ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2016/SC-A/04ސުޕްރީމް ކޯޓު · 12 ޖޫން 2018

—

ސުޕްރީމް ކޯޓު
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 12 ޖޫން 2018ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ

ޤަޟިއްޔާ ނަންބަރު: 042016/SC-A/

ދަޢުވާކުރާ ފަރާތް: ސްޓޭޓް ބޭންކް އޮފް އިންޑިޔާ

ދަޢުވާ ލިބޭ ފަރާތް: އަޙްމަދު ޙަސަން މަނިކު، ހ. ޝީޝާވެހި، މާލެ

އިބްރާހީމް ހުޝާމް

ޙުސައިން ހުޝާމް

މައްސަލައިގެ ބާވަތް: ފައިސާ ހޯދުން

މައްސަލަ އައިގޮތް: އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

ހުށަހެޅުނު ތާރީޚް: 14 ޑިސެންބަރު 2015

ރަޖިސްޓްރީ ކުރެވުނު ތާރީޚް: 25 ފެބުރުވަރީ 2016

ނިމުނު ތާރީޚް: 12 ޖޫން 2018

މައްސަލަ ނިންމި ގަޑި: 12:45

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ

އިލްތިމާސްކުރެވުނު ޤަޟިއްޔާ

ނަންބަރު: 2014/HC-A/129

ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު

ހުށަހެޅުނު ތާރީޚް: 12 މޭ 2014

ނިމުނު ތާރީޚް: 08 ސެޕްޓެންބަރު 2015

މައްސަލައިގެ ޚުލާޞާ

މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/129 ޤަޟިއްޔާ، އެ ކޯޓުން ބަލައި ނިންމާފައިވަނީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލު ކޮށްދިނުމަށް އެދި، ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި ދަޢުވާ ރައްދުވާ ފަރާތަކީ ހ. ޝީޝާވެހި، މާލެ، އަޙްމަދު ޙަސަން މަނިކުއާއި، އިބްރާހީމް ހުޝާމްއާއި، ޙުސައިން ހުޝާމް އެވެ.

ބުނެވިދިޔަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/129 ޤަޟިއްޔާއަކީ، ސިވިލް ކޯޓުގެ ނަންބަރު 2297/Cv-C/2011 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލައި ނިންމާފައިވާ ޤަޟިއްޔާއެކެވެ. އަދި ބުނެވިދިޔަ ހައިކޯޓުގެ ނަންބަރު 2014/HC-A/129 ޤަޟިއްޔާގައި ދަޢުވާ ރައްދުވާ ފަރާތަކީ ހ. ޝީޝާވެހި، މާލެ، އަޙްމަދު ޙަސަން މަނިކުއާއި، އިބްރާހީމް ހުޝާމްއާއި، ޙުސައިން ހުޝާމްއެވެ.

ފާހަގަކުރެވުނު ނުކުތާތައް

މި މައްސަލައިގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި، ޤާނޫނުތަކަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/129 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، ސިވިލް ކޯޓުގެ ނަންބަރު 2297/Cv-C/2011 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، ދަޢުވާކުރާ ފަރާތުންނާއި، ދަޢުވާލިބޭ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި ލިޔުންތަކަށާއި ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި އަދި މިބާވަތުގެ މައްސަލަތަކުގައި ތަޠްބީޤުކުރެވޭ ޤާނޫނީ ޢާންމު މަބްދައުތަކާއި އުޞޫލުތަކުގެ މައްޗަށް ޝަރްޢީ އަދި ޤާނޫނީ ނަޒަރަކުން ބަލައި ވިސްނިއިރު، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައި ވެއެވެ.

ސިވިލް ކޯޓުގެ ނަންބަރު 2297/Cv-C/2011 ޤަޟިއްޔާއަށް ބެލިއިރު، އެ ޤަޟިއްޔާއަކީ، ހ. ޝީޝާވެހި، މާލެ، އަޙްމަދު ޙަސަން މަނިކު އާއި ޙުސައިން ހުޝާމް އާއި އަދި، އިބްރާހީމް ހުޝާމް ގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލެ ބްރާންޗް) ގައި ހުޅުވާފައިވާ ނަންބަރު 12605365310201 ޖޮއިންޓް އެކައުންޓުން، އެ އެކައުންޓުގެ ވެރިފަރާތްތަކުގެ ހުއްދަނެތި 09 ނޮވެންބަރު 2011 ގައި 8,500,000/-ރ. (އަށް މިލިއަން ފަސްލައްކަ ރުފިޔާ) އާއި 20 ނޮވެންބަރު 2011 ގައި 9,500,000/-ރ. (ނުވަ މިލިއަން ފަސްލައްކަ ރުފިޔާ) ވަގު ޑޮކިއުމަންޓެއް ހުށަހެޅި ބަޔަކަށް ވަރަށް ފަރުވާކުޑަކޮށް، މިފަދަ މުޢާމަލާތްތަކުގައި ބަހައްޓަންޖެހޭ ޤަބޫލުކުރެވޭ ފަރުވާތެރިކަމާއި ބެލެހެއްޓުންތެރިކަން ނެތި، ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލެ ބްރާންޗް) އިން ފައިސާ ދޫކޮށްފައިވާކަމަށާއި، މިގޮތުން ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލެ ބްރާންޗް) އިން ދޫކޮށްފައިވާ 18,000,000/-ރ. (އަށާރަ މިލިއަން ރުފިޔާ) އަށް ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލެ ބްރާންޗް) އިން ޒިންމާވާންޖެހޭނެކަމަށް ކަނޑައަޅައި، މި ފައިސާ އަލުން އަޙްމަދު ޙަސަން މަނިކުއާއި، ޙުސައިން ހުޝާމްއާއި އިބްރާހީމް ހުޝާމްގެ އެކައުންޓަށް ވަގުތުން ޖަމާކުރުމަށް އެންގުމަށާއި، އަދި މި ފައިސާ އަޙްމަދު ޙަސަން މަނިކުއާއި، ޙުސައިން ހުޝާމްއާއި އިބްރާހީމް ހުޝާމް ކުރަމުންދާ ވިޔާފާރިއަށް އިންވެސްޓްކުރަން ލިބިފައިނުވާތީ، ވިޔަފާރިއަށް ލިބިފައިވާ ގެއްލުންކަމުގައިވާ 4,500,000/ރ. (ހަތަރު މިލިއަން ފަސްލައްކަ ރުފިޔާ) އާއި، މި ފައިސާ ހޯދުމަށް ލީގަލް ފީގެ ގޮތުގައި ޚަރަދުކުރާންޖެހުނު ފައިސާ ލިބިގަތުމަށް އެދި ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލެ ބްރާންޗް) ގެ މައްޗަށް އަޙްމަދު ޙަސަން މަނިކުއާއި، ޙުސައިން ހުޝާމްއާއި އިބްރާހީމް ހުޝާމްގެ ފަރާތުން ސިވިލް ކޯޓުގައި ދަޢުވާކުރުމުން އެ ކޯޓުން ބަލައި ނިންމާފައިވާ ޤަޟިއްޔާއެއްކަން އެނގެން އޮންނައިރު، އެ ޤަޟިއްޔާގެ ޙުކުމުގައި "..... އަޙްމަދު ޙަސަން މަނިކުއާއި ޙުސައިން ހުޝާމްއާއި އިބްރާހީމް ހުޝާމްގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލެ ބްރާންޗް) ގައި ހުޅުވާފައިވާ ޖޮއިންޓް އެކައުންޓުން، އެ އެކައުންޓުގެ ވެރިފަރާތްތަކުގެ ހުއްދަނެތި ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލެ ބްރާންޗް) ގެ އިހްމާލުން ޓްރާންސްފަރ ކޮށްފައިވާ އެކުޖުމްލަ 18,000,000/-ރ. (އަށާރަ މިލިއަން ރުފިޔާ) ގެ ތެރެއިން އަޙްމަދު ޙަސަން މަނިކުއާއި ޙުސައިން ހުޝާމްއާއި އިބްރާހީމް ހުޝާމްއަށް އަނބުރާ ލިބިފައިވާ 4,452,945/-ރ. (ހަތަރު މިލިއަން ހަތަރު ލައްކަ ފަންސާސް ދެހާސް ނުވަ ސަތޭކަ ސާޅީސް ފަސް ރުފިޔާ) އުނިކުރުމުން މިހާރު ލިބިފައިނުވާ އެކުޖުމްލަ 13,547,055/-ރ. (ތޭރަ މިލިއަން ފަސް ލައްކަ ސާޅީސް ހަތްހާސް ފަންސާސް ފަސް ރުފިޔާ) އާއި އެ ފައިސާ އެ އެކައުންޓުން އުނިނުވެ ހުރިނަމަ، އެ ފައިސާއަށް ލިބިގެންދާނެ އިންޓްރެސްޓްގެ ފައިސާއާއި އަދި ހަމަ އެ އެކައުންޓުން ކުރިން އުނިވެފައިވާ 4,452,945/-ރ. (ހަތަރު މިލިއަން ހަތަރު ލައްކަ ފަންސާސް ދެހާސް ނުވަ ސަތޭކަ ސާޅީސް ފަސް ރުފިޔާ) އަށް އުނިވެގެންދިޔަ މުއްދަތުގައި ލިބިގެންދާނެ އިންޓްރެސްޓުގެ ފައިސާވެސް ހިމެނޭގޮތަށް މި އެންމެހައި ފައިސާ 16 ޖަނަވަރީ 2014 އިން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އަޙްމަދު ޙަސަން މަނިކުއާއި ޙުސައިން ހުޝާމްއާއި އިބްރާހީމް ހުޝާމްގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލެ ބްރާންޗް) ގައި ހުޅުވާފައިވާ ޖޮއިންޓް އެކައުންޓަށް ޖަމާކުރުމަށް ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލެ ބްރާންޗް) އަށް އަންގައި ޙުކުމް ކޮށްފީމެވެ." މިފަދައިން ކަނޑައަޅައިފައިވާކަން ސިވިލް ކޯޓުގެ އިޝާރާތްކުރެވުނު ނަންބަރު 2297/Cv-C/2011 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.

