ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2018/SC-C/18ސުޕްރީމް ކޯޓު · 30 އޮކްޓޫބަރު 2018

—

ސުޕްރީމް ކޯޓު
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 30 އޮކްޓޫބަރު 2018ބާވަތް: ދުސްތޫރީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ

ޤަޟިއްޔާ ނަންބަރު: 2018/SC-C/18

ދަޢުވާކުރާ ފަރާތް: ޢަލީ ޝާހް

ދަޢުވާ ލިބޭ ފަރާތް: އިލެކްޝަންސް ކޮމިޝަން

މައްސަލައިގެ ބާވަތް: ދުސްތޫރީ މައްސަލަ

މައްސަލަ އައިގޮތް: ދުސްތޫރީ މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދޭ ފޯމުން

ހުށަހެޅުނު ތާރީޚް: 04 ޑިސެންބަރު 2017

ރަޖިސްޓްރީ ކުރެވުނު ތާރީޚް: 10 އޭޕްރިލް 2018

ނިމުނު ތާރީޚް: 30 އޮކްޓޫބަރު 2018

މައްސަލަ ނިންމި ގަޑި: 11:39

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޢަބްދުﷲ ދީދީ، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު

މައްސަލައިގެ ޚުލާޞާ:

މިއީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 74 ވަނަ މާއްދާގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ މެންބަރުކަމުގެ ގޮނޑި ހުސްވެއްޖެކަމާމެދު ޚިލާފެއް އުފެދިއްޖެނަމަ، އެ މައްސަލައެއް ބަލައި، ގޮތެއް ކަނޑައަޅަންވާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުންކަމަށް ބުނެފައިވާހިނދު، އަދި ބުނެވިދިޔަ ދުސްތޫރީ އުޞޫލުގެ ދަށުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހުގެ އެއް މެންބަރެއްގެ މައްސަލައެއް ބަލައި ގޮތެއް ނިންމުމަކީ ރައްޔިތުންގެ މަޖިލީހުގެ އެހެން މެންބަރެއްގެ މައްސަލައެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބަލައި ގޮތެއް ނިންމުން ނަޤުޟުވާ ކަމެއްކަމަށް ޤާނޫނީގޮތުން ޙުއްޖަތު ލިބޭނެ އެއްވެސް ވާހަކައެއް އިސްވެ ބުނެވުނު މާއްދާގައި ބަޔާންކޮށްފައިނުވާތީ، ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު، ޏ. ފުވައްމުލައް، ދަނޑިމަގު ދޫރެސް، ޢަލީ ޝާހް ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވި ދާއިރާގެ ގޮނޑި ހުސްވެއްޖެކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަކީ ޤާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ހ) އާއި 26 ވަނަ މާއްދާގެ (ށ) އިން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤާއި މިނިވަންކަމާއި އަދި ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ސ) އާއި ސިޔާސީ ޕާޓީގެ ޤަވާޢިދު 2013 ގެ 18 ވަނަ މާއްދާގެ (ހ) އާއި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ އަސާސީ ޤަވާޢިދުގެ 20 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރާ އަދި ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާއާއި ސުޕްރީމް ކޯޓުގެ ނަންބަރު2017/SC-SJ/09 (16 ޖުލައި 2017) ކޯޓު އަމުރުން އެކަށައަޅާފައިވާ އަޙްކާމްތަކާއި ޤާނޫނީ އުޞޫލުތަކުގެ ފާޢިލިއްޔަތު ނެތިގެންދާގޮތަށް ނިންމާފައިވާ ނިންމުމެއްކަމަށް ބުނެ، މައްސަލަ ހުށަހެޅި ފަރާތަކީ ފުވައްމުލަކު އުތުރު ދާއިރާ ގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގައި ކަނޑައަޅައިދިނުމަށް އެދި، އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ދަޢުވާލިބޭ ގޮތަށް ޏ. ފުވައްމުލައް، ދަނޑިމަގު، ދޫރެސް، ޢަލީ ޝާހް ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލިފައިވާ ދުސްތޫރީ މައްސަލައެކެވެ.

ފާހަގަކުރެވުނު ނުކުތާތައް:

މި މައްސަލައިގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި، ކަމާބެހޭ ޤާނޫނުތަކަށާއި، ޤަވާޢިދުތަކަށާއި މި މައްސަލައާ ގުޅުންހުރި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނިންމުންތަކަށާއި، މައްސަލަ ހުށަހެޅި ފަރާތާއި މައްސަލައިގެ ދަޢުވާ ރައްދުވި ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި ހުށަހަޅާފައިވާ ލިޔުންތަކަށާއި މި ބާވަތުގެ މައްސަލަތަކުގައި ތަޠުބީޤުކުރެވޭ ޤާނޫނީ ޢާންމު މަބްދައުތަކުގެ މައްޗަށް ދުސްތޫރީ އަދި ޤާނޫނީ ނަޒަރުން ބަލައި ވިސްނިއިރު، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.

(ހ) ފުރަތަމަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 74 ވަނަ މާއްދާގައި ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމުގެ ޝަރުޠު މީހެއްގައި ހަމަވޭތޯ ނުވަތަ މެންބަރަކު މަޤާމުން ވަކިކުރާން ޖެހިއްޖެތޯ ބެލުމުގައި ނުވަތަ މެންބަރުކަމުގެ ގޮނޑިއެއް ހުސްވެއްޖެކަމާމެދު ޚިލާފެއް އުފެދިއްޖެނަމަ، އެ މައްސަލައެއް ބަލައި ގޮތެއް ކަނޑައަޅާނީ ސުޕްރީމް ކޯޓުންކަމަށް ކަނޑައެޅި ބަޔާންވެފައި އޮންނަ އޮތުމަށާ، އަދި ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 10 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް ބެލުމުން މި މައްސަލައަކީ ހަމައެކަނި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބަލައި، މި މައްސަލައިގެ މައުޟޫޢުގެ މައްޗަށް ފައިޞަލާކުރަނިވި ނިންމުމަކުން ގޮތެއް ކަނޑައަޅައި އިންޞާފު ޤާއިމުކުރަންޖެހޭ ބާވަތުގެ ދުސްތޫރީ މައްސަލައެއްކަން އެނގެން އޮންނަކަމެވެ.

