ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2022] SC 53 · 2018/SC-A/41ސުޕްރީމް ކޯޓު · 12 ސެޕްޓެމްބަރު 2022

ދިވެހި ދައުލަތް (ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓު އޮތޯރިޓީ) ވ. ފާޠިމަތު ޝާޢިރާ

ސުޕްރީމް ކޯޓު
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 12 ސެޕްޓެމްބަރު 2022ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ދިވެހި ދައުލަތް (ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓު އޮތޯރިޓީ) ވ. ފާޠިމަތު ޝާޢިރާ

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު (ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)

ތަޢާރުފު

މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/304 ޤަޟިއްޔާ ނިންމާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ކަނޑައެޅިފައިވާ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ ދިވެހި ދައުލަތް (ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓު އޮތޯރިޓީ، ކުރީގެ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ) (މީގެފަހުން "އިސްތިއުނާފު ކުރާ ފަރާތް" ނުވަތަ "ދައުލަތް" ކަމަށް ބުނެފައިވާ) ފަރާތުން ސުޕްރީމް ކޯޓަށް އިސްތިއުނާފަށް ހުށަހެޅި މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ފާޠިމަތު ޝާޢިރާ (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ނަންބަރު: (މީގެފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "ފާޠިމަތު ޝާޢިރާ" ކަމަށް ބުނެފައިވާ ފަރާތް) އެވެ.

މައްސަލައިގައި ކަންހިނގާފައިވާ ގޮތް

މާޅޮސްމަޑުލު އުތުރުބުރި ކަނދޮޅުދޫ އޮފީހުން ފާޠިމަތު ޝާޢިރާއަށް ދިން ހުއްދައެއްގެ ދަށުން، ފާޠިމަތު ޝާޢިރާގެ އަމިއްލަ ޚަރަދުގައި ރ.ކަނދޮޅުދޫގެ ފަޅުން ހިއްކި ބިމެއް ފާޠިމަތު ޝާޢިރާ ނަމުގައި 15 ޖުލައި 2002 ގައި ރަޖިސްޓްރީކޮށްފައިވެއެވެ. މި ބިން ރަޖިސްޓްރީކޮށްފައިވަނީ "ސީނާޒް" މި ނަމުގައެވެ.

26 ޑިސެންބަރު 2004 ގައި ސުނާމީ ކާރިސާ ކުރިމަތިވިއިރު، "ސީނާޒް" އެވެ ކިޔާ ގޯތީގައި އިމާރާތެއް ކުރަން ފަށައި، އެ އިމާރާތުގައި އެއް ކޮޓަރި ހަދައި ނިމިފައިވާ ކަމަށް ފާޠިމަތު ޝާޢިރާ ބުނެފައިވެއެވެ. ސުނާމީ ކާރިސާ ކުރިމަތިވިއިރު، އެގޯތި ރަޖިސްޓްރީ ކޮށްފައިވީ ނަމަވެސް އެގޯތީގައި އަޅަން ފަށާފައިހުރި ގެ ރަޖިސްޓްރީ ކޮށްފައިނުވެއެވެ.

ސުނާމީ ކާރިސާއަށްފަހު ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވިރު، އެ ރަށްތަކުގެ ތެރޭގައި ރ. ކަނދޮޅުދޫ ހިމަނުއްވާފައި ނުވެއެވެ. އެހެންކަމުން، ރ. ކަނދޮޅުދޫއަކީ މީހުން ދިރިނޫޅޭ ފަޅު ރަށެއް ގޮތުގައި 14 އޮކްޓޯބަރު 2010 ގައި ހަމަޖެހިގެން ދިޔައެވެ.

ސުނާމީ ކާރިސާއަށް ފަހު، ރ. ކަނދޮޅުދޫ ރައްޔިތުން ދުވާފަރަށް ބަދަލުކުރިއިރު، ސީނާޒް އެވެ ކިޔާ ގޭގެ ބަދަލުގައި ފާޠިމަތު ޝާޢިރާއަށް ދުވާފަރުން ގެއެއް ދީފައި ނުވެއެވެ. ފާޠިމަތު ޝާޢިރާއަށް ބޯހިޔާވަހިކަން ހަމަޖައްސާފައިވަނީ ފާޠިމަތު ޝާޢިރާގެ ރަށްވެހިކަން ރަޖިސްޓްރީކޮށްފައިވާ ރ.ކަނދޮޅުދޫ "މެހުރާ" އެވެ ކިޔާ ގޭގައި ރަޖިސްޓްރީކޮށްފައިވާ އެހެން މީހުންނާއެކުއެވެ.

ސުނާމީ ކާރިސާގައި ރ. ކަނދޮޅުދޫ ރައްޔިތުންގެ ބޯހިޔާވަހިކަން ގެއްލިގެން ދިޔުމުން، ބޯހިޔާވަހިކަން ގެއްލުނު ފަރާތްތަކަށް ބޯހިޔާވަހިކަން ދިނުމުގެ މަސައްކަތް ފަށައި، ގިނަ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދީފައި ވީނަމަވެސް، އެފަދައިން އެއްވެސް އެހީތެރިކަމެއް ދައުލަތުން ފާޠިމަތު ޝާޢިރާއަށް ދީފައިނުވާ ކަމަށާއި، ފާޠިމަތު ޝާޢިރާގެ މިލްކުގައި އޮތް ބިމަކަށް ބަދަލު ދިނުމަކާ ނުލައި ދައުލަތުން އެ ބިން ނަގާފައިވާ ކަމަށް ބުނެ، ސުނާމީ ކާރިސާއާ ގުޅިގެން ސަރުކާރުން އިމާރާތްކޮށްދިން ގެތައް މީހުންނަށް ދިނުމަށް އެކުލަވާލެވުނު އުޞޫލުތަކުގެ ދަށުން، ރ.ދުވާފަރުން ފާޠިމަތު ޝާޢިރާއަށް ގެއެއް ލިބިދިނުމަށް އެދި، ދިވެހި ދައުލަތުގެ މައްޗަށް ރ.ދުވާފަރު މެޖިސްޓްރޭޓް ކޯޓުގައި ފާޠިމަތު ޝާޢިރާ ދަޢުވާ ކޮށްފައިވެއެވެ.

ރ. ދުވާފަރު މެޖިސްޓްރޭޓް ކޯޓުން ނިންމިގޮތް

ފާޠިމަތު ޝާޢިރާ ހުށަހެޅި މައްސަލަ ބަލާފައިވަނީ ރ.ދުވާފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 72/E8C/2013 ޤަޟިއްޔާއިންނެވެ.

އެ ޤަޟިއްޔާގެ ޙުކުމްގައި ބަޔާންވެގެންވަނީ، މައްސަލައިގެ ޙުކުމް ކުރި ތާރީޚުން ފެށިގެން މީލާދީ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ރ. ކަނދޮޅުދޫ ރައްޔިތުންނަށް ރ. ދުވާފަރުން ދޫކޮށްފައިވާ ގެތަކާއި އެއް ފެންވަރުގެ ގެއެއް ފާޠިމަތު ޝާޢިރާއަށް ދިނުމަށް ދައުލަތުގެ މައްޗަށް އަމުރާ ކަމަށެވެ. ރ.ދުވާފަރު މެޖިސްޓްރޭޓުން މި ނިންމުމަށް ވާޞިލުވެފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްކަން އެ ޙުކުމް އެގެން އޮވެއެވެ.

ރ.ކަނދޮޅުދޫ "ސީނާޒް" އެވެ ކިޔާ ގޯއްޗަކީ ފާޠިމަތު ޝާޢިރާ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ގޯއްޗެއް ކަމަށްވެފައި، އެ ގޯތީގައި އިމާރާތެއްކޮށް، ސުނާމީ ކާރިސާ ކުރިމަތިވިއިރު އެ އިމާރާތުގައި ފާޠިމަތު ޝާޢިރާގެ ފިރިމީހާ ދިރިއުޅެމުން ގޮސްފައި ވާކަން؛

ފާޠިމަތު ޝާޢިރާގެ ރަށްވެހިކަން ރަޖިސްޓްރީކޮށްފައިވަނީ ރ. ކަނދޮޅުދޫ "މެހުރާ" އެވެ ކިޔާ ގޭގައި ކަމުގައި ވުމުން، ފާޠިމަތު ޝާޢިރާ ހިމެނޭގޮތަށް، ރ. ދުވާފަރުން އެ ޢާއިލާއަށް ދޫކުރި ގެއިން ފާޠިމަތު ޝާޢިރާއަށް ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށް ދައުލަތުން ބުނި ނަމަވެސް، އެ ގެއަކީ "ސީނާޒް" އެވެ ކިޔާ ގޯތީގެ ބަދަލުގައި ދެވިފައިވާ ގެއެއް ނޫން ކަން އެނގޭކަން؛

ޤާނޫނު އަސާސީގެ 40 ވަނަ މާއްދާގައި މީސްމީހުންގެ މުދަލުގެ ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދީފައިވާ ކަމާއި، މީހެއްގެ މުދަލެއް ދައުލަތަށް ނަގާކަމުގައިވަނީނަމަ ޢަމަލު ކުރަންވީގޮތް އެމާއްދާގައި ބަޔާންވެގެންވާ ކަމާއި، މުދަލުގެ ވެރިފަރާތުގެ ރުހުން އޮތްނަމަ ކޯޓުގެ ޙުކުމެއް ނެތިވެސް މީހެއްގެ މުދަލެއް ދައުލަތަށް ނެގިދާނެކަން؛

ސުނާމީ ކާރިސާގައި ވެއްޓުނު ގެތަކުގެ ތެރޭގައި، ދިރިއުޅުމަށްޓަކައި ގެ ރާނާ ހިޔާކުރި ނަމަވެސް، ދިރިއުޅެން ނުފަށައި ހުރި ގެއަކަށް ވެސް ގެއެއް ލިބެނޭ ކަމަށް އުޞޫލުތަކުގައި ބަޔާންކޮށްފައިވާކަމާއި، ސުނާމީ ހާދިސާ ކުރިމަތިވިއިރު ފާޠިމަތު ޝާޢިރާގެ ގޭގެ ބައެއް ހަދައި ނިމި، އެތަނުގައި އޭނާގެ ފިރިމީހާ ދިރިއުޅުނުކަން ހެކިންގެ ހެކިބަހުން ސާބިތުވެފައިވާއިރު، ފާޠިމަތު ޝާޢިރާއަށް ވަކިން ގެއެއް ލިބުން ޙައްޤުކަން.

ރ. ދުވާފަރު މެޖިސްޓްރޭޓް ކޯޓުގެ ނިންމުން ނިންމާފައިވަނީ ޤާނޫނުއަސާސީގެ 23 ވަނަ މާއްދާ އާއި ހެދިފައިވާ އުޞޫލުތާކާ ޚިލާފަށް އަދި، ތަޠުބީޤުނުކުރެވޭ ހައިކޯޓުގެ ޤަޟިއްޔާއެއް ތަޠުބީޤުކޮށްގެން ކަމަށް ބުނެ، ދައުލަތުން ދަށުކޯޓުގެ ޙުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ.

ހައިކޯޓުން ނިންމިގޮތް

ދައުލަތުން އިސްތިއުނާފު ކުރި މައްސަލަ ބަލާފައިވަނީ ހައިކޯޓުގެ ނަންބަރު 2016/HC-A/304 ޤަޟިއްޔާއިންނެވެ. ރ.ދުވާފަރު މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަން ޖެހޭ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތް ކަމަށް ކަނޑައަޅައި، އެ ޙުކުމަށް ހައިކޯޓުން ތާއީދު ކޮށްފައިވެއެވެ.

ހައިކޯޓުގެ ޙުކުމަށް ވާސިލުވެފައި ވަނީ އަންނަނިވި ކަންތައްތަކުގެ މައްޗަށް ބިނާކޮށެވެ.

ސުނާމީ ކާރިސާގެ ކުރިން ރ. ކަނދޮޅުދޫގައި "ސީނާޒް" މި ނަމުގައި ފާޠިމަތު ޝާޢިރާއަށް ލިބިފައިވާ ގޯއްޗެއް އޮތްކަމާއި އެ ގޯތީގައި ރ. ކަނދޮޅުދޫ އޮފީހުން ދިން ހުއްދައެއްގެ ދަށުން ފާޠިމަތު ޝާޢިރާގެ އަމިއްލަ ޚަރަދުގައި ހަދާފައިވާ ކޮޓަރިއެއްގައި ފާޠިމަތު ޝާޢިރާގެ ފިރިމީހާ ދިރިއުޅެމުން ދިޔަކަން ދަށު ކޯޓަށް ހާޒިރުކުރެވުނު ހެކިންގެ ހެކިބަހުން އެނގެން އޮތުން؛

ސުނާމީ ކާރިސާގައި ވެއްޓުނު ގެތަކުގެ ތެރޭގައި، ދިރިއުޅުމަށްޓަކައި ގެ ރާނާ ހިޔާކުރި ނަމަވެސް، ދިރިއުޅެން ނުފަށައި ހުރި ގެއަކަށް ވެސް ގެއެއް ލިބެނޭ ކަމަށް ބަޔާންކޮށްފައިވާކަން، "ސުނާމީ ކާރިސާއާ ގުޅިގެން ސަރުކާރުން އިމާރާތްކޮށްދެއްވާ ގެތައް ލިބޭ ފަރާތްތައް ކަނޑައެޅުމުގެ އުސޫލުތައް" ގެ 1 ވަނަ ނަންބަރުގެ (ހ) އިން އެނގެން އޮތުމުން، ފާޠިމަތު ޝާޢިރާގެ ދަރިންނަށް ތަޢުލީމު ދިނުމަށްޓަކައި ސުނާމީ ކާރިސާ ހިނގި ދުވަސްވަރު މާލޭގައި ދިރިއުޅެމުން ދިޔުމަކީ، އެ އުޞޫލުގެ ދަށުން ފާޠިމަތު ޝާޢިރާއަށް ރ. ދުވާފަރުން ވަކިން ގޯއްޗެއް ލިބުމުން މަޙްރޫމްވާންޖެހޭ ސަބަބެއް ނޫން ކަމަށާއި، ފާޠިމަތު ޝާޢިރާއަކީ އެ އުޞޫލުގައިވާ ގޮތުގެ މަތީން ރ.ދުވާފަރުން ވަކިން ގޯއްޗެއް ލިބުމުގެ ޝަރުޠުތައް ފުރިހަމަވާ ފަރާތެއް ކަމުގައިވުން؛

ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން ޝަރުޠު ފުރިހަމަވެފައިވާ ފަރާތްތަކުގެ ތެރެއިން ސުނާމީ ކާރިސާ ހިނގައިދިޔައިރު ރ. ކަނދޮޅުދޫގައި ހުރި ގެތަކުގެ ބަދަލުގައި ރ. ދުވާފަރުން ގޯތި ދެވިފައިވާ ފަރާތްތަކާ އެއްފަދައިން ފާޠިމަތު ޝާޢިރާއަކީ ވެސް ބަދަލުގައި ގެއެއް ލިބުމަށް ޝަރުޠު ފުރިހަމަވާ ފަރާތެއް ކަމަށް ވުމުން، ވަކި ބަޔަކަށް ރ.ދުވާފަރުން ގޯތި ލިބި ފާޠިމަތު ޝައިރާއަށް ގޯތި ނުލިބި ދިޔުމަކީ، އެއް ހަމައެއްގައި ތިބި ފަރާތްތަކުގެ މެދުގައި ތަފާތުކުރުން ކަމަށް ވުން؛

ރ. ދުވާފަރުން ބޯހިޔާވަހިކަން ދިނުމަށް ކަނޑައެޅުނު އުޞޫލުގެ ދަށުން ފާޠިމަތު ޝާޢިރާއާމެދު ކަން ކުރާނަމަ، ފާޠިމަތު ޝާޢިރާއަށް ވެސް ރ.ދުވާފަރުން ވަކިން ގޯއްޗެއް ލިބޭންޖެހޭނެ ކަމަށާއި، އެގޮތަށް ފާޠިމަތު ޝާޢިރާއަށް ގޯއްޗެއް ލިބިދިނުމަކީ ޤާނޫނުއަސާސީގެ 23 ވަނަ މާއްދާއާ ފުށުއަރާ ކަމެއްކަމުގައި ބެލެވެން ނެތުން؛

ހައިކޯޓުގެ ޤަޟިއްޔާއެއް ކަމަށްވާ ޙަސަން އިބްރާހީމް ވ ދިވެހި ދައުލަތް، މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވި ފަރާތެކޭ އެއްފަދައިން، ފާޠިމަތު ޝާޢިރާއަކީ ވެސް ރ. ދުވާފަރުން ގޯއްޗެއް ލިބެންޖެހޭ މީހެއް ކަމަށް ދަށު ކޯޓުން ނިންމާފައިވަނީ، ސުނާމީ ކާރިސާގައި ވެއްޓުނު ގެއަކީ އަމިއްލަ ނަމުގައި ހުރި ގެއެއްނަމަ، ގެއަކަށް ގެއެއް ލިބޭ އުޞޫލަށް އެ ޤަޟިއްޔާއިން ތާއީދުކޮށްފައިވާ ހަމައަށް ބަލައިގެން ކަމަށް ވާތީ، ދަށުކޯޓުން އެ ޤަޟިއްޔާ ތަޠުބީޤުކޮށްފައިވަނީ ގޯސްކޮށް ކަމަށް ބެލެވެން ނެތުން.

