—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 21/SC-C/2017
ދަޢުވާކުރާ ފަރާތް: ޢަބްދުއްލަޠީފް މުޙައްމަދު، ފުނަމާގެ
ދަޢުވާ ލިބޭ ފަރާތް: އިލެކްޝަންސް ކޮމިޝަން
އެޓަރނީ ޖެނެރަލްގެ އޮފީސް
މައްސަލައިގެ ބާވަތް: ދުސްތޫރީ މައްސަލަ
މައްސަލަ އައިގޮތް: ދުސްތޫރީ މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދޭފޯމުން
ހުށަހެޅުނު ތާރީޚް: 20 ޖުލައި 2017
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 25 ޖުލައި 2017
ނިމުނު ތާރީޚް: 08 އޮކްޓޫބަރު 2018
މައްސަލަ ނިންމި ގަޑި: 14:56
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޢަބްދުﷲ ދީދީ، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު
މައްސަލައިގެ ޚުލާޞާ:
މިއީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 74 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ މެންބަރުކަމުގެ ގޮނޑި ހުސްވެއްޖެކަމާމެދު ޚިލާފެއް އުފެދިއްޖެނަމަ، އެ މައްސަލައެއް ބަލައި، ގޮތެއް ކަނޑައަޅަންވާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުންކަމަށް ބުނެފައިވާހިނދު، ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު، ހއ. ދިއްދޫ، ފުނަމާގެ، ޢަބްދުއްލަޠީފް މުޙައްމަދު ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވި ދާއިރާގެ ގޮނޑި ހުސްވެފައިވާކަމަށާއި، އަދި އެ ދާއިރާގެ ބައި-އިލެކްޝަން ބޭއްވުމަށް ނިންމާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން 19 ޖުލައި 2017 ވަނަ ދުވަހު ނިންމާފައިވާ ނިންމުމަކީ ބާޠިލު ނިންމުމެއްކަމަށާއި، އަދި ޢަބްދުއްލަޠީފް މުޙައްމަދަކީ ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރުކަމަށް ކަނޑައަޅައިދިނުމަށް އެދި، އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ދަޢުވާލިބޭ ގޮތަށް ހއ. ދިއްދޫ، ފުނަމާގެ، ޢަބްދުއްލަޠީފް މުޙައްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލިފައިވާ ދުސްތޫރީ މައްސަލައެކެވެ.
ފާހަގަކުރެވުނު ނުކުތާތައް:
މި މައްސަލައިގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި، ކަމާބެހޭ ޤާނޫނުތަކަށާއި، ޤަވާޢިދުތަކަށާއި މި މައްސަލައާ ގުޅުންހުރި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނިންމުންތަކަށާއި މައްސަލަ ހުށަހެޅި ފަރާތާއި މައްސަލައިގެ ދަޢުވާ ރައްދުވި ފަރާތާއި އެޓަރނީ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި ހުށަހަޅާފައިވާ ލިޔުންތަކަށާއި މި ބާވަތުގެ މައްސަލަތަކުގައި ތަޠުބީޤުކުރެވޭ ޤާނޫނީ ޢާންމު މަބްދައުތަކުގެ މައްޗަށް ދުސްތޫރީ އަދި ޤާނޫނީ ނަޒަރުން ބަލައި ވިސްނިއިރު، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، މި މައްސަލައިގެ ދަޢުވާގެ ސީޣާއަށް ބެލުމުން މައްސަލަ ހުށަހެޅި ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މި މައްސަލަ ހުށަހަޅާފައިވަނީ، މައްސަލަ ހުށަހެޅި ފަރާތަކީ، ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރުކަމަށްވާއިރު، މައްސަލަ ހުށަހެޅި ފަރާތް ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވި ދާއިރާގެ ގޮނޑި ހުސްވެފައިވާކަމަށާއި، އަދި އެ ދާއިރާގެ ބައި-އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން 19 ޖުލައި 2017 ވަނަ ދުވަހު، ނިންމާފައިވާ ނިންމުމަކީ ޤާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ހ) އާއި 26 ވަނަ މާއްދާގެ (ށ) އިން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤާއި މިނިވަންކަމާއި އަދި ޤާނޫނު ނަންބަރު 2013/04 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ސ) އާއި "ސިޔާސީ ޕާޓީގެ ޤަވާޢިދު" ގެ 18 ވަނަ މާއްދާގެ (ހ) އާއި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ އަސާސީ ޤަވާޢިދު ގެ 20 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމާއި އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-SJ/09 ކޯޓު އަމުރުން އެކަށައަޅާފައިވާ ޤަޟާއީ ނިންމުންތަކާ ތަޢާރުޟުވާގޮތަށް ނިންމާފައިވާ ނިންމުމެއްކަމަށްބުނެ، އެ ނިންމުން ބާޠިލުކަމަށާއި، އަދި މައްސަލަ ހުށަހެޅި ފަރާތަކީ ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރުކަމަށް ކަނޑައަޅައިދިނުމަށް އެދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 74 ވަނަ މާއްދާއަށް ރިޢާޔަތްކޮށްގެންކަން މި މައްސަލައިގެ ދަޢުވާގެ ސީޣާއަށް ބެލުމުން އެނގެން އޮންނައިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 74 ވަނަ މާއްދާގައި ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމުގެ ޝަރުޠު މީހެއްގައި ހަމަވޭތޯ ނުވަތަ މެންބަރަކު މަޤާމުން ވަކިކުރާން ޖެހިއްޖެތޯ ބެލުމުގައި ނުވަތަ މެންބަރުކަމުގެ ގޮނޑިއެއް ހުސްވެއްޖެކަމާމެދު ޚިލާފެއް އުފެދިއްޖެނަމަ، އެ މައްސަލައެއް ބަލައި ގޮތެއް ކަނޑައަޅާނީ ސުޕްރީމް ކޯޓުން ކަމަށް ކަނޑައެޅި ބަޔާންވެފައި އޮންނަ އޮތުމަށާ، އަދި ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 10 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް ބެލުމުން މި މައްސަލައަކީ ހަމައެކަނި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބަލައި، މި މައްސަލައިގެ މައުޟޫއުގެ މައްޗަށް ފައިޞަލާކުރަނިވި ނިންމުމަކުން ގޮތެއް ކަނޑައަޅައި އިންޞާފު ޤާއިމުކުރަންޖެހޭ ބާވަތުގެ ދުސްތޫރީ މައްސަލައެއްކަން އެނގެން އޮންނަކަމެވެ.
