ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2018/SC-AD/07

ރައްޔިތުންގެ މަޖިލިސް

ސުޕްރީމް ކޯޓުކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާގެ…
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 26 ފެބުރުއަރީ 2018ބާވަތް: ދުސްތޫރީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ދަށު ކޯޓަކުން ބަލާފައިވާ މައްސަލައެއް ނޫނެވެ. ޤާނޫނުއަސާސީގެ 95 ވަނަ މާއްދާގެ ދަށުން، 20 ފެބުރުވަރީ 2018 ގެ ޚާއްޞަ ޖަލްސާގައި ފާސްކުރި ޤަރާރަކުން ސުޕްރީމް ކޯޓުގެ ލަފާ ހޯދަން ރައްޔިތުންގެ މަޖިލީހުން ހުށަހެޅި މައްސަލައެކެވެ.
ވާޤިޢާ
5 ފެބުރުވަރީ 2018 ގައި ރައީސުލްޖުމްހޫރިއްޔާ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރެއްވިއެވެ. އެ ޤަރާރު ފާސްކޮށް މުއްދަތަށް 30 ދުވަސް އިތުރުކުރީ ޤާނޫނުއަސާސީގެ 86 ވަނަ މާއްދާގެ ފަންސަވީސް އިންސައްތަ ޤާނޫނީ ޢަދަދުގައެވެ. އެ ވޯޓަށް ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތު ހާޒިރުވާން ޖެހޭތޯ ބައެއް މެންބަރުން ސުވާލު އުފެއްދިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނެރޭ ޤަރާރު ފާސްކުރުމަށާއި އެ ޤަރާރުގެ މުއްދަތު އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުން ވޯޓު ނަގަންވާނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން މަޖިލީހުގެ ޖުމްލަ މެންބަރުންގެ ދެބައިކުޅައެއްބަޔަށްވުރެ ގިނަ މެންބަރުން ހާޒިރުވެތިބޭ ވަގުތެއްގައިތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
މަޖިލީހަށް ފެނުނީ ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 38 ވަނަ މާއްދާގެ ލިސްޓުގައި ކުއްލި ނުރައްކަލުގެ ޙާލަތުގެ ޤަރާރު ނުހިމެނޭތީ ޤާނޫނުއަސާސީގެ 86 ވަނަ މާއްދާގެ ޤާނޫނީ ޢަދަދު ފުދޭ ކަމަށެވެ. ބައެއް މެންބަރުން ބުނީ އެއީ ޤާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ) ގެ ދަށުން ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތު ހާޒިރުވާން ޖެހޭ ކަމެއް ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ޤާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ) ހިނގަނީ ޤާނޫނުއަސާސީގެ 70 ވަނަ މާއްދާގެ (ހ) ގެ ދަށުން ފާސްކުރާ، ރައްޔިތުން ތަބާވާންޖެހޭ ޢާންމު ޤާޢިދާތަކަށެވެ. ރަޤާބީ ނިންމުންތަކަށް ޚާއްޞަ އަޣުލަބިއްޔަތެއް ބުނެފައި ނުވާނަމަ ޤާނޫނުއަސާސީގެ 86 ވަނަ މާއްދާގެ ޢަދަދު ފުދެއެވެ. ކުއްލި ނުރައްކަލުގެ ޙާލަތުގެ ޤަރާރަކީ ޤާނޫނުއަސާސީގެ 257 ވަނަ މާއްދާގެ ދަށުން މަޖިލީހުން ރަޤާބާ ހިންގާ ޤަރާރެއް ކަމުން ނިންމުންތައް ޞައްޙައެވެ.

ނިންމުން

ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާގެ…

ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާގެ ނަންބަރު 3/2018 ޤަރާރު (އޭގެ އިޞްލާޙުތައް ހިމެނޭގޮތުން) ފާސްކުރުމަށާއި އެ ޤަރާރުގެ މުއްދަތަށް 30 ދުވަސް އިތުރުކުރުމަށް 20 ފެބުރުވަރީ 2018 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ޚާއްޞަ ޖަލްސާގައި މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތު ހާޒިރުވެ ތިބުމަކީ ދުސްތޫރީގޮތުން ލާޒިމްވާ ކަމެއް ނޫންކަމަށާއި، އެކަމަށް ލާޒިމުވާ ޤާނޫނީ ޢަދަދަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 86 ވަނަ މާއްދާގައިވާ ޤާނޫނީ ޢަދަދު ކަމަށާއި، އެ ޖަލްސާގައި ނިންމި ނިންމުންތަކަކީ ދުސްތޫރީގޮތުން ޞައްޙަ ނިންމުންތަކެއް ކަމަށް ފަނޑިޔާރުންގެ އިއްތިފާޤުން ލަފާދެއްވި.

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ދިވެހިރާއްޖޭގެ ޤާނޫނުހެދުމުގެ ބާރުކަމުގައިވާ ރައްޔިތުންގެ މަޖިލީހުން އަދާކުރާ އެންމެހައި އިޚްތިޞާޞްތަކަކީ، އެއީ ޤާނޫނުހެދުމުގެ އިޚްތިޞާޞްކަމުގައި ވިއަސް، ދައުލަތުގެ ޢާންމު ބަޖެޓް ފާސްކުރުމާއި ދައުލަތުން އުފުލަންޖެހޭ މާލީ އިލްތިޒާމްތަކާ ގުޅޭ ބައެއް މުޢާމަލާތްތަކުގެ މައްޗަށް ހިންގާ ރަޤާބާ އާއި އިޝްރާފުގެ އިޚްތިޞާޞް ކަމުގައި ވިއަސް، އަދި 'ޗެކްސް އެންޑް ބެލެންސެސް' ގެ އުޞޫލުގެ މަތިން ވެރިކަންކުރުމުގެ ބާރުގެ މައްޗަށާއި ސަރުކާރުގެ އިދާރާތަކާއި މިނިވަން މުއައްސަސާތަކުގެ މައްޗަށް ހިންގާ ރަޤާބާ އާއި އިޝްރާފުގެ އިޚްތިޞާޞް ކަމުގައި ވިއަސް، މިއެންމެހައި އިޚްތިޞާޞްތައް ރައްޔިތުންގެ މަޖިލީހުން ހިންގާންވާނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ޙުދޫދުގެ ތެރޭގައި އެ ޤާނޫނުއަސާސީގައިވާ ގޮތުގެމަތިންނެވެ.

