ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2015/SC-A/26ސުޕްރީމް ކޯޓު · 28 މޭ 2019

—

ސުޕްރީމް ކޯޓު
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 28 މޭ 2019ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ

ޤަޟިއްޔާ ނަންބަރު: 2015/SC-A/26

ދަޢުވާކުރާ ފަރާތް: ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް

ދަޢުވާ ލިބޭ ފަރާތް: ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް

މައްސަލައިގެ ބާވަތް: މުދާ ނެގުން

މައްސަލަ އައިގޮތް: އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

ހުށަހެޅުނު ތާރީޚް: 08 ނޮވެންބަރު 2015

ރަޖިސްޓްރީކުރެވުނު ތާރީޚް: 29 ޑިސެންބަރު 2015

ނިމުނު ތާރީޚް: 28 މޭ 2019

މައްސަލަ ނިންމި ގަޑި: 11:20

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު

އިލްތިމާސްކުރެވުނު ޤަޟިއްޔާ

ނަންބަރު: 2015/HC-A/78

ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު

ހުށަހެޅުނު ތާރީޚް: 12 ފެބުރުވަރީ 2015

ނިމުނު ތާރީޚް: 16 ސެޕްޓެންބަރު 2015

މައްސަލައިގެ ޚުލާޞާ:

މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/78 ޤަޟިއްޔާ އެ ކޯޓުން ބަލައި ނިންމާފައިވަނީ ޝަރީޢަތާ އަދި ޤާނޫނާ ޚިލާފުވާ ގޮތަށް ކަމަށް ބުނެ އެ ޤަޟިއްޔާ އިލްތިމާސްކޮށްދިނުމަށް އެދި، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި ދަޢުވާ ލިބުނީ ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް އަށެވެ.

އަދި ބުނެވިދިޔަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/78 ޤަޟިއްޔާއަކީ، ސިވިލް ކޯޓުގެ ނަންބަރު 788/Cv-C/2011 ޤަޟިއްޔާ، ނިމިފައިވާގޮތް، ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުމަށް އެދި، ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް ގެ މައްޗަށް ދަޢުވާ ލިބޭ ގޮތަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުން ބަލައި ނިންމާފައިވާ ޤަޟިއްޔާއެކެވެ.

އަދި މި ޤަޟިއްޔާގައި ޙަވާލާދިނުމުގެ ފަސޭހައަށްޓަކައި މި މައްސަލަ މި ކޯޓުގައި އިލްތިމާސްކުރި ފަރާތްކަމުގައިވާ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް އަށް "ސްޓެލްކޯ" މިގޮތަށް މި ރިޕޯޓުގައި ބައެއް ފަހަރު އިޝާރާތްކުރެވިފައިވާނެއެވެ. އަދި ހަމަ އެހެންމެ މި މައްސަލައިގައި ދަޢުވާ ލިބުނު ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް އަށް "ސެންޓަރ އެންޓަރޕްރައިސަސް" މިގޮތަށް މި ރިޕޯޓުގައި ބައެއް ފަހަރު އިޝާރާތްކުރެވިފައިވާނެއެވެ.

ފާހަގަކުރެވުނު ނުކުތާތައް:

01- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/78 ޤަޟިއްޔާގެ ދަށުން އިސްތިއުނާފުކޮށް ބެލެވުނު ސިވިލް ކޯޓުގެ ނަންބަރު 788/Cv-C/2011 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ ފަރާތުން ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް ގެ މައްޗަށް ދަޢުވާކުރުމުން، ސިވިލް ކޯޓުން ބަލައި ނިންމާފައިވާ ޤަޟިއްޔާއެއް ކަމާއި، އެ ޤަޟިއްޔާގައި ސްޓެލްކޯ ގެ ފަރާތުން ކޮށްފައިވާ ދަޢުވާއަކީ، ސްޓޭލްކޯ އަށް 6 (ހައެއް) ޓަނުގެ ފޯކްލިފްޓެއް ސަޕްލައިކޮށްދިނުމަށް ސްޓެލްކޯ އާއި ސެންޓަރ އެންޓަރޕްރައިސަސް އާ ދެމެދު 31 މޭ 2010 ގައި ވެފައިވާ އެއްބަސްވުމާ ޚިލާފަށް 6 ޓަނުގެ ފޯކްލިފްޓެއްގެ ބަދަލުގައި 4.6 ޓަނުގެ ފޯކްލިފްޓެއް ސެންޓަރ އެންޓަރޕްރައިސަސް އިން ސްޓެލްކޯ ގެ ޢިމާރާތަށް ވައްދާފައިވާތީ އެއްބަސްވުމާ ޚިލާފްވިކަމަށް ކަނޑައަޅައި، ސްޓެލްކޯ ގެ ޢިމާރާތުން މި ފޯކްލިފްޓް ނެރުމަށް ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް ގެ މައްޗަށް އަމުރުކޮށް ދެއްވުން އެދި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ ފަރާތުން ކޮށްފައިވާ ދަޢުވާއެއްކަމާއި، ސިވިލް ކޯޓުގެ ބުނެވުނު ޤަޟިއްޔާ ނިންމާފައިވަނީ، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އަށް 06 (ހައެއް) ޓަނުގެ ފޯކްލިފްޓެއް ގެނެސްދިނުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް އާއި، ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް އާ ދެމެދުގައި 31 މޭ 2010 ގައި ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް އިން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް އަށް ގެނެސްދީފައި އެވަނީ 06 (ހައެއް) ޓަނުގެ ފޯކްލިފްޓެއްކަން ހުށަހެޅިފައިވާ ލިޔުންތަކުން ސާބިތުނުވާތީ، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް ގެ ޢިމާރާތުގެ ތެރެއަށް ވައްދާފައި އެ ހުރި ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް ގެ ފޯކްލިފްޓް، 27 ޖެނުއަރީ 2015 މި ދުވަހުން ފެށިގެން 07 (ހަތެއް) ދުވަހުގެ ތެރޭގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް ގެ އެ ޢިމާރާތުން ނެރުމަށް ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް އަށް އަންގައި ޙުކުމްކޮށްގެން ކަމާއި މި ކަންކަން އިސްވެ އިޝާރާތްކުރެވުނު ސިވިލް ކޯޓުގެ ނަންބަރު 788/Cv-C/2011 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެއެވެ.

02- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/78 ޤަޟިއްޔާ ނިންމާފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 788/Cv-C/2011 ޤަޟިއްޔާގައި އެ ކޯޓުން ކޮށްފައިވާ ޙުކުމަށް ބަދަލުގެންނަންޖެހޭ ކަމަށް އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު، ސިވިލް ކޯޓުގެ ނަންބަރު 788/Cv-C/2011 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލްކޮށް އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްގެންކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/78 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.

03- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/78 ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފުވާ ގޮތަށް ކަމަށް ބުނެ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ އިލްތިމާސްކުރި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާއަށް 06 (ހައެއް) ސަބަބެއް ހުށަހަޅައި އެ ސަބަބުތަކާބެހޭ ގޮތުން ވާހަކަ ދައްކާފައިވެއެވެ. އޭގެތެރެއިން:

ފުރަތަމަ ސަބަބަކީ، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާއި ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް އާ ދެމެދު، 31 މޭ 2010 ވަނަ ދުވަހު ފޯކްލިފްޓް ގަތުމަށް ވެވިފައިވާ އެއްބަސްވުމުގެ ދަށުން މައްސަލަ ރައްދުވާ ފަރާތުން ގެނައި ފޯކްލިފްޓް އިންސްޕެކްޓްކޮށް ބެލި ބެލުމުންނާއި އެ ފޯކްލިފްޓާ ގުޅޭގޮތުން ޖަޕާނުގެ ކޮމަޓްސޫ ޔުޓިލިޓީ ކޮމްޕެނީ ލިމިޓެޑް އިން ފޮނުވާފައިވާ ލިޔެކިޔުންތަކަށް ބެލުމުން، އެއީ 4.6 (ހަތަރެއް ޕޮއިންޓް ހައެއް) ޓަނުގެ ފޯކްލިފްޓެއްކަން އެނގެން އޮތްއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/78 ޤަޟިއްޔާއިން ޙުކުމް ކުރެއްވުމުގައި ޙަވާލާދެވުނު ލިޔެކިޔުންތަކަށް ރަނގަޅަށް ރިޢާޔަތްކޮށްފައި ނުވާކަން އިސްތިއުނާފުކުރާ ފަރާތަށް ފާހަގަކުރެވިފައިވުން ކަމަށްބުނެ، ހުށަހަޅާފައިވާ ސަބަބެވެ.

