ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2016/SC-A/10ސުޕްރީމް ކޯޓު · 30 މާރިޗު 2016

—

ސުޕްރީމް ކޯޓު
24 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 30 މާރިޗު 2016ބާވަތް: ޖިނާއީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ

ޤަޟިއްޔާ ނަންބަރު: 10 2016/SC-A/

ދަޢުވާކުރާ ފަރާތް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ދަޢުވާ ލިބޭ ފަރާތް: މުޙައްމަދު މާނިޙް

މައްސަލައިގެ ބާވަތް: ބަންދު އަމުރު (މަސްތުވާތަކެތި ބޭނުންކުރުން/ ގެންގުޅުން/ ޓްރެފިކްކުރުން)

މައްސަލަ އައިގޮތް: އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

ހުށަހެޅުނު ތާރީޚް: 22 މާރިޗު 2016

ރަޖިސްޓްރީ ކުރެވުނު ތާރީޚް: 23 މާރިޗު 2016

ނިމުނު ތާރީޚް: 30 މާރިޗު 2016

މައްސަލަ ނިންމި ގަޑި: 16:36

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ

އިލްތިމާސް ކުރެވުނު ޤަޟިއްޔާ

ނަންބަރު: 2016/HC-A/105

ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު

ހުށަހެޅުނު ތާރީޚް: 08 މާރިޗު 2016

ނިމުނު ތާރީޚް: 20 މާރިޗު 2016

މައްސަލައިގެ ޚުލާޞާ

މިއީ މުޙައްމަދު މާނިޙް، އިތުރު ބަޔަކާއެކު މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް، އެ ތަކެތީގެ ޓްރެފިކް ކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި 11 ޑިސެމްބަރ 2015 ދުވަހުގެ ރޭ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ހައްޔަރުކުރުމަށްފަހު، ހައްޔަރުގެ މުއްދަތު އިތުރުކުރުމުގެ އަމުރަކަށް އެދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަދި ހެކި ގެއްލުވާލުމަށް މަސައްކަތް ކޮށްފާނެކަމަށްޓަކައި، ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/MD/2016/156 ކޯޓު އަމުރުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައި އޮތުމަށްފަހު، އެ ކޯޓުގެ ނަންބަރު 45-J/MD/2016/347 (17 ޖަނަވަރީ 2016) ކޯޓު އަމުރުން، 10 ދުވަހުގެ މުއްދަތަށް ގޭގައި ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކުރުމަށްފަހު، ތިން ފަހަރުމަތިން އެ މުއްދަތު ދިހަ ދުވަހަށްފަހު ދިހަ ދުވަހަށް (ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/MD/2016/597 ކޯޓު އަމުރާއި، ނަންބަރު 145-J/MD/2016/872 ކޯޓު އަމުރާއި، ނަންބަރު 145-J/MD/2016/1160 ކޯޓު އަމުރުގެ ދަށުން) އިތުރުކުރުމުގެ އަމުރު ދީގެން، ގޭބަންދުގައި 40 ދުވަހުގެ މުއްދަތަށް އަދި ބަންދުގައި ބެހެއްޓުމުގެ މުއްދަތު އެކުޖުމްލަ 77 ދުވަސް ހޭދަވުމަށްފަހު، 25 ފެބުރުވަރީ 2016 ގައި ޝަރުޠުތަކާއެކު ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/MD/2016/1354 ކޯޓު އަމުރުން އެންގުމުން، އެ އަމުރަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން ކޮށްފައިވާ އަމުރެއް ނޫންކަމަށް ދެކިގެން، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން، އެ ކޯޓުގެ ނަންބަރު 2016/HC-A/105 ޤަޟިއްޔާގައި ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/MD/2016/1354 ކޯޓު އަމުރަށް ތާޢީދުކޮށް ޙުކުމްކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް ބަޔާންކޮށް، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް 22 މާރިޗު 2016 ގައި ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/105 ޤަޟިއްޔާގެ ޙުކުމް ރަނގަޅު ނޫން ސަބަބުތައްކަމަށް، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅާފައިވަނީ އަންނަނިވި ނުކުތާތަކެވެ.

