ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2015/SC-A/25ސުޕްރީމް ކޯޓު · 17 އޭޕްރީލް 2017

—

ސުޕްރީމް ކޯޓު
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 17 އޭޕްރީލް 2017ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ

ޤަޟިއްޔާ ނަންބަރު: 2015/SC-A/25

ދަޢުވާކުރާ ފަރާތް: ޢަލީ އަޙްމަދު

ދަޢުވާ ލިބޭ ފަރާތް: އެޓަރނީ ޖެނެރަލްގެ އޮފީސް

މައްސަލައިގެ ބާވަތް: އެއްބަސްވުން ދެމެހެއްޓުން

މައްސަލަ އައިގޮތް: އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

ހުށަހެޅުނު ތާރީޚް: 15 ސެޕްޓެންބަރު 2015

ރަޖިސްޓްރީކުރެވުނު ތާރީޚް: 18 ނޮވެންބަރު 2015

ނިމުނު ތާރީޚް: 17 އެޕްރީލް 2017

މައްސަލަ ނިންމި ގަޑި: 14:04

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު، ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ

އިސްތިއުނާފުކުރެވުނު ޤަޟިއްޔާ

ނަންބަރު: 2014/HC-A/05

ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު

ހުށަހެޅުނު ތާރީޚް: 14 ޖަނަވަރީ 2014

ނިމުނު ތާރީޚް: 17 ޖޫން 2015

މައްސަލައިގެ ޚުލާޞާ

މިއީ، ޢަލީ އަޙްމަދުއާއި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރާ ދެމެދު ވެވިފައިވާ އެއްބަސްވުމުގެ ދަށުން ތ. ވިލުފުށިން 25 އަހަރު ދުވަހުގެ މުއްދަތަށް، ތެޔޮ ވިއްކުމަށްޓަކައި ދޫކޮށްފައިވާ ބިމުގައި އެ މަސައްކަތް ކުރަމުންދަނިކޮށް އެ މަސައްކަތްކުރުމަށް ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާއިން ޢަލީ އަޙްމަދަށް ފުރުޞަތު ނުދީ ހުރަސްއަޅައިފައިވާ ކަމަށްބުނެ، ޢަލީ އަޙްމަދުއާއި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރާ ދެމެދު ވެވިފައިވާ އެއްބަސްވުމާ އެއްގޮތްވާ ގޮތުގެމަތިން ޢަލީ އަޙްމަދަށް ދޫކޮށްފައިވާ ބިން، އެއްބަސްވުމާ އެއްގޮތްވާ ގޮތުގެމަތިން ޢަލީ އަޙްމަދުއާ ޙަވާލުކޮށްދިނުމަށް ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި ޢަލީ އަޙްމަދުގެ ފަރާތުން ކޮޅުމަޑުލު ވިލުފުށީ މެޖިސްޓްރޭޓު ކޯޓުގައި ދަޢުވާކުރުމުން ކޮޅުމަޑުލު ވިލުފުށީ މެޖިސްޓްރޭޓުން ނިންމާފައިވާ އެ ކޯޓުގެ ނަންބަރު 03/N2C/2012 ޤަޟިއްޔާ، އެ ކޯޓުން ނިންމި ގޮތް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތްނުވާ ކަމަށްބުނެ، ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާއިން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބެލުނު ހައިކޯޓުގެ ނަންބަރު 2014/HC-A/05 ޤަޟިއްޔާ ނިންމި ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާ ކަމަށް ދެކިގެން ޢަލީ އަޙްމަދުގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ބެލިފައިވާ މައްސަލައެކެވެ.

މި ޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތް ކަމުގައިވާ ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ ތަމްސީލުކުރާ ފަރާތަކީ އެޓަރނީ ޖެނެރަލްގެ އޮފީހެވެ.