ހައިކޯޓުގެ ނަންބަރު 2016/HC-A/304 ޤަޟިއްޔާ ނިންމާފައިވަނީ ކަނޑައެޅިފައިވާ އުޞޫލުތަކާއި އެއްގޮތަށް ނޫންކަމަށްބުނެ، ދައުލަތުން ޤަޟިއްޔާ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ.

ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ނުކުތާ

ދައުލަތުން ސުޕްރީމް ކޯޓުގައި މިމައްސަލަ އިސްތިއުނާފު ކުރިއިރު ހުށަހަޅާފައިވަނީ އިސްތިއުނާފީ އެންމެ ނުކުތާއެކެވެ. އެ ނުކުތާއަކީ: ރ.ދުވާފަރުން ފާޠިމަތު ޝާޢިރާއަށް ގެއެއް ދިނުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/304 ޤަޟިއްޔާ އިން ޙުކުމް ކޮށްފައިވަނީ، ސުނާމީ ކާރިސާގައި ބޯހިޔާވަހިކަން ގެއްލިފައިވާ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށްޓަކައި އެކުލަވާލެވިފައިވާ "ގެ ލިބޭ މީހުން ފާހަގަކުރުމަށް ގެންގުޅޭ މިންގަނޑުތައް، ރެޑްކްރޮސް އަދި ރެޑްކްރެސެންޓް މޫވްމަންޓް އިން ދިވެހިރާއްޖޭގައި ދާއިމީ ހިޔާވަހިކަން ފޯރުކޮށްދިނުމުގެ ޕްރޮގްރާމް" އާއި "ސުނާމީ ކާރިސާއާ ގުޅިގެން ސަރުކާރުން އިމާރާތް ކޮށްދެއްވާ ގެތައް ލިބޭ ފަރާތްތައް ކަނޑައެޅުމުގެ އުޞޫލުތައް" ގެ މަޤްޞަދާއި ޚިލާފަށް ކަމަށްވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/304 ޤަޟިއްޔާ އިން ކޮށްފައިވާ ޙުކުމް ތަންފީޒުކުރުމަކީ ފާޠިމަތު ޝާޢިރާއާއި އެއްހަމައެއްގައި ތިބި އެހެން ފަރާތްތަކަށް ނުލިބޭ މަންފާއެއް ފާޠިމަތު ޝާޢިރާއަށް ލިބިގެން ދިޔުންކަމަށްވުމުން، އެކަމަކީ ޤާނޫނު އަސާސީގެ 20 ވަނަ މާއްދާއާއި ޚިލާފު ކަމެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

މިނުކުތާ އިތުރަށް ތަފްޞީލު ކޮށްދެމުން ދައުލަތުން ބުނެފައިވަނީ؛

ޤާނޫނުއަސާސީގެ 23 ވަނަ މާއްދާގެ ދަށުން ލިބޭ ބޯހިޔާވަހިކަމުގެ ޙައްޤަކީ، ދައުލަތުގެ ތަނަވަސްކަމާއި ކުޅަދާނަކަން ހުރި މިންވަރަކުން ފޯރުކޮށްދިނުމަށް މަސައްކަތްކޮށްދޭން ޖެހޭ ޙައްޤެއް ކަމަށާއި، ދައުލަތުގެ ކެރިފޯރުންތެރިކަން ނެތްނަމަ ދިވެހި ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ދައުލަތަކަށް ލާޒިމުވެގެންނުވާ ކަމަށާއި، ސުނާމީ ކާރިސާގައި ނުވަތަ އެފަދަ އެހެން ހާދިސާތަކުގައި ގެދޮރު ނެތި ގޮސްފައިވާ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ވެސް ދައުލަތުގެ ކެރިފޯރުންތެރިކަމުގެ މައްޗަށް ބަރޯސާވެފައިވާ ކަމެއް ކަމަށާއި، ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުން ވެސް ޤާނޫނުއަސާސީގެ 23 ވަނަ މާއްދާ މާނަކޮށްފައިވަނީ މިފަދައިން ކަމަށާއި، ސުނާމީ ކާރިސާއާގުޅިގެން ގެއްލުން ލިބިފައިވާ ރ.ކަނދޮޅުދޫ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ކަނޑައެޅުނު އުޞޫލުތަކުގެ މަޤުޞަދަކީ ދައުލަތުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ސުނާމީ ކާރިސާގެ ސަބަބުން ގެއްލުން ލިބުނު ޢާއިލާތަކަށް ހަމަހަމަކަމާއެކު ބޯހިޔާވަހިކަން ފޯރުކޮށްދިނުންކަމަށާއި، އެގޮތުން ގެ އަޅާދީފައިވަނީ ކޮންމެ ޢާއިލާއެއްގެ ބޯހިޔާވަހިކަމަށް އެންމެ ފުދޭ މިންވަރަށްކަމަށާއި އަދި، ރ.ދުވާފަރުގައި ވެސް ގެ އަޅާފައިވަނީ ރ.ކަނދޮޅުދޫގައި ހުރި ކޮންމެ ގެއަކަށް ގެއެއް ދިނުމުގެ އުޞޫލުން ނޫން ކަމަށާއި،

ޤާނޫނުތަކާއި ގަވާއިދުތައް މާނަކުރަންޖެހިއްޖެ ޙާލަތެއްގައި ޢަމަލުކުރަން ކަނޑައަޅާފައިވާ އުޞޫލަކީ އެ ޤާނޫނެއް ނުވަތަ ގަވާއިދެއްގެ މަޤްސަދަށް ބެލުމުގެ އުޞޫލުކަން މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނަށް ބެލުމުން އެނގޭ ކަމަށާއި، އެ ޤާނޫނުގައި ކަނޑައަޅާފައިވާ އުޞޫލު ސުނާމީ ކާރިސާގައި ގެއްލުން ލިބިފައިވާ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި އެކުލަވާލާފައިވާ އުޞޫލުތަކުގެ މާއްދާތައް މާނަކުރުމުގައި ވެސް ތަޠުބީޤު ކުރެވިދާނެ ކަމަށާއި، "ސުނާމީ ކާރިސާއާ ގުޅިގެން ސަރުކާރުން އިމާރާތްކޮށްދެއްވާ ގެތައް ލިބޭ ފަރާތްތައް ކަނޑައެޅުމުގެ އުސޫލުތައް" ގެ 1 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނުކުތާގައި ސުނާމީ ކާރިސާގައި ވެއްޓުނު ގެތަކުގެ ތެރޭގައި އެކެއްގެ ނަމުގައި ދެ ގެ ހުރި ނަމަވެސް އެ މީހަކަށް ލިބޭނީ އެއް ގެ ކަމަށް ބަޔާންކޮށްފައި އޮތުމުން، އެ އުޞޫލުގެ މަޤްޞަދަކީ ގެއަކަށް ގެއެއް ދިނުން ނޫން ކަމަށާއި، އެގެއެއްގައި ދިރިއުޅުނު ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުންކަން އެނގޭކަމަށާއި، ފާޠިމަތު ޝާޢިރާއަށް ވަކި ގެއެއް ލިބިފައިނުވަނީ ފާޠިމަތު ޝާޢިރާ ވަކި ގެއެއް ލިބުމަށް ޝަރުޠު ހަމަނުވާތީ ކަމަށާއި، ފާޠިމަތު ޝާޢިރާ ރަޖިސްޓްރީވެފައިވަނީ ރ. ކަނދޮޅުދޫ "މެހުރާ" އެވެ ކިޔުނު ގޭގައިކަމަށްވެފައި، އެ ގެއަށް ބޯހިޔާވަހިކަން ފޯރުކޮށްދީފައިވުމުން ފާޠިމަތު ޝާޢިރާއަށް ބޯހިޔާވަހިކަން ފޯރުކޮށްދެވިފައިވާތީ ކަމަށާއި، އެހެންކަމުން ދިވެހިރާއްޖޭގެ ހައިކޯޓުން ފާޠިމަތު ޝާއިރާއަށް ވަކި ގެއެއް ދޭން ޙުކުމް ކޮށްފައިވަނީ އެކުލަވާލެވިފައިވާ އުޞޫލުތަކުގެ މަޤްޞަދާއި ނަތީޖާ ޙާޞިލުނުވާ ގޮތަށް އަދި، އެންމެ އިންސާފުވެރި ގޮތަށް ނޫން ކަމަށާއި،

އެކުލަވާލާފައިވާ އުޞޫލުތަކުގެ މަޤްޞަދާ ޚިލާފަށް ރ. ދުވާފަރުން ފާޠިމަތު ޝާޢިރާއަށް ގެއެއް ދިނުމަށް އިސްތިއުނާފު ކުރެވިފައި މިވާ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ތަންފީޒު ކުރުމަކީ ފާޠިމަތު ޝާޢިރާއާ އެއް ހަމައެއްގައި ތިބި އެހެން ފަރާތްތަކަށް ނުލިބޭ މަންފާއެއް ފާޠިމަތު ޝާޢިރާއަށް ލިބިގެން ދިޔުންކަމަށްވާތީ، އެ ކަމަކީ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާއާ ޚިލާފުކަމެއްކަމަށެވެ.

ޖަވާބުދާރީވަމުން ފާޠިމަތު ޝާޢިރާގެ ފަރާތުން ބުނެފައިވާ ވާހަކަތަކަށް ބަލާއިރު،

ރ. ކަނދޮޅުދޫއަކީ މީހުން ދިރިނޫޅޭ ފަޅު ރަށެއްގެ ގޮތުގައި ކަނޑައަޅައި، އެ ރަށުގެ ރައްޔިތުންގެ މުދަލާއި ތަކެތި ދައުލަތަށް ނަގާފައިވުމުން، އެ ރަށުން ފާޠިމަތު ޝާޢިރާއަށް ލިބިފައިވާ ގޯއްޗާއި ގޯތީގައި އޭނާ ކޮށްފައިވާ އިމާރާތް ގެއްލިފައިވާތީ، އެ ގޯއްޗާއި އިމާރާތަށް ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ގޮތުގެ މަތީން ދައުލަތުން ބަދަލު ދޭންޖެހޭނެކަމަށާއި، އެހެންކަމުން، އިސްތިއުނާފު ކުރެވިފައި މިވާ ހައިކޯޓުގެ ޤަޟިއްޔާ ނިންމާފައިވަނީ ހަމައެކަނި ޤާނޫނުއަސާސީގެ 23 ވަނަ މާއްދާއަށް ރިޢާޔަތްކޮށް އެކަނި ނޫން ކަމަށާއި، ދައުލަތުގެ ކެރި ފޯރުންތެރިކަން ނެތް ކަމަށް ބުނާ ބުނުމަކީ ޙަޤީޤަތާ ޚިލާފު ކަމެއްކަން 2019 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓަށް ބެލުމުން އެނގޭ ކަމަށާއި، ފާޠިމަތު ޝާޢިރާއަށް ދޭން ޖެހޭ ބަދަލު ދީފައި ނުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، ބަދަލުދީފައިނުވަނީ ދައުލަތުގެ ސީދާ އިހުމާލެއް އޮވެގެން ކަމަށް ދެކޭކަމަށާއި،

ފާޠިމަތު ޝާޢިރާއާ އެއް ހަމައެއްގައި ތިބި އެހެން ފަރާތްތަކަށް ނުލިބޭ މަންފާއެއް ފާޠިމަތު ޝާޢިރާއަށް ލިބިގެން ގޮސްފައިވާ ކަމަށް ދައުލަތުން ބުނެފައިވަނީ ކަނޑައެޅިގެން ޙަޤީޤަތާ ޚިލާފަށްކަމަށާއި، މި މައްސަލައިގައި ހޯދައި ލިބިގަތުމަށް އެދޭ ޙައްޤަކީ ފާޠިމަތު ޝާޢިރާގެ ޙައްޤެއްކަމަށާއި، މި މައްސަލައަކީ އެހެން އެއްވެސް ފަރާތެއް ހިމެނޭ ނުވަތަ ތަދައްޚުލް ވެފައިވާ މައްސަލައެއް ނޫންކަމަށް ބުނެފައިވާކަން ފާހަގަކުރެވެއެވެ.

ބޯހިޔާވަހިކަމުގެ ޙައްޤު

ބޯހިޔާވަހިކަމުގެ ޙައްޤަކީ އަސާސީ ޙައްޤެއްގެ ގޮތުގައި ޤާނޫނުއަސާސީގެ 23 ވަނަ މާއްދާގައި ބަޔާންވެގެންވާ ޙައްޤެކެވެ. އެމާއްދާގައި ބަޔާންވެގެންވަނީ:

"އަންނަނިވި ޙައްޤު ތަކަކީ ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ ޙައްޤުތަކެއް ކަމަށް މި ޤާނޫނުއަސާސީން ކަނޑައަޅާ ހިނދު، ދައުލަތުގެ ތަނަވަސްކަމާއި، ކުޅަދާނަކަން ހުރި މިންވަރަކަށް އެ ޙައްޤުތައް ރައްޔިތުންނަށް ހޯދޭނޭ މަގު ތަނަވަސްކޮށްދިނުމަށް ދައުލަތުން މަސައްކަތް ކުރާންވާނެއެވެ.

(ހ) ރަނގަޅު ކާނާއާއި، ސާފު ފެން ފުދޭ މިންވަރަށް ލިބުން.

(ށ) ފޭރާމާއި ހިޔާވަހިކަން ލިބުން.

(ނ) ރަނގަޅު ފެންވަރުގެ ޞިއްޙީ ޚިދުމަތްތައް ލިބުން.

(ރ) ދިރިއުޅޭނޭ ސާފު އަދި ޞިއްޙަތަށް ރަނގަޅު މާޙައުލެއް ލިބުން.

(ބ) ދިވެހިރާއްޖޭގެ ޠަބީޢީ މުއްސަނދިކަމާއި، ދަތުރުފަތުރު ކުރުމުގެ ވަސީލަތްތަކާއި، ދައުލަތުގެ ޚަބަރު ފަތުރާ ވަސީލަތްތަކާއި، ހުރިހައި ބާވަތެއްގެ މުއާޞަލާތީ ޚިދުމަތްތައް ހަމަހަމަކަމާއެކު ބޭނުންކުރުމުގެ ފުރުޞަތު ލިބުން.

(ޅ) މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް އެ ރަށަކާ އެކަށީގެންވާ މިންވަރުގެ ނަރުދަމާ ނިޒާމެއް ޤާއިމްވެފައިއޮތުން.

(ކ) މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް އެ ރަށަކާ އެކަށީގެންވާ މިންވަރަށް ކަރަންޓުގެ ޚިދުމަތް ޤާއިމްވެފައިއޮތުން."

