ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2016/SC-A/01ސުޕްރީމް ކޯޓު · 27 ޖޫން 2016

—

ސުޕްރީމް ކޯޓު
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 27 ޖޫން 2016ބާވަތް: ޖިނާއީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ

ޤަޟިއްޔާ ނަންބަރު: 2016/SC-A/01

ދަޢުވާކުރާ ފަރާތް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ދަޢުވާ ލިބޭ ފަރާތް / މަޞްލަޙަތު ހިމެނޭ ފަރާތް: މުޙައްމަދު ނަޝީދު، ގ. ކެނެރީގެ، މާލެ

މައްސަލައިގެ ބާވަތް: ހައިކޯޓުގެ ނިންމުން ރިވިއުކުރުން

މައްސަލަ އައިގޮތް: އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

ހުށަހެޅުނު ތާރީޚް: 17 ސެޕްޓެންބަރު 2015

ރަޖިސްޓްރީ ކުރެވުނު ތާރީޚް: 14 ޖަނަވަރީ 2016

ނިމުނު ތާރީޚް: 27 ޖޫން 2016

މައްސަލަ ނިންމި ގަޑި: 14:15

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ

އިސްތިއުނާފުކުރެވުނު ނިންމުން

ނަންބަރު: HC-IH/2015/01

ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު

ހުށަހެޅުނު ތާރީޚް: 01 ސެޕްޓެންބަރ 2015

ނިމުނު ތާރީޚް: 10 ސެޕްޓެންބަރު 2015

މައްސަލައިގެ ޚުލާޞާ

މިއީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ފ) ގެ ދަށުން ޤާނޫނުއަސާސީގެ އެންމެހާ ހަމަތައް ނެގެހެއްޓުމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުގެ ދަށުން، ޢަދުލު އިންޞާފު ކަށަވަރުކުރުމުގެ ގޮތުން، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ޅ) އާއި 22 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް، ކްރިމިނަލް ކޯޓުގެ ނަންބަރު 132/Cr-C/2015 ޤަޟިއްޔާ އާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-IH/2015/01 އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ މައްސަލައިގެ ނިންމުން ނިންމާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ބައިނަލްއަޤްވާމީ ހަމަތަކާ އެއްގޮތަށްކަން ކަށަވަރުކުރުމުގެ ގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލިފައިވާ މައްސަލައެކެވެ. މި މައްސަލައިގައި މަޞްލަޙަތު ހިމެނޭ ފަރާތެއްގެ ގޮތުން ގ. ކެނެރީގޭ މުޙައްމަދު ނަޝީދަށް މި މައްސަލައިގައި ބައިވެރިވުމުގެ ފުރުޞަތު ދެވިފައިވެއެވެ.

ބުނެވިދިޔަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-IH/2015/01 އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ މައްސަލައިގެ ނިންމުމަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 132/Cr-C/2015 ޤަޟިއްޔާއިން ބަލައި ނިންމާފައިވާ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހެޅުމުން އެ މައްސަލަ ބަލައިގަތުމާ ބެހޭގޮތުން އިޖްރާއީގޮތުން ބަލައި ނިންމާފައިވާ ނިންމުމެކެވެ. އަދި ބުނެވިދިޔަ ހައިކޯޓުގެ ނަންބަރު HC-IH/2015/01 އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ މައްސަލައިގެ މައްސަލަ ރައްދުވާ ފަރާތަކީ ގ. ކެނެރީގެ، މުޙައްމަދު ނަޝީދުއެވެ.

މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ބަލައިގަނެ، ކުރިއަށް ގެންދިއުމާ ބެހޭގޮތުން 25 ނޮވެމްބަރ 2015 ގައި ބޭއްވުނު އިޖްރާއީ އަޑުއެހުމުގައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅާފައިވާ ޤާނޫނީ ނުކުތާތަކަށް ބެލުމަށްފަހު، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ޅ) އާއި 22 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މި މައްސަލަ ބަލައިގަނެ، ކުރިއަށް ގެންދިއުމަށް ކަނޑައެޅުނެވެ.

ފާހަގަކުރެވުނު ނުކުތާތައް

މި މައްސަލައިގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި، ޤާނޫނުތަކަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-IH/2015/01 އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ މައްސަލައިގެ ނިންމުމަށާއި، ކްރިމިނަލް ކޯޓުގެ ނަންބަރު 132/Cr-C/2015 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، ދަޢުވާކުރާ ފަރާތުންނާއި، މި މައްސަލައިގައި މަޞްލަޙަތު ހިމެނޭ ފަރާތެއްގެ ގޮތުން ގ. ކެނެރީގެ، މުޙައްމަދު ނަޝީދުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި ލިޔުންތަކަށާއި ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި އަދި މި ބާވަތުގެ މައްސަލަތަކާ ގުޅޭ ޢާންމު ޤާނޫނީ މަބްދައުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލައި ވިސްނިއިރު، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައި ވެއެވެ.

ކްރިމިނަލް ކޯޓުގެ ނަންބަރު 132/Cr-C/2015 ޤަޟިއްޔާއަކީ، ގ.ކެނެރީގެ، މުޙައްމަދު ނަޝީދު، ސިފައިންގެ އެންމެ މަތީވެރިޔާގެ މަޤާމުގައި ހުރެ، ރ. ހުޅުދުއްފާރު، ބަހާރުގެ، ޢަބްދުﷲ މުޙައްމަދު ހައްޔަރުކުރުމަށް ނިންމައި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް މެދުވެރިކޮށް، 17 ޖަނަވަރީ 2012 ދުވަހު 00:00 ހާއިރު، ޢަބްދުﷲ މުޙައްމަދު، ސިފައިންގެ މަރުކަޒެއް ކަމުގައިވާ ކ. ގިރިފުއްޓަށް ގަދަކަމުން ގެންގޮސް ބަހައްޓާފައިވާތީ، ޤާނޫނު ނަންބަރު 90/10 (ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ އެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ށ) ގެ ދަށުން، މުޙައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ކުށުގެ ދަޢުވާކޮށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހެޅުމުން އެ ކޯޓުން ބަލައި ނިންމާފައިވާ ޤަޟިއްޔާއެއްކަން އެނގެން އޮންނައިރު،

މުޙައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން ދަޢުވާކުރި ޓެރަރިޒަމްގެ ކުށުގެ މައްސަލަ ޝަރީޢަތުން ބެލިބެލުމުން، މުޙައްމަދު ނަޝީދު ސިފައިންގެ އެންމެ މަތީވެރިޔާގެ މަޤާމުގައި ހުރެ، ކްރިމިނަލް ކޯޓުގެ އިސްޤާޟީ، ރ. ހުޅުދުއްފާރު، ބަހާރުގޭ ޢަބްދުﷲ މުޙައްމަދު ހައްޔަރުކުރުމަށް ނިންމައި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް މެދުވެރިކޮށް، 17 ޖަނަވަރީ 2012 ވަނަ ދުވަހުގެ 00:00 ހާއިރު، ޢަބްދުﷲ މުޙައްމަދު ސިފައިންގެ މަރުކަޒެއްކަމުގައިވާ ކ. ގިރިފުއްޓަށް ގަދަކަމުން ގެންގޮސް ފޮރުވާފައި ބެހެއްޓިކަން، ދައުލަތުން ހުށަހެޅި ހެކިތަކާއި ޤަރީނާތަކުން ޝަރީޢަތަށް ސާބިތުވާތީ، ބުނެވިދިޔަ ހެކިތަކާއި ޤަރީނާތަކުގެ މައްޗަށް ބިނާކޮށް، ޤާނޫނު ނަންބަރު 90/10 (ދިވެހިރާއްޖޭގެ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ށ) ގެ ދަށުން، ގ. ކެނެރީގެ، މުޙައްމަދު ނަޝީދު ޓެރަރިޒަމްގެ ކުށުން ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، މި ކުށުގެ ޢުޤޫބާތެއްގެ ގޮތުން، ބުނެވިދިޔަ ޤާނޫނުގެ 6 ވަނަ މާއްދާގެ (ށ) ގެ ދަށުން، ގ. ކެނެރީގެ، މުޙައްމަދު ނަޝީދު 13 (ތޭރަ) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކަނޑައަޅައި އިޝާރާތްކުރެވުނު ކްރިމިނަލް ކޯޓުގެ ނަންބަރު 132/Cr-C/2015 ޤަޟިއްޔާގައި ޙުކުމްކޮށްފައިވާކަން އެނގެން އޮވެއެވެ.

ކްރިމިނަލް ކޯޓުގެ އިސްވެ ޙަވާލާދެވުނު ނަންބަރު 132/Cr-C/2015 ޤަޟިއްޔާއިން ބަލައި ނިންމާފައިވާ މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އިސްތިއުނާފުކުރުމަށް އެދި، ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލައި ނިންމާފައިވާ އެ ކޯޓުގެ ނަންބަރު HC-IH/2015/01 އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދޭ މައްސަލައިގެ ނިންމުމަށް ބަލާއިރު، ކްރިމިނަލް ކޯޓުގެ ނަންބަރު 132/Cr-C/2015 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވަނީ ޕްރޮސިކިއުޓަރ ޖެނެރަލް ކަމަށްވެފައި، އެ ފަރާތުން އިސްތިއުނާފު ބިނާކޮށްފައިވާ ކަންކަމަކީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގެ ތެރެއިން ޙާލަތަކަށް ފެތޭގޮތަށް ހުށަހެޅި މައްސަލައަކަށް ނުވާތީ އާއި، އަދި މި މައްސަލައަކީ ކްރިމިނަލް ކޯޓުގެ ނަންބަރު 132/Cr-C/2015 ޤަޟިއްޔާގެ މައުޟޫޢުގައި އެ ފަރާތެއްގެ މައްޗަށް ކުށް ސާބިތުވެފައިވާކަމަށް ޙުކުމް ކޮށްފައިވާ ގ. ކެނެރީގެ، މުޙައްމަދު ނަޝީދުގެ ފަރާތުން އެ ޙުކުމް ރަނގަޅު ނޫންކަމަށް ބުނެ، އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ މައްސަލައަކަށް ނުވާތީ، މި މައްސަލައަކީ އިސްތިއުނާފީ މައްސަލައެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ބަލައިގަތުމުގެ ހުއްދަދެވެން އޮތް މައްސަލައެއް ނޫންކަމަށް ބުނެވިދިޔަ ހައިކޯޓުގެ ނަންބަރު HC-IH/2015/01 އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ މައްސަލަ ބެލުމުގައި ބައިވެރިވި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ނިންމާފައިވާކަން އެނގެން އޮވެއެވެ.

