ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2018/SC-A/27ސުޕްރީމް ކޯޓު · 15 އޮކްޓޫބަރު 2020

މުޙައްމަދު އިމްޔާން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ސުޕްރީމް ކޯޓު
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 15 އޮކްޓޫބަރު 2020ބާވަތް: ޖިނާއީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނު ގޮތް

ޤަޟިއްޔާ ނަންބަރު:

2018/SC-A/27

އިސްތިއުނާފު ކުރާ ފަރާތް:

މުޙައްމަދު އިމްޔާން، ގުޑްލަކް

އިސްތިއުނާފު ރައްދުވާ ފަރާތް:

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (ދައުލަތް)

މައްސަލައިގެ ބާވަތް:

ކެނަބިސް ޓްރެފިކް ކުރުން

މައްސަލަ އައިގޮތް:

އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

ހުށަހެޅުނު ތާރީޚު:

18 ފެބްރުއަރީ 2018ރަޖިސްޓްރީ ކުރެވުނު ތާރީޚު:

25 ޖޫން 2018ނިމުނު ތާރީޚު:

15 އޮކްޓޯބަރ 2020މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް:

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު ޙުސްނުއްސުޢޫދުއިސްތިއުނާފު ކުރެވުނު ޤަޟިއްޔާ

ނަންބަރު:

2016/HC-A/54

ރަޖިސްޓްރީ ކުރެވުނު ތާރީޚު:

08 ފެބްރުއަރީ 2016ނިންމި ކޯޓު:

ދިވެހިރާއްޖޭގެ ހައިކޯޓު

ނިމުނު ތާރީޚު:

09 ނޮވެމްބަރ 2017

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޙުސްނުއްސުޢޫދު ތާއީދު ކުރައްވާފައި)

ތަޢާރުފު

މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2016/HC-A/54 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި މުޙައްމަދު އިމްޔާން، ގުޑްލަކް މީގެފަހުން "އިސްތިއުނާފު ކުރާ ފަރާތް" ނުވަތަ "މުޙައްމަދު އިމްޔާން") ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، މި ކޯޓުން ބެލި އިސްތިއުނާފީ މައްސަލައެކެވެ. މި ޤަޟިއްޔާގައި ކޯޓުން ގޮތެއް ނިންމަންޖެހޭ މައިގަނޑު ކަމަކީ، މުޙައްމަދު އިމްޔާންގެ މައްޗަށް ކުރެވުނު ތުހުމަތާ ގުޅިގެން ފުލުހުން އޭނާ ބަލާފާސްކޮށް، ހެކި ހޯދާފައިވަނީ ޤާނޫނާ އެއްގޮތަށްކަން ނުވަތަ ނޫންކަމެވެ.

ކަންހިނގާފައިވާ ގޮތް

"އައްޑަނަ" އެވެ ކިޔާ ދޯނި (މީގެ ފަހުން "އައްޑަނަ ދޯނި") މާލެއިން އިހަވަންދޫއަށް ދިޔައިރު، އެ ދޯނިން މުޙައްމަދު އިމްޔާން ހއ.އިހަވަންދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުނެވެ. އެހެންކަމުން، 22 ފެބްރުވަރީ 2013 ގައި، ހއ.އިހަވަންދޫ އަށް އައްޑަނަ ދޯނި ލަފަން ވާއިރަށް ފުލުހުން ރަށުގެ ބަނދަރަށް ގޮސް، އެތަނުން މުޙައްމަދު އިމްޔާން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.

އެއަށްފަހު، ފުލުހުން މުޙައްމަދު އިމްޔާން އިހަވަންދޫ ޕޮލިސް ސްޓޭޝަން (މީގެ ފަހުން "ޕޮލިސް ސްޓޭޝަން") އަށް ގެންގޮސް، އޭނާ ބަލާ ފާސްކުރުމުގެ ކުރިން، އޭނާ ލައިގެން ހުރި އަންނައުނުގައި އެއްވެސް އެއްޗެއް ހުރިނަމަ، އެއްޗެއް ނެގުމަށް ފުލުހުން މުޙައްމަދު އިމްޔާން އަށް އެންގުމުން، އޭނާ ލައިގެން ހުރި ސޯޓުގެ ވާތް ފަރާތު ޖީބުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިވާ ފިލްމު ހުސްކުރި ދަޅެއް ނެގިއެވެ.