ފާހަގަކުރެވިފައިވާ ނުކުތާތައް

މި މައްސަލައާ ގުޅިގެން ކޮޅުމަޑުލު ވިލުފުށީ މެޖިސްޓްރޭޓު ކޯޓުން ނިންމާފައިވާ އެ ކޯޓުގެ ނަންބަރު 03/N2C/2012 ޤަޟިއްޔާއަށް ބެލިއިރު އެ ޤަޟިއްޔާގެ ޙުކުމުގައި ވަނީ، "ދެންފަހެ، 2004 ސުނާމީ ކާރިސާގައި ތ. ވިލުފުށި ހަލާކުވެ، ތ. ވިލުފުށީގެ ރައްޔިތުން ތ. ބުރުންޏަށް ހިޖުރަކުރުމާ ގުޅިގެން، ތ. ވިލުފުށި އާރާސްތުކުރުން އެން.ޑީ.އެމް.ސީ ގެ ދަށުގައި އޮތްއިރު ތ. ވިލުފުށީގައި ތެލުގެ ބާވަތްތައް ވިއްކުމަށް ހަމަޖެހިފައިވާ ބިމުގައި ތެލުގެ ވިޔަފާރި ކުރުމަށް އެދޭ މީހުން ތިބިތޯ ބެލުމަށް އިޢުލާނުކޮށް ހުޅުވައިލި ފުރުޞަތުގައި އެކަމަށް ހަމައެކަނި ކުރިމަތިލީ ސުނާމީގެ ކުރިންވެސް ފުޅާ ދާއިރާއެއްގައި ތެލުގެ ވިޔަފާރި ކުރަމުން އައިސް އަދި މިހާރުވެސް އެ ވިޔަފާރި ކުރާ ޢަލީ އަޙްމަދު ކަމަށްވާތީ، އެން.ޑީ.އެމް.ސީ އާއި ޢަލީ އަޙްމަދާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ޢަލީ އަޙްމަދަށް އިސްވެދެންނެވި ބިމުން ދީފައިވާ 20132 (ވިހިހާސް އެއްސަތޭކަ ތިރީސް ދޭއް) އަކަފޫޓުގެ ބިމުގައި ޢަލީ އަޙްމަދުގެ ފަރާތުން މަސައްކަތް ކުރަމުން ގެންދަނިކޮށް ރަށު އޮފީހުން އެ މަސައްކަތް އެ ބިމުގައި ނުކުރުމަށް ބުނެ، މަސައްކަތް ހުއްޓައިލުމަށް އެންގުމުން މި މަސައްކަތް ހުއްޓައިލައިފައި ވާތީ އަދި ރަށު އޮފީހާއި ކައުންސިލްގެ އިދާރާގައި، އެ ބިމުގައި މަސައްކަތް ކުރުމުގެ ހުއްދަ ދިނުމަށް ތަކުރާރުކޮށް އެދުމުންވެސް އެ ހުއްދަ ނުދީގެން، މަތީގައި ދެންނެވި ބިން ހޯދުމަށާއި، ވަގުތުން ލިބިދިނުމަށް ޢަލީ އަޙްމަދުގެ ފަރާތުން ތ. ވިލުފުށީ ކައުންސިލްގެ އިދާރާގެ މައްޗަށް ދަޢުވާކުރުމުން ބެލުނު މި މައްސަލައިގައި ދެފަރާތުން ޝަރީޢަތަށް ހުށަހަޅައިފައިވާ ލިއުންތަކާއި ދީފައިވާ ބަޔާންތަކުގެ މައްޗަށް ބަލައި ވިސްނާއިރު، އެން.ޑީ.އެމް.ސީ އާއި ޢަލީ އަޙްމަދާ ދެމެދު 15 ޖޫން 2009 ގައި އެއްބަސްވުމެއް ވެފައިވާކަން އެނގެން އޮތުމާއި މި އެއްބަސްވުން އުފަންވެފައިވަނީ 2008 ގައި ވުޖޫދަށް އައި ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުމާއި ކައުންސިލްތައް ޢައްޔަންވުމާ ދެމެދުގައިކަމާ ކައުންސިލް އުފަންވެ ކައުންސިލްތަކަށް ކަމާބެހޭ ޤާނޫނުން ލިބިދީފައިވާ އިޚްތިޔާރުގެ ދަށުން އިސްވެދިޔަ އެއްބަސްވުން ބާޠިލްކޮށްފައި ނުވުމުން ވިލުފުށީ ކައުންސިލްގެ އިދާރާއިން އެ އެއްބަސްވުމަށް ފުރިހަމައަށް ޢަމަލުކުރަން ފެންނަކަމާ، މައްސަލަ ބަލަމުން އައިއިރު ޞުލްޙަވެރިކަމާއެކު މައްސަލަ ނިންމުމަށް ފުރުޞަތުތަކެއް ދެވުނުކަމާ، ނަމަވެސް ތ. ވިލުފުށީ ކައުންސިލްގެ އިދާރާއިން އެއްބާރުލުން ދީފައިވާކަމާއި، ދަޢުވާކުރާ ފަރާތުން އެގްރީމެންޓުގައިވާ ބޮޑުމިނަށްވުރެ ބިންކުޑަކޮށް 12000 (ބާރަހާސް) އަކަފޫޓު ނުވަތަ މަސައްކަތަށް ދަތި ނުވާވަރުގެ ބިމެއް ލިބުން އެދޭކަމަށާއި އެއްބަސްވުމުގައި އެން.ޑީ.އެމް.ސީއިން ކަނޑައަޅާފައިވާ ބިމުގެ މިންވަރު ބޮޑުކަމަށް ޝަރީޢަތަށްވެސް ފެންނަކަމަށާއި، ރަށްރަށުން މީހުން ދިރިއުޅުން ނޫން އެހެން ބޭނުންތަކަށް ބިންދޫކުރުމާ ބެހޭގޮތުން ހެދިފައިވާ ޤާނޫނުތަކާއި ޤަވާޢިދުތަކާ ފުށުއަރާކަމަށް ފާހަގަކުރިނަމަވެސް، މި އެގްރީމެންޓަކީ ދައުލަތުގެ ބަންޑާރަނާއިބު ކުށްފިލުވައިފައިވާ އެގްރީމެންޓަކަށްވާއިރު، އެގްރީމެންޓު ކުރިފަރާތާއި، އެގްރީމެންޓު ލިބިގަތް ފަރާތާ ދެފަރާތުންކުރެ ފަރާތަކުން އެގްރީމެންޓާ ޚިލާފުވެފައިވާ އެއްވެސްކަމެއް ޝަރީޢަތަށް ފެންނަން ނެތުމާއި، މި މައްސަލައިގައި ދަޢުވާލިބޭ ވިލުފުށީ ކައުންސިލްގެ އިދާރާގެ ފަރާތުން ތަކުރާރުކޮށް އަޑުއުފުލައި ކަންބޮޑުވުން ފާޅުކުރައްވަނީ ޢަލީ އަޙްމަދަށް ތެލުގެ ވިޔަފާރި ކުރުމަށްޓަކައި އެން.ޑީ.އެމް.ސީ އިން ދީފައިވާ 20132 އަކަފޫޓުގެ ބިމާމެދުގައި ކަމަށްވާތީ، މި ޢަދަދު ކުޑަކުރުމަށް ޢަލީ އަޙްމަދުގެ ފަރާތުން ޝަރީޢަތުގައި އެދިފައިވާތީ އެގްރީމެންޓުގެ 19 ވަނަ މާއްދާއާއި 20 ވަނަ މާއްދާގައި ޝަރީޢަތަށް ލިބިދީފައިވާ އިޚްތިޔާރުގެ މަތީން ޢަލީ އަޙްމަދަށް ތ. ވިލުފުށީގެ ހުޅަނގު ދެކުނުފަރާތުން (ތެލުގެ ބާވަތްތައް ވިއްކުމަށް ކަނޑައަޅާފައިވާ ބިމުން) އެންމެ އަތިރީ ބަނދަރާ ކައިރިން ޑީސަލް ތެލާއި، ޕެޓްރޯލާއި ކަރާސީނު ތެޔޮ ވިއްކައި ވިޔަފާރި ކުރުމަށްޓަކައި 6000 (ހަހާސް) އަކަފޫޓުގެ ބިމެއް 21 މާރިޗު 2013 ދުވަހުން ފެށިގެން 10 ދުވަހުގެ ތެރޭގައި ޢަލީ އަޙްމަދުގެ ފަރާތުން ޝަރީޢަތުގައި ވަކާލާތުކުރާ ޢަލީ އަޙްމަދުގެ ދަނބިދަރި ތ. ވިލުފުށީ ދޫރެސް މުމްތާޒް އިބްރާހީމްއާ ނުވަތަ ހިޖްރީ ޢަލީ އަޙްމަދާ ޙަވާލުކުރުމަށް ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ މައްޗަށާއި، ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ މައްޗަށް ޝަރީޢަތުން ޙުކުމްކޮށްފީމެވެ. އަދި ޙުކުމް ކުރެވުނު ބިން ޢަލީ އަޙްމަދާ ނުވަތަ މުމްތާޒު އިބްރާހީމްއާ ޙަވާލުކުރުމުގެ ކުރިން ތެލުގެ ވިޔަފާރި ކުރުމަށް ކަނޑައަޅާފައިވާ ބިމުގެ އެއްވެސް މުޢާމަލާތެއް ނުކުރުމަށް ހައުސިން މިނިސްޓްރީގެ މައްޗަށާއި، ވިލުފުށީ ކައުންސިލްގެ މައްޗަށާއި، ތ. އަތޮޅު ކައުންސިލްގެ މައްޗަށް ޝަރީޢަތުން އަމުރު ކުރަމެވެ." މިފަދައިން ކަމާއި، ހައިކޯޓުގެ ނަންބަރު 2014/HC-A/05 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބެލިއިރު އެ ޤަޟިއްޔާގައި ޙުކުމް ކޮށްފައިވަނީ، ކޮޅުމަޑުލު ވިލުފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 03/N2C/2012 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ ބާޠިލް ޙުކުމެއްކަމަށް ކަނޑައަޅައިކަން މި މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮވެއެވެ.

