ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2017/SC-A/12ސުޕްރީމް ކޯޓު · 15 އޭޕްރީލް 2019

—

ސުޕްރީމް ކޯޓު
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 15 އޭޕްރީލް 2019ބާވަތް: ފައިސާ ހޯދުން

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ

ޤަޟިއްޔާ ނަންބަރު: 2017/SC-A/12

ދަޢުވާކުރާ ފަރާތް: ގްލެޑޯނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

ދަޢުވާ ލިބޭ ފަރާތް: އަޙްމަދު އަޝްފާޤު

މައްސަލައިގެ ބާވަތް: ފައިސާ ހޯދުން

މައްސަލަ އައިގޮތް: އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

ހުށަހެޅުނު ތާރީޚް: 22 ޑިސެންބަރު 2016

ރަޖިސްޓްރީކުރެވުނު ތާރީޚް: 08 މޭ 2017

ނިމުނު ތާރީޚް: 15 އެޕްރީލް 2019

މައްސަލަ ނިންމި ގަޑި: 11:24

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު

އިލްތިމާސްކުރެވުނު ޤަޟިއްޔާ

ނަންބަރު: 2015/HC-A/261

ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު

ހުށަހެޅުނު ތާރީޚް: 08 ޖުލައި 2015

ނިމުނު ތާރީޚް: 03 އޮކްޓޫބަރ 2016

މައްސަލައިގެ ޚުލާޞާ:

މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/261 ޤަޟިއްޔާ، އެ ކޯޓުން ބަލައި ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލުކޮށްދިނުމަށް އެދި، ގްލެޑޯނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި ދަޢުވާ ރައްދުވާ ފަރާތަކީ އަޙްމަދު އަޝްފާޤުއެވެ.

ބުނެވިދިޔަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/261 ޤަޟިއްޔާއަކީ، ސިވިލް ކޯޓުގެ ނަންބަރު 2233/Cv-C/2013 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، އަޙްމަދު އަޝްފާޤުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލައި ނިންމާފައިވާ ޤަޟިއްޔާއެކެވެ. އަދި ބުނެވިދިޔަ ހައިކޯޓުގެ ނަންބަރު 2015/HC-A/261 ޤަޟިއްޔާގެ ދަޢުވާ ރައްދުވާ ފަރާތަކީ، ގްލެޑޯނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑެވެ.

ފާހަގަކުރެވުނު ނުކުތާތައް:

މި މައްސަލައިގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި، ޤާނޫނުތަކަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/261 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، ސިވިލް ކޯޓުގެ ނަންބަރު 2233/Cv-C/2013 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، ދަޢުވާކުރާ ފަރާތުންނާއި، ދަޢުވާލިބޭ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި ލިޔުންތަކަށާއި ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، އަދި މިބާވަތުގެ މައްސަލަތަކާ ގުޅޭ ޢާންމު ޤާނޫނީ މަބްދައުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލައި ވިސްނިއިރު، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައި ވެއެވެ.

(ހ) ފުރަތަމަ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 2233/Cv-C/2013 ޤަޟިއްޔާއަށް ބެލިއިރު އެ ޤަޟިއްޔާއަކީ، އަޙްމަދު އަޝްފާޤުއާއި، ފުށިވެލާވަރު ރިސޯޓާ ދެމެދު ވިޔަފާރީގެ މުޢާމަލާތެއްގެ ދަށުން ފުށިވެލާވަރު ރިސޯޓަށް ގަސްތަކެއް ފޮނުވައިދިނުމަށް އެއްބަސްވުމުން އަޙްމަދު އަޝްފާޤު ފުށިވެލާވަރު ރިސޯޓަށް އެތައް ފަހަރެއްގެ މަތިން އެ ރިސޯޓުން ފޮނުވާފައިވާ ސަޕްލައި ދޯންޏަށް ގަސްތަކެއް އަރުވައި އެ ގަސްތައް ފުށިވެލާވަރު ރިސޯޓަށް ފޮނުވާފައިވީނަމަވެސް އެ ގަސްތަކަށްވާ އަގު އެ ރިސޯޓުން ދައްކާފައި ނުވާތީ އަޙްމަދު އަޝްފާޤުގެ ފަރާތުން އެކަމަށް އެދުމުން އަޙްމަދު އަޝްފާޤު ފޮނުވާފައިހުރި ގަސްތަކަށް ފައިސާދޭން ނުޖެހޭނެކަމަށް ބުނެ، އެއީ ފުށިވެލާވަރު ރިސޯޓުން އަޙްމަދު އަޝްފާޤާއެކު ހިންގާފައިވާ މުޢާމަލާތެއް ކަމާމެދު އިންކާރު ކޮށްފައިވާކަމަށާ، އަދި ދެ ފަރާތުގެ ދެމެދު ވެވުނު އެއްބަސްވުމާ ގްލެޑޯނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ޚިލާފުވެފައިވާކަމަށް ބުނެ، ގްލެޑޯނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ދައްކަންޖެހި ނުދައްކައިވާ US$1,528,500.00 (އެއްމިލިޔަން ފަސްލައްކަ އަށާވީސްހާސް ފަސްސަތޭކަ އެމެރިކާ ޑޮލަރު) އާއި، މި ފައިސާ އަޙްމަދު އަޝްފާޤަށް ނުލިބުމުގެ ސަބަބުން މާލީގޮތުން ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި US$750,000.00 (ހަތްލައްކަ ފަންސާސްހާސް އެމެރިކާ ޑޮލަރު) އާއި، މަތީގައި ބަޔާންކުރެވުނު ފައިސާ ކޯޓު މެދުވެރިކޮށް ހޯދަންޖެހުމުގެ ސަބަބުން އެކަމަށް ޚަރަދުވެފައިވާ US$650.00 (ހަސަތޭކަ ފަންސާސް އެމެރިކާ ޑޮލަރު) އާއި، އެކުޖުމްލަ US$2,288,500.00 (ދެމިލިޔަން ދެލައްކަ އަށްޑިހަ އަށްހާސް ފަސްސަތޭކަ އެމެރިކާ ޑޮލަރު) ދަޢުވާލިބޭ ފަރާތުގެ އަތުން އެކީ އެއްފަހަރާ ހޯދުމަށް އެދި އަޙްމަދު އަޝްފާޤުގެ ފަރާތުން ގްލެޑޯނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ދަޢުވާ ކުރުމުން ބަލައިފައިވާ މައްސަލައެއްކަމާ،