މުޙައްމަދު އިމްޔާން ލައިގެން ހުރި ސޯޓުގެ ވާތް ފަރާތު ޖީބުން ނެގި ދަޅާ ގުޅޭގޮތުން ފުލުހުން އޭނާއާ ސުވާލުކުރުމުން، އެއީ މުޙައްމަދު އިމްޔާންގެ ތަކެތި ކަމުގައި އޭނާ ބުނެފައިވާކަމަށް 3 (ތިނެއް) ފުލުހުން ހެކިބަސް ދީފައިވެއެވެ. އަދި އެ ދަޅުގައިވާ ތަކެތި ތަޙްލީލު ކުރުމުން، އޭގައި ހުރީ 23.7912 (ތޭވީސް ޕޮއިންޓް ހަތެއް ނުވައެއް އެކެއް ދޭއް) ގްރާމް ކެނަބިސް ކަން ތަޙްލީލު ރިޕޯޓުން އެނގެން އޮވެއެވެ.

އިސްތިއުނާފުކުރެވޭ މައްސަލަ ކްރިމިނަލް ކޯޓުން ނިންމާފައިވާ ގޮތް

މުޙައްމަދު އިމްޔާންގެ މައްޗަށް ދަޢުވާކޮށްފައިވަނީ ޤާނޫނު ނަންބަރު 2011/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 108 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން، ކެނަބިސް ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާއެވެ. މި މައްސަލަ ކްރިމިނަލް ކޯޓުން ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 481/Cr-C/2015 ޤަޟިއްޔާއިންނެވެ.

ކްރިމިނަލް ކޯޓުގެ ނަންބަރު 481/Cr-C/2015 ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން މުޙައްމަދު އިމްޔާންގެ މައްޗަށް ކޮށްފައިވާ ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅައި، އެ ކުށުގެ ޢުޤޫބާތެއްގެ ގޮތުން މުޙައްމަދު އިމްޔާން 100,000/-ރ. (އެއްލައްކަ ރުފިޔާ) އިން ޖޫރިމަނާކޮށް، 22 ނޮވެންބަރު 2015 އިން ފެށިގެން 01 (އެކެއް) މަސްދުވަހުގެ ތެރޭގައި އެ ޖޫރިމަނާ ފައިސާ ދެއްކުމަށް އަންގައި، މުޙައްމަދު އިމްޔާން އުމުރަށް ޖަލަށް ލުމަށެވެ.އިސްވެ ބަޔާންކޮށްފައިވާ ގޮތަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްކަން، އެ ކޯޓުގެ ނަންބަރު 481/Cr-C/2015 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.

22 ފެބްރުވަރީ 2012 ވަނަ ދުވަހު، މުޙައްމަދު އިމްޔާން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް "އައްޑަނަ" ނަމަކަށް ކިޔާ ދޯންޏަކުން އިހަވަންދޫއަށް އެތެރެކުރާކަމުގެ މަޢުލޫމާތު ލިބިގެން އެ ސީން އަށް ދިޔަކަމަށާއި، އެ ސަރަޙައްދުން މުޙައްމަދު އިމްޔާން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު ކަމަށާއި، މުޙައްމަދު އިމްޔާން އިހަވަންދޫ ޕޮލިސް ސްޓޭޝަނަށް ގެންގޮސް މުޙައްމަދު އިމްޔާންގެ އަތުގައި ހުރި ތަކެތި ނެގުމަށް އެންގުމުން މުޙައްމަދު އިމްޔާން ލައިގެން ހުރި ސޯޓުގެ ވާތްފަރާތު ޖީބުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިހުރި ފިލްމު ހުސްކުރި ދަޅެއް ނެގިކަމަށާއި، އެ ތަކެއްޗާއި ބެހޭ ގޮތުން ސުވާލުކުރުމުން އެއީ އޭނާގެ ތެކެތިކަމަށް ބުނެފައިވާކަމަށް ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހެކިންގެ ތެރެއިން ތިން ފުލުހުން ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސްދީފައިވާކަން؛ އަދި

މުޙައްމަދު އިމްޔާން ލައިގެން ހުރި ސޯޓުގެ ވާތްފަރާތު ޖީބުން ނެގި ފިލްމް ހުސްކުރި ދަޅުގައި 23.7912 (ތޭވީސް ޕޮއިންޓް ހަތެއް ނުވައެއް އެކެއް ދޭއް) ގްރާމް ކެނަބިސް ހުރިކަން އެ ތަކެތީގެ ތަޙްލީލު ރިޕޯޓުން އެނގެން އޮންނަ އޮތުމާއި، މި ރިޕޯޓަކީ ޞައްޙަ ރިޕޯޓެއްކަމަށް މި ތަކެތި ތަޙްލީލުކުރި ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސްދީފައިވާކަން.

