އިބްރާހީމް ރަޝީދު ވ. މަރްޔަމް ޝަކީބާ
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 2017/HC-S-A/15، 197/S4C/2016
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ޢާއިޝަތު މަނިކުފާނުގެ ތަރިކަ ބަހައިދިނުމަށް އެދި އިބްރާހީމް ރަޝީދު ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި މައްސަލަ، އެ ކޯޓުގެ 197/S4C/2016 ޤަޟިއްޔާގައި މިލްކުވެރިކަމުގެ މައްސަލައެއްގެ ގޮތުގައި ބަލައި، ގޯއްޗާއި އޭގައިވާ ތަކެތިއަކީ ޢާއިޝަތު މަނިކުފާނާއި މަރްޔަމް ޝަކީބާގެ މިލްކު ކަމަށް ނިންމިއެވެ. މަރްޔަމް ޝަކީބާ އިސްތިއުނާފުކުރުމުން، ހައިކޯޓުގެ 2017/HC-S-A/15 ޤަޟިއްޔާގައި އެ ޙުކުމް ބާޠިލުކޮށް، ގޯއްޗާއި ގެއަކީ މަރްޔަމް ޝަކީބާގެ މިލްކު ކަމަށް ކަނޑައެޅިއެވެ. އިބްރާހީމް ރަޝީދު ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރިއެވެ.
- ވާޤިޢާ
- ޢާއިޝަތު މަނިކުފާނު 17 މާރިޗު 2001 ގައި ނިޔާވިއެވެ. އޭނާގެ ވާރިޘުން ސާބިތުކޮށްފައިވަނީ ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ 55/S4C/2014 ޤަޟިއްޔާއިންނެވެ. ތަރިކައިގެ ގޮތުގައި ބަހަން އެދުނީ ސ. ފޭދޫ ކަރަންކާގެ ކިޔާ ބަންޑާރަ ގޯއްޗާއި އޭގައިވާ ނުއުފުލޭ މުދަލެވެ. އެ ގޯތީގެ ރަޖިސްޓްރީ އޮތީ ނިޔާވި މީހާގެ ދަރިއަކު ކަމަށްވާ މަރްޔަމް ޝަކީބާގެ ނަމުގައި ކަމަށާއި، މިލްކުވެރިކަމުގެ ލިޔުން އޭނާ ދަށު ކޯޓަށް ހުށަހެޅިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ތަރިކަ ބަހައިދިނުމަށް ހުށަހެޅި މައްސަލައެއްގެ ތެރެއިން، ބަހަން އެދޭ ބިމުގެ މިލްކުވެރިކަމާމެދު އުފެދޭ ޚުޞޫމަތަށް ދަށު ކޯޓުން ގޮތެއް ނިންމުމަކީ ހުށަހެޅި މައްސަލައިގެ ޙުދޫދުން ބޭރުވުމެއްތޯ؛ އަދި އެ ޙާލަތުގައި ހައިކޯޓުން އެ މިލްކުވެރިކަމުގެ މައުޟޫޢަށް ފައިޞަލާކުރުން ޞައްޙަތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- އިބްރާހީމް ރަޝީދު ބުނީ، ރަޖިސްޓްރީ ނަފީކުރެވިދާނެ ޙާލަތްތަކާބެހޭ ސާބިޤާތަކާ ޚިލާފަށް ހައިކޯޓުން ނިންމި ކަމަށާއި، މިލްކުގެ ލިޔުމުން ސާބިތުވަނީ ގޯތީގައި މަރްޔަމް ޝަކީބާ ހެދި އެއް ޢިމާރާތެއްގެ މިލްކުވެރިކަން ކަމަށެވެ. އަދި ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 40 ވަނަ މާއްދާގެ (ހ) އާއި (ށ) ހައިކޯޓުން ތަޠުބީޤުކުރީ ކިތާބީ ހެކި ރަނގަޅަށް ދިރާސާނުކޮށް ކަމަށާއި، ހިބަ ސާބިތުކުރުމުގެ ޝަރުޠާއެކު ހަދާފައިވާ ރަޖިސްޓްރީ، އެ ޝަރުޠު ފުރިހަމަ ނުކުރާތީ ޞައްޙަ ނުވާނެ ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ސުޕްރީމް ކޯޓުން ކަނޑައެޅީ، ތަރިކައިގެ ގޮތުގައި ބަހަން އެދޭ ބިމަކީ ނިޔާވި މީހާގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ، މިލްކުވެރިކަމާމެދު ޚުޞޫމަތެއް ނެތް ބިމަކަށް ވާން ޖެހޭ ކަމަށާއި، ޚުޞޫމަތެއް އޮތްނަމަ އެކަން ވަކި މައްސަލައެއްގެ ގޮތުގައި ހުށަހަޅަން ޝަރީޢަތުން އަންގަން ޖެހޭ ކަމަށެވެ. ރައްދުވާ ފަރާތެއް ނެތި ހުށަހަޅާ ތަރިކައިގެ މައްސަލައެއް މިލްކުވެރިކަމުގެ ދަޢުވާއަކަށް ފުރޮޅާލުމަކީ ހުށަހެޅި މައްސަލައިގެ ޙުދޫދުން ބޭރުވުމެއް ކަމަށާއި، އެއީ ދިފާޢުވުމުގެ ފުރުޞަތަށް އަސަރުކުރާ ކަމެއް ކަމަށެވެ. ހައިކޯޓުން މައްސަލަ ދަށު ކޯޓަށް ފޮނުވުމުގެ ބަދަލުގައި މައުޟޫޢަށް ފައިޞަލާކުރުމުން، ދެ ޙުކުމް ބާޠިލުކޮށް، ތަރިކައިގެ މައްސަލައާއި މިލްކުވެރިކަމުގެ މައްސަލަ މަޞްލަޙަތު އޮތް ފަރާތަކުން ހުށަހަޅައިފިނަމަ ދަށު ކޯޓުން ބަލައިގަންނަން ޖެހޭ ކަމަށް ކަނޑައެޅިއެވެ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުހައިކޯޓާއި މެޖިސްޓްރޭޓް ކޯޓުގެ ޙުކުމް ބާޠިލު؛ ތަރިކައާއި މިލްކުވެރިކަމުގެ މައްސަލަ ހުށަހަޅައިފިނަމަ ދަށު ކޯޓުން ބަލައިގަންނަން (އިއްތިފާޤުން)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ތަރިކައިގެ މައްސަލައިގައި އެންމެ ފުރަތަމަ އެ މީހަކު ނިޔާވެފައިވާކަން ޝަރީޢަތުން ކަށަވަރު ކުރަންޖެހެއެވެ. އޭގެ ފަހުން އެ މީހާ ނިޔާވިއިރު ދުނިޔޭގައި އެ މީހާގެ ވާރިޘުންގެ ގޮތުގައި ތިބީ ކޮން ބައެއްކަން ހެކިންގެ ހެކިބަހުން ސާބިތު ކުރަންޖެހެއެވެ. އަދި އިތުރު ވާރިޘަކު ހުރިތޯ ބެލުމަށް ޢާންމުކޮށް އިޢުލާން ކުރަންޖެހެއެވެ. ވާރިޘުންނަކީ ކޮބައިކަން އޭގެ ކުރިން އެހެން ޤަޟިއްޔާއަކުން ސާބިތުކޮށްފައިވާނަމަ، އެ ޤަޟިއްޔާއާ ޙަވާލާދީގެން ކުރިއަށް ގެންދެވިދާނެއެވެ. ތިންވަނަ ކަމެއްގެ ގޮތުގައި އެ މީހަކު މަރުވިއިރު އެ މީހަކު ދޫކުޅަ މުދަލަކީ ކޮބައިކަން ބަލަން ޖެހެއެވެ. އެ މީހަކު ދޫކުޅަ މުދަލަކުން ވާރިޘުންނަށް ޙައްޤުވާ މިންވަރު ކަނޑައެޅުމަށެވެ. މުދާ ބެހުމުގެ ކުރިން މަރްޙޫމާގެ މައްޗަށް ދަރަންޏެއް ނުވަތަ ވަޞިއްޔަތެއް އޮތްތޯ ޝަރީޢަތުން ކަށަވަރު ކުރަންޖެހެއެވެ. އަދި ބަހަން ޖެހޭ މުދަލަކީ ބިމެއްނަމަ ބިމުގެ ނާޒިރުގެ ކިބައިން އެ ބިމާބެހޭ މަޢުލޫމާތު ލިޔުމުން ހޯދަންޖެހެއެވެ.
