ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2017/SC-C/11ސުޕްރީމް ކޯޓު · 22 މޭ 2017

—

ސުޕްރީމް ކޯޓު
1 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 22 މޭ 2017ބާވަތް: ދުސްތޫރީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ

ޤަޟިއްޔާ ނަންބަރު: 2017/SC-C/11

ދަޢުވާކުރާ ފަރާތް: އެޓަރނީ ޖެނެރަލްގެ އޮފީސް

ދަޢުވާލިބޭ ފަރާތް: -

މައްސަލައިގެ ބާވަތް: ދުސްތޫރީ މައްސަލަ

މައްސަލަ އައިގޮތް: ދުސްތޫރީ މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދޭ ފޯމުން

ހުށަހެޅުނު ތާރީޚް: 23 އެޕްރީލް 2017

ނިމުނު ތާރީޚް: 22 މޭ 2017

މައްސަލަ ނިންމި ގަޑި: 17:46

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ.

މައްސަލައިގެ ޚުލާޞާ

މިއީ، ވަޒީރުންގެ މަޖިލީހަށް މީހުން ޢައްޔަންކުރުމާއި އެ މަޤާމުތަކުން މީހުންވަކިކުރުމާއި، އެ މީހުންގެ އިސްތިޢުފާ ޤަބޫލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ އިޚްތިޔާރީ ބާރުތަކުގެ ތެރޭގައި ހިމެނޭ ކަމަކަށް ވެފައި، އެ މީހުންނަކީ ރައްޔިތުންގެ މަޖިލީހުގެ އިޚްތިޔާރީ ބާރުގެ ދަށުން ވަކިކުރެވޭނެ ބައެއްކަމުގައި ނުވާތީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 101 ވަނަ މާއްދާގައިބަޔާންކޮށްފައިވާ ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ މައްޗަށް ނެގޭ އިތުބާރު ނެތްކަމުގެ ވޯޓަކީ، އެއްވެސް ސަބަބެއް އެ މައްޗަށް ބިނާވުމެއް ނެތި، ހަމައެކަނި ސިޔާސީ ނިންމުމެއްގެ މައްޗަށް ވަޒީރަކު މަޤާމުގައި ނުބެހެއްޓުމަށް ނިންމާ ނިންމުމެއް ނުވަތަ vote of no confidence އެއް ނޫންކަމަށާއި، އެއީ، ކަނޑައެޅި ބަޔާންކުރެވިފައިވާ ސަބަބުތަކެއް މެދުވެރިވެގެން، އަދި އެ ސަބަބުތައް ކަނޑައެޅި ބަޔާންކުރެވިފައިވާ ހަމަތަކެއްގެ މަތިން ސާބިތުކުރެވޭ impeachment އެއްކަމަށް ކަނޑައަޅައިދިނުމަށް އެދި، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 11 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 274 ވަނަ މާއްދާގައި "ދުސްތޫރީ މައްސަލަ" މާނަކޮށްފައިވާ މާނަކުރުމަށް ރިޢާޔަތްކޮށް ދިވެހި ދައުލަތުގެ އެޓަރނީ ޖެނެރަލްގެ ފަރާތުން ހުށަހެޅުމުން ބެލިފައިވާ ދުސްތޫރީ މައްސަލައެކެވެ.

ފާހަގަކުރެވުނު ނުކުތާތައް

މި މައްސަލާގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި، ޤާނޫނުތަކަށާއި، ދަޢުވާކުރާ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހަޅާފައިވާ ލިއުންތަކަށާއި، ތަފާތު ދުސްތޫރީ ނިޒާމްތަކުގައި ދައުލަތުގެ ތިން ބާރުގެ އިޚްތިޞާޞްތައް ބެހިގެންވާގޮތަށާއި، އެ ބާރުތަކުގެ މެދުގައި އޮންނަ ގުޅުމުގައި "ޗެކްސް އެންޑް ބެލެންސެސް" ގެ ނިޒާމު ޤާއިމުކުރެވިފައިވާ ގޮތުގެ މައްޗަށާއި، މިބާވަތުގެ މައްސަލަތަކުގައި ތަޠްބީޤުކުރެވޭ ދުސްތޫރީ އަދި ޤާނޫނީ ޢާންމު މަބްދައުތަކުގެ މައްޗަށް ނަޒަރުކޮށް ބެލިއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައި ވެއެވެ.

މި މައްސަލައިގެ ދަޢުވާގެ ޞީޣާއަށް ބަލާއިރު، މި މައްސަލައިގެ މައުޟޫޢަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 101 ވަނަ މާއްދާ މާނަކޮށް، އެ މާއްދާއިން އިސްތިޚްލާޞްކުރެވޭ ދުސްތޫރީ އަޙްކާމްތައް ކަނޑައަޅައި ދިނުންކަން އެނގެން އޮންނައިރު، މިފަދަދުސްތޫރީ ދަޢުވާއަކީ މައުޟޫޢީގޮތުން ވަކި ޚަޞްމަކާ އިދިކޮޅަށް އުފުލޭ ޚުޞޫމަތްތެރި ދަޢުވާއަކަށް ނުވާއިރު، ދައުލަތުގެ އެޓަރނީ ޖެނެރަލްގެ ފަރާތުން ހުށަހަޅާފައިވާ މި މައްސަލަ ދަޢުވާލިބޭ ޚަޞްމަކާ ނުލައި، "އެކްސް ޕާޓޭ" (Ex parte) ކޮށް ބަލަން ނިންމުނެވެ.

ޤާނޫނީ ދައުލަތެއްގެ އެންމެ އަސާސީ އެއް ޚާއްޞިއްޔަތަކީ އެ ދައުލަތެއްގައި "ސުމުއްވުއް ދުސްތޫރު" (Supremacy of the Constitution) ގެ މަބްދައު ކަށަވަރުވެފައި އޮތުންކަމާ، އަދި މި މަބްދައަކީ ދުނިޔޭގެ އެންމެހައި ދުސްތޫރީ ނިޒާމްތަކުގައި އިސްތިޤްރާރުވެފައިވާ "މަބްދައުއް ދުސްތޫރިއްޔާ" (Principle of Constitutionality) އާއި، "މަބްދައުލް މަޝްރޫޢިއްޔާ" (Principle of Legality) ގެވެސް އަސާސްކަމާއި؛ މި ދެ މަބްދައުގެ މަފްހޫމަކީ ދައުލަތުގެ ޤާނޫނީ ނިޒާމުގައި ޝާމިލުވެގެންވާ އެންމެހައި ޤާނޫނީ ޤާޢިދާތަކަކީ ދައުލަތުގެ ޤާނޫނީ ހަރުފަތުގެ އެންމެ މަތީގައިވާ ދުސްތޫރީ ޤާޢިދާތަކާ، ނުވަތަ ޤާނޫނުއަސާސީން ޤާއިމުކޮށްފައިވާ އެއްވެސް ދުސްތޫރީ މަބްދައަކާ ތަޢާރުޟުވާ ޤާޢިދާތަކަކަށް ނުވުމުގެ އިތުރުން، ދައުލަތުގެ އެންމެހައި ބާރުތަކާއި، އިދާރާތަކާއި، މުއައްސަސާތަކުގެ ޢަމަލުތަކާއި، ތަޞައްރުފާތުތަކާއި، އިދާރީ އެންމެހައި ޤަރާރުތަކާއި، އަމުރުތައް ޤާނޫނުއަސާސީ އާއި ޤާނޫނުތަކާއި ޤަވާޢިދުތަކާ ޚިލާފުވެގެން ނުވުންކަން އެނގެން އޮންނައިރު، އިސްވެދިޔަ ދެ މަބްދައު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 268 ވަނަ މާއްދާގައި އެއްވެސް އޮޅުމެއް ނާރާފަދަ ގޮތަކަށް ކަށަވަރުކޮށްދީފައިވެއެވެ.