އިސްތިއުނާފުކުރެވޭ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ގޮތް

މުޙައްމަދު އިމްޔާންގެ ފަރާތުން ކްރިމިނަލް ކޯޓުގެ ނަންބަރު481/Cr-C/2015 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ނޫންކަމަށް ބުނެ، އެ ނިންމުން އިސްތިއުނާފުކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/54 ޤަޟިއްޔާއިން ބަލާފައިވެއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/54 ޤަޟިއްޔާ ނިންމާފައިވަނީ ކްރިމިނަލް ކޯޓުގެ ނަންބަރު 481/CR-C/2015 ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑަޅައި، އެ ކޯޓުގައި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުންނެވެ.

އިސްވެ ބުނެވުނު ފަދައިން ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްކަން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/54 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.

މުޙައްމަދު އިމްޔާންގެ މައްޗަށް ދަޢުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ އެ ދަޢުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެކިން ކަމަށްވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ލާންސް ކޯޕަރަލް މުޙައްމަދު ސާޖީދު އާއި، ޕޮލިސް ލާންސް ކޯޕަރަލް އަޙްމަދު ފިރާދު އާއި، ޕޮލިސް ލާންސް ކޯޕަރަލް ޢަލީ ނިފާޟް އާއި، ޕޮލިސް ލާންސް ކޯޕަރަލް ޢަލީ ޙުސައިން ޝަރީޢަތުގެ މަޖިލީހުގައި ދީފައިވާ ހެކިބަހުގެ މައްޗަށާއި، މުޙައްމަދު އިމްޔާންގެ ސޯޓުގެ ވާތްފަރާތު ޖީބުން ނެގުނު ފިލްމް ހުސްކުރި ދަޅުގައި ހުރި ތަކެތި ތަޙްލީލުކުރި ފަރާތްކަމަށްވާ ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ އަޙްމަދު ބިލާލްގެ ހެކިބަހުގެ މައްޗަށްކަން؛

މުޙައްމަދު އިމްޔާންގެ ސޯޓުގެ ވާތްފަރާތުގެ ޖީބުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިހުރި ފިލްމު ހުސްކުރި ދަޅެއް ނެގިކަމަށާއި، އެ ތަކެއްޗަކީ އޭނާގެ ތަކެތި ކަމަށް ބުނެފައިވާ ކަމަށް، ދަޢުވާގައި ބުނާ މަސްތުވާތަކެތި ފެނުނު ސީންއަށް ދިޔަ ފުލުހުން ކަމުގައިވާ ޕޮލިސް ލާންސް ކޯޕަރަލް ޢަލީ ޙުސައިން އާއި ޕޮލިސް ލާންސް ކޯޕަރަލް ޢަލީ ނިފާޟް އާއި ޕޮލިސް ލާންސް ކޯޕަރަލް އަޙްމަދު ފިރާދު ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސްދީފައިވާކަން؛

މުޙައްމަދު އިމްޔާންގެ ސޯޓުގެ ވާތްފަރާތުގެ ޖީބުން ނެގި ތަކެތީގެ ތަޙްލީލު ރިޕޯޓަށާއި އެތަކެތި ތަޙްލީލުކުރި ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ އަޙްމަދު ބިލާލުގެ ހެކިބަހުގައި ފެނިފައިވާ ތަކެއްޗަކީ މަސްތުވާ ތަކެތީގެ ބާވަތެއް ކަމުގައިވާ ކެނަބިސްކަމާއި، އެތަކެތީގެ ބަރުދަނުގައި 23.7912 (ތޭވީސް ޕޮއިންޓް ހަތެއް ނުވައެއް އެކެއް ދޭއް) ގްރާމް ހުރިކަން ރިޕޯޓުގައި ފާހަގަކޮށްފައިވާކަން؛ އަދި

މުޙައްމަދު އިމްޔާންގެ ކުޑަކަމުދާ ތަކެތި ދިނުމަށް ތަކުރާރުކޮށް ފުލުހުން އެންގުމުންވެސް އެކަމަށް މުޙައްމަދު އިމްޔާން އިންކާރުކޮށްފައިވާކަން.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ނުކުތާތަކާއި އެ ނުކުތާތަކަށް ދީފައިވާ ރައްދު

