ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2017/SC-A/18ސުޕްރީމް ކޯޓު · 25 ޖުލައި 2018

—

ސުޕްރީމް ކޯޓު
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 25 ޖުލައި 2018ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާޤަޟިއްޔާ ނަންބަރު: 2017/SC-A/18

ދަޢުވާކުރާ ފަރާތް: އުހުދު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް

ދަޢުވާ ލިބޭ ފަރާތް: ވަންޕްލަސް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް

މައްސަލައިގެ ބާވަތް: ކޯޓު އަމުރު

މައްސަލަ އައިގޮތް: އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

ހުށަހެޅުނު ތާރީޚް: 13 އޭޕްރީލް 2017

ރަޖިސްޓްރީ ކުރެވުނު ތާރީޚް: 09 ޖުލައި 2017

ނިމުނު ތާރީޚް: 15 އޮގަސްޓު 2018

މައްސަލަ ނިންމި ގަޑި: 15:25

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޢަބްދުﷲ ދީދީ

އިލްތިމާސްކުރެވުނު ޤަޟިއްޔާ

ނަންބަރު: 2016/HC-S-A/99

ނިންމެވި ކޯޓު: ހައިކޯޓު / ދެކުނު ގޮފި

ހުށަހެޅުނު ތާރީޚް: 28 ނޮވެންބަރު 2016

ނިމުނު ތާރީޚް: 18 ޖަނަވަރީ 2017

މައްސަލައިގެ ޚުލާޞާ

މިއީ، ހައިކޯޓު / ދެކުނު ގޮފީގެ ނަންބަރު 2016/HC-S-A/99 ޤަޟިއްޔާ، އެ ކޯޓުން ބަލައި ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލުކޮށްދިނުމަށް އެދި، އުހުދު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި ދަޢުވާ ރައްދުވި ފަރާތަކީ، ވަންޕްލަސް ހޯލްޑިންގސް ޕްރައިވެޓް ލިމިޓެޑްއެވެ.

ބުނެވިދިޔަ ދިވެހިރާއްޖޭގެ ހައިކޯޓު / ދެކުނު ގޮފީގެ ނަންބަރު 2016/HC-S-A/99 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ، އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 148/S4C/2016 ޤަޟިއްޔާ އާ ގުޅިގެން އެ ކޯޓުން ނެރެފައިވާ ނަންބަރު S4C-B/2016/89 ކޯޓު އަމުރާއި، ނަންބަރު S4C-B/2016/90 ކޯޓު އަމުރާއި، ނަންބަރުS4C-B/2016/91 ކޯޓު އަމުރު ނެރެފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، އުހުދު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓު / ދެކުނު ގޮފީގައި އިސްތިއުނާފުކުރުމުން ބަލައި ނިންމާފައިވާ ޤަޟިއްޔާއެކެވެ. އަދި ބުނެވިދިޔަ ހައިކޯޓު / ދެކުނު ގޮފީގެ ނަންބަރު 2016/HC-S-A/99 ޤަޟިއްޔާގެ ދަޢުވާ ރައްދުވި ފަރާތަކީވެސް، ވަންޕްލަސް ހޯލްޑިންގސް ޕްރައިވެޓް ލިމިޓެޑްއެވެ.

ފާހަގަކުރެވުނު ނުކުތާތައް:

1- އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 148/S4C/2016 ޤަޟިއްޔާ އާ ގުޅިގެން އެ ކޯޓުން ނެރެފައިވާ ނަންބަރު S4C-B/2016/89 ކޯޓު އަމުރާއި، ނަންބަރުS4C-B/2016/90 ކޯޓު އަމުރާއި، ނަންބަރު S4C-B/2016/91 ކޯޓު އަމުރުތަކަށް ބެލިއިރު، އެ ކޯޓުގެ ނަންބަރު S4C-B/2016/89 ކޯޓު އަމުރަކީ، އުހުދު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްއާއި އެ އިންވެސްޓްމަންޓުގެ ޙިއްޞާދާރުންކަމުގައިވާ މުޙައްމަދު ނަޢީމް އާއި ތަހުމީނާ ގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި އެކައުންޓެއް ހުޅުވިފައިވާނަމަ، އެ އެކައުންޓުތަކުގެ ތަފްޞީލު ހިމެނޭގޮތަށް އެ އެކައުންޓުތައް ފްރީޒްކޮށް އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓަށް އެންގުމަށް ބޭންކް އޮފް މޯލްޑިވްސްގެ މައްޗަށް އަމުރުކޮށް ނެރެފައިވާ އަމުރެއްކަމާއި، އެ ކޯޓުގެ ނަންބަރު S4C-B/2016/90 ކޯޓު އަމުރަކީ، އުހުދު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްއާއި އެ އިންވެސްޓްމަންޓުގެ ޙިއްޞާދާރުންކަމުގައިވާ ސ.ހިތަދޫ، އުހުދު، މުޙައްމަދު ނަޢީމް އާއި ސ.ހިތަދޫ، އުހުދު، ތަހުމީނާ ގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކުގައި އެކައުންޓެއް ހުޅުވިފައިވާނަމަ، އެ އެކައުންޓުތަކުގެ ތަފްޞީލު ހިމެނޭގޮތަށް އެ އެކައުންޓުތައް ފްރީޒްކޮށް އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓަށް އެންގުމަށް މޯލްޑިވްސް އިސްލާމިކް ބޭންކުގެ މައްޗަށް އަމުރުކޮށް ނެރެފައިވާ އަމުރެއްކަމާއި، އަދި އެ ކޯޓުގެ ނަންބަރު S4C-B/2016/91 ކޯޓު އަމުރަކީ، އުހުދު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްއާއި އެ އިންވެސްޓްމަންޓުގެ ޙިއްޞާދާރުންކަމުގައިވާ މުޙައްމަދު ނަޢީމް އާއި ތަހުމީނާ ގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިޔާގައި އެކައުންޓެއް ހުޅުވިފައިވާނަމަ، އެ އެކައުންޓުތަކުގެ ތަފްޞީލު ހިމެނޭގޮތަށް އެ އެކައުންޓުތައް ފްރީޒްކުރުމަށްފަހު އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓަށް އެންގުމަށް ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ މައްޗަށް އަމުރުކޮށް ނެރެފައިވާ އަމުރެއްކަން އެނގެން އޮވެއެވެ.

2- އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 148/S4C/2016 ޤަޟިއްޔާއާ ގުޅިގެން އެ ކޯޓުން ނެރެފައިވާ ނަންބަރު S4C-B/2016/89 ކޯޓު އަމުރާއި، ނަންބަރުS4C-B/2016/90 ކޯޓު އަމުރާއި، ނަންބަރު S4C-B/2016/91 ކޯޓު އަމުރުތައް އެ ކޯޓުން ނެރެފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާ ގޮތަށް ނޫންކަމަށް ބުނެ، އުހުދު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި، ހައިކޯޓު / ދެކުނު ގޮތްޕަށް ހުށަހެޅުމުން ބަލައި ނިންމާފައިވާ އެ ކޯޓުގެ ނަންބަރު 2016/HC-S-A/99 ޤަޟިއްޔާއިން އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 148/S4C/2016 ޤަޟިއްޔާއާ ގުޅިގެން އެ ކޯޓުން ނެރެފައިވާ ނަންބަރު S4C-B/2016/89 ކޯޓު އަމުރާއި، ނަންބަރު S4C-B/2016/90 ކޯޓު އަމުރާއި، ނަންބަރުS4C-B/2016/91 ކޯޓު އަމުރުން އުހުދު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްއާއި އެ އިންވެސްޓްމަންޓުގެ ޙިއްޞާދާރުންކަމުގައިވާ މުޙައްމަދު ނަޢީމްއާއި ތަހުމީނާގެ ނަމުގައި ބޭންކް އޮފް މޯލްޑިވސް ޕލކ ގައާއި، މޯލްޑިވްސް އިސްލާމިކް ބޭންކުގައާއި، ސްޓޭޓް ބޭންކް އޮފް އިންޑިޔާގައި ހުޅުވާފައިވާ އެކައުންޓްތައްވެސް ފްރީޒްކުރުމަށް މުޠްލަޤު ގޮތެއްގައި ކޮށްފައިވާ އަމުރުތަކަކީ، ޟަރޫރީ މިންވަރަށްވުރެ އިތުރު މިންވަރެއްކަމަށްވުން އެކަށީގެންވާކަމަށް ބުރަވެވޭތީ، އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 148/S4C/2016 ޤަޟިއްޔާއިން އުހުދު އިންވެސްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ސާބިތުވެފައިވާ މިންވަރު، އެ ކުންފުނީގެ ފަރާތުން ބޭންކް އޮފް މޯލްޑިވްސް ޕލކ ގައާއި، މޯލްޑިވްސް އިސްލާމިކް ބޭންކުގައާއި ސްޓޭޓް ބޭންކް އޮފް އިންޑިޔާގައި ހުޅުވާފައިވާ އެކައުންޓުތަކުގައި ކަމާބެހޭ ޝަރުޢީ ކޯޓުން އަންގާ ގޮތެއްގެމަތިން ޢަމަލުކުރުމަށް ހިފަހައްޓާފައި ބެހެއްޓުމަށްފަހު، ބާކީވާ މިންވަރެއް ހުރިނަމަ، އެ މިންވަރަކުން އެ އެކައުންޓުތަކުން މުޢާމަލާތްކުރުމުގެ ޙައްޤު އުހުދު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ލިބިގެންވާކަމަށް ކަނޑައެޅުމާއެކު، އަދި އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ ނަންބަރުS4C-B/2016/89 ކޯޓު އަމުރާއި، ނަންބަރުS4C-B/2016/90 ކޯޓު އަމުރާއި، ނަންބަރު S4C-B/2016/91 ކޯޓު އަމުރުން މުޙައްމަދު ނަޢީމްއާއި ތަހުމީނާގެ ނަމުގައި ބޭންކް އޮފް މޯލްޑިވސް ޕލކ ގައާއި، މޯލްޑިވްސް އިސްލާމިކް ބޭންކުގައާއި ސްޓޭޓް ބޭންކް އޮފް އިންޑިޔާގައި ހުޅުވާފައިވާ އެކައުންޓުތައް ފްރީޒްކޮށްފައިވާ މައްސަލަ އެއިން ފަރާތަކުން އިސްތިއުނާފުކޮށްފައި ނުވާތީ، އެ ދެފަރާތުގެ އެކައުންޓުތަކާ ގުޅޭގޮތުން މި ޤަޟިއްޔާގައި ގޮތެއް ކަނޑައެޅެން ނެތްކަމަށް އަންގައި ޙުކުމްކޮށްފައިވާކަން، ބުނެވިދިޔަ ހައިކޯޓު / ދެކުނު ގޮފީގެ ނަންބަރު 2016/HC-S-A/99 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.

