—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 2015/SC-A/23
ދަޢުވާކުރާ ފަރާތް: ޢަބްދުލްޖަލީލް އިސްމާޢީލް، ސަންލައިޓް
ދަޢުވާ ލިބޭ ފަރާތް: ސިވިލް ސަރވިސް ކޮމިޝަން
މައްސަލައިގެ ބާވަތް: ވަޒީފާ ނުދިނުން
މައްސަލަ އައިގޮތް: އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚް: 04 އޮގަސްޓު 2015
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 14 ސެޕްޓެންބަރު 2015
ނިމުނު ތާރީޚް: 16 އޮކްޓޫބަރު 2019
މައްސަލަ ނިންމި ގަޑި: 13:46
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު
އިލްތިމާސްކުރެވުނު ޤަޟިއްޔާ
ނަންބަރު: 2014/HC-A/290
ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 12 އޮކްޓޫބަރު 2014
ނިމުނު ތާރީޚް: 17 މާރިޗު 2015
މައްސަލައިގެ ޚުލާޞާ:
މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/290 ޤަޟިއްޔާ، އެ ކޯޓުން ބަލައި ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލުކޮށްދިނުމަށް އެދި، ޢަބްދުލްޖަލީލް އިސްމާޢީލްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އެ ޤަޟިއްޔާ އިލްތިމާސްކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާ ރައްދުވާ ފަރާތަކީ، ސިވިލް ސަރވިސް ކޮމިޝަން އެވެ.
އަދި ބުނެވިދިޔަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/290 ޤަޟިއްޔާއަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 68/VTR/2014މައްސަލަ ނިންމާފައިވާ ގޮތް، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތް ނުވާކަމަށް ބުނެ، ޢަބްދުލްޖަލީލް އިސްމާޢީލްގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެއް ކަމާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/290 ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވި ފަރާތަކީ، ސިވިލް ސަރވިސް ކޮމިޝަން އެވެ.
ފާހަގަކުރެވުނު ނުކުތާތައް:
01- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 68/VTR/2014 މައްސަލަ ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެ މައްސަލައަކީ، "ޢަބްދުލްޖަލީލް އިސްމާޢީލް، ސަންލައިޓް ، ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލްގެ އިދާރާގެ ޑިރެކްޓަރގެ މަޤާމަށް ކުރިމަތިލައި، ޝަރުތު ހަމަވެ، އިންޓަވިއުކުރުމަށްފަހު އެންމެ މަތިން ޕޮއިންޓް ލިބިފައިވަނީ ޢަބްދުލްޖަލީލް އިސްމާޢީލް އަށް ކަމަށް ވާއިރު، އޭނާ އެ އިދާރާގައި އޭގެ ކުރިން އެސިސްޓެންޓް ޑިރެކްޓަރގެ މަޤާމުގައި ހުއްޓައި، އެ ވަޒީފާއިން އޭނާ ވަކިކޮށްފައިވާ ސަބަބަށް ރިޢާޔަތްކޮށް، ސިވިލް ސަރވިސް ކޮމިޝަނަށް ލިބޭ އިޚްތިޔާރުގެ ދަށުން، ޢަބްދުލްޖަލީލް އިސްމާޢީލް ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލްގެ އިދާރާގެ ޑިރެކްޓަރގެ މަޤާމަށް ހަމަނުޖެއްސުމަށް ސިވިލް ސަރވިސް ކޮމިޝަނުން ނިންމާފައިވާ ނިންމުމަކީ، ޤާނޫނާ ޚިލާފަށް ނިންމި ނިންމުމެއްކަމަށް ދެކިގެން، ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލްގެ އިދާރާގެ ޑިރެކްޓަރގެ މަޤާމަށް ޢަބްދުލްޖަލީލް އިސްމާޢީލް ހަމަޖައްސައިދިނުމަށް އެދި ސިވިލް ސަރވިސް ކޮމިޝަނަށް ރައްދުވާގޮތަށް، 13 މޭ 2014 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލް އަށް ހުށަހަޅާފައިވާ މައްސަލައެއްކަން އެ މައްސަލަ ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮންނަ ކަމާއި،
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 68/VTR/2014 މައްސަލަ ބަލައި ނިންމާފައިވާ ނިންމުމުގައި، "ދެންފަހެ، މި މައްސަލައާ ގުޅިގެން މައްސަލަ ހުށަހެޅި ފަރާތުންނާއި މައްސަލަ ރައްދުވި ފަރާތުން ހުށަހަޅާފައިވާ ލިޔުންތަކަށާއި، މައްސަލަ ބެލި މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށް ރިޢާޔަތްކޮށް ބަލާއިރު، މައްސަލަ ހުށަހެޅި ޢަބްދުލްޖަލީލް އިސްމާޢީލް ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލްގެ އިދާރާގެ ޑިރެކްޓަރގެ މަޤާމަށް ކުރިމަތިލައި އެންމެ މަތިން ޕޮއިންޓް ހޯދާފައިވީނަމަވެސް، އޭނާ ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލްގެ އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރގެ މަޤާމުގައި ހުއްޓާ ސިވިލް ސަރވިސް ކޮމިޝަނުން އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދުގެ 215 ވަނަ މާއްދާގެ (ނ) ގެ 2 ވަނަ ނަންބަރާއި 6 ވަނަ ނަންބަރުގެ ދަށުން ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދާ ޚިލާފުވެފައިވާތީވެ، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ނ) ގެ 3 ވަނަ ނަންބަރަށް ރިޢާޔަތްކޮށް ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދުގެ 214 ވަނަ މާއްދާގެ (ހ) ގެ ދަށުންކަމަށާއި، އަދި މިފަދައިން ޢަބްދުލްޖަލީލް އިސްމާޢީލަކީ ވަޒީފާއިން ވަކިކޮށްފައިވާ ފަރާތެއްކަމުން، ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލްގެ އިދާރާގެ ޑިރެކްޓަރގެ މަޤާމަށް އޭނާ ޢައްޔަންކޮށްފައިނުވަނީ، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު ގެ 41 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް އެ ކޮމިޝަނަށް ލިބޭ އިޚްތިޔާރުގެ ދަށުން، ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދުގެ 94 ވަނަ މާއްދާގެ (ށ) އާއި އެއްގޮތްވާގޮތުގެ މަތީންކަމަށް މައްސަލަ ރައްދުވި ފަރާތުން ބުނެ، މިގޮތުން ސިވިލް ސަރވިސް ކޮމިޝަނަށް ޤާނޫނާއި ޤަވާޢިދުން ލިބިފައިވާ އިޚްތިޔާރުގެ ދަށުން، މައްސަލަ ރައްދުވި ފަރާތުން ޢަބްދުލްޖަލީލް އިސްމާޢީލަށް ވަޒީފާދިނުމަށް އިއުތިރާޒު ކުރެވިދާނެކަމަށް ޤަބޫލުކުރެވޭތީ، މި މައްސަލައިގައި، މައްސަލަ ހުށަހެޅި ޢަބްދުލްޖަލީލް އިސްމާޢީލް އެދިފައިވާފަދަ ޢަމުރެއް ނެރެދޭނެ ޖާގައެއް ނެތްކަމަށް ކަނޑައަޅައި މި މައްސަލަ ނިންމަން ފެނެއެވެ." މިފަދައިން އެ މައްސަލަ ނިންމާފައިވާކަން އެ މައްސަލަ ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮންނަކަމެވެ.
02- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/290 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު އެ ޤަޟިއްޔާއަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 68/VTR/2014 މައްސަލަ ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތް ނުވާކަމަށް ބުނެ، ޢަބްދުލްޖަލީލް އިސްމާޢީލްގެ ފަރާތުން އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެއް ކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/290 ޤަޟިއްޔާ ބަލައި ކޮށްފައިވާ ޙުކުމުގައި، "ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 68/VTR/2014 މައްސަލައިގައި އެ ޓްރައިބިއުނަލުން ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށް ބުނެ، ޢަބްދުލްޖަލީލް އިސްމާޢީލް ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ ނުކުތާގެ މައްޗަށް ބިނާކޮށް، އެ މައްސަލައިގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބަދަލުގެންނަންޖެހޭފަދަ އެއްވެސް ސަބަބެއް ނެތްކަމަށް މި މައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ." މިފަދައިން ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމެވެ.
03- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/290 ޤަޟިއްޔާގެ ޙުކުމް ބިނާވެގެންވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާ ގޮތަށްކަމަށް ބުނެ މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރި ޢަބްދުލްޖަލީލް އިސްމާޢީލްގެ ފަރާތުން އަންނަނިވި ސަބަބުތައް ހުށަހަޅާފައިވެއެވެ.
(1) ފުރަތަމަ ސަބަބަކީ: ސިވިލް ސަރވިސް ކޮމިޝަނުން ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލްގެ އިދާރާއަށް ޑިރެކްޓަރެއް ހޯދުމަށް އިޢުލާނުކޮށް އެ މަޤާމަށް ކުރިމަތިލީ ފަރާތްތަކާއި، އިންޓަވިއުކޮށް އެ އިންޓަވިއު އިން ޢަބްދުލްޖަލީލް އިސްމާޢީލް އަށް އެންމެ މަތިން މާރކްސް ލިބިފައިވީ ނަމަވެސް އެ މަޤާމަށް ޢަބްދުލްޖަލީލް އިސްމާޢީލް ޢައްޔަންކުރުމަށް ސިވިލް ސަރވިސް ކޮމިޝަނުން އިޢުތިރާޟުކޮށްފައިވަނީ ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 41 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރާއި، ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދުގެ 94 ވަނަ މާއްދާގެ (ށ) ގެ ދަށުން ކޮމިޝަނަށް ލިބިދޭ އިޚްތިޔާރުން ބޭރުން އަދި ރޫލް އޮފް ލޯ ގެ ޙުކުމްތަކާ ޚިލާފަށްކަމުގައިވާއިރު، އެކަމަށް ރިޢާޔަތްކުރެއްވުމެއްނެތި ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމަވާފައިވާކަމަށް ބުނެ، ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރި ނުކުތާއާއި، އެ ނުކުތާގެ ތަފްޞީލުގެ މައްޗަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/290 ޤަޟިއްޔާ ނިންމެވުމުގައި ރިޢާޔަތްކުރައްވާފައިނުވާކަމަށް ބުނެ ހުށަހެޅި ސަބަބެވެ.
