ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2017/SC-A/25ސުޕްރީމް ކޯޓު · 28 އޮކްޓޫބަރު 2020

—

ސުޕްރީމް ކޯޓު
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 28 އޮކްޓޫބަރު 2020ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނު ގޮތް

ޤަޟިއްޔާ ނަންބަރު:

2017/SC-A/25

އިސްތިއުނާފު ކުރާ ފަރާތް:

ޢަބްދުލްޙަމީދު މުޙައްމަދު، ދަފްތަރު ނަންބަރު ރސ 983 (ދ.ރ އަންގައިދޭ ކާޑު ނަންބަރު

އިސްތިއުނާފު ރައްދުވާ ފަރާތް:

ދައުލަތް (މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ)

މައްސަލައިގެ ބާވަތް:

މަދަނީ މައްސަލަ

މައްސަލަ އައިގޮތް:

އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

ހުށަހެޅުނު ތާރީޚު:

07 ފެބްރުއަރީ 2017ރަޖިސްޓްރީ ކުރެވުނު ތާރީޚު:

12 އޮކްޓޯބަރ 2017ނިމުނު ތާރީޚު:

28 އޮކްޓޯބަރ 2020މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް:

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުއިސްތިއުނާފު ކުރެވުނު ޤަޟިއްޔާ

ނަންބަރު:

2015/HC-A/76

ރަޖިސްޓްރީ ކުރެވުނު ތާރީޚު:

22 ފެބްރުއަރީ 2015ނިންމި ކޯޓު:

ދިވެހިރާއްޖޭގެ ހައިކޯޓު

ނިމުނު ތާރީޚު:

02 ނޮވެމްބަރ 2016ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ތާއީދު ކުރައްވާފައި)

ތަޢާރުފު

"ވެށި ފަހި މާލެ ޕްރޮގްރާމް" ގެ ފުރަތަމަ ފިޔަވަހީގައި "ސީ" ކެޓަގަރީން ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓްތަކަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވެ ހޮވިފައިވާ ފަރާތްތަކުގެ ލިސްޓު 27 ނޮވެމްބަރ 2013 ގައި އިޢުލާންކުރެވުނެވެ. އަދި މި ލިސްޓުގައި ދަފްތަރު ނަންބަރު ރސ 983 ޢަބްދުލްޙަމީދު މުޙައްމަދުގެ ނަން ހިމެނުނެވެ. އެހެންނަމަވެސް އޭގެ ގާތްގަނޑަކަށް 3 މަސް ފަހުން، 9 މާރޗް 2014 ގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ދަށުން ހިންގާ ވެށި ފަހި މާލެ ޕްރޮގްރާމް އޮފީހުން ޢަބްދުލްޙަމީދު މުޙައްމަދުއަށް ފޮނުވި ސިޓީގައި، ޢަބްދުލްޙަމީދު މުޙައްމަދުއާއި ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން ލިމިޓެޑާއި ދެމެދު ދިގު މުއްދަތަކަށް ފައިސާ ދައްކާ ޚަލާޞްކުރާގޮތަށް ރޯހައުސެއް ގަތުމާއި ގުޅޭގޮތުން އެއްބަސްވުމެއްވެފައިވާތީ، ޢަބްދުލްޙަމީދު މުޙައްމަދުއަކީ ވެށިފަހި ޕްރަގްރާމުގެ ދަށުން ފްލެޓު ލިބުމުގެ ޝަރުޠު ފުރިހަމަވާ މީހަކަށް ނުވާތީ، ފްލެޓަށް ހޮވިފައިވާ ހޮވުން ބާޠިލުކޮށްފައިވާކަމަށް އަންގާފައިވެއެވެ.

ވެށި ފަހި މާލެ ޕްރޮގްރާމް އޮފީހުން 9 މާރޗް 2014 ގައި ޢަބްދުލްޙަމީދު މުޙައްމަދު ފްލެޓަށް ހޮވިފައިވާ ހޮވުން ބާޠިލުކަމަށް އެންގި އެންގުމަކީ ބާޠިލު އެންގުމެއްކަމަށް ކަނޑައަޅައި ދިނުމަށާއި، ވެށިފަހި މާލެ ޕްރޮގްރާމް ގެ "ސީ" ކެޓަގަރީގެ ފްލެޓް ލިބޭ ފަރާތްތަކުގެ ތެރޭގައި ޢަބްދުލްޙަމީދު މުޙައްމަދު ހިމަނައި، ޢާންމުކުރި ދާއިމީ ލިސްޓުގައިވާ ފަދައިން ޢަބްދުލްޙަމީދު މުޙައްމަދަށް ފްލެޓް ދިނުމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި ސިވިލް ކޯޓުގެ ނަންބަރު 1495/Cv-C/2014 ޤަޟިއްޔާއިން ދައުލަތުގެ މައްޗަށް ޢަބްދުލްޙަމީދު މުޙައްމަދު 15 ޖުލައި 2014 ގައި ދަޢުވާކުރިއެވެ. އެ ޤަޟިއްޔާ ނިންމާފައިވަނީ ވެށި ފަހި މާލެ ޕްރޮގްރާމް އޮފީހުން ޢަބްދުލްޙަމީދު މުޙައްމަދު ފްލެޓަށް ހޮވިފައިވާ ހޮވުން ބާޠިލުކަމަށް އެންގި އެންގުމަކީ ބާޠިލު އެންގުމެއްކަމަށް ކަނޑައަޅައި ދެވެންނެތްކަމަށެވެ. ސިވިލް ކޯޓުގެ މި ނިންމުން ޢަބްދުލްޙަމީދު މުޙައްމަދުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެކޯޓުގެ ނަންބަރު 2015/HC-A/76 ޤަޟިއްޔާއިން ސިވިލް ކޯޓުގެ މި ނިންމުމަށް ތާއީދުކޮށްފައިވެއެވެ.

މިއީ ހައިކޯޓުގެ ނަންބަރު 2015/HC-A/76 ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށްދިނުމަށް އެދި ޢަބްދުލްޙަމީދު މުޙައްމަދުގެ ފަރާތުން އެ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން ސުޕްރީމް ކޯޓުން ބެލި މައްސަލައެވެ.

ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް

ސިވިލް ކޯޓުން މި މައްސަލައިގައި ޙުކުމްކޮށްފައިވަނީ ވެށި ފަހި މާލެ ޕްރޮގްރާމް އޮފީހުން ޢަބްދުލްޙަމީދު މުޙައްމަދު ފްލެޓަށް ހޮވިފައިވާ ހޮވުން ބާޠިލުކަމަށް އެންގި އެންގުމަކީ ބާޠިލު އެންގުމެއްކަމަށް ކަނޑައަޅައި ދެވެންނެތްކަމަށާއި، ވެށި ފަހި މާލެ ޕްރޮގްރާމްގެ "ސީ" ކެޓަގަރީގެ ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓުގައި ޢަބްދުލްޙަމީދުގެ ނަން ހިމަނައިދެވެން ނެތްކަމަށެވެ. ސިވިލް ކޯޓުން މިގޮތަށް ޙުކުމްކޮށްފައިވަނީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.