3- ހައިކޯޓުގެ ދެކުނު ގޮފީގެ ބުނެވިދިޔަ ނަންބަރު 2016/HC-S-A/99 ޤަޟިއްޔާގެ ޙުކުމް ބިނާވެގެންވަނީ ޝަރީޢަތް ނުވަތަ ޤާނޫނާ ޚިލާފުވާ ގޮތަށްކަމަށް ބުނެ އިލްތިމާސްކުރާ ފަރާތުން ހުށަހަޅާފައިވާ މައިގަނޑު ސަބަބުތަކަކީ؛

ހ- އުހުދު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓުތައް ފްރީޒުކުރުމަށް މުޠުލަޤު ގޮތެއްގައި އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ އަމުރުތަކަކީ، ޟަރޫރީ މިންވަރަށްވުރެ އިތުރު މިންވަރެއްކަމަށްވުން އެކަށީގެންވާކަމަށް ބުރަވެވޭތީކަމަށް ބަޔާންކޮށް އެ އަމުރުތައް ދެމެހެއްޓުމަށް ހައިކޯޓު / ދެކުނު ގޮފީގެ ނަންބަރު 2016/HC-S-A/99 ޤަޟިއްޔާއިން ޙުކުމް ކޮށްފައިވަނީ އަމުރު ނެރުމުގައި އިސްތިޤުރާރުވެފައިވާ ޤާނޫނީ ޢާންމު އުޞޫލުތަކަށް ރިޢާޔަތްކުރުމަކާ ނުލައިކަމަށް ބުނެ ހުށަހެޅި ސަބަބާއި،

ށ- އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ވަގުތީ އަމުރުތަކުން އުހުދު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި އެ ކުންފުނީގެ ޙިއްޞާދާރުންގެ އެކައުންޓުތައް ފްރީޒުކުރުމަށް ނެރެފައިވާ އަމުރުތައް ދެމެހެއްޓުމަށް ހައިކޯޓު / ދެކުނު ގޮފީގެ ނަންބަރު 2016/HC-S-A/99 ޤަޟިއްޔާއިން ނިންމާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21 ޤަޟިއްޔާއިން ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ސަބަބާއި،

ނ- އުހުދު އިންވެސްޓުމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ސާބިތުވެފައިވާ މިންވަރު، އެ ކުންފުނީގެ ފަރާތުން ބޭންކުތަކުގައި ހުޅުވާފައިވާ އެކައުންޓުތަކުގައި ކަމާބެހޭ ޝަރުޢީ ކޯޓުން އަންގާ ގޮތެއްގެމަތިން ޢަމަލުކުރުމަށް ހިފަހައްޓާފައި ބެހެއްޓުމަށް ހައިކޯޓު / ދެކުނު ގޮފީގެ ނަންބަރު2016/HC-S-A/99 ޤަޟިއްޔާއިން ޙުކުމް ކޮށްފައިވަނީ ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ސަބަބާއި، މި ސަބަބުތައްކަން އެނގެން އޮވެއެވެ.

