—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 2018/SC-C/08
ދަޢުވާކުރާ ފަރާތް: އިބްރާހީމް މުޙައްމަދު ޞާލިޙް، ނޫރާނީއާގެ، ޅ. ހިންނަވަރު
ޢަލީ ޙުސައިން
އަނާރާ ނަޢީމް
ދަޢުވާ ލިބޭ ފަރާތް: -
މައްސަލައިގެ ބާވަތް: ދުސްތޫރީ މައްސަލަ
މައްސަލަ އައިގޮތް: ދުސްތޫރީ މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚް: 13 މާރިޗު 2018
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 19 މާރިޗު 2018
ނިމުނު ތާރީޚް: 25 އެޕްރީލް 2018
މައްސަލަ ނިންމި ގަޑި: 15:30
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
ފާހަގަކުރެވުނު ނުކުތާތައް:
މިއީ، 13 މާރިޗު 2018 ވަނަ ދުވަހު ބާއްވާފައިވާ ރައްޔިތުންގެ މަޖިލީހުގެ 2018 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 8 ވަނަ ޖަލްސާގައި، ޤާނޫނު ނަންބަރު 2018/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) އަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ ބިލު ފާސްކުރުމަށް ނިންމާފައިވާ ނިންމުމަކީ، ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދު، ޝަކުލީގޮތުންނާއި އިޖުރާއީގޮތުން ތަބާވުން ލާޒިމުކޮށްފައިވާ އުޞޫލުތަކާއި ހަމަތަކާ ޚިލާފު އަދި ޤާނޫނުއަސާސީގެ 144 ވަނަ މާއްދާގެ (ހ) އާއި 268 ވަނަ މާއްދާގެ ނައްޞަށް ރިޢާޔަތްކޮށް ބާޠިލު ނިންމުމެއްކަމަށްވާތީ، ބުނެވިދިޔަ ނިންމުމުގެ ނަތީޖާއަކީ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުގައި ހިމެނޭ ފަނޑިޔާރުންގެ ދައުރާއި މުސްތަޤިއްލުކަމަށް ބުރޫ އެރުވުންކަމަށްވެފައި، ޤާނޫނުއަސާސީގެ 154 ވަނަ މާއްދާގައިވާ ދުސްތޫރީ އުޞޫލާ ޚިލާފުވާގޮތަށް ފަނޑިޔާރުން މަޤާމުން ވަކިކުރުމަށް ޤާނޫނީ އުޞޫލުތަކެއް އެކަށައެޅުމަކީ ސިޔާސީ މަޤްޞަދު ޙާޞިލުކުރުމަށް ވެރިކަން ހިންގާ ބާރުން ކުރާ ޢަމަލެއްކަމަށްވާ ހިނދު، ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ނ) ގައިވާ ގޮތަށް ފަނޑިޔާރުންގެ މަސައްކަތާބެހި ނުފޫޒު ފޯރުވުންކަމަށްވާތީ، އެކަމަކީ ޢަދުލުވެރިކަމާއި ހަމަހަމަކަމާއެކު އިންޞާފުން ޝަރީޢަތްކުރެވުމުގެ ޖަމާޢީ ޙައްޤަށް އުނިކަން ލިބޭނެކަމެއްކަމަށް ފެންނާތީ، ޢަދުލުވެރިކަމާއި ހަމަހަމަކަމާއެކު އިންޞާފުން ޝަރީޢަތްކުރެވުމުގެ ޙައްޤު ޙިމާޔަތްކުރުމުގެ ޢާންމު މަޞްލަޙަތަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ނިންމުމަކީ ޤާނޫނުއަސާސީއާ ތަޢާރުޟުވާ ބާޠިލު ނިންމުމެއްކަމަށް ކަނޑައަޅައި ދިނުމަށާއި، އަދި އެ ނިންމުމާ ގުޅޭގޮތުން ދައުލަތުގެ އެއްވެސް އިދާރާއަކުން އަދި އެއިން އިދާރާއެއްގެ މުވައްޒަފަކުވެސް އެއްވެސް ކަމެއް ނުކުރުމަށާއި އަދި މިހާތަނަށް ކޮށްފައިވާ ކަމެއް ތަންފީޛުކުރުން ވަގުތުން ހުއްޓާލުމަށް ޝަރީޢަތުން އަމުރުކޮށްދެއްވުމަށް އެދި ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ހ) އާއި ޤާނޫނުއަސާސީގެ 144 ވަނަ މާއްދާގެ (ހ) އާއި ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 11 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން ޤައުމުގެ ޢާންމު މަޞްލަޙަތާ ގުޅުންހުރި Ex parte ގޮތުގައި ބަލައިދިނުމަށް އެދި ޅ. ހިންނަވަރު، ނޫރާނީއާގެ އިބްރާހީމް މުޙައްމަދު ޞާލިޙު އާއި، ބ. ކެންދޫ، މުނިޔާގެ ޢަލީ ޙުސައިން އާއި ހ. ގުރުސް އަނާރާ ނަޢީމް އާ މި ތިން މީހުންގެ ފަރާތުން ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލިފައިވާ ދުސްތޫރީ މައްސަލައެކެވެ.
މި މައްސަލަ ހުށަހެޅި ފަރާތްތަކުން މި މައްސަލަ ހުށަހަޅާފައިވަނީ، މި މައްސަލައިގެ ދަޢުވާލިބޭ ޙަސްމުން ނުހިމެނޭގޮތުން ex parte (އެކްސް ޕާޓޭ) މައްސަލައެއްގެ ގޮތުގައި ކަމަށްވިޔަސް، މި މައްސަލައިގެ ބާވަތަށް ބަލައި، ޤާނޫނުއަސާސީގެ 16 މާއްދާގެ (ރ) އާއި ޤާނޫނުއަސާސީގެ 133 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، މި މައްސަލައިގެ ޝަރީޢަތަށް ޙާޟިރުވެ، ދައުލަތް ތަމްސީލްކޮށް، ދައުލަތުގެ ފަރާތުން ވާހަކަދެއްކުމުގެ ފުރުޞަތު ބަންޑާރަނައިބުއަށް މި ކޯޓުގެ ފަރާތުން ލިބިދިނުމުން ދިވެހި ދައުލަތް ތަމްސީލްކޮށް ބަންޑާރަނައިބުގެ ފަރާތުން މި މައްސަލައިގައި ޝަރީޢަތަށް ޙާޟިރުވެ ބަޔާންދީފައިވާކަން އެނގެން އޮވެއެވެ.
މި މައްސަލައާ ގުޅިގެން، މައްސަލަ ހުށަހެޅި ފަރާތްތަކުންނާއި ބަންޑާރަނައިބުގެ ފަރާތުން މި މައްސަލައިގެ ޝަރީޢަތުގެ މަޖިލީހުގައާއި އަދި މައްސަލަ ބަލައިގަތުމާމެދު ގޮތެއް ކަނޑައެޅުމަށްޓަކައި ބޭއްވުނު މި މައްސަލައިގެ އިޖުރާއީ އަޑުއެހުމުގައި މައްސަލަ ހުށަހެޅި ފަރާތްތަކުންނާއި ބަންޑާރަނައިބުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި މި މައްސަލައާ ގުޅިގެން ޝަރީޢަތަށް ހުށަހަޅާފައިވާ ލިޔުންތަކުގެ މައްޗަށް ދުސްތޫރީ، ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން މި ކޯޓުން ބެލިއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، މި މައްސަލައަކީ 13 މާރިޗު 2018 ވަނަ ދުވަހު ބާއްވާފައިވާ ރައްޔިތުންގެ މަޖިލީހުގެ 2018 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 08 ވަނަ ޖަލްސާގައި ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) އަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ފާސްކޮށްފައިވަނީ ޤާނޫނުއަސާސީއާ ޚިލާފަށްކަމަށް ބުނެ މި މައްސަލައިގައި ދަޢުވާކުރާ ފަރާތްތަކުން ހުށަހަޅާފައިވާ މައްސަލައެއްކަމުގައި ވެފައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާއަށާއި، ޤާނޫނުއަސާސީގެ 274 ވަނަ މާއްދާގެ (ހ) ގައި "ދުސްތޫރީ މައްސަލަ" މާނަކޮށްފައި އޮންނަ ގޮތުގެ މައްޗަށް ރިޢާޔަތްކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކޮށް ޤާނޫނަކަށް ވުމުގެކުރިން، އެ ބިލުގެ ދުސްތޫރިއްޔަތުކަން ކަނޑައެޅުމުގެ އިޚްތިޞާޞް ސުޕްރީމް ކޯޓަށް ލިބިގެން ނުވާކަމަށާއި، އެހެންކަމުން މި ޤަޟިއްޔާގައި ޙަވާލާދެވޭ މައްސަލައަކީ ސުޕްރީމް ކޯޓަށް ހުށަހެޅި، އެ ކޯޓުގައި މައުޟޫޢީގޮތުން ބެލިދާނެ މައްސަލައެއް ނޫންކަމަށް ބުނެ ބަންޑާރަނައިބުގެ ފަރާތުން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އުފުލާފައިވާ އިޖުރާއީ ނުކުތާގެ މައްޗަށް ދުސްތޫރީ ނަޒަރަކުން ބެލިއިރު، ޙަވާލާދެވުނު މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަނެފައިވަނީ، 2018 ވަނަ އަހަރުގެ މާރިޗު މަހުގެ 13 ވީ އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 8 ވަނަ ޖަލްސާއިން ފާސްކޮށްފައިވާ އިސްވެ ޙަވާލާދެވުނު ބިލު، ޤާނޫނުއަސާސީގެ 92 ވަނަ މާއްދާގައިވާ ގޮތުގެމަތިން، 14 މާރިޗު 2018 ވީ ބުދަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކޮށް އެ ބިލު ޤާނޫނަކަށްވުމަށް ފަހުގައި ކަމަށްވާއިރު، މި މައްސަލައިގެ ދަޢުވާގެ ޞީޣާގައި ބުނާ އިސްވެ އިޝާރާތްކުރެވުނު ބިލުގެ ދުސްތޫރިއްޔަތުކަމާމެދު ތަޢުނުކޮށްފައި އޮންނަ އޮތުމަކީ އެއްވެސް ޙާލެއްގައި ދަޢުވާގެ ޞީޣާގައި ބަޔާންކޮށްފައިވާ ބުނެވުނު ޤާނޫނުއަކީ ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) އަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުކަމަށް ތަކްޔީފުކޮށް މި މައްސަލަ ސުޕްރީމް ކޯޓުން މައުޟޫޢީގޮތުން ބެލުމަށް އޮތް އިޖުރާއީ ހުރަހެއް ނޫންކަމާއި، މީގެ އިތުރުން ޢަދުލު އިންޞާފު ޤާއިމުކުރުމުގެ އެންމެ އިސް ފަރާތުގެ ޙައިޘިއްޔަތުން ޤާނޫނުއަސާސީއާއި ޤާނޫނުތަކުން ސުޕްރީމް ކޯޓަށް ލިބިގެންވާ "ރަޤާބާ ދުސްތޫރިއްޔާ" (constitutionality review) ގެ ޢާއްމު އިޚްތިޞާޞްއަކީ އޭގައި "ރަޤާބާ ލާޙިޤާ" (subsequent judicial review) އާއި "ރަޤާބާ ސާބިޤާ" (previous judicial review) ޝާމިލުވެގެންވާ އިޚްތިޞާޞްއެއްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 68 ވަނަ މާއްދާއާއި، 95 ވަނަ މާއްދާއާއި، 141 ވަނަ މާއްދާގެ (ށ) އާއި 145 ވަނަ މާއްދާގެ (ނ) އާއި 268 ވަނަ މާއްދާއާއި، އަދި ތަފާތު ދުސްތޫރީ ނިޒާމުތަކުގައި އިސްތިޤްރާރުވެފައިވާ "ރަޤާބާ ޤަޟާއިއްޔާ" (judicial review) އާ ގުޅޭ މަބްދައުތަކާއި އުޞޫލުތަކުން އިސްތިޚްލާސް ކުރެވެން އޮތުމުގެ އިތުރުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނިންމުންތަކުންނާއި "ޤަޟާޢީ ސަވާބިޤު" (judicial precedence) ތަކުންވެސް އެކަން ކަށަވަރުވެފައިވާކަން އެނގެން އޮންނައިރު، މި އަސާސްތަކުގެ މައްޗަށް ރިޢާޔަތްކޮށް، ބަންޑާރަނައިބުގެ ފަރާތުން ހުށަހެޅި ޙަވާލާދެވުނު އިޖުރާއީ ނުކުތާ ބަލައިނުގަތުމަށް ނިންމުނު ކަމެވެ.
(ށ) ދެވަނަ ކަމަކީ، ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ހ) ގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއްވިޔަސް ޤާނޫނުއަސާސީއާ ޚިލާފުވޭތޯ ބެލުމާއި އެފަދަ މައްސަލަތަކުގައި ގޮތެއް ނިންމުމުގެ ބާރު ލިބިގެންވަނީ ދިވެހިރާއްޖޭގެ ހައިކޯޓަށާއި ސުޕްރީމް ކޯޓަށްކަމަށް ކަނޑައެޅި ބަޔާންވެފައި އޮންނަ އޮތުމަށާއި، ޤާނޫނުއަސާސީގެ 274 ވަނަ މާއްދާގެ (ހ) ގައި ދުސްތޫރީ މައްސަލަ މާނަކޮށްފައިވާ ގޮތުގެ މައްޗަށާއި ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 11 ވަނަ މާއްދާގެ (ހ) ގައި އަންނަނިވި ސިފަތައް ލިބިގެންވާ ދުސްތޫރީ މައްސަލަތައް ސުޕްރީމް ކޯޓުގެ އަޞްލީ އިޚްތިޞާޞް ލިބިގެންވާ މައްސަލައިގެ ގޮތުގައި ބެލުމުގެ އިޚްތިޞާޞް ސުޕްރީމް ކޯޓަށް ލިބިގެންވާކަމަށް ކަނޑައަޅައި ބަޔާންކުރުމަށްފަހު، އެ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި "އެ މައްސަލައަކީ، ޤައުމުގެ ޢާންމު މަޞްލަޙަތާ ގުޅިފައިވާ ދުސްތޫރީ މައްސަލައަކަށްވުން" މިފަދައިން ބަޔާންކޮށްފައި އޮންނަ އޮތުމަށް ރިޢާޔަތްކޮށް މި މައްސަލައިގެ ދަޢުވާގެ ޞީޣާގައި ބަޔާންކުރެވިފައިވާ ކަންކަމަށް ބަލާއިރު، މި މައްސަލައަކީ ޤައުމުގެ ޢާންމު މަޞްލަޙަތާ ގުޅިފައިވާ ދުސްތޫރީ މައްސަލައެއްކަމަށް ބެލެވޭ މައްސަލައެއްކަން އެނގެން އޮންނާތީ މި މައްސަލައަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މި މައްސަލަ ބަލައި ގޮތެއް ކަނޑައެޅުމުގެ އަޞްލީ އިޚްތިޞާޞް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިގެންވާ ދުސްތޫރީ މައްސަލައެއްކަން އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ، މި މައްސަލަ ހުށަހެޅި ފަރާތްތަކުން އެ ޤާނޫނެއްގެ ދުސްތޫރިއްޔަތުކަމާމެދު މި މައްސަލައިގައި ސުވާލު އުފައްދާފައިވާ ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) އަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުކަމުގައިވާ ނަންބަރު 2018/1 ގެ ޤާނޫނަށް ބަލާއިރު، އެ ޤާނޫނަކީ ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގައި ފަނޑިޔާރުންގެ ކިބައިގައި ހުރުން ލާޒިމުވެގެންވާ ޝަރުޠުތައް ބަޔާންކޮށްފައިވާ މައްދާކަމުގައިވާ އެ ޤާނޫނުގެ 15 ވަނަ މާއްދާގެ (ށ) ގެ 4 ވަނަ ނަންބަރުގެ ފަހަތަށް ނަންބަރެއް އިތުރުކޮށް އެއީ ބުނެވުނު ޤާނޫނުގެ 15 ވަނަ މާއްދާގެ (ށ) ގެ 5 ވަނަ ނަންބަރު ކަމުގައި ހަމަޖައްސައި، ފަނޑިޔާރުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތަކުގެ ތެރެއިން ޝަރުޠެއްކަމުގައި "ޖިނާއީ ކުށެއް ސާބިތުވެ ޙުކުމް ތަންފީޛުކުރަމުންދާ މީހަކު ކަމުގައިނުވުން." މިފަދައިން ބަޔާންކޮށް ޝަރުޠެއް އިތުރުކޮށް، އަދި ބުނެވުނު ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 23 ވަނަ މާއްދާގެ ފަހަތަށް ދެ މާއްދާއެއް އިތުރުކޮށް، އެއީ އެ ޤާނޫނުގެ 24 ވަނަ މާއްދާއާއި 25 ވަނަ މާއްދާ ކަމުގައި ހަމަޖައްސައި، އަދި މީގެ އިތުރުން ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 27 ވަނަ މާއްދާގެ (މ) ގެ ފަހަތަށް އެ ޤާނޫނުގެ 27 ވަނަ މާއްދާގެ (ފ) ގެ ގޮތުގައި އަކުރެއް އިތުރުކޮށް ފާސްކޮށްފައިވާ ޤާނޫނެއްކަމާއި، މިގޮތުން؛ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު އަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ގޮތުން ފާސްކޮށްފައިވާ ޤާނޫނު ނަންބަރު 2018/1 ގެ ދަށުން ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 24 ވަނަ މާއްދާ ކަމުގައި ކަނޑައަޅާފައިވާ މާއްދާގެ (ހ) ގައި ޖިނާއީ ކުށެއްގެ ތުހުމަތުގައި ފަނޑިޔާރަކު ހައްޔަރުކޮށްފިނަމަ ނުވަތަ ބަންދުކޮށްފިނަމަ މުސާރަލިބޭގޮތަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން އެ ފަނޑިޔާރަކު ސަސްޕެންޑް ކުރަންވާނެ ކަމަށާއި، އަދި ހަމަ ބުނެވުނު މާއްދާގެ (ށ) ގައި އެ މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ދަޢުވާއެއް އުފުލައިފި ޙާލަތެއްގައި، އެމީހާގެ މައްޗަށް ނިހާއީ ޙުކުމެއް ކަނޑައެޅެންދެން، މުސާރަ ނުލިބޭގޮތަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން އެ ފަނޑިޔާރަކު ސަސްޕެންޑް ކުރަންވާނެކަމަށް ބަޔާންކޮށްފައިވާކަމާއި، އަދި ހަމަ އެހެންމެ ބުނެވުނު ޤާނޫނު ނަންބަރު 2018/1 ގެ ދަށުން ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 25 ވަނަ މާއްދާކަމުގައި ކަނޑައަޅާފައިވާ މާއްދާގެ (ހ) ގައި ފަނޑިޔާރެއްގެ މައްޗަށް ތުހުމަތުކުރެވޭ ޖިނާއީ ކުށަކާ ގުޅިގެން ދަށު ކޯޓަކުން ނިންމާ ނިންމުމެއް ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ އެ މައްސަލައެއް ނިންމި ތާރީޚުން ފެށިގެން 10 (ދިހައެއް) ދުވަސް ކަމަށާއި އަދި ބުނެވުނު މާއްދާގެ (ށ) ގައި އެ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ފަނޑިޔާރެއްގެ މައްޗަށް ކުރެވިފައިވާ ޙުކުމެއް އިސްތިއުނާފުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅައިފިނަމަ، އެ މައްސަލައެއް ހުށަހަޅާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ މައްސަލައަކާމެދު ގޮތެއް ނިންމަންވާނެކަމަށާއި އަދި އެ މާއްދާގެ (ނ) ގައި ފަނޑިޔާރެއްގެ މައްޗަށް ތުހުމަތުކުރެވޭ ޖިނާއީ ކުށަކާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާ ނިންމުމެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ އެ މައްސަލައެއް ނިންމި ތާރީޚުން ފެށިގެން 10 (ދިހައެއް) ދުވަސް ކަމަށާއި އަދި އެ މާއްދާގެ (ރ) ގައި އެ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ފަނޑިޔާރެއްގެ މައްޗަށް ކުރެވިފައިވާ ޙުކުމެއް އިސްތިއުނާފުކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅައިފިނަމަ، އެ މައްސަލައެއް ހުށަހަޅާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ މައްސަލައަކާމެދު ގޮތެއް ނިންމަންވާނެކަމަށާއި އަދި އެ މާއްދާގެ (ބ) ގައި ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެއްޖެކަމަށް ޝަރުޢީ ކޯޓަކުން ކުރާ ޙުކުމެއް ނިހާއީ ޙުކުމެއްކަމަށް ކަނޑައެޅޭ ހިނދުން ފެށިގެން، އެ ފަނޑިޔާރަކު މަޤާމުން ވަކިވާނެކަމަށް ބަޔާންކޮށްފައިވާކަމާއި، އަދި މީގެ އިތުރުން ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު އަށް ގެނެވުނު 5 ވަނަ އިޞްލާޙުގެ ދަށުން އެ ޤާނޫނުގެ 27 ވަނަ މާއްދާގެ (މ) ގެ ފަހަތަށް އިތުރުކުރި އެ ޤާނޫނުގެ 27 ވަނަ މާއްދާގެ (ފ) ގައި ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެއްޖެކަމަށް ޝަރުޢީ ކޯޓަކުން ކުރާ ޙުކުމެއް ނިހާއީ ޙުކުމެއްކަމަށް ކަނޑައެޅޭ ހިނދުން ފެށިގެން، އެ ފަނޑިޔާރެއްގެ ފަނޑިޔާރުކަން ނިމުމަކަށް އައީ ކަމަށާއި އަދި އެގޮތުން އެ ފަނޑިޔާރެއްގެ ފަނޑިޔާރުކަން ނިމުމަކަށް އައުމަކީ ޤާނޫނުއަސާސީގެ 154 ވަނަ މާއްދާގެ ދަށުން ތައުދީބީ ނުވަތަ ސުލޫކީ މައްސަލައަކާ ގުޅިގެން ފިޔަވަޅު އެޅުންކަމުގައި ނުވާތީ، ޤާނޫނުއަސާސީގެ 154 ވަނަ މާއްދާގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން ފަނޑިޔާރެއް މަޤާމުން ވަކިކުރުމަށް އޮންނަ އިޖުރާއަތެއް މި ޙާލަތުގައި ނުހިނގާނެކަމަށް ބަޔާންކޮށްފައިވާކަމާއި، އަދި މި ބަޔާންކުރެވުނު ކަންކަމުގެ އިތުރުން ޤާނޫނު ނަންބަރު 2018/1 ގެ ދަށުން ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުއަށް ގެނައި 5 ވަނަ އިޞްލާޙުގެ ދަށުން އިތުރުކުރާ މާއްދާއާ ގުޅިގެން އެ ޤާނޫނުގެ މާއްދާތަކުގެ ނަންބަރު ތަރުތީބު ކުރެވިފައިވާކަމާއި މިކަންކަން ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުއަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު ކަމުގައިވާ ޤާނޫނު ނަންބަރު 2018/1 އަށް ބެލުމުން އެނގެން އޮންނަކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ، މި މައްސަލަ ހުށަހެޅި ފަރާތްތަކުން މި މައްސަލައިގެ ސީޣާގައާއި މި މައްސަލައިގެ ދަޢުވާ ބިނާކުރާ ސަބަބުތަކުގެ ގޮތުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، މި މައްސަލައިގައި ޤާނޫނު ނަންބަރު 2013/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) އަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު ކަމުގައިވާ ނަންބަރު 2018/1 ޤާނޫނަކީ ޤާނޫނުއަސާސީއާ ޚިލާފު ޤާނޫނެއްކަމަށް ބުނެ އެ ޤާނޫނުއަކީ ބާޠިލު ޤާނޫނެއްކަމުގައި ކަނޑައަޅައި ދިނުމަށް އެދި މައްސަލަ ހުށަހެޅި ފަރާތްތަކުން އެދިފައިވަނީ އިޖުރާއީ ގޮތުންނާއި މައުޟޫޢީގޮތުން އެ ޤާނޫނަކީ ޤާނޫނުއަސާސީއާ ޚިލާފު ޤާނޫނެއްކަމަށް ބުނެކަމާއި މިގޮތުން؛
އިޖުރާއީ ގޮތުން އެ ޤާނޫނަކީ ޤާނޫނުއަސާސީއާ ޚިލާފު ޤާނޫނެއްކަމަށް މައްސަލަ ހުށަހެޅި ފަރާތްތަކުން ދެކޭ އަސާސަކީ ޤާނޫނުއަސާސީގެ 70 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ ޤާނޫނު ހެދުމުގެ ބާރުގެ ދަށުން އެ މަޖިލީހުން ފާސްކުރާ ޤާނޫނަކީ އޭގައި ޤާނޫނީ ޤާޢިދާތައް ހިމެނޭ އެއްޗެއްކަމަށްވާތީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކީ އޭގައި ޤާނޫނީ ޤާޢިދާތައް ހިމެނޭ އެއްޗެއްކަމަށް ވުމުގެ ނަތީޖާއަކީ އެ ޤާނޫނުގައި ރައްޔިތުން ޢަމަލުކުރުން ލާޒިމުވެގެންވާ ކަންތައްތައް ހިމެނުން ކަމަށްވާތީ، ޤާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުން ރައްޔިތުން އެ މައްޗަށް ޢަމަލުކުރުން ލާޒިމުވާ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކައި ވޯޓަށް އަހަންވާނީ އެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެންބަރުން އެ ވޯޓެއް ނަގާ ޖަލްސާގައި ޙާޟިރުވެ ތިބޭ ވަގުތެއްގައި ކަމަށް ވާންޖެހޭތީ ހުރިހާ ޤާނޫނެއް ހިމެނޭގޮތުން ރައްޔިތުން އެ މައްޗަށް ޢަމަލުކުރުން ލާޒިމުވާ ކަންކަން ރައްޔިތުންގެ މަޖިލީހުން ފާސްކުރަންވާނީ އެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ތެރެއިން މަދުވެގެން 43 މެންބަރުން މަޖިލީހުގެ ތަޅުމުގައި ވޯޓަށް އަހާ ޖަލްސާގައި ޙާޟިރުވެ ތިބެގެންކަން އެނގެން އޮތްއިރު، ބުނެވިދިޔަ ޤާނޫނުގެ ބިލު ފާސްކުރުމަށްޓަކައި ވޯޓަށް އަހާފައިވަނީ ޤާނޫނު ފާސްކުރުމަށްޓަކައި ޤާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ) ގެ ދަށުން ބޭނުންވާ ކޯރަމް ހަމަނުވާ ޖަލްސާއެއްގައި ކަމަށްވާތީ ބުނެވުނު ޤާނޫނުގެ ބިލު ފާސްކުރި ކުރުން އިޖުރާއީގޮތުން ބާޠިލުކަމަށް ބުނެ ހުށަހަޅާފައިވާ އަސާސުކަމާއި
މައުޟޫޢީ ގޮތުން ބުނެވުނު ޤާނޫނަކީ ޤާނޫނުއަސާސީއާ ޚިލާފު ޤާނޫނެއްކަމަށް މައްސަލަ ހުށަހެޅި ފަރާތްތަކުން ދެކޭ އަސާސަކީ ޤާނޫނުއަސާސީގެ 148 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުން ފަނޑިޔާރުންނަކީ، ކަނޑައެޅޭ ވަކި މުއްދަތަކަށް ފަނޑިޔާރުންގެ ގޮތުގައި ޢައްޔަންކުރެވިފައިވާ ބައެއް ނޫންކަމަށާއި އަދި ޢުމުރުން 70 އަހަރުވުމުން މެނުވީ އެއިން މީހަކު މަޤާމުން މުސްކުޅި ނުކުރެވޭނެކަމަށާއި ފަނޑިޔާރުން މަޤާމުގައި ދެމިތިބުމާއި ވަކިކުރެވޭނެ ޙާލަތްތައް ޤާނޫނުއަސާސީގެ 154 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކުރެވިފައިވާއިރު، ޤާނޫނުއަސާސީގައިވާ ކަމެއް ޤާނޫނުއަސާސީގެ 261 ވަނަ މާއްދާގައިވާ ގޮތުން މެނުވީ ބަދަލުނުކުރެވޭނެކަމަށާއި ޤާނޫނުއަސާސީގައި ބަޔާންކުރެވިފައިވާކަމެއް ޢާންމު އުޞޫލުން ފާސްކުރާ ޤާނޫނަކުން ބަދަލުކުރަން މަސައްކަތްކުރުމަކީ ޤާނޫނުއަސާސީގެ އަކުރާއި އަދި ރޫޙާ ޚިލާފުވުންކަމަށާއި އަދި ދިވެހިރާއްޖޭގެ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ މަސްއޫލިއްޔަތު މަތިކުރެވިފައިވާ ފަނޑިޔާރުން އެއްވެސް ހަމައަކުން ބެލުމެއްނެތި މަޤާމުން ވަކިކުރެވޭގޮތަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅައި ނިންމުމަކީ ބިރެއްނެތި ފަނޑިޔާރުންނަށް އެމީހުންގެ މަޤާމުގައި ދެމި ތިބެވޭނެކަމަށް ޤާނޫނުއަސާސީއިން ދޭ ޔަޤީންކަން ގެއްލުވާލުންކަމަށް މައްސަލަ ހުށަހެޅި ފަރާތްތަކުން ދެކޭތީ ބުނެވުނު ޤާނޫނަކީ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ނ) އާއި (ރ) ގައިވާ ދުސްތޫރީ ހަމަތަކާ ޚިލާފު ޤާނޫނެއްކަމަށާއި އަދި މީގެ އިތުރުން ބުނެވުނު ޤާނޫނު އެގޮތުގެމަތިން ފާސްކުރި ކުރުމަކީ، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއިން ކަށަވަރު ކޮށްދީފައިވަ ޢަދުލުވެރިކަމާއި ހަމަހަމަކަމާއި އިންޞާފުން ޝަރީޢަތް ކުރެވުމުގެ ޙައްޤަށް އުނިކަން ލިބި، އެކަމުގެ ސަބަބުން މުޅި މުޖުތަމަޢުގެ ޖަމާޢީ ޙައްޤަށްވެސް ސީދާގޮތުގައި އަސަރުފޯރާނެކަމެއް ކަމަށްވުމުގެ އިތުރުން ޤާނޫނުއަސާސީގެ 142 ވަނަ މާއްދާއިން ފަނޑިޔާރުންނަށް ލިބިދީފައިވާ ރައްކާތެރިކަން ގެއްލިގެންދާނެ ކަމެއްކަމަށްވުން ކަމަށް ބުނެ ހުށަހަޅާފައިވާ އަސާސުކަމާއި،
މި ކަންކަން މައްސަލަ ހުށަހެޅި ފަރާތްތަކުން މައްސަލައިގެ ދަޢުވާގެ ސީޣާގައާއި ދަޢުވާ ބިނާކުރާ ސަބަބުތަކުގެ ގޮތުގައި ދައްކާފައިވާ ވާހަކަތައް ބެލުމުން އެނގެން އޮންނަކަމެވެ.
(ބ) ފަސްވަނަ ކަމަކީ، ދައުލަތެއްގައި ހެދިފައިވާ ޤާނޫނުތަކުގެ ތެރެއިން އެންމެ ބާރުގަދަ ޤާނޫނަކީ، ޤާނޫނުއަސާސީކަމާއި ޤާނޫނުއަސާސީއާ ޚިލާފުވާގޮތަށް އެއްވެސް ޤާނޫނެއް ނުވަތަ ޤަވާޢިދެއް ނުހެދޭނެކަމާއި، ޤާނޫނުއަސާސީއާ ޚިލާފުވާގޮތަށް އެހެން އެއްވެސް ޤާނޫނެއް ނުވަތަ ޤާނޫނެއްގެ ބައެއް ނުވަތަ ޤަވާޢިދެއް ނުވަތަ ޤަވާޢިދެއްގެ ބައެއް އޮތްނަމަ އެފަދަ ޤާނޫނެއް ނުވަތަ ޤާނޫނެއްގެ ބައެއް ނުވަތަ ޤަވާޢިދެއް ނުވަތަ ޤަވާޢިދެއްގެ ބައެއްގެ ޤާނޫނުއަސާސީއާ ޚިލާފުވާ މިންވަރެއް ބާޠިލުވާނެކަމާއި މިކަންކަން މަބުދައު ސުމުއްވިއްދުސްތޫރި (ޕްރިންސިޕަލް އޮފް ސުޕްރިމަސީ އޮފް ކޮންސްޓިޓިއުޝަން) ގެ އުޞޫލުތަކަށް ބެލުމުން އެނގެން އޮންނައިރު، މި އުޞޫލު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ނައްޞުން ކަނޑައެޅި ބަޔާންވެފައިވާކަމާއި، މިގޮތުން ޤާނޫނުއަސާސީގެ 8 ވަނަ މާއްދާގައި ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ހިންގާންވާނީ މި ޤާނޫނުއަސާސީގައިވާ ގޮތުގެމަތީން ކަމަށް ކަނޑައެޅި ބަޔާންވެފައިވާކަމާއި، އަދި ޤާނޫނުއަސާސީގެ 268 ވަނަ މާއްދާގައި ދިވެހިރާއްޖޭގައި ހަދާ އެންމެހައި ޤާނޫނުތައް ހަދާންވާނީ މި ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ކަމަށާއި، މި ޤާނޫނުއަސާސީއިން ލާޒިމުކުރާ އެންމެހައި ކަންކަން ފުރިހަމަކުރަންވާނެ ކަމަށާއި، މި ޤާނޫނުއަސާސީއާ ޚިލާފުވާގޮތަށް ހަދާ ކޮންމެ ޤާނޫނެއް، ނުވަތަ ޤާނޫނަކުން ބައެއްވިޔަސް ވާނީ ބާޠިލް އެއްޗަކަށް ކަމަށާއި، އަދި އެފަދަ ޤާނޫނެއް، ނުވަތަ ޤާނޫނެއްގެ ބައެއްގެ ބާރެއް ނުހިނގާނެ ކަމަށާއި، މި ޤާނޫނުއަސާސީއާ ޚިލާފަށްކުރާ ކޮންމެ ކަމަކީ ބާޠިލްކަމެއްކަމަށް ކަނޑައެޅި ބަޔާންވެފައިވާކަމާއި މިކަންކަން މި މަގަށް އެނގެން އޮތުމުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައިވަނީ އެއްވެސް ޖަދަލަކަށް ނުވަތަ ބަޙުޘަކަށް ތަން ނުދޭ މިންވަރަށް، މަބުދައު ސުމުއްވިއްދުސްތޫރި ގެ މަބުދައު، ނައްޞުން ކަނޑައަޅައި ބަޔާންކޮށްފައިކަން ވަރަށް ސާފުކޮށް އެނގެން އޮންނައޮތުމެވެ.
(ޅ) ހަވަނަ ކަމަކީ، ޤާނޫނީ ނަޒަރަކުން "މަބުދައުލް މަޝްރޫޢިއްޔާ" (ޕްރިންސިޕަލް އޮފް ލީގަލިޓީ) ގެ މައްޗަށް ބަލާއިރު، އެ މަބުދައުގެ މަފްހޫމަކީ ދައުލަތުން ކުރާ ހުރިހާ ކަމެއްގަ އާއި ހިންގާ ހުރިހާ ތަޞައްރުފުތަކެއްގައާއި ލިބިގަންނަ ހުރިހާ އިމްތިޔާޒުތަކެއްގައި ޤާނޫނުގެ ޙުކުމަށް ތަބާވުން ކަމާއި، މި މަބުދައުގެ މައްޗަށް ބިނާވާ މައިގަނޑު މަޞްދަރަކީ ކޮންމެ ޤައުމެއްގައިވެސް އެ ޤައުމުގައި އުދެފިދައިވާ ޤާނޫނުއަސާސީކަމާއި އެހެނީ ޤާނޫނުއަސާސީއަކީ ދައުލަތުގެ ވައްތަރާއި އެ ދައުލަތުގައި އުފެދިފައިވާ ސަރުކާރުގެ ބާވަތާއި ދައުލަތުގެ ޢާންމު ބާރުތަކާއި އެ ބާރުތައް އެކުލެވިގެންވާ ގޮތާއި އެ ބާރުތަކުގެ ތެރެއިން ކޮންމެ ބާރެއްގެ އިޚްތިޞާޞްތަކާއި އޭގެ ތެރެއިން ކޮންމެ ބާރެއްމެ، އަނެއް ބާރާ ދެމެދުގައިވާ ގުޅުމާއި އަދި އޭގެ ތެރެއިން ކޮންމެ ބާރަކާއި ފަރުދުންގެ ދެމެދުގައި އޮންނަ ގުޅުމާއި އަދި ފަރުދުންގެ އަސާސީ ޙައްޤުތަކާއި މިނިވަންކަމާއި ޖަމާޢަތުގެ މިނިވަންކަންފަދަ ދައުލަތުގެ ވުޖޫދާ ކިޔާނާ ގުޅިފައިވާ މުހިންމު އެންމެހައި ކަންތައްތައް ތަންޒީމުކޮށް ބަޔާންކުރާ ޤާނޫނީ ޤާޢިދާތައް ބަޔާންކުރާ ޤާނޫނުކަމާއި އެހެންކަމުން، ޤާނޫނުއަސާސީއަކީ ކޮން އެއްޗެއްކަން ބަޔާންކޮށްދޭ މި މަފްހޫމްގެ މައްޗަށް ތަރައްތުބުވެގެން އިސްތިޚްލާސްކުރެވޭ އެންމެ މުހިންމު ނަތީޖާތަކަކީ ދައުލަތެއްގައި އުފެދިފައިވާ ޤާނޫނުތަކުގެ ތެރެއިން އެންމެ މަތިވެރި، އެންމެ ބާރުގަދަ ޤާނޫނަކީ ޤާނޫނޫއަސާސީ ކަމަށްވެފައި ދައުލަތެއްގައި ހެދިފައިވާ ހުރިހާ ޤާނޫނުތަކާއި ޤަވާޢިދުތައް ހެދިފައި ހުންނަންޖެހޭނީ ޤާނޫނުއަސާސީއާ ތަޢާރުޟުނުވާ ގޮތުގެމަތިން ޤާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެމަތިން ކަމާއި ޤާނޫނުއަސާސީއާ ޚިލާފުވާގޮތަށް ހެދޭ ކޮންމެ ޤާނޫނެއްގެ ނުވަތަ ޤަވާޢިދެއްގެ ޤާނޫނުއަސާސީއާ ޚިލާފުވާ މިންވަރެއް ބާޠިލުވާނެ ކަމާއި މި މައިގަނޑު ނަތީޖާތައްކަން އެނގެން އޮތުމުން އިސްވެ ބަޔާންކުރެވިދިޔަ މަބުދައު ސުމުއްވިއް ދުސްތޫރި ގެ މި އުޞޫލު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ބަޔާންކުރެވިދިޔަ، އެ ޤާނޫނުއަސާސީގެ 8 ވަނަ މާއްދާއާއި 268 ވަނަ މާއްދާފަދަ މާއްދާތަކުގެ ޞަރީޙަ ނައްޞުން ކަނޑައެޅި ބަޔާންވެފައިވާކަމުން މަބުދައުލްމަޝްރޫޢިއްޔާ އެ މައްޗަށް ބިނާވެގެންވާ މައިގަނޑު މަޞްދަރަކީވެސް ޤާނޫނުއަސާސީކަން އެނގެން އޮންނަކަމެވެ.
(ކ) ހަތްވަނަ ކަމަކީ، ޤާނޫނުއަސާސީގެ 149 ވަނަ މާއްދާއަށް ބަލާއިރު އެ މާއްދާގައިވަނީ: "(ހ) ޤާނޫނުގައިވާ ގޮތުގެމަތީން ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަންކުރާންވާނީ ފަނޑިޔާރުކަމުގެ މަޤާމަށް ބޭނުންވާ ފެންވަރަށް ތަޢުލީމާއި ތަޖުރިބާ ލިބިފައިވުމާއެކު، ފަނޑިޔާރެއްގެ ވާޖިބާއި މަސްއޫލިއްޔަތު އުފުލޭފަދަ ޤާބިލުމީހުންނެވެ. އަދި އެބައި މީހުންނަކީ، އަޚްލާޤު ރަނގަޅު ބަޔަކަށް ވާންވާނެއެވެ. (ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޝަރުޠުތަކުގެ އިތުރުން ފަނޑިޔާރުންގައި އަންނަނިވި ޝަރުޠުތައް ފުރިހަމަވާންވާނެއެވެ.
1. މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުން.
2. ޢުމުރުން ފަންސަވީސް އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން.
3. އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ޚިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައިނުވުން.
4. ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުން. (ނ) ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރާ ކޮންމެ މީހަކީ ޢުމުރުން ތިރީސް އަހަރުވެފައިވުމާއެކު ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މި ދެ ކަމުގައި މަދުވެގެން ހަތް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއެކު އިސްލާމީ ޝަރީޢަތް ނުވަތަ ޤާނޫނީ ދާއިރާއިން ޢިލްމު ލިބިފައިވާ މީހަކުކަމުގައި ވާންވާނެއެވެ. (ރ) ދިވެހިރާއްޖޭގެ ފަނޑިޔާރުންނާބެހޭ ޤާނޫނެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރާންވާނެއެވެ."
މިފަދައިން ކަމަށްވާއިރު، އެ މާއްދާގެ (ހ) އިން ފެށިގެން (ނ) ގެ ނިޔަލަށް އެ މާއްދާގައި ވާހަކަ ދައްކަނީ ދިވެހިރާއްޖޭގެ ހުރިހާ ކޯޓުތަކެއްގެ ފަނޑިޔާރުން ޢައްޔަންކުރުމުގައި ހުރުން ލާޒިމުވެގެންވާ ޝަރުޠުތަކާ ބެހޭގޮތުންކަން ސާފުކޮށް އެނގެން އޮންނަހިނދު، ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ޝަރުޠުގެ މަފްހޫމްގެ މައްޗަށް ބަލާއިރު، ޝަރުޠަކީ އެއްޗެއްގެ ޙަޤީޤަތް އޭގެ މައްޗަށް އެކުލެވިގެންވާ ބައިތަކުގެ ތެރޭގައި ނުހިމެނޭ، ނަމަވެސް، އެ އެއްޗެއް ވުޖޫދުވުމާ ނުވުން އެކަމެއްގެ މައްޗަށް ހުއްޓިފައިވާ ކޮންމެ ކަމެއްކަން އެނގެން އޮތުމުން، ޤާނޫނު އެކަށައަޅާ ފަރާތުން ޤާނޫނުއަސާސީގައި ކަނޑައެޅިފައިވާ ދުސްތޫރީ އުޞޫލުތަކާ ޚިލާފުނުވާ ގޮތުގެމަތިން އެއްޗެއްގެ ޝަރުޠެއްކަމުގައި ކަމެއް ކަނޑައަޅައިފިނަމަ، އެ އެއްޗެއް ޞައްޙަކަންމަތީ ދެމި އޮތުމާއި ނެތުން ހުއްޓިފައި އޮންނާނީ އެ ޝަރުޠު ވުޖޫދުވުމާއި ނުވުމުގެ މައްޗަށް ކަމާއި، އެހެން ކަމުން އެއްޗެއް ޞައްޙަކަންމަތީ ދެމިއޮތުމަށްޓަކައި ޤާނޫނު އެކަށައަޅާ ފަރާތުން އެއްޗެއްގެ ޝަރުޠެއް ކަމުގައި ކަމެއް ކަނޑައަޅައިފިނަމަ، އެ އެއްޗެއް ޞައްޙަކަންމަތީ ދެމި އޮންނާނީ ޝަރުޠެއްކަމުގައި ކަނޑައެޅުނު ކަންތައް ވުޖޫދުވެ ދެމިއޮންނަ ޙާލަތުގައި ކަމާއި، އަދި އެ ޝަރުޠު އެ އެއްޗަކުން އުނިވެއްޖެނަމަ އެ އެއްޗެއް ވުޖޫދުވެ ދެމިއޮތުމުގެ އެއްވެސް ތަޞައްވުރެއް ނޯންނާނެ ކަމާއި، މި ކަންކަން ޝަރުޠުގެ ޝަރުޢީ އަދި ޤާނޫނީ މަފްހޫމްއަށާއި އަދި އެ ވުޖޫދުވުމާ ނުވުމުން ނުކުންނާނެ ނަތީޖާތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާ ބެލުމުން އެނގެން އޮތް ހިނދު،
ޤާނޫނުއަސާސީގެ 149 ވަނަ މާއްދާގެ (ހ) ގައި ޤާނޫނުގައިވާ ގޮތުގެމަތިން ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަންކުރާންވާނީ، ފަނޑިޔާރުކަމުގެ މަޤާމަށް ބޭނުންވާ ފެންވަރަށް ތަޢުލީމާއި ތަޖުރިބާ ލިބިފައިވުމާއެކު، ފަނޑިޔާރެއްގެ ވާޖިބާއި މަސްއޫލިއްޔަތު އުފުލޭފަދަ ޤާބިލު މީހުން ކަމަށާއި، އަދި އެބައި މީހުންނަކީ އަޚްލާޤު ރަނގަޅު ބަޔަކަށް ވާންވާނެކަމަށް ކަނޑައަޅައި ބަޔާންކުރުމަށްފަހު، އެ މާއްދާގެ (ށ) ގައި "މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޝަރުޠުތަކުގެ" މިފަދައިން ބަޔާންކޮށްފައި އޮންނަ އޮތުމަށް ބަލާއިރު،
ޤާނޫނުއަސާސީގެ 149 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރަނީ ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަންކުރާ މީހުންގެ ކިބައިގައި ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަންކުރެވޭ ހިނދު، އަދި އެ މަޤާމުގައި އެބައިމީހުން ދެމިތިބޭ ހިނދު، އެބައިމީހުންގެ ކިބައިގައި އަބަދުމެ ހުރުން ލާޒިމުވެގެންވާ ޝަރުޠުތަކުގެ ވާހަކަ ކަމާއި، މިގޮތުން އެ މާއްދާގެ (ހ) ގައި މައިގަނޑު ހަތަރު ބައިގެ މައްޗަށް އެކުލެވޭގޮތުން ފަނޑިޔާރުންގެ ކިބައިގައި ހުރުން ލާޒިމުވެގެންވާ ހަތަރު ބާވަތުގެ ޝަރުޠާބެހޭގޮތުން ވާހަކަ ދައްކާފައިވާ ކަމާއި، އެއީ ތަޢުލީމީ ޝަރުޠާއި، ތަޖުރިބާގެ ޝަރުޠާއި، ޤާބިލުކަމުގެ ޝަރުޠާއި، އަޚްލާޤީ ޝަރުޠާއި މި މައިގަނޑު ހަތަރު ބާވަތު ޝަރުޠު ކަމާއި އަދި އެ މާއްދާގެ (ހ) ގައިވާ "ޤާނޫނުގައިވާ ގޮތުގެމަތީން" މި ޢިބާރާތަށާއި އަދި އެ މާއްދާގެ (ރ) ގައިވާ "ދިވެހިރާއްޖޭގެ ފަނޑިޔާރުންނާބެހޭ ޤާނޫނެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރާންވާނެއެވެ" މި ޢިބާރާތުން، އެ މާއްދާގައި ތަޙްދީދުކޮށް ބަޔާންކޮށްފައިވާ ޝަރުޠުތަކުގެ އިތުރުންވެސް ބުނެވުނު މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައިގަނޑު ހަތަރު ދާއިރާގެ ތެރެއިން ކޮންމެ ދާއިރާއަކާގުޅޭ އިތުރު ޝަރުޠު ޤާނޫނުއަސާސީގެ 149 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރެވިފައިވާ އުޞޫލުތަކުން ބޭރުނުވާކަން ކަށަވަރުކުރެވޭ ގޮތުގެމަތިން ފަނޑިޔާރުންގެ ޤާނޫނުގައި ނުވަތަ އެ ޤާނޫނަށް ގެންނަ އިޞްލާޙެއްގައި ކަނޑައެޅުމުގެ ބާރު ޤާނޫނުއަސާސީގެ ދަށުން ޤާނޫނު ހެދުމުގެ ބާރު ލިބިދީފައިވާ ރައްޔިތުންގެ މަޖިލީހަށް ލިބިދީފައިވާކަން ޤާނޫނުއަސާސީގެ 149 ވަނަ މާއްދާގެ (ހ) އާއި (ރ) ގެ މައްޗަށް ރިޢާޔަތްކޮށް ބެލުމުންވެސް އެނގެން އޮންނަކަމެވެ.