(ށ) ދެވަނަ ކަމަކީ، އިލެކްޝަންސް ކޮމިޝަނުން 31 އޮކްޓޫބަރު 2017 ގައި ނިންމާފައިވާ އެ ކޮމިޝަންގެ ނިންމުމަށް ބަލާއިރު އެ ނިންމުމަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު2017/SC-C/17 ޤަޟިއްޔާގެ ޙުކުމުގައި އެ ޤަޟިއްޔާގެ ޙުކުމް ކުރެވުނު ތާރީޚް (13 ޖުލައި 2017) އިން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން އިންތިޚާބުވި ޕާޓީގެ މެންބަރުކަމުން ވަކިކުރުމާއި، ނުވަތަ އިންތިޚާބުވި ޕާޓީގެ މެންބަރުކަމުން އަމިއްލައަށް ވަކިވުމާއި، ނުވަތަ އިންތިޚާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެންބަރަކަށްވުމާއި، މި ތިން ޙާލަތުންކުރެ ޙާލަތެއް މެދުވެރިވެއްޖެނަމަ، އެ މެންބަރަކު ނިސްބަތްވާ ޕާޓީއަކުން އެ މެންބަރަކު ވަކިކޮށްފިކަމަށް ނުވަތަ ވަކިވެއްޖެކަމަށް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ރަސްމީކޮށް ރައްޔިތުންގެ މަޖިލީހަށް އަންގާ ދުވަހުން ފެށިގެން، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެކަމަށް ކަނޑައަޅާފައިވާކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު، ޏ. ފުވައްމުލައް، ދަނޑިމަގު، ދޫރެސް، ޢަލީ ޝާހް އިލެކްޝަންސް ކޮމިޝަންގައި އޮންނަ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ދަފްތަރުން އުނިކުރެވިފައިވާކަން އެ ކޮމިޝަނުން ރަސްމީކޮށް ރައްޔިތުންގެ މަޖިލީހަށް އެންގި ތާރީޚް ކަމަށްވާ 31 އޮކްޓޫބަރު 2017 އިން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު އުތުރު ދާއިރާ ގެ ގޮނޑި ހުސްވެފައިވާކަމަށް އެ ކޮމިޝަނުން ކަނޑައަޅައި، އަދި ޤާނޫނުއަސާސީގެ 78 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 2009/2 (ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން އެ ދާއިރާއަށް މެންބަރަކު ހޮވުމަށްޓަކައި ބާއްވަންޖެހޭ ބައި-އިލެކްޝަން ބޭއްވުމަށް އެ ކޮމިޝަނުން ނިންމާފައިވާކަން ބަޔާންކޮށް އެ ކޮމިޝަނުން ނިންމާފައިވާ ނިންމުމެއްކަން އެ ކޮމިޝަންގެ އިޝާރާތްކުރެވުނު ނިންމުމަށް ބެލުމުން އެނގެން އޮންނަކަމެވެ.

(ނ) ތިންވަނަ ކަމަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާއަށް ބަލާއިރު އެޤަޟިއްޔާ ނިންމާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން އިންތިޚާބުވާ މެންބަރަކު އެ ޕާޓީގެ މެންބަރުކަމުން ވަކިވުމުން، ނުވަތަ ޕާޓީ ބަދަލުކުރުމުން، ނުވަތަ ޕާޓީއިން ވަކިކުރުމުން، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެގޮތުގެ ޝަރްޠުތަކާއި އިޖްރާއާތުތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ތަންޡީމު ކުރަންޖެހޭ ކަމަށް ކަނޑައަޅައި، އެފަދަ ޤާނޫނަކަށް ޢަމަލުކުރެވެންދެން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން އިންތިޚާބުވި ޕާޓީގެ މެންބަރުކަމުން ވަކިކުރުމާއި، ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން އިންތިޚާބުވި ޕާޓީގެ މެންބަރުކަމުން އަމިއްލައަށް ވަކިވުމާއި، ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން އިންތިޚާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެންބަރަކަށްވުމާއި، މި ތިން ޙާލަތުންކުރެ ޙާލަތެއް އެ ޤަޟިއްޔާގައި ޙުކުމްކުރާ ތާރީޚުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް މެދުވެރިވެއްޖެނަމަ، އެ މެންބަރަކު ނިސްބަތްވާ ޕާޓީއަކުން އެ މެންބަރަކު ވަކިކޮށްފިކަމަށް ނުވަތަ ވަކިވެއްޖެކަމަށް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ރަސްމީކޮށް ރައްޔިތުންގެ މަޖިލީހަށް އަންގާ ދުވަހުން ފެށިގެން، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެކަމަށް ކަނޑައަޅައި، މިގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ހުސްވުމާ ގުޅިގެން ޤާނޫނުއަސާސީގެ 78 ވަނަ މާއްދާ އާއި، ޤާނޫނު ނަންބަރު 2009/2 (ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ބައި-އިލެކްޝަން ބާއްވަން ވާނެކަމަށް ކަނޑައަޅައި، މީލާދީ ސަނަތުން 2017 ވަނަ އަހަރު ޖުލައި މަހުގެ 13 ވަނަ ދުވަހު އެޤަޟިއްޔާގައި ޙުކުމް ކޮށްގެންކަން އެނގެން އޮންނައިރު ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް މިޙުކުމުގައި ބުނާ ތިން ޙާލަތުންކުރެ ޙާލަތެއް މެދުވެރިވުމާ ގުޅިގެން އެމެންބަރަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވެއްޖެކަމާމެދު ޚިލާފު އުފެދިއްޖެނަމަ އެމެންބަރަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވެއްޖެކަމަށް ނުވަތަ ވަކިނުވާކަމަށް ކަނޑައެޅުމަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ފިޔަވައި ދައުލަތުގެ އެހެން އެއްވެސް އިދާރާއަކަށް ނުވަތަ މުއައްސަސާއަކަށް އިލެކްޝަންސް ކޮމިޝަން ވެސް ހިމެނޭގޮތުން ލިބިގެންވާ އިޚްތިޞާޞެއް ނޫންކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 74 ވަނަ މާއްދާގެ ޞަރީޙަ ނައްޞުން ސާފުކޮށް އެނގެން އޮންނަކަމެވެ.