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/54 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، އެ ޤަޟިއްޔާ އިސްތިއުނާފުކުރުން އެދި މުޙައްމަދު އިމްޔާންގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ 1 (އެކެއް) ސަބަބެވެ. އެއީ، އިސްތިއުނާފުކުރާ ފަރާތް ފުލުހުން ބަލާފާސްކޮށްފައިވަނީ "ފުލުހުންނަށް ލިބިދީފައިވާ އެންމެހާ ޤާނޫނީ ބާރުތަކާއި އިޚްތިޔާރުގެ ބޭނުންހިފުމާބެހޭ ޤަވާޢިދު" ގެ 4 ވަނަ މާއްދާގެ (ޅ) އާއި، 5 ވަނަ މާއްދާގެ (ކ) ކަނޑައަޅާފައިވާ އިޖުރާއަތުތަކާއި، އެ ޤަވާޢިދުގެ ޢާންމު މަޤްޞަދާއި ޚިލާފަށް، ބާޠިލް އިޖުރާޢަތުތަކެއްގެ މައްޗަށް ކަމަށްވެފައި، އެކަމުގެ މައްޗަށް ތަރުތީބުވެގެންދާ އެންމެހާ ކަންކަމަކީ ބާޠިލް ކަންތައް ތަކެއްކަމަށް ޤާނޫނީ ހަމަތަކުން ބެލެން އޮތްނަމަވެސް، ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމާފައިވަނީ އެކަންކަމަށް ރިޢާޔަތްކުރުމެއް ނެތި ކަމަށްބުނެ ހުށަހަޅާފައިވާ ސަބަބެވެ.

އިސްތިއުނާފުކުރި ނުކުތާއަށް ރައްދުދިނުމުގެ ގޮތުން ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ފަރާތުން ބުނެފައިވަނީ، މައްސަލަ އިސްތިއުނާފުކުރުމަށް މުޙައްމަދު އިމްޔާންގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާއަކީ، މައްސަލައާ ގުޅިގެން ހިންގުނު ޝަރީޢަތްތަކުގެ ފުރަތަމަ މަރުޙާލާގައި ދަށު ކޯޓުގައި، އަދި ދިވެހިރާއްޖޭގެ ހައިކޯޓުގައި މައްސަލަ އިސްތިއުނާފުކުރަމުން ވެސް ފާހަގަކޮށްފައިނުވާ ނުކުތާއެއްކަމުން، އެއީ ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 16 ވަނަ މާއްދާގެ (ހ) ގެ ދަށުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރެވޭނެ ނުކުތާއެއް ނޫންކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

ފުލުހުން ޢަމަލުކުރީ ޤާނޫނާ ޚިލާފަށް ކަމުގައި މުޙައްމަދު އިމްޔާން ބުނާ ސަބަބުތައް

ފުލުހުން މުޙައްމަދު އިމްޔާން ބަލާފާސްކޮށްފައިވަނީ އެ ފަރާތުން ޢަމަލުކުރުމަށް އޮންނަ އުޞޫލުތަކުގެ ބޭރުންކަމަށް މުޙައްމަދު އިމްޔާން ބުނާ މައިގަނޑު 2 (ދޭއް) ސަބަބެއް ވެއެވެ. އެ ސަބަބުތައް ތިރީގައި ބަޔާންކޮށްފައިވަނީއެވެ.

