ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2015/SC-A/28ސުޕްރީމް ކޯޓު · 5 ސެޕްޓެމްބަރު 2016

—

ސުޕްރީމް ކޯޓު
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 5 ސެޕްޓެމްބަރު 2016ބާވަތް: ފައިސާ ހޯދުން

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ

ޤަޟިއްޔާ ނަންބަރު: 2015/SC-A/28

ދަޢުވާކުރާ ފަރާތް: ސްޓޭޓް ބޭންކް އޮފް އިންޑިޔާ

ދަޢުވާ ލިބޭ ފަރާތް: އަޙްމަދު ޙަމީދު

މައްސަލައިގެ ބާވަތް: ފައިސާ ހޯދުން

މައްސަލަ އައިގޮތް: އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

ހުށަހެޅުނު ތާރީޚް: 14 ސެޕްޓެންބަރ 2015

ރަޖިސްޓްރީ ކުރެވުނު ތާރީޚް: 30 ޑިސެންބަރ 2015

ނިމުނު ތާރީޚް: 05 ސެޕްޓެންބަރ 2016

މައްސަލަ ނިންމި ގަޑި: 12:43

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ

އިލްތިމާސް ކުރެވުނު ޤަޟިއްޔާ

ނަންބަރު: 2014/HC-A/219

ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު

ހުށަހެޅުނު ތާރީޚް: 13 އޮގަސްޓް 2014

ނިމުނު ތާރީޚް: 15 ޖޫން 2015

މައްސަލައިގެ ޚުލާޞާ

މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/219 ޤަޟިއްޔާ، އެ ކޯޓުން ބަލައި ނިންމާފައިވަނީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލުކޮށްދިނުމަށް އެދި، ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި ދަޢުވާ ރައްދުވާ ފަރާތަކީ މއ. ހިއުސްޓަން، އަޙްމަދު ޙަމީދު އެވެ.

ބުނެވިދިޔަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/219 ޤަޟިއްޔާއަކީ، ސިވިލް ކޯޓުގެ ނަންބަރު 356/Cv-C/2013 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، މއ. ހިއުސްޓަން، އަޙްމަދު ޙަމީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލައި ނިންމާފައިވާ ޤަޟިއްޔާއެކެވެ. އަދި ބުނެވިދިޔަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/219 ޤަޟިއްޔާގައި ދަޢުވާ ރައްދުވާ ފަރާތަކީ ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލެ ބްރާންޗް) އެވެ.

ފާހަގަކުރެވުނު ނުކުތާތައް

މި މައްސަލައިގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި، ޤާނޫނުތަކަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/219 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، ސިވިލް ކޯޓުގެ ނަންބަރު 356/Cv-C/2013 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، ދަޢުވާކުރާ ފަރާތުންނާއި، ދަޢުވާ ލިބޭ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި ލިޔުންތަކަށާއި ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި އަދި މި ބާވަތުގެ މައްސަލަތަކާ ގުޅޭ ޢާންމު ޤާނޫނީ މަބްދައުތަކުގެ މައްޗަށް ޝަރްޢީ އަދި ޤާނޫނީ ނަޒަރަކުން ބަލައި ވިސްނިއިރު، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައި ވެއެވެ.

ސިވިލް ކޯޓުގެ ނަންބަރު 356/Cv-C/2013 ޤަޟިއްޔާއަކީ، ސްޓޭޓް ބޭންކް އޮފް އިންޑިޔާ އާއި މއ. ހިއުސްޓަން އަޙްމަދު ޙަމީދުއާ ދެމެދު 08 އެޕްރީލް 1979 ވަނަ ދުވަހު ވެފައިވާ ނަންބަރު 130/MD/79 (MD/C.25/79) އެއްބަސްވުމުގެ ދަށުން ސްޓޭޓް ބޭންކް އޮފް އިންޑިޔާގައި މއ. ހިއުސްޓަން އެވެކިޔާ ގޯއްޗާއި އެތަނުގައި ހުރި ޢިމާރާތާއި، ޗާންދަނީމަގު 20 ނަންބަރު ފިހާރަ އާއި އެތަނުގައި ހުރި ޢިމާރާތާއި، މ. ފީރޯޒް ސްޓޯރު ފިހާރަ އާއި އެތަނުގައި ހުރި ޢިމާރާތާއި، ހުސޭނީ ގޯޅި 6 ނަންބަރު ފިހާރަ އާއި އެތަނުގައި ހުރި ޢިމާރާތާއި، މ. ކުރިނިބީލޮޖް އެވެކިޔާ ގޯއްޗާއި އެތަނުގައި ހުރި ޢިމާރާތް ރަހުނުކޮށް، ދަޢުވާ ލިބޭ ފަރާތަށް US$35,000.00 (ތިރީސް ފަސްހާސް ޔޫ.އެސް ޑޮލަރު) ގެ ލޯނެއް ދޫކޮށްފައިވާއިރު، އެއްބަސްވެފައިވާ ގޮތަށް އެ ފައިސާ ނުދައްކައިގެން ހުށަހެޅުމުން ފައިސާ ދެއްކުމަށް އަންގައި، ސިވިލް ކޯޓުގެ ނަންބަރު 982/Cv-C/2010 ޤަޟިއްޔާއިން ޙުކުމް ކޮށްފައިވާތީ، މި މުޢާމަލާތާ ގުޅިގެން ދައްކަންޖެހޭ އެންމެހާ ފައިސާ ދައްކައި ނިމެންދެން ރަހުނުގެ އެއްބަސްވުން ދެމި އޮންނާނެކަމަށް ކަނޑައަޅައިދިނުމަށް އެދި ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލޭ ބްރާންޗް) އިން ހުށަހެޅުމުން އެ ކޯޓުން ބަލައި ނިންމާފައިވާ ޤަޟިއްޔާއެއްކަން އެނގެން އޮންނައިރު،