އެ ޤަޟިއްޔާގައި ޙުކުމް ކޮށްފައިވަނީ "ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކަށާއި ހުށަހެޅިފައިވާ ބަޔާންތަކަށާއި ލިޔުންތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، އަޙްމަދު އަޝްފާޤުއާއި، ގްލެޑޯނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ފުށިވެލާވަރު ރިސޯޓަށް ގަސް ސަޕްލައިކޮށްދިނުމާ ބެހޭގޮތުން އެއްބަސްވެ ސޮއިކޮށްފައިވާ އެގްރީމެންޓެއް ވުޖޫދުގައި ނެތްހިނދު، މި ދަޢުވާގައި ބަޔާންކޮށްފައިވާ ފަދަ ވިޔަފާރީގެ މުޢާމަލާތެއް މި ދެ ފަރާތުގެ ދެމެދު ހިނގާފައި ނުވާކަމަށް ބުނެ، ދަޢުވާލިބޭ ގްލެޑޯނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މި ދަޢުވާއަށް އިންކާރު ކޮށްފައިވާކަމާއި، ދަޢުވާކުރާ ފަރާތުން މި ދަޢުވާގައި ބަޔާންކޮށްފައިވާ ވިޔަފާރީގެ މުޢާމަލާތުގެ ދަށުން ދަޢުވާކުރާ ފަރާތުން ފުށިވެލާވަރު ރިސޯޓަށް ސަޕްލައިކޮށްދީފައިވާ ކަމަށް ދަޢުވާގައި ބަޔާންކޮށްފައިވާ ގަސްތައް ފުށިވެލާވަރު ރިސޯޓަށް ރައްދުކޮށްދީފައިވާކަން އެނގޭ ކިތާބީ ހެއްކެއް ދަޢުވާކުރާ ފަރާތުން ހުށަހަޅާފައިނުވާހިނދު، ދަޢުވާކުރާ ފަރާތުން ފައިސާ ހޯދުމަށް އެދިފައިވާ ގަސްތައް އަޙްމަދު އަޝްފާޤުގެ ފަރާތުން ފުށިވިލާވަރު ރިސޯޓަށް ސަޕްލައި ކޮށްފައިވާކަން ޝަރީޢަތަށް ސާބިތުވާ ފަދަ ކާފީ ހެކިބަހެއް ދަޢުވާކުރާ ފަރާތުން ދަޢުވާ ސާބިތުކުރުމަށްޓަކައި ހުށަހަޅާފައިވާ ހެކިންގެ ބަހުންވެސް ލިބިފައި ނުވާތީ، މި ދަޢުވާގައި ބަޔާންވެގެންވާ ވިޔަފާރީގެ މުޢާމަލާތާ ގުޅިގެން ގްލެޑޯނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ކިބައިން ލިބިގަތުމަށް އަޙްމަދު އަޝްފާޤު އެދިފައިވާ ފައިސާއަކީ ގްލެޑޯނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އަޙްމަދު އަޝްފާޤަށް ދޭންޖެހޭ ފައިސާއެއްކަމަށް ޝަރީޢަތުން ކަނޑައަޅައިދޭނެ ޤާނޫނީ އަދި ޝަރުޢީ ހަމައެއް ނެތްކަމަށް ކަނޑައަޅައި ......." ކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގޭކަމާ،

ސިވިލް ކޯޓުގެ އިސްވެ ޙަވާލާދެވުނު ނަންބަރު 2233/Cv-C/2013 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާގޮތަށް ނޫންކަމަށް ބުނެ، އަޙްމަދު އަޝްފާޤުގެ ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި، ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ހައިކޯޓުން ބަލައި ނިންމާފައިވާ އެ ކޯޓުގެ ނަންބަރު 2015/HC-A/261 ޤަޟިއްޔާގެ ޙުކުމުގައި ވަނީ "ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންކަން އެގޮތަށް ހުރުމާއެކު، އަޙްމަދު އަޝްފާޤު ސިވިލް ކޯޓުގެ ނަންބަރު 2233/Cv-C/2013 ޤަޟިއްޔާ އިސްތިއުނާފުކުރަމުން ހުށަހެޅި ނުކުތާތަކުގެ މައްޗަށް ބިނާކޮށް އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލުކޮށް، ސިވިލް ކޯޓުގެ ނަންބަރު 2233/Cv-C/2013 ޤަޟިއްޔާގައި ހުށަހެޅުނު ހެކިންގެ ހެކިބަހަށާއި ލިޔުންތަކަށް ރިޢާޔަތްކޮށް އަޙްމަދު އަޝްފާޤުގެ ފަރާތުން ފުށިވެލާވަރު ރިސޯޓަށް ސަޕްލައިކުރި ގަސްތަކެއް ގްލެޑޯނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވާކަން ސާބިތުވާކަމަށް ކަނޑައަޅައި، އެ ގަސްތަކަށް ގްލެޑޯނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އަޙްމަދު އަޝްފާޤަށް ދައްކަންޖެހޭ ފައިސާގެ މިންވަރު ބަލައި، ބުނެވުނު ފައިސާ ނުލިބުމުގެ ސަބަބުން އަޙްމަދު އަޝްފާޤަށް ލިބުނުކަމަށް ބުނާ ގެއްލުމުގެ ބަދަލަކީ ނަގައިދޭންޖެހޭނެ ބަދަލެއްތޯއާއި ބަދަލު ނަގައިދޭންޖެހޭނަމަ ބަދަލުގެ މިންވަރާއި މިކަންކަމަށް ޝަރީޢަތުން ގޮތެއް ކަނޑައެޅުމަށްޓަކައި، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން ސިވިލް ކޯޓަށް މި މައްސަލަ ތަޙުވީލުކޮށް، މި މައްސަލަ އަލުން ބެލުމަށް ކަނޑައަޅައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ." މިފަދައިން ކަން އެނގެން އޮވެއެވެ.

(ށ) ދެވަނަ ކަމަކީ، ހައިކޯޓުގެ ބުނެވިދިޔަ ނަންބަރު 2015/HC-A/261 ޤަޟިއްޔާގެ ޙުކުމް ބިނާވެގެންވަނީ ޝަރީޢަތް ނުވަތަ ޤާނޫނާ ޚިލާފުވާ ގޮތަށްކަމަށް ބުނެ، އިލްތިމާސްކުރާ ފަރާތުން މައިގަނޑު ހަތް ނުކުތާއެއް ހުށަހަޅައި އެ ނުކުތާތަކާ ގުޅޭގޮތުން ވާހަކަ ދައްކާފައިވެއެވެ. އެ ނުކުތާތަކަކީ؛

1. ގްލެޑޯނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އަޙްމަދު އަޝްފާޤާ ދެމެދު ފުށިވެލާވަރަށް ގަސް ސަޕްލައިކުރުމާބެހޭ އެއްބަސްވުމެއް ޤާއިމުވެފައިވާކަމަށް ހައިކޯޓުން ކަނޑައަޅާފައިވަނީ ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 06 ވަނަ މާއްދާއާއި އެ ޤާނޫނުގެ މަފްޙޫމާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއާއި،

2. ގްލެޑޯނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އަޙްމަދު އަޝްފާޤާ ދެމެދު ފުށިވެލާވަރަށް ގަސް ސަޕްލައިކުރުމާބެހޭ އެއްބަސްވުމެއް ޤާއިމުވެފައިވާކަމަށް ހައިކޯޓުން ކަނޑައަޅާފައިވަނީ އިސްލާމީ ޝަރީޢަތުގެ އަޞްލުތަކާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއާއި،

3. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/23 ޤަޟިއްޔާގައި ސުޕްރީމް ކޯޓުން ކަނޑައަޅުއްވާފައިވާ އުޞޫލުތަކަށް ރިޢާޔަތްކުރެއްވުމެއް ނެތި ގްލެޑޯނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އަޙްމަދު އަޝްފާޤާ ދެމެދު ފުށިވެލާވަރަށް ގަސް ސަޕްލައިކުރުމާބެހޭ އެއްބަސްވުމެއް ޤާއިމުވެފައިވާ ކަމަށް ހައިކޯޓުން ކަނޑައަޅުއްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއާއި،

4. ކުރިންވެސް އިޝާރާތްކުރެވުނު ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/23 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލުތަކަށް ރިޢާޔަތްކުރުމެއް ނެތި ކޮންޓްރެކްޓުގައި ނުހިމެނޭ 3 ވަނަ ފަރާތަކުން ކޮންޓްރެކްޓުގެ ބައިވެރިންގެ މައްޗަށް ދަޢުވާ ނުކުރެވޭނެ ނުވަތަ ޕްރިވިޓީ އޮފް ކޮންޓްރެކްޓު ކަމަށް ބުނާ ޤާނޫނީ މަބްދައުއާ ޚިލާފަށް މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއާއި،

5. ޤާނޫނު ނަންބަރު 06/91 (މުދާ ވިއްކުމާބެހޭ ޤާނޫނު) އާ ޚިލާފަށްށ.ފޯކައިދޫ / އައްސޭރި، އަޙްމަދު އަޝްފާޤާއި ގްލެޑޯނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު އެއްބަސްވުމެއް އުފެދިފައިވާކަމަށް ހައިކޯޓުން ކަނޑައަޅުއްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއާއި،

6. އަޙްމަދު އަޝްފާޤުގެ ފަރާތުން ގްލެޑޯނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ފޯރުކޮށްދީފައިވާ ގަސްތަކުގެ މިލްކުވެރިކަން އަޙްމަދު އަޝްފާޤަށް ލިބިގެން ނުވާހިނދު އެ މުޢާމަލާތަކީ ޤާނޫނު ނަންބަރު 6/91 (މުދާ ވިއްކުމުގެ ޤާނޫނު) އާ ޚިލާފު ބާޠިލު މުޢާމަލާތެއްކަމަށް ބުނެ ހުށަހެޅި ނުކުތާއާއި،

7. މައްސަލަ ނިންމުމަށް ވާޞިލުވުމުގައި ޝަރީޢަތުން ފާހަގަކުރި ނުކުތާތަކުގައި މައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކާއި ހެކިތަކުން ފެންނަން އޮތް ޙަޤީޤަތްތަކާއި ޚިލާފަށް ނިންމުންތައް ނިންމަވާފައިވުމުން އެއީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާއި ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރާ ޚިލާފު ނިންމެވުމެއް ކަމަށް ބުނެ ހުށަހެޅި ނުކުތާއާ، މި ނުކުތާތައްކަން އެނގެން އޮވެއެވެ.

(ނ) ތިންވަނަ ކަމަކީ، މަދަނީ އިލްތިޒާމްތަކުގެ އެންމެ މުހިއްމު އެއް މަޞްދަރަކީ "އަޤްދު" ނުވަތަ ކޮންޓްރެކްޓް ކަމާއި، ކޮންޓްރެކްޓަކީ ދެ ޝަޚްޞުންގެ ނުވަތަ އެއަށްވުރެ ގިނަ ޝަޚްޞުންގެ މެދުގައި، ކަމެއް ކުރުމުގެ ނުވަތަ ކަމެއް ކުރުމުން މަނާވެގަތުމުގެ ޤާނޫނީ އިލްތިޒާމު އުފުލުމަށް ވެވޭ އެއްބަސްވުމެއްކަމާއި، "އަމުރުކުރަނިވި ނުވަތަ ލާޒިމްކުރަނިވި ޤާނޫނީ ޤާޢިދާ" އަކާ، ނުވަތަ މުޖުތަމަޢުގެ "އައްނިޒާމުލް ޢާންމު" ނުވަތަ "އާދާބުލް ޢާންމު" އާ ގުޅިފައިވާ ޤާނޫނީ ޤާޢިދާއަކާ ޚިލާފު ނުވާގޮތަށް، ކޮންޓްރެކްޓުގެ ރުކުންތައް ފުރިހަމަވެގެން ކުރެވޭ ކޮންމެ ކޮންޓްރެކްޓެއް ނުވަތަ އެއްބަސްވުމެއް، ރަނގަޅު ނިޔަތުގައި ތަންފީޒުކުރުމަކީ، އިސްލާމީ ޝަރީޢަތުގެ އަސާސީ ޤާޢިދާއެއްކަމަށްވާ "ޢަހުދަށް ވަފާތެރިވުމުގެ ޤާޢިދާ" (قاعدة الوفاء بالعهد) ގެ އިތުރުން، ވަޟްޢީ ނިޒާމްތަކުގައިވެސް އިސްތިޤްރާރުވެފައިވާ ޤާނޫނީ ޢާންމު މަބްދައެއްކަމަށްވާ "ޕެކްޓާ ސަންޓް ސަރވެންޑާ" (Pacta sunt servanda) ގެ މަބްދައުގެ ދަށުން، އެ ކޮންޓްރެކްޓެއްގެ ބައިވެރިންގެ މައްޗަށް ޤާނޫނީގޮތުން ލާޒިމްވެގެންވާ ކަމެއްކަމާއި، ޤާނޫނުގައި ވަކި ޚާއްޞަ ގޮތަކަށް އެކުލަވާލުން ލާޒިމް ނުކުރާ ނުވަތަ ވަކި ޚާއްޞަ ރަސްމީ ސިފައެއްގައި އޮތުން ލާޒިމް ނުކުރާ ކޮންމެ ކޮންޓްރެކްޓަކީ، އެ ކޮންޓްރެކްޓެއްގައި ހިމެނޭ އެއްފަރާތުން އަނެއްފަރާތަށް ހުށަހަޅާ ހުށަހެޅުމެއް، އެ ހުށަހެޅުން ރައްދުވާ ފަރާތުން ޤަބޫލުކުރުމުން ވުޖޫދަށް އަންނަ 'ރިޟާއީ' (consensual) ކޮންޓްރެކްޓެއްކަމާއި، އެފަދަ ކޮންޓްރެކްޓަކީ ޞަރީޙަ (explicit) ކޮށް ނުވަތަ "ޟިމްނީ" (tacit) ކޮށްވެސް ކުރެވިދާނެ ކޮންޓްރެކްޓެއްކަން ތަފާތު ޖުރިސްޑިކްޝަންތަކުގައި އިސްތިޤްރާރުވެފައިވާ ކޮންޓްރެކްޓާބެހޭ ޢާންމު އުޞޫލުތަކަށް ބެލުމުން އެނގެން އޮންނައިރު، މި އުޞޫލުތަކަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ ގިނަ ޤަޟިއްޔާތަކެއްގައި ކަނޑައެޅި ބަޔާންވެފައިވާ އުޞޫލުތަކެއްކަމާ، މި އުޞޫލުތައް އިޖުމާލީގޮތަކަށް ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގައި ބަޔާންކޮށްފައިވާކަން އެ ޤާނޫނުގެ މާއްދާތަކަށް ބެލުމުން އެނގެން އޮންނަކަމެވެ.