މުޙައްމަދު އިމްޔާން ބުނާ ގޮތުގައި 22 ފެބްރުވަރީ 2013 ގައި، އައްޑަނަ ދޯނިން އޭނާ ފޭބުމާއެކު، ފުލުހުން އޭނާ ބިންމައްޗަށް ވައްޓާލާ، ބިންމަތީގައި ބަންޑުން ބާއްވައިގެން ފުރަގަހަށް ބިޑި އަޅުވާފައިވެއެވެ. އަދި އެ ވަގުތު މުޙައްމަދު އިމްޔާން ލައިގެން ހުރި އަންނައުނާއި ހަށިގަނޑުގެ ބޭރުފުށް ފުލުހުންގެ ފަރާތުން ފާސްކޮށްފައިވާ ނުވާކަން އެތަނަށް ދިޔަ ފުލުހުންގެ ބަހުން އެނގޭކަން އޭނާ ފާހަގަކުރެއެވެ. މުޙައްމަދު އިމްޔާން ބުނާ ގޮތުގައި، އޭނާގެ ޖީބުގައި ނުވަތަ އެހެންވެސް ތަނެއްގައި، އޭނާއަށް ނިސްބަތްވާ މަސްތުވާ އެއްޗެއް ނުހުންނާނެއެވެ. އަދި، ބަނދަރާއި ދުރު ސަރަޙައްދެއްގައި ހުރި ޕޮލިސް ސްޓޭޝަނަށް ފުލުހުން މުޙައްމަދު އިމްޔާން ގެންގޮސްފައިވަނީ، ފުލުހުން އޭނާ ބިޑިއަޅުވާ، އޭނާގެ ހަށިގަނޑުގެ މައްޗަށް އޭނާއަށް އޮތް ބާރު ކަނޑުވާލުމަށްފަހު، އޭނާގެ ހަށިގަނޑުގައި އަދި އަންނައުނުގައި ތުހުމަތުކުރެވޭ ކުށާއި ގުޅުންހުރި އެއްޗެއް ހުރިކަން ނުވަތަ ނޫންކަން ބެލުމެއް ނެތި ކަމަށެވެ. މުޙައްމަދު އިމްޔާން ދެކޭ ގޮތުގައި، "ފުލުހުންނަށް ލިބިދީފައިވާ އެންމެހާ ޤާނޫނީ ބާރުތަކާއި އިޚްތިޔާރުގެ ބޭނުންހިފުމާބެހޭ ޤަވާޢިދު" ގެ 4 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކުރާ ގޮތުން، ފުލުހުންނަށް މުޙައްމަދު އިމްޔާން ހައްޔަރުކުރެވޭނީ، އަދި ބިޑި އެޅުވޭނީ، އޭނާ ހުއްޓުވައި، ހަށިގަނޑު ބަލާ ފާސްކުރުމަށްފަހު ޤާނޫނު މަނާކުރާ އެއްޗެއް އޭނާގެ އަތުގައި އޮތްކަމުގައި ވާނަމައެވެ. ނުވަތަ އެފަދަ އެއްޗެއް އޮތްކަމުގެ އެކަށީގެންވާ ހެއްކެއް ހުރެގެންނެވެ.

ފުލުހުން މުޙައްމަދު އިމްޔާންގެ އަތް ފަހަތަށް ބިޑިއެޅުވުމަށްފަހު، އޭނާ ހިފެހެއްޓި ތަނުން އޭނާއާއި އޭނާގެ އަންނައުނު ބަލާ ފާސްކުރުމަކާއި ނުލައި، ރަށުގެ އަނެއް ފަރާތުގައިވާ ޕޮލިސް ސްޓޭޝަނަށް ގެންގޮސް، އޭނާ ބަލާ ފާސްކޮށްފައިވަނީ ވަކި ޚާއްޞަ ކަމެއް ނުވަތަ ޙާލަތެއް މެދުވެރިވެގެން ނޫންކަމުން، އެއީ "ފުލުހުންނަށް ލިބިދީފައިވާ އެންމެހާ ޤާނޫނީ ބާރުތަކާއި އިޚްތިޔާރުގެ ބޭނުންހިފުމާބެހޭ ޤަވާޢިދު" ގެ 5 ވަނަ މާއްދާގެ (ކ) އާއި ޚިލާފަށް ކޮށްފައިވާ ޢަމަލެއް ކަމަށް މުޙައްމަދު އިމްޔާން ބުނެއެވެ. އެހެނީ، ކުށެއްގެ ތުހުމަތުގައިވާ މީހަކު ބަލާ ފާސްކުރަންވާނީ، އެމީހަކު ހިފެހެއްޓޭ ތަނެއްގައި ނުވަތަ އެ ތަނަކާއި ކައިރީގައިވާ ތަނެއްގައި ކަމަށް ވުމުންނެވެ.

މީގެ އިތުރުން، ބާޠިލު ޢަމަލެއްގެ މައްޗަށް ތަރުތީބުވާ ކަންކަމަކީވެސް ބާޠިލު ކަންކަން ކަމުގައިވާތީ، ޕޮލިސް ސްޓޭޝަންގެ ވަކި ކޮޓަރިއަކަށް ވައްދައި، އެ ތަނުގައި ހުއްޓާ ފެނުނުކަމަށް ބުނާ މަސްތުވާތަކެއްޗަކީ މުޙައްމަދު އިމްޔާން ޒިންމާވާންޖެހޭ އެއްޗެއް ނޫންކަމަށާއި، އެ ތަކެއްޗަކީ ފުލުހުން ޕްލާންޓްކޮށްފައިވާ އެއްޗެއް ކަމުގައި ބަލަންޖެހޭ ކަމަށްވެސް މުޙައްމަދު އިމްޔާން ބުނެއެވެ.

