ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2016/SC-A/17ސުޕްރީމް ކޯޓު · 29 އޮގަސްޓް 2017

—

ސުޕްރީމް ކޯޓު
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 29 އޮގަސްޓް 2017ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ

ޤަޟިއްޔާ ނަންބަރު: 172016/SC-A/

ދަޢުވާކުރާ ފަރާތް: އިބްރާހީމް ޢަލީމަނިކު، މ. ނޫރީ، މާލެ

ދަޢުވާ ލިބޭ ފަރާތް: ސަން ސްޕޯޓިންގ ހޮލިޑޭސް ލިމިޓެޑް

މައްސަލައިގެ ބާވަތް: އެއްބަސްވުމާގުޅޭ

މައްސަލަ އައިގޮތް: އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

ހުށަހެޅުނު ތާރީޚް: 24 ފެބުރުވަރީ 2016

ރަޖިސްޓްރީކުރެވުނު ތާރީޚް: 18 ނޮވެންބަރު 2015

ނިމުނު ތާރީޚް: 29 އޮގަސްޓް 2017

މައްސަލަ ނިންމި ގަޑި: 11:30

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ

އިސްތިއުނާފުކުރެވުނު ޤަޟިއްޔާ

ނަންބަރު: 2014/HC-A/201

ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު

ހުށަހެޅުނު ތާރީޚް: 22 ޖުލައި 2014

ނިމުނު ތާރީޚް: 30 ނޮވެންބަރު 2015

މައްސަލައިގެ ޚުލާޞާ

މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/201 ޤަޟިއްޔާގެ ޙުކުމް ބިނާވެފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށް ބުނެ، އިބްރާހީމް ޢަލީމަނިކުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި ދަޢުވާ ރައްދުވާ ފަރާތަކީ، ސަން ސްޕޯޓިންގ ހޮލިޑޭސް ލިމިޓެޑެވެ.

އަދި ބުނެވިދިޔަ ހައިކޯޓުގެ ނަންބަރު 2014/HC-A/201 ޤަޟިއްޔާއަކީ، ސިވިލް ކޯޓުގެ ނަންބަރު 1451/Cv-C/2013 ޤަޟިއްޔާ އެ ކޯޓުން ބަލައި ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، އެ ޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދި، އިބްރާހީމް ޢަލީމަނިކުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލައި ނިންމާފައިވާ ޤަޟިއްޔާއެކެވެ. އަދި އެ ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ، ސަން ސްޕޯޓިންގ ހޮލިޑޭސް ލިމިޓެޑެވެ.

ފާހަގަކުރެވުނު ނުކުތާތައް

ސިވިލް ކޯޓުގެ ނަންބަރު 1451/Cv-C/2013 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ، މއ. ނޫރީ، އިބްރާހީމް ޢަލީމަނިކަށް ސަރުކާރުން ކުއްޔަށް ދީފައިވާ ޅ. މަދިރިގުރައިދޫއެވެ ކިޔާ ރަށުގައި ހިންގަމުންދާ ޕާމް ބީޗް ރިޒޯޓް އެންޑް ސްޕާ މޯލްޑިވްސް ސަބްލީޒް ކުރުމަށްޓަކައި އިބްރާހީމް ޢަލީމަނިކު އާއި ސަން ސްޕޯޓިންގ ހޮލިޑޭސް ލިމިޓެޑާ ދެމެދު14 އޮކްޓޫބަރު 1999 ގައި ވެފައިވާ ސަބްލީޒް އެއްބަސްވުމާ ޚިލާފަށް އެ އެއްބަސްވުން ބާޠިލުކުރުމަށްޓަކައި އިބްރާހީމް ޢަލީމަނިކުގެ ފަރާތުން 17 ޖުލައި 2013 ވަނަ ދުވަހު ދީފައިވާ ނޯޓިސްއަކީ ބާޠިލު ނޯޓިސްއެއްކަމަށް ކަނޑައަޅައިދިނުމަށާއި، ސަބްލީޒް އެއްބަސްވުމަށް އިޙްތިރާމްކޮށް އެ އެއްބަސްވުމުގެ މައްޗަށް ފުރިހަމައަށް ޢަމަލުކުރުމަށް އިބްރާހީމް ޢަލީމަނިކަށް އަންގައި އަމުރުކޮށްދިނުން އެދި އިބްރާހީމް ޢަލީމަނިކުގެ މައްޗަށާއި، އަދި ސަން ސްޕޯޓިންގ ހޮލިޑޭސް ލިމިޓެޑުގެ ފަރާތުން ހިންގަމުންދާ ޕާމް ބީޗް ރިޒޯޓް އޮޕަރޭޓްކުރުމުގެ ހުއްދަ ދޫކުރެވެން ނެތްކަމަށް 18 ޖުލައި 2013 ގައި މިނިސްޓްރީ އޮފް ޓޫރިޒަމް އާރޓްސް އެންޑް ކަލްޗަރގެ ފަރާތުން އަންގާފައިވަނީ އެކަށީގެންވާ އެއްވެސް ސަބަބެއްނެތި ކަމަށްވާތީ، އެކަން އަންގައި ފޮނުވާފައިވާ އެ މިނިސްޓްރީގެ ނަންބަރު88-LS/PRIV/2013/1064 ސިޓީ އަކީ ބާޠިލް ސިޓީއެއްކަމަށް ކަނޑައަޅައި ދިނުމަށް އެދި މިނިސްޓްރީ އޮފް ޓޫރިޒަމް އާރޓްސް އެންޑް ކަލްޗަރގެ މައްޗަށާއި އެ ދެފަރާތުގެ މައްޗަށް ސަން ސްޕޯޓިންގ ހޮލިޑޭސް ލިމިޓެޑުގެ ފަރާތުން ދަޢުވާކުރުމުން ބެލުނު ޤަޟިއްޔާއެއްކަން އެނގެން އޮންނައިރު، އިބްރާހީމް ޢަލީމަނިކު އާއި ސަން ސްޕޯޓިންގ ހޮލިޑޭސް ލިމިޓެޑާ ދެމެދު 14 އޮކްޓޫބަރު 1999 ގައި ވެފައިވާ ސަބްލީޒް އެއްބަސްވުމާ ސަން ސްޕޯޓިންގ ހޮލިޑޭސް ލިމިޓެޑުގެ ފަރާތުން ޚިލާފުވެފައިވާކަމުގައި ބުނެ، އިބްރާހީމް ޢަލީމަނިކުގެ ފަރާތުން 17 ޖުލައި 2013 ވަނަ ދުވަހު ފޮނުވާފައިވާ ނޯޓިސްއަކީ އެއްބަސްވުމާ ޚިލާފަށް ފޮނުވާފައިވާ ނޯޓިސްއެއްކަމުގައި ކަނޑައަޅައި، އިބްރާހީމް ޢަލީމަނިކު އާއި ސަން ސްޕޯޓިންގ ހޮލިޑޭސް ލިމިޓެޑާ ދެމެދު 14 އޮކްޓޫބަރު 1999 ގައި ވެފައިވާ ސަބްލީޒް އެއްބަސްވުމަށް އިޙްތިރާމުކޮށް، އެ އެއްބަސްވުމުގެ މައްޗަށް ފުރިހަމައަށް ޢަމަލުކުރުމަށް އިބްރާހީމް ޢަލީމަނިކަށް އަންގައި ސިވިލް ކޯޓުގެ ބުނެވިދިޔަ ނަންބަރު 1451/Cv-C/2013 ޤަޟިއްޔާގައި ޙުކުމް ކޮށްފައިވާކަން އެނގެން އޮވެއެވެ.

ސިވިލް ކޯޓުގެ ބުނެވިދިޔަ ނަންބަރު 1451/Cv-C/2013 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދި އިބްރާހީމް ޢަލީމަނިކުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލައި ނިންމާފައިވާ އެ ކޯޓުގެ ނަންބަރު 2014/HC-A/201 ޤަޟިއްޔާއިން ސިވިލް ކޯޓުގެ ނަންބަރު 1451/Cv-C/2013 ޤަޟިއްޔާގައި އެ ކޯޓުން ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ޙުކުމްކޮށްފައިވާކަން ހައިކޯޓުގެ ބުނެވިދިޔަ ނަންބަރު 2014/HC-A/201 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.

މި މައްސަލައިގެ އަޞްލަކީ އިބްރާހީމް ޢަލީމަނިކަށް ސަރުކާރުން ކުއްޔަށް ދީފައިވާ ޅ. މަދިރިގުރައިދޫއެވެ ކިޔާ ރަށުގައި ހިންގަމުންދާ ޕާމް ބީޗް ރިޒޯޓް އެންޑް ސްޕާ މޯލްޑިވްސް ސަބްލީޒް ކުރުމަށްޓަކައި އިބްރާހީމް ޢަލީމަނިކު އާއި ސަން ސްޕޯޓިންގ ހޮލިޑޭސް ލިމިޓެޑާ ދެމެދު ކުރެވުނު ސަބްލީޒް އެއްބަސްވުން އިބްރާހީމް ޢަލީމަނިކުގެ ފަރާތުން ބާޠިލުކުރުމުގެ ޞައްޙަކަމާ ގުޅިގެން އިބްރާހީމް ޢަލީމަނިކު އާއި ސަން ސްޕޯޓިންގ ހޮލިޑޭސް ލިމިޓެޑާ ދެމެދު އުފެދިފައިވާ ޚުޞޫމަތް ކަމުގައި ވީނަމަވެސް، މި މައްސަލައިގައި ޙަވާލާދެވޭ ހެޑްލީޒު އެއްބަސްވުމުގައި ކުއްޔަށްދޭ ފަރާތަކީ މިނިސްޓްރީ އޮފް ޓޫރިޒަމް (ދިވެހި ސަރުކާރު) ކަން އެނގެން އޮންނާތީ، މި މައްސަލައާ ގުޅިގެން ސާފުކުރަންޖެހޭ ބައެއް ކަންތައް ސާފުކުރުމަށްޓަކައި ދިވެހި ދައުލަތުގެ އެޓާރނީ ޖެނެރަލް ތަމްޘީލުކުރާނެ ފަރާތެއް މި މައްސަލައިގެ ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުކުރެވި، އެފަރާތާ ކުރެވުނު ސުވާލުތަކަށް ޖަވާބުދާރީވެފައިވެއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/201 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ، އިބްރާހީމް ޢަލީމަނިކުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގައި ކޮށްފައިވާ އިލްތިމާސް ބިނާކުރާ ނުކުތާތަކުގެ ގޮތުގައި މައިގަނޑު 04 ނުކުތާއެއް އިބްރާހީމް ޢަލީމަނިކުގެ ފަރާތުން ހުށަހަޅައި އެކަންކަމާ ބެހޭގޮތުން ވާހަކަދައްކައިފައި ވެއެވެ. މިގޮތުން ހުށަހަޅައިފައިވާ؛

(ހ) ފުރަތަމަ ނުކުތާއަކީ، މި މައްސަލައިގައި ދެފަރާތުން ވެފައިވާ އެއްބަސްވުމާ ޚިލާފަށް އެތައް ކަމެއް އިސްތިއުނާފު ރައްދުވާ ފަރާތުން ކޮށްފައިވާކަމަށް ލިޔުންތަކުން ސާބިތުވާއިރުވެސް، އަދި އެކަމަށް އެފަރާތުން އިޢުތިރާޟް ނުކުރާއިރުވެސް، އިސްތިއުނާފުކުރާ ފަރާތަށް އެއްބަސްވުން ބާޠިލުކުރުމުގެ ޙައްޤު ލިބިގެންނުވާކަމަށް ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާކަމާއި؛

(ށ) ދެވަނަ ނުކުތާއަކީ، ދެފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުމުގެ(sublease agreement) ގެ 21 ވަނަ މާއްދާގެ (ށ) މާނަކޮށްފައިވަނީ، ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާކަމާއި؛

(ނ) ތިންވަނަ ނުކުތާއަކީ، އެއްބަސްވުމުގެ 21 ވަނަ މާއްދާގެ (ށ) ގައިވާ “Government of Maldives” މި ޢިބާރާތް، ދައުލަތުގެ ކޮންމެ މުއައްސަސާއަކަށްވާ ގޮތަށް މާނަކުރެވިއްޖެނަމަ، އެކަމަކީ އެއްބަސްވުމުގެ ބައިވެރިއަކު ކަމުގައި ނުވާފަރާތަކަށް އެއްބަސްވުމުގެ ދަށުން އެއްބަސްވުން ބާޠިލުކުރެވިދާނޭފަދަ ކަމަކަށް ފުރުޞަތުދެވުން ކަމުގައިވާތީ ކަމަށް ސިވިލް ކޯޓުގެ މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައި ފާހަގަކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް ބުނެ ހުށަހެޅި ނުކުތާކަމާއި؛

(ރ) ހަތަރުވަނަ ނުކުތާއަކީ، ސިވިލް ކޯޓުގެ ޤަޟިއްޔާގެ މައްސަލައިގައި މިނިސްޓްރީ އޮފް ޓޫރިޒަމްގެ ނަންބަރު 88-LS/PRIV/2013/1436 ސިޓީ، އެ މައްސަލަ ނިންމުމުގައި މާނަކޮށް ބޭނުން ކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް ބުނެ ހުށަހެޅި ނުކުތާކަން އެނގެން އޮވެއެވެ.