(ށ) ދެވަނަ ކަމަކީ، މި މައްސަލަ ހުށަހެޅި ފަރާތުން މި ދަޢުވާގައި އިޝާރާތްކޮށްފައިވާ އިލެކްޝަންސް ކޮމިޝަންގެ 19 ޖުލައި 2017 ގެ ނިންމުމަށް ބަލާއިރު އެ ނިންމުމަކީ، ރައްޔިތުންގެ މަޖިލީހުގެ ހަތަރު ދާއިރާއެއްގެ ބައި-އިލެކްޝަން ބޭއްވުމަށް ނިންމާފައިވާ ނިންމުމެއްކަމާއި، އެ ނިންމުމަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާގެ ޙުކުމުގައި އެ ޤަޟިއްޔާގެ ޙުކުމް ކުރެވުނު ތާރީޚު (13 ޖުލައި 2017) އިން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން އިންތިޚާބުވި ޕާޓީގެ މެންބަރުކަމުން ވަކިކުރުމާއި، ނުވަތަ އިންތިޚާބުވި ޕާޓީގެ މެންބަރުކަމުން އަމިއްލައަށް ވަކިވުމާއި، ނުވަތަ އިންތިޚާބުވި ޕާޓީނޫން އެހެން ޕާޓީއެއްގެ މެންބަރަކަށްވުމާއި، މި ތިން ޙާލަތުންކުރެ ޙާލަތެއް މެދުވެރިވެއްޖެނަމަ، އެ މެންބަރަކު ނިސްބަތްވާ ޕާޓީއަކުން އެ މެންބަރަކު ވަކިކޮށްފިކަމަށް، ނުވަތަ ވަކިވެއްޖެކަމަށް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ރަސްމީކޮށް ރައްޔިތުންގެ މަޖިލީހަށް އަންގާ ދުވަހުން ފެށިގެން، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެކަމަށް ކަނޑައަޅާފައިވާތީކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު، ކ. މާލެ މއ. އައިވަރީ ހައުސް، މުޙައްމަދު ވަޙީދު އިބްރާހީމް އާއި، ވިލިނގިލި ދާއިރާގެ މެންބަރު ގއ. ވިލިނގިލި، އަޅިވިލާގެ، ސަޢުދު ޙުސައިން އާއި، ދިއްދޫ ދާއިރާގެ މެންބަރު ހއ. ދިއްދޫ، ފުނަމާގެ، ޢަބްދުއްލަޠީފު މުޙައްމަދު އާއި، މަޑުއްވަރީ ދާއިރާގެ މެންބަރު، ގދ. ގައްދޫ، ރޯސްމާގެ، މުޙައްމަދު އަމީތު އަޙްމަދުމަނިކު ގެ ނަން އިލެކްޝަންސް ކޮމިޝަންގައި އޮންނަ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ދަފްތަރުން ވަކިކޮށްދިނުމަށް އެދި 18 ޖުލައި 2017 ވީ އަންގާރަ ދުވަހު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން ހުށަހަޅާފައިވާތީ، އިލެކްޝަންސް ކޮމިޝަންގައި އޮންނަ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ދަފްތަރުން މި ހަތަރު މެންބަރުންގެ ނަން އުނިކުރެވިފައިވާކަން 18 ޖުލައި 2017 ވީ އަންގާރަ ދުވަހު ރަސްމީކޮށް ރައްޔިތުންގެ މަޖިލީހަށް ވަނީ އަންގާފައިކަމަށާއި، މިކަމާ ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާއަށް ރިޢާޔަތްކޮށް މި ހަތަރު ދާއިރާގެ ގޮނޑި ހުސްވެފައިވާކަމަށާއި، ޤާނޫނުއަސާސީގެ 78 ވަނަ މާއްދާ އާއި، ޤާނޫނު ނަންބަރު 2009/2 (ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން އެ ދާއިރާއަށް މެންބަރަކު ހޮވުމަށްޓަކައި ބާއްވަންޖެހޭ ބައި-އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުންވަނީ ނިންމާފައިކަމަށް ބަޔާންކޮށް އެ ކޮމިޝަނުން 19 ޖުލައި 2017 ވަނަ ދުވަހު ނިންމާފައިވާ ނިންމުމެއްކަން އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ، އިލެކްޝަންސް ކޮމިޝަނުގެ އިސްވެ އިޝާރާތްކުރެވުނު 19 ޖުލައި 2017 ގެ ނިންމުން ނިންމާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ރިޢާޔަތްކޮށްގެންކަމަށް އެ ނިންމުމުގައި ބަޔާންކޮށްފައިވާތީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާ ނިންމާފައިވާގޮތަށް ބަލާއިރު އެ ޤަޟިއްޔާ ނިންމާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވަކި ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބަށް ކުރިމަތިލައި، އެ ޕާޓީގެ ސިޔާސީ މެނިފެސްޓޯ އާއި، އެ ޕާޓީގެ ސިޔާސީ ފިކުރު ކުރިއަރުވައި، އެ ފިކުރަށް އިޙްތިރާމުކުރުންމަތީ ދެމި ހުންނާނެ ކަމުގެ ޢަހްދު ރައްޔިތުންނަށް ވުމުން، އެ އަސާސްގެ މައްޗަށް