މުޙައްމަދު އިމްޔާން ފާހަގަކުރާ ކަންކަން މި މައްސަލައިގެ ތެރެއިން ނުބެލޭނެކަމަށް ދައުލަތުން ބުނާ ސަބަބުތައް

މައްސަލަ އިލްތިމާސްކުރުމަށް މުޙައްމަދު އިމްޔާންގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާއަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިލްތިމާސްކުރެވޭނެ ނުކުތާއެއް ނޫންކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ފަރާތުން ބުނެއެވެ. ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ފަރާތުން އެފަދައިން ބަޔާންކުރަނީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.

މުޙައްމަދު އިމްޔާން "އައްޑަނަ" ދޯނިން ފޭބުމުން އޭނާއާމެދު ފުލުހުން ޢަމަލުކުރި ގޮތްކަމުގައި، ކްރިމިނަލް ކޯޓުގައި އޭނާގެ ފަރާތުން ބުނެފައިވަނީ، މުޙައްމަދު އިމްޔާން ދޯނިން ފޭބުމުން އޭނާ ބިން މައްޗަށް ވައްޓާލާ ދެއަތް ފުރަގަހަށް ބިޑިއަޅުވާ، އޭނާގެ ޖީބާ ތަންތަން ބެލުމަށްފަހު، އެއްވެސް އެއްޗެއް ނުނަގާ ޕޮލިސް ސްޓޭޝަނަށް ގެންދިޔައީ ކަމަށެވެ. އަދި އެތަނަށް ގެންގޮސް ޖީބުގައި ހުރިތަކެތި ނެގުމަށް އެންގުމުން، ޖީބުގައި ހުރި ތަކެތި ނެގިއިރު މައްސަލައިގައި ފެނިފައިވާ ތަކެތި ފެނިފައިވަނީ ކަމަށެވެ. މި ނުކުތާއާ ގުޅިގެން މުޙައްމަދު އިމްޔާންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި މައްސަލަ އިސްތިއުނާފުކުރި އިރު، އިސްތިއުނާފު ފޯމުގެ 1.1 ގައި އޭނާ ޕޮލިސް ސްޓޭޝަނަށް ގެންދިއުމުގެ ކުރިން ފާސްކޮށްފައިވާކަމަށް ބުނެފައިވާއިރު، އިސްތިއުނާފު ފޯމުގެ 1.3 ގައި އޭނާ ޕޮލިސް ސްޓޭޝަނަށް ގެންދިއުމުގެ ކުރިން ފާސްކޮށްފައި ނުވާކަމަށް ބުނެފައިވާކަން އެނގެން އޮތުމުން، މުޙައްމަދު އިމްޔާންގެ ފަރާތުން ކަން ހިނގާ ދިޔަ ގޮތާމެދު އެކި ފަހަރު އެކިގޮތަށް ވާހަކަ ދައްކާކަން އެނގެން އޮތުން؛

ފުލުހުން މުޙައްމަދު އިމްޔާން ބަލާފާސްކޮށްފައިވަނީ "ފުލުހުންނަށް ލިބިދީފައިވާ އެންމެހާ ޤާނޫނީ ބާރުތަކާއި އިޚްތިޔާރުގެ ބޭނުންހިފުމާބެހޭ ޤަވާޢިދު" ގެ 4 ވަނަ މާއްދާގެ (ޅ) އާއި، 5 ވަނަ މާއްދާގެ (ކ) ގައި ކަނޑައަޅާފައިވާ އިޖުރާޢަތުތަކާއި ޚިލާފަށް ކަމުގައި އޭނާ ބުނާއިރު، އެ ނުކުތާއަކީ އޭނާގެ ފަރާތުން ކްރިމިނަލް ކޯޓުގައި ފާހަގަކޮށްފައިވާ ނުކުތާއެއް ނޫންކަމާއި، މި ސަބަބަށްޓަކައި، ދިވެހިރާއްޖޭގެ ހައިކޯޓުންވެސް، މިނުކުތާ ބަލައިގެންފައި ނުވާކަން؛ އަދި

ދިވެހިރާއްޖޭގެ ހައިކޯޓުން އެ ކޯޓުގެ ނަންބަރު 2016/HC-A/54 ޤަޟިއްޔާ ނިންމުމުގައި ޤާނޫނާއި ނުވަތަ އިޖުރާއަތާއި ޚިލާފަށް ކަމެއް ނިންމާފައިނުވާތީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ގެ 16 ވަނަ މާއްދާ އަށް ބެލުމުން، މި މައްސަލައަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބަލައިގަނެ ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫންކަން.