4- މި މައްސަލައިގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި، ޤާނޫނުތަކަށާއި، ހައިކޯޓު / ދެކުނު ގޮފީގެ ނަންބަރު 2016/HC-S-A/99 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 148/S4C/2016 ޤަޟިއްޔާއާ ގުޅިގެން އެ ކޯޓުން ނެރެފައިވާ ނަންބަރު S4C-B/2016/89 ކޯޓު އަމުރަށާއި، ނަންބަރުS4C-B/2016/90 ކޯޓު އަމުރަށާއި، ނަންބަރު S4C-B/2016/91 ކޯޓު އަމުރަށާއި، ދަޢުވާކުރާ ފަރާތުންނާއި، ދަޢުވާލިބޭ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި ލިޔުންތަކަށާއި އަދި މައްސަލައާ ގުޅޭ އެންމެހައި ލިޔުންތަކުގެ މައްޗަށާއި ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި އަދި މިބާވަތުގެ މައްސަލަތަކާ ގުޅޭ ޢާންމު ޤާނޫނީ މަބްދައުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައި ވެއެވެ.

(ހ) ފުރަތަމަ ކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓު / ދެކުނު ގޮފީގެ ނަންބަރު2016/HC-S-A/99 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ، އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 148/S4C/2016 ޤަޟިއްޔާއާ ގުޅިގެން އެ ކޯޓުން ނެރެފައިވާ ނަންބަރު S4C-B/2016/89 ކޯޓު އަމުރާއި، އެ ކޯޓުގެ ނަންބަރު S4C-B/2016/90 ކޯޓު އަމުރާއި، އަދި އެ ކޯޓުގެ ނަންބަރު S4C-B/2016/91 ކޯޓު އަމުރާއި މިތިން ކޯޓު އަމުރު ނެރެފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ އުހުދު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު: C0119/2015) ގެ ފަރާތުން އެ އަމުރުތައް އިސްތިއުނާފުކޮށްދިނުމަށް އެދި ހުށަހެޅުމުން ދިވެހިރާއްޖޭގެ ހައިކޯޓު / ދެކުނު ގޮފިން ބަލައި ނިންމާފައިވާ ޤަޟިއްޔާއެއްކަން އެނގެން އޮންނަކަމެވެ.

(ށ) ދެވަނަ ކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓު / ދެކުނު ގޮފީގެ ނަންބަރު2016/HC-S-A/99 ޤަޟިއްޔާއިން އިސްތިއުނާފުކޮށް ބަލާފައިވާ އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ތިން އަމުރަކީ އެ ކޯޓުގެ ނަންބަރު 148/S4C/2016 ޤަޟިއްޔާއާ ގުޅިގެން ނެރެފައިވާ ތިން އަމުރުކަމާއި އެ ކޯޓު އަމުރުތަކުގެ ތެރެއިން އެ ކޯޓުން ނެރެފައިވާ ނަންބަރުS4C-B/2016/89 ކޯޓު އަމުރަށް ބަލާއިރު އެ އަމުރަކީ ބޭންކް އޮފް މޯލްޑިވްސް ޕލކ އަށް މުޚާތަބުކޮށް ނެރެފައިވާ އަމުރެއްކަމާއި، އެ އަމުރުގައިވަނީ: "އުހުދު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް އާއި އެ އިންވެސްޓްމަންޓްގެ ޙިއްސާދާރުންކަމުގައިވާ ސ.ހިތަދޫ އުހުދު، މުޙައްމަދު ނަޢީމް އާއި، ސ.ހިތަދޫ އުހުދު، ތަހްމީނާ ގެ ނަމުގައި ތިޔަ ބޭންކުގައި އެކައުންޓެއް ހުޅުވިފައިވާނަމަ، އެ އެކައުންޓްތަކުގެ ތަފްޞީލް ހިމެނޭގޮތަށް އެ އެކައުންޓްތައް ފްރީޒްކުރުމަށްފަހު 2016-11-13 ވަނަ ދުވަހުން ފެށިގެން 03 (ތިނެއް) ދުވަހުގެ ތެރޭގައި މިކޯޓަށް ފޮނުވުމަށް ތިޔަ ބޭންކަށް އަމުރުކޮށްފީމެވެ." މިފަދައިންކަމާއި އިޝާރާތްކުރެވުނު ކޯޓު އަމުރުތަކުގެ ތެރެއިން ނަންބަރު S4C-B/2016/90 ގެ ކޯޓު އަމުރަށް ބަލާއިރު އެ އަމުރަކީ މޯލްޑިވްސް އިސްލާމިކް ބޭންކް އަށް މުޚާތަބުކޮށް ނެރެފައިވާ އަމުރެއްކަމާއި އެ އަމުރުގައި ވަނީ: "އުހުދު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް އާއި އެ އިންވެސްޓްމަންޓްގެ ޙިއްސާދާރުން ކަމުގައިވާ ސ.ހިތަދޫ އުހުދު، މުޙައްމަދު ނަޢީމު އާއި ސ.ހިތަދޫ އުހުދު، ތަހުމީނާ ގެ ނަމުގައި ތިޔަ ބޭންކް ގައި އެކައުންޓެއް ހުޅުވިފައިވާނަމަ، އެ އެކައުންޓްތަކުގެ ތަފްޞީލް ހިމެނޭގޮތަށް އެ އެކައުންޓްތައް ފްރީޒްކުރުމަށް ފަހު 2016-11-13 ވަނަ ދުވަހުން ފެށިގެން 03 (ތިނެއް) ދުވަހުގެ ތެރޭގައި މިކޯޓަށް ފޮނުވުމަށް ތިޔަ ބޭންކަށް އަމުރުކޮށްފީމެވެ." މި ފަދައިން ކަމާއި އިސްވެ އިޝާރާތްކުރެވުނު ކޯޓު އަމުރުތަކުގެ ތެރެއިން ނަންބަރު S4C-B/2016/91 ކޯޓު އަމުރަށް ބަލާއިރު އެ އަމުރަކީ ސްޓޭޓް ބޭންކް އޮފް އިންޑިޔާ އާ މުޚާތަބުކޮށް ނެރެފައިވާ އަމުރެއްކަމާ އެ އަމުރުގައި ވަނީ: "އުހުދު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް އާއި އެ އިންވެސްޓްމަންޓްގެ ޙިއްސާދާރުން ކަމުގައިވާ ސ.ހިތަދޫ އުހުދު، މުޙައްމަދު ނަޢީމު އާއި ސ.ހިތަދޫ އުހުދު، ތަހުމީނާ ގެ ނަމުގައި ތިޔަ ބޭންކް ގައި އެކައުންޓެއް ހުޅުވިފައިވާނަމަ، އެ އެކައުންޓަތަކުގެ ތަފްޞީލް ހިމެނޭގޮތަށް އެ އެކައުންޓްތައް ފްރީޒްކުރުމަށް ފަހު 2016-11-13 ވަނަ ދުވަހުން ފެށިގެން 03 (ތިނެއް) ދުވަހުގެ ތެރޭގައި މިކޯޓަށް ފޮނުވުމަށް ތިޔަ ބޭންކަށް އަމުރުކޮށްފީމެވެ." މިފަދައިން ކަމާއި މިކަންކަން އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ އިސްވެ އިޝާރާތްކުރެވުނު ތިން ކޯޓު އަމުރަށް ބެލުމުން އެނގެން އޮންނަކަމެވެ.