ރައްޔިތުން އިންތިޚާބު ކާމިޔާބުކޮށްދޭ ޕާޓީއެއްގެ މެންބަރަކު، އެ މެންބަރަކު އެ ޕާޓީއެއްގެ ނަމުގައި އިންތިޚާބުވި ޕާޓީގެ ފިކުރުދޫކޮށް އެހެން ފިކުރަކަށް ތާއީދުކޮށް އެ މެންބަރަކު ނިސްބަތްވާ ޕާޓީ ބަދަލުކުރުމަކީ، ނުވަތަ އެ މެންބަރަކު ނިސްބަތްވާ ޕާޓީގެ އުޞޫލުތަކާ ޚިލާފަށް އެ މެންބަރަކު ޢަމަލުކުރުމުގެ ސަބަބުން އެ ޕާޓީއަކުން އެ މެންބަރަކު ވަކިކުރުމަކީ، އެ މެންބަރަކު ނިސްބަތްވާ ދާއިރާގެ ރައްޔިތުން އެ މެންބަރަކު ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުކުރި މަޤުޞަދު ގެއްލިގެން ދާނެކަމެއްކަމަށް ވާތީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން އިންތިޚާބުވާ މެންބަރަކު އެ ޕާޓީގެ މެންބަރުކަމުން ވަކިވުމުން، ނުވަތަ ޕާޓީ ބަދަލުކުރުމުން، ނުވަތަ ޕާޓީއިން ވަކިކުރުމުން، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެގޮތުގެ ޝަރްޠުތަކާއި އިޖުރާއާތުތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ތަންޡީމުކުރަންޖެހޭ ކަމަށް ކަނޑައަޅައި، އެފަދަ ޤާނޫނަކަށް ޢަމަލުކުރެވެންދެން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން އިންތިޚާބުވި ޕާޓީގެ މެންބަރުކަމުން ވަކިކުރުމާއި، ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން އިންތިޚާބުވި ޕާޓީގެ މެންބަރުކަމުން އަމިއްލައަށް ވަކިވުމާއި، ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން އިންތިޚާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެންބަރަކަށްވުމާއި، މި ތިން ޙާލަތުންކުރެ ޙާލަތެއް އެ ޤަޟިއްޔާގައި ޙުކުމްކުރާ ތާރީޚުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް މެދުވެރިވެއްޖެނަމަ، އެ މެންބަރަކު ނިސްބަތްވާ ޕާޓީއަކުން އެ މެންބަރަކު ވަކިކޮށްފިކަމަށް ނުވަތަ ވަކިވެއްޖެކަމަށް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ރަސްމީކޮށް ރައްޔިތުންގެ މަޖިލީހަށް އަންގާ ދުވަހުން ފެށިގެން، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެކަމަށް ކަނޑައަޅައި، މިގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ހުސްވުމާ ގުޅިގެން ޤާނޫނުއަސާސީގެ 78 ވަނަ މާއްދާ އާއި، ޤާނޫނު ނަންބަރު 2009/2 (ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ބައި-އިލެކްޝަން ބާއްވަން ވާނެކަމަށް ކަނޑައެޅުމާއެކު، އެ ޤަޟިއްޔާ ނިންމި ތާރީޚުކަމަށްވާ، މީލާދީ ސަނަތުން 2017 ވަނަ އަހަރު ޖުލައި މަހުގެ 13 ވަނަ ދުވަހުން ފެށިގެން، އެ ޤަޟިއްޔާގެ ޙުކުމުގައި ކަނޑައަޅައި ބަޔާންވެގެންވާ އުޞޫލުތަކަށް ޢަމަލުކުރުމަށް ރައްޔިތުންގެ މަޖިލީހަށާއި، އިލެކްޝަންސް ކޮމިޝަނަށާއި، ދައުލަތުގެ މުއައްސަސާތަކަށާއި ކަމާބެހޭ އެންމެހައި ފަރާތްތަކަށް އަންގައި ޙުކުމްކޮށްގެންކަން ބުނެވިދިޔަ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާގެ ޙުކުމުގެ ޢިބާރާތަށް ބެލުމުން އެނގެން އޮންނަކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ، މި މައްސަލަ ހުށަހެޅި ފަރާތުގެ ދަޢުވާގައި އިޝާރާތްކޮށްފައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-SJ/09 ކޯޓު އަމުރަށް ބަލާއިރު އެ އަމުރަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާ، 13 ޖުލައި 2017 ގައި ނިމުނުތާ ތިންވަނައަށްވީ ދުވަހު (16 ޖުލައި 2017 ވަނަ ދުވަހު) ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރެފައިވާ ކޯޓު އަމުރެއްކަމާއި، އެ އަމުރުގެ ދެވަނަ ޕެރެގްރާފުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާގެ ޙުކުމުގައި ބަޔާންކޮށްފައިވާ ތިން ޙާލަތުންކުރެ ޙާލަތަކީ އެ ޙުކުމްކުރި