(ރ) ހަތަރުވަނަ ކަމަކީ، ގްލެޑޯނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އަޙްމަދު އަޝްފާޤަށް ދަޢުވާ ރައްދުވާގޮތަށް ސުޕްރީމް ކޯޓުގައި އިލްތިމާސްކުރި މި މައްސަލައަކީ، ގްލެޑޯނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އަޙްމަދު އަޝްފާޤާ ދެމެދު ފުށިވެލާވަރު ރިސޯޓަށް ގަސްތަކެއް ފޮނުވުމަށް އަނގަބަހުން އެއްބަސްވުމެއް ވެވިފައިވާކަމަށާއި، ފުށިވެލާވަރު ރިސޯޓަށް ގަސް ގެންގޮސްދިނުމަށް އެދިފައިވަނީ ގްލެޑޯނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ލޭންޑް ސްކޭޕިންގ މެނޭޖަރެއްގެ ގޮތުގައި މަސައްކަތްކުރި އެލީނާ ކޯޓްކޯވާރގެ ފަރާތުން ކަމަށާއި، އެ ގަސްތައް ފުށިވެލާވަރު ރިސޯޓަށް ފޮނުވާފައިވާކަމަށް ބުނެ އަޙްމަދު އަޝްފާޤުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ބަލާފައިވާ މައްސަލައެއްކަމާ ދެ ފަރާތުގެ ދެމެދުގައި އަނގަބަހުން އެއްބަސްވެވުނު ގޮތަށް އަޙްމަދު އަޝްފާޤުގެ ފަރާތުން ފުށިވެލާވަރު ރިސޯޓަށް ގަސްތަކެއް ގެންގޮސްދީފައިވާކަމަށް އަޙްމަދު އަޝްފާޤު ބުނެފައިވީނަމަވެސް، އެފަދަ އެއްވެސް ވިޔަފާރީގެ މުޢާމަލާތެއް ގްލެޑޯނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އަޙްމަދު އަޝްފާޤާ ދެމެދު ހިންގާފައި ނުވާނޭކަމަށް ބުނެ ގްލެޑޯނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެ ދަޢުވާއަށް އިންކާރު ކޮށްފައިވާކަމާއި، ގްލެޑޯނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ލޭންޑް ސްކޭޕިންގ މެނޭޖަރެއްގެ ގޮތުގައި މަސައްކަތްކުރި އެލީނާ ކޯޓްކޯވާރގެ ބަޔާނުގައިވެސް އަޙްމަދު އަޝްފާޤާއެކު އެލީނާ ކޯޓްކޯވާރ، އަޙްމަދު އަޝްފާޤު އެބުނާފަދަ އެއްވެސް މުޢާމަލާތެއް ހިނގާފައި ނުވާނެކަމަށް ބުނެ އިންކާރުކޮށްފައިވާކަން އެނގެން އޮންނަކަމެވެ.

(ބ) ފަސްވަނަ ކަމަކީ، ދަޢުވާގައި ބުނާ ގަސްތައް އަޙްމަދު އަޝްފާޤުގެ ފަރާތުން ފުށިވެލާވަރަށް ގެންދިޔަކަން ސާބިތުކޮށްދިނުމުގެ ގޮތުން އަޙްމަދު އަޝްފާޤުގެ ފަރާތުން ޑެލިވަރީ ނޯޓުތަކެއް ސިވިލް ކޯޓަށް ހުށަހަޅާފައިވާކަމާ، އެ ޑެލިވަރީ ނޯޓުތަކަށް ބަލާއިރު، 6 އޮގަސްޓު 2013 ގައި 506 ބޯކެޔޮ ގަހާއި، 39700 މަގޫގަސް ގެންގޮސްފައިވާކަމަށް ފަސްކަނި ދޯނީގެ ކެޕްޓަން ޙާމިދު އިބްރާހީމް ސޮއިކޮށްފައިވާކަމާ، 12 އޮގަސްޓު 2013 ގައި 60 ބޯކެޔޮ ގަސް ލިބިފައިވާކަމަށް ބުނެ މާޅު ދޯނީގެ ކެޕްޓަން އާދަމް ނަސީމް ސޮއިކޮށްފައިވާ ކަމާއި، 15 އޮގަސްޓު 2013 ގައި ރެހެންދި 2 ދޯނީގައި 920 ބޯކަށިކެޔޮ ގަސް ގެންގޮސްފައިވާކަމަށް ބުނެ އިބްރާހީމް ޙަސަން ސޮއިކޮށްފައިވާ ކަމާއި، 17 އޮގަސްޓު 2013 ގައި 850 ބޯކަށިކެޔޮ ގަސް ލިބިފައިވާކަމަށް ބުނެ މާޅު ދޯނީގެ ކެޕްޓަން އާދަމް ނަސީމް ސޮއިކޮށްފައިވާކަމާއި، 18 އޮގަސްޓު 2013 ގައި ރެހެންދި 2 ދޯނީގައި 840 ބޯކަށިކެޔޮގަސް ގެންގޮސްފައިވާކަމަށް އިބްރާހީމް ޙަސަން ސޮއިކޮށްފައިވާ ކަމާއި، އަދި 26 އޮގަސްޓު 2013 ގައި 1350 ބޯކެޔޮގަސް ލިބިފައިވާކަމަށް ނިޢުމަތު ދޯނީގެ ފަރާތުން މޫސާ ސީރީން ސޮއިކޮށްފައިވާކަން، ބުނެވުނު ޑެލިވަރީ ނޯޓުތަކަށް ބެލުމުން އެނގެން އޮންނަކަމާއި، ބުނެވުނު ޑެލިވަރީ ނޯޓުތަކުގައި ސޮއިކޮށްފައިވަނީ ގްލެޑޯނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބުނެގެން ނޫންކަން ޑެލިވަރީ ނޯޓުތަކުގައި ސޮއިކޮށްފައިވާ އިސްވެ ބަޔާންކުރެވުނު ފަރާތްތަކުގެ ބަހުންވެސް އެނގެން އޮތްއިރު، އަޙްމަދު އަޝްފާޤު ގްލެޑޯނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އެއްވެސް އިރެއްގައި ގަސްތަކެއް ޑެލިވަރީ ކޮށްފައިނުވާކަމަށާއި، އަޙްމަދު އަޝްފާޤު ގަސް ސަޕްލައި ކުރުމުގެ މަސައްކަތް ކޮށްފައިވަނީ މުޙައްމަދު ސަޢީދު ކިޔާ މީހަކާ ޙަވާލުކުރެވުނު ކޮންޓްރެކްޓެއްގެ ދަށުން މުޙައްމަދު ސަޢީދުގެ އެޖެންޓެއްގެ ގޮތުގައިކަމަށާއި، ގަސް ސަޕްލައި ކުރުމުގެ މަސައްކަތް ދަޢުވާގައި ބުނާ ދުވަސްވަރު ޙަވާލުކުރެވިފައި އޮތީވެސް، މުޙައްމަދު ސަޢީދުއާ ކަމަށް ގްލެޑޯނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބުނެފައިވާކަމާއި، އަޙްމަދު އަޝްފާޤު ސިވިލް ކޯޓަށް ހުށަހެޅި އިންވޮއިސްތަކަކީ އެއްވެސް އިރެއްގައި ގްލެޑޯނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވާ އިންވޮއިސްތަކެއް ނޫންކަމަށް ގްލެޑޯނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބުނެފައިވާކަން އެނގެން އޮންނަކަމެވެ.