މި މައްސަލައިގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި، ކަމާބެހޭ ޤާނޫނުތަކަށާއި، ދަޢުވާކުރާ ފަރާތުންނާއި، ދަޢުވާރައްދުވާ ފަރާތުން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކައިފައިވާ ވާހަކަތަކަށާއި، ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި ލިޔުންތަކަށާއި، ސިވިލް ކޯޓުގެ ނަންބަރު 1451/Cv-C/2013 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، ހައިކޯޓުގެ ނަންބަރު 2014/HC-A/201 ޤަޟިއްޔާގެ ޝަރީޢަތް ނިމުގެ ގޮތުގެ ރިޕޯޓަށާއި، މިބާވަތުގެ މައްސަލަތަކުގައި ތަޠްބީޤުކުރެވޭ ޤާނޫނީ ޢާންމު މަބްދައުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.

(ހ) ފުރަތަމަ ކަމަކީ، މަދަނީ އަދި ތިޖާރީ އިލްތިޒާމްތަކުގެ އެންމެ މުހިއްމު އެއް މަޞްދަރަކީ "އަޤްދު" ނުވަތަ ކޮންޓްރެކްޓް ކަމާއި، ކޮންޓްރެކްޓަކީ ދެ ޝަޚުޞުންގެ ނުވަތަ އެއަށްވުރެ ގިނަ ޝަޙުޞުންގެ (އެއީ ޠަބީޢީ ޝަޚްޞުން ކަމުގައިވިއަސް ނުވަތަ މަޢުނަވީ ޝަޚްޞުން ކަމުގައިވިއަސް) މެދުގައި، ކަމެއްކުރުމުގެ ނުވަތަ ކަމެއްކުރުމުން މަނާވެގަތުމުގެ ޤާނޫނީ އިލްތިޒާމު އުފުލުމަށް ވެވޭ އެއްބަސްވުމެއްކަމާއި، "އަމުރުކުރަނިވި ނުވަތަ ލާޒިމްކުރަނިވި ޤާނޫނީ ޤާޢިދާ"(القاعدة الآمرة/peremptory rule) އަކާ، ނުވަތަ މުޖްތަމަޢުގެ "އައްނިޒާމުލް ޢާންމު" ނުވަތަ "އަލްއާދާބުލް ޢާންމާ" (االنظام العام والآداب العامة/Public Order and Public Decency) އާ ގުޅިފައިވާ ޤާނޫނީ ޤާޢިދާއަކާ ޚިލާފު ނުވާގޮތަށް، ކޮންޓްރެކްޓުގެ ރުކުންތައް ފުރިހަމަވެގެން ކުރެވޭ ކޮންމެ ކޮންޓްރެކްޓެއް ނުވަތަ އެއްބަސްވުމެއް، ރަނގަޅު ނިޔަތުގައި (good faith/bona fide) ތަންފީޒު ކުރުމަކީ، އިސްލާމީ ޝަރީޢަތުގެ އަސާސީ ޤާޢިދާއެއްކަމަށްވާ "ޢަހުދަށް ވަފާތެރިވުމުގެ ޤާޢިދާ" (قاعدة الوفاء بالعهد) ގެ އިތުރުން، ވަޟްޢީ ނިޒާމްތަކުގައިވެސް އިސްތިޤްރާރުވެފައިވާ ޤާނޫނީ ޢާންމު މަބްދައެއްކަމަށްވާ "އަލް ޢަޤްދު ޝަރީޢަތުލް މުތަޢާޤިދައިނި" (العقد شريعة المتعاقدين) ނުވަތަ "ޕެކްޓާ ސަންޓް ސަރވެންޑާ" (Pacta sunt servanda) ގެ މަބްދައުގެ ދަށުން، އެ ކޮންޓްރެކްޓެއްގެ ބައިވެރިންގެ މައްޗަށް ޤާނޫނީގޮތުން ލާޒިމްވެގެންވާ ކަމެއްކަމާއި، ޤާނޫނުގައި ވަކި ޚާއްޞަ ގޮތަކަށް އެކުލަވާލުން ލާޒިމްނުކުރާ ނުވަތަ ވަކި ޚާއްޞަ ރަސްމީ ސިފައެއްގައި އޮތުން ލާޒިމްނުކުރާ ކޮންމެ ކޮންޓްރެކްޓަކީ، އެ ކޮންޓްރެކްޓެއްގައި ހިމެނޭ އެއް ފަރާތުން އަނެއް ފަރާތަށް ހުށަހަޅާ ހުށަހެޅުމެއް، އެ ހުށަހެޅުން ރައްދުވާ ފަރާތުން ޤަބޫލުކުރުމުން ވުޖޫދަށް އަންނަ 'ރިޟާއީ' (consensual) ކޮންޓްރެކްޓެއްކަން ތަފާތު ޖުރިސްޑިކްޝަންތަކުގައި އިސްތިޤްރާރުވެފައިވާ ކޮންޓްރެކްޓާބެހޭ ޢާންމު އުޞޫލުތަކަށް ބެލުމުން އެނގެން އޮންނައިރު، މި އުޞޫލުތައް އިޖްމާލީގޮތެއްގައި ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގައި ބަޔާންކޮށްފައިވާކަން އެ ޤާނޫނުގެ މާއްދާތަކަށް ބެލުމުން އެނގެން އޮންނަކަމެވެ.

(ށ) ދެވަނަ ކަމަކީ، ދިވެހިރާއްޖޭގައި ޓޫރިޒަމް ތަރައްޤީކުރާނެ ސަރަޙައްދުތަކާއި ރަށްރަށް ކަނޑައެޅުމާއި، ޓޫރިސްޓް ރިޒޯޓު ހެދުމަށް ރަށްރަށް ދޫކުރުން ތަންޒީމުކުރާ ޚާއްޞަ ޤާނޫނަކީ ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ކަން އެ ޤާނޫނުގެ 1 ވަނަ މާއްދާގެ (ހ) އިން އެނގެން އޮންނަކަމާ، އަދި ދިވެހިރާއްޖޭގައި ޓޫރިސްޓް ރިޒޯޓާއި ޓޫރިސްޓް ހޮޓާ ހެދުމަށް ރަށްރަށާއި ބިން ދޫކުރަންވާނީ އަދި ޔޮޓް ބަނދަރު ހެދުމަށް ތަންތަން ދޫކުރަންވާނީ، އަދި ޓޫރިސްޓް ރިޒޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް ފަދަ ތަންތަނާއި ޔޮޓް ބަނދަރު ހިންގަންވާނީ، އަދި ޓޫރިސްޓް އުޅަނދުތައް ދުއްވަންވާނީ، ބުނެވިދިޔަ ޤާނޫނާ އެ ޤާނޫނުގެ ދަށުން ހަދާ ޤަވާޢިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމަށް އެ ޤާނޫނުގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމާ، އަދި އެ ޤާނޫނުގެ 6 ވަނަ މާއްދާގައި އެ ޤާނޫނުގެ ދަށުން ކުއްޔަށް ދޫކުރާ ރަށެއްގައި ނުވަތަ ބިމެއްގައި ޓޫރިސްޓް ރިޒޯޓެއް ހަދާންވާނީ، ސަރުކާރާއި ރަށް ނުވަތަ ބިން ކުއްޔަށްހިފާ ފަރާތާ ދެމެދު ކުރެވޭ އެއްބަސްވުމެއްގެ ދަށުން ކަމަށް ބަޔާންކޮށް އެ އެއްބަސްވުމުގައި ބަޔާންކުރުން ލާޒިމްވެގެންވާ ކަންތައްތައް އެ މާއްދާގެ އަކުރުތަކުގައި ސާފުކޮށް ބުނެފައިވާއިރު، އެފަދަ އެއްބަސްވުމެއްގައި ބަޔާންކުރުން ލާޒިމްވެގެންވާ ކަންތަކުގެ ތެރޭގައި ތިންވަނަ ފަރާތަކަށް ރިޒޯޓް ކުއްޔަށް ދޫކުރަން ބޭނުންވެއްޖެނަމަ، ނުވަތަ ރިޒޯޓް ހިންގުން އެހެން ފަރާތަކާ ޙަވާލުކުރަން ބޭނުންވެއްޖެނަމަ ޢަމަލުކުރާނެގޮތް ހިމެނިގެންވާކަން އެނގެން އޮންނަ އޮތުމެވެ.

