—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 20/SC-C/2017
ދަޢުވާކުރާ ފަރާތް: ސަޢުދު ޙުސައިން
ދަޢުވާ ލިބޭ ފަރާތް: އިލެކްޝަންސް ކޮމިޝަން
އެޓަރނީ ޖެނެރަލްގެ އޮފީސް
މައްސަލައިގެ ބާވަތް: ދުސްތޫރީ މައްސަލަ
މައްސަލަ އައިގޮތް: ދުސްތޫރީ މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދޭ ފޯމުން
ހުށަހެޅުނު ތާރީޚް: 20 ޖުލައި 2017
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 25 ޖުލައި 2017
ނިމުނު ތާރީޚް: 08 އޮކްޓޫބަރު 2018
މައްސަލަ ނިންމި ގަޑި: 13:25
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޢަބްދުﷲ ދީދީ، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު
މައްސަލައިގެ ޚުލާޞާ:
މިއީ، ގއ. ވިލިނގިލި، އަޅިވިލާގެ، ސަޢުދު ޙުސައިން ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެންބަރުކަން އަދާކުރަމުން ދަނިކޮށް، ސަޢުދު ޙުސައިން ރައްޔިތުންގެ މަޖިލީހުގައި އަދާކުރަމުންދިޔަ ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ ގޮނޑި ހުސްވެފައިވާކަމަށާއި އަދި އެ ދާއިރާގެ ބައި-އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާކަން 19 ޖުލައި 2017 ވަނަ ދުވަހު އެ ކޮމިޝަނުން ޢާންމުކޮށްފައިވާތީ، އިލެކްޝަންސް ކޮމިޝަންގެ އެ ނިންމުމަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާއާއި އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-SJ/09 ކޯޓު އަމުރާއި، ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ ތިންވަނަ ބާބުގައި ބަޔާންކޮށްފައިވާ މެންބަރުންގެ ޙައްޤުތަކާ ޚިލާފު ނިންމުމަކަށްވާތީ، އިލެކްޝަންސް ކޮމިޝަންގެ އެ ނިންމުމަކީ، ޤާނޫނީގޮތުން ބާޠިލު ނިންމުމެއްކަމަށާއި، އެ ނިންމުމުގެ ދަށުން އަޅާފައިވާ އެންމެހައި ފިޔަވަޅުތަކަކީ ބާޠިލު ފިޔަވަޅުތަކެއްކަމަށާއި، ސަޢުދު ޙުސައިން ރައްޔިތުންގެ މަޖިލީހުގެ ގއ. ވިލިނގިލީ ދާއިރާގެ މެންބަރުކަމުން ވަކިކުރެވިފައި ނުވާކަމަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ޙައިޘިއްޔަތުން ސަޢުދު ޙުސައިންއަށް ލިބިގެންވާ އެންމެހައި އިމްތިޔާޒުތަކާއި ޤާނޫނީ މަންފާ އޭގެ ޒާތުން ލިބިގެންވާކަމަށް ކަނޑައަޅައި ދިނުމަށް އެދި އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ދަޢުވާލިބޭ ގޮތަށް ގއ. ވިލިނގިލި، އަޅިވިލާގެ، ސަޢުދު ޙުސައިންގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލިފައިވާ ދުސްތޫރީ މައްސަލައެކެވެ.
ފާހަގަކުރެވުނު ނުކުތާތައް:
މި މައްސަލައިގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި، ކަމާބެހޭ ޤާނޫނުތަކަށާއި، ޤަވާޢިދުތަކަށާއި މި މައްސަލައާ ގުޅުންހުރި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނިންމުންތަކަށާއި މައްސަލަ ހުށަހެޅި ފަރާތާއި މައްސަލައިގެ ދަޢުވާ ރައްދުވި ފަރާތާއި އެޓަރނީ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި ހުށަހަޅާފައިވާ ލިޔުންތަކަށާއި މި ބާވަތުގެ މައްސަލަތަކުގައި ތަޠުބީޤުކުރެވޭ ޤާނޫނީ ޢާންމު މަބްދައުތަކުގެ މައްޗަށް ދުސްތޫރީ އަދި ޤާނޫނީ ނަޒަރުން ބަލައި ވިސްނިއިރު، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، މި މައްސަލައިގެ ދަޢުވާގެ ސީޣާއަށް ބެލުމުން މައްސަލަ ހުށަހެޅި ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މި މައްސަލަ ހުށަހަޅާފައިވަނީ، މައްސަލަ ހުށަހެޅި ފަރާތަކީ، ރައްޔިތުންގެ މަޖިލީހުގެ ގއ. ވިލިނގިލީ ދާއިރާގެ މެންބަރުކަމަށްވާއިރު، މައްސަލަ ހުށަހެޅި ފަރާތް ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވި ދާއިރާގެ ގޮނޑި ހުސްވެފައިވާކަމަށާއި، އަދި އެ ދާއިރާގެ ބައި-އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން 19 ޖުލައި 2017 ވަނަ ދުވަހު، ނިންމާފައިވާ ނިންމުމަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާ އާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-SJ/09 ކޯޓު އަމުރާއި، ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ ތިންވަނަ ބާބުގައި ބަޔާންކޮށްފައިވާ މެންބަރުންގެ ޙައްޤުތަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ބުނެ، އެ ނިންމުން ބާޠިލުކަމަށާއި، އަދި މައްސަލަ ހުށަހެޅި ފަރާތަކީ ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެންބަރުކަމަށް ކަނޑައަޅައިދިނުމަށް އެދިކަން މި މައްސަލައިގެ ދަޢުވާގެ ސީޣާއަށް ބެލުމުން އެނގެން އޮންނައިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 74 ވަނަ މާއްދާގައި ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމުގެ ޝަރުޠު މީހެއްގައި ހަމަވޭތޯ ނުވަތަ މެންބަރަކު މަޤާމުން ވަކިކުރާން ޖެހިއްޖެތޯ ބެލުމުގައި ނުވަތަ މެންބަރުކަމުގެ ގޮނޑިއެއް ހުސްވެއްޖެކަމާމެދު ޚިލާފެއް އުފެދިއްޖެނަމަ، އެ މައްސަލައެއް ބަލައި ގޮތެއް ކަނޑައަޅާނީ ސުޕްރީމް ކޯޓުން ކަމަށް ކަނޑައެޅި ބަޔާންވެފައި އޮންނަ އޮތުމަށާ، އަދި ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 10 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް ބެލުމުން މި މައްސަލައަކީ ހަމައެކަނި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބަލައި، މި މައްސަލައިގެ މަޢުޟޫއުގެ މައްޗަށް ފައިޞަލާކުރަނިވި ނިންމުމަކުން ގޮތެއް ކަނޑައަޅައި އިންޞާފު ޤާއިމުކުރަންޖެހޭ ބާވަތުގެ ދުސްތޫރީ މައްސަލައެއްކަން އެނގެން އޮންނަކަމެވެ.
