ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2018/SC-C/44ސުޕްރީމް ކޯޓު · 8 އޮކްޓޫބަރު 2018

—

ސުޕްރީމް ކޯޓު
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 8 އޮކްޓޫބަރު 2018ބާވަތް: ދުސްތޫރީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ

ޤަޟިއްޔާ ނަންބަރު: 2018/SC-C/44

ދަޢުވާކުރާ ފަރާތް: ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މއ. ކާމިނީހުޅަނގުގެ، މާލެ

ދަޢުވާ ލިބޭ ފަރާތް: އިލެކްޝަންސް ކޮމިޝަން

ތަދައްޚުލްވި ފަރާތް: 1. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ

2. ޖުމްހޫރީ ޕާޓީ

3. ޢަދާލަތު ޕާޓީ

4. މައުމޫން ޢަބްދުލްޤައްޔޫމް

މައްސަލައިގެ ބާވަތް: ދުސްތޫރީ މައްސަލަ

މައްސަލަ އައިގޮތް: ދުސްތޫރީ މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

ހުށަހެޅުނު ތާރީޚް: 10 އޮކްޓޫބަރު 2018

ރަޖިސްޓްރީ ކުރެވުނު ތާރީޚް: 11 އޮކްޓޫބަރު 2018

ނިމުނު ތާރީޚް: 21 އޮކްޓޫބަރު 2018

މައްސަލަ ނިންމި ގަޑި: 14:35

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޢަބްދުﷲ ދީދީ، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު

މައްސަލައިގެ ޚުލާޞާ

މިއީ، ދިވެހިރާއްޖޭގައި ބޭއްވޭ ޢާންމު އިންތިޚާބުތަކާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތަކާ ގުޅޭ އެންމެހައި ކަންތައްތައް އިންތިޒާމްކޮށް ހަމަޖެއްސުމުގެ މަސްއޫލިއްޔަތު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއިން މަތިކޮށްފައިވާ މިނިވަން މުސްތަޤިއްލު މުއައްސަސާކަމުގައިވާ، އިލެކްޝަންސް ކޮމިޝަންގެ މަސްއޫލިއްޔަތު އަދާކުރަންވާނީ، ވަކިފަރާތަކަށް ބުރަނުވެ، ޤާނޫނުއަސާސީއާއި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަމަށް ޤާނޫނުއަސާސީގެ 167 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައި އޮތްއިރު، އަދި އެ ކޮމިޝަނުން ބާއްވާ އިންތިޚާބުތަކާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުނެގުމަށް ކުރަންޖެހޭ ކަންތައްތައް ހިނގަނީ އިންޞާފުވެރިކަމާއެކު، ބިރުވެރިކަމެއް، ބިރުދެއްކުމެއް، ތަޅާފޮޅުމެއް، ނުރަގަނޅު ނުފޫޒެއް، އަދި ކޮރަޕްޝަނެއް ނެތި މިނިވަންކަމާއެކު ރައްޔިތުންނަށް ވޯޓުލުމުގެ ޙައްޤު ފުރިހަމައަށް އަދާކުރެވޭގޮތަށްކަން ކަށަވަރުކުރުމަކީ އެ ކޮމިޝަންގެ މަސްއޫލިއްޔަތެއްކަމަށް ޤާނޫނުއަސާސީގެ 170 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅައި ބަޔާންކޮށްފައި އޮތްއިރު، އަދި ދިވެހި ދައުލަތުގެ އެންމެ އިސްވެރިޔާކަމަށްވާ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިންތިޚާބުކުރަންވާނީ ސީދާ ރައްޔިތުންގެ ސިއްރު ވޯޓަކުންކަމަށް ޤާނޫނުއަސާސީގެ 108 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮތްއިރު، 2018 ސެޕްޓެންބަރު މަހުގެ 23 ވީ އާދީއްތަ ދުވަހު ދިވެހިރާއްޖޭގައި ބާއްވާފައިވާ ރިޔާސީ އިންތިޚާބުގެ ކަންކަން އިލެކްޝަންސް ކޮމިޝަންގެ ފަރާތުން އިންތިޒާމްކޮށް ރާވައި ހިންގާފައިވަނީ ޤާނޫނުއަސާސީއިން އެ ކޮމިޝަނަށް މަތިކޮށްފައިވާ، އިސްވެ މިދެންނެވުނު ދުސްތޫރީ ޒިންމާތަކާއި މަސްއޫލިއްޔަތުތަކާ ޚިލާފަށް، ދިވެހި ރައްޔިތުންނަށް ޤާނޫނުއަސާސީއިން ލިބިދީފައިވާ، ސީދާ ރައްޔިތުންގެ ސިއްރު ވޯޓަކުން، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިންތިޚާބުކުރުމަށް ވޯޓުދިނުމުގެ ޙައްޤު އިންޞާފުވެރިކަމާއި ނަޒާހަތްތެރިކަމާއެކު، ޤާނޫނުއަސާސީއާއި، ޤާނޫނުތަކާއި، 2013 ވަނަ އަހަރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-C/42 ޤަޟިއްޔާއިން ކަނޑައަޅައިފައިވާ ގައިޑްލައިންއާ އެއްގޮތްވާ ގޮތުގެމަތިން އަދާކުރެވޭ ފަދަ ގޮތަކަށް ނޫންކަމުގައިވާތީ، އެ އިންތިޚާބަކީ ރައްޔިތުންގެ މިނިވަން އިޚްތިޔާރާއި އިރާދަ ތަޢުބީރުކޮށްދޭ ޞައްޙަ އިންތިޚާބަކަށް ނުވާނެތީއާއި، އަދި އެކަމުގެ ސަބަބުން މުޅި މުޖްތަމަޢުގެ ޢާންމު މަޞްލަޙަތާއި "ނިޒާމް ޢާންމު" ގެއްލިގެން ދިޔުމުގެ ފުރުޞަތު އޮތަތީއާއި ހަމައެހެންމެ އެކަމުގެ ސަބަބުން ދައުލަތް ދޫސްތޫރީ ހަމަނުޖެހުމަކަށް ދިއުމުގެ އިޙްތިމާލު އޮތަތީ، މި ދަޢުވާގައި ބަޔާންކޮށްފައިވާ ކަންކަން ބަލައިދިނުމަށާއި، އެ އިންތިޚާބަކީ އެ އިންތިޚާބުގެ ޝަރުޢިއްޔަތު ގެއްލިފައިވާ ބާޠިލު އިންތިޚާބެއްކަމަށް ކަނޑައަޅައި ދިނުމަށާއި އަދި އެ އިންތިޚާބުގެ ނަތީޖާ ބާޠިލުކޮށްދިނުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި އިންތިޚާބާބެހޭ ޤާނޫނުތަކާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-C/42 ޤަޟިއްޔާގައި ކަނޑައަޅައިފައިވާ ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެމަތިން، ރައްޔިތުންގެ މިނިވަން އިޚްތިޔާރާއި އިރާދަ ތަޢުބީރުވެގެންދާނެކަން ކަށަވަރުވާނޭ ގޮތެއްގެމަތިން، ރިޔާސީ އިންތިޚާބު އަލުން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި، ޤާނޫނުއަސާސީގެ 108 ވަނަ މާއްދާއާއި 167 ވަނަ މާއްދާގެ (ހ) އާއި 170 ވަނަ މާއްދާގެ (ހ) އަށް ޙަވާލާދީ، ޤާނޫނުއަސާސީގެ 113 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ހ) އާއި އެ މާއްދާގެ (ޅ) އާއި، 10 ވަނަ މާއްދާގެ (ށ) އާއި 11 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (3) ވަނަ ނަންބަރާއި، ސުޕްރީމް ކޯޓުގެ ޤަވާޢިދުގެ 38 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ހުށަހެޅުމުން ބެލިފައިވާ ދުސްތޫރީ މައްސަލައެކެވެ.

މި މައްސަލައިގައި ދަޢުވާ ރައްދުވާ ފަރާތަކީ އިލެކްޝަންސް ކޮމިޝަންއެވެ.

އަދި މި މައްސަލައިގެ ތެރެއަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އިންނާއި، ޖުމްހޫރީ ޕާޓީ އިންނާއި، ޢަދާލަތު ޕާޓީ އިންނާއި، މއ. ކިނބިގަސްދޮށުގޭ މައުމޫން ޢަބްދުލްޤައްޔޫމުގެ ފަރާތުން ތަދައްޚުލްވެފައިވެއެވެ.

ފާހަގަކުރެވުނު ނުކުތާތައް:

މި މައްސަލައިގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި، ކަމާގުޅޭ ޤާނޫނު ތަކަށާއި ޤަވާޢިދުތަކަށާއި، ދަޢުވާކުރާ ފަރާތުންނާއި، ދަޢުވާލިބޭ ފަރާތުންނާއި، މައްސަލައިގެ ތެރެއަށް ތަދައްޚުލްވި ފަރާތްތަކުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި ލިޔުންތަކަށާއި، ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މިބާވަތުގެ އިންތިޚާބީ މައްސަލަތަކާގުޅޭ ޤަޟާއީ ސަވާބިޤު (Judicial Precedents) ތަކަށާއި، މިބާވަތުގެ މައްސަލަތަކުގައި ތަޠްބީޤުކުރެވޭ ދުސްތޫރީ އަދި ޤާނޫނީ ޢާންމު މަބްދައުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލައި ވިސްނިއިރު، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.