ދައުލަތުގެ ޤާނޫނީ ހަރުފަތުގެ އެންމެ މަތީގައިވާ، އިސްވެ އިޝާރާތްކުރެވުނު ދުސްތޫރީ ޤާޢިދާތަކުން ތަންޒީމްކުރާ މައުޟޫޢުތަކަކީ ޙަޤީޤަތުގައި ދައުލަތުގެ ކިޔާނާއި ނުވަތަ ވުޖޫދާ ގުޅިފައިވާ ދުސްތޫރީ ޠަބީޢަތުގެ މައުޟޫޢުތައްކަމާއި؛ އޭގެ ތެރޭގައި ދައުލަތުގެ ވައްތަރާއި، ދައުލަތުން ތަބާވާ ސިޔާސީ އަދި ވެރިކަމުގެ ނިޒާމާއި، ސިޔާސީ ގޮތުންނާއި އިޖްތިމާޢީ ގޮތުންނާއި އިޤްތިޞާދީގޮތުން ދައުލަތުން ތަބާވާ އަސާސީ ފިކުރުތަކާއި، ޤިޔަމްތަކާއި، ދައުލަތުގެ ޤާނޫނީ ނިޒާމް އޭގެ މައްޗަށް ބިނާވެގެންވާ ޤާނޫނީ މަޞްދަރުތަކާއި، ދައުލަތުގެ ބާރުތަކާއި، އެ ބާރުތައް އެކުލެވިގެންވާގޮތާއި، އެ ބާރުތަކުގެ އިޚްތިޞާޞްތަކާއި، އެއް ބާރު އަނެއް ބާރާ ދެމެދު އޮންނަ ގުޅުމާއި، އެ ބާރުތަކާއި ފަރްދުންގެ މެދުގައި އޮންނަ ގުޅުމާއި، ފަރްދުންގެ އަސާސީ ޙައްޤުތަކާއި، މިނިވަންކަންތަކާއި، ވާޖިބުތަކާއި، މިނިވަން މުއައްސަސާތަކާއި މަޤާމްތައް ފަދަ ދުސްތޫރީ ޠަބީޢަތުގެ މައުޟޫޢުތައް ހިމެނިގެންވާކަމާއި، މިފަދަ މައުޟޫޢުތައް އިންތިޒާމްކުރާ، ޤާނޫނުއަސާސީގައި ކަނޑައަޅައި ބަޔާންވެގެންވާ ދުސްތޫރީ ޤާޢިދާތަކާއި އެ ޤާޢިދާތަކުން އިސްތިޚްލާޞް ކުރެވޭ ދުސްތޫރީ މަބްދައުތަކަކީ ދައުލަތުގެ ޤާނޫނީ ނިޒާމުގައި ވަކި ޚާއްޞަ ޤަދަރަކާއި ޤުދުސިއްޔަތެއް ދެވިފައިވާ ދައުލަތުގެ ޤާނޫނީ އޮނިގަނޑުގެ އެންމެ މަތީގައިވާ ޤާޢިދާތަކާއި މަބްދައުތައް ކަމުގައިވާއިރު، އެފަދަ ޤާޢިދާތަކާއި މަބްދައުތައް ޞައްޙަ މަގުން ތަޠްބީޤުވެގެން ދިއުމުގެ ޟަރޫރަތްތެރި ކަމަށްޓަކައި، ދުސްތޫރީ ނައްޞުތަކުގެ މާނަ އާއި މުރާދަ ފަހްމުވުމުގައި އަރާ އޮޅުންތައް ފިލުވައިދީ، އެ ނައްޞުތައް މާނަކޮށް ތަފްސީރުކުރުމާއި، ދުސްތޫރީ ނައްޞުތަކުގެ މެދުގައިވާ ތަނާޒުޢު (conflict) ތަކަށް "ތައުފީޤީ" (reconciliatory) ޙައްލު ހޯދައިދިނުމުގެ ޚާއްޞަ އިޚްތިޞާޞަކީ ތަފާތު ދުސްތޫރީ ނިޒާމްތަކުގައި ދުސްތޫރީ ނައްޞުތަކުގެ މެދުގައިވާ ތަނާޒުޢުތައް ތަފްސީރުކޮށް މާނަކުރުމުގެ އިޚްތިޞާޞް ލިބިގެންވާ ކަމާބެހޭ ޚާއްޞަ ދުސްތޫރީ ކޯޓަށް ނުވަތަ ދައުލަތުގެ ޤަޟާއީ ހަރުފަތުގެ އެންމެ މަތީގައިވާ ސުޕްރީމް ކޯޓަށް ލިބިގެންވާ އިޚްތިޞާޞެއްކަން އެނގެން އޮންނަ ހިނދު، ދައުލަތުގެ ޤާނޫނީ އަދި ޤަޟާއީ "ވިޙްދަތު" (unity) ކަށަވަރުވެފައި އޮތުމުގެ ޟަރޫރަތްތެރި ކަމަށްޓަކައި ދައުލަތުގެ އިދާރާއަކުން އަޞްލީ ދަޢުވާއެއްގެ ސިފައިގައި ހުށަހަޅާ ބުނެވިދިޔަ ފަދަ ދުސްތޫރީ މައްސަލަތައް ބެލުމުގެ ވިރާޘީ ބާރު ދިވެހިރާއްޖޭގައި ލިބިގެންވާ ހަމައެކަނި ފަރާތަކީ ޢަދްލު އިންޞާފު ޤާއިމުކުރުމުގެ އެންމެ އިސް ފަރާތުގެ ޙައިޘިއްޔަތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުކަމާ، އަދި އެފަދަ މައްސަލަތަކުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނިންމުމަކީ އެންމެ ފަހުގެ ނިންމުންކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 145 ވަނަ މާއްދާގެ (ނ) އިން ސާފުކޮށް އެނގެން އޮވެއެވެ.