ސިވިލް ކޯޓުގެ ނަންބަރު 2297/Cv-C/2011 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޝަރްޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާގޮތަށް ނޫންކަމަށް ބުނެ، ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލެ ބްރާންޗް) ގެ ފަރާތުން އެ މައްސަލަ އިސްތިއުނާފުކުރުމަށް އެދި، ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލައި ނިންމާފައިވާ އެ ކޯޓުގެ ނަންބަރު 2014/HC-A/129 ޤަޟިއްޔާގެ ޙުކުމަށް ބަލާއިރު، ސިވިލް ކޯޓުގެ ނަންބަރު 2297/Cv-C/2011 ޤަޟިއްޔާގައި އެ ކޯޓުން ނިންމާފައިވާ ގޮތް ޝަރްޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ، ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލެ ބްރާންޗް) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، ސިވިލް ކޯޓުގެ ނަންބަރު 2297/Cv-C/2011 ޤަޟިއްޔާގައި އެ ކޯޓުން ކޮށްފައިވާ ޙުކުމަށް ބަދަލުގެންނާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި، ބުނެވިދިޔަ ހައިކޯޓުގެ ނަންބަރު 2014/HC-A/129 ޤަޟިއްޔާ ބެލުމުގައި ބައިވެރިވި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފައިވާކަން އެނގެން އޮވެއެވެ.

ހައިކޯޓުގެ ބުނެވިދިޔަ ނަންބަރު 2014/HC-A/129 ޤަޟިއްޔާގެ ޙުކުމް ބިނާވެގެންވަނީ ޝަރީޢަތް ނުވަތަ ޤާނޫނާ ޚިލާފުވާ ގޮތަށްކަމަށް ބުނެ މި މައްސަލަ އިލްތިމާސްކުރާ ފަރާތުން މައިގަނޑު ދެ ސަބަބެއް ހުށަހަޅައި އޭގެ މައްޗަށް ވާހަކަ ދައްކާފައިވާ ކަމާ، އެއީ؛

އަޙްމަދު ޙަސަން މަނިކުއާއި ޙުސައިން ހުޝާމްއާއި އިބްރާހީމް ހުޝާމްގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލެ ބްރާންޗް) ގައި ހުޅުވާފައިވާ ނަންބަރު 12605365310201 ޖޮއިންޓް އެކައުންޓުން 09 ނޮވެންބަރު 2011 އަދި 20 ނޮވެންބަރު 2011 ގައި ދެ ފަހަރެއްގެ މަތިން، ޖުމްލަ 18,000,000/-ރ. (އަށާރަ މިލިއަން ރުފިޔާ) ޓްރާންސްފަރ ކޮށްފައިވަނީ ބޭންކަށް ލިބުނު 02 ފެކްސްއެއްގެ މައްޗަށް ކަމަށްވެފައި، އެ 02 ފެކްސް ލިބުމުން، ބޭންކުން ޢަމަލުކޮށްފައިވަނީ ބޭންކާއި އެކައުންޓުގެ ވެރިފަރާތްތަކާ ދެމެދު ޢަމަލުކުރުމަށް އޮތް އެއްބަސްވުމާއި އެއްގޮތަށްކަމަށް ވީނަމަވެސް، އެފަދައިން ޢަމަލުކުރުމަކީ އެފަދަ މުޢާމަލާތްތަކުގައި ބަހައްޓަންޖެހޭ ކަމަށް ޤަބޫލުކުރެވޭ ފަރުވާތެރިކަމާއި ބެލެހެއްޓުންތެރިކަން ނެތިކަން އެނގެން އޮތުމުން މިކަމާމެދު ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލެ ބްރާންޗް) އިން ޒިންމާވާންޖެހޭކަމަށް ދިވެހރާއްޖޭގެ ހައިކޯޓުގެ ބުނެވިދިޔަ ނަންބަރު 2014/HC-A/129 ޤަޟިއްޔާގައި ކަނޑައަޅައިފައިވަނީ ދެފަރާތުގެ ދެމެދު އޮތް އެއްބަސްވުމާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ސަބަބާއި،

ދަޢުވާ ލިބޭ ފަރާތުން ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލެ ބްރާންޗް) ގެ ކިބައިން ފައިސާ ހޯދުމަށް ދަޢުވާކޮށްފައިވާއިރު، ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލެ ބްރާންޗް) ގެ ފަރާތުން އެކައުންޓް އޮޕަރޭޓްކުރުމާބެހޭ އެއްބަސްވުމާ ޚިލާފުވެފައިވާކަން ސާބިތުކޮށްދޭންޖެހޭކަމާއި، ނަމަވެސް ސިވިލް ކޯޓުގައިވެސް އަދި ދިވެހިރާއްޖޭގެ ހައިކޯޓުގައިވެސް ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލެ ބްރާންޗް) ގެ ފަރާތުން އެއްބަސްވުމާ ޚިލާފުވެފައިވާކަން ސާބިތުކޮށްދެވިފައިނުވާ ކަމަށް ބުނެ ހުށަހެޅި ސަބަބާއި، މި ދެ ސަބަބުކަން އެނގެން އޮވެއެވެ.

އަޙްމަދު ޙަސަން މަނިކުއާއި، ޙުސައިން ހުޝާމްއާއި، އިބްރާހީމް ހުޝާމްގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލެ ބްރާންޗް) ގައި ނަންބަރު 12605365310201 ޖޮއިންޓް އެކައުންޓް ހުޅުވާފައިވާކަމާއި، އެ ޖޮއިންޓް އެކައުންޓުގައިވާ ފައިސާ ޓްރާންސްފަރ ކުރުމާގުޅޭގޮތުން، "ފަންޑް ޓްރާންސްފަރ އެގްރީމެންޓް" އެއްގައި 10 ޖުލައި 2011 ގައި އަޙްމަދު ޙަސަން މަނިކުއާއި ޙުސައިން ހުޝާމްއާއި އިބްރާހީމް ހުޝާމް ސޮއިކޮށްފައިވާކަން އެނގެން އޮންނައިރު، އެއިން ފަރާތެއްގެ ނަމުގައި ބުނެވިދިޔަ އެކައުންޓުން ވަކި ޢަދަދަކަށް ފައިސާ ޓްރާންސްފަރ ކޮށްދިނުމަށް ފެކްސް، މެއިލް، ނުވަތަ މެސެންޖަރ ފަދަ އެއްވެސް ކިތާބީ ވަސީލަތަކުން އެދުމުން، އެ ޢަދަދަކަށް ފައިސާ ދޫކުރުމުގެ ބާރު، އެފަރާތްތަކުން ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލެ ބްރާންޗް) އަށް، އެ ބޭންކުން ކަޑައަޅާފައިވާ އިޖްރާއާތާ އެއްގޮތްވާ ގޮތުގެމަތިން، ދީފައިވާކަން ބުނެވިދިޔަ އެގްރީމެންޓުގެ 3 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނައިރު، އެފަރާތްތަކުގެ އެކައުންޓުން ފައިސާ ޓްރާންސްފަރ ކޮށްދިނުމަށް އެދި ބުނެވިދިޔަ ފަދަ ވަސީލަތަކުން އަންގާ އެންގުންތަކަކީ އެފަރާތްތަކުން ހުއްދަ ދީފައިވާ ޞައްޙަ ލިޔުންތަކެއްތޯ ބޭންކުން ކަށަވަރުކޮށް، އެފަރާތްތަކުގެ ޙައްޤު ޙިމާޔަތްކުރެވޭފަދަ ތަފާތު ސަލާމަތީ އިޖްރާއާތު (security procedure) ތަކަށް ބޭންކުން ތަބާވާންވާނެކަމާއި، މިފަދަ ޙާލަތްތަކުގައި ބޭންކުން ބޭނުންކުރަންޖެހޭ ސަލާމަތީ އިޖްރާއާތާބެހޭ ވަކި ޚާއްޞަ އެއްބަސްވުމެއް ނުވާނަމަ، ބޭންކުން ޢުރުފީގޮތުން (customarily) ތަބާވާ ސަލާމަތީ އިޖްރާއާތުތަކީ މަޤުބޫލު އިޖްރާއާތުތަކެއް ކަމަށް ބެލެވޭނެކަން ބުނެވިދިޔަ އެގްރީމެންޓުގެ 2 ވަނަ މާއްދާއިން އެނގެން އޮންނަކަމާ، އަދި ބުނެވިދިޔަ އެކައުންޓުން ފައިސާ ޓްރާންސްފަރ ކޮށްދިނުމަށް އެދި ބޭންކަށް ފޮނުވާ ލިޔުމަކީ އޮޅުންއަރާ ފަދަ ގޮތަކަށްވާ، ނުވަތަ ފުރިހަމަ ނޫން، ނުވަތަ އެއްވެސް ސަބަބަކާހުރެ ޤަބޫލުނުކުރެވޭ ލިޔުމެއްނަމަ، އެ ލިޔުމުގައި އެދިފައިވާ ފައިސާ ދޫނުކުރުމުގެ ޙައްޤު ބޭންކަށް ލިބިގެންވާކަން ބުނެވިދިޔަ އެގްރީމެންޓުގެ 9 ވަނަ މާއްދާއިން އެނގެން އޮންނަކަމާ، މީގެ އިތުރުން، ބުނެވިދިޔަ އެކައުންޓުގެ ވެރިފަރާތެއްގެ ނަމުގައި ޓްރާންސްފަރ ކޮށްދިނުމަށް ބޭންކުގައި އެދިފައިވާ ފައިސާ ސްޓޭޓް ބޭންކް އޮފް އިންޑިޔާއިން ދޫކޮށްފައިވަނީ ބޭންކުން ކަނޑައަޅާފައިވާ އިޖްރާއާތާ އެއްގޮތްވާ ގޮތުގެމަތިން އަދި ރަނގަޅު ނިޔަތުގައި ކަމަށްވާނަމަ، އެ ފައިސާ އަދާކުރުމުގެ އިލްތިޒާމަކީ އެކައުންޓުގެ ވެރިފަރާތުގެ ފުރިހަމަ މަސްއޫލިއްޔަތެއްކަން ބުނެވިދިޔަ އެގްރީމެންޓުގެ 12 ވަނަ މާއްދާއިން އެނގެން އޮވެއެވެ.