އެ ޤަޟިއްޔާގައި ދަޢުވާކުރާ ފަރާތުގެ ދަޢުވާގައި ބަޔާންކޮށްފައިވާ ތަންތަނާއި ޢިމާރާތްތަކުގެ ތެރެއިން މ. ކުރިނިބީލޮޖް އެވެކިޔާ ގޯއްޗާއި އެތަނުގައި ހުރި ޢިމާރާތްތައް ފިޔަވައި އެހެނިހެން ތަންތަނާއި، ޢިމާރާތްތަކަކީ ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލޭ ބްރާންޗް) ގައި ރަހުނުކޮށްފައިވާ ތަންތަންކަން ހުށަހެޅިފައިވާ ލިޔުންތަކުންނާއި ދެފަރާތުގެ ބަހުން އެނގެން އޮންނާތީ، ދަޢުވާކުރާ ފަރާތުން ދަޢުވާ ލިބޭ ފަރާތަށް US$35,000.00 (ތިރީސް ފަސްހާސް ޔޫ.އެސް ޑޮލަރު) ގެ ލޯނެއް ދޫކުރުމަށް ދެ ފަރާތް ދެމެދު 08 އެޕްރީލް 1979 ވަނަ ދުވަހު ވެފައިވާ ނަންބަރު 130/MD/79 (MD/C.25/79) އެއްބަސްވުމުގެ ދަށުން މއ. ހިއުސްޓަން އެވެކިޔާ ގޯއްޗާއި އެތަނުގައި ހުރި ޢިމާރާތާއި، ޗާންދަނީމަގު 20 ނަންބަރު ފިހާރަ އާއި އެތަނުގައި ހުރި ޢިމާރާތާއި، މ. ފީރޯޒް ސްޓޯރު ފިހާރަ އާއި އެތަނުގައި ހުރި ޢިމާރާތާއި، ހުސޭނީ ގޯޅި 6 ނަންބަރު ފިހާރަ އާއި އެތަނުގައި ހުރި ޢިމާރާތް ދަޢުވާކުރާ ފަރާތުގައި ރަހުނުކުރެވިފައިވާކަން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައެޅުމާއެކު، މ. ކުރިނިބީލޮޖް އެވެކިޔާ ގޯއްޗާއި އެތަނުގައި ހުރި ޢިމާރާތްތައް މި ދަޢުވާގައި ބުނެފައިވާ ލޯނުގެ މުޢާމަލާތާ ގުޅިގެން ދަޢުވާ ލިބޭ ފަރާތުން ދަޢުވާކުރާ ފަރާތުގައި ރަހުނުކޮށްފައިވާކަން ޝަރީޢަތަށް ސާބިތުނުވާކަމަށް ކަނޑައަޅައި އިޝާރާތްކުރެވުނު ސިވިލް ކޯޓުގެ ނަންބަރު 356/Cv-C/2013 ޤަޟިއްޔާގައި ޙުކުމްކޮށްފައިވާކަން އެނގެން އޮވެއެވެ.