(ރ) ހަތަރުވަނަ ކަމަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-SJ/09 ކޯޓު އަމުރަށް ބަލާއިރު އެ އަމުރަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާ، 13 ޖުލައި 2017 ގައި ނިމުނުތާ ތިންވަނައަށްވީ ދުވަހު (16 ޖުލައި 2017 ވަނަ ދުވަހު) ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރެފައިވާ ކޯޓު އަމުރެއްކަމާއި، އެ އަމުރުގެ ދެވަނަ ޕެރެގްރާފުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާގެ ޙުކުމުގައި ބަޔާންކޮށްފައިވާ ތިން ޙާލަތުން ކުރެ ޙާލަތަކީ އެ ޙުކުމްކުރި ތާރީޚުގެ ކުރީގައި ވުޖޫދުވެފައިވާ ޙާލަތެއް ނަމަ، ނުވަތަ އެއިން ޙާލަތަކާ ގުޅޭ އެއްވެސް އިޖުރާއާތެއްގެ މައްޗަށް ބިނާކޮށް އެޅިފައިވާ ނުވަތަ އަޅާ އެއްވެސް ފިޔަވަޅެއް ނަމަ، އެފަދަ އެއްވެސް ޙާލަތެއްގެ މައްޗަށް ނުވަތަ އެފަދަ އެއްވެސް ޙާލަތަކާ ގުޅިފައިވާ އިޖުރާއާތެއް ނުވަތަ ކަމެއްގެ މައްޗަށް އެ ޤަޟިއްޔާގެ ޙުކުމުގެ އަޘަރު އެއްވެސްގޮތަކުން މާޟީއަށް ރުޖޫޢަވާގޮތަށް ރެޓްރޯސްޕެކްޓިވްކޮށް ތަޠްބީޤު ނުވަތަ ތަންފީޛުކުރުން ހުއްދަކުރެވިފައި ނުވާކަން އެ ޙުކުމުން ސާފުކޮށް އެނގެން އޮންނަކަމާއި، އަދި އެ އަމުރުގެ ތިންވަނަ ޕެރެގްރާފުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާގެ ޙުކުމަށްފަހު، ސިޔާސީ ޕާޓީއަކުން އެ ޕާޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ވަކިކުރުމުގައި ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) އާއި ޕާޓީގެ އަސާސީ ޤަވާޢިދުގައި ނުވަތަ އެނޫން ޤާނޫނަކުން ނުވަތަ ޤަވާޢިދަކުންވިއަސް ކަނޑައަޅާފައިވާ ޤާނޫނީ އިޖުރާއާތު (due process of law) އަށް ތަބާވުން އިސްތިޘްނާކުރެވިފައި ނުވާކަން އެ ޤަޟިއްޔާއިން ކަނޑައެޅިގެން އެނގެން އޮންނަކަމަށް އެ އަމުރުގައި ސާފު ބަހުން ބަޔާންކޮށްފައިވާކަން އެނގެން އޮތުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމާއި އަދި ސުޕްރީމް ކޯޓުގެ ބުނެވުނު ކޯޓު އަމުރުގައި ބަޔާންކުރެވިފައިވާ އުޞޫލުތަކަށް ބަލައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ މެންބަރު ކަމުގެ ގޮނޑިއެއް ހުސްވެއްޖެ ކަމަށް ބަލަންވާނީ އެ ގޮނޑި ތަމްޘީލުކުރަމުންދާ ރައްޔިތުންގެ މަޖިލީހުގެ މެންބަރަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާގެ ޙުކުމުގައި ބަޔާންކޮށްފައިވާ ތިން ޙާލަތުންކުރެ ޙާލަތެއް މެދުވެރިވެފައިވަނީ އެ ޤަޟިއްޔާގައި ޙުކުމްކުރި ފަހުން ކަމުގައިވާނަމަކަމާއި މީގެ މައްޗަށް ބިނާކޮށް، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ނިސްބަތްވާ ސިޔާސީ ޕާޓީއެއްގެ މެންބަރަކާމެދު އެ ޕާޓީއަކުން ސުލޫކީގޮތުން ފިޔަވަޅުއަޅައި އެ ޕާޓީއިން އެފަރާތެއް ވަކިކުރުމުގެ ހުރިހާ އިޖުރާއާތުތަކެއް، ނުވަތަ އެ އިޖުރާއާތުތަކުގެ ބައެއް އެ ޕާޓީއިން ހިންގާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު2017/SC-C/17 ޤަޟިއްޔާގެ ޙުކުމްކުރުމުގެ ފަހުން ކަމުގައި ވިޔަސް އެ ޕާޓީއެއްގެ މެންބަރަކާމެދު ސުލޫކީގޮތުން ފިޔަވަޅު އެޅުމަށްޓަކައި އެ މެންބަރަކު ކުރިކަމަށް އެ ޕާޓީއިން ބުނާ ޢަމަލު، އެ މެންބަރަކު ކޮށްފައިވަނީ ބުނެވުނު ޤަޟިއްޔާގެ ޙުކުމް ކުރުމުގެ ކުރިންކަމުގައިވާނަމަ، ޕާޓީއެއްގެ މެންބަރަކު ކޮށްފައިވާ އެފަދަ ޢަމަލެއްގެ މައްޗަށް ބަލައި އެ މެންބަރަކު އެ ޕާޓީއިން ވަކިކުރުމުގެ އިޖުރާއާތުތައް ހިންގައި، އެ ޕާޓީއިން އެ މެންބަރަކު ވަކިކޮށްފައިވަނީ ބުނެވުނު ޤަޟިއްޔާގައި ޙުކުމް ކުރެވުނު ފަހުން ކަމުގައި ވިޔަސް އެފަދަ އިޖުރާއާތެއްގެ މައްޗަށް ބިނާކޮށް ސިޔާސީ ޕާޓީއަކުން އެ ޕާޓީއަށް ނިސްބަތްވާ މެންބަރަކު ވަކިކުރުމުގެ ޙާލަތަކީ އެ ޙާލަތެއްގެ މައްޗަށް ބަލައި އެ ޕާޓީގެ މެންބަރަކު، ރައްޔިތުންގެ މަޖިލީހުގައި ތަމްޘީލްކުރަމުންދާ ދާއިރާގެ ގޮނޑި ހުސްވެފައިވާކަމަށް ބެލެވޭނެ ޙާލަތެއް ނޫންކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާއާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-SJ/09 ކޯޓު އަމުރުގައި ކަނޑައެޅި ބަޔާންވެފައިވާ އަޙުކާމްތަކަށް ބެލުމުން ސާފުކޮށް އެނގެން އޮންނަކަމެވެ.

