—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
3754120-180975left-77470center-707390center-180975ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 2018/SC-A/55
ދަޢުވާކުރާ ފަރާތް: މުޙައްމަދު ޙަމީދު
ދަޢުވާ ލިބޭ ފަރާތް: ދިވެހި ދައުލަތް (މޯލްޑިވްސް ޕޮލިސް ސަރވިސް)
މައްސަލައިގެ ބާވަތް: ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުން ބާޠިލުކޮށްދިނުމަށް އެދި
މައްސަލަ އައިގޮތް: އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚް: 26 ނޮވެންބަރު 2018
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 28 ނޮވެންބަރު 2018
ނިމުނު ތާރީޚް: 02 ޑިސެންބަރު 2018
މައްސަލަ ނިންމި ގަޑި: 13:34
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ޢަބްދުﷲ ދީދީ، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ
އިލްތިމާސްކުރެވުނު ޤަޟިއްޔާ
ނަންބަރު: 2014/HC-A/29
ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
ހުށަހެޅުނު ތާރީޚް: 11 ފެބުރުވަރީ 2014
ނިމުނު ތާރީޚް: 16 ނޮވެންބަރު 2016
މައްސަލައިގެ ޚުލާޞާ:
މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/29 ޤަޟިއްޔާ، އެ ކޯޓުން ބަލައި ނިންމާފައިވަނީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލުކޮށްދިނުމަށް އެދި، މއ. ކޯރަލްބެރީ، މާލެ، މުޙައްމަދު ޙަމީދުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި ދަޢުވާ ރައްދުވާ ފަރާތަކީ ދިވެހި ދައުލަތް (މޯލްޑިވްސް ޕޮލިސް ސަރވިސް) އެވެ.
ބުނެވިދިޔަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/29 ޤަޟިއްޔާއަކީ، ސިވިލް ކޯޓުގެ ނަންބަރު 1614/Cv-C/2012 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލައި ނިންމާފައިވާ ޤަޟިއްޔާއެކެވެ. އަދި ބުނެވިދިޔަ ހައިކޯޓުގެ ނަންބަރު 2014/HC-A/29 ޤަޟިއްޔާގައި ދަޢުވާ ރައްދުވާ ފަރާތަކީ މއ. ކޯރަލްބެރީ، މާލެ، މުޙައްމަދު ޙަމީދުއެވެ.ފާހަގަކުރެވުނު ނުކުތާތައް:
ސިވިލް ކޯޓުގެ ނަންބަރު 1614/Cv-C/2012 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ، ޤާނޫނު ނަންބަރު 2008/5 (ފުލުހުންގެ ޤާނޫނު) ގެ 7 ވަނަ މާއްދާއާއި 69 ވަނަ މާއްދާއާއި ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދުގެ 6 ވަނަ މާއްދާ އަދި ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ޙަމީދު (ސ. ނަންބަރު 1191) ޚިލާފުވެފައިވާކަމުގައި ބުނެ، ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި އެ ކުށްތަކަށް އަދަބު ދިނުމާބެހޭ ޤަވާޢިދުގެ 7 ވަނަ މާއްދާގެ (ހ) ގެ 1 އަދި 21 ވަނަ ނަންބަރާއި އެ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރަށް ރިޢާޔަތްކޮށް، އެ ޤަވާޢިދުގެ 8 ވަނަ މާއްދާގެ (ކ) ގެ ދަށުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޚިދުމަތުން 2012 އޮގަސްޓު މަހުގެ 07 ވަނަ ދުވަހު މުޙައްމަދު ޙަމީދު ވަކިކޮށްފައިވާތީ، އެ ނިންމުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނާ ޚިލާފު ނިންމުމެއް ކަމުގައި ކަނޑައަޅައި ދިނުމަށާއި، އެ ނިންމުން ބާޠިލުކޮށްދިނުމަށް އެދި މޯލްޑިވްސް ޕޮލިސް ސަރވިސް (ދިވެހި ދައުލަތް) އަށް ރައްދުވާގޮތަށް މުޙައްމަދު ޙަމީދުގެ ފަރާތުން ދަޢުވާކުރުމުން އެ ކޯޓުން ބަލައި ނިންމާފައިވާ ޤަޟިއްޔާއެއްކަމާއި،
އެ ޤަޟިއްޔާ ނިންމާފައިވަނީ، މުޙައްމަދު ޙަމީދު އަދާކުރަމުންދިޔަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ ވަޒީފާއިން އޭނާ ވަކިކޮށްފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއެއްގައިހުރެ ސިޔާސީ ގޮތުން ވަކި ބަޔަކަށް މަންފާއެއް ހޯދައިދިނުމަށްޓަކައި މަޤާމުގެ ޙައިޘިއްޔަތުން ލިބިފައިވާ މަޢުލޫމާތު ނަހަމަގޮތުގައި ބޭނުންކޮށް، ސަލާމަތީ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކާމެދު އޮންނަ އިތުބާރާއި ޤަދަރަށް އުނިކަން ލިބޭގޮތަށް "ފުލުހުންނާއި ސިފައިން ހިންގި ބަޣާވާތް" މި ނަމުގައި ޙަޤީޤަތް އޮޅޭގޮތަށް ރިޕޯޓެއް ތައްޔާރުކުރުމުގައި ބައިވެރިވިކަމުގެ މައްޗަށް ރިޢާޔަތްކޮށް، ޤާނޫނު ނަންބަރު 2008/5 (ފުލުހުންގެ ޤާނޫނު) ގެ 7 ވަނަ މާއްދާއާއި 69 ވަނަ މާއްދާއާއި ފުލުހުންގެ "ވަޒީފާއާބެހޭ ޤަވާޢިދު" ގެ 6 ވަނަ މާއްދާއާއި "ދިވެހި ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓް" އާ މުޙައްމަދު ޙަމީދު ޚިލާފުވެފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙްޤީޤަށް ސާބިތުވާތީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި، އެ ކުށްތަކަށް އަދަބުދިނުމާބެހޭ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި 12 ވަނަ ނަންބަރާއި އެ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރަށް ރިޢާޔަތްކޮށް، އެ ޤަވާޢިދުގެ 8 ވަނަ މާއްދާގެ (ކ) ގެ ދަށުންކަން އެނގެން އޮންނަހިނދު،
މުޙައްމަދު ޙަމީދު ހުށަހަޅާފައިވާ މި މައްސަލައިގެ ޝަރީޢަތުގެ މަރުޙަލާ ކުރިއަށްދަނިކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-C/35 ޤަޟިއްޔާ އެ ކޯޓުން ނިންމައި އެ ނިންމުން ވުޖޫދުވުމުން، އެ ނިންމުމުގެ މަންފާ ލިބިގަތުމަށް މުޙައްމަދު ޙަމީދު އެދޭހިނދު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-C/35 ޤަޟިއްޔާގައި އެ ކޯޓުން ޤާއިމްކޮށްފައިވާ އުޞޫލުތައް އެ ބަޔެއްގެ މައްޗަށް ތަޠްބީޤުކުރުން އިސްތިސްނާވާނޭކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/124 ޤަޟިއްޔާގައި ކަނޑައެޅުނު ފަރާތްތަކުގެ ތެރޭގައި މުޙައްމަދު ޙަމީދުގެ ޙާލަތުގައި ހުރި ފަރާތްތައް ނުހިމެނޭކަން އެނގެން އޮތުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-C/35 ޤަޟިއްޔާގެ އެ ނިންމުން މުޙައްމަދު ޙަމީދު ހުށަހަޅާފައިމިވާ މައްސަލައަށް ތަޠްބީޤްނުކުރެވޭނޭ ޤާނޫނީ އަދި ޝަރްޢީ ސަބަބެއް ނެތްހިނދުގައި، އެ ނިންމުން މި މައްސަލައަށް ތަޠްބީޤުކުރާއިރު،