ދެވަނަ ސަބަބަކީ، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑާއި ދަޢުވާލިބޭ ފަރާތާ ދެމެދު 31 މޭ 2010 ވަނަ ދުވަހު، ޢަޤުދުކުރެވިފައިވާ އެއްބަސްވުމުގެ ދަށުން މައްސަލަ ރައްދުވާ ފަރާތުން ސްޓެލްކޯއަށް ގެނެސްދޭންވާނީ 6 (ހައެއް) ޓަނުގެ ފޯކްލިފްޓެއްކަމަށް ބަޔާންކޮށްފައި އޮތްކަމުގައިވިޔަސް، މައްސަލަ ރައްދުވާ ފަރާތުން ސަޕްލައިކޮށްދީފައިވަނީ 4.6 ޓަނުގެ ފޯކްލިފްޓެއްކަން ސާބިތުވަނީ، އެ ފޯކްލިފްޓުގައި މެނުފެކްޗަރ ހަރުކޮށްފައިވާ ސީލުގައި 4.6 ޓަނު ޖަހާފައި އޮތުމުން ކަމަށްވާއިރުވެސް، މިކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/78 ޤަޟިއްޔާގައި ރިޢާޔަތްކޮށްފައި ނުވާކަން އިސްތިއުނާފުކުރާ ފަރާތަށް ފާހަގަކުރެވިފައިވުން ކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބެވެ.

ތިންވަނަ ސަބަބަކީ، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް އާއި މައްސަލަ ރައްދުވާ ފަރާތާ ދެމެދު 31 މޭ 2010 ވަނަ ދުވަހު ޢަޤުދު ކުރެވިފައިވާ އެއްބަސްވުމުގެ ދަށުން މައްސަލަ ރައްދުވާ ފަރާތުން ސްޓެލްކޯއަށް ގެނެސްދޭންވާނީ 6 (ހައެއް) ޓަނުގެ ފޯކްލިފްޓެއްކަމަށާއި އެ ފޯކްލިފްޓްގެ ޑީޓެއިލް ސްޕެސިފިކޭޝަން ބަޔާންކޮށްފައިވަނީ އެއްބަސްވުމުގެ ބައެއްކަމުގައިވާ (މަޢުލޫމާތު ޝީޓުގައިކަމަށާއި) ނަމަވެސް މައްސަލަ ރައްދުވާ ފަރާތުން ސްޓެލްކޯއަށް ގެނެސްފައިވާ ފޯކްލިފްޓުގައި ބުނެވުނު މަޢުލޫމާތު ޝީޓުގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމައަށް ނެތްކަން ފާހަގަކުރެވޭއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/78 ޤަޟިއްޔާގައި އެކަމަށް ރިޢާޔަތްކޮށްފައި ނުވާކަން އިސްތިއުނާފުކުރާ ފަރާތަށް ފާހަގަކުރެވިފައިވުން ކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބެވެ.

ހަތަރުވަނަ ސަބަބަކީ، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑާއި މައްސަލަ ރައްދުވާ ފަރާތާ ދެމެދު ފޯކްލިފްޓް ގަތުމަށް ވެވިފައިވާ އެއްބަސްވުމުގެ 2.3 ވަނަ ނަންބަރުގެ ދަށުން މުދާ ސަޕްލައިކުރުމުން ކޮންސަލްޓެންޓްގެ ފަރާތުން އިންސްޕެކްޝަނެއް ހަދަންވާނެކަމަށް ބަޔާންކޮށްފައިވާ ކަމަށާއި، އަދި ޙަވާލާދެވުނު އެއްބަސްވުމުގެ 2.5 ވަނަ މާއްދާގެ ދަށުން ކޮންސަލްޓެންޓްގެ ފަރާތުން، ސަޕްލައިކޮށްފައިވާ މުދަލުގެ ނުވަތަ މުދަލުގެ ބައެއްގެ މައްސަލައެއް ހުރިކަން ނުވަތަ އުނި އިތުރުތައް ނުވަތަ ޞައްޙަކަން ބަލާނެކަމަށާއި މައްސަލައެއް ހުރިކަމަށް ނުވަތަ ޞައްޙަނޫން ކަމަށް ފެނިއްޖެނަމަ މުދާ ޤަބޫލު ނުކުރުމުގެ އިޚްތިޔާރު ސްޓެލްކޯއަށް ލިބިގެންވުމުން، ޙަވާލާދީފައިވާ އެއްބަސްވުމުގެ ދަށުން މައްސަލަ ރައްދުވާ ފަރާތުން ގެނައި ފޯކްލިފްޓް އިންސްޕެކްޓްކުރިއިރު، އެއީ 4.6 (ހަތަރެއް ޕޮއިންޓް ހައެއް) ޓަނުގެ ފޯކްލިފްޓެއްކަން އެނގެންއޮތް ކަމަށް ސްޓެލްކޯގެ ކޮންސަލްޓެންޓުން ދީފައިވާ ޓެކްނިކަލް ލަފައަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/78 ޤަޟިއްޔާގައި ރިޢާޔަތްކޮށްފައި ނުވާކަން އިސްތިއުނާފުކުރާ ފަރާތަށް ފާހަގަކުރެވިފައިވުން ކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބެވެ.

ފަސްވަނަ ސަބަބަކީ، ޤާނޫނު ނަންބަރު 91/6 (މުދާ ވިއްކުމާބެހޭ ޤާނޫނު) ގެ 12 ވަނަ މާއްދާގައި ވިއްކާމީހާގެ ވާޖިބަކީ، ކޮންޓްރެކްޓްގެ ޝަރުޠުތަކާ އެއްގޮތްވާ ގޮތުގެމަތިން މުދާ ދިނުންކަމަށާއި، އަދި ހަމަމިގޮތަށް މުދާ ގަންނަމީހާގެ ވާޖިބަކީ ކޮންޓްރެކްޓްގެ ޝަރުޠުތަކާ އެއްގޮތްވާގޮތުގެ މަތިން މުދާ ޤަބޫލުކުރުމާއި އެއަށް އަގުދިނުންކަމަށް ބަޔާންކޮށްފައިވާ ކަމަށާއި އެހެންކަމުން، ޑެލިވަރީ ނޯޓުގައި ސްޓެލްކޯގެ މުވައްޒަފެއް ސޮއިކުރުމުގެ ސަބަބުން ޤާނޫނު ނަންބަރު 91/6 (މުދާ ވިއްކުމާބެހޭ ޤާނޫނު) ގެ 12 ވަނަ މާއްދާގެ ދަށުން މުދާ ވިއްކާފަރާތުގެ ޒިންމާއިން ބަރީއަވެގެން ނުވާކަމަށް އެ ޤާނޫނުގައި ކަނޑައަޅައިފައިއޮތް އޮތުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/78 ޤަޟިއްޔާގައި ރިޢާޔަތްކޮށްފައި ނުވާކަން އިސްތިއުނާފުކުރާ ފަރާތަށް ފާހަގަކުރެވިފައިވުން ކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބެވެ.