(ޅ) ހަވަނަ ކަމަކީ، ގްލެޑޯނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ފުށިވެލާވަރަށް ގަސްތައް ސަޕްލައި ކޮށްދިން ފަރާތްކަމަށް ގްލެޑޯނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބުނާ، މުޙައްމަދު ސަޢީދު ގްލެޑޯނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ހުށަހެޅި އިންވޮއިސްއެއްކަމަށް ބުނެ، ޑޮކިއުމެންޓު 1 ގެ ގޮތުގައި ގްލެޑޯނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ލިޔުމަށާއި އަޙްމަދު އަޝްފާޤުގެ ފަރާތުން ހުށަހެޅި ޑެލިވަރީ ނޯޓްސްތަކާ އަޅާ ކިޔާއިރު، ޑެލިވަރީ ނޯޓުތަކުގައި ފާހަގަކޮށްފައިވާ ތާރީޚުތަކާއި ގަސްތައް އުފުލިކަމަށް ބުނާ ދޯނިތަކުގެ ނަންތަކާއި އެ ގަސްތަކުގެ ޢަދަދުތަކުގެ މެދުގައި ވަރަށް ކުޑަ ތަފާތެއް ފިޔަވައި އެއްވެސް ތަފާތެއް ނެތްކަން އެ ލިއުންތަކަށް ބެލުމުން އެނގެން އޮންނަކަމާ، ހަމައެކަނި އޮތް ތަފާތަކީ 17 އޯގަސްޓު 2013 ގައި މާޅު ދޯނީގައި ސަޕްލައި ކުރިކަމަށް ބުނާ ގަސްތަކުގެ ޢަދަދު 840 ގެ ބަދަލުގައި 850 ޑެލިވަރީ ނޯޓުގައި ހިމަނާފައިވުން އެކަނިކަން، ހައިކޯޓުގެ ނަންބަރު 2015/HC-A/261 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓުގައިވެސް ފާހަގަކޮށްފައިވާކަމާ، ބުނެވުނު ގަސްތަކަކީ ގްލެޑޯނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވާ ގަސްތަކެއްކަމަށް ގްލެޑޯނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުންވެސް އެއްބަސްވާކަމާއި، އެހެންނަމަވެސް އެއީ މުޙައްމަދު ސަޢީދުގެ ފަރާތުން ފޮނުވި ގަސްތަކެއްކަމަށާއި، އިސްވެ ބުނެވުނު އިންވޮއިސްއަކީ މުޙައްމަދު ސަޢީދުގެ ފަރާތުން ހުށަހަޅާފައިވާ އިންވޮއިސްއެއް ކަމަށާއި، ގްލެޑޯނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބުނެވުނު އިންވޮއިސްގައި ހިމެނޭ ގަސްތަކުގެ ތެރެއިން ބޭނުން ނުކުރެވޭ ގަސްތައް (ހަލާކުވެފައި ހުރި ގަސްތައް / މަރުވެފައި ހުރި) އުނިކޮށް އިންވޮއިސްއަށް ބަދަލު ގެނެސް "އެމެންޑެޑް އިންވޮއިސް" އެއް ތައްޔާރުކޮށް އެގޮތުގެމަތިން މުޙައްމަދު ސަޢީދަށް ފައިސާ ދައްކައި ޚަލާޞްކޮށްފައިވާކަމަށް ގްލެޑޯނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބުނެފައިވާކަމާ، އެމެންޑެޑް އިންވޮއިސްއެއް ކަމަށް ގްލެޑޯނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބުނެ، ހުށަހެޅި ލިޔުމުގައި ބަޔާންކޮށްފައިވާ ޢަދަދުތަކާ ގްލެޑޯނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅި މުޙައްމަދު ސަޢީދުގެ އިންވޮއިސްކަމަށް ބުނާ އިންވޮއިސްގައި ބަޔާންކޮށްފައިވާ ޢަދަދުތަކާ ދިމާނުވަނީ ހަލާކުވެފައި ހުރި ގަސްތަކާ މަރުވެފައި ހުރި ގަސްތައް އުނިކުރުމުން ކަމަށާއި، އިޝާރާތް ކުރެވުނު ގަސްތަކަށްވާ ފައިސާ މުޙައްމަދު ސަޢީދަށް ދައްކައި ޚަލާޞްކޮށްފައިވާކަމަށާ އެކަން އެނގޭނޭ ލިޔުންތައް ކަމަށް ބުނެ، ގްލެޑޯނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެ ލިޔުންތައް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާކަން އެނގެން އޮންނަކަމެވެ.