(ނ) ތިންވަނަ ކަމަކީ، 28 އޮގަސްޓު 1997 ގައި މިނިސްޓްރީ އޮފް ޓޫރިޒަމް އާއި މއ. ނޫރީ އިބްރާހީމް ޢަލީމަނިކާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ދިވެހި ސަރުކާރުން ޅ. މަދިރިގުރައިދޫއެވެ ކިޔާ ރަށް، އެ ރަށުގައި ޓޫރިސްޓް ރިޒޯޓެއް ބިނާކޮށް، ތަރައްޤީކޮށް، ހިންގުމަށް އިބްރާހީމް ޢަލީމަނިކަށް 21 އަހަރުގެ މުއްދަތަށް ކުއްޔަށް ދީފައިވާކަން އެނގެން އޮންނައިރު، އެ ރަށް ދިވެހި ސަރުކާރުގެ ހުއްދައާއެކު، އަދި ބުނެވިދިޔަ އެއްބަސްވުމުގެ 40 ވަނަ މާއްދާގައި ބުނެފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ސަބްލީޒް ކުރެވިދާނެކަމަށް ބަޔާންކޮށްފައިވާކަން އެ މާއްދާއަށް ބެލުމުން އެނގެން އޮންނަކަމާއި، އަދި ބުނެވިދިޔަ ރަށުގައި ބިނާކުރާ ރިޒޯޓް ޑިޒައިންކޮށް ތަރައްޤީކޮށް ހިންގަންވާނީ "ޕްރޮޖެކްޓް ޕްރޮޕޯޒަލް" އާއި މިނިސްޓްރީ އޮފް ޓޫރިޒަމް އާއި، އަދި ކަމާބެހޭ ސަރުކާރުގެ އެހެން އިދާރާތަކުން ކަނޑައަޅައިފައިވާ ޤަވާޢިދުތަކާ އެއްގޮތްވާ ގޮތުގެމަތިންކަން ޙަވާލާދެވުނު އެއްބަސްވުމުގެ 7 ވަނަ މާއްދާއިން އެނގެން އޮންނައިރު، ކުއްޔަށްދޭ ފަރާތުން ބުނެވިދިޔަ އެއްބަސްވުން ނިމުމަކަށް ގެނެވިދާނެ އުޞޫލުތައް އެއްބަސްވުމުގެ 45 ވަނަ މާއްދާ އާއި 46 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމާއި، އަދި ކުއްޔަށްހިފާ ފަރާތުން އެއްބަސްވުން ނިމުމަކަށް ގެނެވިދާނެ އުޞޫލުތައް އެއްބަސްވުމުގެ 47 ވަނަ މާއްދާ އާއި، 48 ވަނަ މާއްދާގައި ކަނޑައަޅާފައިވާކަމާ، މީގެ އިތުރުން މާލީ ނޫން ޠަބީޢަތު (non-financial nature) ގެ ކަމަކާ ގުޅިގެން ކުއްޔަށްހިފި ފަރާތުން އެއްބަސްވުމާ ޚިލާފުވެއްޖެނަމަ ޢަމަލުކުރާނެ އުޞޫލުތައް އެއްބަސްވުމުގެ 50 ވަނަ މާއްދާ އާއި 51 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަން އެނގެން އޮންނަ އޮތުމެވެ.

(ރ) ހަތަރުވަނަ ކަމަކީ، އިބްރާހީމް ޢަލީމަނިކަށް ސަރުކާރުން ކުއްޔަށް ދީފައިވާ އިޝާރާތްކުރެވުނު ޅ.މަދިރިގުރައިދޫއެވެ ކިޔާ ރަށުގައި ހިންގަމުންދާ ޕާމް ބީޗު ރިޒޯޓް އެންޑް ސްޕާ މޯލްޑިވްސް ސަބްލީޒް ކުރުމަށްޓަކައި އިބްރާހީމް ޢަލީމަނިކާއި ސަން ސްޕޯޓިންގ ހޮލިޑޭސް ލިމިޓެޑާ ދެމެދު 14 އޮކްޓޫބަރު 1999 ގައި 20 އަހަރުގެ މުއްދަތަށް ސަބްލީޒް އެއްބަސްވުމެއް ވެވުނު ކަމާއި، މި އެއްބަސްވުމުގެ ދަށުން ކުއްޔަށްހިފާ ފަރާތް ކަމުގައިވާ ސަން ސްޕޯޓިންގ ހޮލިޑޭސް ލިމިޓެޑުގެ މައްޗަށް އަދާކުރުން ލާޒިމްވެގެންވާ ކަންތައްތަކުގެ ތެރޭގައި؛ މި އެއްބަސްވުމުގެ މުއްދަތުގެ ތެރޭގައި ހެޑްލީސް އެއްބަސްވުމުގައި ކަނޑައަޅައިފައިވާ، ތަޠްބީޤުކުރެވޭ އެންމެހައި ޢަޙްދުތަކަށާއި، ޝަރްޠުތަކަށާއި ނައްޞުތަކަށާއި، އަދި މި އެއްބަސްވުމުގައި ކަނޑައެޅިފައިވާ ކަންތަކަށް އިޙްތިރާމްކޮށް އެއާ އެއްގޮތްވާ ގޮތުގެމަތިން ފުރިހަމައަށް ޢަމަލުކުރުމާއި، ހެޑްލީސް އެއްބަސްވުމުގެ ދަށުން އިބްރާހީމް ޢަލީމަނިކު އަދާކުރަންޖެހޭ އެންމެހައި ޒިންމާތަކާއި އިލްތިޒާމްތަކުގެ އިތުރުން ހެޑްލީސް އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ކުލީގެ ފައިސާ އާއި، ޖޫރިމަނާ އާއި، ޓެކްސްތަކާއި، ލައިސަންސް ފީތަކާއި ރަޖިސްޓްރޭޝަން ފީ އާއި އަދި މި އެއްބަސްވުމުގެ ދަށުން ރިޒޯޓް އޮޕަރޭޓްކޮށް ހިންގުމާ ގުޅޭގޮތުން ދައްކަންޖެހޭ އިތުރު އެއްވެސް ފީއެއްވާނަމަ، އެ ފީއެއް ދެއްކުމާއި، މި އެއްބަސްވުން ވުޖޫދަށް އަންނައިރު ޢަމަލުކުރަމުން އައި، ނުވަތަ އޭގެ ފަހުން ޢަމަލުކުރަން ފަށާ އެންމެހައި ޤާނޫނުތަކާއި ޤަވާޢިދުތަކާ އަދި އުޞޫލުތަކާއި ސަރުކާރުގެ އިދާރާތަކުގެ އެންގުންތަކަށް މި އެއްބަސްވުމުގެ މުއްދަތުގެ ތެރޭގައި، އިޙްތިރާމްކޮށް އެއާ އެއްގޮތްވާ ގޮތުގެމަތިން ޢަމަލުކުރުމާއި، އަދި އިބްރާހީމް ޢަލީމަނިކަށް ހެޑްލީސް އެއްބަސްވުމުގެ ދަށުން ލިބިފައިވާ އެއްވެސް ޙައްޤަކަށް އުނިކަން އަންނާނެފަދަ ޢަމަލެއް ނުކުރެވޭކަން ކަށަވަރުކުރުމާއި، މިކަންކަން ޝާމިލުވެގެންވާކަން ސަބްލީޒް އެއްބަސްވުމުގެ 13 ވަނަ މާއްދާގެ (ސީ) އާއި (ޑީ) އާއި (އީ) މި އަކުރުތަކުން އެނގެން އޮންނަކަމާ، އަދި ބުނެވިދިޔަ ސަބްލީޒް އެއްބަސްވުމުގެ ދަށުން ކުއްޔަށްދިން ފަރާތްކަމުގައިވާ އިބްރާހީމް ޢަލީމަނިކަށް އެއްބަސްވުން ނިމުމަކަށް ގެނެވިދާނެ އުޞޫލުތައް އެއްބަސްވުމުގެ 21 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، ކުއްޔަށްހިފި ފަރާތްކަމަށްވާ ސަން ސްޕޯޓިންގ ހޮލިޑޭސް ލިމިޓެޑަށް އެއްބަސްވުން ނިމުމަކަށް ގެނެވިދާނެ އުޞޫލުތައް އެއްބަސްވުމުގެ 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަން އެނގެން އޮންނަ އޮތުމެވެ.

(ބ) ފަސްވަނަ ކަމަކީ، އިބްރާހީމް ޢަލީމަނިކާއި ސަން ސްޕޯޓިންގ ހޮލިޑޭސް ލިމިޓެޑާ ދެމެދު 14 އޮކްޓޫބަރު 1999 ގައި ވެފައިވާ ސަބްލީޒް އެއްބަސްވުމާ ސަން ސްޕޯޓިންގ ހޮލިޑޭސް ލިމިޓެޑުގެ ފަރާތުން ޚިލާފުވެފައިވާތީކަމަށް ބުނެ، އިބްރާހީމް ޢަލީމަނިކުގެ ފަރާތުން އެ ސަބްލީޒް އެއްބަސްވުން ނިމުމަކަށް ގެނެސް 17 ޖުލައި 2013 ގައި ސަން ސްޕޯޓިންގ ހޮލިޑޭސް ލިމިޓެޑަށް ނޯޓިސް ފޮނުވާފައިވާ ކަމާއި، އެ ނޯޓިސްއަކީ ބުނެވިދިޔަ ސަބްލީޒް އެއްބަސްވުމުގައި ހިމަނާފައިވާ ޙަވާލާދެވުނު ހެޑްލީޒް އެއްބަސްވުމުގެ އެތައް ޝަރްޠުތަކަކާ ސަން ސްޕޯޓިންގ ހޮލިޑޭސް ލިމިޓެޑުގެ ފަރާތުން ޚިލާފުވެފައިވާކަމަށް ބުނެ، އޭގެ ތަފްޞީލް ބަޔާންކޮށް، ސަބްލީޒް އެއްބަސްވުމުގެ 21 ވަނަ މާއްދާގެ (އޭ) އާއި، (ބީ) އިން އިބްރާހީމް ޢަލީމަނިކަށް ލިބިގެންވާ ބާރުގެ ދަށުން، އެ އެއްބަސްވުމުގެ 31 ވަނަ މާއްދައަށް ރިޢާޔަތްކޮށް، އެއްބަސްވުމުގެ 29 ވަނަ މާއްދާގައިވާ ގޮތުގެމަތިން ފޮނުވާފައިވާ ނޯޓިސްއެއްކަން އިބްރާހީމް ޢަލީމަނިކުގެ ފަރާތުން 17 ޖުލައި 2013 ގައި، ސަން ސްޕޯޓިންގ ހޮލިޑޭސް ލިމިޓެޑުގެ މެނޭޖަރަށް އެޑްރެސްކޮށް، މޯލްޑިވްސް ޕޮލިސް ސަރވިސް އާއި މިނިސްޓްރީ އޮފް ޓޫރިޒަމަށް ކޮޕީކޮށް ފޮނުވާފައިވާ "ނޯޓިސް އޮފް ޓަރމިނޭޝަން އޮފް އެގްރީމެންޓް" އަށް ބެލުމުން އެނގެން އޮންނައިރު، ބުނެވިދިޔަ ނޯޓިސްގެ މައްޗަށް ބިނާކޮށް، ޕާމް ބީޗް ރިޒޯޓް އޮޕަރޭޓްކުރުމަށް ސަން ސްޕޯޓިންގ ހޮލިޑޭސް ލިމިޓެޑަށް 19 އެޕްރީލް 2013 ގައި ދޫކުރެވިފައިވާ ވަގުތީ ހުއްދައިގެ މުއްދަތު 18 ޖުލައި 2013 ގައި ނިމިފައިވާކަމަށާއި، އަދި އެ މުއްދަތު އިތުރުކޮށްދެވެން ނެތްކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އާރޓްސް އެންޑް ކަލްޗަރގެ ފަރާތުން ސަން ސްޕޯޓިންގ ހޮލިޑޭސް ލިމިޓެޑަށް، އެ މިނިސްޓްރީގެ ނަންބަރު88-LS/PRIV/2013/1064 ސިޓީއިން 18 ޖުލައި 2013 ގައި އަންގާފައިވާކަމާއި، އަދި ބުނެވިދިޔަ ލައިސަންސްގެ މުއްދަތު އިތުރުކޮށްދެވެން ނެތް ސަބަބަކީ 17 ޖުލައި 2013 އިން ފެށިގެން ސަބްލީޒް އެއްބަސްވުން ނިމުމަކަށް ގެނެސް އިބްރާހީމް ޢަލީމަނިކުގެ ފަރާތުން އެކަން އަންގާފައިވާތީ ކަމަށް ބުނެވިދިޔަ ސިޓީގައި ބަޔާންކޮށްފައިވާކަން އެނގެން އޮންނަ އޮތުމެވެ.