ހަވަނަ ސަބަބަކީ، ޤާނޫނު ނަންބަރު 91/6 (މުދާ ވިއްކުމާބެހޭ ޤާނޫނު) ގެ 14 ވަނަ މާއްދާގެ (ބ) ގައި، މިންވަރު ތަފާތުކޮށް ނުވަތަ ޢައިބު ހުރި މުދާ ޤަބޫލުނުކޮށް ދޫކޮށްލުމަކީ މުދާ ގަންނަފަރާތުގެ ޙައްޤެއްކަން އެނގެން އޮތުމުންނާއި، ސްޓެލްކޯއަށް ގެނެސްފައިވާ ފޯކްލިފްޓަކީ ސްޓެލްކޯއިން މައްސަލަ ރައްދުވާ ފަރާތުގެ ކިބައިން ގަތުމަށް ކޮންޓްރެކްޓް ކުރި ފޯކްލިފްޓް ނޫންކަން އިންސްޕެކްޝަން ހެދުމުން ސްޓެލްކޯއަށް އެނގިފައިވުމުން ޤާނޫނު ނަންބަރު 91/6 (މުދާ ވިއްކުމާބެހޭ ޤާނޫނު) ގެ 14 ވަނަ މާއްދާގެ (ބ) ގައި، މުދާ ގަންނަ ފަރާތަށް ލިބިދީފައިވާ ޙައްޤެއްކަމަށް އެ ޤާނޫނުގައި ކަނޑައަޅައިފައި އޮތްއޮތުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/78 ޤަޟިއްޔާގައި ރިޢާޔަތްކޮށްފައި ނުވާކަން އިސްތިއުނާފުކުރާ ފަރާތަށް ފާހަގަކުރެވިފައިވުން ކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބެވެ.

04- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/78 ޤަޟިއްޔާގައި އެ ކޯޓުން ކޮށްފައިވާ ޙުކުމް ބިނާވެފައިވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާ ގޮތަށްކަމަށް ބުނެ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގެ ޝަރީޢަތަށް ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށާއި އަދި މި މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީސްތަކުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށާއި، މި މައްސަލައާ ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ މި މައްސަލައާ ގުޅޭ އެންމެހައި ލިޔުންތަކުގެ މައްޗަށާއި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގެ ދަށުން އިލްތިމާސްކޮށްފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/78 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ މައްޗަށާއި އަދި ހައިކޯޓުގެ މި ބުނެވުނު ޤަޟިއްޔާއިން އިސްތިއުނާފުކުރެވުނު ސިވިލް ކޯޓުގެ ނަންބަރު 788/Cv-C/2011 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންކަން ފާހަގަކުރެވިފައިވެއެވެ.

(ހ) ފުރަތަމަ ކަމަކީ، 31 މޭ 2010 ދުވަހު، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް އާއި ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް އާ ދެމެދު އެކުލަވާލެވިފައިވާ އެއްބަސްވުމާ އެއްގޮތްވާ ގޮތުގެމަތިން ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް އިން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް އަށް ސަޕްލައިކޮށްދީފައިވާ ފޯކްލިފްޓަކީ އެއްބަސްވުމުގައިވާ ފަދައިން 06 (ހައެއް) ޓަނުގެ ފޯކްލިފްޓެއް ކަމަށާއި އެކަން، މައްސަލައާ ގުޅިގެން ޝަރީޢަތަށް ހުށަހެޅުނު ލިޔުންތަކުން ސާބިތުވާނެ ކަމަށް ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ބުނެ، އެ ކުންފުނީގެ މައްޗަށް ސިވިލް ކޯޓުގެ ނަންބަރު 788/Cv-C/2011 ޤަޟިއްޔާގެ ދަށުން ހުށަހެޅިފައިވާ ދަޢުވާއަށް ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ކޮށްފައިވަނީ އިންކާރުކަން މި މައްސަލައާ ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު788/Cv-C/2011 ޤަޟިއްޔާ އާއި ދިވެހިރާއްޖޭގެ ހައިކޯޓުން ބުނެވުނު ސިވިލް ކޯޓުގެ ޤަޟިއްޔާ އިސްތިއުނާފުކޮށް ބެލި ހައިކޯޓުގެ ނަންބަރު 2015/HC-A/78 ޤަޟިއްޔާ އާއި އަދި ހައިކޯޓުގެ މި ބުނެވުނު ޤަޟިއްޔާ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރެވުމުން ބެލެވޭ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-A/26 ގެ މި ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހަށް ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ދީފައިވާ ބަޔާންތަކަށް ބެލުމުން އެނގެން އޮންނަ ކަމެވެ.

(ށ) ދެވަނަ ކަމަކީ، ބަޔާންވެދިޔަ ގޮތުގެމަތިން ސިވިލް ކޯޓުގެ ނަންބަރު 788/Cv-C/2011 ޤަޟިއްޔާގައި އެ ކޯޓުން ކޮށްފައިވާ ޙުކުމް އެގޮތުގެމަތިން އެ ކޯޓުން ކޮށްފައިވަނީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް އަށް 06 (ހައެއް) ޓަނުގެ ފޯކްލިފްޓެއް ގެނެސްދިނުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް އާއި ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް އާ ދެމެދު 31 މޭ 2010 ގައި ވެފައިވާ އެއްބަސްވުމުގައި ވާގޮތަށް ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް އިން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް އަށް ގެނެސްދީފައި އެވަނީ 06 (ހައެއް) ޓަނުގެ ފޯކްލިފްޓެއްކަން ހުށަހެޅިފައިވާ ލިޔުންތަކުން ސާބިތުނުވާތީ ކަމަށް ބަޔާންކޮށް އެ ސަބަބުގެ މައްޗަށް ބިނާކޮށްގެންކަން ސިވިލް ކޯޓުގެ ބުނެވުނު ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބެލުމުން އެނގެން އޮތްނަމަވެސް، މި މައްސަލައިގެ ދަޢުވާގައި ބުނާ ފޯކްލިފްޓް ގެނައުމުގެ މުޢާމަލަތާ ގުޅޭގޮތުން މި މައްސަލައިގެ ދެފަރާތުގެ ދެމެދުގައި ވެވިފައިވާކަމަށްބުނާ އެއްބަސްވުމުގެ ދަށުން ސެންޓަރ އެންޓަރޕްރައިސަސް ގެ ފަރާތުން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް އަށް ގެނެސްދީފައިވާކަމަށް ބުނާ، ފޯކްލިފްޓަކީ 06 (ހައެއް) ޓަނުގެ ފޯކްލިފްޓެއްކަން ސާބިތުނުވަނީ ސިވިލް ކޯޓުގެ ބުނެވުނު ޤަޟިއްޔާގެ ޝަރީޢަތަށް އެ ފޯކްލިފްޓާ ބެހޭގޮތުން ކޮން ނަންތަކެއްގައި ހުށަހެޅުނު، ކޮންލިޔުންތަކަކުންކަން ސިވިލްކޯޓުގެ ބުނެވުނު ޤަޟިއްޔާގެ ޙުކުމުގައިވެސް އަދި ނުވަތަ އެ ޤަޟިއްޔާގެ ޙުކުމަށް ވާޞިލްވެފައިވާ ސަބަބުތަކުގައިވެސް އެއްވެސް މިންވަރަކަށް ކަނޑައަޅައި ސާފުކޮށް ބަޔާންކޮށްދެވިފައި ނުވާކަން ބުނެވުނު ސިވިލްކޯޓުގެ ޤަޟިއްޔާގެ ޙުކުމަށާއި އަދި އެ ޙުކުމަށް ވާޞިލްވެފައިވާ ސަބަބުތަކަށް ބެލުމުން އެނގެން އޮންނަ ކަމެވެ.

(ނ) ތިންވަނަ ކަމަކީ، މި މައްސަލައާ ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔުންތަކުގެ ތެރޭގައި ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް އިން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓޭލްކޯ) އަށް 06 (ހައެއް) ޓަނުގެ ފޯކްލިފްޓެއް ސަޕްލައިކޮށްދިނުމާ ބެހޭގޮތުން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާއި ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްއާ ދެމެދު31 މޭ 2010 ގައި އިނގިރޭސި ބަހުން ވެވިފައިވާކަން އެނގެން އޮންނަ ނަންބަރު AGR-43/2010 އެގްރިމެންޓް ހިމެނިފައިވާކަން އެނގެން އޮންނައިރު މި އެގްރިމެންޓަކީ މި ދެފަރާތުގެ ދެމެދުގައި ވެވިފައިވާ އެގްރިމެންޓެއްކަން މައްސަލައާ ގުޅިގެން މި ދެފަރާތުން ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނަ ކަމެވެ.

