައި "ޓެކްސް" ނުވަތަ "ޓެކްހެއް" ކަމުގައި ބުނެފައި އެވަނީ، ދެވޭ ޚިދުމަތެއް ނުވަތަ ކޮށްދެވޭ ކަމަކާ ގުޅިގެން، ޤަވާޢިދާ އެއްގޮތްވާ ގޮތުގެމަތިން ނަގާ އަގެއް، ފީއެއް ނުވަތަ ކުއްޔެއް ފިޔަވައި، ދައުލަތަށް އާމްދަނީއެއް ހޯދުމުގެ ބޭނުމުގައި، ފަރުދެއްގެ އަތުން ނުވަތަ ޖަމާޢަތަކުން ނުވަތަ ޤާނޫނީ އެނޫންވެސް ޝަޚްޞަކުން ސަރުކާރަށް ނެގޭ ކޮންމެ ފައިސާއަކަށް ކަމަށް އެ ޤާނޫނުއަސާސީގެ 274 ވަނަ މާއްދާގެ (ހ) ގައި ކަނޑައެޅި ބަޔާންވެފައިވާ އޮންނަ އޮތުމަށާއި، އަދި ހަމަ މިހާރު ދިވެހިރާއްޖޭގައި ޢަމަލު ކުރެވެމުންދާ ޤާނޫނުއަސާސީގެ 97 ވަނަ މާއްދާގައި "ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނެއްގައިވާ ގޮތުގެމަތިން މެނުވީ ވެރިކަން ހިންގާ ފަރާތުން އަންނަނިވި ކަންތައްތަކުން ކުރެ ކަމެއް ކޮށްގެން ނުވާނެއެވެ." މިފަދައިން ބަޔާންކުރުމަށްފަހު، އެ މާއްދާގެ (ށ) ގައި "ދައުލަތަށް އާމްދަނީއެއް ހޯދުމަށް އެއްވެސް ޓެކުހެއް ނުވަތަ އެ ނޫންވެސް އެއްޗެއް ނެގުން" މިފަދައިން ބަޔާންކޮށްފައި އޮންނައޮތުމަށް ބަލާއިރު، ޤާނޫނުއަސާސީގެ މި ދެ މާއްދާގައި ބަޔާންކުރެވިދިޔަ ޢިބާރާތްތަކުގެ ދަށުން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނެއްގައިވާ ގޮތުގެމަތިން މެނުވީ ދައުލަތަށް ފަރުދެއްގެ އަތުން ނުވަތަ ޖަމާޢަތަކުން ނުވަތަ ޤާނޫނީ އެނޫންވެސް ޝަހުޞެއްގެ ކިބައިން ސަރުކާރަށް ނެގުމަށް ހުރަސްއަޅާ ފައިސާއަކީ އެ ފައިސާ އެ ފަރާތެއްގެ ކިބައިން ނެގޭ ފަރާތްތަކަށް އެ ފައިސާގެ ބަދަލުގައި ދެވޭ ޚިދުމަތެއް ނުވަތަ ކޮށްދެވޭ ކަމެއް ވުޖޫދުވެ، ފެނަންނެތި، ހަމައެކަނި ދައުލަތަށް އާމްދަނީއެއް ހޯދުމުގެ މަޤުޞަދުގައި، ޓެކްސްގެ ގޮތުގައި ނުވަތަ އެނޫން ނަމެއްގައި ނަމަވެސް ދައުލަތަށް ނެގޭ ފައިސާކަމާއި، ނަމަވެސް، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނެއް ނެތްނަމަވެސް، ކަނޑައެޅި ބަޔާންވެފައިވާ އުޞޫލެއް ނުވަތަ ޤަވާޢިދެއްގެ ދަށުން، ޓެކްސްއަކަށް ނުހިމެނޭ ގޮތުގައި، ބަޔާންކުރެވިދިޔަ ފަރާތްތަކަށް ދައުލަތުން ދޭ ޚިދުމަތްތަކާ ނުވަތަ ކޮށްދޭ ކަމަކާ ގުޅިގެން އެ ފަރާތްތަކުގެ ކިބައިން އެ ޚިދުމަތުގެ ނުވަތަ އެކަމުގެ އަގެއް ނުވަތަ ފީއެއް ނުވަތަ ކުއްޔެއް ކަމުގައި ބެލެވޭ ފަދަ ފައިސާއެއް ދައުލަތަށް ނެގުމަކަށް އެއްވެސް ހުރަހެއް ނެތްކަން ޤާނޫނުއަސާސީގެ އިޝާރާތްކުރެވުނު 274 ވަނަ މާއްދާގެ (ހ) ގައި "ޓެކްސް" މި ލަފްޒު މާނަކޮށްފައިވާ ގޮތަށާއި އަދި ޤާނޫނުއަސާސީގެ 97 ވަނަ މާއްދާގެ ފެށުމަށާއި އަދި އެ މާއްދާގެ (ށ) ގެ މައްޗަށް ވިސްނާބެލުމުން އެނގެން އޮންނަކަމެވެ.