(ޅ) ހަވަނަ ކަމަކީ، އިބްރާހީމް ޢަލީމަނިކާ ސަން ސްޕޯޓިންގ ހޮލިޑޭސް ލިމިޓެޑާ ދެމެދު 14 އޮކްޓޫބަރު 1999 ގައި ވެފައިވާ ސަބްލީޒް އެއްބަސްވުން، އިބްރާހީމް ޢަލީމަނިކުގެ ފަރާތުން ބަޔާންވެދިޔަ ގޮތުގެމަތިން، ނިމުމަކަށް ގެނެސްފައިވާތީ އާއި އޭގެ މައްޗަށް ޕާމް ބީޗް ރިޒޯޓް އޮޕަރޭޓްކުރުމަށް ސަން ސްޕޯޓިންގ ހޮލިޑޭސް ލިމިޓެޑަށް ދޫކުރެވިފައިވާ ވަގުތީ ހުއްދަ މިނިސްޓްރީ އޮފް ޓޫރިޒަމުގެ ފަރާތުން ހިފަހައްޓާފައިވާތީ، ސަން ސްފޯޓިންގ ހޮލިޑޭސް ލިމިޓެޑުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި އެ ކޯޓުގެ ޙަވާލާދެވުނު ނަންބަރު 1451/Cv-C/2013 ޤަޟިއްޔާއިން ހިންގުނު މައްސަލައިގައި، ސަން ސްޕޯޓިންގ ހޮލިޑޭސް ލިމިޓެޑުގެ ފަރާތުން ވަގުތީ އަމުރެއް ނެރެދިނުމަށް އެދުމުން، ސިވިލް ކޯޓުން އެ ވަގުތީ އަމުރާބެހޭ މައްސަލަ ބަލައި 21 ޖުލައި 2013 ގައި ނެރެފައިވާ އެ ކޯޓުގެ ނަންބަރުB-CR-7/VA/2013/001 ވަގުތީ އަމުރުގައި، 17 ޖުލައި 2013 ގައި އިބްރާހީމް ޢަލީމަނިކުގެ ފަރާތުން ސަން ސްޕޯޓިންގ ހޮލިޑޭސް ލިމިޓެޑަށް ފޮނުވާފައިވާ ސަބްލީޒް އެއްބަސްވުން ނިމުމަކަށް ގެނެސްފައިވާ ނޯޓިސްގެ ސިޓީގެ މައްޗަށް އެއްވެސް ފިޔަވަޅެއް ނޭޅުމަށާއި، އަދި އިބްރާހީމް ޢަލީމަނިކުގެ ފަރާތުން ޅ. މަދިރިގުރައިދޫއަށް އަރައި ތިބި އެންމެހައި ފަރާތްތަށް އެ ރަށުން ފޭބުމަށާއި، މިނިސްޓްރީ އޮފް ޓޫރިޒަމްގެ ނަންބަރު 88-LS/PRIV/2013/1064 (18 ޖުލައި 2013) ސިޓީއިން ހިފަހައްޓާފައިވާ ޕާމް ބީޗް ރިޒޯޓް ހިންގުމުގެ ވަގުތީ ލައިސަންސް، ސަން ސްޕޯޓިންގ ހޮލިޑޭސް ލިމިޓެޑަށް ދޫކުރުމަށް އެކަމުގައި ޝާމިލުވާ ފަރާތްތަކަށް އަންގައި އަމުރުކޮށްފައިވާކަން ބުނެވިދިޔަ ސިވިލް ކޯޓުގެ ވަގުތީ އަމުރަށް ބެލުމުން އެނގެން އޮންނަ އޮތުމެވެ.

(ކ) ހަތްވަނަ ކަމަކީ، ސިވިލް ކޯޓުގެ ޙަވާލާދެވުނު ނަންބަރުB-CR-7/VA/2013/001 (21 ޖުލައި 2013) ވަގުތީ އަމުރު އިބްރާހީމް ޢަލީމަނިކުގެ މައްޗަށް ރައްދުވާގޮތަށް އޮތްނަމަ، ރިޒޯޓް އޮޕަރޭޓްކުރުމަށްޓަކައި ދޫކުރާ ވަގުތީ ލައިސަންސް ދޫކުރުމަށް ދައުލަތުގެ ފަރާތުން އިޢުތިރާޟު ނުކުރާކަމަށް ބުނެ، ޝަރީޢަތުގެ މަޖިލީހުގައި ބަޔާންދިނުމުން، ވަގުތީ އަމުރަށް އަސަރެއް ނުފޯރާނެނަމަ، ސިވިލް ކޯޓުގެ އިސްވެދިޔަ ނަންބަރު 1451/Cv-C/2013 ޤަޟިއްޔާގައި ދަޢުވާކުރާ ސަން ސްޕޯޓިންގ ހޮލިޑޭސް ލިމިޓެޑުގެ ފަރާތުން އެދެނީ އެ ދަޢުވާގައި ދަޢުވާލިބޭ ފަރާތެއްގެ ގޮތުގައި މިނިސްޓްރީ އޮފް ޓޫރިޒަމް އާރޓްސް އެންޑް ކަލްޗަރ ނުހިމަނައި، ދަޢުވާލިބޭ ފަރާތްތަކުގެ ލިސްޓުން މިނިސްޓްރީ އޮފް ޓޫރިޒަމް އާރޓްސް އެންޑް ކަލްޗަރ އުނިކުރުމަށްފަހު ދަޢުވާ ކުރިއަށް ގެންދިއުމަށްކަމަށް ބުނެ، ސަން ސްޕޯޓިންގ ހޮލިޑޭސް ލިމިޓެޑުގެ ފަރާތުން ސިވިލް ކޯޓުގެ ޝަރީޢަތުގައި ބަޔާންދިނުމުން، ސިވިލް ކޯޓުގެ ބުނެވިދިޔަ ނަންބަރު 1451/Cv-C/2013 ޤަޟިއްޔާގެ މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ ދިވެހި ދައުލަތަކީ އެ ޤަޟިއްޔާގައި ދަޢުވާލިބޭ ފަރާތެއް ކަމުގައި ބަލައިގެން ނޫންކަމަށްވާތީ، މިނިސްޓްރީ އޮފް ޓޫރިޒަމް އާރޓްސް އެންޑް ކަލްޗަރގެ ފަރާތުން އެ ދަޢުވާއަށް ޖަވާބުދާރީވެފައި ނުވާކަމަށް ސިވިލް ކޯޓުގެ ބުނެވިދިޔަ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާކަން އެނގެން އޮންނަ އޮތުމެވެ.

(އ) އަށްވަނަ ކަމަކީ، ސިވިލް ކޯޓުގެ ޙަވާލާދެވުނު ނަންބަރު 1451/Cv-C/2013 ޤަޟިއްޔާގެ ދަޢުވާގައި ސަން ސްޕޯޓިންގ ހޮލިޑޭސް ލިމިޓެޑާ، އިބްރާހީމް ޢަލީމަނިކާ ދެމެދު އުފެދިފައިވާ ޚުޞޫމަތް ބިނާވެގެންވަނީ އެ ދެފަރާތުގެ ދެމެދު 14 އޮކްޓޫބަރު 1999 ގައި ވެވުނު ސަބްލީޒް އެއްބަސްވުމުގެ 21 ވަނަ މާއްދާގެ (އޭ) އާއި އެ މާއްދާގެ (ބީ) ގެ ދަށުން 17 ޖުލައި 2013 ގައި ސަބްލީޒް އެއްބަސްވުން ނިމުމަކަށް ގެނައުމަށް އިބްރާހީމް ޢަލީމަނިކުގެ ފަރާތުން ފޮނުވާފައިވާ އިސްވެ އިޝާރާތްކުރެވުނު ނޯޓިސްގެ ޞައްޙަކަން ނުވަތަ ނޫންކަމުގެ މައްޗަށްކަން ސިވިލް ކޯޓުގެ ބުނެވިދިޔަ ޤަޟިއްޔާގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮންނަކަމާއި، ބުނެވުނު ސަބްލީޒް އެއްބަސްވުމުގެ 21 ވަނަ މާއްދާއަކީ، އެ މާއްދަގައި ބަޔާންކުރެވިފައިވާ ޙާލަތްތަކުގެ ތެރެއިން ޙާލަތެއް މެދުވެރިވެއްޖެނަމަ، އެ އެއްބަސްވުން ނިމުމަކަށް ގެނައުމުގެ ނޯޓިސްފޮނުވުމުގެ ބާރު އިބްރާހީމް ޢަލީމަނިކަށް ދޭ މާއްދާއެއްކަމާއި، އެގޮތުން ދެވޭ ނޯޓިސްއާ ގުޅިގެން އެއްބަސްވުން ނިމުމަކަށް އައުމަށްފަހު، އެއްބަސްވުމުގެ ދަށުން ކުއްޔަށް ދީފައިވާ ރަށުގެ ކޮންޓްރޯލް އިބްރާހީމް ޢަލީމަނިކުގެ ދަށަށް ގެނައުމުގެ ބާރު އެ މާއްދާގެ ދަށުން އިބްރާހީމް ޢަލީމަނިކަށް ލިބިގެންވާކަމާއި، އެ މާއްދާގެ (އޭ) ގައި ބަޔާންވެގެންވަނީ ސަން ސްޕޯޓިންގ ހޮލިޑޭސް ލިމިޓެޑުގެ ފަރާތުން އެއްބަސްވުމުގައި ހިމެނޭ މާލީ ޠަބީޢަތުގެ ކަމަކާ ޚިލާފުވުމުގެ ސަބަބުން އެއްބަސްވުން ނިމުމަކަށް ގެނައުމުގެ ބާރު އިބްރާހީމް ޢަލީމަނިކަށް ލިބިގެންވާ ޙާލަތްތައްކަމާއި، އަދި އެ މާއްދާގެ (ބީ) ގައި ވަނީ މާލީ ނޫން ޠަބީޢަތުގެ ކަމަކާ ސަން ސްޕޯޓިންގ ހޮލިޑޭސް ލިމިޓެޑުގެ ފަރާތުން ޚިލާފުވުމުގެ ސަބަބުން އެއްބަސްވުން ނިމުމަކަށް ގެނައުމުގެ ބާރު އިބްރާހީމް ޢަލީމަނިކަށް ލިބިދޭ ޙާލަތްތައްކަމާއި؛ މިގޮތުން، ސަން ސްޕޯޓިންގ ހޮލިޑޭސް ލިމިޓެޑުގެ ފަރާތުން ދައްކަންޖެހޭ ކުލީގެ ފައިސާ އެއްވެސް މަޤުބޫލު ސަބަބެއް ނެތި، ކަނޑައަޅާފައިވާ މުއްދަތުގައި ނުދައްކާ، މަސައްކަތު 05 ދުވަސް ފާއިތުވެއްޖެނަމަ، އެ ކުލީގެ ފައިސާ (ހެޑްލީސް އެއްބަސްވުމުގެ ދަށުން މިނިސްޓްރީ އޮފް ޓޫރިޒަމްއިން ކަނޑައަޅާފައިވާ ގެއްލުމުގެ ބަދަލުގެ ފައިސާއާއެކު) ދެއްކުމަށް އަންގައި ނޯޓިސް ދޭ ތާރީޚުން ފެށިގެން މަސައްކަތު 10 ދުވަހުގެ މުއްދަތު ފަހަނައަޅައި ދާއިރު ކުލީގެ ފައިސާ ނުދައްކައިވާނަމަ، ބުނެވިދިޔަ ސަބްލީޒް އެއްބަސްވުން ނިމުމަކަށް ގެނައުމުގެ ބާރު އެ އެއްބަސްވުމުގެ 21 ވަނަ މާއްދާގެ (އޭ) ގެ ދަށުން އިބްރާހީމް ޢަލީމަނިކަށް ލިބިގެންވާއިރު، ސަން ސްޕޯޓިންގ ހޮލިޑޭސް ލިމިޓެޑުގެ ފަރާތުން ހެޑްލީޒް އެއްބަސްވުމުގައިވާ، ތަޠްބީޤުކުރެވޭ ޢަޙުދުތަކާއި ޝަރްޠުތަކާ އެއްގޮތަށް ޢަމަލުކުރުމަށް ދެކޮޅުހަދައިފައިވާނަމަ ނުވަތަ ތަކުރާރުކޮށް އިހުމާލުވެފައިވާނަމަ، އަދި އެއްބަސްވުމާ ޚިލާފުވާ، އެފަދަ ކަންކަން އިޞްލާޙު ކުރުމަށް ދިވެހި ސަރުކާރުގެ ފަރާތުން ސަން ސްޕޯޓިންގ ހޮލިޑޭސް ލިމިޓެޑަށް ނޯޓިސް ދިނުމަށްފަހު، ނޯޓިސްގައިވާ މުއްދަތުގެ ދެބައިކުޅަ އެއްބައި މުއްދަތު ފަހަނައަޅައި ދާއިރު އެކަންކަން އިޞްލާޙުކޮށް ރަނގަޅުކޮށްފައި ނުވާނަމަ، ބުނެވިދިޔަ ސަބްލީޒް އެއްބަސްވުން ނިމުމަކަށް ގެނައުމުގެ ބާރު އެ އެއްބަސްވުމުގެ 21 ވަނަ މާއްދާގެ (ބީ) ގެ ދަށުން އިބްރާހީމް ޢަލީމަނިކަށް ލިބިގެންވާކަން، ސަބްލީޒް އެއްބަސްވުމުގެ 21 ވަނަ މާއްދާ އަށް ބެލުމުން އެނގެން އޮންނަ އޮތުމެވެ.