ތަފާތު ދުސްތޫރީ ނިޒާމްތަކުގައި ދައުލަތުގެ ސިޔާދަތާއި ވެރިކަމުގެ އެންމެހައި ބާރުތަކަކީ ރައްޔިތުންގެ ކިބައިން ފެށިގެން އަންނަ އަދި ރައްޔިތުންގެ ކިބައިގައި ދެމިއޮންނަ ބާރުތަކެއްކަމާއި، މިޒަމާނުގެ ޑިމޮކްރަސީތަކުގައި ބުނެވިދިޔަ ބާރުތައް ހިންގަނީ އަސާސީގޮތެއްގައި "ދީމިޤުރާޠިއްޔާ ނިޔާބިއްޔާ" (representative democracy) ގެ އުޞޫލުން، ރައްޔިތުން ތަމްޘީލުކުރުމަށްޓަކައި ރައްޔިތުން އިންތިޚާބުކުރާ މެންބަރުން މެދުވެރިކޮށްގެންކަމާއި، ނަމަވެސް ބައެއް އިޚްތިޞާޞްތައް ހިންގުމުގައި "ދީމިޤުރާޠިއްޔާ ޝިބްހުލް މުބާޝިރާ" (Quasi Direct Democracy) ގެ އުޞޫލުން ސީދާ ރައްޔިތުންގެ ބައިވެރިވުމަކުން ނިންމަންޖެހޭ އިޚްތިޞާޞްތައް، އެކި ދުސްތޫރީ ނިޒާމްތަކުގައި އެކި ފެންވަރަށް ތަންޒީމް ކުރެވިފައިވާކަން އެނގެން އޮންނައިރު، ދިވެހިރާއްޖޭގެ ދީމިޤުރާޠީ ނިޒާމުވެސް ޤާއިމުވެގެންވަނީ އިސްވެދިޔަ އުޞޫލުތަކުގެ މައްޗަށްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 4 ވަނަ މާއްދާ އާއި، 26 ވަނަ މާއްދާގެ (ނ) އާއި، 115 ވަނަ މާއްދާގެ (ޏ) އިން އެނގެން އޮވެއެވެ.

އިސްވެ އިޝާރާތްކުރެވުނު "ދީމިޤުރާޠިއްޔާ ޝިބްހުލް މުބާޝިރާ" ގެ ދަށުން ރައްޔިތުންގެ ސީދާ ބައިވެރިވުމާއެކު ރައްޔިތުންނާ ގުޅުންހުރި ކަންތައް ނިންމުމުގައި، ތަފާތު ޑިމޮކްރަސީތަކުގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކުރެވޭ އެންމެ މުހިއްމު އެއް ވަސީލަތަކީ ސީދާ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނެގޭ ރައްޔިތުންގެ ރެފަރެންޑަމް (popular referendum) އެއް މެދުވެރިކޮށް ރައްޔިތުންނާ ގުޅުން ހުރި މުހިއްމު ކަންތައްތައް ނިންމުންކަން އެނގެން އޮންނައިރު، 7 އޯގަސްޓް 2008 (6 ޝަޢުބާން 1429ހ.) ގައި ޢަމަލުކުރަން ފެށުނު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އެކުލަވާލުމަށް އިންތިޚާބުކުރެވުނު ރައްޔިތުންގެ ޚާއްޞަ މަޖިލީހުން، ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމުގައި ދައުލަތުގެ ބާރުތައް އެކުލަވާލައި އެ ބާރުތަކުގެ އިޚްތިޞާޞްތަކާއި، އެއް ބާރު އަނެއް ބާރާ ދެމެދު "ޗެކްސް އެންޑް ބެލެންސެސް" ގެ އުޞޫލުގެ ދަށުން އޮންނަންޖެހޭ ގުޅުން ކަނޑައެޅުމުގައި ތަބާވާންޖެހޭ ސިޔާސީ ނިޒާމަކީ "ރިޔާސީ ނިޒާމު" ތޯ ނުވަތަ "ބަރްލަމާނީ ނިޒާމު" ތޯ ކަނޑައެޅުމަށްޓަކައި ރެފަރެންޑަމްއެއް ބޭއްވުމަށް ނިންމައި، 2007 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 18 ވަނަ ދުވަހު ބޭއްވުނު ރެފަރެންޑަމްގައި ރައްޔިތުން ނިންމާފައިވަނީ ދިވެހި ދައުލަތުގެ ބާރުތައް ބައްޓަންވެފައި އޮންނަންވާނީ ރިޔާސީ ނިޒާމުގެ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންކަން އެނގެން އޮންނައިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ވެރިކަން ހިންގުމުގެ ބާރު އެކުލެވިގެންވާގޮތާއި، އެ ބާރުގެ އިޚްތިޞާޞްތަކާއި، ޤާނޫނު ހެދުމުގެ ބާރު އެކުލެވިގެންވާގޮތާއި، އެ ބާރުގެ އިޚްތިޞާޞްތަކާއި، އެ ދެ ބާރުގެ މެދުގައި "ޗެކްސް އެންޑް ބެލެންސެސް" ގެ ނިޒާމުގެ ދަށުން އެއް ބާރު އަނެއް ބާރު ޖަވާބުދާރީ ކުރަނިވި އުޞޫލުތައް ކަނޑައަޅާފައިވާ ދުސްތޫރީ ނައްޞުތައް މާނަކޮށް ތަފްސީރުކުރަން ޖެހޭނީ ބުނެވިދިޔަ ރެފަރެންޑަމްގައި ދިވެހި ރައްޔިތުން އިޚްތިޔާރުކޮށްފައިވާ ރިޔާސީ ނިޒާމުގެ އަސާސީ ޚަޞާއިޞްތަކާއި ސިފަތަކާ ފުށޫ ނާރާނޭ އުޞޫލަކުންނެވެ.