ތާރީޚުގެ ކުރީގައި ވުޖޫދުވެފައިވާ، ޙާލަތެއްނަމަ، ނުވަތަ އެއިން ޙާލަތަކާގުޅޭ އެއްވެސް އިޖުރާއާތެއްގެ މައްޗަށް ބިނާކޮށް އެޅިފައިވާ ނުވަތަ އަޅާ އެއްވެސް ފިޔަވަޅެއްނަމަ އެފަދަ އެއްވެސް ޙާލަތެއްގެ މައްޗަށް ނުވަތަ އެފަދަ އެއްވެސް ޙާލަތަކާ ގުޅިފައިވާ އިޖުރާއާތެއް ނުވަތަ ކަމެއްގެ މައްޗަށް އެ ޤަޟިއްޔާގެ ޙުކުމުގެ އަޘަރު އެއްވެސްގޮތަކުން މާޟީއަށް ރުޖޫޢަވާގޮތަށް ރެޓްރޯސްޕެކްޓިވް ކޮށް ތަޠްބީޤު ނުވަތަ ތަންފީޛުކުރުން ހުއްދަކުރެވިފައި ނުވާކަން އެ ޙުކުމުން ސާފުކޮށް އެނގެން އޮންނަ ކަމަށާއި، އަދި އެ އަމުރުގެ ތިންވަނަ ޕެރެގްރާފުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާގެ ޙުކުމަށްފަހު، ސިޔާސީ ޕާޓީއަކުން އެ ޕާޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ވަކިކުރުމުގައި ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) އާއި ޕާޓީގެ އަސާސީ ޤަވާޢިދުގައި ނުވަތަ އެނޫން ޤާނޫނަކުން ނުވަތަ ޤަވާޢިދަކުންވިއަސް ކަނޑައަޅާފައިވާ ޤާނޫނީ އިޖުރާއާތު (due process of law) އަށް ތަބާވުން އިސްތިޘްނާކުރެވިފައި ނުވާކަން އެ ޤަޟިއްޔާއިން ކަނޑައެޅިގެން އެނގެން އޮންނަކަމަށް އެ އަމުރުގައި ސާފު ބަހުން ބަޔާންކޮށްފައިވާކަން އެނގެން އޮތުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާގައި ޙުކުމްކުރި ތާރީޚު ކަމުގައިވާ 13 ޖުލައި 2017 ވަނަ ދުވަހުން ފެށިގެން، އެ ތާރީޚުގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން އިންތިޚާބުވާ މެންބަރަކު އެ ޕާޓީގެ މެންބަރުކަމުން ވަކިވުމުން، ނުވަތަ ޕާޓީ ބަދަލުކުރުމުން، ނުވަތަ ޕާޓީއިން ވަކިކުރުމުން، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެގޮތުގެ ޝަރްޠުތަކާއި އިޖުރާއާތުތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ތަންޡީމުކޮށް، އެފަދަ ޤާނޫނަކަށް ޢަމަލުކުރެވެންދެން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން އިންތިޚާބުވި ޕާޓީގެ މެންބަރުކަމުން ވަކިކުރުމާއި، ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން އިންތިޚާބުވި ޕާޓީގެ މެންބަރުކަމުން އަމިއްލައަށް ވަކިވުމާއި، ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން އިންތިޚާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެންބަރަކަށްވުމާއި، މި ތިން ޙާލަތުންކުރެ ޙާލަތެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބުނެވުނު ޤަޟިއްޔާގައި ޙުކުމްކުރި ތާރީޚުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް މެދުވެރިވެއްޖެނަމަ، އެ މެންބަރަކު ނިސްބަތްވާ ޕާޓީއަކުން އެ މެންބަރަކު ވަކިކޮށްފިކަމަށް ނުވަތަ ވަކިވެއްޖެކަމަށް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ރަސްމީކޮށް ރައްޔިތުންގެ މަޖިލީހަށް އަންގާ ދުވަހުން ފެށިގެން، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެކަމަށް ބަލައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ގޮނޑިއެއް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ކަނޑައެޅުމަށް ރިޢާޔަތްކޮށް ހުސްވެއްޖެކަމަށް ބަލަންވާނީ އެ ގޮނޑި ތަމްޘީލުކުރަމުންދާ ރައްޔިތުންގެ މަޖިލީހުގެ މެންބަރަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާގެ ޙުކުމުގައި ބަޔާންކޮށްފައިވާ ތިން ޙާލަތުންކުރެ ޙާލަތެއް މެދުވެރިވެފައިވަނީ އެ ޤަޟިއްޔާގައި ޙުކުމްކުރި ތާރީޚުން ފެށިގެން ކަމުގައިވާނަމަކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާ އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-SJ/09 ކޯޓު އަމުރަށް ބެލުމުން އެނގެން އޮންނަ ކަމެވެ.
