—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާޤަޟިއްޔާ ނަންބަރު: 2015/SC-A/15
ދަޢުވާކުރާ ފަރާތް: ސަކީނާ ޙަސަން
ދަޢުވާ ލިބޭ ފަރާތް: މުޙައްމަދު ޙަނީފް
މައްސަލައިގެ ބާވަތް: ވަޤުތީ އަމުރު
މައްސަލަ އައިގޮތް: އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚް: 05 އޭޕްރީލް 2015
ރަޖިސްޓްރީކުރެވުނު ތާރީޚް: 25 މެއި20155
ނިމުނު ތާރީޚް: 11 އޭޕްރީލް 2016
މައްސަލަ ނިންމި ގަޑި: 13:40
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު، ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ
ނަންބަރު: 2015/HC-A/67
ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
ހުށަހެޅުނު ތާރީޚް: 17 ފެބްރުވަރީ 2015
ނިމުނު ތާރީޚް: 25 މާރޗް 2015
ފާހަގަކުރެވުނު ނުކުތާތައް
1- މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/67 ޤަޟިއްޔާގެ ޙުކުމް ބިނާވެފައިވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާގޮތަށް ކަމަށްބުނެ ސަކީނާ ޙަސަންގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ބެލެވިފައިވާ ޤަޟިއްޔާ އެކެވެ. މި ޤަޟިއްޔާގައި ދަޢުވާ ލިބުނީ މުޙައްމަދު ޙަނީފް އަށެވެ.
2- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/67 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ، ސިވިލް ކޯޓުގެ ނަންބަރު B-CR-8/VN/2014/03 ވަޤުތީ އަމުރާ މެދު އެ ކޯޓުން ނިންމިގޮތް، ޝަރުޢީ އަދި ޤާނޫނީ އުޞޫލަކާ އެއްގޮތް ނުވާކަމަށް ބުނެ، އެ ވަޤުތީ އަމުރާ މެދު ކޯޓުން ނިންމިގޮތް، އިސްތިއުނާފުކޮށްދިނުން އެދި ސަކީނާ ޙަސަންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، އެ ކޯޓުން ބަލައި ނިންމާފައިވާ ޤަޟިއްޔާއެއްކަން އެނގެއެވެ.
3- ސިވިލް ކޯޓުގެ ނަންބަރު B-CR-8/VN/2014/03 ވަޤުތީ އަމުރާ މެދު އެ ކޯޓުން ނިންމި ގޮތަށް ބެލިއިރު، އަމުރު ނެރެދިނުމަށް އެދުނު ސަކީނާ ޙަސަން އަމުރު ނެރެދިނުމަށް އެދި ހުށަހަޅާފައިވަނީ، ސަކީނާ ޙަސަން އާއި މުޙައްމަދު ޙަނީފްއާ ދެމެދު ކުރެވިފައިވާ، 26 ޖެނުއަރީ 2012 ވަނަ ދުވަހު ސިވިލް ކޯޓުގައި ރަޖިސްޓްރީ ކުރެވިފައިވާ ނަންބަރު Cv-C/C-45/2012 އެއްބަސްވުމާ މުޙައްމަދު ޙަނީފް ޚިލާފުވެފައިވާކަމަށް ކަނޑައަޅައި ދިނުމަށާއި، އެއްބަސްވުން ބާޠިލުކުރުމަށާއި އަދި މުޙައްމަދު ޙަނީފް އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ސަކީނާ ޙަސަނަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް މުޙައްމަދު ޙަނީފްގެ މައްޗަށް ސަކީނާ ޙަސަން ސިވިލް ކޯޓަށް ހުށަހަޅާފައިވާ ނަންބަރު 1818/Cv-C/2014 ޤަޟިއްޔާގެ ދަޢުވާއާ ގުޅިގެން ދެފަރާތް ދެމެދު ކުރެވިފައިވާ އެއްބަސްވުމުގައި، ދެފަރާތުންކުރެ ފަރާތަކުން އެއްބަސްވުމާ ޚިލާފުވެގެން ޝަރީޢަތަށް މައްސަލައެއް ހުށަހެޅިއްޖެނަމަ އެކަމެއް ޙައްލު ކުރެވެންދެން ދެފަރާތް ދެމެދު ކުރެވިފައިވާ މުޢާމަލާތުގައި ޝާމިލުވާ ދޯނި އޮންނަންވާނީ ވިއްކިފަރާތުގެ ބެލުމުގެ ދަށުގައިކަމަށް ބަޔާންކޮށްފައިވާތީ އާއި، އެ ދޯންޏަކީ ލޯނެއް ނަގައިގެން ސަކީނާ ޙަސަން ބަނދެފައިވާ ދޯންޏަކަށްވެފައި، ލޯނަށް ފައިސާ ދެއްކުމަށް ސަކީނާ ޙަސަންއަށް އޮތް ހަމައެކަނި ވަސީލަތަކީ އެ ދޯނި ކަމަށާއި، ސަކީނާ ޙަސަންއަށް ލިބޭ އާމްދަނީވެސް ބިނާވެފައި އޮތީ އެ ދޯނީގެ މައްޗަށް ކަމަށާއި، ލޯނު ނެގުމަށް އެ ދޯނި ރަހުނު ކުރެވިފައިވާތީ، އެ މުދާ ބޭންކަށް ނެގުމުގެ ބިރު އޮތްކަމަށާއި، އެ ދޯނި މުޙައްމަދު ޙަނީފްގެ ޙަވާލުގައިއޮވެ އެއަށް ގެއްލުން ލިބުމުގެ އިޙްތިމާލު އޮތްކަމަށް ބުނެ މިހާރު ސިވިލް ކޯޓަށް ހުށަހެޅިފައިވާ ނަންބަރު 1818/Cv-C/2014 ޤަޟިއްޔާގެ މައްސަލައިގައި ގޮތެއް ކަނޑައެޅެންދެން ރަޖިސްޓްރީ ނަންބަރު P9543A-01 07-A "ސާހިބާ" އެވެ ކިޔާ ދޯނި ސަކީނާ ޙަސަންގެ ބެލުމުގެ ދަށުގައި ބޭއްވުމަށް ވަޤުތީ އަމުރެއް ނެރެދިނުމަށް އެދިގެންކަމާއި