(ހ) "ވެށި ފަހި މާލެ ޕްރޮގްރާމް" ގެ ފުރަތަމަ ފިޔަވަހީގައި "ސީ" ކެޓަގަރީން ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓްތަކަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވެ ހޮވިފައިވާ ފަރާތްތަކުގެ ނަންތަކާއި، އެފަރާތްތަކަށް ލިބިފައިވާ ޕޮއިންޓްތައް ބަޔާންކޮށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ކުރި އިޢުލާނުގެ 12 ވަނަ ޞަފުޙާގައި "ފްލެޓް ޙަވާލުކުރެވޭނީ ތިރީގައިމިވާ ކަންކަން ކަމާބެހޭ ފަރާތްތަކުން ސާފުކުރުމަށްފަހުގައެވެ." މިފަދައިން ލިޔެފައިވުމުން މި ސިފައަކީ ފްލެޓް ޙަވާލުކުރާއިރު އޮތް ޙާލަތުގެ މައްޗަށް ތަޠްބީޤުކުރަންޖެހޭ ސިފަތަކެއްކަމަށާއި، އެގޮތުން ސާފުކުރަންޖެހޭ ދެވަނަ ކަމެއްގެ ގޮތުގައި "ފިރިމީހާ ނުވަތަ އަނބިމީހާއަށް ސަރުކާރުން ހިންގާފައިވާ ހައުސިންގ ޕްރޮޖެކްޓެއްގެ ދަށުން ދޫކުރާ ފްލެޓް ނުވަތަ ރޯހައުސް ލިބިފައިނެތުން" މިފަދައިން ލިޔެފައިވާތީ، މި އިބާރާތުގައި "ލިބިފައިނެތުން" ލިޔެފައިވަނީ ސަރުކާރުން ހިންގާފައިވާ ހައުސިންގ ޕްރޮޖެކްޓެއްގެ ދަށުން ދޫކުރާ ފްލެޓް ނުވަތަ ރޯހައުސްއެއް ލިބިފައި ނުވަތަ ޙަވާލުކުރެވިފައި ނުވަތަ މިލްކުކުރުމުގެ ފުރުޞަތު ލިބިފައިވާ ފަރާތްތައް ހިމެނިގެންވާ ގޮތަށްކަމަށް އެ އިބާރާތުގެ ކަލިމަތަކުން އެނގެންއޮތުން،

(ށ) "ވެށި ފަހި މާލެ ޕްރޮގްރާމް" ގެ ފުރަތަމަ ފިޔަވަހީގައި "ސީ" ކެޓަގަރީން ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓްތަކަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވެ ހޮވިފައިވާ ލިސްޓު ބަޔާންކޮށްފައިވާ އިޢުލާނުގައިވާގޮތުގެ މަތިން، ޢަބްދުލްޙަމީދު މުޙައްމަދަށް ފްލެޓް ޙަވާލުކުރުމުގެ ކުރިން، ޢަބްދުލްޙަމީދު މުޙައްމަދަށް ސަރުކާރުން ހިންގާފައިވާ ހައުސިންގ ޕްރޮޖެކްޓެއްގެ ދަށުން ރޯހައުސްއެއް ލިބިފައިވާކަން އެނގެން އޮތުމުން، ޢަބްދުލްޙަމީދު މުޙައްމަދަކީ އެ އިޢުލާނުގައި ބަޔާންވެގެންވާ ފަދައިން ވެށި ފަހި މާލެ ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގައި "ސީ" ކެޓަގަރީން ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓްތަކުގެ ތެރެއިން ފްލެޓެއް ޙަވާލުކުރެވިދާނެ ފަރާތެއްނޫންކަން،

(ނ) މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން 11 ޖޫން 2012 ގައި ކޮށްފައިވާ އިޢުލާނުގައާއި އަދި 22 ޖުލައި 2012 ގައި ކުރި އިޢުލާނުގައި ބަޔާންކޮށްފައިވާ 27 މާރޗް 2011 ތާރީޚަކީ، ވަޒީފާއަށްވީ މުއްދަތާއި، ކައިވެންޏަށްވީ މުއްދަތާއި، އަދި 18 އަހަރުން ދަށުގެ ދަރިން ތިބި ޢަދަދު ބަލައި ތާރީޚު ކަމަށާއި، އެ ތާރީޚަކީ ފްލެޓު ލިބުނު ދާއިމީ ލިސްޓު އިޢުލާނުކުރި 27 ނޮވެންބަރު 2013 ގެ އިޢުލާނުގައި، ފްލެޓް ޙަވާލުކުރެވޭނެ ފަރާތްތައް ބެލުމުގައި ބަލަންޖެހޭ ކަންކަމަށް އޮތް މުއްދަތެއްނޫންކަން މި ތިން އިޢުލާނުން އެނގެން އޮންނައޮތުން، އަދި

(ރ) ޢަބްދުލްޙަމީދު މުޙައްމަދަކީ ހުޅުމާލެއިން ވިއްކުމަށް ހަމަޖެހިފައިވާ 20 ރޯހައުސްއަށް ހޮވުނު ފަރާތްތަކުގެ ތެރޭގައި ހިމެނޭ ފަރާތެއްކަމަށާއި، އެ ރޯހައުސް ގަތުމަށްޓަކައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕޮރޭޝަން ލިމިޓެޑާ ދެމެދު 20 އެޕްރީލް 2014 ގައި އިންފާރު ގުޅިފައި ހުންނަ ގެ ވިއްކުމުގެ އެއްބަސްވުން ވެފައިވާކަން ހުށަހެޅިފައިވާ ލިޔުންތަކުންނާއި ދެފަރާތުގެ ބަހުން އެނގެން އޮންނަކަން؛

މަތީގައި ބަޔާންކުރެވުނު ސަބަބުތަކަށްޓަކައި ސިވިލް ކޯޓުން ޙުކުމްކޮށްފައިވަނީ ޢަބްދުލްޙަމީދު މުޙައްމަދަށް ފްލެޓް ދިނުމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މައްޗަށް އަމުރުކޮށްދެވެން ނެތްކަމަށެވެ.

ހައިކޯޓުން މައްސަލަ ނިންމިގޮތް

ސިވިލް ކޯޓުގެ ނަންބަރު 1495/Cv-C/2014 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ޢަބްދުލްޙަމީދު މުޙައްމަދުގެ ފަރާތުން ހައިކޯޓަށް ހުށަހެޅިއެވެ. އަދި ހައިކޯޓުން އެ ކޯޓުގެ ނަންބަރު 2015/HC-A/76 ޤަޟިއްޔާގައި ނިންމާފައިވަނީ ސިވިލް ކޯޓުގެ ޙުކުމަށް ތާއީދުކޮށެވެ. ހައިކޯޓުން މި ނިންމުމަށް ވާޞިލުވެފައިވަނީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.