2- ހައިކޯޓުގެ ނަންބަރު 2014/HC-A/05 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ، ޢަލީ އަޙްމަދުގެ ފަރާތުން ކޮށްފައިވާ އިލްތިމާސް ބިނާކުރާ ނުކުތާތަކުގެ ގޮތުގައި މައިގަނޑު 06 ނުކުތާއެއް ޢަލީ އަޙްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގައި ހުށަހަޅައި އެކަންކަމާ ބެހޭގޮތުން ވާހަކަ ދައްކައިފައި ވެއެވެ.

(ހ) ފުރަތަމަ ނުކުތާއަކީ، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން، ޢަލީ އަޙްމަދުއަށް ތެލާއި ގޭހުގެ ވިޔަފާރިކުރުމަށްޓަކައި 20132 އަކަފޫޓުގެ ބިމެއް ހަމަޖައްސައިދީފައިވަނީ ތ. އަތޮޅު ކައުންސިލްގެ އިދާރާއާއި، ވިލުފުށި ކައުންސިލްގެ އިދާރާއާއި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓަށްވެސް އެނގިގެން، އެއިން ފަރާތަކުން ކަނޑައަޅައިފައިވާ އުޞޫލުގެ ދަށުން ނޫންކަމަށް ދައުލަތުން ފާހަގަކޮށްފައިވާއިރު، 26 ޑިސެމްބަރ 2004 ގައި ދިވެހިރާއްޖެއަށް ދިމާވި ސުނާމީ ކާރިސާއާ ގުޅިގެން ސޭފް އައިލެންޑްގެ ގޮތުގައި ކަނޑައެޅުނު އެންމެހައި ރަށްތަކުގެ ތަރައްޤީގެ މަސައްކަތްތައް ކޮށްފައިވަނީ، ސޭފް އައިލެންޑް ގެ ގޮތުގައި ތަރައްޤީ ކުރާ އެންމެހައި ރަށްތަކުގެ އާބާދީތައް ވަޒަންވެރި ކުރުމަށްޓަކައި، އެ އާބާދީތަކަށް ބޭނުންވާނެ ވަސީލަތްތަކާއި، ކަންކަން ޤާއިމުކުރުމަކީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ އިޚްތިޞާޞްގެ ތެރޭގައި އޮތް ކަންކަމުގެ ގޮތުގައި ހަމަޖެހިފައި އޮތުމުން އެފަރާތުން ކަމަށްވާއިރު، ވަކި ޚާއްޞަ އިޚްތިޞާޞެއް ލިބިފައިވާ ތަނަކުން ކުރާ ކަމެއްގައި އެހެން އިދާރާއަކާ އެ މަޢުލޫމާތެއް ޙިއްޞާކޮށްފައި ނެތުމަކީ، ނުވަތަ އެހެން އިދާރާއެއްގެ ބަހެއް ހޯދައިފައި ނެތުމަކީ މުޅި މުޢާމަލާތް ބާޠިލުވާން ޖެހޭ ސަބަބެއް ނޫންކަށާއި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރަށް އެއިން ބާރެއް ލިބިފައިނުވާކަމަށް އެއްވެސް ފަރާތަކުން ބުނެފައި ނުވާކަމަށާއި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ޢަލީ އަޙްމަދަށް ބިން ދޫކޮށްފައިވާކަމަށް އެފަރާތުން އިޢުތިރާފްވެފައިވާއިރު އެއިން އެއްވެސްކަމަކަށް ޝަރީޢަތުން ރިޢާޔަތް ނުކޮށް މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއާއި؛

(ށ) ދެވަނަ ނުކުތާއަކީ، ހައިކޯޓުގެ ނަންބަރު 2014/HC-A/05 ޤަޟިއްޔާގައި ދެފަރާތުގެ ދެމެދުގައި ކުރެވިފައިވާ އެއްބަސްވުމުގެ ދަށުން ސަރުކާރަށް ދައްކަންޖެހޭ ފައިސާ ދައްކައިފައި ނުވާކަން، މޯލްޑިވްސް އިންލެޑް ރެވެނިއު އޮތޯރިޓީގެ ނަންބަރު: 220-RPP/383/2012/1 (20 ޖަނަވަރީ 2012) ސިޓީއިން އެނގޭކަމަށް ބަޔާންކޮށްފައިވާއިރު، ކޮޅުމަޑުލު ވިލުފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 03/N2C/2012 ޤަޟިއްޔާއާ ގުޅިގެން ޢަލީ އަޙްމަދުގެ ފަރާތުން ފައިސާ ދައްކައިފައިވާކަން އެނގޭނެ ލިޔުމެއްގެ ގޮތުގައި ޝަރީޢަތަށް ހުށަހަޅައިފައިވާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ ނަންބަރު 12/98859 ފައިސާގެ ރަސީދާއި، ނަންބަރު 13/20247 ފައިސާގެ ރަސީދަށް ބެއްލެވުމެއްނެތި، ދެންނެވުނު ބިމަށް ކުލި ދައްކަމުން ގޮސްފައިނުވާކަމަށް ހައިކޯޓުން ފާހަގަކޮށްފައިވަނީ ބަލަންޖެހޭ ކަންތައްތަކާއި ކަމާބެހޭ އިދާރާތަކުން ހޯދަންޖެހޭ ލިޔުންތައް ހޯދުމަކާ ނުލައި ކަމަށް ބުނެ ހުށަހެޅި ނުކުތާއާއި؛

(ނ) ތިންވަނަ ނުކުތާއަކީ، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރާއި ޢަލީ އަޙްމަދާ ދެމެދު ވެފައިވާ އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމަކަށްވާއިރު، އެ އެއްބަސްވުމުގެ ދަށުން ޢަލީ އަޙްމަދަށް ދޫކޮށްފައިވާ ބިމުގެ މައްސަލައިގައި ކޮޅުމަޑުލު ވިލުފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 03/N2C/2012 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ރަނގަޅު ޙުކުމެއްކަމަށް ބަލައިގަނެ އެ ޙުކުމް ތަންފީޒު ކުރުމަށް ތ. ވިލުފުށީ ކައުންސިލަށް އަންގައިފައި ވާކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ނަންބަރ: 221-AF/NDIV/2013/60 (09 މެއި 2013) ގެ ސިޓީއިން އަންގާފައި ވާއިރު ވިލުފުށީ ކައުންސިލުން މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ އެ އޮތޯރިޓީގެ ނިންމުމާ ޚިލާފަށް ކަމަށްވާއިރު، މިއިން އެއްވެސް ކަމަކަށް ޝަރީޢަތުން ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއާއި؛