HN2 ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 86 ވަނަ މާއްދާއާއި 87 ވަނަ މާއްދާގެ (ށ) އެއްކޮށް ކިއުމުން ދޭހަވާ މަފްހޫމަކީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ފަށައި ކުރިއަށް ގެންދިއުމަށް ބޭނުންވާ ޞައްޙަ ޤާނޫނީ ޢަދަދަކީ މަޖިލީހުގެ މެންބަރުންގެ ފަންސަވީސް އިންސައްތަ ކަމުގައި ވިއަސް، ރައްޔިތުން އެމައްޗަށް ޢަމަލުކުރުން ލާޒިމްކުރާ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކައި ވޯޓަށް އެހުން ޞައްޙަވާނީ އެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ދެބައިކުޅައެއްބަޔަށްވުރެ ގިނަ މެންބަރުން އެ ވޯޓެއްނަގާ ޖަލްސާގައި ހާޒިރުވެތިބޭ ވަގުތެއްގައި ކަމާއި، ނޫންނަމަ އެ ވޯޓަކީ ޤާނޫނީގޮތުން ޞައްޙަ ވޯޓެއްކަމުގައި ނުބެލެވޭނެ ކަމެވެ.

HN3 ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ "ރައްޔިތުން އެމައްޗަށް ޢަމަލުކުރުން ލާޒިމްކުރާ" ކަންކަމަކީ ޢާންމު އުޞޫލެއްގެ ގޮތުން ޤާނޫނުއަސާސީގެ 70 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ޤާނޫނުހެދުމުގެ ބާރުގެ ދަށުން އެ މަޖިލީހުން ފާސްކުރާ ޤާނޫނުތަކުގައި ހިމެނިގެންވާ ޤާނޫނީ ޤާޢިދާތަކެވެ. އެހެނީ ޤާނޫނަކީ ރައްޔިތުން އެ މައްޗަށް ޢަމަލުކުރުން ލާޒިމްވެގެންވާ "ޢާންމު އަދި މުޖައްރަދު" ޤާނޫނީ ޤާޢިދާތައް ކަމާއި، އެއަށް ޢަމަލުކުރުން ނުވަތަ ތަބާވުން ލާޒިމްވެގެންވުމީ ޤާނޫނީ ޤާޢިދާގެ އެންމެ މުހިއްމު އެއް ޚާއްޞިއްޔަތު ކަމެވެ.

HN4 ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ) ގައި މުޖްމަލުކޮށް ބުނެފައިވާ "ރައްޔިތުން އެމައްޗަށް ޢަމަލުކުރުން ލާޒިމްކުރާ އެއްވެސްކަމެއް" މި ޢިބާރާތް ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 38 ވަނަ މާއްދާގައި ތަފްސީރުކޮށް ތަފްޞީލު ކުރުމާއެކު، ރައްޔިތުން އެމައްޗަށް ޢަމަލުކުރުން ލާޒިމްކުރާ ކަންކަމަކީ ކޮބައިކަން އެ މާއްދާގައި "ޙަޞްރު" ކޮށް ބަޔާންކޮށްފައިވެއެވެ. އެ މާއްދާގައި ޝާމިލުވެފައި އެވަނީ ޤާނޫނުއަސާސީގެ 70 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޕަބްލިކް ލޯ އާއި ޕްރައިވެޓް ލޯ ގެ ދާއިރާގައި ހިމެނޭ ތަފާތު ޤާނޫނުތަކެވެ.

HN5 ވެރިކަންކުރުމުގެ ބާރުގެ މައްޗަށާއި ސަރުކާރުގެ އިދާރާތަކާއި މިނިވަން މުއައްސަސާތަކުގެ މައްޗަށް ރައްޔިތުންގެ މަޖިލީހުން ހިންގާ "ރަޤާބާ" އާއި އިޝްރާފުގެ އިޚްތިޞާޞްގެ ތެރެއިން އެ މަޖިލީހުން ނިންމާ ނިންމުންތައް ނިންމުމަށް ބާއްވާ ޖަލްސާގެ ޤާނޫނީ ޢަދަދާއި އެފަދަ ނިންމުންތައް ފާސްކުރުމަށް ބޭނުންވާ އަޣުލަބިއްޔަތަކީ ޤާނޫނުއަސާސީއާއި ޤާނޫނުގައި ވަކިގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 86 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޤާނޫނީ ޢަދަދާއި 87 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަޣުލަބިއްޔަތެވެ. ސަބަބަކީ ރައްޔިތުންގެ މަޖިލީހުން ވެރިކަންކުރުމުގެ ބާރާއި ދައުލަތުގެ ތަފާތު އިދާރާތަކުގެ މައްޗަށް ހިންގާ ރަޤާބީ ދައުރު އަދާކުރުމުގެ ގޮތުން ނިންމާ ނިންމުންތަކަކީ އޭގައި ޢާންމު ރައްޔިތުން އެ މައްޗަށް ޢަމަލުކުރުން ލާޒިމުކުރާ ޤާނޫނީ ޢާންމު އަދި މުޖައްރަދު ޤާޢިދާތަކެއް އެކުލެވޭ ނިންމުންތަކެއް ނޫންކަމެވެ.

HN6 ރައްޔިތުންގެ މަޖިލީހުން ރަޤާބީ ދައުރު އަދާކުރުމުގެ ގޮތުން ނިންމާ ނިންމުންތަކުގެ ތެރެއިންވެސް ބައެއް ނިންމުންތަކުގެ ސީރިއަސް ކަމަށް ރިޢާޔަތްކޮށް ޤާނޫނުއަސާސީގައި އެ ނިންމުންތައް ރައްޔިތުންގެ މަޖިލީހުން ނިންމާންޖެހޭނީ ވަކި ޚާއްޞަ އަޣުލަބިއްޔަތަކުން ކަމަށް ކަނޑައަޅައިފައި ވާނަމަ، އެފަދަ ނިންމުންތައް ފާސްކުރުމަށް ބޭއްވޭ ޖަލްސާގެ ޤާނޫނީ ޢަދަދުވެސް ޢާންމު އުޞޫލާ ޚިލާފަށް ބަދަލުވެގެންދާނެއެވެ.

HN7 ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 253 ވަނަ މާއްދާގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ސަބަބުތަކުގެ ތެރެއިން ސަބަބެއް ޤައުމަށް މެދުވެރިވެއްޖެނަމަ، ކުއްލި ނުރައްކަލުގެ ޙާލަތު އެ މާއްދާގައިވާ ގޮތުގެމަތިން އިޢުލާންކޮށް ޤައުމުގެ 'އަމްނު ޢާންމު' ރައްކާތެރިކޮށް ނެގެހެއްޓުމަށް ކޮންމެހެން ޟަރޫރަތްތެރި މިންވަރަށް އިސްތިޘްނާއީ ފިޔަވަޅު ޤާނޫނުއަސާސީގެ 254 ވަނަ މާއްދާއާއި 255 ވަނަ މާއްދާއާ ޚިލާފުނުވާނޭ ގޮތުގެމަތިން އެޅުމަކީ ދައުލަތުގެ އެންމެ އިސްވެރިޔާގެ ޙައިޘިއްޔަތުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރެކެވެ. އެގޮތުގެ މަތިން ކުއްލިނުރައްކަލުގެ ޙާލަތު އިޢުލާންކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ނެރޭ ޤަރާރަކީ ޤާނޫނުއަސާސީގެ 257 ވަނަ މާއްދާގައިވާ ގޮތުގެމަތިން "ޗެކްސް އެންޑް ބެލެންސެސް" ގެ އުޞޫލުން ރައްޔިތުންގެ މަޖިލީހުގެ ރަޤާބާއާއި އިޝްރާފު އެ ޤަރާރުގެ މައްޗަށް ހިނގާނެ ޤަރާރެކެވެ.