މުޙައްމަދު ޙަމީދު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއިން ވަކިކޮށްފައިވަނީ މުޙައްމަދު ޙަމީދުގެ މައްޗަށް ތުހުމަތުކުރެވުނު ޖިނާއީ ތުހުމަތުގެ ޢަމަލާއި ގުޅިގެން ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން ތަޙްޤީޤުކުރުމާއި ކަންކަން ކުރިއަށްދަނިކޮށް އެ މަރުޙަލާތައް ނިމި ގޮތެއް ކަނޑައެޅުމުގެ ކުރިންކަން އެނގެން އޮވެފައި، މުޙައްމަދު ޙަމީދުގެ މައްޗަށް ތުހުމަތުކުރެވިފައިވަނީ ޖިނާއީ ތުހުމަތަކަށްވެފައި، އެ ޢަމަލުގެ މައްޗަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަޙްޤީޤުކުރަމުންދާ ހިނދު، އަދި އެ ތަޙްޤީޤުގެ ބޭނުމަށްޓަކައި ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން މުޙައްމަދު ޙަމީދު ބަންދުކުރުންފަދަ ފިޔަވަޅުތައް އެޅިފައިވީހިނދު، ޖިނާއީ ޢަދުލުގެ ނިޒާމްގެ ތެރެއިން ފުރިހަމަވާންޖެހޭ މަރުޙަލާތައް ފުރިހަމަވުމުގެ ކުރިން މުޙައްމަދު ޙަމީދު އަދާކުރަމުންދިޔަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއިން އޭނާ ވަކިކުރުމަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-C/35 ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ފަދައިން ކުށެއްގެ ތުހުމަތުކުރެވިފައިވާ މީހަކަށް ނިސްބަތްކުރެވޭ ކުށުގެ ޢަމަލު ޖިނާއީ ނިޒާމުނޫން އެހެން ނިޒާމެއްގެ ތެރެއިން ބަލައި ތަޙްޤީޤުކުރުމާއި ޖިނާއީ ކުށް ސާބިތުކުރާ އުޞޫލުތަކާއި މިންގަނޑުތައް ނޫން އެހެން މިންގަނޑަކުން ސާބިތުކުރުންކަމުގައި ވާނޭކަމާއި، އަދި އެގޮތުން، އެއީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާއި 50 ވަނަ މާއްދާއާއި 51 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ޙައްޤުތައްފަދަ އިންޞާފުވެރި ޝަރީޢަތެއްގެ ގެރެންޓީތަކާ ޚިލާފުވާނޭ ކަންތައްތަކެއް ކަމުގައި ވެގެންދާނެކަމާއި، އަދި ހަމައެހެންމެ، މުއްތަހަމުގެ މައްޗަށް އެއްވެސް ބާވަތެއްގެ އަދަބަކަށްވާނޭ ފިޔަވަޅެއް ޖިނާއީ ނިޒާމުނޫން އެހެން ނިޒާމެއްގެ ތެރެއިން ނަމަވެސް ދެވިއްޖެނަމަ، އެ މުއްތަހަމުގެ މައްޗަށް ހަމަ އެ ޢަމަލާ ގުޅިގެން ޝަރީޢަތްކުރުމާއި އަދަބުދިނުން ހުއްދަ ނުވާނޭކަމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-C/35 ޤަޟިއްޔާގައި އެ ކޯޓުން ކަނޑައަޅާފައިވާއިރު، މުޙައްމަދު ޙަމީދުގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށުގެ ޢަމަލާއި ގުޅުވައިގެން ޖިނާއީ ޢަދުލުގެ ނިޒާމުން ބޭރުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އޭނާ ވަޒީފާއިން ވަކިކުރުމަށް ނިންމުމަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-C/35 ޤަޟިއްޔާގައި އެ ކޯޓުން ކަނޑައަޅާފައިވާ އުޞޫލުން ޑަބަލް ޖެޕަޑީގެ މަފްޙޫމްގެ ތެރެއަށް ވަދެގެންދާނޭ ކަމެއްކަމުގައި ބަލަންޖެހޭހިނދު، މުޙައްމަދު ޙަމީދުގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށުގެ ޢަމަލު މަދަނީ މިންގަނޑުން ސާބިތުވާކަމަށް ކަނޑައަޅައި، އެ ޢަމަލުގެ މައްޗަށް ދެވޭ އަދަބަކަށްވާގޮތަށް މޯލްޑިވްސް ޕޮލިސް ސަރވިސްގައި މުޙައްމަދު ޙަމީދު ހުރި ވަޒީފާއިން އޭނާ ވަކިކުރިކުރުމަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-C/35 ޤަޟިއްޔާގައި އެ ކޯޓުން ކަނޑައަޅާފައިވާ ފަދައިން މުއްތަހަމާ ދެކޮޅަށް ހިނގަމުންދާ ޖިނާއީ އިޖުރާއާތުގެ ތެރޭގައި ހިމެނޭ ދުސްތޫރީ ގެރެންޓީތަކާއި ހެކިތަކަށް ރައްކާތެރިވުމާއި އެ ހެކިތައް ވަޒަންކުރުމާއި ދައުލަތުން ޖިނާއީ ތަޙްޤީޤުކުރުމާއި ޝަރީޢަތް ހިންގުމުގެ ގެރެންޓީތަކަކަށް ބުރޫއަރާނެކަމާއި ތައުދީބީ ނިޒާމެއް ނުވަތަ އެހެންވެސް ނިޒާމެއްގެ ތެރެއިން ހަމަ އެ ޢަމަލު އެ މުއްތަހަމުގެ މައްޗަށް ތަޙްޤީޤުކޮށް އެ ޢަމަލު ހިންގާފައިވާކަމަށް ކަނޑައެޅުމަށްޓަކައި ސާބިތުކުރުމުގެ މިންގަނޑެއް ކަނޑައެޅުންފަދަ އިޖުރާއާތުތަކަކީ ޤާނޫނުއަސާސީގައި ޖިނާއީ ތަޙްޤީޤެއްކުރުމާއި ޖިނާއީ ޝަރީޢަތް ހިންގުމަށް ކަނޑައެޅިފައިވާ ދުސްތޫރީ އުޞޫލުތަކާއި ގެރެންޓީތަކާއި ކުށުގެ ތުހުމަތުގައިވާ މީހާއަށް ކަށަވަރުކޮށްދޭ ޙައްޤުތަކާއި ތަޢާރުޟުވާ ކަންތައްތަކެއް ކަމުގައި ވެގެންދާނޭ ކަމެއްކަމުގައި ބަލަންޖެހޭތީ،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-C/35 ޤަޟިއްޔާގައި އެ ކޯޓުން ނިންމައި ކަނޑައަޅާފައިވާ އުޞޫލުތައް މި މައްސަލައަށް ތަޠްބީޤުކުރުމުން ނިކުންނަ ނަތީޖާއާއި ބަޔާންވެދިޔަ އެންމެހާ ކަންކަން އެގޮތުގައި ހުރުމުން މުޙައްމަދު ޙަމީދު މޯލްޑިވްސް ޕޮލިސް ސަރވިސްގައި އަދާކުރަމުންދިޔަ ވަޒީފާއިން ވަކިކޮށްފައިވާ ވަކިކުރުމަކީ ބާޠިލް ވަކިކުރުމެއްކަމުގައި ކަނޑައަޅައި، 2012 އޮގަސްޓު 07 ވަނަ ދުވަހުން ފެށިގެން މުޙައްމަދު ޙަމީދު ވަޒީފާއިން ވަކިވެފައިވާކަމަށް ނުބެލުމަށާއި، މިއަދު 2013 ސެޕްޓެންބަރު 30 ވަނަ ދުވަހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި މުޙައްމަދު ޙަމީދު މޯލްޑިވްސް ޕޮލިސް ސަރވިސްގައި އަދާކުރަމުންދިޔަ ވަޒީފާއާ އެއްވަރުގެ ވަޒީފާއެއް މުޙައްމަދު ޙަމީދަށް ދިނުމަށާއި، 2012 އޮގަސްޓު 07 ވަނަ ދުވަހުން ފެށިގެން މުޙައްމަދު ޙަމީދުގެ ވަޒީފާ އަނބުރާ ދިނުމާ ހަމައަށް މުޙައްމަދު ޙަމީދަށް ލިބެންވާ މުސާރައާއި ޢިނާޔަތްތައް މިއަދު، 2013 ސެޕްޓެންބަރު 30 ވަނަ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މުޙައްމަދު ޙަމީދަށް ރައްދުކުރުމަށާއި، ޚިދުމަތް މެދުކެނޑިފައިވާ ދުވަސްތައް ޚިދުމަތުގެ މުއްދަތުގެ ތެރޭގައި ގުނުމަށާއި، މަޤާމުގެ ކުރިއެރުން ލިބުމުގައި ކަނޑައެޅިފައިވާ ގޮތަށް މެދުކެނޑުނު މުއްދަތު ގުޅުވައިދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަންގައި އިޝާރާތްކުރެވުނު ސިވިލް ކޯޓުގެ ނަންބަރު 1614/Cv-C/2012 ޤަޟިއްޔާ ނިންމާފައިވާކަން އެނގެން އޮވެއެވެ.
ސިވިލް ކޯޓުގެ ނަންބަރު 1614/Cv-C/2012 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޝަރްޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާ ގޮތަށް ނޫންކަމަށް ބުނެ، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެ މައްސަލަ އިސްތިއުނާފުކުރުމަށް އެދި، ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލައި ނިންމާފައިވާ އެ ކޯޓުގެ ނަންބަރު 2014/HC-A/29 ޤަޟިއްޔާގެ ޙުކުމަށް ބަލާއިރު، ސިވިލް ކޯޓުގެ ނަންބަރު 1614/Cv-C/2012 ޤަޟިއްޔާގައި ޙުކުމް ކޮށްފައިވަނީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ކަނޑައަޅައި، އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލުކޮށް، ބުނެވިދިޔަ ހައިކޯޓުގެ ނަންބަރު 2014/HC-A/29 ޤަޟިއްޔާ ބެލުމުގައި ބައިވެރިވި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފައިވާކަން އެނގެން އޮވެއެވެ.