HN2 ޝަރުޢީ އިޞްޠިލާޙުގައި ތަރިކައަކީ މީހަކު މަރުވުމަށްފަހު އެ މީހަކު ދޫކޮށްދާ އެ މީހެއްގެ ނަމުގައި ހުރި އެންމެހައި ތަކެއްޗެވެ. ތަރިކައިގެ ގޮތުގައި ބެހުމަށް އެދި ހުށަހަޅާ މުދަލަކީ ބިމެއްނަމަ، އެ ބިމަކީ މަރުވި މީހާގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ބިމަކަށް ވާންޖެހެއެވެ. އެ ބިމުގެ މިލްކުވެރިކަމާ މެދު ޚުޞޫމަތެއް އޮވެގެން ނުވާނެއެވެ. ޚުޞޫމަތެއް އޮވެއްޖެނަމަ ތަރިކައިގެ މައްސަލައިގެ ތެރެއިން އެކަން ބެލެން ނެތް ކަމަށާއި، ވަކި މައްސަލައެއްގެ ގޮތުގައި އެކަން ހުށަހަޅައިގެން ކުރިއަށް ގެންދިޔުމަށް ޝަރީޢަތުން އަންގަންވާނެއެވެ.
HN3 ތަރިކައިގެ މައްސަލައެއް ހުށަހަޅާފައި އޮއްވައި، މައްސަލައިގެ މައުޟޫޢު ފުރޮޅާލައި،އެ މައްސަލަ މިލްކުވެރިކަމުގެ ދަޢުވާއެއްގެ ގޮތުގައި ބެލުމަކީ ހުށަހެޅިފައިވާ މައްސަލައިގެ ނުވަތަ ދަޢުވާގެ ޙުދޫދުން ބޭރުން ކުރެވޭ ކަމަކަށް ނޫނީ ނުވާނެއެވެ. ހުށަހެޅިފައިވާ މައްސަލައިގެ ޙުދޫދުން ބޭރުވުމަކީ ޤާޟީއަށް ލިބިގެންވާ އިޚްތިޔާރެއް ނޫނެވެ.
HN4 ތަރިކައިގެ މައްސަލައިގައި ޝަރީޢަތުން ކުރަންޖެހޭ ކަމަކީ ނިޔާވި ފަރާތުގެ ވާރިޘުން އެދި ހުށަހަޅާ ކަންކަން ކަށަވަރު ކުރުމަށްފަހު، އެ ކަންކަމަށް ގޮތެއް ނިންމުމެވެ. ތަރިކައިގެ މައްސަލައިގައި ބަހަންހުރި މުދަލުގެ މިލްކުވެރިކަމާ ގުޅިގެން ވަކި ފަރާތަކަށް ރައްދުދިނުމެއް ޖަދަލު ކުރުމެއް ނޯންނާނެއެވެ. ތަރިކައިގެ މައްސަލަ ހުށަހަޅަނީ ރައްދުވާ ފަރާތެއް ނެތް ގޮތަށް ކަމަށް ވާއިރު، ތަރިކައިގެ މައްސަލައިގެ ޙުދޫދުން ބޭރުވެ، މައްސަލައިގެ ތެރެއިން އުފަންކުރުވާ ޚުޞޫމަތްތަކަކަށް ގޮތް ނިންމާނަމަ، އެ ޚުޞޫމަތް ރައްދުވާ ފަރާތަށް ދިފާޢުވުމުގެ ފުރުސަތު ނުލިބުމުގެ އިޙްތިމާލު އޮތުމާއި، ތަދައްޚުލް ކުރުވައިގެން ދިފާޢުވުމުގެ ފުރުސަތު ދިންނަމަވެސް، ދިފާޢުވުމަށް ބޭނުންވާ އެކަށީގެންވާ ވަގުތާއި އެކަށީގެންވާ ވަސީލަތް އެންމެ ފުރިހަމަ ގޮތުގައި ނުލިބިދިޔުމުގެ އިޙްތިމާލު އޮތުމެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޢަލީ ރަޝީދު ޙުސައިން (ރިޔާސަތު)، ޑރ. އަޒްމިރާލްދާ ޒާހިރު، ޑރ. މުޙައްމަދު އިބްރާހީމް
- ރިޔާސަތު
- ޢަލީ ރަޝީދު ޙުސައިން
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަލީ ރަޝީދު ޙުސައިން · ތާއީދުކުރެއްވީ: ޑރ. އަޒްމިރާލްދާ ޒާހިރު، ޑރ. މުޙައްމަދު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ހުށަހެޅުނީ 26 އޮގަސްޓް 2019 · ރަޖިސްޓްރީކުރީ 16 އޮކްޓޫބަރު 2019 · ނިމުނީ 19 އޮގަސްޓް 2021 (22.1 މަސް)
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
2019/SC-A/105
ޝަރީޢަތް ނިމުނުގޮތް
އިބްރާހީމް ރަޝީދު ވ. މަރްޔަމް ޝަކީބާ
ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްނިމުނު ތާރީޚު