(ހ) ފުރަތަމަ ނުކުތާއަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/MD/2016/1354 ކޯޓު އަމުރަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ އާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 07 ވަނަ މާއްދާގެ (ހ) ގައި ކުށަކަށް ތުހުމަތުކުރެވޭ މީހުން ބަންދުގައި ބެހެއްޓުމާމެދު ކަނޑައަޅާފައިވާ އުޞޫލަށް ރިޢާޔަތްނުކޮށް، ނެރެފައިވާ އަމުރެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

(ށ) ދެވަނަ ނުކުތާއަކީ، މުޙައްމަދު މާނިޙް ފުލުހުންގެ ބަންދުން ދޫކޮށްލައި، މުޖުތަމަޢުއަށް ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ޙާލަތުތަކުންކުރެ ޙާލަތެއް އޮތްކަން ނުވަތަ ނޫންކަން ކަށަވަރުކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/19 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

(ނ) ތިންވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-A/33 ޤަޟިއްޔާގައި ސުޕްރީމް ކޯޓުން އަމުރުކޮށް އުޞޫލެއް ކަނޑައަޅާފައިވަނިކޮށް، ކްރިމިނަލް ކޯޓުން އަމުރު ނެރެފައިވަނީ، އެ އުޞޫލަށް ރިޢާޔަތްނުކޮށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

(ރ) ހަތަރުވަނަ ނުކުތާއަކީ، 17 ޖަނަވަރީ 2016 ވަނަ ދުވަހު މުޙައްމަދު މާނިޙް ގޭބަންދަށް ބަދަލުކުރުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ ކޯޓު އަމުރާ ގުޅިގެން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/52 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 4 ވަނަ ނުކުތާގެ (ނ) ގައި، މުޙައްމަދު މާނިޙްއަކީ މުޖުތަމަޢުއަށް ނުރައްކާތެރި މީހެއްކަމަށާއި، މީނާ ބަންދުގައި ބެހެއްޓޭނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައިކަމަށް އެ ޤަޟިއްޔާގައި ކަނޑައަޅާފައިވާތީ، މި މައްސަލައިގައި މުޙައްމަދު މާނިޙް ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރު ބާޠިލުކުރައްވާނެ ސަބަބެއް ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނިންމުމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފު ނިންމުމެއްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.

(ބ) ފަސްވަނަ ނުކުތާއަކީ، މުޙައްމަދު މާނިޙްގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށުގެ ބާވަތުން މީނާއަކީ މުޖުތަމަޢުއަށް ނުރައްކާތެރި މީހެއްކަމަށް އެނގެން އޮންނައިރު، ކްރިމިނަލް ކޯޓުން ޝަރުޠުކުރުމަށްފަހު ބަންދުން ދޫކޮށްލާފައިވުމަކީ މީނާގެ ފަރާތުން މުޖުތަމަޢުއަށް އޮތް ނުރައްކަލުން މުޖުތަމަޢު ސަލާމަތްކުރުމަށް ފުލުހުން ޙާޞިލުކުރަން ބޭނުންވާ މަޤުޞަދު ޙާޞިލުނުވާނެ ގޮތެއްގެމަތިން ނިންމާފައިވާ ނިންމުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

ފާހަގަކުރެވުނު ނުކުތާތައް

މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/105 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، މައްސަލާގައި ހުށަހެޅިފައިވާ ލިޔުންތަކަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި، ކަމާގުޅުންހުރި ޤާނޫނުތަކަށާއި، ޤަވާޢިދުތަކަށާއި، ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މައްޗަށް ރިޢާޔަތްކުރާއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.