(ވ) ނުވަވަނަ ކަމަކީ، އިބްރާހީމް ޢަލީމަނިކާ ސަން ސްޕޯޓިންގ ހޮލިޑޭސްއާ ދެމެދު ކުރެވުނު ޙަވާލާދެވުނު ސަބްލީޒް އެއްބަސްވުން އިބްރާހީމް ޢަލީމަނިކުގެ ފަރާތުން ނިމުމަށް ގެނެސްފައިވާ ސަބަބުތަކުގެ ތެރޭގައި ސަބަލީޒް އެއްބަސްވުމުގެ 21 ވަނަ މާއްދާގެ (އޭ) ގައި ބަޔާންވެގެންވާ ފަދަ ޙާލަތެއް މެދުވެރިވެފަވޭތޯ ސިވިލް ކޯޓުގެ ބުނެވިދިޔަ ޤަޟިއްޔާއިން ބަލައި، ދެފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބިނާކޮށް، އިބްރާހީމް ޢަލީމަނިކާ ސަން ސްޕޯޓިންގ ހޮލިޑޭސް ލިމިޓެޑާ ދެމެދު ވެފައިވާ ސަބްލީޒް އެއްބަސްވުމުގެ 21 ވަނަ މާއްދާގެ (އޭ) އާ ސަން ސްޕޯޓިންގ ހޮލިޑޭސް ލިމިޓެޑުގެ ފަރާތުން ޚިލާފުވެފައިވާ ކަމުގައި ބެލެވޭނެ އަސާސެއް ނެތްކަމަށް ބަލައި އެ މާއްދާގެ އެ އަކުރުގެ ދަށުން ނޯޓިސް ފޮނުވައި އެއްބަސްވުން ބާޠިލުކުރަންޖެހޭ ޙާލަތެއް މެދުވެރިވެފައި ނުވާކަމަށް ސިވިލް ކޯޓުގެ ޙަވާލާދެވުނު ނަންބަރު 1451/Cv-C/2013 ޤަޟިއްޔާގައި ކަނޑައަޅައި ނިންމާފައިވާ އެ ނިންމުމަށް އިބްރާހީމް ޢަލީމަނިކުގެ ފަރާތުން ޠަޢުނުކޮށް އިސްތިއުނާފުކޮށްފައި ނުވާކަން އެނގެން އޮންނާތީ، މިހާރު މި މައްސަލައިގައި ދެފަރާތުގެ ދެމެދުގައި ޚުޞޫމަތް އުފެދިފައިވަނީ ހަމައެކަނި ސަބްލީޒް އެއްބަސްވުމުގެ 21 ވަނަ މާއްދާގެ (ބީ) ގެ ދަށުން އެ އެއްބަސްވުން ނިމުމަކަށް ގެނެސްފައިވާ ގޮތުގެ ޞައްޙަކަން ނުވަތަ ނޫންކަމުގެ މައްޗަށްކަން ފާހަގަކުރެވިފައި އޮންނަ އޮތުމެވެ.

(މ) ދިހަވަނަ ކަމަކީ، ބަޔާންވެދިޔަ ސަބްލީޒް އެއްބަސްވުމުގެ 21 ވަނަ މާއްދާގެ (ބީ) ގެ ދަށުން އެ އެއްބަސްވުން ނިމުމަކަށް ގެނައުމުގެ ބާރު އިބްރާހީމް ޢަލީމަނިކަށް ލިބިގެންވަނީ ހެޑްލީޒް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ޢަހްދުތަކާއި އަދި ޝަރްޠުތަކާ އެއްގޮތަށް ޢަމަލުކުރުމަށް ސަން ސްޕޯޓިންގ ހޮލިޑޭސް ލިމިޓެޑުގެ ފަރާތުން ދެކޮޅު ހަދައި، ނުވަތަ ތަކުރާރުކޮށް އިހްމާލުވުމުގެ ސަބަބުން އެއްބަސްވުމާ ޚިލާފު އެފަދަ ކަންކަން އިޞްލާޙުކުރުމަށް ދިވެހި ސަރުކާރުގެ ފަރާތުން ސަން ސްޕޯޓިންގ ހޮލިޑޭސް ލިމިޓެޑަށް ނޯޓިސްދިނުމަށްފަހު، ނޯޓިސްގައިވާ މުއްދަތުގެ ދެބައިކުޅަ އެއްބައި މުއްދަތު ފަހަނައަޅައި ދާއިރު އެކަންކަން އިޞްލާޙުކޮށް ރަނގަޅު ކޮށްފައި ނުވާނަމަކަން ބުނެވުނު 21 ވަނަ މާއްދާގެ (ބީ) އިން އެނގެން އޮންނައިރު، ސަން ސްޕޯޓިންގ ހޮލިޑޭސް ލިމިޓެޑުގެ ފަރާތުން ބުނެވުނު 21 ވަނަ މާއްދާގެ (ބީ) އާ ޚިލާފަށް ޢަމަލުކޮށްފައިވާކަން ނުވަތަ ނޫންކަމުގެ މައްޗަށް ބަލާއިރު، މިނިސްޓްރީ އޮފް ޓޫރިޒަމް އާއި އިބްރާހީމް ޢަލީމަނިކާ ދެމެދު 28 އޮގަސްޓު 1997 ގައި ވެވުނު އިސްވެ ޙަވާލާދެވުނު ހެޑްލީޒް އެއްބަސްވުމުގައި އިބްރާހީމް ޢަލީމަނިކުގެ މައްޗަށް އަދާކުރުން ލާޒިމްވެގެންވާ އެންމެހައި އިލްތިޒާމުތަކަކީ އުޞޫލެއްގެގޮތުން، އިބްރާހީމް ޢަލީމަނިކާ ސަން ސްޕޯޓިންގ ހޮލިޑޭސް ލިމިޓެޑާ ދެމެދު 14 އޮކްޓޫބަރު 1999 ގައި ވެފައިވާ ޙަވާލާދެވުނު ސަބްލީޒް އެއްބަސްވުމުގެ ދަށުން ސަން ސްޕޯޓިންގ ހޮލިޑޭސް ލިމިޓެޑުގެ މައްޗަށް އަދާކުރުން ލާޒިމްވެގެންވާ އިލްތިޒާމްތަކެއްކަން ސަބްލީޒް އެއްބަސްވުމުގެ 13 ވަނަ މާއްދާގެ (ޑީ) އިން ސާފުކޮށް އެނގެން އޮތްކަމުގައި ވީނަމަވެސް، ސަބްލީޒް އެއްބަސްވުމުގެ 21 ވަނަ މާއްދާގެ (ބީ) ގެ ދަށުން އިބްރާހީމް ޢަލީމަނިކަށް އެއްބަސްވުން އުވާލުމުގެ ބާރު ދީފައިވަނީ ސަން ސްޕޯޓިންގ ހޮލިޑޭސް ލިމިޓެޑުގެ ފަރާތުން، ހެޑްލީޒް އެއްބަސްވުމުގައި ކަނޑައަޅާފައިވާ މާލީ ނޫން ޠަބީޢަތުގެ އިލްތިޒާމުތަކާ ޚިލާފުވެއްޖެނަމަކަން ބުނެވިދިޔަ 21 ވަނަ މާއްދާގެ ނައްޞަށް ބެލުމުން އެނގެން އޮންނަކަމާއި، ހެޑްލީޒް އެއްބަސްވުމުގައި ބަޔާންވެގެންވާ މާލީ ނޫން ޠަބީޢަތުގެ އިލްތިޒާމުތަކުގެ ތެރޭގައި އެ އެއްބަސްވުމުގެ ދަށުން ކުއްޔަށްދެވިފައިވާ ރިޒޯޓުގެ "ފިޒިކަލް އެންވަޔަރަންމަންޓް" އާ ގުޅިފައިވާ އިލްތިޒާމްތަކެއް ހިމެނިގެންވާކަމާއި، އޭގެ ތެރޭގައި އެއްބަސްވުމުގެ މުއްދަތުގައި ރަށާއި ރިޒޯޓް ރައްކާތެރިކަމާއެކު، މަރާމާތުކޮށް ރަނގަޅު ޙާލަތެއްގައިވާކަން ކަށަވަރުކޮށް ބެލެހެއްޓުމާއި، ރަށާއި ރިޒޯޓު ސާފުތާހިރުކޮށް ބޭއްވުމާއި ގެއްލުންދެނިވި ވިނަ އާއި ފަނިފަކްސާ ފަދަ އާފާތްތަކުން ރަށާއި ރިޒޯޓު ރައްކާތެރިކުރުމާއި، ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ތިމާވެއްޓާއި، ޢާންމު ޞިއްޙަތާއި، ސަލާމަތާގުޅޭ، ކަމާބެހޭ އެންމެހައި ޤާނޫނުތަކާއި ޤަވާޢިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ޢަމަލުކުރުން ކަށަވަރުކުރުމާއި، ރަށާއި ރަށުގެ ގޮނޑުދޮށުގައިވާ ގަސްގަހާ ގެއްސާއި ދިރޭތަކެތި (flora and fauna) ރައްކާތެރިކޮށް ބެލެހެއްޓުމާއި، ރަށުގެ ތިމާވެށި ރައްކާތެރިކޮށް ރަށުގެ ގުދުރަތީ ރީތިކަން ދަމަހައްޓަން މަސައްކަތްކުރުމާއި، އަދި ހުއްދަނެތި ރަށުގެ ގަސްތައް ކަނޑައި ހަލާކުކޮށް ގެއްލުންދީ ނުހެދުމާއި، މިކަންކަން ޝާމިލުވެގެންވާކަން ހެޑްލީޒް އެއްބަސްވުމުގެ 26 ވަނަ މާއްދާ އާއި 27 ވަނަ މާއްދާ އާއި 28 ވަނަ މާއްދާ އަށް ބެލުމުން އެނގެން އޮންނަ އޮތުމެވެ.

