—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 2016/SC-A/03, 2016/SC-A/02
ދަޢުވާކުރާ ފަރާތް: އެޓަރނީ ޖެނެރަލްގެ އޮފީސް
ޢަބްދުﷲ މުޙައްމަދު
ދަޢުވާލިބޭ ފަރާތް: ޢާފިޔާ ޢަބްދުއްރައްޒާޤް، މއ. ދަހަރާވިލާ، މާލެ
މައްސަލައިގެ ބާވަތް: އިދާރީ ފިޔަވަޅު ބާޠިލްކުރުން
މައްސަލަ އައިގޮތް: އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚް: 13 އޮގަސްޓު 2015 (2016/SC-A/03)
20 އޮގަސްޓު 2015 (2016/SC-A/02)
ރަޖިސްޓްރީކުރެވުނު ތާރީޚް: 19 ޖަނަވަރީ 2016
ނިމުނު ތާރީޚް: 04 މާރިޗު 2019
މައްސަލަ ނިންމި ގަޑި: 12:36
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ
ނަންބަރު: 2015/HC-A/17
ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
ހުށަހެޅުނު ތާރީޚް: 15 ޖަނަވަރީ 2015
ނިމުނު ތާރީޚް: 21 މޭ 2015
މައްސަލައިގެ ޚުލާޞާ:
މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/17 ޤަޟިއްޔާ، އެ ކޯޓުން ބަލައި ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުވާ ގޮތަށްކަމަށް ބުނެ، އެ ޤަޟިއްޔާ އިލްތިމާސްކޮށްދިނުމަށް އެދި، އެޓަރނީ ޖެނެރަލްގެ ފަރާތުން ހުށަހެޅި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/02 ޤަޟިއްޔާއާއި، އަދި ހަމަ އިސްވެ ބަޔާންކުރެވިދިޔަ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު ޤަޟިއްޔާ، އެ ކޯޓުން ބަލައި ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުވާ ގޮތަށްކަމަށް ބުނެ، އެ ޤަޟިއްޔާ އިލްތިމާސްކޮށްދިނުމަށް އެދި، ޢަބްދުﷲ މުޙައްމަދު ގެ ފަރާތުން ހުށަހެޅި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/03 ޤަޟިއްޔާއާ ގުޅިގެން ބެލިފައިވާ މައްސަލައެކެވެ. މި މައްސަލައިގައި ދަޢުވާ ރައްދުވާ ފަރާތަކީ މއ. ދަހަރާވިލާ، މާލެ، ޢާފިޔާ ޢަބްދުއްރައްޒާޤު އެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ އިޝާރާތްކުރެވުނު ނަންބަރު 2015/HC-A/17 ޤަޟިއްޔާއަކީ، ސިވިލް ކޯޓުގެ ނަންބަރު 2245/Cv-C/2013 ޤަޟިއްޔާ އެ ކޯޓުން ބަލައި ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް މއ. ދަހަރާވިލާ، މާލެ، ޢާފިޔާ ޢަބްދުއްރައްޒާޤުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުން ބަލައި ނިންމާފައިވާ ޤަޟިއްޔާއެކެވެ. އަދި އެ ޤަޟިއްޔާގައި ދަޢުވާ ރައްދުވާ ފަރާތަކީ ދިވެހި ދައުލަތް (މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް) އެވެ.
ފާހަގަކުރެވުނު ނުކުތާތައް:
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/17 ޤަޟިއްޔާގެ ދަށުން އިސްތިއުނާފުކޮށް ބެލެވުނު ސިވިލް ކޯޓުގެ ނަންބަރު 2245/Cv-C/2013 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ، ޕޮލިކޮމް އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް އެވެކިޔާ ކުންފުނީގައި އޮތް ޢަބްދުﷲ މުޙައްމަދުގެ 33 (ތެއްތިރީސް) ޕަސެންޓް ޙިއްޞާ، US$700.000.00 (ހަތްލައްކަ ޔޫއެސް ޑޮލަރު) ގެ އަގަށް ޢަބްދުﷲ މުޙައްމަދު، މއ. ރޯޒްމީޑް، ޢާފިޔާ ޢަބްދުއްރައްޒާޤަށް ވިއްކުމުން ޢާފިޔާ ޢަބްދުއްރައްޒާޤު އެ 33 (ތެއްތިރީސް) ޕަސެންޓް ޙިއްޞާ ޤާނޫނީ ހަމަތަކުގެމަތިން ގަނެ ޢަބްދުﷲ މުޙައްމަދަށް އަގު އަދާކޮށްފައިވާތީ، ޢާފިޔާ ޢަބްދުއްރައްޒާޤަކީ އެ ކުންފުނީގެ 33 (ތެއްތިރީސް) ޕަސެންޓްގެ ޙިއްޞާދާރެއްގެ ގޮތުގައި 1998 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 22 ވަނަ ދުވަހު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކުރީގެ މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒް) ގައި ރަޖިސްޓްރީކޮށްފައިވަނިކޮށް ޢާފިޔާ ޢަބްދުއްރައްޒާޤަށް، ޢަބްދުﷲ މުޙައްމަދު ވިއްކާފައިވާ 33 (ތެއްތިރީސް) ޕަސެންޓް ޙިއްޞާ ޢަބްދުﷲ މުޙައްމަދުގެ ނަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ފަހުން ބަދަލުކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށް ބުނެ އެ 33 (ތެއްތިރީސް) ޕަސެންޓް ޙިއްޞާ ޢަބްދުﷲ މުޙައްމަދުގެ ނަމަށް ބަދަލުކުރިކުރުން ބާޠިލްކަމަށް ކަނޑައަޅައިދިނުން އެދި ޢާފިޔާ ޢަބްދުއްރައްޒާޤުގެ ފަރާތުން ދިވެހި ދައުލަތު (މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް) ގެ މައްޗަށް ދަޢުވާކުރުމުން ސިވިލް ކޯޓުން ބަލާފައިވާ ޤަޟިއްޔާއެއްކަމާއި،
އެ ޤަޟިއްޔާ ނިންމާފައިވަނީ މަދަނީ ކޯޓުގެ ނަންބަރު 1179/MC/98 ޤަޟިއްޔާގެ ޙުކުމުގެ މައްޗަށް ޕޮލިކޮމް އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް އެވެކިޔާ ކުންފުނީގައި އޮތްޢަބްދުﷲ މުޙައްމަދުގެ 33 (ތެއްތިރީސް) ޕަސެންޓް ޙިއްޞާގެ މިލްކުވެރިކަން މއ. ރޯޒްމީޑް، ޢާފިޔާ ޢަބްދުއްރައްޒާޤަށް ނަޤުލުވިވުން ޝަރުޢީ މަރުޙަލާއިން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2006/HC-A/69 ޤަޟިއްޔާއިން ބާޠިލްކުރުމުން ޕޮލިކޮމް އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްގައި އޮތް ޢަބްދުﷲ މުޙައްމަދުގެ 33 (ތެއްތިރީސް) ޕަސެންޓް ޙިއްޞާ އޭގެ އަޞްލު ޙާލަތަށް އިޖްބާރީ ގޮތެއްގައި ބަދަލުވެގެން ދާނޭތީއާއި، ޤާނޫނު ނަންބަރު 96/10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ ދަށުން ޙިއްޞާ ބެހިފައިވާ ގޮތާއި ޙިއްޞާއާބެހޭ މަޢުލޫމާތު ބަލަހައްޓަންޖެހޭ ދައުލަތުގެ އިދާރާގެ ޙައިޘިއްޔަތުން އެކަން ބެލެހެއްޓުމަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކުރީގެ މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒް) ގެ ޒިއްމާއެއް ކަމަށްވާތީ، މަދަނީ ކޯޓުގެ ނަންބަރު 1179/MC/98 ޤަޟިއްޔާގެ ޙުކުމް ކުރިއިރު ޕޮލިކޮމް އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްގައި އޮތް ޢަބްދުﷲ މުޙައްމަދުގެ 33 (ތިރީސްތިނެއް) ޕަސެންޓް ޙިއްޞާ، މަދަނީ ކޯޓުގެ ނަންބަރު 1179/MC/98 ޤަޟިއްޔާގެ ޙުކުމް ކުރިއިރު އޮތް ޙާލަތަށް ރުޖޫޢަކޮށްދިނުމަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކުރީގެ މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒް) އަށް ލާޒިމްވާނެ ކަމެއްކަމަށް ޝަރީޢަތުން ދެކޭތީ، ޕޮލިކޮމް އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް އެވެކިޔާ ކުންފުނީގައި އޮތް ޢަބްދުﷲ މުޙައްމަދުގެ 33 (ތިރީސްތިނެއް) ޕަސެންޓް ޙިއްޞާ US$700.000.00 (ހަތްލައްކަ ޔޫ.އެސް ޑޮލަރު) ގެ އަގަށް ޢަބްދުﷲ މުޙައްމަދު، މއ. ރޯޒްމީޑް، ޢާފިޔާ ޢަބްދުއްރައްޒާޤުއަށް ވިއްކުމުން، ޢާފިޔާ ޢަބްދުއްރައްޒާޤު އެ 33 (ތިރީސްތިނެއް) ޕަސެންޓްގެ ޙިއްޞާ ޤާނޫނީ ހަމަތަކުގެ މަތިން ގަނެ ޢަބްދުﷲ މުޙައްމަދަށް އަގު އަދާކޮށްފައިވާތީ، ޢާފިޔާ ޢަބްދުއްރައްޒާޤް އެ ކުންފުނީގެ33 (ތިރީސްތިނެއް) ޕަސެންޓްގެ ޙިއްޞާދާރެއްގެ ގޮތުގައި 1998 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ22 ވަނަ ދުވަހު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކުރީގެ މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒް) ގައި ރަޖިސްޓްރީކޮށްފައިވަނިކޮށް ޢާފިޔާ ޢަބްދުއްރައްޒާޤުއަށް ޢަބްދުﷲ މުޙައްމަދު ވިއްކާފައިވާ 33 (ތިރީސްތިނެއް) ޙިއްޞާ، ޢަބްދުﷲ މުޙައްމަދުގެ ނަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ފަހުން ބަދަލުކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށް ކަނޑައަޅާނެތަނެއް ނެތްކަމަށް ކަނޑައަޅައި ޙުކުމްކޮށްގެންކަމާއި،
މިކަންކަން ސިވިލް ކޯޓުގެ ނަންބަރު 2245/Cv-C/2013 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެއެވެ.