1- މި މައްސަލައަކީ ސުޕްރީމް ކޯޓަށް ބަލައިގަނެ ފައިޞަލާކުރަންޖެހޭ ބާވަތުގެ ދުސްތޫރީ މައްސަލައެއް ނޫންކަމަށް ބުނެ، މި މައްސަލައިގައި ދަޢުވާ ރައްދުވާ އިލެކްޝަންސް ކޮމިޝަނުންނާއި، މައްސަލައިގެ ތެރެއަށް ތަދައްޚުލްވި ފަރާތްތަކުން ޝަރީޢަތުގެ މަޖިލީހުގައި އިޖްރާއީގޮތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ދުސްތޫރީ އަދި ޤާނޫނީ ނަޒަރަކުން ބެލިއިރު، އުޞޫލެއްގެ ގޮތުން ދުސްތޫރީ މައްސަލަތަކަކީ ޤާނޫނެއްގެ ނުވަތަ ޤަވާޢިދެއްގެ ދުސްތޫރިއްޔަތުކަމާމެދު، ނުވަތަ ދައުލަތުގެ އިދާރާއެއްގެ ނުވަތަ މުއައްސަސާއެއްގެ ޢަމަލެއްގެ ނުވަތަ ޤަރާރެއްގެ ދުސްތޫރިއްޔަތުކަމާ މެދު ޠަޢުނުކުރެވުމުން "މަބްދައުލް ދުސްތޫރިއްޔާ" އާއި "މަބްދައުލް މަޝްރޫޢިއްޔާ" ގެ އަސާސްތަކާ އެއްގޮތްވާ ގޮތުގެމަތިން ފަޙްޞުކޮށް ބެލެވޭ މައްސަލަތަކާއި، ޤާނޫނުއަސާސީގެ މާއްދާއެއް ނުވަތަ މާއްދާއެއްގެ ބައެއްވިޔަސް މާނަކުރާންޖެހިއްޖެނަމަ އެކަމުގައި ގޮތެއް ކަނޑައެޅުމަށްޓަކައި ބެލެވޭ މައްސަލަތައްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 274 ވަނަ މާއްދާގެ (ހ) ގައި "ދުސްތޫރީ މައްސަލަ" މާނަކޮށްފައި އޮންނަގޮތަށް ބެލުމުން އެނގެން އޮންނައިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އަޞްލީ އިޚްތިޞާޞް ލިބިގެންވާކަމަށް ކަނޑައަޅައި ބަޔާންކޮށްފައިވާ އެންމެހައި މައްސަލަތަކަކީ އޭގެޒާތުގައިވެސް ދުސްތޫރީ މައްސަލަތައްކަމާ، އޭގެ ތެރޭގައި ޤާނޫނުއަސާސީގެ 74 ވަނަ މާއްދާއާއި، 113 ވަނަ މާއްދާއާއި، 95 ވަނަ މާއްދާއާއި، 143 ވަނަ މާއްދާގެ (ހ) އާއި، 258 ވަނަ މާއްދާގެ ދަށުން ހުށަހެޅޭ މައްސަލަތައް ޝާމިލުވެގެންވާކަމާ، ހަމަ އެހެންމެ، ޤައުމު ދުސްތޫރީ ހުސްކަމަކަށް ހިނގައިދާނެ ނުވަތަ ދުސްތޫރީ ނިޒާމުން ބޭރުވެދާނެފަދަ ޤާނޫނީ ސަބަބުތަކެއް އެކުލެވިގެންވާ މައްސަލަތަކާއި، ދައުލަތުގެ ދެ މުއައްސަސާއެއްގެ ދެމެދުގައި ނުވަތަ ދެ ބާރެއްގެ ދެމެދުގައި ޤާނޫނުއަސާސީ މާނަކުރުމާ ގުޅޭގޮތުން އުފެދޭ މައްސަލަތަކާއި، ޤައުމުގެ ޢާންމު މަޞްލަޙަތާ ގުޅިފައިވާ ދުސްތޫރީ މައްސަލަތަކުގެ އިތުރުން، ސުޕްރީމް ކޯޓަކީ ޢަދުލު އިންޞާފު ޤާއިމްކުރުމުގެ އެންމެ އިސް ފަރާތުގެ ޙައިޘިއްޔަތުން އޭގެޒާތުގައި އެ ކޯޓަށް ލިބިދޭ ބާރުގެ ދަށުން ބަލާ މައްސަލަތަކަކަކީ ވެސް ސުޕްރީމް ކޯޓަށް އަޞްލީ އިޚްތިޞާޞް ލިބިގެންވާ ދުސްތޫރީ މައްސަލަތައްކަމާއި، މިކަން ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 9 ވަނަ މާއްދާއާއި، 10 ވަނަ މާއްދާއާއި، 11 ވަނަ މާއްދާއާއި، 13 ވަނަ މާއްދާގެ (ހ) އިން ކަށަވަރުކޮށްދީފައިވާކަން އެނގެން އޮންނައިރު، މި މައްސަލައިގެ ދަޢުވާގެ ޞީޣާއަށާއި، ދަޢުވާ ބިނާކޮށް ހުށަހަޅާފައިވާ މައިގަނޑު ސަބަބުތަކަށް ބަލާއިރު، ދައުލަތުގެ ދުސްތޫރީ ނިޒާމާއި އަދި ރައްޔިތުންގެ އަސާސީ ޙައްޤުތަކާއި މިނިވަންކަމާ ގުޅިފައިވާ ރިޔާސީ އިންތިޚާބުފަދަ ކަންކަމާ ގުޅިގެން އުފެދޭ، ދައުލަތް ދުސްތޫރީ ހުސްކަމަކަށް ހިނގައިދާނޭ، ޢާންމު މަޞްލަޙަތާ ގުޅިފައިވާ ދުސްތޫރީ ޠަބީޢަތުގެ ޚުޞޫމަތްތައް ބަލައި ފައިޞަލާކުރުމަކީ، އޭގެޒާތުގައި ޢަދުލު އިންޞާފު ޤާއިމުކުރުމުގެ އެންމެ އިސް ފަރާތުގެ ހައިސިއްޔަތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިގެންވާ އިޚްތިޞާޞެއްކަން ސާފުކޮށް އެނގެން އޮންނަކަމާ، އެހެންކަމުން، މި މައްސަލައަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 113 ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (3) ވަނަ ނަންބަރުގެ ދަށުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މި މައްސަލައިގެ މައުޟޫޢޫގެ މައްޗަށް ބަލައި ފައިޞަލާކޮށް ގޮތެއް ކަނޑައަޅަންޖެހޭ ބާވަތުގެ މައްސަލައެއްކަމާ މެދު ޖަދަލުކުރެވޭނެ ދުސްތޫރީ އަސާސެއް ނެތްކަމާއި، މި އެންމެހައި ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، މި މައްސަލައިގައި ދަޢުވާ ރައްދުވާ ފަރާތުންނާއި، ތަދައްޚުލްވި ފަރާތްތަކުން މި މައްސަލައަކީ ސުޕްރީމް ކޯޓަށް ބަލައިގަނެ ފައިޞަލާކުރަންޖެހޭ ބާވަތުގެ ދުސްތޫރީ މައްސަލައެއް ނޫންކަމަށް ބުނެ ދައްކާފައިވާ ވާހަކަތައް ބިނާކޮށްފައިވަނީ ޞައްޙަ ދުސްތޫރީ އަސާސްތަކެއްގެ މައްޗަށް ނޫންކަން އެނގެން އޮވެއެވެ.

2- މި މައްސަލައިގައި ދަޢުވާކުރާ ފަރާތުން ހުށަހަޅާފައިވާ ބައެއް ވަޤާއިޢުތައް ޘާބިތުކުރުމަށްޓަކައި ހަތަރު ފަރާތެއް ސިއްރު ހެކިންގެ ގޮތުގައި ހުށަހަޅައި އެފަރާތްތަކުގެ ހެކިބަސް ނަގައިދިނުމަށް ދަޢުވާކުރާ ފަރާތުން އެދިފައި އޮންނަ އޮތުމަށް ބެލިއިރު، ޤާނޫނީ އިޞްޠިލާޙުގައި ހެކިދިނުމަކީ މީހަކު އޭނާގެ އަމިއްލަ ލޮލުން ދުށް ނުވަތަ އަޑުއެހި، ނުވަތަ އޭނާގެ ފަސް ޙިއްސުގެ ތެރެއިން ޙިއްސަކަށް އެނގިފައިވާ ކަމަކާމެދު އިޤްރާރުވުން ކަމުގައި ވީހިނދު، ޝަރީޢަތުގައި ނަގާ ހެކިބަހަކީ ޢާންމު އުޞޫލެއްގެ ގޮތުގައި ހާމަކަމާއެކު، ހެކިބަސްދޭ ފަރާތުގެ އައިޑެންޓިޓީ ސިއްރުކުރުމަކާ ނުލައި ނަގާ ހެކިބަހެއްކަމާއި، ޓެރަރިޒަމް ގެ ޖަރީމާތަކާއި، އިންސާނިއްޔަތާ ޚިލާފަށް ހިންގޭ ޖަރީމާތައް ފަދަ ބޮޑެތި އަދި 'މުނައްޡަމު' (organized) ޖަރީމާތަކާ ގުޅިފައިވާ ބޮޑެތި ޖިނާއީ މައްސަލަތަކުގައި އިސްތިޘްނާއީކޮށް ސިއްރު ހެކިބަސް ނަގާގޮތަށް ބައެއް ޖުރިސްޑިކްޝަންތަކުގެ ޖިނާއީ ޢަދްލުގެ ނިޒާމުތަކުގައި ކަނޑައެޅިފައި އޮތުމުގެ ޙަޤީޤީ މަޤުޞަދަކީ ހެކިވެރިޔާގެ ޙައްޤުތައް ޙިމާޔަތްކޮށް އެފަރާތުގެ ޝަހުޞީ ސަލާމަތްތެރިކަން ރައްކާތެރިކޮށް ހެކިވެރިޔާގެ ހެކިބަސް ޝަރީޢަތަށް ވާޞިލުވުން ގެރެންޓީކުރުން ކަމާއި، ޖިނާއީ ނޫން މައްސަލަތަކުގައި ހެކިބަސް ސިއްރުކުރުމަކީ ޢާންމު އުޞޫލެއްގެ ގޮތުގައި ކޯޓުތަކުން ހުއްދަކުރާ ކަމެއް ނޫންކަން ތަފާތު ޖުރިސްޑިކްޝަންތަކުގައި އިސްތިޤުރާރުވެފައިވާ ޤަޟާއީ ޕްރެކްޓިސްތަކަށް ބެލުމުން އެނގެން އޮންނަކަމާއި، ޖިނާއީ ނޫން މައްސަލައެއްގައި ސިއްރު ހެކިބަސް ނެގުމާ ނުވަތަ ނުނެގުމާމެދު، އެ މައްސަލައެއްގެ ބާވަތަށާއި، މައްސަލައިގައި ހިމެނޭ އެންމެހައި ވަޤާއިޢުތަކާއި ހުށަހެޅިފައިވާ ހެކިތަކާއި ދަލީލުތަކަށް ބެލުމަށް ފަހު، ގޮތެއް ނިންމުމަކީ މައްސަލަ ބަލާ ފަނޑިޔާރުންގެ ތަޤުދީރީ ބާރުގެ ތެރޭގައި ހިމެނޭކަމެއްކަން އެނގެން އޮންނައިރު، މި މައްސަލައިގެ ބާވަތަށާއި، ހުށަހެޅިފައިވާ ވަޤާއިޢުތަކަށާއި ދަލީލުތަކަށާއި އަދި މުޅި މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންތަތަކަށް ބެލުމަށްފަހު، ސިއްރު ހެކިބަސް ނެގުމަކީ އެ ހެކިބަހުގެ މިޞްދާޤިއްޔަތުކަން ގެއްލިގެން ހިނގައިދާނެ ކަމަކަށްވާތީ، މި މައްސަލައިގައި ދަޢުވާކުރާ ފަރާތުން ހުށަހެޅުމަށް އެދިފައިވާ ސިއްރު ހެކިންގެ ހެކިބަސް ބަލައިނުގަތުމަށް ނިންމުނެވެ.

3- ދިވެހިރާއްޖޭގެ އިންތިޚާބުތަކާބެހޭ އެންމެހައި ކަންތައްތައް ތަންޒީމުކޮށް ހިންގުމުގެ ދުސްތޫރީ އަދި ޤާނޫނީ މަސްއޫލިއްޔަތު މަތިކުރެވިފައިވަނީ އިލެކްޝަންސް ކޮމިޝަނަށްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 170 ވަނަ މާއްދާއިން ސާފުކޮށް އެނގެން އޮންނަކަމާއި، މިގޮތުން އިންތިޚާބުތަކާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުނެގުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމާއި، އެ ކަންތައްތައް ހިންގުމާއި، ބެލެހެއްޓުމާއި، އެކަންތައްތަކަށް މަގުފަހިކުރުމާއި އަދި އިންތިޚާބުތަކާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތަކުގެ ކަންތައްތައް ހިނގަނީ އިންޞާފުވެރިކަމާއެކު، ބިރުވެރިކަމެއް، ބިރުދެއްކުމެއް، ތަޅާފޮޅުމެއް، ނުރަނގަޅު ނުފޫޒެއް، އަދި ކޮރަޕްޝަނެއް ނެތި މިނިވަންކަމާއެކު ރައްޔިތުނަށް ވޯޓުލުމުގެ ޙައްޤު ފުރިހަމައަށް އަދާކުރެވޭ ގޮތަށްކަން ކަށަވަރުކުރުމާއި، އިންތިޚާބުތަކާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތަކުގައި، ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ ތައްޔާރުކުރުމާއި، އެ ރަޖިސްޓަރީއަށް ގެންނަންޖެހޭ އުނިއިތުރު ގެނައުމާއި، ބެލެހެއްޓުމާއި، އިންތިޚާބުތަކާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުނެގުމާ ބެހޭގޮތުން ހަމަޖައްސަންޖެހޭ އެންމެހައި އިންތިޒާމުތައް ހަމަޖެއްސުމަކީ އިލެކްޝަންސް ކޮމިޝަންގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށް ޤާނޫނުއަސާސީގެ ބުނެވިދިޔަ 170 ވަނަ މާއްދާގެ (ހ) އާއި (ށ) ގެ ޞަރީޙަ ނައްޞުގައި ކަނޑައަޅައި ބަޔާންކޮށްފައި އޮންނައިރު، އިލެކްޝަންސް ކޮމިޝަންގެ ބަޔާންވެދިޔަ މަސްއޫލިއްޔަތުތަކަކީ ކަމާބެހޭ ޤާނޫނުތަކާއި ޤަވާޢިދުތަކުގައި ކަނޑައަޅައި ބަޔާންވެގެންވާ އިޖްރާއާތުތަކާ އެއްގޮތްވާ ގޮތުގެމަތިން ނަޒާހަތްތެރިކަމާއެކު، ވަކިފަރާތަކަށް ބުރަނުވެ، މުސްތަޤިއްލުކަމާއެކު އަދާ ކުރަންޖެހޭ މަސްއޫލިއްޔަތުތަކަކަށް ވާންޖެހޭނެކަން އެނގެން އޮވެއެވެ.