ބޯހިޔާވަހިކަމުގެ ޙައްޤަކީ މިމާއްދާގައި ބަޔާންވެގެންވާ އަސާސީ ޙައްޤުތަކުގެ ތެރެއިން އެއް ޙައްޤެވެ. މިއިން ކޮންމެ ޙައްޤަކީ ކޮންމެ ރައްޔިތަކަށް ލިބެންޖެހޭ ޙައްޤެއް ކަމަށް މިމާއްދާގައި ބަޔާންވެގެންވެއެވެ. ދައުލަތުގެ ތަނަވަސްކަމާއި، ކުޅަދާނަކަން ހުރި މިންވަރަކުން މި ޙައްޤުތައް ރައްޔިތުންނަށް ހޯދޭނޭ މަގު ތަނަވަސްކޮށްދިނުމަށް ދައުލަތުން މަސައްކަތް ކުރަން ޖެހޭނެ ކަމަށް ވެސް މިމާއްދާގައި ބަޔާންކޮށްފައިވެއެވެ. މި ޙައްޤުތައް އެއްފަހަރުން ހޯދައިދިނުމަކީ އެއްވެސް ދައުލަތަކަށް ކުޅަދާނަ ކަމަކަށް ނުވާނެއެވެ. ދައުލަތުން ޖެހެނީ ދައުލަތުގެ ތަނަވަސްކަމާއި ކުޅަދާނަކަން ހުރި މިންވަރަކުން މި ޙައްޤުތައް ރައްޔިތުންނަށް ހޯދޭނޭ މަގު ތަނަވަސްކޮށްދޭށެވެ.

ދިވެހިރާއްޖެ ސޮއިކޮށްފައިވާ ބައިނަލް އަޤުވާމީ މުޢާހަދާތަކުގެ ތެރެއިން "ޔުނިވަރސަލް ޑެކްލަރޭޝަން އޮފް ހިއުމަންރައިޓްސް" ގެ 25 ވަނަ މާއްދާގެ އެއްވަނަ ނަންބަރުގައާއި، "އިންޓަރނޭޝަނަލް ކޮންވޮނަންޓް އޮން އިކޮނޮމިކް، ސޯޝަލް އެންޑް ކަލްޗަރަލް ރައިޓްސް" ގެ 11 ވަނަ މާއްދާގައި ބޯހިޔާވަހިކަމުގެ ޙައްޤުގެ ވާހަކަ ބަޔާންވެގެންވެއެވެ. ބަޔާންވެދިޔަ ދެމާއްދާގައި ބޯހިޔާވަހިކަމާއި ގުޅޭގޮތުން ބަޔާންކޮށްފައިވާ ވާހަކަތަކަށް ބަލާއިރު، ބޯހިޔާވަހިކަމުގެ ޙައްޤު އެހެން އަސާސީ ޙައްޤުތަކެއް ކަމަށްވާ ރަނގަޅު ކާނާއާއި ފޭރާން ލިބުންފަދަ ޙައްޤުތަކާއި ގުޅުވާފައިވާކަމާއި، މި ޙައްޤު ލިބެންޖެހޭ ފަރާތްތަކަކީ އެއްވެސް ތަފާތު ކުރެއްނެތި މުޖުތަމަޢުގެ އެންމެން ކަމާއި، އަދި އެޙައްޤު ލިބިދެވެންވާނީ އެކަށީގެންވާ މުނާސަބު ފެންވަރެއްގައިކަމަށް ބަޔާންވެގެންވާކަން ފާހަގަކުރެވެއެވެ.

ދައުލަތުގެ ތަނަވަސްކަމާއި ކުޅަދާނަކަން ހުރި މިންވަރަކުން މި ޙައްޤުތައް ރައްޔިތުންނަށް ހޯދޭނޭ މަގު ތަނަވަސްކޮށްދޭން ޖެހޭކަމަށް ޤާނޫނުއަސާސީގެ 23 ވަނަ މާއްދާގައި ބަޔާންވެގެންވާއިރު، ދައުލަތުގެ ވާޖިބަކީ، މުޖުތަމަޢުގެ އެންމެނަށް މިޙައްޤުތައް އެކަށީގެންވާ މުނާސަބު ފެންވަރެއްގައި ލިބިދެވެންދެން، ރައްޔިތުންނަށް މިޙައްޤުތައް ހޯދޭނެ މަގު ތަނަވަސްކޮށްދިނުމަށް ހުއްޓުމެއްނެތި މަސައްކަތް ކުރުމުގައި ދެމިއޮތުމެވެ.

ސުނާމީ ކާރިސާއަށްފަހު ރ.ކަނދޮޅުދޫ މީހުން ރ.ދުވާފަރަށް ބަދަލުކުރުން

2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައިވާ އެއްރަށަކީ ރ.ކަނދޮޅުދޫއެވެ. އެރަށުގެ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި އެރަށުގެ ހުރިހާ ރައްޔިތުން ވަގުތީ ހިޔާތަކަކަށް ބަދަލުކުރެވުނެވެ. އޭގެފަހުން އެރަށުގެ މީހުނަށް ދާއިމީ ބޯހިޔާވަހިކަން ހޯދައިދިނުމަށްޓަކައި ސަރުކާރާއި ބޭރުގެ އެހީދޭ ޖަމާޢަތްތަކަކާއި ގުޅިގެން އާބާދު ކުރެވުނު ރ.ދުވާފަރުގައި ދާއިމީ ހިޔާތަކެއް ހެދުމަށްފަހު އެރަށުގެ މީހުން ދުވާފަރަށް ބަދަލުކޮށްފައިވަނީ 2009 ވަނަ އަހަރުގެ ތެރޭގައެވެ. ރ.ކަނދޮޅުދޫ ރައްޔިތުން ރ.ދުވާފަރަށް ބަދަލު ކުރެވުނީ ސުނާމީ ކާރިސާއާއި ގުޅިގެން ކަނދޮޅުދޫ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައެވެ. މިހެންމިކަން އޮތުމުން ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގައި ބަޔާންވެގެންވާ ފަދައިން ބަދަލު ލިބިދޭންޖެހޭ ކަމަށް ފާތިމަތު ޝާޢިރާގެ ފަރާތުން ބުނެފައިވަނީ ރަނގަޅު ވާހަކައެއްނޫނެވެ. ރ.ކަނދޮޅުދޫ ރައްޔިތުން ރ.ދުވާފަރަށް ބަދަލުކޮށް ބޯހިޔާވަހިކަން ހަމަޖައްސައިދީފައިވަނީ އެކަމަށް ކަނޑައެޅުނު ޚާއްޞަ އުޞޫލުތަކެއްގެ ދަށުންނެވެ.

ރ.ދުވާފަރުން ބޯހިޔާވަހިކަން ފޯރުކޮށް ދިނުމުގައި ޢަމަލުކޮށްފައިވާ އުޞޫލުތައް

ރ.ކަނދޮޅުދޫ ރައްޔިތުން ރ.ދުވާފަރަށް ބަދަލުކޮށް ބޯހިޔާވަހިކަން ހަމަޖައްސައި ދިނުމުގައި ދެ އުޞޫލަކަށް ޢަމަލުކޮށްފައިވެއެވެ.

އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީ (އައި.އެފް.އާރު.ސީ) އާއި، ބްރިޓިޝް ރެޑް ކްރޮސް (ބީ.އާރު.ސީ) އާއި، ފްރެންޗް ރެޑް ކްރޮސް (އެފް.އާރު.ސީ) އިން އަޅައިދިން ގެތަށް ދޫކުރުމަށް 29 އޮކްޓޯބަރ 2006 ގައި އެކުލަވާލެވުނު އުޞޫލު. (މީގެފަހުން "ބޭރުގެ އެހީދޭ ޖަމާޢަތްތަކުން އަޅާދީފައިވާ ގެތައް ދޫކުރާ އުޞޫލު" ކަމަށް ބުނެފައިވާ އުޞޫލު)

"ސުނާމީ ކާރިސާއާއި ގުޅިގެން ސަރުކާރުން ޢިމާރާތްކޮށްދެއްވާ ގެތައް ލިބޭ ފަރާތްތައް ކަނޑައެޅުމުގެ އުޞޫލުތައް" މިނަމުގައި 30 ޖަނަވަރީ 2007 ގައި އެކުލަވާލެވުނު އުޞޫލު. (މީގެފަހުން "ސަރުކާރުން ޢިމާރާތްކޮށްފައިވާ ގެތައް ދޫކުރާ އުޞޫލު" ކަމަށް ބުނެފައިވާ އުޞޫލު)

"ސަރުކާރުން ޢިމާރާތް ކޮށްފައިވާ ގެތައް ދޫކުރާ އުޞޫލު" ގެ ދަށުން ގެދޮރު ލިބެނީ "ބޭރުގެ އެހީދޭ ޖަމާޢަތްތަކުން އަޅާދީފައިވާ ގެތައް ދޫކުރާ އުޞޫލު" ގެ ދަށުން ގެދޮރު ނުލިބޭ މީހުނަށްކަން "ސަރުކާރުން ޢިމާރާތް ކޮށްފައިވާ ގެތައް ދޫކުރާ އުޞޫލު" ގައި ބަޔާންވެގެންވާކަން ފާހަގަކުރެވެއެވެ.

"ބޭރުގެ އެހީދޭ ޖަމާޢަތްތަކުން އަޅާދީފައިވާ ގެތައް ދޫކުރާ އުޞޫލު" ގެ ދަށުން އެއްގެއްގައި ދިރިއުޅޭ މީހުނަށް 2 ގެ އަދި 3 ގެ ދޫކުރާ މިންގަނޑުތަކެއް ވެސް ކަނޑައަޅާފައިވެއެވެ. އެ އުޞޫލުގައި ބަޔާންވެގެންވަނީ؛

އެއްގެ ދިނުމަށް ބެލެވޭ މިންގަނޑު: މަދުވެގެން 3 މީހުން ފެށިގެން 11 މީހުން އެގެއެއްގައި ދިރިއުޅެން ތިބި ގެއެއް ކަމުގައިވެފައި، އެގެއަކީ ސުނާމީ ކާރިސާގެ ކުރިން ވެސް ކަނދޮޅުދޫގައި ދިރިއުޅުމަށް ބޭނުންކުރެވެމުން ގޮސްފައިވާ ގެއެއް ކަމުގައިވާނަމަ، އެގޭގައި ދިރިއުޅެން ތިބިމީހުނަށް އެއްގެ ދިނުން.

ދެ ގެ ދިނުމަށް ބެލެވޭ ފުރަތަމަ މިންގަނޑު: މަދުވެގެން 10 މީހުން އެގެއެއްގައި ދިރިއުޅެން ތިބި ކަމުގައިވެފައި، އެގޭގައި ދިރިއުޅެން ތިބި މީހުންގެ ތެރޭގައި 3 ކައިވެނި ހިމެނި، އެގެއަކީ ސުނާމީ ކާރިސާގެ ކުރިން ވެސް ކަނދޮޅުދޫގައި ދިރިއުޅުމަށް ބޭނުންކުރެވެމުން ގޮސްފައިވާ ގެއެއް ކަމުގައިވާނަމަ، އެގޭގައި ދިރިއުޅެން ތިބިމީހުނަށް 2 ގެ ދިނުން.

ދެ ގެ ދިނުމަށް ބެލެވޭ ދެވަނަ މިންގަނޑު: މަދުވެގެން 11 މީހުން އެގެއެއްގައި ދިރިއުޅެން ތިބި ކަމުގައިވެފައި، އެގޭގައި ދިރިއުޅެން ތިބި މީހުންގެ ތެރޭގައި 2 ކައިވެނި ނުވަތަ ދެ އާއިލާ ހިމެނި، އެގެއަކީ ސުނާމީ ކާރިސާގެ ކުރިން ވެސް ކަނދޮޅުދޫގައި ދިރިއުޅުމަށް ބޭނުންކުރެވެމުން ގޮސްފައިވާ ގެއެއް ކަމުގައިވާނަމަ، އެގޭގައި ދިރިއުޅެން ތިބިމީހުނަށް 2 ގެ ދިނުން.

ދެ ގެ ދިނުމަށް ބެލެވޭ ތިންވަނަ މިންގަނޑު: މަދުވެގެން 12 މީހުން އެގެއެއްގައި ދިރިއުޅެން ތިބި ކަމުގައިވެފައި، އެގެއަކީ ސުނާމީ ކާރިސާގެ ކުރިން ވެސް ކަނދޮޅުދޫގައި ދިރިއުޅުމަށް ބޭނުންކުރެވެމުން ގޮސްފައިވާ ގެއެއް ކަމުގައިވާނަމަ، އެގޭގައި ދިރިއުޅެން ތިބިމީހުނަށް 2 ގެ ދިނުން.

ތިން ގެ ދިނުމަށް ބެލެވޭ މިންގަނޑު: މަދުވެގެން 18 މީހުން އެގެއެއްގައި ދިރިއުޅެން ތިބި ކަމުގައިވެފައި، އެގޭގައި ދިރިއުޅެން ތިބި މީހުންގެ ތެރޭގައި 3 ކައިވެނި ހިމެނި، އެގެއަކީ ސުނާމީ ކާރިސާގެ ކުރިން ވެސް ކަނދޮޅުދޫގައި ދިރިއުޅުމަށް ބޭނުންކުރެވެމުން ގޮސްފައިވާ ގެއެއް ކަމުގައިވާނަމަ، އެގޭގައި ދިރިއުޅެން ތިބިމީހުނަށް 3 ގެ ދިނުން.

ސަރުކާރުން އިމާރަތްކޮށްފައިވާ ގެތައް ދިނުމުގައި ބަލާފައިވާ މިންގަނޑުތައް:

ސުނާމީކާރިސާ ހިނގިއިރު ކަނދޮޅުދޫގައި ބަޔަކު ދިރިއުޅުމަށް ބޭނުންކުރެވެމުން ދިޔަ ކޮންމެ ގެއަކަށް ގެއެއް ދިނުމުގައި އުޞޫލެއްގެ ގޮތުން ބަލާފައިވަނީ އެގޭގައި ދިރިއުޅެމުން ތިބި މީހުންގެ އަދަދަކީ އެކެއް ނުވަތަ ދެ މީހުން ނަމަވެސް، އެމީހުންނަށް އައި.އެފް.އާރު.ސީ އިން އަޅާދޭގޭގެއިން ބޯހިޔާވަހިކަން ނުލިބޭނަމަ 1 ގެ ދިނުން.

އެމީހެއްގެ އަމިއްލަގެއެއް ރަށުގައި ހުރިނަމަވެސް ސުނާމީކާރިސާ ހިނގިއިރު އެމީހަކު ނުވަތަ އެމީހާގެ ޢާއިލާ ރަށުގައި ޢާއްމުކޮށް ދިރިއުޅެމުން ނުދާތާ 5 އަހަރު ވުމުގެ ސަބަބުން އައި.އެފް.އާރު.ސީ އިން އަޅާދޭގޮތަށް ހަމަޖެހިފައިނުވާ ގޭގެ އަކީ ޢާއިލާ ރަށުގައި ދިރިއުޅުނު އިރު ދިރިއުޅުމަށް ބޭނުންކުރާ ގެކަމުގައިވާނަމަ އެމީހަކަށް ނުވަތަ އެޢާއިލާއަށް 1 ގެ ދިނުން.