(ރ) ހަތަރުވަނަ ކަމަކީ، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އަށް 06 (ހައެއް) ޓަނުގެ ފޯކްލިފްޓެއް ސަޕްލައިކޮށްދިނުމާ ބެހޭގޮތުން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް އާއި ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް އާ ދެމެދު ވެވިފައިވާ އެގްރިމެންޓް އަށް ބަލާއިރު، އެ އެގްރިމެންޓަކީ މުޅިން އައު 06 (ހައެއް) ޓަނުގެ ފޯކްލިފްޓެއް، ސްޓެލްކޯގެ ޓްރާންސްޕޯޓް ޑިޕާޓްމަންޓް އަށް ސަޕްލައިކޮށްދިނުމާ ބެހޭގޮތުން އެއްފަރާތުން ގަންނަ ފަރާތުގެ ޙައިޘިއްޔަތުން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް އާއި އަނެއް ފަރާތުން ސަޕްލައިކުރާ ފަރާތުގެ ޙައިޘިއްޔަތުން ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް އާ ދެމެދު 31 މޭ 2010، މި ތާރީޚްގައި މި ދެފަރާތުގެ ދެމެދުގައި ކުރެވިފައިވާ އެގްރިމެންޓެއް ކަމާއި މި އެގްރިމެންޓްގެ 2.1 ގައި މަސައްކަތުގެ ތަފްޞީލުގެ ގޮތުގައި ބަޔާންކޮށްފައިވަނީ 21 މާރިޗު 2010 ގެ ތާރީޚްގައިވާ ކޯޓޭޝަންގައިވާ ސްޕެސިފިކޭޝަންއާ އެއްގޮތަށް މުދާ ސަޕްލައިކޮށްދިނުން ކަމާއި މި ކަންކަން މި އެގްރިމެންޓުން އެންގެން އޮންނައިރު، މި އެގްރިމެންޓްގެ 2.1 ގައި ބުނާ ސްޕެސިފިކޭޝަން ބަޔާންކޮށްފައިވާ ލިޔުމަކީ ސެންޓަރ އެންޓަރޕްރައިސަސް ގެ ފަރާތުން "މެއިން އޮފަރ" މި ނަމުގައި ތައްޔާރުކޮށް 21 މާރިޗު 2010 ގައި ސްޓެލްކޯ އަށް ސެންޓަރ އެންޓަރޕްރައިސަސް ގެ ފަރާތުން ހުށަހެޅި ނަންބަރު CEN/QTN/STELCO-01/10 އޮފަރ ގެ ލިޔުންކަން މައްސަލައާ ގުޅިގެން މި މައްސަލައިގައި ހިމެނޭ ދެފަރާތުން ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނައިރު، މި ބަޔާންކުރެވުނު މެއިން އޮފަރ ގެ ލިޔުމަށް ބަލާއިރު، މި ލިޔުމަކީ 08 މާރިޗު 2010 ގެ ތާރީޚްގައި ސްޓެލްކޯ އިން 06 ޓަނުގެ ފޯކްލިފްޓެއް ގަތުމަށް ކުރެވުނު ނަންބަރު H-2010/10 އިޢުލާނާ ގުޅިގެން ހުށަހެޅުނު ލިޔުމެއްކަމާއި މިގޮތުން މުޅިން އައު 06 (ހައެއް) ޓަނުގެ ކޮމަޓްސޫ ބްރޭންޑްގެ ނަންބަރު FD60-8 މޮޑެލްގެ ފޯކްލިފްޓެއްގެ ކޯޓޭޝަންއެއް މި ލިޔުމުގައި ބަޔާންކުރެވިފައިވާ ކަމާއި، މި ކޯޓޭޝަން ގެ ޖެނެރަލް އިންފޮމޭޝަން ބައިގައި މި ފޯކްލިފްޓްގެ މާސްޓް އަކީ 03 ސްޓޭޖްގެ މާސްޓްއެއް ކަމުގައި ވާންޖެހޭކަމާއި އަދި މި ފޯކްލިފްޓްގެ ކެޕޭސިޓީއަކީ 6000kg 06 (ހައެއް) ޓަނު ކަން ބަޔާންކުރެވިފައިވާ ކަމާއި އަދި މި ފޯކްލިފްޓްގެ ލޯޑްސެންޓަރ އަކީ 600 މިލިމީޓަރ ކަމާއި މި ކަންކަން މި ލިޔުމަށް ބެލުމުން އެނގެން އޮތުމުން މި ދެފަރާތުގެ ދެމެދުގައި ކުރެވިފައިވާ ބުނެވުނު އެގްރިމެންޓްގެ ދަށުން ސެންޓަރ އެންޓަރޕްރައިސަސް އިން ސްޓެލްކޯ އަށް ގެނެސްދޭން ޖެހެނީ އިޝާރާތްކުރެވުނު ކޯޓޭޝަންގައި ޙަވާލާދީފައިވާ ބްރޭންޑްގެ ބަޔާންކުރެވުނު މޮޑެލްގެ ބަޔާންކުރެވުނު ސިފަތައް ފުރިހަމަވާ ފޯކްލިފްޓެއްކަން ފާހަގަކުރެވޭ ކަމެވެ.

(ބ) ފަސްވަނަ ކަމަކީ، މި މައްސަލައާ ގުޅިގެން ދެފަރާތުން ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ސެންޓަރ އެންޓަރޕްރައިސަސް ގެ ފަރާތުން ސްޓެލްކޯ އަށް ފޯކްލިފްޓެއް ޙަވާލުކުރިކަމާމެދު މި ދެފަރާތުގެ ދެމެދުގައި ޚިލާފެއް ނެތްކަމާއި މި ދެފަރާތުގެ ދެމެދުގައި ޚިލާފު އުފެދިފައިވަނީ ސެންޓަރ އެންޓަރޕްރައިސަސް ގެ ފަރާތުން ސްޓެލްކޯ އާ ޙަވާލުކުރި ފޯކްލިފްޓަކީ 06 (ހައެއް) ޓަނުގެ ފޯކްލިފްޓެއް ކަމާމެދުގައިކަން މައްސަލައާ ގުޅިގެން ދެފަރާތުން ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކަށް ބެލުމުން އެނގެން އޮންނަ ކަމެވެ.

(ޅ) ހަވަނަ ކަމަކީ، ސެންޓަރ އެންޓަރޕްރައިސަސް ގެ ފަރާތުން ސްޓެލްކޯ އާ ޙަވާލުކުރި ފޯކްލިފްޓްއަކީ 06 ޓަނުގެ ފޯކްލިފްޓެއްކަމަށް ސެންޓަރ އެންޓަރޕްރައިސަސް އިން ބުނާ ބުނުން ސާބިތުކޮށްދިނުމަށްޓަކައި ސެންޓަރ އެންޓަރޕްރައިސަސް އިން ސިވިލް ކޯޓުގެ ނަންބަރު 788/Cv-C/2011 ޤަޟިއްޔާގެ ޝަރީޢަތަށް ލިޔުންތަކެއް ހުށަހަޅާފައިވާކަމާއި މިގޮތުން ބުނެވުނު ސިވިލް ކޯޓުގެ ޤަޟިއްޔާގެ ޝަރީޢަތަށް ސެންޓަރ އެންޓަރޕްރައިސަސް އިން ހުށަހަޅާފައިވާ ލިޔުންތަކަކީ ކޮމާޝަލް އިންވޮއިސްއާއި ޕެކިންލިސްޓްއާއި އަދި މި ފޯކްލިފްޓްއާ ގުޅޭގޮތުން ޝިއާމްއޮޓޯ ގަރާޖުން ދީފައިވާ ލިޔުމާއި މި ލިޔުންތައްކަން ސިވިލް ކޯޓުގެ އިޝާރާތްކުރެވުނު ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮންނައިރު، އެ ރިޕޯޓުގައި ހިމެނިފައިވާ ބަޔާންކުރެވުނު ލިޔުންތަކަށް ބެލުމުން ސެންޓަރ އެންޓަރޕްރައިސަސް އިން ގެނެސްދީފައިވަނީ ކޮމަޓްސޫ ބްރޭންޑްގެ ނަންބަރު FD60-8 މޮޑެލްގެ 06 (ހައެއް) ޓަނުގެ ފޯކްލިފްޓްއެއް ކަމަށް މި ލިޔުންތަކުގައި ސާފުބަހުން ބަޔާންކުރެވިފައިވާކަން މި ލިޔުންތަކުން ރަނގަޅަށް އެނގެން އޮންނަ ކަމެވެ.