4- 2018 ވަނަ އަހަރުގެ ސެޕްޓެންބަރު 23 ވީ އާދިއްތަ ދުވަހު، އިލެކްޝަންސް ކޮމިޝަނުން ދިވެހިރާއްޖޭގައި ބާއްވާފައިވާ ރިޔާސީ އިންތިޚާބުގެ ކަންކަން އެ ކޮމިޝަންގެ ފަރާތުން އިންތިޒާމްކޮށް ރާވައި ހިންގާފައިވަނީ ޤާނޫނުއަސާސީއިން އެ ކޮމިޝަނަށް މަތިކޮށްފައިވާ ދުސްތޫރީ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އެއްފަރާތްކޮށް، ދިވެހި ރައްޔިތުންނަށް ޤާނޫނުއަސާސީއިން ލިބިދީފައިވާ، ސީދާ ރައްޔިތުންގެ ސިއްރު ވޯޓަކުން، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިންތިޚާބުކުރުމަށް ވޯޓުދިނުމުގެ ޙައްޤު އިންޞާފުވެރިކަމާއި ނަޒާހަތްތެރިކަމާއެކު، ޤާނޫނުއަސާސީއާއި، ޤާނޫނުތަކާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-C/42 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެމަތިން އަދާކުރެވޭފަދަ ގޮތަކަށް ނޫންކަމަށާ، މިގޮތުން، އިންތިޚާބެއްގައި ބޭނުންކުރެވޭ ވޯޓު ކަރުދާހަކީ، އެ ކަރުދާސް ތައްޔާރުކުރެވިފައިވާ ގޮތުން ނުވަތަ އެ ކަރުދާސް ތައްޔާރުކުރުމުގައި އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ޢަމަލުކޮށްފައިވާ ގޮތުން ނުވަތަ އެ ކަރުދާސް ތައްޔާރުކުރުމަށްފަހު އެ ކަރުދާސް ރައްކާކޮށް ބެލެހެއްޓުމުގައި ޢަމަލުކޮށްފައިވާ ގޮތުން، އެ ކަރުދާހުގެ ޞައްޙަކަމާމެދު ނުވަތަ އެ ކަރުދާސް ބޭނުންކޮށްގެން އިންތިޚާބުގައި މަކާރާއި ޙީލަތް ހެދުމުގެ ފުރުޞަތު އެއްވެސް ފަރާތަކަށް ނުލިބޭނެ ގޮތަށް ފަރުމާކުރެވި ތައްޔާރުކުރެވިފައިވާ ރައްކާތެރިކަމާއެކު ބެލެހެއްޓިފައިވާ ކަރުދާހެއްކަން ކަށަވަރުކުރުމަކީ އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ލާޒިމްވެގެންވާ ކަމެއްކަމުގައިވާއިރު، އެގޮތަށް އެ ކޮމިޝަނުން ޢަމަލުކޮށްފައި ނުވާކަމަށް ބުނެ، މި މައްސަލަ ހުށަހެޅި ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، އެވާހަކަތަކަށް ޖަވާބުދާރީވަމުން އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.

(ހ) ފުރަތަމަ ކަމަކީ، އިންތިޚާބެއްގައި ވޯޓު އޮޅުވާލުމާއި މަކަރާއި ޙީލަތް ހެދުމަށް މަގުފަހިވެދާނެ އެންމެހައި ކަންތައްތައް ހުއްޓުވޭނެ ގޮތްތައް އިންތިޒާމުކުރެވިފައި އޮތުމަކީ އެ އިންތިޚާބެއްގެ މިނިވަންކަމާއި އިންޞާފުވެރިކަމާއި ނަޒާހަތްތެރިކަން ކަށަވަރުކުރުމަށް ކޮންމެހެން ޟަރޫރަތްތެރިކަމެއްކަން އެނގެން އޮންނައިރު، އިންތިޚާބެއްގައި މަކަރާއި ޙީލަތް ހަދައި ވޯޓު އޮޅުވާލުމަކީ އެ ވޯޓެއްގެ ޝަރުޢިއްޔަތުކަން ގެއްލިގެންދާނެ ކަމެއްކަމާއި، އިންތިޚާބެއްގައި ވޯޓު އޮޅުވާލާފައިވާކަމަށް ބުނެ ކަމާބެހޭ ކޯޓެއްގައި ދަޢުވާކުރެވޭ ހިނދު، އެ ދަޢުވާ ޘާބިތުކުރުމުގެ ބުރަ ޤާނޫނީ އިޖްރާއާތުގެ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، އުފުލަންވާނީ ވޯޓު އޮޅުވާލާފައިވާކަމަށް ބުނެ ދަޢުވާކުރާ ފަރާތުންކަން އެނގެން އޮންނަކަމެވެ.

(ށ) ދެވަނަ ކަމަކީ، 23 ސެޕްޓެންބަރު 2018 ގައި އިލެކްޝަންސް ކޮމިޝަނުން ދިވެހިރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ބޭނުންކުރުމަށް އެ ކޮމިޝަންގެ ފަރާތުން ފަރުމާކޮށް ޗާޕްކޮށްފައިވާ ވޯޓު ކަރުދާސް ފަރުމާކުރުމުގަޔާއި ޗާޕްކުރުމުގަޔާއި އަދި ކަރުދާސް ޗާޕްކުރުމަށްފަހު އެ ކަރުދާސް ރައްކާތެރިކަމާއެކު ބެލެހެއްޓުމުގައި އެ ކޮމިޝަނުން ޢަމަލުކޮށްފައިވާ ގޮތުން އެ ކަރުދާސް ބޭނުންކޮށްގެން މަކަރާއި ޙީލަތް (Electoral Fraud) ހެދުމަށް ވަކިބަޔަކަށް މަގުފަހިކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކޮށްފައިވަކަމަށް ބެލެވޭކަމަށް ބުނެ، މައްސަލަ ހުށަހަޅާ ފަރާތުގެ ނަޒަރުގައި އެކަމަށް ދަލީލުކޮށްދޭ ކަންކަން ފާހަގަކޮށް އޭގެ މައްޗަށް ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވާ ކަމާ؛ މިގޮތުން ބަލާއިރު، ރިޔާސީ އިންތިޚާބުގައި ބޭނުންކުރެވުނު ވޯޓު ކަރުދާސް ޗާޕްކުރުމަށް ބަޔަކާ ޙަވާލުކުރުމުގައި އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ޢަމަލުކޮށްފައިވަނީ އެ ކަރުދާހުގެ ޞައްޙަކަމާއި އޯތެންޓިސިޓީއާމެދު ބޮޑެތި ސުވާލުތައް އުފެދޭ ގޮތަށްކަމަށާއި، އޭގެ އެންމެ ބޮޑު ދަލީލަކީ، ރިޔާސީ އިންތިޚާބުގައި ބޭނުންކުރެވުނު ވޯޓު ކަރުދާސް ޗާޕްކުރުމަށް ޙަވާލުކުރާނެ ބައެއް ކަނޑައެޅުމުގައި އެ ކޮމިޝަނުން ޢަމަލުކޮށްފައިވާ ގޮތްކަމަށާއި، އެގޮތުން، ރިޔާސީ އިންތިޚާބުގައި ބޭނުންކުރެވުނު ވޯޓު ކަރުދާސް ޗާޕްކުރުމަށް ބިޑު ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ދަޢުވަތު ދީފައިވާ ދެ ކުންފުނި ކަމަށްވާ ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝަރސް ޕްރައިވެޓް ލިމިޓެޑް އާއި، އެމް.ސެވަން ޕްރިންޓް ޕްރައިވެޓް ލިމިޓެޑަށް ބަލާއިރު، އޭގެތެރެއިން، ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝަރސް ޕްރައިވެޓް ލިމިޓެޑަކީ، އެކަމުގެ ޓެކްނޮލޮޖީއާއި ތަޖުރިބާ ހުރި އަދި ވޭތުވެދިޔަ ފަންސާހަކަށް އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގައި ބޭއްވުނު މިފަދަ އިންތިޚާބުތަކުގައި ބޭނުންކުރެވުނު ވޯޓު ކަރުދާސް ޗާޕްކޮށްފައިވާ ކުންފުނިކަމަށްވާއިރު، އަދި މި ދެ ކުންފުނީގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ބިޑު ޑޮކިއުމަންޓްތައް އިވެލުއޭޓްކުރިއިރު، އެމް.ސެވަން ޕްރިންޓް ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވާ ޢަދަދަށްވުރެ 32.7 (ބައްތިރީސް ޕޮއިންޓް ހަތެއް) ޕޮއިންޓް ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝަރސް ޕްރައިވެޓް ލިމިޓެޑަށް އިތުރަށް ލިބިފައިވީ ނަމަވެސް، ވޯޓު ކަރުދާހުގައި 3 (ތިނެއް) ސެކިއުރިޓީ ފީޗަރ ހުންނަންޖެހޭނެކަމަށް ޓެކްނިކަލް ކޮމިޓީއިން ނިންމައި، އެ ނިންމުމުގެ މައްޗަށް ބިނާކޮށް ޙަވާލާދެވުނު ދެ ކުންފުނީގެ ފަރާތުން ހުށަހަޅާފައިވާ ބިޑުތައް ބާޠިލުކޮށް، ވޯޓު ކަރުދާހުގައި 3 (ތިނެއް) ސެކިއުރިޓީ ފީޗަރ ހިމަނައިގެން ވޯޓު ކަރުދާސް ޗާޕްކުރުމަށް އިތުރަށް ބިޑުކޮށްގެން އެކަން ކުރާނެ ވަގުތު ނެތްކަމަށް ބުނެ، ދައުލަތުގެ މާލިއްޔަތު ޤަވާޢިދަށް ރިޢާޔަތްކޮށް، ވޯޓު ކަރުދާސް ޗާޕްކުރުމުގެ މަސައްކަތް ބިޑުކުރުމަކާ ނުލައި އެމް.ސެވަން ޕްރިންޓް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކުރުމުގެ ހުއްދަ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އިން ހޯދުމަށްފަހު، އެމް.ސެވަން ޕްރިންޓް ޕްރައިވެޓް ލިމިޓެޑްއާ އެ މަސައްކަތް ޙަވާލުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވުމަކީ ވަކި ބޭނުމަކަށް ވަކި ބަޔަކާ ޙަވާލުކޮށްގެން ވަކިގޮތަކަށް ވޯޓު ކަރުދާސްތައް ޗާޕްކުރުމަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކޮށްފައިވާކަމަށް ބެލެވޭ ވަރުގަދަ ޤަރީނާއެއްކަމަށާ، އަދި މީގެ އިތުރުން، ރިޔާސީ އިންތިޚާބުގައި ބޭނުންކުރި ވޯޓު ކަރުދާސް ޗާޕްކުރުމަށް އިލެކްޝަންސް ކޮމިޝަނުން ޙަވާލުކޮށްފައިވާ އެމް.ސެވަން ޕްރިންޓް ޕްރައިވެޓް ލިމިޓެޑްއަކީ ރިޔާސީ އިންތިޚާބުގައި ވާދަކުރި އިދިކޮޅު ކޯލިޝަންގައި ހިމެނޭ އިސް ފަރާތެއްގެ މެޖޯރިޓީ ޙިއްޞާ އޮންނަ އަދި އެފަރާތުން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެޖޯރިޓީ ކޮންޓްރޯލްކުރާ ކުންފުންޏެއްކަމަށާއި، އެ ކުންފުނި މެދުވެރިކޮށްގެން ޗާޕުކުރި ވޯޓު ކަރުދާސް ބޭނުންކޮށްގެން ނާޖާއިޒް ގޮތެއްގައި މަކަރާއި ޙީލަތް ހަދައި އިންތިޚާބުގެ ނަތީޖާ އެފަރާތުން ބޭނުންވާ ގޮތަށް ނެރުމަށް މަގުފަހިވެފައިވާކަމަށް ބުނެ، މި މައްސަލަ ހުށަހަޅާ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 36 ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-C/42 ޤަޟިއްޔާގައި ކަނޑައަޅައިފައިވާ ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެމަތިން އިންތިޚާބުތަކުގައި ބޭނުންކުރާ ވޯޓު ކަރުދާސް ތައްޔާރުކުރުމަކީ އިލެކްޝަންސް ކޮމިޝަންގެ މަސްއޫލިއްޔަތެއް ކަމުގައިވާއިރު، އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ރިޔާސީ އިންތިޚާބު 2018 ގައި ވޯޓުލުމަށް ޓަކައި ތައްޔާރުކޮށްފައިވާ ވޯޓު ކަރުދާސް ޗާޕްކުރުމުގެ ކަންތައް އެމް.ސެވަން ޕްރިންޓް ޕްރައިވެޓް ލިމިޓެޑްއާ ޙަވާލުކުރުމަކީ ނުވަތަ އެ ކުންފުނީގެ ޙިއްޞާދާރެއްގެ ގޮތުގައި ވަކި ސިޔާސީ ފިކުރަކަށް ނިސްބަތްވާ މީހަކު ހުރުމަކީ، ހަމައެކަނި އޭގެ ޒާތުގައި އެކަމުގެ މައްޗަށް ބިނާކޮށް، އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ވަކި ބޭނުމަކަށް ވަކި ބަޔަކާ ޙަވާލުކޮށްގެން ވަކިގޮތަކަށް ވޯޓު ކަރުދާސް ޗާޕްކުރުމަށް މަސައްކަތް ކޮށްފައިވާކަމަށް ދަލާލަތުކޮށްދޭ ޤަރީނާއެއް ނޫންކަމާ، އަދި އެއީ ބުނެވުނު ކުންފުނި މެދުވެރިކޮށްގެން ޗާޕުކުރި ވޯޓު ކަރުދާސް ބޭނުންކޮށްގެން ނާޖާއިޒް ގޮތެއްގައި މަކަރާއި ޙީލަތް ހަދައި އިންތިޚާބުގެ ނަތީޖާ ވަކިފަރާތަކުން ބޭނުންވާ ގޮތަށް ނެރުމަށް މަގުފަހިވެފައިވާކަން ޘާބިތުކޮށްދޭ ދަލީލެއްވެސް ނޫންކަމާއި، އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ވަކި ކުންފުންޏަކާ ޙަވާލުކޮށްގެން ވަކިގޮތަކަށް ވޯޓު ކަރުދާސް ޗާޕްކުރުމަށް މަސައްކަތްކޮށް، އެ ކަރުދާސް ބޭނުންކޮށްގެން މަކަރާއި ޙީލަތް ހަދައި ވަކި ބައެއްގެ މަޞްލަޙަތަށް އިންތިޚާބުގެ ނަތީޖާ ނެރުމަށް މަގުފަހިވެފައިވާނަމަ، އެކަން ވާޤިޢީގޮތުން ހިނގާފައިވާކަން ޘާބިތުކުރުމަށް މައްސަލަ ހުށަހެޅި ފަރާތުން އެއްވެސް ހެއްކެއް ނުވަތަ ޤަރީނާއެއް ވިއަސް ހުށަހަޅާފައި ނުވާކަން އެނގެން އޮންނައިރު، މައްސަލަ ހުށަހެޅި ފަރާތުން އިލެކްޝަންސް ކޮމިޝަންއާ އިދިކޮޅަށް ކޮށްފައިވާ ބަޔާންވެދިޔަ ތުހުމަތުތަކަށް އެ ކޮމިޝަނުން އިންކާރުކޮށް ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވާ ކަމާ، މިގޮތުން ރިޔާސީ އިންތިޚާބު 2018 ގައި ވޯޓު ކަރުދާސް ޗާޕްކުރުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވަނީ އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު2013/SC-C/42 ޤަޟިއްޔާގައި ކަނޑައަޅައިފައިވާ ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމަށާއި، ވޯޓު ކަރުދާސް ޗާޕްކުރުމަށް އެމް.ސެވަން ޕްރިންޓް ޕްރައިވެޓް ލިމިޓެޑްއާ ޙަވާލުކުރުމަށް ނިންމާފައިވަނީ، ދައުލަތުގެ މާލިއްޔަތުގެ ޤަވާޢިދުގެ 10.25 ގެ (ރ) ގެ (2) އަދި (3) ވަނަ ނަންބަރުގެ ދަށުން، ސިންގަލް ސޯސް ޕްރޮކިއުމަންޓް އުޞޫލުން ވޯޓު ކަރުދާސް ޗާޕްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ހުއްދައަށް އެދި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ލިޔެ، އެ މިނިސްޓްރީގެ ނަންބަރު 13-K/38/2018/44 (13 ސެޕްޓެންބަރު 2018) ސިޓީ އިން، މާލިއްޔަތު ޤަވާޢިދުގެ 10.03 ވަނަ މާއްދާގެ (ހ) ގެ ދަށުން އެ މަސައްކަތް އެމް. ސެވަން ޕްރިންޓް ޕްރައިވެޓް ލިމިޓެޑްއާ ޙަވާލުކޮށްގެން ކުރިއަށް ގެންދިއުމުގެ ހުއްދަ ލިބިގެން ކަމަށް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ބުނެފައިވާކަން އެނގެން އޮންނައިރު، އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ރިޔާސީ އިންތިޚާބު 2018 ގައި ވޯޓުލުމަށް ތައްޔާރުކޮށްފައިވާ ވޯޓު ކަރުދާސް ޗާޕްކުރުމުގެ ކަންތައް އެމް.ސެވަން ޕްރިންޓް ޕްރައިވެޓް ލިމިޓެޑްއާ، އިސްވެ ބަޔާންވެދިޔަ ގޮތުގެމަތިން، ޙަވާލުކުރުމުގައި އެ ކޮމިޝަނުން ޢަމަލުކޮށްފައިވާ ގޮތަށް ބަލައި، އޭގައި ކޮރަޕްޝަންގެ ޢަމަލުތަކެއް ހިނގާފައިވާނަމަ، ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން، އަދި ޖިނާއީ އިޖްރާއާތުގެ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 64 ވަނަ މާއްދާގެ (ނ) އާއި (ރ) އަށް ރިޢާޔަތްކޮށް ކަމާބެހޭ ތަޙުޤީޤީ އިދާރާތަކުން އެ މައްސަލަ ތަޙުޤީޤުކޮށް އަޅަންޖެހޭ ފިޔަވަޅެއް އޮތްނަމަ އެ ފިޔަވަޅެއް އެޅުމަކަށް އެއްވެސް ހުރަހެއް ނެތްކަން އެނގެން އޮންނަ ކަމެވެ.