(ބ) ފަސްވަނަ ކަމަކީ، ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) އަށް 03 ވަނަ އިޞްލާޙު ގެނެވުނު ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ސިޔާސީ ޕާޓީގެ ޤާނޫނުގެ 14 ވަނަ މާއްދާގެ ފެށުމުގައި، ކޮންމެ ސިޔާސީ ޕާޓީއެއްގައިވެސް އެ ޤާނޫނުގައިވާ ގޮތުގެމަތިން އެކަށައަޅާފައިވާ ޕާޓީގެ އަސާސީ ޤަވާޢިދެއް އޮންނަންވާނެކަމަށް ބަޔާންކުރުމަށްފަހު، އެ އަސާސީ ޤަވާޢިދުގައި ކޮންމެހެން ކަނޑައަޅަންވާނެ ކަންކަން އެ މާއްދާގައި ބަޔާންކޮށްފައިވާކަމާއި، މިގޮތުން އެ މާއްދާގެ (ސ) ގައި "ޕާޓީގެ މެންބަރަކަށް ވެވޭނެ ގޮތާއި މެންބަރުކަމުން ވަކިވެވޭނެ ގޮތާއި ވަކިކުރެވޭނެ އުޞޫލުތައް" މިފަދައިން ކަނޑައެޅި ބަޔާންކޮށްފައިވާކަން އެނގެން އޮންނަ އޮތުމަށް ޤާނޫނީ ނަޒަރަކުން ބަލާއިރު، ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެވޭނެގޮތާއި، ވަކިކުރެވޭނެ އުޞޫލުތައް ޤާނޫނުއަސާސީއާއި ޤާނޫނާ ތަޢާރުޟުނުވާ ގޮތެއްގެމަތިން، ކޮންމެ ސިޔާސީ ޕާޓީއެއްގެ އަސާސީ ޤަވާޢިދުގައި ކަނޑައެޅުމަކީ ސިޔާސީ ޕާޓީތަކުގެ މައްޗަށް ލާޒިމް ކޮށްފައިވާ ކަމެއްކަން ސިޔާސީ ޕާޓީގެ ޤާނޫނުގެ ބުނެވިދިޔަ 14 ވަނަ މާއްދާގައި ކަނޑައެޅިފައިވާ އަޙުކާމްތަކަށް ބެލުމުން ސާފުކޮށް އެނގެން އޮންނަ ހިނދު، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ އަސާސީ ޤަވާޢިދުގެ 20 ވަނަ މާއްދާގައި "އަންނަނިވި ޙާލަތްތަކުގެ ތެރެއިން ޙާލަތެއް މެދުވެރިވެއްޖެ ހިނދެއްގައި، ޕާޓީގެ މެންބަރަކު މެންބަރުކަމުން ވަކިވާނެއެވެ." މިފަދައިން ސާފުކޮށް ބަޔާންކުރުމަށްފަހު އެ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައި "ޕާޓީގެ މެންބަރުކަމުން ވަކިވުމަށް އެދުން" މިފަދައިން ކަނޑައަޅައި ބަޔާންކޮށްފައިވުމުން ޕީ.ޕީ.އެމްގެ އަސާސީ ޤަވާޢިދު ފަރުމާކުރެވިފައިވަނީ އެ ޕާޓީގެ މެންބަރަކު، އެ ޕާޓީގެ މެންބަރުކަމުން ވަކިވާން އެދި އެ ޕާޓީއަށް ހުށަހަޅާ ވަގުތުން ފެށިގެން އެ ޕާޓީގެ މެންބަރުކަމުން އެފަރާތް ވަކިވާގޮތަށްކަން ޕީ.ޕީ.އެމްގެ އަސާސީ ޤަވާޢިދުގެ 20 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ ޞަރީޙަ ނައްޞަށް ބެލުމުން ސާފުކޮށް އެނގެން އޮންނަކަމެވެ.