(ހ) "ވެށި ފަހި މާލެ ޕްރޮގްރާމް" ގެ ފުރަތަމަ ފިޔަވަހީގެ "ސީ" ކެޓަގަރީން މާލެއިން އަދި ހުޅުމާލެއިން ދޫކުރުމަށް ހަމަޖެހިފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވެ ހޮވިފައިވާ ފަރާތްތަކުގެ ލިސްޓު ބަޔާންކޮށްފައިވާ އިޢުލާނުގައި، އެ އިޢުލާނުގައި ބަޔާންކޮށްފައިވާ ކަމެއް ދިމާވެއްޖެ ނަމަ، ފްލެޓަށް ހޮވިފައިވާ ހޮވުން ބާޠިލުވާނެކަމަށާއި، އެ ގޮތުން ބާޠިލުވާނެ ކަންތައްތަކުގެ ތެރޭގައި ފިރިމީހާ ނުވަތަ އަނބިމީހާއަށް ސަރުކާރުން ދޫކުރާ ގެއެއް، ފްލެޓެއް ނުވަތަ ރޯހައުސްއެއް ލިބިފައިވުން ހިމެނޭކަމަށާއި، ފްލެޓް ލިބޭ މީހުންގެ ލިސްޓުގައި ހިމެނުނު ކަމުގައި ވިޔަސް ފްލެޓް ޙަވާލުކުރެވޭނީ ފިރިމީހާ ނުވަތަ އަނބިމީހާއަށް ސަރުކާރުން ހިންގާފައިވާ ޕްރޮޖެކްޓެއްގެ ދަށުން ފްލެޓެއް ނުވަތަ ރޯހައުސްއެއް ލިބިފައިނެތްނަމަކަން އެ އިޢުލާނުން އެނގޭކަން؛

(ށ) ޢަބްދުލްޙަމީދު މުޙައްމަދާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕޮރޭޝަން ލިމިޓެޑާ ދެމެދު ހުޅުމާލޭގައި ހުރި R14-02 ނަންބަރު ރޯހައުސް ގަތުމާގުޅޭގޮތުން ޕްރީސޭލް އެގްރީމަންޓެއްގައި ސޮއިކޮށްފައިވާކަމާއި، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ 22 ޖުލައި 2012 އިޢުލާނުގައި ބަޔާންކޮށްފައިވަނީ ފްލެޓް ޙަވާލުކުރެވޭ ފަރާތްތައް ބެލުމުގައި ބަލަންޖެހޭކަންކަމަށް އޮތް އެންމެ ފަހު މުއްދަތު ނޫންކަމަށާއި، އަދި އެ މިނިސްޓްރީގެ 27 ނޮވެމްބަރު 2013 އިޢުލާނުގައި ފްލެޓް ޙަވާލުކުރެވޭނެ ފަރާތްތައް ބެލުމުގައި ބަލަންޖެހޭ ކަންކަން ބެލުމަށް ވަކި މުއްދަތެއް ނެތްކަން؛

(ނ) ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްގެ ދަށުން ޢަބްދުލްޙަމީދު މުޙައްމަދު ރޯހައުސްއެއް ގަތުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަން އެނގެން އޮތުމުން، ޢަބްދުލްޙަމީދު މުޙައްމަދަކީ ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓެއްގެ ދަށުން ބޯހިޔާވަހިކަން ލިބިފައިވާ ފަރާތެއްކަމަށް ބަލަންޖެހޭކަން؛

(ރ) "ވެށި ފަހި މާލެ ޕްރޮގްރާމް" ގެ ދަށުން ފުރަތަމަ ފިޔަވަހީގެ "ސީ" ކެޓަގަރީން ފްލެޓް ދޫކުރިއިރު، ޢަބްދުލްޙަމީދު މުޙައްމަދާއި އެއްފަދައިން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕޮރޭޝަން ލިމިޓެޑަށް ޑައުންޕޭމަންޓް ދައްކަމުން ދިޔަކަމަށް ޢަބްދުލްޙަމީދު މުޙައްމަދުގެ ފަރާތުން ފާހަގަކޮށްފައިވާ ޢަބްދުﷲ ޝަރީފާއި ފްލެޓް ލިބިފައިވާކަމަށް ބުނާ ޢަބްދުﷲ ޝަރީފްއަކީ ދެފަރާތެއްކަމަށް ދައުލަތުން ބުނެފައިވާކަމަށާއި، އެކަން ނަފީކުރެވޭވަރުގެ ހެއްކެއް ޢަބްދުލްޙަމީދު މުޙައްމަދުގެ ފަރާތުން ހުށަހަޅާފައިނުވާކަން؛

އެހެންކަމުން، މަތީގައި ބަޔާންކުރެވުނު ސަބަބުތަކަށްޓަކައި ހައިކޯޓުން އެ ކޯޓުގެ ނަންބަރު 2015/HC-A/76 ޤަޟިއްޔާގައި ނިންމާފައިވަނީ ސިވިލް ކޯޓުގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ތަނެއްނެތްކަމަށް ޙުކުމްކޮށެވެ.

ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވުނު ނުކުތާތައް

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/76 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނީ ނުވަތަ ޝަރުޢީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ޢަބްދުލްޙަމީދު މުޙައްމަދުގެ ފަރާތުން އިސްތިއުނާފުކުރަމުން ހުށަހެޅި މައިގަނޑު 03 (ތިނެއް) ނުކުތާއަކީ؛

9.1 "ވެށި ފަހި މާލެ ޕްރޮގްރާމް" ގެ ފުރަތަމަ ފިޔަވަހީގެ "ސީ" ކެޓަގަރީން ފުލެޓްތައް ދޫކުރިއިރު، ފުލެޓަށް އެދި ހުށަހެޅިއިރު އިސްތިއުނާފުކުރާ ފަރާތުގެ ނަމުގައި ރޯހައުސްއެއް ނެތްކަމާއި، އަދި ރޯ ހައުސްއެއް ގަތުމުގެ އެއްބަސްވުމެއްގައިވެސް ސޮއިކޮށްފައިނުވާކަމާއި، އެއްބަސްވުމެއް އޮތްކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ބުނާ އެއްބަސްވުމުގެ ތާރީޚަކީ 20 އެޕްރީލް 2014 ކަމާއި، އަދި ފުލެޓަށް ޝަރުޠު ހަމަނުވާކަމަށް ނިންމިކަން އަންގާފައިވަނީ އޭގެ ކުރިން 9 މާރޗް 2014 ގައި ކަން ފެންނަން އޮތުމުން، ޢަބްދުލްޙަމީދު މުޙައްމަދުގެ ފަރާތުން ރޯހައުސްއެއް ގަނެފައިވާކަމަށް ބުނެ ފުލެޓް ނުލިބޭނެކަމަށް ނިންމިއިރު، އިސްތިއުނާފުކުރާ ފަރާތުން ރޯ ހައުސްއެއް ގަނެފައިނުވާކަން އެނގޭތީ ފުލެޓް ދޫކުރާ މީހުންގެ ޝަރުޠު އިސްތިއުނާފުކުރާ ފަރާތުގެ ކިބައިގައި ފުރިހަމަވާކަން ފެންނަން އޮންނަކަމަށް ބުނެ ހުށަހެޅި ނުކުތާ.