(އ) އަށްވަނަ ކަމަކީ، އިސްވެ އިޝާރާތްކުރެވުނު ޤާނޫނުއަސާސީގެ 149 ވަނަ މާއްދާއަކީ ފަނޑިޔާރުންގެ ކިބައިގައި ކޮންމެހެން ހުންނަންޖެހޭ ޝަރުޠުތަކާ ބެހޭގޮތުން ކަންއޮތްގޮތް ބަޔާންކޮށްފައިވާ މާއްދާކަމަށް ވުމާއެކު، ޤާނޫނުއަސާސީގެ 148 ވަނަ މާއްދާގެ (ނ) ގައި ފަނޑިޔާރުންނަކީ ކަނޑައެޅޭ ވަކި މުއްދަތަކަށް ޢައްޔަންކުރެވޭ ބައެއް ނޫންކަމަށާއި ނަމަވެސް ފަނޑިޔާރެއްގެ ޢުމުރުން ހަތްދިހަ އަހަރުވުމުން އެމީހަކު މަޤާމުން މުސްކުޅި ކުރެވޭނެކަމަށް ކަނޑައެޅި ބަޔާންވެފައިވާ ނައްޞަށާއި އަދި ޤާނޫނުއަސާސީގެ 154 ގެ (ހ) ގައި ފަނޑިޔާރުން ތަބާވާންޖެހޭ ސުލޫކީ މިންގަނޑުތަކާއި އުޞޫލުތަކުން ބޭރުނުވެ މަސައްކަތް ކުރާހައި ހިނދަކު ފަނޑިޔާރަކު މަޤާމުން ވަކިކޮށްގެނެއް ނުވާނެކަމަށް ކަނޑައެޅި ބަޔާންވެފައިވާ ނައްޞަށާއި އަދި ހަމަ އެހެންމެ ޤާނޫނުއަސާސީގެ 154 ވަނަ މާއްދާގެ (ށ) ގެ ނައްޞަށާއި މި ނައްޞުތަކަށް ބަލާއިރު، މި ނައްޞުތައް މާނަކުރާންޖެހޭނީ ޤާނޫނުއަސާސީގެ 149 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ އެންމެހައި ކަންކަމުގެ މައްޗަށްވެސް ރިޢާޔަތްކުރެވިގެން، އެ މާއްދާއާ ފުށުނާރާ ގޮތުގެމަތިންކަން އެނގެން އޮންނާތީ ޤާނޫނުއަސާސީގެ 149 ވަނަ މާއްދާގެ މައްޗަށް ރިޢާޔަތްކޮށް ޤާނޫނުއަސާސީގެ 148 ވަނަ މާއްދާގެ (ނ) އާއި 154 ވަނަ މާއްދާގެ (ހ) އާއި (ށ) އިން އިޞްތިޚްލާޞްކުރެވޭ ޤާނޫނީ ނަތީޖާތަކުގެ މައްޗަށް ވިސްނާ ބެލުމުން، ފަނޑިޔާރުކަމުގެ މަޤާމަށް މީހަކު ޢައްޔަންކުރެވުނީއްސުރެ އެ ފަނޑިޔާރެއްގެ ޢުމުރުން ހަތްދިހަ އަހަރު ހަމަވުމުން އެ މަޤާމުން މުސްކުޅިކުރެވެންދެން އެ މަޤާމުގައި ދެމިހުރެވޭނެކަން ޤާނޫނުއަސާސީ މުޠުލަޤު ގޮތެއްގައި ގެރެންޓީކޮށް ދީފައިނުވާކަމާއި، އަދި ކިއެއްތަ! ފަނޑިޔާރުކަމުގެ މަޤާމަށް މީހަކު ޢައްޔަންކުރެވުނީއްސުރެ އެ ފަނޑިޔާރެއްގެ ޢުމުރުން ހަތްދިހަ އަހަރު ހަމަވުމުން އެ މަޤާމުން މުސްކުޅިކުރެވެންދެން އެ މަޤާމުގައި އެ ފަނޑިޔާރަކަށް ދެމިހުރެވޭނީ ޤާނޫނުގައިވާ ގޮތުގެމަތިން ފަނޑިޔާރުކަމުގެ މަޤާމު ހުސްވެއްޖެކަމަށް ބަލަންޖެހޭ މަރުވުން ފަދަ ޙާލަތެއް ދިމާނުވާނަމަ، ޤާނޫނުއަސާސީގެ 149 ވަނަ މާއްދާގައި ނުވަތަ އެ މާއްދާއިން ބާރުލިބިގެން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ދިވެހިރާއްޖޭގެ ފަނޑިޔާރުންނާބެހޭ ޤާނޫނުގައި ފަނޑިޔާރުންގެ ކިބައިގައި ހުރުން ލާޒިމުކޮށްފައިވާކަން އެނގެން އޮންނަ ޝަރުޠެއް އެ ފަނޑިޔާރެއްގެ ކިބައިން އުނިނުވާނަމަ، ނުވަތަ ފަނޑިޔާރުން ތަބާވާންޖެހޭ ސުލޫކީ މިންގަނޑުތަކާއި އުޞޫލުތަކުން ބޭރުނުވެ މަސައްކަތްކުރާނަމަ ކަމާއި، ނަމަވެސް ފަނޑިޔާރުކަމުގެ މަޤާމަށް މީހަކު ޢައްޔަންކުރެވުނީއްސުރެ އެ ފަނޑިޔާރެއްގެ ޢުމުރުން ހަތްދިހަ އަހަރު ނުވިކަމުގައިވިޔަސް ޤާނޫނުއަސާސީގެ 149 ވަނަ މާއްދާގައި ނުވަތަ އެ މާއްދާއިން ބާރުލިބިގެން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ފަނޑިޔާރުންނާބެހޭ ޤާނޫނުގައި ފަނޑިޔާރުންގެ ކިބައިގައި ހުރުން ލާޒިމުކޮށްފައިވާކަން އެނގެން އޮންނަ ޝަރުޠެއް އުނިވެއްޖެނަމަ، ނުވަތަ ޤާނޫނުއަސާސީގެ 154 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ފަނޑިޔާރުކަމުގެ މަޤާމަށް އެމީހަކު ޤާބިލުނޫންކަމަށް، ނުވަތަ އެ މަޤާމަށް އެކަށީގެން ނުވާފަދަ ޢަމަލެއް އެ ފަނޑިޔާރަކު ކޮށްފައިވާކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤަބޫލުކުރެވިގެން އެ ފަނޑިޔާރަކު މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މަޖިލީހުގެ ޖަލްސާއަށް ޙާޟިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްވުމުން އެ ފަނޑިޔާރެއްގެ ފަނޑިޔާރުކަން ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ނިމުމަކަށްއައިސް އެ ފަނޑިޔާރަކު މަޤާމުން ވަކިވާނެކަމާއި މިކަންކަން ޤާނޫނުއަސާސީގެ 149 ވަނަ މާއްދާއާއި 148 ވަނަ މާއްދާގެ (ނ) އާއި އަދި 154 ވަނަ މާއްދާ ގެ (ހ) އާއި (ށ) ގެ މައްޗަށް ވިސްނާ ބެލުމުން އެނގެން އޮންނަކަމެވެ.
(ވ) ނުވަވަނަ ކަމަކީ، ފަނޑިޔާރުކަމުގެ މަޤާމަށް މީހަކު ޢައްޔަންކުރެވެނީއްސުރެ އޭނާގެ ޢުމުރުން ހަތްދިހަ އަހަރުވުމުން އެ މަޤާމުން މުސްކުޅިކުރެވުމާ ދެމެދު އޭނާއާ މެދު ޖިނާއީ ކުށެއްގެ ތުހުމަތުގައި ޤާނޫނީ ޙުދޫދުގެ ތެރެއިން ތަޙުޤީޤުކުރުމާއި އަދި އެ ތަޙުޤީޤުގެ މައްޗަށް ބިނާކޮށް އޭނާގެ މައްޗަށް ޖިނާއީ ދަޢުވާ އުފުލުމަށް ހުރަސް އެޅޭ ފަދަ އެއްވެސް ޙަޞާނަތެއް (އިމިއުނިޓީ އެއް) ޤާނޫނުއަސާސީގައި ފަނޑިޔާރުންނަށް ލިބިދީފައިނުވާ ކަމާއި އަދި ކިއެއްތަ! ޤާނޫނުއަސާސީގެ 149 ވަނަ މާއްދާގެ (ހ) އިން ފަނޑިޔާރުންނަކީ އަބަދުވެސް އަޚްލާޤު ރަނގަޅު ބަޔަކަށްވުމުގެ ޝަރުޠުގެ މަތީގައި ތިބެންޖެހޭ ބައެއްކަން އެނގެން އޮތުމުން އެކަން ކަށަވަރުކޮށް ގެރެންޓީކުރުމަށްޓަކައި އެ މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި ފަނޑިޔާރެއްގެ ކިބައިގައި ހުރުން ލާޒިމުވެގެންވާ ޝަރުޠުތަކުގެ ތެރޭގައި ޖިނާއީ ކުށެއް ސާބިތުވެ ޙުކުމެއް ތަންފީޛުކުރަމުންދާ މީހަކު ކަމުގައި ނުވުމުގެ ޝަރުޠާއި އަދި އެ ޝަރުޠު ފަނޑިޔާރުންގެ މައްޗަށް ތަޠުބީޤުކުރެވޭނެ ހަމަތަކާއި އުޞޫލުތަކާ އަދި އެ ޝަރުޠާބެހޭ އަޙްކާމްތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤަނޫނުގައި ނުވަތަ އެ ޤާނޫނަށް ގެނެވޭ އިޞްލާޙެއްގެ ދަށުން ނަމަވެސް ކަނޑައެޅުމުގެ ބާރާއި އޮތޯރިޓީ ޤާނޫނުއަސާސީގެ 149 ވަނަ މާއްދާއިން ރައްޔިތުންގެ މަޖިލީހަށް ލިބިދީފައިވާކަން ރަނގަޅަށް އެނގެން އޮތުމުން ޤާނޫނުއަސާސީގެ 149 ވަނަ މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި ފަނޑިޔާރެއްގެ ކިބައިގައި ހުރުން ލާޒިމުވާ ޝަރުޠުތަކުގެ ތެރޭގައި ޖިނާއީ ކުށެއް ސާބިތުވެ ޙުކުމެއް ތަންފީޛުކުރަމުންދާ މީހަކު ކަމުގައި ނުވުމުގެ ޝަރުޠާއި އަދި އެ ޝަރުޠު ފަނޑިޔާރުންގެ މައްޗަށް ތަޠުބީޤުކުރެވޭނެ ހަމަތަކާއި އުޞޫލުތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގައި ކަނޑައެޅުމަކީ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާއާއި 142 ވަނަ މާއްދާގެ ދަށުން ފަނޑިޔާރުކަމުގެ ވަޒީފާ ހެޔޮގޮތުގައި އަދާކުރުން ގެރެންޓީކުރުމަށްޓަކައި ފަނޑިޔާރުންނަށް ލިބިދީފައިވާ މުސްތަޤިއްލުކަމާއި މިނިވަންކަމުގެ މަބްދައާ ފުށުއަރާ ކަމެއް ނޫންކަން އެނގެން އޮންނަ އޮތުމުގެ އިތުރުން ބަޔާންވެދިޔަ ފަދަ ޝަރުޠެއް ހިމަނައިގެން ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް އިޞްލާޙެއް ގެނެސް ރައްޔިތުންގެ މަޖިލީހުން ޤާނޫނު ފާސްކުރުމަކީ ޤާނޫނުއަސާސީގެ 18 ވަނަ މާއްދާއާއި 42 ވަނަ މާއްދާއާ ވެސް ފުށުއަރާ ކަމެއް ނޫންކަންވެސް ސާފުކޮށް އެނގެން އޮންނަކަމެވެ.
(މ) ދިހަވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 10 ވަނަ މާއްދާގެ (ހ) ގައި ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށާއި އަދި އިސްލާމްދީނަކީ ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަޞްދަރުކަމަށް ކަނޑައެޅި ބަޔާންވެފައިވާއިރު، އިސްލާމްދީނުގައި މަތިވެރި އަޚްލާޤުގެ މަބުދައުތައް ދިރުވައި އާލާކޮށް އެ މަބުދައުތައް ނެގެހެއްޓުމަށް ދީފައިވާ އަހައްމިއްޔަތުގެ މައްޗަށް ބަލާއިރު، މުޅި ޢާލަމްތަކަށް ރަޙްމަތެއްގެ ގޮތުގައި މާތް ﷲ ފޮނުއްވި އެންމެ ފަހުގެ ރަސޫލާ އަދި ނަބިއްޔާ، ސަލާމާއި ޞަލަވާތް ލެއްވި މުޙައްމަދުގެ ފާނު، ރަސޫލުކަމާއި އަދި ނަބީކަމާއިގެން ފޮނުއްވުމުގެ މައިގަނޑު މަޤުޞަދުތަކުގެ ތެރެއިން އެއް މަޤުޞަދަކީ، މީސްތަކުންގެ އަޚްލާޤު ރިވެތިކޮށް ފުރިހަމަކުރުންކަން އެކަލޭގެފާނު ޙަދީޘްކުރައްވާފައިވާ: 1. "إِنَّمَا بُعِثْتُ لِأُ تَمِّمَ مَكَارِمَ الأَخْلاَقِ" މާނައީ، "ހަމަކަށަވަރުން ތިމަން ކަލޭގެފާނު ފޮނުއްވުނީ ރިވެތި އަޚްލާޤު ފުރިހަމަކުރުމަށްޓަކައެވެ." އާއި 2. އިންސާނަކަށް ލިބިގެންވާ އެންމެ ހެޔޮ އެއްޗަކީ ކޮބައިތޯ ކީރިތި ރަސޫލާ (ﷺ) އަށް ސުވާލު ދެންނެވުނު ހިނދު އެކަލޭގެފާނު ޙަދީޘްކުރައްވާފައިވާ:"خُلُقٌ حَسَنٌ" މާނައީ "ރިވެތި ޚުލްޤެވެ." އާއި 3. އެންމެ ފުރިހަމަ މުއުމިނުންނަކީ ކޮބައިތޯ ކީރިތި ރަސޫލާ (ﷺ) އަށް ސުވާލު ދެންނެވުނު ހިނދު އެކަލޭގެފާނު ޙަދީޘްކުރައްވާފައިވާ: "أَحْسَنُهُمْ خُلُقًا" މާނައީ "އެބައިމީހުންގެ ތެރެއިން އެންމެ ޚުލްޤު ރިވެތި މީހުންނެވެ." އާއި މިފަދަ އެތައް ޙަދީޘްފުޅުތަކަކުންނާއި، އަދި އެކަލޭގެފާނުގެ މަތިވެރި ޚުލުޤުފުޅާ ބެހޭގޮތުން ކީރިތި ޤުރްއާނުގެ ސޫރަތުލް ޤަލަމިގެ 4 ވަނަ އާޔަތުގައި " 586412127521200" މާނައީ "އަދި ހަމަކަށަވަރުން ކަލޭގެފާނުވަނީ މާތްވެގެންވާ ޚުލްޤުފުޅެއްގެ މަތީގައިކަން ކަށަވަރެވެ." މިފަދައިން މާތްﷲ ވަޙީކުރައްވާފައިވާ އެކަލާނގެ ވަޙީ ބަސްފުޅުންވެސް އެނގެން އޮތުމުގެ އިތުރުން އިސްލާމްދީނުގެ ރުކުންތަކުގެ ތެރޭގައި ހިމެނޭ ނަމާދާއި، ޒަކާތާއި، ރޯދައާއި، ޙައްޖު އާއި މި އަޅުކަންތައްތައް ޝަރުޢުކުރެއްވުމުގެ ޙިކުމަތްތަކުގެ ތެރެއިން އެންމެ މުހިއްމު އެއް ޙިކުމަތަކީވެސް މީސްތަކުންގެ ނަފްސުތަކުގައި ރިވެތި އަޚްލާޤުގެ މަބުދައުތައް އަށަގަންނުވައި އެ މަބުދައުތައް ނެގެހެއްޓުންކަން ކީރިތި ޤުރުއާނުގެ ސޫރަތުލް ޢަންކަބޫތި ގެ 45 ވަނަ އާޔަތާއި ސޫރަތުއް ތައުބާގެ 103 ވަނަ އާޔަތާއި، ސޫރަތުލް ބަޤަރާގެ 183 ވަނަ އާޔަތާއި ސޫރަތުލް ބަޤަރާގެ 197 ވަނަ އާޔަތާއި މި އާޔަތްތަކުގައި މާތްﷲ ވަޙީކުރައްވާފައިވާ އެކަލާނގެ ވަޙީ ބަސްފުޅުތަކުންވެސް ސާފުކޮށް އެނގެން އޮންނަ އޮތުމުގެ އިތުރުން މީސްތަކުންގެ މެދުގައި ޢަދުލު އިންޞާފު ޤާއިމުކުރުމުގެ މަސްއޫލިއްޔަތާ މަތިކުރެވިފައިވާ ޤާޟީން އެބައިމީހުން އަދާކުރާ ޤާޟީކަމުގެ މިހުނާ (ޕްރޮފެޝަން) އަދާކުރުމުގައި ތަބާވާންޖެހޭ ސުލޫކީ މިންގަނޑުތަކުގެ މައްޗަށް ބަލާއިރުވެސް ފަނޑިޔާރުންނަކީ މުޖުތަމަޢުގެ އެހެން މީހުންނަށްވުރެވެސް މަތީ ދަރަޖައަކަށް ރިވެތި އަޚްލާޤީ އުޞޫލުތައް ނިޔާކުރާ ގޮތުގެމަތިން އެބައިމީހުންގެ ބަސްމަގާއި ސުލޫކު ބައްޓަންކުރަންޖެހޭ ބައެއްކަން އިސްލާމީ ފިޤުހުގެ ކަމާބެހޭ ބާބުތަކުގައި އައިސްފައިވާ ޤާޟީންގެ ސުލޫކީ މިންގަނޑުތަކުގެ މައްޗަށް ބެލުމުން އެނގެން އޮންނަ އޮތުމުގެ އިތުރުން،
އިސްލާމީ ޝަރީޢަތުގެ ފިޤުހު ޢިލްމުވެރިން، ޤާޟީންގެ ކިބައިގައި ކޮންމެހެން ހުރުން ލާޒިމުވެގެންވާ ޝަރުޠުތައް ބަޔާންކޮށްފައިވާއިރު އެ ޢިލްމުވެރިންގެ ތެރެއިން ގިނަ ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި ޢަދާލަތުގެ ސިފައަކީ ޤާޟީގެ ކިބައިގައި ކޮންމެހެން ހުރުން ލާޒިމުވެގެންވާ ޝަރުޠުތަކުގެ ތެރެއިން ޝަރުޠެއްކަމާއި މިގޮތުން، ޢަދާލަތުގެ ސިފައިގެ އިދިކޮޅު ސިފަކަމުގައިވާ ފާސިޤުކަމުގެ ސިފަ، އެމީހެއްގެ ކިބައިގައި ހުރި މީހަކު ޤާޟީކަމަށް އިސްކުރުން ޞައްޙަ ނުވާނެކަން އެނގެން އޮތްއިރު ޤާޟީއެއްގެ ކިބައިގައި ކޮންމެހެން ހުރުން ލާޒިމުވެގެންވާ ޢަދާލަތުގެ ޝަރުޠުގެ ބޭނުމަށްޓަކައި ޢަދާލަތުގެ ސިފައަކީ ޤާޟީގެ ކިބައިގައި ކޮންމެހެން ހުންނަންޖެހޭ ސިފައެއްގެ ގޮތުން ޢިލްމުވެރިން އަދާލަތުގެ ލަފްޒުން ޤަސްދުކުރައްވާ މާނައަކީ ބޮޑެތި ފާފަތައް ކުރުމުންނާއި ކުދި ފާފަތައް ތަކުރާރުކޮށް ކުރުމުންނާ އަދި މުރޫއަތްތެރިކަން ގެއްލޭފަދަ ހުއްދަ ކަންކަންވެސް ކުރުމުން އެއްކިބާވެ އެކަންކަމުން ދުރުހެލިވުމުގެ ސިފަ ޠަބީޢީގޮތުންވެސް ނަފްޞުގައި ހަރުލާފައިވުމުގެ މާނަކަމާއި ޤާޟީއެއްގެ ކިބައިގައި ހުރުން ލާޒިމުވެގެންވާ ޢަދާލަތުގެ ޝަރުޠުން ޢިލްމުވެރިން ޤަޞްދުކުރާ މާނައަކީ މި ބަޔާންކުރެވިދިޔަ މާނަކަމަށްވާއިރު، މުރޫއަތްތެރިކަމުގެ ސިފައަކީ ޢަދާލަތުގެ ސިފައަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނިވި ސިފައެއްކަން އެނގެން އޮންނައިރު، މުރޫޢަތްތެރިކަމުގެ ސިފައިން ޢިލްމުވެރިން ޤަޞްދުކުރާ މާނައަކީ، އެމީހެއްގެ ކަރާމާތާއި، ޝަރަފާއި، އެމީހަކު ވަޒީފާ އަދާކުރާ ގިންތީގެ ކަރާމާތާއި، މުޖުތަމަޢުގައި އޭނާއަށް ލިބިފައިވާ މަޤާމާއި ޤަދަރާ އެކަށީގެންނުވާ ކޮންމެ ކަމަކުން އަމިއްލަ އިޚްތިޔާރުން ދުރުހެލިވެ، ރައްކައުތެރިވުމުގެ މާނަކަމާއި، އެހެންކަމުން ޤާޟީންގެ ކިބައިގައި ހުންނަންޖެހޭ ޢަދާލަތުގެ ޝަރުޠު ނިޔާކުރަނީ ބޮޑެތި ފާފަތައް ކުރުމުންނާއި އަދި ކުދި ފާފަތައް ތަކުރާރުކޮށް ކުރުމުން އެއްކިބާވުމުގެ އިތުރުންވެސް ޤާޟީކަމާ އެކަށީގެންވާފަދަ ރިވެތި އަޚްލާޤީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން ޤާޟީގެ ޢަމަލާއި ބަސްމަގު ސީދާކުރުމާއެކު އެކަމަކީ ޝަރުޢުގައި ޙަރާމްކުރައްވާފައިވާ ނުވަތަ މަކުރޫހަ ކުރައްވާފައިވާކަމެއް ކަމަށް ނުވިޔަސް މުޖުތަމަޢުގެ ޢުރުފުގައި އެކަމަކީ ޤާޟީއަކު ކުރުން އެކަށީގެންނުވާ ކަމެއް ކަމުގައި ބެލެވޭ ކޮންމެ ކަމަކުން ޤާޟީ ދުރުހެލިވެ ރައްކައުތެރިވުމަށް ކަމާއި އަދި މީގެ އިތުރުން މި ބަޔާންކުރެވިދިޔަ މާނައިގައި ޢަދާލަތުގެ ސިފައަކީ، ޤާޟީކަމުގެ މަޤާމަށް ޢައްޔަންކުރުން ޞައްޙަވުމުގެ ޝަރުޠުތަކުގެ ތެރެއިން ޝަރުޠެއް ނޫންކަމަށް ދެކެވަޑައިގަންނަވާ ޙަނަފީ މަޛުހަބުގެ ބައެއް ޢިލްމުވެރިން، ޢަދާލަތުގެ ޝަރުޠާ ބެހޭގޮތުން ދައްކާފައިވާ ވާހަތަކަށް ބަލާއިރު؛ ޢަދާލަތުގެ ސިފައަކީ ޤާޟީކަމުގެ މަޤާމަށް އިސްކުރުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނިވި ޝަރުޠެއްކަމާއި ފާސިޤަކު ޤާޟީކަމަށް އިސްކުރެވިއްޖެ ހިނދެއްގައި އެ އިސްކުރިކުރުން އެ ބޭފުޅުންގެ ނަޒަރުގައި ޞައްޙަވި ކަމުގައިވިޔަސް، ޢަދުލުވެރިކަމުގެ ސިފަ ގެއްލިފައިވާ ފާސިޤަކު ޤާޟީކަމަށް އިސްކުރުން ލާޒިމުނުވާ ކަމާއި އެހެނީ ޤާޟީކަމަކީ މަތިވެރި އަމާނާތަކަށްވެފައި، އެ އަމާނާތް ފުރިހަމަގޮތުގައި އަދާކުރެވޭނީ ތަޤްވާވެރިކަމާއި މުރޫއަތްތެރިކަމުގެ ސިފަ ލިބިފައިވާ މީހަކަށް ކަމާއި ރައްޔިތުންގެ ތެރޭގައި ޢަދުލުވެރިކަމުގެ ސިފަ ލިބިފައިވާ ޢިލްމުވެރިއަކު ހުރިނަމަ، އެ ސިފަ ނެތް މީހަކު ޤާޟީކަމުގެ މަޤާމަށް އިސްކުރުން ޝަރުޢީގޮތުން ހުއްދަވެގެން ނުވާނެކަމާއި މި ކަންކަން، ޢަދާލަތުގެ ސިފައަކީ ޤާޟީކަމުގެ މަޤާމަށް ޢައްޔަންކުރުން ޞައްޙަވުމުގެ ޝަރުޠުތަކުގެ ތެރޭގައި ހިމެނޭ ޝަރުޠެއް ނޫންކަމަށް ދެކެވަޑައިގަންނަވާ ޙަނަފީ މަޛުހަބުގެ ބައެއް ޢިލްމުވެރިންގެ ވާހަކަތަކުންވެސް އެނގެން އޮންނަ އޮތުމުގެ އިތުރުން މަތީގައި ބަޔާންކުރެވިދިޔަ މާނައިގައި ޢަދާލަތުގެ ސިފައަކީ، ޤާޟީކަމުގެ މަޤާމަށް އިސްކުރެވޭ މީހުންގެ ކިބައިގައި ކޮންމެހެން ހުރުން ލާޒިމު ޝަރުޠުތަކުގެ ތެރޭގައި ހިމެނޭ ޝަރުޠެއްކަމަށް އިސްލާމީ ފިޤުހުގެ ގިނަ ޢިލްމުވެރިން ދެކޭ ރައުޔު 711204649470004948555516509000ބިނާކޮށްފައިވާ މައިގަނޑު ދަލީލަކީ ސޫރަތުލް ޙުޖުރާތިގެ 6 ވަނަ އާޔަތުގައި: "
" މާނައީ "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ގާތަށް ފާސިޤަކު ޚަބަރަކައިގެން އަތުވެއްޖެނަމަ، އޭގެ ދޮގުތެދު ބަލައި، ޙަޤީޤަތް ހޯދާށެވެ." މިފަދައިން މާތް ﷲ ވަޙީ ކުރައްވާފައިވާ އެކަލާނގެ ވަޙީ ބަސްފުޅުކަމާއި، އަދި އެ ޢިލްމުވެރިން އަދާލަތުގެ ސިފައަކީ، ޤާޟީކަމުގެ މަޤާމަށް އިސްކުރެވޭ މީހުންގެ ކިބައިގައި ކޮންމެހެން ހުރުން ލާޒިމު ޝަރުޠުތަކުގެ ތެރޭގައި ހިމެނޭ ޝަރުޠެއްކަމަށް ދެކޭ ރައުޔު ބިނާކުރާ ދަލީލަކީ އިސްވެ އިޝާރާތްކުރެވުނު ސޫރަތުލް ހުޖުރާތިގެ 6 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވާ ބަޔާންކުރެވިދިޔަ ބަސްފުޅުކަމަށް ދެކޭ ސަބަބަކީ، ފާސިޤު މީހާގެ ބަހުގެ ދޮގުތެދު ބަލައި ޙަޤީޤަތް ހޯދުމަށް މާތްﷲ އެ ޢާޔަތުގައި އަމުރުކުރައްވާފައިވުމުން ޤާޟީއަކީ އެމީހެއްގެ ބަސް ޤަބޫލުނުކުރެވޭ ފާސިޤުންގެ ތެރޭގައި ހިމެނޭ މީހަކަށްވުން ޞައްޙަނުވާނެތީ އޭނާގެ ޙުކުމް، تَبَيُّنُ ކުރުން (އެބަހީ: ޙަޤީޤަތް ހޯދައި ބެލުން) ވާޖިބުވާނެތީ ކަމާއި، މިކަންކަން ޤާޟީއެއްގެ ކިބައިގައި ހުރުން ލާޒިމުވެގެންވާ ޝަރުޠުތަކުގެ ތެރެއިން ޢަދާލަތުގެ ޝަރުޠާ ބެހޭގޮތުން އިސްލާމީ ޝަރީޢަތުގެ ފިޤުހު ޢިލްމުވެރިން ބަޔާންކުރައްވާފައިވާ ފިޤުހީ ރައުޔުތަކުގެ މައްޗަށް ބެލުމުން ސާފުކޮށް އެނގެން އޮތުމުން، ޤާޟީންނަކީ އާދައިގެ މީހުންނަށްވުރެވެސް ބޮޑަށް ރިވެރި އަޚްލާޤީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން އެބައިމީހުންގެ ޢަމަލާއި ބަސްމަގު ސީދާ ކުރުމުގެ މައްޗަށް އަބަދުމެ ފާރަވެރިވެ، ފަރުވާތެރިވެ، އެކަމަށް ސަމާލުވާންޖެހޭ ބައެއްކަން އެނގެން އޮންނައިރު،
ޤާނޫނުއަސާސީގެ 149 ވަނަ މާއްދާގެ (ހ) އިން ފަނޑިޔާރުންނަކީ އަބަދުވެސް އަޚްލާޤު ރަނގަޅު ބަޔަކަށްވުމުގެ ޝަރުޠުގެ މަތީގައި އަބަދުމެ ތިބެންޖެހޭ ބައެއްކަން ސާފުކޮށް އެނގެން އޮންނަ އޮތުމުގެ އިތުރުން ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުތަކުގެ އުޞޫލުތައް ބަޔާންކޮށް އެކަށައަޅާފައިވާ ބައިނަލްއަޤްވާމީ މުހިންމު ވަޘީޤާއެއް ކަމަށްވާ "ދަ ބެންގަލޯރ ޕްރިންސިޕަލްސް އޮފް ޖުޑީޝަލް ކޮންޑަކްޓް 2002" އަށް ބަލާއިރު އެ ޑޮކިއުމެންޓަކީ ފަނޑިޔާރުން އެބައިމީހުންގެ ޤަޟާއީ މިހުނާ "ޖުޑީޝަލް ޕްރޮފެޝަން" ހެޔޮގޮތުގައި އަދާކުރުމަށްޓަކައި އަބަދުމެ އެބައިމީހުން ތަބާވާންޖެހޭ ވަރަށް މުހިންމު ޤިޔަމްތަކެއް (ވެލިއުތަކެއް) ބަޔާންކޮށްފައިވާ ޑޮކިއުމެންޓެއްކަމާއި، އެ ޑޮކިއުމެންޓް އެކުލެވިގެންވަނީ މައިގަނޑު 6 އުޞޫލެއްގެ މައްޗަށް ކަމާއި އެއީ މިނިވަންކަމާއި މުސްތަޤިއްލުކަމާއެކު މަސައްކަތް ކުރުމާއި، ވަކި ފަރާތަކަށް ނުޖެހުމާއި، ނަޒާހަތްތެރިވުމާއި، ހިތްތިރިކަމާއި ރިވެތި އަޚްލާޤާއި، ހަމަހަމަކަމާއި، ހުނަރާއި ކުޅަދާނަކަމާއި، މި 6 އުޞޫލުކަމާއި އަދި މީގެ އިތުރުން މި އުޞޫލުތައް ތަޠުބީޤުކުރުމުގައި ޢަމަލުކުރާނޭ ގޮތްތައް މި ވަޘީޤާގައި ވަރަށް ތަފްޞީލްކޮށް ބަޔާންކޮށްފައިވާ ކަމާއި، މި އުޞޫލުތަކުގެ ތެރެއިން ހަތަރުވަނަ އުޞޫލުކަމުގައިވާ ހިތްތިރިކަމާއި ރިވެތި އަޚްލާޤާބެހޭ އުޞޫލަށް ބަލާއިރު ފަނޑިޔާރު ކޮންމެ ކަމެއް ކުރުމުގައި އަޚްލާޤީ ރިވެތި މިންގަނޑުތަކުގައި އަބަދުމެ ހިފެހެއްޓުމާއެކު އެ މިންގަނޑުތަކާ ޚިލާފުވާފަދަ އެންމެހައި ކަންކަމުން ދުރުހެލިވާންޖެހޭކަމާއި އަދި ވަކިން ޙާއްޞަކޮށް ފަނޑިޔާރުންނަކީ އެބައިމީހުން އަދާކުރާ ޤަޟާއީ މިހުނާ (ޖުޑީޝަލް ޕްރޮފެޝަން) ގެ ކަރާމާތާއި ޤަދަރު ހިފެހެއްޓެނިވި ގޮތުގައި އެބައިމީހުންގެ ޢަމަލުތައް ބައްޓަންކުރަންޖެހޭ ބައެއްކަން ސާފުކޮށް އެނގޭކަމާއި އަދި ހަމަ އެހެންމެ އިސްވެ އިޝާރާތްކުރެވުނު "ދަ ބެންގަލޯރ ޕްރިންސިޕަލްސް އޮފް ޖުޑީޝަލް ކޮންޑަކްޓް" ގެ ފުރަތަމަ އުޞޫލުކަމުގައިވާ މިނިވަންކަމާއި މުސްތަޤިއްލުކަމާއެކު މަސައްކަތްކުރުމުގެ އުޞޫލަށް ބަލާއިރު، ޤަޟާޢީ ސުލްޠާ (ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރު) އާމެދު މީސްތަކުންގެ އިތުބާރު ދަމަހައްޓައި ވަރުގަދަކުރުމަކީ ޖުޑީޝަރީގެ މުސްތަޤިއްލުކަން ރައްކާތެރިކުރުމުގެ އެންމެ މުހިންމު އެއް އަސާސްކަމާއި އެހެންކަމުން ޤަޟާއީ ސުލޫކު (ޖުޑީޝަލް ކޮންޑަކްޓް) ވަރުގަދަކޮށް އޭގެ ކޮލިޓީ ހިފެހެއްޓުމަށް ފަނޑިޔާރުން ގަދައަޅައި މަސައްކަތް ކުރަންޖެހޭކަމާއި، އަދި ޖުޑީޝަރީގެ މިނިވަންކަމަކީ އިންޞާފުވެރިކަމާއެކު ޝަރީޢަތްކުރުމުގެ މުހިންމު އަސާސެއްކަމަށް ވުމާއެކު، އެ އަސާސް ހަރުދަނާކޮށް ވަރުގަދަކުރުމަށްޓަކައި ފަރުދީ ގޮތުންނާއި، މުއައްސަސީ ގޮތުން ފަނޑިޔާރުން މަސައްކަތްކުރަންޖެހޭކަމާއި، ނަމަވެސް ފަނޑިޔާރުންގެ މުސްތަޤިއްލުކަން ކަށަވަރުކުރުމުގެ ނަމުގައި ފަނޑިޔާރުން ފަނޑިޔާރުކަން ކުރާ މުއްދަތުގައި އެބައިމީހުންނަކީ އެބައި މީހުންނާމެދު ޤާނޫނީ އިމުގެ ތެރެއިން ޖިނާއީ ކުށަކާބެހޭ ތަޙްޤީޤެއް ނުވަތަ ޖިނާއީ ދަޢުވާއެއް ކުރުމުން ޙަޞާނަތު ލިބި، ޙިމާޔަތްކުރެވިފައިވާ ބައެއްކަން ދޭހަވާފަދަ ޢިބާރާތަކުން މި ވަޘީޤާ ވާހަކަދައްކާފައި ނުވާކަމާއި، މި ކަންކަން "ދަ ބެންގަލޯރ ޕްރިންސިޕަލްސް އޮފް ޖުޑީޝަލް ކޮންޑަކްޓް 2002" ގެ ޤިޔަމްތަކަށް ބެލުމުން އެނގެން އޮންނަ އޮތުމުގެ އިތުރުން
"ބޭސިކް ޕްރިންސިޕަލްސް އޮން ދި އިންޑިޕެންޑެންސް އޮފް ޖުޑީޝަރީ" (ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުގެ މުސްތަޤިއްލުކަމާބެހޭ އަސާސީ މަބުދައުތައް) މިނަމުގައި 1985 ވަނަ އަހަރުގެ އޮގަސްޓްމަހުގެ 26 ވަނަ ދުވަހުން ފެށިގެން އެ އަހަރުގެ ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހަށް، ކުށްކުރުން މަނާކުރުމާއި ކުށްވެރިންނާ މުޢާމަލާތްކުރާނެގޮތާ ބެހޭގޮތުން އިޓަލީގެ މިލާނުގައި ބޭއްވުނު ޔޫ.އެންގެ 7 ވަނަ ކޮންގްރެސްއިން ފާސްކުރެވިފައިވާ، އަދި ޔޫ.އެންގެ ޢާންމު ޖަމްޢިއްޔާ (ޖެނެރަލް އެސެމްބްލީ) ގެ ނަންބަރު 32/40 (29 ނޮވެންބަރު 1985) ގެ ޤަރާރުއާއި ޔޫ.އެންގެ ޢާންމު ޖަމްޢިއްޔާ (ޖެނެރަލް އެސެމްބްލީ) ގެ ނަންބަރު 146/40 (13 ޑިސެމްބަރު 1985) ގެ ޤަރާރު އާއި މި ދެ ޤަރާރުގެ ދަށުން އެންޑޯސް ކުރެވި ޢާންމު ކުރެވިފައިވާ ޕްރިންސިޕަލްތަކުގެ ނުވަތަ މަބުދައުތަކުގެ މައްޗަށް ބަލާއިރު، ދައުލަތުން ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުގެ މުސްތަޤިއްލުކަން ގެރެންޓީކޮށް ކަށަވަރު ކުރަންޖެހޭނެކަމަށާއި، އަދި ދައުލަތުގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކުގައި އެކަން ނައްޞުން ކަނޑައަޅައި ކަށަވަރުކުރަންވާނެ ކަމަށާއި އަދި ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުގެ މުސްތަޤިއްލުކަން ކަށަވަރުކުރުމުގެ މަބްދައަށް އިޙްތިރާމްކުރުމަކީ ސަރުކާރުގެ ހުރިހާ މުއައްސަސާތަކުގެ މައްޗަށް ލާޒިމުކަމެއް ކަމަށާއި، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރަށް، އިންޞާފު ހޯދުމަށްޓަކައި ހުށަހެޅޭ މައްސަލަތަކުގެ މައްޗަށް އެ ބާރުން ފައިޞަލާކޮށް، ގޮތެއް ކަނޑައަޅާނީ، ވަކި ފަރާތަކަށް ނުޖެހި، ހުށަހެޅިފައިވާ ވާޤިއާތަކުގެ މައްޗަށާއި ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން، އެއްވެސް ފަރާތަކުން ނުވަތަ އެއްވެސް ސަބަބަކާހުރެ ސީދާގޮތުން ނުވަތަ ނުސީދާގޮތުން މައްސަލައިގެ ތެރެއަށް ކަނޑައެޅިފައިވާ އުޞޫލުތަކާ ޚިލާފަށް އެއްވެސް ފަރާތަކުން އެއްވެސް ގޮތަކުން ވަންނަ ވަނުމަކާ ނުވަތަ ބިރުދެއްކުމަކާ ނުވަތަ ފިއްތުމަކާ ނުވަތަ ލެނބުވުމަކާ ނުވަތަ ހުއްދަނޫންގޮތަކަށް މައްސަލައަށް އަސަރުކޮށްފާނެ އެއްވެސް ކަމެއް ކުރިމަތިކުރުވުމަކާ ނުވަތަ އިޚްތިޔާރު ހަނިކުރުންކަމަށް ބެލެވޭ އެއްވެސް ކަމެއް ކުރުވުމަކާ ނުލައި ވަކި ފަރާތަކަށް ނުޖެހި، ހުށަހަޅާފައިވާ ވާޤިޢާތަކުގެ މައްޗަށާއި، ޤާނޫނުގައިވާ ގޮތުގެ މައްޗަށް ރިޢާޔަތްކޮށްގެން ކަމަށާއި، އަދި ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުގެ މުސްތަޤިއްލުކަން ކަށަވަރުކުރުމުގެ މަބްދައަކީ އިންޞާފުވެރިކަމާއެކު ޤަޟާއީ އިޖުރާއާތުތައް ހިނގާކަމާއި މައްސަލަތަކުގައި ހިމެނޭ އެންމެހައި ފަރާތްތަކުގެ ޙައްޤުތަކަށް އިޙްތިރާމްކުރާކަން ކަށަވަރުކޮށްދޭ މަބްދައެއްކަމަށް ވާންޖެހޭނެކަމަށް ބުނެވުނު މަބުދައުތަކުގައި ބަޔާންކޮށްފައިވާކަން އެނގޭކަމާއި، ނަމަވެސް މި މަބުދައުތަކުގައި ފަނޑިޔާރުންގެ މުސްތަޤިއްލުކަން ކަށަވަރުކުރުމުގެ ނަމުގައި ފަނޑިޔާރުންނަކީ އެބައިމީހުން ފަނޑިޔާރުކަން ކުރާ މުއްދަތުގައި އެބައިމީހުން ކުރާ ޖިނާއީ ކުށްތަކާގުޅޭ ތަޙްޤީޤެއް ނުވަތަ އެފަދަ ތަޙްޤީޤެއްގެ މައްޗަށް ބިނާކޮށް އެމީހުންގެ މައްޗަށް ޤާނޫނީ ޙުދޫދުގެ ތެރެއިން ޖިނާއީ ދަޢުވާއެއްކުރުމުން ޙަޞާނަތު ލިބި، ޙިމާޔަތްކުރެވިފައިވާ ބައެއްކަން ދޭހަވާފަދަ އުޞޫލެއް ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުގެ މުސްތަޤިއްލުކަން ކަށަވަރުކުރުމާ ގުޅޭގޮތުން އައިސްފައިވާ މި މަބުދައުތަކުގައި ކަނޑައެޅިފައިނުވާކަން އެނގެން އޮތުމުންނާއި،
މި އެންމެހައި ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް ބެލުމުން ޤާނޫނުއަސާސީގެ 149 ވަނަ މާއްދާގެ (ހ) ގައި ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަންކުރެވޭ މީހުންނަކީ އަޚްލާޤު ރަނގަޅު ބަޔަކަށް ވާންވާނެކަމަށް ކަނޑައަޅައި ބަޔާންކޮށްފައިވާ ޝަރުޠުގެ ބޭނުމަށްޓަކައި ފަނޑިޔާރުންގެ ކިބައިގައި ހުރުން ލާޒިމުވެގެންވާ ޝަރުޠުތަކުގެ ތެރޭގައި ޖިނާއީ ކުށެއް ޝަރީޢަތަށް ސާބިތުވެ ޙުކުމެއް ތަންފީޛު ކުރަމުންދާ މީހަކު ކަމުގައި ނުވުމުގެ ޝަރުޠާއި އަދި އެ ޝަރުޠު ފަނޑިޔާރުންގެ މައްޗަށް ތަޠުބީޤުކުރެވޭނެ އުޞޫލުތަކާ އަޙްކާމްތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގައި ނުވަތަ އެ ޤާނޫނަށް ގެނެވޭ އިޞްލާޙެއްގެ ދަށުން ނަމަވެސް ކަނޑައެޅުމަކީ ޤާނޫނުއަސާސީއާއި އިސްލާމީ ޝަރީޢަތާއި އަދި ފަނޑިޔާރުންގެ ފަނޑިޔާރުކަމުގެ ސުލޫކީ މިންގަނޑުތަކާއި އެބައިމީހުންގެ މުސްތަޤިއްލުކަމާއި މިނިވަންކަން ކަށަވަރުކޮށްދީފައިވާ އިސްވެ ބަޔާންކުރެވުނު ބައިނަލްއަޤްވާމީ ވަޘީޤާތަކާވެސް ފުށުއަރާ ކަމެއް ނޫންކަން އެނގެން އޮންނައޮތުމެވެ.