(ޅ) ހަވަނަ ކަމަކީ، މައްސަލަ ހުށަހެޅި ފަރާތަކީ، އެފަރާތް، ޕީ.ޕީ.އެމް އިން ވަކިވުމަށްއެދި 10 ޖުލައި 2017 ގައި ޕީ.ޕީ.އެމް އަށް ސިޓީއަކުން ހުށަހަޅާފައިވާ ފަރާތެއްކަން މައްސަލައާ ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮންނައިރު، މި ސިޓީއަކީ ހަމަ އެ ތާރީޚްގައި މައްސަލަ ހުށަހެޅި ފަރާތް ޕީ.ޕީ.އެމް އަށް ފޮނުވާފައިވާ ސިޓީއެއްކަމާމެދު އިލެކްޝަންސް ކޮމިޝަންގެ ފަރާތުންވެސް އިޢުތިރާޒްކުރާ ސިޓީއެއް ނޫންކަން މައްސަލައާ ގުޅިގެން އެ ކޮމިޝަނުން ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކުން ވެސް އެނގެން އޮތުމުން މައްސަލަ ހުށަހެޅި ފަރާތަކީ 10 ޖުލައި 2017 ގައި، އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާގައި 13 ޖުލައި 2017 ވަނަ ދުވަހު ޙުކުމް ކުރުމުގެ ކުރިން ޕީ.ޕީ.އެމްގެ މެންބަރުކަމުން ވަކިވެފައިވާ ފަރާތެއްކަމުގައި ޤާނޫނީގޮތުން ބަލަންޖެހޭ ފަރާތެއްކަން ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 14 މާއްދާގެ (ސ) އަށް ރިޢާޔަތްކޮށް ޕީ.ޕީ.އެމްގެ އަސާސީ ޤަވާޢިދުގެ 20 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރަށް ބެލުމުން ސާފުކޮށް އެނގެން އޮންނަކަމެވެ.

(ކ) ހަތްވަނަ ކަމަކީ، ބަޔާންވެދިޔަ ޤާނޫނީ ހަމަތަކުގެ މައްޗަށް ރިޢާޔަތްކޮށް ބެލުމުން މައްސަލަ ހުށަހެޅި ފަރާތަކީ 10 ޖުލައި 2017 ގައި އަމިއްލައަށް އެދިގެން ޕީ.ޕީ.އެމްގެ މެންބަރުކަމުން ވަކިވެފައިވާ ފަރާތެއްކަމުގައި ޤާނޫނީގޮތުން ބަލަންޖެހޭ ފަރާތެއްކަން އެނގެން އޮންނައިރު، އެފަރާތަކީ ބުނެވުނު ތާރީޚުގެ ފަހުން، ޤަވާޢިދުން އަލުން އެ ޕާޓީގެ މެންބަރަކަށްވެފައިވާ ފަރާތެއްކަން އެނގެން ނެތްކަން ފާހަގަކުރެވިފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ބުނެ އެ މަޖިލީހުގެ މެންބަރުންތަކެއް ސޮއިކޮށް އެ މަޖިލީހަށް 03 ޖުލައި 2017 ގެ ތާރީޚުގައި ހުށަހެޅި ކަމަށްބުނާ ޤަރާރުގައި މައްސަލަ ހުށަހެޅި ފަރާތުން ސޮއިކޮށްފައިވާކަމަށް ބުނެ އެ ސޮއި ނެގުމަށް ވަކި މުއްދަތެއް ޕީ.ޕީ.އެމްގެ ފަރާތުން މައްސަލަ ހުށަހެޅި ފަރާތަށް ދިނުމަށް 17 ޖުލައި 2017 ގެ ތާރީޚުގައި ނިންމައި، އެ މުއްދަތު ފާއިތުވެދިޔަ ފަހުން މައްސަލަ ހުށަހެޅި ފަރާތް ޕީ.ޕީ.އެމްގެ އެ އެންގުމަށް އިޖާބަދީފައި ނުވާކަމަށް ބުނެ ޕީ.ޕީ.އެމްގެ ފަރާތުން، 28 އޮކްޓޫބަރު 2017 ގައި ޕީ.ޕީ.އެމްގެ މެންބަރުކަމުން މައްސަލަ ހުށަހެޅި ފަރާތް ވަކިކުރިކަމަށް ނިންމާފައިވާކަން މައްސަލައާ ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮތުމުން މިގޮތުގެމަތިން މައްސަލަ ހުށަހެޅި ފަރާތާމެދު ޕީ.ޕީ.އެމް އިން ޢަމަލުކޮށްފައި އެވަނީ ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 14 ވަނަ މާއްދާގެ (ސ) އާއި ޕީ.ޕީ.އެމްގެ އަސާސީ ޤަވާޢިދުގެ 20 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައި ބުނާ އުޞޫލާ އެއްގޮތަށްކަމަށް ބެލެވޭނެ ތަނެއްނެތްކަން އެނގެން އޮންނަ އޮތުމުގެ އިތުރުން، ޕީ.ޕީ.އެމްގެ މެންބަރުކަމުން މައްސަލަ ހުށަހެޅި ފަރާތް ވަކިކުރުމަށް 28 އޮކްޓޫބަރު 2017 ގައި އެ ޕާޓީން ނިންމާފައިވާ ނިންމުން ނިންމާފައި އެވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާގެ ޙުކުމްކުރުމުގެ ކުރިން މައްސަލަ ހުށަހެޅި ފަރާތް ކޮށްފައިވާކަމަށް ބުނާ ޢަމަލެއްގެ މައްޗަށްކަންވެސް އެނގެން އޮންނަ ކަމެވެ.