ހައިކޯޓުގެ ބުނެވިދިޔަ ނަންބަރު 2014/HC-A/29 ޤަޟިއްޔާގެ ޙުކުމް ބިނާވެގެންވަނީ ޝަރީޢަތް ނުވަތަ ޤާނޫނާ ޚިލާފުވާ ގޮތަށްކަމަށް ބުނެ އިލްތިމާސްކުރާ ފަރާތުން ހުށަހަޅާފައިވާ މައިގަނޑު ނުކުތާއަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-C/35 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/29 ޤަޟިއްޔާގައި ޙުކުމްކޮށްފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާކަން އެނގެން އޮންނައިރު،
އެ ނުކުތާގެ ތަފްޞީލުގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-C/35 ޤަޟިއްޔާގައި ބަޔާންކުރެވިފައިވާ އުޞޫލުތައް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/29 ޤަޟިއްޔާއަށް ތަޠްބީޤުކުރާއިރު، 07 އޮގަސްޓު 2012 ދުވަހު، މުޙައްމަދު ޙަމީދު، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއިން ވަކިކުރެވުނުއިރު، މުޙައްމަދު ޙަމީދުގެ މައްޗަށް ޖިނާއީ ތުހުމަތުތަކެއް އުފުލާ، އެކަމުގެ ތަޙްޤީޤެއް ހިންގާފައިވާއިރު، ޖިނާއީ ކުށް ސާބިތުކުރާ އުޞޫލުތަކާއި މިންގަނޑުތައް ނޫން އެހެން މިންގަނޑަކުން މުޙައްމަދު ޙަމީދުގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް ސާބިތުވާކަމަށް ކަނޑައަޅައި، ވަޒީފާއިން ވަކިނުކުރެވޭނެކަން ސާފުކޮށް އެނގޭކަމަށާއި، މުޙައްމަދު ޙަމީދު ވަޒީފާއިން ވަކިކުރެވޭނީ މުޙައްމަދު ޙަމީދުގެ މައްޗަށް ކޮށްފައިވާ ޖިނާއީ ތުހުމަތާ ގުޅިގެން، ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން ވަކިގޮތެއް ނިންމުމުންކަމަށް މުޙައްމަދު ޙަމީދުގެ ފަރާތުން ފާހަގަކޮށްފައިވާކަން އެނގެން އޮންނަކަމެވެ.
މި މައްސަލައިގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި، ޤާނޫނުތަކަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/29 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، ސިވިލް ކޯޓުގެ ނަންބަރު 1614/Cv-C/2012 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، ދަޢުވާކުރާ ފަރާތުންނާއި، ދަޢުވާލިބޭ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި ލިޔުންތަކަށާއި ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި އަދި މިބާވަތުގެ މައްސަލަތަކާ ގުޅޭ ޢާންމު ޤާނޫނީ މަބްދައުތަކުގެ މައްޗަށް ޝަރްޢީ އަދި ޤާނޫނީ ނަޒަރަކުން ބަލައި ވިސްނިއިރު، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، މއ. ކޯރަލްބެރީ، މުޙައްމަދު ޙަމީދު، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޗީފް ސްޕްރިންޓެންޑެންޓްގެ ވަޒީފާ އަދާކުރަމުންދަނިކޮށް، 07 އޮގަސްޓު 2012 ގައި ވަޒީފާއިން ވަކިކޮށްފައިވާކަން، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު 171/VKL/2012/57 (14 އޮގަސްޓު 2012) "ވަޒީފާއިން ވަކިކުރިކަން އަންގާ ލިޔުން" އިން އެނގެން އޮންނަކަމާއި، މުޙައްމަދު ޙަމީދު ވަޒީފާއިން ވަކިކުރި ސަބަބެއް ކަމުގައި އެ ލިޔުމުގައި ބަޔާންކޮށްފައިވަނީ، ފުލުހުންގެ ޤާނޫނުގެ 07 ވަނަ މާއްދާގެ (ހ) ގެ 4، 5، 10 ވަނަ ނަންބަރާއި، އެ ޤާނޫނުގެ 69 ވަނަ މާއްދާގެ (ހ) އަދި (ނ) އާއި ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދުގެ 6 ވަނަ މާއްދާގެ (ށ) އަދި ފުލުހުންގެ ކޯޑު އޮފް ކޮންޑަކްޓްގެ 1، 4،6،7 އަދި 8 ވަނަ ނަންބަރާއި ޚިލާފުވެފައިވާތީ، ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި އެ ކުށްތަކަށް އަދަބު ދިނުމާބެހޭ ޤަވާޢިދުގެ 7 ވަނަ މާއްދާގެ (ހ) ގެ 1 އަދި 12 ވަނަ ނަންބަރާއި، އެ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރަށް ރިޢާޔަތްކޮށް، ޤަވާޢިދުގެ 8 ވަނަ މާއްދާގެ (ކ) ގެ ދަށުންކަމަށް ކަން، އެ ލިޔުމުގައި ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމެވެ.
(ށ) ދެވަނަ ކަމަކީ، ޤާނޫނު ނަންބަރު 2008/5 (ފުލުހުންގެ ޤާނޫނު) ގެ 7 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި، 4 ވަނަ ނަންބަރާއި، 5 ވަނަ ނަންބަރު އަދި 10 ވަނަ ނަންބަރަށް ބަލާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާޢިދަށް ފުރިހަމައަށް ބޯލަނބައި ކިޔަމަންތެރިވުމާއި، ފުލުހުންގެ ދައުރު ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު އަދާކުރުންމަތީ ދެމިތިބުމާއި، ފުލުހުންގެ ވާޖިބާއި މަސްއޫލިއްޔަތުތަކަށް އަމާނާތްތެރިވުމާއި ވަފާތެރިވުންމަތީ ދެމިތިބުމާއި، ޤާނޫނުގައިވާ ގޮތުގެމަތިން މެނުވީ، ފުލުހުންނަށް ލިބޭ މަޢުލޫމާތު އިތުރު ފަރާތްތަކަށް ހާމަނުކުރުން ފުލުހުންގެ ވާޖިބުތަކުގެ ތެރޭގައި ހިމެނިގެންވާކަން އެނގެން އޮންނަކަމާއި،
ޤާނޫނު ނަންބަރު 2008/5 (ފުލުހުންގެ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ނ) އިން ބާރުލިބިގެން އެކުލަވާލެވިފައިވާ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ މުވައްޒަފުންގެ ވަޒީފާގެ ޢާންމު އުޞޫލުތަކާއި، ވަޒީފާއާބެހޭ އެހެނިހެން ކަންކަން ބަޔާންކުރާ ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދުގެ 6 ވަނަ މާއްދާގެ (ށ) އާއި (ކ) ގައި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެއްވެސް މުވައްޒަފަކު ސިޔާސީ އެއްވެސް ޙަރަކާތެއްގައި އެއްވެސް ސިފައެއްގައި ބައިވެރިވެ، ނުވަތަ އަމިއްލަ ޙައިޘިއްޔަތުންވިޔަސް އަދި ފަރުދީ ޙައިޘިއްޔަތުންވިޔަސް ވާގިވެރިވެގެން ނުވާނެކަމަށާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެއްވެސް ލިޔުމެއް، ނުވަތަ ފޮޓޯއެއް، ނުވަތަ ކުރެހުމެއް، ނުވަތަ ޕްލޭނެއް އަދި މިނޫންވެސް އެފަދަ އެހެން އެއްވެސް އެއްޗެއް ނުވަތަ މަޢުލޫމާތެއް ނުވަތަ ނަކަލެއް ހާމަކުރަންޖެހޭ ފަރާތަކަށް ފިޔަވައި އެހެން ފަރާތަކަށް ހާމަކޮށްގެން ނުވާނެކަމަށާއި، މީގެއިތުރުން، މޯލްޑިވްސް ޕޮލިސް ސަރވިސްއާބެހޭ އެއްވެސް މަޢުލޫމާތެއް ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހިންގާ އެއްވެސް ޙަރަކާތެއްގެ މަޢުލޫމާތު، ނުވަތަ ކުރެވޭ މުޢާމަލާތެއް، އެކަމެއް އަންގަންޖެހޭ ނުވަތަ އެނގެންޖެހޭ މީހަކަށް މެނުވީ އެހެން މީހަކަށް އަންގައިގެން ނުވާނެކަމަށް ބަޔާންކޮށްފައިވާކަމާއި،