(ހ) ފުރަތަމަ ކަމަކީ، މި މައްސަލައަކީ، މަސްތުވާތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، ޓްރެފިކް ކުރުމުގެ ތުހުމަތުގައި ހައްޔަރު ކުރެވިފައިވާ މުޙައްމަދު މާނިޙް، ކޯޓު އަމުރެއްގެ ދަށުން މީނާ ދިރިއުޅޭ ބަލައި ފާސްކުރުމަށް ފުލުހުން އެ ގެއަށްގޮސް މީނާ ހުރި ކޮޓަރިއަށް ފުލުހުން ވަންއިރު، މީނާގެ ކަނާއަތުގައި އޮތް އެއްޗެއް ވައްޓާލިތަން ފުލުހުންނަށް ފެނިގެން ނަގައި ބެލިއިރު، ކެމަލް ބްރޭންޑްގެ ސިގިރޭޓް ފޮއްޓެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅެއް (ވަގުތީ ބަރުދަނުގައި 22 ގުރާމްހުރި) ފެނިފައިވުމާއި، ހަމަ މި ކޮޓަރީގެ ޓައިލްސް މަތީގައި ބަހައްޓާފައިހުރި ސްޕީކަރެއްގެ މަތިން (ސްޕީކަރުގެ މަތީގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހޭކިފައިހުރި) ފެނިފައިވުމާއި، މި އެޕާޓްމަންޓްގެ ސިޓިންގރޫމުން ވަދެވޭ ގޮތަށްހުރި ބެލްކަނީގައި ބަހައްޓާފައިހުރި ޑަސްބިންއެއްގެ ތެރެއިން ނެގި ގަމީހެއްގެ ޖީބުތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހޭކިފައިހުރި ތަޅާފައިއޮތް ބިއްލޫރި ފުޅިއެއް ފެނިފައިވުމާއި، އެހެން ކޮޓަރިއަކުން މަސްތުވާތަކެތި ކިރަން ގެންގުޅޭ ޒާތުގެ ކައްޓާއެއް ފެނިފައިވުމާއި، ޔޫރިންއަށް ޕޮޒިޓިވް ވެފައިވާތީ، މީނާއަކީ މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، މި މައްސަލައިގެ ބާވަތުންނާއި މި މައްސަލައިގައި ލިބިފައިވާ ހެއްކާއި ޤަރީނާއަށް ބަލާއިރު، މީނާ މި ވަގުތު ދޫކޮށްލައިފިނަމަ މީނާގެ ފަރާތުން މުޖުތަމަޢަށް ނޭދެވޭ އަސަރުކޮށްފާނެކަމަށް ބަޔާންކޮށް، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު MF/141123 "ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް" އިން ބަންދުގެ މުއްދަތު އިތުރުކުރުމުގެ އަމުރަކަށް އެދި ކްރިމިނަލް ކޯޓަށް 25 ފެބުރުއަރީ 2016 ގައި ހުށަހެޅުމުން، އެ ކޯޓުގެ ނަންބަރު 145-J/MD/2016/1354 އަމުރުން މުޙައްމަދު މާނިޙް އިތުރަށް ބަންދުގައި ބަހައްޓަންޖެހޭކަމަށް ނުފެންނަކަމަށާއި، އެގޮތުން ޝަރުޠުތަކާ އެއްކޮށް ބަންދުން ދޫކޮށްލުމަށް އަމުރުކޮށް ނިންމި ނިންމުން ރަނގަޅު ނޫންކަމަށް ދެކިގެން، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އެ އަމުރު ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން، އެ ކޯޓުން ބަލައި ނިންމި މައްސަލަކަމާއި، އެ މައްސަލާގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/105 ޤަޟިއްޔާގައި، ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/MD/2016/1354 ކޯޓު އަމުރަށް ބަދަލު ގެންނަންޖެހޭފަދަ ސަބަބެއް ނެތްކަމަށް އެ މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފައިވާކަން އެނގެންއޮންނަ އޮތުމެވެ.

(ށ) ދެވަނަ ކަމަކީ، މުޙައްމަދު މާނިޙްގެ މައްޗަށް ކުރެވިފައިވާ ކުށްތަކުގެ ތުހުމަތުގެ މި މައްސަލާގައި، ބަންދުގެ މުއްދަތު އިތުރުކުރުމަށް، މޯލްޑިވްސް ޕޮލިސް ސަރވިސް އިން 17 ޖަނަވަރީ 2016 ގައި ހުށަހެޅުމުން، މުޙައްމަދު މާނިޙް، ގޭބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/MD/2016/347 ކޯޓު އަމުރުން އެންގުމުން، އެ އަމުރު ރަނގަޅު ނޫންކަމަށް ދެކިގެން، ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/MD/2016/347 ކޯޓު އަމުރު ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2016/HC-A/52 ޤަޟިއްޔާގައި، މުޙައްމަދު މާނިޙްގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައަކީ، އިތުރު ބަޔަކާއެކު މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތި ގެންގުޅެ، އެ ތަކެތި ޓްރެފިކްކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ކަމަށްވެފައި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު MF/139235 "ބަންދުގެ މުއްދަތު އިތުރު ކުރުމަށް ހުށަހަޅާ ފޯމް" ގައި މުޙައްމަދު މާނިޙް އިތުރަށް ބަންދުގައި ބެހެއްޓުމަށް އެދިފައިވާ ސަބަބަށާއި، މީނާގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކުށަށް ބެލުމުން، މުޙައްމަދު މާނިޙްއަކީ މުޖުތަމަޢުއަށް ނުރައްކާތެރި މީހެއްކަމަށާއި، މީނާގެ ކިބައިން މުޖުތަމަޢަށް ފޯރުވޭނޭ ނުރައްކާ ނެތިކޮށް، މީނާ ބަންދުގައި ބެހެއްޓޭނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައިކަމަށް އެ ޤަޟިއްޔާގައި ފާހަގަކުރެވުނު ނުކުތާތަކުގެ 4 ވަނަ ނުކުތާގެ (ނ) ގައި ބަޔާންކޮށް، ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/MD/2016/347 ކޯޓު އަމުރު ބާޠިލްކުރުމަށް ހައިކޯޓުގެ ނަންބަރު2016/HC-A/52 ޤަޟިއްޔާގައި ޙުކުމްކޮށް މައްސަލަ ނިންމާފައިވާކަން އެނގެން އޮންނަ އޮތުމެވެ.

(ނ) ތިންވަނަ ކަމަކީ، މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ވިޔަފާރިއާއި، އޭގެ ބޭނުންކުރުމުގެ ކުށްތަކަކީ، އެ ކުށްތަކުގެ ޒާތާއި ބާވަތުން މުޖުތަމަޢުގެ ޞުލްޙަ މަސަލަސްކަމާއި، އަމަންއަމާންކަމަށް، އަދި މުޖުތަމަޢަށް ބޮޑެތި ގެއްލުންތައް ލިބެމުންދާ ކުށްތަކެއްކަމާއި، އެގޮތުން ޤާނޫނު ނަންބަރު 2011/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 136 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ޓްރެފިކްކުރުމުގެ ކުށަކީ މުޠުލަޤު މަސްއޫލިއްޔަތު (ސްޓްރިކްޓް ލައިބިލިޓީ) އުފުލަންޖެހޭ ކުށެއްގެ ގޮތުގައި ބަޔާންވެފައިވާ ކުށެއްކަމާއި، މި ކުށަކީ އެންމެ ބޮޑެތި ކުށްތަކުގެ ގިންތީގައި ހިމެނޭ ޖިނާޔަތުގެ ކުށެއްކަމަށްވެފައި، އެފަދަ ކުށްކުށުގެ މައްސަލަތަކުގައި، ޖިނާއީ ތަޙްޤީޤާއި ޝަރީޢަތުގެ މަރުޙަލާގައި ބަންދުގައި ބެހެއްޓުމުގެ އަމުރު ނެރުމުގައި ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/19 ޤަޟިއްޔާގައި ބަޔާންވެފައިވާ އެހެނިހެން އުޞޫލުތަކަށް ރިޢާޔަތްކުރުމުގެ އިތުރަށް، އެ ޤަޟިއްޔާގައި ފާހަގަކޮށްފައިވާ ނުކުތާތަކުގެ 9 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އުޞޫލަށް ރިޢާޔަތްކުރަންވާނެކަމާއި، އަދި މުޙައްމަދު މާނިޙްގެ މައްޗަށް ކުރެވިފައިވާ މަސްތުވާތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، ޓްރެފިކް ކުރުމުގެ ކުށުގެ ތުހުމަތުގެ މި މައްސަލައިގައި، މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، މުޙައްމަދު މާނިޙްގެ މައްޗަށް ކުރެވިފައިވާ ކުށަށް ބެލުމުން، މުޙައްމަދު މާނިޙަކީ މުޖުތަމަޢަށް ނުރައްކާތެރި (ކުށްތަކެއްގެ ތުހުމަތުގައިވާ) މީހެއްކަމަށާއި، މުޙައްމަދު މާނިޙްގެ ބަންދުގެ މައްސަލައިގައި ޢަމަލުކުރަންޖެހޭ ގޮތަކީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ވަކިތަނެއްގައި ބަންދުކުރުންކަމަށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2016/HC-A/52 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 4 ވަނަ ނުކުތާގެ (ނ) ގައި ބަޔާންކުރެވިފައިވާއިރު، އެއާ ޚިލާފުވާގޮތަށް އެހެން ޙުކުމެއް މުޙައްމަދު މާނިޙްގެ ބަންދުގެ މި މައްސަލައިގައި ކުރެވޭފަދަ ގޮތަކަށް ޙާލަތު ބަދަލުވެފައިވާކަމަށް ޤަބޫލުކުރެވޭފަދަ ސަބަބެއް އަދި ޙުއްޖަތެއްވިޔަސް ނެތްއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2016/HC-A/52 ޤަޟިއްޔާގައި މުޙައްމަދު މާނިޙްގެ ބަންދުގެ މައްސަލައިގައި ޢަމަލުކުރަންވާ ގޮތްކަމަށް ބަޔާންކޮށްފައިވާ ގޮތާ ތަޢާރުޟުވާގޮތަށް، ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/MD/2016/1354 ކޯޓު އަމުރުން، މުޙައްމަދު

މާނިޙް ޝަރުޠުތަކާއި އެކު ދޫކޮށްލުމަށް، 25 ފެބްރުއަރީ 2016 ގައި ކޮށްފައިވާ އަމުރަށް ތާއީދުކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2016/HC-A/105 ޤަޟިއްޔާގައި ނިންމި ނިންމުން ބިނާކޮށްފައިވާ އަސާސަކީ ޞައްޙަ އަސާސެއް ކަމަށް ބެލެވެން ނެތްކަމެވެ.

ޙުކުމް:

އިސްވެދިޔަ ސަބަބުތައް އެގޮތަށް ހުރުމުން، މުޙައްމަދު މާނިޙްގެ ބަންދުގެ މި މައްސަލައިގެ ޝަރީޢަތް ނިމެންދެން މައްސަލައިގައި ޢަމަލުކުރަންޖެހެނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/52 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 4 ވަނަ ނުކުތާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަމަށްވާތީ، ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/MD/2016/1354 ކޯޓު އަމުރާއި އެ އަމުރަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/105 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލުކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/52 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 4 ވަނަ ނުކުތާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، މުޙައްމަދު މާނިޙްގެ ބަންދާމެދު އަމުރު ނެރެދިނުމަށްޓަކައި ކްރިމިނަލް ކޯޓަށް މި މައްސަލަ ތަޙްވީލުކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، މި މައްސަލަ ނިންމީއެވެ.

އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު

ފަނޑިޔާރު ޢަބްދުﷲ ޢަރީފް

ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު

ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ

ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