(ކ) ހަތްވަނަ ކަމަކީ، ސިވިލް ކޯޓުގެ އިޝާރާތްކުރެވުނު ޤަޟިއްޔާގެ ޝަރީޢަތަށް ސެންޓަރ އެންޓަރޕްރައިސަސް ގެ ފަރާތުން ހުށަހަޅާފައިވާ ބަޔާންވެދިޔަ ލިޔުންތަކުން ސެންޓަރ އެންޓަރޕްރައިސަސް އިން ގެނެސްދީފައިވަނީ ކޮމަޓްސޫ ބްރޭންޑްގެ ނަންބަރު FD60-8 މޮޑެލްގެ 06 (ހައެއް) ޓަނުގެ ފޯކްލިފްޓްއެއް ކަން އެނގެން އޮންނައިރު، ސެންޓަރ އެންޓަރޕްރައިސަސް ގެ ފަރާތުން ސްޓެލްކޯ އާ ޙަވާލުކޮށްފައިވާ ފޯކްލިފްޓަކީ 06 ޓަނުގެ ފޯކްލިފްޓެއް ކަމާމެދު ސްޓެލްކޯގެ ފަރާތުން އިޢުތިރާޟުކޮށްފައިވަނީ އެ ފޯކްލިފްޓަކީ 4.6 ޓަނުގެ ފޯކްލިފްޓްއެއް ކަމަށް ފޯކްލިފްޓްގެ ނަންބަރު ޕްލޭޓްގައި ޖަހާފައި އޮތުމުންނާއި ސްޓެލްކޯ ގެ ފަރާތުން ހެދި އިންސްޕެކްޝަނުން އެއީ 4.6 ޓަނުގެ ފޯކްލިފްޓެއްކަން އެނގެން އޮތުމުން ކަމަށް ބުނެކަން، މައްސަލައާ ގުޅިގެން ސްޓެލްކޯ ގެ ފަރާތުން ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނައިރު، ސްޓެލްކޯ ގެ ފަރާތުން އިންސްޕެކްޝަން ހެދި މީހެއްގެ ވަނަވަރެއް އަދި އެފަދަ އެއްވެސް ރިޕޯޓެއް ނުވަތަ ލިޔުމެއް ވިޔަސް މި މައްސަލައިގެ ޝަރީޢަތުގެ އެއްވެސް މަރުޙަލާއަކަށް ސްޓެލްކޯ ގެ ފަރާތުން ހުށަހަޅާފައި ނުވާކަން އެނގެން އޮންނަ ކަމެވެ.

(އ) އަށްވަނަ ކަމަކީ، މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގެ ޝަރީޢަތަށް ސްޓެލްކޯ ގެ ފަރާތުން ހުށަހެޅި ލިޔުމެއްކަން އެނގެން އޮންނަ، ކޮމަޓްސޫ ޔުޓިލިޓީ ކޮމްޕެނީގެ ފަރާތުން ސްޓެލްކޯއަށް ފޮނުވިކަމަށް ބުނާ ޑީޓެއިލްސް ސްޕެސިފިކޭޝަން ލިޔުމަށް ބަލާއިރު، މި ލިޔުމަކީ ކޮމަޓްސޫ ބްރޭންޑް ގެ ނަންބަރު FD60-8 މޮޑެލްގެ ފޯކްލިފްޓުގެ ސްޕެސިފިކޭޝަންގެ ތަފްޞީލް ބަޔާންކޮށްފައިވާ ލިޔުމެއްކަމާއި މި ލިޔުމުގެ 1.5 ގައި މި ފޯކްލިފްޓްގެ ރޭޓެޑް ކެޕޭސިޓީއަކީ 6000 (ހަހާސް)ކިލޯގްރާމް ކަމުގައި ބަޔާންކޮށްފައިވުމުގެ އިތުރުން މި ލިޔުމުގެ އެންމެ ފަހު ޞަފްޙާގައި ހިމެނޭ "ރޭޓެޑް ކެޕޭސިޓީ ވިތް ސްޓޭންޑަޑް ސްޕެސިފިކޭޝަން" މި ބައިގައި މި ފޯކްލިފްޓަކީ 06 ޓަނުގެ ފޯކްލިފްޓެއް ކަމުގައި ސާފުކޮށް ބަޔާންކޮށްފައިވާކަން މި ލިޔުމަށް ބެލުމުންވެސް އެނގެން އޮންނައިރު، މި ލިޔުމަކީ ސްޓެލްކޯގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/78 ޤަޟިއްޔާގެ ޝަރީޢަތަށްވެސް ހުށަހަޅާފައިވާ ލިޔުމެއްކަން ހައިކޯޓުގެ މި އިޝާރާތްކުރެވުނު ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ03 ވަނަ ނަންބަރުގެ (ބ) ގައި މި އިޝާރާތްކުރެވުނު ލިޔުމާ ޙަވާލާދީ ހައިކޯޓުން ބަޔާންކޮށްފައިވާ މަޢުލޫމާތުތަކުންވެސް އެނގެން އޮންނަ ކަމެވެ.

(ވ) ނުވަވަނަ ކަމަކީ، މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/78 ޤަޟިއްޔާގެ ޝަރީޢަތަށް ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ހުށަހަޅާފައިވާ ލިޔުމެއްކަން އެނގެން އޮންނަ، ކޮމަޓްސޫ ޔުޓިލިޓީ ކޮމްޕެނީގެ ފަރާތުން ސެންޓަރ އެންޓަރ ޕްރައިސަސްއަށް ފޮނުވިކަމަށް ބުނާ ޑީޓެއިލްސް ސްޕެސިފިކޭޝަންގެ ލިޔުމަށް ބަލާއިރު، މި ލިޔުމަކީވެސް ކޮމަޓްސޫ ބްރޭންޑް ނަންބަރު FD60-8 މޮޑެލްގެ ފޯކްލިފްޓުގެ ސްޕެސިފިކޭޝަންގެ ތަފްޞީލް ބަޔާންކޮށްފައިވާ ލިޔުމެއް ކަމާއި މި ލިޔުމުގެ 1.5 ގައި މި ފޯކްލިފްޓްގެ ރޭޓެޑް ކެޕޭސިޓީއަކީ 6000 (ހަހާސް) ކިލޯގްރާމް ކަމަށާއި އަދި 600 (ހަސަތޭކަ) އެމް. އެމް ގެ ލޯޑް ސެންޓަރ އެއްގައި މި ފޯކްލިފްޓްގެ ސްޓޭންޑަޑް ކެޕޭސިޓީއަކީވެސް 6000 (ހަހާސް) ކިލޯގްރާމް ކަމަށާއި އަދި މީގެ އިތުރުން މި ލިޔުމުގެ އެންމެ ފަހު ޞަފްޙާ (04 ވަނަ ޞަފްޙާ) ގެ އެންމެ ތިރީގައިވާ ޖުމްލައިގައި ސަޕްލައިކޮށްދެވިފައިވާ ކޮމަޓްސޫ ބްރޭންޑްގެ ނަންބަރު FD60-8 މޮޑެލްގެ 06 (ހައެއް) ޓަނުގެ ފޯކްލިފްޓްގެ ސްޓޭންޑަޑް ކެޕޭސިޓީއާއި ރެސިޑުއަލް ކެޕޭސިޓީގެ ރަނގަޅު ނަންބަރު ޕްލޭޓް، ކޮމަޓްސޫ ޔުޓިލިޓީ ކޮމްޕެނީ އިން ވީ އެންމެ އަވަހަކަށް ފޮނުވައިދޭނެ ކަމަށް ބަޔާންކޮށްފައިވާކަން މި ލިޔުމަށް ބެލުމުން އެނގެން އޮތުމުން ސެންޓަރ އެންޓަރޕްރައިސަސް އާއި ސްޓެލްކޯއާ ދެމެދު ކުރެވިފައިވާ ބުނެވުނު އެގްރިމެންޓްގެ ދަށުން ސެންޓަރ އެންޓަރޕްރައިސަސް އިން ސްޓެލްކޯއަށް ގެނެސްދީފައިވާ ކޮމަޓްސޫ ބްރޭންޑް ގެ ނަންބަރު FD60-8 މޮޑެލްގެ ފޯކްލިފްޓަކީ 06 (ހައެއް) ޓަނުގެ ފޯކްލިފްޓެއްކަން ސާފުކޮށް އެނގެން އޮތުމުން ސެންޓަރ އެންޓަރޕްރައިސަސް އިން ސްޓެލްކޯއާ ޙަވާލުކޮށްފައިވާ ފޯކްލިފްޓްގެ ނަންބަރު ޕްލޭޓްގައި 4.6 ޖަހާފައިވުމަކީ މި ފޯކްލިފްޓަކީ 06 (ހައެއް) ޓަނުގެ ފޯކްލިފްޓެއް ނޫންކަމަށް ބަލަންޖެހޭ ރަނގަޅު ސަބަބެއް ނޫންކަމާއި މި ކަންކަން މި ލިޔުމަށް ބެލުމުންވެސް ސާފުކޮށް އެނގެން އޮންނަ ކަމެވެ.