ސިވިލް ކޯޓުން، މި ވަޤުތީ އަމުރުގެ މައްސަލަ ބެލުމަށްފަހު، އެ ކޯޓުން އެ މައްސަލަ ނިންމާފައިވަނީ ސަކީނާ ޙަސަންގެ ފަރާތުން މި ހުށަހެޅުމުގެ މައްޗަށް މީގެ ކުރިން އެދުނު ވަޤުތީ އަމުރާމެދު ޝަރީޢަތުން ނިންމި ނަންބަރު B-CR-8/VN/2014/02 (23/09/2014) ނިންމުމުގައި ދެފަރާތް ދެމެދު ކުރެވިފައިވާ އެއްބަސްވުމުގެ 7 ވަނަ މާއްދާގެ (ހ) ގައި "މި އެއްބަސްވުމާއި ދެފަރާތުން ކުރެ ފަރާތަކުން ޚިލާފުވެގެން ޝަރީޢަތަށް ހުށަހެޅިއްޖެނަމަ، އެކަމެއް ޙައްލު ކުރެވެންދެން ދޯނި އޮންނަންވާނީ ވިއްކާ ފަރާތުގެ ބެލުމުގެ ދަށުގައެވެ." މިފަދައިން ބަޔާންކޮށްފައި އޮންނަކަން އެނގެން އޮތްނަމަވެސް، އެއްބަސްވުމުގެ 7 ވަނަ މާއްދާގެ (ހ) ގައި އެފަދައިން ބަޔާންވެގެން ވުމަކީ ދޯންޏާ ގުޅޭގޮތުން މައްސަލަ ހުށަހަޅާ ފަރާތްތަކަށް އެ މާއްދާގެ ސަބަބުން ނުޙައްޤު މަންފާއެއް ލިބުމުގެ ފުރުޞަތު ލިބިދޭ ފަދައަކުން އޮތްކަމެއްކަމަށް، މި ދަޢުވާއާ ގުޅިގެން ދަޢުވާ ލިބޭ ފަރާތުން ބަޔާންކުރާއިރު، ދެ ފަރާތްދެމެދު ކުރެވިފައިވާ އެއްބަސްވުމުގައިވާ 7 ވަނަ މާއްދާގެ (ހ) އަކީ، ޝަރީޢަތުން މި ދަޢުވާގައި އެއާމެދު ގޮތެއް ކަނޑައަޅަންޖެހޭ ކަމެއްކަމުގައި ވާއިރު، އޭގެ ކުރިން އެ މާއްދާގެ މަންފާ ވަކި ފަރާތަކަށް ލިބިދޭ ފަދައަކުން އެއާމެދު ވަޤުތީ ފަރުވާއެއް ގޮތުގައި ޝަރީޢަތުގެ ފަރާތުން ތަންފީޛުކޮށްދެވޭނެ ހަމައެއް ނެތްކަމަށް ނިންމާފައިވާއިރު، އެ ސަބަބު އަދިވެސް އެ ގޮތުގައި އޮތުމުންނާއި، ދަޢުވާ ލިބޭ ފަރާތުން ދޯންޏަށް ގެއްލުން ދިނުމުގެ އިޙްތިމާލް އޮތްކަމަށް ދަޢުވާކުރާ ފަރާތުން ބުނިނަމަވެސް، މި ދޯންޏަކީ ދަޢުވާ ލިބޭ ފަރާތުގެ މަޞްލަޙަތުވެސް އޮތް ދޯންޏަކަށްވެފައި، ދަޢުވާ ލިބޭ ފަރާތުން އެ ދޯންޏަށް ގެއްލުމެއް ދީފާނެކަމަށް ބަލަންޖެހޭ ފަދަ އެއްވެސް ހެއްކެއް ހުށަހެޅިފައި ނުވުމުން ސަކީނާ ޙަސަންގެ ފަރާތުން އެދިފައިވާ އަމުރު ނެރެދެވެން ނެތްކަމަށް ކަނޑައަޅާފަކަމާއި މިކަންކަން ސިވިލް ކޯޓުގެ ނަންބަރު B-CR-8/VN/2014/03 "ވަޤުތީ އަމުރާމެދު ކޯޓުން ނިންމިގޮތް" މި ނަމުގައިވާ ނިންމުމަށް ބެލުމުން އެނގެއެވެ.
4- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/67 ޤަޟިއްޔާ ނިންމަވާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު B-CR-8/VN/2014/03 "ވަޤުތީ އަމުރާމެދު ކޯޓުން ނިންމިގޮތް" މި ނަމުގައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޝަރުޢީ ނުވަތަ ޤާނޫނީ ވިއަސް ސަބަބެއް ނެތްކަމަށް އެ ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފަކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/67 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެއެވެ.
5- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/67 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށް ކަމަށް ސަކީނާ ޙަސަންގެ ފަރާތުން ދެކޭ މައިގަނޑު ސަބަބަކީ، ރަޖިސްޓްރީ ނަންބަރު P9543A-01 07-A "ސާހިބާ" އެވެކިޔާ ދޯނި ވިއްކުމާ ބެހޭގޮތުން ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމާ މުޙައްމަދު ޙަނީފް ޚިލާފުވެއްޖެކަމަށް ކަނޑައަޅައިދިނުން އެދި ސަކީނާ ޙަސަންގެ ފަރާތުން ދަޢުވާކޮށްފައިވާއިރު، އެ މައްސަލަ، ވަކިގޮތަކަށް ނިމެންދެން ސަކީނާ ޙަސަނާ ދޯނި ޙަވާލުކުރުމަށް އަމުރުކޮށް ދިނުން އެދި ހުށަހެޅި ހުށަހެޅުމާ އެއްގޮތަށް ވަޤުތީ އަމުރު ނެރެދީފައި ނުވަނީ ދެފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުމުގެ 7 ވަނަ މާއްދާގެ ބާރު ކެނޑިގެންދާގޮތަށް އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21 ޤަޟިއްޔާގައި އެ ކޯޓުން ކަނޑައަޅާފައިވާ ހަމަތަކާ ޚިލާފަށް ކަމުގައިވުން ކަމަށް ބުނެ ސަކީނާ ޙަސަންގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުކަން އެނގެއެވެ.
6- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/67 ޤަޟިއްޔާގައި އެ ކޯޓުން ކޮށްފައިވާ ޙުކުމް ބިނާވެފައިވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާ ގޮތަށްކަމަށް ބުނެ ސަކީނާ ޙަސަންގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ސަބަބުގެ މައްޗަށާއި، މި މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށާއި، މި މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ މި މައްސަލައާ ގުޅޭ އެންމެހައި ލިޔެކިޔުންތަކުގެ މައްޗަށާއި، ސަކީނާ ޙަސަންގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގެ ދަށުން އިލްތިމާސްކޮށްފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްވެ އިޝާރާތް ކުރެވުނު ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ މައްޗަށާއި، އަދި ހައިކޯޓުގެ މި ބުނެވުނު ޤަޟިއްޔާގެ ދަށުން އިސްތިއުނާފުކުރެވުނު ސިވިލް ކޯޓުގެ ނަންބަރު B-CR-8/VN/2014/03 "ވަޤުތީ އަމުރާ މެދު އެ ކޯޓުން ނިންމިގޮތް" މި ނަމުގައިވާ ނިންމުމުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައި ވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު B-CR-8/VN/2014/03 "ވަޤުތީ އަމުރާމެދު ކޯޓުން ނިންމިގޮތް" މި ނަމުގައިވާ، އިސްވެ އިޝާރާތްކުރެވުނު ނިންމުމަށް ބަލާއިރު، ސަކީނާ ޙަސަންގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ބަލަމުންދާ އެ ކޯޓުގެ ނަންބަރު 1818/Cv-C/2014 ޤަޟިއްޔާގެ މައްސަލައިގައި ގޮތެއް ނިމެންދެން، ބަޔާންވެދިޔަ ފަދަ ވަޤުތީ އަމުރެއް ނެރެދިނުމަށް ސަކީނާ ޙަސަން އެދިފައިވާ މައިގަނޑު ސަބަބަކީ، އެ އަމުރު ނެރެދިނުމަށް އެދި ސަކީނާ ޙަސަން ހުށަހަޅާފައިވާ ޞީޣާގައި ބަޔާންކުރެވިފައިވާ "ސާހިބާ" އެވެކިޔާ ދޯނި، ސަކީނާ ޙަސަންގެ ފަރާތުން މުޙައްމަދު ޙަނީފްއަށް ވިއްކުމާ ބެހޭގޮތުން މި ދެފަރާތުގެ ދެމެދުގައި ކުރެވިފައިވާ، 26 ޖެނުއަރީ 2012 ވަނަ ދުވަހު ސިވިލް ކޯޓުގައި ރަޖިސްޓްރީ ކުރެވިފައިވާ ނަންބަރު Cv-C/C-45/2012 އެއްބަސްވުމުގެ 7 ވަނަ މާއްދާގެ (ހ) ގައި މި އެއްބަސްވުމާ ދެފަރާތުންކުރެ ފަރާތަކުން ޚިލާފުވެގެން ޝަރީޢަތަށް ހުށަހެޅިއްޖެނަމަ، އެ ކަމެއް ޙައްލު ކުރެވެންދެން ދޯނި އޮންނަންވާނީ ވިއްކާ ފަރާތުގެ ބެލުމުގެ ދަށުގައި ކަމަށް ބަޔާންކުރެވިފައިވާތީ ކަމަށް ބުނެ، އެ މައިގަނޑު ސަބަބަށްޓަކައިކަން ސަކީނާ ޙަސަންގެ ފަރާތުން ވަޤުތީ އަމުރަށް އެދި ހުށަހަޅާފައިވާ ޞީޣާއިން އެނގެން އޮންނާތީ، ސަކީނާ ޙަސަންގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން ބެލެވެމުންދާ އެ ކޯޓުގެ ނަންބަރު 1818/Cv-C/2014 ޤަޟިއްޔާގައި މުޙައްމަދު ޙަނީފްގެ މައްޗަށް ސަކީނާ ޙަސަން ދަޢުވާކޮށްފައިވާ ގޮތުގެ މައްޗަށް ބަލާއިރު، އެ ޤަޟިއްޔާގައި ސަކީނާ ޙަސަންގެ ފަރާތުން ކޮށްފައިވާ ދަޢުވާގައި ހަމައެކަނި އެދިފައިވަނީ، ސަކީނާ ޙަސަންއާއި މުޙައްމަދު ޙަނީފްއާ ދެމެދު ކުރެވިފައިވާ، 26 ޖެނުއަރީ 2012 ވަނަ ދުވަހު ސިވިލް ކޯޓުގައި ރަޖިސްޓްރީ ކުރެވިފައިވާ ނަންބަރު Cv-C/C-45/2012 ގެ އެއްބަސްވުމާ މުޙައްމަދު ޙަނީފް ޚިލާފުވެފައިވާކަމަށް ކަނޑައަޅައި ދިނުމަށް އެކަނި ނޫންކަމާއި އަދި ކިއެއްތަ! ސަކީނާ ޙަސަންގެ ފަރާތުން ބުނެވުނު ޤަޟިއްޔާގެ ދަޢުވާގައި އެދިފައިވަނީ ބަޔާންވެދިޔަ ގޮތަށް ކަނޑައަޅައި ދިނުމާއެކު މުޅި އެއްބަސްވުންވެސް ބާޠިލުކޮށްދިނުމަށާއި އަދި ދަޢުވާ ލިބޭ މުޙައްމަދު ޙަނީފްގެ ފަރާތުން މި އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ދަޢުވާކުރާ ސަކީނާ ޙަސަންއަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް ސަކީނާ ޙަސަންގެ ފަރާތުން ހުށަހަޅައިފިނަމަ، ގެއްލުމުގެ ބަދަލު ސަކީނާ ޙަސަންއަށް ލިބެންޖެހޭކަމަށް ކަނޑައަޅައި ދިނުމަށާއި މި އެންމެހައި ކަންކަން އެ ޤަޟިއްޔާގެ ދަޢުވާއިން ޙާޞިލުކުރުމަށް އެދިކަން ބުނެވުނު ޤަޟިއްޔާގެ ދަޢުވާ ފޯމުން ރަނގަޅަށް އެނގެން އޮތުމުން ބުނެވުނު ޤަޟިއްޔާގައި ސަކީނާ ޙަސަންގެ ފަރާތުން ދަޢުވާކޮށްފައި އެވަނީ، އެ ދަޢުވާގައި ބުނާ އެއްބަސްވުމުގެ މަތީގައި ދެމިތިބުމުގެ އެއްވެސް އަސާސެއް ނެތްކަމަށް ދެކި، މުޅި އެގްރިމެންޓްވެސް ބާޠިލުކުރުމަށް އެދިގެންކަން ސާފުކޮށް އެނގެން އޮތް ހިނދު ސަކީނާ ޙަސަންގެ ފަރާތުން ނެރެދިނުމަށް އެދުނު ވަޤުތީ އަމުރު ނެރެދިނުމަށް އެދިފައިވާ މައިގަނޑު އަސާސަކީ ސަކީނާ ޙަސަން އާއި މުޙައްމަދު ޙަނީފް އާ ދެމެދު ކުރެވިފައިވާ ކަމަށް މިދެފަރާތުން އެއްބަސްވާ ނަންބަރު Cv-C/C-45/2012 އެއްބަސްވުމުގެ 7 ވަނަ މާއްދާގެ (ހ) ކަން، ސަކީނާ ޙަސަން އަމުރު ނެރެދިނުމަށް އެދިފައިވާ ޞީޣާއިން ރަނގަޅަށް އެނގެން އޮންނައިރު، ބުނެވުނު އެއްބަސްވުމުގެ 7 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު އެ މާއްދާގެ އެ އަކުރުގައި ބުނަނީ "މި އެއްބަސްވުމާއި ދެފަރާތުންކުރެ ފަރާތަކުން ޚިލާފުވެގެން ޝަރީޢަތަށް ހުށަހަޅަން ޖެހިއްޖެނަމަ، އެ ކަމެއް ޙައްލު ކުރެވެންދެން ދޯނި އޮންނަންވާނީ ވިއްކާ ފަރާތުގެ ބެލުމުގެ ދަށުގައެވެ. މިގޮތަށް ދޯނީގެ މަސައްކަތް ހުއްޓިފައި އޮންނަ ދުވަސްވަރު ލިބޭ ގެއްލުމުގެ ޒިންމާ އުފުލަންވާނީ އަދި ބަދަލު ދޭންވާނީވެސް އެއްބަސްވުމާއި ޚިލާފުވި ފަރާތުންނެވެ." މިފަދައިންކަން ރަނގަޅަށް އެނގެން އޮތުމުން މި މާއްދާގެ މި އަކުރުގެ ޢިބާރާތް، ޞިޔާޣާ ކުރެވިފައިމިވަނީ، އެގްރިމެންޓްގެ މުއްދަތުގެ ތެރޭގައި މުޅި އެގްރިމެންޓް ބާޠިލުކުރަންޖެހޭ ސަބަބެއް ނުވަތަ ސަބަބުތަކެއް ހުރިކަމަށް ދެކި އެގްރިމެންޓްގެ ބައިވެރިއަކު ޝަރީޢަތަށް މައްސަލަ ހުށަހަޅާ ޙާލަތަށް ޝާމިލުވާގޮތަށް ނޫންކަމާއި ނަމަވެސް މި އެއްބަސްވުމުގެ މި މާއްދާގެ މި އަކުރު ޞިޔާޣާ ކުރެވިފައިމިވަނީ މި އެއްބަސްވުމަށް ޢަމަލުކުރެވެމުންދާ ދުވަސްވަރު އެއްބަސްވުމުގެ ދެބައިވެރިންކުރެ އެއްބައިވެރިއަކު، އަނެއް ބައިވެރިޔާ އެއްބަސްވުމާ ޚިލާފުވެއްޖެކަމަށް ދެކޭ ޙާލަތެއް މެދުވެރިވެފައި ވީނަމަވެސް މުޅި އެގްރިމެންޓް ބާޠިލުކުރުމަށް އެދުމުގެ ބަދަލުގައި، އެ ޙައްލު ހޯދުމަށް ބޭނުންވާ ޙާއްޞަ ޙާލަތަށް ޝަރީޢަތް މެދުވެރިވެގެން ފަރުވާއެއް ހޯދައި ދިނުމަށް އެދި މައްސަލަ ޝަރީޢަތަށް ހުށަހަޅަން ޖެހިއްޖެކަމަށް އެގްރިމެންޓްގެ ބައިވެރިއަކު ދެކި، މައްސަލަ ޝަރީޢަތަށް ހުށަހަޅަންޖެހޭ ޙާލަތަށް އެކަނި ޚާއްސަކުރެވިގެން ކަމާއި، އެކަން ބޮޑަށް ކަށަވަރު ވެގެންދަނީ މި ނައްޞުގައި "އެއްބަސްވުން ދެމެހެއްޓުމާ މެދު ޝަރީޢަތުން ގޮތެއް ކަނޑައެޅެންދެން" ނުވަތަ "އެއްބަސްވުން ބާޠިލުކުރުމާމެދު ޝަރީޢަތުން ގޮތެއް ކަނޑައެޅެންދެން" މިފަދަ ޢިބާރާތެއް ބޭނުންކުރުމުގެ ބަދަލުގައި ބޭނުންކޮށްފައިވަނީ "އެކަމެއް ޙައްލުކުރެވެންދެން" މި ޢިބާރާތްކަމަށްވުމުން މި ނައްޞު މި ބަޔާންކުރަނީ އެގްރިމެންޓްގެ މުއްދަތުގައި އެގްރިމެންޓް ދެމެހެއްޓުންމަތީ ދެފަރާތުން ވެސް ތިބެން ބޭނުންވާއިރު، އެގްރިމެންޓާ އެއްފަރާތުން ޚިލާފުވެއްޖެކަމަށް، އަނެއް ފަރާތުން ދެކޭ ޙާލަތެއް މެދުވެރިވެގެން އެކަމެއް ޙައްލު ނުވެގެން އެކަމެއްގެ ޙައްލު ހޯދައިދިނުމަށްޓަކައި، ޝަރީޢަތަށް މައްސަލަ ހުށަހަޅަން ޖެހިއްޖެކަމަށް ދެފަރާތުންކުރެ ފަރާތަކަށް ފެނިއްޖެނަމަ އެފަދަ ޙާއްޞަ ޙާލަތަކާ ބެހޭގޮތުންކަން އެނގެން އޮތުމުން ކަމާއި އަދި މި މާއްދާގެ މި އަކުރުގެ އެއްވެސް ހިސާބެއްގައި މުޅި އެގްރިމެންޓް ބާޠިލުކުރުމަށް އެދި އެގްރިމެންޓުގެ ބައިވެރިއަކު ޝަރީޢަތަށް މައްސަލަ ހުށަހެޅުމާބެހޭ އެއްވެސް ވާހަކައެއް އައިސްފައި ނުވާތީކަން އެނގެން އޮތުމުން ކަމާއި މިކަންކަން މިދެފަރާތުގެ ދެމެދުގައި ކުރެވިފައިވާ ބުނެވުނު އެއްބަސްވުމުގެ 7 ވަނަ މާއްދާގެ (ހ) ޢިބާރާތްކުރެވިފައިވާ ގޮތަށް ބެލުމުން އެނގެން އޮތުމުން، ސިވިލް ކޯޓުގެ އިސްވެ އިޝާރާތް ކުރެވުނު އެ ކޯޓުގެ ނަންބަރު 1818/Cv-C/2014 ޤަޟިއްޔާގެ ދަށުން ސަކީނާ ޙަސަން ކޮށްފައިވާ ދަޢުވާއަކީ އިސްވެ އިޝާރާތްކުރެވުނު އެއްބަސްވުމުގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ޙާލަތެއް މެދުވެރިވެގެން އެކަން ޙައްލުކުރުމަށް އެދި ހުށަހަޅާފައިވާ ދަޢުވާއެއް ކަމުގައި ބެލެވޭނެތަނެއް އޮތްކަމަށް ނުފެންނަކަމެވެ.