(ފ) އެގާރަވަނަ ކަމަކީ، މި މައްސަލަ މި ކޯޓަށް ހުށަހަޅާފައިވާ ފަރާތްތަކުން މި ދަޢުވާ ބިނާކުރާ ސަބަބުތައް ބަޔާންކުރުމުގައި "ޔުނިވަރސަލް ޑެކްލެރޭޝަން އޮފް ހިއުމަން ރައިޓްސް" ގެ 10 ވަނަ މާއްދާއާއި "ކައިރޯ ޑެކްލެރޭޝަން އޮން ހިއުމަން ރައިޓްސް އިން އިސްލާމް" ގެ 19 ވަނަ މާއްދާގެ (a) އާއި (b) އާއި "އިންޓަރނޭޝަނަލް ކޮވެނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް" ގެ 14 ވަނަ މާއްދާއާ ޙަވާލާދީ ވާހަކަދައްކާފައިވާއިރު، ދަޢުވާ ހުށަހެޅި ފަރާތްތަކުން ފާހަގަކޮށްފައިވާ އިސްވެ އިޝާރާތްކުރެވުނު ބައިނަލްއަޤްވާމީ ވަޘީޤާތަކުގެ ބަޔާންކުރެވުނު މާއްދާތަކުގައި ވާހަކަ ދައްކާފައިވަނީ އިންސާނީ ޙައްޤެއްގެ ގޮތުން އިންޞާފުން ޝަރީޢަތް ކުރެވުމުގެ މަބުދައު ކަށަވަރު ވާންޖެހޭނެކަމުގެ މައްޗަށްކަން އެނގެން އޮތް ނަމަވެސް، ފަނޑިޔާރުންގެ މުސްތަޤިއްލުކަމާއި އަދި އެބައިމީހުން ފަނޑިޔާރުކަން ކުރުމުގައި އެބައިމީހުންނަކީ ރިވެތި އަޚްލާޤީ މިންގަނޑުތަކަށް ފެތޭ، ސުލޫކީ ގޮތުންވެސް ކޮލިޓީ ރަނގަޅު ބައެއްކަން ކަށަވަރުކުރުމުގެ ގޮތުން އެބައިމީހުންގެ ސުލޫކާއި އަޚްލާޤީ މިންގަނޑުތައް ފުރިހަމަކޮށް ވަރުގަދަކުރުމުގެ ގޮތުން ޤައުމުތަކުގެ ޤާނޫނު ހަދާ ބާރުން ޤާނޫނެއް ފާސްކުރުމަކީ އިންޞާފުން ޝަރީޢަތްކުރެވުމުގެ މަބުދައާ އެއްވެސް ގޮތަކުން ފުށުއަރާ ތަޢާރުޟުވާކަމެއްކަން ދޭހަވާ އެއްވެސް ޢިބާރާތެއް ދަޢުވާ ހުށަހަޅާފައިވާ ފަރާތްތަކުން ފާހަގަކޮށްފައިވާ އިސްވެ އިޝާރާތްކުރެވުނު ބައިނަލްއަޤްވާމީ ވަޘީޤާތަކުގެ ބަޔާންކުރެވުނު މާއްދާތަކުގައި އައިސްފައި ނުވާކަމާއި އަދި މީގެ އިތުރުން އެ ޤައުމެއްގެ ޤާނޫނުލްޢުޤޫބާތުގައި އަދި އެނޫން ޤާނޫނެއްގައި ހިމެނޭ ޖިނާއީ ކުށެއްގެ ތުހުމަތަކާ ގުޅިގެން ޤާނޫނުގައިވާ ގޮތުގެމަތިން ފަނޑިޔާރުންގެ މައްޗަށް ތަޙްޤީޤު ހިންގުމުންނާއި، އަދި އެފަދަ ޖިނާއީ ތަޙްޤީޤެއްގެ މައްޗަށް ބިނާކޮށް ޤާނޫނުގައިވާ ގޮތުގެމަތިން ފަނޑިޔާރުންގެ މައްޗަށް ޖިނާއީ ކުށުގެ ދަޢުވާކުރުމުން ފަނޑިޔާރުންނަށް ޙަޞާނާ (އިމިއުނިޓީ) އާއި ޙިމާޔަތް ލިބިގެންވާކަން ދޭހަވާ އެއްވެސް ޢިބާރާތެއްވިޔަސް ދަޢުވާ ހުށަހަޅާފައިވާ ފަރާތްތަކުން ފާހަގަކޮށްފައިވާ ބަޔާންކުރެވުނު ވަޘީޤާތަކުގެ ބަޔާންކުރެވުނު މާއްދާތަކުގައި އައިސްފައިނުވާކަން އެ ވަޘީޤާތަކުގެ ބަޔާންކުރެވުނު މާއްދާތަކަށް ބެލުމުން އެނގެން އޮންނަކެމެވެ.
(ދ) ބާރަވަނަ ކަމަކީ، "ސިޔާދަތުލް ޤާނޫނި" ނުވަތަ "ރޫލް އޮފް ލޯ" ގެ މަބުދައުގެ މައްޗަށް ބަލާއިރު، އެ މަބުދައުގެ މަފުހޫމަކީ ޙާކިމުންނާއި މަޙްކޫމުން (ކަންކަމުގައި ނިޔާ ކަނޑައަޅާ މީހުންނާއި އެބައެއްގެ މައްޗަށް ނިޔާ ކަނޑައެޅޭ މީހުން) އެއް ހަމައެއްގައި، އެއްވެސް ތަފާތު ކުރުމެއްނެތި ޤާނޫނީ ޤާޢިދާއަށް ނުވަތަ ޤާނޫނުގެ ޙުކުމަށް އިލްތިޒާމްވެ، ބޯލެނބުންކަމާއި އެހެންކަމުން ރޫލް އޮފް ލޯގެ މަޤްޞަދަކީ އެއްވެސް އިސްތިޘްނާއެއް ނެތި، މުޖުތަމަޢުގެ ހުރިހާ އަފުރާދުންނާއި ދައުލަތުގެ ހުރިހާ ގުނަވަންތަކާއި، މުއައްސަސާތަކެއް ޤާނޫނު ކަނޑައަޅާފައިވާ އުޞޫލުތަކަށް އިޙްތިރާމްކޮށް އެ އުޞޫލުތަކާ އެއްގޮތަށް ޢަމަލުކޮށް އެ އުޞޫލުތައް ނެގެހެއްޓުންކަމާއި، އެއީ ޙަޤީޤަތުގައި މި މަބުދައު އެކަށައެޅިފައިވަނީ މުޅި މުޖުތަމަޢު ޙިމާޔަތްކޮށް މީސްތަކުންގެ މިނިވަންކަން ރައްކައުތެރިކުރުމަށް ކަމަށްވެފައި މި މަބުދައުއަކީ ދައުލަތުގެ އެންމެހައި ބާރުތަކާއި އަފްރާދުންނާ ދެމެދުގައިވާ ޙަކަމް ނުވަތަ ނިޔާވެރިޔާ ކަމަށްވާތީކަން އެނގެން އޮންނަ އޮތުމުގެ އިތުރުން مَبْدَأُ شَرْعِيَّةِ الجَرَائِمِ وَالعُقُوبَاتِ (ދަ ޕްރިންސިޕަލް އޮފް ލީގަލިޓީ އޮފް ކްރައިމްސް އެންޑް ޕަނިޝްމެންޓްސް) ނުވަތަ ކުށާއި ޢުޤޫބާތް ޤާނޫނަކުން އެކަށައެޅުން ހުއްދަވުމުގެ ޤާނޫނީ މަބުދައުގެ މައްޗަށް ބަލާއިރު، އެ މަބުދައުގެ މުހިއްމުކަން ބިނާވެފައިވަނީ މުޖުތަމަޢުގެ އަމާންކަމާއި އަފްރާދުންގެ ސަލާމަތްތެރިކަން ކަށަވަރުކުރުމުގެ ގޮތުން ޖިނާއީ ކުށާއި ޢުޤޫބާތްތައް ސާފުކޮށް ނައްޞުން ކަނޑައަޅައި ބަޔާންކުރެވިފައިވާ ޤާނޫނީ ޤާޢިދާތައް ޤާނޫނުލްޢުޤޫބާތުގައި ނުވަތަ އެނޫން އެފަދަ ޤާނޫނެއްގައި ނަމަވެސް ކަނޑައެޅުމުގެ ޝަރުޢިއްޔަތު ލިބިގަތުމާއެކު އެފަދަ ޤާނޫނީ ޤާޢިދާތައް މީސްތަކުންގެ މައްޗަށް ތަޠުބީޤުކުރުމުގެ ކުރިން ޤާނޫނުގައި ކުށެއްކަމަށް ކަނޑައަޅާ ކަންކަމާއި އަދި އެކަންކަމަށް ކަނޑައެޅިފައިވާ ޢުޤޫބާތުތައް އެ މުޖުމަތަމަޢެއްގެ ޤާނޫނީ އޮނިގަނޑުގައި ކަނޑައެޅިފައިވާ ހަމަތަކުގެ މަތިން މީސްތަކުންނަށް ކުރިން އަންގައި ޢާންމުކުރެވިފައި އޮތުމުގެ މުހިއްމު ކަމުގެ މައްޗަށްކަން އެނގެން އޮންނައިރު، ޤާނޫނުލްޢުޤޫބާތުގައި ނުވަތަ އެނޫންވެސް އެފަދަ ޤާނޫނެއްގައި ބަޔާންކުރާ ޖިނާއީ ކުށުގެ މަފުހޫމްގެ މައްޗަށް ބަލާއިރު ޖިނާއީ ކުށުގެ ޢަމަލަކީ ޤާނޫނުގައި ކަނޑައެޅިފައިވާ ޢުޤޫބާތްތަކުގެ ތެރެއިން އުޤޫބާތެއް، އެ ޢަމަލަކަށް ކަނޑައެޅިފައިވާ ކޮންމެ އީޖާބީ ނުވަތަ ސަލްބީ ޢަމަލެއްކަން އެނގެން އޮންނައިރު، ޖިނާއީ ކުށުގެ މި މަފުހޫމާ ޚިލާފަށް ތައުދީބީ ކުށަކީ ވަޒީފާގެ ވާޖިބުތަކާ ޚިލާފަށް، ނުވަތަ ހެޔޮގޮތުގައި ވަޒީފާއަދާކުރުމަށް ކަނޑައެޅިފައިވާ ސުލޫކީ މިންގަނޑުތަކާ އުޞޫލުތަކާ ޚިލާފަށް މުވައްޒަފަކު ކުރާ ކުށުގެ ޢަމަލުކަން އެނގެން އޮންނައިރު، ޖިނާއީ ކުށާއި ތައުދީބީ ކުށުގެ މި ތަފާތުގެ މައްޗަށް ބަލާއިރު، ޖިނާއީ ކުށުގެ ޢަމަލަކީ ޖިނާއީ ޤާނޫނުގައި ކަނޑައެޅިފައިވާ ގޮތުގެމަތިން އެ ކުށުގެ ޢަމަލު ހިންގާ ހުރިހާ ފަރާތެއްގެ މައްޗަށް އޭގެ އަސަރު ހިނގާނެ ކުށުގެ ޢަމަލެއްކަމާއި ނަމަވެސް ތައުދީބީ ކުށަކީ، ޚިދުމަތެއް ދޭ މުއައްސަސާއަކަށް ނިސްބަތްވާ، އެ މުއައްސަސާގެ މުވައްޒަފުންނަށް ކަނޑައެޅިފައިވާ ވާޖިބުތަކާއި އަދި ވަޒީފާގެ ސުލޫކީ މިންގަނޑުތަކާ ޚިލާފަށް އެ މުއައްސަސާއެއްގެ މުވައްޒަފުން ހިންގާ ވަޒީފާއާގުޅޭ ކުށުގެ ޢަމަލުތައްކަމަށް ވުމުން އެފަދަ ކުށްތައް ޝާމިލުވެގެންވަނީ ހަމައެކަނި އެ މުއައްސަސާއެއްގެ މުވައްޒަފުންގެ މައްޗަށް ކަމާއި، އެނޫން ބައެއްގެ މައްޗަށް އެ ކުށްތައް ޝާމިލުވެގެން ނުދާނެކަމާއި، އަދި މީގެ އިތުރުން ޖިނާއީ ކުށަކީ ޤާނޫނުލްޢުޤޫބާތުގައި ނުވަތަ އެފަދަ އެހެން ޤާނޫނެއްގައި އެ ކުށުގެ ހުރިހާ ރުކުންތަކެއް ސާފުކޮށް ބަޔާންކުރުމާއެކު އެ ކުށުގެ ޢަމަލު ނައްޞުން ސާފުކޮށް ކަނޑައަޅާ ބަޔާންކުރެވިފައިވާ ކުށް ކަމަށްވާއިރު، މުވައްޒަފަކު އޭނާ ވަޒީފާ އަދާކުރާ މުއައްސަސާގެ ވާޖިބުތަކާ ސުލޫކީ މިންގަނޑުތަކާ ޚިލާފުވުން އެކަނިވެސް އެއީ ތައުދީބީ ކުށެއްކަމަށް ބެލޭނެ ސަބަބެއްކަމާއި އަދި ހަމައެހެންމެ، ޖިނާއީ ޤާނޫނުގައި ޖިނާއީ ކުށުގެ ޢަމަލުތަކާއި އެ ކުށްތަކުގެ ޢުޤޫބާތް، ނައްޞުން ސާފުކޮށް ކަނޑައަޅާ ބަޔާންކުރުމުގެ އެންމެ މުހިއްމު މަޤްޞަދަކީ މުޅި މުޖުތަމަޢުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުން ކަމަށް ވާއިރު، ތައުދީބީ ކުށުގެ މަޤްޞަދަކީ މުއައްސަސާއެއްގެ މުވައްޒަފުންގެ ވާޖިބުތަކާއި ސުލޫކީ މިންގަނޑުތަކާ ޚިލާފަށްކުރާ ކަންކަމުން އެ މުއައްސަސާ ޙިމާޔަތްކުރުން ކަމާއި، އަދި ޖިނާއީ ކުށާބެހޭ ތަޙުޤީޤުތައް ކުރުމާއި، އޭގެ މައްޗަށް ބިނާކޮށް ޖިނާއީ ޝަރީޢަތްތައް ހިންގުމާއި މިކަންކަމުގެ އިޚްތިޞާޞް ލިބިފައިވާ މުއައްސަސާތައް އެކުލަވާލެވިފައިވާ ގޮތް، ތައުދީބީ ކުށްތައް ތަޙުޤީޤުކުރުމާއި އޭގެ މައްޗަށް ބިނާކޮށް ތައުދީބީ ފިޔަވަޅުތައް އެޅުމުގެ އިޚްތިޞާޞް ލިބިފައިވާ މުއައްސަސާތައް އެކުލަވާލެވިފައިވާ ގޮތާ ތަފާތުކަމާއި، އަދި މީގެ އިތުރުން ޤާނޫނުލްޢުޤޫބާތުގައި ނުވަތަ އެނޫން އެފަދަ ޤާނޫނެއްގައި ކަނޑައެޅިފައިވާ ޖިނާއީ ކުށްތައް ކުރާ ފަރާތްތަކަށް ދޭންޖެހޭ އަދަބުތައް (ޢުޤޫބާތްތައް) ކަނޑައަޅާފައިވަނީ ޤާނޫނުލްޢުޤޫބާތުގައި ނުވަތަ އެނޫން އެފަދަ ޤާނޫނުތަކުގައި ކަމަށްވާއިރު، ތައުދީބީ ކުށުގެ ކުޑަބޮޑު މިނަށް ބަލައި ނަޞޭހަތްދިނުން، ނުވަތަ އިންޒާރު ދިނުން، ނުވަތަ ވަޒީފާއަށް ނުކުތުން މަނާކުރުން، ނުވަތަ ވަޒީފާއިން ވަކިކުރުން ފަދަ ފިޔަވަޅުތަކުގެ މައްޗަށް ތައުދީބީ ކުށުގެ އަދަބުތައް ތަފާތުވެގެންދާނެ ކަމާއި، މިކަންކަން ބަޔާންވެދިޔަ ގޮތުގެމަތިން އެނގެން އޮތްއިރު،
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 159 ވަނަ މާއްދާއިން ފަނޑިޔާރުންނާ ބެހޭގޮތުން އުފުލާ ޝަކުވާތައް ބެލުމާއި، އެފަރާތްތަކާމެދު އަޅާންޖެހޭ ފިޔަވަޅުތައް އެޅުމާއި، މަޤާމުން ވަކިކުރާންޖެހޭ މީހުން ވަކިކުރުމަށް ހުށަހަޅާންޖެހޭ ފަރާތްތަކަށް އެފަދަ މީހުން މަޤާމުން ވަކިކުރުމަށް ހުށަހެޅުމާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުތަކާބެހޭ ޤަވާޢިދުތައް ހެދުމާއި، މިކަންކަމަކީ ޤާނޫނުއަސާސީގެ ދަށުން އުފެދިފައިވާ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަން އެނގެން އޮންނަ އޮތުމަށާއި، ޤާނޫނުއަސާސީގެ 154 ވަނަ މާއްދާގެ (ހ) ގައި ފަނޑިޔާރުން ތަބާވާންޖެހޭ ސުލޫކީ މިންގަނޑުތަކާއި އުޞޫލުތަކުން ބޭރުނުވެ މަސައްކަތްކުރާހާ ހިނދަކު ފަނޑިޔާރަކު މަޤާމުން ވަކިކޮށްގެން ނުވާނެކަމަށް ކަނޑައަޅާ ބަޔާންކޮށްފައި އޮންނަ އޮތުމަށާއި، އަދި އެ މާއްދާގެ (ށ) ގައި ފަނޑިޔާރަކު މަޤާމުން ވަކިކުރެވޭނީ ފަނޑިޔާރުކަމުގެ މަޤާމަށް އެމީހަކު ޤާބިލުނޫންކަމަށް، ނުވަތަ އެ މަޤާމަކަށް އެކަށީގެންނުވާފަދަ ޢަމަލެއް އެފަނޑިޔާރަކު ކޮށްފައިވާކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤަބޫލުކުރެވިގެން އެ ފަނޑިޔާރަކު މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، މަޖިލީހުގެ ޖަލްސާއަށް ޙާޟިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްވުމުންކަމަށް ކަނޑައެޅި ބަޔާންކޮށްފައި އޮންނަ އޮތުމަށް ބަލާއިރު، ފަނޑިޔާރަކު ކުރި ޢަމަލީ، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގައި ނުވަތަ އެނޫންވެސް އެފަދަ ޖިނާއީ ކުށެއް ކަނޑައެޅިފައިވާ ޤާނޫނެއްގައި ކަނޑައެޅިފައިވާ ޖިނާއީ ކުށްތަކުގެ ތެރެއިން ކުށެއް ކަމަށް ނުބެލެވޭ ކަމެއްކަމަށް ވިޔަސް އެ ޢަމަލަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގައި ނުވަތަ ޤާނޫނުއަސާސީގެ 159 ވަނަ މާއްދާގެ ދަށުން ބާރު ލިބިގެން ޖުޑީޝަލް ސަރވިސް ކޮމިޝަނުން އެކަލަވާލާފައިވާ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުތަކާބެހޭ ޤަވާޢިދުގައި ކަނޑައެޅިފައިވާ ސުލޫކީ މިންގަނޑުތަކާ ޚިލާފުވާ ޢަމަލެއްކަމަށް ބަލައި އެ ޢަމަލަކީ އެ ފަނޑިޔާރަކު ފަނޑިޔާރުކަމުގެ މަޤާމަށް ޤާބިލުނޫންކަމަށް ނުވަތަ އެ މަޤާމާ އެކަށީގެންނުވާފަދަ ޢަމަލެއްކަމަށް، ޤާނޫނުގައި ބަޔާންކުރެވިފައިވާ އިޖުރާއާތުގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބެލި ބެލުމުން އެ ކޮމިޝަނަށް ޤަބޫލުކުރެވިގެން އެ ފަނޑިޔާރަކު މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން އެ މަޖިލީހުގެ ޖަލްސާއަށް ޙާޟިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން އެ ކޮމިޝަނުން ހުށަހެޅިގޮތަށް ފާސްވެއްޖެނަމަ އެ ފަނޑިޔާރަކު ފަނޑިޔާރުކަމުގެ ވަޒީފާއިން ވަކިވާނެކަން ސާފުކޮށް އެނގެން އޮތް ހިނދު،
އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ޚިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމުގެ ޝަރުޠަކީ، ފަނޑިޔާރުންގެ ކިބައިގައި ކޮންމެހެން ހުރުން ލާޒިމު ޝަރުޠުތަކުގެ ތެރެއިން ޝަރުޠެއްކަން ޤާނޫނުއަސާސީގެ 149 ވަނަ މާއްދާގެ (ށ) ގެ 3 ވަނަ ނަންބަރުން ސާފުކޮށް އެނގެން އޮތުމުން، ޤާނޫނުއަސާސީގެ 149 ވަނަ މާއްދާގެ (ށ) ގެ 3 ވަނަ ނަންބަރުގައި ބަޔާންކުރެވިފައިވާ ހުރިހާ ކުށަކީވެސް ޖިނާއީ ކުށްތަކެއްކަން ސާފުކޮށް އެނގޭކަމާއި، އަދި މީގެ އިތުރުންވެސް ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަންކުރާންވާނީ އަޚްލާޤު ރަނގަޅުކަމުގެ ޝަރުޠު އަބަދުވެސް އެމީހެއްގެ ނުވަތަ އެބައެއްގެ ކިބައިގައި ފުރިހަމަވާ މީހުންކަން ޤާނޫނުއަސާސީގެ 149 ވަނަ މާއްދާގެ (ހ) އިން ރަނގަޅަށް އެނގެން އޮންނައިރު، ފަނޑިޔާރުންނަކީ އެބައިމީހުން ފަނޑިޔާރުކަމުގެ ވަޒީފާގައި ތިބޭއިރު، އެބައިމީހުންގެ މައްޗަށް ތުހުމަތުކުރެވޭ ޖިނާއީ ކުށުގެ ތަޙުޤީޤެއް އެބައިމީހުންގެ މައްޗަށް ހިންގުމުން ނުވަތަ އެފަދަ ޖިނާއީ ތަޙުޤީޤެއްގެ މައްޗަށް ބިނާކޮށް ޖިނާއީ ކުށުގެ ދަޢުވާއެއް އެބައިމީހުންގެ މައްޗަށް، ޤާނޫނީ ޙުދޫދުގެ ތެރެއިން ކުރުމުން އެއްވެސް މިންވަރަކަށް ޤާނޫނުއަސާސީއިން އެބައިމީހުންނަށް ޙަޞާނާތާއި ޙިމާޔަތް ލިބިފައިވާ ބައެއް ނޫންކަމާއި، އަދި މީގެ އިތުރުން ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގައި ނުވަތަ ޖިނާއީ ކުށާއި ޢުޤޫބާތް ކަނޑައެޅިފައިވާ އެފަދަ އެހެން ޤާނޫނުތަކުގައި މުޚާތަބުކުރެވޭ ފަރާތްތަކުގެ ތެރެއިން ފަނޑިޔާރުން އިސްތިސްނާކުރެވިފައި ނުވާކަމުން ޤާނޫނުއަސާސީގެ 149 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ފަނޑިޔާރުންގެ ކިބައިގައި ކޮންމެހެން ހުންނަންޖެހޭ ޝަރުޠުތަކުގެ ތެރެއިން އަޚްލާޤު ރަނގަޅުކަމުގެ ޝަރުޠު ފަނޑިޔާރުންގެ ކިބައިގައި އަބަދުވެސް ހުރުން ކަށަވަރުކޮށް ގެރެންޓީކުރުމަށްޓަކައި ފަނޑިޔާރުންގެ ކިބައިގައި ކޮންމެހެން ހުރުން ލާޒިމުވެގެންވާ ޝަރުޠުތަކުގެ ތެރެއިން ޝަރުޠެއްގެ ގޮތުން ޖިނާއީ ކުށެއް ޝަރީޢަތަށް ސާބިތުވެ ޙުކުމް ތަންފީޛުކުރަމުންދާ މީހަކު ކަމުގައި ނުވުމުގެ ޝަރުޠު، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގައި ނުވަތަ އެ ޤާނޫނަށް ގެނެވޭ އިޞްލާޙެއްގެ ދަށުން، ރައްޔިތުންގެ މަޖިލީހުން ކަނޑައެޅުމަށް ދުސްތޫރީ ގޮތުން އެއްވެސް ހުރަހެއް ނެތްކަން ޤާނޫނުއަސާސީގެ 149 ވަނަ މާއްދާގެ މައްޗަށް ވިސްނާ ބެލުމުން އެނގެން އޮތުމުން ބަޔާންވެދިޔަ ގޮތުގެމަތިން ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގައި، ފަނޑިޔާރުންގެ ކިބައިގައި ކޮންމެހެން ހުރުން ލާޒިމުވެގެންވާ ޝަރުޠެއްގެ ގޮތުން ޖިނާއީ ކުށެއް ޝަރީޢަތަށް ސާބިތުވެ ޙުކުމް ތަންފީޛުކުރަމުންދާ މީހަކުކަމުގައި ނުވުމުގެ ޝަރުޠެއް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅައި، އެ ޝަރުޠާބެހޭ އަޙްކާމްތައް، ބަޔާންކުރެވިފައިވާ ގޮތުގެމަތިން ފާސްކުރުމަކީ އެއްވެސްގޮތަކުން ޤާނޫނުއަސާސީގެ 148 ވަނަ މާއްދާގެ (ނ) އާއި ޤާނޫނުއަސާސީގެ 154 ވަނަ މާއްދާއާ ޚިލާފަށްކުރެވޭ ކަމެއްކަމަށް ބެލެވޭނެތަނެއް ނެތުމެވެ.
(ތ) ތޭރަވަނަ ކަމަކީ، އިސްވެ ބަޔާންވެދިޔަ ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، މި މައްސަލަ ހުށަހެޅި ފަރާތްތަކުން ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) އަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު ކަމުގައިވާ ނަންބަރު 2018/1 ޤާނޫނުގެ ދުސްތޫރިއްޔަތުކަމާމެދު މައުޟޫޢީގޮތުން ތަޢުނުކޮށް ހުށަހަޅާފައިވާ ހުށަހެޅުންތަކަކީ ދުސްތޫރީ ގޮތުން ޞައްޙަ އަސާސްއެއްގެ މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ ހުށަހެޅުންތަކެއް ނޫންކަން އެނގެން އޮންނަ އޮތުމެވެ.
(ލ) ސާދަވަނަ ކަމަކީ، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) އަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު ކަމުގައިވާ ނަންބަރު 2018/1 ޤާނޫނުގެ ބިލު ފާސްކުރުމުގައި ޝަކްލީ ގޮތުންނާއި އިޖުރާއީ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ތަބާވުން ލާޒިމުކޮށްފައިވާ ދުސްތޫރީ އުޞޫލުތަކާއި ޤާނޫނީ ހަމަތަކާ އެއްގޮތަށް ރައްޔިތުންގެ މަޖިލީހުން ޢަމަލުކޮށްފައިނުވާ ކަމަށާއި، މިގޮތުން ބުނެވުނު ޤާނޫނުގެ ބިލު ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހުން ވޯޓު ނަގާފައިވަނީ ޤާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް އެ މާއްދާގައި ބުނާ ކޯރަމް ހަމަނުވާ ޖަލްސާއެއްގައި ކަމުން އެ ޤާނޫނަކީ ބާޠިލު ޤާނޫނެއްކަމަށް ބުނެ، މި މައްސަލަ ހުށަހެޅި ފަރާތުން މި މައްސަލައިގައި ދައްކާފައިވާ ވާހަކަތަކަށާއި، އެ ވާހަކަތަކަށް ޖަވާބުދާރީވުމުގެ ގޮތުން ދައުލަތުގެ ބަންޑާރަނައިބުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބަލާއިރު ފާހަގަކުރެވޭ؛
1. ފުރަތަމަ ކަމަކީ، ޤާނޫނުއަސާސީއާ ޚިލާފުނުވާނޭ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާބެހޭ އެންމެހައި ކަންތައްތައް ބަލަހައްޓާނީ ރައްޔިތުންގެ މަޖިލީހުން ކަމަށާއި، އަދި އެ ކަންތައްތަކާ ގުޅޭ ޤަވާޢިދުތައްވެސް ހަދާނީ އެ މަޖިލީހުން ކަމަށް ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާއިރު، ޤާނޫނުއަސާސީގެ 86 ވަނަ މާއްދާގެ ޞަރީޙަ ނައްޞުގައި "ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ޤާނޫނީ ޢަދަދަކީ މަޖިލީހުގެ މެންބަރުންގެ ފަންސަވީސް އިންސައްތައެވެ." މިފަދައިން ބަޔާންކޮށްފައިވާ ކަމާ، އަދި ޤާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ހ) ގައި "މި ޤާނޫނުއަސާސީގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ ރައްޔިތުންގެ މަޖިލީހުން ނިންމުމެއް ނިންމޭނީ އެ ޖަލްސާއަކަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ." މިފަދައިން ބަޔާންކުރުމަށްފަހު، އެ މާއްދާގެ (ށ) ގެ ޞަރީޙަ ޢިބާރާތުގައި "މި ޤާނޫނުއަސާސީގެ 86 ވަނަ މާއްދާ އެހެން އޮތްކަމުގައި ވިޔަސް ރައްޔިތުން އެމައްޗަށް ޢަމަލުކުރުން ލާޒިމުކުރާ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކައި ވޯޓަށް އަހާންވާނީ އެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެންބަރުން އެ ވޯޓެއްނަގާ ޖަލްސާގައި ހާޒިރުވެތިބޭ ވަގުތެއްގައެވެ." މިފަދައިން ކަނޑައަޅައި ބަޔާންކޮށްފައި އޮންނައިރު، ޤާނޫނުއަސާސީގެ އިސްވެދިޔަ 86 ވަނަ މާއްދާއާއި، 87 ވަނަ މާއްދާގެ (ށ) އިން އިސްތިޚްލާޞްކުރެވެނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ފަށައި ކުރިއަށް ގެންދިއުމަށް ބޭނުންވާ ޞައްޙަ ޤާނޫނީ ޢަދަދަކީ މަޖިލީހުގެ މެންބަރުންގެ ފަންސަވީސް އިންސައްތަ ކަމުގައި ވިއަސް، ރައްޔިތުން އެ މައްޗަށް ޢަމަލުކުރުން ލާޒިމުކުރާ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކައި ވޯޓަށް އެހުން ޞައްޙަވާނީ އެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެންބަރުން އެ ވޯޓެއްނަގާ ޖަލްސާގައި ހާޒިރުވެތިބޭ ވަގުތެއްގައި ކަމާއި، ނޫންނަމަ އެ ވޯޓަކީ ދުސްތޫރީ ގޮތުން ޞައްޙަ ވޯޓެއްކަމުގައި ނުބެލެވޭނެކަމާ، މީގެ އިތުރުން، ޤާނޫނުއަސާސީގެ ބުނެވިދިޔަ 87 ވަނަ މާއްދާގެ (ހ) އިން ދޭހަވާ މަފްހޫމަކީ ޤާނޫނުއަސާސީގައި ވަކި ޚާއްޞަ އަޣުލަބިއްޔަތަކުން ނިންމުމަށް ކަނޑައަޅާފައިވާ ކަންތައްތައް ފިޔަވައި، ރައްޔިތުންގެ މަޖިލީހުން ނިންމާ ނިންމުމެއް ނިންމާންވާނީ އެ ނިންމުމެއް ނިންމާ ޖަލްސާއަކަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުންކަން އެނގެން އޮންނަ އޮތުމެވެ.
2. ދެވަނަ ކަމަކީ، ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ވަކި ޚާއްޞަ އަޣުލަބިއްޔަތަކުން ނިންމުމަށް ޤާނޫނުއަސާގައި ކަނޑައަޅާފައިވާ ކަމަކީ ރައްޔިތުން އެ މައްޗަށް ޢަމަލުކުރުން ލާޒިމުކުރާ ކަމެއްކަމުގައި ވީ ނަމަވެސް ނުވަތަ ނުވިނަމަވެސް، އެކަމެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގައި ވޯޓަށް އަހަންވާނީ މަދުވެގެން ޤާނޫނުއަސާސީގައި އެކަމެއް ނިންމުމަށް ކަނޑައަޅާފައިވާ އަޣުލަބިއްޔަތާ އެއްވަރަށް މެންބަރުން ހާޒިރުވެތިބޭ ވަގުތެއްގައި ކަމާ؛ މިގޮތުން ބަލާއިރު، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުގައި ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަޤާމުގައި ހުރި މީހަކު އެ މަޤާމުން ވަކިކުރުމަށް ހުށަހެޅޭ ޤަރާރެއް ރައްޔިތުންގެ މަޖިލީހުން ފާސްވާނީ އެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުންކަން ޤާނޫނުއަސާސީގެ 100 ވަނަ މާއްދާގެ (ބ) އިން އެނގެން އޮންނައިރު، އެފަދަ ޤަރާރެއް ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހުގައި ވޯޓެއް ނަގާންވާނީ މަދުވެގެން ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައި މެންބަރުން ހާޒިރުވެ ތިބޭ ޖަލްސާއެއްގައި ކަމާ، ހަމަ އެފަދައިން، ޤާނޫނުއަސާސީއަށް އިޞްލާޙެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ ތިންބައިގެ އަޣުލަބިއްޔަތުން ފާސްކުރާ ޤާނޫނަކުން ކަމަށް ޤާނޫނުއަސާސީގެ 261 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، ޤާނޫނުއަސާސީއަށް އިޞްލާޙެއް ގެނައުމަށް ފާސްކުރާ ޤާނޫނު ފާސްކުރެވޭނީ މަދުވެގެން ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ ތިންބައިގެ އަޣުލަބިއްޔަތު ހާޒިރުވެ ތިބޭ ޖަލްސާއެއްގައިކަން އެނގެން އޮންނައިރު، މިއިން އިސްތިޚްލާޞް ކުރެވޭ ދެ ނަތީޖާއެއްވާ ކަމާއި؛ ފުރަތަމަ ނަތީޖާއަކީ ޤާނޫނުއަސާސީގައި އެކަމެއް ފާސްކުރުމަށް ވަކި ޚާއްޞަ އަޣުލަބިއްޔަތެއް ކަނޑައަޅާފައި ނުވާނަމަ ރައްޔިތުން އެ މައްޗަށް ޢަމަލުކުރުން ލާޒިމުކުރާ އެއްވެސް ކަމެއް ފާސްކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގައި ވޯޓަށް އަހާންވާނީ ޤާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެންބަރުން އެ ވޯޓެއްނަގާ ޖަލްސާގައި ހާޒިރުވެތިބޭ ވަގުތެއްގައި ކަމާއި، ދެވަނަ ނަތީޖާއަކީ ރައްޔިތުން އެ މައްޗަށް ޢަމަލުކުރުން ލާޒިމުކުރާ ކަމެއް ނޫންކަމެއް ފާސްކުރުމަށް ޤާނޫނުއަސާސީގައި ވަކި ޚާއްޞަ އަޣުލަބިއްޔަތެއް ބަޔާންކޮށްފައި ނުވާނަމަ އެފަދަ ކަމެއް ނިންމުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ޤާނޫނީ ޢަދަދަކަށް ވާނީ ޤާނޫނުއަސާސީގެ 86 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޢާންމު އުޞޫލުގެ މަތިން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ފަންސަވީސް އިންސައްތަކަން އެނގެން އޮންނަ އޮތުމެވެ.
3. ތިންވަނަ ކަމަކީ، ޤާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ) ގައި ރައްޔިތުން އެ މައްޗަށް ޢަމަލުކުރުން ލާޒިމުކުރާ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކައި ވޯޓަށް އަހާންވާނީ އެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެންބަރުން އެ ވޯޓެއްނަގާ ޖަލްސާގައި ހާޒިރުވެތިބޭ ވަގުތެއްގައި ކަމަށް ބަޔާންކޮށްފައި އޮންނައިރު، އެ މާއްދާގައި ބަޔާންކޮށްފައިވާ "ރައްޔިތުން އެ މައްޗަށް ޢަމަލުކުރުން ލާޒިމުކުރާ" ކަންކަމަކީ ޢާންމު އުޞޫލެއްގެ ގޮތުން ޤާނޫނުއަސާސީގެ 70 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ޤާނޫނު ހެދުމުގެ ބާރުގެ ދަށުން އެ މަޖިލީހުން ފާސްކުރާ ޤާނޫނު (legislation) ތަކުގައި ހިމެނިގެންވާ ޤާނޫނީ ޤާޢިދާތައް (Legal Rules) ކަމާއި، އެހެނީ ޤާނޫނަކީ ރައްޔިތުން އެ މައްޗަށް ޢަމަލުކުރުން ލާޒިމުވެގެންވާ "ޢާންމު އަދި މުޖައްރަދު" (general and abstract) ޤާނޫނީ ޤާޢިދާތައްކަން ޤާނޫނުގެ ޢާންމު ތަޢުރީފަށް ބެލުމުން އެނގޭކަމާއި، ޤާނޫނީ ޤާޢިދާއެއްގެ އެންމެ މުހިއްމު ދެ ޚާއްޞިއްޔަތަކީ އެ ޤާޢިދާއަކީ ޢާންމު އަދި މުޖައްރަދު ޤާޢިދާއަކަށް ވުމާ، އަދި އެ ޤާޢިދާއަކީ އެއަށް ޢަމަލުކުރުން ނުވަތަ ތަބާވުން ލާޒިމު ޤާޢިދާއަކަށް ވުންކަމާ؛ ޤާނޫނީ ޤާޢިދާއަކީ ޢާންމު އަދި މުޖައްރަދު ޤާޢިދާއަކަށް ވުމުގެ މުރާދަކީ ޤާނޫނީ ޤާޢިދާއަކީ ވަކި ފަރުދަކާ ޝަޚްޞީގޮތުން ނުވަތަ ވަކި ޚާއްޞަ ވާޤިޢާއަކާ މުޚާޠަބުކުރާ ޤާޢިދާއަކަށް ވެގެން ނުވާނެކަމާއި، ނަމަވެސް އެ ޤާޢިދާއަކީ، އެ ޤާޢިދާގައި ކަނޑައަޅާފައިވާ ޝަރްޠުތައް ނުވަތަ ޞިފަތައް ފުރިހަމަވާ ކޮންމެ މީހެއްގެ މައްޗަށް ނުވަތަ ވާޤިޢާއެއްގެ މައްޗަށް އެއްހަމައަކުން ޢާންމުކޮށް ތަޠްބީޤުކުރެވޭ ޤާޢިދާއެއްކަމާއި، ޤާނޫނީ ޤާޢިދާ މުޚާޠަބުކުރަނީ ފަނޑިޔާރުން، މެޑިކަލް ޑޮކްޓަރުން، ލޯޔަރުން، ވިޔަފާރިވެރިން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ފަދަ ވަކި ޚާއްޞަ ޕްރޮފެޝަނެއްގެ ނުވަތަ ވަކި ދާއިރާއެއްގައި މަސައްކަތްކުރާ ބަޔަކަށް ވުމަކީ އެ ޤާޢިދާގެ ޢާންމު އަދި މުޖައްރަދުކަން (generality and abstraction) ގެއްލިގެންދާ ކަމެއް ނޫންކަމާއި، އެފަދަ ޕްރޮފެޝަންތައް އިންތިޒާމްކުރާ ޤާނޫނެއްގައި ކަނޑައެޅިފައިވާ ޝަރުޠުތަކާއި ޞިފަތައް ފުރިހަމަވާ ކޮންމެ މީހެއްގެ މައްޗަށް އެޤާނޫނު އެއްހަމައަކުން ތަޠްބީޤުކުރެވޭނަމަ އެއީ ޢާންމު އަދި މުޖައްރަދު ޤާނެއްކަމާއި، ޤާނޫނީ ޤާޢިދާއަކީ ޢަމަލުކުރުން ލާޒިމު ޤާޢިދާއަކަށްވުމުގެ މުރާދަކީ އެ ޤާޢިދާއަކީ އެއަށް ޢަމަލުކުރުމާއި ނުކުރުން ހަމަހަމަ ޤާޢިދާއެއް ނޫންކަމާ، ނަތީޖާއެއްގެ ގޮތުން ޢަމަލުކުރުން ލާޒިމު ޤާނޫނީ ޤާޢިދާއަކީ، އަބަދުވެސް އެ ޤާޢިދާއަކާ ޚިލާފުވާ ފަރާތެއްގެ މައްޗަށް ޖަޒާ ނުވަތަ އަދަބު ކަނޑައެޅޭ ޤާޢިދާއެއް ކަމާއި، ޤާނޫނީ ޤާޢިދާއަކާ ޚިލާފުވުމުގެ ސަބަބުން ކަނޑައެޅޭ ޖަޒާ ނުވަތަ އަދަބު އެ ޤާޢިދާއެއްގެ ބާވަތަށާއި ވައްތަރަށް ބަލައި ތަފާތުކަމާ؛ އޭގެ ތެރޭގައި ޖިނާއީ ތަފާތު އަދަބުތަކާއި، މަދަނީ ތަފާތު އަދަބުތަކާއި، އިދާރީ ތަފާތު އަދަބުތައް ޝާމިލުވެގެންވާ ކަމާއި، މީގެ އިތުރުން ދައުލަތުގެ އިދާރާތަކާއި މުއައްސަސާތަކުގެ ޢަމަލުތަކާއި ތަޞައްރުފާތުތައް ޤާނޫނުއަސާސީއާ ނުވަތަ ޤާނޫނާ ޚިލާފުވުމުގެ ސަބަބުން ބާޠިލުކަމަށް ކަނޑައެޅުމަކީވެސް އޭގެ ޒާތުގައި ޤާނޫނީ ޖަޒާއެއްކަން އެނގެން އޮންނަ އޮތުމެވެ.
4. ހަތަރުވަނަ ކަމަކީ، ޤާނޫނަކީ އޭގެ ޒާތުގައި ރައްޔިތުން އެ މައްޗަށް ޢަމަލުކުރުން ލާޒިމުވެގެންވާ ޢާންމު އަދި މުޖައްރަދު ޤާނޫނީ ޤާޢިދާތައް އެކުލެވިގެންވާ އެއްޗެއްކަން ބަޔާންކުރެވިދިޔަ ގޮތުގެމަތިން އެނގެން އޮތުމުގެ އިތުރުން، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) އަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު ކަމުގައިވާ ނަންބަރު 2018/1 ޤާނޫނުގެ ނައްޞުތަކަށް ބަލާއިރު އެ ޤާނޫނުގައި ކަނޑައަޅައި ބަޔާންކޮށްފައިވާ އަޙްކާމްތަކަށް ބެލުމުންވެސް ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު އަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަކީ އެ ޤާނޫނުގައި ޤާނޫނީ ޤާޢިދާގެ ޚާއްޞިއްޔަތުތައް ޝާމިލުވެގެންވާ ޤާނޫނެއްކަން އެނގޭކަމުން، ބުނެވިދިޔަ ޤާނޫނަކީ ރައްޔިތުން އެމައްޗަށް ޢަމަލުކުރުން ލާޒިމުކުރާ ޤާނޫނީ ޤާޢިދާތަކެއް ހިމެނޭ ޤާނޫނެއްކަން ރަނގަޅަށް އެނގެން އޮންނާތީ، ރައްޔިތުންގެ މަޖިލީހުން އެ ޤާނޫނު ފާސްކުރުމަށް ވޯޓަށް އަހާ ޖަލްސާގެ ޤާނޫނީ ޢަދަދަކަށްވާނީ ޤާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެންބަރުން ކަމާއި، ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ޢަދަދަކީ 85 މެންބަރުންކަމަށް ވާއިރު، އެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެންބަރުންކަމުގައި ވާނީ މަދުވެގެން 43 މެންބަރުންކަން އެނގެން އޮންނަ އޮތުމެވެ.
5. ފަސްވަނަ ކަމަކީ، ޙަވާލާދެވުނު ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) އަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަކީ، އިސްވެ އިޝާރާތްކުރެވުނު ފަދައިން، ރައްޔިތުން އެ މައްޗަށް ޢަމަލުކުރުން ލާޒިމު ޤާނޫނީ ޤާޢިދާތަކެއް ހިމެނިފައިވާ ޤާނޫނެއްކަމުގައިވީ ނަމަވެސް، 13 މާރިޗު 2018 ވީ އަންގާރާ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ ޤާނޫނުގެ ބިލު ފާސްކުރުމަށް ވޯޓަށް އެހި ވަގުތު އެ ޖަލްސާގައި ހާޒިރުވެތިބީ 39 މެންބަރުން ކަމާއި، އޭގެ ތެރެއިން ބިލު ފާސްކުރަން ފެންނަކަމަށް ވޯޓުދިނީ 38 މެންބަރުންކަން މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ރައްޔިތުންގެ މަޖިލީހުގެ ރަސްމީ ލިޔުންތަކުން އެނގެން އޮންނަކަމާއި، ބުނެވިދިޔަ ޖަލްސާގައި ޤާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ޤާނޫނީ ޢަދަދު ކަމުގައިވާ 43 މެންބަރުން ހާޒިރުވެ ނެތީސް ބުނެވުނު ޤާނޫނުގެ ބިލަށް ވޯޓަށް އަހައި އެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ ޞައްޙަ އަސާސެއްގެ މައްޗަށް ބިނާކޮށް ކަމަށް ބުނެ ދައުލަތުގެ ބަންޑާރަ ނައިބުގެ ފަރާތުން ތަފާތު ދެ ޙުއްޖަތެއް ހުށަހަޅާފައިވާ ކަމާއި؛ ފުރަތަމަ ޙުއްޖަތަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުއަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ އެ ބިލު ފާސްކުރުމަށް ބޭނުންވާ ޤާނޫނީ ޢަދަދަކީ ޤާނޫނުއަސީގެ 86 ވަނަ މާއްދާގައި ބުނާ ޤާނޫނީ ޢަދަދުކަމަށް ބަލައިގެން ކަމަށާއި، ސަބަބަކީ ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 38 ވަނަ މާއްދާގައި ޙަޞްރުކޮށް ގިންތިކޮށްފައިވާ "ރައްޔިތުން އެ މައްޗަށް ޢަމަލުކުރުން ލާޒިމުކުރާ" ޤާނޫނުތަކުގެ ތެރޭގައި ބުނެވުނު ޤާނޫނު ހިމެނިގެން ނުވާކަމަށް ބުނެ ދައްކާފައިވާ ވާހަކަތައް ކަމާއި، ނަމަވެސް ޙަޤީޤަތަކީ ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 38 ވަނަ މާއްދާ ފަރުމާކުރެވިފައިވަނީ ޤާނޫނުއަސާސީގެ 70 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ޤާނޫނު ހެދުމުގެ ބާރުގެ ދަށުން އެ މަޖިލީހުން ފާސްކުރާ ޕަބްލިކް ލޯ އާއި ޕްރައިވެޓް ލޯގެ ދާއިރާގައި ހިމެނޭ ތަފާތު ޤާނޫނުތައް ޝާމިލުވާ ގޮތަށްކަން އެނގެން އޮންނައިރު، ބުނެވުނު ޤާނޫނަކީ ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ ބުނެވުނު 38 ވަނަ މާއްދާގެ (ށ) ގައި ބުނާފަދަ ރައްޔިތުން ވަކިގޮތަށް ޢަމަލުކުރުމަށް ނުވަތަ ނުކުރުމަށް ބާރުއަޅާ ޤާނޫނުތަކުގެ ތެރޭގައި ހިމެނޭ ޤާނޫނެއްކަމާއި، އެހެނީ އެ ޤާނޫނަކީ ފަނޑިޔާރުންގެ ކިބައިގައި އަބަދުވެސް ހުރުން ލާޒިމުވާ ޝަރުޠުތަކުގެ ތެރެއިން ޝަރުޠެއް ކަނޑައަޅައި ބަޔާންކޮށް އެކަމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ ފަރާތްތަކާއި އަދި ފަނޑިޔާރުންނާއި ކަމާބެހޭ ކޯޓުތައް ޢަމަލުކުރުން ލާޒިމުވާ އުޞޫލުތައް ކަނޑައެޅިފައިވާ ޤާނޫނެއްކަން އެނގެން އޮންނައިރު، ބަންޑާރަނައިބުގެ ފަރާތުން ބުނެވުނު ޤާނޫނަކީ ރައްޔިތުން އެ މައްޗަށް ޢަމަލުކުރުން ލާޒިމުކުރާ ކަމެއް ހިމެނޭ ޤާނޫނެއް ނޫންކަމަށް ބުނެ ދައްކާފައިވާ ވާހަކަ ބިނާކޮށްފައިވާ އަސާސްތަކަކީ ޞައްޙަ އަސާސްތަކެއް ނޫންކަން އެނގެން އޮންނަކަމާއި، ޤާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ) އާ އެއްގޮތަށް ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ދެބއިކުޅަ އެއްބަޔަށްވުރެ ގިނަ މެންބަރުން ހާޒިރުވެ ނެތީސް ބުނެވުނު ޤާނޫނުގެ ބިލަށް ވޯޓަށް އަހައި އެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ ދުސްތޫރީ ގޮތުން ޞައްޙަ އަސާސެއްގެ މައްޗަށް ބިނާކޮށްގެން ކަމަށް ބުނެ ދައުލަތުގެ ބަންޑާރަނައިބުގެ ފަރާތުން ހުށަހަޅާފައިވާ ދެވަނަ ޙުއްޖަތަކީ، މި މައްސަލައިގެ ބަޙުޘުގެ ބޭނުމަށް ބުނެވުނު ޤާނޫނުގެ ބިލަކީ ޤާނޫނުއަސާސީގެ 87 ވަނަ މާއްދާގެ ދަށުން ފާސްކުރަންޖެހޭ ބިލެއްކަމަށް ބެލިކަމުގައިވީ ނަމަވެސް، ޑޮކްޓްރިން އޮފް ނެސެސިޓީ އަށް ރިޢާޔަތްކޮށް ބުނެވުނު ޤާނޫނުގެ ބިލު ފާސްކުރުމަށް ވޯޓަށް އަހާ ޖަލްސާގައި ޤާނޫނުއަސާސީގެ 87 ވަނަ މާއްދާގައި ބުނާ ޤާނޫނީ ޢަދަދަށް ވުރެ މަދު ޢަދަދެއްގެ މެންބަރުން ހާޒިރުވެތިބެ އެ ބިލު ފާސްކުރުން ދުސްތޫރީ ގޮތުން ޞައްޙަވާނެކަމަށް ބުނެ ދައްކާފައިވާ ވާހަކަތައްކަން އެނގެން އޮންނަ އޮތުމެވެ.