(2) ދެވަނަ ސަބަބަކީ: ބަޔާންވެދިޔަ ނުކުތާއަށް ބެއްލެވުމެއްނެތި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/290 ޤަޟިއްޔާ ނިންމަވާފައި ވުމުން ދަށު ކޯޓުތަކާ ޓްރައިބިއުނަލްތަކުން ނިންމަވާ ނިންމެވުންތައް އިސްތިއުނާފުކުރުމަށް ޤާނޫނުއަސާސީން ލިބިދީފައިވާ ޙައްޤު އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބިފައިނުވުމާއި، އަދި އިސްތިއުނާފު މަރުޙަލާގެ މަޤުޞަދު ގެއްލިފައިވުންކަމަށް ބުނެ ހުށަހެޅި ސަބަބެވެ.
04- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/290 ޤަޟިއްޔާގެ ޙުކުމް ބިނާކޮށްފައިވަނީ، ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށް ބުނެ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިލްތިމާސްކުރި ޢަބްދުލްޖަލީލް އިސްމާޢީލްގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކަށާއި، މި ޤަޟިއްޔާއާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، މި ޤަޟިއްޔާއާ ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ މި ޤަޟިއްޔާއާ ގުޅުންހުރި އެންމެހައި ލިޔުންތަކަށާއި، ކަމާގުޅުންހުރި ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކަށާއި، އިސްތިއުނާފުކޮށްފައި މިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު68/VTR/2014 މައްސަލަ ނިމުނުގޮތުގެ ރިޕޯޓަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/290 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބެލި ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ: ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 68/VTR/2014 މައްސަލައަކީ ޢަބްދުލްޖަލީލް އިސްމާޢީލްގެ ފަރާތުން ސިވިލް ސަރވިސް ކޮމިޝަނަށް ރައްދުވާގޮތަށް އެ ޓްރައިބިއުނަލް އަށް ހުށަހެޅުމުން ބަލާފައިވާ މައްސަލައެއް ކަމާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލް އަށް ޢަބްދުލްޖަލީލް އިސްމާޢީލް ހުށަހަޅާފައިވާ މައްސަލައަކީ، ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލްގެ އިދާރާގެ ޑިރެކްޓަރުގެ މަޤާމަށް މީހަކު ހޯދުމަށް ކޮށްފައިވާ ނަންބަރު 389/PRIV/2014/1007 (17 އެޕްރީލް 2014) އިޢުލާނާ ގުޅިގެން، އެ މަޤާމަށް ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުޠުހަމަވާ މިހުންނާ ކުރެވުނު އިންޓަވިއުއިން ޢަބްދުލްޖަލީލް އިސްމާޢީލް އެންމެމަތިން މާރކްސް ހޯދާފައިވީ ނަމަވެސް އޭނާ އެ މަޤާމަށް ޢައްޔަންކުރުމަށް ސިވިލް ސަރވިސް ކޮމިޝަނުން އިޢުތިރާޟުކޮށްފައިވާ ކުރުމަކީ ޤާނޫނާއި ޚިލާފަށް އެ ކޮމިޝަނުން ކޮށްފައިވާ ޢަމަލެއްކަމަށް ބުނެ، އެ ކޮމިޝަނުން ޢަބްދުލްޖަލީލް އިސްމާޢީލް އަށް އެ ވަޒީފާ ހަމަޖެއްސުމަށް އިޢުތިރާޟްކުރި ތާރީޚު ކަމުގައިވާ 25 މާރިޗު 2014 އިން ފެށިގެން އޭނާ އެ މަޤާމަށް ހަމަޖެއްސުމަށް ސިވިލް ސަރވިސް ކޮމިޝަންގެ މައްޗަށް އަމުރުކޮށް ދިނުމަށާއި، އެ ތާރީޚުން ފެށިގެން އެ މަޤާމުގެ މުސާރައާއި ޢިނާޔަތްތަކަކީ ޢަބްދުލްޖަލީލް އިސްމާޢީލް އަށް ޙައްޤުވާ އެއްޗެއްކަމަށް ކަނޑައަޅައި ދިނުމަށާއި، އެ މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލް އަށް ހުށަހެޅުމަށްޓަކައި ޤާނޫނީ ވަކީލެއް ހަމަޖެއްސުމަށް ޚަރަދުކުރަން ޖެހުނު -/000,30ރ. (ތިރީސް ހާސް ރުފިޔާ) އަކީވެސް އެ ކޮމިޝަނުން ޢަބްދުލްޖަލީލް އިސްމާޢީލް އަށް ދޭންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅައި އެފަދައިން އަމުރު ކޮށްދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައެއް ކަމާއި،