(ނ) ތިންވަނަ ކަމަކީ، އިލެކްޝަންސް ކޮމިޝަނުން ތައްޔާރުކުރި ވޯޓު ކަރުދާސް ޗާޕްކޮށްގެން އެ ކޮމިޝަނަށް ގެންދެވުނު ދުވަހުން ފެށިގެން އިންތިޚާބު ބޭއްވުނު ދުވަހާ ހަމައަށްވެސް އެ ކަރުދާސްތައް އެ ކޮމިޝަންގެ ތެރޭގައި ބެހެއްޓިފައި ހުރީ، ފުރިހަމައަށް ރައްކާތެރި ކުރެވިފައިވާ ތަނެއްގައި ނޫންކަމަށް މަޢުލޫމާތު ލިބިފައިވާކަމަށާއި، އެ ކަރުދާސްތައް ބަހައްޓާފައިހުރި ކޮޓަރިއަށް ވަދެނިކުތުމުގައި މާބޮޑު ދަތިތަކެއް ނެތްކަމަށާއި، އަދި އެތަނުން އެއްޗެއް ނުނެރޭކަން ނުވަތަ އެއްޗެއް ނުވައްދާކަންވެސް ކަށަވަރުކުރެވިފައިނުވާކަމަށް ބުނެ މައްސަލަ ހުށަހެޅި ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބެލިއިރު، އެކަން އެގޮތުގެމަތިން ހިނގާފައިވާކަން ޘާބިތުކުރުމަށް މައްސަލަ ހުށަހެޅި ފަރާތުން ހަރުދަނާ އެއްވެސް ހެއްކެއް ނުވަތަ ޤަރީނާއެއްވެސް ހުށަހަޅާފައި ނުވާކަމާ، އަދި އެކަމުގެ ސަބަބުން އިޝާރާތްކުރެވުނު ކޮޓަރީގައި ބެހެއްޓިފައިވާ ކަރުދާސްތައް ބޭނުންކޮށްގެން ވޯޓު އޮޅުވާލުމަށް މަގުފަހިވެފައިވަނީ ކޮންގޮތަކަށްކަން މައްސަލަ ހުށަހެޅި ފަރާތުން ބަޔާންކޮށްދީފައި ނުވާއިރު، ވޯޓު ކަރުދާސް ބަހައްޓާފައި ހުރީ ވޯޓު ކަރުދާހުގެ ސެކިއުރިޓީއާ ގުޅޭ އެންމެހައި ކަންކަން ކަށަވަރުކުރެވޭނެ ގޮތަށް އިލެކްޝަންސް ކޮމިޝަނުގައި ހެދިފައިވާ ސެކިއުރިޓީ ރޫމެއްގައި ކަމަށާއި، އެ ރޫމަށް ވަދެ ނިކުމެ ހެދޭނީ ކޮމިޝަނުން ދޫކޮށްފައިވާ ވަކި ޚާއްޞަ ފާހެއް އޮންނަ، ކޮމިޝަނުން ކަނޑައަޅާފައިވާ މުވައްޒަފުންނަށް އެކަނިކަމަށާއި، އަދި އެ ރޫމަށް ވަދެނިކުމެ އުޅުނު އެންމެހައި މުވައްޒަފުންގެ މަޢުލޫމާތު، ފުލުހުންގެ ޙާޟިރުގައި ޤަވާޢިދުން ލޮގް ކުރެވިފައިވާކަމަށާއި، އެ ރޫމަކީ ސީ.ސީ.ޓީ.ވީ ހަރުކުރެވި، ވަދެނިކުމެ އުޅޭ މީހުންނާއި ހިނގާ ނުހިނގާ ކަންކަން މޮނިޓަރކޮށް ބެލެހެއްޓޭ ގޮތަށް ތައްޔާރުކުރެވިފައިވާ ތަނެއްކަމަށާއި، އިލެކްޝަންސް ކޮމިޝަނާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ދެމެދު 28 ޖޫން 2018 ގައި ވެވިފައިވާ އެމް.އޯ.ޔޫގައި އެއްބަސްވެފައިވާ ގޮތުގެމަތިން، ވޯޓު ކަރުދާސް ބެހެއްޓިފައިހުރި ތަނުގެ ސެކިއުރިޓީ ކަށަވަރުކުރުމަށް، 24 ގަޑިއިރު ފުލުހުން ޙަރަކާތެރިވެފައިވާކަމަށާއި، އަދި ވޯޓު ކަރުދާސް ޗާޕްކުރުމަށް ފޮނުވުނު ހިސާބުން ފެށިގެން، ޗާޕްކުރާ ތަނުގައާއި ވޯޓު ކަރުދާސް އެއްތަނުން އަނެއްތަނަށް ގެންދިއުމަގައާއި ވޯޓު ކަރުދާސް ޗެކްކޮށް ބަންދުކުރުމުގެ މަސައްކަތް ކުރިއަށް ދިޔަ ހުރިހާ ވަގުތެއްގައިވެސް ފުލުހުން ސެކިއުރިޓީ ބެލެހެއްޓުމުގައި މެދުނުކެނޑި ޙަރަކާތްތެރިވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާކަން އެނގެން އޮންނައިރު، ބަޔާންކުރެވުނު ކަންކަމާ ޚިލާފަށް އެއްވެސް ކަމެއް ހިނގާފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އިންތިޚާބުގެ ކުރިންވެސް އަދި ފަހުންވެސް ރިޕޯޓު ކޮށްފައިވާކަން އެނގެން ނެތްކަމެވެ.