(ނ) ތިންވަނަ ކަމަކީ، އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ އެކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ތިން ކޯޓު އަމުރަށް ބަލާއިރު، އެ އަމުރުތަކަކީ، އެކޯޓުން ބަލަމުންދާ އެކޯޓުގެ ނަންބަރު 148/S4C/2016 ޤަޟިއްޔާއާ ގުޅިގެން އެކޯޓުން ނެރެފައިވާ އަމުރުތަކެއްކަން އެ އަމުރުތަކުން އެނގެން އޮތް ނަމަވެސް އެ އަމުރުތައް އެ ކޯޓުން ނެރެފައިވަނީ އެ ކޯޓުގެ އެ ޤަޟިއްޔާ އަށް ހުށަހެޅިފައިވާ ދަޢުވާއަކީ ކޮބައިކަމާއި، އެފަދަ އަމުރެއް ނެރެދިނުމަށް އެދި އެ ޤަޟިއްޔާގައި ދަޢުވާކުރި ފަރާތުން ނުވަތަ އެޤަޟިއްޔާގައި ދަޢުވާ ރައްދުވި ފަރާތުން ހުށަހެޅި ހުށަހެޅުމަކާ ގުޅިގެންކަން ނުވަތަ ނޫންކަން އެއްވެސް މިންވަރަކަށް ބަޔާންކުރުމަކާ ނުލައިކަން އެ އަމުރުތަކަށް ބެލުމުން އެނގެން އޮންނަކަމެވެ.