(ފ) އެގާރަވަނަ ކަމަކީ، އިބްރާހީމް ޢަލީމަނިކުގެ ފަރާތުން ސަބްލީޒް އެއްބަސްވުމުގެ ބުނެވިދިޔަ 21 ވަނަ މާއްދާގެ (ބީ) ގެ ދަށުން ސަބްލީޒް އެއްބަސްވުން ނިމުމަކަށް ގެންނަން ސަން ސްޕޯޓިންގ ހޮލިޑޭސް ލިމިޓެޑަށް އަންގައި އިސްވެ އިޝާރާތްކުރެވުނު ނޯޓިސް ފޮނުވާފައިވަނީ ސަން ސްޕޯޓިންގ ހޮލިޑޭސް ލިމިޓެޑުގެ ފަރާތުން ބުނެވިދިޔަ ހެޑްލީޒް އެއްބަސްވުމާ ޚިލާފަށް ކޮށްފައިވާ ކަންކަން ފާހަގަކޮށް އެކަންކަން އިޞްލާޙުކުރުމަށް ސަރުކާރުގެ އިދާރާތަކުން ދީފައިވާ މުހުލަތުގައި އެކަންކަން އިޞްލާޙުކޮށްފައި ނުވާތީކަމަށް ބުނެ އިބްރާހީމް ޢަލީމަނިކުގެ ފަރާތުން އެކަން ޘާބިތުކުރުމަށް ކިތާބީ ހެކިތަކެއް ހުށަހަޅައި، އޭގެ މައްޗަށް ސިވިލް ކޯޓުގެ ނަންބަރު 1451/Cv-C/2013 ޤަޟިއްޔާ އާއި، ހައިކޯޓުގެ ނަންބަރު 2014/HC-A/201 ޤަޟިއްޔާ އާއި، ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީސްތަކުގައި ވާހަކަދައްކާފައިވާކަމާ، މިގޮތުން ހުށަހަޅާފައިވާ ކިތާބީ ހެއްކާއި އެއިން އިސްތިދްލާލުކުރެވޭ ކަންކަމުގެ ތެރޭގައި؛ 5 އެޕްރީލް 2013 ގައި މިނިސްޓްރީ އޮފް ޓޫރިޒަމް އާރޓްސް އެންޑް ކަލްޗަރއިން ޕާމް ބީޗް ރިޒޯޓުގައި ކޮށްފައިވާ އިންސްޕެކްޝަންއާ ޙަވާލާދީ އެ މިނިސްޓްރީ އިން ޕާމް ބީޗް ރިޒޯޓަށް11 އެޕްރީލް 2013 ގައި ފޮނުވާފައިވާ އެ މިނިސްޓްރީގެ ނަންބަރު88-QAR/PRIV/2013/607 ސިޓީގައި ސަން ސްޕޯޓިންގ ހޮލިޑޭސް ލިމިޓެޑުގެ ފަރާތުން ޕާމް ބީޗް ރިޒޯޓް ހިންގުމުގައި އިހްމާލުވެފައިވާ ކަންކަމާއި، އަދި އެ މިނިސްޓްރީއިން ކަނޑައަޅާފައިވާ މިންގަނޑުތަކަށްވުރެ ދަށްކޮށް ހުރިކަންކަން ފާހަގަކޮށް ރަނގަޅުކުރުމަށް އަންގާފައިވާ ކަންކަން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ކޮށްފައި ނުވާކަމަށާއި، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީއިން މިނިސްޓްރީ އޮފް ޓޫރިޒަމް އާރޓްސް އެންޑް ކަލްޗަރއަށް 16 މެއި 2013 ގައި ފޮނުވާފައިވާ ނަންބަރު 203-ADMIN/88/2013/15 ސިޓީގައި، އެ އެޖެންސީގެ ފަރާތުން24 މާރިޗު 2013 ވަނަ ދުވަހު ޕާމް ބީޗް ރިޒޯޓުގައި ހިންގި އިންސްޕެކްޝަންގައި ފާހަގަކުރެވިފައިވާ ކަންތައްތަކާ ގުޅިގެން ތައްޔާރުކޮށްފައިވާ ރިޕޯޓަށް ޙަވާލާދީ ސަން ސްޕޯޓިންގ ހޮލިޑޭސްގެ ފަރާތުން އިޞްލާޙުކުރުމަށް ރެކޮމެންޑްކޮށްފައިވާ ކަންކަން ކަނޑައެޅިފައިވާ މުއްދަތުގައި ކޮށްފައި ނުވާކަމަށާއި، މިނިސްޓްރީ އޮފް ޓޫރިޒަމް އާރޓްސް އެންޑް ކަލްޗަރގެ ނަންބަރު 88-QAR/PRIV/2013/1054 (17 ޖުލައި 2013) ސިޓީއާއެކު ހިމަނާފައިވާ ރިޕޯޓުގައިވާ ކަންކަން ކަނޑައެޅިފައިވާ މުއްދަތުގައި ކޮށްފައި ނުވާކަމަށާއި، މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިންގާ ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ނަންބަރު 452-OA/88/2013/30 (18 އެޕްރީލް 2013) ސިޓީއިން، ޕާމް ބީޗް ރިޒޯޓުގައި15 އެޕްރީލް 2013 ވަނަ ދުވަހު ހެދި އިންސްޕެކްޝަންގައި "ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނާބެހޭ ޢާއްމު ޤަވާޢިދު" އާ ޚިލާފަށް ގިނަ ކަންތައްތަކެއް ފާހަގަކުރެވިފައިވާތީ އެކަންތައްތައް ރަނގަޅުކުރުމަށް ދެވިފައިވާ 01 މަސް ދުވަހުގެ މުއްދަތުގެ ތެރޭގައި އޭގެ ބައެއް ކަންތައް ރަނގަޅުކޮށްފައި ނުވާތީއާއި، ރަނގަޅު ކުރަންޖެހޭ އިތުރުކަންތަކެއް ފާހަގަކުރެވިފައިވާތީ އިތުރު އިންސްޕެކްޝަނެއް ހިންގުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީއަށް ފެންނަކަމަށް އެ އެޖެންސީއިން ޕާމް ބީޗް ރިޒޯޓްގައި 20 މެއި 2013 ގައި ހިންގި އިންސްޕެކްޝަންއާއެކު ފޮނުވި، އެ އެޖެންސީގެ 23 މެއި 2013 ގެ ސިޓީގައި ބަޔާންކޮށްފައިވާއިރު، ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ބުނެވުނު 20 މެއި 2013 ގެ އިންސްޕެކްޝަން ރިޕޯޓުގައިވާ ކަންކަން ކަނޑައެޅިފައިވާ މުއްދަތުގައި ކޮށްފައި ނުވާކަމަށާއި، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަރާތުން 15 އެޕްރީލް 2013 ގައި ކޮށްފައިވާ އިންސްޕެކްޝަނާ ގުޅިގެން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި ޕާމް ބީޗް ރިޒޯޓްގައި ރަނގަޅު ކުރަންޖެހޭކަމަށް ކަނޑައަޅާފައިވާ ކަންކަން ކަނޑައެޅިފައިވާ މުއްދަތުގައި ކޮށްފައި ނުވާކަމަށާއި، މިކަންކަން މި މައްސަލައިގައި ޝަރީޢަތަށް ހުށަހެޅިފައިވާ ދައުލަތުގެ ކަމާބެހޭ ރަސްމީ އިދާރާތަކުގެ އިސްވެ ޙަވާލާދެވުނު ލިއުންތަކުން އެނގެން އޮންނައިރު، އިޝާރާތްކުރެވުނު އިންސްޕެކްޝަންތަކާއި، ރިޕޯޓުތަކުގައި ފާހަގަކޮށް ސަން ސްޕޯޓިންގ ހޮލިޑޭސް ލިމިޓެޑަށް ރަނގަޅުކުރުމަށް އަންގާފައިވާ ކަންކަން އެގޮތުގެމަތިން ރަނގަޅުކޮށްފައި ނުވުމަކީ ޙަޤީޤަތުގައި، ބުނެވިދިޔަ ސަބްލީޒް އެއްބަސްވުމުގެ ދަށުން ސަން ސްޕޯޓިންގ ހޮލިޑޭސް ލިމިޓެޑުގެ މައްޗަށް އަދާކުރުން ލާޒިމްވެގެންވާ، ޙަވާލާދެވުނު ހެޑްލީޒް އެއްބަސްވުމުގައި ކަނޑައަޅައި ބަޔާންވެގެންވާ ޢަހްދުތަކާއި ޝަރްޠުތަކާ ޚިލާފަށް ސަން ސްޕޯޓިންގ ހޮލިޑޭސް ލިމިޓެޑުގެ ފަރާތުން ކޮށްފައިވާ ކަމެއްކަން މި މައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކަށާއި، ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބެލުމުން އެނގެން އޮންނަ އޮތުމެވެ.