5- ރިޔާސީ އިންތިޚާބުގައި ނެގުނު ވޯޓު އޮޅުވާލުމަށް އިލެކްޝަންސް ކޮމިޝަންގެ ބައެއް މެންބަރުން ކަންތައްތަކެއް ކޮށްފައިވާކަމަށް ދޭހަވާގޮތްތަކަށް ސޯޝަލް މީޑިއާގައި ވާހަކަދެކެވެން ފެށުމާ ގުޅިގެން، އިލެކްޝަންސް ކޮމިޝަނުން ތައްޔާރުކޮށްފައިވާ ވޯޓު ކަރުދާސް ބޭނުންކޮށްގެން މަކަރާއި ޙީލަތް ހަދައި އިންތިޚާބުގެ ނަތީޖާ ވަކިކޮޅަކަށް ބުރަވާނެގޮތަށް ކަންތައްކުރެވިދާނެތޯ ބެލިބެލުމުން އެއީ ކުރެވިދާނެ ކަމެއްކަމަށާއި، އަދި އެފަދަ ކަންކަން މީގެކުރިން ދުނިޔޭގެ ބައެއް ޤައުމުތަކުގައި ބޭއްވުނު އިންތިޚާބުތަކުގައި ކޮށްފައިވާކަން އެނގިފައިވާކަމަށާއި، ވޯޓުލުމުގައި ބޭނުންކުރެވޭ ވަޞީލަތްތައް ބޭނުންކޮށްގެން ވޯޓު އޮޅުވާލެވިދާނެ ގޮތްތަކުގެ ތެރޭގައި ވޯޓު ކަރުދާހުގައި ޖަހާ ފާހަގަ ވަގުތުކޮޅެއްގެ ތެރޭގައި ފޮހެވޭ ޒާތުގެ ދެލި އަޅާފައިވާ ގަލަން ބޭނުން ކޮށްގެން ވޯޓުލެވޭގޮތަށް އިންތިޒާމުކޮށްފައި ވުމާއި، ވޯޓު ކަރުދާސް ތައްޔާރުކުރުމުގައި ވޯޓު ކަރުދާހުގައި ފާހަގަޖަހަން އޮންނަ ވަކި ގޮޅިއެއްގައި ޖަހާ ފަހަގައެއް، އެ ފާހަގައެއް ޖަހާތާ ވަގުތުކޮޅެއްގެ ތެރޭގައި ފޮހެވޭގޮތަށް އެ ގޮޅީގައި ކެމިކަލް ލޭޔަރެއް ލައިގެން ވޯޓު ކަރުދާސް ތައްޔާރުކޮށްފައިވުން ފަދަ ގޮތްތައް ހިމެނޭކަމަށާއި، މިފަދަ ގޮތްތައް ބޭނުންކޮށްގެން ރިޔާސީ އިންތިޚާބު 2018 ގެ ނަތީޖާ އޮޅުވާލަން މަސައްކަތްކޮށްފައިވާކަމަށް ބެލެވޭ ކަމަށާއި، މިގޮތުން، ރިޔާސީ އިންތިޚާބުގެ ކުރިން، އެ އިންތިޚާބުގައި ލެވޭ ވޯޓުތަކަށް ބަދަލު ގެނެސް އެ އިންތިޚާބުގެ ނަތީޖާ ވަކިކޮޅަކަށް ލެންބުމަށްޓަކައި ވަކިގޮތަކަށް ތައްޔާރުކޮށްފައިވާ އަނގޮޓިތަކެއް، އިލެކްޝަންސް ކޮމިޝަންގެ ދެ މެންބަރެއްގެ އެންގުމަށް ބޭރުން އެތެރެކުރެވި ދިވެހިރާއްޖޭގެ އެކި ހިސާބުތަކަށް ފޮނުވިފައިވާކަމަށާއި، އެ އަނގޮޓިތައް ތައްޔާރުކުރެވިފައިވަނީ ވޯޓުލައި ނިމުމަށްފަހު ވޯޓު ކަރުދާސް ތަރުތީބުކުރުމާއި ބައިބަޔަށް އަޅަމުންގެންދާ ވަގުތު، އެ ކަރުދާސްކޮޅެއްގައި ފާހަގަޖެހުމަށް ބޭނުންކޮށްފައިވާ ފޮހެވޭ ދެލި ހުރި ގަލަމުން ޖަހާފައިވާ ފާހަގަތައް ފޮހެވިފައި ހުންނަ ކަރުދާސްތަކުގައި، ވޯޓުލާ ޞަރަޙައްދުގައި ތިބޭ އެހެން މީހުންނަށް ނޭނގޭ ގޮތަށް ބޭނުން ފާހަގައެއް ލެވޭގޮތަށްކަމަށް ބުނެ މި މައްސަލަ ހުށަހެޅި ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ނަޒަރުކުރިއިރު، ބުނެވުނު ފަދަ ވަޞީލަތެއް ބޭނުންކޮށްގެން ރިޔާސީ އިންތިޚާބު 2018 ގައި ވޯޓު އޮޅުވާލުމަށް މަސައްކަތް ކުރެވިފައިވަނީ ވޯޓުލާ ކޮން މަރުކަޒުތަކެއްގައި ތޯ ނުވަތަ އެފަދަ މަސައްކަތެއް ކުރެވިފައިވަނީ މައްސަލަ ހުށަހަޅާ ފަރާތުން ބަޔާންކޮށްފައިވާފަދަ ކޮން ވަޞީލަތެއް ބޭނުންކޮށްގެން ތޯ؛ އެއީ ފޮހެވޭ ދެލި އަޅާފައިވާ ގަލަން ބޭނުންކޮށްގެން ތޯ ނުވަތަ ވޯޓު ކަރުދާހުގައި ފާހަގަ ޖަހަން އޮންނަ ގޮޅީގައި ކެމިކަލް ލޭޔަރެއް ލައިގެން ތޯ މައްސަލަ ހުށަހަޅާ ފަރާތުން ބަޔާންކޮށްދީފައި ނުވާއިރު، އަދި އިލެކްޝަންސް ކޮމިޝަނުން ވޯޓުލާ މަރުކަޒުތަކުގައި ބަހައްޓާފައި ހުރި ގަލަން ބޭނުންކޮށް ވޯޓުލީ މީހުންގެ ޢަދަދާއި، އަމިއްލަ ގަލަން ބޭނުންކޮށްގެން ވޯޓުލީ މީހުންގެ ޢަދަދު އެނގެނޭ އެއްވެސް ގޮތެއް އެނގެން ނެތްއިރު، ބުނެވިދިޔަ ފަދަވަސީލަތެއް ބޭނުންކޮށްގެން ވާޤިޢީގޮތުން ވޯޓު އޮޅުވާފައިވާކަން ދަލީލުކޮށްދޭ ޝަރީޢަތަށް ޤަބޫލުކުރެވޭ ފަދަ އެއްވެސް ހެއްކެއް ނުވަތަ ޤަރީނާއެއް ވިއަސް މައްސަލަ ހުށަހެޅި ފަރާތުން ހުށަހަޅާފައި ނުވާހިނދު، އޭގެ އިދިކޮޅު ޘާބިތު ނުވާހާ ހިނދަކު "ޤަރީނަތުލް ބަރާއާ" (presumption of innocence) ގެ ޝަރްޢީ އަދި ޤާނޫނީ އުޞޫލަށް ރިޢާޔަތްކޮށް، ފާއިތުވި ރިޔާސީ އިންތިޚާބުގެ ވޯޓު އޮޅުވާލުމަށް، ބުނެވިދިޔަ ފަދަ ވަޞީލަތެއް ބޭނުންކޮށްގެން އިލެކްޝަންސް ކޮމިޝަންގެ ފަރާތުން މަސައްކަތް ކޮށްފައިވާކަމަށް ބެލެވޭނެ އަސާސެއް ނެތްކަމާއި، މައްސަލަ ހުށަހެޅި ފަރާތުން ބުނެފައިވާ ފަދަ ވަޞީލަތެއް ބޭނުންކޮށްގެން ރިޔާސީ އިންތިޚާބުގެ ވޯޓު އޮޅުވާލުމަށް މަސައްކަތްކޮށްފައިވާ ކަމާމެދު އިލެކްޝަންސް ކޮމިޝަނުން އިންކާރުކުރާ ކަމާ، މިގޮތުން، ދެލި ފޮހެވޭ ޤަލަމެއް އިންތިޚާބުގައި އެއްވެސް ކަމެއްގައި ބޭނުންކޮށްފައި ނުވާކަމަށާއި، އެފަދަ ޤަލަމެއް ބޭނުންކުރިކަމުގެ އެއްވެސް ޝަކުވާއެއް އިންތިޚާބާބެހޭ ގޮތުން ޝަކުވާ ހުށަހެޅުމަށް ޤާއިމްކުރި އެއްވެސް މަރުކަޒަކަށް ލިބިފައިވެސް ނުވާކަމަށާއި، އަދި ދެލި ފޮހެވޭ ޤަލަމެއްގެ ސަބަބުން ނުވަތަ އެނޫންވެސް ކަމަކާ ގުޅިގެން ބާޠިލުވި ވޯޓުތަކުގެ ތެރޭގައި އެއްވެސް ފާހަގައެއް ޖަހާފައި ނެތް ވޯޓު ކަރުދާހެއް އޮތްކަމަށް ޝަކުވާ ހުށަހެޅިފައިނުވާކަމަށާއި، އަދި މީގެއިތުރުން، ދެލި ފޮހެވޭ ޤަލަމެއްގެ ސުވާލު އިންތިޚާބުގެ ކުރިން އުފެއްދުމަށް ފުރުޞަތު ނުދިނުމުގެ ގޮތުން، އިލެކްޝަންސް ކޮމިޝަނުން އަބަދުވެސް ހިތްވަރު ދެމުންދިޔައީ ވޯޓުލާން ދާ މީހަކު، އެމީހެއްގެ އަމިއްލަ ގަލަން ގެންދިއުމަށްކަމަށާއި، ވަކިގޮތަކަށް ތައްޔާރުކޮށްފައިވާ އަނގޮޓިތަކެއް އިލެކްޝަންސް ކޮމިޝަންގެ އެއްވެސް މެންބަރަކު އެއްވެސް އިރަކު ގެންގުޅެފައި ނުވާނެކަމަށާއި، އެފަދަ އަނގޮޓިއެއް އިންތިޚާބުގެ އެއްވެސް އޮފިޝަލަކަށް ކޮމިޝަންގެ މެންބަރަކު ދީފައިނުވާނެކަމަށާއި، އަދި ދަޢުވާކުރާ ފަރާތުން ތަޞައްވުރުކުރާގޮތަށް ވޯޓު ފޮށީގެ އޮފިޝަލަކު އެއްވެސް ފޮއްޓެއްގެ ކައިރީގައި އަނގޮޓިއެއް ގެންގުޅުނު ކަމުގެ އެއްވެސް ޝަކުވާއެއް، އިންތިޚާބާ ގުޅިގެން ޝަކުވާ ހުށަހެޅުމަށް ޤާއިމުކުރެވުނު އެއްވެސް އިދާރާއަކަށް ހުށަހެޅިފައި ނުވާކަމަށް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ޝަރީއަތުގެ މަޖިލީހުގައި ބުނެފައިވާކަން އެނގެން އޮވެއެވެ.

6- ދިވެހިރާއްޖޭގައި ބޭއްވޭ އިންތިޚާބުތަކާ ގުޅިގެން އުފެދޭ ޝަކުވާ ބަލައިގަނެ އެކަންކަމާމެދު ފިޔަވަޅު އެޅުމުގެ ގޮތުން ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 62 ވަނަ މާއްދާއާއި ޤަވާޢިދު ނަންބަރު 2018/R-71 (ރިޔާސީ އިންތިޚާބުގެ ޤަވާޢިދު) ގެ 49 ވަނަ މާއްދާގެ ދަށުން އިލެކްޝަންސް ކޮމިޝަނުން ޤާއިމުކުރާ، ޝަކުވާ ބަލައިގަތުމުގެ ނިޒާމު ނުވަތަ ކޮމްޕްލެއިންޓްސް މެކޭނިޒަމަކީ އެ މެކޭނިޒަމްގެ ބޭނުން ވަރަށް ފަސޭހަކަމާއެކު ހިފޭ، ހަރުދަނާކަމާއެކު ހިންގޭ، އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ ނުފޫޒާއި ބާރުން އެއްކިބާވެފައިވާ، މުސްތަޤިއްލު މެކޭނިޒަމަކަށް ވުމަކީ ކޮންމެހެން ލާޒިމްކަމެއްކަމަށާއި، 2018 ސެޕްޓެންބަރު 23 ވީ އާދީއްތަ ދުވަހު އިލެކްޝަންސް ކޮމިޝަނުން ބޭއްވި ރިޔާސީ އިންތިޚާބާ ގުޅިގެން، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނާއި ރިޔާސީ އިންތިޚާބުގެ ޤަވާޢިދުގެ ދަށުން އެ ކޮމިޝަނުން އެކުލަވާލި ކޮމްޕްލެއިންޓްސް މެކޭނިޒަމްގެ ކަންކަން އެ ކޮމިޝަނުން ކުރިއަށް ގެންގޮސްފައިވަނީ، ޤާނޫނީ ގޮތުން އެ ކޮމިޝަންގެ މައްޗަށް ލާޒިމްކޮށްފައިވާ ކަންކަން ކަށަވަރުވާ ގޮތުގެމަތިން ނޫންކަމަށް ބުނެ، މިމައްސަލަ ހުށަހެޅި ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 62 ވަނަ މާއްދާއާއި ރިޔާސީ އިންތިޚާބުގެ ޤަވާޢިދުގެ 49 ވަނަ މާއްދާގައިވާ ގޮތުގެމަތިން އިންތިޚާބާ ގުޅިގެން ހުށަހެޅޭ ޝަކުވާ ބަލައި ފިޔަވަޅުއެޅޭނެ ނިޒާމެއް ޤާއިމްކުރުމަށްޓަކައި ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯއެއް އެކުލަވާލައި އެކަން، ކޮމިޝަންގެ ނަންބަރު (IUL)38-DA/38/2018/1 (12 ޖުލައި 2018) އިޢުލާނުން ޢާންމުކޮށް އިޢުލާންކޮށްފައިވާ ކަމަށާއި، 23 ސެޕްޓެންބަރު 2018 ދުވަހު ބޭއްވުނު ރިޔާސީ އިންތިޚާބާ ގުޅިގެން ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށް ހުށަހެޅުނު 423 މައްސަލައަށް ޖަވާބުދެވިފައިވާ ކަމަށާއި، އެ ބިއުރޯއަށް ޝަކުވާ ހުށަހެޅުން ހުއްޓިފައި އޮތް އެއްވެސް ވަގުތެއް ނުވާކަމަށް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ބުނެފައިވާއިރު، އެނޫންގޮތަކަށް އެކަން ހިނގާފައިވާކަން މައްސަލަ ހުށަހެޅި ފަރާތައް ޘާބިތުކޮށްދެވިފައި ނުވާކަން އެނގެން އޮންނަ އޮތުމެވެ.