ސިވިލް ކޯޓުގެ އިސްވެ ޙަވާލާދެވުނު ނަންބަރު 356/Cv-C/2013 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޝަރްޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާ ގޮތަށް ނޫންކަމަށް ބުނެ، ޙަމީދުގެ ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި، ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލައި ނިންމާފައިވާ އެ ކޯޓުގެ ނަންބަރު 2014/HC-A/219 ޤަޟިއްޔާއިން ސިވިލް ކޯޓުގެ ނަންބަރު 356/Cv-C/2013 ޤަޟިއްޔާގައި އެ ކޯޓުން ކޮށްފައިވާ ޙުކުމުގައި ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލެ ބްރާންޗް) އާއި އަޙްމަދު ޙަމީދުއާ ދެމެދު 08 އެޕްރީލް 1979 ވަނަ ދުވަހު ސޮއިކުރެވި، މިނިސްޓްރީ އޮފް ޖަސްޓިސްގެ މަރކަންޓައިލް ޑިވިޝަނުގެ ނަންބަރު 130/MD/79 ޤަޟިއްޔާއިން 03 މޭ 1979 ވަނަ ތާރީޚުގައި ރަޖިސްޓްރީކުރެވިފައިވާ ނަންބަރު MD/C.25/79 އެއްބަސްވުމުގެ ދަށުން ޢަޙްމަދު ޙަމީދަށް ދޫކުރެވުނު ފެސިލިޓީތަކާ ގުޅިގެން އަޙްމަދު ޙަމީދު އެ ބޭންކަށް ފައިސާ ދައްކަންޖެހި ނުދައްކައިވާކަން ޝަރީޢަތަށް ސާބިތުވާކަމަށް ސިވިލް ކޯޓުގެ ނަންބަރު 982/Cv-C/2010 (1962/MC/2010) ޤަޟިއްޔާގައި ކަނޑައަޅާފައިވާތީ، އެ އެއްބަސްވުމުގެ ދަށުން އަޙްމަދު ޙަމީދު އެ ބޭންކަށް ދައްކަންޖެހޭ ފައިސާ ދައްކައި ޚަލާޞްކުރަންދެން ރަހުނު އެއްބަސްވުން ދެމިގެންދާނެކަމަށް ބަލައިފައިވާއިރު، ސިވިލް ކޯޓުގެ ނަންބަރު 982/Cv-C/2010 (1962/MC/2010) ޤަޟިއްޔާގެ އިސްތިއުނާފު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/87 ޤަޟިއްޔާއިން ބަލައި، ނަންބަރު MD/C.25/79 އެއްބަސްވުމުގެ ދަށުން އަޙްމަދު ޙަމީދު ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލޭ ބްރާންޗް) އަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 86/HC-A/22 ޤަޟިއްޔާގެ ޙުކުމާ އެއްގޮތަށް ދައްކާ ޚަލާސްކޮށްފައިވާކަން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި، ސިވިލް ކޯޓުގެ ނަންބަރު 982/Cv-C/2010 (1962/MC/2010) ޤަޟިއްޔާގެ ޙުކުމުގެ އެބައި ބާޠިލް ކޮށްފައިވާތީ އާއި، އެ ބޭންކުން ޙަވާލާދީފައިވާ ރަހުނު އެއްބަސްވުންވެސް ނިމުމަކަށް އައިސްފައިވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/87 ޤަޟިއްޔާގައި ކަނޑައަޅާފައިވާއިރު، ބަޔާންކުރެވުނު އެއްބަސްވުން ވުޖޫދުގައިވާކަމަށް ބަލައި ސިވިލް ކޯޓުގެ ނަންބަރު 356/Cv-C/2013 ޤަޟިއްޔާގައި ނިންމާފައިވާ ނިންމުން ބާޠިލުކަމަށް ކަނޑައަޅައި، އެ އެއްބަސްވުމުގެ ދަށުން އަޙްމަދު ޙަމީދު ރަހުނުގެ ގޮތުގައި ބަހައްޓާފައިވާ މއ. ހިއުސްޓަން އެވެކިޔާ ގޯއްޗާއި އެތަނުގައި ހުރި ޢިމާރާތާއި، ޗާންދަނީމަގު 20 ނަންބަރު ފިހާރަ އާއި އެތަނުގައި ހުރި ޢިމާރާތާއި، މ. ފީރޯޒް ސްޓޯރު ފިހާރަ އާއި އެތަނުގައި ހުރި ޢިމާރާތާއި، ހުސޭނީ ގޯޅި 6 ނަންބަރު ފިހާރަ އާއި އެތަނުގައި ހުރި ޢިމާރާތްތަކުގެ ރަޖިސްޓްރީ އަޙްމަދު ޙަމީދަށް ނުދީ ހިފެހެއްޓުމުގެ ޙައްޤު ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލޭ ބްރާންޗް) އަށް ލިބިގެން ނުވާކަމަށް ކަނޑައަޅައި، އަދި އެ އެއްބަސްވުމުގެ ދަށުން ރަހުނު ކުރެވިފައިވާ ތަންތަނުގެ ތެރޭގައި މ. ކުރިނބީލޮޖް ހިމެނިފައި ނުވާކަމަށް ސިވިލް ކޯޓުގެ ނަންބަރު 356/Cv-C/2013 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ތާއީދު ކުރުމާއެކު، އެ ޙުކުމުގެ ދެންހުރި ބައިތައް ބާޠިލްކަމަށް ކަނޑައަޅައި، ބުނެވިދިޔަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/219 ޤަޟިއްޔާގައި ޙުކުމް ކޮށްފައިވާކަން އެނގެން އޮވެއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ބުނެވިދިޔަ ނަންބަރު 2014/HC-A/219 ޤަޟިއްޔާގެ ޙުކުމް ބިނާވެގެންވަނީ ޝަރީޢަތް ނުވަތަ ޤާނޫނާ ޚިލާފުވާ ގޮތަށްކަމަށް ބުނެ މި މައްސަލަ އިލްތިމާސްކުރާ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ހުށަހަޅާފައިވާ މައިގަނޑު ސަބަބަކީ؛ އަޙްމަދު ޙަމީދު ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލެ ބްރާންޗް) އަށް ދައްކަންޖެހޭ US$17420.00 (ސަތާރަހާސް ހަތަރުސަތޭކަ ވިހި އެމެރިކާ ޑޮލަރު) ދައްކާފައިނުވާކަން ސާބިތުވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 87/HC-A/2013 ޤަޟިއްޔާއިން ކަނޑައަޅާފައިވާއިރު، އަދި އެ ފައިސާއަކީ އަޙްމަދު ޙަމީދުއަށް ބޭންކުން ދޫކޮށްފައިވާ ލޯނު ފެސިލިޓީއެއްގެ ދަށުން ދޫކޮށްފައިވާ ފައިސާއެއްކަން އެނގޭއިރު، އެ ލޯނު ފެސިލިޓީ އާއި އެ ލޯނު ފެސިލިޓީއާ ގުޅޭ ރަހުނު އެއްބަސްވުން، ލޯނުގެ ފައިސާ ދައްކައި ޚަލާސްވުމުގެ ކުރިން ނިމުމަކަށް އައިސްފައިވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙަވާލާދެވުނު ނަންބަރު 2014/HC-A/219 ޤަޟިއްޔާގައި ޙުކުމް ކޮށްފައިވުން ކަމަށް ބުނެ ހުށަހެޅި ސަބަބުކަން އެނގެން އޮންނައިރު، އެ ސަބަބުގެ މައްޗަށް، ދަޢުވާކުރާ ފަރާތުންނާއި، ދަޢުވާ ލިބޭ ފަރާތުން ދައްކާފައިވާ ވާހަކަތަކާއި، ހުށަހެޅިފައިވާ އެންމެހައި ލިޔުންތަކުގެ އަލީގައި، ބަލައި ނަޒަރުކުރިއިރު އަންނަނިވި ކަންތައް ފާހަގަކުރެވެއެވެ.