(އ) އަށްވަނަ ކަމަކީ، އެމީހަކު އަމިއްލައަށް ނުވަތަ އެމީހަކު މިނިވަންކަމާއެކު އިޚްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމަކީ އަސާސީ ހައްޤެއްގެ ގޮތުގައި ޤާނޫނުއަސާސީގެ 26 ވަނަ މާއްދާއިން ކޮންމެ ރައްޔިތަކަށްމެ ލިބިދީފައިވާ ޙައްޤެއްކަމާއި، އަދި ހަމަ އެހެންމެ ސިޔާސީ ޕާޓީ އުފައްދައި، ހިންގައި، ޕާޓީތަކުގެ ޙަރަކާތްތަކުގައި ބައިވެރިވުމަކީވެސް އަސާސީ ޙައްޤެއްގެ ގޮތުގައި ޤާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ހ) އިން ކޮންމެ ރައްޔިތަކަށްމެ ލިބިދީފައިވާ ހައްޤެއްކަން އެނގެން އޮންނަ އޮތުމަށް ބަލާއިރު، ޤާނޫނުއަސާސީގެ މި މާއްދާތަކުގެ ދަށުން ރައްޔިތުންނަށް ލިބިދީ އަދި ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތައް އެގޮތުގެމަތިން ލިބިދީފައި އެވަނީ ރައްޔިތުންގެ ފުރިހަމަ ރުހުމާއި، އިޚްތިޔާރުގައި، އަދި އެހެން އެއްވެސް ފަރާތެއްގެ ނުފޫޒެއް ނުވަތަ މަޖުބޫރުކުރުމެއް ނުވަތަ ބިރުދެއްކުމެއް ނެތި ރައްޔިތުންގެ ފުރިހަމަ އިރާދައާއި، ރުހުމާއި ޤަބޫލާއި އިޚްތިޔާރުގައި އެ ރައްޔިތުން އެ ޙައްޤުތަކުގެ ބޭނުން ހިފުމަށް މަގުފަހި ކުރުމުގެ ގޮތުންކަން ރަނގަޅަށް އެނގެން އޮތުމުން ސިޔާސީ ޕާޓީއެއްގެ މެންބަރަކު، އެފަރާތް ނިސްބަތްވާ ސިޔާސީ ޕާޓީއިން ވަކިވުމަށް އެދި އެ ޕާޓީއަށް ހުށަހަޅާފައިވަނިކޮށް، އެ ހުށަހެޅުމަށް އެއްވެސް ބެލުމެއްނެތި އެފަރާތް އެއީ އެ ޕާޓީގެ މެންބަރެއްކަމުގައި ބަލައި ސުލޫކީގޮތުން އެފަރާތާމެދު އެ ޕާޓީއަކުން ފިޔަވަޅު އެޅުމާއި، އަދި ސިޔާސީ ޕާޓީއެއްގެ މެންބަރަކު އެފަރާތް ނިސްބަތްވާ ސިޔާސީ ޕާޓީގެ އަސާސީ ޤަވާޢިދުގައިވާ ގޮތުގެމަތިން ޕާޓީން ވަކިވުމުގެ ކަންތައް ފުރިހަމަކޮށް އެޕާޓީގެ ދަފްތަރުން އެފަރާތުގެ ނަން އުނިކޮށްދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުންވެސް އެފަރާތް ނިސްބަތްވާ ޕާޓީގެ ދަފްތަރުން އެފަރާތުގެ ނަން އުނިކޮށްނުދީ ހިފެހެއްޓުމަކީ ޤާނޫނުއަސާސީގެ ބަޔާންވެދިޔަ މާއްދާތަކުގައި ކަނޑައެޅިފައިވާ ދުސްތޫރީ އުޞޫލުތަކާ އެއްގޮތަށް ކުރެވޭ ކަންތައްތަކެއް ކަމުގައި ބެލެވޭނެތަނެއް ނެތުމެވެ.