7- 2018 ސެޕްޓެންބަރު 23 ވީ އާދީއްތަ ދުވަހު އިލެކްޝަންސް ކޮމިޝަނުން ބޭއްވި ރިޔާސީ އިންތިޚާބުގައި ވޯޓުލީ މީހުން ވޯޓު ކަރުދާހުގައި ފާހަގަޖެހުމަށް ތައްޔާރުކޮށްފައިވާ ވޯޓިންގ ބޫތު ތައްޔާރުކޮށްފައި ހުރިގޮތުންނާއި، ވޯޓުލާ ބައެއް ޞަރަޙައްދުތަކުގައި އެ ބޫތުތައް އަތުރާފައި ހުރި ގޮތުގެ އިތުރުން، އެ ބޫތުތަކުގެ ވަށައިގެން ޙަރަކާތްތެރިވި އޮބްޒާވަރުންނާއި މޮނިޓަރުންނާއި އަދި އެނޫންވެސް ފަރާތްތަކަށް މަޑުކޮށްގެން ތިބުމުގެ އިންތިޒާމްތައް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ހަމަޖައްސާފައިވާ ގޮތުން އެ އިންތިޚާބުގައި ވޯޓުލީ އެތައް ބައެއްގެ ވޯޓުގެ ސިއްރުކަން ގެއްލިފައިވާކަމަށް ބުނެ މައްސަލަ ހުށަހެޅި ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބެލިއިރު، އެ ގޮތުގެމަތިން އެކަންދިމާވެފައިވާ ވޯޓިންގ ބޫތުތަކަކީ ކޮބައިކަން މައްސަލަ ހުށަހެޅި ފަރާތަށް ބުނެދެވިފައި ނުވާކަމާ، އަދި އެކަން އެގޮތުގެމަތިން ހިނގާފައިވާކަމުގެ އެއްވެސް ދަލީލެއް ހުށަހަޅާފައިވެސް ނުވާކަން އެނގެން އޮންނައިރު، 23 ސެޕްޓެންބަރު 2018 ދުވަހު ބޭއްވުނު ރިޔާސީ އިންތިޚާބުގައި 944 ވޯޓިންގ ބޫތު ބެހެއްޓިފައިވާ ކަމަށާއި، ވޯޓިންގ ބޫތުތައް ބެހެއްޓިފައިވަނީ ޤަވާޢިދު ނަންބަރު 2018/R-71 (ރިޔާސީ އިންތިޚާބުގެ ޤަވާޢިދު) ގެ 33 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިންކަމަށް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ފާހަގަކޮށްފައިވާއިރު، ބުނެވުނު ޤަވާޢިދުގެ 33 ވަނަ މާއްދާގެ (ހ) ގައި "ވޯޓުލާ ކޮންމެ މަރުކަޒެއްގައި ވޯޓު ކަރުދާހުގައި ފާހަގަޖެހުމަށް މަދުވެގެން 1 (އެކެއް) ބޫތު ހުންނަންވާނެއެވެ. ވޯޓިންގ ބޫތު ހުންނާންވާނީ ވޯޓުލާ މީހާ ވޯޓު ކަރުދާހުގައި ޖަހާ ފާހަގަ އެހެން މީހުންނަށް ނުފެންނަ ގޮތަށެވެ." މިފަދައިން ބަޔާންކޮށްފައިވާއިރު، އެ މާއްދާގެ (ށ) ގައި "ވޯޓިންގ ބޫތު ހުންނަންވާނީ ވޯޓުލާ މަރުކަޒުގައި ތިބޭ އޮފިޝަލުންނަށާއި އޮބްޒާވަރުންނަށް ފަސޭހައިން ފެންނަ ހިސާބުގައެވެ. އަދި ފާހަގަޖަހާ މީހާގެ ޙަރާކާތްތައް (ވޯޓު ކަރުދާސް ފޮޓޯ ނެގުން ފަދަ ޤަވާޢިދާ ޚިލާފު ޢަމަލުތައް) އޮފިޝަލުންނަށާއި އޮބްޒާވަރުންނަށް ފަސޭހައިން ފެންނަ ނުވަތަ ފާހަގަކުރެވޭ ގޮތަށެވެ." މިފަދައިން ބަޔާންކޮށްފައިވާކަން އެނގެން އޮވެއެވެ.

8- 2018 ސެޕްޓެންބަރު 23 ވީ އާދީއްތަ ދުވަހު ބޭއްވުނު ރިޔާސީ އިންތިޚާބުގައި ބޭނުންކުރުމަށް އިލެކްޝަންސް ކޮމިޝަނުން ތައްޔާރުކުރި ވޯޓު ކަރުދާހުގައި ތަފާތު 3 (ތިނެއް) ސެކިއުރިޓީ ފީޗާރސް ހިމަނާފައިވާނެ ކަމަށް އެ ކޮމިޝަނުން ބުނެފައިވާ ކަމަށާއި، އަދި އެ ފީޗާރސްތައް ހުރިތޯ ބެލޭނީ އަލްޓްރާ ވައިލެޓް އަލި (ޔޫވީ ލައިޓް) ބޭނުންކޮށްގެން ކަމަށާއި، އަދި އެކަމަށް ބޭނުންވާ ޔޫވީ ލައިޓް، ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް ޤާއިމްކުރެވުނު ހުރިހާ ވޯޓިން ސްޓޭޝަންތަކަށް ފޮނުވާފައިވާ ކަމަށާއި، ވޯޓުލައި ނިމުމުން ވޯޓު ގުނައި ނަތީޖާ އިޢުލާންކުރުމުގެ ކުރިން ވޯޓު ފޮށީގައި ހުރި ވޯޓު ކަރުދާސްތަކުގެ ޞައްޙަކަން ޔޫވީ ލައިޓް ބޭނުންކޮށްގެން ކަށަވަރުވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ކަމަށާއި، ރިޔާސީ އިންތިޚާބުގެ ވޯޓުލައި ނިމިގެން އެ ވޯޓުތައް ގުނައި ނަތީޖާ އިޢުލާންކުރުމުގައި، އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ފަދައިން، ޔޫވީ ލައިޓް ބޭނުންކޮށްގެން ވޯޓު ފޮށީގައި ހުރި ކަރުދާހުގެ ޞައްޙަކަން ބަލާފައިވަނީ މަދުތަނެއްގައިކަން ފާހަގަކުރެވިފައިވާކަމަށް ބުނެ މި މައްސަލަ ހުށަހެޅި ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބެލިއިރު، ވޯޓު ކަރުދާހުގައި ސެކިއުރިޓީ ފީޗާރއެއް ހުންނަނީ ކޮންމެ ވޯޓު ކަރުދާސްކޮޅެއް ވަކިވަކިން ޗެކްކުރުމަށް ނޫންކަމަށާއި، ނަމަވެސް، އެއްވެސް ވޯޓު ކަރުދާސްކޮޅަކާ ބެހޭގޮތުން ސުވާލެއް އުފެދިއްޖެނަމަ، އެ ފީޗަރއެއް ބެލުމުން އެ ކަރުދާސްކޮޅެއްގެ ޞައްޙަކަން ކަށަވަރުކުރުމަށް ކަމަށާއި، މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ޞައްޙަ ނޫން ވޯޓު ކަރުދާސްކޮޅެއް ބޭނުންކުރިކަމުގެ ޝަކުވާއެއް ހުށަހެޅިފައިނުވާ ކަމަށާއި، ޔޫވީ ލައިޓް ބޭނުންކޮށްގެން ނުވަތަ އެނޫންވެސް ގޮތަކުން ސެކިއުރިޓީ ފީޗަރ ޗެކްކުރުން ޤާނޫނަކުން ނުވަތަ ޤަވާޢިދަކުން ލާޒިމްނުކުރާކަމަށް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ފާހަގަކޮށްފައިވާކަން އެނގެން އޮންނައިރު، ޔޫވީ ލައިޓު ބޭނުންކޮށްގެން ކޮންމެ ވޯޓުކަރުދާސް ކޮޅެއް ވަކިވަކިން ބަލާ ޗެކް ކުރުމަކީ ކަމާބެހޭ ޤާނޫނެއްގައި ނުވަތަ ޤަވާޢިދެއްގައި ލާޒިމްކޮށްފައިވާ ކަމެއް ނޫންކަން އެނގެއެވެ.

9- ވޯޓު ލާން ފެށުމުގެ ކުރިން އެތަނުގައި ޙާޟިރުވެ ތިބި އޮފިޝަލުންނާއި އޮބްޒާވަރުންގެ ކުރިމަތީގައި ވޯޓުލާ މަރުކަޒަށް ގެނެވިފައިހުރި ވޯޓުކަރުދާސް ގުނާ އޭގެ ޢަދަދުތައް ހާމަކުރުމަކީ އިންތިޚާބުގައި ވޯޓުލާން ފެށުމުގެ ކުރިން، ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 46 ވަނަ މާއްދާގެ ދަށުން ފުރިހަމަވާންޖެހޭ އަސާސީ ކަމެއްކަމުގައި ވީނަމަވެސް، އެފަދައިން އިންތިޚާބުގައި ވޯޓުލުމަށް ހަމަޖެހިފައިވާ ވޯޓު ކަރުދާސް، ވޯޓުލާ ހުރިހައި މަރުކަޒެއްގައި ގުނައި ވޯޓު ކަރުދާހުގެ ޢަދަދު ހާމަކޮށްފައިނުވާކަމަށް ބުނެ، މައްސަލަ ހުށަހެޅި ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، އެކަން އެގޮތުގެމަތިން ހިނގާފައިވާކަމުގެ އެއްވެސް ހެއްކެއް ނުވަތަ ޤަރީނާއެއްވެސް ހުށަހެޅިފައި ނުވާކަމާ، އަދި އެކަން އެގޮތުގެމަތިން ހިނގާފައިވަނީ ވޯޓުލާ ކޮން މަރުކަޒުތަކެއްގައި ކަމާއި، އަދި އޭގެ ސަބަބުން އެއްވެސް ވޯޓު ފޮށްޓެއްގައި ވޯޓުލާން ރަޖިސްޓަރީ ކޮށްފައިވާ ޢަދަދަށްވުރެ ގިނައިން ވޯޓު ލާފައިވާކަން މައްސަލަ ހުށަހަޅާ ފަރާތަށް ޘާބިތުކޮށްދެވިފައި ނުވާއިރު، ވޯޓުލާން ފެށުމުގެ ކުރިން ޙާޟިރުވެތިބި އޮފިޝަލުންނާއި އޮބްޒާވަރުންގެ ކުރިމަތީގައި ވޯޓުލާ މަރްކަޒަށް ގެނެވިފައި ހުރި ވޯޓު ކަރުދާސްތައް ގުނުމަކީ، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 46 ވަނަ މާއްދާގެ ދަށުން ކުރުން ލާޒިމުވެގެންވާ ކަމެއް ކަމަށާއި، އަދި އެކަން އެގޮތަށް ކުރުމަށް، އިލެކްޝަންސް ކޮމިޝަނުން ހުރިހާ އޮފިޝަލުންނަށް ކިޔާދީފައިވާ ކަމަށާއި، އަދި އެކަން އެގޮތުގެމަތިން ކޮށްފައިވާކަމަށް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ބުނެފައިވާކަން އެނގެން އޮވެއެވެ.

10- ވޯޓު ލުމަށްފަހު ވޯޓު ކަރުދާހުގެ ތެރެއިން ބޭނުންނުކޮށް ހުރި ވޯޓު ކަރުދާހާއި ކައުންޓަރ ފޮއިލް އަދި ވަގުތީ ނަތީޖާ ޝީޓް ފަދަ ތަކެއްޗަކީ ވަކިގޮތަކަށް ސީލްކޮށް އިލެކްޝަންސް ކޮމިޝަނާ ހަމައަށް ވާޞިލުވާންޖެހޭ ތަކެތިކަން ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) އާއި ކަމާބެހޭ ޤަވާޢިދު ތަކުގައި ބަޔާންކޮށްފައި ވީނަމަވެސް، 2018 ސެޕްޓެންބަރު 23 ވީ އާދީއްތަ ދުވަހު އިލެކްޝަންސް ކޮމިޝަނުން ބޭއްވި ރިޔާސީ އިންތިޚާބުގެ ވޯޓާ ގުޅިގެން ބަންދުކޮށްފައި އިލެކްޝަންސް ކޮމިޝަނަށް ފޮނުވަންޖެހޭ ތަކެތި އިލެކްޝަންސް ކޮމިޝަނަށް ވާޞިލުވިއިރު، ބައެއް ސިޓީއުރަ ބަންދުކޮށްފައި ނެތްކަމަށާއި، އަދި ބައެއް ސިޓީއުރައަށް ގެއްލުން ލިބި، ސިޓީއުރައިގައި ހުންނަންޖެހޭ ތަކެތި ހާމައަށް ހުރިކަން އެ ކޮމިޝަންގައި ކުރިން މަސައްކަތްކުރި ފަރާތްތަކުން ބުނެފައި ވާކަމަށާއި، މިގޮތަށް ބަންދުނުކޮށް ހުރި ތަކެތި އިލެކްޝަންސް ކޮމިޝަންގެ ސެކްޝަންތަކުގެ ވެރިން ބަންދުކޮށްފައިވާކަމަށް ބުނެ މި މައްސަލަ ހުށަހެޅި ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބެލިއިރު، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 59 ވަނަ މާއްދާ ނިޔާކުރާ ގޮތުން، ސެކިއުރިޓީ ސަބަބުތަކަށްޓަކައި ކަނޑައިގެން ނުވާނެ، ނުވަތަ ކޮމިޝަނަށް ލިބޭއިރު ބަންދުކުރެވިފައި އޮންނަންޖެހޭ އުރައަކީ، ވޯޓު ކަރުދާސް ބަންދުކުރުމަށް ޚާއްޞަކުރެވިފައިވާ ސެކިއުރިޓީ އުރަ 3# ކަމަށާއި، ރިޔާސީ އިންތިޚާބާ ގުޅިގެން ހަދާފައިވާ ކޮމިޝަންގެ ޓްރެއިނިންގ މެޓީރިއަލްސް އަދި އޮފިޝަލުންގެ އަތްމަތީ ފޮތުގައިވެސް، މި އިރުޝާދު ދީފައިވާނެކަމަށާއި، ވޯޓުލާ ނިމުމަށްފަހު މަރުކަޒުތަކުން ލިބުނު ފޮށިތަކުގެ ތެރެއިން އެއްވެސް ފޮށްޓެއްގައި ސެކިއުރިޓީ އުރަ 3# ބަންދުނުކޮށް ނެތްކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާކަން އެނގެން އޮންނައިރު، މައްސަލަ ހުށަހެޅި ފަރާތުން ބުނާފަދަ ގޮތަކަށް ސެކިއުރިޓީ އުރައެއް ކެނޑިފައިވުމުގެ ސަބަބުން ވޯޓުގެ ނަތީޖާއަށް ބަދަލު އަންނަފަދަ ކަމެއް ހިނގާފައިވާ ކަމުގެ ހެއްކެއް ނުވަތަ ޤަރީނާއެއް ވިޔަސް މައްސަލަ ހުށަހެޅި ފަރާތުން ޝަރީޢަތަށް ހުށަހަޅާފައި ނުވާކަން އެނގެއެވެ.