(ށ) ދެވަނަ ކަމަކީ، މި މައްސަލަ ހުށަހެޅި ފަރާތުން މި ދަޢުވާގައި އިޝާރާތް ކޮށްފައިވާ އިލެކްޝަންސް ކޮމިޝަންގެ 19 ޖުލައި 2017 ގެ ނިންމުމަށް ބަލާއިރު އެ ނިންމުމަކީ، ރައްޔިތުންގެ މަޖިލީހުގެ ހަތަރު ދާއިރާއެއްގެ ބައި-އިލެކްޝަން ބޭއްވުމަށް ނިންމާފައިވާ ނިންމުމެއްކަމާއި، އެ ނިންމުމަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާގެ ޙުކުމުގައި އެ ޤަޟިއްޔާގެ ޙުކުމް ކުރެވުނު ތާރީޚު (13 ޖުލައި 2017) އިން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން އިންތިޚާބުވި ޕާޓީގެ މެންބަރުކަމުން ވަކިކުރުމާއި، ނުވަތަ އިންތިޚާބުވި ޕާޓީގެ މެންބަރުކަމުން އަމިއްލައަށް ވަކިވުމާއި، ނުވަތަ އިންތިޚާބުވި ޕާޓީނޫން އެހެން ޕާޓީގެ މެންބަރަކަށްވުމާއި، މި ތިން ޙާލަތުންކުރެ ޙާލަތެއް މެދުވެރިވެއްޖެނަމަ، އެ މެންބަރަކު ނިސްބަތްވާ ޕާޓީއަކުން އެ މެންބަރަކު ވަކިކޮށްފިކަމަށް، ނުވަތަ ވަކިވެއްޖެކަމަށް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ރަސްމީކޮށް ރައްޔިތުންގެ މަޖިލީހަށް އަންގާ ދުވަހުން ފެށިގެން، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެކަމަށް ކަނޑައަޅާފައިވާތީކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު، މއ. އައިވަރީ ހައުސް، ކ. މާލެ، މުޙައްމަދު ވަޙީދު އިބްރާހީމް އާއި، ވިލިނގިލީ ދާއިރާގެ މެންބަރު ގއ. ވިލިނގިލި އަޅިވިލާގެ، ސަޢުދު ޙުސައިން އާއި، ދިއްދޫ ދާއިރާގެ މެންބަރު ހއ. ދިއްދޫ، ފުނަމާގެ، ޢަބްދުއްލަޠީފު މުޙައްމަދު އާއި، މަޑުއްވަރީ ދާއިރާގެ މެންބަރު، ގދ. ގައްދޫ، ރޯސްމާގެ، މުޙައްމަދު އަމީތު އަޙްމަދުމަނިކުގެ ނަން އިލެކްޝަންސް ކޮމިޝަންގައި އޮންނަ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ދަފްތަރުން ވަކިކޮށް ދިނުމަށް އެދި 18 ޖުލައި 2017 ވީ އަންގާރަ ދުވަހު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން ހުށަހަޅާފައިވާތީ، އިލެކްޝަންސް ކޮމިޝަންގައި އޮންނަ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ދަފްތަރުން މި ހަތަރު މެންބަރުންގެ ނަން އުނިކުރެވިފައިވާކަން 18 ޖުލައި 2017 ވީ އަންގާރަ ދުވަހު ރަސްމީކޮށް ރައްޔިތުންގެ މަޖިލީހަށް ވަނީ އަންގާފައިކަމަށާއި، މިކަމާ ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާއަށް ރިޢާޔަތްކޮށް މި ހަތަރު ދާއިރާގެ ގޮނޑި ހުސްވެފައިވާކަމަށާއި، ޤާނޫނުއަސާސީގެ 78 ވަނަ މާއްދާ އާއި، ޤާނޫނު ނަންބަރު 2009/2 (ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން އެ ދާއިރާއަށް މެންބަރަކު ހޮވުމަށްޓަކައި ބާއްވަންޖެހޭ ބައި-އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުންވަނީ ނިންމާފައިކަމަށް ބަޔާންކޮށް އެ ކޮމިޝަނުން 19 ޖުލައި 2017 ވަނަ ދުވަހު ނިންމާފައިވާ ނިންމުމެއްކަން އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ، އިލެކްޝަންސް ކޮމިޝަނުގެ އިސްވެ އިޝާރާތްކުރެވުނު 19 ޖުލައި 2017 ގެ ނިންމުން ނިންމާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ރިޢާޔަތްކޮށްކަމަށް އެ ނިންމުމުގައި ބަޔާންކޮށްފައިވާތީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާ ނިންމާފައިވާގޮތަށް ބަލާއިރު އެ ޤަޟިއްޔާ ނިންމާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވަކި ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބަށް ކުރިމަތިލައި، އެ ޕާޓީގެ ސިޔާސީ މެނިފެސްޓޯ އާއި، އެ ޕާޓީގެ ސިޔާސީ ފިކުރު ކުރިއަރުވައި، އެ ފިކުރަށް އިޙްތިރާމުކުރުންމަތީ ދެމި ހުންނާނެކަމުގެ ޢަހްދު ރައްޔިތުންނަށްވުމުން، އެ އަސާސްގެ މައްޗަށް ރައްޔިތުން އިންތިޚާބު ކާމިޔާބު ކޮށްދޭ ޕާޓީއެއްގެ މެންބަރަކު، އެ މެންބަރަކު އެޕާޓީއެއްގެ ނަމުގައި އިންތިޚާބުވި ޕާޓީގެ ފިކުރުދޫކޮށް އެހެން ފިކުރަކަށް ތާއީދުކޮށް އެ މެންބަރަކު ނިސްބަތްވާ ޕާޓީ ބަދަލު ކުރުމަކީ، ނުވަތަ އެ މެންބަރަކު ނިސްބަތްވާ ޕާޓީގެ އުޞޫލުތަކާ ޚިލާފަށް އެ މެންބަރަކު ޢަމަލުކުރުމުގެ ސަބަބުން އެ ޕާޓީއަކުން އެ މެންބަރަކު ވަކި ކުރުމަކީ، އެ މެންބަރަކު ނިސްބަތްވާ ދާއިރާގެ ރައްޔިތުން އެ މެންބަރަކު ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުކުރި މަޤުޞަދު ގެއްލިގެން ދާނެކަމެއްކަމަށް ވާތީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ސިޔާސީ ޕާޓީ އެއްގެ ޓިކެޓުގައި ވާދަކޮށްގެން އިންތިޚާބުވާ މެންބަރަކު އެ ޕާޓީގެ މެންބަރުކަމުން ވަކިވުމުން، ނުވަތަ ޕާޓީ ބަދަލުކުރުމުން، ނުވަތަ ޕާޓީއިން ވަކިކުރުމުން، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެގޮތުގެ ޝަރްޠުތަކާއި އިޖުރާއާތުތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ތަންޡީމުކުރަންޖެހޭ ކަމަށް ކަނޑައަޅައި، އެފަދަ ޤާނޫނަކަށް ޢަމަލުކުރެވެންދެން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން އިންތިޚާބުވި ޕާޓީގެ މެންބަރުކަމުން ވަކިކުރުމާއި، ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން އިންތިޚާބުވި ޕާޓީގެ މެންބަރުކަމުން އަމިއްލައަށް ވަކިވުމާއި، ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން އިންތިޚާބުވި ޕާޓީ ނޫން އެހެން ޕާޓީގެ މެންބަރަކަށްވުމާއި، މި ތިން ޙާލަތުންކުރެ ޙާލަތެއް އެ ޤަޟިއްޔާގައި ޙުކުމްކުރާ ތާރީޚުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް މެދުވެރިވެއްޖެނަމަ، އެ މެންބަރަކު ނިސްބަތްވާ ޕާޓީއަކުން އެ މެންބަރަކު ވަކިކޮށްފިކަމަށް ނުވަތަ ވަކިވެއްޖެކަމަށް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ރަސްމީކޮށް ރައްޔިތުންގެ މަޖިލީހަށް އަންގާ ދުވަހުން ފެށިގެން، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެކަމަށް ކަނޑައަޅައި، މިގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ހުސްވުމާ ގުޅިގެން ޤާނޫނުއަސާސީގެ 78 ވަނަ މާއްދާ އާއި، ޤާނޫނު ނަންބަރު 2009/2 (ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ބައި-އިލެކްޝަން ބާއްވަން ވާނެކަމަށް ކަނޑައެޅުމާއެކު، އެ ޤަޟިއްޔާ ނިންމި ތާރީޚުކަމަށްވާ، މީލާދީ ސަނަތުން 2017 ވަނަ އަހަރު ޖުލައި މަހުގެ 13 ވަނަ ދުވަހުން ފެށިގެން، އެ ޤަޟިއްޔާގެ ޙުކުމުގައި ކަނޑައަޅައި ބަޔާންވެގެންވާ އުޞޫލުތަކަށް ޢަމަލުކުރުމަށް ރައްޔިތުންގެ މަޖިލީހަށާއި، އިލެކްޝަންސް ކޮމިޝަނަށާއި، ދައުލަތުގެ މުއައްސަސާތަކަށާއި ކަމާބެހޭ އެންމެހައި ފަރާތްތަކަށް އަންގައި ޙުކުމްކޮށްގެންކަން ބުނެވިދިޔަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާގެ ޙުކުމުގެ ޢިބާރާތަށް ބެލުމުން އެނގެން އޮންނަކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ، މި މައްސަލަ ހުށަހެޅި ފަރާތުގެ ދަޢުވާގައި އިޝާރާތްކޮށްފައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-SJ/09 ކޯޓު އަމުރަށް ބަލާއިރު އެ އަމުރަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާ، 13 ޖުލައި 2017 ގައި ނިމުނުތާ ތިންވަނައަށްވީ ދުވަހު (16 ޖުލައި 2017 ވަނަ ދުވަހު) ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރެފައިވާ ކޯޓު އަމުރެއްކަމާއި، އެ އަމުރުގެ ދެވަނަ ޕެރެގްރާފުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާގެ ޙުކުމުގައި ބަޔާންކޮށްފައިވާ ތިން ޙާލަތުންކުރެ ޙާލަތަކީ އެ ޙުކުމްކުރި ތާރީޚުގެ ކުރީގައި ވުޖޫދުވެފައިވާ، ޙާލަތެއްނަމަ، ނުވަތަ އެއިން ޙާލަތަކާގުޅޭ އެއްވެސް އިޖުރާއާތެއްގެ މައްޗަށް ބިނާކޮށް އެޅިފައިވާ ނުވަތަ އަޅާ އެއްވެސް ފިޔަވަޅެއްނަމަ އެފަދަ އެއްވެސް ޙާލަތެއްގެ މައްޗަށް ނުވަތަ އެފަދަ އެއްވެސް ޙާލަތަކާ ގުޅިފައިވާ އިޖުރާއާތެއް ނުވަތަ ކަމެއްގެ މައްޗަށް އެ ޤަޟިއްޔާގެ ޙުކުމުގެ އަޘަރު އެއްވެސްގޮތަކުން މާޟީއަށް ރުޖޫޢަވާގޮތަށް ރެޓްރޯސްޕެކްޓިވް ކޮށް ތަޠްބީޤު ނުވަތަ ތަންފީޛުކުރުން ހުއްދަކުރެވިފައި ނުވާކަން އެ ޙުކުމުން ސާފުކޮށް އެނގެން އޮންނަ ކަމަށާއި، އަދި އެ އަމުރުގެ ތިންވަނަ ޕެރެގްރާފުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާގެ ޙުކުމަށްފަހު، ސިޔާސީ ޕާޓީއަކުން އެ ޕާޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ވަކިކުރުމުގައި ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) އާއި ޕާޓީގެ އަސާސީ ޤަވާޢިދުގައި ނުވަތަ އެނޫން ޤާނޫނަކުން ނުވަތަ ޤަވާޢިދަކުންވިއަސް ކަނޑައަޅާފައިވާ ޤާނޫނީ އިޖުރާއާތު (due process of law) އަށް ތަބާވުން އިސްތިޘްނާކުރެވިފައި ނުވާކަން އެ ޤަޟިއްޔާއިން ކަނޑައެޅިގެން އެނގެން އޮންނަކަމަށް އެ އަމުރުގައި ސާފު ބަހުން ބަޔާންކޮށްފައިވާކަން އެނގެން އޮތުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާގައި ޙުކުމްކުރި ތާރީޚު ކަމުގައިވާ 13 ޖުލައި 2017 ވަނަ ދުވަހުން ފެށިގެން، އެ ތާރީޚުގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން އިންތިޚާބުވާ މެންބަރަކު އެ ޕާޓީގެ މެންބަރުކަމުން ވަކިވުމުން، ނުވަތަ ޕާޓީ ބަދަލުކުރުމުން، ނުވަތަ ޕާޓީއިން ވަކިކުރުމުން، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެގޮތުގެ ޝަރްޠުތަކާއި އިޖުރާއާތުތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ތަންޡީމުކޮށް، އެފަދަ ޤާނޫނަކަށް ޢަމަލުކުރެވެންދެން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން އިންތިޚާބުވި ޕާޓީގެ މެންބަރުކަމުން ވަކިކުރުމާއި، ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން އިންތިޚާބުވި ޕާޓީގެ މެންބަރުކަމުން އަމިއްލައަށް ވަކިވުމާއި، ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން އިންތިޚާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެންބަރަކަށްވުމާއި، މި ތިން ޙާލަތުންކުރެ ޙާލަތެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބުނެވުނު ޤަޟިއްޔާގައި ޙުކުމްކުރި ތާރީޚުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް މެދުވެރިވެއްޖެނަމަ، އެ މެންބަރަކު ނިސްބަތްވާ ޕާޓީއަކުން އެ މެންބަރަކު ވަކިކޮށްފިކަމަށް ނުވަތަ ވަކިވެއްޖެކަމަށް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ރަސްމީކޮށް ރައްޔިތުންގެ މަޖިލީހަށް އަންގާ ދުވަހުން ފެށިގެން، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެކަމަށް ބަލައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ގޮނޑިއެއް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ކަނޑައެޅުމަށް ރިޢާޔަތްކޮށް ހުސްވެއްޖެކަމަށް ބަލަންވާނީ އެ ގޮނޑި ތަމްޘީލުކުރަމުންދާ ރައްޔިތުންގެ މަޖިލީހުގެ މެންބަރަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާގެ ޙުކުމުގައި ބަޔާންކޮށްފައިވާ ތިން ޙާލަތުންކުރެ ޙާލަތެއް މެދުވެރިވެފައިވަނީ އެ ޤަޟިއްޔާގައި ޙުކުމްކުރި ތާރީޚުން ފެށިގެން ކަމުގައިވާނަމަކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާ އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-SJ/09 ކޯޓު އަމުރަށް ބެލުމުން އެނގެން އޮންނަ ކަމެވެ.