)ރ) ހަތަރުވަނަ ކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓު / ދެކުނު ގޮފީގެ ނަންބަރު2016/HC-S-A/99 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން، ދިވެހިރާއްޖޭގެ ހައިކޯޓު / ދެކުނު ގޮފީގެ އެ ޤަޟިއްޔާ ނިމުމުގެ ކުރިން އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 148/S4C/2016 ޤަޟިއްޔާ ވަނީ ނިމިފައިކަން އެނގެން އޮންނައިރު އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 148/S4C/2016 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ އުހުދު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ގެ މައްޗަށް ވަންޕްލަސް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން14 އޮގަސްޓް 2016 ގައި ދަޢުވާ ކުރުމުން 15 ނޮވެންބަރު 2016 ގައި އެކޯޓުން ބަލައި ނިންމާފައިވާ ޤަޟިއްޔާއެއް ކަމާއި އެ ޤަޟިއްޔާގައި ވަންޕްލަސް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން އުހުދު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ކޮށްފައިވާ ދަޢުވާ އަކީ ސ.ހިތަދޫ ޕޮލިސް ސްޓޭޝަން މަރާމާތުކުރުމަށް ވަންޕްލަސް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް އާއި އުހުދު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްއާއި ދެމެދު 13 ޖަނަވަރީ 2016 ދުވަހު ވެފައިވާ އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު S4C/02/2016 އެއްބަސްވުމަކީ ޤާނޫނު ނަންބަރު 91/4 (ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނު) އާއި އިސްލާމީ ޝަރުޢީ ހަމަތަކާ ޚިލާފަށް ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމެއްކަމަށާއި އެ އެއްބަސްވުން 19 އެޕްރީލް 2016 ވަނަ ދުވަހު ނިމުމަކަށް އައިސްފައިވާކަމަށްބުނެ، އުހުދު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން 21 އެޕްރީލް 2016 ވަނަ ދުވަހު ނޯޓިސް ފޮނުވުމާ ގުޅިގެން ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެއްބަސްވުން ބާޠިލްނުކުރެވޭނެކަން ކަނޑައަޅައި ދިނުމަށާއި ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަށް ޙުރުމަތްތެރިކޮށް ހިތުމަށް ދަޢުވާލިބޭ ފަރާތަށް އަންގައި އަމުރުކޮށްދިނުމަށާއި ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ދަޢުވާކުރާ ފަރާތަށް ދައްކަންޖެހޭ އެންމެހައި ފައިސާ ދެއްކުމަށް ދަޢުވާލިބޭފަރާތަށް އަންގައި އަމުރުކޮށްދިނުމަށާއި މަސައްކަތް ހުއްޓުވާލުމުގެ ސަބަބުން ލިބެމުންދާ ގެއްލުން، ދަޢުވާ ފޯމުގައި ތަފްޞީލުކުރެވިފައިވާ ގޮތުގެ މަތިން ހިސާބުކޮށް ނަގައިދިނުމަށް އެދި ވަންޕްލަސް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން، އުހުދު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ގެ މައްޗަށް ކޮށްފައިވާ ދަޢުވާއެއްކަން އެނގެން އޮތުމުން އެ ދަޢުވާއަކީ، އެދަޢުވާގެ މައްސަލަ އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ބުނެވުނު ޤަޟިއްޔާގެ ދަށުން އެކޯޓަށް ހުށަހެޅުމުގެ ކުރިން، އެދަޢުވާގެ މައްސަލަ އެކޯޓަށް ނުވަތަ އެހެން ކޯޓަކަށް ވިޔަސް ހުށަހެޅިގެން އެދަޢުވާގެ ދަށުން އެއްވެސް ފައިސާއެއް، އުހުދު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ވަންޕްލަސް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް ދޭންޖެހޭކަމަށް އެއްވެސް ކޯޓަކުން ކުރިން ޙުކުމެއް ކޮށްފައިވާކަން އެނގެން އޮތް ދަޢުވާއެއް ނޫންކަން ސާފުކޮށް އެނގެން އޮންނާތީ އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 148/S4C/2016 ޤަޟިއްޔާގައި ވަންޕްލަސް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް އިން އުހުދު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ކޮށްފައިވާ ދަޢުވާއަކީ ކޯޓަކުން ކުރިން ނިންމާފައިވާ ޤަޟިއްޔާއެއްގެ ދަށުން އުހުދު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ގެ މައްޗަށް ސާބިތުވެފައިވާ ދަރަނީގެ މައްސަލައެއްގެ ޙުކުމް ތަންފީޛު ކޮށްދިނުމަށް އެދި ހުށަހެޅިފައިވާ ދަޢުވާއެއް ނޫންކަން ސާފުކޮށް އެނގެން އޮންނަ އޮތުމުގެ އިތުރުން، އިސްވެ އިޝާރާތްކުރެވުނު ފަދަ އަމުރުތަކެއް ނެރެދިނުމަށް، އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 148/S4C/2016 ޤަޟިއްޔާގެ ދަށުން ދަޢުވާކުރި ވަންޕްލަސް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް އިން އެދިފައިވެސް ނުވާކަން އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 148/S4C/2016 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުންނާއި އަދި އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓު އިން ނެރެފައިވާ އިސްވެ އިޝާރާތްކުރެވުނު ތިން ކޯޓު އަމުރުންވެސް އެނގެން އޮތުމުން އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 148/S4C/2016 ޤަޟިއްޔާ އިން ހުށަހެޅިފައިވާ ދަޢުވާއަކީ ކުރިން ކޯޓަކުން ނިންމާފައިވާ ދަރަނީގެ މައްސަލައެއްގެ ޙުކުމް ތަންފީޛްކޮށްދިނުމަށް އެދި ހުށަހެޅިފައިވާ ދަޢުވާއަކަށް ނުވާއިރު، އެޤަޟިއްޔާގެ ދަށުން އެކޯޓަށް ހުށަހެޅިފައިވާ ދަޢުވާގެ މަޢުޟޫޢުގެ މައްޗަށް އެ ކޯޓުން ފައިސަލާކުރަނިވި ޙުކުމެއް ކުރެވެންދެން، ބަޔާންވެދިޔަފަދަ، އަމުރުތަކެއް އެކޯޓުގެ އަމިއްލަ އިސްނެގުމަކުން ނެރެންޖެހުމުގެ ޝަރުޢިއްޔަތު، އެ ކޯޓަށް ލިބިދޭ ޝަރުޢީ އަދި ޤާނޫނީ އެއްވެސް އަސާސެއް އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ އިސްވެ އިޝާރާތްކުރެވުނު އެ ކޯޓުގެ ތިން ކޯޓު އަމުރުގައި އެއްވެސް މިންވަރަކަށް ބަޔާންކޮށްފައިނުވާކަން އެނގެން އޮންނަކަމެވެ.

(ބ) ފަސްވަނަ ކަމަކީ، ތަފާތު ޤާނޫނީ ޖުރިސްޑިކްޝަންތަކުން ޤަބޫލުކުރާ އިޖްރާއީ ޢާންމު އުޞޫލުތަކަށް ބަލާއިރު މިބާވަތުގެ ވަގުތީ އަމުރުތަކާއި ޙުކުމްތައް ނެރުމުގައި ކޯޓަށް ލިބިގެންވާ އިޚްތިޔާރީ ބާރަކީ އެއްވެސް ޤާނޫނީ ނިޒާމެއްގައި މުޠްލަޤު ބާރެއް ނޫންކަމާއި، އެފަދަ އަމުރުތައް ނެރުމުގައި ކޯޓުން ފުރިހަމަވޭތޯ ބަލަންޖެހޭ ޢާންމު ޝަރްޠުތަކެއްވާކަން އެނގެން އޮންނައިރު އެ ޝަރުޠުތައް ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21 ޤަޟިއްޔާގައިވެސް ބަޔާންކުރެވިފައިވާ ކަމާއި އެއީ؛

1) ވަގުތީ އަމުރަށް އެދޭ ފަރާތަށް، ޤާނޫނީގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރްކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑުގޮތެއްގައި ޤާއިމުވެގެންވުން.

2) ވަގުތީ އަމުރު ނެރުމަކާ ނުލައި އަޞްލު މައުޟޫޢީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ ކުރިމަތިވެދާނެ ނުރައްކަލެއް އޮތުން.

3) ވަގުތީ އަމުރަށް އެދޭ ފަރާތަކީ އެފަދަ އަމުރަކަށް އެދުމުގެ "ޞިފަ" (Capacity) ނުވަތަ ޙައިޘިއްޔަތު ޤާނޫނީގޮތުން ލިބިގެންވާ ފަރާތެއްކަމުގައިވުން. ކަމާއި؛

މަދަނީ މައްސަލަތަކުގައި ވަގުތީ އަމުރު ނެރުމާއި ވަގުތީ ފިޔަވަޅު އެޅުމުގައި ކޯޓަށް ލިބިގެންވާ އިޚްތިޔާރީ ބާރަކީ މުޠްލަޤު ބާރަކަށް ނުވާއިރު، ކޯޓުން އެ ބާރު އަބަދުވެސް ބޭނުންކުރާންވާނީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި، އިސްތިޤްރާރުވެފައިވާ ޤާނޫނީ ޢާންމު އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެމަތިންކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 68 ވަނަ މާއްދާއިން ވެސް ސާފުކޮށް އެނގެން އޮންނަ އޮތުމެވެ.

(ޅ) ހަވަނަ ކަމަކީ، މަދަނީ މައްސަލަ ތަކުގައި ވަގުތީ އަމުރު ނެރެދިނުމުގައި ޢަމަލުކުރާ ޢާއްމު އުޞޫލަށް ބަލާއިރު، އެއްވެސް އަމުރެއް ކޯޓުން ނެރެވޭނީ ހުށަހެޅިފައިވާ މައްސަލައިގެ ތެރެއިން ދަޢުވާކުރާ ފަރާތުން ނުވަތަ ދަޢުވާލިބޭ ފަރާތުން އަމުރަކަށް އެދިގެންކަން "ޝަރީޢަތްކުރުމާބެހޭގޮތުން ހެދިފައިވާ ޤަވާޢިދު (6)" ގެ 295 ވަނަ މާއްދާގެ 1 ނަންބަރާއި 6 ވަނަ ނަންބަރުން ސާފުކޮށް އެނގެން އޮންނައިރު މި މައްސަލައިގައި އިސްތިއުނާފު ކުރެވިފައިމިވާ އަމުރުތައް ނެރެދިނުމަށް އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 148/S4C/2016 ޤަޟިއްޔާގައި ދަޢުވާކުރި ވަންޕްލަސް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެދިފައިނުވާކަން އެނގެން އޮތުމެވެ.