(ކ) ހަތްވަނަ ކަމަކީ، ގްލެޑޯނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އަޙްމަދު އަޝްފާޤަށް ދަޢުވާ ރައްދުވާގޮތަށް ސުޕްރީމް ކޯޓުގައި އިލްތިމާސްކޮށްފައިވާ މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅި ފަރާތަކީ އަޙްމަދު އަޝްފާޤުކަމާ، މި ދަޢުވާ ސާބިތުކުރުމަށް އަޙްމަދު އަޝްފާޤުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ ހެކިން ސިވިލް ކޯޓަށް ޙާޟިރުކޮށްފައިވާކަމާ، އެގޮތުން ހެއްކެއްގެ ގޮތުގައި ސިވިލް ކޯޓަށް ޙާޟިރުކޮށްފައިވާ ޢަލީ ޙަމީދު ސިވިލް ކޯޓުގައި ދީފައިވާ ހެކިބަހަށް ބަލާއިރު ބުނެފައިވަނީ، "ފުށިވެލާވަރު ރިސޯޓަށް އަޙްމަދު އަޝްފާޤު އެތައް ފަހަރެއްގެ މަތިން ގަސް ފޮނުވާފައިވާކަން މީނާއަށް އެނގޭ ކަމަށާއި، މިގޮތުން ގާތްގަނޑަކަށް ފަސް މަސްދުވަސް ވަންދެން ގަސް ފޮނުވިކަން އެނގޭކަމަށާއި، އެންމެ ފަހުން ގަސް ފޮނުވާފައިވަނީ މިދިޔަ ރަމަޟާންމަހު ކަމަށާއި، ގަސް ފޮނުވަނީ ފުށިވެލާވަރު ރިސޯޓުން ފޮނުވާ ދޯންޏަކަށް ގަސް އަރުވައިގެން ކަމަށާއި، އަދި ދެފަހަރެއްގެ މަތިން އަޙްމަދު އަޝްފާޤު ގަސްތަކާއެކު ފުށިވެލާވަރު ރިސޯޓަށް ގޮސްފައިވާކަން ޢަލީ ޙަމީދަށް އެނގޭކަމަށާ، އަދި މިގޮތުން ފޮނުވާފައިވަނީ ކިތައް ގަސްކަން ޢަލީ ޙަމީދަށް ނޭނގޭ ކަމަށާއި، ބޯކެޔޮގަހެއްގެ އަގަކީ 250$ (ދުއިސައްތަ ފަންސާސް އެމެރިކާ ޑޮލަރު) ކަމަށާއި، މަގޫގަހެއްގެ އަގަކީ 10$ (ދިހައެއް އެމެރިކާ ޑޮލަރު) ކަން އެނގޭކަމަށާއި، މީނާއަށް މިކަން އެނގެނީ އަޙްމަދު އަޝްފާޤާއި ފުށިވެލާވަރު ރިސޯޓުން ފޯނުން ގުޅާ މީހާއާ ދެމެދު ދެކެވޭ ވާހަކަ ޢަލީ ޙަމީދަށް އިވިފައިވާތީކަމަށް ޢަލީ ޙަމީދު ބުނެފައިވާކަމާ،

ސިވިލް ކޯޓުގައި ހެކިބަސް ދީފައިވާ ޙާމިދު އިބްރާހީމް ދީފައިވާ ހެކިބަހަށް ބަލާއިރު، "އަޙްމަދު އަޝްފާޤު ފުށިވެލާވަރު ކިޔާ ރިސޯޓަކަށް ގަސްތަކެއް ސަޕްލައި ކުރިކަން ޙާމިދު އިބްރާހީމަށް އެނގޭކަމަށާއި، އެކަން އެނގޭ ގޮތަކީ "ފަސްކަނި" ކިޔާ ދޯންޏެއްގައި ފުށިވެލާވަރަށް މުދާތަކެއް ހިފައިގެން ޙާމިދު އިބްރާހީމް ދިއުމުން އެ މުދާ ހުސްކޮށްފައި މަޑިކުރެއްދޫއަށް ގޮސްދިނުމަށް ފުށިވެލާވަރު ރިސޯޓުގެ ފަރާތުން ބުނުމުން އެ ރަށަށް ގޮސް އަޙްމަދު އަޝްފާޤުމެން އެ ރަށުން ގަސް ބަރުކޮށްދިނުމުން އެ ރިސޯޓަށް އެ ގަސްތައް ގެންގޮސްދީފައިވާތީ ކަމަށާއި، އެ ރަށަށް (މަޑިކުރެއްދޫ) ގަސް ބަލައި ދާން އެންގީ ފުށިވެލާވަރު ރިސޯޓުގައި އޭރު ދޯނިފަހަރު ތަންތަނަށް ފޮނުވުމަށް ހުންނަ ސިނާން ކިޔާ މީހެއް ކަމަށާއި، އެ ދޯނީގައި މަޑިކުރެއްދޫއިން ގަސް ހިފައިގެން ފުށިވެލާވަރަށް އޭނާ ކުރީ އެންމެ ދަތުރެއްކަމަށާއި، އެ ދަތުރުގައި ގެންދިޔައީ މަގޫގަހާއި ބޯށިގަސްކަމަށާއި، އެ ގަސްތައް ޙަވާލުވުމަށްފަހު ޑެލިވަރީ ނޯޓެއް ދޫކުރުމަށް އެ ރިސޯޓުން އޭނާއަށް އަންގާފައި ނުވާކަމަށާއި، އަޙްމަދު އަޝްފާޤުގެ ފަރާތުން އެ ދަތުރުގައި ގަސްތައް އަރުވާފައި ޑެލިވަރީ ނޯޓެއްގައި އޭނާ ލައްވައި ސޮއިކުރުވި ކަމަށާއި، ނަމަވެސް ރިސޯޓުން ގަސްތަކާ ޙަވާލުވުމަށްފަހު އެއްވެސް ލިޔުމެއް ނުދޭކަމަށް" ބުނެފައިވާކަން އެނގެން އޮންނަކަމާ،

އަޙްމަދު އަޝްފާޤުގެ ފަރާތުން ހެއްކެއްގެ ގޮތުގައި ޙާޟިރުކުރެވުނު އިބްރާހީމް ނަޢީމް ސިވިލް ކޯޓުގައި ދީފައިވާ ހެކިބަހަށް ބަލާއިރު، "އަޙްމަދު އަޝްފާޤުގެ ފަރާތުން ފުށިވެލާވަރު ރިސޯޓަށް ގަސްތަކެއް ފޮނުވިކަން އެނގޭކަމަށާއި، އެކަން އެނގޭގޮތަކީ އޭނާއަކީ އެ މަސައްކަތުގައި ޙަރަކާތްތެރިވި މީހެއްކަމުގައިވާތީ ކަމަށާއި، އެ ގަސްތައް ބަރުކުރުމަށް ދެ ތިން ދުވަހަކު އޭނާވެސް ދިޔަކަމަށާއި، ނަމަވެސް އެ ގަސްތައް ބަރުކޮށްގެން ގެންދަނީ ފުށިވެލާވަރަށްކަން އޭނާއަށް ނޭނގޭކަމަށާއި، އެ ގަސްތައް ރިސޯޓަށް ގެންދާ ވާހަކަ ބުނީ އަޙްމަދު އަޝްފާޤު ކަމަށް އިބްރާހީމް ނަޢީމް ބުނެފައިވާ ކަމާ،