ކްރިމިނަލް ކޯޓުގެ ނަންބަރު 132/Cr-C/2015 ޤަޟިއްޔާ އާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-IH/2015/01 ނިންމުން ނިންމާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ބައިނަލްއަޤްވާމީ ހަމަތަކާ އެއްގޮތަށްކަން ކަށަވަރުކުރުމުގެ ގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅާފައިވާ މައިގަނޑު ނުކުތާތަކަކީ؛

ހ) ކްރިމިނަލް ކޯޓުގެ އިސްޤާޟީ ޢަބްދުﷲ މުޙައްމަދު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް މެދުވެރިކޮށް ބަންދުކޮށްފައިވާ މައްސަލައިގެ ޝަރީޢަތް ކުރިއަށް ގެންދިއުމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ އެކަށީގެންވާ ވަގުތާއި، ވަޞީލަތްތަކާއި ފުރުޞަތުތައް މުޙައްމަދު ނަޝީދަށް ލިބިފައިވޭތޯ ކަށަވަރުކުރުމާއި،

ށ) ކްރިމިނަލް ކޯޓުގެ އިސްޤާޟީ ޢަބްދުﷲ މުޙައްމަދު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް މެދުވެރިކޮށް ބަންދުކޮށްފައިވާ މައްސަލައިގެ ޝަރީޢަތް ކުރިއަށް ގެންދިއުމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ) އަދި (ޅ) ގައި ބަޔާންކޮށްފައިވާ އެ މީހަކު އިޚްތިޔާރުކުރާ ޤާނޫނީ ވަކީލަކާ މަޝްވަރާކޮށް ވަކީލުގެ އެހީގައި ކުށުން ބަރީއަވުމަށް މަސައްކަތްކުރުމުގެ ޙައްޤު މުޙައްމަދު ނަޝީދަށް ލިބިފައިވޭތޯ ކަށަވަރުކުރުމާއި،

ނ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާ އާއި 142 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކޯޓުތަކުގެ މިނިވަންކަމާއި ފަނޑިޔާރުންގެ މުސްތަޤިއްލުކަމާމެދު ސުވާލު އުފެދޭ ކަމެއް މުޙައްމަދު ނަޝީދުގެ މައްޗަށް ތުހުމަތުކުރެވުނު ކުށުގެ ޝަރީޢަތުގައި ހިނގާފައިނުވާކަމާއި އަދި ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޢަދުލުވެރިކަމާއި ހާމަކަމާއެކު ޝަރީޢަތްކުރުމުގެ ޙައްޤު މުޙައްމަދު ނަޝީދަށް ލިބިފައިވޭތޯ ކަށަވަރުކުރުމާއި،

ރ) މުޙައްމަދު ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހިންގުނު ޝަރީޢަތުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ކ) ގައި ދަޢުވާ ހުށަހަޅާ ފަރާތުން ޝަރީޢަތަށް ޙާޟިރުކުރާ ހެކިންނާ ސުވާލުކުރުމާއި، އެ މީހަކު ބޭނުން ހެކީން ޝަރީޢަތަށް ޙާޟިރުކޮށްދިނުމަށް ކޯޓުގައި އެދުމާއި، އެ ހެކިންނާ ޝަރީޢަތުގެ މަޖިލީހުގައި ސުވާލުކުރުމުގެ ޙައްޤު މުޙައްމަދު ނަޝީދަށް ލިބިފައިވޭތޯ ކަށަވަރު ކޮށްދިނުމާ، މި ނުކުތާތައްކަން އެނގެން އޮވެއެވެ.

ފުރަތަމަ މަރުޙަލާގެ ކޯޓުން ނިންމާ ޖިނާއީ މައްސަލަތައް ކަމާބެހޭ މަތީ މަރުޙަލާގެ ކޯޓުގައި ތަޢުނުކުރުމަކީ ނުވަތަ އިސްތިއުނާފުކުރުމަކީ ދެ ދަރަޖަޔަށް ޝަރީޢަތްކުރުމުގެ ޤަޟާއީ މަބްދައުގެ ދަށުން ޖިނާއީ މައްސަލަތަކުގައި ހިމެނޭ ފަރާތްތަކަށް ލިބިގެންވާ އަސާސީ ޙައްޤެއްކަމާއި، މި ޙައްޤަކީ މިޒަމާނުގެ ތަފާތު ދުސްތޫރީ ނިޒާމުތަކުގެ ދުސްތޫރު ތަކުންނާއި ޖިނާއީ އިޖްރާއާތުގެ ޤާނޫނުތަކުން ކަށަވަރުކޮށްދީފައިވާ ޖިނާއީ އިޖްރާއާތުގެ ޢާންމު މަބްދައުތަކުގެ ތެރޭގައި ހިމެނޭ އަސާސީ މަބްދައެއްކަމާއި، މި މަބްދައު ކަށަވަރުކުރަމުން "ސިޔާސީ އަދި މަދަނީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ ޢަޙްދު" (1966) (International Covenant on Civil and Political Rights) ގެ 14 ވަނަ މާއްދާގެ 5 ވަނަ ނަންބަރުގައި "ޖިނާއީ ކުށަކުން ކުށްވެރިވެއްޖެކަމަށް ޙުކުމްކުރެވޭ ކޮންމެ މީހަކަށްމެ އެ ޙުކުމް މަތީ މަރުޙަލާގެ ކޯޓެއްގައި ޤާނޫނުގައިވާ ގޮތުގެމަތިން އަލުން ބެލުމުގެ ހައްޤު ލިބިގެންވެއެވެ." މިފަދައިން ބަޔާންކޮށްފައި އޮންނައިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގެ ޞަރީޙަ ނައްޞުގައި "ޖިނާއީ މައްސަލަތަކުގައްޔާއި، މަދަނީ މައްސަލަތަކުގައި އިއްވާ ޙުކުމްތަކާއި ނެރޭ ކޯޓުގެ އަމުރުތައް އިސްތިއުނާފަށް ހުށަހެޅުމުގެ ޙައްޤު، މައްސަލައާ ގުޅުންހުރި ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ." މިފަދައިން ކަނޑައަޅައި ބަޔާންކޮށްފައިވާކަމާއި، ޖިނާއީ މައްސަލައެއްގައި ފުރަތަމަ މަރުޙަލާގެ ކޯޓުން ކުރާ ޙުކުމް އިސްތިއުނާފަށް ހުށަހެޅުމުގެ ޙައްޤު އެ މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން އެ ޙުކުމާމެދު ހިތްހަމަނުޖެހޭ ފަރާތަށް ލިބިގެންވުމުގެ ޙަޤީޤީ މަޤްޞަދަކީ އެ މައްސަލަ ބެލުމުގައި ފުރަތަމަ މަރުޙަލާގެ ކޯޓުން މައްސަލައިގެ ވަޤާއިޢުތަކާއި ހުށަހެޅިފައިވާ ހެކިތައް ތަޤުދީރުކޮށް ވަޒަންކުރުމުގަޔާއި، އެ ވަޤާއިޢުތަކުގެ މައްޗަށް ޤާނޫނު ތަޠްބީޤުކުރުމުގައި ހެދިފައިވާ ގޯހެއްވާނަމަ، އަލުން އެ ވަޤާއިޢުތައް ވަޒަންކޮށް އޭގެ މައްޗަށް ޤާނޫނު ޞައްޙަގޮތުގައި ތަޠްބީޤު ކުރުމާއި، ފުރަތަމަ މަރުޙަލާގެ ކޯޓުގައި ހުށަހެޅުމުގެ ފުރުޞަތު ލިބިފައިނުވާ ހެކިތަކާއި ދަލީލުތައް އަލުން ހުށަހެޅުމުގެ ފުރުޞަތު ދިނުމާއެކު، އެ މައްސަލަ ދެވަނަ ފަހަރަށް އިސްތިއުނާފީ ކޯޓުގައި ބެލުންކަން އިސްތިޤުރާރުވެފައިވާ ޖިނާއީ އިޖްރާއާތުގެ އުޞޫލުތަކަށް ބެލުމުން އެނގެން އޮންނައިރު، އިސްތިއުނާފުކުރުމުގެ ޙައްޤުގެ ބޭނުންކޮށް އެފަދަ މައްސަލަތައް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރެވިދާނެ ޙާލަތްތައް ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 43 ވަނަ މާއްދާގައި އިޖްމާލީގޮތަކަށް ބަޔާންކޮށްފައިވާކަމާއި، އެއީ އިސްތިއުނާފުކުރަން ހުށަހަޅާ ޙުކުމް ނުވަތަ ނިންމުން ބިނާކުރެވިފައިވަނީ ޤާނޫނާއި ޚިލާފަށްކަމަށް ޤަބޫލުކުރެވޭނެ ސަބަބުތަކެއް ހުރުމާއި، ޤާނޫނު ތަޠްބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ޤަބޫލުކުރެވޭ ކަންކަން ހުރުމާއި، ޙުކުމުގެ ނުވަތަ ނިންމުމުގެ ކުރިއަށް އައި އިޖުރާއާތެއްގައި ހިމެނޭ އައިބެއްގެ ސަބަބުން އެ ޙުކުމަށް ނުވަތަ ނިންމުމަށް އަސަރު ފޯރުވި އިޖުރާއަތަކީ ބާޠިލު އިޖުރާއަތެއް ކަމުގައިވުންކަން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ބުނެވިދިޔަ 43 ވަނަ މާއްދާގެ (ހ) އާއި (ށ) އަށް ބެލުމުން އެނގެން އޮވެއެވެ.