ބުނެވުނު ޤަވާޢިދުގެ 24 ވަނަ މާއްދާއަށް ބަލާއިރު، އެ މާއްދާއަކީ ފުލުހުންގެ ވަޒީފާއިން ވަކިކުރެވޭނެ ޙާލަތްތައް ބަޔާންކޮށްފައިވާ މާއްދާކަމާއި، މިގޮތުން އެ މާއްދާގެ (ށ) އަށް ބަލާއިރު، އެ މާއްދާގެ އެ އަކުރުގައި ބުނަނީ "މޯލްޑިވްސް ޕޮލިސް ސަރވިސްއިންކުރާ ތަޙްޤީޤަކުން ނުވަތަ ތަޙްލީލަކުން މުވައްޒަފަކު ޤާނޫނާއި ނުވަތަ ޤަވާޢިދާއި ޚިލާފު ޢަމަލެއްކޮށްފިކަން ފުލުހުންގެ ތަޙްޤީޤަށް ސާބިތުވާ ޙާލަތެއްގައި، އެ ކުޅަ ޢަމަލެއްގެ ސަބަބުން މޯލްޑިވްސް ޕޮލިސް ސަރވިސްފަދަ ސަލާމަތީ ޚިދުމަތްދޭ މުއައްސަސާއެއްގައި، އެފަދަ މީހަކު އިތުރަށް ވަޒީފާގައި ބެހެއްޓުމަކީ އޭގެ ސަބަބުން އެހެން މުވައްޒަފުންނަށާއި މުއައްސަސާގެ މައްޗަށް ޢާންމު ރައްޔިތުންކުރާ އިތުބާރު ކުޑަވެދާނެ ނުވަތަ ބުރޫ އަރާފާނެ ކަމެއްކަމަށް ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކަށް އަދަބު ކަނޑައަޅާ ބޯޑުން ނުވަތަ ކޮމިޓީއިން ހުށަހެޅުމުން" މިފަދައިންކަން އެނގެން އޮންނައިރު،
އެ ޤަވާޢިދުގެ 25 ވަނަ މާއްދާގެ (ހ) ގައި މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ މި ޤަވާޢިދުގެ 24 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމެއް ދިމާވެގެން ކޮމިޝަނަރ އޮފް ޕޮލިސް، ލިޔުމުން މިނިސްޓަރަށް ހުށަހެޅުމުންކަމަށް ސާފުބަހުން ބަޔާންކޮށްފައިވާކަމާއި،
"ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި، އެ ކުށްތަކަށް އަދަބު ދިނުމާބެހޭ ޤަވާޢިދު" ގެ 6 ވަނަ މާއްދާގެ (ނ) އާއި 8 ވަނަ މާއްދާގެ (ކ) ގައި މުވައްޒަފެއްގެ ކިބައިން ފެންނަ ޑިސިޕްލިނަރީ އަދި އިދާރީ މައްސަލައަށް ޑިސިޕްލިނަރީ ބޯޑުން ކަނޑައަޅާ އަދަބަކީ، އެމީހެއްގެ ވަޒީފާއިން ވަކިކުރުން ނުވަތަ ރޭންކް ދަށްކުރުން ކަމުގައިވާނަމަ، އެކަން ތަންފީޛުކުރުމުގެ ކުރިން ކޮމިޝަނަރ އޮފް ޕޮލިސްއާ މަޝްވަރާކޮށް، ކޮމިޝަނަރ އޮފް ޕޮލިސްގެ އެންޑޯޒްމެންޓް ހޯދައިގެން މެނުވީ މިނިސްޓަރަށް ހުށަހަޅައިގެން ނުވާނެކަމަށް ޞަރީޙަބަހުން ބަޔާންކޮށްފައިވާކަމާއި،
މިކަންކަން މި ބަޔާންކުރެވުނު ދެ ޤަވާޢިދަށް ބެލުމުން އެނގެން އޮތުމުން، ޑިސިޕްލިނަރީ ނުވަތަ އިދާރީ ގޮތުން ފުލުހެއްގެ މައްޗަށް އަޅާ ފިޔަވަޅެއްގެ ދަށުން އެފަރާތް ވަޒީފާއިން ވަކިކުރަން ނިންމުންފަދަ ނިންމުންތައް ތަންފީޛުކުރުމުގެ ކުރިން އެފަދަ ނިންމުންތަކާމެދު ކޮމިޝަނަރ އޮފް ޕޮލިސްއާ މަޝްވަރާކޮށް އެފަދަ ނިންމުމެއް ތަންފީޛުކުރުމަށް ކޮމިޝަނަރ އޮފް ޕޮލިސްއަށް ފެންނަކަމުގެ ލިޔުމެއް މިނިސްޓަރަށް ހުށަހަޅަންޖެހޭނެކަމާއި، މިކަންކަން މި ބުނެވުނު ދެ ޤަވާޢިދުގެ ބަޔާންކުރެވުނު މާއްދާތަކުގެ ޞަރީޙަ ނައްޞަށް ބެލުމުން ސާފުކޮށް އެނގެން އޮންނަ އޮތުމެވެ.
(ނ) ތިންވަނަ ކަމަކީ، އިސްވެ ބަޔާންވެދިޔަ ގޮތުގެމަތިން ފުލުހުންގެ "ވަޒީފާއާބެހޭ ޤަވާޢިދު" ގެ 24 ވަނަ މާއްދާގެ (ށ) ގައާއި އަދި "ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި، އަދި އެ ކުށްތަކަށް އަދަބު ދިނުމާބެހޭ ޤަވާޢިދު" ގެ 6 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކަށް އަދަބު ކަނޑައަޅާ ބޯޑު ނުވަތަ ކޮމިޓީއިން ޑިސިޕްލިނަރީ ގޮތުން ނުވަތަ އިދާރީ ގޮތުން ފުލުހެއްގެ މައްޗަށް އަޅާ ފިޔަވަޅެއްގެ ދަށުން އެފަރާތް ވަޒީފާއިން ވަކިކުރަން ނިންމުންފަދަ ނިންމުންތައް ތަންފީޛުކުރުމުގެ ކުރިން އެފަދަ ނިންމުންތަކާމެދު ކޮމިޝަނަރ އޮފް ޕޮލިސްއާ މަޝްވަރާކޮށް، އެފަދަ ނިންމުންތައް ތަންފީޛުކުރުމަށް ކޮމިޝަނަރ އޮފް ޕޮލިސްއަށް ފެންނަކަމުގެ ލިޔުމެއް މިނިސްޓަރަށް ހުށަހަޅަން ޖެހޭނެކަން ފުލުހުންގެ "ވަޒީފާއާބެހޭ ޤަވާޢިދު" ގެ 25 ވަނަ މާއްދާގެ (ހ) އާއި "ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި، އެ ކުށްތަކަށް އަދަބު ދިނުމާބެހޭ ޤަވާޢިދު" ގެ 6 ވަނަ މާއްދާގެ (ނ) ގެ ޞަރީޙަ ނައްޞުން ސާފުކޮށް އެނގެން އޮންނާތީ، ޑިސިޕްލިނަރީ ބޯޑުން ނިންމާފައިވާ ބަޔާންވެދިޔަ ނިންމުން، ތަންފީޛުކުރުމުގެ ކުރިން، އެ ނިންމުން ތަންފީޛުކުރަން ކޮމިޝަނަރ އޮފް ޕޮލިސްއަށް ފެންނަކަމަށް ލިޔުމުން މިނިސްޓަރަށް ހުށަހަޅާފައިވާ ލިޔުމެއް އެބައޮތްތޯ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި މައްސަލައިގެ ޝަރީޢަތުގެ ފަރާތުން ދައުލަތާ ކުރެވުނު ސުވާލާ ގުޅިގެން، މި މައްސަލައިގައި 29 ނޮވެންބަރު 2018 ވަނަ ދުވަހު ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި ދައުލަތުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގައި،
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 37 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ކޮންމެ ރައްޔިތަކަށްމެ، އެމީހަކު އިޚްތިޔާރުކުރާ ވަޒީފާއެއް އަދާކުރުމުގެ ނުވަތަ މަސައްކަތެއް ކުރުމުގެ ޙައްޤަކީ، ޤާނޫނުއަސާސީއިން ޔަޤީންކޮށްދީފައިވާ އަސާސީ ޙައްޤަކަށްވެފައި، އެ ޙައްޤު މުޙައްމަދު ޙަމީދުގެ ކިބައިން ނިގުޅައިގަނެފައިވަނީ، އެ ނިންމުން ނިންމުގައި ޤާނޫނަކުން ނުވަތަ ޤަވާޢިދަކުން ޝަކްލީ ގޮތުންނާއި އިޖްރާއީ ގޮތުން ތަބާވުން ލާޒިމްކޮށްފައިވާ ކަންތައްތަކަށް ތަބާވުމެއްނެތި، ވަޒީފާގެ ޚުޞޫމާތާމެދު ގޮތެއް ކަނޑައެޅުމުގައި ޢާންމު އުޞޫލުން ރިޢާޔަތްކުރާ މައުޟޫޢީ ޢަދުލުވެރިކަން ކަށަވަރުކުރުމެއްވެސް ނެތިކަން ފާހަގަކުރެވޭކަމަށާއި،
އެގޮތުން، މުޙައްމަދު ޙަމީދުއާ ގުޅިގެން، ޑިސިޕްލިނަރީ ބޯޑުން ނިންމާފައިވާ ބަޔާންވެދިޔަ ނިންމުން، ތަންފީޛުކުރަން ކޮމިޝަނަރ އޮފް ޕޮލިސްއަށް ފެންނަކަމަށް ލިޔުމުން މިނިސްޓަރަށް ހުށަހަޅާފައިވާކަން އެނގެން ނެތަތީ، އަދި މި ޙާލަތުގައި އެފަދަ ލިޔުމެއް ނެތުމަކީ، "ވަޒީފާއާބެހޭ ޤަވާޢިދު" އާއި "ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި، އެ ކުށްތަކަށް އަދަބު ދިނުމާބެހޭ ޤަވާޢިދު" ގެ ޙަވާލާދެވުނު މާއްދާތަކުގައި ބަޔާންކޮށްފައިވާ އިޖުރާއަތު ނުވަތަ ފޯމަލިޓީ ފުރިހަމަ ކުރުމުގެ ގޮތުން އެ މާއްދާތަކުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ކޮމިޝަނަރ އޮފް ޕޮލިސްގެ ފަރާތުން، ކޮމިޝަނަރ އޮފް ޕޮލިސް މިނިސްޓަރަށް ލިޔުން ހުށަހެޅި ކަމަށް ޤާނޫނީ ހަމަތަކުގެމަތިން ބަލާނެ ތަނެއް ނެތްކަމަށް ބުނެ، މޯލްޑިވްސް ޕޮލިސް ސަރވިސްއިން، މުޙައްމަދު ޙަމީދުގެ ވަޒީފާއާ ގުޅިގެން ނިންމާފައިވާ ނިންމުމަކީ، އެ ނިންމުމުގައި ޤަވާޢިދުން ޝަކްލީ ގޮތުންނާއި އިޖުރާއީ ގޮތުން ތަބާވުން ލާޒިމްކޮށްފައިވާ ކަންތައް ފުރިހަމަވެފައިވާ ނިންމުމަކަށް ނުވާތީ، އެ ނިންމުން ބާޠިލުކޮށްދިނުމަށް ދައުލަތުގެ ފަރާތުން އެދިފައިވާކަން އެނގެން އޮންނަ އޮތުމެވެ.