9.2 ޤާނޫނީ ވިސްނުމަކުން ބަލާއިރު ވިއްކުމުގެ ކުރީގެ އެގްރިމަންޓް (presale agreement) އަކީ ގަނެވިއްކުމުގެ އެއްބަސްވުމެއް (sale and purchase agreement) އެއް ނޫންކަމާއި، ޕްރީ ސޭލް އެގްރިމަންޓުގެ ދަށުން ރޯ ހައުސްގެ މިލްކުވެރިކަން ނުލިބޭކަމާއި، އެއިގެ ދަށުން ލިބިދެނީ ރޯހައުސް ގަތުމަށްޓަކައި ވަކި ކަންތައްތަކެއް ފުރިހަމަކުރުމުގެ ޙައްޤުތަކެއްކަމާއި، އެހެންކަމުން، ޕްރީސޭލް އެގްރީމަންޓްގެ ދަށުން ރޯހައުސްއެއް ގަނެފައިވާކަމަށް ބަލާ ބެލުމަކީ ދެކޮޅުޖެހޭ ކަމެއްނޫންކަން އެނގެންއޮތްނަމަވެސް، ދިވެހިރާއްޖޭގެ ހައިކޯޓުން އެ ނުކުތާއަށް އެކަށީގެންވާ މިންވަރަކަށް ރިޢާޔަތްކޮށްފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.

9.3 ޢަބްދުލްޙަމީދު މުޙައްމަދާއި އެއްފަދަ އެއް ހާލަތެއްގައި ތިބި އެހެން މީހުންނާމެދު ތަފާތުގޮތަކަށް ޢަމަލުކޮށް ފްލެޓްދީފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.

"ވެށިފަހި މާލެ ޕްރޮގްރާމް" ގެ "ސީ" ކެޓަގަރީން ފްލެޓް ދޫކުރުމުގެ ޝަރުޠުތައް

ވެށި ފަހި މާލެ ޕްރޮގްރާމް އޮފީހުގެ 27 ނޮވެމްބަރ 2013 ގެ އިޢުލާނުން "ވެށިފަހި މާލެ ޕްރޮގްރާމް" ގެ "ސީ" ކެޓަގަރީން ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓްތަކަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވެ ހޮވިފައިވާ ފަރާތްތަކަށް ލިބުނު ޕޮއިންޓު ތަރުތީބުން ބަޔާންކޮށްފައިވެއެވެ. އަދި އެ ލިސްޓަކީ 2013 ނޮވެމްބަރ 04 ގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުން (މީގެ ފަހުން "އޭސީސީ") ފޮނުވި ރިޕޯޓަށް ބަލައި އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރެއިން، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޕޮއިންޓް ދިނުމުގައި ގެންގުޅެފައިވާ އުޞޫލުތަކުގެ ތެރެއިން އިޞްލާޙުކުރެވެން ހުރި ކަންކަން އިޞްލާޙުކުރުމަށްފަހު ނެރޭ "ސީ" ކެޓަގަރީގެ ދާއިމީ ލިސްޓުކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އޭސީސީ އިން އިތުރަށް ބަލާ ޔަޤީންކުރަން އަންގާފައިވާ ފަރާތްތައް އެ ލިސްޓުގައި ހިމެނޭނެކަމަށާއި، ނަމަވެސް، އެހެން ފަރާތްތަކެކޭ އެއްގޮތަށް އެފަރާތްތަކާއި ފްލެޓް ޙަވާލުކުރެވޭނީ ޔަޤީންކުރަންޖެހޭ ކަންކަން ޔަޤީންކުރުމަށްފަހު ކަމަށް އެ އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.

އެ އިޢުލާނުގައި ބަޔާންކޮށްފައިވާ އިތުރު ކަންތައްތަކުގެ ތެރެއިން ކަމެއް ދިމާވެއްޖެނަމަ، ފްލެޓަށް ހޮވިފައިވާ ހޮވުން ބާޠިލުކުރެވޭނެކަމަށް އޮވެއެވެ. އޭގެތެރޭގައި، މަޢުލޫމާތު ޗެކްކުރުމަށްފަހު ފްލެޓަށް ހޮވިފައިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތެއް ޝަރުޠު ހަމަނުވާކަމަށް ސާބިތުވުމާއި، ފިރިމީހާ ނުވަތަ އަނބިމީހާއަށް ސަރުކާރުން ދޫކުރާ ގެއެއް، ފްލެޓެއް ނުވަތަ ރޯހައުސްއެއް ލިބިފައިވުން ހިމެނެއެވެ.

މީގެ އިތުރުން، ފްލެޓު ޙަވާލުކުރުމުގެ ކުރިން ކަމާބެހޭ ފަރާތްތަކުން ސާފުކުރާނެ ބައެއް ކަންކަން އެ އިޢުލާނުގައި ތަފްޞީލުކޮށްފައިވެއެވެ. އެގޮތުން،

(ހ) ފޯމު ހުށަހެޅިއިރު ނުވަތަ އޭގެ ފަހުންވެސް ރާއްޖޭގެ އެއްވެސް ރަށެއްގައި އެމީހެއްގެ ނަން މަތީގައި 600 އަކަފޫޓު ހަމަވާ ނުވަތަ އެއަށްވުރެ ބޮޑު ބިމެއް ނުވަތަ ބޯހިޔާވަހިކަމެއް ނެތުން؛ އަދި

(ށ) ފިރިމީހާ ނުވަތަ އަނބިމީހާއަށް ސަރުކާރުން ހިންގާފައިވާ ހައުސިންގ ޕްރޮޖެކްޓެއްގެ ދަށުން ދޫކުރާ ފްލެޓެއް ނުވަތަ ރޯހައުސްއެއް ލިބިފައިނެތުން

ހިމެނިފައިވެއެވެ.