(ބ) ފަސްވަނަ ކަމަކީ، ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 13 ވަނަ މާއްދާގެ ފެށުމުގައި ކޮންމެ ސިޔާސީ ޕާޓީއެއްގައިވެސް އެ ޤާނޫނުގައިވާ ގޮތުގެމަތިން އެކަށައަޅާފައިވާ ޕާޓީގެ އަސާސީ ޤަވާޢިދެއް އޮންނަންވާނެކަމަށް ބަޔާންކުރުމަށްފަހު އެ އަސާސީ ޤަވާޢިދުގައި ކަނޑައަޅަންވާނެކަމަށް ބަޔާންކޮށްފައިވާ ކަންކަމުގެ ތެރޭގައި އެ މާއްދާގެ (ސ) ގައި "ޕާޓީގެ މެންބަރަކަށް ވެވޭނެ ގޮތާއި މެންބަރުކަމުން ވަކިވެވޭނެ ގޮތާއި ވަކިކުރެވޭނެ އުސޫލުތައް" މިފަދައިން ކަނޑައެޅި ބަޔާންކޮށްފައިވާކަން އެނގެން އޮންނައިރު، "ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް.) ގެ އަސާސީ ޤަވާޢިދު" ގެ 20 ވަނަ މާއްދާގައި "އަންނަނިވި ޙާލަތްތަކުގެ ތެރެއިން ޙާލަތެއް މެދުވެރިވެއްޖެ ހިނދެއްގައި، ޕާޓީގެ މެންބަރަކު، މެންބަރުކަމުން ވަކިވާނެއެވެ." މިފަދައިން ސާފުކޮށް ބަޔާންކުރުމަށްފަހު އެ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައި "ޕާޓީގެ މެންބަރުކަމުން ވަކިވާން އެދުން" މިފަދައިން ބަޔާންކޮށްފައިވާއިރު، މި މައްސަލަ ހުށަހެޅި ފަރާތަކީ އެފަރާތް ޕީ.ޕީ.އެމްގެ މެންބަރުކަމުން ވަކިވުމަށް އެދި 19 ޖޫން 2017 ގައި ޕީ.ޕީ.އެމްގައި ސިޓީއަކުން އެދިފައިވާ ފަރާތެއްކަން ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮތުމުގެ އިތުރުން މައްސަލަ ހުށަހަޅާ ފަރާތުގެ މި ސިޓީއަކީ، އިލެކްޝަންސް ކޮމިޝަނާއި ރައްޔިތުންގެ މަޖިލީހަށް ކޮޕީކޮށް ފޮނުވާފައިވާ ސިޓީއެއްކަންވެސް މި ސިޓީއިން އެނގެން އޮތުމުގެ އިތުރުން މި ސިޓީއަކީ އިލެކްޝަންސް ކޮމިޝަނަށް ލިބިފައިވާ ސިޓީއެއްކަމާމެދު އެ ކޮމިޝަނުން އިންކާރުކޮށްފައިވާ ސިޓީއެއް ނޫންކަންވެސް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން މައްސަލައިގެ ޝަރީޢަތުގައި ދެއްކި ވާހަކައަށް ބެލުމުން އެނގެން އޮތުމުން މައްސަލަ ހުށަހެޅި ފަރާތަކީ، 19 ޖޫން 2017 އިން ފެށިގެން ޕީ.ޕީ.އެމްގެ މެންބަރުކަމުން ވަކިވެފައިވާކަމަށް ޤާނޫނީގޮތުން ބަލަންޖެހޭ ފަރާތެއްކަން އިސްވެ އިޝާރާތްކުރެވުނު ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ސ) އަށް ރިޢާޔަތްކޮށް "ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ އަސާސީ ޤަވާޢިދު" ގެ 20 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރަށް ބެލުމުން ސާފުކޮށް އެނގެން އޮންނަ ކަމެވެ.