އަދި ހެއްކެއްގެ ގޮތުގައި އަޙްމަދު އަޝްފާޤުގެ ފަރާތުން ޙާޟިރުކުރިށ.ފޯކައިދޫ / ގުލްހަޒާރުގެ، ޢަލީ ޒަރީރު ސިވިލް ކޯޓުގައި ދީފައިވާ ހެކިބަހަށް ބަލާއިރު، "އަޙްމަދު އަޝްފާޤު ފުށިވެލާވަރު ރިސޯޓު ކިޔާ ރަށަކަށް ގަސްތަކެއް ސަޕްލައި ކުރިކަން ޢަލީ ޒަރީރަށް އެނގޭކަމަށާއި، އެކަން އެނގެނީ އެ ގަސްތައް ގެންދަނީ ފުށިވެލާވަރު ރިސޯޓަށްކަމަށް އަޙްމަދު އަޝްފާޤު ބުނެފައިވާތީ ކަމަށާއި، އަދި އަޙްމަދު އަޝްފާޤާއެކު އުޅަނދަށް ގަސް ބަރުކުރުމުގެ މަސައްކަތުގައި ގާތްގަނޑަކަށް މަހެއްހާ ދުވަސްވަންދެން މަސައްކަތް ކޮށްފައިވާކަމަށާއި، އެ ގަސްތައް ބަރުކުރަނީ ފުށިވެލާވަރަށް ގެންދާ މުދާ އުފުލާ އުޅަނދަކަށް ކަމަށާއި، ގެންދިޔައީ ކިހާ ގަހެއްކަން ޢަލީ ޒަރީރަށް ނޭނގޭކަމަށް" ޢަލީ ޒަރީރު ބުނެފައިވާކަން އެނގެން އޮންނަކަމެވެ.

(އ) އަށްވަނަ ކަމަކީ، އަޙްމަދު އަޝްފާޤުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ ސާބިތުކުރުމަށް އެ ކޯޓަށް ޙާޟިރުކޮށްފައިވާ ބަޔާންވެދިޔަ ހެކިންގެ ހެކިބަހަށް ބަލާއިރު، މިމީހުންގެ ތެރެއިން ޙާމިދު އިބްރާހީމް ފިޔަވައި ދެންތިބި ފަރާތްތަކަކީ އަޙްމަދު އަޝްފާޤާއެކު މަޑިކުރެއްދޫއިން އުޅަނދުފަހަރަށް ގަސް ބަރުކުރުމުގެ މަސައްކަތުގައި ބައިވެރިވެފައިވާ ބައެއްކަމާއި، މިމީހުންނަށް ހަމައެކަނި އެނގޭ މިންވަރަކީ ފުށިވެލާވަރު ރިސޯޓަށް ގެންދިއުމަށްކަމަށް ބުނެ އަޙްމަދު އަޝްފާޤު އުޅަނދުފަހަރަށް ގަސްތަކެއް ބަރުކުރާކަން ކަމާއި، އެ ގަސްތައް ގެންދަނީ ފުށިވެލާވަރަށްކަން އެނގޭކަމަށް އެމީހުން ބުނެފައިވަނީ އެ ގަސްތައް ގެންދަނީ ފުށިވެލާވަރު ރިސޯޓަށްކަމަށް އަޙްމަދު އަޝްފާޤު ބުނެފައިވާތީ އެ ބުނުމުގެ މައްޗަށްކަން މި މީހުންގެ ބަހުން އެނގޭކަމާއި، އަދި މިއިން އެއްވެސް ފަރާތަކީ އެ ގަސްތައް ހިފައިގެން ފުށިވެލާވަރަށް ދިޔަ އެއްވެސް ދަތުރެއްގައި ބައިވެރިވެފައިވާ ފަރާތެއް ނޫންކަން މިމީހުންގެ ހެކިބަހުން އެނގޭތީ، މި ހެކިވެރިންގެ ހެކިބަހަކީ މި ދަޢުވާގައި އަޙްމަދު އަޝްފާޤު ފައިސާ ހޯދުމަށް އެދި ހުށަހަޅާފައިވާ ގަސްތަކަކީ އަޙްމަދު އަޝްފާޤާއި ގްލެޑޯނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އަޙްމަދު އަޝްފާޤުގެ ފަރާތުން ފުށިވެލާވަރު ރިސޯޓަށް ގެންގޮސްފައިވާ ގަސްތަކެއްކަން ޝަރީޢަތަށް ސާބިތުކުރުމުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތީން އެއްވެސް މިންވަރެއްގެ ހެކިބަހެއް ލިބިފައިވާކަމަށް ބެލެވެން ނެތްކަން އެނގެން އޮންނަކަމެވެ.

(ވ) ނުވަވަނަ ކަމަކީ، ބަޔާންވެދިޔަ ހެކިވެރިންގެ ތެރެއިން ޙާމިދު އިބްރާހީމް ދީފައިވާ ހެކިބަހަށް ބަލާއިރު، "ފަސްކަނި" ނަމަކަށް ކިޔާ ދޯންޏެއްގައި ފުށިވެލާވަރަށް މުދާތަކެއް ހިފައިގެން ޙާމިދު އިބްރާހީމް ދިއުމުން އެ މުދާ ހުސްކޮށްފައި މަޑިކުރެއްދޫއަށް ގޮސްދިނުމަށް ފުށިވެލާވަރު ރިސޯޓުގެ ފަރާތުން އެދުމުން އެ ރަށަށް ގޮސް އަޙްމަދު އަޝްފާޤުމެން އެ ރަށުން ގަސްބަރުކޮށް ދިނުމުން ފުށިވެލާވަރު ރިސޯޓަށް އެ ގަސްތައް ގެންގޮސްދިންކަމަށް ބުނެފައިވާކަމާއި ދަޢުވާކުރާ ފަރާތުން މި މައްސަލައިގައި ހުށަހަޅާފައިވާ ޑެލިވަރީ ނޯޓުތަކުގެ ތެރެއިން އެއް ނޯޓަކީ ޙާމިދު އިބްރާހީމް ސޮއިކޮށްފައިވާ ނޯޓެއްކަމަށާއި، އެ ނޯޓުގައި ޙާމިދު އިބްރާހީމް ގަސްތައް ލިބުނުކަމަށް ސޮއިކޮށްފައިވަނީ ފުށިވެލާވަރުން އެފަދަ ލިޔުމެއް ދޫކުރުމަށް އަންގައިގެން ނޫންކަމަށާއި، ޑެލިވަރީ ނޯޓަކީ އަޙްމަދު އަޝްފާޤުގެ ފަރާތުން ދީފައިވާ ނޯޓެއްކަމަށާއި، ފުށިވެލާވަރަށް ގަސްތައް ގެންދިއުމުން އެ ރިސޯޓުގެ ފަރާތުން ގަސްތަކާ ޙަވާލުވުމަށްފަހު ގަސްތައް ލިބުނުކަމުގެ އެއްވެސް ލިޔުމެއް ދީފައި ނުވާކަމަށާއި، އަދި ފުށިވެލާވަރަށް ދާއިރު އެތަނުން ގަސްތައް ޙަވާލުކުރުމަށް ވަކިމީހެއް ދައްކާފައި ނުވާކަމަށާއި، އެ ދަތުރުގައި ގެންދިޔައީ މަގޫގަހާއި ބޯށިގަސްކަމަށް ޙާމިދު އިބްރާހީމް ބުނެފައިވާކަން އެނގެން އޮންނައިރު ޙާމިދު އިބްރާހީމުގެ ބަހުންވެސް ގްލެޑޯނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އަޙްމަދު އަޝްފާޤާ ދެމެދު ފުށިވެލާވަރު ރިސޯޓަށް ގަސްތަކެއް ސަޕްލައިކުރުމާ ބެހޭގޮތުން މި ދެފަރާތުގެ ދެމެދުގައި އެއްވެސް އެއްބަސްވުމެއް ވެވިފައިވާކަން ޙާމިދު އިބްރާހީމަށް އެނގިފައި ނުވާކަން އޭނާގެ ބަހުން އެނގެން އޮންނަކަމެވެ.