އަޙްމަދު ޙަސަން މަނިކުއާއި، ޙުސައިން ހުޝާމްއާއި، އިބްރާހީމް ހުޝާމްގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލެ ބްރާންޗް) ގައި ހުޅުވާފައިވާ އިސްވެ އިޝާރާތްކުރެވުނު ޖޮއިންޓް އެކައުންޓުން މުޙައްމަދު ރަޝީދު ޢަބްދުލް ބާގިރުއާއި، އިބްރާހީމް ޝާހިދުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ގައި ހުޅުވާފައިވާ ނަންބަރު 7704282831001 ޖޮއިންޓް އެކައުންޓަށް 8,500,000/-ރ. (އަށް މިލިއަން ފަސްލައްކަ ރުފިޔާ) ޓްރާންސްފަރ ކޮށްދިނުމަށް އެދި09 ނޮވެންބަރު 2011 ގައި ފޮނުވާފައިވާ ފެކްސްއާ، އަދި 9,500,000/-ރ. (ނުވަ މިލިއަން ފަސްލައްކަ ރުފިޔާ) ޓްރާންސްފަރ ކޮށްދިނުމަށް އެދި 20 ނޮވެންބަރު 2011 ގައި ފޮނުވާފައިވާ ފެކްސްއާއި ދެ ފެކްސްއަކީ ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލެ ބްރާންޗް) ގެ "ކަންޓްރީ މެނޭޖަރަށް" އެޑްރެސްކޮށް އަޙްމަދު ޙަސަން މަނިކުގެ ނަމުގައި ފޮނުވާފައިވާ ދެ ފެކްސްކަމާއި، ނަމަވެސް އެ ދެ ފެކްސްގައިވާ ސޮޔަކީ އަޙްމަދު ޙަސަން މަނިކުގެ ސޮޔެއް ނޫންކަމާއި، އެ ދެ ފެކުހުގައި އަޙްމަދު ޙަސަން މަނިކުގެ ނަމުގަ ކޮށްފައިވާ ސޮޔައަކީ ޙުސައިން ހުޝާމްގެ ސޮޔާ ވައްތަރުގެ ސޮޔެއްކަމާއި، ބުނެވިދިޔަ ދެ ފެކްސްގެ މައްޗަށް ބިނާކޮށް ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލެ ބްރާންޗް) އިން ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑްގައިވާ މުޙައްމަދު ރަޝީދު ޢަބްދުލް ބާގިރުއާއި، އިބްރާހީމް ޝާހިދުގެ ނަމުގައި ހުޅުވާފައިވާ ޙަވާލާދެވުނު އެކައުންޓަށް ދެފަހަރެއްގެ މަތިން އެކުޖުމްލަ 18,000,000/-ރ. (އަށާރަ މިލިއަން ރުފިޔާ) ޓްރާންސްފަރ ކޮށްފައިވާކަން އަޙްމަދު ޙަސަން މަނިކުއާއި، ޙުސައިން ހުޝާމްއާއި، އިބްރާހީމް ހުޝާމަށް އެނގުނީ އެފަރާތްތަކުގެ އެކައުންޓުގެ ސްޓޭޓްމަންޓެއް ނެގިއިރު، އެފަރާތްތަކުން ހުއްދަ ދީފައިނުވާ ފައިސާތަކެއް އެފަރާތްތަކުގެ އެކައުންޓުން ޓްރާންސްފަރ ކޮށްފައި ވުމުންކަމާއި، މިކަން އެފަރާތްތަކަށް އެނގުނު ހިނދު، އެކަން ބޭންކުގެ ސަމާލުކަމަށް ގެނެސް، އިޝާރާތްކުރެވުނު ދެ ފެކުހަކީ އެފަރާތްތަކުން ފޮނުވާފައިވާ ލިޔުންތަކެއް ނޫންކަމަށާއި، އަދި އެފަރާތްތަކުގެ ހުއްދަނެތި މަކަރާއި ޙީލަތް ބޭނުންކޮށްގެން އެފަރާތްތަކުގެ އެކައުންޓުން ފައިސާ ޓްރާންސްފަރ ކޮށްދިނުމަށް އެދި ބަޔަކު މީހުން ފޮނުވާފައިވާ ޞައްޙަ ނޫން ފެކްސްތަކެއްގެ މައްޗަށް ބިނާކޮށް ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލެ ބްރާންޗް) އިން ފައިސާ ޓްރާންސްކުރުމުގައި ވެފައިވާ އިހްމާލުގެ ފުރިހަމަ ޒިންމާ ބޭންކުން އުފުލަންވާނެކަމަށާއި، މިހެންކަމުން އެ ފަރާތްތަކުގެ އެކައުންޓުން އެފަރާތްތަކުގެ ހުއްދަނެތި ޓްރާންސްފަރ ކޮށްފައިވާ ފައިސާ އަނބުރާ އެފަރާތްތަކުގެ އެކައުންޓަށް ޖަމާކޮށްދިނުމަށާއި، ޖަމާނުކޮށްފިނަމަ ބޭންކާ ދެކޮޅަށް ޤާނޫނީ ފިޔަވަޅު އަޅާނެކަމަށް އަންގައި 22 ނޮވެންބަރު 2011 އާއި، 15 ޑިސެންބަރު 2011 ގައި އަޙްމަދު ޙަސަން މަނިކުއާއި، ޙުސައިން ހުޝާމްއާއި، އިބްރާހީމް ހުޝާމްގެ ފަރާތުން ސްޓޭޓް ބޭންކް އޮފް އިންޑިޔާއަށް ސިޓީ ފޮނުވާފައިވާކަމާއި، އެއަށްފަހު 01 ޑިސެންބަރު 2011 ގައި ބުނެވިދިޔަ ފައިސާ އަނބުރާ ހޯދުމަށް ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލެ ބްރާންޗް) ގެ މައްޗަށް އެފަރާތްތަކުން ސިވިލް ކޯޓުގެ އިޝާރާތްކުރެވުނު ނަންބަރު 2011/Cv-C/2297 ޤަޟިއްޔާއިން ދަޢުވާކޮށްފައިވަނިކޮށް، ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލެ ބްރާންޗް) ގައިވާ އަޙްމަދު ޙަސަން މަނިކުއާއި، ޙުސައިން ހުޝާމްއާއި، އިބްރާހީމް ހުޝާމްގެ އިސްވެ އިޝާރާތްކުރެވުނު އެކައުންޓުން ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑްގައިވާ މުޙައްމަދު ރަޝީދު ޢަބްދުލް ބާގިރުއާއި، އިބްރާހީމް ޝާހިދުގެ ބުނެވިދިޔަ އެކައުންޓަށް ޓްރާންސްފަރކޮށްފައިވާ އެކުޖުމްލަ 18,000,000/-ރ. (އަށާރަ މިލިއަން ރުފިޔާ) ގެ ތެރެއިން އެ އެކައުންޓުގައި ބާކީހުރި 4,452,945/-ރ. (ހަތަރު މިލިއަން ހަތަރު ލައްކަ ފަންސާސް ދެހާސް ނުވަ ސަތޭކަ ސާޅީސް ފަސް ރުފިޔާ) އަނބުރާ އަޙްމަދު ޙަސަން މަނިކުއާއި، ޙުސައިން ހުޝާމްއާއި، އިބްރާހީމް ހުޝާމްއަށް ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑުން ރައްދުކޮށްދީފައިވާކަން އެނގެން އޮވެއެވެ.