ބުނެވިދިޔަ ގޮތުގެމަތިން، ސިވިލް ކޯޓުގެ ނަންބަރު 2245/Cv-C/2013 ޤަޟިއްޔާގެ ޝަރީޢަތް ނިމުމާ ގުޅިގެން އެ ކޯޓުން އެ ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށް ބުނެ، އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި، ދިވެހި ދައުލަތު (މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް) ގެ މައްޗަށް ދަޢުވާލިބޭ ގޮތަށް މއ. ދަހަރާވިލާ، މާލެ، ޢާފިޔާ ޢަބްދުއްރައްޒާޤުގެ ފަރާތުން އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/17 ޤަޟިއްޔާގެ ދަށުން ހުށަހެޅުމުން އެ ކޯޓުން އެ ޤަޟިއްޔާ ބަލައި ނިންމާފައިވަނީ،
ޕޮލިކޮމް އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްގައި މއ. ރޯޒްމީޑް، ޢާފިޔާ ޢަބްދުއްރައްޒާޤުގެ ނަމުގައި އޮތް 33 (ތެއްތިރީސް) ޙިއްޞާ ޢަބްދުﷲ މުޙައްމަދުގެ ނަމަށް ބަދަލުކޮށްފައިވަނީ އެ ޙިއްޞާ އޭނާގެ ނަމަށް ބަދަލުކުރުމަށް ޢަބްދުﷲ މުޙައްމަދުގެ ފަރާތުން ނުވަތަ ޕޮލިކޮމް އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅައިގެން ނޫންކަން އެ މައްސަލައިގައި ހިމެނޭ ދެފަރާތުގެ ބަހުން އެނގޭއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2006/HC-A/69 ޤަޟިއްޔާގެ ޙުކުމާ ގުޅިގެން ޢާފިޔާ ޢަބްދުއްރައްޒާޤުގެ ނަމުގައި ޕޮލިކޮމް އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްގައި އޮތް 33 (ތެއްތިރީސް) ޙިއްޞާ ޢަބްދުﷲ މުޙައްމަދުގެ ނަމުގެ މައްޗަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ބަދަލުކޮށްފައިވަނީ އެ މުޢާމަލާތް ބާޠިލްކުރުމާ ގުޅިގެން އެއް ފަރާތުން އަނެއް ފަރާތަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކޮށްފައިވާކަން ކަށަވަރުނުކޮށް އަދި އެ ކުންފުނީގެ ޙިއްޞާ ބަދަލުކުރުމަށް ކަނޑައެޅިފައިވާ އިޖްރާއާތުތަކާ އެއްގޮތަށް ނޫންކަން ހައިކޯޓުގެ ޝަރީޢަތަށް ސާބިތުވާތީ ކަމަށް ބުނެ، ސިވިލް ކޯޓުގެ ނަންބަރު 2245/Cv-C/2013 ޤަޟިއްޔާގައި، ޢާފިޔާ ޢަބްދުއްރައްޒާޤު، ޕޮލިކޮމް އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްގެ 33 (ތެއްތިރީސް) ޕަސެންޓް ޙިއްޞާދާރެއްގެ ގޮތުގައި 1998 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 22 ވަނަ ދުވަހު، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކުރީގެ މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒް) ގައި ރަޖިސްޓްރީކޮށްފައިވަނިކޮށް ޢާފިޔާ ޢަބްދުއްރައްޒާޤަށް ޢަބްދުﷲ މުޙައްމަދު ވިއްކާފައިވާ 33 (ތެއްތިރީސް) ޕަސެންޓް ޙިއްޞާ، ޢަބްދުﷲ މުޙައްމަދުގެ ނަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ފަހުން ބަދަލުކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށް ކަމަށް ކަނޑައަޅާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ކޮށްފައިވާ ޙުކުމް، އެ ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލްކޮށް ޙުކުމް ކޮށްގެންކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2015/HC-A/17 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބެލުމުން އެނގެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/17 ޤަޟިއްޔާގައި އެ ކޯޓުން ކޮށްފައިވާ ޙުކުމް ބިނާވެފައިވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާ ގޮތަށް ކަމަށްބުނެ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ އިލްތިމާސްކުރި އެއް ފަރާތްކަމުގައިވާ އެޓަރނީ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާއަށް މައިގަނޑު 03 (ތިނެއް) ސަބަބެއް ހުށަހަޅައި އެކަންކަމާބެހޭ ގޮތުން ވާހަކަދައްކާފައިވެއެވެ. އޭގެތެރެއިން؛
ފުރަތަމަ ސަބަބަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2006/HC-A/69 ޤަޟިއްޔާގެ ޙުކުމާ ގުޅިގެން ޢާފިޔާ ޢަބްދުއްރައްޒާޤުގެ ނަމުގައި ޕޮލިކޮމް އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްގައި އޮތް 33 (ތެއްތިރީސް) ޕަސެންޓް ޙިއްޞާ، ޢަބްދުﷲ މުޙައްމަދުގެ ނަމުގެ މައްޗަށް ބަދަލުކޮށްފައިވަނީ އެ މުޢާމަލާތް ބާޠިލްކުރުމާ ގުޅިގެން އެއް ފަރާތުން އަނެއް ފަރާތަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކޮށްފައިވާކަން ކަށަވަރުނުކޮށް އަދި އެ ކުންފުނީގެ ޙިއްޞާ ބަދަލުކުރުމަށް ކަނޑައެޅިފައިވާ އިޖުރާއާތުތަކާ އެއްގޮތަށް ނޫންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/17 ޤަޟިއްޔާގައި ކަނޑައަޅާފައިވަނީ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގެ (ނ) އަށް ރިޢާޔަތްނުކޮށް ކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބެވެ.