ކޯޓުތަކުން އިއްވާ ޖިނާއީ ޙުކުމްތަކަށް އިސްތިޤްރާރުކަން ނުލިބި ދިގުދެމިގެން ދިއުމަކީ ޖިނާއީ ޢަދާލަތުގެ މަޞްލަޙަތާއި ކަނޑައެޅިގެން ފުށޫއަރާ ކަމަކަށްވާއިރު، އެފަދަ ޙުކުމްތަކަށް ފައިޞަލާކުރަނިވި ބާރު ލިބި، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ނިހާއީ ޙުކުމްތަކަށް ވެގެންދިއުމުގެ ޟަރޫރަތްތެރިކަމަށްޓަކައި، ފުރަތަމަ މަރުޙަލާގެ ކޯޓުގެ ޙުކުމް އިސްތިއުނާފުކުރުމަށް ދެވޭ މުއްދަތު ތަފާތު ޖުރިސްޑިކްޝަންތަކުގައި ވަނީ ޤައިދުކުރެވިފައިކަމާއި، މިގޮތުން ދިވެހިރާއްޖޭގައި ފުރަތަމަ މަރުޙަލާގެ ކޯޓަކުން ނިންމާ ނިންމުމަކާމެދު، އެއީ ޖިނާއީ މައްސަލައެއް ނުވަތަ އެނޫންވެސް ބާވަތެއްގެ މައްސަލައެއް ކަމުގައި ވިއަސް، ހިތްހަމަނުޖެހޭ ފަރާތަކުން އެ ނިންމުމެއް ނިންމިތާ 10 ދުވަސްތެރޭގައި އެ ނިންމުން އިސްތިއުނާފުކުރުމަށް މައްސަލަ ނިންމި ދަށުކޯޓަށް ހުށަހަޅަންވާނެކަމަށާއި، މައްސަލަ ނިންމި ދަށުކޯޓަށް އިސްތިއުނާފަށް ހުށަހަޅާތާ 07 ދުވަސްތެރޭގައި އެ ކޯޓުން މައަސަލައިގެ ފައިލް ލިއުންތަކާއެކު ކަމާބެހޭ އިސްތިއުނާފީ ކޯޓަށް ހުށަހަޅަންވާނެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު SC/06/2015 ސަރކިއުލަރއިން ކަނޑައަޅައިފައިވާކަމާއި، މައްސަލަ އިސްތިއުނާފުކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ދިމާވާ "ޤަހްރީ" ނުވަތަ އަމިއްލަ ބާރު ނުފޯރާ ސަބަބަކާ ހުރެ އިސްތިއުނާފަށް ހުށަހެޅުމަށް ޢުޒުރުވެރިވާ ޙާލަތުގައި، އިސްތިއުނާފުކުރަން އެދޭ ފަރާތުން މަޤުބޫލު ސަބަބެއް ނުވަތަ ސަބަބުތަކެއް ބަޔާންކޮށް އެ މައްސަލަ ކަމާބެހޭ އިސްތިއުނާފީ ކޯޓަށް ހުށަހަޅައިފިނަމަ އެ މައްސަލަ ބަލައިގަތުމުގެ އިޚްތިޔާރު އިސްތިއުނާފީ ކޯޓަށް އަބަދުވެސް ލިބިގެންވާކަން އެނގެން އޮވެއެވެ.

ބަޔާންވެދިޔަ އިސްތިއުނާފުކުރުމާބެހޭ ޢާންމު އުޞޫލުތަކަށް ރިޢާޔަތްކޮށް ބަލާއިރު، ކްރިމިނަލް ކޯޓުގެ އިސްވެ ޙަވާލާދެވުނު ނަންބަރު 132/Cr-C/2015 ޤަޟިއްޔާއިން ޓެރަރިޒަމްގެ ކުށުން ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި ޙުކުމްކޮށްފައިވާ ގ. ކެނެރީގޭ މުޙައްމަދު ނަޝީދުގެ ފަރާތުން އެ ޤަޟިއްޔާގެ ޙުކުމް ކަނޑައެޅިފައިވާ އިޖްރާއާތުގެ ދަށުން އިސްތިއުނާފުކުރުމަށް ހުށަހަޅާފައި ނުވާކަން އެނގެން އޮންނައިރު، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ކްރިމިނަލް ކޯޓުގެ ބުނެވިދިޔަ ނަންބަރު 132/Cr-C/2015 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައަކީ އެ ޤަޟިއްޔާގެ ޙުކުމް ރަނގަޅު ނޫންކަމަށް ދެކިގެން ހުށަހަޅާފައިވާ މައްސަލައެއް ނޫންކަމާ، އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އެ ޤަޟިއްޔާގެ އިސްތިއުނާފު ބިނާކޮށްފައިވާ ކަންކަމަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގެ ތެރެއިން ޙާލަތަކަށް ފެތޭ ކަންތަކަކަށް ނުވާތީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅާފައިވާ އެ މައްސަލަ އިސްތިއުނާފީ މައްސަލައެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ހައިކޯޓުން ބަލައި ފައިޞަލާކޮށްފައި ނުވިނަމަވެސް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ފ) ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިދޭ ބާރުގެ ދަށުން ކްރިމިނަލް ކޯޓުގެ ނަންބަރު 132/Cr-C/2015 ޤަޟިއްޔާގައި ކަން ހިނގާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި، ޝަރްޢީ އުޞޫލުތަކާއި ހަމަތަކާ އެއްގޮތަށްތޯ ކަށަވަރުކުރުމުގެ ގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ފާހަގަކޮށް ހުށަހަޅާފައިވާ ކަންކަން ދިވެހިރާއްޖޭގެ ހައިކޯޓުން ބެލުމަށްފަހު އެ ކޯޓަށް ފާހަގަކުރެވުނު ކަންތައްތައް އިސްވެ އިޝާރާތްކުރެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-IH/2015/01 އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ މައްސަލައިގެ ނިންމުމުގައި ބަޔާންކޮށްފައިވާކަން އެނގެން އޮވެއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މި މައްސަލައަކީ ޙަޤީޤަތުގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ބުނެވިދިޔަ ނަންބަރު HC-IH/2015/01 އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ މައްސަލައިގެ ނިންމުން ޤާނޫނާ ޚިލާފުކަމަށް ޤަބޫލުކުރެވިގެން ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ ދަށުން ހުށަހަޅާފައިވާ އިލްތިމާސްގެ މައްސަލައެއް ނޫންކަމާ، އެހެންނަމަވެސް މި މައްސަލައަކީ، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ޅ) އާއި 22 ވަނަ މާއްދާގެ (ހ) ގެ ދަށުން، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ އެންމެ އިސް ފަރާތުގެ ޙައިޘިއްޔަތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިގެންވާ ބާރާއި އިޚްތިޞާޞަށް ރިޢާޔަތްކޮށް، ކްރިމިނަލް ކޯޓުގެ ނަންބަރު 132/Cr-C/2015 ޤަޟިއްޔާ އާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-IH/2015/01 އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދޭ މައްސަލައިގެ ނިންމުން ނިންމާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ބައިނަލްއަޤްވާމީ ހަމަތަކާ އެއްގޮތަށްކަން ކަށަވަރު ކުރުމުގެގޮތުން ހުށަހަޅާފައިވާ މައްސަލައެއްކަން އެނގެން އޮންނައިރު، އެކަންކަން ކަށަވަރުކުރުމުގެ ގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅާފައިވާ އިސްވެ ބަޔާންވެދިޔަ ނުކުތާތަކަކުގެ މައްޗަށް ނަޒަރުކުރިއިރު އަންނަނިވި ކަންތައް ފާހަގަކުރެވިފައިވެއެވެ.