(ބ) ފަސްވަނަ ކަމަކީ، ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 13 ވަނަ މާއްދާގެ ފެށުމުގައި ކޮންމެ ސިޔާސީ ޕާޓީއެއްގައިވެސް އެ ޤާނޫނުގައިވާ ގޮތުގެމަތިން އެކަށައަޅާފައިވާ ޕާޓީގެ އަސާސީ ޤަވާޢިދެއް އޮންނަންވާނެކަމަށް ބަޔާންކުރުމަށްފަހު އެ އަސާސީ ޤަވާޢިދުގައި ކަނޑައަޅަންވާނެކަމަށް ބަޔާންކޮށްފައިވާ ކަންކަމުގެ ތެރޭގައި އެ މާއްދާގެ (ސ) ގައި "ޕާޓީގެ މެންބަރަކަށް ވެވޭނެ ގޮތާއި މެންބަރުކަމުން ވަކިވެވޭނެ ގޮތާއި ވަކިކުރެވޭނެ އުސޫލުތައް" މިފަދައިން ކަނޑައެޅި ބަޔާންކޮށްފައިވާކަން އެނގެން އޮންނައިރު، "ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ އަސާސީ ޤަވާޢިދު" ގެ 20 ވަނަ މާއްދާގައި "އަންނަނިވި ޙާލަތައްތަކުގެ ތެރެއިން ޙާލަތެއް މެދުވެރިވެއްޖެ ހިނދެއްގައި، ޕާޓީގެ މެންބަރަކު، މެންބަރުކަމުން ވަކިވާނެއެވެ." މިފަދައިން ސާފުކޮށް ބަޔާންކުރުމަށްފަހު އެ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގައި "ޕާޓީގެ އަސާސްތަކާއި ޚިލާފަށް ޢަމަލުކޮށް، ޕާޓީގެ ވިސްނުމާއި ފިކުރާ ދެކޮޅަށް ވަކާލާތުކުރާ މެންބަރުން، މެންބަރުކަމުން ވަކިކުރުމަށް ޕާޓީގެ ސުލޫކީ ކޮމިޓީން އަދި/ނުވަތަ އިސްތިއުނާފު ކޮމިޓީން ނިންމުން" މިފަދައިން ބަޔާންކޮށްފައިވާއިރު، މި މައްސަލަ ހުށަހެޅި ފަރާތަކީ އެ ފަރާތުގެ މައްސަލަތަކެއް ޕީ.ޕީ.އެމްގެ ސުލޫކީ ކޮމިޓީން ބަލައި، މައްސަލަ ހުށަހެޅި ފަރާތުގެ މައްޗަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިޝާރާތްކުރެވުނު ނަންބަރު 2017/SC-C/17 ޤަޟިއްޔާ ނިމުނު ތާރީޚުގެ މާކުރީގެ ތާރީޚެއް ކަމުގައިވާ 13 އޭޕްރީލް 2017 ވަނަ ދުވަހު ފިޔަވަޅު އަޅައި، ޕާޓީއިން އޭނާ ވަކިކުރިކަމަށް ލިޔުމުން އަންގާފައިވާ ފަރާތެއްކަން ޕީ.ޕީ.އެމްގެ ނަންބަރު L-96/2017 (13 އޭޕްރީލް 2017) ސިޓީއިން އެނގެން އޮންނަ އޮތުމުގެ އިތުރުން ޕީ.ޕީ.އެމްގެ މި ސިޓީއަކީ، އިލެކްޝަންސް ކޮމިޝަނަށް ކޮޕީކޮށް އެ ކޮމިޝަނަށް ޕީ.ޕީ.އެމްގެ ފަރާތުން ފޮނުވާފައިވާ ސިޓީއެއްކަންވެސް މި ސިޓީއިން އެނގެން އޮތުމުން މައްސަލަ ހުށަހެޅި ފަރާތަކީ 13 އޭޕްރީލް 2017 އިން ފެށިގެން ޕީ.ޕީ.އެމްގެ މެންބަރުކަމުން ވަކިކުރެވިފައިވާކަމަށް ޤާނޫނީގޮތުން ބަލަންޖެހޭ ފަރާތެއްކަން އިސްވެ އިޝާރާތްކުރެވުނު ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ސ) އަށް ރިޢާޔަތްކޮށް "ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް..) ގެ އަސާސީ ޤަވާޢިދު" ގެ 20 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރަށް ބެލުމުން ސާފުކޮށް އެނގެން އޮންނަ ކަމެވެ.
(ޅ) ހަވަނަ ކަމަކީ، "ޕީ.ޕީ.އެމް. ގެ ސުލޫކީ މައްސަލަތަކާބެހޭ ޤަވާޢިދު" ގެ 21 ވަނަ މާއްދާގެ (ހ) ގައި ސުލޫކީ ކޮމިޓީން ނުވަތަ ޕާޓީގެ އެނޫން ގުނަވަނަކުން ނިންމާ މައްސަލައެއް ނިންމިގޮތާމެދު މާލޭގައި ދިރިއުޅޭ މެންބަރަކު ހިތްހަމަނުޖެހިއްޖެނަމަ، އެ މައްސަލައެއް ސުލޫކީ ކޮމިޓީން ނިމުނު ތާރީޚުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި (ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައި) އެ މައްސަލައެއް އިސްތިއުނާފުކުރުމަށްޓަކައި އިސްތިއުނާފު ކޮމިޓީއަށް ހުށަހަޅާންވާނެކަމަށް ބަޔާންކޮށްފައިވާއިރު އެ މާއްދާގެ (ށ) ގައި ސުލޫކީ ކޮމިޓީން ނިންމާ މައްސަލައެއް ނިންމިގޮތާމެދު މާލެ ފިޔަވައި އެހެން ރަށެއްގައި ދިރިއުޅޭ މެންބަރަކު ހިތްހަމަނުޖެހިއްޖެނަމަ އެ މައްސަލައެއް ސުލޫކީ ކޮމިޓީން ނިމުނު ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި (ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައި) އެ މައްސަލައެއް އިސްތިއުނާފުކުރުމަށްޓަކައި އިސްތިއުނާފު ކޮމިޓީއަށް ހުށަހަޅާންވާނެކަމަށް ބަޔާންކޮށްފައިވާއިރު، މި މައްސަލަ ހުށަހެޅި ފަރާތަކީ މާލޭގައި ދިރިއުޅޭ ފަރާތެއްކަމަށް އެ ފަރާތުން ބުނެފައިވާކަމާއި، އަދި މި މައްސަލަ ހުށަހަޅާފައިވާ ފަރާތް އިޝާރާތްކުރެވުނު ޤަވާޢިދުގެ 21 ވަނަ މާއްދާގެ (ހ) ގެ ދަށުން އިސްތިއުނާފުކުރުމަށް ލިބިދީފައިވާ 15 ދުވަހުގެ ތެރޭގައި މައްސަލަ އިސްތިއުނާފަށް ހުށަހަޅާފައިނުވާކަމަށް ބުނެފައިވާކަމާއި، އަދި އިސްތިއުނާފުގެ އެ މުއްދަތު ފާއިތުވެގެން ދިޔައިރު، މައްސަލަ ހުށަހެޅި ފަރާތުން އެ މުއްދަތުގެ ތެރޭގައި ބުނެވުނު ޤަވާޢިދުގެ ދަށުން އިސްތިއުނާފުކޮށްފައި ނުވާކަން މި މައްސަލައިގައި ދަޢުވާލިބޭ ފަރާތުންނާއި އެޓަރނީ ޖެނެރަލްގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުންވެސް އެނގެން އޮންނައިރު، އިސްވެ އިޝާރާތްކުރެވުނު ޤަވާޢިދުގެ 21 ވަނަ މާއްދާގެ ނައްޞަށް ބެލުމުން މައްސަލަ ހުށަހެޅި ފަރާތާމެދު ސުލޫކީ ކޮމިޓީން ނުވަތަ ޕާޓީގެ އެނޫން ގުނަވަނަކުން ނިންމާ މައްސަލައެއް ނިންމިގޮތާމެދު ހިތްހަމަނުޖެހިއްޖެނަމަ އެ މައްސަލައެއް އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިދީފައިވަނީ ހަމައެކަނި އެ މެންބަރަކަށްކަމާއި، އެ މެންބަރަކު ފިޔަވައި އެ ޕާޓީއަށް ނުވަތަ އެ ޕާޓީގެ އެހެން މެންބަރަކަށް ނުވަތަ އެހެން ފަރާތަކަށް އެފަދަ މައްސަލައެއް އިސްތިއުނާފުކުރުމުގެ ޙައްޤު އެއްވެސް މިންވަރަކަށް ލިބިދީފައި ނުވާކަން ސާފުކޮށް އެނގެން އޮންނަކަމެވެ.