(ރ) ހަތަރުވަނަ ކަމަކީ، މައްސަލައާ ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔުންތަކުގެ ތެރޭގައި ހިމެނޭ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ "އެންގުން" މި ނަމުގައިވާ ލިޔުމަށް ބަލާއިރު، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ޙަމީދު (ސ. ނ. 1191) އަކީ 1995 އެޕްރީލް 08 ވަނަ ދުވަހުން ފެށިގެން މޯލްޑިވްސް ޕޮލިސް ސަރވިސްގައި މަސައްކަތް ކުރަމުންގެންދާ މުވައްޒަފެއްކަމަށާއި، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ޙަމީދު ފުލުހުންގެ ޤާނޫނުގެ 7 ވަނަ މާއްދާގެ (ހ) ގެ 4، 5، 10 ވަނަ ނަންބަރާއި، އެ ޤާނޫނުގެ 69 ވަނަ މާއްދާގެ (ހ) އަދި (ނ) އާއި ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދުގެ 6 ވަނަ މާއްދާގެ (ށ)، (ކ) އަދި ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓްގެ 1، 4، 6، 7 އަދި 8 ވަނަ ނަންބަރާ ޚިލާފުވެފައިވާތީ، ޑިސިޕްލީނަރީ އަދި އިދާރީ ކުށްތަކާއި އެ ކުށްތަކަށް އަދަބު ދިނުމާބެހޭ ޤަވާޢިދުގެ 7 ވަނަ މާއްދާގެ (ހ) ގެ 1 އަދި 12 ވަނަ ނަންބަރާއި އެ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރަށް ރިޢާޔަތްކޮށް، ޤަވާޢިދުގެ 8 ވަނަ މާއްދާގެ (ކ) ގެ ދަށުން، ވަޒީފާއިން ވަކިކުރުމަށް ޑިސިޕްލިނަރީ ބޯޑުން ނިންމާފައިވާތީ 07 އޮގަސްޓު 2012 ވަނަ ދުވަހުން ފެށިގެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއިން ވަކިކުރެވިފައިވާކަމަށާއި، މިހެންވެ، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ޙަމީދު، ފުލުހުންގެ ވަޒީފާއިން ވަކިކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުން ކުރަމުންދާކަން 09 އޮގަސްޓު 2012 ގައި މުޙައްމަދު ޙަމީދަށް އަންގާފައިވާކަން އެންގެން އޮންނައިރު،
"ޑިސިޕްލިނަރީ ބޯޑަށް މައްސަލަ ހުށަހަޅާ ފޯމު" މި ނަމުގައިވާ ނަންބަރު DBMF/2012/94-01 ފޯމަށް ބަލާއިރު، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ޙަމީދުގެ މައްޗަށް ތުހުމަތުކޮށްފައިވަނީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ މުވައްޒަފުންތަކެއް، ސިޔާސީ ގޮތުން ވަކިބަޔަކަށް މަންފާއެއް ހޯދައިދިނުމަށްޓަކައި މަޤާމުގެ ޙައިޘިއްޔަތުން ލިބިފައިވާ މަޢުލޫމާތު ނަހަމަގޮތުގައި ބޭނުންކޮށް، ސަލާމަތީ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި މެދުގައި އޮންނަ އިތުބާރާއި ޤަދަރަށް އުނިކަން ލިބިދޭ ގޮތަށް "ފުލުހުންނާއި ސިފައިން ހިންގި ބަޣާވާތް" މި ނަމުގައި ޙަޤީޤަތް އޮޅޭގޮތަށް ރިޕޯޓެއް ތައްޔާރު ކުރުމުގައި ބައިވެރިވިކަމަށް ބުނެކަން އިސްވެ ޙަވާލާދެވުނު ފޯމުގައިވާ މައްސަލައިގެ ޚުލާޞާއަށް ބެލުމުން އެނގޭކަމާއި،
މި މައްސަލައާމެދު ތަޙްޤީޤުކުރާ ފަރާތުގެ ކޮމެންޓު މި ނަމުގައިވާ ސުރުހީގައި "ފުލުހުންނާއި ސިފައިން ހިންގި ބަޣާވާތް" މި ނަމުގައި ޢާންމުކުރި ރިޕޯޓަކީ ސިޔާސީ ފަރާތަކުން ނެރުނު ރިޕޯޓެއްކަމަށްވެފައި، އެ ރިޕޯޓު ތައްޔާރުކުރުމުގައި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ޙަމީދުގެ ބައިވެރިވުން އޮތްކަމަށް ބެލެވޭ ހެކިތައް ލިބިފައިވާކަމަށާއި، އިންޓެލިޖެންސް ޑިޕާޓްމަންޓުގެ ހެޑެއްގެ ޙައިޘިއްޔަތުން ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ޙަމީދުއަށް ލިބިފައިވާ ބައެއް ސިއްރު މަޢުލޫމާތު، ކަމާނުބެހޭ ފަރާތަކަށް ހާމަކޮށްފައިވާކަމަށް ތަޙްޤީޤަށް އެކަށީގެންވާ ހެކި ލިބިފައިވާކަމަށާއި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ޙަމީދު، ޤާނޫނު ނަންބަރު 2008/5 (ފުލުހުންގެ ޤާނޫނު) ގެ 7 ވަނަ މާއްދާގެ (ހ) ގެ 4، 5، 10 ވަނަ ނަންބަރާއި، އެ ޤާނޫނުގެ 69 ވަނަ މާއްދާގެ (ހ) އަދި (ނ) އާއި، ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދުގެ 6 ވަނަ މާއްދާގެ (ށ)، (ކ) އަދި ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި އެ ކުށްތަކަށް އަދަބު ދިނުމާބެހޭ ޤަވާޢިދުގެ 7 ވަނަ މާއްދާގެ (ހ) ގެ 1 އަދި 12 ވަނަ ނަންބަރާއި އަދި ދިވެހި ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓްގެ 1، 4، 6، 7، 8 ވަނަ ނަންބަރުގައިވާ ކުށްތައް ކޮށްފައިވާކަމަށް ތަޙްޤީޤަށް ސާބިތުވާ މިންވަރަށް ހެކި ލިބިފައިވާކަމަށް ބަޔާންކޮށްފައިވާކަމާއި،
މި މައްސަލައާމެދު ޑިސިޕްލިނަރީ ބޯޑުން ނިންމާފައިވަނީ، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ޙަމީދުގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައިގައި ބޯޑަށް ހުށަހެޅިފައިވާ ހެއްކާއި ޤަރީނާގެ މައްޗަށް ބަލައި، ޤާނޫނު ނަންބަރު 2008/5 (ފުލުހުންގެ ޤާނޫނު) ގެ 7 ވަނަ މާއްދާގެ (ހ) ގެ 4، 5، 10 ވަނަ ނަންބަރާއި، އެ ޤާނޫނުގެ 69 ވަނަ މާއްދާގެ (ހ) އަދި (ނ) އާއި، ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދުގެ 6 ވަނަ މާއްދާގެ (ށ)، (ކ) އަދި ދިވެހި ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓްގެ 1، 4، 6، 7 އަދި 8 ވަނަ ނަންބަރާ ޚިލާފުވެފައިވާތީ، ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި އެ ކުށްތަކަށް އަދަބު ދިނުމާބެހޭ ޤަވާޢިދުގެ 7 ވަނަ މާއްދާގެ (ހ) ގެ 1 އަދި 12 ވަނަ ނަންބަރާއި އެ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރަށް ރިޢާޔަތްކޮށް، ޤަވާޢިދުގެ 8 ވަނަ މާއްދާގެ (ކ) ގެ ދަށުން، ވަޒީފާއިން ވަކިކުރުމަށް ކަނޑައަޅާފައިވާކަން، ޙަވާލާދެވުނު "ޑިސިޕްލިނަރީ ބޯޑަށް މައްސަލަ ހުށަހަޅާ ފޯމު" އަށް ބެލުމުން އެނގެން އޮންނަކަމެވެ.