(ހ) ފުރަތަމަ ކަމަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 132/Cr-C/2015 ޤަޟިއްޔާއިން ބެލުނު މައްސަލައިގެ ޝަރީޢަތް ކުރިއަށް ގެންދިއުމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ކުށުން ބަރީއަވުމަށް މަސައްކަތްކުރުމަށް އެކަށީގެންވާ ވަގުތާއި، ވަޞީލަތްތައް އެ މައްސަލައިގައި ދަޢުވާ ލިބޭ މުޙައްމަދު ނަޝީދަށް ލިބިފައިވޭތޯ ބަލާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) ގެ ޞަރީޙަ ނައްޞުގައި "ކޮންމެ މީހެއްގެ މަދަނީ ޙައްޤުތަކާއި ވާޖިބުތައް ކަނޑައެޅުމުގައި ނުވަތަ ޖިނާއީ ކުށެއްގެ ދަޢުވާ މީހެއްގެ މައްޗަށް އުފުލުމުގައި، ޤާނޫނަކުން ޤާއިމުކޮށްފައިވާ މިނިވަން އަދި މުސްތަޤިއްލު ކޯޓެއްގައި ނުވަތަ ޓްރައިބިއުނަލެއްގައި އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި، ޢާންމުކޮށް ހުޅުވައިލެވިގެން ބާއްވާ އަޑުއެހުމެއްގައި އިންޞާފުން ޝަރީޢަތްކުރެވުމުގެ ޙައްޤު ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ." މިފަދައިން ކަނޑައަޅައި ބަޔާންކޮށްފައި އޮންނަހިނދު، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ލަސްނުކޮށް ޖިނާއީ ދަޢުވާއަށް ފައިޞަލާކުރެވިގެން ދިއުމަކީ އިންޞާފުން ޝަރީޢަތް ކުރެވުމުގެ (Fair Trial) ޙައްޤު ގެރެންޓީކޮށްދޭ އެއް އަސާސްކަމާއި، މި އަސާސަކީ މިޒަމާނުގެ ދުސްތޫރުތަކުގަޔާއި، ކަމާބެހޭ ބައިނަލްއަޤްވާމީ 'ވަޘާއިޤު' (instruments) ތަކުން ކަށަވަރުކޮށްދީފައިވާ އަސާސެއްކަމާއި، މިގޮތުން ބަލާއިރު، ސިޔާސީ އަދި މަދަނީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ ޢަޙްދުގެ 14 ވަނަ މާއްދާގެ 3 ވަނަ ނަންބަރުގެ (ނ) ގައި ޖިނާއީ ކުށެއްގައި ތުހުމަތުކުރެވޭ ކޮންމެ މީހަކަށްމެ އެކަށީގެންވާ މިންވަރަށްވުރެ ލަސްނުވެ ޝަރީޢަތް ކުރެވުމުގެ (to be tried without undue delay) ޙައްޤު ލިބިގެންވާ ކަމަށް ބަޔާންކޮށްފައިވާކަމާއި، އަދި އިންސާނީ ޙައްޤުތަކާބެހޭ ޔޫރަޕިއަން ކޮންވެންޝަން ގެ 6 ވަނަ މާއްދާގެ 1 ވަނަ ނަންބަރުގައި ޖިނާއީ މައްސަލަތަކުގައި ތުހުމަތުކުރެވޭ ކޮންމެ މީހަކަށްމެ އެކަށީގެންވާ މުއްދަތުގެ ތެރޭގައި ޝަރީޢަތްކުރެވުމުގެ ޙައްޤު ލިބިގެންވާކަމަށް ބަޔާންކޮށްފައިވާ ކަމާއި، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ލަސްނުވެ ޝަރީޢަތް ކުރެވުމަކީ މުޖްތަމަޢުގެ ޢާންމު މަޞްލަޙަތުގެ އިތުރުން މުއްތަހަމުގެ ޚާއްޞަ މަސްލަޙަތާ ގުޅިފައިވާ ދުސްތޫރީ "ޟަމާން" އެއް ކަމާއި، މިގޮތުން ޢާންމު މަޞްލަޙަތު ނިޔާކުރަނީ ލަސްނުކޮށް އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ޖިނާއީ އިޖްރާއާތުގެ މަރުޙަލާތައް ނިމި ކުށްވެރިވާ މީހާގެ މައްޗަށް މުނާސިބު ޢުޤޫބާތް ކަނޑައެޅިގެން ދިއުމުން ޢާންމުންނަށް ޢިބްރަތާއި "ރަދްޢު" (ردع/deterrence) ޙާޞިލުވުންކަމާއި، މީގެއިތުރުން ކުށެއްގެ ތުހުމަތުގައިވާ މީހާ އާއި އޭނާގެ ޢާއިލާއަށް ލިބޭ ނަފްސާނީ ވޭނާއި، އޭނާގެ ޝަރަފާއި ކަރާމަތާއި ޤަދަރަށް ލިބޭ އުނިކަން ނިމުމަކަށް އައުމަށްޓަކައި އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ލަސްނުވެ ޝަރީޢަތް ކުރެވުމަކީ މުއްތަހަމުގެ ޚާއްޞަ މަޞްލަޙަތު ޝާމިލުވާކަމެއް ކަމާއި، އަދި ޖިނާއީ މައްސަލަތަކުގައި ޝަރީޢަތް ދިގުދެމިގެން ދިއުމަކީ މުއްތަހަމު ހުށަހަޅަން ބޭނުންވާ ދަލީލުތައް ގެއްލި ކުށުން ބަރީއަވުމުގެ ފުރުޞަތު މުއްތަހަމަށް ހަނިވެގެންދާނެ ކަމެއްކަމާއި، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ލަސްނުވެ ޝަރީޢަތް ކުރެވުމުގެ ޙައްޤާއި ފުށޫނާރާނޭ ގޮތަކަށް ތުހުމަތު ކުރެވިފައިވާ މައްސަލައިގެ ދިފާޢު ތައްޔާރުކުރުމުގެ ފުރުޞަތާއި ވަސީލަތްތައް މުއްތަހަމަށް ހަމަހަމަ އުޞޫލަކުން (equality of arms) ފަހިކޮށްދޭން ވާނެކަމީ އިސްތިޤުރާރުވެފައިވާ ޖިނާއީ އިޖްރާއާތުގެ އުޞޫލެއްކަމާއި، މި އުޞޫލަކީ 1979 ގައި ޖަރުމަނުގެ "ހެމްބަރގް" ގައި ބޭއްވުނު 12 ވަނަ ބައިނަލްއަޤްވާމީ ޤާނޫނުލްޢުޤޫބާތާބެހޭ ކޮންގްރެސް (Twelfth International Congress of Penal Law- Hamburg 1979) ގައި ކަނޑައަޅާފައިވާ އުޞޫލެއް ކަމާއި، މި އުޞޫލުގެ ދަށުން އިޖްރާއީ ޙަޢްޤުތައް ލިބިދިނުމުގައި މުއްތަހަމާއި ޕްރޮސިކިއުޓަރ ޖެނެރަލްއާ ދެމެދު އެއްވެސް ތަފާތެއް ކޮށްގެން ނުވާނެކަމާއި، ބުނެވިދިޔަ ގޮތުގެމަތިން ޚަޞްމުންގެ މެދުގައި ތަފާތު ނުކުރުމަކީ ޙިސާބީ (mathematical) މިންގަނޑަކުން ވަޒަންކުރެވޭ ކަމެއް ނޫންކަމާއި، ނަމަވެސް އެއީ މައުޟޫޢީ މިންގަޑަކުން ވަޒަންކުރެވޭ ކަމެއްކަމާއި، މިގޮތުން ކޮންމެ ޚަޞްމަކަށްވެސް އެ ފަރާތުން ހުށަހަޅަން ބޭނުންވާ ޙުއްޖަތްތަކާއި ދަލީލުތައް އެކަށީގެންވާ މިންވަރަށް ތަފާތުކުރުމަކާ ނުލައި ހުށަހެޅުމުގެ ފުރުޞަތު ދޭންވާނެކަމާއި، ޖިނާއީ ދަޢުވާގައި ހިމެނޭ ޚަޞްމުންގެ މެދުގައި ހަމަހަމަ އުޞޫލަކުން ލިބިދެވޭ އިޖްރާއީ ވަސީލަތްތަކުގެ ތެރޭގައި ކޮންމެ ޚަޞްމަކަށްމެ އަނެއް ޚަޞްމަކު ހުށަހަޅާ ހެކިތަކާއި ދަލީލުތަކާއި މުސްތަނަދުތަކުގެ މަޢުލޫމާތު ލިބިދިނުމާއި އެ ތަކެތި ޚަޞްމުންގެ މެދުގައި ބަދަލުކޮށް މުނާޤަޝާކުރުމުގެ ފުރުޞަތު ދިނުން ހިމެނޭކަން އެނގެން އޮންނައިރު، ޖިނާއީ މައްސަލަތަކުގައި ޖިނާއީ އިޖްރާއާތު ނުވަތަ "ކްރިމިނަލް ޕްރޮސީޑިންގްސް" ފެށޭ ޙަޤީޤީ ވަގުތަކީ މައްސަލަ ތަޙުޤީޤުކުރާ އިދާރާއިން ކުށެއް ކުރިކަމަށް ތުހުމަތުކުރެވޭ މީހާއަށް އޭނާއާ މެދު ތުހުމަތުކުރެވޭ ވާޤިޢާއަކީ ކޮބައިކަން އެންގުމަށްފަހު ޖިނާއީ ތަޙުޤީޤު ހިންގަން ރަސްމީކޮށް ފަށާ ވަގުތުން ފެށިގެންކަމާއި، މިގޮތުން ބަލާއިރު، ކްރިމިނަލް ކޯޓުގެ ޙަވާލާދެވުނު ނަންބަރު 132/Cr-C/2015 ޤަޟިއްޔާއިން މުޙައްމަދު ނަޝީދުގެ މައްޗަށް އުފުލާފައިވާ ދަޢުވާގެ އަޞްލު މައްސަލައަކީ މުޙައްމަދު ނަޝީދު، ސިފައިންގެ އެންމެ މަތީވެރިޔާގެ މަޤާމުގައި ހުރެ، ކްރިމިނަލް ކޯޓުގެ އިސްޤާޟީ ރ. ހުޅުދުއްފާރު، ބަހާރުގޭ ޢަބްދުﷲ މުޙައްމަދު ހައްޔަރުކުރުމަށް ނިންމައި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް މެދުވެރިކޮށް، 17 ޖަނަވަރީ 2012 ދުވަހު 00:00 ހާއިރު، ޤާނޫނާ ޚިލާފުގޮތަކަށް ޢަބްދުﷲ މުޙައްމަދު ހިފައި ހައްޔަރުކޮށް، ސިފައިންގެ މަރުކަޒެއް ކަމުގައިވާ ކ. ގިރިފުށީގައި 7 ފެބްރުއަރީ 2012 ދުވަހާ ހަމަޔަށް ހައްޔަރުގައި ބެހެއްޓި މައްސަލަކަމާއި، މި މައްސަލައާ ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އެންމެ ފުރަތަމަ ދަޢުވާ ހުށަހަޅާފައިވަނީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި 15 ޖުލައި 2012 ދުވަހުގައިކަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު 1/އެޗްއެމްސީ/2012/602 ދަޢުވާ ހުށަހަޅާ ފޯމުން އެނގެން އޮންނަކަމާއި، މި މައްސަލައާ ގުޅިގެން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު ދަޢުވާގައި މުޙައްމަދު ނަޝީދު ހިންގިކަމަށް ތުހުމަތު ކުރެވުނު އިސްވެ ބަޔާންވެދިޔަ ވާޤިޢާއަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދީފައިވާ ޤާނޫނީ ވަޞްފަކީ ނުވަތަ ކޮށްފައިވާ ތުހުމަތަކީ، "ޤާނޫނާ ޚިލާފުގޮތަކަށް ކުށް ނުކުރާ މީހަކު ހިފައި ހައްޔަރު ކުރުން" ކަމާއި، އެއީ އެއިރު ޢަމަލުކުރަމުންދިޔަ ޤާނޫނުލްޢުޤޫބާތުގެ 81 ވަނަ މާއްދާގައި ކަނޑައަޅާފައި އޮތް ކުށެއްކަމާއި، ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 397/HMC/2012 ޤަޟިއްޔާއިން އެ މައްސަލަ ހިނގަމުންދާތާ ގާތްގަނޑަކަށް 3 އަހަރު ވާން ކައިރިވެފައި ވަނިކޮށް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ކ) އާއި (އ) އިން ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވާ ބާރުގެ މައްޗަށް ރިޢާޔަތްކޮށް އެ މައްސަލަ އަލުން މުރާޖަޢާ ކުރުމަށްފަހު ކްރިމިނަލް ކޯޓަށް 22 ފެބްރުއަރީ 2015 ގައި އެ ކޯޓުގެ ނަންބަރު 132/Cr-C/2015 ޤަޟިއްޔާއިން ހުށަހަޅާފައިވާ ކަމާއި، އެ ޤަޟިއްޔާއިން ކުރެވުނު ދަޢުވާގައި މުޙައްމަދު ނަޝީދު ހިންގިކަމަށް ތުހުމަތު ކުރެވުނު އިސްވެ ބަޔާންވެދިޔަ ވާޤިޢާއަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ކޮށްފައިވާ ތުހުމަތަކީ ޤާނޫނު ނަންބަރު 90/10 (ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ ޓެރަރިޒަމްގެ ކުށުގެ ތުހުމަތު ކަމާއި، މި މައްސަލައިގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ކުރިން، މުޙައްމަދު ނަޝީދުގެ މައްޗަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި އުފުލާފައިވާ ދަޢުވާގައި މުޙައްމަދު ނަޝީދަށް ނިސްބަތްވާ އިޖްރާމީ ވާޤިޢާ އަލުން ތަޤްޔީމްކުރުމަށްފަހު އެ ވާޤިޢާއަށް އައު ޤާނޫނީ ވަޞްފެއް ދިނުމާއެކު ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ވީނަމަވެސް، އެ ކޯޓުގެ ނަންބަރު 132/Cr-C/2015 ޤަޟިއްޔާގައި ހުށަހަޅާފައިވާ އެންމެހައި ވާޤިޢާތަކާއި، ހެކިތަކާއި، ދަލީލުތަކާއި، ލިޔެކިޔުންތަކަކީ ހަމަ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 397/HMC/2012 ޤަޟިއްޔާގައި ވެސް ހުށަހެޅުނު ވާޤީޢާތަކާއި، ހެކިތަކާއި، ދަލީލުތަކާއި، ލިޔެކިޔުންތައްކަމާއި، އެ ތަކެތި ވަނީ މުޙައްމަދު ނަޝީދަށް ޤަވާޢިދުން ލިބިދީފައިކަމާއި، މީގެއިތުރުން، މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުގައި މުޙައްމަދު ނަޝީދު ތަމްޘީލު ކޮށްފައިވަނީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައިވެސް މުޙައްމަދު ނަޝީދު ތަމްޘީލުކުރި ޤާނޫނީ ވަކީލުންކަން އެނގެން އޮންނައިރު، 15 ޖުލައި 2012 އިން ފެށިގެން ހިނގަމުން ދިޔަ މައްސަލައެއްގައި ކޮށްފައިވާ ދަޢުވާ މުރާޖަޢާކޮށް އެ މައްސަލައިގައި ހިނގާފައިވާ ކަމަށް ތުހުމަތުކުރެވޭ ވާޤިޢާއަށް އެހެން ޤާނޫނީ ވަޞްފެއް ދީފައި ވީނަމަވެސް، މައްސަލައިގެ ވާޤިޢާތަކަށް ބަދަލެއް އައިސްފައި ނުވާކަމާ، އަދި އައު ހެއްކެއް ނުވަތަ މުސްތަނަދެއް ވިއަސް ދައުލަތުން ހުށަހަޅާފައި ނުވާކަން މި މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮންނައިރު، ކްރިމިނަލް ކޯޓުގެ ނަންބަރު 132/Cr-C/2015 ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ކުށުން ބަރީއަވުމަށް މަސައްކަތް ކުރުމަށްޓަކައި އެކަށީގެންވާ ވަގުތާއި، ވަސީލަތްތައް މުޙައްމަދު ނަޝީދަށް ލިބިދެވިފައިވާކަން އެނގެން އޮންނަކަމެވެ.