އަޙްމަދު ޙަސަން މަނިކުއާއި، ޙުސައިން ހުޝާމްއާއި، އިބްރާހީމް ހުޝާމްގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލެ ބްރާންޗް) ގައި ހުޅުވާފައިވާ ޖޮއިންޓް އެކައުންޓުގައިވާ ފައިސާ ޓްރާންސްފަރ ކުރުމާ ގުޅޭގޮތުން، ކުރެވިފައިވާ "ފަންޑް ޓްރާންސްފަރ އެގްރީމެންޓް" ގެ 17 ވަނަ މާއްދާގައި އެ އެގްރީމެންޓުގެ މައްޗަށް ހިނގާނީ ދިވެހިރާއްޖޭގެ ޤާނޫނުތައްކަމަށް ބަޔާންކޮށްފައިވާއިރު، ޤާނޫނު ނަންބަރު 2010/24 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނު) އަކީ، ދިވެހިރާއްޖޭގައި ބޭންކިންގ ވިޔަފާރިކުރުމަށް ލައިސަންސް ދޫކުރުމާއި، ދިވެހިރާއްޖޭގައި ހިންގާ ބޭންކުތަކުގެ ކަންތައް އިންތިޒާމުކުރުމާއި، ހަރުދަނާ އަދި ރައްކާތެރިގޮތެއްގައި ބޭންކުތައް ހިންގުމަށްޓަކައި ޢަމަލުކުރަންޖެހޭ އުޞޫލުތައް ކަނޑައެޅުމަށާއި، ބޭންކުތައް ހިނގާ ނުހިގާ ގޮތް ބެލުމާއި، ކޮންޒަވޭޓަރުންނާއި، ރިސީވަރުން ޢައްޔަންކުރުމާއި، ބޭންކުތައް އިފްލާސްކުރުމާއި، ބޭންކުތަކާގުޅޭ މިނޫންވެސް ކަންކަން ކަނޑައެޅުމަށް ހަދާފައިވާ ޤާނޫނެއްކަމަށް އެ ޤާނޫނުގެ 1 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅައި ބަޔާންކޮށްފައިވާކަމާ، އަދި ބޭންކުތައް ހިންގަންވާނީ ހަރުދަނާކޮށް އަދި ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނާއި، ބޭންކުގެ ލައިސަންސްގެ ޝަރްޠުތަކާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން ކަނޑައަޅާ ޤަވާޢިދުތަކާއި، އިރުޝާދުތަކާއި، ނިންމުންތަކާއި، އެންގުންތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމަށް ބުނެވިދިޔަ ޤާނޫނުގެ 24 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާކަމާ، އަދި ބައިނަލްއަޤުވާމީ މިންގަޑުތަކާއި، ހަމަތަކާ އެއްގޮތްވާގޮތަށް ބޭންކުތައް ހިނގާ ނުހިނގާގޮތް ބެލުމަށް ބޭނުންވާ ޤަވާޢިދުތައް އެމް.އެމް.އޭ އިން އެކަށައަޅަންވާނެކަމަށާއި، އެމް.އެމް.އޭ އިން މިފަދަ ޤަވާޢިދު ތައް އެކަށައަޅާފައި ނެތްނަމަވެސް ބޭންކުތަކުން ބުނެވިދިޔަ ޤާނޫނުގެ 24 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ޢަމަލުކުރަންވާނެ ކަމަށް އެ މާއްދާގެ (ށ) ގައި ކަނޑައަޅައި ބަޔާންކޮށްފައިވާކަން އެނގެން އޮވެއެވެ.

ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނުގައި ކަނޑައަޅާފައިވާ ބޭންކިންގ ޚިދުމަތްތައް ދިނުމާ ގުޅޭ ބަޔާންވެދިޔަ ޢާންމު އުޞޫލުތަކަށް ރިޢާޔަތްކޮށް ބަލާއިރު، ދިވެހިރާއްޖޭގައި ހިންގާ އެންމެހައި ބޭންކުތަކުން ހަރުދަނާ ބައިނަލްއަޤުވާމީ މިންގަޑުތަކަށް ފެތޭ ބޭންކިންގ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އެ ބޭންކުތަކުގައި އެކައުންޓުތައް ހުޅުވާ ކަސްޓަމަރުންނަށާއި، ބޭންކަށް ރައްކާތެރިކަން ފޯރުކޮށްދޭ، އަދި ޝައްކުކުރެވޭ މުޢާމަލާތްތަކުން ކަސްޓަމަރުންގެ ޙައްޤުތައް ޙިމާޔަތްކުރެވޭނޭ ސަލާމަތީ އިޖްރާއާތުތައް ހިމެނޭ އުޞޫލުތަކަށް ޢަމަލުކުރުމަކީ ބޭންކުތަކުގެ މައްޗަށް ޤާނޫނީގޮތުން ލާޒިމްވެގެންވާ ކަމެއްކަން ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނުގެ ބަޔާންވެދިޔަ 24 ވަނަ މާއްދާއިން އެނގެން އޮންނައިރު، ބޭންކުގައި އެކައުންޓު ހުޅުވާ ކަސްޓަމަރުންނާއި ބޭންކާ ދެމެދު އުފެދޭ ތަޢާޤުދީ ގުޅުމާބެހޭ ޢާންމު ޝަރުޠުތަކާއި އަޙްކާމްތައް (general terms and conditions) ނުވަތަ ބޭންކާއި ކަސްޓަމަރުއާ ދެމެދު ވެވޭ "ފަންޑް ޓްރާންސްފަރ އެގްރީމެންޓް" ފަދަ އެއްބަސްވުންތައް ތަޠްބީޤުކުރަންވާނީ ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނުގެ ބުނެވިދިޔަ 24 ވަނަ މާއްދާއާ ޚިލާފުނުވާނޭ އުޞޫލެއްގެ މަތިންކަން އެނގެން އޮވެއެވެ.

މަދަނީ މަސްއޫލިއްޔަތު (civil liability) އާ ގުޅޭ ޢާންމު އުޞޫލުތަކަށް ރިޢާޔަތްކޮށް ބަލާއިރު، ބޭންކާއި، ބޭންކުގައި އެކައުންޓު ހުޅުވާ ކަސްޓަމަރުއާ ދެމެދު އޮންނަ ތަޢާޤުދީ ގުޅުމުން ނުވަތަ ޤާނޫނުގެ ނައްޞަކުން އުފެދޭ އިލްތިޒާމަކާ ބޭންކުން ޚިލާފުވުމުގެ ސަބަބުން ކަސްޓަމަރަށް ލިބޭ ގެއްލުމަށް ބޭންކުން މަސްއޫލިއްޔަތު އުފުލަންޖެހޭނެކަމާއި، މިފަދަ މަސްއޫލިއްޔަތެއް ބޭންކުން އުފުލަންޖެހުމުގައި ތިން ރުކުނެއް ފުރިހަމަވާން ވާނެކަމާއި؛ ފުރަތަމަ ރުކުނަކީ ބޭންކުގެ ވާޖިބު އަދާކުރުމުގައި ކުރެވޭ ކުށް (mistake/fault) ކަމާއި، ދެވަނަ ރުކުނަކީ ކަސްޓަމަރަށް ގެއްލުން (damage) ލިބުން ކަމާއި، ތިންވަނަ ރުކުނަކީ ކަސްޓަމަރަށް ލިބުނު ގެއްލުމާއި ބޭންކުގެ ވާޖިބު އަދާކުރުމުގައި ކުރެވޭ ކުށާ ދެމެދު ސަބަބީ ގުޅުމެއް (علاقة سبية/ causal link) އޮތުން، ނުވަތަ ކަސްޓަމަރަށް ލިބުނު ގެއްލުމަކީ ބޭންކުގެ ވާޖިބު އަދާކުރުމުގައި ކުށެއް ކުރުމުގެ ނަތީޖާއެއްގެ ގޮތުން ލިބުނު ގެއްލުމަކަށް ވުންކަން އެނގެން އޮންނައިރު، މި އުޞޫލުތަކުގެ އަލީގައި، އަޙްމަދު ޙަސަން މަނިކުއާއި، ޙުސައިން ހުޝާމްއާއި، އިބްރާހީމް ހުޝާމްގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލެ ބްރާންޗް) ގައި ހުޅުވާފައިވާ ބުނެވުނު ޖޮއިންޓް އެކައުންޓުން އެފަރާތްތަކުގެ ހުއްދަނެތި 09 ނޮވެންބަރު 2011 އާއި 20 ނޮވެންބަރު 2011 ގައި ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑްގައިވާ މުޙައްމަދު ރަޝީދު ޢަބްދުލް ބާގިރުއާއި އިބްރާހީމް ޝާހިދުގެ އެކައުންޓަށް ޓްރާންސްފަރ ކޮށްފައިވާ ފައިސާއަށް ޒިންމާވާންޖެހޭނީ ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލެ ބްރާންޗް) ކަން ޘާބިތުވާކަމަށް ސިވިލް ކޯޓުގެ ނަންބަރު 2297/Cv-C/2011 ޤަޟިއްޔާ އާއި، ހައިކޯޓުގެ ނަންބަރު 2014/HC-A/129 ޤަޟިއްޔާގައި ކަނޑައަޅައިފައި އޮންނަ އޮތުން ޞައްޙަ ނޫންކަމަށް ބުނެ މި މައްސަލަ އިލްތިމާސްކުރާ ފަރާތުން ހުށަހަޅާފައިވާ އިސްވެ އިޝާރާތްކުރެވުނު ސަބަބުތަކުގެ މައްޗަށް ޤާނޫނީ ނަޒަރަކުން ބެލިއިރު އަންނަނިވި ކަންތައް ފާހަގަކުރެވެއެވެ.