19 އޮގަސްޓް 2021އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
2017/HC-S-A/15
އިސްތިއުނާފު ރައްދުވާ ފަރާތް
އިސްތިއުނާފުކުރާ ފަރާތް
މަރްޔަމް ޝަކީބާ، ކަރަންކާގެ، ސ. ފޭދޫ
އިބްރާހީމް ރަޝީދު، ފިނިހިޔާގެ، ސ. ފޭދޫ
ބަދަލުގައި:
ބަދަލުގައި:
ޢާއިޝަތު ފަޒްނާ އަޙްމަދު ޙުސައިން ސިރާޖު
(ދިވެހި ޗޭންބަރސް އެލް.އެލް.ޕީ) (އެސް.އެންޑް.އޭ ލޯޔަރސް އެލް.އެލް.ޕީ)
ޤާނޫނީ ވަކީލު:
މަރްޔަމް ނިހާޔަތު (ދިވެހި ޗޭންބަރސް އެލް.އެލް.ޕީ) މަދަނީ – ތަރިކަ – މިލްކު ސާބިތުކުރުން – ހުށަހެޅި މައްސަލަ ނޫން އެހެން މައްސަލައެއް ބެލުން – ތަރިކަ ގޮތުގައި ބަހައި ދިނުމަށް އެދޭ މުދަލާ ގުޅިގެން ޚުޞޫމަތެއް އޮތުން
އިބްރާހީމް ރަޝީދު ވ. މަރްޔަމް ޝަކީބާ
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)
ތަޢާރުފު
1މި މައްސަލައަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-S-A/15 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫން ކަމަށް ބުނެ ސ. ފޭދޫ، ފިނިހިޔާގެ، އިބްރާހީމް ރަޝީދު (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: A051898) (މީގެ ފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "އިބްރާހީމް ރަޝީދު" ކަމަށް ބުނެފައިވާ ފަރާތް) ގެ ފަރާތުން ސުޕްރީމް ކޯޓަށް އިސްތިއުނާފަށް ހުށަހެޅި މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ސ. ފޭދޫ، ކަރަންކާގެ، މަރްޔަމް ޝަކީބާ (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: A015109) (މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "މަރްޔަމް ޝަކީބާ" ކަމަށް ބުނެފައިވާ ފަރާތް) އެވެ.
2ޢާއިޝަތު މަނިކުފާނު 2001 މާރިޗު 17 ވަނަ ދުވަހު ނިޔާވެފައިވާ ކަމާއި، ޢާއިޝަތު މަނިކުފާނުގެ ވާރިޘުންނަކީ ކޮބައިކަން ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 55/S4C/2014 ޤަޟިއްޔާއިން ސާބިތު ކޮށްފައި ވެއެވެ. އަދި ޢާއިޝަތު މަނިކުފާނުގެ ތަރިކަ ބަހައި ދިނުމަށް އެދި އޭނާގެ ވާރިޘުންގެ ތެރެއިން އިބްރާހިމް ރަޝީދު ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓަށް 30 މާރިޗު 2014 ގައި ހުށަހެޅިއެވެ.
ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު ތަރިކައިގެ މައްސަލަ ނިންމިގޮތް
3އަލްމަރުޙޫމާ ޢާއިޝަތު މަނިކުފާނުގެ ތަރިކަ ބަހައި ވާރިޘުންގެ މެދުގައި ހަމަޖައްސައި ދިނުމަށް އެދި ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި މައްސަލަ ބަލާފައި ވަނީ އެ ކޯޓުގެ ނަންބަރު 197/S4C/2016 ޤަޟިއްޔާއިންނެވެ. ވާރިޘުންގެ މެދުގައި ބަހައި ދިނުމަށް އެދިފައި ވަނީ ސ. ފޭދޫ ކަރަންކާގެ އެވެ ކިޔާ ބަންޑާރަ ގޯއްޗާއި އެ ގޯތީގައިވާ ނުއުފުލޭ މުދާކަން، މައްސަލަ ހުށަހެޅި ފޯމުން އެނގެން އޮތްކަން ފާހަގަކުރެވެއެވެ.