11- ވޯޓުލާ މަރުކަޒަށް ވެއްދުން މަނާތަކެތީގެ ގޮތުގައި ކަނޑައަޅާފައިވާ ތަކެތި އިންތިޚާބުގައި ވޯޓުލުން ކުރިއަށް ދިޔަ ވަގުތު ވޯޓުލާ މަރުކަޒަށް ވައްދާފައިވާ ކަމަށާއި، އެގޮތުން އަތްދަބަހާއި ފޯނުފަދަ ތަކެތި ވޯޓުލާ ގިނަ މަރުކަޒުތަކުގައި ގެންގުޅެފައިވާ ކަމަށާއި، މިކަމުގެ ސަބަބުން ވޯޓުލުމަށް ޙަވާލުކުރެވޭ ކަރުދާސް ވޯޓުލާ މަރުކަޒުން ބޭރަށް ގެންދިއުމާއި އަދި މަރުކަޒުން ބޭރުން ގެނެސްފައިވާ ކަރުދާސް ވޯޓު ފޮށްޓަށް އެޅުމުގެ ޙާދިޘާތައް ހިނގާފައިވާކަމަށް ބުނެ މައްސަލަ ހުށަހެޅި ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބެލިއިރު، ބުނެވުނުފަދަ ޙާދިޘާތައް އެގޮތުގެމަތިން ހިނގާފައިވާ ކަމުގެ އެއްވެސް ހެއްކެއް ނުވަތަ ދަލީލެއް މައްސަލަ ހުށަހެޅި ފަރާތުން ޝަރީޢަތަށް ހުށަހަޅާފައި ނުވާކަމާއި، ވޯޓުލާ މަރުކަޒުގައި ހިނގާ ކަންތައްތައް ބެލެހެއްޓުމާ ޙަވާލުވެ ތިބޭ މަސްއޫލުވެރިންގެ އިހުމާލުން، ޢަމަލުކުރެވޭ ޤާނޫނުތަކާއި ޤަވާޢިދުތަކާ ޚިލާފަށް ވޯޓުލާ މަރުކަޒުތަކަށް ބައެއް ތަކެތި ވައްދާފައިވާނަމަ އެކަމަކީ އޭގެ ޒާތުގައި، ވޯޓު ކަރުދާސް ވޯޓުލާ މަރުކަޒުން ބޭރު ކުރެވިފައިވާކަމުގެ ނުވަތަ އިތުރު ކަރުދާސް ވައްދާފައިވާ ކަމުގެ ދަލީލެއް ނޫންކަން އެނގެން އޮންނައިރު، ވޯޓުލާ މަރުކަޒަށް އަތްދަބަސް ނުވަތަ ފޯނު ވެއްދިކަމަށް ބުނެ، ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށް 38 މައްސަލައެއް ހުށަހެޅިފައިވާ ކަމަށާއި، އެ މައްސަލަތައް ބެލުމަށްފަހު، އެކަމުގައި އިހުމާލުވިކަމަށް ބެލެވޭ އޮފިޝަލުންގެ މައްސަލަ ދަނީ ތަޙްޤީޤުކުރެވެމުންކަމަށް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ބުނެފައިވާއިރު، މައްސަލަ ހުށަހެޅި ފަރާތުން ބުނާފަދަ ޙާދިޘާއެއް ހިނގާފައިވުމުގެ ސަބަބުން އިންތިޚާބުގެ ނަތީޖާއަށް އަސަރު ކުރާފަދަ ކަމެއް ހިނގާފައިވާކަން ސާބިތުވާ ހެއްކެއް ނުވަތަ ޤަރީނާއެއް ވިޔަސް މައްސަލަ ހުށަހެޅި ފަރާތުން ޝަރީޢަތަށް ހުށަހަޅާފައި ނުވާކަން އެނގެއެވެ.

12- ވޯޓުލާ މަރުކަޒުގައި ކިޔުލައިންގެ ކައިރީގައި އަދި ކިޔުލައިންގައި ހަދިޔާ ބެހުމާއި ކެމްޕެއިން ކުރުން ކުރިއަށް ގޮސްފައިވާކަމުގެ ހެކި ލިބިފައިވާ ކަމަށާއި، އަދި މިކަމުގެ ސަބަބުން ވޯޓަށް ނުރަނގަޅު ނުފޫޒުތައް ފޯރާފައިވާ ކަމަށާއި، އަދި ވަކި މީހަކަށް ނުވަތަ ވަކި ޕާޓީއަކަށް ވޯޓު ދިނުމަށްފަހު ފައިސާގެ ޢިނާޔަތް ހޯދުމުގެ ފުރުޞަތު ފާޅުކަން ބޮޑުކޮށް އޮތްކަމަށާއި، އަދި އިލެކްޝަންސް ކޮމިޝަނުން މިކަމުގައި އެކަށީގެންވާ ފިޔަވަޅުތައް އެޅުމުގައި އިހްމާލުވެފައިވާކަމަށް ބުނެ، މައްސަލަ ހުށަހެޅި ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބެލިއިރު، ވޯޓުލީ ދުވަހު ކިޔުލައިންގައި ހަދިޔާ ބަހައި ވޯޓަށް ނުފޫޒު ފޯރުވުމުގެ ކަންތައްތަކެއް ހިނގާފައިވަނީ ކޮންތަނެއްގައި ބެހެއްޓިފައި ހުރި ކޮން ވޯޓު ފޮށްޓެއްގެ ކައިރީގައި ކަން މައްސަލަ ހުށަހެޅިފަރާތަށް ޘާބިތުކޮށްދެވިފައި ނުވާއިރު، އިންތިޚާބު ބޭއްވުނު ދުވަހު، މައްސަލަ ހުށަހެޅި ފަރާތުން ފާހަގަކޮށްފައިވާ ބާވަތުގެ 6 މައްސަލަ ރިޕޯޓުކުރެވިފައިވާ ކަމަށާއި، ނަމަވެސް، މިއިން އެއްވެސް މައްސަލައެއްގައި ޤާނޫނުގައި ބުނާގޮތަށް ހެއްކާއި ޤަރީނާ ހުށަހެޅިފައި ނުވާކަމަށާއި، އެހެންކަމުން މިއީ ޙަޤީޤަތުގައި ފުޅާ ދާއިރާއެއްގައި ނުވަތަ އެނޫންވެސް ގޮތަކަށް ރޭވިގެން ހިނގާފައިވާކަމެއް ނޫންކަން އެނގޭކަމަށް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ފާހަގަކޮށް، މައްސަލަ ހުށަހަޅާ ފަރާތުން ދައްކާފައިވާ ބުނެވިދިޔަ ވާހަކަތަކަށް އެ ކޮމިޝަނުން އިންކާރު ކޮށްފައިވާކަން އެނގެން އޮވެއެވެ.

13- ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށްޓަކައި ބެހެއްޓުނު ބައެއް ފޮށިތަކުގައި ހުރި ވޯޓު ކަރުދާސްތައް ގުނިއިރު، އެ ފޮއްޓަށް ވޯޓުލާފައިވާ މީހުންގެ ޢަދަދަށްވުރެ އިތުރަށް އެ ފޮށިތަކުގައި ވޯޓު ކަރުދާސް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށާއި، މިގޮތުން ހުޅުމާލޭގައި ވޯޓުލުމަށް ބެހެއްޓުނު ފޮށިތަކުގެ ތެރެއިން ނަންބަރު YT.0.1 ވޯޓު ފޮށީގައި 25 (ފަންސަވީސް) ވޯޓު ކަރުދާސްކޮޅު އިތުރަށް ހުރިކަމަށާއި، އަދި ނަންބަރު YT.0.5 ވޯޓު ފޮއްޓާއި ނަންބަރު YT0.6 ވޯޓު ފޮއްޓާއި، މި ދެ ފޮށީގައިވެސް، އެ ފޮށިތަކަށް ވޯޓުލީ މީހުންގެ ޢަދަދާއި އެ ފޮށިތަކުގައި ހުރި ވޯޓުގެ ޢަދަދު ދިމާނުވާކަން ފާހަގަކުރެވިފައިވާކަމަށް ބުނެ، މައްސަލަ ހުށަހެޅި ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ނަޒަރުކުރިއިރު، ދަޢުވާކުރާ ފަރާތުން ތުހުމަތުކުރާ ގޮތަށް، ވޯޓުލާފައިވާ މީހުންގެ ޢަދަދަށްވުރެ އިތުރަށް 25 (ފަންސަވީސް) ވޯޓު ކަރުދާސް، ނަންބަރު YT.0.1 ވޯޓު ފޮށީގައި ނެތްކަމަށާއި، އެކަން އެ ފޮށީގެ ނަތީޖާ ޝީޓުން އެނގޭކަމަށާއި، މީގެ އިތުރުން، ނަންބަރު YT.0.6 ވޯޓު ފޮއްޓަށް ވޯޓު ލާންޖެހޭ މީހަކު، ކަރުދާސްކޮޅު ހިފައިގެން ގޮސް އޮޅިގެން، ނަންބަރު YT.0.5 ވޯޓު ފޮއްޓަށް ވޯޓު ލެވުނީކަމަށާއި، އެކަން އެވަގުތު ފާހަގަކުރެވި، އިލެކްޝަންސް ކޯޑިނޭޝަން ސެންޓަރަށް މަޢުލޫމާތު ޙިއްޞާކޮށްފައިވާ ކަމަށާއި، މިކަން އެ ދެ ފޮށީގެ ކަންހިނގައިދިޔަ ގޮތުގެ ރިޕޯޓުން ސާފުވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ފާހަގަކޮށްފައިވާއިރު، މި މައްސަލައިގައި ދަޢުވާކުރާ ފަރާތުން ބަޔާންކޮށްފައިވާ، ވޯޓު ފޮށިތަކަށް ވޯޓު ލާފައިވާ މީހުންގެ ޢަދަދު ދިމާނުވުން ފަދަ، ނުވަތަ އިތުރަށް ވޯޓު ލާފައިވުން ފަދަ މައްސަލަތަކެއް ހިނގާފައިވާ ކަމުގެ ހެއްކެއް ދަޢުވާކުރާ ފަރާތައް ހުށަހެޅިފައި ނުވުމުގެ އިތުރުން، އެފަދަ މައްސަލަތަކެއް ވަކި ފޮށިތަކެއްގައި ހިނގާފައިވާނަމަ، އެކަމަކީ އޭގެޒާތުގައި، އެހެނިހެން ފޮށިތަކުގައިވެސް އެފަދަ މައްސަލަތައް ހިނގާފައިވާ ކަމުގެ ދަލީލެއް ނޫންކަން އެނގެން އޮވެއެވެ.

14- 2018 ސެޕްޓެންބަރު 23 ވީ އާދިއްތަ ދުވަހު ބޭއްވުނު ރިޔާސީ އިންތިޚާބާ ގުޅިގެން، ޤާނޫނުއަސާސީއާއި ކަމާބެހޭ ޤާނޫނުތަކާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ގައިޑްލައިންތަކާ ޚިލާފަށް އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ ކަމަށް ބުނެ މި މައްސަލައިގައި ދަޢުވާކުރާ ފަރާތުން ހުށަހަޅާފައިވާ ކަންކަން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިޝްރާފުގެ ދަށުން، މޯލްޑިވްސް ޕޮލިސް ސަރވިސް އާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް މެދުވެރިކޮށް ތަޙްޤީޤުކޮށްދިނުމަށް އެދި މި މައްސަލައިގައި ދަޢުވާކުރާ ފަރާތުން އެދިފައި އޮންނަ އޮތުމަށް ދުސްތޫރީ އަދި ޤާނޫނީ ނަޒަރަކުން ބެލިއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައި ވެއެވެ.