ޕްރީ-ސޭލް އެއްބަސްވުމުން ރޯހައުސްގެ މައްޗަށް އުފެދޭ ޙައްޤުތައް

ވެށިފަހި މާލެ ޕްރޮގްރާމްގެ "ސީ" ކެޓަގަރީން ފްލެޓްތައް ދޫކުރިއިރު، ފްލެޓަށް އެދި ހުށަހެޅިއިރު ޢަބްދުލްޙަމީދު މުޙައްމަދުގެ ނަމުގައި ރޯހައުސްއެއް ނެތްކަމަށާއި، އޭރު ރޯ ހައުސްއެއް ގަތުމުގެ އެއްބަސްވުމެއްގައިވެސް ސޮއިކޮށްފައިނުވާކަމަށާއި، ފްލެޓްގަތުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 20 އެޕްރީލް 2014 ގައި ކަމަށް ޢަބްދުލްޙަމީދު މުޙައްމަދުގެ ފަރާތުން ބުނެއެވެ. އަދި ފްލެޓަށް ޝަރުޠު ހަމަނުވާކަމަށް އަންގާފައިވަނީ 09 މާރޗް 2014 ގައިކަން އެނގެން އޮތުމުން، ޢަބްދުލްޙަމީދު މުޙައްމަދު ފްލެޓް ގަނެފައިވާކަމަށް ބުނެ ފްލެޓް ނުލިބޭކަމަށް ނިންމިއިރު، ރޯހައުސްއެއް ގަނެފައިނުވާކަން އެނގޭތީ ފްލެޓް ދޫކުރާމީހުންގެ ޝަރުޠު ޢަބްދުލްޙަމީދު މުޙައްމަދުގެ ކިބައިގައި ފުރިހަމަވާކަމަށް ޢަބްދުލްޙަމީދު މުޙައްމަދުގެ ފަރާތުން ބުނެފައިވެއެވެ.

މި މައްސަލައިގައި ކަންހިނގާދިޔަ ގޮތަށް ބެލިއިރު، ވެށިފަހި މާލެ "ސީ" ކެޓަގަރީއަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވެ ފްލެޓަށް ހޮވުނު ފަރާތްތަކުގެ ދާއިމީ ލިސްޓު އިޢުލާނުކުރީ 27 ނޮވެމްބަރ 2013 ގައެވެ. އެކަމަކު އޭގެ 3 އަހަރު ކުރިން، 27 ސެޕްޓެމްބަރ 2010 ގައި، ހުޅުމާލެއިން ވިއްކުމަށް ހަމަޖެހިފައިވާ އިތުރު 20 ރޯހައުސްއަށް ޢަބްދުލްޙަމީދު މުޙައްމަދު ހޮވިފައިވާކަން އަންގައި، އޭނާއަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕޮރޭޝަން ލިމިޓެޑުން ސްލިޕް ދޫކޮށްފައިވެއެވެ. މި ސްލިޕުން ޢަބްދުލްޙަމީދު މުޙައްމަދަށް ލިބިދޭ ޙައްޤަކީ ރޯހައުސްތައް ޢާންމުކޮށް ވިއްކާލުމަށް ހުޅުވާލުމުގެ ކުރިން، ގުރުއަތުން ޖެހުނު ތަރުތީބުން ރޯހައުސް ގަތުމުގެ ފުރުޞަތު ޢަބްދުލްޙަމީދު މުޙައްމަދަށް ލިބުމެވެ. އެހެންގޮތަކަށް ބުނާނަމަ، "ފަރސްޓް އޮޕްޝަން ޓު ޕަރޗޭސް" ޙައްޤެވެ.

ހުޅުމާލެއިން އެއިރު ވިއްކުމަށް ހަމަޖެހިފައިވަނީ 20 ރޯހައުސް ކަމުގައިވާއިރު، ޢަބްދުލްޙަމީދު މުޙައްމަދަށް ޖެހުނު ތަރުތީބު ނަންބަރަކީ 14 އެވެ. 27 ޑިސެމްބަރ 2012 ގައި ޢަބްދުލްޙަމީދު މުޙައްމަދުއާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕޮރޭޝަން ލިމިޓެޑާ ދެމެދު ދިގު މުއްދަތަށް ފައިސާ ދައްކާގޮތަށް ނަންބަރު R14-02 ރޯހައުސް ގަތުމަށްޓަކައި ޕްރީ-ސޭލް އެއްބަސްވުމުގައި ސޮއިކުރިއެވެ. މި އެއްބަސްވުމުގައި ސޮއިކުރީ ވެށި ފަހި ޕްރޮގްރާމްގެ ދަށުން ފްލެޓު ލިބުމަށް ހޮވުނު ދާއިމީ ލިސްޓު އިޢުލާނު ކުރުމުގެ 11 މަސްކުރިންނެވެ.

ޢަބްދުލްޙަމީދު މުޙައްމަދުގެ ފަރާތުން ފާހަގަކޮށްފައިވާ ފަދައިން، ޕްރީ-ސޭލް އެއްބަސްވުމަކީ އޭގެ ޒާތުގައި ރޯހައުސް ގަނެވިއްކުމުގެ އެއްބަސްވުމެއް ނޫނެވެ. އެހެންނަމަވެސް، އެ އެއްބަސްވުމުގައި ސޮއިކުރިއިރު، ރޯހައުސް ގަތުމަށްޓަކައި ރޯހައުސްގެ އަގުގެ %20 (ވިހި އިންސައްތަ) ޑައުންޕޭމަންޓުގެ ގޮތުގައި ޢަބްދުލްޙަމީދު މުޙައްމަދުގެ ފަރާތުން ދައްކާފައިވާކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ. އަދި ޕްރީ-ސޭލް އެއްބަސްވުމުގެ ދަށުން ފައިސާ ދައްކަމުން އައިކަމަށް ޢަބްދުލްޙަމީދު މުޙައްމަދުގެ ފަރާތުން ހައިކޯޓުގައިވެސް ބުނެފައިވެއެވެ. އެހެންކަމުން، ރޯހައުސް ގަތުމުގެ ނިޔަތް ޢަބްދުލްޙަމީދު މުޙައްމަދުގެ ކިބައިގައި އޮތްކަން އެނގެއެވެ.

މި މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ޢަބްދުލްޙަމީދު މުޙައްމަދަކީ ވެށި ފަހި މާލެ ޕްރޮގްރާމްގެ ދަށުން ފްލެޓް ލިބުމުގެ ޝަރުޠު ފުރިހަމަނުވާ ފަރާތެއްކަމަށް 9 މާރޗް 2014 ގައި ޢަބްދުލްޙަމީދު މުޙައްމަދަށް އަންގާފައިވެއެވެ. އަދި އޭގެ ފަހުން 20 އެޕްރީލް 2014 ގައި ޢަބްދުލްޙަމީދު މުޙައްމަދާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕޮރޭޝަން ލިމިޓެޑާ ދެމެދު ރޯހައުސް ގަތުމުގެ އެއްބަސްވުމުގައި ސޮއިކުރެވުނެވެ.