(ގ) ފަނަރަވަނަ ކަމަކީ، ޤާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ) ގައި ކަނޑައަޅައި ބަޔާންކޮށްފައިވާ އިޖްރާއާތާ ޚިލާފަށް ރައްޔިތުންގެ މަޖިލީހުން ބުނެވުނު ޤާނޫނު ފާސްކޮށްފައި އޮތް އޮތުމަށް މަޝްރޫޢިއްޔަތުކަން ލިބެނީ "ޑޮކްޓްރިން އޮފް ނެސެސިޓީ" އަށް ރިޢާޔަތްކޮށްގެން ކަމަށް ބުނެ ބަންޑާރަނައިބުގެ ފަރާތުން ހުށަހަޅާފައިވާ ވަޤާއިޢު ތަކަށާއި، އެއާގުޅިގެން މި މައްސަލައިގައި ދަޢުވާކުރާ ފަރާތްތަކުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ޝަރްޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިއިރު ފާހަގަކުރެވޭ؛
1. ފުރަތަމަ ކަމަކީ، "ނަޡަރިއްޔަތުއް ޟަރޫރާ" (نظرية الضرورةdoctrine of necessity/ ) ނުވަތަ "ނަޡަރިއްޔަތުއް ޡުރޫފިލް އިސްތިޘްނާއިއްޔާ" (نظرية الظروف الاستثنائية/ doctrine of exceptional circumstances) ގެ މަފްހޫމަށް ބަލާއިރު، މި ނަޡަރިއްޔާއަކީ އިސްލާމީ ޝަރީޢަތާއި، ވަޟުޢީ ޤާނޫނީ ނިޒާމުތަކުގެ ޕްރައިވެޓް ލޯގެ ދާއިރާއާއި ޕަބްލިކް ލޯގެ ދާއިރާގައި އިސްތިޤުރާރުވެފައިވާ އަދި އިސްލާމީ ދައުލަތްތަކާއި، އެނޫންވެސް ދީމިޤްރާޠީ ދައުލަތްތަކުގެ ޤަޟާއީ ނިޒާމުތަކުގައި ތަޠްބީޤުކުރެވޭ ނަޡަރިއްޔާއެއްކަން އެނގެން އޮންނަކަމާއި، ޕަބްލިކް ލޯގެ ދާއިރާގައި، ނުވަތަ ދައުލަތުގެ ބާރުތަކުގެ ދާއިރާގައި، އެ ނަޡަރިއްޔާގެ މަފްހޫމަކީ، އާދައިގެ ޙާލަތްތަކުގައި ޣައިރު ޤާނޫނީ ނުވަތަ ޣައިރު ދުސްތޫރީ ކަމުގައި ބެލެވޭ ދައުލަތުގެ ބައެއް ޢަމަލުތަކާއި ތަޞައްރުފާތުތަކަކީ، ދައުލަތަށް ދިމާވާ އިސްތިޘްނާއީ ޙާލަތްތަކުގައި، ދައުލަތުގެ އަސާސީ މަޞްލަޙަތާއި، ދައުލަތުގެ ވުޖޫދާއި ކިޔާން ޙިމާޔަތްކޮށް ދައުލަތަށް ކުރިމަތިވެދާނެ އިޢާދަނުކުރެވޭނޭ ނުރައްކަލަކުން ސަލާމަތްވުމަށްޓަކައި ކޮންމެހެން ޟަރޫރަތްތެރި އަދި ލާޒިމުވެގެންވާ ޢަމަލުތަކާއި ތަޞައްރުފާތުތަކެއް ކަމަށްވާނަމަ، އެއީ ޝަރުޢީ އަދި އަދި ދުސްތޫރީ ގޮތުން ޞައްޙަ ޢަމަލުތަކާއި ތަޞައްރުފާތުތަކެއްކަމަށް ބެލުން ކަމާއި، "ޟަރޫރާ" ގެ އަޙްކާމްތަކަށް ޢަމަލުކުރުމުގެ މަޝްރޫޢިއްޔަތުކަން އިސްލާމީ ޝަރީޢަތުގެ އަސާސީ މަޞްދަރުތައްކަމަށްވާ ކީރިތި ޤުރުއާނާއި، رسول الله صلى الله عليه وسلم ގެ ސުންނަތާއި، އިޖްމާޢުން ޘާބިތުވެ އެނގެން އޮންނަކަމާއި، އިސްލާމީ ޝަރީޢަތުގަޔާއި ވަޟްޢީ ޤާނޫނުތަކުގައި މި ނަޡަރިއްޔާ ޤާއިމުވެގެންވާ މަޝްހޫރު ޤާޢިދާއަކީ "الضَّرُورَاتُ تُبِيحُ المَحُظُورَات" (necessitas facit licitum quod alias non esct licitum) މި ޤާޢިދާކަމާއި، މި ޤާޢިދާއިން ބަޔާންކޮށްދޭ އުޞޫލަކީ، އާދައިގެ ޙާލަތުގައި މަޝްރޫޢިއްޔަތުކަން ލިބިގެންނުވާ ޢަމަލަކަށް "ޟަރޫރަތުގެ ޙާލަތު" (حالة الضرورة/state of necessity) ގައި ނުވަތަ އިސްތިޘްނާއީ ޙާލަތުގައި މަޝްރޫޢިއްޔަތުކަން ލިބިގެންވުމުގެ އުޞޫލުކަމާއި، އެހެން ޢިބާރާތަކުންނަމަ ޝަރްޢީގޮތުން އަޞްލުގައި ހުއްދަ ނޫންކަންތައް ޟަރޫރަތުގެ ޙާލަތުގައި ހުއްދަވުމުގެ އުޞޫލުކަމާއި، ދުސްތޫރީ ފިޤުހުގެ ދާއިރާގައި މި އުޞޫލު ތަޠްބީޤުކުރުމުގައި ރިޢާޔަތްކުރަންޖެހޭ އަސާސީ ޝަރްޠުތަކަކާއި "ޟަވާބިޠު" ތަކެއްވާ ކަމާއި؛ އޭގެތެރޭގައި ދައުލަތުގެ އެންމެ މަތީ އަދި އަސާސީ މަޞްލަޙަތަށް ނުރައްކާ ކުރިމަތިވާފަދަ އިސްތިޘްނާއީ ޙާލަތެއް މެދުވެރިވެގެން މެނުވީ އާދައިގެ ޙާލަތުގައި ތަޠްބީޤުކުރުމަށް ކަނޑައެޅިފައިވާ ދުސްތޫރީ އަދި ޤާނޫނީ ޤާޢިދާއަކާ ޚިލާފަށް ޢަމަލުނުކުރުމާއި، އާދައިގެ ޙާލަތްތަކުގައި ތަޠްބީޤުކުރުމަށް ކަނޑައެޅިފައިވާ ދުސްތޫރީ އަދި ޤާނޫނީ ޤާޢިދާއަކާ އެއްގޮތްވާ ގޮތުގެމަތިން ޢަމަލުކުރުމަކީ ދައުލަތަށް މެދުވެރިވާ ބުނެވިދިޔަ ފަދަ އިސްތިޘްނާއި ޙާލަތުގައި ޢަމަލީގޮތުން ނުކުޅެދިގެންވާ ކަމެއްކަމަށްވާ ނަމަ މެނުވީ އެ ޤާޢިދާއަކާ ޚިލާފަށް ޢަމަލުނުކުރުމާއި، ދައުލަތަށް މެދުވެރިވާ ޟަރޫރަތުގެ ނުވަތަ އިސްތިޘްނާއީ ޙާލަތުގައިވެސް ޢާންމު މަޞްލަޙަތު ޙިމާޔަތްކުރުމުގެ މަޤްޞަދުގައި މެނުވީ އާދައިގެ ޙާލަތުގައި ތަޠްބީޤުކުރުމަށް ކަނޑައެޅިފައިވާ ދުސްތޫރީ އަދި ޤާނޫނީ ޤާޢިދާއަކާ ތަޢާރުޟުވާ ޢަމަލެއް ނުކުރުން ޝާމިލުވެގެންވާ ކަމާ؛ މީގެ އިތުރުން، ޟަރޫރަތުގެ ޙާލަތެއް ނުވަތަ އިސްތިޘްނާއީ ޙާލަތެއް މެދުވެރިވުމުން އަޅާ އިސްތިޘްނާއީ ފިޔަވަޅު އެ ޙާލަތުގައި އެޅުން ލާޒިމުވާ މިންވަރަށްވުރެ އިތުރަށް އެޅުމަކީ ހުއްދަކަމެއް ނޫންކަމާ، މީގެ މާނައަކީ، ޟަރޫރަތުގެ ޙާލަތުގައި ދުސްތޫރީ އަދި ޤާނޫނީ އަޙްކާމްތަކާ ޚިލާފަށް ކުރާ ބައެއް ކަންތައްތަކަށް މަޝްރޫޢިއްޔަތުކަން ލިބިގެންވީ ނަމަވެސް، އެއީ ޟަރޫރަތުގެ ޙާލަތާ ކުރިމަތި ލެވޭ މިންވަރަށްވުރެ އިތުރުނުވާނޭ ގޮތެއްގެމަތިން ލިބިގެންވާ މަޝްރޫޢިއްޔަތުކަމެއް ކަމާއި، އެއީ އެއްވެސް ޙާލެއްގައި މުޠުލަޤުގޮތަކަށް ދުސްތޫރީ އަދި ޤާނޫނީ އަޙްކާމްތަކާއި އިޖްރާއާތުތަކާ ޚިލާފަށް ޢަމަލުކުރުމަށް ދެވޭ "ރުޚުޞަތު" (authorization) އެއް ނޫންކަން އިސްލާމީ ޝަރީޢަތާއި، ވަޟްޢީ ނިޒާމުތަކުގައި އިސްތިޤުރާރުވެފައިވާ "ނަޡަރިއްޔަތުއް ޟަރޫރާ" ގެ އަސާސީ އަޙްކާމްތަކަށް ބެލުމުން އެނގެން އޮންނަ އިރު، ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި "ނަޡަރިއްޔަތުއް ޟަރޫރާ" ގެ ބަޔާންވެދިޔަ އަޙްކާމްތަކަށް ދުސްތޫރީ ޝަރްޢިއްޔަތުކަން ލިބިދޭ މައިގަނޑު އަސާސްތަކަކީ ދިވެހިރާއްޖެއަކީ އިސްލާމީ އުޞޫލުތަކުގެ މައްޗަށް ބިނާކުރެވިފައިވާ ދައުލަތެއް ކަމާއި، ދިވެހިރާއްޖޭގެ ދީނަކީ އިސްލާމްދީން ކަމާ، އަދި އިސްލާމްދީނަކީ ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަޞްދަރުކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 2 ވަނަ މާއްދާއާއި، 10 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނަ އޮތުމުގެ އިތުރުން، ޤާނޫނުއަސާސީއާއި ޤާނޫނުގައި ވަކިގޮތަކަށް ކަނޑައަޅައިފައި ނުވާ ކަންކަން ނިންމުމުގައި އިސްލާމީ ޝަރީޢަތުގައި އެކަމެއް ކަނޑައެޅިފައިވާ ގޮތަށް ފަނޑިޔާރުން ރިޢާޔަތްކުރަންވާނެ ކަމަށް ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގައި ކަނޑައަޅައި ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމެވެ.
2. ދެވަނަ ކަމަކީ، ޤާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ) ގައި ކަނޑައަޅައި ބަޔާންކޮށްފައިވާ އިޖްރާއާތާ ޚިލާފަށް ރައްޔިތުންގެ މަޖިލީހުން ބުނެވުނު ޤާނޫނު ފާސްކޮށްފައި އޮތް އޮތުމަށް މަޝްރޫޢިއްޔަތުކަން ލިބެނީ "ޑޮކްޓްރިން އޮފް ނެސެސިޓީ" އަށް ރިޢާޔަތްކޮށްގެން ކަމަށް ބުނެ، އެކަން ޘާބިތުކުރުމުގެ ގޮތުން ބަންޑާރަނައިބުގެ ފަރާތުން ހުށަހަޅާފައިވާ ވަޤާއިޢު ތަކަށް ބަލާއިރު، ރައްޔިތުންގެ މަޖިލީހުގެ ގިނަ ޢަދަދަދެއްގެ މެންބަރުން މިފަހަކަށް އައިސް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ތާވަލުކުރެވޭ، ޤާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ) ގައި ކަނޑައަޅާފައިވާ ދުސްތޫރީ އިޖުރާއާތާ އެއްގޮތްވާ ގޮތުގެމަތިން ފާސްކުރަންޖެހޭ ގިނަ ޢަދަދެއްގެ ޤާނޫނުތައް ފާސްކުރުމަށް ހުރަސް އެޅުމުގެ ނިޔަތުގައި އެފަދަ ޤާނޫނުތައް ފާސްކުރުމަށް ތާވަލުކުރެވޭ ޖަލްސާތަކަށް ޤަޞްދުގައި ހާޒިރުނުވާކަން ފާހަގަކުރެވިފައިވާ ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ރެކޯޑްތަކުން ދައްކާގޮތުން 13 ޖުލައި 2017 އިން ފެށިގެން އެ އަހަރުގެ ނިޔަލަށް މަޖިލީހުގައި 14 ވޯޓެއް ނެގުނުއިރު އޭގެ ތެރެއިން 07 ވޯޓަށް އެހި ވަގުތު 43 މެންބަރުން ޖަލްސާގައި ހާޒިރުވެފައި ނުވާކަމަށާއި، އަދި 2018 ވަނަ އަހަރުން ފެށިގެން މިހާތަނަށް 13 ވޯޓެއް ނެގިފައިވާއިރު، އެއިން އެއްވެސް ވޯޓަކަށް އެހި ވަގުތު 43 މެންބަރުން މަޖިލީހުގެ ޖަލްސާގައި ބައިވެރިވެފައި ނުވާކަމަށާއި، މިކަންތައްތައް މިގޮތުގެމަތިން ހިނގާތީވެ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބެލި ބެލުމުގައި ބިލުތައް ފާސްކުރުމަށް ވޯޓަށް އަހާ ވަގުތު ވަކި މެންބަރުންތަކެއް ތަކުރާރުކޮށް ޖަލްސާއަށް ހާޒިރުނުވާކަމަށާ، އެހެންކަމުން، މި ވަގުތުގެ ޙާލަތަށް ބަލާއިރު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 38 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގިންތިތަކަށް ފެތޭ ބިލުތައް ފާސްކުރުމަށްޓަކައި ވޯޓަށް އެހުމަށް މި ވަގުތު ހުރަސްތަކެއް ހުރިކަމަށްވެސް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ފާހަގަކޮށްފައިވާ ކަމަށާ، އެގޮތުން، 14 ޖޫން 2017 އިން ފެށިގެން 12 މާރިޗު 2018 ގެ ނިޔަލަށް ރައްޔިތުންގެ މަޖިލީހުން އެއްވެސް ބިލެއް ފާސްކޮށްފައިނުވާ ކަމަށާ، އަދި އެ މުއްދަތުގެ ތެރޭގައި ޤައުމު ހިންގުމަށާއި އަދި ރައްޔިތުންނަށް ބޭނުންތެރި އިޤްތިޞާދީ އަދި އިޖްތިމާޢީ މުހިންމު ކަންތައްތައް ފާސްކުރުމަށް ހުރަސްތަކެއް ހުރިކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބަންޑާރަނައިބުގެ އޮފީހަށް މަޢުލޫމާތު ދީފައިވާ ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ޢަމަލުކުރާ ގޮތަށް ބަލާއިރު ވޯޓުގައި ބައިވެރިވުން ވީޓޯ ކުރުމުގެ ވިސްނުން ގެންގުޅޭކަން ފާހަގަކުރެވިފައިވާ ކަމަށާއި، މި މައްސަލަ ހުށަހެޅި ބައެއް މެންބަރުން ޝަރީޢަތުގެ މަޖިލީހުގައި ވެފައިވާ އިޢުތިރާފުންވެސް އެ މެންބަރުން ޤަބޫލުނުކުރާ ކަންތައްތަކެއް ހުރުމުން އެ މެންބަރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިނުވާ ކަމަށާއި، އެކަމުގެ ސަބަބުން ރައްޔިތުންގެ މަޖިލިސް މިހާރު ހުއްޓުމަކަށް އައިސްފައިވާ ކަމަށާއި، މީގެ އިތުރުން، 13 މާރިޗު 2018 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ 2018 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 8 ވަނަ ޖަލްސާ އެ ދުވަހު މެންދުރުފަހު 01:00 ގައި ރައްޔިތުންގެ މަޖިލީހުގައި ތާވަލުކުރެވިފައިވާތީވެ މަޖިލީހުގެ މެންބަރުންނަށް އެ ދުވަހުގެ ޖަލްސާއަށް ދަޢުވަތު އެރުވިފައިވާ ކަމަށާއި، އެ ދުވަހުގެ އެޖެންޑާ މަޖިލީހުގެ ވެބްސައިޓަށް އަޕްލޯޑު ކުރެވިފައިވާކަން މެންބަރުންނަށް އެންގިފައިވާ ކަމަށާއި، އިސްވެ ޙަވާލާދެވުނު ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) އަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ބިލަށާއި، އެންޓި-ޑިފެކްޝަން ބިލަށް ވޯޓަށް އެހުމަށް ތާވަލުކުރެވުނު ބުނެވިދިޔަ ޖަލްސާއަށް ހާޒިރުވީ 41 މެންބަރުން ކަމަށާއި، އެހެންނަމަވެސް ވޯޓަށް އެހި ވަގުތު ޖަލްސާގައި ހާޒިރުވެތިބީ 39 މެންބަރުން ކަމަށާ، އަދި އެ ޖަލްސާއަށް ހާޒިރުނުވެވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް 28 މެންބަރުން ސަލާން ފޮނުވާފައިވާއިރު ސަލާން ފޮނުވާފައިވަނީ ކޮން ސަބަބަކާހުރެކަން އެ ފަރާތްތަކުން ހާމަކޮށްފައި ނުވާކަމަށާއި، ސަލާން ފޮނުވާފައިވާ މެންބަރުންގެ ތެރެއިން 9 މެންބަރުން އެ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ބޭއްވުނު ތަފާތު ކޮމިޓީތަކަށް ޙާޟިރުވެފައިވާކަމަށާއި، އެގޮތުން ކޮމިޓީތަކުގެ ބައްދަލުވުންތައް ބޭއްވިފައިވަނީ އެ ދުވަހު ހެނދުނު 10:35 އާއި މެންދުރުފަހު 2.35 އާ ދެމެދުގެ ވަގުތެއްގައި ކަމުގައިވީ ނަމަވެސް އެ ދުވަހުގެ ޖަލްސާއަށް ޙާޟިރުނުވެވޭނެ ކަމަށް ބުނެ އެ މެންބަރުން ކޮމިޓީތަކުގައި ބައިވެރިވެފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މަޢުލޫމާތު ދީފައިވާ ކަމަށާ، އަދި އެ ދުވަހުގެ ޖަލްސާ ކުރިއަށްދިޔައިރު ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ތިބިކަމުގެ މަޢުލޫމާތު އެ މަޖިލީހުން ބަންޑާރަނައިބުގެ އޮފީހާ ޙިއްޞާކޮށްފައިވާކަމަށް ބުނެ، ބަންޑާރަނައިބުގެ ފަރާތުން ހުށަހަޅާފައިވާ އިސްވެދިޔަ ވަޤާއިޢުތައް، މި މައްސަލައިގެ ޝަރީޢަތުގެ މަޖިލީހަށް ބަންޑާރަނައިބުގެ ފަރާތުން ދީފައިވާ ބަޔާންތަކުންނާއި، ހުށަހަޅާފައިވާ ލިޔުންތަކުން އެނގެން އޮންނައިރު، ބުނެވިދިޔަ ވަޤާއިޢުތައް ޠަޢުނުކުރެވޭ ފަދަ ޙުއްޖަތްތަކެއް މި މައްސަލަ ހުށަހެޅި ފަރާތަކުން ޤާއިމުކުރެވިފައި ނުވާކަން އެނގެން އޮންނަ އޮތުމެވެ.