(ބ) ފަސްވަނަ ކަމަކީ، މުޙައްމަދު ޙަމީދު، މޯލްޑިވްސް ޕޮލިސް ސަރވިސްގައި އަދާކުރަމުން ދިޔަ، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވަނީ، އިސްވެ އިޝާރާތްކުރެވުނު "ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި، އެ ކުށްތަކަށް އަދަބު ދިނުމާބެހޭ ޤަވާޢިދު" ގެ ދަށުން އުފެދިފައިވާ ޑިސިޕްލިނަރީ ބޯޑުގެ ނިންމުމުންކަން ހުށަހެޅިފައިވާ ލިޔުންތަކުންނާއި މައްސަލައާ ގުޅިގެން ޝަރީޢަތުގައި ދައުލަތުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުންވެސް އެނގެން އޮންނައިރު،
އިޝާރާތްކުރެވުނު ޤަވާޢިދުގެ 6 ވަނަ މާއްދާގެ (ހ) ގެ ދަށުން ކޮމިޝަނަރ އޮފް ޕޮލިސް އުފައްދަންޖެހޭ ޑިސިޕްލިނަރީ އަދި އިދާރީ މައްސަލަތަކަށް އަދަބު ކަނޑައަޅާ ބޯޑު ނުވަތަ ކޮމިޓީގެ މަސްއޫލިއްޔަތަކީ މި ޤަވާޢިދާ އެއްގޮތްވާ ގޮތުގެމަތިން މި ޤަވާޢިދުގައި ބަޔާންވެގެންވާ ފަރާތްތަކުން ކުރާ ޑިސިޕްލިނަރީ އަދި އިދާރީ މައްސަލަތަކަށް އަދަބު ކަނޑައެޅުންކަން އެ ޤަވާޢިދުގެ 6 ވަނަ މާއްދާގެ (ށ) އިން އެނގެން އޮންނައިރު، އެ ޤަވާޢިދުގެ 7 ވަނަ މާއްދާގެ (ހ) ގައި އެ ޤަވާޢިދުގެ މަޤްޞަދަށްޓަކައި ޑިސިޕްލިނަރީ ކުށްތަކުގެ ގޮތުގައި އެ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުން ފެށިގެން 20 ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވަނީ ޖިނާއީ ކުށްތަކަށް ނުހިމެނޭ މުޅިން ޑިސިޕްލިނަރީ ކުށްތައްކަން އެނގެން އޮންނަ އޮތުމުންނާއި، އަދި މީގެ އިތުރުން މި ޤަވާޢިދުގެ 7 ވަނަ މާއްދާގެ (ހ) ގެ 20 ވަނަ ނަންބަރުގައި "މަތީގައި ބަޔާންކުރެވުނު ކަންކަން ފިޔަވައި ޑިސިޕްލިނަރީ ކުށެއްކަމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ނިންމާފައިވާ ޖިނާއީ ކުށްތަކަށް ނުހިމެނޭ އަޚްލާޤީ ކުށް" މިފަދައިން ކަނޑައެޅިގެން ބަޔާންކޮށްފައި އޮންނަ އޮތުމުންވެސް، މި ޤަވާޢިދުގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ ޖިނާއީ ކުށެއްކަމުގައި ނުބެލެވޭ މުޅިން ޑިސިޕްލިނަރީ ކުށްތައްކަން އިތުރަށް ކަށަވަރުވެގެން ދާކަމާއި،
އަދި މީގެ އިތުރުން ބުނެވުނު ޤަވާޢިދުގެ 7 ވަނަ މާއްދާގެ (ށ) ގައި އެ ޤަވާޢިދުގެ މަޤްޞަދަށްޓަކައި އިދާރީ ކުށްތައްކަމުގައި ކަނޑައަޅާފައިވާ ކަންކަމަކީ، ފުލުހުންގެ ޤާނޫނުގެ 17 ވަނަ މާއްދާގެ (ނ) އިން ބާރު ލިބިގެން އެކުލަވާލެވިފައިވާ ޤަވާޢިދުތަކުގެ ތެރެއިން "ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ޤަވާޢިދު" ފިޔަވައި އެ މާއްދާގައި ބަޔާންވެގެންވާ އެހެން ޤަވާޢިދަކާ ޚިލާފުވުމާއި ފުލުހުންގެ ޤާނޫނުގެ 17 ވަނަ މާއްދާގެ (ށ) އިން ބާރުލިބިގެން ހެދިފައިވާ އެހެން ޤަވާޢިދަކާ ޚިލާފުވުމާއި މިކަންކަން ކަން ބުނެވުނު ޤަވާޢިދުގެ 7 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރާއި 2 ވަނަ ނަންބަރުން އެނގެން އޮންނައިރު ބުނެވުނު ޤަވާޢިދުގެ 7 ވަނަ މާއްދާގެ (ނ) ގައި މި ޤަވާޢިދުގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައިވާ ޢަމަލަކީ ޑިސިޕްލިނަރީ ނުވަތަ އިދާރީ ކުށެއްކަމުގައި ބެލެވޭނީ އެ ޢަމަލަކީ ޖިނާއީ ކުށެއްކަމުގައި ނުވާނަމަކަން ސާފުބަހުން ބަޔާންކޮށްފައިވާކަން އެނގެން އޮންނައިރު،
ފުލުހުންގެ "ވަޒީފާއާބެހޭ ޤަވާޢިދު" ގެ 24 ވަނަ މާއްދާގައި ވަޒީފާއިން ވަކިކުރެވޭނެ ޙާލަތްތައް ބަޔާންކޮށްފައިވާއިރު، އެންމެ ފުރަތަމަ ޙާލަތުގެ ގޮތުގައި އެ މާއްދާގައި ބަޔާންކޮށްފައިވަނީ ޖިނާއީ ކުށެއް ސާބިތުވެގެން ޙުކުމެއް ކުރުމުގެ ޙާލަތުކަން އެ މާއްދާގެ (ހ) އިން އެނގެން އޮންނައިރު، ބުނެވުނު މާއްދާގައި، ބަޔާންކުރެވިފައިވާ، ވަޒީފާއިން ވަކިކުރެވޭނެ ޙާލަތްތަކުގެ ތެރޭގައި ޖިނާއީ ކުށެއް ތަޙްޤީޤަށް ސާބިތުވުމުން އެއީ ވަޒީފާއިން ވަކިކުރެވޭނެ ޙާލަތެއްކަމުގައި އެއްވެސް މިންވަރަކަށް ބަޔާންކޮށްފައި ނުވާކަމާއި މިކަންކަން، ބަޔާންވެދިޔަ ދެ ޤަވާޢިދުގެ ޙަވާލާދެވުނު މާއްދާތަކަށް ރިޢާޔަތްކޮށް ބެލުމުން އެނގެން އޮންނައިރު، އިސްވެ އިޝާރާތްކުރެވުނު "ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި، އެ ކުށްތަކަށް އަދަބު ދިނުމާބެހޭ ޤަވާޢިދު" ގެ 6 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފެދިފައިވާ ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކަށް އަދަބު ކަނޑައަޅާ ބޯޑުން ނުވަތަ ކޮމިޓީއިން މައްސަލަ ބަލައި، އެ ޤަވާޢިދުގައިވާ ގޮތުގެމަތިން ފިޔަވަޅު އެޅުމުގެ ބާރު އެ ބޯޑަށް ނުވަތަ އެ ކޮމިޓީއަށް ލިބިގެންވަނީ އެ ޤަވާޢިދުގެ އިސްވެ އިޝާރާތްކުރެވުނު މާއްދާތަކުގައި ބަޔާންކުރެވިފައިވާ ގޮތުގެމަތިން، ޖިނާއީ ކުށަކަށް ނުހިމެނޭ ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކަށް އެކަނިކަމާއި، އެހެންކަމުން އިސްވެ އިޝާރާތްކުރެވުނު "ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދު" ގެ 24 ވަނަ މާއްދާގެ (ށ) ގައި ބުނާ "ތަޙްޤީޤު" ނުވަތަ "ތަޙްލީލު" މާނަކުރެވެން ޖެހޭނީ އިސްވެ އިޝާރާތްކުރެވުނު، "ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި، އެ ކުށްތަކަށް އަދަބު ދިނުމާބެހޭ ޤަވާޢިދު" ގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޑިސިޕްލިނަރީ ނުވަތަ އިދާރީ ކުށެއްކަމުގައި ބެލެވޭ ޢަމަލެއް ފުލުހަކު ކޮށްފައިވާ ކަމާމެދު ފުލުހެއްގެ މައްޗަށް ހިންގޭ ތަޙްޤީޤު ނުވަތަ ތަޙްލީލުގެ މަފްހޫމުގެ ޙުދޫދުގެ ތެރޭގައި ކަމާއި، ޖިނާއީ ކުށަކާ ބެހޭގޮތުން ފުލުހެއްގެ މައްޗަށް ހިންގޭ ތަޙްޤީޤަކުން ޖިނާއީ ކުށެއް ފުލުހަކު ކޮށްފައިވާކަން ތަޙްޤީޤަށް ސާބިތުވާކަމަށް ޑިސިޕްލިނަރީ ބޯޑުން ނިންމާފައިވާ ނިންމުމެއްގެ މައްޗަށް ބިނާކޮށް ފުލުހަކު ވަޒީފާއިން ވަކިކުރުން ފަދަ ނިންމުމެއް ނިންމުމުގެ ބާރު އިސްވެ އިޝާރާތްކުރެވުނު "ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި، އެ ކުށްތަކަށް އަދަބު ދިނުމާބެހޭ ޤަވާޢިދު" ގެ 6 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފެދިފައިވާ ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކަށް އަދަބު ކަނޑައަޅާ ބޯޑު ނުވަތަ ކޮމިޓީއަށް ލިބިދީފައި ނުވާކަން އިސްވެ އިޝާރާތްކުރެވުނު މާއްދާތަކުގެ ޞަރީޙަ ނައްޞުތަކަށް ބެލުމުން ސާފުކޮށް އެނގެން އޮތުމުން،
މުޙައްމަދު ޙަމީދުގެ މައްޗަށް ޖިނާއީ ކުށަކާ ގުޅޭގޮތުން ހިންގިފައިވާ ތަޙްޤީޤެއްގެ މައްޗަށް ތައްޔާރުކުރެވިފައިވާ ޑިސިޕްލިނަރީ ބޯޑުގެ ނިންމުމުގެ މައްޗަށް ބަލައި، މުޙައްމަދު ޙަމީދު މޯލްޑިވްސް ޕޮލިސް ސަރވިސްގައި އަދާކުރަމުންދިޔަ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ ވަޒީފާއިން ވަކިކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ "ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި، އެ ކުށްތަކަށް އަދަބު ދިނުމާބެހޭ ޤަވާޢިދު" ގެ 6 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފެދިފައިވާ ޑިސިޕްލިނަރީ ބޯޑުން ނިންމާފައިވަނީ އެ ބޯޑަށް ލިބިދީފައިވާ އިޚްތިޞާޞްއާއި ބާރުގެ ޙުދޫދުގެ ތެރެއިން ކަމަށް ބެލެވޭނެ ތަނެއް ނެތުމެވެ.
(ޅ) ހަވަނަ ކަމަކީ، ފުލުހުންގެ "ވަޒީފާއާބެހޭ ޤަވާޢިދު" ގެ 24 ވަނަ މާއްދާގެ (ށ) އާއި "ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި، އެ ކުށްތަކަށް އަދަބު ދިނުމާބެހޭ ޤަވާޢިދު" ގެ 6 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ އިޖުރާއާތުތައް ފުރިހަމަ ކުރުމުގެ ގޮތުން އެ މާއްދާތަކުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، މުޙައްމަދު ޙަމީދުއާމެދު ޑިސިޕްލިނަރީ ބޯޑުން ނިންމާފައިވާ ބަޔާންވެދިޔަ ނިންމުން، ތަންފީޛުކުރަން ކޮމިޝަނަރ އޮފް ޕޮލިސްއަށް ފެންނަކަމަށް ލިޔުމުން މިނިސްޓަރަށް ހުށަހަޅާފައިވާކަން އެނގެން ނެތަތީ، އަދި މި ޙާލަތުގައި އެފަދަ ލިޔުމެއް ނެތުމަކީ، "ވަޒީފާއާބެހޭ ޤަވާޢިދު" އާއި "ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި، އެ ކުށްތަކަށް އަދަބު ދިނުމާބެހޭ ޤަވާޢިދު" ގެ ޙަވާލާދެވުނު މާއްދާތަކުގައި ބަޔާންކޮށްފައިވާ އިޖުރާއަތު ނުވަތަ ފޯމަލިޓީ ފުރިހަމަ ކުރުމުގެ ގޮތުން އެ މާއްދާތަކުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ކޮމިޝަނަރ އޮފް ޕޮލިސްގެ ފަރާތުން، މިނިސްޓަރަށް ލިޔުމުން ހުށަހެޅި ކަމަށް ޤާނޫނީ ހަމަތަކުގެމަތިން ބަލާނެ ތަނެއް ނެތުންކަމަށާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއިން، މުޙައްމަދު ޙަމީދުގެ ވަޒީފާއާ ގުޅިގެން ނިންމާފައިވާ ނިންމުމަކީ، އެ ނިންމުމުގައި ޤަވާޢިދުން ޝަކްލީ ގޮތުންނާއި އިޖުރާއީ ގޮތުން ތަބާވުން ލާޒިމްކޮށްފައިވާ ކަންތައް ފުރިހަމަވެފައިވާ ނިންމުމެއް ނޫންކަމަށް ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހުގައި އިއުތިރާފުވެފައިވުމުން، 07 އޮގަސްޓު 2012 ވަނަ ދުވަހު މުޙައްމަދު ޙަމީދު މޯލްޑިވްސް ޕޮލިސް ސަރވިސްގައި އަދާކުރަމުންދިޔަ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަޤާމުން ވަކިކޮށްފައިވަނީ އިސްވެ ޙަވާލާދެވުނު ޤަވާޢިދުތަކުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއިން ވަކިކުރުމުގައި ޢަމަލުކުރުމަށް ކަނޑައެޅިފައިވާ އުޞޫލުތަކާ އެއްގޮތަށް ނޫންކަން ސާފުކޮށް އެނގެން އޮންނަކަމެވެ.