ހ) ފުރަތަމަ ކަމަކީ، ސްޓޭޓޭ ބޭންކް އޮފް އިންޑިޔާ (މާލޭ ބްރާނޗް) އާއި އަޙްމަދު ޙަމީދުއާ ދެމެދު 08 އެޕްރީލް 1979 ވަނަ ދުވަހު ސޮއިކުރެވި، 03 މޭ 1979 ވަނަ ދުވަހު މިނިސްޓްރީ އޮފް ޖަސްޓިސްގެ މަރކަންޓައިލް ޑިވިޝަނުގައި ރަޖިސްޓްރީ ކުރެވިފައިވާ ނަންބަރު 79/C.25/MD އެއްބަސްވުމަށް ބަލާއިރު، ސާރވިސް ޗާރޖާއެކު US$35,000.00 (ތިރީސް ފަސްހާސް އެމެރިކާ ޑޮލަރ) އަށްވުރެ މަތިނުވާ ގޮތުގެމަތިން އަޙްމަދު ޙަމީދަށް ލޯނާއި، އެލް.ސީ އާއި، އޯވަރ ޑްރާފްޓް ފަދަ ފެސިލިޓީތައް ދޫކުރުމަށް ބޭންކުން އެއްބަސްވެފައިވާކަމާ، އަދި ބުނެވިދިޔަ އެއްބަސްވުމުގެ ދަށުން މއ. ހިއުސްޓަން އެވެކިޔާ ގޯއްޗާއި އެތަނުގައި ހުރި ޢިމާރާތާއި، ޗާންދަނީމަގު 20 ނަންބަރު ފިހާރަ އާއި އެތަނުގައި ހުރި ޢިމާރާތާއި، މ. ފީރޯޒް ސްޓޯރު ފިހާރަ އާއި އެތަނުގައި ހުރި ޢިމާރާތާއި، ހުސޭނީ ގޯޅި 6 ނަންބަރު ފިހާރަ އާއި އެތަނުގައި ހުރި ޢިމާރާތާއި މިތަންތަން ލޯނު ނަގާފަރާތުން ބޭންކުގައި ރަހްނުކޮށްފައިވާކަން ބުނެވިދިޔަ އެއްބަސްވުމުގެ މާއްދާތަކުންނާއި، ހުށަހެޅިފައިވާ ލިޔުންތަކުންނާއި، ދެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނަކަމެވެ.

ށ) ދެވަނަ ކަމަކީ، ސްޓޭޓް ބޭންކް އޮފް އިންޑިޔާ އާއި އަޙްމަދު ޙަމީދުއާ ދެމެދު ވެފައިވާ ބަޔާންވެދިޔަ އެއްބަސްވުމުގެ ދަށުން އަޙްމަދު ޙަމީދުއަށް ދޫކޮށްފައިވާ ލޯނުގެ މުޢާމަލާތާ ގުޅިގެން އަޙްމަދު ޙަމީދު ބޭންކަށް ދައްކަންޖެހޭ އެންމެހައި ފައިސާ ދައްކައި ނިމެންދެން އެ ދެ ފަރާތުގެ މެދުގައިވެފައިވާ ރަހުނުގެ އެއްބަސްވުން ދެމިއޮންނާނެކަމަށް ކަނޑައަޅައިދިނުމަށް އެދި، ސިވިލް ކޯޓުގެ ނަންބަރު356/Cv-C/2013 ޤަޟިއްޔާގައި، ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ ފަރާތުން ކޮށްފައިވާ އިސްވެ ބަޔާންވެދިޔަ ދަޢުވާ ބިނާކޮށްފައިވާ މައިގަނޑު އަސާސަކީ، ޙަވާލާދެވުނު އެއްބަސްވުމުގެ ދަށުން އަޙްމަދު ޙަމީދު ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލޭ ބްރާންޗް) އަށް ފައިސާ ދައްކަންޖެހި ނުދައްކައި ވާކަމަށް ސިވިލް ކޯޓުގެ ނަންބަރު 982/Cv-C/2010 ޤަޟިއްޔާގައި ޙުކުމްކޮށްފައިވުންކަން އެނގެން އޮންނައިރު، ބުނެވިދިޔަ އެއްބަސްވުމުގެ ދަށުން އަޙްމަދު ޙަމީދުއަށް ބޭންކުން ދޫކޮށްފައިވާ ލޯނާ ގުޅިގެން އަޙްމަދު ޙަމީދު ބޭންކަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް އެއްބަސްވެފައިވާ ގޮތަށް ދައްކައިފައި ނުވުމުގެ ސަބަބުން 10 އެޕްރީލް 2011 ގެ ނިޔަލަށް US$1,678,020.28 (އެއް މިލިއަން ހަލައްކަ ހަތްދިހަ އަށްހާސް ވިހި އެމެރިކާ ޑޮލަރ، އަށާވީސް ސެންޓް) ދައްކަންޖެހި ނުދެއްކިވާކަން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި، އިޝާރާތްކުރެވުނު ސިވިލް ކޯޓުގެ ނަންބަރު 982/Cv-C/2010 ޤަޟިއްޔާގައި ޙުކުމްކޮށްފައިވާކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮންނަކަމެވެ.

ނ) ތިންވަނަ ކަމަކީ، ޙަވާލާދެވުނު ސިވިލް ކޯޓުގެ ނަންބަރު 982/Cv-C/2010 ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރެވިފައިވާ ކަމާއި، އެ އިސްތިއުނާފީ ދަޢުވާ ބަލައި ނިންމާފައިވާ އެ ކޯޓުގެ ނަންބަރު 2013/HC-A/87 ޤަޟިއްޔާގެ ޙުކުމަށް ބަލާއިރު، ޙަވާލާދެވުނު ނަންބަރު 79/C.25/MD އެއްބަސްވުމުގެ ދަށުން އަޙްމަދު ޙަމީދުއަށް ސްޓޭޓް ބޭންކް އޮފް އިންޑިޔާއިން ދޫކޮށްފައިވާ ލޯނާ ގުޅިގެން އަޙްމަދު ޙަމީދު ދައްކަންޖެހޭ ހުރިހާ ފައިސާއެއް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 22/HC-A/86 ޤަޟިއްޔާގެ ޙުކުމާ އެއްގޮތަށް ދައްކައި ޚަލާޞް ކޮށްފައިވާކަން ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ އިޢުތިރާފުން ޝަރީޢަތަށް ސާބިތުވާތީ، ބުނެވުނު އެއްބަސްވުމުގެ ދަށުން އަޙްމަދު ޙަމީދުގެ މައްޗަށް އަދާކުރުން ލާޒިމްވެގެންވާ އިލްތިޒާމްތައް އަދާކޮށްނިމި، އެ އެއްބަސްވުން އެހިނދުން ފެށިގެން ނިމުމަކަށް އައިސްފައިވާކަމަށް ކަނޑައަޅައި، ބަޔާންވެދިޔަ އެއްބަސްވުމުގެ ދަށުން އަޙްމަދު ޙަމީދު 10 އެޕްރީލް 2011 ގެ ނިޔަލަށް US$1,678,020.28 (އެއް މިލިއަން ހަލައްކަ ހަތްދިހަ އަށްހާސް ވިހި އެމރިކާ ޑޮލަރ، އަށާވީސް ސެންޓް) ދައްކަންޖެހި ނުދެއްކިވާކަމަށް ސިވިލް ކޯޓުގެ ނަންބަރު 982/Cv-C/2010 ޤަޟިއްޔާގައި ކަނޑައަޅައިފައިވާ ކަނޑައެޅުން ބާޠިލުކޮށް ޙަވާލާދެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/87 ޤަޟިއްޔާގައި ޙުކުމްކޮށްފައިވާކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮންނަ އޮތުމެވެ.