(ށ) ދެވަނަ ކަމަކީ، ސަކީނާ ޙަސަންގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން ބެލެވެމުންދާ އެ ކޯޓުގެ އިސްވެ އިޝާރާތް ކުރެވުނު ނަންބަރު 1818/Cv-C/2014 ޤަޟިއްޔާގައި ސަކީނާ ޙަސަންގެ ފަރާތުން ކޮށްފައިވާ ދަޢުވާގެ ޞީޣާގައި، އެ ޤަޟިއްޔާގެ ދަޢުވާގައި ބުނާ ދޯނި، ސަކީނާ ޙަސަންއާ ޙަވާލުކުރުމަށް މުޙައްމަދު ޙަނީފްގެ މައްޗަށް ލާޒިމްކުރާ ޙުކުމެއް ކޮށްދެއްވުމަށް ޞަރީޙަ ބަހުން ބަޔާންކޮށްފައި ނުވިނަމަވެސް، އެ ދަޢުވާ ހުށަހެޅި އިރު އެ ދޯނި މުޙައްމަދު ޙަނީފްގެ ބެލުމުގެ ދަށުގައި މުޙައްމަދު ޙަނީފް ބޭނުންކުރުމަށް އޮތީ ސަކީނާ ޙަސަންގެ ފަރާތުން އެ ދޯނި މުޙައްމަދު ޙަނީފަށް ވިއްކުމާ ބެހޭގޮތުން މި ދެފަރާތުގެ ދެމެދުގައި ކުރެވިފައިވާކަމަށް މި ދެފަރާތުންމެ އެއްބަސްވާ އިސްވެ އިޝާރާތް ކުރެވުނު އެގްރިމެންޓްގެ ދަށުންކަން އެނގެން އޮންނައިރު، ބުނެވުނު ސިވިލް ކޯޓުގެ ޤަޟިއްޔާގައި ސަކީނާ ޙަސަންގެ ފަރާތުން ކޮށްފައިވާ ދަޢުވާގައި ސަކީނާ ޙަސަން އެދިފައިވާ ކަންކަމުގެ ތެރޭގައި ބުނެވުނު އެގްރިމެންޓް އެކަށް ބާޠިލްކޮށް ދިނުމަށްވެސް ސަކީނާ ޙަސަންގެ ފަރާތުން އެދިފައިވާ އިރު، ސިވިލް ކޯޓުން އެ ކޯޓުގެ އިސްވެ އިޝާރާތް ކުރެވުނު ޤަޟިއްޔާގެ ދަޢުވާ ބެލުމަށްފަހު، އެގްރިމެންޓް ބާޠިލުކުރާނެ އަސާސުތަކެއް ހުރިކަމަށް ދެކި ސަކީނާ ޙަސަން އެ ޤަޟިއްޔާއަށް ހުށަހެޅިގޮތަށް އެ އެގްރިމެންޓް ބާޠިލުކަމަށް ކަނޑައަޅައިފިނަމަ، އޭގެ ނަތީޖާއަކަށްވާނީ އެ ދޯނި ސަކީނާ ޙަސަނާ ޙަވާލުކުރުމަށް ކޯޓުން އެންގުންކަން އެނގެން އޮތުމުން، އެ ޤަޟިއްޔާގެ ދަޢުވާއާމެދު ކޯޓުން ފައިޞަލާކޮށް ގޮތެއް ނިންމުމުގެ ކުރިން، ބުނެވުނު ދޯނި ސަކީނާ ޙަސަނާ ޙަވާލުކުރުމަށް އަންގައި އަމުރުކުރުމަކީ، އިސްވެ އިޝާރާތް ކުރެވުނު ސިވިލް ކޯޓުގެ ޤަޟިއްޔާގެ އަޞްލު ދަޢުވާގައި ކޯޓުން ޙުކުމް ކުރުމުގެ ކުރިން އެ ދަޢުވާގެ މަޢުޟޫޢުގައި ހިމެނޭ ކަމެއްގެ މައްޗަށް ކުރިން ޙުކުމެއް ކުރެވިގެން ދިޔުންކަން އެނގެން އޮތުމުން، ބުނެވުނު ޤަޟިއްޔާގެ ދަޢުވާގައިވާ ކަންކަމުގެ މައްޗަށް އެ ކޯޓުން ފައިޞަލާކޮށް ޙުކުމެއް ކުރުމުގެ ކުރިން، ވަޤުތީ އަމުރެއްގެ ދަށުން ދޯނި ސަކީނާ ޙަސަންއާ ޙަވާލު ކުރުމަށް އަންގައި އަމުރު ކުރުމަކީ، ބުނެވުނު ޤަޟިއްޔާގެ އަޞްލު ދަޢުވާ ބަލައި ގޮތެއް ކަނޑައެޅުމުގެ ބޭނުން ކެނޑިގެންދާނެ ކަމެއްކަން އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު B-CR-8/VN/2014/03 "ވަޤުތީ އަމުރާމެދު ކޯޓުން ނިންމިގޮތް" މި ނަމުގައި ސިވިލް ކޯޓުން ނިންމާފައިވާ އިސްވެ އިޝާރާތްކުރެވުނު ނިންމުމުގެ ދަށުން ސަކީނާ ޙަސަން ނެރެދިނުމަށް އެދިފައިވާ ވަޤުތީ އަމުރު، ސިވިލް ކޯޓުގެ ބުނެވުނު ނިންމުމުގެ ދަށުން ނެރެދީފައި ނުވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ހަމަތަކާ ޚިލާފަށް ކަމަށް ސަކީނާ ޙަސަންގެ ފަރާތުން ދެކޭހިނދު އެގޮތަށް، ސަކީނާ ޙަސަންގެ ފަރާތުން ދެކޭ ސަބަބަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21 ޤަޟިއްޔާގައި ވަޤުތީ އަމުރު ނެރެދިނުމުގައި ރިޢާޔަތްކުރަންޖެހޭ ސަބަބުތައް ކަނޑައަޅާފައިވާއިރު އެ ސަބަބުތަކުގެ ތެރޭގައި ޤާނޫނީގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލް ފާޅުކަން ބޮޑުގޮތެއްގައި ޤާއިމުވެފައި އޮތުމަކީ ވަޤުތީ އަމުރު ނެރެންޖެހޭ ސަބަބެއްކަމަށް