(ހ) ފުރަތަމަ ކަމަކީ، ބޭންކާއި ކަސްޓަމަރުއާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން ބޭންކުން އަދާކުރަންޖެހޭ އިލްތިޒާމެއް ބޭންކުން އަދާ ނުކުރުމަކީ ނުވަތަ ބޭންކުން އަދާކުރަންޖެހޭ ޤާނޫނީ ވާޖިބަކާ ޚިލާފަށް ނުވަތަ ބޭންކިންގ ޢުރުފް (custom) އާއި އާދަކާދައާ ޚިލާފަށް ބޭންކުން ޢަމަލުކުރުމަކީ ބޭންކުގެ ވާޖިބު އަދާކުރުމުގައި ކުރެވޭ ކުށެއްކަން އެނގެން އޮންނައިރު، އަޙްމަދު ޙަސަން މަނިކުއާއި، ޙުސައިން ހުޝާމްއާއި، އިބްރާހީމް ހުޝާމްގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލެ ބްރާންޗް) ގައި ހުޅުވާފައިވާ އިސްވެ އިޝާރާތްކުރެވުނު ޖޮއިންޓް އެކައުންޓުގައިވާ ފައިސާ ޓްރާންސްފަރ ކުރުމާ ގުޅޭގޮތުން، 10 ޖުލައި 2011 ގައި ކުރެވުނު އިޝާރާތްކުރެވުނު "ފަންޑް ޓްރާންސްފަރ އެގްރީމެންޓް" އަށް ނަޒަރު ކުރާއިރު، ބުނެވިދިޔަ ޖޮއިންޓް އެކައުންޓުން ފައިސާ ޓްރާންސްފަރ ކުރުމުގައި، އެ އެކައުންޓުގައިވާ ފައިސާ ޙިމާޔަތްކޮށް ރައްކާތެރިކުރެވޭ ފަދަ، އަދި ބޭންކުން ފޯރުކޮށްދޭ މާލީ ޚިދުމަތްތައް އެއްވެސް ފަރާތަކުން ނަހަމަގޮތުގައި ބޭނުންކޮށް އެ އެކައުންޓުގައިވާ ފައިސާ މަކަރާއި ޙީލަތުން ޓްރާންސްފަރ ނުކުރެވޭ ފަދަ ހަރުދަނާ ސަލާމަތީ އަދި ރަޤާބީ ނިޒާމުތައް އެކަށައަޅައި އެއަށް ޢަމަލުކުރުމަކީ ބޭންކުގެ މައްޗަށް ލާޒިމުވެގެންވާ ކަމެއްކަން އެ އެގްރީމެންޓްގެ 2 ވަނަ މާއްދާއިން އިސްތިޙްލާޞްކުރެވެން އޮންނަކަމާ، އަދި އެއީ ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނުގެ ދަށުންވެސް ބޭންކުގެ މައްޗަށް ލާޒިމްވެގެންވާ ކަމެއްކަން އެ ޤާނޫނުގެ ޙަވާލާދެވުނު 24 ވަނަ މާއްދާއިން އިސްތިޚްލާޞްކުރެވެން އޮންނަ އޮތުމެވެ.

(ށ) ދެވަނަ ކަމަކީ، އަޙްމަދު ޙަސަން މަނިކުއާއި، ޙުސައިން ހުޝާމްއާއި، އިބްރާހީމް ހުޝާމްގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލެ ބްރާންޗް) ގައި ހުޅުވާފައިވާ އިސްވެ އިޝާރާތްކުރެވުނު ޖޮއިންޓް އެކައުންޓުން ފައިސާ ޓްރާންސްފަރ ކޮށްދިނުމަށް އެކައުންޓުގެ ވެރިފަރާތަކުން ބޭންކުގައި އެދޭ ހިނދު، ބޭންކުން އެ ފައިސާ ޓްރާންސްފަރ ކުރުމުގެ ކުރިން އެކައުންޓުގެ ވެރިފަރާތުގެ ޙައްޤު ރައްކާތެރިކުރުމުގެ ގޮތުން އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް އެޅުމަކީ ބޭންކުގެ މައްޗަށް ލާޒިމުވެގެންވާކަމެއްކަން ބުނެވިދިޔަ "ފަންޑް ޓްރާންސްފަރ އެގްރީމެންޓް" ގެ 2 ވަނަ މާއްދާއާއި 9 ވަނަ މާއްދާއިން އެނގެން އޮންނަކަމާއި، އެ ޙާލަތުގައި ބޭންކުން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅާ ގުޅޭ ތަފްޞީލުތަކެއް ޙަވާލާދެވުނު އެގްރީމަންޓުގައި ބަޔާންވެގެން ނުވިކަމުގައި ވީނަމަވެސް، ކުރިއަރާފައިވާ ޖުރިސްޑިކްޝަންތަކުގެ ކޮމާރޝަލް ބޭންކުތަކުން ތަބާވާ ޕްރޮފެޝަނަލް މިންގަނޑުތަކަށް ފެތޭ، ބައިނަލްއަޤުވާމީ ބޭންކިންގ ޢުރުފުއާއި އާދަކާދަތަކާ އެއްގޮތްވާ ގޮތުގެމަތިން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީ ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލެ ބްރާންޗް) ގެ މައްޗަށްވެސް ލާޒިމުވެގެންވާ ކަމެއްކަން އެނގެން އޮންނައިރު، ފައިސާ ޓްރާންސްފަރ ކުރުމަށް އެދޭ ވަސީލަތްތަކުގެ ތެރެއިން، ވަކިން ޚާއްޞަކޮށް ފެކްސް މެދުވެރިކޮށް ފައިސާ ޓްރާންސްފަރ ކުރުމަށް އެދޭ ހިނދު، އެ ފެކްސްގެ ޞައްޙަކަން ކަށަވަރުކުރުމުގެ ގޮތުން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީ ބޭންކުތަކުގައި އިސްތިޤުރާރުވެފައިވާ ޕްރެކްޓިސްއެއްކަން ތަފާތު ޖުރިސްޑިކްޝަންތަކުގެ ބޭންކުތަކުން ޢާންމުކޮށްފައިވާ ކަސްޓަމަރުގެ މާލީ ޙައްޤުތައް ޙިމާޔަތްކުރުމާބެހޭ ޢުޞޫލުތަކަށް ބެލުމުން އެނގޭކަމާ؛ މިގޮތުން ބަލާއިރު، ޓެލެފޯން އަދި ފެކްސް ފަދަ ވަސީލަތެއް ބޭނުންކޮށްގެން ފައިސާ ޓްރާންސްފަރ ކުރުމުގައި، ފައިސާ ޓްރާންސްފަރ ކުރަން އެދޭ ފަރާތް ކަށަވަރުކުރުމުގެ ގޮތުން ބޭންކާއި ކަސްޓަމަރާއި ދެމެދު އެއްބަސްވެފައިވާ "ކޯޑް" އެއް ދިނުމުން މެނުވީ ބައެއް ބޭންކުތަކުން ފައިސާ ޓްރާންސްފަރކުރުން ހުއްދަ ނުކުރާކަމާއި، އަދި ބުނެވިދިޔަ ފަދަ ވަސީލަތަކުން ފައިސާ ޓްރާންސްފަރ ކޮށްދިނުމަށް އެދި އަންގާ އެންގުން ތަންފީޒުކުރުމުގެ ކުރިން ބޭންކުގައި ރެކޯޑްކުރެވިފައި އޮންނަ ކަސްޓަމަރުގެ ފޯން ނަންބަރަށް ގުޅައި އެކަން ކަށަވަރުކުރުމަށްފަހު މެނުވީ ބައެއް ބޭންކުތަކުން ފައިސާ ޓްރާންސްފަރ ނުކުރާކަމާ، މީގެ އިތުރުން ބުނެވިދިޔަ ފަދަ ވަސީލަތެއް ބޭނުންކޮށްގެން ފައިސާ ޓްރާންސްފަރ ކޮށްދިނުމަށް އެދި އަންގާ އެންގުމާމެދު އެއްވެސް މިންވަރެއްގެ ޝައްކެއް އުފެދޭ ނަމަ ބޭންކުތަކުން އެ އެންގުން ތަންފީޒުކުރުމުން މަނާވެގަންނަކަން ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑްއާއި، ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ ނިއުޔޯރކް ބްރާންޗްއާއި، ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ ޔުނައިޓެޑް ކިންގްޑޮމްގެ ބްރާންޗް ތަކާއި، ދަ ހޮންކޮންގ އެންޑް ޝެންގހާއި ބޭންކިންގ ކޯޕަރޭޝަން ލިމިޓެޑް (HSBC) ގެ ސޯލް (Seoul) ބްރާންޗާއި، މިނޫންވެސް ދުނިޔޭގެ ތަފާތު ކޮމާރޝަލް ބޭންކުތަކުގެ ބޭންކިންގ ޚިދުމަތް ދިނުމާގުޅޭ ޢާންމު ޝަރްޠުތަކާއި އަޙްކާމްތަކާއި، ފެކްސް، ޓެލެފޯން، މެއިލް ފަދަ ވަސީލަތްތަކުން ކުރާ މާލީ މުޢާމަލާތާ ގުޅިގެން ބޭންކުތަކުން ކުރާ "އިންޑެމްނިޓީ އެގްރީމެންޓް" ތަކުގައި ހިމެނޭ ޝަރްޠުތަކަށް ބެލުމުން އެނގެން އޮންނަ އޮތުމެވެ.