(މ) ދިހަވަނަ ކަމަކީ، ސެންޓަރ އެންޓަރޕްރައިސަސް އާއި ސްޓެލްކޯ އާ ދެމެދު 31 މޭ 2010 ގައި ކުރެވިފައިވާ އިސްވެ އިޝާރާތްކުރެވުނު އެގްރިމެންޓްގެ ދަށުން ސެންޓަރ އެންޓަރޕްރައިސަސް ގެ ފަރާތުން ސްޓެލްކޯ އާ ޙަވާލުކޮށްފައިވާކަން މި ދެފަރާތުގެ ބަހުން އެނގެން އޮންނަ ފޯކްލިފްޓަކީ 06 (ހައެއް) ޓަނުގެ ފޯކްލިފްޓެއްކަން އިތުރަށް ސާބިތުކޮށްދިނުމަށްޓަކައި ސެންޓަރ އެންޓަރޕްރައިސަސް ގެ ފަރާތުން ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގެ ޝަރީޢަތަށް ޖަޕާނުގެ ކޮމަޓްސޫ ފޯކްލިފްޓް ކޮމްޕެނީ ގެ "އޮޕަރޭޝަން އެންޑް މެއިންޓެނަންސް މެނުއަލް" އާއި "ޝޮޕް މެނުއަލް" ހުށަހަޅާފައިވާއިރު މީގެތެރެއިން "އޮޕަރޭޝަން އެންޑް މެއިންޓެނަންސް މެނުއަލް" އަށް ބަލާއިރު އެ މެނުއަލްގެ 7-4 ޖަހާފައިވާ ޞަފްޙާގެ 1.5 ގައި ކޮމަޓްސޫ ބްރޭންޑްގެ ނަންބަރު FD60-8 ގެ މޮޑެލްގެ ފޯކްލިފްޓަކީ އޭގެ ރޭޓެޑް ކެޕަސިޓީގައި 6000 ކިލޯ ގްރާމް ހުންނަ ފޯކްލިފްޓެއްކަމަށް ބަޔާންކޮށްފައި އޮންނަ އޮތުމުގެ އިތުރުން އިސްވެ އިޝާރާތްކުރެވުނު "ޝޮޕް މެނުއަލް" އަށް ބަލާއިރު އެ މެނުއަލްގެ 4-10 ޖަހާފައިވާ ޞަފްޙާގައިވާ ކޮމަޓްސޫ ބްރޭންޑްގެ ނަންބަރު FD60-8 ގެ މޮޑެލްގެ ފޯކްލިފްޓްގެ ސްޕެސިފިކޭޝަން ގެ ޓޭބަލްގެ ހަތަރުވަނަ ގޮޅީގައި މި ފޯކްލިފްޓަކީ އޭގެ ރޭޓެޑް ކެޕަސިޓީގައި 6000 ކިލޯ ގްރާމް ހުންނަ ފޯކްލިފްޓެއްކަމަށް ބަޔާންކޮށްފައިވާކަންވެސް އެނގެން އޮންނަ ކަމެވެ.

(ފ) އެގާރަވަނަ ކަމަކީ، ސެންޓަރ އެންޓަރޕްރައިސަސް އާއި ސްޓެލްކޯ އާ ދެމެދު31 މޭ 2010 ގައި ކުރެވިފައިވާ އިސްވެ އިޝާރާތްކުރެވުނު އެގްރިމެންޓް ގެ ދަށުން ސެންޓަރ އެންޓަރޕްރައިސަސް ގެ ފަރާތުން ސްޓެލްކޯ އާ ޙަވާލުކޮށްފައިވާ ފޯކްލިފްޓަކީ 06 (ހައެއް) ޓަނުގެ ފޯކްލިފްޓެއްކަން ސާބިތުކޮށްދިނުމަށްޓަކައި ސެންޓަރ އެންޓަރޕްރައިސަސް ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގެ ޝަރީޢަތަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ ގެ ނަންބަރު202-L/PRIV/2018/223 (09 އޮގަސްޓް 2018) ގެ ސިޓީ އާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގެ ނަންބަރު B11-409/10 "ރަޖިސްޓަރީކުރަންޖެހޭ ތަކެތީގެ ފޯމު" އާއި އަދި މީގެ އިތުރުން "ރާއްޖޭގައި ބޭނުންކުރުމަށް ގެންނަ ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދާބެހޭ މައުލޫމާތު" މި ނަމުގައިވާ ޓްރާންސްޕޯޓް އޮތޯރިޓީ ގެ ނަންބަރު TA-T(L)2010/0352 (13 ޑިސެންބަރު 2010) ގެ ލިޔުމާއި މި ލިޔުންތައް ހުށަހަޅާފައިވާއިރު މި ހުރިހާ ލިޔުންތަކުންވެސް ކޮމަޓްސޫ ބްރޭންޑް ގެ ނަންބަރު FD60-8 ގެ މޮޑެލް ގެ ފޯކްލިފްޓަކީ 6000 ކިލޯ ގްރާމް (06 ޓަނު) އުފުލޭ ފޯކްލިފްޓެއްކަން އެނގެން އޮންނަ ކަމެވެ.

(ދ) ބާރަވަނަ ކަމަކީ، ބަޔާންކުރެވިދިޔަ ލިޔުންތަކުގެ އިތުރުންވެސް ޓްރާންސްޕޯޓް އޮތޯރިޓީ އިން ރޯޑް ވާދިނަސް އިންސްޕެކްޓް ކުރުމުގެ ހުއްދަ ދީފައިވާކަން އެނގޭ ސެންޓަރ ތަކުގެ ލިސްޓަކާއެކު އޭ. ލަތީފު މެކޭނިކަލް ސަރވިސް އިން "ދުއްވާ އެއްޗެތީގެ ފެންވަރު ބެލުމަށް ކުރެވޭ ޓެސްޓް ގެ ރިޕޯޓް" މި ނަމުގައި ތައްޔާރުކޮށްފައިވާ ރިޕޯޓްވެސް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގެ ޝަރީޢަތަށް ސެންޓަރ އެންޓަރޕްރައިސަސް ގެ ފަރާތުން ހުށަހަޅާފައިވާއިރު އޭ. ލަޠީފު މެކޭނިކަލް ސަރވިސްއަކީ ޓްރާންސްޕޯޓް އޮތޯރިޓީ އިން ރޯޑް ވާދިނަސް އިންސްޕެކްޓް ކުރުމުގެ ހުއްދަދީފައިވާ ސެންޓަރުތަކުގެ ތެރޭގައި ހިމެނޭ ސެންޓަރެއްކަން އެނގެން އޮންނައިރު، 28 ޖަނަވަނީ 2014 ގައި "ދުއްވާ އެއްޗެތީގެ ފެންވަރު ބެލުމަށް ކުރެވޭ ޓެސްޓް ގެ ރިޕޯޓް" މި ނަމުގައި އޭ. ލަތީފު މެކޭނިކަލް ސަރވިސް އިން ތައްޔާރުކޮށްފައިވާ މި ރިޕޯޓުންވެސް ކޮމަޓްސޫ ބްރޭންޑް ގެ ނަންބަރު FD60-8 ގެ މޮޑެލް ގެ ފޯކްލިފްޓަކީ 6000 ކިލޯގެ ބަރުދަން އުފުލުމުގެ ކުޅަދާނަކަން ލިބިފައިވާ ފޯކްލިފްޓެއްކަން އެނގެން އޮތުމުގެ އިތުރުން އޭ. ލަތީފު މެކޭނިކަލް ސަރވިސް އިން މި ރިޕޯޓު ތައްޔާރުކޮށްފައިވަނީވެސް ސްޓެލްކޯގެ ފަރާތުން އެ ސަރވިސްއަށް ހުށަހެޅި ހުށަހެޅުމަކާ ގުޅިގެންކަންވެސް މި ރިޕޯޓުން އެނގެން އޮންނަ ކަމެވެ.