(ރ) ހަތަރުވަނަ ނުކުތާއަކީ، ކޮޅުމަޑުލު ވިލުފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 03/N2C/2012 ޤަޟިއްޔާގައި މަޙްޟަރު ކުރެވިފައި ނެތްކަމުގައި ވީނަމަވެސް، އެ މައްސަލައިގައި ބިމުގެ ސައިޒު ކުޑަކޮށްފައިވަނީ، ދެފަރާތުން ދެއްކި ވާހަކަތަކަށާއި، އެއިރު ދަޢުވާލިބޭ ތ. ވިލުފުށި ކައުންސިލްގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބޮޑު ބިމެއް ޢަލީ އަޙްމަދަށް ލިބިފައިވުންކަމަށް ވާއިރު، ޝަރީޢަތުން ނިންމަވާފައިވާ ނިންމެވުމަކީ ދެފަރާތުގެ މަޞްލަޙަތަށް ރިޢާޔަތްކުރައްވައި ނިންމަވައިފައިވާ ނިންމެވުމެއް ކަމަށްވާއިރު، ހައިކޯޓުން މި މައްސަލަ ނިންމެވުމުގައި މިއިން އެއްވެސް ކަމަކަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއާއި؛

(ބ) ފަސްވަނަ ނުކުތާއަކީ، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރާއި، ޢަލީ އަޙްމަދާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ބިން ދޫކޮށްފައިވަނީ ޢާންމުކޮށް އިޢުލާނުކޮށްގެންކަމާއި، ޢަލީ އަޙްމަދަކީ ޒަމާނުއްސުރެ އެ ރަށުގައި ތެލާއި ގޭހުގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ފަރާތަކަށްވެފައި، އިސްވެ ދެންނެވުނު އެއްބަސްވުން ވުޖޫދުގައި އޮވެމެ، އެ އެއްބަސްވުން ބާޠިލްކުރުމަށް އެއްވެސް ކޯޓަކަށް ތ. ވިލުފުށި ކައުންސިލުން ނުވަތަ ސަރުކާރުންވެސް ހުށަހަޅައިފައިނުވާއިރު މިއިން އެއްވެސް ކަމަކަށް ޝަރީޢަތުން ރިޢާޔަތްނުކޮށް މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއާއި؛

(ޅ) ހަވަނަ ނުކުތާއަކީ، ހައިކޯޓުގެ ނަންބަރު 2014/HC-A/05 ޤަޟިއްޔާގައި ޝަރީޢަތުން ރިޢާޔަތް ކުރަންޖެހޭ ކަންކަމަށް އެންމެ ފުރިހަމައަށް ރިޢާޔަތްކޮށްފައި ނެތުމަކީ ޢަލީ އަޙްމަދުގެ މަދަނީ ޙައްޤަށް އުނިކަން އައިސްފައިވާ ކަމެއްކަމަށާއި، އެކަމަކީ ހަމަހަމަކަމުގެ ޙައްޤާއި ތަފާތުނުކުރުމުގެ ޙައްޤާ ތަޢާރުޟުވާ ކަމެއް ކަމަށް ބުނެ ހުށަހެޅި ނުކުތާކަން އެނގެން އޮތުމެވެ.

3- މި މައްސަލައާ ގުޅިގެން ދެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކައިފައިވާ ވާހަކަތަކަށާއި، ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިޔުންތަކަށާއި އަދި ހައިކޯޓުގެ ނަންބަރު 2014/HC-A/05 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ، ޢަލީ އަޙްމަދުގެ ފަރާތުން ހުށަހަޅައިފައިވާ ސަބަބުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.

(ހ) ފުރަތަމަ ކަމަކީ، ކޮޅުމަޑުލު ވިލުފުއްޓަކީ މީލާދީ ސަނަތުން 2014 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު ދިވެހިރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިޘާއާ ގުޅިގެން ދިރިއުޅެން ކަމުނުދާ މިންވަރަށް ހަލާކުވެ ވީރާނާވެފައިވާ ރަށެއްކަމަށްވާތީ، އެ ރަށަކީ ސޭފް އައިލެންޑް ކޮންސެޕްޓްގެ ދަށުން އެ ރަށުގައި މީހުންނަށް ދިރިއުޅެވޭ މިންވަރަށް އާރާސްތުކޮށް ތަރައްޤީކުރުމަށްޓަކައި، ރާއްޖޭގެ މީހުން ދިރިއުޅޭ އެހެނިހެން ރަށްރަށާ މުޅިން ތަފާތު ގޮތަކަށް ދިވެހި ސަރުކާރުގެ ފަރާތުން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރާ ޙަވާލުކޮށް އެ އިދާރާގެ ބެލުމުގެ ދަށުން އާރާސްތުކޮށް ތަރައްޤީކޮށްފައިވާ ރަށެއްކަމާ، އެ ރަށުގެ ކަންތައް އެ ހިސާބަށް އާރާސްތުކޮށް ތަރައްޤީކޮށް މީހުން ދިރިއުޅުމަށްޓަކައި ބޭނުންވާ އަސާސީ ވަސީލަތްތައް އެ ރަށުގައި ޤާއިމްކޮށްފައިވަނީ ދައުލަތުގެ އެހެން އެއްވެސް އިދާރާއެއްގެ ބެހުމަކާނުލައި، ދިވެހި ދައުލަތުގެ ފަރާތުން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރަށް ދީފައިވާ އިޚްތިޔާރާއި ބާރުގެ ދަށުން ހަމައެކަނި އެ އިދާރާއިން ކަމާމެދަކު މި މައްސަލައިގައި ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތާ، މި ދެ ފަރާތް ދެމެދު އެއްވެސް މިންވަރެއްގެ ޚުޞޫމަތެއް ނުވަތަ ދެބަސްވުމެއް ނެތްކަން މި މައްސަލައާ ގުޅިގެން ދެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކައިފައިވާ ވާހަކަތަކުންނާއި ހުށަހެޅިފައިހުރި ލިއުންތަކުން ރަނގަޅަށް އެނގެން އޮންނައޮތުމެވެ.