ތަޤުލީދީގޮތުން އެމެރިކާ (ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ) ގެ ދުސްތޫރީ ނިޒާމުގެ ތެރެއިން އުފަންވެ ތަރައްޤީވެފައިވާ ރިޔާސީ ނިޒާމަށް ބަލާއިރު، އެ ނިޒާމަކީ ދައުލަތުގެ ބާރުތައް ފާޅުކަން ބޮޑުގޮތަކަށް ވަކިކުރެވި، ބާރުތަކުގެ މެދުގައި ޤާއިމުކުރެވޭ "ޗެކްސް އެންޑް ބެލެންސެސް" ގެ ނިޒާމުގެ ދަށުން އެއްވެސް ބާރަކަށް އަނެއް ބާރުގެ އިސްތިޤުލާލުކަން ގެއްލޭފަދަ ގޮތަކަށް އެ ބާރުގެ މައްޗަށް ރަޤާބާ (supervisory) އެއް ހިންގުން މަނާކުރެވިގެންވާ ނިޒާމެއްކަމާއި، މިގޮތުން ބަލާއިރު، ރިޔާސީ ނިޒާމެއްގައި ދައުލަތުގެ އެންމެ އިސްވެރިޔާއަކީ ވެރިކަން ހިންގުމުގެ ބާރުގެ ނުވަތަ ސަރުކާރުގެވެސް އެންމެ އިސްވެރިޔާކަމަށްވެފައި، އެ ނިޒާމުގައި ވަޒީރުންނަކީ ވެރިކަން ހިންގުމާއި ދައުލަތުގެ ޢާންމު ސިޔާސަތު ތަންފީޒުކުރުމުގައި ރައީސުލްޖުމްހޫރިއްޔާއަށް އެހީތެރިވުމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ ބަޔަކަށް ވީހިނދު، އަދި އެބައިމީހުންނަކީ ރައީސުލްޖުމްހޫރިއްޔާގެ ކުރިމަތީގައި ސިޔާސީގޮތުން މަސްއޫލިއްޔަތު އުފުލައި ޖަވާބުދާރީވާ ބަޔަކަށް ވީހިނދު، ރިޔާސީ ނިޒާމެއްގައި ވަޒީރުން ޢައްޔަންކުރުމާއި، ވަކިކުރުމަކީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ އިޚްތިޔާރީ ބާރެއްކަމުގައި ވާއިރު، ދައުލަތުގެ އަދި ވެރިކަން ހިންގުމުގެ ބާރުގެ އެންމެ އިސްވެރިޔާގެ ގޮތުގައި ރައްޔިތުން އިންތިޚާބުކުރާ ރައީސުލްޖުމްހޫރިއްޔާއާއި، ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަކީ ރިޔާސީ ނިޒާމެއްގައި ޕާރލަމެންޓް ނުވަތަ ޤާނޫނުހަދާ މަޖިލީހުގެ ކުރިމަތީގައި ސިޔާސީގޮތުން މަސްއޫލިއްޔަތު އުފުލައި ޖަވާބުދާރީވާންޖެހޭ ފަރާތްތަކެއް ނޫންކަމާ، އެހެންކަމުން ޕާރލަމެންޓުގެ ކުރިމަތީގައި ވަޒީރަކާ ކުރެވޭ "އިސްތިޖްވާބު" (interpellation) އެއްގެ މައްޗަށް ބިނާކޮށް ވަޒީރަކާމެދު އިތުބާރުނެތްކަމަށް ކަނޑައަޅައި ވަޒީރަކު މަޤާމުން ވަކިކުރުމާއި، މުޅި ވަޒީރުންގެ މަޖިލިސް "ތަޟާމުނީކޮށް" (jointly) ޖަވާބުދާރީ ކުރުވައި މުޅި ވަޒީރުންގެ މަޖިލީހުގެ އިތުބާރުނެތްކަމަށް ކަނޑައެޅުމަކީވެސް ރިޔާސީ ނިޒާމުގެ އަސާސީ ޚަޞާއިޞްތަކުގެ ތެރޭގައި ޝާމިލުވާ ކަންތަކެއް ނޫންކަމާ، އެއާ ޚިލާފަށް ފަރްދީގޮތުން ވަޒީރެއްގެ އިތުބާރު ނެތްކަމަށް ފާސްކުރުމާއި، ޖަމާޢީކޮށް ބޮޑުވަޒީރު ޝާމިލުވާގޮތަށް ވަޒީރުންގެ މަޖިލީހުގެ އިތުބާރުނެތްކަމަށް ފާސްކުރުމަކީ ޕާރލަމެންޓަރީ ނިޒާމުގެ އަސާސީ ޚަޞާއިޞްތަކުގެ ތެރޭގައި ހިމެނިގެންވާ ކަމެއްކަން އެނގެން އޮންނައިރު، އޭގެ މުޤާބިލުގައި ޕާރލަމެންޓް ޖަވާބުދާރީކުރުވުމުގެ ބާރު ޕާރލަމެންޓަރީ ނިޒާމުގައި ވެރިކަންކުރުމުގެ ބާރަށް ލިބިގެންވާކަމާއި، މިގޮތުން ޕާރލަމެންޓުން ބަޔާންވެދިޔަ އިޚްތިޞާޞްތައް ބޭނުންކުރަނީ "ތަޢައްސުފީ" (arbitrary) ކޮށް، ހަމައެކަނި ސިޔާސީ މަޤްޞަދެއް ޙާޞިލްކުރުމަށްކަމަށް ވެރިކަން ހިންގުމުގެ ބާރަށް ފާހަގަކުރެވިއްޖެ ޙާލަތެއްގައި، ނުވަތަ ޕާރލަމެންޓަށް ޕާރލަމެންޓުގެ ދައުރު އަދާކުރުމަށް ނުކުޅެދިފައިވާކަމަށް ވެރިކަން ހިންގުމުގެ ބާރަށް ޤަބޫލުކުރެވޭނަމަ، ޕާރލަމެންޓް އުވާލައި އަވަސް އިންތިޚާބަކަށް ގޮވާލުމުގެ ބާރު ޕާރލަމެންޓަރީ ނިޒާމްތަކުގައި ވެރިކަން ހިންގުމުގެ ބާރަށް ލިބިގެންވާކަން އެނގެން އޮވެއެވެ.