(ތ) ތޭރަވަނަ ކަމަކީ، ބަޔާންކުރެވިދިޔަ އެންމެހައި ލިޔުންތަކުން ސެންޓަރ އެންޓަރޕްރައިސަސް ގެ ފަރާތުން ސްޓެލްކޯއާ ޙަވާލުކޮށްފައިވާ ފޯކްލިފްޓަކީ މި ދެފަރާތުގެ ދެމެދުގައި31 މޭ 2010 ދުވަހު ކުރެވިފައިވާ ބަޔާންކުރެވިދިޔަ އެގްރީމެންޓްގައި ބަޔާންވެފައިވާ ކޮމަޓްސޫ ބްރޭންޑްގެ ނަންބަރު FD60-8 ގެ މޮޑެލްގެ 06 (ހައެއް) ޓަނުގެ ފޯކްލިފްޓެއްކަން އެނގެންއޮތްއިރު، އެ ފޯކްލިފްޓަކީ 06 (ހައެއް) ޓަނުގެ ފޯކްލިފްޓެއް ނޫންކަމަށް ސްޓެލްކޯގެ ފަރާތުން ދެކެނީ އެ ފޯކްލިފްޓްގެ އެންމެ މަތިން އެއްޗެތި އުފުލޭ ސްޓޭޖް ކަމުގައިވާ 03 ވަނަ ސްޓޭޖުގައި އެ ފޯކްލިފްޓްގެ ދަތްގަނޑު ބަހައްޓައިގެން06 ޓަނުގެ ބަރުދަން އެ ފޯކްލިފްޓުން ނުއުފުލޭނެތީ ކަމަށްބުނެކަން މައްސަލައާ ގުޅިގެން ސްޓެލްކޯގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނައިރު، ފޯކްލިފްޓް ސަޕްލައިކޮށްދިނުމާ ބެހޭގޮތުން މި ދެފަރާތުގެ ދެމެދުގައި 31 މޭ 2010 ދުވަހު ކުރެވިފައިވާ ބުނެވުނު އެގްރިމެންޓަށާއި އަދި އެ އެގްރިމެންޓްގައި ޙަވާލާދެވިފައިވާ ސެންޓަރ އެންޓަރޕްރައިސަސް ގެ 21 މާރިޗު 2010 ގެ ކޯޓޭޝަންއަށް ބަލާއިރު އެ އެގްރީމެންޓާއި ކޯޓޭޝަންގެ ދަށުން ސެންޓަރ އެންޓަރޕްރައިސަސް އިން ސްޓެލްކޯއަށް ސަޕްލައިކޮށްދޭން ޖެހެނީ ކޮމަޓްސޫ ބްރޭންޑްގެ ނަންބަރު FD60-8 މޮޑެލްގެ 06 (ހައެއް) ޓަނުގެ ފޯކްލިފްޓެއްކަމާއި އަދި އެ ފޯކްލިފްޓްގެ މާސްޓްގައި 03 ސްޓޭޖް ހުންނަން ޖެހޭ ކަމާއި މި ކަންކަން އެގްރީމެންޓަށާއި ކޯޓޭޝަންއަށް ބެލުމުން އެނގެން އޮންނައިރު، ދެފަރާތުގެ ދެމެދުގައި ކުރެވިފައިވާ ބުނެވުނު އެގްރީމެންޓްގައިވެސް އަދި އެ އެގްރީމެންޓާއެކު އެޓޭޗްކުރެވިފައިވާ އިސްވެ ޙަވާލާދެވުނު ކޯޓޭޝަންގައިވެސް މި ފޯކްލިފްޓަކީ އެ ފޯކްލިފްޓްގެ މާސްޓްގައި ހިމެނޭ 03 ސްޓޭޖުންކުރެ އެންމެ މަތީ ސްޓޭޖްކަމުގައިވާ 03 ވަނަ ސްޓޭޖްގައި ފޯކްލިފްޓްގެ ދަތްގަނޑު ހުންނައިރު، 06 ޓަނު އުފުލުމުގެ ޤާބިލުކަން ލިބިފައިވާ ފޯކްލިފްޓަކަށް ވާންޖެހޭ ކަމަށް ސާފުކޮށް ބަޔާންކޮށްފައި ނުވާކަން އެގްރިމެންޓަށާއި ކޯޓޭޝަނަށް ބެލުމުން އެނގެން އޮތުމުގެ އިތުރުން މި ފޯކްލިފްޓަކީ އެ ފޯކްލިފްޓްގެ މާސްޓްގައި ހިމެނޭ 03 ސްޓޭޖުން ކުރެ އެންމެ މަތީ ސްޓޭޖްކަމުގައިވާ 03 ވަނަ ސްޓޭޖްގައި ފޯކްލިފްޓުގެ ދަތްގަނޑު ހުންނައިރު 06 ޓަނު އުފުލުމުގެ ޤާބިލުކަން ލިބިފައިވާ ފޯކްލިފްޓަކަށް ވާންޖެހޭނެ ކަމަށް އެގްރީމެންޓްގައިވެސް އަދި ކޯޓޭޝަންގައިވެސް ކަނޑައެޅިގެން ބަޔާންކޮށްފައި ނުވާނޭކަމަށް ސްޓެލްކޯގެ ފަރާތުންވެސް ބުނެފައިވާކަން މައްސަލައާ ގުޅިގެން ސްޓެލްކޯގެ ފަރާތުން ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކުންވެސް އެނގެން އޮންނައިރު، މި ފޯކްލިފްޓްގެ މާސްޓްގައި ހިމެނޭ ފުރަތަމަ ސްޓޭޖްގައި ފޯކްލިފްޓްގެ ދަތްގަނޑު ހުންނައިރު، 06 ޓަނުގެ ބުރަދަން މި ފޯކްލިފްޓުން އުފުލޭނެކަމާމެދު ސްޓެލްކޯގެ ފަރާތުންވެސް އިޢުތިރާޟުނުކުރާކަން މައްސަލައާ ގުޅިގެން ސްޓެލްކޯގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ބަޔާންތަކަށް ބެލުމުން އެނގެން އޮންނަ ކަމެވެ.

(ލ) ސާދަވަނަ ކަމަކީ، ސެންޓަރ އެންޓަރޕްރައިސަސް ގެ ފަރާތުން ސްޓެލްކޯއާ ޙަވާލުކޮށްފައިވާ ފޯކްލިފްޓްގެ އަރިމަތީގައި "60" މިފަދައިން ޖަހާފައިވުން މާނަކޮށްދެނީ 06 ޓަނު ކަމަށް ސްޓެލްކޯގެ ފަރާތުން މި މައްސަލައިގެ ޚަބީރެއްގެ ގޮތުގައި ހުށަހެޅި އަޙްމަދު ޝަރުނީޒު (ދަފްތަރު ނަންބަރު 6788) ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުވެދީފައިވާ ބަޔާނުގައި ބުނެފައިވާކަން އެނގެން އޮންނަ ކަމެވެ.