ކަނޑައަޅާފައިވާ ކަމަށާއި މި މައްސަލައިގައި ޙަވާލާދެވޭ އެއްބަސްވުމުގެ 7 ވަނަ މާއްދާ (ހ) ގައި އެއްބަސްވުމާ ޚިލާފުވެގެން މައްސަލައެއް ހުށަހެޅިއްޖެނަމަ، މައްސަލައާ މެދު ވަކިގޮތެއް ނިމެންދެން ދޯނި އޮންނަންވާނީ ވިއްކާފަރާތުގެ ބެލުމުގެ ދަށުގައިކަމަށް ބަޔާންކޮށްފައި އޮންނާތީ ހުށަހެޅިފައިވާ ދަޢުވާއާ ގުޅިގެން ސަކީނާ ޙަސަންގެ ބެލުމުގެ ދަށުގައި ދޯނި އޮތުމުގެ މައުޟޫޢީ ޙައްޤު ނުވަތަ ޤާނޫނީ މަރުކަޒު ފާޅުކަން ބޮޑުގޮތެއްގައި އެއްވެސް ޝައްކެއް ނެތް މިންވަރަށް މި މައްސަލައިގައި ޤާއިމުވެފައިވާ ކަމަށާއި މިހެންވެ، ސަކީނާ ޙަސަން އެދުނު ވަޤުތީ އަމުރު ނެރެދީފައި ނުވަނީ ޙަވާލާދެވޭ އެއްބަސްވުމުގެ 7 ވަނަ މާއްދާގެ (ހ) ގެ ދަށުން ސަކީނާ ޙަސަނަށް ލިބެންޖެހޭ ޙައްޤު ގެއްލޭ ފަދައަކުން އަދި އެ މާއްދާގެ ދަށުން އުފެދިގެންދާ ޤާނޫނީ މަރުކަޒު ޤާއިމުނުވާނެ ފަދައަކުން އެ މާއްދާގެ އިލްތިމާޒްތައް މުގުރިގެންދާ ފަދައަކުން ކަމަށް ބުނެ ސަކިނާ ޙަސަންގެ ފަރާތުން ފާހަގަކޮށްފައިވާ ސަބަބުކަން މައްސަލައާ ގުޅިގެން ސަކީނާ ޙަސަންގެ ފަރާތުން ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނައިރު، އިސްވެ އިޝާރާތް ކުރެވުނު ސިވިލް ކޯޓުގެ ނަންބަރު 1818/Cv-C/2014 ޤަޟިއްޔާގެ ދަށުން ސަކީނާ ޙަސަން ދަޢުވާ ކުރިއިރު، އެ ދަޢުވާގައި ބުނާ ދޯނި މުޙައްމަދު ޙަނީފްގެ ކޮންޓްރޯލްގެ ދަށުގައި އޮތީ ސަކީނާ ޙަސަންގެ ފަރާތުން އެ ދޯނި މުޙައްމަދު ޙަނީފަށް ވިއްކުމާ ބެހޭގޮތުން މި ދެފަރާތުގެ ދެމެދުގައި ވެވިފައިވާ ބަޔާންވެދިޔަ އެގްރިމެންޓްގެ ދަށުންކަން އެނގެން އޮންނައިރު، ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު ގަނެވިއްކުމުގެ އަޤުދަކީ އެ އަޤުދުގެ ދަށުން ވިއްކާއެތީގެ މިލްކުވެރިކަން ގަންނަމީހާއަށް، އަދި ވިއްކާއެތީގެ އަގުގެ މިލްކުވެރިކަން، ވިއްކާމީހާއަށް ނަޤްލުވެގެން ދިއުމުގެ މަޤުޞަދުގައި ކުރެވޭ އަޤުދެއްކަން އެނގެން އޮތުމުން ގަނެވިއްކުމުގެ އަޤުދަކީ އެ އަޤުދުގެ ދެބައިވެރިން ކުރެ ކޮންމެ ބައިވެރިއެއްގެ މައްޗަށް އިލްތިޒާމްތަކެއް އަދި އެ އަޤުދުގެ ދެބައިވެރިންކުރެ ކޮންމެ ބައިވެރިއަކަށް ޙައްޤުތަކެއްވެސް އުފެދޭ ގޮތުގައި ކުރެވޭ އަޤުދެއްކަން އެނގެން އޮންނައިރު ބުނެވުނު ދޯނި ވިއްކުމާބެހޭ ގޮތުން ސަކީނާ ޙަސަންއާއި މުޙައްމަދު ޙަނީފްއާ ދެމެދު ކުރެވިފައިވާ ބަޔާންވެދިޔަ އެއްބަސްވުމަކީ، ޤާނޫނީގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް ހަމައެކަނި ސަކީނާ ޙަސަނަށް އޮތުމުގެ މައްޗަށް ކުރެވިފައިވާ އަޤުދެއް ނޫންކަމާއި އަދި ކިއެއްތަ! އެ އަޤުދަކީ އެ އަޤުދުގެ ދެބައިވެރިންކުރެ ކޮންމެ ބައިވެރިއެއްގެ މައްޗަށް އިލްތިޒާމްތަކެއް، އަދި އެ އަޤުދުގެ ދެބައިވެރިންކުރެ ކޮންމެ ބައިވެރިއަކަށްމެ ޙައްޤުތަކެއް އުފެދޭ ގޮތުގައި ކުރެވިފައިވާ އަޤުދެއްކަން އެންގެން އޮންނާތީއާއި، އަދި ސިވިލް ކޯޓުގެ އިސްވެ އިޝާރާތް ކުރެވުނު އެ ކޯޓުގެ ނަންބަރު 1818/Cv-C/2014 ޤަޟިއްޔާގެ ދަށުން ސަކީނާ ޙަސަން ކޮށްފައިވާ ދަޢުވާއަކީ ދެފަރާތުގެ ދެމެދުގައި ކުރެވިފައިވާ ބަޔާންވެދިޔަ އެއްބަސްވުމުގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރެވިފައިވާ ފަދަ ޙާލަތެއް މެދުވެރިވެގެން އެ ކަމުގެ ފަރުވާއެއް ޝަރީޢަތް މެދުވެރިކޮށް ހޯދުމަށް އެދި ހުށަހަޅާފައިވާ ދަޢުވާއެއް ކަމުގައި