އިސްވެ ބަޔާންވެދިޔަ ފަދައިން، ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާވަޒީރުންގެ މަޖިލީހުގެ މެންބަރުންނަކީ ރިޔާސީ ނިޒާމެއްގައި ޕާރލަމެންޓް ނުވަތަ ޤާނޫނުހަދާ މަޖިލީހުގެ ކުރިމަތީގައި ސިޔާސީގޮތުން މަސްއޫލިއްޔަތު އުފުލައި ޖަވާބުދާރީވާންޖެހޭ ފަރާތްތަކެއް ނޫންކަން އެނގެން އޮންނައިރު، "ރައްޔިތުންގެ މަޖިލީހުގެ މަދުވެގެން ދިހަ މެންބަރުން، ސަބަބު ބަޔާންކޮށް، ސޮއިކޮށް ހުށަހަޅާ ހުށަހެޅުމަކުން ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިދާނެ" ކަމަށާއި، އެފަދަ ހުށަހެޅުމަކާ މެދު ރައްޔިތުންގެ މަޖިލީހުގައި ބަޙުޘު ފެށުމުގެ ސާދަ ދުވަސް ކުރިން އެ މެންބަރަކަށް އެކަން އަންގަންވާނެ ކަމަށާއި، އަދި އެ ބަޙުޘުގައި އަނގަބަހުންނާއި، ލިޔުމުން އޭނާގެ ދިފާޢުގައި މަސައްކަތްކުރުމުގެ ޙައްޤު އެ މެންބަރަކަށް ލިބިގެންވާކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 101 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކުރުމަށް ފަހު، އެ މާއްދާގެ (ނ) ގައި "ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްވެއްޖެކަމަށް ބެލޭނީ، މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތު، އެ މެންބަރެއްގެ އިތުބާރު ނެތްކަމުގެ ހުށަހެޅުމަށް ލިބިއްޖެނަމައެވެ." މިފަދައިން ބަޔާންކޮށްފައިވާއިރު، އެ މާއްދާގެ (ރ) ގައި ރައްޔިތުންގެ މަޖިލީހުން ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ އިތުބާރު ނެތްކަމަށް ފާސްކޮށްފިނަމަ އެ މެންބަރަކު އޭނާގެ މަޤާމުން ވަކިވީއެވެ." މިފަދައިން ކަނޑައަޅައި ބަޔާންކޮށްފައި އޮންނަ އޮތުމަށް ބަލާއިރު، ޤާނޫނުއަސާސީގެ 101 ވަނަ މާއްދާގައި ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓު ނަގައި، އެ މެންބަރަކު މަޤާމުން ވަކިކުރުމާ ބެހޭގޮތުން ކަނޑައަޅައި ބަޔާންކޮށްފައިވާ އަޙްކާމްތައް ތަޠްބީޤުކުރަންވާނީ އަދި މާނަކުރަންވާނީ ބަރްލަމާނީ ނިޒާމަށް ތަބާވާ ދައުލަތްތަކުގެ ޕާރލަމެންޓުތަކުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ މައްޗަށް ނެގޭ އިތުބާރު ނެތްކަމުގެ ވޯޓަކުން އެ މެންބަރަކު މަޤާމުން ވަކިކުރެވޭ އުޞޫލާއި އިޖްރާއާތުގެ މައްޗަށް ނޫންކަމާއި، އެއާ ޚިލާފަށް އެ މާއްދާގައިވާ އަޙްކާމްތައް ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމުގައި ތަޠްބީޤުކުރަންވާނީ އަދި މާނަކުރަންވާނީ މުޠްލަޤު ސިފައެއްގައި ބާރުތައް ވަކިވެފައި (separation of powers) އޮންނަ ރިޔާސީ ނިޒާމަށް ތަބާވާ ދައުލަތްތަކުގައި ވަޒީރުންނާއި ދައުލަތުގެ އިސްވެރިންގެ މައްޗަށް ކުރެވޭ ބާވަތުގެ "އިމްޕީޗްމަންޓް" އިޖްރާއާތުގެ މައްޗަށް ބިނާކޮށް ކަމާއި، ޤާނޫނުއަސާސީގެ ބަޔާންވެދިޔަ 101 ވަނަ މާއްދާ ތަޠްބީޤުކުރަންވާނީ އަދި މާނަކުރަންވާނީ ޕާރލަމެންޓަރީ ނިޒާމުގައި ވަޒީރުންގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގާ އުޞޫލަކުން ނޫންކަން ބަލަންޖެހޭ ދުސްތޫރީ ސަބަބުތަކެއް ހުރިކަން ސާފުކޮށް އެނގޭ ކަމާއި، އޭގެ ތެރޭގައި؛ ޕާރލަމެންޓަރީ ނިޒާމުގައި ވަޒީރުންގެ މަޖިލިސް އެކުލަވާލުމުގެ ދުސްތޫރީ ބާރު ލިބިގެންވަނީ ޢާންމު އިންތިޚާބުގައި ޕާރލަމެންޓުގެ އަޣުލަބިއްޔަތު ޙާޞިލުކުރާ ޕާޓީއަކަށް ނުވަތަ ކޯލިޝަނަކަށް ކަމަށްވެފައި، ޕާރލަމެންޓަރީ ނިޒާމުގައި ވަޒީރުންގެ މަޖިލިސް އުފެދެނީވެސް ޕާރލަމެންޓުގެ އިތުބާރާއި "ތަޟާމުން" (solidarity) އާއެކު ކަމަށްވާއިރު، ދިވެހިރާއްޖޭގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަކީ އެހެނިހެން ރިޔާސީ ނިޒާމުތަކެކޭ އެއްފަދައިން ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރާ ކަންތައްތަކާއި، ޤާނޫނުއަސާސީންނާއި، ޤާނޫނުން ޙަވާލުކުރެވޭ ކަންތައްތައް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ ބައެއްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ހ) އިން ސާފުކޮށް އެނގެން އޮންނަކަމާއި، އަދި ޕާރލަމެންޓަރީ ނިޒާމުގައި ޤާނޫނު ހަދާ މަޖިލީހުން ވަޒީރެއްގެ އިތުބާރު ނެތްކަމަށް ނަގާ ވޯޓު ދުސްތޫރީ ގޮތުންނާއި އިޖްރާއީ ގޮތުން ޞައްޙަވާނީ، ވަޒީރަކާ ޙަވާލުކުރެވިފައިވާ ވުޒާރާއެއްގެ އިޚްތިޞާޞްގެ ދާއިރާގައި ހިމެނޭ ސިޔާސަތެއް ނުވަތަ ޢަމަލަކާ ގުޅިގެން އެ ވަޒީރަކާ ދެކޮޅަށް ކުރެވޭ ތުހުމަތަކާ މެދު ޕާރލަމެންޓުގައި ހިންގޭ "އިސްތިޖްވާބު" އަކަށް ފަހު އެފަދަ ވޯޓެއް ނެގުމަށް ހުށަހެޅުމުން ކަން ޕާރލަމެންޓަރީ ނިޒާމްތަކުގައި އިސްތިޤުރާރުވެފައިވާ ޕާރލަމެންޓަރީ ޕްރެކްޓިސްތަކުންނާއި އިޖްރާއާތުތަކުން އެނގެން އޮންނައިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ބުނެވިދިޔަ 101 ވަނަ މާއްދާގައި އޮތީ ބުނެވިދިޔަފަދަ ބަރްލަމާނީ އިސްތިޖްވާބީ ނިޒާމެއް ނޫންކަމާއި، ޤާނޫނުއަސާސީގެ 98 ވަނަ މާއްދާގައި ރައްޔިތުންގެ މަޖިލީހަށް ދީފައިވާ ވަޒީރުންނާ ސުވާލުކުރުމުގެ ޙައްޤަކީ ބުނެވިދިޔަ ފަދަ "އިސްތިޖްވާބު" ގެ މަފްހޫމުގެ ތެރޭގައި ހިމެނޭ ކަމެއް ނޫންކަމާއި، މީގެ އިތުރުން، ވަޒީރުންގެ މައްޗަށް އިތުބާރެއް ނެތްކަމަށް ނިންމައި ވަޒީރުން މަޤާމުން ވަކިކުރުމުގެ ބާރު ޕާރލަމެންޓަށް ލިބިފައި އޮންނަ އޮތުމުގެ މުޤާބިލުގައި ނުވަތަ "ޗެކްސް އެންޑް ބެލެންސެސް" އެއްގެ ގޮތުގައި ޕާރލަމެންޓަރީ ނިޒާމުގައި، ވެރިކަން ހިންގުމުގެ ބާރަށް ޤާނޫނުހަދާ މަޖިލީސް އުވާލުމުގެ ބާރު ލިބިފައި އޮންނަ އޮތުމަކީ ޕާރލަމެންޓަރީ ނިޒާމުގެ އަސާސީ ސިފައެއް ކަމުގައިވާއިރު، ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމުގައި ރައްޔިތުންގެ މަޖިލިސް އުވާލުމުގެ ބާރު، ވެރިކަން ހިންގުމުގެ ބާރަށް ލިބިދީފައި ނުވާކަމާއި، ބުނެވިދިޔަ ސަބަބުތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، ޤާނޫނުއަސާސީގެ 101 ވަނަ މާއްދާ ތަޠްބީޤުކުރުމުގައްޔާއި، މާނަކުރުމުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރަކާ ޙަވާލުކުރެވިފައިވާ މަސްއޫލިއްޔަތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކުރިމަތީގައި ސިޔާސީގޮތުން ޖަވާބުދާރީކުރުވައި، އެ ވަޒީރެއްގެ މައްޗަށް އިސްތިޖްވާބީ އިޖްރާއާތުގެ މަތިން އިތުބާރު ނެތްކަމަށް ކަނޑައަޅައި މަޤާމުން ދުރުކުރުމަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައި އެކަން އޮތްގޮތް ނޫންކަން އެނގޭކަމާއި، އެހެންކަމުން، ޤާނޫނުއަސާސީގެ ބުނެވިދިޔަ 101 ވަނަ މާއްދާގެ ދަށުން ވަޒީރުންގެ މަޖިލީހުގެ މެންބަރަކު މަޤާމުން ވަކިކުރުމުގެ އިޖްރާއާތާއި، ޤާނޫނުއަސާސީގައި ރައްޔިތުންގެ މަޖިލީހުން ހިންގާ އިޖްރާއާތަކުން ނުވަތަ ނަގާ ވޯޓަކުން މަޤާމުން ވަކިކުރެވޭ އެހެނިހެން ބާރުތަކާއި މުއައްސަސާތަކުގެ މެންބަރުން މަޤާމުން ވަކިކުރެވޭގޮތް އޮތީ ރިޔާސީ ނިޒާމުތަކުގައި ޢަމަލުކުރެވޭ އުޞޫލުތަކާއި އިޖްރާއާތުތަކާ އެއްގޮތްވާ އިމްޕީޗްމަންޓަކުން ކަން އެނގެއެވެ. އަދި މި އިމްޕީޗްމަންޓް ބިނާކުރާ އަސާސަކީ އެ ފަރާތެއްގެ މަސްއޫލިއްޔަތުގެ ދާއިރާގައި ހިމެނޭ ކަމަކާ ގުޅިގެން ސިޔާސީގޮތުން ޖަވާބުދާރީ ކުރުވުމަށް ނެގޭ އިތުބާރު ނެތްކަމުގެ ވޯޓެއްގެ މައްޗަށް ހަމައެކަނި ބިނާކޮށްގެން ނޫންކަން އެނގެއެވެ.