HN8 ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނެރޭ ޤަރާރާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ކުރުމުގެ ބާރު ލިބިގެންވާ ކަންތައްތަކަކީ، ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރުމަށް ނެރެފައިވާ ޤަރާރުގެ ވަކިބައެއް ނުވަތަ މުޅި ޤަރާރު އެކުގައި ފާސްކުރުމާއި، މުއްދަތު އިތުރުކުރެވޭ ކޮންމެ ފަހަރަކު ތިރީސް ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ޤަރާރުގެ މުއްދަތު އިތުރުކުރުމާއި، ޤަރާރު ބާޠިލްކުރުމާއި މިކަންތައްތައްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 257 ވަނަ މާއްދާގެ (ށ) އިން ރަނގަޅަށް އެނގެން އޮވެއެވެ.

HN9 ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނެރޭ ޤަރާރަކީ އޭގެ ޒާތުގައި ރައްޔިތުން އެ މައްޗަށް ޢަމަލުކުރުން ލާޒިމުކުރާ ޢާންމު އަދި މުޖައްރަދު ޤާޢިދާތަކެއް ހިމެނިގެންވާ ޤަރާރެއް ނޫނެވެ. އެހެންނަމަވެސް ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރުމަށް ނެރޭ ޤަރާރު ތަންފީޒުކުރުމަށް ހެދިފައިވާ ޤާނޫނުތަކެއްވާނަމަ، އެ ޤާނޫނުތަކަކީ ރައްޔިތުން އެމައްޗަށް ޢަމަލުކުރުން ލާޒިމްކުރާ ޤާނޫނީ ޤާޢިދާތައް ހިމެނޭ ޤާނޫނުތަކެކެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 38 ވަނަ މާއްދާގައި ޙަޞްރުކޮށް ބަޔާންކޮށްފައިވާ ކަންކަމުގެ ތެރޭގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ނެރޭ ޤަރާރު ޝާމިލުކޮށްފައެއް ނުވެއެވެ.

HN10 ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ފާސްކުރުމަށާއި އެ ޤަރާރުގެ މުއްދަތު އިތުރުކުރުމަށްޓަކައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ޤާނޫނީ ޢަދަދުކަމުގައިވާ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތު ހާޒިރުވެ ތިބުމަކީ ދުސްތޫރީގޮތުން ލާޒިމްވެގެންވާ ކަމެއް ނޫނެވެ. އެ ކަންތައްތައް ފާސްކުރުމަށް ދުސްތޫރީގޮތުން ލާޒިމުވެގެންވާ ޤާނޫނީ ޢަދަދަކީ ޤާނޫނުއަސާސީގެ 86 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޤާނޫނީ ޢަދަދެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޢަބްދުﷲ ޢަރީފް (ރިޔާސަތު)، އާދަމް މުޙައްމަދު ޢަބްދުﷲ، ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
ރިޔާސަތު
ޢަބްދުﷲ ޢަރީފް
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ކޯޓުން ޕެރެގްރާފް ނަންބަރު ޖަހާފައި ނުވާތީ، [ ] ތެރޭގައިވާ ނަންބަރުތައް ޖަހާފައިވަނީ ސަޢީދު ލެކްސް އިން.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 95 ވަނަ މާއްދާގެ ދަށުން

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހަށް ދޭ ލަފާ

މައްސަލައިގެ ޚުލާޞާ

[1]މި މައްސަލައަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 253 ވަނަ މާއްދާގެ ދަށުން، ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ބާރުގެ ދަށުން، 05 ފެބުރުވަރީ 2018 ވަނަ ދުވަހު، ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުމާ ގުޅޭގޮތުން، ރައީސުލްޖުމްހޫރިއްޔާ ނެރެފައިވާ ނަންބަރު 3/2018 ޤަރާރު (އެ ޤަރާރު އިޞްލާޙްކުރުމަށް އިޢުލާންކޮށްފައިވާ 2 ޤަރާރު ވެސް ހިމެނޭގޮތުން)، ޤާނޫނުއަސާސީގެ 257 ވަނަ މާއްދާގައި ވާގޮތުގެ މަތިން ފާސްކުރުމަށާއި، އެ ޤަރާރުގެ މުއްދަތު، އިތުރަށް 30 ދުވަހުގެ މުއްދަތަށް އިތުރުކޮށްދިނުމަށް އެދި، 18 ފެބުރުވަރީ 2018 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާފައިވާ ކަމަށާއި، އަދި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައިވާ ޤަރާރާއި އެ ޤަރާރުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ފޮނުވާފައިވާ މައްސަލަ ޤާނޫނުއަސާސީގެ 257 ވަނަ މާއްދާގައި ލާޒިމުކޮށްފައިވާ ގޮތަށް މަޖިލީހަށް ހުށަހެޅި، އެ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުން ގޮތެއް ކަނޑައަޅަން ލާޒިމުވެފައިވާ ހިނދު، އެކަންކަމާމެދު ރައްޔިތުންގެ މަޖިލީހުގައި ބަހުސްކޮށް، ކަމާބެހޭ ކޮމިޓީއަށް ހުށަހަޅައި، އެ ކޮމިޓީން ގެންނަން ފެންނަ އިޞްލާޙުތަކާއެކު އެ ކޮމިޓީން ފާސްކޮށްފައިވާ ކަމަށާއި، އަދި ޤާނޫނުއަސާސީގެ 257 ވަނަ މާއްދާއިން މަޖިލީހަށް ގޮތެއް ކަނޑައެޅުން ލާޒިމްކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމުގައި މަޤުބޫލު އެއްވެސް އުޒުރެއްނެތި މަޖިލީހުގެ ބައެއް މެންބަރުން ޢަމަލުކޮށްފައިވާ ކަމަށާއި، އަދި ޤާނޫނުއަސާސީގެ 257 ވަނަ މާއްދާއިން ރައްޔިތުންގެ މަޖިލީހަށް ލާޒިމުކޮށްފައިވާ މަސްއޫލިއްޔަތަށާއި ޤާނޫނުއަސާސީގެ 75 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެންބަރަކަށް މަތިކޮށްފައިވާ މަސްއޫލިއްޔަތަށް ރިޢާޔަތްކޮށް، އަދި ރައްޔިތުން އެ މައްޗަށް ޢަމަލުކުރުން ލާޒިމުކުރާ އެއްވެސްކަމެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކައި ވޯޓަށް އަހަންވާނީ، އެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެންބަރުން އެ ވޯޓެއް ނަގާ ޖަލްސާއެއްގައި ޙާޟިރުވެތިބޭ ވަގުތެއްގައިކަމަށް ޤާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހިނދު، ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ މަޤްޞަދަށްޓަކައި "ރައްޔިތުން އެމައްޗަށް ޢަމަލުކުރުން ލާޒިމުކުރާ އެއްވެސްކަމެއް ކަމަށް" ބުނެފައިވާ ކަންކަން ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 38 ވަނަ މާއްދާގައި ބަޔާންކުރިއިރު، ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރާ ޤަރާރު އެ މާއްދާގައި ހިމެނިފައިނުވާ ހިނދު، އެކަމަށްވެސް ރިޢާޔަތްކޮށް، ކުއްލި ނުރައްކަލުގެ ޙާލަތާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިޢުލާންކޮށްފައިވާ ޤަރާރާއި، (އެ ޤަރާރުގެ އިޞްލާޙްތައް ހިމެނޭގޮތުން)، އެ ޤަރާރުގެ މުއްދަތު އިތުރުކުރުމާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމާއިރު، އެ މަޖިލީހުގެ ޤާނޫނީ ޢަދަދަކީ މި ޙާލަތުގައި ޤާނޫނުއަސާސީގެ 86 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޤާނޫނީ ޢަދަދުކަމަށް އެ މަޖިލީހަށް ފެނުނު ހިނދު، އެކަން އެގޮތަށް އެ މަޖިލީހުން ކުރިއަށް ގެންގޮސްފައިވާކަމަށާއި، އެހެންނަމަވެސް، އެކަމާ ގުޅޭގޮތުން އެ މަޖިލީހުގެ ބައެއް މެންބަރުން ސުވާލު އުފައްދާކަމަށްޓަކައި، 20 ފެބުރުވަރީ 2018 ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ 2018 ވަނަ އަހަރު ދައުރުން ބޭރުގައި ބޭއްވި ދެވަނަ ޚާއްޞަ ޖަލްސާގައި، ޤާނޫނުއަސާސީގެ 95 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤަރާރަކުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ލަފައެއް ހޯދުމަށް އެދި، ރައްޔިތުންގެ މަޖިލީހުން ހުށަހަޅާފައިވާ މައްސަލައެކެވެ.