ބެލެވޭނެ ތަނެއް އޮތް ދަޢުވާއެއް ނޫންކަން އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގެ 6 ވަނަ ނަންބަރުގެ (ހ) ގެ ދަށުން ބަޔާންކުރެވި ދިޔަ ސަބަބުތަކުން އެނގެން އޮންނާތީއާއި، އަދި އިސްވެ އިޝާރާތް ކުރެވުނު ސިވިލް ކޯޓުގެ ޤަޟިއްޔާގެ ދަޢުވާގައިވާ ކަންކަމުގެ މައްޗަށް އެކޯޓުން ފައިޞަލާކޮށް ޙުކުމެއް ކުރުމުގެ ކުރިން ވަޤުތީ އަމުރެއްގެ ދަށުން ދޯނި ސަކީނާ ޙަސަންއާ ޙަވާލުކުރުމަށް އަންގައި އަމުރު ކުރުމަކީ، ބުނެވުނު ސިވިލް ކޯޓުގެ ޤަޟިއްޔާގެ އަޞްލު ދަޢުވާ ބަލައި ގޮތެއް ކަނޑައެޅުމުގެ ބޭނުން ކެނޑިގެން ދާނެކަމެއްކަން އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގެ 6 ވަނަ ނަންބަރުގެ (ށ) ގެ ދަށުން ބަޔާންކުރެވިދިޔަ ސަބަބުތަކުން އެނގެން އޮންނާތީ މިކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް ބެލުމުން ސިވިލް ކޯޓުގެ ނަންބަރު B-CR-8/VN/2014/03 "ވަޤުތީ އަމުރާމެދު ކޯޓުން ނިންމިގޮތް" މި ނަމުގައި ސިވިލް ކޯޓުން ނިންމާފައިވާ އިސްވެ އިޝާރާތްކުރެވުނު ނިންމުމުގެ ދަށުން ސަކީނާ ޙަސަން ނެރެދިނުމަށް އެދިފައިވާ ވަޤުތީ އަމުރު، ސިވިލް ކޯޓުން ނެރެދީފައި ނުވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ބަޔާންވެދިޔަ، ހަމައާ ޚިލާފަށް ކަމަށް ބެލެވޭނެ ތަނެއް ނެތްކަން އެނގެން އޮންނަކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ، ސަކީނާ ޙަސަންގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން، އެ ކޯޓުން ބަލަމުންދާ އެ ކޯޓުގެ ނަންބަރު 1818/Cv-C/2014 ޤަޟިއްޔާގެ ދަޢުވާގައި ބުނާ ދޯނި ސަކީނާ ޙަސަންގެ ފަރާތުން މުޙައްމަދު ޙަނީފްއަށް ވިއްކުމާބެހޭ ގޮތުން މި ދެފަރާތުގެ ދެމެދުގައި ކުރެވިފައިވާ ކަމަށް މިދެފަރާތުންމެ އެއްބަސްވާ އިސްވެ އިޝާރާތް ކުރެވުނު އެއްބަސްވުގެ 7 ވަނަ މާއްދާއަކީ ބާޠިލު މާއްދާއެއް ކަމަށް ސިވިލް ކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާގައި ދަޢުވާލިބޭ މުޙައްމަދު ޙަނީފްގެ ފަރާތުން ފާހަގަކޮށްފައިވާކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހުގައި ސަކީނާ ޙަސަންގެ ފަރާތުން އިޤްރާރުވެފައިވާކަން އެނގެން އޮތުމުގެ އިތުރުން ދެފަރާތުގެ ދެމެދުގައި ކުރެވިފައިވާ ބުނެވުނު އެއްބަސްވުމުގެ 7 ވަނަ މާއްދާގެ (ހ) އަކީ އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާގެ ދަޢުވާއާ ގުޅިގެން އެ މާއްދާއާ މެދު ގޮތެއް ކަނޑައަޅަންޖެހޭ މާއްދާއެއްކަމަށް ސިވިލް ކޯޓުގެ ބަޔާންވެދިޔަ ވަޤުތީ އަމުރާމެދު އެ ކޯޓުން ނިންމި ނިންމުމުގައި އެ ކޯޓުން ފާހަގަކޮށްފައިވާކަން އެނގެން އޮތުމުން، އެ މާއްދާއަކީ ގަނެ ވިއްކުމުގެ އަޤުދެއް ކުރުމުގައި ރިޢާޔަތް ކުރަންޖެހޭ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް އޮތް މާއްދާއެއްތޯ ނުވަތަ ނޫންތޯ ސިވިލް ކޯޓުގެ ބުނެވުނު ޤަޟިއްޔާގެ ދަޢުވާއާ ގުޅިގެން އެ ކޯޓުން ބަލަމުންދާ މާއްދާއެއްކަން އެނގެން އޮތުމުން، އެ މާއްދާއާ މެދު އެ ކޯޓުން ބުނެވުނު ޤަޟިއްޔާއިން ގޮތެއް ކަނޑައެޅުމުގެ ކުރިން އެ މާއްދާގެ މަންފާ ވަކި ފަރާތަކަށް ލިބިގެންދާފަދަ ގޮތެއްގައި ވަޤުތީ އަމުރެއް ނެރުމަކީ، ބުނެވުނު ޤަޟިއްޔާގެ ދަޢުވާގައި ހިމެނޭ އެންމެހައި ކަންކަން ބަލައި ގޮތެއް ކަނޑައެޅުމުގެ ޙައިޘިއްޔަތު މުޅިން ގެއްލިގެން ދާނެކަމެއްކަމަށް ބެލެވޭކަމެވެ.