އެ މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލް އިން ބެލުމަށްފަހު ނިންމާފައިވާ ނިންމުމުގައި، ޢަބްދުލްޖަލީލް އިސްމާޢީލް ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލްގެ އިދާރާގެ ޑިރެކްޓަރގެ މަޤާމަށް ކުރިމަތިލައި އެންމެ މަތިން ޕޮއިންޓް ހޯދާފައިވީ ނަމަވެސް، އޭނާ އެ މަޤާމަށް ހަމަޖައްސާފައި ނުވަނީ، އޭގެކުރިން ޢަބްދުލްޖަލީލް އިސްމާޢީލް އެ އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރގެ މަޤާމުގައި ހުއްޓައި ސިވިލް ސަރވިސް ކޮމިޝަނުން އޭނާ އެ ވަޒީފާއިން ވަކިކޮށްފައިވަނީ، ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދުގެ 215 ވަނަ މާއްދާގެ (ނ) ގެ 2 ވަނަ ނަންބަރާއި 6 ވަނަ ނަންބަރުގެ ދަށުން ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދާ ޚިލާފުވެފައިވާތީވެ، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ނ) ގެ 3 ވަނަ ނަންބަރަށް ރިޢާޔަތްކޮށް ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދުގެ 214 ވަނަ މާއްދާގެ (ހ) ގެ ދަށުން ކަމުން، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 41 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް އެ ކޮމިޝަނަށް ޤާނޫނާއި ޤަވާޢިދުން ލިބިފައިވާ އިޚްތިޔާރުގެ ދަށުން، ވަޒީފާދިނުމަށް އިޢުތިރާޟު ކުރެވިދާނެކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލް އަށް ޤަބޫލުކުރެވޭތީ، އެ މައްސަލަ ހުށަހެޅި ޢަބްދުލްޖަލީލް އިސްމާޢީލް އެދިފައިވާފަދަ ޢަމުރެއް ނެރެދޭނެ ޖާގައެއް ނެތްކަމަށް ކަނޑައަޅައި އެގޮތުގެމަތިންކަން އެ މައްސަލަ ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮންނަކަމެވެ.
(ށ) ދެވަނަ ކަމަކީ: ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 68/VTR/2014 މައްސަލަ އާއި ގުޅިގެން ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން ހުށަހަޅާފައިވާ ބަޔާންތަކަށާއި، ލިޔުންތަކަށް ބަލާއިރު، ޢަބްދުލްޖަލީލް އިސްމާޢީލް އަކީ ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލްގެ އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރގެ މަޤާމުގައި ކުރިން ހުރި ފަރާތެއްކަމާއި، ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލްގެ އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރގެ ވަޒީފާއިން ޢަބްދުލްޖަލީލް އިސްމާޢީލް ވަކިކޮށްފައިވާ ސަބަބަކީ، ހިރިލަންދޫ ކައުންސިލްގެ އިދާރާއަށް މަސައްކަތު މީހަކު ހޯދުމަށް ކުރެވުނު އިޢުލާނަކާ ގުޅިގެން އެ ވަޒީފާއަށް އެދި ހުށަހެޅި ފަރާތްތަކުގެ މެދުގައި އިންޓަވިއު ކުރުމަށްފަހު، ނަތީޖާތައް އެކުލަވާލައި ފައިނަލް ސްކޯޝީޓް ތައްޔާރުކުރުމުގެ މަރުޙަލާގައި، ވަކި ފަރާތެއްގެ މަޞްލަޙަތު ޙިމާޔަތްކުރުމަށްޓަކައި، ވަޒީފާއަށް ކުރިމަތިލާފައިވާ މީހުންނަށް މާރކްސް ދީފައިވާ ފޯމްތަކުން ބައެއް ފޯމްތަކުގެ މާރކްސްތަކަށް ބަދަލުގެނެސްފައިވާ ކަމުގެ ތުހުމަތު ޢަބްދުލްޖަލީލް އިސްމާޢީލް އަށް ކުރެވުމުން، ސިވިލް ސަރވިސް ކޮމިޝަނުން އެކަން ހިނގާފައިވާގޮތް ތަޙުޤީޤު ކުރުމަށްފަހު، އިންޓަވިއު ޝީޓު ބަދަލުކޮށްފައިވަނީ ޢަބްދުލްޖަލީލް އިސްމާޢިލްކަމާއި، އެކަމުގެ ހެކި ނައްތާލަން އޭނާ މަސައްކަތްކޮށްފައިވާކަން އެ ތަޙުޤީޤުން އެނގިފައިވާތީކަން އެނގެން އޮންނަ ކަމާއި،
ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލްގެ އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރގެ މަޤާމުން ޢަބްދުލްޖަލީލް އިސްމާޢީލް ވަކިކުރެވުމާ ގުޅިގެން، އޭނާ އެ ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާއި ޤަވާޢިދާ ޚިލާފަށްކަމަށް ބުނެ، ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން މައްސަލަ ނިމޭދުވަހާ ހަމައަށް މުސާރައާއި ޢިނާޔަތްޔަކާއި އަދާކުރަމުންދިޔަ ވަޒީފާ އަލުން އަނބުރާ ލިބިދިނުމަށް އަމުރުކޮށް ދިނުމަށް އެދި 30 ޑިސެންބަރު 2013 ގައި ސިވިލް ސަރވިސް ކޮމިޝަންގެ މައްޗަށް ރައްދުވާގޮތަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 1/VTR/2014 މައްސަލަ އޭނާގެ ފަރާތުން ހުށަހަޅާފައިވާކަން އެނގެން އޮންނަ ކަމާއި،
އެ މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލް އިން ބެލުމަށްފަހު ނިންމާފައިވާ ނިންމުމުގައި، ހިރިލަންދޫ ކައުންސިލްގެ އިދާރާއަށް މަސައްކަތު މީހަކު ހޯދުމަށް ކުރެވުނު އިޢުލާނާ ގުޅިގެން ހުށަހެޅި ފަރާތްތަކުގެ މެދުގައި އިންޓަވިއު ކުރުމަށްފަހު، ނަތީޖާތައް އެކުލަވާލައި ފައިނަލް ސްކޯޝީޓް ތައްޔާރުކުރުމުގެ މަރުޙަލާގައި ވަކި ފަރާތެއްގެ މަޞްލަޙަތު ޙިމާޔަތްކުރުމަށްޓަކައި ވަޒީފާއަށް ކުރިމަތިލާފައިވާ މީހުންނަށް މާރކްސް ދީފައިވާ ފޯމްތަކުން ބައެއް ފޯމްތަކުގެ މާރކްސްތަކަށް ޢަބްދުލްޖަލީލް އިސްމާޢީލް ބަދަލުގެނެސްފައިވާކަމާއި، އެކަމުގެ ހެކި ނައްތާލަން މަސައްކަތް ކޮށްފައިވާކަން ސިވިލް ސަރވިސް ކޮމިޝަނުން ކޮށްފައިވާ ތަޙްޤީޤަށް ސާބިތުވެފައި ވުމާއެކު، ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދު 2010 ގެ 215 ވަނަ މާއްދާގެ (ނ) ގެ 2 ވަނަ ނަންބަރާއި 6 ވަނަ ނަންބަރުގެ ދަށުން ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދާއި ޚިލާފުވެފައިވާކަމަށް ސިވިލް ސަރވިސް ކޮމިޝަނަށް ސާބިތުވެފައިވާތީ، މައްސަލަ ހުށަހެޅި ޢަބްދުލްޖަލީލް އިސްމާޢީލް އެދިފައިވާފަދަ ޢަމުރެއް މައްސަލަ ރައްދުވި ސިވިލް ސަރވިސް ކޮމިޝަންގެ މައްޗަށް ކުރާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި އެގޮތުގެމަތިން އެ މައްސަލަ ނިންމާފައިވާކަން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 1/VTR/2014 މައްސަލަ ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮންނަ ކަމާއި،
އަދި އިސްވެ މި ބަޔާންކުރެވުނު ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 1/VTR/2014 މައްސަލަ އެ ޓްރައިބިއުނަލުން ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ، އެ ނިންމުން އިސްތިޢުނާފުކޮށްދިނުމަށް އެދި ޢަބްދުލްޖަލީލް އިސްމާޢީލްގެ ފަރާތުން 02 އޮކްޓޫބަރު 2014 ގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާކަން އެނގެން އޮންނަ ކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/276 ޤަޟިއްޔާގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 1/VTR/2014 މައްސަލައިގައި، އެ ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ޝަރުޢީ ނުވަތަ ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅާފައިވާކަން އެ ކޯޓުގެ ނަންބަރު 2014/HC-A/276 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮންނަ ކަމާއި،