(ކ) ހަތްވަނަ ކަމަކީ، ޕީ.ޕީ.އެމް އިން، މައްސަލަ ހުށަހެޅި ފަރާތް 13 އޭޕްރީލް 2017 ގެ ތާރީޚުގައި ވަކިކޮށްފައިވާއިރުވެސް އިލެކްޝަންސް ކޮމިޝަނުން، ޕީ.ޕީ.އެމްގެ ދަފްތަރުން މައްސަލަ ހުށަހެޅި ފަރާތުގެ ނަން އުނިކޮށްފައިނުވާތީ ޕީ.ޕީ.އެމްގެ ދަފްތަރުން މައްސަލަ ހުށަހެޅި ފަރާތުގެ ނަން އުނިކޮށްދިނުމަށް އެދި އިލެކްޝަންސް ކޮމިޝަންގައި 10 ޖުލައި 2017 ވަނަ ދުވަހު މައްސަލަ ހުށަހެޅި ފަރާތުން އެދިފައިވާކަން، މައްސަލަ ހުށަހެޅި ފަރާތުން އެ ކޮމިޝަނަށް ފޮނުވާފައިވާ 10 ޖުލައި 2017 ގެ ސިޓީއިން އެނގެން އޮންނައިރު، އެ ސިޓީގައި މައްސަލަ ހުށަހެޅި ފަރާތުން އެދުނު ގޮތުގެމަތިން ޕީ.ޕީ.އެމްގެ ދަފްތަރުން މައްސަލަ ހުށަހެޅި ފަރާތުގެ ނަން އެ ކޮމިޝަނުން އުނިކޮށްދީފައި ނުވާތީ، "ސިޔާސީ ޕާޓީގެ ޤަވާޢިދު" ގެ 18 ވަނަ މާއްދާގައިވާ ގޮތުގެމަތިން ސިޔާސީ ޕާޓީގެ މެންބަރުކަމުން ވަކިވުމަށް އެދި ހުށަހަޅާ ފޯމުވެސް 10 ޖުލައި 2017 ގައި އެ ކޮމިޝަނަށް މައްސަލަ ހުށަހެޅި ފަރާތުން ހުށަހަޅާފައިވާކަން މައްސަލައާ ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮންނައިރު، މައްސަލަ ހުށަހެޅި ފަރާތުން އިލެކްޝަންސް ކޮމިޝަނަށް 10 ޖުލައި 2017 ގެ ތާރީޚުގައި ފޮނުވިކަމަށް ބުނެފައިވާ ސިޓީ އާއި އަދި 10 ޖުލައި 2017 ގައި ހުށަހެޅިކަމަށް ބުނާ ފޯމްއަކީ އިލެކްޝަންސް ކޮމިޝަނަށް މައްސަލަ ހުށަހެޅި ފަރާތުން ފޮނުވާފައިވާ ލިޔުންތަކެއްކަމާމެދު އިލެކްޝަންސް ކޮމިޝަންގެ ފަރާތުންވެސް އަދި އެޓަރނީ ޖެނެރަލްގެ ފަރާތުން މި މައްސަލައިގެ ޝަރީޢަތުގައިވެސް އިންކާރުކޮށްފައި ނުވާކަން އެނގެން އޮންނައިރު، މައްސަލަ ހުށަހެޅި ފަރާތް އިލެކްޝަންސް ކޮމިޝަންގައި އެދިފައިވާ ގޮތުގެމަތިން ސިޔާސީ ޕާޓީގެ ދަފްތަރުން މައްސަލަ ހުށަހެޅި ފަރާތުގެ ނަން އުނިކޮށްދިނުމަކީ ސިޔާސީ ޕާޓީގެ ޤަވާޢިދުގެ 18 ވަނަ މާއްދާގައިވާ ގޮތުގެމަތިން އިލެކްޝަންސް ކޮމިޝަންގެ މަސްއޫލިއްޔަތެއްކަން އެނގެން އޮންނައިރުވެސް އެކަން މައްސަލަ ހުށަހެޅި ފަރާތުގެ ޙައްޤުގައި ކޮށްދެވިފައިނުވާކަން މައްސަލަ ހުށަހެޅި ފަރާތާއި މައްސަލައިގައި ދަޢުވާ ލިބުނު އިލެކްޝަންސް ކޮމިޝަނާއި އަދި އެޓަރނީ ޖެނެރަލްގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުންވެސް އެނގެން އޮންނަ ކަމެވެ.
(އ) އަށްވަނަ ކަމަކީ، "ޕީ.ޕީ.އެމް. ގެ ސުލޫކީ މައްސަލަތަކާބެހޭ ޤަވާޢިދު" ގެ 21 ވަނަ މާއްދާގައި ބަޔާންވެފައިވާ އިސްތިއުނާފުކުރުމުގެ ޙައްޤަކީ، ޕީ.ޕީ.އެމްގެ މެންބަރަކާމެދު ސުލޫކީގޮތުން އެ ޕާޓީއިން އަޅާ ފިޔަވަޅަކާމެދު ސީދާ އެ މެންބަރަކު ހިތްހަމަނުޖެހިއްޖެނަމަ، ހަމައެކަނި އެ މެންބަރަކަށް ލިބިދީފައިވާ ޙައްޤެއްކަމާއި އަދި އެފަދަ މެންބަރަކަށް ލިބިދީފައިވާ އެ އިސްތިއުނާފީ ޙައްޤަކީ އެ އިސްތިއުނާފުގެ މުއްދަތުގެ ތެރޭގައި ނުވަތަ އިސްތިއުނާފުގެ މުއްދަތުގެ ފަހުންނަމަވެސް އެ ޕާޓީއިން ބޭނުންވެއްޖެ ހިނދެއްގައި އެ ޕާޓީގެ މަޞްލަޙަތުގައި ބޭނުންކުރެވިދާނެ ޙައްޤެއްކަމަށް އެ ޕާޓީގެ ބުނެވުނު ޤަވާޢިދުގައި އެއްވެސް މިންވަރަކަށް ކަނޑައަޅާފައި ނުވާކަން ސާފުކޮށް އެނގެން އޮންނައިރުވެސް، އަދި މައްސަލަ ހުށަހެޅި ފަރާތާމެދު އެ ޕާޓީއިން ސުލޫކީ މައްސަލަތަކެއް ބަލައި، މައްސަލަ ހުށަހެޅި ފަރާތް އެ ޕާޓީގެ މެންބަރުކަމުން 13 އެޕްރީލް 2017 ގައި ވަކިކޮށްފައިވާއިރު، އެ ނިންމުން އިސްތިއުނާފުކުރުމަށް ބުނެވުނު ޤަވާޢިދުގެ ދަށުން މައްސަލަ ހުށަހެޅި ފަރާތަށް ލިބިދީފައިވާ އިސްތިއުނާފުގެ މުއްދަތު ފަހަނައަޅައި ދިޔައިރު ޕީ.ޕީ.އެމްގެ އެ ނިންމުން މައްސަލަ ހުށަހެޅި ފަރާތުން އިސްތިއުނާފުކޮށްފައި ނުވާކަން މައްސަލަ ހުށަހެޅި ފަރާތާއި އެޓަރނީ ޖެނެރަލްގެ ފަރާތުން ދެއްކެވި ވާހަކައިންވެސް އެނގެން އޮތުމުން، ޕީ.