ފާހަގަ ކުރެވުނު ނުކުތާތައް

[2]މި މައްސަލައިގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި، ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދަށާއި، މި މައްސަލައާ ގުޅިގެން ރައްޔިތުގެ މަޖިލީހުން ހުށަހެޅި ލިއުންތަކަށާއި، މިބާވަތުގެ މައްސަލަތަކުގައި ތަޠްބީޤުކުރެވޭ ދުސްތޫރީ ޢާންމު މަބްދައުތަކުގެ މައްޗަށް ޝަރްޢީ އަދި ޤާނޫނީ ނަޒަރުކުން ވިސްނައި ބެލިއިރު، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައް ފާހަގަކުރެވިފައި ވެއެވެ.

[3]ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 95 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ލަފައަކަށް އެދި ރައްޔިތުންގެ މަޖިލީހުން ހުށަހަޅާފައިވާ މި މައްސަލައިގެ ޚުލާޞާއަށް ބެލުމުން، މި މައްސަލައަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ) މާނަކުރުމުގެ މައްސަލައެއް ކަމާއި، މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މެދުގައި ޚިލާފު އުފެދިފައިވާ މައިގަނޑު ސުވާލަކީ، ޤާނޫނުއަސާސީގެ 253 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިގެންވާ ބާރުގެ ދަށުން ކުއްލިނުރައްކަލުގެ ޙާލަތު އިޢުލާންކުރުމަށްޓަކައި ނެރޭ ޤަރާރު ފާސްކުރުމަށާއި، އެ ޤަރާރުގައިވާ މުއްދަތަށްވުރެ ދިގު މުއްދަތަކަށް ކުއްލި ނުރައްކަލުގެ ޙާލަތު ދެމެހެއްޓުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ހުށަހެޅުން ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހުން ނަގާ ވޯޓު ނަގަންވާނީ ޤާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ދެބައިކުޅައެއްބަޔަށްވުރެ ގިނަ މެންބަރުން ހާޒިރުވެތިބޭ ވަގުތެއްގައިތޯ، މި ސުވާލުކަން އެނގެން އޮވެއެވެ.

[4]ޤާނޫނީ ދައުލަތެއްގެ އެންމެ މުހިއްމު އެއް ޚާއްޞިއްޔަތު (characteristic) ކަމުގައިވާ "ސެޕެރޭޝަންސް އޮފް ޕަވަރސް" ގެ މަބްދައަކީ ދިވެހި ދައުލަތް އޭގެ މައްޗަށް ޤާއިމުވެފައިވާ އެންމެ އަސާސީ އެއް ޚާއްޞިއްޔަތުކަމާއި؛ މިގޮތުން ދިވެހިރާއްޖޭގައި ޤާނޫނު ހެދުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށް ކަމާއި، ޤާނޫނުއަސާސީގައި ބަޔާންވެގެންވާ ގޮތުގެމަތިން ވެރިކަން ހިންގުމުގެ ބާރު ލިބިގެންވަނީ ރައީސުލްޖުމްހޫރިއްޔާއަށް ކަމާއި، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރު ލިބިގެންވަނީ ދިވެހިރާއްޖޭގެ ކޯޓުތަކަށްކަމާއި، މިކަންކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 5 ވަނަ މާއްދާއާއި، 6 ވަނަ މާއްދާއާއި، 7 ވަނަ މާއްދާއިން ސާފުކޮށް އެނގެން އޮންނައިރު، ދިވެހިރާއްޖޭގެ ޤާނޫނުހެދުމުގެ ބާރުކަމުގައިވާ ރައްޔިތުންގެ މަޖިލީހުން އަދާކުރާ އެންމެހައި އިޚްތިޞާޞްތަކަކީ، އެއީ ޤާނޫނުހެދުމުގެ އިޚްތިޞާޞްކަމުގައި ވިއަސް، ދައުލަތުގެ ޢާންމު ބަޖެޓް ފާސްކުރުމާއި، ދައުލަތުން އުފުލަންޖެހޭ މާލީ އިލްތިޒާމްތަކާ ގުޅޭ ބައެއް މުޢާމަލާތްތަކުގެ މައްޗަށް ރައްޔިތުންގެ މަޖިލީހުން ހިންގާ ރަޤާބާ އާއި އިޝްރާފު (supervision/ oversight) ގެ އިޚްތިޞާޞް ކަމުގައި ވިއަސް، އަދި އެއީ 'ޗެކްސް އެންޑް ބެލެންސެސް' ގެ އުޞޫލުގެ މަތިން، ސެޕެރޭޝަން އޮފް ޕަވަރސްގެ މަބްދައާ ޚިލާފުނުވާނޭ ގޮތުގެމަތިން ވެރިކަންކުރުމުގެ ބާރުގެ މައްޗަށާއި، ސަރުކާރުގެ އިދާރާތަކާއި، މިނިވަން މުއައްސަސާތަކުގެ މައްޗަށް ރައްޔިތުންގެ މަޖިލީހުން ހިންގާ "ރަޤާބާ" އާއި އިޝްރާފުގެ އިޚްތިޞާޞް ކަމުގައި ވިއަސް، މިއެންމެހައި އިޚްތިޞާޞްތައް ރައްޔިތުންގެ މަޖިލީހުން ހިންގާންވާނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ޙުދޫދުގެ ތެރޭގައި އެ ޤާނޫނުއަސާސީގައިވާ ގޮތުގެމަތިންކަން ޤާނޫނުއަސާސީގެ 8 ވަނަ މާއްދާއަށް ބެލުމުން ރަނގަޅަށް އެނގެން އޮވެއެވެ.