(ށ) ދެވަނަ ކަމަކީ، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ ނަންބަރު NDMC(I)2009/04 (03 މާރިޗު 2009) ގެ އިޢުލާނަކީ ތ. ވިލުފުށީ އާރާސްތުކުރުމުގެ މަޝްރޫޢުގެ ދަށުން ވިލުފުށީގައި އިންވެސްޓްކުރުމަށް ބޭނުންވާ އަމިއްލަ ފަރާތްތަކަށް އެ ފުރުސަތު ހުޅުވައިލުމާ ބެހޭގޮތުން މީލާދީ ސަނަތުން 2009 ވަނަ އަހަރުގެ މާރިޗު މަހުގެ 03 ވަނަ ދުވަހު ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ކޮށްފައިވާ އިޢުލާނެއްކަމާއި އަދި އެ އިޢުލާނުގައި، ތ. ވިލުފުށީގައި ވިޔަފާރި އުޞޫލުން ނުވަތަ ޢާންމު ޚިދުމަތެއް ދިނުމުގެ ގޮތުންވިޔަސް އެކިއެކި ކަންކަން އަމިއްލައަށް އިންވެސްޓްކޮށްގެން ކުރިޔަށްގެންދަން ބޭނުންވާ ފަރާތްތަކުން 15 މާރިޗު 2009 ގެ ކުރިން އެ ސެންޓަރަށް ހުށަހެޅުމަށާއި، ހުށަހަޅާއިރު އެ ފަރާތަކުން ކުރަން ގަސްތުކުރާ މަސައްކަތަކާއި ފޯރުކޮށްދޭނެ ޚިދުމަތަކާ، އަދި އެކަމަށް ބޭނުންވާ ބިމުގެ ބޮޑުމިނާއި، ބޭނުންވާނެ މުއްދަތު ބަޔާންކުރަންވާނެކަމަށް ބުނެފައިވާކަން ސާފުކޮށް އެނގެން އޮތުމުން، ތ. ވިލުފުށި އާރާސްތުކުރުމުގެ މަޝްރޫޢާ ގުޅިގެން ޢަލީ އަޙްމަދުގެ ފަރާތުން އެ މަޝްރޫއުގެ ދަށުން ވިލުފުށީގައި އިންވެސްޓްކުރުމަށްޓަކައި ހުށަހެޅި ހުށަހެޅުމަކީ ދައުލަތުގެ ކަމާބެހޭ އިދާރާގެ ހުށަހެޅުމަކަށް އިޖާބަދިނުމުގެ ގޮތުން ހުށަހަޅައިފައިވާ ހުށަހެޅުމެއްކަމާއި، އެއީ ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން ކޮންޓްރެކްޓަކަށް ދެވިފައިވާ ދަޢުވަތެއް ކަމަށް ޤާނޫނީ ގޮތުން ބަލަންޖެހޭއިރު، އެ ކޮންޓްރެކްޓް ޢަލީ އަޙްމަދުއަށް އެވޯޑުކޮށްފައިވަނީ އެ ކޮންޓްރެކްޓަށް ދަޢުވަތު ދިނުމުގެ ގޮތުން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ ފަރާތުން ކޮށްފައިވާ އިޢުލާނާ ގުޅިގެން އިޖާބަދީ ޕްރޮޕޯސަލް ހުށަހަޅާފައިވަނީ ޢަލީ އަޙްމަދުކަމަށް ވާތީ، ޢަލީ އަޙްމަދާ އެ މަސައްކަތް ޙަވާލުކުރުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ކަނޑައެޅި ކަނޑައެޅުމާ ގުޅިގެންކަން އެނގެން އޮންނަ އޮތުމެއެވެ.

(ނ) ތިންވަނަ ކަމަކީ، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ނަންބަރު32-D/NDMC/2009/03 (17 ޖޫން 2009) ގެ ސިޓީއަކީ ތ. ވިލުފުށި އާރާސްތުކުރުމުގެ މަޝްރޫޢުގެ ދަށުން އެ ރަށުގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ޚިދުމަތްތަކުގެ ތެރެއިން ބައެއް ޚިދުމަތްތައް މިކަމަށް އެދޭ އެކިއެކި އަމިއްލަ ފަރާތްތަކުން ކުރިޔަށް ގެންދާގޮތަށް ހަމަޖައްސައި، އެކަން ޢާންމުކޮށް އަންގައި އިޢުލާނުކުރުމާ ގުޅިގެން އެ ރަށުގައި ތެލުގެ ވިޔަފާރި ކުރުމަށް އެދި ޕްރޮޕޯސަލް ހުށަހެޅި ހަމައެކަނި ފަރާތަކީ، ޢަލީ އަޙްމަދު ކަމަށްވާތީ އޭނާއާއެކު ސޮއިކުރުމަށްޓަކައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން އެކަށައަޅައިފައިވާ އެގްރިމެންޓުގައި ސޮއިކުރުމުގެ ކުރިން ދިވެހި ދައުލަތުގެ ބަންޑާރަނައިބުގެ ލަފާ ހޯދުމަށްޓަކައި ހުށަހެޅުނު ހުށަހެޅުމާ ގުޅިގެން ބަންޑާރަނައިބުގެ ފަރާތުން ދިވެހި ދައުލަތުގެ ނަމުގައި ދީފައިވާ ލަފާ އެރުވުމަށްޓަކައި ފޮނުވައިފައިވާ ސިޓީއެއްކަމާއި، ތ. ވިލުފުށީގައި ތެޔޮ ވިއްކާނެ ފަރާތެއް ހޯއްދެވުމަށް ކުރެވުނު އިޢުލާނާ ގުޅިގެން ތ. ވިލުފުށިން ތެޔޮ ވިއްކުމަށް އެދި ބިން ހޯދުމަށް ހުށަހެޅި ފަރާތް ކަމުގައިވާ ޢަލީ އަޙްމަދުއާއެކު ސޮއިކުރުމަށް ތައްޔާރުކޮށްފައިވާ އެގްރިމެންޓުގައި ހިމެނޭ 9 ކަމެއް ފާހަގަކޮށް އެކަންކަން ސިޓީގައި ބަޔާންކޮށްފައިވާ ގޮތަށް އިޞްލާޙުތައް ގެންނެވުމަށްފަހު މި އެއްބަސްވުމުގައި ސޮއިކުރުމާމެދު އިއުތިރާޟުކުރާނެ ތަނެއް ނެތްކަމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރަށް ލަފާދީފައިވާކަން އެނގެން އޮންނަ ކަމެވެ.

(ރ) ހަތަރުވަނަ ކަމަކީ، މޯލްޑިވްސް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރާއި ޢަލީ އަޙްމަދުއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ދޫކޮށްފައިވާ ބިމުގައި ކުރަމުންގެންދިޔަ މަސައްކަތް ހުއްޓައިލައި، އެތަނުގައި ހުރި ޢަލީ އަޙްމަދުގެ ތަކެތި ނަގައި، ތަން ހުސްކުރުމަށް ތ. ވިލުފުށީ އޮފީހުން ޢަލީ އަޙްމަދުއަށް އަންގައިފައިވަނީ މޯލްޑިވްސް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރަށް ލިބިގެންވާ ބާރާއި އިޚްތިޔާރުގެ ދަށުން، އެފަރާތާއި ޢަލީ އަޙްމަދުއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ މައްޗަށް ދޫކޮށްފައިވާ ބިމަކާ ބެހޭގޮތުންކަން އެނގެން އޮތުމެވެ.