(ށ) ދެވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅައި ބަޔާންވެގެންވާ އިންޞާފުން ޝަރީޢަތްކުރެވުން ގެރެންޓީކޮށްދޭ ދުސްތޫރީ ގެރެންޓީތަކުގެ ތެރޭގައި ޖިނާއީ ޚުޞޫމަތްތަކުގައި މުއްތަހަމަށް ލިބިގެންވާ ދިފާޢީ ޙައްޤުތައް ޝާމިލުވެގެންވާ ކަމާއި، މި ޙައްޤުތަކުގެ ތެރޭގައި ހިމެނޭ އެންމެ އަސާސީ އެއް ޙައްޤަކީ ޖިނާއީ ދަޢުވާގެ އެންމެހައި މަރުޙަލާތަކުގައި ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ޙައްޤުކަމާއި، މި ޙައްޤު ކަށަވަރުކުރަމުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ހ) ގައި މީހަކު ހައްޔަރުކުރެވޭ ހިނދު ނުވަތަ ބަންދުކުރެވޭ ހިނދު، ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ޙައްޤު ލިބިގެންވާކަން އެމީހަކަށް އަންގަންވާނެ ކަމަށާއި، އަދި ލަސްކުރުމެއްނެތި ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދައި، އެ މީހަކު އެ ހައްޔަރުކުރެވުނު ނުވަތަ ބަންދުކުރެވުނު މައްސަލައެއް ނިމެންދެން ޤާނޫނީ ވަކީލުގެ އެހީތެރިކަން ދެމެހެއްޓުމުގެ ފުރުޞަތު އެ މީހަކަށް ފަހިކޮށްދޭން ވާނެކަމަށް ކަނޑައަޅައި ބަޔާންކޮށްފައިވާއިރު، ކުށެއް ކުރިކަމުގެ ދަޢުވާ އުފުލިފައިވާ ކޮންމެ މީހަކަށްމެ ކުށުން ބަރީއަވުމަށް މަސައްކަތް ކުރުމަށްޓަކައި އެކަށީގެންވާ ވަގުތާއި، އެކަށީގެންވާ ވަސީލަތް ލިބެންވާނެ ކަމަށާއި، އަދި އެ މީހަކު އިޚްތިޔާރުކުރާ ޤާނޫނީ ވަކީލަކާ މަޝްވަރާކުރުމަށް ފުރުޞަތު ދޭންވާނެކަމަށާއި، އަދި އެ މީހެއްގެ ޙާޟިރުގައި ޝަރީޢަތް ކުރެވުމާއި، އެ މީހަކު އިޚްތިޔާރުކުރާ ޤާނޫނީ ވަކީލެއްގެ އެހީގައި ކުށުން ބަރީއަވުމަށް މަސައްކަތްކުރުމުގެ ޙައްޤު ލިބިގެންވާކަމަށް ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ) އާއި (ޅ) ގައި ބަޔާންކޮށްފައިވާކަމާ، އަދި މީގެއިތުރުން ޤާނޫނުއަސާސީގެ 53 ވަނަ މާއްދާގެ (ހ) ގައި "ޤާނޫނީ ވަކީލެއްގެ އެހީއަކަށް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އެފަދަ އެހީ ހޯދައި ލިބިގަތުމުގެ ޙައްޤު ކޮންމެ މީހަކަށް ލިބިގެންވެއެވެ." މިފަދައިން ބަޔާންކުރުމަށްފަހު އެ މާއްދާގެ (ށ) ގައި "ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހާއަކީ ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭ ފަދަ މާލީ ތަނަވަސްކަމެއް ނެތް މީހަކު ނަމަ، އޭނާއަށް ދައުލަތުން ޤާނޫނީ ވަކީލަކު ޢައްޔަން ކޮށްދޭން ވާނެއެވެ." މިފަދައިން ކަނޑައަޅައި ބަޔާންކޮށްފައި ވާއިރު، މި ޙައްޤަކީ ތަފާތު ދީމިޤްރާޠީ ދައުލަތްތަކުގެ ދުސްތޫރުތަކުގަޔާއި، އިންސާނީ ޙައްޤުތަކާބެހޭ ޢާލަމީ އިޢުލާނު (1948) (Universal Declaration of Human Rights) އާއި، ސިޔާސީ އަދި މަދަނީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ ޢަޙްދު (1966) ފަދަ ބައިނަލް އަޤްވާމީ ވަޘާއިޤު (instruments) ތަކުގައި އިސްތިޤްރާރުވެފައިވާ ޙައްޤެއްކަން އެނގެން އޮންނަކަމާއި، ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ޙައްޤަކީ މުއްތަހަމުގެ މަޞްލަޙަތާ ގުޅިފައިވާ ދިފާޢީ ޙައްޤުތަކުގެ ތެރެއިން ޙައްޤެއްކަމުގައިވާއިރު، ޢަދުލު އިންޞާފުގެ މަޞްލަޙަތަށްޓަކައި ކޯޓުން އެހެންގޮތަކަށް ކަނޑަނާޅާހާ ހިނދަކު، އެ ޙައްޤުން ތަނާޒުލްވެ ޤާނޫނީ ވަކީލަކާ ނުލައި ކޯޓުގައި ދިފާޢުވުމުގެ އިޚްތިޔާރު ކޮންމެ މުއްތަހަމަކަށްވެސް ލިބިގެންވާކަމާއި، ކޯޓުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ފުރުޞަތު މުއްތަހަމަށް ދިނުމަށްފަހު، ޤާނޫނީ ވަކީލަކު ޢައްޔަންކުރުމުގެ މާލީ ތަނަވަސްކަން އޭނާއަށް ލިބިގެންނުވާނަމަ ދައުލަތުން ޤާނޫނީ ވަކީލަކު ޢައްޔަންކޮށްދިނުމަށް އެދުމަކާ ނުލައި، އޭނާ ޤާނޫނީ ވަކީލަކު އިޚްތިޔާރުކުރުމުން މަނާވެގެންފިނަމަ އޭނާ ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ޙައްޤުން ތަނާޒުލްވީކަމަށް ބަލައި ވަކީލަކާ ނުލައި ޝަރީޢަތް ހިންގުމުގެ ބާރު ކޯޓަށް ލިބިގެންވާކަން އެނގެން އޮންނައިރު، މުޙައްމަދު ނަޝީދުގެ މައްޗަށް ދަޢުވާ ލިބޭގޮތަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އުފުލާފައިވާ ކްރިމިނަލް ކޯޓުގެ ޙަވާލާދެވުނު ނަންބަރު 132/Cr-C/2015 ޤަޟިއްޔާގެ ފުރަތަމަ އަޑުއެހުމުގައި މުޙައްމަދު ނަޝީދުގެ ފަރާތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަމާއެކު މައްސަލަ ކުރިޔަށް ގެންދިއުމަށް އެދުމުން އެފުރުޞަތު މުޙައްމަދު ނަޝީދަށް ދެވިފައިވާކަމާއި، އަދި އެއަށްފަހު އެ މައްސަލާގައި ބޭއްވުނު އަޑުއެހުންތަކުގައި މުޙައްމަދު ނަޝީދު އިޚްތިޔާރުކުރި ޤާނޫނީ ވަކީލުންގެ ޙާޟިރުގައި ޝަރީޢަތް ކުރެވިފައިވާކަމާއި، ނަމަވެސް އެ މައްސަލައިގެ އަޑު އެހުންތައް ހިނގަމުން ދަނިކޮށް މުޙައްމަދު ނަޝީދުގެ ވަކީލުން 08 މާރިޗް 2015 ގައި ބޭއްވުނު އެ މައްސަލައިގެ ޝަރީޢަތް ފެށުމަށް ހަމަޖެހިފައިވާ ގަޑި ފާއިތުވެ ދިޔަފަހުން އެ މައްސަލައިން ތަނާޒުލްވިކަމަށް އަންގާފައިވާކަމާއި، އެއަށްފަހު މުޙައްމަދު ނަޝީދަށް އަލުން ވަކީލުން ޢައްޔަންކުރުމުގެ ފުރުޞަތު އެރުވުމުން އެ ފުރުޞަތުގެ ބޭނުންކޮށް ވަކީލުން ޢައްޔަންކޮށްފައި ނުވާކަން މި މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮންނައިރު، ކްރިމިނަލް ކޯޓުގެ ނަންބަރު 132/Cr-C/2015 ޤަޟިއްޔާގެ ޝަރީޢަތް ކުރިއަށް ގެންދިއުމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ) އަދި (ޅ) ގައި ބަޔާންކޮށްފައިވާ އެ މީހަކު އިޚްތިޔާރުކުރާ ޤާނޫނީ ވަކީލަކާ މަޝްވަރާކޮށް ޤާނޫނީ ވަކީލެއްގެ އެހީގައި ކުށުން ބަރީއަވުމަށް މަސައްކަތްކުރުމުގެ ޙައްޤު މުޙައްމަދު ނަޝީދަށް ލިބިދިނުމުގައި ކޯޓުން އެ ޙައްޤު ހަނިކޮށްފައިވާކަމަށް ބަލާނެ އަސާސެއް ނެތްކަމެވެ.