ދެވަނަ ސަބަބަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2006/HC-A/69 ޤަޟިއްޔާގެ ޙުކުމާ ގުޅިގެން ޢާފިޔާ ޢަބްދުއްރައްޒާޤުގެ ނަމުގައި ޕޮލިކޮމް އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްގައި އޮތް 33 (ތެއްތިރީސް) ޕަސެންޓް ޙިއްޞާ، ޢަބްދުﷲ މުޙައްމަދުގެ ނަމުގެ މައްޗަށް ބަދަލުކޮށްފައިވަނީ އެ މުޢާމަލާތް ބާޠިލްކުރުމާ ގުޅިގެން އެއް ފަރާތުން އަނެއް ފަރާތަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކޮށްފައިވާކަން ކަށަވަރުނުކޮށް އަދި އެ ކުންފުނީގެ ޙިއްޞާ ބަދަލުކުރުމަށް ކަނޑައެޅިފައިވާ އިޖްރާއާތުތަކާ އެއްގޮތަށް ނޫންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/17 ޤަޟިއްޔާގައި ކަނޑައަޅާފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/30 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށްކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބެވެ.
ތިންވަނަ ސަބަބަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2006/HC-A/69 ޤަޟިއްޔާގެ ޙުކުމާ ގުޅިގެން ޢާފިޔާ ޢަބްދުއްރައްޒާޤުގެ ނަމުގައި ޕޮލިކޮމް އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްގައި އޮތް 33 (ތެއްތިރީސް) ޕަސެންޓް ޙިއްޞާ، ޢަބްދުﷲ މުޙައްމަދުގެ ނަމުގެ މައްޗަށް ބަދަލުކޮށްފައިވަނީ އެ މުޢާމަލާތް ބާޠިލްކުރުމާ ގުޅިގެން އެއް ފަރާތުން އަނެއް ފަރާތަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކޮށްފައިވާކަން ކަށަވަރުނުކޮށް އަދި އެ ކުންފުނީގެ ޙިއްޞާ ބަދަލުކުރުމަށް ކަނޑައެޅިފައިވާ އިޖްރާއާތުތަކާ އެއްގޮތަށް ނޫންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/17 ޤަޟިއްޔާގައި ކަނޑައަޅާފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2008/SC-A/09 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށްކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/17 ޤަޟިއްޔާގައި އެ ކޯޓުން ކޮށްފައިވާ ޙުކުމް ބިނާވެފައިވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާ ގޮތަށް ކަމަށް ބުނެ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ އިލްތިމާސްކުރި ދެވަނަ ފަރާތްކަމުގައިވާ ޢަބްދުﷲ މުޙައްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާއަށް މައިގަނޑު 03 (ތިނެއް) ސަބަބެއް ހުށަހަޅައި އެކަންކަމާ ބެހޭގޮތުން ވާހަކަދައްކާފައިވެއެވެ. އޭގެތެރެއިން؛
ފުރަތަމަ ސަބަބަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/17 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ޙުކުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފު ޙުކުމަކަށްވުމުން އެ ޙުކުމުގެ ޞައްޙަކަން ގެއްލިފައިވާކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބެވެ.
ދެވަނަ ސަބަބަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/17 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2006/HC-A/69 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ޙުކުމަށް ނޭދެވޭ އަސަރެއް ފޯރާފަދަ ޙުކުމަކަށް ވުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/17 ޤަޟިއްޔާގެ ޙުކުމުގެ ޞައްޙަކަން ގެއްލިފައިވާކަމަށް ބުނެ، ހުށަހަޅާފައިވާ ސަބަބެވެ.
ތިންވަނަ ސަބަބަކީ، ޕޮލިކޮމް އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްގައި އޮންނަ ޢަބްދުﷲ މުޙައްމަދުގެ 33 (ތެއްތިރީސް) ޕަސެންޓް ޙިއްޞާ، ޢަބްދުﷲ މުޙައްމަދުގެ ކިބައިން ނިގުޅިގެން ހިނގައިދާނެފަދަ ގޮތެއްގައި ޙުކުމެއް ކުރިއިރު ޢަބްދުﷲ މުޙައްމަދުގެ ބަހެއް ހޯދާފައި ނުވާކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/17 ޤަޟިއްޔާގައި އެ ކޯޓުން ކޮށްފައިވާ ޙުކުމް ބިނާވެފައިވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާ ގޮތަށްކަމަށް ބުނެ، އެޓަރނީ ޖެނެރަލްގެ ފަރާތުންނާއި ޢަބްދުﷲ މުޙައްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށާއި، މި މައްސަލަ އިލްތިމާސްކުރި ދެ ފަރާތުންނާއި އަދި މި ދެ މައްސަލައިގައި ދަޢުވާ ލިބުނު ޢާފިޔާ ޢަބްދުއްރައްޒާޤުގެ ފަރާތުން މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުގެ މައްޗަށާއި، މި މައްސަލައާ ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ، މި މައްސަލައާގުޅޭ އެންމެހައި ލިޔުންތަކުގެ މައްޗަށާއި، ޢަބްދުﷲ މުޙައްމަދުގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގެ ދަށުން އިލްތިމާސްކޮށްފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/17 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ މައްޗަށާއި އަދި ހައިކޯޓުގެ މި ބުނެވުނު ޤަޟިއްޔާގެ ދަށުން އިސްތިއުނާފުކުރެވުނު ސިވިލް ކޯޓުގެ ނަންބަރު 2245/Cv-C/2013 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ މައްޗަށާ އަދި މި މައްސަލައާގުޅޭ ގޮތުން ކުރިން ނިމިފައިވާ ޤަޟިއްޔާތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، "ޕޮލިކޮމް އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް" ނަމަކަށް ކިޔާ ކުންފުންޏަކީ މއ. ހިތިލާގެ، އަޙްމަދު އިސްމާޢީލް އާއި ގ. ލިފަދޫ، މުޙައްމަދު ރާމިޒް އާއި، ޢަބްދުﷲ މުޙައްމަދު އާ މި ތިން މީހުންގެ ޙިއްޞާ އެކުލެވޭ ގޮތަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި 02 އެޕްރީލް 1980 ގައި ރަޖިސްޓްރީ ކުރެވިފައިވާ ކުންފުންޏެއްކަމަށާއި،
މިގޮތުގެމަތިން އެ ކުންފުނީގައި އޮތް ޢަބްދުﷲ މުޙައްމަދުގެ 33 ޙިއްޞާ (މުޅި ކުންފުނީގެ 33% ޙިއްޞާ) މއ. ދަހަރާވިލާ، ޢާފިޔާ ޢަބްދުއްރައްޒާޤަށް ބަދަލުކުރުމަށް އެދި ޙިއްޞާ ބަދަލުކުރުމަށް އެދޭ ފޯމުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއަށް ހުށަހަޅާފައިވާކަމަށާއި، އަދި ބުނެވުނު ކުންފުނީގައި އޮތް ޢަބްދުﷲ މުޙައްމަދުގެ 33 ޙިއްޞާ (މުޅި ކުންފުނީގެ %33 ޙިއްޞާ) މއ. ދަހަރާވިލާ، ޢާފިޔާ ޢަބްދުއްރައްޒާޤަށް ބަދަލުކުރުމަށް 02 ނޮވެންބަރު 1998 ގައި ފާސްކޮށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ކަނޑައެޅި ކަމުގެ ލިޔުމާއެކު، ޙިއްޞާ ބަދަލުކުރުމުގެ މުޢާމަލާތް ކުރިއަށް ގެންދިއުމަށް ޙިއްޞާ ގަތްފަރާތާއި ޙިއްޞާ ވިއްކި ފަރާތުން އެއްބަސްވެފައިވާ އެގްރިމެންޓްގައިވާ ގޮތުގެމަތިން މި ވިޔަފާރީގެ މައްސަލަ ނިންމައިދީ، ޕޮލިކޮމް އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް އެވެކިޔާ ކުންފުނީގައި ހިމެނޭ ޢަބްދުﷲ މުޙައްމަދުގެ 33 (ތެއްތިރީސް) ޙިއްޞާ، މއ. ދަހަރާވިލާ، ޢާފިޔާ ޢަބްދުއްރައްޒާޤަށް މިލްކުކުރުމަށް އެދި ޢާފިޔާ ޢަބްދުއްރައްޒާޤުގެ ފަރާތުން މަދަނީ ކޯޓަށް މައްސަލަ ހުށަހެޅިކަމަށާއި،