(ބ) ފަސްވަނަ ކަމަކީ، 2004 ވަނަ އަހަރު ދިވެހިރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއާ ގުޅިގެން ކޮޅުމަޑުލު ވިލުފުށި އެއްކޮށް ވީރާނާވެފައިވަނިކޮށް، އެ ރަށް އަލުން އާރާސްތުކޮށް، އެކިއެކި ބޭނުންތަކަށް ވިލުފުށީގެ ބިން ބޭނުންކުރުމާއި، އެކިއެކި ފަރާތްތަކަށް ބިން ދޫކުރުމުގެ ކަންތައް ޢާންމުކޮށް ޢަމަލުކުރާ އުޞޫލުން ފެށުމުގެ ކުރިން ކޮޅުމަޑުލު ވިލުފުށި އާރާސްތުކުރުމުގެ މަސައްކަތަކީ، ދިވެހި ދައުލަތުން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރާ ޙަވާލުކުރުމާ ގުޅިގެން އެ ސެންޓަރުން ކޮށްފައިވާ މަސައްކަތެއްކަމާ، އަދި ތެލުގެ ވިޔަފާރިކުރުމާބެހޭ ހުރިހައި މުޢާމަލާތެއް ޢަލީ އަޙްމަދާއެކު ކޮށްފައިވަނީ އެ ސެންޓަރުން ކަމަށްވާއިރު، އެކިއެކި ބޭނުންތަކަށް ވިލުފުށީގެ ބިން ބޭނުންކުރުމާއި، އެކިއެކި ފަރާތްތަކަށް ބިން ދޫކުރުމުގެ ކަންތައް ޢާންމުކޮށް ޢަމަލުކުރާ އުޞޫލުން ފެށިފައިވަނީ ޢަލީ އަޙްމަދާއި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރާ ދެމެދު ބުނެވިދިޔަ އެގްރިމެންޓު ކުރެވުނު ފަހުންކަމަށްވާތީ، ބުނެވިދިޔަ އެގްރިމެންޓު ދެމިއޮއްވައި އެ އެގްރިމެންޓުގެ ދަށުން އުފެދިފައިވާ އެއްވެސް ޙައްޤެއް، ޢަލީ އަޙްމަދުގެ ނުރުހުމުގައި ނިގުޅައިގަނެވިދާނެ ފަދަ ޝަރުޢީ އަދި ޤާނޫނީވިޔަސް ހަމައެއް ނެތްކަމާއި، ވިލުފުށި އަލުން ބިނާކޮށް އާރާސްތުކުރުމުގެ ކަންތައްތައް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ކޮށްފައިވަނީ، އެ ސެންޓަރަށް ލިބިފައިވާ ޤާނޫނީ ބާރާއި އިޚްތިޔާރުގެ ދަށުން ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާގެ އެއްވެސް ދައުރެއްނެތި ސީދާ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުންކަން މި މައްސަލައާއެކު ހުށަހެޅިފައިހުރި ލިއުންތަކުން އެނގެން އޮތްއިރު، ވިލުފުށި އާރާސްތުކުރުމުގެ މަޝްރޫޢުގެ ދަށުން ތ. ވިލުފުށީގައި އިންވެސްޓްކުރުމާ ބެހޭގޮތުން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ކޮށްފައިވާ ނަންބަރު NDMC(I)/2009/04 އިޢުލާން ކޮށްފައިވާ ތާރީޚަކީ 2009 ވަނަ އަހަރުގެ މާރިޗު މަހުގެ 03 ވަނަ ދުވަސްކަމާ، އަދި އެ އިޢުލާނާ އެއްގޮތް ވާގޮތުގެމަތިން އެ ރަށުގައި ތެލުގެ ވިޔަފާރި ކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅި ފަރާތަކީ ޢަލީ އަޙްމަދު ކަމަށްވާތީ، ޢަލީ އަޙްމަދުއާ އެއްކޮށް އެގްރިމެންޓުކޮށް 15 ޖޫން 2009 އިން ފެށިގެން 25 އަހަރު ދުވަހުގެ މުއްދަތަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ޢަލީ އަޙްމަދަށް 20132 އަކަ ފޫޓުގެ ބިން ކުއްޔަށް ދީފައިވާކަން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރާއި ޢަލީ އަޙްމަދުއާ ދެމެދު ސޮއިކޮށްފައިވާ އެގްރިމެންޓުން ސާފުކޮށް އެނގެން އޮތްއިރު، އެ އެގްރިމެންޓުގައި ސޮއިކޮށްފައިވަނީ އެ އެގްރިމެންޓު ކުރުމާބެހޭގޮތުން ދައުލަތުގެ ބަންޑާރަނައިބުގެ ލަފާފުޅަކަށް އެދި ހުށަހެޅި ހުށަހެޅުމާ ގުޅިގެން ބަންޑާރަނައިބު ފާހަގަކުރެއްވި ކަންތައްތައް އެގޮތުގެމަތިން އިޞްލާޙްކުރުމަށް ފަހުގައިކަން މި މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލިހަށް ހުށަހެޅިފައިވާ ލިޔުންތަކުން ރަނގަޅަށް އެނގެން އޮތްއިރު، ޢަލީ އަޙްމަދަށް ބުނެވިދިޔަ ބިން ބޭނުންކުރުމުގެ ފުރުޞަތު ލިބިފައިނުވަނީ އެ ބިން ޢަލީ އަޙްމަދުއާ ޙަވާލުކުރުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ ނަންބަރު NDMC/M/FAX/2009/78 (12 އޯގަސްޓް 2009) ގެ ފެކްސް މެސެޖުން އެންގުމާއެކުވެސް ކޮޅުމަޑުލު ވިލުފުށީ ކައުންސިލުގެ އިދާރާގެ ފަރާތުން އެކަން ކޮށްދީފައި ނުވުމުގެ ސަބަބުންކަން މި މައްސަލައާ ގުޅިގެން ހުށަހެޅިފައިހުރި ލިއުންތަކުން އެނގެން އޮތުމެވެ.