(ނ) ތިންވަނަ ކަމަކީ، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރާއި އެ ބާރުގައި މަސައްކަތްކުރާ ފަނޑިޔާރުންގެ މުސްތަޤިއްލު ކަމަކީ "މަޝްރޫޢިއްޔަތު" (Legality) އާއި، ޤާނޫނުގެ ސިޔާދަތު ކަށަވަރު ކޮށްދޭ އެންމެ މުހިއްމު އެއް ޟަމާން ކަމުން، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުގައި މަސައްކަތްކުރާ ފަނޑިޔާރުންނަކީ ވެރިކަންކުރުމުގެ ބާރާއި ޤާނޫނު ހެދުމުގެ ބާރާއި އެނޫންވެސް އެއްވެސް ފަރާތެއްގެ ސީދާ ނުވަތަ ނުސީދާ ނުފޫޒުތަކުން އެއްކިބާވެފައި ތިބެންޖެހޭ ބައެއްކަމާއި، މިގޮތުން ޤާނޫނުގެ ރައުޔު އިސްތިޚްލާޞްކުރުމުގަޔާއި، ޤާނޫނު މާނަކުރުމުގަޔާއި ތަޠްބީޤުކުރުމުގައި ދުސްތޫރާއި ޤާނޫނަށް މެނުވީ ފަނޑިޔާރުން ތަބާވެގެން ނުވާނެކަމާއި، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުގެ މުސްތަޤިއްލުކަމާއި މިނިވަންކަމަކީ މި ޒަމާނުގެ އެންމެހައި ދުސްތޫރުތަކާއި، "ޖަރީމާ މަނާކުރުމާއި މުޖުރިމުންނާއި މުޢާމަލާތް ކުރުމާބެހޭ ޔުނައިޓެޑް ނޭޝަންސްގެ 7 ވަނަ ކޮންގްރެސް" (United Nations Congresses on the prevention of crime and the treatment of offenders) އިން ފާސްކޮށްފައިވާ އަސާސީ މަބްދައުތައް (basic principles) ފަދަ ތަފާތު ބައިނަލްއަޤްވާމީ ކަމާބެހޭ ވަޘާއިޤުތަކުގައި އިސްތިޤުރާރުވެފައިވާ މަބްދައެއްކަމާއި، މި މަބްދައު ކަށަވަރުކުރަމުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގެ ޞަރީޙަ ނައްޞުގައި "ފަނޑިޔާރުންނަކީ މުސްތަޤިއްލު ބައެކެވެ. ފަނޑިޔާރުން ޢަމަލުކުރާނީ ޤާނޫނުއަސާސީ އާއި ޤާނޫނަށެވެ. ޤާނޫނުއަސާސީ އާއި ޤާނޫނުގައި ވަކިގޮތަކަށް ކަނޑައަޅައިފައިނުވާ ކަންކަން ނިންމުމުގައި އިސްލާމީ ޝަރީޢަތުގައި އެކަމެއް ކަނޑައެޅިފައިވާ ގޮތަށް ފަނޑިޔާރުން ރިޢާޔަތް ކުރާންވާނެއެވެ. ފަނޑިޔާރުންގެ މަސައްކަތުގައި ޤާނޫނުއަސާސީ އާއި ޤާނޫނާ އެއްގޮތަށް ކަންތައްތައް ނިންމަންވާނީ ވަކިފަރާތަކަށް ބުރަނުވެ، ވަކިފަރާތަކުން ދައްކައިފާނެ ބިރަކަށް ޖެހިލުންނުވެ، ތަޢައްޞުބުން އެއްކިބާވެ ތިބެއެވެ." މިފަދައިން ކަނޑައަޅައި ބަޔާންކޮށްފައި އޮންނައިރު، އަމިއްލަ ފަރުދަކު ވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ޙަވާލުވެ ހުރި މީހަކު ވިޔަސް، ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒުފޯރުވައި ހަދައިގެނެއް ނުވާނެކަމަށް ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކަމާއި، އަދި އެ މާއްދާގެ (ރ) ގައި ކޯޓުތަކުގެ މިނިވަންކަން ރައްކާތެރިކުރުމަށާއި، ކޯޓުތަކުގެ ހައިބަތާއި ޤަދަރު ޙިމާޔަތްކޮށްދީ، އެ ތަންތަނަކީ ކޮންމެ މީހަކަށްމެ ފަސޭހައިން މައްސަލަ ހުށަހެޅޭ، ވަކިފަރާތަކަށް ނުޖެހި، ހަރުދަނާގޮތެއްގައި މަސައްކަތްކުރާ ތަންތަން ކަމަށް ހެދުމަށްޓަކައި، ޤާނޫނާއި ޤަވާޢިދުތަކުގެ ޛަރީޢާއިންނާއި ދައުލަތުގެ ކަންތައްތައް ހިންގުމާ ޙަވާލުވެތިބި އެންމެހައި މީހުން ކޯޓުތަކަށް އެހީތެރިވާންވާނެކަމަށް ކަނޑައަޅައި ބަޔާންކޮށްފައިވާކަން އެނގެން އޮންނައިރު، ޤާނޫނުއަސާސީގެ ބުނެވިދިޔަ 142 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަނޑިޔާރުން ވަކިފަރާތަކަށް ބުރަނުވެ ޝަރީޢަތްކުރުމުގެ މަބްދައަކީ ފަނޑިޔާރުގެ ޝަޚްޞީ ވިސްނުމާއި ފިކުރުގެ ސަބަބުން ވަކިފަރާތަކަށް ބުރަވެހުރެ ނިންމާ ނިންމުންތަކުން ޖިނާއީ ޚުޞޫމަތްތަކުގައި ހިމެނޭ ފަރާތްތައް ޙިމާޔަތްކުރުމަށް ބާރުއަޅާ މަބްދައެއްކަމާއި، ފަނޑިޔާރުން ވަކިފަރާތަކަށް ބުރަނުވާކަން ކަށަވަރު ކުރުމަށްޓަކައި ޝަރީޢަތްކުރުމުގެ އެންމެހައި އިޖްރާއާތުތައް ހިންގަންވާނީ މައުޟޫޢީ މިންގަނޑަކުންކަމާއި، މައުޟޫޢީ މިންގަޑަކުން ޝަރީޢަތް ހިންގުމަކީ، އެ ޝަރީޢަތާ ގުޅިގެން މީސްތަކުންނަށް ހިތްހަމަޖެހުން ލިބި، އެބައިމީހުންގެ ހިތްތަކުގައި އުފެދޭ ޝައްކާއި ވަހުމް ދުރުކޮށްދޭ ކަމެއްކަމާއި، އެހެންކަމުން ޢަދާލަތު ޤާއިމުވުމަކުން ނުފުދޭ ކަމަށާއި، ނަމަވެސް ޢަދާލަތު ޤާއިމުވާތަން މީސްތަކުންނަށް ފެންނަން ވާނެކަމަށް ބުނެވޭ ބުނުން ތަޙައްޤުޤުވާނީ ފަނޑިޔާރުންގެ މަސައްކަތުގައި ޤާނޫނުއަސާސީ އާއި ޤާނޫނާ އެއްގޮތަށް ވަކިފަރާތަކަށް ބުރަނުވެ މައުޟޫޢީ މިންގަޑަކުން ޝަރީޢަތްކުރުމުގެ އިޖްރާއާތުތައް ހިންގުމުގެ އިތުރުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގައި ކަނޑައަޅާފައިވާ އިންޞާފުން ޝަރީޢަތްކުރުމުގެ އެންމެހައި އުޞޫލުތަކާއި އަޙްކާމްތައް ތަޠްބީޤުކުރެވިގެން ކަމާއި، އަޞްލަކީ އެހެންގޮތަކަށް ޘާބިތުނުވާހައި ހިނދަކު، ޝަރީޢަތުން މައްސަލައެއް ބަލާ ފަނޑިޔާރަކު ނުވަތަ ފަނޑިޔާރުން ވަކިފަރާތަކަށް ބުރަނުވެ އިންޞާފުން ޝަރީޢަތްކުރުން ކަމާއި، ކްރިމިނަލް ކޯޓުގެ ނަންބަރު 132/Cr-C/2015 ޤަޟިއްޔާއިން މުޙައްމަދު ނަޝީދުގެ މައްޗަށް އުފުލުނު، ބަޔާންވެދިޔަ ދަޢުވާގައި އަނިޔާ ލިބުނު ފަރާތަކީ ކްރިމިނަލް ކޯޓުގެ އިސްޤާޟީ ޢަބްދުﷲ މުޙައްމަދު ކަމުގައިވާތީ، އެ ޤަޟިއްޔާ ބެލުމުގެ ޞަލާޙިއްޔަތު ޢަބްދު ﷲ މުޙައްމަދަށް ލިބިގެން ނުވާކަން އެނގެން އޮންނަކަމާއި، އެހެނީ ޖިނާއީ ދަޢުވާއެއްގައި އަނިޔާ ލިބޭ ފަރާތަށް އެ ދަޢުވާ މުސްތަޤިއްލުކަމާއެކު ވަކިފަރާތަކަށް ބުރަނުވެ ބެލުމުގެ އިޙްތިމާލަކީ ދުރު އިޙްތިމާލެއްކަމުން މައްސަލައެއްގައި އަނިޔާ ލިބޭ ފަރާތަށް ޚުދު އެ މައްސަލަ ބެލުމުގެ އަހްލިއްޔަތު ލިބިގެން ނުވުމަކީ ޖިނާއީ އިޖްރާއާތުގައި އިސްތިޤްރާރުވެފައިވާ އުޞޫލަކަށްވާތީ، ކްރިމިނަލް ކޯޓުގައި ބުނެވިދިޔަ މައްސަލަ ކުރިޔަށް ދިޔައިރު މައްސަލައިގެ އެއްވެސް ކަމެއްގައި ޢަބްދުﷲ މުޙައްމަދު ބައިވެރިވެފައި ނުވާކަން އެނގެން އޮންނަކަމާއި، ވަކިފަރާތަކަށް ބުރަނުވެ އިންޞާފުން ޝަރީޢަތްކުރުން ކަށަވަރުކުރުމަށްޓަކައި، ޖިނާއީ މައްސަލައެއް ބަލާ ފަނޑިޔާރަށް އެމައްސަލަ ބެލުން މަނާކުރެވޭ ޙާލަތްތަކެއް ވާކަން އިސްތިޤްރާރުވެފައިވާ ޖިނާއީ އިޖްރާއާތުގެ އުޞޫލުތަކަށް ބެލުމުން އެނގޭކަމާއި، މިގޮތުން ޖނާއީ މައްސަލައެއް ތަޙްޤީޤު ކޮށްފައިވާ ފަރާތަށާއި، ޖިނާއީ މައްސަލައެއްގައި ޚަޞްމެއްގެ ފަރާތުން ވަކާލާތުކޮށްފައިވާ ޤާނޫނީ ވަކީލަށާއި، ޖިނާއީ މައްސަލައެއްގައި ޤަވާޢިދުން ހެކިބަސްދީފައިވާ ފަރާތަށާއި، ޖިނާއީ މައްސަލައެއްގައި އެކްސްޕާރޓެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ފަރާތަށާއި، މިފަދަ ފަރާތްތަކަށް އެ މައްސަލަ ބަލާ ފަނޑިޔާރުކަންކުރުން މަނާވެގެންވާކަން އެނގެން އޮންނައިރު، ކްރިމިނަލް ކޯޓުގެ ބުނެވިދިޔަ ނަންބަރު 132/Cr-C/2015 ޤަޟިއްޔާ އެ ކޯޓުގައި ބެލި ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންނަކީ އެ ޤަޟިއްޔާގައި މުޙައްމަދު ނަޝީދުގެ މައްޗަށް ތުހުމަތުކުރެވިފައިވާ ވާޤިޢާ ހިނގިއިރު ކްރިމިނަލް ކޯޓުގައި މަސައްކަތްކުރަމުން ދިޔަ ފަނޑިޔާރުންނަށް ވުމަކީ ނުވަތަ އެ ވާޤީޢާ ހިނގައިދިޔަ މަސްރަޙުގައި ތިބި ބަޔަކަށް ވުމަކީ، އޭގެޒާތުގައި އެ ފަނޑިޔާރުންނަށް އެ މައްސަލަ ނުބެލެންޖެހޭ ސަބަބެއް ނޫންކަމާއި، އަދި އެއީ އެ ފަނޑިޔާރުންގެ މުސްތަޤިއްލުކަމަށް ޠަޢުނުކުރެވޭ ފަދަ މަޤްބޫލު ސަބަބެއް ނޫންކަމާ، އަދި އެއީ އެ ފަނޑިޔާރުން އެ މައްސަލަ ބެލުމުން މަނާވެގަންނަންޖެހޭ ފަދަ ޤާނޫނީ ސަބަބެއްވެސް ނޫންކަން އެނގެން އޮންނައިރު، ކްރިމިނަލް ކޯޓުގެ ބުނެވިދިޔަ ނަންބަރު 132/Cr-C/2015 ޤަޟިއްޔާގެ ޝަރީޢަތް ހިންގުމުގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާ އާއި 142 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކޯޓުތަކުގެ މިނިވަންކަމާއި ފަނޑިޔާރުންގެ މުސްތަޤިއްލުކަން ޠަޢުނުކުރެވޭ ފަދަ ކަމެއް ހިނގާފައި ނުވާކަން އެނގެން އޮންނަ އޮތުމެވެ.