(ދ) ބާރަވަނަ ކަމަކީ، މިނިސްޓްރީ އޮފް ޓޫރިޒަމް އާރޓްސް އެންޑް ކަލްޗަރގެ ފަރާތުންނާއި، އަދި އެ މިނިސްޓްރީ މެދުވެރިކޮށް ސަރުކާރުގެ ބައެއް އިދާރާތައް ކަމުގައިވާ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީގެ ފަރާތުންނާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ފަރާތުންނާއި، އަދި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަރާތުން ސަން ސްޕޯޓިންގ ހޮލިޑޭސް ލިމިޓެޑަށް ބުނެވިދިޔަ ތާރީޚުތަކުގައި ފޮނުވާފައިވާ ބަޔާންވެދިޔަ އިންސްޕެކްޝަން ރިޕޯޓުތަކާއި އޮޑިޓް ރިޕޯޓުތަކުގައި، ޢަމަލުކުރެވޭ ޤާނޫނުތަކާއި ޤަވާޢިދުތަކާ ޚިލާފަށް ކުރިކަމަށް ފާހަގަކޮށްފައިވާ ކަންކަން އިޞްލާޙުކުރުމަށް އަންގައި ފޮނުވާފައިވާ ސިޓީތަކުގައި ބަޔާންވެގެންވާ އެ ކަންތައްތައް ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި އިޞްލާޙުކުރެވިފައިނުވާ ކަމާމެދު އޭގެ ޒާތުގައި، ސަން ސްޕޯޓިންގ ހޮލިޑޭސް ލިމިޓެޑުގެ ފަރާތުން އިޢުތިރާޟު ނުކުރާކަމާއި، ނަމަވެސް، އެފަރާތުގެ އިޢުތިރާޟު އޭގެ މައްޗަށް ބިނާކުރާ މައިގަނޑު އަސާސަކީ، އަދި ސިވިލް ކޯޓުގެ ނަންބަރު 1451/Cv-C/2013 ޤަޟިއްޔާ އާއި، ހައިކޯޓުގެ ނަންބަރު 2014/HC-A/201 ޤަޟިއްޔާގައި، އިބްރާހީމް ޢަލީމަނިކުގެ ފަރާތުން 17 ޖުލައި 2013 ވަނަ ދުވަހު ފޮނުވާފައިވާ ނޯޓިސްއަކީ ސަބްލީޒް އެއްބަސްވުމާ ޚިލާފަށް ފޮނުވާފައިވާ ނޯޓިސްއެއްކަމުގައި ކަނޑައަޅައިފައިވާ ކަނޑައެޅުން ބިނާކޮށްފައިވާ އަސާސަކީވެސް، ސަބްލީޒް އެއްބަސްވުމުގެ 21 ވަނަ މާއްދާގެ (ބީ) ގައި ސަން ސްޕޯޓިންގ ހޮލިޑޭސް ލިމިޓެޑުގެ ފަރާތުން އެއްބަސްވުމާ ޚިލާފަށްކުރާ ކަންތައްތައް ރަނގަޅުކުރުމަށް ނޯޓިސް ދިނުމަށް ބުނެފައިވާ ފަރާތަކީ ނުވަތަ "Government of Maldives" އަކީ ސަރުކާރުގެ ކޮންމެ އިދާރާއެއް ނޫންކަމަށާއި، ނަމަވެސް އެއީ މިނިސްޓްރީ އޮފް ޓޫރިޒަމް ކަމަށާއި، އަދި މިނިސްޓްރީ އޮފް ޓޫރިޒަމްއިން ފޮނުވާ ނޯޓިސް ވެސް ވާންޖެހޭނީ ހެޑްލީޒް އެއްބަސްވުމުގެ 50 ވަނަ މާއްދާ އާއި، 51 ވަނަ މާއްދާގެ ދަށުން ފޮނުވާފައިވާ ނޯޓިސްއަކަށް ކަމަށާއި، އެ ދެ މާއްދާގެ ދަށުން މިނިސްޓްރީ އޮފް ޓޫރިޒަމްއިން ސަން ސްޕޯޓިންގ ހޮލިޑޭސް ލިމިޓެޑަށް ފޮނުވާފައިވާ ނޯޓިސްއެއް ނުވާކަމަށާއި، އެހެންކަމުން އިބްރާހީމް ޢަލީމަނިކުގެ ފަރާތުން ސަބްލީޒް އެއްބަސްވުން ނިމުމަކަށް ގެނެސް ފޮނުވާފައިވާ ބުނެވިދިޔަ ނޯޓިސްއަކީ ޞައްޙަ ނޯޓިސްއެއް ނޫންކަމަށް ސަން ސްޕޯޓިންގ ހޮލިޑޭސް ލިމިޓެޑްގެ ފަރާތުން ބުނާބުނުންކަން ސަން ސްޕޯޓިންގ ހޮލިޑޭސް ލިމިޓެޑްގެ ބަހުންނާއި، ސިވިލް ކޯޓާއި ހައިކޯޓުގެ ބުނެވުނު ދެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ވާޞިލްވެފައިވާ ނުކުތާތަކުން އެނގެން އޮންނައިރު، މި މައްސަލައިގައި ޙަވާލާދެވޭ ޅ. މަދިރިގުރައިދޫއެވެ ކިޔާ ރަށުގައި ބިނާކުރާ ރިޒޯޓް ޑިޒައިންކޮށް ތަރައްޤީކޮށް ހިންގަންވާނީ "ޕްރޮޖެކްޓް ޕްރޮޕޯޒަލް" އާއި މިނިސްޓްރީ އޮފް ޓޫރިޒަމް އާއި، އަދި ކަމާބެހޭ ސަރުކާރުގެ އެހެން އިދާރާތަކުން ކަނޑައަޅައިފައިވާ ޤަވާޢިދުތަކާ އެއްގޮތްވާ ގޮތުގެމަތިންކަން އިޝާރާތްކުރެވުނު ހެޑްލީޒް އެއްބަސްވުމުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނަ އޮތުމަށާއި، ސަބްލީޒް އެއްބަސްވުން ވުޖޫދަށް އަންނައިރު ޢަމަލުކުރެވޭ، ނުވަތަ އޭގެ ފަހުން ޢަމަލުކުރަން ފަށާ، ކަމާބެހޭ އެންމެހައި ޤާނޫނުތަކާއި ޤަވާޢިދުތަކާ އަދި އުޞޫލުތަކާއި ސަރުކާރުގެ އިދާރާތަކުގެ އެންގުންތަކަށް (directives) މި އެއްބަސްވުމުގެ މުއްދަތުގެ ތެރޭގައި، އިޙްތިރާމްކޮށް އެއާ އެއްގޮތްވާ ގޮތުގެމަތިން ޢަމަލުކުރުމަކީ ސަން ސްޕޯޓިންގ ހޮލިޑޭސް ލިމިޓެޑުގެ އިލްތިޒާމްތަކާއި ވާޖިބުތަކުގެ ތެރޭގައި ހިމެނޭ ކަންތަކެއްކަން ސަބްލީޒް އެއްބަސްވުމުގެ 13 ވަނަ މާއްދާގެ (އީ) ގައި ސާފު ބަހުން ބަޔާންކޮށްފައި އޮންނަ އޮތުމަށާއި، ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގެ 52 ވަނަ މާއްދާގައި "މި ޤާނޫނުގެ ދަށުން ހަދަންޖެހޭ ޤަވާޢިދުތަކުގެ ތެރެއިން ވަކިފަރާތަކުން ހަދަންޖެހޭކަމަށް ބުނެފައިވާ ޤަވާޢިދުތައް ނޫން އެހެން ޤަވާޢިދުތައް ހަދައި ހިންގަންވާނީ ރައީސުލްޖުމްހޫރިއްޔާ އެކަމަށް ކަނޑައަޅާ ފަރާތްތަކުންނެވެ." މިފަދައިން ކަނޑައަޅައި ބަޔާންކޮށްފައި އޮންނަ އޮތުމަށް ރިޢާޔަތްކުރާއިރު، ސަބްލީޒް އެއްބަސްވުމުގެ 21 ވަނަ މާއްދާގެ (ބީ) ގައި ދިވެހި ސަރުކާރުކަމަށް ބުނެފައި އޮންނަ އޮތުން ޤައިދުކޮށް އެއީ ހަމަ އެކަނި މިނިސްޓްރީ އޮފް ޓޫރިޒަމް ކަމަށް މާނަކުރާނެ އެއްވެސް ޤާނޫނީ އަދި ޝަރުޢީ އަސާސެއް ނެތްކަމާއި، އެ މާއްދާގެ އެ އަކުރުގެ ބޭނުމަށް ދިވެހި ސަރުކާރަކީ، ރިޒޯޓު ހިންގައި އޮޕަރޭޓުކުރުމުގައި ތަންފީޒުކުރަންޖެހޭ އެންމެހައި ޤާނޫނުތަކާއި ޤަވާޢިދުތަކުގެ ދަށުން އެނގުންތައް އެންގުމުގެ ބާރު ލިބިގެންވާ ކޮންމެ އިދާރާއެއްކަން ރަނގަޅަށް އެނގެން އޮންނަކަމާ، އަދި މީގެ އިތުރުން ބުނެވިދިޔަ ސަބްލީޒް އެއްބަސްވުމުގެ 21 ވަނަ މާއްދާގެ (ބީ) ގައި ބުނެފައިވާ ދިވެހި ސަރުކާރުން ފޮނުވާ ނޯޓިސްއަކީ ހެޑްލީޒް އެއްބަސްވުމުގެ 50 ވަނަ މާއްދާ އާއި 51 ވަނަ މާއްދާގެ ދަށުން މިނިސްޓްރީ އޮފް ޓޫރިޒަމްއިން ފޮނުވާ ނޯޓިސް އެއްކަމަށް ބަޔާންކޮށް އޭގެ މައްޗަށް ސިވިލް ކޯޓުގެ ނަންބަރު1451/Cv-C/2013 ޤަޟިއްޔާ އާއި ހައިކޯޓުގެ ނަންބަރު 2014/HC-A/201 ޤަޟިއްޔާގެ ޙުކުމް ބިނާކޮށްފައި އޮންނަ އޮތުމަށް ބަލާއިރު، ހެޑްލީޒް އެއްބަސްވުމުގެ ބުނެވިދިޔަ 50 ވަނަ މާއްދާ އާއި، 51 ވަނަ މާއްދާއަކީ ހެޑްލީޒް އެއްބަސްވުން ނިމުމަކަށް ގެނައުމުގައި ސަރުކާރުން ޢަމަލުކުރަންޖެހޭ އުޞޫލުތައް ބަޔާންކުރާ މާއްދާތަކެއްކަމާއި، ސަން ސްޕޯޓިންގ ހޮލިޑޭސް ލިމިޓެޑަކީ ހެޑްލީޒް އެއްބަސްވުމުގެ ބައިވެރިއެއް ނޫންކަން އެނގެން އޮންނައިރު، އެ މާއްދާތަކުގައި އެ ބުނާ ނޯޓިސްތަކަކީ ކޮންމެހެން ސަބްލީޒް އެއްބަސްވުމުގެ 21 ވަނަ މާއްދާގެ (ބީ) ގައި އެއްބަސްވުމުގެ ދަށުން އުފުލަންޖެހޭ އިލްތިޒާމްތައް އަދާކުރުމަށް ސަން ސްޕޯޓިންގ ހޮލިޑޭސް ލިމިޓެޑުގެ ފަރާތުން މަނާވެގަތުމުން ނުވަތަ އިހްމާލުވުމުން، ސަރުކާރުން އެކަންކަން ރަނގަޅުކުރުމަށް އަންގައި ފޮނުވާ ނޯޓިސްތަކުގެ ވާހަކައެއް ނޫންކަން ހެޑްލީޒް އެއްބަސްވުމުގެ ބުނެވިދިޔަ 50 އަދި 51 ވަނަ މާއްދާ އާއި، ސަބްލީޒް އެއްބަސްވުމުގެ 21 ވަނަ މާއްދާގެ (ބީ) ގެ ޢިބާރާތަށް ބެލުމުން އެނގޭކަމާއި، އެހެނީ ހެޑްލީޒް އެއްބަސްވުމުގެ 50 ވަނަ މާއްދާގައި އެއްބަސްވުމާ ޚިލާފަށް ކޮށްފައިވާ ކަންތައްތައް ރަނގަޅު ކުރުމަށް 30 ދުވަހުގެ މުހުލަތެއްދީ ކުއްޔަށްހިފި ފަރާތަށް ނޯޓިސް ދޭންވާނެކަމުގައި ބަޔާންކުރުމަށްފަހު، އެއްބަސްވުމާ ޚިލާފަށް ކޮށްފައިވާ ކަންތައްތައް ރަނގަޅުކުރުމަށް ކުރިން ދީފައިވާ ނޯޓިސްއަށް ޢަމަލުނުކޮށް އިތުރު 15 ދުވަސް ފާއިތުވެއްޖެނަމަ އެއްބަސްވުން ނިމުމަކަށް ގެނައުމުގެ ބާރު މިނިސްޓްރީ އޮފް ޓޫރިޒަމަށް ލިބިގެންވާކަމަށް ބުނެވިދިޔަ ހެޑްލީޒް އެއްބަސްވުމުގެ 51 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނައިރު، ސަބްލީޒް އެއްބަސްވުމުގެ 21 ވަނަ މާއްދާގެ (ބީ) ގައި އެއްބަސްވުމުގައިވާ ޢަހްދުތަކާއި، ޝަރްޠުތަކާ ސަން ސްޕޯޓިންގ ހޮލިޑޭސް ލިމިޓެޑުގެ ފަރާތުން ޚިލާފުވުމުގެ ސަބަބުން، ޚިލާފުވެފައިވާ ކަންކަން ރަނގަޅުކުރުމަށް ދެވޭ މުހުލަތުގެ ދެބައިކުޅަ އެއްބައި ފާއިތުވުމުން އެއްބަސްވުން ނިމުމަކަށް ގެނައުމުގެ ބާރު އިބްރާހީމް ޢަލީމަނިކަށް ލިބިގެންވާކަން އެނގެން އޮންނަކަމާ، މީގެ އިތުރުން ޓޫރިސްޓް ރިޒޯޓް ހެދުމަށް ކުއްޔަށް ދޫކުރާ ރަށްރަށުގައި، ރިޒޯޓް ހިންގުމުގައި، ރަށް ކުއްޔަށް ދޫކުރާ އެއްބަސްވުމާއި ނުވަތަ އެއްވެސް ޤަވާޢިދަކާ ޚިލާފުވެއްޖެނަމަ، މިނިސްޓްރީ އޮފް ޓޫރިޒަމުން އަންގާ ހުރިހާ އެންގުމެއް އަންގަނީ ހެޑްލީސް އެއްބަސްވުމުގެ "ބްރީޗް އޮފް ނޮން ފައިނޭންޝަލް ނޭޗަރ" މާއްދާގެ ދަށުން ނޫންކަމަށް މި މައްސަލައާ ގުޅިގެން ސިވިލް ކޯޓުގެ ޝަރީޢަތަށް ހުށަހެޅިފައިވާ މިނިސްޓްރީ އޮފް ޓޫރިޒަމް އާޓްސް އެންޑް ކަލްޗަރ ގެ ނަންބަރު88-LS/PRIV/2013/1436 ސިޓީގައި ބަޔާންކޮށްފައި އޮތުމުން، ސަބްލީޒް އެއްބަސްވުމުގެ 21 ވަނަ މާއްދާގެ (ބީ) ގެ ދަށުން އެއްބަސްވުމާ ޚިލާފަށް ސަން ސްޕޯޓިންގ ހޮލިޑޭސް ލިމިޓެޑުގެ ފަރާތުން ކުރާ ކަންކަން އިޞްލާޙުކުރުމަށް ފުރުޞަތުދީ ދިވެހި ސަރުކާރުގެ ފަރާތުން ފޮނުވާ ނޯޓިސްއަކީ އެއްވެސް ޙާލެއްގައި ހެޑްލީސް އެއްބަސްވުމުގެ 50 ވަނަ މާއްދާ ނުވަތަ 51 ވަނަ މާއްދާގައި ބުނާ ނޯޓިސްތަކެއް ނޫންކަން ސާފުކޮށް އެނގެން އޮންނަ އޮތުމެވެ.