ރ) ހަތަރުވަނަ ކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙަވާލާދެވުނު ނަންބަރު 2013/HC-A/87 ޤަޟިއްޔާގެ ޙުކުމުގައި، ބަޔާންވެދިޔަ ނަންބަރު 79/C.25/MD އެއްބަސްވުމުގެ ދަށުން އަޙްމަދު ޙަމީދުއަށް ސްޓޭޓް ބޭންކް އޮފް އިންޑިޔާއިން ދޫކޮށްފައިވާ ލޯނާ ގުޅިގެން އަޙްމަދު ޙަމީދު ދައްކަންޖެހޭ ހުރިހާ ފައިސާއެއް ދައްކައި ޚަލާޞް ކޮށްފައިވާކަން ޝަރީޢަތަށް ސާބިތުވާތީ ބުނެވުނު އެއްބަސްވުމުގެ ދަށުން އަޙްމަދު ޙަމީދުގެ މައްޗަށް އަދާކުރުން ލާޒިމްވެގެންވާ އިލްތިޒާމްތައް އަދާކޮށްނިމި، އެ އެއްބަސްވުން އެހިނދުން ފެށިގެން ނިމުމަކަށް އައިސްފައިވާކަމަށް ކަނޑައަޅައި، ބުނެވުނު އެއްބަސްވުމުގެ ދަށުން އަޙްމަދު ޙަމީދު 10 އެޕްރީލް 2011 ގެ ނިޔަލަށް US$1,678,020.28 (އެއް މިލިއަން ހަލައްކަ ހަތްދިހަ އަށްހާސް ވިހި އެމރިކާ ޑޮލަރ، އަށާވީސް ސެންޓް) ދައްކަންޖެހި ނުދެއްކިވާކަމަށް ސިވިލް ކޯޓުގެ ނަންބަރު 982/Cv-C/2010 ޤަޟިއްޔާގައި ކަނޑައަޅައިފައިވާ ކަނޑައެޅުން ބާޠިލުކޮށްފައިވާ ބައި، ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކޮށްފައި ނުވާކަން އެނގެން އޮންނައިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/87 ޤަޟިއްޔާގެ ޙުކުމުގެ ބަޔާންވެދިޔަ ބައިގައި ކަނޑައަޅާފައިވާ ކަނޑައެޅުމަކީ މިހާރު ފައިޞަލާކުރަނިވި ބާރު (res judicata) ލިބިފައިވާ ނިހާއީ ކަނޑައެޅުމެއްކަން އެނގެން އޮންނަކަމެވެ.

ބ) ފަސްވަނަ ކަމަކީ، ބުނެވިދިޔަ ސިވިލް ކޯޓުގެ ނަންބަރު 982/Cv-C/2010 ޤަޟިއްޔާގެ ޙުކުމުގައި، ޙަވާލާދެވުނު ނަންބަރު MD/C.25/79 އެއްބަސްވުމުގެ ދަށުން ދޫކުރެވިފައިވާ ފެސިލިޓީތަކާ ގުޅިގެން އަޙްމަދު ޙަމީދު ބޭންކަށް ދައްކަންޖެހި ނުދައްކައިވާ ފައިސާ ހުރިކަމަށް ކަނޑައަޅާފައިވާ ބައި ބާޠިލުކަމަށް ކަނޑައަޅައި، އެ އެއްބަސްވުމުގެ ދަށުން އަޙްމަދު ޙަމީދު ބޭންކަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް ދައްކައި ޚަލާސްކޮށްފައިވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/87 ޤަޟިއްޔާއިން ކަނޑައަޅައިފައި އޮންނަ އޮތުމަށް އިސްވެ ބަޔާންވެދިޔަ ގޮތުގެމަތިން ފައިޞަލާކުރަނިވި ބާރުލިބިފައިވުމުން، ސްޓޭޓް ބޭންކް އޮފް އިންޑިޔާ އާއި އަޙްމަދު ޙަމީދުއާ ދެމެދު ވެފައިވާ ރަހުނު އެއްބަސްވުން ދެމިއޮންނާނެކަމަށް ކަނޑައަޅައި ދިނުމަށް އެދި ސިވިލް ކޯޓުގެ ނަންބަރު 982/Cv-C/2010 ޤަޟިއްޔާގެ ޙުކުމާ ޙަވާލާދީ، ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ ފަރާތުން ސިވިލް ކޯޓުގެ ބުނެވިދިޔަ ނަންބަރު 356/Cv-C/2013 ޤަޟިއްޔާގައި ކޮށްފައިވާ ދަޢުވާ ބިނާކޮށްފައިވާ ޤާނޫނީ ވާޤިޢާއަކީ މިހާރު ނަޤްޟު ކުރެވިފައިވާ ވާޤިޢާއެއްކަން އެނގެން އޮންނައިރު، ސިވިލް ކޯޓުގެ އެ ޤަޟިއްޔާ އިސްތިއުނާފު ކުރެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/219 ޤަޟިއްޔާގެ ޙުކުމް ބިނާވެގެންވަނީ ޝަރީޢަތް ނުވަތަ ޤާނޫނާ ޚިލާފުވާ ގޮތަށްކަމަށް ބުނެ މި މައްސަލަ އިލްތިމާސްކުރާ ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައިގަނޑު ސަބަބު ބިނާވެގެންވާ ވާޤިޢާ ކަމުގައިވާ، އަޙްމަދު ޙަމީދު ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލެ ބްރާންޗް) އަށް ދައްކަންޖެހޭ US$17420.00 (ސަތާރަހާސް ހަތަރުސަތޭކަ ވިހި އެމެރިކާ ޑޮލަރު) ދައްކާފައިނުވާކަން ސާބިތުވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 87/HC-A/2013 ޤަޟިއްޔާއިން ކަނޑައަޅާފައިވުން؛ މި ވާޤިޢާއަކީ ޙަޤީޤަތުގައި ޙަވާލާދެވުނު ސިވިލް ކޯޓުގެ ނަންބަރު 356/Cv-C/2013 ޤަޟިއްޔާ އާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/219 ޤަޟިއްޔާއަށް އެއްވެސް ސިފައެއްގައި ހުށަހެޅި ބެލިފައިވާ ވާޤިޢާއެއް ނޫންކަމާ، އަދި އެއީ އެ ދެ ޤަޟިއްޔާގެ ޙުކުމަށް ވާޞިލުވުމުގައި ރިޢާޔަތްކުރެވިފައިވާ ވާޤިޢާއެއްވެސް ނޫންކަމާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ބުނެވިދިޔަ ނަންބަރު 87/HC-A/2013 ޤަޟިއްޔާއާ ޙަވާލާދީ މި މައްސަލަ އިލްތިމާސްކުރާ ފަރާތުން ދަޢުވާ ބިނާކޮށްފައިވާ ބަޔާންވެދިޔަ ވާޤިޢާގެ މައްޗަށް ބަލާއިރު، މއ. ހިއުސްޓަން އަޙްމަދު ޙަމީދު ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލޭ ބްރާންޗް) އަށް މިހާރު ދައްކަން ޖެހިފައިވާ ފައިސާއަކީ އެ ބޭންކުން ޢާންމުކޮށް ޢަމަލުކުރަމުން އައިސްފައިވާ އިޖްރާއާތާއި އުޞޫލާ ޚިލާފަށް ދެ ފަރާތުގެ ދެމެދުގައި ސޮއިކުރެވިފައިވާ އެއްބަސްވުމެއް ނެތި، އަޙްމަދު ޙަމީދުއަށް ބޭންކުން ދޫކޮށްފައިވާ US$25000.00 (ފަންސަވީސް ހާސް އެމެރިކާ ޑޮލަރު) ގެ ތެރެއިން ދައްކާފައިވާކަން އެނގެން ނެތް US$17420.00 (ސަތާރަހާސް ހަތަރުސަތޭކަ ވިހި އެމެރިކާ ޑޮލަރު) އެކަނިކަން ޝަރީޢަތަށް ޘާބިތުވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ބުނެވިދިޔަ ނަންބަރު 87/HC-A/2013 ޤަޟިއްޔާގައި ކަނޑައަޅައިފައިވާއިރު، އަޙްމަދު ޙަމީދުއަށް ބޭންކުން ދޫކޮށްފައިވާކަމަށް އެ ޤަޟިއްޔާގައި ކަނޑައަޅާފައިވާ US$25000.00 (ފަންސަވީސް ހާސް އެމެރިކާ ޑޮލަރު) އަކީ މި މައްސަލައިގައި ޙަވާލާދެވޭ ނަންބަރު MD/C.25/79 އެއްބަސްވުމުގެ ދަށުން ދޫކުރެވިފައިވާ ފައިސާއެއް ނޫންކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން ސާފުކޮށް އެނގެން އޮތުމުގެ އިތުރުން، ސިވިލް ކޯޓުގެ ނަންބަރު 982/Cv-C/2010 ޤަޟިއްޔާގައި ހުށަހެޅިފައި ނުވާ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ބުނެވިދިޔަ ނަންބަރު 87/HC-A/2013 ޤަޟިއްޔާއިން ފުރަތަމަ ފަހަރަށް މައުޟޫޢީގޮތުން ބަލައި ނިންމާފައިވާ ބަޔާންވެދިޔަ US$25000.00 (ފަންސަވީސް ހާސް އެމެރިކާ ޑޮލަރު) ގެ މައްސަލައިގައި ކޮށްފައިވާ ޙުކުމަކީ ކަނޑައެޅިފައިވާ ޤާނޫނީ އަދި އިޖްރާއީ އުޞޫލުތަކާ ޚިލާފަށް ކޮށްފައިވާ ޙުކުމަކަށްވާތީ، އެ ޤަޟިއްޔާގައި US$25000.00 (ފަންސަވީސް ހާސް އެމެރިކާ ޑޮލަރު) އާ ބެހޭގޮތުން ކޮށްފައިވާ ޙުކުމާބެހޭ ބައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-A/27 ޤަޟިއްޔާއިން ބާޠިލުކޮށްފައިވާކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮންނަކަމާ؛ އެހެންކަމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ބުނެވިދިޔަ ނަންބަރު 2014/HC-A/219 ޤަޟިއްޔާގެ ޙުކުމް ބިނާވެގެންވަނީ ޝަރްޢީ އަދި ޤާނޫނީ އުޞޫލާ ޚިލާފުވާ ގޮތަށްކަމަށް ބުނެ މި މައްސަލަ އިލްތިމާސްކުރާ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ބަޔާންވެދިޔަ ސަބަބަކީ ޞައްޙަ އަސާސްތަކެއްގެ މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ ސަބެއް ނޫންކަން އެނގެން އޮންނަކަމެވެ.