(ނ) ތިންވަނަ ކަމަކީ، އަޙްމަދު ޙަސަން މަނިކުއާއި، ޙުސައިން ހުޝާމްއާއި، އިބްރާހީމް ހުޝާމްގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލެ ބްރާންޗް) ގައި ހުޅުވާފައިވާ އިސްވެ އިޝާރާތްކުރެވުނު ޖޮއިންޓް އެކައުންޓުން މުޙައްމަދު ރަޝީދު ޢަބްދުލް ބާގިރުއާއި، އިބްރާހީމް ޝާހިދުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑްގައި ހުޅުވާފައިވާ ޙަވާލާދެވުނު ޖޮއިންޓް އެކައުންޓަށް 8,500,000/-ރ. (އަށް މިލިއަން ފަސްލައްކަ ރުފިޔާ) ޓްރާންސްފަރ ކޮށްދިނުމަށް އެދި 09 ނޮވެންބަރު 2011 ގައި ފޮނުވާފައިވާ ފެކްސްއާ، އަދި 9,500,000/-ރ. (ނުވަ މިލިއަން ފަސްލައްކަ ރުފިޔާ) ޓްރާންސްފަރ ކޮށްދިނުމަށް އެދި 20 ނޮވެންބަރު 2011 ގައި ފޮނުވާފައިވާ ފެކްސްއާއި، މި ދެ ފެކްސް ފޮނުވާފައިވަނީ އަޙްމަދު ޙަސަން މަނިކުގެ ނަމުގައި ކަމަށް ވީނަމަވެސް، މި ދެ ފެކުހުގައިވާ ސޮޔަކީ އަޙްމަދު ޙަސަން މަނިކުގެ ސޮޔެއް ނޫންކަމާއި، މި ދެ ފެކުހުގައި އަޙްމަދު ޙަސަން މަނިކުގެ ނަމުގައިވާ ސޮއި އަކީ ޙުސައިން ހުޝާމްގެ ސޮޔާ ވައްތަރުގެ ސޮޔެއްކަމާއި، އަދި އޭގެ އިތުރުން މި ދެ ފެކްސް ފޮނުވުމަށް ބޭނުންކޮށްފައިވާ ފޯނު ލައިނަކީ ބޭންކުގައި ރެކޯޑް ކުރެވިފައިވާ އެކައުންޓުގެ ވެރިފަރާތްތަކުގެ ފޯނު ލައިނެއް ނޫންކަން އެނގެން އޮންނައިރު، މި ދެ ފެކުހުގެ ޞައްޙަކަމާމެދު ޝައްކު އުފެދޭނެ އެތައް ސަބަބެއް ފާޅުގައި ފެންނަން ހުރުމާއެކުވެސް، މި ދެފެކުގެ ޞައްޙަކަން ކަށަވަރުކުރުމަށްޓަކައި ބޭންކުގެ މައްޗަށް ތަޢާޤުދީގޮތުންނާއި ޢުރުފީގޮތުން ތަބާވުން ލާޒިމުވެގެންވާ ރައްކާތެރިކަމުގެ އެއްވެސް ފިޔަވަޅެއް އެޅުމަކާ ނުލައި، ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލެ ބްރާންޗް) އިން ބުނެވިދިޔަ ދެ ފެކުހުގައި ޓްރާންސްފަރ ކުރުމަށް އެދިފައިވާ އެކުޖުމްލަ 18,000,000/-ރ. (އަށާރަ މިލިއަން ރުފިޔާ) ޓްރާންސްފަރ ކުރުމުގައި އެ ބޭންކުގެ ސުލޫކު ބައްޓަންކޮށްފައިވަނީ އެފަދަ މުޢާމަލާތެއް ހިންގުމުގައި ޕްރޮފެޝަނަލް ބޭންކަކުން ބަހައްޓަންޖެހޭ ޢިނާޔަތްތެރިކަމާއި އަމާނަތްތެރިކަމާ އެއް މިންގަނޑަކަށް ނޫންކަން ފެކްސް، ޓެލެފޯން، މެސެންޖަރ ފަދަ ވަސީލަތްތައް ބޭނުންކޮށްގެން ކުރާ މުޢާމަލާތްތަކުގައި ތަފާތު ބޭންކުތަކުން ޢަމަލުކުރާ އުޞޫލުތަކަށާއި، މި މައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކަށާއި، ޚަބީރުންގެ ރައުޔުތަކަށް ބެލުމުން އެނގެން އޮންނަ އޮތުމެވެ.