(ވ) ނުވަވަނަ ކަމަކީ، ޕީ.ޕީ.އެމް އިން، މައްސަލަ ހުށަހެޅި ފަރާތް ވަކިވުމަށް އެދި10 ޖުލައި 2017 ގައި ސިޓީ ފޮނުވާފައިވަނިކޮށް، އިސްވެ އިޝާރާތްކުރެވުނު ޤަރާރުގައި މައްސަލަ ހުށަހެޅި ފަރާތް ކޮށްފައިވާ ސޮއި އަނބުރާ ނެގުމަށް 17 ޖުލައި 2017 ގެ ތާރީޚުގައި އަންގައި، އެ އެންގުމަށް މައްސަލަ ހުށަހެޅި ފަރާތް އިޖާބަނުދިނުމުން ކަމަށް ބުނެ، އެ ޕާޓީގެ މެންބަރުކަމުން ވަކިކުރިކަމަށް28 އޮކްޓޫބަރު 2017 ގެ ތާރީޚުގައި ނިންމައި، އެކަން ހަމަ އެ ތާރީޚުގައި އިލެކްޝަންސް ކޮމިޝަނަށް އެ ޕާޓީއިން އެންގުމުން، އެ ޕާޓީގެ ދަފްތަރުން މައްސަލަ ހުށަހެޅި ފަރާތް 31 އޮކްޓޫބަރު 2017 ގެ ތާރީޚުގައި އުނިކޮށްފައިވާކަން އިލެކްޝަންސް ކޮމިޝަނުން 31 އޮކްޓޫބަރު 2017 ގެ ތާރީޚުގައި ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ އެ ކޮމިޝަންގެ ނަންބަރު 38-EA/57/2017/33 ގެ ސިޓީއިން އެނގެން އޮތް ނަމަވެސް، މައްސަލަ ހުށަހެޅި ފަރާތުގެ މައްޗަށް ޕީ.ޕީ.އެމް އިން ބަޔާންކުރެވުނު އިޖުރާއާތުތައް ހިންގާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާ ނިމުނު ތާރީޚުކަމުގައިވާ 13 ޖުލައި 2017 ވަނަ ދުވަހުގެ ކުރީގައި މައްސަލަ ހުށަހެޅި ފަރާތުން ކޮށްފައިވާކަމަށް ބުނާ ޢަމަލެއްގެ މައްޗަށްކަން ސާފުކަން ބޮޑު ގޮތެއްގައި އެނގެން އޮންނާތީ، މައްސަލަ ހުށަހެޅި ފަރާތަށް ދިމާވެފައިވާ މި ޙާލަތު (ޕީ.ޕީ.އެމްގެ މެންބަރުކަމުން މައްސަލަ ހުށަހެޅި ފަރާތް ވަކިކުރިކަމަށް ބުނާ ޙާލަތު) އަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާގެ ޙުކުމާއި އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-SJ/09 ކޯޓު އަމުރުގައި ބަޔާންކުރެވިފައިވާ އުޞޫލުތައް އެ ޙާލަތުގެ މައްޗަށް ތަޠްބީޤުކޮށް ތަންފީޛުކުރެވޭނެ ޙާލަތެއް ނޫންކަން ސާފުކަން ބޮޑު ގޮތެއްގައި އެނގެން އޮންނަ ކަމެވެ.

(މ) ދިހަވަނަ ކަމަކީ، ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) އަށް 03 ވަނަ އިޞްލާޙު ގެނެވުނު ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ސިޔާސީ ޕާޓީގެ ޤާނޫނުގެ 19 ވަނަ މާއްދާއިން ސިޔާސީ ޕާޓީގެ ދަފްތަރު ބެލެހެއްޓުމަކީ އިލެކްޝަންސް ކޮމިޝަންގެ މަސްއޫލިއްޔަތެއްކަން އެނގެން އޮތްނަމަވެސް، ސިޔާސީ ޕާޓީއެއްގެ ދަފްތަރުން ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ނަން އުނިނުކުރާހާ ހިނދަކު އެ ފަރާތެއް ބެލެވޭނީ އެ ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި ކަމަށް ޞަރީޙަކޮށް ނުވަތަ އެނޫންގޮތަކަށް ނަމަވެސް ބުނާ ޢިބާރާތެއް ބަޔާންކުރެވުނު ޤާނޫނުގެ ބަޔާންކުރެވުނު މާއްދާގައި އައިސްފައިނުވާކަން އެނގެން އޮންނަ އޮތުމުގެ އިތުރުން، ޤާނޫނުގެ ކުރިމަތީގައި، އަދި އެމީހެއްގެ މައްޗަށް ޤާނޫނު ހިންގުމުގައި ކޮންމެ މީހަކީވެސް ހަމަހަމަވެގެންވާ މީހެއްކަމާއި، އަދި ޤާނޫނުގެ ރައްކާތެރިކަމާއި، ޤާނޫނުން ލިބިދޭ މަންފާތައް ހަމަހަމަކަމާއެކު ލިބުމަކީ ހަމަކޮންމެ މީހެއްގެ އަސާސީ ޙައްޤެއްކަން ޤާނޫނުއަސާސީގެ 20 ވަނަ މާއްދާއިން އެނގެން އޮތުމުން އިލެކްޝަންސް ކޮމިޝަނުން، އެ ކޮމިޝަންގައި އޮންނަ ޕީ.ޕީ.އެމްގެ ދަފްތަރުން މައްސަލަ ހުށަހެޅި ފަރާތް 31 އޮކްޓޫބަރު 2017 ގެ ތާރީޚުގައި އުނިކުރިކުރުމަކީ، މައްސަލަ ހުށަހެޅި ފަރާތް ޕީ.ޕީ.އެމްގެ މެންބަރުކަމުން 10 ޖުލައި 2017 ވަނަ ދުވަހު އަމިއްލައަށް ވަކިވެފައިވުމުގެ ސަބަބުން މައްސަލަ ހުށަހެޅި ފަރާތަކީ ޕީ.ޕީ.އެމްގެ މެންބަރެއް ނޫންކަމުގައި ބެލުމަށް އެ ފަރާތަށް ލިބިފައިވާ އެއްވެސް ޙައްޤަކަށް ހުރަސްއެޅޭނެކަމެއް ނޫންކަން ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 14 ވަނަ މާއްދާގެ (ސ) ގެ ދަށުން ބާރުލިބިދޭ ޕީ.ޕީ.އެމްގެ އަސާސީ ޤަވާޢިދުގެ 20 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ މައްޗަށް ރިޢާޔަތްކޮށް ބެލުމުން އެނގެން އޮންނަ ކަމެވެ.