އިސްވެ މި ބަޔާންކުރެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/276 ޤަޟިއްޔާ ޢަބްދުލްޖަލީލް އިސްމާޢީލްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް ހުށަހެޅިކަމާއި، ނަމަވެސް ދިވެހިރާއްޖޭގެ ހައިކޯޓުގެ އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ކޮށްފައިވާ ޙުކުމެއް ކަމަށްވާތީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަވާޢިދުގެ 42 ވަނަ މާއްދާގެ ދަށުން ހުއްދަ ދޭންޖެހޭ މައްސަލައެއް ނޫންކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ "އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދޭ މައްސަލަ ނިންމިގޮތް" ނަންބަރު 2016/SC-L-J/15 އަށް ބެލުމުން އެނގެން އޮންނާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ އެ ޤަޟިއްޔާގެ ޙުކުމަކީ، ރެސްޖުޑިކާޓާގެ ބާރު ލިބިފައިވާ ނިހާއީ ޙުކުމެއްކަން އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ: ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) އަށް ބަލާއިރު، އެ ޤާނޫނުގެ 41 ވަނަ މާއްދާގެ (ހ) ގައި ވަޒީފާއަށް ޢައްޔަންކުރުމުގެ ޝަރުޠުތައް ބަޔާންކޮށްފައިވާއިރު، އެ މާއްދާގެ (ށ) ގައި "ވަޒީފާއަށް ޢައްޔަންކުރެވޭ ފަރާތްތަކަށް ވަޒީފާ ދިނުމުގެކުރިން ބަޔާންކޮށްފައިވާއިރު، އެ މާއްދާގެ (ށ) ގައި "ވަޒީފާއަށް ޢައްޔަންކުރެވޭ ފަރާތްތަކަށް ވަޒީފާދިނުމުގެ ކުރިން ތިރީގައިވާ ކަންތައްތައް ބެލުމަށްފަހު، އެކަށީގެންވާ ގޮތަކަށް ވަޒީފާ އަދާނުކުރެވޭނެ ކަމަށް ކޮމިޝަނަށް ފެނިއްޖެ ހިނދެއްގައި، އެމީހަކަށް ވަޒީފާ ނުދިނުމުގެ އިޚްތިޔާރު ކޮމިޝަނަށް ލިބިގެންވެއެވެ." މިފަދައިން ބަޔާންކޮށްފައިވާ ކަމާއި، އެ މާއްދާގައި ބުނާ ކަންތައްތަކަކީ؛
(1) ވަޒީފާ އަދާކުރެވޭވަރުގެ ސިއްޙަތެއްގައި ހުރި މީހެއްތޯ،
(2) އަޚްލާޤީ މިންގަނޑާއި ޤައުމީ ސަލާމަތާ ގުޅޭގޮތުން ބަލަންޖެހޭ މިންގަނޑުތަކަށް ފެތޭ މީހެއްތޯ. މިފަދައިން ކަން އެނގެން އޮންނަ ކަމާއި،
އެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ނ) ގައި ދިވެހި ސިވިލް ސަރވިސްގައި މަސައްކަތްކުރާ ދާއިމީ މުވައްޒަފުން ވަޒީފާއިން ވަކިކުރެވިދާނެ ސަބަބުތައް ބަޔާންކޮށްފައިވާއިރު، އެ މާއްދާގެ 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަނީ "މި ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދާއި، ދިވެހި ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓާ ޚިލާފުވިކަން ސިވިލް ސަރވިސް ކޮމިޝަނަށް ސާބިތުވުން." މިފަދައިން ކަމާއި،
ދިވެހި ސިވިލް ސަރވިސް ޤަވާޢިދު (2010/R-1) އަށް ނަޒަރުކުރާއިރު އެ ޤަވާޢިދުގެ 94 ވަނަ މާއްދާގައި، ސިވިލް ސަރވިސްގެ މުވައްޒަފެއްގެ ގޮތުގައި ކުރިން ޚިދުމަތްކޮށްފައިވާ މީހަކަށް ވަޒީފާ ނުދެވޭނެ ޙާލަތްތައް ބަޔާންކުރެވިފައިވާކަމާއި، އެ ޙާލަތްތަކުގެ ތެރެއިން "ވަޒީފާއިން ކުރިން ވަކިކުރެވުނު ސަބަބަކީ އަލުން ވަޒީފާއެއް ދިނުމަށް އިޢުތިރާޒު ކުރެވިދާނެ ފަދަ ސަބަބަކަށްވުން" އެ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކަމާއި،
މީގެ އިތުރުން ދިވެހި ސިވިލް ސަރވިސް ޤަވާޢިދުގެ 214 ވަނަ މާއްދާގެ (ހ) ގައި، "ވަޒިފާއިން ވަކިކުރުމަކީ ކުށުގެ ދަރަޖަ 3 ގައި ހިމެނޭ ކުށްތަކުގެ ތެރެއިން ކުށެއް ކުރުމުގެ ސަބަބުން އެ ކުށުގެ ކުޑަބޮޑުމިނަށް ބަލައި އެ މުވައްޒަފަކު ވަޒީފާގައި ބެހެއްޓުމަކީ އެކަށީގެންވާ ކަމަކަށް ނުވާނަމަ އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރާ ކުރުމެވެ." މިފަދައިން ބަޔާންކޮށްފައިވާ ކަމާއި؛