(ރ) ހަތަރުވަނަ ކަމަކީ، އަޙްމަދު ޙަސަން މަނިކުއާއި، ޙުސައިން ހުޝާމްއާއި، އިބްރާހީމް ހުޝާމްގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލެ ބްރާންޗް) ގައި ހުޅުވާފައިވާ އިސްވެ އިޝާރާތްކުރެވުނު ޖޮއިންޓް އެކައުންޓުން މުޙައްމަދު ރަޝީދު ޢަބްދުލް ބާގިރުއާއި، އިބްރާހީމް ޝާހިދުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑްގައި ހުޅުވާފައިވާ ޙަވާލާދެވުނު ޖޮއިންޓް އެކައުންޓަށް ފައިސާ ޓްރާންސްފަރ ކޮށްދިނުމަށް އެދި ފޮނުވާފައިވާ ދެ ފެކްސްގައިވާ ސޮޔާއި ފެކްސްގައި ލިޔެފައިވާ ނަމާ ދިމާނުވުމަކީ، ބޭންކިންގ އުޞޫލަށް ބަލާއިރު މައްސަލައެއް ނޫންކަމަށާއި، ޖޮއިންޓް އެކައުންޓެއް 03 ފަރާތުގެ ނަމުގައި ހުޅުވާފައިވަނީ އެ 03 ފަރާތުންކުރެ ކޮންމެ 01 ފަރާތެއްގެ އެންގުމަށް ބޭންކިންގ މުޢާމަލާތް ކުރެވޭ ގޮތަށްކަމަށާއި، އަދި ބޭންކުން މިފަދަ ކަންކަމުގައި ޢަމަލުކުރަނީ ހަމައެކަނި ސޮއިގެ ޞައްޙަކަމަށް ބެލުމަށްފަހުކަމަށާއި، ހަމައެކަނި 01 ފަރާތުގެ ސޮއިކޮށްފައި އެއްވެސް ފަރާތެއްގެ ނަން ލިޔެފައި ނެތްނަމަވެސް، ސޮއި ދިމާވާނަމަ، ބޭންކުން އެ މުޢާމަލާތެއް ފުރިހަމަކޮށްދޭނެ ކަމަށާއި، މިސާލެއްގެ ގޮތުން މި އެކައުންޓުގެ ވެރިފަރާތްތަކުން އެންމެ ގިނައިން ބޭންކިންގ މުޢާމަލާތް ކޮށްފައިވަނީ ޗެކު މެދުވެރިކޮށްކަމަށާއި، ޗެކުގައި ސޮއިކުރާ ފަރާތުގެ ނަމެއް ނުލިޔާކަމަށާއި ހަމައެކަނި ސޮއިކޮށްލަނީކަމަށާއި، މި އަސާސްތަކުގެ މައްޗަށް ބިނާކޮށް، އަޙްމަދު ޙަސަން މަނިކުއާއި، ޙުސައިން ހުޝާމްއާއި، އިބްރާހީމް ހުޝާމްގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލެ ބްރާންޗް) ގައި ހުޅުވާފައިވާ އިސްވެ އިޝާރާތްކުރެވުނު ޖޮއިންޓް އެކައުންޓުން ފައިސާ ޓްރާންސްފަރ ކުރުމާ ބެހޭގޮތުން އެފަރާތްތަކާއި ބޭންކާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ބޭންކުން ޢަމަލުކޮށްފައިވާކަމަށް ބުނެ ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލެ ބްރާންޗް) ގެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ނަޒަރުކުރާއިރު، ފެކްސްއަކީ ބޭންކުން ދޫކުރާ ޗެކް ފަދަ ސަލާމަތީ ނިޒާމު ޤާއިމުކުރެވިފައިވާ މުސްތަނަދަކަށް ނުވާއިރު، ޗެކުން ފައިސާ ޓްރާންސްފަރ ކުރުމުގައި ޢަމަލުކުރެވޭ ކޮންމެ އުޞޫލަކީ އޭގެ ޒާތުގައި ފެކްސްއިން ފައިސާ ޓްރާންސްފަރ ކުރުމުގައި ތަޠްބީޤުކުރެވޭނެ އުޞޫލެއް ނޫންކަމާއި، ފެކްސްއިންކުރާ މުޢާމަލާތަކީ ޗެކުންކުރާ މުޢާމަލާތަށް ވުރެ ބޮޑަށް ޢިނާޔަތްތެރިކަމާއި ސަމާލުކަން ބޭންކުން ދޭންޖެހޭ، އަދި އެކަށީގެންވާ މިންވަރަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅިގެން މެނުވީ ފުރިހަމަކޮށްގެން ނުވާނޭ މުޢާމަލާތެއް ކަމާ، އެހެންކަމުން ޗެކުން ކުރާ މުޢާމަލާތަކީ ބޭންކުގައި އެކައުންޓު ހުޅުވާހިނދު، އެކައުންޓުގެ ވެރިފަރާތާއި، ބޭންކާ ދެމެދު އެއްބަސްވެވޭ ޢާންމު ޝަރްޠުތަކާއި އަޙްކާމްތަކުގެ ދަށުން ހުއްދަކުރެވޭ މުޢާމަލާތެއް ކަމުގައި ވީނަމަވެސް، ފެކްސް މެދުވެރިކޮށް ފައިސާ ޓްރާންސްފަރ ކުރުމުގެ މުޢާމަލާތް ޢާންމު އުޞޫލެއްގެ ގޮތުގައި ބޭންކުން ހުއްދަކުރަނީ އެކަމަށް ވެވޭ ޚާއްޞަ އެއްބަސްވުމެއްގެ ދަށުން އެ އެއްބަސްވުމުގައި ކަނޑައަޅާ ޝަރްޠުތަކާ އެއްގޮތްވާ ގޮތުގެމަތިންކަމާ، މި އުޞޫލަކީ ޚުދު ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލޭ ބްރާންޗް) އިންވެސް ތަޠްބީޤުކުރާ އުޞޫލެއްކަން ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލެ ބްރާންޗް) ގެ ވެބްސައިޓުގައި ޝާޢިޢުކޮށްފައިވާ "ފަންޑްސް ޓްރާންސްފަރ އެގްރީމެންޓް" އާ ގުޅޭ ޢާންމު ޝަރްޠުތަކުގެ (A) އަށް ބެލުމުން އެނގެން އޮންނަކަމާއި، އެ އަކުރުގައި، ފައިސާ ޓްރާންސްފަރ ކުރުމަށް އެދެންވާނީ، އެ ލިޔުމުގައި ސޮއިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތަކުން ސޮއިކޮށްފައިވާ ލިޔުމަކުން ކަމަށާއި، ލިޔުމުން އެއްބަސްވެފައި ނުވާހާ ހިނދަކު ފެކްސްމެއިލް، އީމެއިލް، ނުވަތަ ޓެލެފޯން މެދުވެރިކޮށް ފައިސާ ޓްރާންސްފަރ ކުރުމަށް އެދި އަންގާ އެންގުން ބޭންކުން ޤަބޫލުނުކުރާނެކަމަށް ބަޔާންކޮށްފައިވާއިރު، މި އުޞޫލުގެ މަތިން އަޙްމަދު ޙަސަން މަނިކުއާއި، ޙުސައިން ހުޝާމްއާއި، އިބްރާހީމް ހުޝާމްއާ، ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލެ ބްރާންޗް) އާ ދެމެދު 10 ޖުލައި 2011 ގައި ވެފައިވާ ޙަވާލާދެވުނު "ފަންޑްސް ޓްރާންސްފަރ އެގްރީމަންޓް" ގައި ސްޓޭޓް ބޭންކް އޮފް އިންޑިޔާގައިވާ އަޙްމަދު ޙަސަން މަނިކުއާއި، ޙުސައިން ހުޝާމްއާއި، އިބްރާހީމް ހުޝާމްގެ ޖޮއިންޓް އެކައުންޓުން، އެ އެކައުންޓުން ކުރާ މުޢާމަލާތްތަކުގައި ސޮއިކުރުމުގެ ހުއްދަ ލިބިފައިވާ އެއްވެސް ފަރާތެއްގެ ނަމުގައި ފެކްސް، މެއިލް، ނުވަތަ މެސެންޖަރ ފަދަ ކިތާބީ ވަސީލަތް ބޭނުންކޮށްގެން ފައިސާ ޓްރާންސްފަރ ކުރުމަށް އެދުމުން، ބޭންކުން ކަނޑައަޅާފައިވާ އިޖްރާއާތާ އެއްގޮތްވާ ގޮތުގެމަތިން އެ ފައިސާ ޓްރާންސްފަރ ކުރުމުގެ ބާރު ބޭންކަށް ލިބިގެންވާކަން ބުނެވިދިޔަ އެގްރީމަންޓްގެ 3 ވަނަ މާއްދާއިން ރަނގަޅަށް އެނގެން އޮންނަކަމާއި، ބުނެވިދިޔަ އެކައުންޓުން ކުރާ މުޢާމަލާތްތަކުގައި ސޮއިކުރުމުގެ ހުއްދަ ލިބިފައިވަނީ އެ އެކައުންޓުގެ ވެރިފަރާތްތައް ކަމުގައިވާ އަޙްމަދު ޙަސަން މަނިކުއާއި، ޙުސައިން ހުޝާމްއާއި، އިބްރާހީމް ހުޝާމްއަށްކަން އެނގެން އޮންނައިރު، އެއިން އެއްވެސް ފަރާތެއްގެ ނަމުގައި ފައިސާ ޓްރާންސްފަރ ކުރުމަށް އެދި ފެކްސްގެ ޒަރީޢާއިން ބޭންކަށް ފޮނުވާ ލިޔުމުގައިވާ ނަމާއި، އޭގައިވާ ސޮޔާއި ދިމާވާން ޖެހޭނެކަމާއި، މި މަޤާމުގައި ފެކްސްއިން ކުރާ މުޢާމަލާތް ބޭންކުން ދޫކުރާ ޗެކްއިންކުރާ މުޢާމަލާތުގެ މައްޗަށް ޤިޔާސް ނުކުރެވޭނެކަމާއި، ސަބަބަކީ ޖޮއިންޓް އެކައުންޓުގެ ވެރިފަރާތްތަކުގެ ތެރެއިން ޗެކްގައި ސޮއިކުރުމުގެ ހުއްދަ ލިބިފައިވާ ކޮންމެ ފަރާތެއްގެ ސޮއި އޮތުމުން އެ ޗެކަކީ ޞައްޙަ ޗެކެއް ކަމަށް ބެލެވޭކަމާއި، އެއާ ޚިލާފަށް ފެކްސް ފަދަ ޒަރީޢާއަކުން ފޮނުވާ ލިޔުން ފޮނުވާފައިވާ ފަރާތުގެ ނަމުގައި އެހެން ފަރާތަކުން ސޮއި ކޮށްފައި އޮތުމަކީ މާނައެއް ނެތް ކަމެއް ކަމުގައިވާއިރު، އެއީ ޙަޤީޤަތުގައި، އެ ފެކުހުގެ ޞައްޙަކަމާ މެދު ޝައްކުގެ ނަޒަރަކުން ބަލަންޖެހޭ ސަބަބެއް ކަމުގައިވެސްވާއިރު، އަޙްމަދު ޙަސަން މަނިކުއާއި، ޙުސައިން ހުޝާމްއާއި، އިބްރާހީމް ހުޝާމްގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލެ ބްރާންޗް) ގައި ހުޅުވާފައިވާ އިސްވެ އިޝާރާތްކުރެވުނު ޖޮއިންޓް އެކައުންޓުން މުޙައްމަދު ރަޝީދު ޢަބްދުލް ބާގިރުއާއި، އިބްރާހީމް ޝާހިދުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑްގައި ހުޅުވާފައިވާ ޙަވާލާދެވުނު ޖޮއިންޓް އެކައުންޓަށް ފައިސާ ޓްރާންސްފަރ ކޮށްދިނުމަށް އެދި އަޙްމަދު ޙަސަން މަނިކުގެ ނަމުގައި ފޮނުވާފައިވާ އިޝާރާތްކުރެވުނު ދެ ފެކްސްގައިވާ ސޮޔަކީ އަޙްމަދު ޙަސަން މަނިކުގެ ސޮއިތޯ ކަށަވަރުކުރުމަކާ ނުލައި އެ ދެ ފެކްސްގައި ޓްރާންސްފަރ ކުރުމަށް އެދިފައިވާ ފައިސާ ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލެ ބްރާންޗް) އިން ޓްރާންސްފަރ ކޮށްފައިވަނީ ބުނެވިދިޔަ "ފަންޑްސް ޓްރާންސްފަރ އެގްރީމަންޓް" ގެ 3 ވަނަ މާއްދާއާ އެއްގޮތަށް ނޫންކަން އެނގެން އޮންނަކަމާ، މީގެ އިތުރުން، ބަޔާންވެދިޔަ ދެ ފެކްސް ފޮނުވުމުގައި ބޭނުންކޮށްފައިވާ ފޯން ލައިނަކީ އަޙްމަދު ޙަސަންމަނިކުއާއި ބުނެވުނު ޖޮއިންޓް އެކައުންޓުގެ ވެރި، އެހެން ފަރާތްތަކުން ބޭންކަށް ދީފައިވާ ފޯން ލައިންތަކެއް ނޫންކަން އެނގެން އޮތުމާއެކުވެސް، އަދި ބުނެވުނު ޖޮއިންޓް އެކައުންޓުން ފެކްސްގެ ޒަރީޢާއިން ފުރަތަމަ ފަހަރަށް ގިނަ ޢަދަދެއްގެ ފައިސާ ޓްރާންސްފަރ ކުރުމަށް ވިދިވިދިގެން 2 ފަހަރެއްގެ މަތިން އެދިފައިވުމާއެކުވެސް، ޝައްކުގެ މަޙައްލުގައިވާ މިއެންމެހައި ވަޤާއިޢުތަކަށް ޕްރޮފެޝަނަލް މިންގަޑަކުން ބެލުމަކާ ނުލައި، އަދި މިފަދަ ޙާލަތްތަކުގައި ބޭންކުގެ މައްޗަށް ޢުރުފީގޮތުން ތަބާވުން ލާޒިމުވެގެންވާ ސަލާމަތީ އިޖްރާއާތުތައް ތަޠްބީޤުކުރުމަކާ ނުލައި، ޙަވާލާދެވުނު ދެ ފެކުހުގައި ޓްރާންސްފަރ ކުރުމަށް އެދިފައިވާ ފައިސާ ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލެ ބްރާންޗް) އިން ޓްރާންސްފަރ ކޮށްފައިވަނީ ޙަވާލާދެވުނު "ފަންޑްސް ޓްރާންސްފަރ އެގްރީމަންޓް" ގެ 2 ވަނަ މާއްދާއާއި، 9 ވަނަ މާއްދާގެ (C) އާ ކަނޑައެޅިގެން ޚިލާފަށް، މިފަދަ މުޢާމަލާތްތައް ފުރިހަމަކުރުމުގައި ޕްރޮފެޝަނަލް ބޭންކަކުން، ކަސްޓަމަރުންގެ ޙައްޤުތައް ޙިމާޔާތްކުރުމަށްޓަކައި ބަހައްޓަންޖެހޭ ޢިނާޔަތްތެރިކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަކާ ނުލައިކަން އެނގެން އޮންނަ އޮތުމެވެ.