މި މައްސަލައިގައި އުފެދޭ ސުވާލަކީ ޕްރީ-ސޭލް އެއްބަސްވުމުގައި ޢަބްދުލްޙަމީދު މުޙައްމަދު 27 ޑިސެމްބަރ 2012 ގައި ސޮއިކޮށްފައި އޮތަތީ، ޢަބްދުލްޙަމީދު މުޙައްމަދަކީ ދިރިއުޅޭނެ ތަނެއް ލިބިފައިވާ ފަރާތެއްތޯ ޤާނޫނީ ގޮތުން ބެލެވިދާނެތޯއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-A/17 (ޢަބްދުﷲ ޖަމީލް ވ. ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ) ޤަޟިއްޔާއަށް ދައުލަތުގެ ފަރާތުން ޙަވާލާދީފައިވެއެވެ. މިޤަޟިއްޔާގައިވާ މައްސަލައަކީ ފާދިއްޕޮޅު ނައިފަރުން ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވެ ގޯތި ލިބުނު ފަރާތްތަކުގެ ތެރޭގައި އެ ޤަޟިއްޔާގައި އިސްތިއުނާފުކުރާ ޢަބްދުﷲ ޖަމީލު ހިމެނުމުން، ގުރުއަތުން ނެގިފައިވާ ބަންޑާރަ ގޯތި ނުދިނުމަށާއި ގޯއްޗަށް ހުށަހެޅި ފޯމު ބާޠިލުކުރުމަށް ނައިފަރު ކައުންސިލްގެ އިދާރާއިން ނައިފަރު ކޯޓަށް ހުށަހެޅުމުން ބެލުނު މައްސަލައެކެވެ. އެ ޤަޟިއްޔާގައި ޢަބްދުﷲ ޖަމީލު ބަންޑާރަ ގޯއްޗަށް ހޮވިފައިވާ ހޮވުން ބާޠިލުކަމަށް ކަނޑައަޅާފައިވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕޮރޭޝަން ލިމިޓެޑުން ކުރިއަށް ގެންދާ ކޮރެލްވިލްގެ މަޝްރޫޢުގެ ދަށުން ޢަބްދުﷲ ޖަމީލަށް ފްލެޓެއް ލިބިފައިވާތީއެވެ. އެ މައްސަލައިގައިވެސް ސުޕްރީމް ކޯޓުގެ ކުރިމަތީގައި އޮތް އެއް ސުވާލަކީ ގޯއްޗަށް އެދި ފޯމު ލީއިރު، އަދި ގުރުއަތުން ބަންޑާރަ ގޯތި ލިބުނުއިރު، އަދި ފޯމު ބާޠިލުކުރަން ނިންމިއިރު، ފްލެޓްގެ އަގު އެއްކޮށް ޚަލާޞްކުރެވިފައިނުވާތީ، އަދި އެތަނުގެ އަގު އަދާކޮށް ނިމިފައިނުވާތީ އެތަން އޭނާގެ ނަމުގައި ރަޖިސްޓްރީކުރެވިފައި ނެތުމަކީ ބިމާބެހޭ ޤާނޫނާއި ގަވާއިދުގެ ދަށުން ފްލެޓެއް ލިބިފައިވާ މީހަކު ކަމުގައި ބެލިދާނެތޯއެވެ. އެ ޤަޟިއްޔާގައި ފަނޑިޔާރު ޙުސްނުއް ސުޢޫދުގެ ރައުޔުގެ ޕެރެގްރާފް 35 ގައި ބަޔާންކޮށްފައިވަނީ މިފަދައިންނެވެ.

"...ގޯއްޗެއް ނުވަތަ ފްލެޓެއް ލިބިފައި އޮތުންކަމަށް މުޖުތަމައުގައި ޤަބޫލުކުރަނީ ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން އޭނާގެ ނަމުގައި ތަނެއް ކަނޑައަޅައި އައްޔަނުކޮށްފައި އޮތުމަށެވެ. ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން އޭނާގެ ނަމުގައި ވަކިތަނެއް ކަނޑައަޅައި އައްޔަނުކޮށްފައިވާ ނަމަ، އެ ހިސާބުން އޭނާއަށް އެ ތަނުގެ މައްޗަށް ހައްގުތަކެއް އުފެދޭނެއެވެ. އޭނާގެ ނަމުގައި އައްޔަނުވެފައިވާ ގޯތީގެ ނުވަތަ ފްލެޓުގެ މައްޗަށް އޭނާގެ ހައްގުތަކެއް އުފެދުމަށްޓަކައި ކޮންމެހެން އޭނާގެ ނަމުގައި އެތަން ރަޖިސްޓްރީ ވެފައި އޮތުން ލާޒިމްނުވެއެވެ. މީހަކަށް ލިބިފައިއޮތް ތަނެއް އޭނާގެ ނަމުގައި ރަޖިސްޓްރީ ކުރުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ޝަކްލީ ކަންތައްތަކެއް ނުވަތަ ޝަރުތުތަކެއް ހުރެދާނެއެވެ. އޭނާގެ ނަމުގައި ތަން ރަޖިސްޓްރީވުމުގެ ކުރިން ފުރިހަމަވާންޖެހޭ ޝަރުތުތަކެއް ހުރުމަކީ ނުވަތަ ޝަކުލިއްޔާތުތަކެއް ފުރިހަމަކުރަން ހުރުމަކީ، އެ މުދަލުގެ މައްޗަށް އޭނާއަށް ލިބިގެންވާ އަދާލަތުގެ ހައްގަކުން (equitable rights) އޭނާ މަހުރޫމުވާނޭ ސަބަބެއްނޫނެވެ."

ހުށަހެޅިފައިވާ މި މައްސަލައަށް ބަލާއިރު، ޢަބްދުލްޙަމީދު މުޙައްމަދާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕޮރޭޝަން ލިމިޓެޑާ ދެމެދު ޕްރީ-ސޭލް އެއްބަސްވުމެއްގައި 27 ޑިސެމްބަރ 2012 ގައި ސޮއިކުރިއެވެ. އަދި ރޯހައުސް ވިއްކުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ޑައުންޕޭމަންޓްގެ ގޮތުގައި ގޭގެ އަގުގެ 20% ދައްކާފައިވާކަން އެނގެންއޮވެއެވެ. އެހެންކަމުން، ޢަބްދުލްޙަމީދު މުޙައްމަދާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕޮރޭޝަން ލިމިޓެޑާ ދެމެދު 09 މާރޗް 2014 ގެ ތާރީޚާ ހަމައަށް ގަނެ ވިއްކުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިނުވި ނަމަވެސް، ޢަބްދުލްޙަމީދު މުޙައްމަދަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕޮރޭޝަން ލިމިޓެޑުން ގެއެއް އައްޔަނުކުރެވިފައިވާ ކަމާއި، އެ ގޭގެ އަގު ކަނޑައެޅިފައިވާކަމާއި، އަދި އައްޔަނުކުރެވިފައިވާ ގޭގެ ޑައުންޕޭމަންޓް އެ ފަރާތުން ދައްކަމުންއައިކަން އެނގެއެވެ. ޢަބްދުލްޙަމީދު މުޙައްމަދަށް އެ ގޭގެ ޤާނޫނީ މިލްކުވެރިކަން (legal ownership) ނެތް ނަމަވެސް އެ ގޭގެ މައްޗަށް އަދާލަތުގެ މިލްކުވެރިކަމުގެ ހައްގުތަކާއި މަންފާތަކެއް (equitable rights) އުފެދިފައިވެއެވެ. އަދި އެ ގެގޭ މައްޗަށް ޢަބްދުލްޙަމީދުއަށް އަދާލަތުގެ މިލްކުވެރިކަމުގެ ޙައްޤުތަކެއް އުފެދިފައިވާކަން ޢަބްދުލްޙަމީދު މުޙައްމަދުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުންވެސް އެނގެއެވެ.