ދިވެހި ސިވިލް ސަރވިސް ޤަވާޢިދުގެ 215 ވަނަ މާއްދާގެ (ނ) ގައި، ވަޒީފާގެ ކުށުގެ ދަރަޖަ 3 (ތިނެއް) ކަމަށް ބެލެވޭ ކުށްތައް ކަނޑައަޅާފައިވާއިރު، އެއިން ކޮންމެ ކުށަކީވެސް އެންމެ ފުރަތަމަ ފަހަރުންވެސް ވަޒީފާއިން ވަކިކުރުމަށް ހުށަހެޅިދާނެ ކުށްތަކެއްކަން ބަޔާންކުރުމަށްފަހު، 215 ވަނަ މާއްދާގެ (ނ) ގެ 2 ވަނަ ނަންބަރުގައި "ސަރުކާރުގެ ލިޔެކިޔުމެއް ނުވަތަ އޮފީހުގެ ލިޔެކިޔުމެއްގެ އަސްލު އޮޅުވާލައި، ބަދަލުކުރުން. މީގެތެރޭގައި، އެ މީހަކު މަސައްކަތުގައި ގެންގުޅެންޖެހޭ ލިއުމާއި، އޮފީހަށް ހުށަހެޅިފައިވާ މައްސަލައެއްގައި ހިމެނޭ ލިއުމާއި، ހާޒިރީ ރިޕޯޓް، ވައުޗަރ، ޗުއްޓީގެ ރިކޯޑްސް، އިތުރުގަޑީގެ ހާޒިރީ ފަދަ އޮފީހުގެ ލިޔެކިޔުން ހިމެނެއެވެ." މިފަދައިން ބަޔާންކޮށްފައިވާއިރު، އެ ޤަވާޢިދުގެ 215 ވަނަ މާއްދާގެ (ނ) ގެ 6 ވަނަ ނަންބަރުގައި، "އެ މީހަކަށް ލިބިފައިވާ މަގާމުގެ އިޚުތިޔާރު، ގަސްތުގައި، ނާޖާއިޒު ގޮތެއްގައި ތިމާގެ ނުވަތަ ޙައްޤު ނޫން ފަރާތެއްގެ ފައިދާއަށް ނުވަތަ މަޞްލަޙަތަށް ބޭނުން ކުރުން ނުވަތަ ބޭނުން ކުރަން އުޅުން." މިފަދައިން ބަޔާންކޮށްފައިވާކަން އިސްވެ މި ބަޔާންކުރެވުނު ސިވިލް ސަރވިސްގެ ޤާނޫނާއި ޤަވާޢިދަށް ބެލުމުން އެނގެން އޮންނަކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ: އިސްވެ މި ބަޔާންކުރެވުނު ޤާނޫނީ މާއްދާތަކަށް ރިޢާޔަތްކޮށް ބަލާއިރު، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 41 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް ޢައްޔަންކުރުމުގެ ޝަރުޠުތައް ކަމަށް ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 41 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތަކުން ވަޒީފާއަކަށް ކުރިމަތިލުމުން، ކުރެވޭ އިންޓަރވިއު އިން އެންމެ މަތިން މާރކްސް ހޯދާފައި ވުމަކީ، ހަމައެކަނި އެކަމަށްބަލައި އެ ފަރާތަކަށް އެ މަޤާމު ދޭންޖެހޭ ސަބަބެއް ނޫންކަމާއި، އެހެންކަމުން ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލްގެ އިދާރާގެ ޑިރެކްޓަރުގެ މަޤާމަށް މީހަކު ހޯދުމަށް ކޮށްފައިވާ ނަންބަރު 389/PRIV/2014/1007 (17 އެޕްރީލް 2014) އިޢުލާނާ ގުޅިގެން، ޢަބްދުލްޖަލީލް އިސްމާޢީލްގެ ފަރާތުން ހުށަހެޅި ފޯމު ބަލައިގަނެ، ތަޢުލީމާ ތަޖުރިބާއަށް ބަލައި މާރކްސް ދެވި އިންޓަރވިއު ޕްރޮސެސް ކުރިއަށް ގެންދެވިފައިވުމަކީ، އެ މަޤާމަށް މީހަކު ޢައްޔަންކުރުމުގެ ކުރިން ބަލަންޖެހޭނެކަމަށް ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ޤަވާޢިދުގައި ބަޔާންކޮށްފައިވާ އެންމެހައި ކަންތައްތައް ބެލުމަށް ހުރަސްއެޅޭނެ ކަމެއް ނޫންކަމާއި، އެގޮތުން އެ ވަޒީފާއަކަށް މީހަކު ހަމަޖެއްސުމުގެ ކުރިން، އެމީހަކީ ވަޒީފާ އަދާކުރެވޭވަރުގެ ސިއްޙަތެއްގައި ހުރި މީހެއްތޯއާއި، އަދި އެމީހަކީ ސިވިލް ސަރވިސްގެ މަޤާމަކަށް ޢައްޔަންކުރުމުގައި ހުންނަންޖެހޭ އަޚްލާޤީ މިންގަނޑު ހުރިމީހެއްތޯއާއި، ޤައުމީ ސަލާމަތާ ގުޅޭގޮތުން ބަލަންޖެހޭ މިންގަނޑުތަކަށް ފެތޭ މީހެއްތޯ ސިވިލް ސަރވިސް ކޮމިޝަނުން ބަލާ ކަށަވަރުކުރަންޖެހޭ ކަމާއި، މިގޮތަށް ބަލާބެލުމުގައި އެމީހަކީ އިސްވެ ބަޔާންކުރެވުނު މިންގަނޑުތަކަށް ނުފެތޭ މީހެއްކަމަށް ސިވިލް ސަރވިސް ކޮމިޝަނަށް ފެނިއްޖެނަމަ، އެމީހަކަށް ވަޒީފާ ނުދިނުމުގެ އިޚްތިޔާރު، ސިވިލް ސަރވިސް ކޮމިޝަނަށް ލިބިގެންވާކަން ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 41 ވަނަ މާއްދާގެ (ށ) އަށް ބެލުމުން އެނގޭކަމާއި،