(ގ) ފަނަރަވަނަ ކަމަކީ، ޤާނޫނު ނަންބަރު 91/6 (މުދާވިއްކުމާބެހޭ ޤާނޫނު) ގެ 12 ވަނަ މާއްދާގައި ވިއްކާމީހާގެ ވާޖިބަކީ، ކޮންޓްރެކްޓްގެ ޝަރުޠުތަކާ އެއްގޮތްވާ ގޮތުގެމަތިން މުދާ ދިނުން ކަމަށާއި، އަދި ހަމަ މިގޮތަށް މުދާ ގަންނަމީހާގެ ވާޖިބަކީ ކޮންޓްރެކްޓްގެ ޝަރުޠުތަކާ އެއްގޮތްވާ ގޮތުގެމަތިން މުދާ ޤަބޫލުކުރުމާއި، އެއަށް އަގުދިނުން ކަމަށް ބަޔާންކޮށްފައިވާކަމާއި އަދި ހަމަ ބުނެވުނު ޤާނޫނުގެ 14 ވަނަ މާއްދާގެ (ބ) ގައި މުދަލެއްގައި ހުރި ޢައިބަކީ، ވިއްކާމީހާ ގަންނަމީހާއަށް ދިނުމުގެ ކުރިން އެ މުދަލުގައި ހުރި ޢައިބަކަށްވާނަމަ ގަންނަ މީހާއަށް އެ މުދަލެއް ޤަބޫލުނުކޮށް ދޫކޮށްލެވިދާނެ ކަމަށް ބަޔާންކޮށްފައިވާކަން އެނގެންއޮތް ނަމަވެސް އިސްވެ ބަޔާންކުރެވިދިޔަ އެންމެހައި ލިޔުންތަކުންނާއި ފާހަގަކުރެވިދިޔަ ކަންކަމުން ސެންޓަރ އެންޓަރޕްރައިސަސް ގެ ފަރާތުން ސްޓެލްކޯއާ ޙަވާލުކޮށްފައިވާ ފޯކްލިފްޓަކީ މި ދެފަރާތުގެ ދެމެދުގައި ފޯކްލިފްޓް ސަޕްލައިކުރުމާބެހޭގޮތުން ވެވިފައިވާ އިސްވެ ޙަވާލާދެވުނު އެގްރިމެންޓާއި އަދި އެގްރިމެންޓްގައި ޙަވާލާދެވިފައިވާ ކޯޓޭޝަންގައި ބަޔާންކުރެވިފައިވާ ކޮމަޓްސޫ ބްރޭންޑްގެ ނަންބަރު FD60-8 މޮޑެލްގެ 06 (ހައެއް) ޓަނުގެ ފޯކްލިފްޓެއްކަން ސާބިތުވާތީ އިސްވެ އިޝާރާތްކުރެވުނު ޤާނޫނުގެ 12 ވަނަ މާއްދާ މި މައްސަލައަށް ތަޠްބީޤުކުރާއިރު، މި މައްސަލައިގައި ހިމެނޭ ދެފަރާތުގެ ދެމެދުގައި ކުރެވިފައިވާ ބުނެވުނު އެގްރިމެންޓްގެ ދަށުން ވިއްކާފަރާތުގެ ޙައިޘިއްޔަތުން ސެންޓަރ އެންޓަރޕްރައިސަސް ގެ ފަރާތުން ސްޓެލްކޯއާ ޙަވާލުކުރަންޖެހޭ 06 ޓަނުގެ ފޯކްލިފްޓް ސްޓެލްކޯއާ ޙަވާލުކުރުމުގެ ޒިންމާ ސެންޓަރ އެންޓަރޕްރައިސަސް ގެ ފަރާތުން އަދާކޮށްފައި ނުވާކަމަށް ބެލެވޭނެ ތަނެއް ނެތް ކަމާއި އަދި ބުނެވުނު އެގްރީމެންޓްގެ ދަށުން ސެންޓަރ އެންޓަރޕްރައިސަސް އިން ސްޓެލްކޯއާ ޙަވާލުކުރި ފޯކްލިފްޓަކީ އެގްރީމެންޓާއި އަދި އެގްރިމެންޓްގައި ޙަވާލާދެވޭ ކޯޓޭޝަންގައި ބަޔާންކޮށްފައިވާ ސްޕެސިފިކޭޝަންތަކަށް ނުފެތޭ ފަދަ ޢައިބެއް އޭގައި ހުރި ފޯކްލިފްޓެއްކަންވެސް ސާބިތުނުވާތީ އެ ފޯކްލިފްޓްއަކީ، ބުނެވުނު ޤާނޫނުގެ 14 ވަނަ މާއްދާގެ (ބ) ގައި ބުނާފަދަ ޙާލަތެއް މެދުވެރިވެފައިވާ ފޯކްލިފްޓެއް ކަމަށްވެސް ބެލެވޭނެ ތަނެއް ނެތްކަން އެނގެން އޮންނަ ކަމެވެ.

(ޏ) ސޯޅަވަނަ ކަމަކީ، އިސްވެ ބަޔާންކުރެވި ދިޔަ އެންމެހައި ކަންކަމުގެ މައްޗަށް ނަޒަރުކޮށް ބެލުމުން ސެންޓަރ އެންޓަރޕްރައިސަސް އާއި ސްޓެލްކޯއާ ދެމެދު 31 މޭ 2010 ދުވަހު ކުރެވިފައިވާ އެގްރީމެންޓްގެ ދަށުން ސްޓެލްކޯއާ ޙަވާލުކޮށްފައިވާ ފޯކްލިފްޓަކީ 06 ޓަނުގެ ފޯކްލިފްޓެއްކަން އެނގެން އޮންނާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/78 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ކޮށްފައިވާ ޙުކުމެއްކަން އެނގެން އޮންނާތީ އެ ޙުކުމަށް ބަދަލުގެންނަންޖެހޭ ސަބަބެއް ނެތްކަން އެނގެން އޮންނަ ކަމެވެ.

ޙުކުމް:

އިސްވެދިޔަ ސަބަބުތަކާއި ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް ބެލުމުން، ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް އިން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އަށް 06 (ހައެއް) ޓަނުގެ ފޯކްލިފްޓްއެއް ސަޕްލައިކޮށްދިނުމާ ބެހޭގޮތުން މި ދެފަރާތުގެ ދެމެދުގައި 31 މޭ 2010 ވަނަ ދުވަހު ކުރެވިފައިވާ އެގްރިމެންޓްގެ ދަށުން ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް އިން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާ ޙަވާލުކޮށްފައިވާ ފޯކްލިފްޓަކީ އެ އެގްރިމެންޓާ އަދި އެ އެގްރިމެންޓްގައި ޙަވާލާދެވޭ ކޯޓޭޝަންގައިވާ ކޮމަޓްސޫ ބްރޭންޑްގެ ނަންބަރު FD60-8 މޮޑެލްގެ 06 (ހައެއް) ޓަނުގެ ފޯކްލިފްޓެއްކަން ޝަރީޢަތަށް ސާބިތުވާތީ ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާ ޙަވާލުކުރުމުގެ ސަބަބުން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ ޢިމާރާތުގެ ތެރެއަށް ވައްދާފައިވާ ފޯކްލިފްޓް އެ ޢިމާރާތުން ނެރުމަށް ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް ގެ މައްޗަށް އަންގައި އަމުރުކުރާނެ ތަނެއް ނެތްކަމަށް ކަނޑައެޅުމާއެކު،

ސިވިލް ކޯޓުގެ ނަންބަރު 788/Cv-C/2011 ޤަޟިއްޔާގައި އެ ކޯޓުން ކޮށްފައިވާ ޙުކުމް ބާޠިލުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/78 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ކޮށްފައިވާ ޙުކުމަކަށްވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/78 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ތާއީދުކޮށް ޙުކުމްކޮށްފީމެވެ.

ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ

ފަނޑިޔާރު ޢަބްދުﷲ ޢަރީފް

ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