(ރ) ހަތަރުވަނަ ކަމަކީ، ކުށެއް ކުރިކަމުގެ ދަޢުވާ އުފުލިފައިވާ ކޮންމެ މީހަކަށްމެ، ދަޢުވާ ހުށަހަޅާ ފަރާތުން ޝަރީޢަތަށް ޙާޟިރުކުރާ ހެކިންނާ ސުވާލުކުރުމާއި، އެ މީހަކު ބޭނުން ހެކިން ޝަރީޢަތަށް ޙާޟިރުކޮށްދިނުމަށް ކޯޓުގައި އެދުމާއި، އެ ހެކިންނާ ޝަރީޢަތުގެ މަޖިލީހުގައި ސުވާލުކުރުމުގެ ޙައްޤު ލިބިގެންވާކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ކ) ގައި ކަނޑައަޅައި ބަޔާންކޮށްފައި އޮންނައިރު، މި ޒަމާނުގެ ތަފާތު ޖުރިސްޑިކްޝަންތަކުގައި ޖިނާއީ މައްސަލަތައް ޘާބިތުކުރުމުގައި ޢަމަލުކުރެވޭ އުޞޫލުތަކެއް އިސްތިޤްރާރުވެފައިވާ ކަމާ، މިގޮތުން ބަލާއިރު، މަދަނީ އަދި ތިޖާރީ މައްސަލަތަކުގައި ޢާންމު އުޞޫލެއްގެ ގޮތުން ޘާބިތުކުރަންޖެހެނީ ޤާނޫނީ ތަޞައްރުފާތު ތަކެއް ކަމުގައިވީނަމަވެސް، ޖިނާއީ މައްސަލަތަކުގައި ޢާންމު އުޞޫލެއްގެ ގޮތުން ޘާބިތުކުރަންޖެހެނީ އިޖްރާމީ ވަޤާއިޢު ތަކެއްކަމުގައި ވާހިނދު، ޖިނާއީ މައްސަލަތައް ޘާބިތުކުރުމަށް ހުށަހެޅޭ ހެކިތަކާއި ދަލީލުތަކުގެ ތެރެއިން ކުރިއާލައި ވަކި ހެއްކެއް ނުވަތަ ދަލީލެއް ބަލައިގަނެ އޭގެ މައްޗަށް ރިޢާޔަތް ކުރުމަށާއި، ނުވަތަ ވަކި ހެއްކެއް ނުވަތަ ދަލީލެއް ޤަބޫލުނުކޮށް އޭގެ މައްޗަށް ރިޢާޔަތް ނުކުރުމަށް ޖިނާއީ މައްސަލަ ބަލާ ފަނޑިޔާރުންގެ މައްޗަށް ލާޒިމް ނުކުރެވޭނެކަމާ، އަދި ހަމައެހެންމެ، ޖިނާއީ މައްސަލައެއްގައި ޘާބިތުކުރަން ބޭނުންވާ ވާޤިޢާއަކީ އިތުރަށް ޘާބިތުކުރަންޖެހޭ މިންވަރަށްވުރެ ބޮޑަށް ފަނޑިޔާރުންނަށް ސާފުވެފައިވާ ވާޤިޢާއެއް ނަމަ، ސަބަބު ބަޔާންކޮށް އެ ވާޤިޢާ ޘާބިތުކުރުމަށް ހުށަހެޅޭ ހެކިންގެ ހެކިބަސް ނުނެގުމުގެ އިޚްތިޔާރު ފަނޑިޔާރުންނަށް ލިބިގެންވާކަމާއި، ޖިނާއީ މައްސަލަތަކުގައި ޘާބިތުކުރަން ބޭނުންވާ ވަޤާއިޢުތައް ޘާބިތުކުރުމަށް ބަލައިގެންފައިވާ ހެކިތަކާއި ދަލީލުތަކުގެ ތެރެއިން، ޤާނޫނީ ޤަރީނާ (Presumption of Law) ފިޔަވައި، ވަކި ހެކިތަކަކަށް ނުވަތަ ދަލީލުތަކަކަށް ބުރަވުން ފަނޑިޔާރުންގެ މައްޗަށް ލާޒިމުވެގެން ނުވާކަން އެނގޭކަމާއި، ޖިނާއީ މައްސަލަ ނިންމުމުގައި ފަނޑިޔާރުންގެ "އިޤުތިނާޢު" (convince) ބިނާކުރަންވާނީ ހުށަހެޅޭ ދަލީލުތައް ތަޤްޔީމުކޮށް ވަޒަންކުރުމަށްފަހު ފަނޑިޔާރުންނަށް ޤަބޫލުކުރެވޭ ހެކިތަކާއި، ދަލީލުތަކާއި އެއިން އިސްތިޚްލާޞްކުރެވޭ އިޖްމާލީ ނަތީޖާގެ މައްޗަށްކަން އެނގެން އޮންނައިރު، ކްރިމިނަލް ކޯޓުގެ އިސްވެދިޔަ ނަންބަރު 132/Cr-C/2015 ޤަޟިއްޔާއިން ބެލުނު މައްސަލައިގައި ހެކިން ހުށަހެޅުމާއި ހެކިންނާ ސުވާލުކުރުމާ ގުޅޭގޮތުން ހިންގުނު އިޖްރާއާތުތަކަށް ބަލާއިރު، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ޝަރީޢަތަށް ހުށަހެޅި ހެކިންނާއި ސުވާލުކޮށް، ހުށަހެޅިފައިވާ އެންމެހައި ހެކިތަކާއި ދަލީލުތަކާމެދު ވާހަކަދެއްކުމުގެ ފުރުޞަތު މުޙައްމަދު ނަޝީދަށް ޖިނާއީ އިޖްރާއާތުގެ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ކޯޓުން ފަހިކޮށްދީފައިވާކަން އެނގޭކަމާއި، މީގެއިތުރުން، މުޙައްމަދު ނަޝީދުގެ ފަރާތުން ދިފާޢުގައި ހުށަހަޅަން ބޭނުންވާ ހެއްކާއި ދަލީލުތައް ހުށަހެޅުމުގެ ފުރުޞަތު ކޯޓުން ދީފައިވާކަމާއި، އެހެންނަމަވެސް، މުޙައްމަދު ނަޝީދުގެ ފަރާތުން ދިފާޢުގައި ހުށަހެޅި ހެކިންގެ ހެކިބަސް ކޯޓަށް ނަގާފައި ނުވާ ސަބަބަކީ، އެ ޤަޟިއްޔާގައި ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިތަކުން މައްސަލައިގައި ކަން ހިނގާފައިވާ ގޮތުގެ ޙަޤީޤަތް ޘާބިތުވެފައިވާތީކަން ކްރިމިނަލް ކޯޓުގެ ބުނެވިދިޔަ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮންނައިރު، އެ ޤަޟިއްޔާއިން މުޙައްމަދު ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހިންގުނު ޝަރީޢަތުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ކ) ގައި ދަޢުވާ ހުށަހަޅާ ފަރާތުން ޝަރީޢަތަށް ޙާޟިރުކުރާ ހެކިންނާ ސުވާލުކުރުމާއި، އެ މީހަކު ބޭނުން ހެކީން ޝަރީޢަތަށް ޙާޟިރުކޮށްދިނުމަށް ކޯޓުގައި އެދުމާއި، އެ ހެކިންނާ ޝަރީޢަތުގެ މަޖިލީހުގައި ސުވާލުކުރުމުގެ ޙައްޤު ޖިނާއީ އިޖްރާއާތުގައި ޢަމަލުކުރާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން މުޙައްމަދު ނަޝީދަށް ލިބިދީފައިވާކަން އެނގެން އޮންނަކަމެވެ.