[5]ޤާނޫނުއަސާސީއާ ޚިލާފުނުވާނޭ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާ ބެހޭ އެންމެހައި ކަންތައްތައް ބަލަހައްޓާނީ ރައްޔިތުންގެ މަޖިލީހުން ކަމަށާއި، އަދި އެ ކަންތައްތަކާ ގުޅޭ ޤަވާޢިދުތައްވެސް ހަދާނީ އެ މަޖިލީހުން ކަމަށް ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާއިރު، ޤާނޫނުއަސާސީގެ 86 ވަނަ މާއްދާގެ ޞަރީޙަ ނައްޞުގައި "ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ޤާނޫނީ ޢަދަދަކީ މަޖިލީހުގެ މެންބަރުންގެ ފަންސަވީސް އިންސައްތައެވެ." މިފަދައިން ބަޔާންކުރުމަށް ފަހު، ޤާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ) ގެ ޞަރީޙަ ޢިބާރާތުގައި "މި ޤާނޫނުއަސާސީގެ 86 ވަނަ މާއްދާ އެހެން އޮތްކަމުގައި ވިޔަސް ރައްޔިތުން އެމައްޗަށް ޢަމަލުކުރުން ލާޒިމްކުރާ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކައި ވޯޓަށް އަހާންވާނީ އެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ދެބައިކުޅައެއްބަޔަށްވުރެ ގިނަ މެންބަރުން އެ ވޯޓެއްނަގާ ޖަލްސާގައި ހާޒިރުވެތިބޭ ވަގުތެއްގައެވެ." މިފަދައިން ބަޔާންކޮށްފައި އޮންނައިރު، ޤާނޫނުއަސާސީގެ ބުނެވިދިޔަ 86 ވަނަ މާއްދާއާއި، 87 ވަނަ މާއްދާގެ (ށ) އެއްކޮށް ކިއުމުން ދޭހަވާ މަފްހޫމަކީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ފަށައި ކުރިއަށް ގެންދިއުމަށް ބޭނުންވާ ޞައްޙަ ޤާނޫނީ ޢަދަދަކީ މަޖިލީހުގެ މެންބަރުންގެ ފަންސަވީސް އިންސައްތަ ކަމުގައި ވިއަސް، ރައްޔިތުން އެމައްޗަށް ޢަމަލުކުރުން ލާޒިމްކުރާ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކައި ވޯޓަށް އެހުން ޞައްޙަވާނީ އެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ދެބައިކުޅައެއްބަޔަށްވުރެ ގިނަ މެންބަރުން އެ ވޯޓެއްނަގާ ޖަލްސާގައި ހާޒިރުވެތިބޭ ވަގުތެއްގައި ކަމާއި، ނޫންނަމަ އެ ވޯޓަކީ ޤާނޫނީގޮތުން ޞައްޙަ ވޯޓެއްކަމުގައި ނުބެލެވޭނެކަމާއި، މި މަފްހޫމު ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 37 ވަނަ މާއްދާ އިންވެސް ނަގަހައްޓާފައިވާކަން އެނގެން އޮވެއެވެ.