3. ތިންވަނަ ކަމަކީ، ބަންޑާރަނައިބުގެ ފަރާތުން ހުށަހަޅާފައިވާ އިޝާރާތްކުރެވުނު ވަޤާއިޢުތަކުގެ މައްޗަށް "ނަޡަރިއްޔަތުއް ޟަރޫރާ" ގެ ނުވަތަ "ޑޮކްޓްރިން އޮފް ނެސެސިޓީ" ގެ ބަޔާންވެދިޔަ އަޙްކާމްތަކުގެ އަލީގައި ބަލާއިރު، ރައްޔިތުންގެ މަޖިލީހުގެ ކޮންމެ ޖަލްސާއެއް ހިނގަމުންދާއިރު، މަޖިލީހުގެ ކޮންމެ މެންބަރަކުވެސް އެކަށީގެންވާ އުޒުރެއް ދިމާނުވާހާ ހިނދަކު، މަޖިލީހަށް ހާޒިރުވެ އެ ވޯޓުގައި ބައިވެރިވާންވާނެ ކަމަށާ، އަދި މަޖިލީހުގެ ޖަލްސާއެއްގައި ވޯޓަށް އެހޭ ކޮންމެ މައްސަލައެއްގައި، އޭނާގެ ޒާތީ ނުވަތަ މާލީ މަޞްލަޙަތެއް ވޯޓަށް އަހާ މައްސަލައެއްގައި އޮތްކަމަށް ނުވާހާ ހިނދަކު، ވޯޓުދޭންވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 158 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅައި ބަޔާންކޮށްފައިވާކަމާ، އެހެންކަމުން، ރައްޔިތުންގެ މަޖިލީހުން ކަންކަން ފާސްކުރުމަށް ނެގޭ ވޯޓުތަކުގައި ބައިވެރިވުމަކީ އެކަށީގެންވާ ޢުޒުރެއް ދިމާނުވާހާހިނދަކު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މައްޗަށް ލާޒިމުވެގެންވާ ކަމެއްކަމާއި، އެއީ އެ މެންބަރުންނަށް ލިބިގެންވާ ތަޤުދީރީ ބާރެއް ނޫންކަން ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 158 (ހ) ގެ އިސްވެދިޔަ ޢިބާރާތުން ސާފުކޮށް އެނގެން އޮންނަކަމާ، މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ހުއްދަދީފައި ނުވާހާ ހިނދަކު، މެންބަރުން މަޖިލީހުގެ މަސައްކަތަށާއި މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުވުމަކީ ކުރަންޖެހޭނެ ކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 209 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިރު، ރައްޔިތުންގެ މަޖިލީހުގެ ގިނަޢަދަދެއްގެ މެންބަރުން އެއްވެސް އުޒުރަކާ ނުލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ބިލުތައް ފާސްކުރުމަށް ތާވަލުކުރެވޭ ޖަލްސާތަކަށް، އެބިލުތައް ފާސްކުރުމަށް ހުރަސްއެޅުމުގެ މަޤުޞަދުގައިކަން ދޭހަވާ މިންވަރަށް ހާޒިރުނުވުންފަދަ ޤާނޫނުއަސާސީގެ ރޫޙާ ޚިލާފު ރައްޔިތުންގެ ޢާންމު މަޞްލަޙަތަށް ގެއްލުން ލިބެނިވި ދީމިޤްރާޠިއްޔަތާ ޚިލާފު ޢަމަލުތަކަކީ ދީމިޤްރާޠީ ނިޒާމުތަކުގައި މަޤުބޫލު ޢަމަލުތަކަކަށް ނުވާއިރު، މިފަދަ ޢަމަލުތައް މަނާކޮށް ހުއްޓުވުމުގެ މަޤުޞަދުގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް އުޒުރަކާ ނުލައި ހާޒިރުނުވާ މެންބަރުންނާމެދު އެކި މިންވަރުގެ ސުލޫކީ ފިޔަވަޅު އެޅުމުގެ އުޞޫލު ދީމިޤްރާޠީ ދައުލަތްތަކުގެ ޕާރލަމެންޓުތަކުގައި އިސްތިޤުރާރުވެފައިވާ ކަމާ، މިގޮތުން ވިދިވިދިގެން ވަކި ޢަދަދަކަށް ޕާރލަމެންޓުގެ ޖަލްސާތަކަށް އުޒުރަކާ ނުލައި ޙާޒިރުނުވާ މެންބަރުން ޕާރލަމެންޓުން ވަކިކުރުމުގެ އުޞޫލަކީވެސް ބައެއް ދީމިޤްރާޠީ ދައުލަތްތަކުން ޤަބޫލުކުރާ އުޞޫލެއްކަން އެނގެން އޮންނަކަމާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ހ) ގެ (2) ގައި "ރައްޔިތުން ފުރިހަމައަށް ތަމްސީލުވާނޭ، އަދި އެބައިމީހުންގެ ފުރިހަމަ ބައިވެރިވުން ލިބޭނޭ ދީމިޤްރާޠީ އުޞޫލުތައް އެކުލެވޭނޭ، ޖަވާބުދާރީވާ، ހާމަކަން ބޮޑުގޮތަކަށް ރައްޔިތުންގެ މަޖިލިސް ހިންގުމަށް ބޭނުންވާނޭ ޤަވާޢިދުތަކާއި އުޞޫލުތައް އެ މަޖިލީހުން ކަނޑައަޅާންވާނެއެވެ. އެ ޤަވާޢިދުތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ސުލޫކީ މިންގަނޑުތަކާއި، ހާޒިރީއާ ގުޅޭ އުޞޫލުތައް ހިމެނިދާނެއެވެ. އަދި މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްވެއްޖެނަމަ މެންބަރެއްގެ މުސާރައާއި ޢިނާޔަތްތައް ކެނޑޭނެ ގޮތްތައްވެސް ކަނޑައެޅިދާނެއެވެ." މިފަދައިން ކަނޑައަޅައިފައި އޮންނައިރު، އުޒުރެއްނެތި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް ޙާޒިރުނުވާ މެންބަރުންނާމެދު ތައުދީބީ ފިޔަވަޅު އެޅޭނޭ ހަމައަކުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ސުލޫކީ މިންގަނޑުތަކާއި ޙާޒިރީއާ ގުޅޭ ކަންކަން ތަންޒީމުކުރާ ޤަވާޢިދުތައް ކަނޑައެޅުމަކީ ޤާނޫނުއަސާސީގެ ބުނެވިދޔަ 88 ވަނަ މާއްދާގެ (ހ) ގެ (2) އިން ރައްޔިތުންގެ މަޖިލީހަށް ލިބިދޭ ބާރެއްކަމުގައި ވީނަމަވެސް، މިއަދާހަމައަށް ރައްޔިތުންގެ މަޖިލީހުން އެ މަޖިލީހުގެ ޖަލްސާތަކަށް އުޒުރަކާ ނުލައި ތަކުރާރުކޮށް ޙާޒިރުނުވާ މެންބަރުންނާމެދު ތައުދީބީ ފިޔަވަޅުއެޅޭނެ އުޞޫލެއް ޤާއިމުކޮށްފައިނުވާ އިރު، ރައްޔިތުންގެ މަޖިލީހުގައި ދައުލަތުގެ ތިން ބާރުގެ ތެރެއިން ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރާ ފަނޑިޔާރުންގެ އަޚްލާޤާއި ސުލޫކީ މިންގަނޑުތައް އިތުރަށް ވަރުގަދަކޮށް އެ ބާރާމެދު ރައްޔިތުންގެ އިތުބާރު ވަރުގަދަކޮށް، ޢާންމު މަޞްލަޙަތު ޙިމާޔަތް ކުރުމަށްޓަކައި ޤާނޫނުއަސާސީގެ 149 ވަނަ މާއްދާގެ (ހ) ގައި ބުނާ ފަނޑިޔާރުންގެ ކިބައިގައި ހުންނަންޖެހޭ އަޚްލާޤީ ޝަރުޠު ހަރުދަނާކުރުމުގެ މުހިއްމު މަޤްޞަދުގައި އެ މާއްދާގައި ބުނާ ދުސްތޫރީ ހަމަތަކާ އެއްގޮތަށް ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުއަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ފަދަ މުހިއްމު ބިލުތައް ފާސްކުރުމަށް ތާވަލުކުރެވޭ ޖަލްސާތަކަށް ފަރްދީގޮތުންނާއި ޖަމާޢީގޮތުން މެންބަރުން ޙާޒިރުވެފައި ނުވަނީ އެކަން ހުއްޓުވުމަށް ބާރުއަޅާނޭ އެއްވެސް ކަހަލަ "ރާދިޢު" (deterrent) އުޞޫލެއް ނެތިކަން އެނގެން އޮންނަކަމާ، މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ޤަބޫލުނުކުރާ ކަންތައްތަކެއް ހުރުމުން މިފަހަކަށް އައިސް އެ މެންބަރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިނުވުމުގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުންގެ މަޖިލީސް މިހާރު ހުއްޓުމަކަށް އައިސްފައިވާކަމަށް މި މައްސަލަ ހުށަހެޅި ފަރާތްތަކުންވެސް ބުނެފައި އޮންނަ އޮތުމަށް ބަލާއިރު، ދީމިޤްރާޠީ ދައުލަތްތަކުގެ ޕާރލަމެންޓުތަކުގެ މެންބަރުންގެ މެދުގައި، ނުވަތަ "ބައިކެމެރަލް" (bicameral) ނިޒާމް އޮންނަ ޕާރލަމެންޓުތަކުގައި ޕާރލަމެންޓުގެ ދެ ހައުސްގެ ދެމެދުގައި ޚިލާފު އުފެދި ޕާރލަމެންޓްގެ މަސައްކަތް ހުއްޓުމަކަށް އަންނަގޮތް މެދުވެރިވާ ޙާލަތްތަކުގައި އެފަދަ މައްސަލަތައް ޙައްލުކުރުމަށް ތަފާތު ދުސްތޫރީ އަދި ސިޔާސީ ވަސީލަތްތައް، 'ޗެކްސް އެންޑް ބެލެންސެސް' ގެ ޙުދޫދުގެ ތެރޭގައި ކަނޑައެޅިފައިވާ ކަމާ؛ މިގޮތުން، ޕާރލަމެންޓުގެ މަސައްކަތް ވަގުތީގޮތުން ހުއްޓުވައި މެންބަރުންގެ މެދުގައި އުފެދިފައިވާ ޚިލާފު ޙައްލުކުރުމަށް މަސައްކަތްކުރުމާއި، އެ ވަސީލަތް ބޭނުންކޮށްގެންވެސް ޕާރލަމެންޓް ހުއްޓުމަކަށް އައިސްފައި އޮންނަ އޮތުމަށް ނިމުމެއް ނައިސްފިނަމަ ކަނޑައެޅިފައިވާ ދުސްތޫރީ އިޖްރާއާތުތަކާ އެއްގޮތަށް ޕާރލަމަންޓު އުވާލައި، ޕާރލަމެންޓަރީ އަވަސް އިންތިޚާބެއް ބޭއްވުމަށް ކަނޑައެޅުމަކީ ޕާރލަމެންޓަރީ ނިޒާމުތަކުގައި ދައުލަތުގެ އެންމެ އިސްވެރިޔާއަށް ލިބިގެންވާ ބާރެއްކަމާއި، ހަމަ އެހެންމެ ޕާރލަމެންޓުގެ މެންބަރުންގެ މެދުގައި އުފެދޭ ޚިލާފުތައް ޙައްލުކުރުމުގެ މަޤުޞަދުގައި ޕާރލަމެންޓުގެ މަސައްކަތްތައް ކަނޑައެޅޭ ވަކި މުއްދަތަކަށް ހުއްޓުވުމުގެ ބާރު ބައެއް ރިޔާސީ ނިޒާމުތަކުގައިވެސް ދައުލަތުގެ އެންމެ އިސްވެރިޔާއަށް ލިބިގެންވާކަން އެނގެން އޮންނައިރު،
ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މެދުގައި އުފެދޭ ޚިޔާލުތަފާތުވުމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހުއްޓުމަކަށް އަންނަ އައުން ޙައްލުކުރާނެ ވަކި ޚާއްޞަ ދުސްތޫރީ އިޖްރާއާތެއް ކަނޑައެޅިފައި ނެތްކަމުގައިވީ ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މެދުގައި އުފެދޭ އިޚްތިލާފުގެ ސަބަބުން އެ މަޖިލީހުގެ މަސައްކަތް ހުއްޓުމަކަށް އައިސްފައިވާނަމަ އެކަން ސިޔާސީގޮތުން ޙައްލުކުރަން ބާރު އެޅުމަކީ ދައުލަތުގެ އެންމެ އިސްވެރިޔާގެ ޙައިޘިއްޔަތުން ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތު ތެރޭގައި ހިމެނޭކަމެއްކަން ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ހ) އިން އިސްތިޚްލާޞްކުރެވެން އޮންނައިރު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތަކުރާރުކޮށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް ޙާޒިރުނުވުމުގެ ނަތީޖާއެއްގެ ގޮތުން، ރައްޔިތުންގެ މަޖިލީހަށް ޤާނޫނުއަސާސީގެ 70 ވަނަ މާއްދާގެ (ހ) އިން މަތިކޮށްފައިވާ އެންމެ އަސާސީ އިޚްތިޞާޞް ކަމުގައިވާ ޤާނޫނު ފާސްކުރުމުގެ އިޚްތިޞާޞްގެ ދަށުން 14 ޖޫން 2017 އިން ފެށިގެން 12 މާރިޗު 2018 ގެ ނިޔަލަށް އެއްވެސް ބިލެއް ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހުން ނުކުޅެދިފައިވާއިރު އަދި އެކަމަށް އެއްވެސް ދުސްތޫރީ ނުވަތަ ސިޔާސީ ޙައްލެއް އައިސްފައިނުވާކަން މި މައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކުންނާއި، ޚަޞްމުންގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނައިރު، 13 މާރިޗު 2018 ގައި އިސްވެ އިޝާރާތްކުރެވުނު ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) އަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ ޤާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ) ގައި ބުނާ ޤާނޫނީ ޢަދަދު ފުރިހަމަނުވާ ޖަލްސާއެއްގައިކަން އެނގެން އޮންނަ އޮތުމެވެ.
4. ހަތަރުވަނަ ކަމަކީ، އިސްވެ އިޝާރާތްކުރެވުނު ފަދައިން، ޤާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ) ގައި ބުނާ ޤާނޫނީ ޢަދަދު ފުރިހަމަނުވާ ޖަލްސާއަކުން އިސްވެ ބުނެވުނު ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) އަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު ފާސްކޮށްފައިވާއިރު، ޤާނޫނުއަސާސީގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ދުސްތޫރީ އިޖްރާއާތު ފަހަނައަޅައި، އެ ޤާނޫނު ފާސްކުރުން ޤާނޫނީގޮތުން ހުއްދަވާނީ އެފަދަ ޟަރޫރަތެއް ޤާއިމުވެފައިވާނަމަ ކަމާއި، އެފަދަ ޟަރޫރަތެއް ޤާއިމުވެފައިވާކަމަށް ބެލެވޭނީ ޤާނޫނުއަސާސީގައި ކަނޑައަޅާފައިވާ ދުސްތޫރީ އިޖްރާއާތު ފަހަނައަޅައި އެ ޤާނޫނު ފާސްނުކޮށްފިނަމަ، ދައުލަތުގެ އަސާސީ މަޞްލަޙަތަކަށް ގެއްލުމާއި ނުރައްކާ ކުރިމަތިވުމުގެ އިޙުތިމާލު ފާޅުކަން ބޮޑުގޮތެއްގައި ޤާއިމުވެގެންވާނަމަ ކަމާއި، މިކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް އިސްވެ އިޝާރާތްކުރެވުނު ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) އަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުއަށް ބަލާއިރު އެ ޤާނޫނު ބަޔާންވެދިޔަ ގޮތުގެމަތިން ފާސްކުރުމުގެ މަޤުޞަދަކީ ޤާނޫނުއަސާސީ 149 ވަނަ މާއްދާގެ (ހ) ގައި ފަނޑިޔާރުންގެ ކިބައިގައި ކޮންމެހެން ހުރުން ލާޒިމުކަމަށް ބަޔާންކޮށްފައިވާ ޝަރުޠުތަކުގެ ތެރެއިން އަޚްލާޤީ ޝަރުޠު މިހާރަށް ވުރެވެސް ހަރުދަނާކޮށް ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުގެ އިތުބާރު ވަރުގަދަކުރުންކަން އެ ޤާނޫނަށް ބެލުމުން އެނގެން އޮތުމުން ދައުލަތާއި އަދި އަފްރާދުންގެ ޙައްޤުތައް ގެރެންޓީކޮށް ޢަދުލު އިންޞާފު ހަރުދަނާކަމާއެކު ލިބިދިނުން ކަށަވަރު ކުރުމުގެ ޢާންމު މަޞްލަޙަތު ޙިމާޔަތް ކުރުމަށްޓަކައި ޙަވާލާދެވުނު ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) އަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުއަކީ އެ ޤާނޫނު ފާސްކޮށް އެއަށް މިހާރުން މިހާރަށް ޢަމަލުކުރަން ފެށުމުގެ ޟަރޫރަތްތެރިކަން އިންތިހާއަށް ބޮޑުވެފައިވާ ޤާނޫނެއްކަން ޢަދުލު އިންޞާފު ޤާއިމުކުރުމުގެ މުހިންމުކަން ކަނޑައަޅައި ބަޔާންކޮށްފައިވާ އިސްލާމީ ޝަރީޢަތުގެ ނައްޞުތަކުގެ މައްޗަށާއި ޢަދުލު އިންޞާފު ޤާއިމުކުރުމާ ބެހޭގޮތުން ޤާނޫނުއަސާސީގައި އައިސްފައިވާ ނައްޞުތަކަށާއި އެ ޤާނޫނު ފާސްކުރަންޖެހުނު ޙާލަތާއި ވާޤިއުގެ މައްޗަށް ވިސްނައި ބެލުމުން އެނގެން އޮންނައިރު، އެ ޤާނޫނަކީ އަޞްލުގައި ޤާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ) ގައިވާ ދުސްތޫރީ އިޖްރާއާތު ފުރިހަމަވެގެން މެނުވީ (އެބަހީ: ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މެންބަރުން ޙާޒިރުވެތިބޭ ޖަލްސާއެއްގައި މެނުވީ) ފާސްނުކުރެވޭނެ ޤާނޫނެއްކަމުގައިވީ ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތަކުރާރުކޮށް މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުނުވުމުގެ ސަބަބުން މަޖިލީހުގެ ޤާނޫނު ހެދުމުގެ އަސާސީ މަސައްކަތް ހުއްޓުމަކަށް އައިސްފައި އޮންނަ އިސްވެ ބަޔާންވެދިޔަ ޙާލަތާއި ވާޤިޢަށް ބަލާއިރު، ޤާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ޤާނޫނީ ޢަދަދު ފުރިހަމަވާ ޖަލްސާއެއްގައި އެ ޤާނޫނު ފާސްކުރުމަށް ވާޤިޢީގޮތުން ރައްޔިތުންގެ މަޖިލިސް ނުކުޅެދިފައިވާކަން އެނގެން އޮންނަކަމާ، އެހެންކަމުން 2018 ވަނަ އަހަރު މާރިޗު މަހުގެ 13 ވަނަ ދުވަހު، ޤާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ޤާނޫނީ ޢަދަދު ފުރިހަމަނުވާ ޖަލްސާއެއްގައި، ރައްޔިތުންގެ މަޖިލީހުން ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ފާސްކޮށްފައި އޮންނައޮތުމަށް، އިސްވެ ބަޔާންވެދިޔަ "ނަޡަރިއްޔަތުއް ޟަރޫރާ" ގެ އުޞޫލުތަކާއި އަޙްކާމްތަކަށް ރިޢާޔަތްކޮށް، ދުސްތޫރީ ޝަރުޢިއްޔަތު ލިބިގެންވާކަން އެނގެން އޮންނަ އޮތުމެވެ.
5. ފަސްވަނަ ކަމަކީ، ޤާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޤާނޫނީ ޢަދަދު ފުރިހަމަނުވާ ޖަލްސާއެއްގައި ރައްޔިތުންގެ މަޖިލީހުން ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު އަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ ބިލު ފާސްކޮށްފައި އޮންނަ އޮތުމަކީ "ނަޡަރިއްޔަތުއް ޟަރޫރާ" ގެ އުޞޫލުތަކަށް ރިޢާޔަތްކޮށް، ދުސްތޫރީ ގޮތުން ޞައްޙަކަމެއް ކަމަށް ޤަޟާއީގޮތުން ކަނޑައެޅިގެން ދިއުމަކީ، ޤާނޫނުއަސާސީގެ ބުނެވިދިޔަ 87 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އިޖްރާއާތާ ޚިލާފަށް ރައްޔިތުން އެ މައްޗަށް ޢަމަލުކުރުން ލާޒިމުކުރާ ބާވަތުގެ ޤާނޫނުތައް ފާސްކުރުމަށް ދެވޭ ޢާންމު ރުޚުޞަތެއް ނޫންކަމާ، ސަބަބަކީ "ނަޡަރިއްޔަތުއް ޟަރޫރާ" ގެ އަޙްކާމްތަކަކީ ކަނޑައެޅިގެންވާ ޝަރްޠުތަކެއް ފުރިހަމަވެގެން މެނުވީ ތަޠުބީޤުކުރެވޭނެ އަޙްކާމްތަކެއް ނޫންކަމާ، އެހެންކަމުން، ކަނޑައެޅިފައިވާ ދުސްތޫރީ ނުވަތަ ޤާނޫނީ އިޖްރާއާތަކާ ޚިލާފަށް، "ނަޡަރިއްޔަތުއް ޟަރޫރާ" އަށް ރިޢާޔަތްކޮށް ފާސްކުރެވޭ ޤާނޫނުތަކުގެ ދުސްތޫރިއްޔަތުކަމާ ނުވަތަ މަޝްރޫޢިއްޔަތުކަމާ މެދު ތަޢުނުކުރެވިއްޖެނަމަ އެފަދަ ކޮންމެ މައްސަލައެއް ބަލައި ފައިޞަލާ ކުރުމުގެ ބާރު ކަމާބެހޭ ކޯޓަށް އަބަދުވެސް ލިބިގެންވާކަން އެނގެން އޮންނަ އޮތުމެވެ.
(ޏ) ސޯޅަވަނަ ކަމަކީ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންވެގެންވާ ކަންކަމުގެ މައްޗަށް ރިޢާޔަތްކުރާއިރު، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) އަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ ދުސްތޫރިއްޔަތުކަމާމެދު މައުޟޫޢީގޮތުން ތަޢުނުކޮށް މި މައްސަލަ ހުށަހެޅި ފަރާތްތަކުން ދައްކާފައިވާ ވާހަކަތަކަކީ ދުސްތޫރީ ގޮތުން ޞައްޙަ އަސާސްތަކެއްގެ މައްޗަށް ބިނާކޮށް ދައްކާފައިވާ ވާހަކަތަކެއް ނޫންކަން އެނގެން އޮންނާތީއާ، އަދި ބުނެވުނު ޤާނޫނުގެ ބިލު، ޤާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް އެ މާއްދާގައި ބުނާ ޤާނޫނީ ޢަދަދު ހަމަނުވާ ޖަލްސާއެއްގައި ފާސްކޮށްފައިވަނީ "ޑޮކްޓްރިން އޮފް ނެސެސިޓީ" އަށް ރިޢާޔަތްކޮށްކަމަށް ބުނެ، ދައުލަތުގެ ބަންޑާރަނައިބުގެ ފަރާތުން އެކަން ޘާބިތުކުރުމަށް ދައްކާފައިވާ ވާހަކަތަކާއި ވާޤިޢާތަށް ބިނާކޮށްފައިވާ ޤާނޫނީ އަސާސްތަކަކީ ޞައްޙަ އަސާސްތަކެއްކަން އެނގެން އޮންނަ ހިނދު، ބުނެވުނު ޤާނޫނުގެ ބިލު ޤާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް ފާސްކުރަންޖެހޭ ފަދަ "ނެސެސިޓީ" ނުވަތަ "ޟަރޫރާ" ގެ ޙާލަތެއް ނެތްކަން މި މައްސަލަ ހުށަހެޅިފަރާތަށް ޘާބިތުކޮށްދެވިފައި ނުވާއިރު، އެ ޤާނޫނުގެ ދުސްތޫރިއްޔަތުކަމާމެދު ޝަކްލީގޮތުން ތަޢުނުކުރާނެ ހަމައެއްވެސް ނެތަތީ، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) އަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަކީ މައުޟޫޢީގޮތުންނާއި ޝަކްލީގޮތުން ޤާނޫނުއަސާސީއާ ޚިލާފު ޤާނޫނެއްކަމަށް ބަލާނެ އެއްވެސް އަސާސެއް ނެތްކަން އެނގެން އޮންނަކަމެވެ.
ޙުކުމް:
އިސްވެ ބަޔާންވެދިޔަ ދުސްތޫރީ، ޝަރުޢީ އަދި ޤާނޫނީ ސަބަބުތައް އެގޮތުގެމަތިން ހުރުމާއެކު، މީލާދީ ސަނަތުން 14 މާރިޗު 2018 (ހިޖުރީ ސަނަތުން 26 ޖުމާދަލްއާޚިރާ 1439) ވީ ބުދަ ދުވަހު ޢަމަލުކުރަން ފަށާފައިވާ ޤާނޫނު ނަންބަރު 2018/1 (ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) އަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) އަކީ ޝަކްލީގޮތުންނާއި މައުޟޫޢީގޮތުން އެއަށް ދުސްތޫރީ ޝަރްޢިއްޔަތު ލިބިގެންވާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ އެއްގޮތް ޤާނޫނެއްކަން އެނގެން އޮންނާތީ، އެ ޤާނޫނަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސީއާ ޚިލާފު ބާޠިލު ޤާނޫނެއްކަމަށް ކަނޑައަޅާނެ އެއްވެސް އަސާސެއް ނެތްކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.
ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ
ފަނޑިޔާރު ޢަބްދުﷲ ޢަރީފް ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.