"ވެށި ފަހި މާލެ ޕްރޮގްރާމް" ގެ ފުރަތަމަ ފިޔަވަހީގައި "ސީ" ކެޓަގަރީން ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓްތަކަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވެ ހޮވިފައިވާ ފަރާތްތަކުގެ ދާއިމީ ލިސްޓު އިޢުލާންކުރެވުނު އިރު، އެ އިޢުލާނުގައި ފްލެޓަށް ހޮވިފައިވާ ހޮވުން ބާޠިލުކުރެވޭނެ ޙާލަތްތަކެއް ބަޔާންކޮށްފައިވެއެވެ. އެގޮތުން، ފޯމު ހުށަހެޅިއިރު ނުވަތަ އޭގެ ފަހުންވެސް ރާއްޖޭގެ އެއްވެސް ރަށެއްގައި އެމީހެއްގެ ނަންމަތީގައި 600 އަކަފޫޓު ހަމަވާ ނުވަތަ އެއަށްވުރެ ބޮޑު ބިމެއް ނުވަތަ ބޯހިޔާވަހިކަމެއް ނެތުމުގެ އިތުރުން، ފިރިމީހާއަށް ނުވަތަ އަނބިމީހާއަށް ސަރުކާރުން ދޫކުރާ ގެއެއް، ފްލެޓެއް ނުވަތަ ރޯހައުސްއެއް ލިބިފައިނުވުން ހިމެނެއެވެ.

ސަރުކާރުން ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫޢުއެއްގެ ދަށުން ޢަބްދުލްޙަމީދު މުޙައްމަދަށް ރޯހައުސްއެއް ގަތުމުގެ ފުރުޞަތު ލިބިފައިވެއެވެ. ރޯހައުސް އެކުލެވިގެންވަނީ ތިރީބުރީގެ އިތުރުން ދެ ފަންގިފިލައެއްގެ މައްޗަށް ކަމުގައިވާއިރު، އެންމެ ތިރީބުރި އެކަނިވެސް 600 އަކަފޫޓަށްވުރެ ބޮޑުކަން ފާހަގަކުރެވެއެވެ. ވެށިފަހި މާލެ ޕްރޮގްރާމަކީ ބޯހިޔާވަހިކަމެއް ލިބިފައި ނުވާ ފަރާތްތަކަށް އިޖުތިމާޢީ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމުގެ މަޤުސަދުގައި ކުރިއަށް ގެންދެވުނު މަޝްރޫޢެއް ކަމުގައިވާއިރު، ބިމުގެ ދަތިކަން ހުރި މާލޭގައި، ބޯހިޔާވަހިކަމުގެ އެހެނިހެން އެކި މަޝްރޫޢުތަކުގެ ދަށުން ބިމެއް ނުވަތަ ފްލެޓެއް ޢައްޔަން ކުރެވިފައިވާ ފަރާތަކީ އަދާލަތުގެ މިލްކުވެރިކަމުގެ އުޞޫލުގެ ދަށުން، އެހެން ތަނެއް ލިބިފައިވާ ފަރާތެއްކަމަށް ބަލަންޖެހެއެވެ. އެހެންކަމުން، ވެށި ފަހި މާލެ ޕްރޮގްރާމްގެ ބޭނުމަށްޓަކައި، ޢަބްދުލްޙަމީދު މުޙައްމަދަކީ ދިރިއުޅުމަށް އެހެން ތަނެއް ލިބިފައިވާ ފަރާތެއްކަމަށް ބަލަންޖެހެއެވެ.

އިސްތިއުނާފުކުރާ ފަރާތާއި އެއްފަދަ ޙާލަތެއްގައި ތިބި އެހެންމީހުނާމެދު ތަފާތު ގޮތަކަށް ޢަމަލުކޮށްފައިވޭތޯ؟

"ވެށިފަހި މާލެ ޕްރޮގްރާމް" ގެ ފުރަތަމަ ފިޔަވަހީގެ "ސީ" ކެޓަގަރީން ފްލެޓްތައް ދޫކުރިއިރު، ޢަބްދުޙަމީދު މުޙައްމަދުއާއެކު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕޮރޭޝަން ލިމިޓެޑަށް ޑައުން ޕޭމަންޓް ދައްކަމުން އައި އެހެން މީހުން ޑިސްކޮލިފައި ކޮށްފައިނުވާއިރު، ޢަބްދުލްޙަމީދު މުޙައްމަދު ޑިސްކޮލިފައި ކުރުމަކީ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާއާ ޚިލާފަށް ތަފާތުކުރުންކަމަށާއި އެހެންނަމަވެސް އެކަމަށް ދަށުކޯޓުން ރިޢާޔަތްކޮށްފައިނުވާކަމަށް ޢަބްދުލްޙަމީދު މުޙައްމަދުގެ ފަރާތުން ބުނެއެވެ.

ޢަބްދުލްޙަމީދު މުޙައްމަދުގެ ފަރާތުން ހުށަހެޅި މިނުކުތާއަކީ ހައިކޯޓުގައި ފާހަގަކޮށްފައިވާ ނުކުތާއެކެވެ. އެގޮތުން މިނުކުތާއަށް ހައިކޯޓުން ޖަވާބުދީފައިވާކަން އިސްތިއުނާފު ކުރެވޭ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ. އެގޮތުން ހައިކޯޓުން ފާހަގަކޮށްފައިވަނީ ވެށިފަހި މާލެ ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގެ 'ސީ" ކެޓަގަރީން ފްލެޓްތައް ދޫކުރިއިރު، ޢަބްދުލްޙަމީދު މުޙައްމަދާ އެއްފަދައިން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕޮރޭޝަން ލިމިޓެޑަށް ޑައުންޕޭމަންޓް ދައްކަމުން ދިޔަ އެއްވެސް ފަރާތެއް ހިމެނިފައިނުވާކަމަށާއި، ރޯ ހައުސްއަށް ޑައުންޕޭމަންޓް ދައްކަމުންދާ ޢަބްދުﷲ ޝަރީފްއާއި ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން "ސީ" ކެޓަގަރީން ފްލެޓް ލިބިފައިވާކަމަށް ޢަބްދުލްޙަމީދު މުޙައްމަދު ފާހަގަކޮށްފައިވާ ޢަބްދުﷲ ޝަރީފްއަކީ ދެފަރާތެއްކަމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން 08 މާރޗް 2015 ގައި ފޮނުވި ސިޓީގައި ބަޔާންކޮށްފައިވާއިރު، އެކަން ނަފީކުރެވޭވަރުގެ ހެއްކެއް އަދި ޤަރީނާއެއް ޢަބްދުލްޙަމީދު މުޙައްމަދުގެ ފަރާތުން ހުށަހަޅާފައިނުވާ ކަމަށެވެ.