(ޅ) ހަވަނަ ކަމަކީ، މައްސަލަ ހުށަހެޅި ފަރާތް ޕީ.ޕީ.އެމް އިން ވަކިވެފައިވާކަމަށް ބުނެ ޕީ.ޕީ.އެމް އަށް 19 ޖޫން 2017 ގައި މައްސަލަ ހުށަހެޅި ފަރާތުން ސިޓީ ފޮނުވާފައިވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ބުނެ އެ މަޖިލީހުގެ މެންބަރުންތަކެއް ސޮއިކޮށް އެ މަޖިލީހަށް 03 ޖުލައި 2017 ގެ ތާރީޚުގައި ހުށަހެޅި ކަމަށްބުނާ ޤަރާރުގައި މައްސަލަ ހުށަހެޅި ފަރާތުން ސޮއިކޮށްފައިވާކަމަށް ބުނެ އެ ސޮއި ނެގުމަށް ވަކި މުއްދަތެއް ޕީ.ޕީ.އެމްގެ ފަރާތުން މައްސަލަ ހުށަހެޅި ފަރާތަށް ދިނުމަށް 17 ޖުލައި 2017 ގެ ތާރީޚުގައި ނިންމައި، އެ މުއްދަތު ފާއިތުވެދިޔަ ފަހުން މައްސަލަ ހުށަހެޅި ފަރާތް ޕީ.ޕީ.އެމްގެ އެ އެންގުމަށް އިޖާބަދީފައި ނުވާކަމަށް ބުނެ، ޕީ.ޕީ.އެމްގެ ފަރާތުން 18 ޖުލައި 2017 ގައި ޕީ.ޕީ.އެމްގެ މެންބަރުކަމުން މައްސަލަ ހުށަހެޅި ފަރާތް ވަކިކުރިކަމަށް ޕީ.ޕީ.އެމް އިން ނިންމާފައިވާކަން މައްސަލައާ ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮތުމުން މިގޮތުގެމަތިން މައްސަލަ ހުށަހެޅި ފަރާތާމެދު ޕީ.ޕީ.އެމް އިން ޢަމަލުކޮށްފައި އެވަނީ ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ސ) އާއި "ޕީ.ޕީ.އެމްގެ އަސާސީ ޤަވާޢިދު" ގެ 20 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައި ބުނާ އުޞޫލާ އެއްގޮތަށްކަމަށް ބެލެވޭނެ ތަނެއްނެތްކަން އެނގެން އޮންނަ އޮތުމުގެ އިތުރުން، ޕީ.ޕީ.އެމްގެ މެންބަރުކަމުން މައްސަލަ ހުށަހެޅި ފަރާތް ވަކިކުރުމަށް 18 ޖުލައި 2017 ގައި އެ ޕާޓީން ނިންމާފައިވާ ނިންމުން ނިންމާފައި އެވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާގެ ޙުކުމްކުރުމުގެ ކުރިން މައްސަލަ ހުށަހެޅި ފަރާތް ކޮށްފައިވާކަމަށް ބުނާ ޢަމަލެއްގެ (އެބަހީ: ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ބުނެ އެ މަޖިލީހަށް 03 ޖުލައި 2017 ގެ ތާރީޚުގައި ހުށަހެޅިފައިވާކަމަށް ބުނާ ޤަރާރުގައި މައްސަލަ ހުށަހެޅި ފަރާތް ސޮއިކުރިކުރުމުގެ ވާޤިޢާގެ) މައްޗަށްކަންވެސް އެނގެން އޮންނަ ކަމެވެ.
(ކ) ހަތްވަނަ ކަމަކީ، ޕީ.ޕީ.އެމް އިން، މައްސަލަ ހުށަހެޅި ފަރާތް ވަކިވުމަށް އެދި 19 ޖޫން 2017 ގައި ސިޓީ ފޮނުވާފައިވަނިކޮށް، އިސްވެ އިޝާރާތްކުރެވުނު ޤަރާރުގައި މައްސަލަ ހުށަހެޅި ފަރާތް ކޮށްފައިވާ ސޮއި އަނބުރާ ނެގުމަށް 17 ޖުލައި 2017 ގެ ތާރީޚުގައި އަންގައި، އެ އެންގުމަށް މައްސަލަ ހުށަހެޅި ފަރާތް އިޖާބަނުދިނުމުން ކަމަށް ބުނެ، އެ ޕާޓީގެ މެންބަރުކަމުން ވަކިކުރިކަމަށް 18 ޖުލައި 2017 ގެ ތާރީޚުގައި ނިންމައި، އެކަން 18 ޖުލައި 2017 ގެ ތާރީޚުގައި އިލެކްޝަންސް ކޮމިޝަނަށް އެ ޕާޓީއިން އެންގުމުން، އެ ޕާޓީގެ ދަފްތަރުން މައްސަލަ ހުށަހެޅި ފަރާތް 18 ޖުލައި 2017 ގެ ތާރީޚުގައި އުނިކޮށްފައިވާކަން އިލެކްޝަންސް ކޮމިޝަނުން 18 ޖުލައި 2017 ގެ ތާރީޚުގައި ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ އެ ކޮމިޝަނުގެ ނަންބަރު 38-EA/57/2017/11 ގެ ސިޓީއިން އެނގެންއޮތް ނަމަވެސް، މައްސަލަ ހުށަހެޅި ފަރާތާމެދު ޕީ.ޕީ.އެމް އިން ބަޔާންކުރެވުނު އިޖުރާއާތުތައް ހިންގާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާ ނިމުނު ތާރީޚުކަމުގައިވާ 13 ޖުލައި 2017 ވަނަ ދުވަހުގެ ކުރީގައި މައްސަލަ ހުށަހެޅި ފަރާތުން ކޮށްފައިވާކަމަށް ބުނާ ޢަމަލެއްގެ މައްޗަށްކަން ސާފުކަން ބޮޑު ގޮތެއްގައި އެނގެން އޮންނާތީ، މައްސަލަ ހުށަހެޅި ފަރާތަށް ދިމާވެފައިވާ މި ޙާލަތު (ޕީ.ޕީ.އެމްގެ މެންބަރުކަމުން މައްސަލަ ހުށަހެޅި ފަރާތް ވަކިކުރިކަމަށް ބުނާ ޙާލަތު) އަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާގެ ޙުކުމާއި އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-SJ/09 ކޯޓު އަމުރުގައި ބަޔާންކުރެވިފައިވާ އުޞޫލުތައް އެ ޙާލަތުގެ މައްޗަށް ތަޠްބީޤުކޮށް ތަންފީޛުކުރެވޭނެ ޙާލަތެއް ނޫންކަން ސާފުކަން ބޮޑު ގޮތެއްގައި އެނގެން އޮންނަ ކަމެވެ.