ބަޔާންވެދިޔަ ކަންތައްތަކާއި ނުކުތާތަކުގެ މައްޗަށް ރިޢާޔަތް ކުރާއިރު، ޤާނޫނުއަސާސީގެ 100 ވަނަ މާއްދާ އާއި، 101 ވަނަ މާއްދާ އާއި، 154 ވަނަ މާއްދާގެ (ށ) އާއި، 177 ވަނަ މާއްދާ އާއި، 187 ވަނަ މާއްދާ އާއި، 197 ވަނަ މާއްދާ އާއި، 207 ވަނަ މާއްދާ އާއި، 218 ވަނަ މާއްދާ އަދި 228 ވަނަ މާއްދާގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ ވަކި އަޣުލަބިއްޔަތަކުން ފާސްކުރުމުން އެ މާއްދާތަކުގައި ބަޔާންވެގެންވާ ދައުލަތުގެ ވެރިން މަޤާމުން ވަކިކުރެވޭގޮތަށް އޮންނަ އިޖްރާއާތަކީ އޭގެ ޒާތުގައި އިމްޕީޗްމެންޓް އިޖްރާއާތެއްކަން ކަނޑައެޅިގެން އެނގެން އޮންނާތީ، މަޤާމުން ވަކިކުރުމުގެ މިފަދަ ކޮންމެ އިޖްރާއާތަކީ ރައްޔިތުންނާއި ދައުލަތުގެ ޖުމްލަ ޙުޤޫޤުތަކާ މެދު "ތަޢައްސުފު" (arbitrariness) ކޮށް ޢަމަލުކުރެވިއްޖެނަމަ ދައުލަތުގެ މުޅި ސިޔާދަތާއި ޝަރްޢީ އަސާސްތަކަށް ސީދާ އަޘަރުކުރަނިވި އިޖްރާއާތުތަކަކަށް ވުމުގެ އިތުރުން، ފަރުދުންގެ އަސާސީ ޙައްޤުތަކާއި އެހެނިހެން ފަރުދީ ޙައްޤުތަކަކަށް ސީދާ އަޘަރު ރައްދުވާނެ އިޖްރާއާތުތަކަކަށް ވާނެތީ އާއި، ފަރުދުންގެ މިފަދަ ޙައްޤުތައް ހިމާޔަތްކުރުމާއި އެ ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތުން ކަށަވަރުކޮށްދޭ އެންމެ އަސާސީ ގެރެންޓީއަކީ ދައުލަތުގެ ޤާނޫނުތަކުގެ އަޙްކާމްތަކުގެ ބާރާއި ފަރުދުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި ދެކަން ހަމަޔަށް ބަރާބަރަށް މިނެކިރާ ތިލަފަތުގެ ގޮތުގައި ކަނޑައެޅިފައިވާ "ޑިޔުޕްރޮސެސް" (due process) ކަމާއި، އެހެންކަމުން ދައުލަތުގެ އެއްވެސް ބާރަކުން ނުވަތަ ރަސްމީ އެއްވެސް ފަރާތަކުން ކުރާކަމަކުން ނުވަތަ ނިންމާ ނިންމުމަކުން ފަރްދެއްގެ ޙައްޤަކަށް ގެއްލުމެއް ނުވަތަ އަނިޔާއެއް (arbitrary) ވުމަކީ ޑިޔުޕްރޮސެސްއާ ޚިލާފުވުންކަމާއި، އާރބިޓްރަރީ ނަފީނުވާ ކޮންމެ ނިންމުމެއް ނުވަތަ ކޮންމެ އިޖްރާއާތެއް ޤާނޫނުގެ ސިޔާދަތު (rule of law) އާއި ޚިލާފުވާނެކަމާއި، އެގޮތުން، ޑިޔުޕްރޮސެސްގެ މާނައަކީ ދައުލަތުގެ މިފަދަ ކޮންމެ ނިންމުމެއް ނުވަތަ އިޖްރާއާތެއް ބަރާބަރަށް ޤާނޫނާ އެއްގޮތްވުމާއި، އެއްވެސް ފުށުއެރުންތަކެއް ނެތުމާއި، ރައްޔިތުންގެ ޙައްޤުތަކަށް ދާއިމީ ރައްކާތެރިކަން ކަށަވަރުކޮށް ދިނުންކަން ތަފާތު ޤާނޫނީ ނިޒާމުތަކުގައި އިސްތިޤުރާރުވެފައިވާ އުޞޫލުތަކުން އެނގޭކަމާއި، އަދި "ޑިޔުޕްރޮސެސް" ގެ ދަށުން އަންނަނިވި ޙިމާޔަތްތައް ކަށަވަރުވާން ޖެހޭކަން އެނގެއެވެ؛ (1) ޖިނާއީ ނިޒާމުގެ ތެރޭގައި ހިމެނޭކަންތައް ޖިނާއީ އިޖްރާއާތާ އެއްގޮތްވާ ގޮތުގެމަތިން ހިންގުމާއި، މަދަނީ އަދްލުގެ ނިޒާމުގައި ހިމެނޭކަންތައް މަދަނީ އިޖްރާއާތާ އެއްގޮތަށް ހިންގުން، (2) "ސަބްސްޓޭންޓިވް" ޑިޔުޕްރޮސެސް ނުވަތަ ޤާނޫނަކުން ކަނޑައެޅޭ އިޖްރާއާތުތަކެއް ނެތި އެއްވެސް މީހަކު ޙައްޤަކުން މަހްރޫމްކުރުން ކޯޓުތަކުން ލިމިޓްކުރުން، (3) ސާފުކޮށް އޮޅުން ނުފިލާ ޤާނޫނުތައް ތަފްސީރުކޮށް މާނަކުރުން، (4) "ބިލް އޮފް ރައިޓްސް" ގައި ނުވަތަ ޤާނޫނުއަސާސީގެ ޙައްޤުތަކާބެހޭ ބާބުގައިވާ ޑިޔުޕްރޮސެސްގެ އުޞޫލު "އިންކޯރޕޮރޭޝަން ޑޮކްޓްރީން" ގެ ދަށުން އަސާސީ ޙައްޤުތައް ތަޠްބީޤުކުރުމުގެ ޛަރީޢާއެއް ކަމުގައި ބޭނުންކުރުން. މީގެ އިތުރުން، މިފަދަ ފިޔަވަޅުތަކާއި ނިންމުންތައް ޤާނޫނަކުން ކަނޑައެޅިފައިވާ އިޖްރާއާތަކަށް ވުމަކުން ހަމައެކަނި ނުފުދޭނެކަމާއި، ޤާނޫނަކުން ކަނޑައެޅިފައިވާ އިޖްރާއާތަކަށް ވުމުގެ އިތުރަށް އެ އިޖްރާއާތަކީ ޢަދްލުވެރި އިންސާފުވެރި (just and fair)، މަޤްބޫލު (reasonable) އިޖްރާއާތުތަކަކަށް ވާންޖެހޭނެކަން ސާފުކޮށް އެނގޭކަމާއި، އެގޮތުން އެއްވެސް އިޖްރާއާތަކުން އަރބިޓްރަރީވުމުގެ ސިފަ ނަފީ ނުވާހައި ހިނދަކު ރީޒަނަބަލްނެސް މަބްދައާ ޚިލާފުވާނެކަމާއި، މި މަބްދައު ބިނާވެފައިވަނީ ޤާނޫނުގެ ކުރިމަތީގައި ހަމަހަމަކަން އޮތުމުގެ އަސާސީ ޙައްޤުގެ މައްޗަށްކަން އިސްތިޤްރާރުވެފައިވާ ޤަޟާއީ ނިންމުންތަކުންނާއި، މާތްވެގެންވާ އިސްލާމީ ޝަރީޢަތުގެ އަޙުކާމްތަކުން ކަނޑައެޅިގެން އެނގެން އޮންނަ ކަމާއި، އަދި މިފަދަ ކޮންމެ އިޖްރާއާތަކީ ޤާނޫނަކުން ކަނޑައެޅިފައިވާ އިޖްރާއާތުތަކަކަށް ވާންޖެހޭނެ ކަމާއި، މިފަދަ އިޖްރާއާތުތަކީ ހުރިހައި ޙާލަތެއްގައިވެސް ޑިޔުޕްރޮސެސް އާއި ރޫލް އޮފް ލޯ އަށް ފެތޭ ޢަދްލުވެރި އިންޞާފުވެރި އިޖްރާއާތުތަކަކަށް ވާންޖެހޭކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 8 ވަނަ މާއްދާ އާއި، 16 ވަނަ މާއްދާ އާއި، 17 ވަނަ މާއްދާ އާއި، 20 ވަނަ މާއްދާ އާއި، 21 ވަނަ މާއްދާ އާއި، 42 ވަނަ މާއްދާ އާއި، 43 ވަނަ މާއްދާ އާއި، 51 ވަނަ މާއްދާ އާއި، 52 ވަނަ މާއްދާ އާއި، 53 ވަނަ މާއްދާ އާއި، 54 ވަނަ މާއްދާ އާއި، 59 ވަނަ މާއްދާ އާއި، 60 ވަނަ މާއްދާ އާއި، 61 ވަނަ މާއްދާ އާއި، 63 ވަނަ މާއްދާ އާއި، 64 ވަނަ މާއްދާ އާއި، 65 ވަނަ މާއްދާ އާއި، 67 ވަނަ މާއްދާ އާއި، 68 ވަނަ މާއްދާ އާއި، 69 ވަނަ މާއްދާ އާއި، 144 ވަނަ މާއްދާ އާއި، 268 ވަނަ މާއްދާ އަދި 299 ވަނަ މާއްދާ އަށް ބެލުމުން ސާފުކޮށް އެނގެން އޮވެއެވެ.