(ޅ) ހަވަނަ ކަމަކީ، ތ. ވިލުފުށީ އާރާސްތުކުރުމުގެ މަޝްރޫއުގެ ދަށުން އެ ރަށުގެ ކަންތައްތަކާ ޙަވާލުވެފައިވާ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ ފަރާތުން ޢަލީ އަޙްމަދުއަށް ކުއްޔަށްދީފައިވާ ބިމާބެހޭ މުޢާމަލާތް ހިނގައިފައިވާގޮތެއް ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާއަށް އެނގިފައިނުވާކަމަށާއި، އެކަމާ ބެހޭ މަޢުލޫމާތު ލިބިފައިނުވާކަމަށް ވިލުފުށީ ކައުންސިލްގެ އިދާރާއިން ބުނެފައިވާއިރު، ތ. ވިލުފުށީ އާރާސްތުކުރުމުގެ މަޝްރޫޢުގެ ދަށުން ތ. ވިލުފުށީގައި އިންވެސްޓްކުރުމަށް ބޭނުންވާ އަމިއްލަ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލުމާ ބެހޭގޮތުން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން 03 މާރިޗު 2009 ގައި ކޮށްފައިވާ އެ ސެންޓަރުގެ ނަންބަރު NDMC(I)/2009/04 އިޢުލާނާ އަދި އެ އިޢުލާނާ ގުޅިގެން ޢަލީ އަޙްމަދު ހުށަހެޅި ހުށަހެޅުން ޤަބޫލުކުރުމާއެކު، ޢަލީ އަޙްމަދުއާއެކު އެގްރިމެންޓުކުރުމުގެ ކުރިން ދިވެހި ދައުލަތުގެ ބަންޑާރަނައިބުގެ ލަފާ ހޯދާފައިވާކަން އެނގޭ އެޓަރނީ ޖެނެރަލްގެ އޮފީހުގެ ނަންބަރު32-D/NDMC/2009/3 (17 ޖޫން 2009) ގެ ސިޓީއާއި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރާއި ޢަލީ އަޙްމަދުއާ ދެމެދު ސޮއިކުރެވިފައިވާ އެގްރިމެންޓުގެ ކޮޕީއާއި އަދި އެ އެގްރިމެންޓާ އެއްގޮތްވާ ގޮތުގެމަތިން ޢަލީ އަޙްމަދު ކުރަންޖެހޭ މަސައްކަތަށް ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާގެ ފަރާތުން ހުރަސްއަޅަމުން ދިއުމާ ގުޅިގެން އެކަމަށް ހުރަސްނޭޅުމަށް، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ވިލުފުށީ ކައުންސިލަށް ފޮނުވައިފައިވާ އެ ސެންޓަރުގެ ނަންބަރު NDMC/M/FAX/2009/78 (12 އޯގަސްޓް 2009) ފެކްސް މެސެޖުން އަންގަވާފައިވުމާއި، އަދި ބުނެވިދިޔަ އެގްރިމެންޓުގެ ދަށުން ޢަލީ އަޙްމަދުއަށް ކުއްޔަށްދެވިފައިވާ ބިމުގައި މަސައްކަތްކުރުމަށް ވިލުފުށީ ކައުންސިލުގެ ފަރާތުން ހުރަސްއަޅަމުން ދިއުމާއެކުވެސް އެތަނަށް ދައްކަންޖެހޭ ކުލި، ޢަލީ އަޙްމަދުގެ ފަރާތުން ދައްކަމުން އައިސްފައިވާކަމާ، މި އެންމެހައި ކަންތައްތައް މި މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮންނަ އޮތުމެވެ.

(ކ) ހަތްވަނަ ކަމަކީ، ކޮންމެ ކޮންޓްރެކްޓަކީވެސް، އެ ކޮންޓްރެކްޓެއްގެ ބައިވެރިން އެކަމަށްޓަކައި، ކޮންޓްރެކްޓުވާ ކަމަކާ ބެހޭގޮތުން ދެފަރާތް އެއްބަސްވެ ޢަޤުދުވާ ކަންތައްތަކަށް އެ ކޮންޓްރެކްޓެއްގެ ދެފަރާތުންވެސް އިޙްތިރާމްކުރުން ޝަރުޢީ އަދި ޤާނޫނީގޮތުން ލާޒިމްކުރާ އެއްޗަކަށްވެފައި، ކޮންޓްރެކްޓެއްގެ ބައިވެރިއަކު، އަނެއް ބައިވެރިއެއްގެ ނުރުހުމުގައި ކުރާ ކަމެއްގެ ސަބަބުން، ކޮންޓްރެކްޓުގެ ދެވަނަ ބައިވެރިޔާއަށް ލިބޭ ގެއްލުމުގެ ޒިންމާ އުފުލަންޖެހޭނީ، އެ ގެއްލުމެއް މެދުވެރިކުރުވި ފަރާތުން ކަން ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާއިން އެނގެން އޮންނާތީއާއި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ ބެލުމުގެ ދަށުން ތ. ވިލުފުށި އާރާސްތުކޮށް އެ ރަށާބެހޭ އެންމެހައި ކަންތައްތައް އިންތިޒާމްކުރި ދުވަސްވަރު، ތ. ވިލުފުށީ ބިމުން ބައެއް ކުއްޔަށްދިނުމާ ބެހޭގޮތުން،15 ޖޫން 2009 ގައި، ޢަލީ އަޙްމަދުއާއެކު ސޮއިކޮށްފައިވާ އެގްރިމެންޓުގެ ދަށުން ޢަލީ އަޙްމަދު މަންފާ ލިބިގަންނަންޖެހޭ ބިމުން ޢަލީ އަޙްމަދުއަށް މަންފާ ލިބިގަތުމަށް ހުރަސްއެޅިފައިވަނީ ވިލުފުށީ ކައުންސިލުގެ އިދާރާއިން ޢަމަލުކުރި ގޮތުން ކަމަށްވާތީއާއި، ޢަލީ އަޙްމަދު ތެޔޮ ވިއްކުމުގެ މަސައްކަތް ކުރުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ދޫކޮށްފައިވާ ބިން ރަސްމީގޮތުން ޙަވާލުކުރެވެންދެން ވަގުތީގޮތުން ރައްޔިތުންނަށް އެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ޢަލީ އަޙްމަދަށް ދައްކައިފައިވާ ބިމުގައި އެ މަސައްކަތް ކުރެވޭނޭ އިންތިޒާމު ހަމަޖައްސައި ދެއްވުމަށާއި، މި ބިން ދޫ ނުކުރެވުމުގެ ސަބަބުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތެއް ފޯރުކޮށް ނުދެވޭގޮތް މެދުވެރި ވެއްޖެނަމަ އެކަމުގެ ޒިންމާ ބިން ދޫކުރުމަށް ހުރަސްއަޅާ ފަރާތަކުން އުފުލަން ޖެހޭނެކަން ބަޔާންކޮށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ ނަންބަރު NDMC/M/FAX/2009/78 (12 އޯގަސްޓް 2009) ފެކްސް މެސެޖުން ކޮޅުމަޑުލު ވިލުފުށީ ކައުންސިލުގެ އިދާރާއަށް އެންގުމާއެކުވެސް ރަސްމީގޮތުން ޢަލީ އަޙްމަދުއާ ބިން ޙަވާލުކޮށްފައި ނުވާއިރު، ޢަލީ އަޙްމަދު އާއި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރާ ދެމެދު ސޮއިކޮށްފައިވާ ބުނެވިދިޔަ އެގްރިމެންޓާ އެއްގޮތްވާ ގޮތުގެމަތިން ޢަމަލުކުރުމަށް ހުރަސްއަޅާފައިވާ ފަރާތަކުން އެކަމުގެ ޒިންމާ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން އުފުލަންޖެހޭނެތީ، ބުނެވިދިޔަ އެގްރިމެންޓުގެ ދަށުން ކުއްޔަށް ދެވިފައިވާ ބިމުގެ ކުލީގެ ގޮތުގައި ޢަލީ އަޙްމަދުގެ ފަރާތުން އެއްވެސް ފައިސާއެއް ދައްކާފައިވާނަމަ އެ ފައިސާއަކީ އެތަނުގެ ކުލީގެ ގޮތުގައި ދެއްކި ފައިސާއެއްކަމަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ބެލޭނެކަމާ، އަދި ކުއްޔަށް ދެވިފައިވާ މުއްދަތު ހިނގަން ފަށާނީވެސް އެ ބިން ބޭނުންކުރުމަށް އެޅިފައިވާ ހުރަސްތައް ނައްތާލުމަށްފަހު، ޢަލީ އަޙްމަދުއާ އެ ބިން ޙަވާލުކުރެވޭ ތާރީޚުން ފެށިގެން ކަމާއި، އަދި 2009 ވަނަ އަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހު، ޢަލީ އަޙްމަދުއާއި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރާ ދެމެދު ސޮއިކުރެވިފައިވާ އެގްރިމެންޓުގެ ދަށުން ޢަލީ އަޙްމަދުއާ ޙަވާލުކުރަންޖެހޭނީ އެ އެގްރިމެންޓުގެ 05 ވަނަ މާއްދާގައި ބުނެފައިވާ މިންވަރު ކަމަށްވާ 20132 އަކަފޫޓުގެ ބިމެއްކަމުގައިވިޔަސް، ކޮޅުމަޑުލު ވިލުފުށީ މެޖިސްޓްރޭޓު ކޯޓުގައި މި މައްސަލަ ހިނގަމުން ދިޔައިރު، ބުނެވިދިޔަ އެގްރިމެންޓުގެ ދަށުން ޢަލީ އަޙްމަދުއަށް ލިބިދެވެންޖެހޭ ޙައްޤުތަކުގެ ތެރެއިން ބަޔަކުން ތަނާޒުލުވެ، އެ ބިމުގެ ތެރެއިން 12000 އަކަފޫޓުގެ ބިން ނުވަތަ މަސައްކަތަށް ދަތިނުވާވަރުގެ ބިމެއް ލިބުން އެދޭކަމަށް ޢަލީ އަޙްމަދުގެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާތީއާއި، ކޮޅުމަޑުލު ވިލުފުށީ މެޖިސްޓްރޭޓު ކޯޓުގެ ނަންބަރު 03/N2C/2012 ޤަޟިއްޔާގައި 6000 (ހަހާސް) އަކަފޫޓުގެ ބިމެއް ޢަލީ އަޙްމަދުއާ ޙަވާލުކުރުމަށް އަންގައި އެ ޤަޟިއްޔާ ނިންމަވާފައިވަނީ ދެފަރާތުގެ މަޞްލަޙަތަށް ރިޢާޔަތްކުރައްވައިގެން ކަމަށްވާއިރު، 6000 (ހަހާސް) އަކަފޫޓަށް އެ ބިމުގެ ސައިޒު ކުޑަކޮށް ބިން ދިނުމާމެދު ޢަލީ އަޙްމަދުގެ ފަރާތުން އިޢުތިރާޟު ނުކުރާކަން، މި މައްސަލައާ ގުޅިގެން ޢަލީ އަޙްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި ނުކުތާތަކުން އެނގެން އޮންނާތީ، މި މައްސަލަ ކޮޅުމަޑުލު ވިލުފުށީ މެޖިސްޓްރޭޓް ކޯޓުން ނިންމަވާފައިވަނީ، ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށް ބަލަންޖެހޭ ފަދަ ސަބަބެއް ނެތަތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/05 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންނަށް އިއްތިފާޤުވެވޭ ކަމެވެ.