މިގޮތުގެމަތިން ޢާފިޔާ ޢަބްދުއްރައްޒާޤުގެ ފަރާތުން މަދަނީ ކޯޓަށް މައްސަލަ ހުށަހެޅުމުން، ޕޮލިކޮމް އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްގައިވާ ޢަބްދުﷲ މުޙައްމަދުގެ 33 (ތެއްތިރީސް) ޙިއްޞާ، ޢަބްދުﷲ މުޙައްމަދު، ޢާފިޔާ ޢަބްދުއްރައްޒާޤަށް ވިއްކުމުން، އެ ކުންފުނީގައި ޢަބްދުﷲ މުޙައްމަދަށް އިހު މިލްކުވެއޮތް 33 (ތެއްތިރީސް) ޙިއްޞާގެ މިހާރުގެ މިލްކުވެރިއަކީ ޢާފިޔާ ޢަބްދުއްރައްޒާޤު ކަމަށް މަދަނީ ކޯޓުގެ ނަންބަރު 1179/MC/98 ޤަޟިއްޔާގައި ޙުކުމްކޮށްފައިވާ ކަމަށާއި،
މިގޮތުގެމަތިން އެ ޤަޟިއްޔާގައި މަދަނީ ކޯޓުން ޙުކުމް ކުރުމުން، ޕޮލިކޮމް އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްގައި އޮތް ޢަބްދުﷲ މުޙައްމަދުގެ 33 ޙިއްޞާ، ޢާފިޔާ ޢަބްދުއްރައްޒާޤަށް ބަދަލުކޮށްފައިވާކަން މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒްގެ ނަންބަރު101-C/MIS/98/818 (22 ނޮވެންބަރު 1998) ގެ ސިޓީއިން ޕޮލިކޮމް އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްއަށް އަންގާފައިވަނިކޮށް، މަދަނީ ކޯޓުގެ ނަންބަރު 1179/MC/98 ޤަޟިއްޔާއިން ބެލި މައްސަލަ އަޙްމަދު އިސްމާޢީލްގެ ފަރާތުން 05 އެޕްރީލް 2006 ގައި ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން، ޕޮލިކޮމް އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްގައި އޮތް ޢަބްދުﷲ މުޙައްމަދުގެ 33 (ތެއްތިރީސް) ޙިއްޞާގެ މިލްކުވެރި ފަރާތަކީ ޢާފިޔާ ޢަބްދުއްރައްޒާޤު ކަމަށް މަދަނީ ކޯޓުގެ ނަންބަރު 1179/MC/98 ޤަޟިއްޔާގައި ޙުކުމް ކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމަށް ނުވާތީ، އެ ޤަޟިއްޔާގެ ޙުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2006/HC-A/69 ޤަޟިއްޔާއިން ބާޠިލްކުރުމުންވެސް އެ ޙުކުމާމެދު ހިތްހަމަނުޖެހިގެން އޭރުގައި ޢަމަލުކުރެވޭ ޤާނޫނީ ނިޒާމުގެ ތެރެއިން ޢާފިޔާ ޢަބްދުއްރައްޒާޤުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2006/HC-A/69 ޤަޟިއްޔާގެ ޙުކުމް، ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސްކުރުމުން ހައިކޯޓުގެ އެ ނިންމުމަށް ރައީސުލްޖުމްހޫރިއްޔާ ތާއީދުކޮށްފައިވާ ކަމަށާއި،
އެހެންކަމުން، ހައިކޯޓުގެ އެ ޙުކުމަކީ ބާޠިލްނުވެ އޮތް ނިހާއީ ޙުކުމެއް ކަމަށްވާތީ، އެ ޙުކުމާ އެއްގޮތަށް ޢަމަލުކުރުމުގެ ގޮތުން ޕޮލިކޮމް އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްގެ ޙިއްޞާ، ކުންފުނި އުފެއްދިއިރު އޮތް ގޮތަށް ބަދަލުކުރުމުގެ ސަބަބުން އެ ކުންފުނީގައި ކުރިން އޮތް ޢަބްދުﷲ މުޙައްމަދުގެ 33 ޙިއްޞާ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ފަރާތުން ޢަބްދުﷲ މުޙައްމަދުގެ ނަމަށް ބަދަލުކޮށްފައިވަނީ ޝަރުޢީ ހަމަތަކާ ޚިލާފަށްކަމަށް ކަނޑައަޅަންޖެހޭނެ ތަނެއް ނެތްކަމަށް ބުނެ ސިވިލް ކޯޓުގެ އިސްވެ އިޝާރާތްކުރެވުނު އެ ކޯޓުގެ ނަންބަރު 2245/Cv-C/2013 ޤަޟިއްޔާގައި ދަޢުވާ ލިބުނު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ތަމްޘީލުކޮށް، އެޓަރނީ ޖެނެރަލްގެ ފަރާތުން ޖަވާބުދާރީވެފައިވާކަން މި މައްސަލައާ ގުޅިގެން އެޓަރނީ ޖެނެރަލްގެ ފަރާތުން ޝަރީޢަތަށް ދީފައިވާ ބަޔާންތަކަށް ބެލުމުން އެނގެން އޮންނަކަމެވެ.
(ށ) ދެވަނަ ކަމަކީ، އިސްވެ އިޝާރާތްކުރެވުނު މަދަނީ ކޯޓުގެ ނަންބަރު 1179/MC/98 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ ޕޮލިކޮމް އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް އެވެކިޔާ ކުންފުނީގައި ހިމެނޭ ޢަބްދުﷲ މުޙައްމަދުގެ 33 (ތެއްތިރީސް) ޙިއްޞާ، US$700,000.00 (ހަތްލައްކަ ޔޫ.އެސް ޑޮލަރު) ގެ އަގަށް މއ. ރޯޒްމީޑް، ޢާފިޔާ ޢަބްދުއްރައްޒާޤުއަށް ވިއްކުމަށް އެ ދެފަރާތް އެއްބަސްވެފައިވާ ކަމަށް ބުނެ، ޢާފިޔާ ޢަބްދުއްރައްޒާޤުގެ ފަރާތުން ޢަބްދުﷲ މުޙައްމަދުއަށް ދަޢުވާލިބޭ ގޮތަށް މަދަނީ ކޯޓަށް 08 ނޮވެންބަރު 1998 ގައި ހުށަހެޅުމުން އެ ކޯޓުން ބަލައި ނިންމާފައިވާ ޤަޟިއްޔާއެއް ކަމާއި،
މަދަނީ ކޯޓުން އެ ޤަޟިއްޔާ ނިންމާފައިވަނީ ޕޮލިކޮމް އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް އެވެކިޔާ ކުންފުނީގައި ހިމެނޭ ޢަބްދުﷲ މުޙައްމަދުގެ 33 (ތެއްތިރީސް) ޙިއްޞާ، US$700,000.00 (ހަތްލައްކަ ޔޫ.އެސް ޑޮލަރު) ގެ އަގަށް މއ. ރޯޒްމީޑް، ޢާފިޔާ ޢަބްދުއްރައްޒާޤުއަށް، ޢަބްދުﷲ މުޙައްމަދު ވިއްކައި، އެ އަގަށް އެ 33 (ތެއްތިރީސް) ޙިއްޞާ، ޢާފިޔާ ޢަބްދުއްރައްޒާޤު ގަނެ، އެ 33 (ތެއްތިރީސް) ޙިއްޞާގެ އަގެއްކަމަށް ކަނޑައެޅުނު US$700,000.00 (ހަތްލައްކަ ޔޫއެސް ޑޮލަރު)، ޝަރީޢަތުގެ މަޖިލީހުގައި އަދާކޮށް، މި ވިޔަފާރީގެ އީޖާބައި ޤަބޫލު ޝަރީޢަތުގެ ޞައްޙަމަގުން ހިނގައި ނިމިފައިވާތީ މި ވިޔަފާރި ޞައްޙަކަމަށާއި، ޕޮލިކޮމް އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް އެވެކިޔާ ކުންފުނީގައި ޢަބްދުﷲ މުޙައްމަދުއަށް އިހު މިލްކުވެ އޮތް 33 (ތެއްތިރީސް) ޙިއްޞާގެ މިހާރުގެ މިލްކުވެރިއަކީ މއ. ރޯޒްމީޑް، ޢާފިޔާ ޢަބްދުއްރައްޒާޤު ކަމަށް ޙުކުމް ކޮށްގެންކަމާއި އެގޮތުގެމަތިން އެ ޤަޟިއްޔާގައި ޙުކުމް ކޮށްފައިވަނީ 09 ނޮވެންބަރު 1998 ގައި ކަމާއި،