(އ) އަށްވަނަ ކަމަކީ، ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 18 ވަނަ މާއްދާއިން ސިޔާސީ ޕާޓީގެ ދަފްތަރު ބެލެހެއްޓުމަކީ އިލެކްޝަންސް ކޮމިޝަންގެ މަސްއޫލިއްޔަތެއްކަން އެނގެން އޮތްނަމަވެސް، ސިޔާސީ ޕާޓީއެއްގެ ދަފްތަރުން ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ނަން އުނިނުކުރާހާ ހިނދަކު އެ ފަރާތެއް ބެލެވޭނީ އެ ޕާޓީއެއްގެ މެންބަރެއްކަމަށް ޞަރީޙަކޮށް ނުވަތަ އެނޫންގޮތަކަށް ނަމަވެސް ބުނާ ޢިބާރާތެއް ބަޔާންކުރެވުނު ޤާނޫނުގެ ބަޔާންކުރެވުނު މާއްދާގައި އައިސްފައިނުވާކަން އެނގެން އޮންނަ އޮތުމުގެ އިތުރުން، ޤާނޫނުގެ ކުރިމަތީގައި، އަދި އެމީހެއްގެ މައްޗަށް ޤާނޫނު ހިންގުމުގައި ކޮންމެ މީހަކީވެސް ހަމަހަމަވެގެންވާ މީހެއްކަމާއި، އަދި ޤާނޫނުގެ ރައްކާތެރިކަމާއި، ޤާނޫނުން ލިބިދޭ މަންފާތައް ހަމަހަމަކަމާއެކު ލިބުމަކީ ހަމަކޮންމެ މީހެއްގެ އަސާސީ ޙައްޤެއްކަން ޤާނޫނުއަސާސީގެ 20 ވަނަ މާއްދާއިން އެނގެން އޮތުމުން އިލެކްޝަންސް ކޮމިޝަނުން، އެ ކޮމިޝަނުގައި އޮންނަ ޕީ.ޕީ.އެމްގެ ދަފްތަރުން މައްސަލަ ހުށަހެޅި ފަރާތް 18 ޖުލައި 2017 ގެ ތާރީޚުގައި އުނިކުރިކުރުމަކީ، މައްސަލަ ހުށަހެޅި ފަރާތް ޕީ.ޕީ.އެމްގެ މެންބަރުކަމުން 19 ޖޫން 2017 ވަނަ ދުވަހު އަމިއްލައަށް ވަކިވެފައިވުމުގެ ސަބަބުން މައްސަލަ ހުށަހެޅި ފަރާތަކީ ޕީ.ޕީ.އެމްގެ މެންބަރެއް ނޫންކަމުގައި ބެލުމަށް އެ ފަރާތަށް ލިބިފައިވާ އެއްވެސް ޙައްޤަކަށް ހުރަސްއެޅޭނެކަމެއް ނޫންކަން ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ސ) ގެ ދަށުން ބާރުލިބިދޭ ޕީ.ޕީ.އެމްގެ އަސާސީ ޤަވާޢިދުގެ 20 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ މައްޗަށް ރިޢާޔަތްކޮށް ބެލުމުން އެނގެން އޮންނަ ކަމެވެ.
(ވ) ނުވަވަނަ ކަމަކީ، މައްސަލަ ހުށަހެޅި ފަރާތަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާގައި ޙުކުމްކުރި ތާރީޚުކަމުގައިވާ 13 ޖުލައި 2017 ވަނަ ދުވަހުގެ ކުރީގެ ތާރީޚެއްކަމުގައިވާ 19 ޖޫން 2017 ގެ ތާރީޚުގައި ޕީ.ޕީ.އެމްގެ މެންބަރުކަމުން އަމިއްލައަށް ވަކިވެފައިވާ ފަރާތެއްކަމަށް ޤާނޫނީގޮތުން ބަލަންޖެހޭ ފަރާތެއްކަން އިސްވެ ބަޔާކުރެވިދިޔަ ޤާނޫނީ ހަމަތަކުގެ މަތިން އެނގެން އޮތްއިރު، މައްސަލަ ހުށަހެޅި ފަރާތަކީ އެ ތާރީޚުގެ ފަހުން ޤަވާޢިދުން އަލުން އެ ޕާޓީގެ މެންބަރަކަށް ވެފައިވާ ފަރާތެއްކަން އެނގެން ނެތްއިރު، 18 ޖުލައި 2017 ގައި މައްސަލަ ހުށަހެޅި ފަރާތް ޕީ.ޕީ.އެމް އިން ވަކިކުރެވިފައިވާކަމަށް ޕީ.ޕީ.އެމް އިން ނިންމާފައިވަނީވެސް 03 ޖުލައި 2017 ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޤަރާރުގައި މައްސަލަ ހުށަހެޅި ފަރާތުން ސޮއިކޮށްފައިވާކަމަށް ބުނެ، އެ ވާޤިއާގެ މައްޗަށްކަން އެނގެން އޮންނާތީ، 19 ޖޫން 2017 ގެ ތާރީޚު އާއި 03 ޖުލައި 2017 ގެ ތާރީޚު އާއި މި ދެ ތާރީޚަކީވެސް ޤާނޫނު ނަންބަރު 2018/2 (އެންޓި-ޑިފެކްޝަން ޤާނޫނު) ގެ 3 ވަނަ މާއްދާގައި ބުނާ 13 ޖުލައި 2017 ގެ ތާރީޚުގެ ކުރީގެ ދެ ތާރީޚުކަމަށްވާތީ މައްސަލަ ހުށަހެޅި ފަރާތަށް ދިމާވެފައިވާ މި ޙާލަތަކީ ޤާނޫނު ނަންބަރު 2018/2 (އެންޓި-ޑިފެކްޝަން ޤާނޫނު) ގެ ދަށުން ވެސް މައްސަލަ ހުށަހެޅި ފަރާތް ރައްޔިތުންގެ މަޖިލީހުގައި ތަމްޘީލުކުރަމުންދިޔަ ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރުކަމުގެ ގޮނޑި އެ ޙާލަތެއްގެ ސަބަބުން ހުސްވެފައިވާކަމަށް ބެލެވޭނެ ޙާލަތެއް ނޫންކަން އެނގެން އޮންނަކަމެވެ.