ދަރަންޏެއްގެ "ޟަމާން" އެއް ނުވަތަ "ސެކިއުރިޓީ" އެއްގެ ގޮތުގައި ބެހެއްޓޭ ރަހުނަކީ އަބަދުވެސް އެ ދަރަންޏެއްގެ ވުޖޫދާ ގުޅިފައިވާ އެއްޗެއްކަމާ، އެހެންކަމުން ދަރަނި ނަގާ ފަރާތުން އަދާކުރަންޖެހޭ އިލްތިޒާމްތައް އަދާކޮށް ނިމުމުން، އެ ދަރަނީގެ ސެކިއުރިޓީއެއްގެ ގޮތުގައި ރަހުނުކުރެވުނު މުދަލާއި ތަންތަން ހިފެހެއްޓުމުގެ ޙައްޤު ދަރަނި ދޫކުރިފަރާތަށް ލިބިގެން ނުވާކަން ތަފާތު ޖުރިސްޑިކްޝަންތަކުގައި އިސްތިޤްރާރުވެފައިވާ ރަހުނާބެހޭ އަޙްކާމްތަކަށް ބެލުމުން އެނގެން އޮންނައިރު، މި މައްސަލައިގައި ޙަވާލާދެވިފައިވާ ނަންބަރު 79/C.25/MD އެއްބަސްވުމުގެ ދަށުން އަޙްމަދު ޙަމީދުއަށް ސްޓޭޓް ބޭންކް އޮފް އިންޑިޔާއިން ދޫކޮށްފައިވާ ލޯނާ ގުޅިގެން އަޙްމަދު ޙަމީދު ދައްކަންޖެހޭ ހުރިހާ ފައިސާއެއް ދައްކައި ޚަލާޞް ކޮށްފައިވާކަން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައެޅުމާއެކު، ބުނެވުނު އެއްބަސްވުމުގެ ދަށުން އަޙްމަދު ޙަމީދުގެ މައްޗަށް އަދާކުރުން ލާޒިމްވެގެންވާ އިލްތިޒާމްތައް އަދާކޮށް ނިމި، އެ އެއްބަސްވުން އެހިނދުން ފެށިގެން ނިމުމަކަށް އައިސްފައިވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/87 ޤަޟިއްޔާއިން ކަނޑައަޅާފައިވާއިރު، އަދި އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމުގެ އެ ބަޔަކީ މިހާރު ފައިޞަލާ ކުރަނިވި ބާރު ލިބިފައިވާ ނިހާއީ ޙުކުމެއްކަން އެނގެން އޮންނައިރު، ބުނެވިދިޔަ އެއްބަސްވުމުގެ ދަށުން ސްޓޭޓް ބޭންކް އޮފް އިންޑިޔާގައި އަޙްމަދު ޙަމީދުގެ ފަރާތުން ރަހުނުކޮށްފައިވާ މއ. ހިއުސްޓަން އެވެކިޔާ ގޯއްޗާއި އެތަނުގައި ހުރި ޢިމާރާތާއި، ޗާންދަނީމަގު 20 ނަންބަރު ފިހާރަ އާއި އެތަނުގައި ހުރި ޢިމާރާތާއި، މ. ފީރޯޒް ސްޓޯރު ފިހާރަ އާއި އެތަނުގައި ހުރި ޢިމާރާތާއި، ހުސޭނީ ގޯޅި 6 ނަންބަރު ފިހާރަ އާއި އެތަނުގައި ހުރި ޢިމާރާތާއި، މިތަންތަނުގެ ރަޖިސްޓްރީ އަޙްމަދު ޙަމީދާ ޙަވާލުނުކޮށް ހިފެހެއްޓުމަކީ ސްޓޭޓޭ ބޭންކް އޮފް އިންޑިޔާއަށް ޤާނޫނީގޮތުން ލިބިގެންވާ ޙައްޤެއް ނޫންކަން އެނގެން އޮވެއެވެ.

ބޭންކުން ދޫކުރާ ތަފާތު ލޯނުތަކާ ގުޅިގެން ސެކިއުރިޓީގެ ގޮތުގައި ބެހެއްޓޭ ރަހުނުގެ ޢަޤުދަކީ "ޝަކްލީ" (formal) ޢަޤުދެއްކަން އެނގެން އޮންނައިރު، ސްޓޭޓޭ ބޭންކް އޮފް އިންޑިޔާގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 356/Cv-C/2013 ޤަޟިއްޔާގައި ކުރި ދަޢުވާގައި، ޙަވާލާދެވުނު ނަންބަރު 79/C.25/MD އެއްބަސްވުމުގެ ދަށުން ރަހުނުކުރެވުނު ތަންތަނުގެ ތެރޭގައި މ. ކުރިނބީލޮޖް އެވެކިޔާ ގޯއްޗާއި އެ ގޯތީގައިވާ ޢިމާރާތްތައްވެސް ރަހުނުކުރެވިފައިވާކަމަށް ބުނެފައިވީ ނަމަވެސް، ބުނެވުނު އެއްބަސްވުމުގެ ދަށުން ރަހުނުގެ ގޮތުގައި ބެހެއްޓިފައިވާ ތަންތަނުގެ ތެރޭގައި މ. ކުރިނބީލޮޖް ހިމެނިފައި ނުވާކަން އެ އެއްބަސްވުމުގެ 12 ވަނަ މާއްދާގެ 1 ވަނަ ނަންބަރަށް ބެލުމުން އެނގެން އޮންނަކަމާއި، އެ އެއްބަސްވުން ޢަޤުދުކުރެވުނު ތާރީޚަށްފަހު، އެ އެއްބަސްވުން އިޞްލާޙުކުރެވި، އެއްބަސްވުމުގެ ދަށުން ރަހުނުކުރެވުނު ތަންތަނުގެ ތެރެއަށް މ.ކުރިނބީލޮޖް އިތުރުކުރެވިފައިވާކަން، ނުވަތަ ބުނެވިދިޔަ އެއްބަސްވުމުގެ ދަށުން ޢަޙްމަދު ޙަމީދަށް ދޫކުރެވުނު ލޯނުގެ މުޢާމަލާތާ ގުޅިގެން މ.ކުރިނބީލޮޖް ރަހުނުކުރުމަށް ބޭންކާއި އަޙްމަދު ޙަމީދާ ދެމެދު ރަހުނުގެ އެއްބަސްވުމެއް ވަކިން ކުރެވިފައިވާކަން، ދެ ފަރާތުގެ ބަހުންނާއި، ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން ނެތުމުން، މ. ކުރިނބީލޮޖް އެވެކިޔާ ގޯއްޗާއި އެތާގައިވާ ޢިމާރާތްތަކަކީ، ޙަވާލާދެވުނު އެއްބަސްވުމުގެ ދަށުން ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލޭ ބްރާންޗް) ގައި ރަހުނުކުރެވިފައިވާ ތަނެއްކަން ޝަރީޢަތަށް ޘާބިތުނުވާކަމަށް ސިވިލް ކޯޓުގެ ނަންބަރު 356/Cv-C/2013 ޤަޟިއްޔާގައި ކަނޑައަޅާފައިވަނީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށްކަން އެނގެން އޮވެއެވެ.