ސުނާމީކާރިސާ ހިނގިއިރު ރަށުގައި ޢާއްމުކޮށް ދިރިއުޅެމުން ނުދާތާ 5 އަހަރު ވުމުގެ ސަބަބުން އައި.އެފް.އާރު.ސީ (ބޭރު އެހީދޭ ޖަމާޢަތްތަކުން އަޅާދީފައިވާ ގެތައް ދޫކުރާ އުޞޫލު) އިން ބޮޑުއާއިލާ މިންގަނޑު ހަމަކުރުމަށް ގުނާފައިނުވާ ފަރާތްތަކަކީ އެހެންރަށެއްގައި އެމީހުންގެ އަމިއްލަ ގޯތިގެދޮރު ނެތް ބަޔަކުކަމުގައި ވާނަމަ، އެފަރާތްތައް ގޭގެލިސްޓުގައި ހިމަނައިގެން ގުނާއިރު، އައި.އެފް.އާރު.ސީ (ބޭރު އެހީދޭ ޖަމާޢަތްތަކުން އަޅާދީފައިވާ ގެތައް ދޫކުރާ އުޞޫލު) އިން 2 ގެ ނުވަތަ 3 ގެ ދިނުމަށް ބަލާފައިވާ މިންގަނޑުން އެޢާއިލާއަކަށް ބޯހިޔާވަހިކަން ހަމަޖައްސައިދެވޭނެ ކަމާއި، ނަމަވެސް އެއްޢާއިލާއެއްގެ 11 ނުވަތަ 12 މީހުން (މަންމަ އާއި ބައްޕަ އާއި ދަރިން) ކަމުގައިވާ ޢާއިލާތަކަށް ދޭގޮތަށް ހަމަޖެހިފައިވަނީ 1 ގެ ކަން.

އެއްގެއެއްގައި ދިރިއުޅެންތިބި މީހުންގެ ޢަދަދަކީ 10 މީހުންކަމުގައިވެފައި ޢާއްމުކޮށް ރަށުގައި ދިރިއުޅެމުންދާ އަދި މިހާރުވެސް ވަގުތީހިޔާގައި ޢާއިލާގެ އެންމެން ދިރިއުޅޭ ބޮޑެތިވެފައިވާ ދަރިން ދެޢާއިލާގައި ހިމެނޭ ގޮތުން އެއްގޭގައި ދިރިއުޅެން ޖެހޭ ޢާއިލާތަކަށް އިތުރު ގެއެއް ދިނުން.

ރ.ދުވާފަރުން ފާޠިމަތު ޝާޢިރާއަށް ބޯހިޔާވަހިކަން ދީފައިވާ ގޮތް

ފާޠިމަތު ޝާޢިރާއަށް ރ.ދުވާފަރުން ބޯހިޔާވަހިކަން ހަމަޖައްސާފައިވަނީ ފާޠިމަތު ޝާޢިރާގެ ރަށްވެހިކަން ރަޖިސްޓްރީކޮށްފައިވާ ރ.ކަނދޮޅުދޫ "މެހުރާ" އެވެ ކިޔާ ގޭގައި ރަޖިސްޓްރީކޮށްފައިވާ މީހުންގެ ތެރެއިން ފާޠިމަތު ޝާޢިރާގެ މަންމައާއި ބައްޕައާއި އެއްބަނޑު އެއްބަފާ ކޮއްކޮއާ އެކުއެވެ.

ސުނާމީ ކާރިސާ ކުރިމަތިވިއިރު، ރ.ކަނދޮޅުދޫ މެހުރާ އެވެ ކިޔާ ގޭގެ ރަޖިސްޓްރީގައި އެއިރުވަނީ ޖުމްލަ 13 މީހުންނެވެ. ފަހުން ދެކުދިން އިތުރުވެ މިހާރު 15 މީހުންނެވެ. މެހުރާ އެވެ ކިޔާ ގޭގެ މީހުނަށް ދުވާފަހުން 3 ގެ ދީފައިވެއެވެ. މިގޮތަށް ހަމަޖައްސާފައިވަނީ އެގޭގައި އުޅުނީ 3 އާއިލާ ނުވަތަ 3 ގޭބިސީ ކަމަށް ބަލައިގެންވެ.

ރ.ދުވާފަރު 446 ނަންބަރު ގެ (ކޮށީ ނަންބަރު 57.13) ހަމަޖައްސާފައިވަނީ ފާޠިމަތު ޝާޢިރާގެ ބައްޕަގެ އާއިލާއަށެވެ. އެ ގޭބިސީގައި ހިމެނެނީ ފާޠިމަތު ޝާޢިރާގެ އިތުރުން ފާޠިމަތު ޝާޢިރާގެ ބައްޕަ އާދަމް ޢަލީއާއި މަންމަ އާއިޝަތު އަޙްމަދުއާއި ކޮއްކޮ ޢަލީ ޢާރިފްއެވެ.

ރ.ދުވާފަރު 261 ނަންބަރު ގެ (ކޮށީ ނަންބަރު 51.03) ހަމަޖައްސާފައިވަނީ ކަނދޮޅުދޫ މެހުރާ އެވެ ކިޔާ ގޭގައި އުޅުނު ދެވަނަ ގޭބިސީއަށެވެ. އެއީ އެގޭ މުޙައްމަދު ޢާދިލްގެ ޢާއިލާއެވެ.

ރ.ދުވާފަރު 260 ނަންބަރު ގެ (ކޮށީ ނަންބަރު 29.01) ހަމަޖައްސާފައިވަނީ ކަނދޮޅުދޫ މެހުރާ އެވެ ކިޔާ ގޭގައި އުޅުނު ތިންވަނަ ގޭބިސީއަށެވެ. އެއީ އެގޭ އަޙްމަދު ޢާރިފްގެ ޢާއިލާއެވެ.

ސުނާމީ ކާރިސާ ކުރިމަތިވިއިރު، ފާޠިމަތު ޝާޢިރާގެ 5 ކުދިން ރަޖިސްޓްރީ ކޮށްފައިވަނީ އެކުދިންގެ ބައްޕަގެ ގެ ކަމުގައިވާ ރ.ކަނދޮޅުދޫ ކަށިމާގޭގައެވެ. އެގޭގެ ރަޖިސްޓްރީގައި އޮތް 18 މީހުންނަށް ރ.ދުވާފަރުން 3 ގެ ހަމަޖައްސައިދީފައިވެއެވެ. އޭގެތެރެއިން އެއްގެ ކަމުގައިވާ ދުވާފަރު 370 ނަންބަރު ގެ (ކޮށީ ނަންބަރު 37.08) ގައި ރަޖިސްޓްރީ ކޮށްފައިވާ 8 މީހުންގެ ތެރޭގައި ފާޠިމަތު ޝާޢިރާގެ 5 ކުދިން ހިމެނެއެވެ.

ފާޠިމަތު ޝާޢިރާގެ ޝަކުވާއަކީ އޭނާގެ ނަމުގައި ރ.ކަނދޮޅުދޫގައި ރަޖިސްޓްރީ ކޮށްފައިވާ ސީނާޒް އެވެ ކިޔާ ގޯތީގެ ބަދަލުގައި އޭނާއަށް ރ.ދުވާފަރުން ގެއެއް ނުލިބުމެވެ. ސުނާމީ ކާރިސާ ކުރިމަތިވިއިރު، އެގޯތީގައި އަޅަންފަށާފައި ހުރި ގެ ރަޖިސްޓްރީ ކޮށްފައި ނެތްނަމަވެސް، އެގޯތީގައި އެއްކޮޓަރި ހަދާފައިވާ ކަމަށާއި އެކޮޓަރީގައި އޭނާގެ އޭރުގެ ފިރިމީހާ އުޅެމުން ދިޔަކަމަށެވެ. "ސަރުކާރުން ޢިމާރާތް ކޮށްފައިވާ ގެތައް ދޫކުރާ އުޞޫލު" ގެ އެއްވަނަ ނަންބަރުގެ (ހ) ގެ 2 ވަނަ ނުކުތާގައި، ގޯތި ރަޖިސްޓްރީކޮށް، ގެ ރަޖިސްޓްރީ ކޮށްފައިނުވާ ގެއެއް ނަމަވެސް އެގޭގެ ބަދަލުގައި ގެއެއް ދޭގޮތަށް ބަޔާން ވެގެންވާ ކަމަށް ފާޠިމަތު ޝާޢިރާގެ ފަރާތުން ބުނެފައިވެއެވެ.

މި ރައުޔުގެ 25 އަދި 26 ވަނަ ޕެރެގެރާފްގައި ބަޔާންވެގެންވާ ފަދައިން ފާޠިމަތު ޝާޢިރާއަށް ބޯހިޔާވަހިކަން ހަމަޖައްސައިދީފައި ވާއިރު، "ސަރުކާރުން ޢިމާރާތް ކޮށްފައިވާ ގެތައް ދޫކުރާ އުޞޫލު" ގެ އެއްވަނަ ނަންބަރުގެ (ހ) ގެ 2 ވަނަ ނުކުތާގެ ދަށުން ގެ ލިބިދެވޭނަމަ، ފާޠިމަތު ޝާޢިރާއަށް ދެ ހައިސިއްޔަތުން ބޯހިޔާވަހިކަން ލިބެނީއެވެ. އެއް ހައިސިއްޔަތަށްވުރެ ގިނަ ހައިސިއްޔަތުން އެކަކަށް ބޯހިޔާވަހިކަން ދިނުމަކީ މިއުޞޫލުގެ މަޤްޞަދަކަށް ނުވާނެއެވެ. މި އުޞޫލުގެ މަޤްޞަދަކަށް ވާނި ވީހާވެސް ގިނަބަޔަކަށް ބޯހިޔާވަހިކަން ދިނުމެވެ.

ކޮންމެ މީހަކަށްވެސް ބޯހިޔާވަހިކަން ލިބޭނީ އެއް ހައިސިއްޔަތުންކަން ސަރުކާރުން އަޅައިދޭ ގެތައް ދިނުމުގައި ބަލާފައިވާ މިންގަނޑުތަކުގެ އެއްވަނަ ނަންބަރުން ދޭހަވާކަން ފާހަގަކުރެވެއެވެ. އެނަންބަރުގައި ބަޔާންވެގެންވާގޮތުން "ސަރުކާރުން ޢިމާރާތް ކޮށްފައިވާ ގެތައް ދޫކުރާ އުޞޫލު" ގެ ދަށުން ބޯހިޔާވަހިކަން ލިބެނީ "ބޭރުގެ އެހީދޭ ޖަމާޢަތްތަކުން އަޅާދީފައިވާ ގެތައް ދޫކުރާ އުޞޫލު" ގެ ދަށުން ބޯހިޔާވަހިކަން ލިބިފައި ނުވާ މީހުންނަށެވެ.

މިރައުޔުގެ 25، 26 އަދި 27 ވަނަ ޕެރެގެރާފްގައި ބަޔާންވެގެންވާ ފަދައިން، ފާޠިމަތު ޝާޢިރާ ރަށްވެހި ވެފައިވާ ގޭގައި ރަޖިސްޓްރީ ވެފައިވާ މީހުންނަށް ރ.ދުވާފަރުން 3 ގެ ދީފައިވެއެވެ. އެއިން އެއްގެ ދީފައިވަނީ ފާޠިމަތު ޝާޢިރާގެ މަންމައާއި ބައްޕައާއި ކޮއްކޮއާއި ފާޠިމަތު ޝާޢިރާއަށެވެ. އަދި ފާޠިމަތު ޝާޢިރާގެ 5 ކުދިން ރަޖިސްޓްރީވެފައިވާ އެކުދިންގެ ބައްޕަގެ ގޭގެ ރަޖިސްޓްރީގައިވާ މީހުނަށް ވެސް 3 ގެ ދީފައިވާއިރު، އެކުދިންނާއި އެކުދިންގެ ބައްޕަޔާއި އަދި އިތުރު މީހަކަށް އެތަނުން އެއްގެ ދީފައިވެއެވެ. ފާޠިމަތު ޝާޢިރާއަށް ބޯހިޔާވަހިކަން ދީފައިވަނީ ފާޠިމަތު ޝާޢިރާގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ސީނާޒް އެވެ ކިޔާ ގޭގެ ބަދަލުގައި ކަމަށް ބުނެފައި ނެތް ނަމަވެސް، އިސްވެބަޔާންވެދިޔަ ކަންކަމަށް ބަލާއިރު، ކަނަޑައެޅިފައިވާ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން، އެކަށީގެންވާ މިންވަރެއްގެ ބޯހިޔާވަހިކަމެއް ދައުލަތުން ފާޠިމަތު ޝާޢިރާއަށް ލިބިދީފައިވާ ކަމަށް އަހުރެންނަށް ބުރަވެވެއެވެ.

މައްސަލަ ނިންމަން ފެންނަ ގޮތް

އިސްވެ ބަޔާންވެދިޔަ ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، ސުނާމީ ކާރިސާއާ ގުޅިގެން ރ.ކަނދޮޅުދޫ މީހުނަށް ރ.ދުވާފަރުގައި އިމާރާތްކޮށްދިން ގެތައް އެ މީހުންނަށް ދިނުމަށް އެކުލަވާލެވުނު އުޞޫލުތަކުގެ ދަށުން ފާތިމަތު ޝާޢިރާއަށް ވެސް ރ.ދުވާފަރުން ބޯހިޔާވަހިކަން ހަމަޖައްސައި ދީފައިވާތީއާއި، ރ.ދުވާފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 72/E8C/2013 ޤަޟިއްޔާއާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/304 ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ ބުނެވިދިޔަ އުޞޫލުތަކާއި އެއްގޮތަށް ކަމަށް ނުވާތީ، އެ ދެ ކޯޓުގެ ޙުކުމް ބާޠިލުކުރަންޖެހޭ ކަމަށް އަހުރެން ދެކެމެވެ.

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު

ހުށަހެޅިފައިމިވާ މައްސަލައިގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔުގައި، މި މައްސަލައިގައި ކަން ހިނގާދިޔަ ގޮތާއި ރ. ދުވާފަރު މެޖިސްޓްރޭޓް ކޯޓުގައާއި ދިވެހިރާއްޖޭގެ ހައިކޯޓުގައި ކުރެވުނު ބަހުސް ވަރަށް ސާފުކޮށް ބަޔާންކޮށްދެއްވާފައިވެއެވެ.

ރ. ދުވާފަރު މެޖިސްޓްރޭޓް ކޯޓުގައި ފާޠިމަތު ޝާޢިރާކުރި ދަޢުވާ

ރ. ދުވާފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 72/E8C/2013 ގަޒިއްޔާގައި ފާޠިމަތު ޝާޢިރާގެ ފަރާތުންކުރި ދަޢުވާއަކީ، 26 ޑިސެންބަރު 2004 ގައި ދިވެހިރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި ރ. ކަނދޮޅުދޫ ރައްޔިތުންގެ ބޯހިޔާވަހިކަން ގެއްލިގެން ދިޔުމުން، ދިވެހި ދައުލަތާއި ބޭރުގެ އެހީދޭ އެކިއެކި ފަރާތްތަކާ ގުޅިގެން ބޯހިޔާވަހިކަން ގެއްލުނު ފަރާތްތަކަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ މަސައްކަތް ފެށި، ބޯހިޔާވަހިކަން ސުނާމީގައި ގެއްލުނު ގިނަ ފަރާތްތަކަށް ހޯދާދީފައިވީނަމަވެސް، އެފަދަ އެއްވެސް އެހީތެރިކަމެއް ފާޠިމަތު ޝާޢިރާއަށް ދީފައިނުވާތީއާއި، ފާޠިމަތު ޝާޢިރާގެ މިލްކުގައި އޮތް ބިމަކަށް ބަދަލު ދިނުމަކާ ނުލައި، ދައުލަތުން އެ ބިން ނަގާފައިވާތީ "ސުނާމީ ކާރިސާއާއި ގުޅިގެން ސަރުކާރުން ޢިމާރާތްކޮށްދެއްވާ ގެތައް ލިބޭ ފަރާތްތައް ކަނޑައެޅުމުގެ އުޞޫލުތައް" (މީގެ ފަހުން "ސަރުކާރުން ޢިމާރާތްކޮށްފައިވާ ގެތައް ދޫކުރާ އުޞޫލު") ގެ 1 ވަނަ ނަންބަރުގެ 2 ވަނަ ނުކުތާގައިވާ ގޮތުގެ މަތިން ރ. ދުވާފަރުން ފާޠިމަތު ޝާޢިރާއަށް ގެއެއް ލިބެންޖެހޭކަމަށް ކަނޑައަޅައިދިނުމަށް އެދި ކުރި ދަޢުވާއެކެވެ.