(ވ) ނުވަވަނަ ކަމަކީ، މިހާރު ދިވެހިރާއްޖޭގައި ޢަމަލުކުރެވެމުން މިދާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 274 ވަނަ މާއްދާގެ (ހ) ގައި ޓެކްސްއަށް ދީފައިވާ ތަޢުރީފަށް ބަލާއިރު، އެ ތަޢުރީފް ގެ ތެރޭގައި އެއްވެސް މިންވަރަކަށް "ސަރޗާޖް" މި ލަފްޒު ނަންގަނެވިފައި ނުވާކަން އެނގެން އޮންނައޮތުމުގެ އިތުރުން، ޓެކްސްގެ މާނައިގެ ތެރޭގައި ސަރޗާޖް ފަދަ ޗާޖްތަކަކީ، ޓެކްސްގެ މާނައިގެ ތެރޭގައި ހިމެނޭ ފައިސާއެއް ކަމަށް ނުވަތަ ޓެކްސް އާ އެއްފަދަ ގޮތެއްގައި ޢަމަލުކުރަންޖެހޭ އެއްޗެއް ކަމަށް ޞަރީޙަ ގޮތެއްގައި ނުވަތަ އެނޫން ގޮތެއްގައި ނަމަވެސް އެއްވެސް މިންވަރަކަށް ބަޔާންކުރާ ޢިބާރާތެއް، ޤާނޫނުއަސާސީގެ ބުނެވުނު މާއްދާގެ (ހ) ގައި ޓެކްސް މާނަކޮށްފައިވާ މަފްހޫމްގެ ތެރޭގައި އައިސްފައިނުވާކަން އެނގެން އޮންނައިރު، ސާރޗާރޖްގެ ގޮތުގައި ދައްކާ ފައިސާއަކީ ދެވޭ ޚިދުމަތަކާ ނުވަތަ ކޮށްދޭ ކަމަކާ ގުޅިގެން އޭގެ އަގެއްގެ ނުވަތަ ފީއެއްގެ ނުވަތަ ކުއްޔެއްގެ ގޮތުގައި ދައްކާ އެމައުންޓްގެ ތެރޭގައި ޝާމިލު ވެގެންދާ ގޮތުގައި ނެގޭ ފައިސާގެ ތެރޭގައި ހިމެނޭ އެއްޗެއް ކަމުގައި ބެލުމަކަށް، "ސަރޗާޖް" މާނަކޮށްފައިވާ، ކަމާބެހޭ ރިފަރެންސްތަކުގައި އެ ލަފްޒު މާނަކޮށްފައިވާ މާނަކުރުންތައް، ހުރަސްއަޅާފައި ނުވާކަން އެނގެން އޮންނަކަމާއި، އެހެންކަމުން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނެއް ނެތް ނަމަވެސް ޤާނޫނުއަސާސީގެ 274 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރެވިފައިވާ ގޮތުގެ މަތިން ކަނޑައެޅި ބަޔާންވެފައިވާ ޤަވާޢިދެއްގައިވާ ގޮތުގެމަތިން ފަރުދަކަށް ނުވަތަ ޖަމާޢަތަކަށް ނުވަތަ ޤާނޫނީ އެނޫންވެސް ޝަހުޞަކަށް، ދައުލަތުން ދޭ ޚިދުމަތެއް ނުވަތަ ކޮށްދެވޭ ކަމަކާ ގުޅިގެން އެ ޚިދުމަތުގެ ނުވަތަ އެ ކޮށްދެވޭ ކަންތަކުގެ އަގެއްގެ ނުވަތަ ފީއެއްގެ ނުވަތަ ކުއްޔެއްގެ ގޮތުގައި ޓެކްސްއަކަށް ނުހިމެނޭ ގޮތުން "ސަރޗާޖް" ގެ ނަމުގައި ނަމަވެސް ބަޔާންވެދިޔަ ފަރާތްތަކުގެ ކިބައިން އެ ފަރާތްތަކުގެ ރުހުމާއި ޤަބޫލުގައި އެ ޚިދުމަތަށް ނުވަތަ އެކަމަށް އެދި ހުށައަޅާ ހުށަހެޅުމަކާ ގުޅިގެން އެ ޚިދުމަތުގެ ނުވަތަ އެކަމުގެ މުޤާބިލުގައި ދައުލަތަށް ފައިސާއެއް ނެގުމަކަށް ހުރަހެއް ނެތްކަން އެނގެން އޮންނަ އޮތުމެވެ.