(ތ) ތޭރަވަނަ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 1451/Cv-C/2013 ޤަޟިއްޔާ އެ ކޯޓުގައި ހިނގަމުން ދަނިކޮށް މިނިސްޓްރީ އޮފް ޓޫރިޒަމްއިން ސަން ސްޕޯޓިންގ ހޮލިޑޭސް ލިމިޓެޑަށް ރިޒޯޓު ހިންގުމަށް ފުލް އޮޕަރޭޓިންގް ލައިސަންސް ދޫކޮށްފައި އޮތުމުން، ޙަވާލާދެވުނު ސަބްލީޒް އެއްބަސްވުން ނިމުމަކަށް ގެންނަންޖެހޭ ފަދަ، އެއްބަސްވުމާ ޚިލާފުކަމެއް ސަން ސްޕޯޓިންގ ހޮލިޑޭސް ލިމިޓެޑުގެ ފަރާތުން ކޮށްފައި ނުވާކަން ދަލާލަތުކޮށްދޭކަމަށް ބުނެ، މި މައްސަލައިގައި އިލްތިމާސް ރައްދުވާ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، އިބްރާހީމް ޢަލީމަނިކު އާއި ސަން ސްޕޯޓިންގ ހޮލިޑޭސް ލިމިޓެޑާ ދެމެދު 14 އޮކްޓޫބަރު 1999 ގައި ވެފައިވާ ސަބްލީޒް އެއްބަސްވުން ބާޠިލުކުރުމަށްޓަކައި، އެ އެއްބަސްވުމުގެ 21 ވަނަ މާއްދާގެ ދަށުން އިބްރާހީމް ޢަލީމަނިކަށް ލިބިގެންވާ އިޚްތިޔާރުގެ ދަށުން17 ޖުލައި 2013 ވަނަ ދުވަހު ދީފައިވާ ނޯޓިސްގެ ޞައްޙަކަން ނުވަތަ ނޫންކަން ތަޤްޔީމުކުރުމުގައި ބަލަންޖެހޭނީ ސަން ސްޕޯޓިންގ ހޮލިޑޭސް ލިމިޓެޑުގެ ފަރާތުން ބުނެވުނު 17 ޖުލައި 2013 ގެ ކުރިން ކޮށްފައިވާ ކަންތައްތަކަކީ ޙަވާލާދެވުނު ސަބްލީޒް އެއްބަސްވުމާ އެއްގޮތަށް ކޮށްފައިވާ ކަންތައްތަކެއްތޯ ނުވަތަ ނޫންތޯކަން އެނގެން އޮންނައިރު، ބުނެވިދިޔަ ސަބްލީޒް އެއްބަސްވުން ބާޠިލުކުރުމަށްޓަކައި އިބްރާހީމް ޢަލީމަނިކުގެ ފަރާތުން 17 ޖުލައި 2013 ވަނަ ދުވަހު ދީފައިވާ ނޯޓިސްއާ ގުޅިގެން މިނިސްޓްރީ އޮފް ޓޫރިޒަމްގެ ފަރާތުން ރިޒޯޓް ހިންގުމަށް ސަން ސްޕޯޓިންގ ހޮލިޑޭސް ލިމިޓެޑަށް ދޫކޮށްފައިވާ ވަގުތީ އޮޕަރޭޓިންގ ލައިސަންސް އުވާލާފައިވާކަން އެ މިނިސްޓްރީގެ ނަންބަރު 88-LS/PRIV/2013/1064 (18 ޖުލައި 2016) ސިޓީއިން ސަން ސްޕޯޓިންގ ހޮލިޑޭސް ލިމިޓެޑަށް އަންގާފައިވާކަމާއި، އެއަށްފަހު ސަން ސްޕޯޓިންގ ހޮލިޑޭސް ލިމިޓެޑުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި އެ ކޯޓުގެ ނަންބަރު 1451/Cv-C/2013 ޤަޟިއްޔާގެ މައްސަލައާ ގުޅިގެން ނެރެފައިވާ ސިވިލް ކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ނަންބަރު B-CR-7/VA/2013/001 (21 ޖުލައި 2013) ވަގުތީ އަމުރަށް ރިޢާޔަތްކޮށް މިނިސްޓްރީ އޮފް ޓޫރިޒަމްގެ ފަރާތުން 21 ޖުލައި 2013 ގައި ސަން ސްޕޯޓިންގ ހޮލިޑޭސް ލިމިޓެޑަށް ރިޒޯޓް ހިންގުމުގެ ވަގުތީ އޮޕަރޭޓިންގ ލައިސަންސް އަލުން ދޫކޮށްފައިވާކަން އެނގެން އޮންނައިރު، އޭގެ މާފަހުގެ ތާރީޚުތަކެއްގައި ކުރެވުނު ސާރވޭތަކެއްގެ މައްޗަށް ބިނާކޮށް މިނިސްޓްރީ އޮފް ޓޫރިޒަމްގެ ފަރާތުން 23 ޑިސެންބަރު 2013 ގައި "ޓޫރިސްޓް ރިޒޯޓު ހިންގުމުގެ ހުއްދަ" ސަން ސްޕޯޓިންގ ހޮލިޑޭސް ލިމިޓެޑަށް ދީފައި އޮންނަ އޮތުމަކީ، އޭގެ މައްޗަށް ބިނާކޮށް އިސްވެ އިޝާރާތްކުރެވުނު ސަބްލީޒް އެއްބަސްވުން ބާޠިލުކުރުމަށްޓަކައި އިބްރާހީމް ޢަލީމަނިކުގެ ފަރާތުން17 ޖުލައި 2013 ވަނަ ދުވަހު ދީފައިވާ ޙަވާލާދެވުނު ނޯޓިސްގެ ޞައްޙަކަން ނުވަތަ ނޫންކަން ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކުގެ މަތިން ކަނޑައެޅިދާނެ ކަމެއް ނޫންކަން އެނގެން އޮންނަ އޮތުމެވެ.

6- އިސްވެ ބަޔާންވެދިޔަ ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، އިބްރާހީމް ޢަލީމަނިކު އާއި، ސަން ސްޕޯޓިންގ ހޮލިޑޭސް ލިމިޓެޑާ ދެމެދު 14 އޮކްޓޫބަރު 1999 ގައި ވެފައިވާ ސަބްލީޒް އެއްބަސްވުން ބާޠިލުކުރުމަށްޓަކައި އިބްރާހީމް ޢަލީމަނިކުގެ ފަރާތުން 17 ޖުލައި 2013 ވަނަ ދުވަހު ދީފައިވާ ނޯޓިސް ފޮނުވާފައިވަނީ ސަބްލީޒް އެއްބަސްވުމުގެ 21 ވަނަ މާއްދާގެ (ބީ) ގައި ކަނޑައަޅައި ބަޔާންވެގެންވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމަށްވާތީ، އެ ނޯޓިސްއަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ފޮނުވާފައިވާ ނޯޓިސް އެއްކަން އެނގެން އޮންނާތީ އާއި އިބްރާހީމް ޢަލީމަނިކުގެ ފަރާތުން ބުނެވިދިޔަ ނޯޓިސް ފޮނުވާފައިވަނީ ސަބްލީޒް އެއްބަސްވުމުގެ 21 ވަނަ މާއްދާގެ (ބީ) އާ ޚިލާފަށްކަން ޘާބިތުވާވަރުގެ އަސާސްތަކެއް މި މައްސަލައިގައި ދަޢުވާލިބޭ ސަން ސްޕޯޓިންގ ހޮލިޑޭސް ލިމިޓެޑަށް ދެއްކިފައި ނުވާތީ، ސިވިލް ކޯޓުގެ ނަންބަރު 1451/Cv-C/2013 ޤަޟިއްޔާގެ ޙުކުމާއި، އެ ޙުކުމަށް ތާޢީދުކޮށް ކޮށްފައިވާ ހައިކޯޓުގެ ނަންބަރު 2014/HC-A/201 ޤަޟިއްޔާގެ ޙުކުމާއި ދެ ޙުކުމަށް ބަދަލުގެންނަން ޖެހޭކަމަށް ފެނެއެވެ.

ޙުކުމް:

އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެމަތިން ހުރުމުން، މއ. ނޫރީ އިބްރާހީމް ޢަލީމަނިކު އާއި، ސަން ސްޕޯޓިންގ ހޮލިޑޭސް ލިމިޓެޑާ ދެމެދު 14 އޮކްޓޫބަރު 1999 ގައި ވެފައިވާ ސަބްލީޒް އެއްބަސްވުމާ ސަން ސްޕޯޓިންގ ހޮލިޑޭސް ލިމިޓެޑުގެ ފަރާތުން ޚިލާފުވެފައިވާކަމަށް ދެކި އެ އެއްބަސްވުން ބާޠިލުކޮށް، އިބްރާހީމް ޢަލީމަނިކުގެ ފަރާތުން 17 ޖުލައި 2013 ވަނަ ދުވަހު ދީފައިވާ ނޯޓިސްއަކީ އެ ދެފަރާތުގެ ދެމެދުގައި ވެފައިވާ ސަބްލީޒް އެއްބަސްވުމާ އެއްގޮތަށް ފޮނުވާފައިވާ ޞައްޙަ ނޯޓިސް އެއްކަމަށް ކަނޑައަޅައި، ސިވިލް ކޯޓުގެ ނަންބަރު 1451/Cv-C/2013 ޤަޟިއްޔާގެ ޙުކުމާއި، ހައިކޯޓުގެ ނަންބަރު 2014/HC-A/201 ޤަޟިއްޔާގެ ޙުކުމާ ދެ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތް ޙުކުމްތަކަކަށް ނުވާތީ އެ ދެ ޤަޟިއްޔާގެ ޙުކުމަކީ ބާޠިލް ޙުކުމްތަކެއްކަމަށް ކަނޑައަޅައި މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.

ފަނޑިޔާރު ޢަބްދުﷲ ޢަރީފް

ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ

ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