ޙުކުމް:
އިސްވެބަޔާންވެދިޔަ ސަބަބުތައް އެގޮތުގެމަތިން ހުރުމާއެކު، މި މައްސަލަ ހުށަހެޅި ފަރާތްކަމުގައިވާ ހއ. ދިއްދޫ، ފުނަމާގެ، ޢަބްދުއްލަޠީފު މުޙައްމަދު އަށް ދިމާވެފައިވާ، ޕީ.ޕީ.އެމްގެ މެންބަރުކަމުން ވަކިކުރިކަމަށް ބުނާ ޙާލަތަކީ، އެ ޙާލަތުގެ މައްޗަށް ބަލައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާގެ ޙުކުމް، މައްސަލަ ހުށަހެޅި ފަރާތުގެ މައްޗަށް ތަޠްބީޤުކޮށް ތަންފީޛުކުރެވޭނެ ޙާލަތެއް ނޫންކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާގެ ޙުކުމާއި އަދި އެ ޙުކުމް ތަޠުބީޤުކޮށް ތަންފީޛުކުރުމުގައި ރިޢާޔަތްކުރަންޖެހޭ އުޞޫލުތައް އިތުރަށް ބަޔާންކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރެފައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-SJ/09 ކޯޓު އަމުރަށް ބެލުމުން ސާފުކަން ބޮޑު ގޮތެއްގައި އެނގެން އޮންނާތީ، މައްސަލަ ހުށަހެޅި ފަރާތްކަމުގައިވާ، ހއ. ދިއްދޫ، ފުނަމާގެ، ޢަބްދުއްލަޠީފު މުޙައްމަދު، ރައްޔިތުންގެ މަޖިލީހުގައި ތަމްޘީލުކުރަމުންދިޔަ ދިއްދޫ ދާއިރާގެ މެންބަރުކަމުގެ ގޮނޑި ހުސްވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައި، އެ ދާއިރާއަށް މެންބަރަކު ހޮވުމަށްޓަކައި ބައި-އިލެކްޝަން ބޭއްވުމަށް 19 ޖުލައި 2017 ގައި އިލެކްޝަންސް ކޮމިޝަނުން މައްސަލަ ހުށަހެޅި ފަރާތާމެދު ނިންމާފައިވާ އެ ކޮމިޝަނުގެ އެ ނިންމުމަކީ ބާޠިލް ނިންމުމެއްކަމަށް ކަނޑައަޅައި، އިލެކްޝަންސް ކޮމިޝަންގެ ބަޔާންވެދިޔަ ނިންމުމުގެ ސަބަބުން މައްސަލަ ހުށަހެޅި ފަރާތްކަމުގައިވާ ހއ. ދިއްދޫ، ފުނަމާގެ، ޢަބްދުއްލަޠީފު މުޙައްމަދު، ރައްޔިތުންގެ މަޖިލީހުގައި ތަމްޘީލުކުރަމުންއައި ދިއްދޫ ދާއިރާގެ ގޮނޑި ހުސްނުވާ ކަމަށާއި މައްސަލަ ހުށަހެޅި ފަރާތްކަމުގައިވާ ހއ. ދިއްދޫ، ފުނަމާގެ، ޢަބްދުއްލަޠީފު މުޙައްމަދު އަކީ މިހާރުވެސް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާ ތަމްޘީލުކުރާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ކަނޑައަޅައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި މައްސަލަ ބެލި ފަސް ފަނޑިޔާރުންގެ އިއްތިފާޤުން މިގޮތުގެމަތިން ޙުކުމް ކޮށްފީމެވެ.
އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
ފަނޑިޔާރު ޢަބްދުﷲ ޢަރީފް
ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ
ފަނޑިޔާރު ޢަބްދުﷲ ދީދީ
ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.