ޕީ.އެމްގެ މެންބަރުކަމުން 13 އެޕްރީލް 2017 ގައި މައްސަލަ ހުށަހެޅި ފަރާތް ވަކިކުރުމަށް ޕީ.ޕީ.އެމްއިން ނިންމި އެ ނިންމުމަކީ ނިހާއީ ނިންމުމެއްކަން ކަށަވަރުވެފައިވާ ނިންމުމެއްކަން އެނގެން އޮންނައިރުވެސް އަދި އެ ނިންމުމަކީ ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ސ) އިންވެސް އެ ނިންމުމަށް ޤާނޫނީ ބާރު ލިބިދޭ ނިންމުމެއް ކަމުގައިވާއިރުވެސް، އެ ނިންމުން އިސްތިއުނާފުކުރުމަށް މައްސަލަ ހުށަހެޅި ފަރާތަށް ލިބިދީފައިވާ އިސްތިއުނާފީ ޙައްޤުގެ ބޭނުންނުކޮށްއޮވެ، އެ މުއްދަތު ފަހަނައަޅި ދިޔަތާ އެތައް ދުވަހެއްވީފަހުން، އެ ނިންމުން ޕާޓީގެ ފަރާތުން އިސްތިއުނާފުކުރުމަށް ނިންމައި، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމަށް ބުނެ އެ މަޖިލީހުގެ މެންބަރުންތަކެއް ސޮއިކޮށް އެ މަޖިލީހަށް 03 ޖުލައި 2017 ގެ ތާރީޚުގައި ހުށަހެޅިކަމަށް ބުނާ ޤަރާރުގައި މައްސަލަ ހުށަހެޅި ފަރާތުން ސޮއިކޮށްފައިވާކަމަށް ބުނެ އެ ސޮއި ނެގުމަށް ވަކި މުއްދަތެއް ޕީ.ޕީ.އެމްގެ ފަރާތުން މައްސަލަ ހުށަހެޅި ފަރާތަށް ދިނުމަށް 17 ޖުލައި 2017 ގެ ތާރީޚުގައި ނިންމައި، އެ މުއްދަތު ފާއިތުވެ ދިޔަފަހުން މައްސަލަ ހުށަހެޅި ފަރާތް ޕީ.ޕީ.އެމްގެ އެންގުމަށް އިޖާބަދީފައި ނުވާކަމަށް ބުނެ ޕީ.ޕީ.އެމްގެ ފަރާތުން، މައްސަލަ ހުށަހެޅި ފަރާތް ޕީ.ޕީ.އެމްގެ މެންބަރުކަމުން ވަކިކުރުމަށް، 13 އެޕްރީލް 2017 ގައި ނިންމި ނިންމުން، ޕާޓީގެ ފަރާތުން އިސްތިއުނާފުކުރީ ކަމަށާއި އަދި މައްސަލަ ހުށަހެޅި ފަރާތާބެހޭގޮތުން ސުލޫކީ ކޮމިޓީއަށް ހުށަހެޅިފައިވާ އެހެން މައްސަލައެއް ބެލީކަމަށް ބުނެ 18 ޖުލައި 2017 ގައި ޕީ.ޕީ.އެމްގެ މެންބަރުކަމުން މައްސަލަ ހުށަހެޅި ފަރާތް ވަކިކުރިކަމަށް ޕީ.ޕީ.އެމް އިން ނިންމާފައިވާކަން މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮންނައިރު، މިގޮތަށް ޕީ.ޕީ.އެމް އިން 17 ޖުލައި 2017 ގައި ނިންމާފައިވާ ބަޔާންވެދިޔަ ނިންމުން ނިންމާފައި އެވަނީ ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ސ) އާއި "ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް.) ގެ އަސާސީ ޤަވާޢިދު" ގެ 20 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރާއި "ޕީ.ޕީ.އެމް. ގެ ސުލޫކީ މައްސަލަތަކާބެހޭ ޤަވާޢިދު" ގެ 21 ވަނަ މާއްދާގައި ކަނޑައެޅި ބަޔާންވެފައިވާ އުޞޫލުތަކާ އެއްގޮތަށްކަމަށް ބެލެވޭނެ ތަނެއްނެތްކަން އެނގެން އޮންނަ އޮތުމުގެ އިތުރުން، މައްސަލަ ހުށަހެޅި ފަރާތާމެދު ޕީ.ޕީ.އެމް އިން ސުލޫކީ މައްސަލަތަކެއް ބަލައި މައްސަލަ ހުށަހެޅި ފަރާތް އެ ޕާޓީގެ މެންބަރުކަމުން ވަކިކުރުމަށް، 13 އޭޕްރިލް 2017 ގެ ތާރީޚުގައި ނިންމި ނިންމުމާމެދު ހިތްހަމަނުޖެހިގެން މައްސަލަ ހުށަހެޅި ފަރާތުން އިސްތިއުނާފުގެ ޙައްޤު ބޭނުން ނުކޮށްއޮވެ، އިސްތިއުނާފުގެ މުއްދަތު ފާއިތުވެ ދިޔަތާ އެތައް ދުވަހެއްވީ ފަހުން، އެ މައްސަލަ ޕާޓީގެ ފަރާތުން އިސްތިއުނާފުކުރުމަށް ނިންމިކަމަށް ބުނެ، އެ ޕާޓީގެ މެންބަރުކަމުން މައްސަލަ ހުށަހެޅި ފަރާތް ވަކިކުރުމަށް 18 ޖުލައި 2017 ގައި ނިންމާފައިވަނީވެސް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާގެ ޙުކުމްކުރުމުގެ ކުރިން މައްސަލަ ހުށަހެޅި ފަރާތް ކޮށްފައިވާކަމަށް ބުނާ ޢަމަލެއްގެ (އެބަހީ: ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ބުނެ އެ މަޖިލީހަށް 03 ޖުލައި 2017 ގެ ތާރީޚުގައި ހުށަހެޅިފައިވާކަމަށް ބުނާ ޤަރާރުގައި މައްސަލަ ހުށަހެޅި ފަރާތް ސޮއިކުރިކުރުމުގެ ވާޤިޢާގެ) މައްޗަށްކަންވެސް އެނގެން އޮންނަ ކަމެވެ.