[6]ޤާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ) ގައި ރައްޔިތުން އެމައްޗަށް ޢަމަލުކުރުން ލާޒިމްކުރާ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކައި ވޯޓަށް އަހާންވާނީ އެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ދެބައިކުޅައެއްބަޔަށްވުރެ ގިނަ މެންބަރުން އެ ވޯޓެއްނަގާ ޖަލްސާގައި ހާޒިރުވެތިބޭ ވަގުތެއްގައި ކަމަށް ބަޔާންކޮށްފައި އޮންނަ އޮތުމަށް ޤާނޫނީ ނަޒަރަކުން ބަލާއިރު، އެމާއްދާގައި ބަޔާންކޮށްފައިވާ "ރައްޔިތުން އެމައްޗަށް ޢަމަލުކުރުން ލާޒިމްކުރާ" ކަންކަމަކީ ޢާންމު އުޞޫލެއްގެ ގޮތުން ޤާނޫނުއަސާސީގެ 70 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ޤާނޫނުހެދުމުގެ ބާރުގެ ދަށުން އެ މަޖިލީހުން ފާސްކުރާ ޤާނޫނު (legislation) ތަކުގައި ހިމެނިގެންވާ ޤާނޫނީ ޤާޢިދާތައް (Legal Rules) ކަމާއި، އެހެނީ ޤާނޫނަކީ ރައްޔިތުން އެ މައްޗަށް ޢަމަލުކުރުން ލާޒިމްވެގެންވާ "ޢާންމު އަދި މުޖައްރަދު" (general and abstract) ޤާނޫނީ ޤާޢިދާތައްކަމާއި، އެއަށް ޢަމަލުކުރުން ނުވަތަ ތަބާވުން ލާޒިމްވެގެންވުމީ ޤާނޫނީ ޤާޢިދާގެ އެންމެ މުހިއްމު އެއް ޚާއްޞިއްޔަތުކަން ޤާނޫނުގެ ޢާންމު ތަޢުރީފަށް ބެލުމުން އެނގެން އޮންނައިރު، ޤާނޫނުއަސާސީގެ ބުނެވިދިޔަ 87 ވަނަ މާއްދާގެ (ށ) ގައި މުޖްމަލުކޮށް ބުނެފައިވާ "ރައްޔިތުން އެމައްޗަށް ޢަމަލުކުރުން ލާޒިމްކުރާ އެއްވެސްކަމެއް" މި ޢިބާރާތް ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 38 ވަނަ މާއްދާގައި ތަފްސީރުކޮށް، ތަފްޞީލު ކުރުމާއެކު، ރައްޔިތުން އެމައްޗަށް ޢަމަލުކުރުން ލާޒިމްކުރާ ކަންކަމަކީ ކޮބައިކަން އެ މާއްދާގައި "ޙަޞްރު" ކޮށް ބަޔާންކޮށްފައިވާ ކަމާއި؛ އެކަންކަމަކީ: (ހ) ރައްޔިތުން ވަކިގޮތަކަށް ތަބާވުން ލާޒިމުކުރާ ޤާނޫނެއް ފާސްކުރުމާއި، (ށ) ރައްޔިތުން ވަކިގޮތަކަށް ޢަމަލުކުރުމަށް ނުވަތަ ނުކުރުމަށް ބާރުއަޅާ ޤާނޫނެއް ފާސްކުރުމާއި، (ނ) ރައްޔިތުންގެ އަތުން ފައިސާއެއް ޚަރަދުކުރަންޖެހޭ ކަމެއް ހިމެނޭ ޤާނޫނެއް ފާސްކުރުމާއި، (ރ) ރައްޔިތުންގެ އަތުން ޓެކުހެއް ނެގޭ ޤާނޫނެއް ފާސްކުރުމާއި، (ބ) ވަކި ކަމެއް ކުރުމުން ނުވަތަ ނުކުރުމުން ރައްޔިތަކު ކުށްވެރިވުން ހިމެނޭ ޤާނޫނެއް ފާސްކުރުމާއި، (ޅ) ރައްޔިތަކު އުފުލަންޖެހޭ ޝަޚްޞީ ޒިންމާއެއް ހިމެނޭ ޤާނޫނެއް ފާސްކުރުމާއި، މިކަންކަން ކަން އެނގެން އޮންނައިރު، ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 38 ވަނަ މާއްދާގައި ޝާމިލުވެފައި އެވަނީ އިސްވެ އިޝާރާތްކުރެވުނު ފަދައިން، ޤާނޫނުއަސާސީގެ 70 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ޤާނޫނުހެދުމުގެ ބާރުގެ ދަށުން އެ މަޖިލީހުން ފާސްކުރާ ޕަބްލިކް ލޯ އާއި ޕްރައިވެޓް ލޯ ގެ ދާއިރާގައި ހިމެނޭ ތަފާތު ޤާނޫނުތައްކަން އެނގެން އޮންނައިރު، 'ޗެކްސް އެންޑް ބެލެންސެސް' ގެ އުޞޫލުގެ މަތިން، ސެޕެރޭޝަން އޮފް ޕަވަރސްގެ މަބްދައާ ޚިލާފުނުވާނޭ ގޮތުގެމަތިން ވެރިކަންކުރުމުގެ ބާރުގެ މައްޗަށާއި، ސަރުކާރުގެ އިދާރާތަކާއި، މިނިވަން މުއައްސަސާތަކުގެ މައްޗަށް ރައްޔިތުންގެ މަޖިލީހުން ހިންގާ "ރަޤާބާ" އާއި އިޝްރާފުގެ އިޚްތިޞާޞްގެ ތެރެއިން އެ މަޖިލީހުން ނިންމާ ނިންމުންތައް ނިންމުމަށް ބާއްވާ ޖަލްސާގެ ޤާނޫނީ ޢަދަދާއި، އެ ފަދަ ނިންމުންތައް ފާސްކުރުމަށް ބޭނުންވާ އަޣުލަބިއްޔަތަކީ ޤާނޫނުއަސާސީއާއި ޤާނޫނުގައި ވަކިގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، ޤާނޫނުއަސާސީގެ 86 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޤާނޫނީ ޢަދަދާއި، ޤާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަޣުލަބިއްޔަތުކަމާއި، ސަބަބަކީ ރައްޔިތުންގެ މަޖިލީހުން ވެރިކަންކުރުމުގެ ބާރާއި ދައުލަތުގެ ތަފާތު އިދާރާތަކުގެ މައްޗަށް ހިންގާ ރަޤާބީ ދައުރު އަދާކުރުމުގެ ގޮތުން ނިންމާ ނިންމުންތަކަކީ އޭގައި ޢާންމު ރައްޔިތުން އެ މައްޗަށް ޢަމަލުކުރުން ލާޒިމުކުރާ ޤާނޫނީ ޢާންމު އަދި މުޖައްރަދު ޤާޢިދާތަކެއް އެކުލެވޭ ނިންމުންތަކެއް ނޫންކަމާއި، އެހެންނަމަވެސް، އެފަދަ ނިންމުންތަކުގެ ތެރެއިންވެސް ބައެއް ނިންމުންތަކުގެ ސީރިއަސް ކަމަށް ރިޢާޔަތްކޮށް ޤާނޫނުއަސާސީގައި އެ ނިންމުންތައް ރައްޔިތުންގެ މަޖިލީހުން ނިންމާންޖެހޭނީ ވަކި ޚާއްޞަ އަޣުލަބިއްޔަތަކުން ކަމަށް ކަނޑައަޅައިފައި ވާނަމަ އެފަދަ ނިންމުންތައް ފާސްކުރުމަށް ބޭއްވޭ ޖަލްސާގެ ޤާނޫނީ ޢަދަދުވެސް ޢާންމު އުޞޫލާ ޚިލާފަށް ބަދަލުވެގެންދާނެ ކަމާއި؛ މިގޮތުން ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުގައި ނުވަތަ ރައީސުލް ޖުމްހޫރިއްޔާގެ ނައިބުގެ މަޤާމުގައި ހުރި މީހަކު އެމަޤާމުން ވަކިކުރުމަށް ހުށަހެޅޭ ޤަރާރެއް ރައްޔިތުންގެ މަޖިލީހުން ފާސްވާނީ އެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުންކަން ޤާނޫނުއަސާސީގެ 100 ވަނަ މާއްދާގެ (ބ) އިން އެނގެން އޮންނަކަމާއި، އަދި ހަމަ އެފަދައިން ވަޒީރުންގެ މަޖިލީހުގެ މެންބަރެއް އިމްޕީޗްކޮށް އެ މެންބަރެއްގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްވާނީ އެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ކަން ޤާނޫނުއަސާސީގެ 101 ވަނަ މާއްދާގެ (ނ) އިން އެނގެން އޮންނަކަމާއި، އަދި މީގެ އިތުރުން ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ޤާނޫނުހެދުމުގެ ބާރުތަކުގެ ތެރޭގައި ހިމެނޭ ބައެއް ބާވަތުގެ ޤާނޫނުވެސް ފާސްކުރެވޭނީ އިސްވެ ޙަވާލާދެވުނު ޤާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޤާނޫނީ ޢަދަދަށްވުރެ ގިނަ ޢަދަދެއްގެ މެންބަރުން ހާޒިރުވެތިބޭ ޖަލްސާއެއްގައިކަން އެނގެން އޮންނަކަމާއި، މިގޮތުން ދައުލަތުގެ ޤާނޫނީ އޮނިގަނޑުގައި ހައިރާކީގޮތުން އެންމެ މަތީ ހަރުފަތުގައިވާ ދުސްތޫރީ ޤާޢިދާތައް އެކުލެވިގެންވާ ދުސްތޫރު ނުވަތަ ޤާނޫނުއަސާސީއަށް އިޞްލާޙެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ ތިންބައިގެ އަޣުލަބިއްޔަތުން ފާސްކުރާ ޤާނޫނަކުން ކަމަށް ޤާނޫނުއަސާސީގެ 261 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމާއި؛ މިކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް އިސްތިޚްލާޞް ކުރެވޭ ދެ ނަތީޖާއެއް ވާކަމާއި؛ ފުރަތަމަ ނަތީޖާއަކީ ޤާނޫނުއަސާސީގައި އެހެންގޮތަކަށް ކަނޑައަޅާފައި ނުވާނަމަ ރައްޔިތުން އެ މައްޗަށް ޢަމަލުކުރުން ލާޒިމްވެގެންވާ ޤާނޫނީ ޤާޢިދާތައް ހިމެނޭ، ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 38 ވަނަ މާއްދާގައި ތަފްޞީލުކޮށްފައިވާ ކަންކަން ހިމެނޭ ފަދަ ޤާނޫނުތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކައި ވޯޓަށް އަހާންވާނީ ޤާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ދެބައިކުޅައެއްބަޔަށްވުރެ ގިނަ މެންބަރުން އެ ވޯޓެއްނަގާ ޖަލްސާގައި ހާޒިރުވެތިބޭ ވަގުތެއްގައި ކަމާއި، އަދި ދެވަނަ ނަތީޖާއަކީ ރައްޔިތުން އެ މައްޗަށް ޢަމަލުކުރުން ލާޒިމްވެގެންވާ ޤާނޫނީ ޤާޢިދާތައް ހިމެނޭ ކަންކަން ފިޔަވައި އެހެންކަންތައްތައް ފާސްކުރުމަށް ޤާނޫނުއަސާސީގައި ވަކި ޚާއްޞަ އަޣުލަބިއްޔަތެއް ބަޔާންކޮށްފައި ނުވާނަމަ އެފަދަ ކަންތައްތައް ނިންމުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ޤާނޫނީ ޢަދަދަކަށް ވާނީ ޤާނޫނުއަސާސީގެ 86 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޢާންމު އުޞޫލުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ފަންސަވީސް އިންސައްތަކަން އެނގެއެވެ.