ޙުކުމް:

އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެމަތިން ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 356/Cv-C/2013 ޤަޟިއްޔާގައި އެ ކޯޓުން ކޮށްފައިވާ ޙުކުމުގައި ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލެ ބްރާންޗް) އާއި އަޙްމަދު ޙަމީދު އާއި ދެމެދު 08 އެޕްރީލް 1979 ވަނަ ދުވަހު ސޮއިކުރެވި، މިނިސްޓްރީ އޮފް ޖަސްޓިސްގެ މަރކަންޓައިލް ޑިވިޝަނުގެ ނަންބަރު 130/MD/79 ޤަޟިއްޔާއިން 03 މޭ 1979 ވަނަ ތާރީޚުގައި ރަޖިސްޓްރީކުރެވިފައިވާ ނަންބަރު MD/C.25/79 އެއްބަސްވުމުގެ ދަށުން ޢަޙްމަދު ޙަމީދަށް ދޫކުރެވުނު ފެސިލިޓީތަކާ ގުޅިގެން އަޙްމަދު ޙަމީދު އެ ބޭންކަށް ފައިސާ ދައްކަންޖެހި ނުދައްކައިވާކަން ޝަރީޢަތަށް ސާބިތުވާކަމަށް ސިވިލް ކޯޓުގެ ނަންބަރު 982/Cv-C/2010 (1962/MC/2010) ޤަޟިއްޔާގައި ކަނޑައަޅާފައިވާތީ، އެ އެއްބަސްވުމުގެ ދަށުން އަޙްމަދު ޙަމީދު އެ ބޭންކަށް ދައްކަންޖެހޭ ފައިސާ ދައްކައި ޚަލާޞްކުރަންދެން ރަހުނު އެއްބަސްވުން ދެމިގެންދާނެކަމަށް ބަލާފައިވާއިރު، ސިވިލް ކޯޓުގެ ނަންބަރު 982/Cv-C/2010 (1962/MC/2010) ޤަޟިއްޔާގެ އިސްތިއުނާފު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/87 ޤަޟިއްޔާއިން ބަލައި، ނަންބަރު MD/C.25/79 އެއްބަސްވުމުގެ ދަށުން އަޙްމަދު ޙަމީދު ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލޭ ބްރާންޗް) އަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 86/HC-A/22 ޤަޟިއްޔާގެ ޙުކުމާ އެއްގޮތަށް ދައްކާ ޚަލާސްކޮށްފައިވާކަން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި، ސިވިލް ކޯޓުގެ ނަންބަރު 982/Cv-C/2010 (1962/MC/2010) ޤަޟިއްޔާގެ ޙުކުމުގެ އެބައި ބާޠިލް ކޮށްފައިވާތީ އާއި، އެ ބޭންކުން ޙަވާލާދީފައިވާ ރަހުނު އެއްބަސްވުންވެސް ނިމުމަކަށް އައިސްފައިވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/87 ޤަޟިއްޔާގައި ކަނޑައަޅާފައިވާއިރު، ބަޔާންކުރެވުނު އެއްބަސްވުން ވުޖޫދުގައިވާކަމަށް ބަލައި ސިވިލް ކޯޓުގެ ނަންބަރު 356/Cv-C/2013 ޤަޟިއްޔާގައި ނިންމާފައިވާ ނިންމުން ބާޠިލުކަމަށް ކަނޑައަޅައި، އެ އެއްބަސްވުމުގެ ދަށުން އަޙްމަދު ޙަމީދު ރަހުނުގެ ގޮތުގައި ބަހައްޓާފައިވާ މއ. ހިއުސްޓަން އެވެކިޔާ ގޯއްޗާއި އެތަނުގައިހުރި ޢިމާރާތާއި، ޗާންދަނީމަގު 20 ނަންބަރު ފިހާރަ އާއި އެތަނުގައިހުރި ޢިމާރާތާއި، މ. ފީރޯޒް ސްޓޯރު ފިހާރަ އާއި އެތަނުގައިހުރި ޢިމާރާތާއި، ހުސޭނީ ގޯޅި 6 ނަންބަރު ފިހާރަ އާއި އެތަނުގައިހުރި ޢިމާރާތްތަކުގެ ރަޖިސްޓްރީ އަޙްމަދު ޙަމީދަށް ނުދީ ހިފެހެއްޓުމުގެ ޙައްޤު ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލޭ ބްރާންޗް) އަށް ލިބިގެން ނުވާކަމަށް ކަނޑައަޅައި، އަދި އެ އެއްބަސްވުމުގެ ދަށުން ރަހުނު ކުރެވިފައިވާ ތަންތަނުގެ ތެރޭގައި މ. ކުރިނބީލޮޖް ހިމެނިފައި ނުވާކަމަށް ސިވިލް ކޯޓުގެ ނަންބަރު 356/Cv-C/2013 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ތާއީދު ކުރުމާއެކު، އެ ޙުކުމުގެ ދެންހުރި ބައިތައް ބާޠިލްކަމަށް ކަނޑައަޅައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/219 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ކޮށްފައިވާ ޙުކުމަކަށް ވާތީ، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/219 ޤަޟިއްޔާގެ ޙުކުމަށް ތާއީދުކޮށް ޙުކުމް ކޮށްފީމެވެ.

ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ

ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު

ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