(މ) ދިހަވަނަ ކަމަކީ، އަޙްމަދު އަޝްފާޤުގެ ފަރާތުން ހެކިންގެ ގޮތުގައި ހުށަހެޅި ފަރާތްތަކެއް ކަމުގައިވާ ފުށިވެލާވަރު ރިސޯޓުގައި ޗީފް އެކައުންޓެންޓެއްގެ ގޮތުގައި މަސައްކަތްކުރި އިންޑިޔާގެ ރައްޔިތެއްކަމުގައިވާ ބިޕްލޮބް ކުމާރު ސަންޕުއި އާއި، ލޭންޑް ސްކޭޕިންގ މެނޭޖަރެއްގެ ގޮތުގައި މަސައްކަތްކުރި އެލީނާ ކޯޓްކޯވާރ އާއި، ޓްރާންސްޕޯޓު ސްޕަވައިޒަރެއްގެ ގޮތުގައި މަސައްކަތްކުރި އިބްރާހީމް ސިނާން އާއި، ޕްރޮޖެކްޓު ކޯޑިނޭޓަރެއްގެ ހައިޘިއްޔަތުން މަސައްކަތްކުރި މުޙައްމަދު ޝަރީފު ޙާޟިރުކޮށް ހެކިބަސް ނެގިފައިވާއިރު، ފުށިވެލާވަރު ރިސޯޓަށް ގަސް ސަޕްލައި ކުރުމަށްޓަކައި ދަޢުވާކުރާ އަޙްމަދު އަޝްފާޤާއެކު އެއްވެސް މުޢާމަލާތެއް ކޮށްފައިވާކަން މިއިން އެއްވެސް ފަރާތަކަށް އެނގިފައި ނުވާކަމަށާއި، އަޙްމަދު އަޝްފާޤު ކިޔާ މީހަކުގެ ފަރާތުން އެ ރަށަށް ގަސްތަކެއް ގެންގޮސްފައިވާކަން މިއިން އެއްވެސް ފަރާތަކަށް އެނގިފައި ނުވާކަމަށް ބަޔާންވެދިޔަ ފަރާތްތަކުން ދަށު ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެ ހެކިބަސް ދީފައިވާކަމާއި، އެފަރާތްތަކަކީ ދަޢުވާކުރާ ފަރާތުން ފުށިވެލާވަރު ރިސޯޓަށް ގަސް ގެންދިޔަކަމަށް ބުނާ ދުވަސްވަރު އެ ރިސޯޓުގައި އެފަދަކަންކަން ބެލެހެއްޓުމުގެ ޒިންމާ އަދާކުރަމުންދިޔަ ފަރާތްތައްކަން އެފަރާތްތަކުގެ ހެކިބަހުން އެނގެން އޮންނަކަމެވެ.

(ފ) އެގާރަވަނަ ކަމަކީ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވިދިޔަ އެންމެހައި ކަންކަމުގެ މައްޗަށް ނަޒަރުކޮށް ބަލާއިރު ސިވިލް ކޯޓުގެ އިޝާރާތް ކުރެވުނު ނަންބަރު 2233/Cv-C/2013 ޤަޟިއްޔާގެ ދަށުން ދަޢުވާ ހުށަހަޅާފައިވާ ފަރާތަކީ އަޙްމަދު އަޝްފާޤު ކަމަށްވެފައި އަދި ދަޢުވާލިބޭ ފަރާތަކީ ގްލެޑޯނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑު ކަމަށްވާއިރު، އަޙްމަދު އަޝްފާޤު ކޮށްފައިވާ ދަޢުވާއަށް ބަޔާންވެދިޔަ ގޮތުގެމަތިން ގްލެޑޯނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އިންކާރު ކޮށްފައިވާއިރު، އަޙްމަދު އަޝްފާޤުގެ ފަރާތުން މި ދަޢުވާ ސާބިތުކުރުމަށް ކިތާބީ ހެކީގެ ގޮތުގައާއި ޝަފަހީ ހެކީގެ ގޮތުގައި ހުށަހެޅި ހެކިތަކަށް ބަޔާންވެދިޔަ ގޮތުގެމަތިން ޝަރީޢަތުން ނަޒަރުކޮށް ބެލި ބެލުމުން، އަޙްމަދު އަޝްފާޤުގެ މި ދަޢުވާ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ސާބިތުވުމުގެ މައްޗަށް އެއްވެސް ހެއްކެއް ނުވަތަ ޤަރީނާއެއްވިޔަސް ލިބިފައި ނުވާކަން އަޙްމަދު އަޝްފާޤުގެ ފަރާތުން މި ދަޢުވާ ސާބިތުކުރުމަށް ހެކީގެ ގޮތުގައި ހުށަހަޅާފައިވާ އިސްވެ ބަޔާންކުރެވިދިޔަ ލިއުންތަކަށާއި، އަދި ޝަފަހީ ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ބަޔާންވެދިޔަ ފަރާތްތަކުން ޝަރީޢަތަށް ދީފައިވާ ބަޔާންތަކަށް ބެލުމުން އެނގެން އޮންނާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/261 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަން އެނގެން އޮންނަ ކަމެވެ.

ޙުކުމް:

އިސްވެ ބަޔާންވެދިޔަ ޝަރުޢީ އަދި ޤާނޫނީ ސަބަބުތައް އެގޮތުގެމަތިން ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 2233/Cv-C/2013 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަކަށް ކޮށްފައިވާ ޙުކުމަށްވާތީ އެ ޙުކުމަށް ތާއީދުކުރުމާއެކު،

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/261 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ، ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ކޮށްފައިވާ ޙުކުމެއް ނޫންކަން އެނގެން އޮންނާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/261 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލުކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.

ފަނޑިޔާރު ޢަބްދުﷲ ޢަރީފް

ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ

ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