[7]ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 253 ވަނަ މާއްދާގެ ދަށުން، ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ބާރުގެ ދަށުން، 05 ފެބުރުވަރީ 2018 ވަނަ ދުވަހު، ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައިވާ ޤަރާރު، (އެ ޤަރާރު އިޞްލާޙްކުރުމަށް އިޢުލާނުކޮށްފައިވާ 2 ޤަރާރު ވެސް ހިމެނޭގޮތުން)، ޤާނޫނުއަސާސީގެ 257 ވަނަ މާއްދާގައިވާ ގޮތުގެމަތިން ފާސްކުރުމަށާއި، އެ ޤަރާރުގެ މުއްދަތު އިތުރަށް، 30 ދުވަހުގެ މުއްދަތަށް އިތުރުކޮށްދިނުމަށް އެދި، 18 ފެބުރުވަރީ 2018 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާފައިވާކަން އެނގެން އޮންނައިރު، ޤާނޫނުއަސާސީގެ 253 ވަނަ މާއްދާގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ސަބަބުތަކުގެ ތެރެއިން ސަބަބެއް ޤައުމަށް މެދުވެރިވެއްޖެނަމަ، ކުއްލި ނުރައްކަލުގެ ޙާލަތު ޤާނޫނުއަސާސީގެ އެ މާއްދާގައިވާ ގޮތުގެމަތިން އިޢުލާންކޮށް ޤައުމުގެ 'އަމްނު ޢާންމު' (public safety) ރައްކާތެރިކޮށް ނެގެހެއްޓުމަށް ކޮންމެހެން ޟަރޫރަތްތެރި މިންވަރަށް އިސްތިޘްނާއީ ފިޔަވަޅު ޤާނޫނުއަސާސީގެ 254 ވަނަ މާއްދާއާއި 255 ވަނަ މާއްދާއާ ޚިލާފުނުވާނޭ ގޮތުގެމަތިން އެޅުމަކީ ދައުލަތުގެ އެންމެ އިސްވެރިޔާގެ ޙައިޘިއްޔަތުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރެއްކަމާއި، އެގޮތުގެ މަތިން ކުއްލިނުރައްކަލުގެ ޙާލަތު އިޢުލާންކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ނެރޭ ޤަރާރަކީ ޤާނޫނުއަސާސީގެ 257 ވަނަ މާއްދާގައިވާ ގޮތުގެމަތިން "ޗެކްސް އެންޑް ބެލެންސެސް" ގެ އުޞޫލުން ރައްޔިތުންގެ މަޖިލީހުގެ ރަޤާބާއާއި އިޝްރާފު އެ ޤަރާރުގެ މައްޗަށް ހިނގާނެ ޤަރާރެއްކަމާއި؛ މިގޮތުން، ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނެރޭ ޤަރާރާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ކުރުމުގެ ބާރު ލިބިގެންވާ ކަންތައްތަކަކީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރުމަށް ނެރެފައިވާ ޤަރާރުގެ ވަކިބައެއް ނުވަތަ މުޅި ޤަރާރު އެކުގައި ފާސްކުރުމާއި، މުއްދަތު އިތުރުކުރެވޭ ކޮންމެ ފަހަރަކު ތިރީސް ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ޤަރާރުގެ މުއްދަތު އިތުރުކުރުމާއި، ޤަރާރު ބާޠިލްކުރުމާއި މިކަންތައްތައްކަން ޤާނޫނުއަސާސީގެ 257 ވަނަ މާއްދާގެ (ށ) އިން ރަނގަޅަށް އެނގެން އޮންނައިރު، ބުނެވިދިޔަ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައިވާ ޤަރާރާ ގުޅިގެން 20 ފެބްރުއަރީ 2018 ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ 2018 ވަނަ އަހަރު ދައުރުން ބޭރުގައި ބޭއްވި ދެވަނަ ޚާއްޞަ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުން ދެކަމެއް ފާސްކޮށްފައިވާ ކަމާއި، ފުރަތަމަކަމަކީ ބުނެވިދިޔަ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރުމަށްޓަކައި ނެރެފައިވާ ޤަރާރު އިޞްލާޙުތަކާއެކު ފާސްކުރުން ކަމާއި؛ އެ އިޞްލާޙުތަކަކީ ބުނެވިދިޔަ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރުމާ ގުޅޭ ޤަރާރުގައި ބަޔާންކޮށްފައިވާ ޤާނޫނުއަސާސީގެ 100 ވަނަ މާއްދާ، 101 ވަނަ މާއްދާ، 113 ވަނަ މާއްދާ އަދި 228 ވަނަ މާއްދާ އުނިކުރުން ކަމާއި، އަދި ދެވަނަ ކަމަކީ ރައީސުލްޖުމްހޫރިއްޔާ އެދިފައިވާ ގޮތުގެމަތިން އެ ޤަރާރުގެ މުއްދަތު، އިތުރަށް 30 ދުވަހުގެ މުއްދަތަށް އިތުރުކުރުމަށް ނިންމުން ކަން ރައްޔިތުންގެ މަޖިލީހުގެ އިޝާރާތްކުރެވުނު 20 ފެބްރުއަރީ 2018 ވަނަ ދުވަހުގެ ޖަލްސާގެ ޔައުމިއްޔާއަށް ބެލުމުން އެނގެން އޮންނައިރު، ރައްޔިތުންގެ މަޖިލީހުން އެ ޖަލްސާ ކުރިއަށް ގެންގޮސްފައިވަނީ ޤާނޫނުއަސާސީގެ 86 ވަނަ މާއްދާއަށް ރިޢާޔަތްކޮށް އެ ޖަލްސާގެ ޤާނޫނީ ޢަދަދަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ފަންސަވީސް އިންސައްތަކަމަށް ބަލައިގެން ކަމާއި، އަދި އެ ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ފާސްކުރާ ވަގުތު ޤާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތު އެ ޖަލްސާގައި ހާޒިރުވެ ތިބެންޖެހޭކަމަށް އެ މަޖިލީހަށް ބުރަވެވިފައި ނުވާކަން އެނގެން އޮންނައިރު، މިކަންކަމުގެ މައްޗަށް ދުސްތޫރީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު، ޙަވާލާދެވުނު ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނެރުނު ޤަރާރަކީ އޭގެ ޒާތުގައި ރައްޔިތުން އެ މައްޗަށް ޢަމަލުކުރުން ލާޒިމުކުރާ ޢާންމު އަދި މުޖައްރަދު ޤާޢިދާތަކެއް ހިމެނިގެންވާ ޤަރާރެއް ނޫންކަމާއި، އެހެންނަމަވެސް ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރުމަށް ނެރޭ ޤަރާރު ތަންފީޒުކުރުމަށް ހެދިފައިވާ ޤާނޫނުތަކެއްވާނަމަ އެ ޤާނޫނުތަކަކީ ރައްޔިތުން އެމައްޗަށް ޢަމަލުކުރުން ލާޒިމްކުރާ ޤާނޫނީ ޤާޢިދާތައް ހިމެނޭ ޤާނޫނުތަކެއްކަން އެނގެން އޮންނައިރު، ބުނެވިދިޔަ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައިވާ ޤަރާރާ ގުޅިގެން 20 ފެބްރުއަރީ 2018 ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ 2018 ވަނަ އަހަރު ދައުރުން ބޭރުގައި ބޭއްވި ދެވަނަ ޚާއްޞަ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ކަންތަކުގެ ތެރޭގައި އެ ޤަރާރު ތަންފީޒުކުރުމުގެ ގޮތުން ހަދައިފައިވާ ޤާނޫނެއް ނުވަތަ ޤަވާޢިދެއް ވިއަސް ފާސްކޮށްފައި ނުވާކަން އެނގެން އޮތުމުގެ އިތުރުން 05 ފެބުރުވަރީ 2018 ވަނަ ދުވަހު، ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ނެރެފައިވާ ޤަރާރަކީ އޭގެ ޒާތުގައި ސީދާ އެޤަރާރުގައި ރައްޔިތުން އެ މައްޗަށް ޢަމަލުކުރުން ލާޒިމްކުރާ ޢާންމު އަދި މުޖައްރަދު ޤާޢިދާތަކެއް ހިމެނިގެންވާ ޤަރާރެއް ނޫންކަމާ، އަދި ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 38 ވަނަ މާއްދާގައި ޙަޞްރުކޮށް ބަޔާންކޮށްފައިވާ ކަންކަމުގެ ތެރޭގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ނެރޭ ޤަރާރު ޝާމިލުކޮށްފައި ނުވާކަމާއި މިކަންކަން އެނގެން އޮވެއެވެ.