(މ) ދިހަވަނަ ކަމަކީ، އިސްވެ އިޝާރާތްކުރެވުނު މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ނަންބަރު 2006/20 (26 އޭޕްރީލް 2006) ގެ އިޢުލާނަކީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވާ ޚިދުމަތަކާ ނުވަތަ ކޮށްދިނުމަށް ކަނޑައަޅާފައިވާ ކަމަކާ ގުޅިގެން އެ ޚިދުމަތަށް ނުވަތަ އެކަމަށް އެދި ހުށަހަޅާ ފަރާތްތަކުގެ އަމިއްލަ ރުހުމާއި އިޚްތިޔާރު ގައި އެޚިދުމަތަށް ނުވަތަ އެކަމަށް އެދި ހުށަހެޅުމުން އެ ޚިދުމަތުގެ ނުވަތަ އެކަމުގެ ބަދަލުގައި އޭގައި ކަނޑައެޅި ބަޔާންވެފައިވާ އުޞޫލުގެ މަތިން "ސަރޗާޖް" ގެ ގޮތުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ދައްކަންޖެހޭ ފައިސާ ދައްކައިގެން އެ ޚިދުމަތް ލިބިގަތުމުގައި ކަންކުރަންވީ އުޞޫލުތަކާއި ޤަވާޢިދުތައް ބަޔާންކޮށް ނެރެ ޢާންމުކޮށްފައިވާ އިޢުލާނެއްކަމުގައި ބެލުމަކަށް ދިވެހިރާއްޖޭގައި މިހާރު ޢަމަލު ކުރެވެމުންދާ ޤާނޫނުއަސާސީ ގެ 61 ވަނަ މާއްދާގެ (ހ) އިން ހުރަސްއެޅިފައިވާ އިޢުލާނެއް ނޫންކަމާއި އަދި އެ އިޢުލާނަކީ، ދިވެހިރާއްޖޭގެ މިހާރު ޢަމަލުކުރެވެމުންދާ ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުމުގެ ކުރީގެ އިޢުލާނެއްކަމުގައި ވީނަމަވެސް އެ އިޢުލާނަކީ އެ ޤާނޫނުއަސާސީގެ 66 ވަނަ މާއްދާގެ ދަށުން އެ މާއްދާގެ ބާރުން ތިލްޤާއީ ގޮތެއްގައި ބާޠިލްވެފައިވާ ކަމަށް ބެލެވޭނެ އިޢުލާނެއް ނޫންކަން އިސްވެބަޔާންވެ ދިޔަ ނުކުތާތަކުގައި ބަޔާންކުރެވިދިޔަ ގޮތުގެމަތިން އެނގެން އޮންނާތީއާއި އަދި ޤާނޫނުއަސާސީގެ 274 ވަނަ މާއްދާގެ (ހ) ގައި ޓެކްސް މާނަކޮށްފައިވާ ގޮތުގެ ޢިބާރާތަށާއި އަދި ޤާނޫނުއަސާސީގެ 97 ވަނަ މާއްދާގެ ފެށުމާއި އެ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް ބެލުމުން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނެއް ނެތްނަމަވެސް، ކަނޑައެޅި ބަޔާންވެފައިވާ ޤަވާޢިދެއްގެ ނުވަތަ އުޞޫލެއްގެ މަތިން ޓެކްސްއަކަށް ނުހިމެނޭ ގޮތުގައި ފަރުދަކަށް ނުވަތަ ޖަމާޢަތަކަށް ނުވަތަ ޤާނޫނީ އެނޫންވެސް ޝަޚުޞަކަށް ދައުލަތުން ދޭ ޚިދުމަތްތަކާ ގުޅިގެން ނުވަތަ ކޮށްދޭ ކަމަކާ ގުޅިގެން އެ ފަރާތްތަކުގެ ކިބައިން އެ ޚިދުމަތުގެ ނުވަތަ އެކަމުގެ އަގެއް ނުވަތަ ފީއެއް ނުވަތަ ކުއްޔެއް ކަމުގައި ބެލެވޭ ފަދަ ފައިސާއެއް ދައުލަތަށް ނެގުމަކަށް އެއްވެސް ހުރަހެއް ނެތްކަން އިސްވެ ބަޔާންކުރެވިދިޔަ ނުކުތާތަކުގައި ބަޔާންކުރެވިދިޔަ ގޮތުގެމަތިން އެނގެން އޮންނާތީއާއި އަދި އިސްވެ އިޝާރާތްކުރެވުނު ސިވިލް ކޯޓުގެ ނަންބަރު 223/Cv-C/2010 ޤަޟިއްޔާގައި އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންގ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކޮށްފައިވާ ދަޢުވާގައި ސަރޗާޖްގެ ގޮތުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ދައްކާފައިވާކަމަށް އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންގ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބުނާ ފައިސާއަކީ އިސްވެ އިޝާރާތް ކުރެވުނު މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އިޢުލާނުގައިވާ ގޮތުގެމަތިން އެ އިޢުލާނުގައި ބަޔާންކޮށްފައިވާ ތިން ބަނދަރު ފިޔަވައި އެ ދަޢުވާގައި ބަޔާންކޮށްފައިވާ ރަށްރަށުގެ ބަނދަރުތަކަށް އެ ދަޢުވާގައި ބަޔާންކޮށްފައިވާ އުޅަނދުގެ މުދާ ހުސްކުރުމަށް ސީދާ އެ ކުންފުނީގެ ފަރާތުން ބޭނުންވާތީ އެ ކުންފުނީގެ ރުހުމާއި އިޚްތިޔާރުގައި އެ ޚިދުމަތަށް އެދި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް އެ ކުންފުނީގެ ފަރާތުން ހުށަހެޅި ހުށަހެޅުންތަކަކާ ގުޅިގެން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން، ބުނެވުނު އިޢުލާނުގައިވާ ގޮތުގެމަތިން އޭޑީކޭ ޓްރޭޑް އެންޑް ޝިޕިން ޕްރައިވެޓް ލިމިޓެޑަށް ފޯރުކޮށްދީފައިވާ ޚިދުމަތެއްގެ ނުވަތަ ކޮށްދީފައިވާ ކަމެއްގެ މުޤާބިލުގައި ނަގާފައިވާ ފައިސާއެއްކަން އެނގެން އޮންނާތީ އެ ފައިސާއަކީ، އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންގ ޕްރައިވެޓް ލިމިޑެޓްގެ ފަރާތުން ބުނާ ގޮތުގެމަތިން ޤާނޫނުއަސާސީގެ 97 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް ނަގާފައިވާ ފައިސާއެއްކަމުގައި ބެލެވޭނެ ތަނެއް ނެތްކަން އެނގެން އޮންނަކަމެވެ.
(ފ) އެގާރަވަނަ ކަމަކީ، އިސްވެ ބަޔާން ކުރެވިދިޔަ ކަންކަމުގެ މައްޗަށް ނަޒަރުކޮށް ބަލާއިރު، ސިވިލް ކޯޓުގެ ނަންބަރު 223/Cv-C/2010 ޤަޟިއްޔާގައި، އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންގ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކޮށްފައިވާ ދަޢުވާގައި އެ ކުންފުނިން ސަރޗާޖްގެ ގޮތުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ދައްކާފައިވާކަމަށް ބުނާ ފައިސާ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ނަގާފައިވަނީ ޤާނޫނުއަސާސީގެ 97 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް ކަމަށް ބެލެވޭނެ ތަނެއް ނެތްކަން އެނގެން އޮންނަކަމަށްޓަކައި އެ ފައިސާ މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން، އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންގ ޕްރައިވެޓް ލިމިޓެޑަށް އަލުން އަނބުރާ ދައްކަން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މައްޗަށް އަންގައި ޢަމުރު ކުރާނެތަނެއް ނެތްކަން އެނގެން އޮންނާތީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2012/HC-A/255 ޤަޟިއްޔާ ގައި ކޮށްފައިވާ ޙުކުމް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފު ކަމަށް ބެލެވޭނެ ތަނެއް ނެތްކަން އެނގެން އޮންނަކަމެވެ.
ޙުކުމް
އިސްވެ ބަޔާން ކުރެވިދިޔަ ސަބަބުތަކާއި ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް ބެލުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/255 ޤަޟިއްޔާގައި އެ ކޯޓުން ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން ކޮށްފައިވާ ޙުކުމެއްކަން އެނގެން އޮންނާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/255 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ތާއީދުކޮށް ޙުކުމްކޮށްފީމެވެ.
ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ
ފަނޑިޔާރު ޢަބްދުﷲ ޢަރީފް
ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.