އެހެން ނަމަވެސް، ބަހުސްގެ ބޭނުމަށްޓަކައި، މުޙައްމަދު އިމްޔާން "އައްޑަނަ" ދޯނިން ފޭބުމުން، އޭނާ ބަނދަރުމަތީގައި ބަހައްޓައިގެން ބަލާ ފާސްކުރުމުގެ ބަދަލުގައި، ޕޮލިސް ސްޓޭޝަނަށް ގެންދިއުމަށްފަހު ބަލާ ފާސްކުރުމަކީ ޤާނޫނާއި ޚިލާފުކަމެއްކަން ނުވަތަ ނޫންކަމުގެ މައްޗަށް ބަލާއިރު، މުޙައްމަދު އިމްޔާން ޕޮލިސް ސްޓޭޝަނަށް ގެންގޮސް ބަލާފާސްކުރުމަކީ "ފުލުހުންނަށް ލިބިދީފައިވާ އެންމެހާ ޤާނޫނީ ބާރުތަކާއި އިޚްތިޔާރުގެ ބޭނުންހިފުމާބެހޭ ޤަވާޢިދު" ގެ 5 ވަނަ މާއްދާއާ ޚިލާފަށް ކޮށްފައިވާ ކަމެއް ނޫންކަމުގައި ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ފަރާތުން ފާހަގަ ކުރެއެވެ. އޭގެ ސަބަބެއްގެ ގޮތުގައި އެފަރާތުން ބަޔާންކުރަނީ އެ މާއްދާގެ (އ) ގައި، މީހަކު ލައިގެން ހުންނަ ފޭރާން ޢާންމު ތަންތަނުގައި ނުބޭލޭނެ ކަމަށް ބަޔާންކޮށްފައިވުމެވެ. ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ފަރާތުން ބަޔާންކުރާ ގޮތުގައި، ތުހުމަތުކުރެވޭ ކުށުގެ ބާވަތަށް ރިޢާޔަތްކޮށް، ކުށާގުޅޭ ހެކި އެމީހެއްގެ ހަށިގަނޑުގައި ނުވަތަ ފޭރާމުގައި ހުރެދާނެކަމަށް ފުލުހުންނަށް ޤަބޫލުކުރެވޭނަމަ، "ފުލުހުންނަށް ލިބިދީފައިވާ އެންމެހާ ޤާނޫނީ ބާރުތަކާއި އިޚްތިޔާރުގެ ބޭނުންހިފުމާބެހޭ ޤަވާޢިދު" ގެ 5 ވަނަ މާއްދާގެ (އ) އަށް ރިޢާޔަތްކޮށް، އެ މީހަކު ޕޮލިސް ސްޓޭޝަނަކަށް ގެންދިއުމަށްފަހު ބަލާ ފާސްކުރުމަކީ އެންމެ އެކަށޭނަ ގޮތްކަމުން، މުޙައްމަދު އިމްޔާން ޕޮލިސް ސްޓޭޝަނަށް ގެންދިއުމަށްފަހު ބަލާ ފާސްކުރިއިރު ފެނުނު މަސްތުވާ ތަކެއްޗަކީ ޤާނޫނާއި ޚިލާފަށް ހޯދާފައިވާ ހެކިކަމުގައި ކަނޑައެޅޭނެ އަސާސެއް އޮތްކަމަށް އެފަރާތުން ނުދެކެއެވެ.

ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާ

ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ގެ 16 ވަނަ މާއްދާގެ އަލީގައި މި މައްސަލައިން އިސްތިއުނާފުކޮށްފައިވާ ނުކުތާ ނުބެލޭނެކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ފަރާތުން ބަޔާންކުރާތީ، އެ މާއްދާއަށް އަލިއަޅުވާލާނަމެވެ.

ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ގެ 16 ވަނަ މާއްދާއަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމްތަކާއި ނިންމުންތައް އިސްތިއުނާފުކުރެވޭ ޙާލަތްތައް ބަޔާންކޮށްދޭ މާއްދާއެވެ. އެގޮތުން، އެ މާއްދާގައިވާ ގޮތުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމެއް ނުވަތަ ނިންމުމެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވޭނީ 2 (ދޭއް) ޙާލަތެއްގައެވެ. އެއީ:

އިސްތިއުނާފުކުރުމަށް އެދި ހުށަހަޅާފައިވާ ހައިކޯޓުގެ ޙުކުމް ނުވަތަ ނިންމުން ބިނާކުރެވިފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ހުރުމުން، ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ހުރުމުން؛ ނުވަތަ

ހައިކޯޓުގެ ޙުކުމުގެ ނުވަތަ ނިންމުމުގެ ކުރިއަށް އައި އިޖުރާއަތެއްގައި ހިމެނުނު އައިބެއްގެ ސަބަބުން، އެ ޙުކުމަށް ނުވަތަ ނިންމުމަށް އަސަރު ފޯރުވި އިޖުރާއަތަކީ ބާޠިލު އިޖުރާއަތެއް ކަމުގައިވުން.

މުޙައްމަދު އިމްޔާންގެ ފަރާތުން އިސްތިއުނާފުކުރި މައްސަލައިގައި، ބަޔާންކޮށްފައިވަނީ އޭނާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް މައްސަލަ އިސްތިއުނާފުކުރުމުގެ ގޮތުން ހުށަހެޅި ނުކުތާތަކުގެ ތެރެއިން ބައެއް ނުކުތާތައް ތަކުރާރުވާގޮތަށް ކަމުގައިވެފައި، އެފަދައިން މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މުޙައްމަދު އިމްޔާން އިސްތިއުނާފުކުރިއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން ބިނާކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް އެފަރާތަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ހުށަހަޅާފައި ނުވާކަން ފާހަގަވެއެވެ. އަދި ހަމަ އެހެންމެ، ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމުމުގައި ޤާނޫނު ތަޠުބީޤުކޮށްފައިވަނީ ނުވަތަ ޤާނޫނު މާނަކޮށްފައިވަނީ ގޯސްކޮށް ނުވަތަ ކުށެއް ހެދިގެން ކަމުގައި ބުނެ، ހައިކޯޓުން ރިޢާޔަތް ނުކުރާ ކަމަށް ބުނާ ކަންކަމުގައި ރިޢާޔަތް ނުކުރުމުގެ ސަބަބުން ކުރިމަތިވެދާނެ ޤާނޫނީ ބަހުސަކީ ކޮބައިކަން ބުނެދީފައި ނުވެއެވެ.

މީގެ އިތުރުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ފާހަގަކޮށްފައިވާ ފަދައިން މުޙައްމަދު އިމްޔާންގެ ފަރާތުން ހުށަހަޅަން އެދޭ ނުކުތާއަކާއި ގުޅިގެން އޭނާގެ ވާހަކަ ބަދަލުވާކަން ފާހަގަވާތީއާއި، މުޙައްމަދު އިމްޔާންގެ ޖީބުން އޭނާ ނެގި މަސްތުވާތަކެއްޗަކީ ޕްލާންޓްކޮށްފައިވާ، އަދި އެ މައްޗަށް އޭނާ ޒިންމާވާންޖެހޭ އެއްޗެއް ނޫންކަމުގައި މުޙައްމަދު އިމްޔާން ބުނާ ބުނުން ފިޔަވައި އެކަމަށް ބާރު ލިބޭ އެއްވެސް ހެއްކެއް ނުވަތަ ޤަރީނާއެއް ނުވަތަ އެފަދައިން ޤަބޫލުކުރަންޖެހޭފަދަ ސަބަބެއް އެ ފަރާތުން ހުށަހަޅާފައިވާކަން، ހުށަހެޅިފައިވާ ލިޔެކިޔުން ތަކުންނާއި، މައްސަލައިގައި ހިމެނޭ ދެ ފަރާތުން ދެއްކި ވާހަކަތަކުން އެނގެން ނެތެވެ.

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔުމި މައްސަލައިގައި، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރަޢުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާން ވެދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/54 ޤަޟިއްޔާއިން ކްރިމިނަލް ކޯޓުގެ ނަންބަރު 481/Cr-C/2015 ޤަޟިއްޔާއަށް ތާއީދުކޮށް ޙުކުމްކޮށްފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާއި ޚިލާފަށްކަން ކަނޑައަޅާނެ ތަނެއް ނެތްކަމުގައި މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

އަޒްމިރާލްދާ ޒާހިރުޢާއިޝާ ޝުޖޫން މުޙައްމަދުޙުސްނުއްސުޢޫދު(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