[8]ދެންފަހެ، އިސްވެބަޔާންވެދިޔަ ސަބަބުތައް އެގޮތުގެމަތިން ހުރުމާއެކު، މީލާދީ ސަނަތުން 05 ފެބުރުވަރީ 2018 ވަނަ ދުވަހު، ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާގެ ނަންބަރު 3/2018 ޤަރާރު (އެ ޤަރާރު އިޞްލާޙްކުރުމަށް އިޢުލާނުކޮށްފައިވާ 2 ޤަރާރު ވެސް ހިމެނޭގޮތުން) ފާސްކުރުމަށާއި އެ ޤަރާރުގެ މުއްދަތުގެ އިތުރަށް، 30 ދުވަހުގެ މުއްދަތު އިތުރުކުރުމަށްޓަކައި 20 ފެބުރުވަރީ 2018 ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ 2018 ވަނަ އަހަރު ދައުރުން ބޭރުގައި ބޭއްވި ދެވަނަ ޚާއްޞަ ޖަލްސާގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ޤާނޫނީ ޢަދަދުކަމުގައިވާ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތު ހާޒިރުވެ ތިބުމަކީ ދުސްތޫރީގޮތުން ލާޒިމްވެގެންވާ ކަމެއް ނޫންކަން އެނގެން އޮންނައިރު، ރައްޔިތުންގެ މަޖިލީހުގެ ބުނެވިދިޔަ ޖަލްސާގައި ފާސްކޮށްފައިވާ ބަޔާންވެދިޔަ ކަންތައްތައް ފާސްކުރުމަށް ދުސްތޫރީގޮތުން ލާޒިމުވެގެންވާ ޤާނޫނީ ޢަދަދަކީ ޤާނޫނޫއަސާސީގެ 86 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޤާނޫނީ ޢަދަދުކަން އެނގެން އޮންނާތީ، ބުނެވިދިޔަ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައިވާ ޤަރާރާ ގުޅިގެން 20 ފެބުރުވަރީ 2018 ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ 2018 ވަނަ އަހަރު ދައުރުން ބޭރުގައި ބޭއްވި ދެވަނަ ޚާއްޞަ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުން އެ ޤަރާރު ފާސްކޮށް އެ ޤަރާރުގެ މުއްދަތަށް 30 ދުވަސް އިތުރުކޮށް ނިންމާފައިވާ ބަޔާންވެދިޔަ ނިންމުންތަކަކީ ދުސްތޫރީގޮތުން ޞައްޙަ ނިންމުންތަކެއްކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ.

[9]ފަނޑިޔާރު ޢަބްދުﷲ ޢަރީފް

[10]ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ

[11]ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ

[12]ަ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 5 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 6 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 7 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 8 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 70 ވަނަ މާއްދާގެ (ހ)
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 75 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 86 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ހ)
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ)
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރު
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 95 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 100 ވަނަ މާއްދާގެ (ބ)
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 101 ވަނަ މާއްދާގެ (ނ)
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 113 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 228 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 253 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 254 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 255 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 257 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 257 ވަނަ މާއްދާގެ (ށ)
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 261 ވަނަ މާއްދާ
  • ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 37 ވަނަ މާއްދާ
  • ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 38 ވަނަ މާއްދާ

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