މިނުކުތާގައި ޢަބްދުލްޙަމީދު މުޙައްމަދުގެ ފަރާތުން އިތުރަށް ސުޕްރީމް ކޯޓުގައި ފާހަގަކޮށްފައިވަނީ ހުޅުމާލެ ނަންބަރު R14-01ރޯހައުސް ގަތް ޢަބްދުﷲ ޝަރީފްއަކީވެސް ޕްރީ-ސޭލް އެގްރިމަންޓެއްގެ ދަށުން ޑައުންޕޭމަންޓް ދައްކަމުން އައި ފަރާތެއްކަމަށާއި، އެފަރާތުގެ އަނބިމީހާއަށް ވެށިފަހި މާލެ ޕްރޮޖެކްޓްގެ ދަށުން ފުލެޓް ދޫކޮށްފައިވާކަމަށާއި، ނަމަވެސް އެފަރާތާ ގުޅޭގޮތުން ޢަމަލުކޮށްފައިވަނީ ޕްރީ-ސޭލް އެގްރިމެންޓެއް އޮތުމަކީ ރޯހައުސްއެއް ލިބިފައިއޮތުންކަމަށް ބަލައިގެން ނޫންކަމަށެވެ.

އެހެން ފަރާތްތަކާ މެދު ތަފާތު ގޮތަކަށް ޢަމަލުކޮށްފައިވާކަމަށްބުނެ ޢަބްދުލްޙަމީދު މުޙައްމަދުގެ ފަރާތުން މި ހުށަހެޅި ނުކުތާއަކީ ސިވިލް ކޯޓުގައި ފާހަގަކޮށްފައިވާ ނުކުތާއެއް ނޫނެވެ. އެހެންނަމަވެސް ހައިކޯޓުގައި، މި ނުކުތާއާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށްފަހު، ކަމުގެ ޙަޤީޤަތް އެކޯޓުން އޮޅުން ފިލުވާފައިވާކަން ފާހަގަކުރެވެއެވެ. ސުޕްރީމް ކޯޓަށް މިހާރު ހުށަހެޅިފައިވާ ނުކުތާގައި ޢަބްދުލްޙަމީދު މުޙައްމަދުގެ ފަރާތުން ބުނެފައިވަނީ ވެށި ފަހި މާލެ ޕްރޮގްރާމްގެ ދަށުން ފްލެޓެއް ދީފައިވަނީ އޭގެ ކުރިން ރޯހައުސްއެއް ލިބިފައިވާ ފަރާތެއްގެ އަނބިމީހާއަށްކަމަށެވެ.

ޢަބްދުލްޙަމީދު މުޙައްމަދުގެ ފަރާތުން ސުޕްރީމް ކޯޓުގައި މިހާރު ފާހަގަކުރާ ނުކުތާ ހައިކޯޓުގައި ދެއްކި ވާހަކަތަކާ ތަފާތުކަން ފާހަގަކުރެވެއެވެ. އަދި ދައުލަތުންވެސް މިކަން ފާހަގަކުރުމުގެ އިތުރުން، މި ނުކުތާގެ މައުލޫޢުއާ ގުޅޭ އެއްވެސް ވާހަކައެއް ދައްކާފައިނުވެއެވެ. ބަހުސްގެ ބޭނުމަށް، ޢަބްދުލްޙަމީދު މުޙައްމަދުގެ ފަރާތުން ހުށަހެޅި މިނުކުތާއަށް ރިޢާޔަތްކުރިނަމަވެސް، ދައުލަތުންވެސް ފާހަގަކޮށްފައިވާ ފަދައިން، ޢަބްދުލްޙަމީދު މުޙައްމަދުގެ ފަރާތުން ފާހަގަކުރާ ޢަބްދުﷲ ޝަރީފްއަކީވެސް ޕްރީ-ސޭލް އެގްރިމަންޓެއްގެ ދަށުން ޑައުންޕޭމަންޓް ދައްކަމުން ދިޔަ ފަރާތެއްނަމަ، އޭގެ އާޚިރު ނަތީޖާއަކަށް ވެގެންދާނީ ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން އެފަރާތަށް ފްލެޓު ލިބުމުގެ ޝަރުޠު އުނިވެގެންދިއުމެވެ. އެފަރާތަށް ފްލެޓް ލިބުން ޔަޤީންވެގެން ދިއުމެއް ނޫނެވެ.

އެހެންކަމުން، އިސްވެ ބަޔާންކުރެވުނު ސަބަބުތައް އެހެން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 1495/Cv-C/2014 ޤަޟިއްޔާގައި ވެށި ފަހި މާލެ ޕްރޮގްރާމް އޮފީހުން ޢަބްދުލްޙަމީދު މުޙައްމަދު ފްލެޓަށް ހޮވިފައިވާ ހޮވުން ބާޠިލުކަމަށް އެންގި އެންގުމަކީ ބާޠިލު އެންގުމެއްކަމަށް ކަނޑައަޅައިދެވެން ނެތްކަމަށްކޮށްފައިވާ ޙުކުމަށް އިސްތިއުނާފުކުރެވޭ ހައިކޯޓުގެ 2015/HC-A/76 ޤަޟިއްޔާއިން ތާއީދުކޮށްފައިވަނީ ޤާނޫނީ ނުވަތަ ޝަރުޢީ އުޞޫލަކާ ޚިލާފަށްކަމަށް އަހުރެން ނުދެކެމެވެ.

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެ މަތިން ހުރުމުން، ދަފްތަރު ނަންބަރު ރސ 983 / މާލެ، ޢަބްދުލްޙަމީދު މުޙައްމަދުއަކީ ސަރުކާރުން ހިންގާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުއެއްގެ ދަށުން ރޯހައުސްއެއް ލިބިފައިވާ ފަރާތެއްކަމަށް ކަނޑައަޅައި، ވެށި ފަހި މާލެ ޕްރޮގްރާމްގެ "ސީ" ކެޓަގަރީން ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓުތަކުގެ ތެރެއިން ފްލެޓެއް ޙަވާލުކުރެވިދާނެ ފަރާތެއް ނޫންކަމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ވެށި ފަހި މާލެ ޕްރޮގްރާމް އޮފީހުން އަންގާފައިވާ އެންގުމަކީ ބާޠިލު އެންގުމެއްކަމަށް ކަނޑައަޅާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި، ސިވިލް ކޯޓުގެ ނަންބަރު 1495/Cv-C/2014 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ތާއީދުކޮށް ހައިކޯޓުގެ ނަންބަރު 2015/HC-A/76 ޤަޟިއްޔާއިން ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ފަދަ ސަބަބެއް ހުށަހަޅާފައި ނެތްކަމަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، ޙުކުމްކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ޢާއިޝާ ޝުޖޫން މުޙައްމަދުއަޒްމިރާލްދާ ޒާހިރުމަޙާޒު ޢަލީ ޒާހިރު(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