(ބ) ފަސްވަނަ ކަމަކީ، އަޙްމަދު ޙަސަން މަނިކުއާއި، ޙުސައިން ހުޝާމްއާއި، އިބްރާހީމް ހުޝާމްގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލެ ބްރާންޗް) ގައި ހުޅުވާފައިވާ އިސްވެ އިޝާރާތްކުރެވުނު ޖޮއިންޓް އެކައުންޓުން މުޙައްމަދު ރަޝީދު ޢަބްދުލް ބާގިރުއާއި، އިބްރާހީމް ޝާހިދުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑްގައި ހުޅުވާފައިވާ އިޝާރާތްކުރެވުނު ޖޮއިންޓް އެކައުންޓަށް ފައިސާ ޓްރާންސްފަރ ކުރުމަށް އެދި، އަޙްމަދު ޙަސަން މަނިކުއާއި، ޙުސައިން ހުޝާމްއާއި، އިބްރާހީމް ހުޝާމްއާ، މިއިން އެއްވެސް ފަރާތެއްގެ ހުއްދަ ނެތި، އަޙްމަދު ޙަސަން މަނިކުގެ ނަމުގައި އޭނަގެ ސޮޔާ ނުލައި ފޮނުވާފައިވާ އިޝާރާތްކުރެވުނު ޞައްޙަ ނޫން ދެ ފެކްސްގެ މައްޗަށް ބިނާކޮށް ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލެ ބްރާންޗް) އިން ދެ ފަހަރެއްގެ މަތިން އެކުޖުމްލަ 18,000,000/-ރ. (އަށާރަ މިލިއަން ރުފިޔާ) ޓްރާންސްފަރ ކޮށްފައިވަނީ ބަޔާންވެދިޔަ ފަދައިން، އެ ބޭންކާއެކު އަޙްމަދު ޙަސަން މަނިކުއާއި، ޙުސައިން ހުޝާމްއާއި، އިބްރާހީމް ހުޝާމް ވެފައިވާ ޙަވާލާދެވުނު "ފަންޑްސް ޓްރާންސްފަރ އެގްރީމަންޓް" ގައިވާ ގޮތުގެމަތިން އެފަރާތެއްގެ ނަމުގައި ފައިސާ ޓްރާންސްފަރ ކުރުމަށް އެދިފައިވާ ފަރާތުގެ ސޮއި ކަށަވަރުކުރުމަކާ ނުލައި، އަދި މިބާވަތުގެ މުޢާމަލާތްތަކުގައި ބޭންކުން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކާ ނުލައި ކަމުގައިވާއިރު، އެގޮތުގެމަތިން ބުނެވިދިޔަ ފައިސާ ޓްރާންސްފަރ ކުރުމަކީ ބޭންކުގެ ވާޖިބު އަދާކުރުމުގައި ވެވިފައިވާ ކުށެއްކަމާއި، އަދި އެއީ ބޭންކުން އެ މުޢާމަލާތް ފުރިހަމަކުރުމުގައި އެކަށީގެންވާ މިންވަރަށް ބަލައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގައި ވެފައިވާ އިހްމާލެއްކަމާއި، އޭގެ ނަތީޖާއެއްގެ ގޮތުން އަޙްމަދު ޙަސަން މަނިކުއާއި ޙުސައިން ހުޝާމްއާއި އިބްރާހީމް ހުޝާމްއަށް ލިބުނު ގެއްލުމަށް، މަދަނީ މަސްއޫލިއްޔަތުގެ ބަޔާންވެދިޔަ އުޞޫލުތަކަށް ރިޢާޔަތްކުރާއިރު، ޒިންމާ ވާންޖެހޭނީ ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލެ ބްރާންޗް) އިން ކަމާއި، މިގޮތުން އެފަރާތްތަކުގެ އެކައުންޓުން އެފަރާތްތަކުގެ ހުއްދަނެތި ޓްރާންސްފަރ ކުރެވިފައިވާ ޖުމްލަ 18,000,000/-ރ. (އަށާރަ މިލިއަން ރުފިޔާ) އެފަރާތްތަކުގެ އެކައުންޓަށް ރައްދުކުރުމަކީ ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލެ ބްރާންޗް) ގެ ޒިންމާ އެއްކަމުގައި ވީނަމަވެސް، ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑްގައިވާ މުޙައްމަދު ރަޝީދު ޢަބްދުލް ބާގިރުއާއި، އިބްރާހީމް ޝާހިދުގެ އިޝާރާތްކުރެވުނު ޖޮއިންޓް އެކައުންޓަށް ޓްރާންސްފަރކޮށްފައިވާ ބުނެވުނު 18,000,000/-ރ. (އަށާރަ މިލިއަން ރުފިޔާ) ގެ ތެރެއިން އެ އެކައުންޓުގައި ބާކީހުރި 4,452,945/-ރ. (ހަތަރު މިލިއަން ހަތަރު ލައްކަ ފަންސާސް ދެހާސް ނުވަ ސަތޭކަ ސާޅީސް ފަސް ރުފިޔާ) އަނބުރާ އަޙްމަދު ޙަސަން މަނިކުއާއި، ޙުސައިން ހުޝާމް އާއި، އިބްރާހީމް ހުޝާމް އަށް ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑުގެ ފަރާތުން ރައްދުކޮށްދީފައިވާކަން އެނގެން އޮންނާތީ އެ ފައިސާ އުނިކުރުމުން މިހާރު ލިބިފައިނުވާ އެކުޖުމްލަ 13,547,055/-ރ. (ތޭރަ މިލިއަން ފަސް ލައްކަ ސާޅީސް ހަތްހާސް ފަންސާސް ފަސް ރުފިޔާ) އެފަރާތްތަކުގެ އެކައުންޓަށް ރައްދުކުރުމަކީ ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލެ ބްރާންޗް) ގެ ޒިންމާއެއްކަން އެނގެން އޮންނައިރު، އަޙްމަދު ޙަސަން މަނިކުއާއި ޙުސައިން ހުޝާމްއާއި އިބްރާހީމް ހުޝާމްގެ ޖޮއިންޓް އެކައުންޓުން އެފަރާތްތަކުގެ ހުއްދަނެތި ޓްރާންސްފަރ ކުރެވުނު ބުނެވުނު ފައިސާ އެ އެކައުންޓުން އުނިނުވެ ހުރިނަމަ، އުނިވެގެންދިޔަ މުއްދަތުގައި އެ ފައިސާއަށް ލިބިގެންދާނެ އިންޓަރެސްޓްގެ ފައިސާއަކީ ވެސް ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލެ ބްރާންޗް) އިން ޒިންމާވާން ޖެހޭނެ ފައިސާއެއްކަމަށް ސިވިލް ކޯޓުގެ އިޝާރާތްކުރެވުނު ނަންބަރު 2297/Cv-C/2011 ޤަޟިއްޔާއިން ކަނޑައަޅާފައިވަނީ އިސްތިޤްރާރުވެފައިވާ ބޭންކިންގ އުޞޫލުތަކާ އެއްގޮތައްކަން އެނގެން އޮންނަ އޮތުމެވެ.

އިސްވެ ފާހަގަކުރެވުނު ސަބަބުތަކަށް ރިޢާޔަތްކުރާއިރު، ހައިކޯޓުގެ ބުނެވިދިޔަ ނަންބަރު 2014/HC-A/129 ޤަޟިއްޔާގެ ޙުކުމް ބިނާވެގެންވަނީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫން ކަމަށް ބުނެ، މި މައްސަލަ އިލްތިމާސްކުރާ ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލެ ބްރާންޗް) ގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަކީ ޞައްޙަ ޤާނޫނީ އަސާސްތަކެއްގެ މައްޗަށް ބިނާކޮށް ދައްކާފައިވާ ވާހަކަތަކެއް ނޫންކަން އެނގެން އޮންނާތީ، އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޝަރްޢީ އަދި ޤާނޫނީވިޔަސް އަސާސެއް ނެތްކަން އެނގެން އޮވެއެވެ.

ޙުކުމް:

ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގެމަތިން ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 2297/Cv-C/2011 ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި، ހައިކޯޓުގެ ނަންބަރު 2014/HC-A/129 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ކޮށްފައިވާ ޙުކުމެއްކަން އެނގެން އޮންނާތީ، ހައިކޯޓުގެ ނަންބަރު2014/HC-A/129 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ތާއީދުކޮށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.

ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ

ފަނޑިޔާރު ޢަބްދުﷲ ޢަރީފް

ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