ޢަބްދުލްޖަލީލް އިސްމާޢީލްއަކީ އޭނާ ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލްގެ އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރެއްގެ ވަޒީފާ އަދާކުރަމުން ދިޔައިރު، ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދުގެ 215 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ، ވަޒީފާގެ ކުށުގެ ދަރަޖަ 3 ގެ 2 ވަނަ ނަންބަރާއި، 6 ވަނަ ނަންބަރުގައި ބުނެފައިވާ ކުށްތައް ކޮށްފައިވާ ފަރާތެއްކަން އެފަދަ މައްސަލަތައް ތަޙްޤީޤުކުރުމަށް ކަނޑައެޅިފައިވާ މިންގަނޑުން ކޮށްފައިވާ ތަޙްޤީޤަށް ސާބިތުވެފައިވާތީ، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ނ) ގެ 3 ވަނަ ނަންބަރުގެ ދަށުން ޤާނޫނާ ޤަވާޢިދާއި ޚިލާފުވި މުވައްޒަފެއްކަމަށް ކަނޑައަޅައި ވަޒީފާއިން ވަކިކުރެވިފައިވާ ފަރާތެއްކަން އެނގެން އޮންނާތީ،
ދިވެހި ސިވިލް ސަރވިސް ޤަވާޢިދު 2010 ގެ 94 ވަނަ މާއްދާގެ (ށ) ގެ ދަށުން ވަޒީފާއިން ކުރިން ވަކިކުރެވުނު ސަބަބަކީ އަލުން ވަޒީފާއެއް ދިނުމަށް ހުރަސްއަޅާ ސަބަބެއްކަން ސާފުކޮށް އެނގެން އޮންނަކަމެވެ.
ވީމާ އިސްވެ ފާހަގަކުރެވުނު އެންމެހައި ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަމަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ރިޢާޔަތްކޮށް ބަލާއިރު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 68/VTR/2014 މައްސަލަ، އިސްތިއުނާފުކުރުމަށް އެދި، ޢަބްދުލްޖަލީލް އިސްމާޢީލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، އެ ކޯޓުގެ ނަންބަރު 2014/HC-A/290 ޤަޟިއްޔާއިން އެ އިސްތިއުނާފު ބެލުމަށްފަހު ކޮށްފައިވާ ޙުކުމުގައި، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 68/VTR/2014 މައްސަލައިގައި، ނިންމާފައިވާ ނިންމުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބަދަލު ގެންނަން ޖެހޭފަދަ އެއްވެސް ސަބަބެއް ނެތްކަމަށް، އެ މައްސަލަ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، އެގޮތުގެމަތިން ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށް ކޮށްފައިވާ ޙުކުމެއްކަމަށް ބެލެވެން ނެތްކަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ފާހަގަކުރެވުނު އެންމެހާ ނުކުތާތަކުގައި ބަޔާންކުރެވުނު އެންމެހައި ސަބަބުތަކަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެމަތިން ރިޢާޔަތްކޮށް ބަލާއިރު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 68/VTR/2014 މައްސަލަ، އިސްތިއުނާފުކުރުމަށް އެދި، ޢަބްދުލްޖަލީލް އިސްމާޢީލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، އެ ކޯޓުގެ ނަންބަރު 2014/HC-A/290 ޤަޟިއްޔާއިން އެ އިސްތިއުނާފު ބެލުމަށްފަހު ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތަށް ކޮށްފައިވާ ޙުކުމެއްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.
ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު
ފަނޑިޔާރު ޢަބްދުﷲ ޢަރީފް
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.