ކްރިމިނަލް ކޯޓުގެ ޙަވާލާދެވުނު ނަންބަރު 132/Cr-C/2015 ޤަޟިއްޔާ ނިންމާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ބައިނަލްއަޤްވާމީ ހަމަތަކާ އެއްގޮތަށްކަން ކަށަވަރުކުރުމުގެ ގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅާފައިވާ، އިސްވެ ބަޔާންވެދިޔަ ނުކުތާތަކުގައި ތަފްޞީލުކުރެވުނު ކަންތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، ކްރިމިނަލް ކޯޓުގެ ބުނެވިދިޔަ ނަންބަރު 132/Cr-C/2015 ޤަޟިއްޔާއިން ނިންމާފައިވާ މައްސަލައިގައި، އެ ޤަޟިއްޔާގައި ދަޢުވާ ރައްދުވާ ގ. ކެނެރީގޭ މުޙައްމަދު ނަޝީދަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ޤާނޫނުތަކާއި، ކަމާބެހޭ ބައިނަލްއަޤްވާމީ ވަޘާއިޤުތަކާއި، ޖިނާއީ އިޖްރާއާތުގެ އުޞޫލުތަކާއި، އިޖްރާއީ ޝަރްޠުތަކާއި ޤަވާޢިދުތަކާއި، ދީމިޤްރާޠީ މުޖްތަމަޢުތަކުގެ ޖިނާއީ އިޖްރާއާތުގެ ނިޒާމްތަކުގައި އިސްތިޤުރާރުވެފައިވާ އިންޞާފުން ޝަރީޢަތްކުރުމާގުޅޭ އެންމެހައި އަސާސީ ޙައްޤުތައް ލިބިދީފައިވާކަން އެނގެން އޮވެއެވެ.

އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގެ 4 ވަނަ ނަންބަރާއި 5 ވަނަ ނަންބަރުގައި ބަޔާންވެދިޔަ އިސްތިއުނާފުކުރުމާބެހޭ ޢާންމު އުޞޫލުތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، ހައިކޯޓުގެ ޙަވާލާދެވުނު ނަންބަރު HC-IH/2015/01 އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ މައްސަލައިގެ ނިންމުމުގައި ކްރިމިނަލް ކޯޓުގެ ނަންބަރު 132/Cr-C/2015 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވަނީ ޕްރޮސިކިއުޓަރ ޖެނެރަލް ކަމަށްވެފައި، އެ ފަރާތުން އިސްތިއުނާފު ބިނާކޮށްފައިވާ ކަންކަމަކީ ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ) 43 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގެ ތެރެއިން ޙާލަތަކަށް ފެތޭގޮތަށް ހުށަހެޅި މައްސަލައަކަށްނުވާތީ އާއި، އަދި މި މައްސަލައަކީ ކްރިމިނަލް ކޯޓުގެ ނަންބަރު 132/Cr-C/2015 ޤަޟިއްޔާގެ މައުޟޫޢުގައި އެ ފަރާތެއްގެ މައްޗަށް ޙުކުމް ކޮށްފައިވާ ގ. ކެނެރީގޭ މުޙައްމަދު ނަޝީދުގެ ފަރާތުން އެ ޙުކުމް ރަނގަޅު ނޫންކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ މައްސަލައަކަށް ނުވާތީ، މި މައްސަލައަކީ އިސްތިއުނާފީ މައްސަލައެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ބަލައިގަތުމުގެ ހުއްދަ ދެވެން އޮތް މައްސަލައެއް ނޫންކަމަށް، ބުނެވިދިޔަ ހައިކޯޓުގެ ނަންބަރު HC-IH/2015/01 އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ މައްސަލައިގެ ނިންމުމުގައި ކަނޑައަޅާފައިވަނީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށްކަން އެނގެން އޮވެއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅާފައިވާ މި މައްސަލައިގައި މަޞްލަޙަތު ހިމެނޭ ފަރާތެއްގެ ގޮތުން ގ. ކެނެރީގެ، މުޙައްމަދު ނަޝީދުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ފާހަގަކޮށްފައިވާ ކަންކަމާއި، މުޙައްމަދު ނަޝީދުގެ ފަރާތުން 30 ޖުލައި 2015 ވަނަދުވަހު ޕްރޮސިކިއުޓަރ ޖެނެރަލް އަށް ފޮނުވާފައިވާ ސިޓީގައި، ޕްރޮސިކިއުޓަރ ޖެނެރަލް މެދުވެރިކޮށް އިސްތިއުނާފަށް ހުށަހެޅުމަށް މުޙައްމަދު ނަޝީދުގެ ފަރާތުން އެދިފައިވާކަމަށް، ކްރިމިނަލް ކޯޓުގެ ނަންބަރު 132/Cr-C/2015 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި އިސްތިއުނާފުކުރުމަށް ދަޢުވާ ހުށަހަޅާ ފޯމުގައި ފާހަގަކޮށްފައިވާ ކަންކަމުގެ މައްޗަށް ބަލާއިރު، އެ ކަންކަމަކީ ޙަޤީޤަތުގައި ކްރިމިނަލް ކޯޓުގެ ނަންބަރު 132/Cr-C/2015 ޤަޟިއްޔާގައި ހިމެނޭ ވަޤާއިޢުތަކުގެ މައްޗަށް މައުޟޫޢީ ގޮތުންނާއި، އިޖްރާއީ ގޮތުން ޤާނޫނު ތަޠްބީޤުކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް މުޙައްމަދު ނަޝީދުގެ ފަރާތުން ދެކޭ ކަންކަމުގައި ވާހިނދު، އެ ކަންކަމަށް ޠަޢުނުކޮށް މުޙައްމަދު ނަޝީދުގެ ފަރާތުން ހުށަހަޅަންޖެހޭނީ ކަމާބެހޭ އިސްތިއުނާފީ ކޯޓަށް ކަމާއި، އެހެންކަމުން، ކްރިމިނަލް ކޯޓުގެ ބުނެވިދިޔަ ޤަޟިއްޔާގެ ޙުކުމް މައުޟޫޢީ ގޮތުންނާއި، އިޖްރާއީ ގޮތުން ބިނާކޮށްފައިވާ އަސާސްތަކަކީ ޤާނޫނީ ގޮތުން ޞައްޙަ އަސާސްތަކެއް ކަމަށް މުޙައްމަދު ނަޝީދުގެ ފަރާތުން ނުދެކޭނަމަ، ޢަމަލުކުރެވޭ ޤާނޫނީ އިޖްރާއާތުގެ އުޞޫލުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަކީ މުޙައްމަދު ނަޝީދަށް ލިބިގެންވާ ޙައްޤެއްކަމުގައި ވީނަމަވެސް، މުޙައްމަދު ނަޝީދުގެ ފަރާތުން އެ ޙައްޤު ބޭނުންކުރުމަށް އިޖްރާއީގޮތުން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އެ ޙައްޤު ބޭނުންކޮށް، އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ޤަވާޢިދުން ހުށަހަޅާފައި ނުވާކަން އެނގެން އޮންނަކަމާ، އަދި 13 މާރިޗް 2015 ގައި ކްރިމިނަލް ކޯޓުން ނިންމާފައިވާ ބުނެވިދިޔަ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ކަނޑައެޅިފައިވާ މުއްދަތު ނިމުނުތާ ދިގު މުއްދަތެއް ފަހަނައަޅައި ދިޔަ ފަހުންވެސް، ކަނޑައެޅިފައިވާ މުއްދަތުގައި އިސްތިއުނާފުކުރަމަށް ހުށަނޭޅުނު މަޤްބޫލު ސަބަބެއް ބަޔާންކޮށް އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް މުޙައްމަދު ނަޝީދުގެ ފަރާތުން މަސައްކަތްކޮށްފައި ނުވުމުން، އެ ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މުޙައްމަދު ނަޝީދުގެ ފަރާތުން ޢަމަލީގޮތުން ދޫކޮށްލާފައިވާކަމާއި، އެހެންކަމުން ކްރިމިނަލް ކޯޓުގެ ބުނެވިދިޔަ ނަންބަރު 132/Cr-C/2015 ޤަޟިއްޔާއަކީ މިހާރު ފައިޞަލާކުރަނިވި ކަނޑައެޅި ނިޔާގެ ބާރު ލިބިފައިވާ ނިހާއީ ޙުކުމެއްކަން އެނގެން އޮވެއެވެ.

ޙުކުމް:

އިސްވެ ބަޔާންކުރެވުނު ސަބަބުތައް އެގޮތުގެ މަތިން ހުރުމާއެކު، ކްރިމިނަލް ކޯޓުގެ ނަންބަރު 132/Cr-C/2015 ޤަޟިއްޔާ ނިންމާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ބައިނަލްއަޤްވާމީ ހަމަތަކާ އެއްގޮތަށްކަން ކަށަވަރުކުރުމުގެ ގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި ނުކުތާތަކުގެ މައްޗަށް ޝަރްޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިއިރު، ކްރިމިނަލް ކޯޓުގެ ނަންބަރު 132/Cr-C/2015 ޤަޟިއްޔާއިން ނިންމާފައިވާ މައްސަލައިގައި، އެ ޤަޟިއްޔާގައި ދަޢުވާ ރައްދުވާ ގ.ކެނެރީގޭ މުޙައްމަދު ނަޝީދަށް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ޤާނޫނުތަކާއި، ކަމާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާތަކާއި، ޖިނާއީ އިޖްރާއާތުގެ އުޞޫލުތަކާއި، އިޖްރާއީ ޝަރްޠުތަކާއި ޤަވާޢިދުތަކާއި، ދީމިޤްރާޠީ މުޖްތަމަޢުތަކުގެ ޖިނާއީ އިޖްރާއާތުގެ ނިޒާމްތަކުގައި އިސްތިޤުރާރުވެފައިވާ އިންޞާފުން ޝަރީޢަތްކުރުމާގުޅޭ އެންމެހައި އަސާސީ ޙައްޤުތައް ލިބިދީފައިވާކަން ކަށަވަރުވެފައިވާކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައެޅުމާއެކު، ކްރިމިނަލް ކޯޓުގެ ނަންބަރު 132/Cr-C/2015 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި މައްސަލައިގެ އިސްތިއުނާފު ބިނާކޮށްފައިވާ ސަބަބުތަކީ ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 43 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރެވޭ ޙާލަތްތަކުގެ ތެރެއިން ޙާލަތަކަށް ފެތޭ ސަބަބުތަކަކަށް ނުވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-IH/2015/01 ނިންމުމުގައި، އެ މައްސަލަ އިސްތިއުނާފީ މައްސަލައެއްގެ ގޮތުގައި ބަލައިނުގަތުމަށް ނިންމާފައިވަނީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމަށްވާތީ، އެ ނިންމުމަކީ ޞައްޙަ ނިންމުމެއްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.

އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު

ފަނޑިޔާރު ޢަބްދުﷲ ޢަރީފް

ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު

ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ

ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