(ވ) ނުވަވަނަ ކަމަކީ، ބަޔާންވެދިޔަ ގޮތުގެމަތިން މައްސަލަ ހުށަހެޅި ފަރާތަކީ އެ ފަރާތުގެ ސުލޫކީ މައްސަލަތަކެއް ހުރިކަމަށް ބުނެ އެ މައްސަލަތައް ބަލައި، 13 އޭޕްރީލް 2017 ގެ ތާރީޚުގައި، ޕީ.ޕީ.އެމް އިން ވަކިކޮށްފައިވާ ފަރާތެއްކަމާއި، 13 އޭޕްރީލް 2017 ގެ ތާރީޚުގައި ޕީ.ޕީ.އެމް އިން މައްސަލަ ހުށަހެޅި ފަރާތާމެދު އެ ނިންމި ނިންމުން އެ ފަރާތުން އިސްތިއުނާފުކުރުމަށް ލިބިފައިވާ އިސްތިއުނާފުކުރުމުގެ މުއްދަތުގައި އިސްތިއުނާފުކޮށްފައި ނުވުމުގެ ސަބަބުން އެ ޕާޓީއިން ނިންމާފައިވާ އެ ނިންމުމަކީ ނިހާއީ ނިންމުމެއް ކަމާއި އަދި އެ ނިންމުމަކީ ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ސ) އާއި "ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް.) ގެ އަސާސީ ޤަވާޢިދު" ގެ 20 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގެ ދަށުން އެ ނިންމުމަށް ޤާނޫނީ ބާރު ލިބިފައިވާ ނިންމުމެއްކަމުން އެ ނިންމުމުގެ ނަތީޖާއެއްގެ ގޮތުން މައްސަލަ ހުށަހެޅި ފަރާތަކީ ޕީ.ޕީ.އެމްގެ މެންބަރެއް ނޫންކަން ޤާނޫނީގޮތުން ބަލަންޖެހޭ ފަރާތެއްކަން ސާފުކަން ބޮޑު ގޮތެއްގައި އެނގެން އޮންނައިރު، މައްސަލަ ހުށަހެޅި ފަރާތަކީ އަލުން ޕީ.ޕީ.އެމްގެ މެންބަރަކަށްވުމަށްޓަކައި ޤާނޫނީގޮތުން ފުރިހަމަކުރަންޖެހޭ އެއްވެސް އިޖުރާއާތެއް ފުރިހަމަކޮށްގެން އަލުން އެ ޕާޓީގެ މެންބަރަކަށްވެފައިވާ މީހެއް ނޫންކަން އެނގެން އޮންނާތީ އާއި، މިހެން މިކަން އެނގެން އޮތްއިރުވެސް މައްސަލަ ހުށަހެޅި ފަރާތާމެދު ޕީ.ޕީ.އެމް އިން 13 އޭޕްރީލް 2017 ގެ ތާރީޚުގައި ނިންމާފައިވާ ބަޔާންވެދިޔަ ނިންމުން ނިންމިފަހުން އެ ނިންމުން އިސްތިއުނާފުކުރުމަށް މައްސަލަ ހުށަހެޅި ފަރާތަށް ބަޔާންވެދިޔަ "ޕީ.ޕީ.އެމް. ގެ ސުލޫކީ މައްސަލަތަކާބެހޭ ޤަވާޢިދު" ގެ ދަށުން އިސްތިއުނާފުކުރުމަށް ލިބިފައިވާ ޙައްޤުގެ ބޭނުން ނުހިފުމުގެ ސަބަބުން އެ ނިންމުމަކީ ބަޔާންވެދިޔަ ގޮތުގެމަތިން އެ ނިންމުން ޞައްޙަކަންމަތީ ދެމިއޮތް ނިންމުމެއްކަމަށް ޤާނޫނީގޮތުން ބަލަންޖެހޭ ނިންމެއްކަން އެނގެން އޮންނައިރު، އެ ޕާޓީގެ އެފަދަ ނިންމުމެއް ޕާޓީގެ ފަރާތުން އިސްތިއުނާފުކުރުމުގެ އެއްވެސް ތަޞައްވުރެއް ނުވަތަ އަސާސެއް "ޕީ.ޕީ.އެމް. ގެ ސުލޫކީ މައްސަލަތަކާބެހޭ ޤަވާޢިދު" ގައި ނެތްއިރު، ޕީ.ޕީ.އެމް އިން 13 އޭޕްރީލް 2017 ގައި މައްސަލަ ހުށަހެޅި ފަރާތާމެދު ނިންމާފައިވާ ބަޔާންވެދިޔަ ނިންމުން ޕީ.ޕީ.އެމް އިން އިސްތިއުނާފުކުރުމަށް ނިންމައި، އިސްވެ އިޝާރާތްކުރެވުނު ޤަރާރުގައި މައްސަލަ ހުށަހެޅި ފަރާތް ކޮށްފައިވާ ސޮއި އަނބުރާ ނެގުމަށް 17 ޖުލައި 2017 ގެ ތާރީޚުގައި އަންގައި އެ އެންގުމަށް މައްސަލަ ހުށަހެޅި ފަރާތް އިޖާބަނުދިނުމުންކަމަށް ބުނެ އެ ޕާޓީގެ މެންބަރުކަމުން ވަކިކުރިކަމަށް 18 ޖުލައި 2017 ގެ ތާރީޚުގައި ނިންމައި، އެކަން 18 ޖުލައި 2017 ގެ ތާރީޚުގައި އިލެކްޝަންސް ކޮމިޝަނަށް އެ ޕާޓީން އެންގުމުން، އެ ޕާޓީގެ ދަފްތަރުން މައްސަލަ ހުށަހެޅި ފަރާތް 18 ޖުލައި 2017 ގެ ތާރީޚުގައި އުނިކޮށްފައިވާކަން އިލެކްޝަންސް ކޮމިޝަނުން 18 ޖުލައި 2017 ގެ ތާރީޚުގައި ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ އެ ކޮމިޝަނުގެ ނަންބަރު 38-EA/57/2017/13 ގެ ސިޓީއިން އެނގެންއޮތް ނަމަވެސް، މައްސަލަ ހުށަހެޅި ފަރާތުގެ މައްޗަށް ޕީ.ޕީ.އެމް އިން ބަޔާންވެދިޔަ އިޖުރާއާތުތައް ހިންގާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާ ނިމުނު ތާރީޚުކަމުގައިވާ 13 ޖުލައި 2017 ދުވަހުގެ ކުރީގައި މައްސަލަ ހުށަހެޅި ފަރާތުން ކޮށްފައިވާކަމަށް ބުނާ ޢަމަލެއްގެ މައްޗަށްކަން ސާފުކަން ބޮޑު ގޮތެއްގައި އެނގެން އޮންނާތީ، މައްސަލަ ހުށަހެޅި ފަރާތަށް ދިމާވެފައިވާ މި ޙާލަތަކީ (ޕީ.ޕީ.އެމްގެ މެންބަރުކަމުން މައްސަލަ ހުށަހެޅި ފަރާތް ވަކިކުރި ޙާލަތަކީ) ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާގެ ޙުކުމް އެ ޙާލަތުގެ މައްޗަށް ތަޠްބީޤުކޮށް ތަންފީޛުކުރެވޭނެ ޙާލަތެއް ނޫންކަން އެ ޤަޟިއްޔާގެ ޙުކުމާއި، އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-SJ/09 ކޯޓު އަމުރަށް ބެލުމުން ސާފުކަން ބޮޑު ގޮތެއްގައި އެނގެން އޮންނަ ކަމެވެ.
(މ) ދިހަވަނަ ކަމަކީ، ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 18 ވަނަ މާއްދާއިން ސިޔާސީ ޕާޓީގެ ދަފްތަރު ބެލެހެއްޓުމަކީ އިލެކްޝަންސް ކޮމިޝަންގެ މަސްއޫލިއްޔަތެއްކަން އެނގެން އޮތްނަމަވެސް، ސިޔާސީ ޕާޓީއެއްގެ ދަފްތަރުން ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ނަން އުނިނުކުރާހާ ހިނދަކު އެ ފަރާތެއް ބެލެވޭނީ އެ ޕާޓީއެއްގެ މެންބަރެއްކަމަށް ޞަރީޙަކޮށް ނުވަތަ އެނޫންގޮތަކަށް ނަމަވެސް ބުނާ ޢިބާރާތެއް ބަޔާންކުރެވުނު ޤާނޫނުގެ ބަޔާންކުރެވުނު މާއްދާގައި އައިސްފައިނުވާކަން އެނގެން އޮންނަ އޮތުމުގެ އިތުރުން، ޤާނޫނުގެ ކުރިމަތީގައި، އަދި އެމީހެއްގެ މައްޗަށް ޤާނޫނު ހިންގުމުގައި ކޮންމެ މީހަކީވެސް ހަމަހަމަވެގެންވާ މީހެއްކަމާއި، އަދި ޤާނޫނުގެ ރައްކާތެރިކަމާއި، ޤާނޫނުން ލިބިދޭ މަންފާތައް ހަމަހަމަކަމާއެކު ލިބުމަކީ ހަމަކޮންމެ މީހެއްގެ އަސާސީ ޙައްޤެއްކަން ޤާނޫނުއަސާސީގެ 20 ވަނަ މާއްދާއިން އެނގެން އޮތުމުން އިލެކްޝަންސް ކޮމިޝަނުން، އެ ކޮމިޝަންގައި އޮންނަ ޕީ.ޕީ.އެމްގެ ދަފްތަރުން މައްސަލަ ހުށަހެޅި ފަރާތް 18 ޖުލައި 2017 ގެ ތާރީޚުގައި އުނިކުރިކުރުމަކީ، މައްސަލަ ހުށަހެޅި ފަރާތް ޕީ.ޕީ.އެމްގެ މެންބަރުކަމުން 13 އޭޕްރީލް 2017 ވަނަ ދުވަހު ވަކިކުރުމުގެ ސަބަބުން މައްސަލަ ހުށަހަޅާ ފަރާތަކީ ޕީ.ޕީ.އެމްގެ މެންބަރެއް ނޫންކަމުގައި ބެލުމަށް، އެ ފަރާތަށް ލިބިފައިވާ އެއްވެސް ޙައްޤަކަށް ހުރަސްއެޅޭނެކަމެއް ނޫންކަން ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ސ) ގެ ދަށުން ބާރުލިބިދޭ" ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް.) ގެ އަސާސީ ޤަވާޢިދު" ގެ 20 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގެ މައްޗަށް ރިޢާޔަތްކޮށް ބެލުމުން އެނގެން އޮންނަ ކަމެވެ.