"ސަރުކާރުން ޢިމާރާތްކޮށްފައިވާ ގެތައް ދޫކުރާ އުޞޫލު" ގެ 1 ވަނަ ނަންބަރުގެ (ހ) ގެ 2 ވަނަ ނުކުތާގައި ބަޔާންކޮށްފައިވަނީ ސުނާމީ ކާރިސާގައި ވެއްޓުނު ގެއެއްގައި އެންމެ މީހަކު ދިރިއުޅުނުކަމުގައިވީނަމަވެސް، އެ ގެއަކީ އޭނާގެ އަމިއްލަ ނަމުގައި ހުރި ގެއެއް ކަމުގައިވާނަމަ، ގެއަކަށް ގެއެއް ހިނގާ އުސޫލުން، އޭނާއަށް ގެއެއް ލިބޭނެކަމަށެވެ.

ރ. ދުވާފަރު މެޖިސްޓްރޭޓް ކޯޓުން މި މައްސަލަ ބެލުމުގެ ތެރޭގައި އެތައް ހެއްކަކު ހާޒިރުކުރިއެވެ. އެއިގެ ތެރެއިން 8 (އަށެއް) މީހެއްގެ ހެކިބަހުގައި، ރ. ކަނދޮޅުދޫ "ސީނާޒް" އެވެ ކިޔާ ގޯއްޗަކީ ފާޠިމަތު ޝާޢިރާގެ އަމިއްލަ ޚަރަދުގައި ބިން ހިއްކުމަށްފަހު ހޯދި ގޯއްޗެއްކަމަށާއި، އެ ގޯތި ރަޖިސްޓްރީ ކުރުމަށްފަހު އެ ގޯތީގައި ޢިމާރާތް ކޮށްފައިވާކަމަށާއި، އަދި އެ ޢިމާރާތުގައި އޭނާގެ އެއިރުގެ ފިރިމީހާ ދިރިއުޅެމުން އަދި މަސައްކަތްކުރަމުން ދިޔަކަމަށް ހެކިބަސްދީފައިވެއެވެ. އަދި އެ ޢިމާރާތަށް ހުރީ ކަރަންޓުލާފައިކަމަށާއި، ކަނދޮޅުދޫގައި އެއިރުގައި ހަދާފައި ހުރި ޢިމާރާތްތަކުގެ ނިސްބަތުން، ސީނާޒް ގޯތީގައިހުރީ ފުދޭވަރެއްގެ ފެންވަރު ރަނގަޅު ޢިމާރާތެއްކަމަށް ހެކިންބުނެއެވެ. ސުނާމީއަށްފަހުވެސް އެގެ ހުރިތަނުގައި ހުރިކަމަށާއި ނަމަވެސް އެއް ފާރު ވެއްޓިފައިވާކަމަށް ބައެއް ހެކިން ބުނެފައިވެއެވެ.

ފާޠިމަތު ޝާޢިރާ އެދުވަސްވަރުގައި މާލޭގައި ދިރިއުޅެމުން ދިޔައީ އޭނާގެ ދަރިންނަށް ތައުލީމު ހާސިލުކޮށްދިނުމަށްޓަކައިކަން އެނގެން އޮވެއެވެ.

ރ. ދުވާފަރު މެޖިސްޓްރޭޓް ކޯޓުން ނިންމީ 15 ޖުލައި 2002 ގައި "ސީނާޒް" އެވެ ކިޔާ ގޯތި ކަނދޮޅުދޫގައި ރަޖިސްޓްރިކޮށްފައިވާކަން ރ. އަތޮޅު އޮފީހުގެ ނަންބަރު R-1/2002/58 ގޯތީގެ ރަޖިސްޓްރީއިން އެނގެން އޮންނަކަމަށެވެ. އަދި 26 ޑިސެންބަރު 2004 ގައި ސުނާމީ ކާރިސާ ކުރިމަތިވިއިރު އެ ގޯތީގައި ޢިމާރާތްކުރަންފަށައި، އެ ޢިމާރާތުގައި އެއް ކޮޓަރި ހަދާ ނިމިފައިވާކަމަށާއި، އަދި އެ ކޮޓަރީގައި ފާޠިމަތު ޝާޢިރާގެ އޭރުގެ ފިރިމީހާ ދިރިއުޅެމުން ދިޔަކަން ހެކިންގެ ހެކިބަހުން ސާބިތުވާކަމަށާއި، އަދި "ސަރުކާރުން ޢިމާރާތްކޮށްފައިވާ ގެތައް ދޫކުރާ އުޞޫލު" ގެ 1 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނުކުތާގައި ސުނާމީ ކާރިސާގައި ވެއްޓުނު ގެއެއްގައި އެންމެ މީހަކު އުޅުނަސް، އެ ގެއަކީ އަމިއްލަ ނަމުގައި ހުރި ގެއެއްކަމުގައިވާނަމަ ގެއަކަށް ގެއެއް ލިބޭ އުސޫލުން އޭނާއަށް ގެއެއް ލިބޭނެކަމަށް ފާހަގަކޮށްފައިވެއެވެ. އަދި ކަނދޮޅުދޫ ފަޅު ރަށެއްގެ ގޮތަށް ރައީސުލްޖުމްހޫރިއްޔާގެ ނަންބަރު 15/2010 ޤަރާރުން 14 އޮކްޓޫބަރު 2010 ގައި ހަމަޖެހިގެން ދިޔައިރު، އެ ރަށުގެ ރައްޔިތުން ރ. ދުވާފަރަށް ބަދަލުކުރެވުނުއިރު، ފާޠިމަތު ޝާޢިރާއަށް ވަކިން ގެއެއް ދީފައިނުވާކަން ދެފަރާތުގެ ބަހުންވެސް އެނގެން އޮންނަކަމަށާއި، އަދި އެކަމުގެ ސަބަބުން ފާޠިމަތު ޝާޢިރާއަށް ރ. ކަނދޮޅުދޫ "ސީނާޒް" އެވެ ކިޔާ ގޯތި ގެއްލިފައިވާކަމަށެވެ. ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ށ) ގައި މުދަލުގެ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީފައިވާއިރު، ދައުލަތުން މީހެއްގެ މުދަލެއް ނަގާނަމަ ޢަމަލުކުރަންވާ އުސޫލު އެ މާއްދާއިން އެނގެން އޮންނަކަމަށާއި، ފާޠިމަތު ޝާޢިރާގެ ރަށްވެހިކަމުގެ ރަޖިސްޓްރީ އޮތީ ކަނދޮޅުދޫ "މެހުރާ" އެވެ ކިޔާ ގޯއްޗަށް ކަމުގައިވާއިރު، ފާޠިމަތު ޝާޢިރާވެސް ހިމެނޭގޮތުން އޭނާގެ އާއިލާގެ ބައެއް މެންބަރުންނަށް ރ. ދުވާފަރުން 446 ނަންބަރު ގެ ދޫކޮށްފައިވީނަމަވެސް، އެއީ ކަނދޮޅުދޫ "މެހުރާ" އެވެ ކިޔާ ގޯތީގެ ބަދަލުގައި ދޫކޮށްފައިވާ ގެއެއްކަމަށާއި، "ސީނާޒް" އެވެ ކިޔާ ގޯތީގެ ބަދަލުގައި ދޫކޮށްފައިވާ ގެއެއް ނޫންކަމަށް ރ. ދުވާފަރު މެޖިސްޓްރޭޓް ކޯޓުން ކަނޑައަޅާފައިވެއެވެ. މީގެ އިތުރުން "ސީނާޒް" އެވެ ކިޔާ ގޯތީގައި ހަދާފައިވާ ޢިމާރާތަކީ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ތަނެއްކަމުގައި ނުވިނަމަވެސް، "ސަރުކާރުން ޢިމާރާތްކޮށްފައިވާ ގެތައް ދޫކުރާ އުޞޫލު" ގެ 1 ވަނަ މާއްދާގެ (ހ) ގައި ސުނާމީ ކާރިސާގެ ކުރިން ގޯއްޗެއް ރަޖިސްޓްރީކުރުމަށްފަހު، ގެ ޢިމާރާތްކޮށް ސުނާމީ ކާރިސާ ދިމާވިއިރު ޢިމާރާތުގެ ރަޖިސްޓްރީ ނުހައްދާހުރި ގޭގެވެސް އެ އުސޫލުގެ ތެރޭގައި ހިމެނޭކަމަށް އެ ކޯޓުން ފާހަގަކޮށްފައިވެއެވެ. އެހެންކަމުން، "ސަރުކާރުން ޢިމާރާތްކޮށްފައިވާ ގެތައް ދޫކުރާ އުޞޫލު" ގެ 1 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނުކުތާގެ ދަށުން ފާޠިމަތު ޝާޢިރާއަކީ ރ. ދުވާފަރުން ގެއެއް ލިބެންޖެހޭ ފަރާތެއްކަމަށް ރ. ދުވާފަރު ކޯޓުން ކަނޑައަޅާފައިވެއެވެ.

މި ނިންމުމަށް ހައިކޯޓުގެ ނަންބަރު 2016/HC-A/304 ގަޒިއްޔާގައި ތާއީދުކޮށްފައިވެއެވެ. ދައުލަތުގެ ފަރާތުން ހައިކޯޓުގެ ނަންބަރު 2016/HC-A/304 ގަޒިއްޔާ އިސްތިއުނާފު ކުރަމުން ސުޕްރީމް ކޯޓުގައި ކޮށްފައިވާ މައިގަނޑު ޝަކުވާއަކީ ހައިކޯޓުން ޙުކުމްކޮށްފައިވަނީ "ގެ ލިބޭ މީހުން ފާހަގަކުރުމަށް ގެންގުޅޭ މިންގަނޑުތައް ރެޑްކްރޮސް އަދި ރެޑްކްރެސެންޓް މޫވްމަންޓްގެ (އައި އެފް އާރް ސީ، ބީ އާރް ސީ، އެފް އާރް ސީ) ދިވެހިރާއްޖޭގައި ދާއިމީ ހިޔާވަހިކަން ފޯރުކޮށްދިނުމުގެ ޕޮރްގްރާމްތައް" (މީގެ ފަހުން، "ބޭރުގެ އެހީދޭ ޖަމާޢަތްތަކުން އަޅާދީފައިވާ ގެތައް ދޫކުރާ އުޞޫލު") އާއި "ސުނާމީ ކާރިސާއާއި ގުޅިގެން ސަރުކާރުން ޢިމާރާތްކޮށްދެއްވާ ގެތައް ލިބޭ ފަރާތްތައް ކަނޑައެޅުމުގެ އުޞޫލުތައް" (ކުރިން ބުނެވުނު "ސަރުކާރުން ޢިމާރާތްކޮށްފައިވާ ގެތައް ދޫކުރާ އުޞޫލު") ގެ މަޤްޞަދާއި ޚިލާފަށް ކަމަށްވާތީ، ހައިކޯޓުގެ ނަންބަރު 2016/HC-A/304 ގަޒިއްޔާއިން ކޮށްފައިވާ ޙުކުމް ތަންފީޒުކުރުމަކީ ފާޠިމަތު ޝާޢިރާއާއި އެއްހަމައެއްގައި ތިބި އެހެން ފަރާތްތަކަށް ނުލިބޭ މަންފާއެއް ފާޠިމަތު ޝާޢިރާއަށް ލިބިގެން ދިޔުންކަމަށްވުމުން، އެކަމަކީ ޤާނޫނު އަސާސީގެ 20 ވަނަ މާއްދާއާއި 23 ވަނަ މާއްދާއާ ޚިލާފަށް ހައިކޯޓުން ނިންމާފައިވާ ނިންމުމެއްކަމަށެވެ.

ޤާނޫނުއަސާސީއިން ލިބިދޭ އިޤްތިޞާދީ އަދި އިޖްތިމާއީ ޙައްޤުތައް

ޤާނޫނުއަސާސީގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ އިޤްތިޞާދީ އަދި އިޖްތިމާއީ ޙައްޤުތަކެވެ. ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔުގެ 16 ވަނަ ޕެރެގްރާފްގައި މި މާއްދާ ނަކަލުކުރައްވާފައިވެއެވެ. މި މާއްދާގެ ދަށުން ބޯހިޔާވަހިކަމަކީ ކޮންމެ ރައްޔިތެއްގެ ޙައްޤެއްކަމަށް ބަޔާންވެފައިވެއެވެ. އަދި އެ ޙައްޤު ރައްޔިތުންނަށް ހޯދޭނެ މަގު ތަނަވަސްކޮށްދިނުމަށް ދައުލަތުގެ ތަނަވަސްކަމާއި، ކުޅަދާނަކަން ހުރި މިންވަރަކުން ދައުލަތުން މަސައްކަތްކުރަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

ހުށަހެޅިފައިމިވާ މައްސަލައިގައި ދައުލަތުގެ ފަރާތުން ބުނެފައިވަނީ ފާޠިމަތު ޝާޢިރާގެ ރަށްވެހިވެކަމުގެ ރަޖިސްޓްރީ އޮތީ ރ. ކަނދޮޅުދޫ "މެހުރާ" އަށް ކަމަށް ވާއިރު، ސުނާމީ ކާރިސާއާ ގުޅިގެން ހިންގުނު ބޯހިޔާވަހިކަމުގެ ޕްރޮގްރާމްތަކުގެ ދަށުން އެގެއަށް ބޯހިޔާވަހިކަން ދެވިފައިވާތީ، ފާޠިމަތު ޝާޢިރާ ރަޖިސްޓްރީވެފައިވާ ގޯއްޗަށް ގެއެއް ލިބިފައިވާކަމަށެވެ. އަދި ހައިކޯޓުންނާއި ދަށު ކޯޓުން ޙުކުމް ކޮށްފައިވަނީ ސުނާމީ ކާރިސާގައި ހެދުނު އުސޫލުތަކުގެ މަޤުސަދާ ޚިލާފަށް އަދި އެންމެ އިންސާފުވެރިގޮތަށް ނޫންކަމަށް ދައުލަތުގެ ފަރާތުން ބުނެފައިވެއެވެ.

ސުނާމީ ކާރިސާއާ ގުޅިގެން އެކުލަވާލެވުނު އުސޫލުތައް

"ބޭރުގެ އެހީދޭ ޖަމާޢަތްތަކުން އަޅާދީފައިވާ ގެތައް ދޫކުރާ އުޞޫލު" އަކީ 29 އޮކްޓޯބަރު 2006 ގައި އެކުލަވާލެވުނު އުސޫލެކެވެ. މި އުސޫލު އެކުލަވާލީ ރެޑް ކޮރްސް އަދި ރެޑް ކްރެސެންޓް މޫވްމަންޓް ނުވަތަ ބޭރުގެ ޖަމާޢަތްތަކުންނެވެ. މި އުސޫލުގެ މަޤުސަދަކީ ސުނާމީގައި ގެއްލުންވި އާބާދީތަކަށް އެހީތެރިވެދިނުން ކަމުގައިވާއިރު، ރެޑް ކޮރްސް އަދި ރެޑް ކްރެސެންޓް މޫވްމަންޓްގެ ހަރަކާތްތައް ހިންގަމުންދަނީ އަސާސީ ބޭނުމަށް ބަލައިގެން، ނާޒުކު ފައްތަރެއްގައި ނުވަތަ އެފަދަ ހާލަތެއްގައިވާ މީސްމީހުންނަށް ބޭނުންތައް ފޯރުކޮށްދިނުމުގެ މަޤުސަދުގައިކަމަށް އެ އުސޫލުގައި ބަޔާންކޮށްފައިވެއެވެ. އެހެންކަމުން، ރެޑް ކޮރްސް އަދި ރެޑް ކްރެސެންޓް މޫވްމަންޓްގެ އެއްވެސް ޖަމިއްޔާއަކުން މީސްމީހުންނަށް ސުނާމީގައި ގެއްލިފައިވާ މުދާފަދަ ތަކެއްޗަށް ބަދަލު ދިނުމަކީ ފޯރުކޮށްދެވޭނެކަމެއް ނޫންކަމަށް އެ އުސޫލުގައި ސާފުކޮށް ބަޔާންކޮށްފައިވެއެވެ.