މިކަންކަން މަދަނީ ކޯޓުގެ ނަންބަރު 1179/MC/98 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ، މަދަނީ ކޯޓުގެ އިސްވެ އިޝާރާތްކުރެވުނު އެ ކޯޓުގެ ނަންބަރު 1179/MC/98 ޤަޟިއްޔާ ނިމިފައިވާ ގޮތް ރަނގަޅުނޫންކަމަށް ބުނެ މ. ވާގަލި، އަޙްމަދު އިސްމާޢީލްގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި 05 އެޕްރީލް 2006 ގައި އިސްތިއުނާފުކުރުމުން، ޕޮލިކޮމް އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްގައި އޮތް ޢަބްދުﷲ މުޙައްމަދުގެ 33 (ތެއްތިރީސް) ޙިއްޞާ، މއ. ރޯޒްމީޑް، ޢާފިޔާ ޢަބްދުއްރައްޒާޤުއަށް ވިއްކުމުގެ މުޢާމަލާތް ޞައްޙަކަމަށް މަދަނީ ކޯޓުގެ ނަންބަރު 1179/MC/98 ޤަޟިއްޔާގައި ކަނޑައަޅައި، އެ ހިނދުން ފެށިގެން އެ 33 (ތެއްތިރީސް) ޙިއްޞާގެ މިލްކުވެރި ފަރާތަކީ ޢާފިޔާ ޢަބްދުއްރައްޒާޤުކަމަށް އެ ޤަޟިއްޔާގައި ޙުކުމް ކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމަށް ނުވާތީ އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް، ދިވެހިރާއްޖޭގެ ހައިކޯޓުން ބާޠިލްކޮށްފައިވާކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2006/HC-A/69 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮންނައިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2006/HC-A/69 ޤަޟިއްޔާ ނިންމާފައިވާ ގޮތާމެދު ހިތްހަމަނުޖެހިގެން އޭރުގައި ހަމަޖެހިފައިވާ ޤާނޫނީ ނިޒާމުގެ ތެރެއިން މއ. ދަހަރާވިލާ، ޢާފިޔާ ޢަބްދުއްރައްޒާޤުގެ ފަރާތުން އެ މައްސަލަ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިލްތިމާސްކުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ބުނެވުނު ނަންބަރު 2006/HC-A/69 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށްކަމަށް ފެންނާތީ، އެ މައްސަލައިގައި ފިޔަވަޅެއް އަޅައިދެވޭނެ ތަނެއް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނިންމާފައިވާކަން އެ އޮފީހުގެ ނަންބަރު 2006/4189-ޕީއާރުއެސް (12 ސެޕްޓެންބަރު 2006) ގެ ލިޔުމުން އެނގެން އޮންނަ އޮތުމުގެ އިތުރުން، ހަމަ މިބުނެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2006/HC-A/69 ޤަޟިއްޔާ، ހައިކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށްކަމަށް ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާ އެ މައްސަލަ ނިންމައިފިކަން އަންގައި، މ. ވާގަލި، އަޙްމަދު އިސްމާޢީލްއަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދޫކޮށްފައިވާ އެ އޮފީހުގެ ނަންބަރު 31/2006/ޕީއާރުއެސް(2) (12 ސެޕްޓެންބަރު 2006) ގެ ލިޔުމުން އެނގެން އޮންނަކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ، ދިވެހިރާއްޖޭގައި މިހާރު ޢަމަލުކުރެވެމުންދާ ޤާނޫނުއަސާސީއަށް މީލާދީ ސަނަތުން 2008 ގެ އޮގަސްޓް މަހުގެ 07 ވަނަ ދުވަހުން ފެށިގެން ޢަމަލުކުރަން ފެށިފަހުން ޢާފިޔާ ޢަބްދުއްރައްޒާޤުގެ ފަރާތުން ދެފަހަރެއްގެ މަތިން، އިސްވެ އިޝާރާތްކުރެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2006/HC-A/69 ޤަޟިއްޔާގެ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުގެ ހުއްދައަށް އެދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅިކަމާއި، މިގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާ އިލްތިމާސްކުރުމުގެ ހުއްދައަށް އެދި ޢާފިޔާ ޢަބްދުއްރައްޒާޤުގެ ފަރާތުން ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ 02 ނޮވެންބަރު 2011 ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-L/85 ގެ ފޯމުންކަމާއި، އެ ފޯމުގެ ދަށުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުނު މައްސަލައާމެދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން 20 ނޮވެންބަރު 2011 ގައި ނިންމާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2006/HC-A/69 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް 20 ޖުލައި 2006 ގައި އޭރުގެ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސްއަށް އެދި ޢާފިޔާ ޢަބްދުއްރައްޒާޤު ހުށަހެޅުމުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު2006/4189-ޕީއާރުއެސް "ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާ ނިންމާފައިވާ ގޮތާމެދު ހިތްހަމަނުޖެހިގެން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅި އިލްތިމާސްގެ ޖަވާބު" ގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2006/HC-A/69 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ކަމަށް ފެންނާތީ އެ މައްސަލައިގައި ފިޔަވަޅެއް އަޅައިދެވޭނެތަނެއް ނެތްކަމަށް ޖަވާބުދީފައިވާކަން އެނގެން އޮންނާތީއާއި، އަދި އެ މައްސަލައަކީ ކުރިން ޢަމަލުކުރެވެމުންދިޔަ ޤާނޫނުއަސާސީގެ ދަށުން ޝަރުޢީ ހުރިހާ މަރުޙަލާއަކުން ނިމިފައިވާ މައްސަލައަކަށްވާތީއާއި، އަދި އެ މައްސަލައަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު އުފެދުމާ ގުޅިގެން ޤާނޫނުއަސާސީގެ 282 ވަނަ މާއްދާގެ (ރ) ގެ ދަށުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ތަޙުވީލުކުރެވިފައިވާ މައްސަލައެއް ނޫންކަން އެނގެން އޮންނާތީ ޢާފިޔާ ޢަބްދުއްރައްޒާޤުގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް ބިނާކޮށް އެ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ ހުއްދަދެވެން ނެތްކަމަށް ކަނޑައަޅައިގެންކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-L-J/82 "އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ މައްސަލަ ނިންމިގޮތް" މި ނަމުގައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނިންމުމުން އެނގެން އޮންނައިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2006/HC-A/69 ޤަޟިއްޔާ އިލްތިމާސްކުރުމުގެ ހުއްދައަށް އެދި ޢާފިޔާ ޢަބްދުއްރައްޒާޤުގެ ފަރާތުން ދެވަނަ ފަހަރަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ 27 މާރިޗު 2013 ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-L/39 ގެ ފޯމުންކަމާއި، އެ ފޯމުގެ ދަށުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުނު މައްސަލައާމެދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން 22 އެޕްރީލް 2013 ގައި ނިންމާފައިވަނީ އެ މައްސަލައަކީ 02 ނޮވެންބަރު 2011 ވަނަ ދުވަހު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހެޅި ނަންބަރު2011/SC-L/85 ފޯމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި، 20 ނޮވެންބަރު 2011 ގައި ޖަވާބުދެވިފައިވާ މައްސަލައަކަށްވާތީ، ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހެޅުމުގެ ހުއްދަދޭން ނުފެންނަކަމަށް ކަނޑައަޅައިގެންކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-L-J/44 "އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ މައްސަލަ ނިންމިގޮތް" މި ނަމުގައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނިންމުމުން އެނގެން އޮންނަކަމެވެ.