(ކ) ހަތްވަނަ ކަމަކީ، ކޯޓުތަކުން ނެރޭ އަމުރުތަކަކީ އޭގެ ޠަބީޢަތުގައި ވަގުތީކަމަކަށް ނެރެދެވޭ އަމުރުތަކަކަށްވާންޖެހޭ ކަމުގައި "ޝަރީޢަތްކުރުމާބެހޭގޮތުން ހެދިފައިވާ ޤަވާޢިދު (6)" ގެ 295 ވަނަ މާއްދާ (ވަގުތީ އަމުރުނެރުމާއި، ވަގުތީ ފިޔަވަޅު އެޅުމުގެ ޤަވާޢިދު) ގެ 1 ވަނަ ނަންބަރުގައި ބަޔާންވެގެންވާކަމާއި އަދި އެ ޤަވާޢިދުގެ 2 ވަނަ މާއްދާގައި ވަގުތީ އަމުރު ދެމިއޮންނާނީ އެ މައްސަލައަކާ ގުޅިގެން ބެލި މައްސަލައިގައި ޝަރީޢަތް ހިންގައި ޙުކުމް ކުރަންދެން ނުވަތަ އެއަށްވުރެ އިތުރުނުވާނެ ގޮތުގެމަތިން ކޯޓުން ކަނޑައަޅާ މުއްދަތަކަށް ކަމުގައި ބަޔާންވެގެންވާކަން އެނގެން އޮންނައިރު މި މައްސަލައާ ގުޅިގެން ނެރެފައިވާ އަމުރުތަކަކީ އެއްވެސް ޤައިދެއް ނެތި މުޠުލަޤު ގޮތެއްގައި ނެރެފައިވާ އަމުރުތަކެއްކަން އެ އަމުރުތަކަށް ބެލުމުން އެނގެން އެނގެން އޮތުމެވެ.

(އ) އަށްވަނަ ކަމަކީ، އިސްވެ ބަޔާންވެދިޔަ ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް ބެލުމުން އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 148/S4C/2016 ޤަޟިއްޔާ އާ ގުޅިގެން އެ ކޯޓުން ނެރެފައިވާ އިސްވެ އިޝާރާތް ކުރެވުނު ތިން "ކޯޓު އަމުރު" އެ ކޯޓުން ނެރެފައިވަނީ އެފަދަ އަމުރުތައް ކޯޓުން ނެރުމުގައި ރިޢާޔަތްކޮށް ބަލަންޖެހޭ އުޞޫލުތައް ބަޔާންކުރެވިފައިވާ، މަތީގައި ޙަވާލާދެވިފައިވާ ޤަވާޢިދު ތަކުގެ، ބަޔާންކުރެވިފައިވާ މާއްދާތަކުގައި ކަނޑައެޅި ބަޔާންކުރެވިފައިވާ އުޞޫލުތަކާ އަދި ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21ޤަޟިއްޔާގައި މިބާވަތުގެ ވަގުތީ އަމުރު ނެރުމާ ގުޅޭގޮތުން ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް ނޫންކަން އެނގެން އޮންނާތީ އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ އިސްވެ އިޝާރާތް ކުރެވުނު ތިން ކޯޓު އަމުރު އެގޮތުގެމަތިން އެ ކޯޓުން ނެރެފައިވާގޮތްއަދި އެ އަމުރުތަކުގެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓު / ދެކުނު ގޮފީގެ ނަންބަރު2016/HC-S-A/99 ޤަޟިއްޔާއިން ބަލައި ކޮށްފައިވާ ޙުކުމް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަން އެނގެން އޮންނަ އޮތުމެވެ.

ޙުކުމް

އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެމަތިން ހުރުމާއެކު، 10 ނޮވެންބަރު 2016 ގައި އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ އިސްވެ އިޝާރާތްކުރެވުނު އެ ކޯޓުގެ ނަންބަރު S4C-B/2016/89 ކޯޓު އަމުރާއި، ނަންބަރު S4C-B/2016/90 ކޯޓު އަމުރާއި، ނަންބަރުS4C-B/2016/91 ކޯޓު އަމުރާއި، އަދި އެ އަމުރުތައް އިސްތިއުނާފުކޮށް ބެލި ދިވެހިރާއްޖޭގެ ހައިކޯޓު / ދެކުނު ގޮފީގެ ނަންބަރު 2016/HC-S-A/99 ޤަޟިއްޔާގައި، އެ ކޯޓުން ކޮށްފައިވާ ޙުކުމް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަން އެނގެން އޮންނާތީ ބަޔާންކުރެވުނު އަމުރުތަކާއި، ހައިކޯޓު / ދެކުނު ގޮފީގެ ނަންބަރު 2016/HC-S-A/99 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލުކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.

ފަނޑިޔާރު ޢަބްދުﷲ ޢަރީފް

ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ

ފަނޑިޔާރު ޢަބްދުﷲ ދީދީ

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