(ހ) ފުރަތަމަ ކަމަކީ، ދަޢުވާކުރާ ފަރާތުން މި މައްސަލައިގައި ހުށަހަޅާފައި ވަޤާއިޢުތައް ޘާބިތުކުރުމަށް ޘާބިތުކުރުމުގެ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އެއްވެސް ހެއްކެއް ނުވަތަ ދަލީލެއްވެސް ހުށަހަޅާފައި ނުވާއިރު، ޤާނޫނުއަސާސީގެ 172 ވަނަ މާއްދާގެ (ހ) ގައި ކޮންމެ އިންތިޚާބަކާ ނުވަތަ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓަކާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަންގެ ނިންމުމަކާމެދު، ނުވަތަ އިންތިޚާބުގެ ނަތީޖާއަކާމެދު، ނުވަތަ އިންތިޚާބާބެހޭ ކަމެއްގައި ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ހިނގާފައިވާކަމެއް ކަމަށް އެފަރާތަކުން ޤަބޫލުކުރާ ކަމަކާމެދު ޝަކުވާއެއް އޮތްނަމަ އެ ޝަކުވާއާމެދު ގޮތެއް ނިންމައިދިނުން އެދި އެފަރާތަކުން ހުށަހަޅަންވާނީ ހައިކޯޓަށްކަމާއި އެ މާއްދާގައި ބަޔާންކޮށްފައިވާފަދަ ޝަކުވާތަކާމެދު ޢަމަލުކުރާނެގޮތް އިންތިޚާބާބެހޭ ޤާނޫނުގައި ކަނޑައަޅާފައި އޮންނަންވާނެކަމަށް އެ މާއްދާގެ (ށ) ގައި ކަނޑައަޅައި ބަޔާންކޮށްފައި އޮތުމުން އެ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އިންތިޚާބީ ޝަކުވާތަކުގެ މައްސަލަތައް ބެލުމުގެ އަޞްލީ އިޚްތިޞާޞް ހައިކޯޓަށް ލިބިގެންވާކަން އެނގެން އޮންނައިރު، މި މައްސަލައިގައި ދަޢުވާކުރާ ފަރާތުން ހުށަހަޅާފައިވާ ކަންކަމުގެ ތެރޭގައި އިންތިޚާބީ ޝަކުވާގެ މައްސަލައެއް ހިމެނޭނަމަ ކަމާބެހޭ ޤާނޫނީ އިޖްރާއާތުތަކާ އެއްގޮތްވާ ގޮތުގެމަތިން އެ މައްސަލަ ބެލުމަށް އެއްވެސް ޤާނޫނީ ހުރަހެއް ނެތްކަން އެނގެން އޮންނަ ކަމެވެ.

(ށ) ދެވަނަ ކަމަކީ، މި މައްސަލައިގައި ދަޢުވާކުރާ ފަރާތުން ހުށަހަޅާފައިވާ ވަޤާއިޢުތަކުގެ ތެރޭގައި ކޮރަޕްޝަންގެ ޢަމަލެއް ނުވަތަ އެ ނޫންވެސް، ޤާނޫނަކުން ތަޖުރީމުކުރެވިފައިވާ ކަމެއް ހިމެނޭނަމަ، އެފަދަ ޢަމަލުތައް ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން، އަދި ޖިނާއީ އިޖްރާއާތާ އެއްގޮތްވާ ގޮތުގެމަތިން ކަމާބެހޭ ތަޙުޤީޤީ އިދާރާތަކުން ތަޙުޤީޤުކުރުމަކަށް ޤާނޫނީ އެއްވެސް ހުރަހެއް ނެތްކަން އެނގެން އޮންނައިރު، ޖިނާއީ ކުށެއް ކަމަށް ތުހުމަތުކުރެވޭ ޢަމަލެއް އެއްވެސް ފަރާތަކުން ހިންގައިފިކަމުގެ ޝަކުވާއެއް ހުށަހަޅައިފިނަމަ ނުވަތަ މިނޫންގޮތަކުންވެސް މިފަދަ ކަމެއްގެ މަޢުލޫމާތު ލިބިއްޖެ ހިނދެއްގައި، އެކަމެއް ތަޙުޤީޤުކުރުމުގެ އަމުރު ނެރުން ރަނގަޅުކަމަށް އޭނާއަށް ފެންނަ ކަންކަމުގައި އެ އަމުރު ނެރުމަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތަކާއި ބާރުތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ޅ) އިން އެނގެން އޮންނަ ކަމެވެ.

(ނ) ތިންވަނަ ކަމަކީ، އިލެކްޝަންސް ކޮމިޝަނަކީ ވަކި ފަރާތަކަށް ބުރަނުވާ، މުސްތަޤިއްލު މުއައްސަސާއެއް ކަމަށާއި، އެ ކޮމިޝަންގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރާންވާނީ ޤާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 167 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާއިރު، އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ މަސްއޫލިއްޔަތުތައް ޤާނޫނުއަސާސީއާއި ޤާނޫނުތަކާ އެއްގޮތްވާގޮތަށް ކުރަމުން ނުދާކަމަށް ފާހަގަކުރެވޭނަމަ ޤާނޫނުއަސާސީއާއި، ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދާ ޚިލާފުނުވާނޭ އުޞޫލެއްގެ މަތިން އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ޖަވާބުދާރީ ކުރުވުމަކީ ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ބާރެއްކަން އެނގެން އޮންނަކަމެވެ.

(ރ) ހަތަރުވަނަ ކަމަކީ، ޤާނޫނުއަސާސީއާއި ކަމާބެހޭ ޤާނޫނުތަކާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ގައިޑްލައިންތަކާ ޚިލާފަށް އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ ކަމަށް ބުނެ މި މައްސަލައިގައި ދަޢުވާކުރާ ފަރާތުން، ހުށަހަޅާފައިވާ ބަޔާންވެދިޔަ ކަންތައްތަކަކީ، އެކަންކަން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ސާބިތުކުރުމަށް ބޭނުންވާ ހެއްކާއި ޤަރީނާ ޝަރީޢަތަށް ހުށަހެޅިފައިވާ ކަންތައްތަކެއް ނޫންކަން އެނގެން އޮންނަ އޮތުމުގެ އިތުރުން އަދި އެކަންތައްތަކަކީ އޭގެ ސަބަބުން ރިޔާސީ އިންތިޚާބުގެ ނަތީޖާއަށް އެކަށީގެންވާ އަސަރެއް ފޯރާފައިވާކަމުގެ، ނުވަތަ އިންތިޚާބުގެ ރަސްމީ ނަތީޖާއަށް ބަދަލު އަތުވަދާނެކަމުގެ ހަރުދަނާ ދަލީލުތަކެއް ހުށަހެޅިފައިވާ ކަންތައްތަކެއް ކަމުގައި ނުވާތީއާއި، އަދި އެކަންތައްތަކަކީ ޤަޟާއީ ތަޙްޤީޤް (judicial inquiry) އެއް ކުރަންޖެހޭ ބާވަތުގެ ކަންތައްތަކެއް ނޫންކަން އެނގެން އޮންނާތީ، ދަޢުވާކުރާ ފަރާތުން ބުނެފައިވާ ކަންތައްތައް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިޝްރާފުގެ ދަށުން، މޯލްޑިވްސް ޕޮލިސް ސަރވިސް އާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް މެދުވެރިކޮށް ތަޙްޤީޤުކޮށްދިނުމަށް އަންގާނެ އަސާސެއް ނެތްކަން އެނގެން އޮންނަކަމެވެ.

15- އިންތިޚާބެއްގައި މަކަރާއި ޙީލަތް ހަދައި ވޯޓު އޮޅުވާލުން ފަދަ އިންތިޚާބުގެ ނަތީޖާއަށް އެކަށީގެންވާ ނުފޫޒެއް ފޯރާފާނެ ފަދަ ކަމެއް ހިނގާފައިވާކަން ޝަރީޢަތަށް ސާބިތުވުމުގެ ސަބަބުން އެ އިންތިޚާބުގެ ނަތީޖާ ބާޠިލުކޮށް އެ އިންތިޚާބު އަލުން ބޭއްވުމަށް އަމުރު ކުރުމުގައި ރިޢާޔަތްކުރަންޖެހޭ ޢާންމު މިންގަނޑަކީ، އެކަމެއްގެ ސަބަބުން އިންތިޚާބުގެ ނަތީޖާއަށް ބަދަލު އަތުވެދާނެ ފަދަ ޙާލަތެއް މެދުވެރި ވެއްޖެކަމަށް ޝަރީޢަތަށް ސާބިތުވާ ޙާލަތު އެކަނިކަން ތަފާތު ޖުރިސްޑިކްޝަންތަކުގެ ކަމާބެހޭ ކޯޓުތަކުގެ ނިންމުންތަކުން އިސްތިޚުލާޞް ކުރެވެން އޮންނައިރު ބުނެވިދިޔަ މަފްހޫމް ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 65 ވަނަ މާއްދާގެ (ހ) ގައި އެކަށައަޅާފައިވާކަން އެނގެން އޮވެއެވެ.

16- އިސްވެ ބަޔާންވެދިޔަ އެންމެހައި ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، 23 ސެޕްޓެންބަރު 2018 ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިޚާބުގައި ވާދަކުރި ދެ ކެނޑިޑޭޓުންގެ ތެރެއިން، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ވާދަކުރި، ކެނޑިޑޭޓް ނަންބަރު 2، ޅ. ހިންނަވަރު، ނޫރާނީއާގެ، އިބްރާހީމް މުޙައްމަދު ޞާލިޙް އަށް ލިބިފައިވަނީ 134,705 (އެއްލައްކަ ތިރީސް ހަތަރުހާސް ހަތްސަތޭކަ ފަހެއް) ވޯޓުކަމާއި، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްއިން ވާދަކުރި ކެނޑިޑޭޓް ނަންބަރު 1، މއ. ކާމިނީހުޅަނގުގެ، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަށް ލިބިފައިވަނީ 96,052 (ނުވަދިހަ ހަހާސް ފަންސާސް ދޭއް) ވޯޓުކަމާއި، ދެ ކެނޑިޑޭޓުންގެ ވޯޓުގެ ތަފާތަކީ، 38,653 (ތިރީސް އަށްހާސް ހަސަތޭކަ ފަންސާސް ތިނެއް) ވޯޓުކަން އިލެކްޝަންސް ކޮމިޝަންގެ ފަރާތުން 29 ސެޕްޓެންބަރު 2018 ވަނަ ދުވަހު އެ ކޮމިޝަންގެ ނަންބަރު 222/2018-CA(A) އިޢުލާނުން ޢާންމު ކޮށްފައިވާ ރިޔާސީ އިންތިޚާބު 2018 ގެ ރަސްމީ ނަތީޖާއިން އެނގެން އޮންނައިރު، ބުނެވުނު ނަތީޖާއަށް ބަދަލު އަތުވެދާނެ ފަދަ އެއްވެސް ކަމެއް ހިނގާފައިވާކަމަށް ދަލާލަތުކޮށްދޭ ހަރުދަނާ އެއްވެސް ހެއްކެއް ނުވަތަ ޤަރީނާއެއް ވިއަސް މި މައްސަލައިގައި ދަޢުވާކުރާ ފަރާތުން ހުށަހަޅައި އެކަން ޘާބިތުކޮށްދީފައި ނުވާތީ، ބުނެވިދިޔަ އިންތިޚާބަކީ ބާޠިލު އިންތިޚާބެއްކަމަށް ކަނޑައަޅާނެ އަސާސެއް ނެތްކަން އެނގެން އޮވެއެވެ.

ޙުކުމް:

ދެންފަހެ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެމަތިން ހުރުމާއެކު، މީލާދީ ސަނަތުން 2018 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 23 ވީ އާދިއްތަ ދުވަހު ދިވެހިރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިޚާބަކީ، އެ އިންތިޚާބުގެ ޝަރުޢިއްޔަތު ގެއްލިފައިވާ ބާޠިލު އިންތިޚާބެއްކަމަށް ކަނޑައަޅައި ދިނުމަށާއި، އެ އިންތިޚާބު އަލުން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި، މއ. ކާމިނީހުޅަނގުގޭ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ހުށަހަޅާފައިވާ ކަންކަމަށް ބަލައި، މީލާދީ ސަނަތުން 2018 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 23 ވީ އާދިއްތަ ދުވަހު ބޭއްވުނު ބަޔާންވެދިޔަ ރިޔާސީ އިންތިޚާބަކީ އެ އިންތިޚާބުގެ ޝަރުޢިއްޔަތު ގެއްލިފައިވާ ބާޠިލު އިންތިޚާބެއްކަމަށް ކަނޑައަޅަންޖެހޭ ދުސްތޫރީ އަސާސެއް ނެތްކަމަށް ކަނޑައަޅައި، އަދި އެ އިންތިޚާބު އަލުން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރުކުރާނޭ ދުސްތޫރީ އަސާސެއްވެސް ނެތްކަމަށް ކަނޑައަޅައި، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.

އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ

ފަނޑިޔާރު ޢަބްދުﷲ ޢަރީފް

ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ

ފަނޑިޔާރު ޢަބްދުﷲ ދީދީ

ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