ޙުކުމް:

އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެމަތިން ހުރުމާއެކު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާއަކީ، ދައުލަތުގެ ތިންބާރު ކަމުގައިވާ ވެރިކަން ހިންގުމުގެ ބާރާއި، ޤާނޫނު ހެދުމުގެ ބާރާއި، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރާއި، މި ތިން ބާރުގެ މަސްއޫލިއްޔަތުތަކާއި، އިޚްތިޔާރުތަކުގެ ޙުދޫދު ކަނޑައެޅި، ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއްވެސް ބާރެއް އަނެއް ބާރެއްގެ މަސްއޫލިއްޔަތުތަކާއި، އިޚްތިޔާރުތަކާއި ޙުދޫދުގެތެރެއަށް ވަދެ، އެއް ބާރު އަނެއް ބާރުގެ މައްޗަށް ނުފޫޒު ނުފޯރުވޭ ފަދަ ގޮތަކަށް ކޮންމެ ބާރެއްގެވެސް މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ވަކިކުރެވި، ބާރުތަކުގެ މެދުގައި އިންފާރު ޤާއިމުކުރެވިފައިވާ، ދައުލަތެއްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 5 ވަނަ މާއްދާ އާއި، 6 ވަނަ މާއްދާ އާއި، 7 ވަނަ މާއްދާ އާއި، 8 ވަނަ މާއްދާއިން ރަނގަޅަށް އެނގެން އޮންނަ ހިނދު، އަދި ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމުގައި ދައުލަތުގެ އެއް ބާރު އަނެއް ބާރުގެ މައްޗަށް ޤާނޫނުއަސާސީ އާއި ޤާނޫނުތަކުގެ ޙުދޫދުތަކުގެ ތެރޭގައ ފާރަވެރިވުމުގެ އުޞޫލު ނުވަތަ "ޗެކްސް އެންޑް ބެލެންސެސް" ގެ ނިޒާމު ޤާއިމުކުރެވިފައިވަނީ "ރިޔާސީ ނިޒާމު" ގެ މައްޗަށް ކަން އެނގެން އޮންނަ ހިނދު،

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 101 ވަނަ މާއްދާގައި ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ވަޒީރުންގެ މަޖިލީހުގެ މެންބަރަކު މަޤާމުން ވަކިކުރެވޭގޮތަށް އޮންނަ އިޖްރާއާތާއި، އަދި ޤާނޫނުއަސާސީގެ 100 ވަނަ މާއްދާ އާއި، 154 ވަނަ މާއްދާގެ (ށ) އާއި، 177 ވަނަ މާއްދާ އާއި، 187 ވަނަ މާއްދާ އާއި، 197 ވަނަ މާއްދާ އާއި، 207 ވަނަ މާއްދާ އާއި، 218 ވަނަ މާއްދާ އާއި، އަދި 228 ވަނަ މާއްދާގައި، ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ޚާއްޞަ އަޣުލަބިއްޔަތަކުން ނުވަތަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ނުވަތަ އެ މެންބަރުންގެ ވަކި ޚާއްޞަ އަޣުލަބިއްޔަތަކުން ފާސްކުރުމުން އެ މާއްދާތަކުގައި ބަޔާންވެގެންވާ ފަރާތްތައް އެ ފަރާތްތަކުގެ މަޤާމުތަކުން ވަކިކުރެވޭގޮތަށް އޮންނަ އިޖްރާއާތުތައް ރައްޔިތުންގެ މަޖިލީހުން ހިންގަންވާނީ، އިސްވެ ބަޔާންވެދިޔަ "ޑިޔުޕްރޮސެސް" ގެ ޤަވާޢިދުތަކާއި ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން ހިންގާ އިމްޕީޗްމަންޓެއްގެ އުޞޫލުން، ވެރިކަން ހިންގުމުގެ ބާރާއި، ޢަދުލު އިންޞާފު ޤާއިމްކުރުމުގެ ބާރުގެ މަސްއޫލިއްޔަތުތަކާއި، ބާރުތަކާއި، އިޚްތިޔާރުތަކަށް ހުރަސްއެޅުމެއް ނެތި ދައުލަތުގެ ތިން ބާރުގެ ތެރެއިން ކޮންމެ ބާރަކުންވެސް އެ ބާރަކާ ޙަވާލުވެފައިވާ މަސްއޫލިއްޔަތުތައް އެއްވެސް ނުފޫޒަކާ ނުލައި އަދާކުރަމުން ގެންދިއުން ކަށަވަރުކޮށްދޭ ގޮތެއްގެމަތިން، އަދި އެއް ބާރުން އަނެއް ބާރުގެ އިޚްތިޞާޞްގެ ތެރެއަށް ވަދެ، ބާރުތަކުގެ މެދުގައި ޤާއިމުވެފައިވާ ދުސްތޫރީ އިންތައް ފަހަނައަޅައި ގޮސް، އެ ބާރުތަކުގެ މުސްތަޤިއްލުކަން ނުގެއްލޭ ފަދަ ގޮތަކަށް ކަމުގައި ވާތީ، ޤާނޫނުއަސާސީގެ ބުނެވިދިޔަ މާއްދާތަކުގެ ދަށުން ރައްޔިތުންގެ މަޖިލީހުން ނިންމާ ކޮންމެ ނިންމުމެއްގެ ޞައްޙަކަން ބިނާވެގެންވާނީ އެ ނިންމުމަކާމެދު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި، ޤާނޫނުތަކުގެ ބެލެނިވެރިޔާގެ ޙައިޘިއްޔަތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަކިގޮތެއް ކަނޑައެޅުމަށްފަހުގައި ކަމަށާއި މިއަދު، މީލާދީ ސަނަތުން 2017 ވަނަ އަހަރުގެ މޭ މަހުގެ 22 ވަނަ ދުވަހުން ފެށިގެން ހުރިހައި ޙާލަތެއްގައިވެސް، އަދި ހުރިހައި ބޭނުމަކަށްޓަކައިވެސް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ބާރު ހިނގާ ސަރަޙައްދުގެ ތެރޭގައި ޢަމަލުކުރަންވާނީ މި ޤަޟިއްޔާގައި ކަނޑައެޅި ބަޔާންވެގެންވާ އަޙްކާމްތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިގެންވާ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ޤާނޫނުތަކުގެ ބެލެނިވެރިކަމުގެ މައްޗަށާއި، ޤާނޫނުއަސާސީގެ 144 ވަނަ މާއްދާ އާއި، 145 ވަނަ މާއްދާގެ (ނ) ގެ މައްޗަށް ރިޢާޔަތްކޮށް، ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށާއި، ދައުލަތުގެ މުއައްސަސާތަކަށާއި ދައުލަތުގެ އެންމެހައި ފަރާތްތަކަށް އަންގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށް އަމުރު ކޮށްފީމެވެ.

އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު

ފަނޑިޔާރު ޢަބްދުﷲ ޢަރީފް

ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު

ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ

ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