(ފ) އެގާރަވަނަ ކަމަކީ، އިސްވެ ބަޔާންކުރެވިދިޔަ އެންމެހައި ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް ބެލުމުން، މައްސަލަ ހުށަހެޅި ފަރާތް ޕީ.ޕީ.އެމްގެ މެންބަރުކަމުން ވަކިކޮށްފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާގައި ޙުކުމްކުރި ތާރީޚުކަމުގައިވާ 13 ޖުލައި 2017 ވަނަ ދުވަހުގެ ކުރީގައި އެފަރާތް ކޮށްފައިވާކަމަށް ބުނާ ޢަމަލެއްގެ މައްޗަށްކަން ސާފުކޮށް އެނގެން އޮތުމުން މައްސަލަ ހުށަހެޅި ފަރާތަށް ދިމާވެފައިވާ ޕީ.ޕީ.އެމްގެ މެންބަރުކަމުން ވަކިކުރިކަމަށް ބުނާ ޙާލަތަކީ އެ ޙާލަތެއްގެ މައްޗަށް ބަލައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާގެ ޙުކުމް، މައްސަލަ ހުށަހެޅި ފަރާތުގެ މައްޗަށް ތަޠުބީޤުކޮށް ތަންފީޛުކުރެވޭނެ ޙާލަތެއް ނޫންކަން އިސްވެ އިޝާރާތްކުރެވުނު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޙުކުމާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-SJ/09 ކޯޓު އަމުރަށް ބެލުމުން ސާފުކޮށް އެނގެން އޮތުމުގެ އިތުރުން، މައްސަލަ ހުށަހެޅި ފަރާތް ޕީ.ޕީ.އެމްގެ މެންބަރުކަމުން ވަކިކޮށްފައިވަނީ 13 ޖުލައި 2017 ގެ ތާރީޚުގެ ކުރީގައި މައްސަލަ ހުށަހެޅި ފަރާތް ކޮށްފައިވާ ކަމަށްބުނާ ޢަމަލެއްގެ މައްޗަށްކަން އެނގެން އޮންނާތީ މައްސަލަ ހުށަހެޅި ފަރާތަށް ދިމާވެފައިވާ މި ޙާލަތަކީ، ޤާނޫނު ނަންބަރު 2018/2 (އެންޓި-ޑިފެކްޝަން ޤާނޫނު) ގެ ދަށުންވެސް މައްސަލަ ހުށަހެޅި ފަރާތް ރައްޔިތުންގެ މަޖިލީހުގައި ތަމްޘީލުކުރަމުންދިޔަ ތުލުސްދޫ ދާއިރާގެ މެންބަރުކަމުގެ ގޮނޑި އެ ޙާލަތެއްގެ ސަބަބުން ހުސްވެފައިވާކަމަށް ބެލެވޭނެ ޙާލަތެއް ނޫންކަން އެނގެން އޮންނަކަމެވެ.
ޙުކުމް:
އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެމަތިން ހުރުމާއެކު، މި މައްސަލަ ހުށަހެޅި ފަރާތްކަމުގައިވާ ގއ. ވިލިނގިލި، އަޅިވިލާގެ، ސަޢުދު ޙުސައިން އަށް ދިމާވެފައިވާ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް.) ގެ މެންބަރުކަމުން މައްސަލަ ހުށަހެޅި ފަރާތް ވަކިކުރިކަމަށް ބުނާ ޙާލަތަކީ، އެ ޙާލަތުގެ މައްޗަށް ބަލައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާގެ ޙުކުމް، މައްސަލަ ހުށަހެޅި ފަރާތުގެ މައްޗަށް ތަޠްބީޤުކޮށް ތަންފީޛުކުރެވޭނެ ޙާލަތެއް ނޫންކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާގެ ޙުކުމާއި އަދި އެ ޙުކުމް ތަޠުބީޤުކޮށް ތަންފީޛުކުރުމުގައި ރިޢާޔަތްކުރަންޖެހޭ އުޞޫލުތައް އިތުރަށް ބަޔާންކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރެފައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-SJ/09 ކޯޓު އަމުރަށް ބެލުމުން ސާފުކަން ބޮޑު ގޮތެއްގައި އެންގެން އޮންނާތީ، މައްސަލަ ހުށަހެޅި ފަރާތްކަމުގައިވާ ގއ. ވިލިނގިލި، އަޅިވިލާގެ، ސަޢުދު ޙުސައިން ރައްޔިތުންގެ މަޖިލީހުގައި ތަމްޘީލުކުރަމުންދިޔަ ވިލިނގިލީ ދާއިރާގެ މެންބަރުކަމުގެ ގޮނޑި ހުސްވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައި، އެ ދާއިރާއަށް މެންބަރަކު ހޮވުމަށްޓަކައި ބައި-އިލެކްޝަން ބޭއްވުމަށް 19 ޖުލައި 2017 ގައި އިލެކްޝަންސް ކޮމިޝަނުން މައްސަލަ ހުށަހެޅި ފަރާތާމެދު ނިންމާފައިވާ އެ ކޮމިޝަނުގެ އެ ނިންމުމަކީ ބާޠިލް ނިންމުމެއްކަމަށް ކަނޑައަޅައި، އިލެކްޝަންސް ކޮމިޝަންގެ ބަޔާންވެދިޔަ ނިންމުމުގެ ސަބަބުން މައްސަލަ ހުށަހެޅި ފަރާތްކަމުގައިވާ ގއ. ވިލިނގިލި، އަޅިވިލާގެ، ސަޢުދު ޙުސައިން ރައްޔިތުންގެ މަޖިލީހުގައި ތަމްޘީލުކުރަމުންއައި ވިލިނގިލީ ދާއިރާގެ މެންބަރުކަމުގެ ގޮނޑި ހުސްނުވާކަމަށާއި މައްސަލަ ހުށަހެޅި ފަރާތްކަމުގައިވާ ގއ. ވިލިނގިލި، އަޅިވިލާގެ، ސަޢުދު ޙުސައިން އަކީ މިހާރުވެސް ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާ ތަމްޘީލުކުރާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ކަނޑައަޅައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި މައްސަލަ ބެލި ފަސް ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.
އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
ފަނޑިޔާރު ޢަބްދުﷲ ޢަރީފް
ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.