(ބ) ފަސްވަނަ ކަމަކީ، އިސްވެ އިޝާރާތްކުރެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2006/HC-A/69 ޤަޟިއްޔާއާ ގުޅިގެން އިސްވެ ފާހަގަކުރެވިދިޔަ ކަންކަމުގެ މައްޗަށް ބެލުމުން އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ ކަނޑައެޅި ނިޔާގެ ބާރު ލިބިފައިވާ ނިހާއީ ޙުކުމެއްކަމާއި އަދި އެ ޙުކުމަކީ ބާޠިލްނުވެ، ވުޖޫދުގައި މިހާރުވެސް ދެމިއޮތް ޙުކުމެއްކަން އެނގެން އޮތް ހިނދު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2006/HC-A/69 ޤަޟިއްޔާ ނިންމާފައިވަނީ ޕޮލިކޮމް އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްގައި އޮތް ޢަބްދުﷲ މުޙައްމަދުގެ 33 (ތެއްތިރީސް) ޙިއްޞާ، މއ. ދަހަރާވިލާ، ޢާފިޔާ ޢަބްދުއްރައްޒާޤުއަށް ވިއްކުމުގެ މުޢާމަލާތް ޞައްޙަކަމަށް މަދަނީ ކޯޓުގެ ނަންބަރު 1179/MC/98 ޤަޟިއްޔާގައި ކަނޑައަޅައި، އެ ހިނދުން ފެށިގެން އެ 33 (ތެއްތިރީސް) ޙިއްޞާގެ މިލްކުވެރި ފަރާތަކީ ޢާފިޔާ ޢަބްދުއްރައްޒާޤު ކަމަށް އެ ޤަޟިއްޔާގައި ޙުކުމް ކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމަށް ނުވާތީ އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލްކޮށްގެންކަން އެނގެން އޮތުމުން ހައިކޯޓުގެ އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމުގައި " އެ ޙުކުމުގެ ނަތީޖާއެއްގެ ގޮތުން ޕޮލިކޮމް އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްގައި ޢަބްދުﷲ މުޙައްމަދުގެ ނަމުގައި ކުރިން އޮތް 33 (ތެއްތިރީސް) ޙިއްޞާ، އަލުން އޭނާގެ ނަމަށް ބަދަލުކުރުމަށް ދައުލަތުގެ ކަމާބެހޭ މިނިސްޓްރީގެ މައްޗަށް އަންގައި އަމުރުކުރާ ކަމަށާއި އަދި އެ 33 (ތެއްތިރީސް) ޙިއްޞާ ގަތުމަށްޓަކައި ޢާފިޔާ ޢަބްދުއްރައްޒާޤުގެ ފަރާތުން، ޢަބްދުﷲ މުޙައްމަދުއަށް ދައްކާފައިވާ ފައިސާއަކީ، ޢަބްދުﷲ މުޙައްމަދުގެ ފަރާތުން ޢާފިޔާ ޢަބްދުއްރައްޒާޤުއަށް އަނބުރާ ދައްކަންޖެހޭ ފައިސާއެއްކަމަށް" މިފަދައިން ސާފުކޮށް ކަނޑައަޅައި ބަޔާންކޮށްފައިވާ ޖުމްލައެއް އައިސްފައި ނެތް ނަމަވެސް ޕޮލިކޮމް އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްގައި އޮތް ޢަބްދުﷲ މުޙައްމަދުގެ 33 (ތެއްތިރީސް) ޙިއްޞާ، ޢާފިޔާ ޢަބްދުއްރައްޒާޤުއަށް US$700,000.00 (ހަތްލައްކަ ޔޫ.އެސް ޑޮލަރު) ގެ އަގަށް ވިއްކުމަށްޓަކައި އެ ދެފަރާތުގެ ދެމެދުގައި އެއްބަސްވެ، މަދަނީ ކޯޓުގެ ނަންބަރު 1179/MC/98 ޤަޟިއްޔާގެ ދަށުން ހިންގިފައިވާ ވިޔަފާރީގެ ޢަޤުދުގެ މުޢާމަލާތަކީ، ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ހިނގާނިމިފައިވާ ޞައްޙަ މުޢާމަލާތެއްކަމަށް ނުވާތީ އެ މުޢާމަލާތަކީ މުޠުލަޤު ގޮތެއްގައި ބާޠިލް މުޢާމަލާތެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބަލައި، މަދަނީ ކޯޓުގެ އިސްވެ ބުނެވުނު ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްވެ އިޝާރާތްކުރެވުނު އެ ކޯޓުގެ ނަންބަރު2006/HC-A/69 ޤަޟިއްޔާއިން ބާޠިލްކޮށްފައިވާކަން އެނގެން އޮތުމުން، މި ޙާލަތުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު ބާޠިލް ކޮންޓްރެކްޓެއްގެ ނަތީޖާއަކީ އެ ކޮންޓްރެކްޓްގެ ސަބަބުން ތަރައްތުބުވެގެން ދިޔަ ޤާނޫނީ އެންމެހައި ނަތީޖާތަކެއް އެއީ އަޞްލުގައި ނެތް އެއްޗެއް ފަދައިން ނެތިގެންދިއުން ކަމާއި މިގޮތުން އެ ބާޠިލް ކޮންޓްރެކްޓްގެ ސަބަބުން ތަރައްތުބުވެގެންދިޔަ ނުވަތަ ތަރައްތުބުވެގެންދާނެ އެންމެހައި ވާޖިބުތަކާއި ޙައްޤުތަކެއްވެސް މުޅިން އެކަށް ނެތިގެން ދާނެކަމާއި، އެހެންކަމުން މި ނަތީޖާ ވިޔަފާރީގެ ކޮންޓްރެކްޓެއްގެ މައްޗަށް ތަޠްބީޤުކުރާއިރު، ދެފަރާތެއްގެ ދެމެދުގައި ހިނގި ވިޔަފާރިއަކާބެހޭ ކޮންޓްރެކްޓެއް އެއީ މުޠުލަޤު ގޮތެއްގައި ބާޠިލް ކޮންޓްރެކްޓެއްކަމަށް ކަނޑައަޅައި އެ މުޢާމަލާތް އެއްކޮށް ބާޠިލްކޮށް ކޯޓުން ޙުކުމް ކުރުމުން އެ ޙުކުމަކީ ކަނޑައެޅި ނިޔާގެ ބާރު ލިބިފައިވާ ނިހާއީ ޙުކުމަކަށް ވުމުން، އެ ޙުކުމުގެ ނަތީޖާއަކީ އެ ވިޔަފާރީގެ ޢަޤުދާބެހޭ މުޅި ޕްރޮސެސްގެ އެންމެހައި އަސަރުތަކެއް ފިލައިގޮސް އެ ވިޔަފާރީގެ ޢަޤުދުގެ ބައިވެރިން އެ ޢަޤުދުކުރުމުގެ ކުރިން ތިބި އަޞްލީ ޙާލަތަށް އިޢާދަވެގެން ދިއުން ކަމާއި މީގެ މައްޗަށް ބިނާކޮށް ވިޔަފާރީގެ ޢަޤުދެއް އެއީ ބާޠިލް ޢަޤުދެއްކަމަށް ކޯޓުން ކަނޑައެޅުމުން އެ ވިޔަފާރީގެ މުޢާމަލާތުގެ ދަށުން ވިއްކުނު އެތީގެ މިލްކުވެރިކަން އެ ގަތްފަރާތަށް ނަޤުލުވެގެން ނުދާނެކަމާއި އަދި ވިއްކުނު އެތީގެ އަގު އެ ވިއްކި ފަރާތަށް ނަޤުލުވެގެން ނުދާނެކަމާއި މިކަންކަން، އޮތީ ބަޔާންކުރެވިދިޔަ ގޮތަށްކަން، ބާޠިލް އަޤުދެއްގެ ސަބަބުން ނުކުންނާނެ ނަތީޖާތަކާ ގުޅޭގޮތުން ކަނޑައެޅި އިސްތިޤުރާރުވެފައިވާ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މައްޗަށް ވިސްނައި ބެލުމުން އެނގެން އޮތުމުން މި އުޞޫލުތައް މި މައްސަލައަށް ތަޠްބީޤުކުރުމުން މަދަނީ ކޯޓުގެ ނަންބަރު 1179/MC/98 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް، ހައިކޯޓުގެ ނަންބަރު 2006/HC-A/69 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމުން ބާޠިލްވެގެން ދިއުމުން ހައިކޯޓުގެ ބުނެވުނު ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމުގެ ނަތީޖާއަކަށްވާނީ މަދަނީ ކޯޓުގެ ނަންބަރު 1179/MC/98 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމުގެ ސަބަބުން ޕޮލިކޮމް އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްގައި އޮތް ޢަބްދުﷲ މުޙައްމަދުގެ 33 (ތެއްތިރީސް) ޙިއްޞާގެ މިލްކުވެރިކަން ޢާފިޔާ ޢަބްދުއްރައްޒާޤުއަށް ނަޤުލުވެފައި އޮތް އޮތުން ނިމުމަކަށް އައިސް، އެ 33 (ތެއްތިރީސް) ޙިއްޞާގެ ޙާލަތު ކުރިން އޮތްގޮތަށް ބަދަލުވެ އެ 33 (ތެއްތިރީސް) ޙިއްޞާއަކީ ޢަބްދުﷲ މުޙައްމަދުގެ ނަމުގައި އޮތް 33 (ތެއްތިރީސް) ޙިއްޞާ ކަމުގައި ހަމަޖެހިގެން ދިއުންކަމާއި އަދި އެ 33 (ތެއްތިރީސް) ޙިއްޞާ ގަތުމަށްޓަކައި އެ 33 (ތެއްތިރީސް) ޙިއްޞާގެ އަގުގެ ގޮތުގައި ޢާފިޔާ ޢަބްދުއްރައްޒާޤުގެ ފަރާތުން ޢަބްދުﷲ މުޙައްމަދުއަށް ދިން ފައިސާގެ މިލްކުވެރިކަން ޢަބްދުﷲ މުޙައްމަދަށް ނަޤުލުވެފައި އޮތް އޮތުން ނިމުމަކަށް އައިސް އެ ފައިސާއަކީ ޢަބްދުﷲ މުޙައްމަދުގެ ފަރާތުން ޢާފިޔާ ޢަބްދުއްރައްޒާޤުއަށް އަނބުރާ ލިބެންވާ ފައިސާއެއް ކަމުގައި ހަމަޖެހިގެން ދިއުންކަން ބަޔާންވެދިޔަ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މައްޗަށް ވިސްނައި ބެލުމުން އެނގެން އޮންނަކަމެވެ.
(ޅ) ހަވަނަ ކަމަކީ، ޤާނޫނު ނަންބަރު 96/10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) އާއި އަދި އެ ޤާނޫނުގެ ދަށުން ހެދިފައިވާ "ކުންފުންޏާބެހޭ ޢާންމު ޤަވާޢިދު" ގައި ބަޔާންވެފައިވާ ގޮތުގެމަތިން ކުންފުނިތަކުގެ ކަންތައްތައް ރެގިއުލޭޓްކޮށް ބަލަހައްޓަންޖެހޭ ދައުލަތުގެ ކަމާބެހޭ އިދާރާއަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކުރީގެ މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒް) ކަން އެނގެން އޮންނަ އޮތުމެވެ.
(ކ) ހަތްވަނަ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 2245/Cv-C/2013 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/17 ޤަޟިއްޔާއިން ބާޠިލްކޮށްފައިވާ މައިގަނޑު އަސާސަކީ، މަދަނީ ކޯޓުގެ ނަންބަރު 1179/MC/98 ޤަޟިއްޔާ ނިމުނު ފަހުން، ޕޮލިކޮމް އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްގައި ޢަބްދުﷲ މުޙައްމަދުގެ ނަމުގައި ކުރިން އޮތް 33 (ތެއްތިރީސް) ޙިއްޞާ، ޢާފިޔާ ޢަބްދުއްރައްޒާޤުގެ ނަމަށް 22 ނޮވެންބަރު 1998 ގައި މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒްއިން ބަދަލުކުރުމަށްފަހު، ހައިކޯޓުގެ ނަންބަރު 2006/HC-A/69 ޤަޟިއްޔާއިން މަދަނީ ކޯޓުގެ ބުނެވުނު ޤަޟިއްޔާގެ ޙުކުމް ބާޠިލްކުރުމުން އެ ކުންފުނީގައި ޢާފިޔާ ޢަބްދުއްރައްޒާޤުގެ ނަމަށް ބަދަލުކުރި އެ 33 (ތެއްތިރީސް) ޙިއްޞާ، އަލުން ޢަބްދުﷲ މުޙައްމަދުގެ ނަން މައްޗަށް ދައުލަތުގެ ކަމާބެހޭ މިނިސްޓްރީއިން ރަޖިސްޓްރީކޮށްފައިވަނީ ޤާނޫނު ނަންބަރު 96/10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) އާއި 6 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރާއި ޕޮލިކޮމް އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްގެ ހިންގާ ޤަވާޢިދުގެ 4 ވަނަ މާއްދާއާއި 5 ވަނަ މާއްދާއަށް ރިޢާޔަތްކުރުމަކާ ނުލައިކަމަށް ބުނެ ދިވެހިރާއްޖޭގެ ހައިކޯޓުން ބަޔާންކޮށްފައިވާ އަސާސްކަން އެ ކޯޓުގެ ނަންބަރު 2015/HC-A/17 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮންނާތީ، ޤާނޫނު ނަންބަރު 96/10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 3 ވަނަ މާއްދާއަށް ބަލާއިރު، އެ މާއްދާގެ (ހ) ގައި ޕްރައިވެޓް ކުންފުންޏެއްގެ ޙިއްޞާ އެ ކުންފުންޏެއްގެ ހިންގާ ޤަވާޢިދުގައިވާ ގޮތުގެމަތިން މެނުވީ އެކަކުގެ ކިބައިން އަނެކަކަށް ބަދަލު ނުކުރެވޭނެކަމަށް އެ ކުންފުނީގެ ހިންގާ ޤަވާޢިދުގައި ބަޔާންކުރަންޖެހޭނެ ކަމަށް ބަޔާންކޮށްފައި އޮންނަ އޮތުމަށާއި، އަދި ހަމަ ބުނެވުނު ޤާނޫނުގެ 6 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގައި އެ ކުންފުންޏެއްގެ ޙިއްޞާ އެ ކުންފުނީގެ މެންބަރެއްގެ ކިބައިން އެހެން ފަރާތަކަށް ބަދަލުކުރެވޭނީ، އެ ކުންފުނީގެ ހިންގާ ޤަވާޢިދުގައި ބަޔާންކޮށްފައިވާ އުޞޫލުން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ހުއްދަދޭ ފަރާތަކަށްކަމަށް ބަޔާންކުރެވިފައި އޮންނަ އޮތުމަށާއި، އަދި މީގެ އިތުރުން ޕޮލިކޮމް އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްގެ ހިންގާ ޤަވާޢިދުގެ 4 ވަނަ މާއްދާގައި އެއްވެސް ޙިއްޞާއެއްގެ ވެރިފަރާތް، ބޯޑް އޮފް ޑިރެކްޓަރުންގެ ލިޔުމަކުން ހުއްދަ ނުދެނީސް ބަދަލެއް ނުކުރެވޭނެކަމަށާއި، އެފަދަ ހުއްދައަކާ ނުލައި ޙިއްޞާއެއް ބަދަލުކޮށްފިނަމަ، އެފަދަ ބަދަލުކުރުމެއްވާނީ، ބާޠިލް ބަދަލުކުރުމެއް ކަމަށާއި އަދި ހަމަ ބުނެވުނު ޤަވާޢިދުގެ 5 ވަނަ މާއްދާގައި މެންބަރަކު އޭނާގެ ޙިއްޞާ ދޫކޮށްލަން ބޭނުންވެއްޖެނަމަ، ކުންފުނީގެ ޙިއްޞާދާރަކަށް ނުވަތަ ޙިއްޞާދާރުންތަކަކަށް، ނުވަތަ ބޯޑް އޮފް ޑިރެކްޓަރުން ހުއްދަދޭ އެހެން ފަރާތަކަށް އެ ޙިއްޞާ ވިއްކިދާނެ ކަމަށް ބަޔާންކޮށްފައި އޮންނަ އޮތުމަށް ބަލާއިރު، އިޝާރާތްކުރެވުނު ޤާނޫނުގެ އިޝާރާތްކުރެވުނު މާއްދާތަކުގެ ބަޔާންކުރެވިދިޔަ ނައްޞުތަކާއި އަދި އިޝާރާތްކުރެވުނު ޕޮލިކޮމް އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްގެ ހިންގާ ޤަވާޢިދުގެ 4 ވަނަ މާއްދާއާއި 5 ވަނަ މާއްދާގެ ބަޔާންކުރެވިދިޔަ ނައްޞުތަކުގައި ބަޔާންކުރެވިފައި އެވަނީ ޝަރުޢީ ކޯޓަކުން ކޮށްފައިވާ ޙުކުމެއް ނެތް ޙާލަތެއްގައި ކުންފުނީގެ ޙިއްޞާ، އެކެއްގެ ކިބައިން