(ކ) ހަތްވަނަ ކަމަކީ، މުޙައްމަދު ޙަމީދު މޯލްޑިވްސް ޕޮލިސް ސަރވިސްގައި އަދާކުރަމުންދިޔަ ވަޒީފާއާ އެއްވަރުގެ ވަޒީފާއެއް މުޙައްމަދު ޙަމީދުއަށް ލިބިދިނުމަށާއި، 07 އޮގަސްޓު 2012 ވަނަ ދުވަހުން ފެށިގެން މުޙައްމަދު ޙަމީދުއަށް ވަޒީފާ އަނބުރާ ދިނުމާ ހަމައަށް މުޙައްމަދު ޙަމީދުއަށް ލިބެންވާ މުސާރައާ ޢިނާޔާތްތައް ލިބިދިނުމަށް، މުޙައްމަދު ޙަމީދުގެ ފަރާތުން ސިވިލް ކޯޓުގައި އެދިފައިނުވިނަމަވެސް، ސިވިލް ކޯޓުގައާއި އަދި މި މައްސަލައިގެ އިސްތިއުނާފީ އެއްވެސް މަރުޙަލާއެއްގައި އެ ޙައްޤު މުޙައްމަދު ޙަމީދުގެ ފަރާތުން ދޫކޮށްލާފައިނުވާކަން އެނގެން އޮންނަ އޮތުމަށާއި މި މައްސަލައިގައި ކަންހިނގާފައިވާ ގޮތުގެ މައްޗަށް ބެލުމުން، 07 އޮގަސްޓު 2012 ވަނަ ދުވަހުން ފެށިގެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއިން، ޤާނޫނާ ޤަވާޢިދާ ޚިލާފަށް، މުޙައްމަދު ޙަމީދު ވަކިކުރުމަށް، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ނިންމާފައިވާ ނިންމުމަކީ ޞައްޙަ ނިންމުމަކަށް ނުވުމުގެ ނަތީޖާއަކަށްވާނީ މުޙައްމަދު ޙަމީދުއަކީ 07 އޮގަސްޓު 2012 ވަނަ ދުވަހުން ފެށިގެން ވަޒީފާއިން ވަކިވެފައިވާ މީހެއްކަމުގައި ނުބެލުންކަމާއި އަދި ހަމަޖެހިފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ވަޒީފާގައި ހުރި މީހަކަށް ލިބެންޖެހޭ އެންމެހައި މަންފާތައް މުޙައްމަދު ޙަމީދަށް ވެސް ލިބުންކަން އެއީ ދެބަސްނުވެވޭނެ ޙަޤީޤަތެއް ކަން އެނގެން އޮންނަކަމެވެ.
(އ) އަށްވަނަ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 1614/Cv-C/2012 ޤަޟިއްޔާގެ ޙުކުމަށް ވާޞިލުވުމަށް ބަޔާންކޮށްފައިވާ ސަބަބުތައް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގެ ޙުކުމަށް ވާޞިލުވުމަށް ބަޔާންކޮށްފައިވާ ސަބަބުތަކާ އެއްގޮތް ނޫންކަމުގައި ވިޔަސް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގައި ޙުކުމަށް ވާޞިލުވުމަށް ބަޔާންކޮށްފައިވާ ސަބަބުތައް އެގޮތުގެމަތިން ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 1614/Cv-C/2012 ޤަޟިއްޔާގައި މއ. ކޯރަލްބެރީ، މާލެ، މުޙައްމަދު ޙަމީދު މޯލްޑިވްސް ޕޮލިސް ސަރވިސްގައި އަދާކުރަމުންދިޔަ ވަޒީފާއިން ވަކިކޮށްފައިވާ ވަކިކުރުމަކީ ބާޠިލް ވަކިކުރުމެއްކަމުގައި ކަނޑައަޅައި، 07 އޮގަސްޓު 2012 ވަނަ ދުވަހުން ފެށިގެން މުޙައްމަދު ޙަމީދުއަކީ ވަޒީފާއިން ވަކިވެފައިވާ މީހެއްކަމަށް ނުބެލުމަށާއި، 30 ސެޕްޓެންބަރު 2013 ވަނަ ދުވަހުން ފެށިގެން 15 ދުވަހުގެ ތެރޭގައި މުޙައްމަދު ޙަމީދު މޯލްޑިވްސް ޕޮލިސް ސަރވިސްގައި އަދާކުރަމުންދިޔަ ވަޒީފާއާ އެއްވަރުގެ ވަޒީފާއެއް މުޙައްމަދު ޙަމީދަށް ދިނުމަށާއި، 07 އޮގަސްޓު 2012 ވަނަ ދުވަހުން ފެށިގެން މުޙައްމަދު ޙަމީދުގެ ވަޒީފާ އަނބުރާ ދިނުމާ ހަމައަށް މުޙައްމަދު ޙަމީދަށް ލިބެންވާ މުސާރައާއި ޢިނާޔަތްތައް 30 ސެޕްޓެންބަރު 2013 ވަނަ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މުޙައްމަދު ޙަމީދަށް ރައްދުކުރުމަށާއި، ޚިދުމަތް މެދުކެނޑިފައިވާ ދުވަސްތައް ޚިދުމަތުގެ މުއްދަތުގެ ތެރޭގައި ގުނުމަށާއި، މަޤާމުގެ ކުރިއެރުން ލިބުމުގައި ކަނޑައެޅިފައިވާ ގޮތަށް މެދުކެނޑުނު މުއްދަތު ގުޅުވައިދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަންގައި ސިވިލް ކޯޓުގެ ނަންބަރު 1614/Cv-C/2012 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމުގެ އެބައި ޝަރްޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފުކަމަށް ބަލާނެތަނެއް ނެތްކަން އެނގެން އޮންނަ އޮތުމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެމަތިން ހުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/29 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ ޝަރްޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ކޮށްފައިވާ ޙުކުމަކަށްނުވާތީ އެ ޙުކުމް ބާޠިލުކޮށް،
މއ. ކޯރަލްބެރީ، މާލެ، މުޙައްމަދު ޙަމީދު މޯލްޑިވްސް ޕޮލިސް ސަރވިސްގައި އަދާކުރަމުންދިޔަ ވަޒީފާއިން ވަކިކޮށްފައިވަނީ، ފުލުހުންގެ "ވަޒީފާއާބެހޭ ޤަވާޢިދު" ގެ 24 ވަނަ މާއްދާގެ (ށ) އާއި "ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި، އެ ކުށްތަކަށް އަދަބު ދިނުމާބެހޭ ޤަވާޢިދު" ގެ 6 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ އިޖުރާއާތުތަކާ ޚިލާފަށް ކަމަށް ދައުލަތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހުގައި އިއުތިރާފުވެފައިވުމުން، 07 އޮގަސްޓު 2012 ވަނަ ދުވަހު މުޙައްމަދު ޙަމީދު މޯލްޑިވްސް ޕޮލިސް ސަރވިސްގައި އަދާކުރަމުންދިޔަ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަޤާމުން ވަކިކޮށްފައިވަނީ އިސްވެ ޙަވާލާދެވުނު ޤަވާޢިދުތަކުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއިން ވަކިކުރުމުގަ ޢަމަލުކުރުމަށް ކަނޑައެޅިފައިވާ އުޞޫލުތަކާ އެއްގޮތަށް ނޫންކަން އެނގެން އޮންނާތީ،
ސިވިލް ކޯޓުގެ ނަންބަރު 1614/Cv-C/2012 ޤަޟިއްޔާގައި މއ. ކޯރަލްބެރީ، މާލެ، މުޙައްމަދު ޙަމީދު މޯލްޑިވްސް ޕޮލިސް ސަރވިސްގައި އަދާކުރަމުންދިޔަ ވަޒީފާއިން ވަކިކޮށްފައިވާ ވަކިކުރުމަކީ ބާޠިލް ވަކިކުރުމެއްކަމުގައި ކަނޑައަޅައި، 07 އޮގަސްޓު 2012 ވަނަ ދުވަހުން ފެށިގެން މުޙައްމަދު ޙަމީދުއަކީ ވަޒީފާއިން ވަކިވެފައިވާ މީހެއްކަމަށް ނުބެލުމަށާއި، 30 ސެޕްޓެންބަރު 2013 ވަނަ ދުވަހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި މުޙައްމަދު ޙަމީދު މޯލްޑިވްސް ޕޮލިސް ސަރވިސްގައި އަދާކުރަމުންދިޔަ ވަޒީފާއާ އެއްވަރުގެ ވަޒީފާއެއް މުޙައްމަދު ޙަމީދަށް ދިނުމަށާއި، 07 އޮގަސްޓު 2012 ވަނަ ދުވަހުން ފެށިގެން މުޙައްމަދު ޙަމީދުގެ ވަޒީފާ އަނބުރާ ދިނުމާ ހަމައަށް މުޙައްމަދު ޙަމީދަށް ލިބެންވާ މުސާރައާއި ޢިނާޔަތްތައް 30 ސެޕްޓެންބަރު 2013 ވަނަ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މުޙައްމަދު ޙަމީދަށް ރައްދުކުރުމަށާއި، ޚިދުމަތް މެދުކެނޑިފައިވާ ދުވަސްތައް ޚިދުމަތުގެ މުއްދަތުގެ ތެރޭގައި ގުނުމަށާއި، މަޤާމުގެ ކުރިއެރުން ލިބުމުގައި ކަނޑައެޅިފައިވާ ގޮތަށް މެދުކެނޑުނު މުއްދަތު ގުޅުވައިދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަންގައި ސިވިލް ކޯޓުގެ އިސްވެބުނެވުނު ނަންބަރު 1614/Cv-C/2012 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމުގެ އެބަޔަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ތާއީދުކޮށް ޙުކުމްކޮށްފީމެވެ.
ފަނޑިޔާރު ޢަބްދުﷲ ދީދީ
ފަނޑިޔާރު ޢަބްދުﷲ ޢަރީފް
ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.