"ބޭރުގެ އެހީދޭ ޖަމާޢަތްތަކުން އަޅާދީފައިވާ ގެތައް ދޫކުރާ އުޞޫލު"ގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެތައް ސަތޭކަ ގެއެއް އަޅައިދިނުމަށް ހަމަޖެހިފައިވެއެވެ. އެއިގެ ތެރެއިން، ރ. ދުވާފަރުގައި އިޖުތިމާއީ ވަސީލަތްތަކާއި ޢިމާރާތްތައް ބިނާކޮށްދިނުމުގެ އިތުރުން، 600 (ހަސަތޭކަ) ގެ އަޅައިދިނުމަށް ހަމަޖެހިފައިވެއެވެ. މި އުސޫލުގެ ދަށުން އެކަކު ދިރިއުޅޭ ގެއަކަށް ބަދަލުގައި އެހެން ގެއެއް ނުލިބެއެވެ. އަދި ޢިމާރާތްކުރަމުންދާ، އެތަނުގައި މީހުން އަދި ދިރިއުޅެން ނުފަށާ ތަންތަން ބަލަނީ ހުސްބިމުގެ ގޮތުގައެވެ. އެހެންނަމަވެސް ރަޖިސްޓްރީ ނުކުރާ އެކަމަކު މީހުން ދިރިއުޅުނު ތަންތަނަށް ބޯހިޔާވަހިކަމުގެ ބޭނުމަށްޓަކައި ރިއާޔަތްކުރެވޭނެކަމަށް އެ އުސޫލުގައި ބަޔާންކޮށްފައިވެއެވެ. އަދި މީހުން ނޫޅޭ ގެއަކަށް ގެއެއް ދިނުމަށް ހަމަޖެހިފައިނުވެއެވެ. ހަމަ އެފަދައިން ހުސްބިމަކަށްވެސް ގެއެއް ނުލިބޭނެކަމަށް ކަނޑައަޅާފައިވެއެވެ.

މީގެ އިތުރުން، ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔުގެ 23 ވަނަ ޕެރެގްރާފްގައި ތަފްސީލުކުރައްވާފައިވާ ފަދައިން، ކޮންމެ ގޯއްޗެއްގައި ދިރިއުޅޭ މީހުންގެ އަދަދުތަކަށް ބަލައި، އަލަށް އަޅައިދޭ ގެތައް ދޫކުރެވޭނެ އަދަދުތައްވެސް ބަލާނެ ވަކި މިންގަނޑެއް ރެޑް ކޮރްސް އަދި ރެޑް ކްރެސެންޓް މޫވްމަންޓްއިން ގެންގުޅުނެވެ. ކުރުކޮށް ބުނާނަމަ، ރެޑް ކޮރްސް އަދި ރެޑް ކްރެސެންޓް މޫވްމަންޓްއިން އަމާޒުހިފީ ހަމަ ހަޤީޤަތުގައިވެސް ބޯހިޔާވަހިކަމަށް އެންމެ ޖެހިފައި ތިބި އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށެވެ.

"ބޭރުގެ އެހީދޭ ޖަމާޢަތްތަކުން އަޅާދީފައިވާ ގެތައް ދޫކުރާ އުޞޫލު" 29 އޮކްޓޯބަރު 2006 ގައި އެކުލަވާލެވުނު ފަހުން، އެއިގެ ގާތްގަނޑަކަށް ތިން މަސް ފަހުން، 30 ޖެނުއަރީ 2007 ގައި އެކުލަވާލި "ސަރުކާރުން ޢިމާރާތްކޮށްފައިވާ ގެތައް ދޫކުރާ އުޞޫލު" އަށް ބަލާއިރު، "ބޭރުގެ އެހީދޭ ޖަމާޢަތްތަކުން އަޅާދީފައިވާ ގެތައް ދޫކުރާ އުޞޫލު" އާ ތަފާތުކަން ފާހަގަކުރެވެއެވެ. އެގޮތުން، "ބޭރުގެ އެހީދޭ ޖަމާޢަތްތަކުން އަޅާދީފައިވާ ގެތައް ދޫކުރާ އުޞޫލު" ގެ ދަށުން ބޯހިޔާވަހިކަން ނުލިބޭ ފަރާތްތަކަށް "ސަރުކާރުން ޢިމާރާތްކޮށްފައިވާ ގެތައް ދޫކުރާ އުޞޫލު" ގެ ދަށުން ބޯހިޔާވަހިކަން ހަމަޖައްސައިދޭކަން ފާހަގަކުރެވެއެވެ.

މިސާލަކަށް، "ސަރުކާރުން ޢިމާރާތްކޮށްފައިވާ ގެތައް ދޫކުރާ އުޞޫލު" ގެ 1 ވަނަ ނަންބަރުގެ (ހ) ގައި ސުނާމީ ކާރިސާގައި އެއްކޮށް ވެއްޓިފައިވާ ގެއަކަށް ގެއެއް އަޅައިދޭނެކަމަށް ބަޔާންކޮށްފައިވާއިރު، އެ އަކުރުގެ 1 ވަނަ ނުކުތާގައި، ސުނާމީ ކާރިސާ ދިމާވިއިރު ޢިމާރާތުގެ ރަޖިސްޓްރީ ނުހައްދާ ގޭގެ ހިމެނޭނެކަމަށާއި، 2 ވަނަ ނުކުތާގައި، އެފަދަ ގެއެއްގައި އެންމެ މީހަކު ދިރިއުޅުނަސް ބަދަލުގައި ގެއެއް ލިބޭނެކަމަށާއި، 3 ވަނަ ނުކުތާގައި 2 (ދޭއް) ގެ ހުރި މީހަކަށް ލިބޭނީ އެންމެ ގެއެއްކަމަށާއި، އަދި 4 ވަނަ ނުކުތާގައި ދިރިއުޅެން ނުފަށާ ހުރި ގެއަކަށްވެސް ގެއެއް ލިބޭނެކަމަށް ބަޔާންކޮށްފައިވެއެވެ.

"ސަރުކާރުން ޢިމާރާތްކޮށްފައިވާ ގެތައް ދޫކުރާ އުޞޫލު" ގެ 1 ވަނަ ނަންބަރުގެ (ރ) ގައި ސުނާމީ ކާރިސާގެ ކުރިން އެމީހެއްގެ ނަމުގައި ގޯއްޗެއް އޮތްނަމަ، އެމީހަކު ބަދަލުވާ ރަށަކުން އެގޯތީގެ ބަދަލުގައި ކަނޑައެޅިފައިވާ އުސޫލުން ގޯއްޗެއް ލިބޭނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި 1 ވަނަ ނަންބަރުގެ (ބ) ގައި ސުނާމީ ކާރިސާއާ ގުޅިގެން އެއްރަށުން އަނެއް ރަށަށް ގެ ބަދަލުވާއިރު ރިޢާޔަތްކުރަންޖެހޭ ކަންކަން ބަޔާންކޮށްފައިވާއިރު، އެ އަކުރުގެ 4 ވަނަ ނުކުތާގައި، އުސޫލެއްގެ ގޮތުން ގެ ލިބޭ ފަރާތުން، އޭނާގެ ނަމުގައި އޮތް ގެއާއި، ގޯއްޗާއި އަދި މުސްތަޤުބަލުގައި ތަރިކައިގެ ގޮތުން ލިބެންހުރި ގެއާއި ގޯތި ސަރުކާރަށް ދޫކޮށްލަންޖެހޭނެކަމަށް ބަޔާންކޮށްފައި އޮތުމުން، މި އުސޫލުގެ ދަށުން ގެ ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ވަޒަންވެރިކަން ދޫކޮށްލާ ރަށުން ލިބިފައިވާ އެހެން ހުރިހާ ތަނެއް ދޫކުރުން ލާޒިމުވެއެވެ. އަދި މުޅި އުސޫލަށް ބަލާއިރު، އަލަށް ވަޒަންވެރިވާ ރަށަކުންވެސް އެންމެ މީހަކަށް އެއް ގެއަށްވުރެ ގިނަ ގެ ދޫކުރުމަކީ ދައުލަތުގެ ނިޔަތެއް ނޫންކަމުގައި އެނގެއެވެ.

"ސަރުކާރުން ޢިމާރާތްކޮށްފައިވާ ގެތައް ދޫކުރާ އުޞޫލު" ގެ 1 ވަނަ ނަންބަރުގެ (ޅ) ގައި ގެއާއި ގޯތި ލިބޭނެ ފަރާތްތައް ކަނޑައެޅުމުގައި ބެލެވޭނެ މުހިންމު ކަންތައްތަކެއް ބަޔާންކުރެވިފައިވާއިރު، އެއިގެ ތެރޭގައި ވަގުތީ ހިޔާ ހުސްވާނެ ގޮތަކަށް ގެއާއި ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުން ހިމެނެއެވެ.

ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ އުސޫލުތަކުގެ މަޤުސަދު

"ބޭރުގެ އެހީދޭ ޖަމާޢަތްތަކުން އަޅާދީފައިވާ ގެތައް ދޫކުރާ އުޞޫލު" އަށާއި "ސަރުކާރުން ޢިމާރާތްކޮށްފައިވާ ގެތައް ދޫކުރާ އުޞޫލު" އަށް ޖުމްލަކޮށް ބަލާއިރު، ފަހުން ހެދުނު "ސަރުކާރުން ޢިމާރާތްކޮށްފައިވާ ގެތައް ދޫކުރާ އުޞޫލު" އަކީ "ބޭރުގެ އެހީދޭ ޖަމާޢަތްތަކުން އަޅާދީފައިވާ ގެތައް ދޫކުރާ އުޞޫލު" ގެ ދަށުން ގެއެއް ލިބުމަށް ޝަރުޠުހަމަނުވާ ފަރާތްތަކަށް ދައުލަތުން ގެއެއް ނުވަތަ ގޯއްޗެއް ހަމަޖައްސައިދިނުމުގެ ގޮތުން އެކުލަވާލެވިފައިވާ އުސޫލެއްކަމަށް ބެލެވެއެވެ. ދެ އުސޫލުގެ ދަށުންވެސް އެންމެ މީހަކަށް ދެ ގެ ދިނުން ހުއްދަ ނުކުރާކަން ސާފެވެ.

"ސަރުކާރުން ޢިމާރާތްކޮށްފައިވާ ގެތައް ދޫކުރާ އުޞޫލު" ގެ އިބާރާތަށް ބަލާއިރު، ސަރުކާރުން ދޫކުރާ ގެ ނުވަތަ ގޯތި ދޫކުރާ ފަރާތްތައް ދެބަޔަކަށް ބެހޭކަން ފާހަގަކުރެވެއެވެ. ފުރަތަމަ ބަޔަކީ، ސުނާމީ ކާރިސާގައި އެއްކޮށް ގެ ވެއްޓިފައިވާ، އަދި ދިރިއުޅޭނެ ތަނެއް ހަމަޖެހިފައިނުވާ ފަރާތްތައް ކަމުގައިވާއިރު، ދެވަނަ ބަޔަކީ ސުނާމީ ކާރިސާއާ ގުޅިގެން އެއް ރަށުން އަނެއް ރަށަށް ބަދަލުވާ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމެވެ. ސުނާމީ ކާރިސާގައި އެއްކޮށް ގެ ވެއްޓިފައިވާ، އަދި "ބޭރުގެ އެހީދޭ ޖަމާޢަތްތަކުން އަޅާދީފައިވާ ގެތައް ދޫކުރާ އުޞޫލު" އަށް ނުފެތޭ މީހެއްގެ މިސާލު ނަގާނަމަ، މީގެ ތެރޭގައި އެންމެ ގެއެއްގައި ދިރިއުޅޭ އެންމެ މީހެއް ހިމެނޭނެއެވެ. "ބޭރުގެ އެހީދޭ ޖަމާޢަތްތަކުން އަޅާދީފައިވާ ގެތައް ދޫކުރާ އުޞޫލު" އަށް ދާނަމަ، އެފަދަ މީހެއްގެ، އާއިލާގެ އެހެން ބަޔަކު ތިބިނަމަ އެ ބަޔަކާ އެކު ދިރިއުޅެން ނުވަތަ އެނޫންވެސް ބަޔަކާއެކު ދިރިއުޅެން ބާރުއަޅައެވެ. އަދި "ބޭރުގެ އެހީދޭ ޖަމާޢަތްތަކުން އަޅާދީފައިވާ ގެތައް ދޫކުރާ އުޞޫލު" ގެ މަޤުސަދަކީ، ކުރިންވެސް ފާހަގަކުރެވުނު ފަދައިން، ބަޔަކަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އެހީތެރިވެދިނުމަށްވުރެ، ހަމަ ޙަޤީޤަތުގައިވެސް ބޯހިޔާވަހިކަމަށް ޖެހިފައިތިބި އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމެވެ.

މިއާ ޚިލާފަށް "ސަރުކާރުން ޢިމާރާތްކޮށްފައިވާ ގެތައް ދޫކުރާ އުޞޫލު" އަށް ބަލާއިރު، މި އުސޫލުގެ މަޤުސަދަކީ "ބޭރުގެ އެހީދޭ ޖަމާޢަތްތަކުން އަޅާދީފައިވާ ގެތައް ދޫކުރާ އުޞޫލު" އަށް ޢަމަލުކުރުމުން ނިކުންނަ ބައެއް އިޖުތިމާއީ މައްސަލަތައް ހައްލުކުރެވި އަދި، އެއް ރަށުން އަނެއް ރަށަށް ބަދަލުވާ ފަރާތްތަކަށް ބޯހިޔާވަހިކަން ހަމަޖައްސައިދިނުންކަން އެނގެއެވެ.

ދައުލަތުގެ ބޭނުމަށް ނަގާ މީސްމީހުންގެ މުދަލަށް ބަދަލު ދިނުމަކީ ޒަމާނުއްސުރެ ދިވެހިރާއްޖޭގެ އާދަކާދައެވެ. އޭގެ މިސާލެއްގެ ގޮތުން 1961 ގައި މާލެ އަތޮޅު ވިލިނގިލިން ހުޅުލެއަށް މީހުން ބަދަލުކުރެވުނުގޮތް ފާހަގަކޮށްލެވެއެވެ. އެފަހަރު ދައުލަތުން ބަދަލުދިނީ ހަމައެކަނި ގޯތި ގެދޮރަކަށް ނޫނެވެ. ރުއްގަހަށްވެސް ބަދަލުދިނެވެ.

1968 ގެ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 10 ވަނަ މާއްދާގައި، ޤާނޫނުގައި ބަޔާންވެގެންވާ ހާލަތްތަކެއްގައި ޢާންމުވެގެންވާ މަންފާއަކަށްޓަކައި އަދި ޤާނޫނުގައި ބަޔާންވެގެންވާ ފަދައަކުން، އެ އެއްޗަކަށް ޢަދުލުވެރިގޮތަށް ބަދަލުދީފައިމެނުވީ، ހަމަ އެކަކުގެ ކިބައިންވެސް އެމީހާގެ އެއްވެސް މިލްކުވެރިކަމެއް ނިގުޅައި ނުގަނެވޭނެކަމަށް ބަޔާންކޮށްފައިވެއެވެ. 1998 ގެ ޤާނޫނުއަސާސީގެ 23 ވަނަ މާއްދާގެ (2) ވަނަ ނަންބަރުގައި މި މަފްހޫމް ތަކުރާރުކުރެވިފައިވެއެވެ. 2008 ގައި ޢަމަލުކުރަންފެށި ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ށ) ގައިވެސް މުދަލުގެ މިލްކުވެރިކަމުގެ ޙައްޤާއި ދައުލަތުން މީހެއްގެ މުދަލެއް ނަގާނަމަ، ކޯޓުން ކަނޑައަޅައި ޢަދުލުވެރި ބަދަލެއް ދޭންޖެހޭކަމަށް ބަޔާންކޮށްފައިވެއެވެ.