އަނެކަކަށް ބަދަލުކުރުމުގައި ޢަމަލުކުރަންވީގޮތް ބަޔާންކޮށްދޭ ޢާންމު އަޙްކާމްތަކެއްކަމާއި، އަދި ބަޔާންވެދިޔަ ނައްޞުތަކުގައި ކުންފުންޏެއްގައިވާ ޙިއްޞާއެއް ނުވަތަ ޙިއްޞާތަކެއް ވިއްކުމާބެހޭ ގޮތުން ދެފަރާތެއްގެ ދެމެދުގައި ހިނގި މުޢާމަލާތެއްގެ މައްސަލަ ޝަރުޢީ ކޯޓަކަށް ހުށަހެޅި އެ މައްސަލަ އެ ކޯޓުން ބަލައި، ޝަރުޢީ އަދި ޤާނޫނީ ގޮތުން އެ މުޢާމަލާތުގެ ޞައްޙަކަން ކޯޓުން ބެލި ބެލުމުން، އެ މުޢާމަލާތް ހިނގާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށް ކޯޓަށް ބުރަވެވި، އެ މުޢާމަލާތަކީ ބާޠިލް މުޢާމަލާތެއްކަމަށް ކަނޑައަޅައި ކޯޓުން ޙުކުމްކޮށް އަދި އެ ޙުކުމަކީ ކަނޑައެޅި ނިޔާގެ ބާރުލިބިފައިވާ ނިހާއީ ޙުކުމެއްކަން ކަށަވަރުވުމުން އެ ޙުކުމަށް ޢަމަލުކުރުމުގެ ގޮތުން އެ މުޢާމަލާތް ހިނގުމުގެ ކުރިން އެ ޙިއްޞާ އެމީހެއްގެ ނަމުގައި ކުރިން އޮތް ފަރާތަށް ބަދަލުކޮށް އެ ޙިއްޞާ ކުރިން އޮތް އަޞްލީ ޙާލަތަށް ބަދަލުކުރުމަށް ދައުލަތުގެ ކަމާބެހޭ މިނިސްޓްރީއަށް ހުރަސްއަޅާފައި ނުވާކަން އެ ނައްޞުތަކަށް ބެލުމުން ސާފުކޮށް އެނގެން އޮންނާތީއާއި އަދި އިސްވެ ފާހަގަކުރެވިދިޔަ ނުކުތާތަކުގެ 5 ވަނަ ނަންބަރު (ބ) ގައި ބަޔާންކުރެވިދިޔަ ސަބަބުތައް އެގޮތުގެމަތިން ހުރުމާއެކު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/17 ޤަޟިއްޔާގައި ސިވިލް ކޯޓުގެ ނަންބަރު 2245/Cv-C/2013 ޤަޟިއްޔާއަށް ހުށަހެޅިފައިވާ ދަޢުވާގެ މި މައްސަލައިގެ މައްޗަށް ޤާނޫނު ނަންބަރު 96/10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) އާއި 6 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރާއި ޕޮލިކޮމް އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްގެ ހިންގާ ޤަވާޢިދުގެ 4 ވަނަ މާއްދާއާއި 5 ވަނަ މާއްދާ ތަޠްބީޤުކޮށް، ސިވިލް ކޯޓުގެ ނަންބަރު 2245/Cv-C/2013 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލްކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/17 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްކަމަށް ބެލެވޭނެތަނެއް ނެތްކަމެވެ.
(އ) އަށްވަނަ ކަމަކީ، އިސްވެ އިޝާރާތްކުރެވުނު މަދަނީ ކޯޓުގެ ނަންބަރު 1179/MC/98 ޤަޟިއްޔާގައި ޙުކުމް ކުރުމާ ގުޅިގެން، ޕޮލިކޮމް އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްގައި ޢަބްދުﷲ މުޙައްމަދުގެ ނަމުގައި ކުރިން އޮތް 33 (ތެއްތިރީސް) ޙިއްޞާ، ޢާފިޔާ ޢަބްދުއްރައްޒާޤުގެ ނަމަށް ބަދަލުކޮށްފައިވާކަން މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒްއިން 22 ނޮވެންބަރު 1998 ގައި ޕޮލިކޮމް އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްއަށް ފޮނުވާފައިވާ އެ މިނިސްޓްރީގެ ނަންބަރު 101-C/MIS/98/818 ސިޓީއިން އެނގެން އޮންނައިރު، މަދަނީ ކޯޓުގެ ނަންބަރު 1179/MC/98 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2006/HC-A/69 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމުން 06 ޖޫން 2006 ގައި ބާޠިލްކުރުމުން އޭރު ހަމަޖެހިފައިވާ ޤާނޫނީ ނިޒާމުގެ ތެރެއިން ޢާފިޔާ ޢަބްދުއްރައްޒާޤުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް އެ މައްސަލަ އިލްތިމާސްކުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުން އެ މައްސަލަ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު 2006/4189-ޕީއާރުއެސް (12 ސެޕްޓެންބަރު 2006) ގެ ނިންމުމުން ނިންމުމާ ގުޅިގެން، ޕޮލިކޮމް އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް އެވެކިޔާ ކުންފުނީގައި ޢަބްދުﷲ މުޙައްމަދުގެ ނަމުގައި އޮތް އިސްވެ އިޝާރާތްކުރެވުނު 33 (ތެއްތިރީސް) ޙިއްޞާ 22 ނޮވެންބަރު 1998 ގައި މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒްއިން ޢާފިޔާ ޢަބްދުއްރައްޒާޤުގެ ނަމަށް ބަދަލުކުރި ކުރުން ނިމުމަކަށް ގެނެސް، އެ 33 (ތެއްތިރީސް) ޙިއްޞާ އަލުން ޢަބްދުﷲ މުޙައްމަދުގެ ނަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްއިން ބަދަލުކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށްކަން ބަޔާންވެދިޔަ އެންމެހައި ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް ބެލުމުން އެނގެން އޮންނާތީ، ސިވިލް ކޯޓުގެ ނަންބަރު2245/Cv-C/2013 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ކޮށްފައިވާ ޙުކުމެއްކަން އެނގެން އޮންނަކަމެވެ.
ޙުކުމް:
އިސްވެދިޔަ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެމަތިން ހުރުމާއެކު،
ސިވިލް ކޯޓުގެ ނަންބަރު 2245/Cv-C/2013 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ކޮށްފައިވާ ޙުކުމެއްކަން އެނގެން އޮންނާތީ، އެ ޙުކުމަކީ ޞައްޙަ ޙުކުމެއްކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/17 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކޮށްފައިވާ ޙުކުމެއްކަން އެނގެން އޮންނާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/17 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ ބާޠިލް ޙުކުމެއް ކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން މިގޮތުގެމަތިން ޙުކުމް ކޮށްފީމެވެ.
އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
ފަނޑިޔާރު ޢަބްދުﷲ ޢަރީފް
ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.