(ބ) ފަސްވަނަ ކަމަކީ، ސަކީނާ ޙަސަންގެ ފަރާތުން ނެރެދިނުމަށް އެދިފައިވާ ވަޤުތީ އަމުރު ނެރެދޭންޖެހޭ ސަބަބެއްގެ ގޮތުގައި، މި މައްސަލައިގައި މި ވާހަކަ ދެކެވޭ ދޯންޏަކީ ލޯނެއް ނަގައިގެން ސަކީނާ ޙަސަން ބަނދެފައިވާ ދޯންޏެއް ކަމަށާއި ލޯނަށް ފައިސާ ދެއްކުމަށް އޮތް ހަމައެކަނި ވަސީލަތަކީ އެ ދޯނިކަމަށާއި ސަކީނާ ޙަސަނަށް ލިބޭ އާމްދަނީވެސް ބިނާވެފައި އޮތީ އެ ދޯނީގެ މައްޗަށް ކަމަށާއި ލޯނުނެގުމަށް އެ ދޯނި ރަހުނު ކުރެވިފައިވާތީ އެ މުދާ ބޭންކަށް ނެގުމުގެ ބިރު އޮތްކަމަށްބުނެ ސަކީނާ ޙަސަންގެ ފަރާތުން ހުށަހަޅާފައިވާ ސަބަބަށް ބަލާއިރު، މި ދޯންޏަކީ ސަކީނާ ޙަސަން، މި ދޯނި މުޙައްމަދު ޙަނީފްއަށް ވިއްކުމާބެހޭ ގޮތުން މި ދެފަރާތުގެ ދެމެދުގައި ކުރެވިފައިވާ ބުނެވުނު އެއްބަސްވުމުގެ ސަބަބުން އެ އެއްބަސްވުމުގެ ޠަބީޢަތް ނިޔާ ކުރާގޮތުން އެ ދޯނީގެ މައްޗަށް މުޙައްމަދު ޙަނީފުގެވެސް ޙައްޤުތަކެއް އުފެދިގެންދާ ގޮތުގައި ކުރެވިފައިވާ އެއްބަސްވުމެއްކަމަށް ވެފައި، ސިވިލް ކޯޓުގެ ބުނެވުނު ނަންބަރު 1818/Cv-C/2014 ޤަޟިއްޔާގައި ސަކީނާ ޙަސަންގެ ދަޢުވާގައި އެދިފައިވާ ކަންކަމުގެ ތެރޭގައި ބުނެވުނު ދޯނި ވިއްކުމާބެހޭ ގޮތުން މި ދެފަރާތުގެ ދެމެދުގައި ކުރެވިފައިވާ ބުނެވުނު އެއްބަސްވުމާ މުޙައްމަދު ޙަނީފް ޚިލާފުވެފައިވާ ކަމަށާއި އަދި މުޅި އެއްބަސްވުންވެސް ބާޠިލުކަމަށް ކަނޑައަޅައިދިނުން ހިމެނޭކަން އެނގެން އޮތުމުން، ސަކީނާ ޙަސަންގެ ދަޢުވާގައި ހިމެނޭ ކަންކަން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ބަލައި އެ ކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިން، ވަޤުތީ ފިޔަވަޅެއްގެ ގޮތުން ދޯނި ސަކީނާ ޙަސަންއާ ޙަވާލުކުރުމަށް އަންގައި އަމުރު ކުރުމަކީ އެއްބަސްވުމުގެ ދަށުން މުޙައްމަދު ޙަނީފަށްވެސް ލިބިފައިވާ ޙައްޤުތަކަށް އުނިކަން އަންނާނެ ކަމެއްކަމަށް ވުމާއެކު، އެ އަމުރަކީ ސަކީނާ ޙަސަންގެ ފަރާތުން ހުށަހަޅާފައިވާ ބަޔާންވެދިޔަ ސަބަބުގެ މައްޗަށް ބިނާކޮށް ނެރެދެވެން އޮންނާނެ އަމުރެއް ނޫންކަން އެނގެން އޮންނަ އޮތުމެވެ.
(ޅ) ހަވަނަކަމަކީ، ސަކީނާ ޙަސަންގެ ފަރާތުން ނެރެދިނުމަށް އެދިފައިވާ ވަޤުތީ އަމުރު ނެރެދިނުމަށް އެދި ސަކީނާ ޙަސަންގެ ފަރާތުން ހުށަހަޅާފައިވާ ސަބަބެއްގެ ގޮތުގައި، ދޯނި މުޙައްމަދު ޙަނީފްގެ ޙަވާލުގައި އޮވެ، އެއަށް ގެއްލުން ލިބުމުގެ އިޙްތިމާލް އޮތްކަމަށް ބުނެ ސަކީނާ ޙަސަންގެ ފަރާތުން ފާހަގަކޮށްފައިވާ ސަބަބަށް ބަލާއިރު، ސަކީނާ ޙަސަން ވަޤުތީ އަމުރު ނެރެދިނުމަށް އެދި ހުށަހަޅާފައިވާ ސީޣާގައި ބަޔާންކޮށްފައިވާ ދޯނި މުޙައްމަދު ޙަނީފްގެ ކޮންޓްރޯލްގެ ދަށުގައި އަދި އޭނާގެ ބެލެހެއްޓުމުގެ ދަށުގައި ވަނީ ސަކީނާ ޙަސަންގެ ފަރާތުން އެ ދޯނި މުޙައްމަދު ޙަނީފަށް ވިއްކުމާ ބެހޭގޮތުން މި ދެފަރާތުގެ ދެމެދުގައި ކުރެވިފައިވާ ބަޔާންވެދިޔަ އެއްބަސްވުމުގެ ދަށުން ކަމަށްވެފައި، މި އެއްބަސްވުމަކީ އެ ދޯނީގެ މައްޗަށް މުޙައްމަދު ޙަނީފުގެވެސް ޙައްޤުތަކެއް އުފެދިގެންދާ ގޮތުގައި ވެވިފައިވާ އެއްބަސްވުމެއް ކަމަށް ވުމުން މި ދޯންޏަކީ މުޙައްމަދު ޙަނީފްގެވެސް މަޞްލަޙަތު އޭގައި ހިމެނިގެންވާ ދޯންޏެއްކަމަށް ވުމުން، ސަކީނާ ޙަސަންގެ ފަރާތުން ފާހަގަކޮށް ހުށަހަޅާފައިވާ މި ސަބަބުގެ މުޅި އަސާސު ބިނާކޮށްފައިވަނީ އިޙްތިމާލުގެ މައްޗަށް ކަމަށްވުމުން މި ސަބަބަކީ ސަކީނާ ޙަސަން ސިވިލް ކޯޓުގެ އިޝާރާތްކުރެވުނު ޤަޟިއްޔާގެ ދަށުން ހުށަހަޅާފައިވާ ދަޢުވާގެ މަޢުޟޫއާ މެދު އެ ކޯޓުން ފައިޞަލާކޮށް ޙުކުމެއް ކުރުމުގެ ކުރިން ސަކީނާ ޙަސަން އެދިފައިވާ ފަދަ ޢަމުރެއް ނެރެދިނުމަށް އެކަށީގެންވާ ރަނގަޅު ސަބަބެއްކަމަށް ނުބެލޭވޭކަމެވެ.
ޙުކުމް
އިސްވެދިޔަ ސަބަބުތަކާއި ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް ބެލުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/67 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ކޮށްފައިވާ ރަނގަޅު ޙުކުމެއްކަން އެނގެން އޮންނާތީ، އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ތާއީދުކޮށް މިގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ
ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު
ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.