ވުމާއެކު، "ސަރުކާރުން ޢިމާރާތްކޮށްފައިވާ ގެތައް ދޫކުރާ އުޞޫލު" ގެ މަޤުސަދުތަކުގެ ތެރޭގައި ޒަމާނުއްސުރެ ދިވެހިރާއްޖޭގައި ދައުލަތަށް ނަގާ ބިންތަކަށް ބަދަލުދިނުމުގެ މަފްހޫމް އެކުލެވިގެންވާކަން އެ އުސޫލަށް ބެލުމުން އެނގެއެވެ. ހުށަހެޅިފައިމިވާ މައްސަލައިގައި ރ. ދުވާފަރު މެޖިސްޓްރޭޓް ކޯޓުންވެސް ހަވާލާދީފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/273 ގަޒިއްޔާއަށް ބެލުމުން، 26 ޑިސެންބަރު 2004 ގައި ދިމާވި ސުނާމީ ކާރިސާއާ ގުޅިގެން ރ. ކަނދޮޅުދޫއިން ބޯހިޔާވަހިކަން ގެއްލިފައިވާ ފަރާތްތަކަށް ދާއިމީ ބޯހިޔާވަހިކަން ހޯދައިދިނުމަށް ރ. ދުވާފަރުގައި 600 (ހަސަތޭކަ) ގެ ޢިމާރާތްކޮށް އެގެތައް ޙައްޤުވާ ފަރާތްތަކަށް އެ ގެތައް ހަވާލުކޮށްފައިވާކަމަށް ފާހަގަކޮށްފައިވެއެވެ. "ބޭރުގެ އެހީދޭ ޖަމާޢަތްތަކުން އަޅާދީފައިވާ ގެތައް ދޫކުރާ އުޞޫލު" ގެ ދަށުން ރެޑް ކޮރްސް އަދި ރެޑް ކްރެސެންޓް މޫވްމަންޓްއިން ރ. ދުވާފަރުގައި 600 (ހަސަތޭކަ) ގެ އަޅައިދޭން ހަމަޖެހިފައިވާކަމަށް ބަޔާންކޮށްފައި އޮތުމުން، ބުނެވުނު ހައިކޯޓުގެ ގަޒިއްޔާގައި ފާހަގަކޮށްފައިވަނީ ބޭރުގެ އެހީތެރިކަމާއެކު އަޅައިދީފައިވާ 600 ގެ ކަމަށް ބެލެވެއެވެ.

ހައިކޯޓުގެ ނަންބަރު 2012/HC-A/273 ގަޒިއްޔާގައި، ފުރަތަމަ އިމާރާތްކުރެވުނު 600 ގޭގެ އިތުރުން، ސަރުކާރުން އިތުރު 76 ގެއެއް ޢިމާރާތްކުރުމަށް ހަމަޖައްސާފައިވާކަން ފާހަގަކޮށް، އެ ގަޒިއްޔާގައި އިސްތިއުނާފުކުރި ފަރާތް ކަމުގައިވާ ޙަސަން އިބްރާހީމްއަކީ އެ ލިސްޓުގެ 72 ވަނައިގައިވާ ނަންކަމަށާއި، އަދި އޭނާއަކީ މާލޭގައި ދިރިއުޅެމުންދިޔަ މީހެއްކަމަށް ބަޔާންކޮށްފައި އޮތުމުން، އެ މައްސަލައިގައި ހަވާލާދީފައިވާ 76 ގެއަކީ ރެޑް ކޮރްސް އަދި ރެޑް ކްރެސެންޓް މޫވްމަންޓްއިން އެކުލަވާލި "ބޭރުގެ އެހީދޭ ޖަމާޢަތްތަކުން އަޅާދީފައިވާ ގެތައް ދޫކުރާ އުޞޫލު" ގެ ދަށުން ވަކި ގެއެއް ލިބުމަށް ޝަރުޠުހަމަނުވާ، އެހެންނަމަވެސް "ސަރުކާރުން ޢިމާރާތްކޮށްފައިވާ ގެތައް ދޫކުރާ އުޞޫލު" އަށް ޝަރުތުހަމަވާ ފަރާތްތަކަށް ދައުލަތުން ހަމަޖައްސައިދޭ 76 ގެ ކަން ފާހަގަކުރެވެއެވެ.

އެ ގަޒިއްޔާގައި ޙަސަން އިބްރާހީމްގެ ޝަކުވާއަކަށްވީ 76 މީހުންގެ ލިސްޓުގެ 72 ވަނައިގައި އޭނާގެ ނަން އޮތްއިރު، 2011 ވަނަ އަހަރުގައި ރ. ދުވާފަރު މެޖިސްޓްރޭޓް ކޯޓުގައި އޭނާ ދަޢުވާކުރިއިރުވެސް، ދައުލަތުން އޭނާއަށް ގެއެއް ހަމަޖައްސައިނުދީ އޮތް އޮތުމެވެ. އެ ގަޒިއްޔާގައި ހައިކޯޓުންވެސް ބުނެފައިވަނީ ޤާނޫނުއަސާސީގެ 23 ވަނަ މާއްދާ ދައުލަތުގެ މައްޗަށް ލާޒިމްކޮށްފައިވާ މިންވަރަކީ ދައުލަތުގެ ތަނަވަސްކަމާއި، ކުޅަދާނަކަން ހުރި މިންވަރަކަށް ނިސްބަތްކޮށްކަމުގައިވީ ހިނދު، ކާރިސާތަކުގައި ގެދޮރުނެތި ގޮސްފައިހުރި ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ، ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ މީހުން އެކަމަށް ބޭނުންޖެހިފައިވާ މިންވަރަށް ހިނދުން ހިނދަށް ދައުލަތުގެ މައްޗަށް ކުރުން ލާޒިމުވެގެންވާ ކަމަކަށްވުރެ ބޮޑަށް، ދައުލަތުގެ ކެރިފޯރުންތެރިކަމުގެ މައްޗަށް ބަރޯސާވެފައިވާކަމެއްކަމަށެވެ.

ދައުލަތުގެ ކެރިކުޅަދާނަކަން ވ. ޢަދުލުވެރި ބަދަލު

ފާޠިމަތު ޝާޢިރާ ރ. ދުވާފަރު މެޖިސްޓްރޭޓް ކޯޓުގައި ކޮށްފައިވާ ދަޢުވާއަށް ބަލާއިރު، ފާޠިމަތު ޝާޢިރާގެ މައިގަނޑު ޝަކުވާއަކީ ދައުލަތުގެ ހުއްދައާއެކު އޭނާގެ އަމިއްލަ ޚަރަދުގައި ރ. ކަނދޮޅުދޫ ފަޅުން ހިއްކާފައިވާ ބިމެއް، 2002 ގައި ރަޖިސްޓްރީ ކުރުމަށްފަހު، އެތަނުގައި ޢިމާރާތެއްކޮށް، އެތަނުގައި އޭނާގެ އެއިރުގެ ފިރިމީހާ ދިރިއުޅެމުން އަދި މަސައްކަތްކުރަމުން ދިޔައިރު، ރ. ކަނދޮޅުދޫއަކީ މީހުން ދިރިއުޅޭ ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެއް ނޫންކަމަށް 14 އޮކްޓޯބަރު 2010 ގައި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ކަނޑައެޅިގެން ދިޔައިރު، ރ. ކަނދޮޅުދޫގައި ހުރި ފާޠިމަތު ޝާޢިރާގެ ގެއަށް ބަދަލުގައި ގެއެއް ލިބިފައިނުވާކަމުގެ ޝަކުވާއެވެ. ފާޠިމަތު ޝާޢިރާ ރ. ކަނދޮޅުދޫގައި އަމިއްލައަށް ހިއްކި "ސީނާޒް" އެވެ ކިޔާގޯތީގައި ޢިމާރާތެއްކޮށްފައިވާއިރު، އެ ޢިމާރާތް ރަޖިސްޓްރީ ނުކުރެވި އޮތީ އެގެ އެއްކޮށް ހަދާ ނުނިމޭތީކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ފާޠިމަތު ޝާޢިރާ ބުނެފައިވެއެވެ. "ސީނާޒް" ގޯތި ރަޖިސްޓްރީ ކުރީ 2002 ގައި ކަމުގައިވާއިރު، ރަޖިސްޓްރީ ކުރި ތާރީޚާއި 2004 ގެ ސުނާމީ ކާރިސާގެ ތާރީޚާ ދެމެދު މާ ގިނަ ދުވަސް ހިނގާފައިނުވާކަން ފާހަގަކުރަމެވެ.

ފާޠިމަތު ޝާޢިރާގެ ނަމުގައި "ސީނާޒް" ގޯތި އޮތްނަމަވެސް، ސުނާމީ ކާރިސާގެ ތާރީޚުގައި ފާޠިމަތު ޝާޢިރާގެ ރަށްވެހިކަމުގެ ރަޖިސްޓްރީ އޮތީ އޭނާގެ މައިންބަފައިންގެ ގެ، ރ. ކަނދޮޅުދޫ "މެހުރާ" އެވެ ކިޔާ ގޯތީގައެވެ. އަދި ފާޠިމަތު ޝާޢިރާގެ ދަރިންގެ ރަޖިސްޓްރީ އޮތީ އެ ކުދިންގެ ބައްޕަގެ ގޭގައެވެ. ފާޠިމަތު ޝާޢިރާ އެއިރު ދިރިއުޅެމުންދިޔައީ މާލޭގައި އޭނާގެ ދަރިންނަށް ތައުލީމު ހާސިލުކޮށްދިނުމަށްޓަކައެވެ.

ފާޠިމަތު ޝާޢިރާގެ މައިންބަފައިންގެ "މެހުރާ" ގޯތީގައި ރަޖިސްޓްރީވެފައި ތިބި އެންމެންނަށް ބޯހިޔާވަހިކަން ހަމަޖެހިގެން ދިޔައެވެ. އެގޮތުން، "ބޭރުގެ އެހީދޭ ޖަމާޢަތްތަކުން އަޅާދީފައިވާ ގެތައް ދޫކުރާ އުޞޫލު" ގެ ދަށުން އެއް ގޯއްޗެއްގައި އުޅުނު ވަކި ގޭބިސީތަކަށް ނުވަތަ ވަކި އާއިލާތަކަށް ރ. ދުވާފަރުން ވަކި ގެތައް ހަމަޖެހިގެން ދިޔައެވެ. ފާޠިމަތު ޝާޢިރާއަށް ބޯހިޔާވަހިކަން ލިބުނީ އޭނާގެ މައިންބަފައިންނާއި އާއިލާގެ އެހެން މެންބަރަކާ އެކުގައެވެ.

ސުވާލަކީ، ފާޠިމަތު ޝާޢިރާގެ ރަށްވެހިކަމުގެ ރަޖިސްޓްރީ އޭނާގެ މައިންބަފައިންގެ "މެހުރާ" ގޯތީގައި އޮތް އޮތުމުން، އަދި އެ ރަޖިސްޓްރީގެ މައްޗަށް ބިނާކޮށް އޭނާއަށް ބޯހިޔާވަހިކަން ރ. ދުވާފަރުގައި ހަމަޖެހިގެންދިޔައިރު، އޭނާގެ އަމިއްލަ ޚަރަދުގައި ބިން ހިއްކައި، ރަޖިސްޓްރީކޮށް، ޢިމާރާތްކޮށްފައިވާ ގެއަށް ބަދަލެއް ނުލިބޭނެ ހެއްޔެވެ؟

ދައުލަތުން މި މައްސަލައިގައި ބުނަނީ ބޯހިޔާވަހިކަމަކީ ދައުލަތުގެ ކެރިކުޅަދާނަކަން ހުރި މިންވަރުން ފޯރުކޮށްދެވޭނެ އެއްޗެއް ކަމަށެވެ.

ކުރިންވެސް ފާހަގަކުރެވުނު ފަދައިން، "ސަރުކާރުން ޢިމާރާތްކޮށްފައިވާ ގެތައް ދޫކުރާ އުޞޫލު" އަށް ބަލާއިރު، އެ އުސޫލުގެ މަޤުސަދަކީ "ބޭރުގެ އެހީދޭ ޖަމާޢަތްތަކުން އަޅާދީފައިވާ ގެތައް ދޫކުރާ އުޞޫލު" ގެ ދަށުން ބޯހިޔާވަހިކަން ފޯރުކޮށްނުދެވޭ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ނިޔަތުގައި އެކުލަވާލި އުސޫލެއްކަން އެ އުސޫލަށާއި، ދައުލަތުން މިހައިތަނަށް ޢަމަލުކޮށްފައިވާ ގޮތަށް ބެލުމުން އެނގެއެވެ.

ބައެއްގެ ބޯހިޔާވަހިކަން އިތުރަށް ތަނަވަސްކޮށްދިނުމާ ގުޅުވައިގެން ދައުލަތުގެ ކެރިކުޅަދާނަކަން ހުރި މިންވަރުގެ ވާހަކަ ދެކެވިދާނެއެވެ. މިސާލަކަށް ސުނާމީ ކާރިސާގައި ދިވެހިރާއްޖޭގައި ގެއްލުންވި އެންމެހައި ގޯތިގެދޮރަށް ދައުލަތުން ގެއްލުމުގެ ބަދަލު ނުވަތަ ބޯހިޔާވަހިކަން ހަމަޖައްސައި ނުދެވިދާނެއެވެ. އެފަދަ ހާލަތެއްގައި، ބޯހިޔާވަހިކަމަށް އެންމެ ބޭނުންޖެހިފައި ތިބި މީހުން ކަނޑައަޅައި، އެފަދަ މީހުންނަށް ދައުލަތުން އިސްކަން ދެވިދާނެއެވެ.

ހަމަ އެފަދައިން، ރާއްޖޭގެ އެންމެ ރަށެއްގައި ސުނާމީ ކާރިސާގެ ސަބަބުން ގެއްލުންވި އެންމެހައި ފަރާތްތަކަށް ދައުލަތުން ބޯހިޔާވަހިކަން ހަމަޖައްސައި ނުދެވިދާނެއެވެ. ބޯހިޔާވަހިކަން ހަމަޖައްސައިދެވޭނީ އޮންނަ އުސޫލެއްގެ ތެރެއިން ދައުލަތުން ކަނޑައަޅައި ވަކި މިންގަނޑަކަށް ފެތޭ، އެހީތެރިކަމަށް އެންމެ ބޭނުންޖެހިފައިތިބި މީހުންނަށެވެ. އެއް ރަށެއްގައި ދައުލަތުން ފޯރުކޮށްދޭ މިފަދަ އެހީތެރިކަން އެ ރަށެއްގެ ވަކި ބަޔަކަށް ލިބިދާނެއެވެ. އެ ލިބޭ ބައެއްގެ ދިރިއުޅުން ދައުލަތުގެ ކެރިފޯރުންތެރިކަން ހުރި މިންވަރުން ތަނަވަސްކޮށްދެވިދާނެއެވެ.

މިއާ ޚިލާފަށް ދައުލަތުން ނިންމާ ނިންމުމެއްގެ ސަބަބުން މީހެއްގެ މުދަލެއް އެމީހެއްގެ އަތުން ގެއްލިގެންދާ ހާލަތު ވަރަށް ތަފާތެވެ. އެގޮތުން، އެއް ރަށެއްގައި ސުނާމީގައި ގެއްލުން ލިބުނު ބައެއް ގެތަކަށް ދައުލަތުގެ އެހީތެރިކަން ލިބުނު ނަމަވެސް، އަނެއްބައި ގެތަކަށް އެފަދަ އެހީތެރިކަމެއް ނުލިބިގޮސްދާނެއެވެ. އެހީތެރިކަން ނުލިބޭ މީސްމީހުންނަށް ކުރިމަތިވެފައި އޮތް މައްސަލައަކަށްވާނީ ގެއްލުން ލިބިފައިވާ މުދަލެއް އަމިއްލަ ޚަރަދުގައި އަލުން ހަދައި އެ މުދަލެއް ބޭނުންކުރުމުގެ ފުރުސަތުއޮތުމެވެ. މުދަލެއް ނުގެއްލޭނެއެވެ. މުދަލުގެ މިލްކުވެރިކަން އެގޮތުގައި ދެމިއޮންނާނެއެވެ.