ޙުކުމް:

އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެމަތިން ހުރުމާއެކު، ކޮޅުމަޑުލު ވިލުފުށި / ހިޖްރީ، ޢަލީ އަޙްމަދު އާއި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރާ ދެމެދު 2009 ވަނަ އަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހު، ސޮއިކުރެވިފައިވާ އެގްރިމެންޓުގެ ދަށުން ޢަލީ އަޙްމަދުއާ ޙަވާލުކުރަންޖެހޭނީ އެ އެގްރިމެންޓުގެ 05 ވަނަ މާއްދާގައި ބުނެފައިވާ މިންވަރުގެ ބިމެއްކަމުގައިވިޔަސް، ކޮޅުމަޑުލު ވިލުފުށީ މެޖިސްޓްރޭޓު ކޯޓުގައި މި މައްސަލަ ހިނގަމުން ދިޔައިރު، ބުނެވިދިޔަ އެގްރިމެންޓުގެ ދަށުން ޢަލީ އަޙްމަދުއަށް ލިބިދެވެންޖެހޭ ޙައްޤުތަކުގެ ތެރެއިން ބަޔަކުން ތަނާޒުލުވެ، އެ ބިމުގެ ތެރެއިން 12000 އަކަފޫޓުގެ ބިން ނުވަތަ މަސައްކަތަށް ދަތިނުވާ ވަރުގެ ބިމެއް ލިބުން އެދޭކަމަށް ޢަލީ އަޙްމަދުގެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާތީ، ކޮޅުމަޑުލު ވިލުފުށީ މެޖިސްޓްރޭޓު ކޯޓުގެ ނަންބަރު 03/N2C/2012 ޤަޟިއްޔާގައި 6000 (ހަހާސް) އަކަފޫޓުގެ ބިމެއް، ޢަލީ އަޙްމަދުއާ ޙަވާލުކުރުމަށް އަންގައި އެ ޤަޟިއްޔާ ނިންމާފައިވަނީ ދެފަރާތުގެ މަޞްލަޙަތަށް ރިޢާޔަތްކޮށްގެން ކަމަށްވާއިރު، 6000 (ހަހާސް) އަކަފޫޓަށް އެ ބިމުގެ ސައިޒު ކުޑަކޮށް ބިން ދިނުމާމެދު ޢަލީ އަޙްމަދުގެ ފަރާތުން އިޢުތިރާޟު ނުކުރާކަން، މި މައްސަލަ އިލްތިމާސް ކުރުމުގެ ގޮތުން ޢަލީ އަޙްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި ނުކުތާތަކުން އެނގެން އޮންނާތީ، ކޮޅުމަޑުލު ވިލުފުށީ މެޖިސްޓްރޭޓު ކޯޓުގެ ނަންބަރު 03/N2C/2012 ޤަޟިއްޔާގެ ޙުކުމަށް ތާއީދު ކުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/05 ޤަޟިއްޔާގެ ޙުކުމަކީ ބާޠިލު ޙުކުމެއް ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި މި ޤަޟިއްޔާ ނިންމީއެވެ.

ފަނޑިޔާރު ޢަބްދުﷲ ޢަރީފް

ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު

ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