(ފ) އެގާރަވަނަ ކަމަކީ، މައްސަލަ ހުށަހެޅި ފަރާތަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާގައި ޙުކުމްކުރި ތާރީޚުކަމުގައިވާ 13 ޖުލައި 2017 ވަނަ ދުވަހުގެ ކުރީގެ ތާރީޚެއްކަމުގައިވާ 10 ޖުލައި 2017 ގެ ތާރީޚުގައި ޕީ.ޕީ.އެމްގެ މެންބަރުކަމުން އަމިއްލައަށް ވަކިވެފައިވާ ފަރާތެއްކަމަށް ޤާނޫނީގޮތުން ބަލަންޖެހޭ ފަރާތެއްކަން އިސްވެ ބަޔާންކުރެވިދިޔަ ޤާނޫނީ ހަމަތަކުގެ މަތިން އެނގެން އޮތްއިރު، މައްސަލަ ހުށަހެޅި ފަރާތަކީ އެ ތާރީޚުގެ ފަހުން ޤަވާޢިދުން އަލުން އެ ޕާޓީގެ މެންބަރަކަށް ވެފައިވާ ފަރާތެއްކަން އެނގެން ނެތްއިރު، 28 އޮކްޓޫބަރު 2017 ގައި މައްސަލަ ހުށަހެޅި ފަރާތް ޕީ.ޕީ.އެމް އިން ވަކިކުރެވިފައިވާކަމަށް ޕީ.ޕީ.އެމް އިން ނިންމާފައިވަނީވެސް 03 ޖުލައި 2017 ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޤަރާރެއްގައި މައްސަލަ ހުށަހެޅި ފަރާތުން ސޮއިކޮށްފައިވާކަމަށް ބުނެ، އެ ވާޤިޢާގެ މައްޗަށްކަން އެނގެން އޮންނާތީ، މައްސަލަ ހުށަހެޅި ފަރާތަށް ދިމާވެފައިވާ މި ޙާލަތަކީ ޤާނޫނު ނަންބަރު 2018/2 (އެންޓި-ޑިފެކްޝަން ޤާނޫނު) ގެ ދަށުން ވެސް މައްސަލަ ހުށަހެޅި ފަރާތް ރައްޔިތުންގެ މަޖިލީހުގައި ތަމްޘީލުކުރަމުންދިޔަ ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު އުތުރު ދާއިރާ ގެ މެންބަރުކަމުގެ ގޮނޑި އެ ޙާލަތެއްގެ ސަބަބުން ހުސްވެފައިވާކަމަށް ބެލެވޭނެ ޙާލަތެއްކަމުގައި ނުބެލެވޭ ކަމެވެ.

ޙުކުމް:

އިސްވެބަޔާންވެދިޔަ ސަބަބުތައް އެގޮތުގެމަތިން ހުރުމާއެކު، މި މައްސަލަ ހުށަހެޅި ފަރާތްކަމުގައިވާ ޏ. ފުވައްމުލައް، ދަނޑިމަގު، ދޫރެސް، ޢަލީ ޝާހް އަށް ދިމާވެފައިވާ، ޕީ.ޕީ.އެމްގެ މެންބަރުކަމުން ވަކިކުރިކަމަށް ބުނާ ޙާލަތަކީ، އެ ޙާލަތުގެ މައްޗަށް ބަލައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާގެ ޙުކުމް، މައްސަލަ ހުށަހެޅި ފަރާތުގެ މައްޗަށް ތަޠްބީޤުކޮށް ތަންފީޛުކުރެވޭނެ ޙާލަތެއް ނޫންކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާގެ ޙުކުމާއި އަދި އެ ޙުކުމް ތަޠުބީޤުކޮށް ތަންފީޛުކުރުމުގައި ރިޢާޔަތްކުރަންޖެހޭ އުޞޫލުތައް އިތުރަށް ބަޔާންކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރެފައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-SJ/09 ކޯޓު އަމުރަށް ބެލުމުން ސާފުކަން ބޮޑު ގޮތެއްގައި އެނގެން އޮންނާތީ، މައްސަލަ ހުށަހެޅި ފަރާތްކަމުގައިވާ، ޏ. ފުވައްމުލައް، ދަނޑިމަގު، ދޫރެސް، ޢަލީ ޝާހް ރައްޔިތުންގެ މަޖިލީހުގައި ތަމްޘީލުކުރަމުންދިޔަ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރުކަމުގެ ގޮނޑި ހުސްވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައި، އެ ދާއިރާއަށް މެންބަރަކު ހޮވުމަށްޓަކައި ބައި-އިލެކްޝަން ބޭއްވުމަށް 31 އޮކްޓޫބަރު 2017 ގައި އިލެކްޝަންސް ކޮމިޝަނުން މައްސަލަ ހުށަހެޅި ފަރާތާމެދު ނިންމާފައިވާ އެ ކޮމިޝަންގެ އެ ނިންމުމަކީ ބާޠިލް ނިންމުމެއްކަމަށް ކަނޑައަޅައި، އިލެކްޝަންސް ކޮމިޝަންގެ ބަޔާންވެދިޔަ ނިންމުމުގެ ސަބަބުން މައްސަލަ ހުށަހެޅި ފަރާތްކަމުގައިވާ ޏ. ފުވައްމުލައް، ދަނޑިމަގު، ދޫރެސް، ޢަލީ ޝާހް ރައްޔިތުންގެ މަޖިލީހުގައި ތަމްޘީލުކުރަމުންއައި ފުވައްމުލަކު އުތުރު ދާއިރާގެ ގޮނޑި ހުސްނުވާ ކަމަށާއި މައްސަލަ ހުށަހެޅި ފަރާތްކަމުގައިވާ ޏ. ފުވައްމުލައް، ދަނޑިމަގު، ދޫރެސް، ޢަލީ ޝާހް އަކީ މިހާރުވެސް ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު އުތުރު ދާއިރާ ތަމްޘީލުކުރާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ކަނޑައަޅައި މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.

އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ

ފަނޑިޔާރު ޢަބްދުﷲ ޢަރީފް

ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ

ފަނޑިޔާރު ޢަބްދުﷲ ދީދީ

ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