ދައުލަތުން އެއް ރަށުން އަނެއް ރަށަށް މީހުން ބަދަލުކުރުމުގައި މިހައިތަނަށް ގެންގުޅެފައިވާ ސިޔާސަތަކީވެސް މީހެއްގެ އަތުން ގެއްލޭ ގޯއްޗެއްވާނަމަ، އަލަށް ބަދަލުވާ ރަށުން އެހެން ގޯއްޗެއް ހަމަޖައްސައިދިނުމެވެ. ގެއެއް ގެއްލިގެންދާނަމަ، ބަދަލުވާ ރަށުން ގެއެއް ހަމަޖައްސައިދިނުމެވެ.

ދައުލަތުގެ ސިޔާސަތުގެ ތެރެއިން ނިންމާ ނިންމުމެއްގެ ސަބަބުން، މީހެއްގެ މުދަލެއް ގެއްލިގެންދާ ހާލަތުގައި ޤާނޫނުއަސާސީގެ 23 ވަނަ މާއްދާއާ ހަވާލާދީ، ދައުލަތުގެ ކެރިކުޅަދާނަކަން ހުރި މިންވަރު ހުއްޖަތެއްގެ ގޮތުގައި ބޭނުންކުރެވިދާނެކަމަކަށް އަހުރެން ނުދެކެމެވެ. ސަބަބަކީ ޒަމާނުއްސުރެން ދައުލަތުން ޢަމަލުކުރަމުންދިޔަ އެކި ޤާނޫނުއަސާސީތަކުގެ ދަށުން، އަދި މިހާރުވެސް ޢަމަލުކުރަމުންދާ ޤާނޫނުއަސާސީގެ ދަށުންވެސް މުދާ ގެންގުޅުމުގެ ޙައްޤަކީ، އެއްވެސް ފަރާތަކަށް އެ ޙައްޤު ނިގުޅައިގަތުމުގެ، ނުވަތަ އުނިކަމެއް އަންނާނެފަދަ ގޮތަކަށް ޢަމަލުކުރުމުގެ ޙައްޤުއޮތް ކަމަކަށްނުވާތީ (inalienable right) އެވެ. މިއީ ޢާންމު އުސޫލެވެ.

ހުށަހެޅިފައިމިވާ މައްސަލައިގައި ކަންހިނގާދިޔަ ގޮތަށް ބަލާއިރު، ރ. ކަނދޮޅުދޫ މީހުން ދިރިނޫޅޭ ފަޅުރަށެއްގެ ގޮތުގައި ހަމަޖެހިގެން ދިޔައީ 2008 ގެ ޤާނޫނުއަސާސީއަށް ޢަމަލުކުރަންފެށި ފަހުން ކަމުގައިވީނަމަވެސް، އެ ރަށު މީހުން ރ. ދުވާފަރަށް ބަދަލުކުރުމާ ގުޅޭ އުސޫލުތައް އެކުލަވާލެވިފައިވަނީ 2008 ގެ ޤާނޫނުއަސާސީ އެކުލަވާލެވުމުގެ ކުރިންނެވެ. ނަމަވެސް "ސަރުކާރުން ޢިމާރާތްކޮށްފައިވާ ގެތައް ދޫކުރާ އުޞޫލު" އަށް އެކަނި ބެލިކަމުގައިވީނަމަވެސް، އެއް ރަށުން އަނެއް ރަށަށް މީހުން ބަދަލުކުރެވިގެންދިޔައިރު، ދައުލަތުގެ ނިޔަތަކީ ނުވަތަ މަޤުސަދަކީވެސް ކުރިން ދިރިއުޅުނު ރަށުގައި ގޯތިއޮތް މީހުންނަށް ފަހުން ބަދަލުވާ ރަށުން ގޯއްޗެއް ނުވަތަ ގެއެއް ދޫކުރުންކަން އެނގެއެވެ. މި އުސޫލުގެ ތެރޭގައި ދެ ގޯތި ނުވަތަ ގެ ހުރި ފަރާތްތައް ނުހިމެނޭކަން ފާހަގަކުރެވެއެވެ. ނަތީޖާއަކީ އަލަށް ބަދަލުވާ ރަށުން އެންމެ މީހަކަށް ދެ ގޯތި ނުވަތަ ގެ ނުލިބުމެވެ.

ފާޠިމަތު ޝާޢިރާގެ މައްސަލައިގައި، ސުނާމީ ކާރިސާ އައިއިރު، އޭނާ އަމިއްލައަށް ބިމެއް ހިއްކައި، އެތަނުގައި ގޯތި ރަޖިސްޓްރީކޮށް، އަދި ޢިމާރާތްކުރަންފަށާފައިވެއެވެ. އެ ޢިމާރާތުގައި ކަރަންޓުލައި، އެތަނުގައި އޭނާގެ ފިރިމީހާ ދިރިއުޅެމުން ގެންދިޔައެވެ. ޢިމާރާތް ފުރިހަމަނުވާތީ ޢިމާރާތުގެ ރަޖިސްޓްރީ ނުހެއްދި އުޅެނިކޮށް ސުނާމީ ކާރިސާ އައިސް، ރ. ކަނދޮޅުދޫ ފަޅު ރަށެއްގެ ގޮތުގައި ހަމަޖެހިގެން ދިޔައެވެ.

ސުނާމީގެ ކުރިން ފާޠިމަތު ޝާޢިރާގެ ގޯތިގެދޮރުގެ ހާލަތަކީ، އޭނާގެ އަމިއްލަ ނަމުގައި ވަކި ގޯއްޗެއް ރަޖިސްޓްރީވެފައި އޮވެމެ، އެތަނުގައި ޢިމާރާތެއް ހަދައި، އެތަނުގައި އޭނާގެ ކުރީގެ ފިރިމީހާ ދިރިއުޅެމުން ދިޔަކަމެވެ. ރ. ދުވާފަރަށް ރ. ކަނދޮޅުދޫ މީހުން ބަދަލުކުރުމަށްފަހު ފާޠިމަތު ޝާޢިރާގެ ގޯތިގެދޮރުގެ ހާލަތަކީ، އޭނާގެ ނަމުގައި ކުރިން ވަކި ގޯއްޗެއް ރަޖިސްޓްރީ ކުރެވިފައިވީނަމަވެސް، މިހާރު އޭނާއަށް ލިބިފައިވަނީ އޭނާގެ މައިންބަފައިންނާއި އިތުރު ތިމާގެ މީހަކާއެކު 1 (އެކެއް) ގެ ކަމުގައިވުމެވެ. މިގޭގެ ރަޖިސްޓްރީގައި ފާޠިމަތު ޝާޢިރާގެ ނަން ހިމެނިގެން ދިޔައީ، ރ. ކަނދޮޅުދޫ "މެހުރާ" އެވެ ކިޔުނު ގޯތީގެ ރަޖިސްޓްރީގައި އޭނާގެ ނަން އޮވެގެންނެއްނޫނެވެ. ނަމަވެސް، ފާޠިމަތު ޝާޢިރާގެ ރަށްވެހިކަން ރަޖިސްޓްރީކޮށްފައިވަނީ ރ. ކަނދޮޅުދޫ "މެހުރާ" އެވެ ކިޔުނު ގޯއްޗަށް ކަމުގައިވާތީއެވެ.

މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ރިޢާޔަތްކޮށް، ފާޠިމަތު ޝާޢިރާ ރަށްވެހިވެފައިވަނީ އޭނާގެ މައިންބަފައިންގެ ގޯއްޗަށްކަމަށް އޮތް އޮތުމަކީ، އަދާލަތުގެ ހަމަތަކުން، "ސަރުކާރުން ޢިމާރާތްކޮށްފައިވާ ގެތައް ދޫކުރާ އުޞޫލު" ގެ ބޭނުމަށްޓަކައި، އޭނާގެ ވަކި ގޯއްޗެއް ނެތްކަމުގައި ނުވަތަ އޭނާއަކީ ވަކި ގޯއްޗެއް ނުވަތަ ގެއަކަށް ޝަރުޠު ހަމަނުވާ މީހެއްކަމުގައި ބަލަންޖެހޭ ސަބަބެއްނޫނެވެ.

ރ. ދުވާފަރު މެޖިސްޓްރޭޓް ކޯޓުންވެސް އަދި ހައިކޯޓުންވެސް މި މައްސަލައިގައި ކަނޑައަޅާފައިވަނީ ފާޠިމަތު ޝާޢިރާއަކީ "ސަރުކާރުން ޢިމާރާތްކޮށްފައިވާ ގެތައް ދޫކުރާ އުޞޫލު" ގެ 1 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނުކުތާގެ ދަށުން ޝަރުޠުހަމަވާ މީހެއް ކަމުގައިވާއިރު، ފާޠިމަތު ޝާޢިރާއަށް ރ. ދުވާފަރުން ބޯހިޔާވަހިކަން ހަމަޖެހިގެންދިޔައީ، އެއިގެ މަންފާ އޭނާއަށް އެންމެ ފުރިހަމަ ގޮތުގައި ލިބިދެވޭނެ "ސަރުކާރުން ޢިމާރާތްކޮށްފައިވާ ގެތައް ދޫކުރާ އުޞޫލު" ގެ ދަށުން ކަމުގައިނުވާއިރު، ދައުލަތުގެ ސިޔާސަތެއްގެ ސަބަބުން ފާޠިމަތު ޝާޢިރާގެ އަތުން އޭނާގެ މުދަލެއް ގެއްލިގެންދިޔަ ހިނދު، އެ ކަމަކީ ޤާނޫނުއަސާސީގެ 23 ވަނަ މާއްދާގެ ދަށުން ތަބްރީރު (justify) ކުރެވިދާނެކަމެއްކަމަށް އަހުރެން ނުދެކެމެވެ.

ޤާނޫނުއަސާސީގެ 20 ވަނަ މާއްދާ

ޤާނޫނުއަސާސީގެ 20 ވަނަ މާއްދާގައި ތަސައްވުރު ކުރެވިފައިވާ ހަމަހަމަކަމުގެ މަފްހޫމްއާ ޚިލާފަށް މި މައްސަލަ ހައިކޯޓުންނާއި ދަށު ކޯޓުން ނިންމާފައިވާކަމަށް ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި ބުނެފައިވެއެވެ. ދައުލަތުން ބުނަނީ ރ. ކަނދޮޅުދޫ "މެހުރާ" ގޯއްޗަށް ބޯހިޔާވަހިކަން ހަމަޖައްސައިދިންއިރު ފާޠިމަތު ޝާޢިރާއަށް މިހާރު ބޯހިޔާވަހިކަން ހަމަޖެހިފައިވާކަމަށެވެ. އެހެންކަމުން، ރ. ދުވާފަރު މެޖިސްޓްރޭޓް ކޯޓާއި ހައިކޯޓުގެ ނިންމުން ތަންފީޒުވެގެން ދިޔުމުން، ފާޠިމަތު ޝާޢިރާއާ އެއްހަމައެއްގައި ތިބި އެހެން ފަރާތްތަކަށް ނުލިބޭ މަންފާއެއް ފާޠިމަތު ޝާޢިރާއަށް ލިބިގެންދާކަމަށެވެ.

ހައިކޯޓުގެ ނަންބަރު 2016/HC-A/304 ގަޒިއްޔާގައި ޤާނޫނުއަސާސީގެ 20 ވަނަ މާއްދާ ތަޠުބީޤުކޮށްފައިވަނީ ކިހިނެތްކަން ބެލި ބެލުމުގައި، ޤާނޫނުއަސާސީގެ 20 ވަނަ މާއްދާގެ އެއްވެސް ވާހަކައެއް ހައިކޯޓުގައިވެސް އަދި ރ.ދުވާފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 72/E8C/2013 ގަޒިއްޔާގައިވެސް ދައުލަތުގެ ފަރާތުން ދައްކާފައިނުވެއެވެ. ދެ ގަޒިއްޔާގައިވެސް ކަނޑައަޅާފައިވަނީ ފާޠިމަތު ޝާޢިރާއަކީ "ސަރުކާރުން ޢިމާރާތްކޮށްފައިވާ ގެތައް ދޫކުރާ އުޞޫލު" ގެ ދަށުން ގެއެއް ލިބުމަށް ޝަރުޠުހަމަވާ މީހެއްކަމަށެވެ.

ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގައި ސުޕްރީމް ކޯޓުގައި ހައިކޯޓުން ނިންމާ މައްސަލައެއް އިސްތިއުނާފުކުރެވޭނެ ގޮތް ބަޔާންކޮށްފައިވާއިރު، ހައިކޯޓުގައި އެ މައުލޫއުއާ ގުޅޭގޮތުން އެއްވެސް ވަރަކަށް ބަހުސްނުކުރާކަމެއްގައި، އަދި ދަށު ކޯޓުންނާއި ހައިކޯޓުން ނިންމާފައިވާ ނިންމުން ތަންފީޒުކުރާ މަރުހަލާގައި ކުރިމަތިވެދާނެ މައްސަލައަކާ ގުޅޭގޮތުން، ސުޕްރީމް ކޯޓުން ގޮތެއް ކަނޑައެޅުމަށް އިސްތިއުނާފުކުރުމުގެ އުސޫލުތައް ތަންނުދެއެވެ.

ދައުލަތުގެ ކަންބޮޑުވުމަކީ، އިސްތިއުނާފުކުރެވޭ ގަޒިއްޔާގެ ސަބަބުން ފާޠިމަތު ޝާޢިރާގެ ނަމުގައި ރ. ދުވާފަރުގައި ދެ ގެ ރަޖިސްޓްރީވެފައި އޮތުން ކަމުގައިވާނަމަ، އިސްތިއުނާފުކުރެވޭ ޙުކުމް ތަންފީޒުކުރާ މަރުހަލާގައި "ސަރުކާރުން ޢިމާރާތްކޮށްފައިވާ ގެތައް ދޫކުރާ އުޞޫލު" އާއި "ބޭރުގެ އެހީދޭ ޖަމާޢަތްތަކުން އަޅާދީފައިވާ ގެތައް ދޫކުރާ އުޞޫލު" އާ މި ދެ އުސޫލު ތަޠުބީޤުކޮށް، މި ދެ އުސޫލުގެ މަޤުސަދަށް ރިޢާޔަތްކޮށް، މައްސަލައިގެ ދެފަރާތުން ވާހަކަ ދައްކައި ހައްލުނުކުރެވޭވަރުގެ ކަމެއްވާނަމަ، އެކަމެއް ޝަރީޢަތް މެދުވެރިކޮށް ހައްލުކުރެވިދާނެކަން ފާހަގަކުރަމެވެ.

އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެ މަތިންހުރުމާއެކު، ހައިކޯޓުގެ ނަންބަރު 2016/HC-A/304 ގަޒިއްޔާއާއި ރ.ދުވާފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 72/E8C/2013 ގަޒިއްޔާ ނިންމާފައިވަނީ ޤާނޫނީ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިންކަމަށް އަހުރެންނަށް ބުރަވެވެއެވެ. އަދި އެ ދެ ގަޒިއްޔާގައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ސަބަބެއް ދިވެހި ދައުލަތަށް ދެއްކިފައިނުވެއެވެ.

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު

މި މައްސަލައިގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެ ގޮތުގެމަތިން ހުރުމާއެކު، ރ.ދުވާފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 72/E8C/2013 ޤަޟިއްޔާއާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/304 ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ ކަނޑައެޅިފައިވާ އުޞޫލުތަކާއި އެއްގޮތަށް ކަމަށް ނުވާތީ، ރ.ދުވާފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 72/E8C/2013 ޤަޟިއްޔާގެ ޙުކުމާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/304 ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށް، ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުގައި މިމައްސަލަ ބެލި ފަނޑިޔާރުންގެ އަޣްލަބިއްޔަތުން ޙުކުމްކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

އަޒްމިރާލްދާ ޒާހިރުޢަލީ ރަޝީދު ޙުސައިންމުޙައްމަދު އިބްރާހީމް(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