4ސ. ފޭދޫ ކަރަންކާގެ އެވެ ކިޔާ ބަންޑާރަ ގޯއްޗަކީ އަލްމަރުޙޫމާ ޢާއިޝަތު މަނިކުފާނުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ތަނެއް ނޫން ކަމަށާއި، އެ ގޯއްޗަކީ ޢާއިޝަތު މަނިކުފާނުގެ ދަރިންގެ ތެރެއިން މަރްޔަމް ޝަކީބާގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ގޯއްޗެއް ކަމަށް މަރްޔަމް ޝަކީބާގެ ފަރާތުން ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވެއެވެ. އަދި ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ އާއި މިލްކުވެރިކަން ސާބިތުކޮށްދޭ ލިޔުން މަރްޔަމް ޝަކީބާ ހުށަހަޅާފައިވެއެވެ.
5ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނީ ތަރިކައިގެ މައްސަލައެއް ނަމަވެސް، މި ޤަޟިއްޔާގައި އެ ކޯޓުން ބަލައި ނިޔާ ކަނޑައަޅާފައި ވަނީ މިލްކުވެރިކަން ސާބިތުކުރުމުގެ މައްސަލައެކެވެ. މައްސަލަ ހުށަހެޅި އިބްރާހިމް ރަޝީދުގެ ފަރާތުން ހުށަހެޅި ހަތަރު ހެއްކެއްގެ ހެކިބަސް ނަގައި، އެ ހެކިންގެ ހެކިބަހުގެ މައްޗަށް ބިނާކޮށް އެ ކޯޓުން ނިންމާފައި ވަނީ، ސ. ފޭދޫ ކަރަންކާގެ އެވެ ކިޔާ ބަންޑާރަ ގޯއްޗާއި އެ ގޯތީގައިވާ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނާއި ރުއްގަސްފަދަ ތަކެއްޗަކީ އަލްމަރުޙޫމާ ޢާއިޝަތު މަނިކުފާނާއި މަރްޔަމް ޝަކީބާއާ ދެ މީހުންގެ މިލްކުގައި ހުރި ތަންތަނާއި ރުއްގަސްފަދަ ތަކެތި ކަމުގައެވެ.
6ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުން ޙުކުމް ކޮށްފައި ވަނީ ޤާނޫނާއި ޢަމަލު ކުރަމުން އަންނަ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ، އެ ޙުކުމް މަރްޔަމް ޝަކީބާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ.
ހައިކޯޓުން ނިންމިގޮތް
7މަރްޔަމް ޝަކީބާގެ ފަރާތުން އިސްތިއުނާފު ކުރި މައްސަލަ ބަލާފައި ވަނީ ހައިކޯޓުގެ ނަންބަރު 2017/HC-S-A/15 ޤަޟިއްޔާއިންނެވެ.
8ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 197/S4C/2016 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމް ބާޠިލުކޮށް، އެ ޤަޟިއްޔާގައި ހައިކޯޓުން ނިންމާފައި ވަނީ ސ. ފޭދޫ ކަރަންކާގެ އެވެ ކިޔާ ބަންޑާރަ ގޯއްޗަކީ މަރްޔަމް ޝަކީބާއާ ޙަވާލު ކުރެވިފައިވާ ގޯއްޗެއް ކަމަށާއި، ސ. ފޭދޫ ކަރަންކާގެ އެވެ ކިޔާ ގެއަކީ މަރްޔަމް ޝަކީބާގެ އަމިއްލަ މިލްކު ގެއެއް ކަމަށާއި، އެ ގޭގެ ވެރިފަރާތަކީ މަރްޔަމް ޝަކީބާކަން ޝަރީޢަތަށް ސާބިތުވާ ކަމަށެވެ.
9ހައިކޯޓުގެ ނަންބަރު 2017/HC-S-A/15 ޤަޟިއްޔާ ނިންމާފައި ވަނީ ޤާނޫނާ އެއްގޮތަށް ނޫން ކަމަށް ބުނެ، އިބްރާހީމް ރަޝީދުގެ ފަރާތުން ސުޕްރީމް ކޯޓުގައި އެ ޤަޟިއްޔާ އިސްތިއުނާފު ކޮށްފައިވެއެވެ.
ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ނުކުތާތައް
10އިސްތިއުނާފުކުރާ އިބްރާހިމް ރަޝީދުގެ ފަރާތުން އިސްވެ ބަޔާންވެދިޔަ ހައިކޯޓުގެ ޤަޟިއްޔާ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަމުން ހުށަހަޅާފައިވާ ނުކުތާތައް ތިރީގައި އެ ވަނީ އެވެ.
11އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ފުރަތަމަ ނުކުތާއަކީ: ސ. ފޭދޫ ކަރަންކާގެ އެވެ ކިޔާ ބަންޑާރަ ގޯއްޗަކީ މަރްޔަމް ޝަކީބާއާ ޙަވާލު ކުރެވިފައިވާ ގޯއްޗެއް ކަމަށާއި، އެ ގޯތީގައިވާ ގެއަކީ މަރްޔަމް ޝަކީބާގެ އަމިއްލަ މިލްކެއް ކަމަށް ޝަރީޢަތަށް ސާބިތުވާ ކަމަށް ހައިކޯޓުން ކަނޑައަޅާފައި ވަނީ، މީހެއްގެ ނަމުގައި ގެއެއްގެ ނުވަތަ މުދަލެއްގެ ރަޖިސްޓްރީ ހެދިފައި އޮތް ނަމަވެސް، އެ ރަޖިސްޓްރީ ނަފީކުރެވިދާނެ ޙާލަތްތަކެއް ވުޖޫދުވެގެންވާ ކަމަށް، ފާޠިމަތު މަނިކެ ވ. މުޙައްމަދު މަނިކު ޤަޟިއްޔާގައި އަދި އިބްރާހީމް ޝިޔާރު ވ. ޢަބްދުﷲ ވަޙީދު ޤަޟިއްޔާގައި ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
12އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ދެވަނަ ނުކުތާއަކީ: ސ. ފޭދޫ ކަރަންކާގެ އެވެ ކިޔާ ގެއަކީ މަރްޔަމް ޝަކީބާގެ އަމިއްލަ ގެއެއްކަން މިލްކު ސާބިތުކޮށްދޭ ލިޔުމުން އެނގެން އޮތް ކަމަށް ހައިކޯޓުން ކަނޑައަޅާފައި ވަނީ، އެ ލިޔުމުން ސާބިތު ކޮށްދީފައި ވަނީ ކަރަންކާގެ އެވެ ކިޔާ ގޯތީގައިވާ އެންމެހައި ޢިމާރާތްތަކުގެ މިލްކުވެރިކަމުގެ ބަދަލުގައި އެ ގޯތީގައި ކުރީއްސުރެ ހުރި މަރްޔަމް ޝަކީބާގެ މައިންބަފައިންގެ މިލްކު ޢިމާރާތްތަކުގެ ކުރިމަތިން، އެ ގޭގެ މަގާ ދެމެދު ގޯތީގެ ތެރޭގައި އޮތް ހުސް ބިމުގައި މަރްޔަމް ޝަކީބާ ހެދި ޢިމާރާތެއްގެ މިލްކުވެރިކަން ކަން އެ ލިޔުމުން ސާފުކޮށް އެނގެން އޮތް ނަމަވެސް، އެ ކަމަށް ހައިކޯޓުން ރިޢާޔަތް ކޮށްފައިނުވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
13އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ތިންވަނަ ނުކުތާއަކީ: އިސްތިއުނާފު ކުރެވިފައި މިވާ ހައިކޯޓުގެ ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 40 ވަނަ މާއްދާގެ (ހ) އާއި (ށ)، ސ. ފޭދޫ ކަރަންކާގެ އެވެ ކިޔާ ބަންޑާރަ ގޯއްޗާއި ޢިމާރާތްތަކުގެ މައްޗަށް ތަޠުބީޤު ކޮށްފައި ވަނީ، އެ މައްސަލައިގައި ގޯއްޗާބެހޭ ގޮތުން ހުރި ކިތާބީ ހެކިތައް ރަނގަޅަށް ދިރާސާ ކުރުމެއް ނެތި ކަމަށް ވުމުން، މި ނުކުތާ ހައިކޯޓުން ޙުކުމަށް ވާޞިލުވުމަށްޓަކައި ބަޔާންކޮށްފައި ވަނީ ބުނެވިދިޔަ ޤާނޫނުގެ 40 ވަނަ މާއްދާގެ (ހ) އާއި (ށ) ގެ މާނަ އާއި މަފްޙޫމް އޮޅޭގޮތަށް އަދި ޙަޤީޤަތަކާ މުޅިން ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
14އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ހަތަރުވަނަ ނުކުތާއަކީ: ސ. ފޭދޫ ކަރަންކާގެ އެވެ ކިޔާ ބަންޑާރަ ގޯތީގެ ރަޖިސްޓްރީ އޮތީ މަރްޔަމް ޝަކީބާގެ ނަމުގައި ކަމަށް ވުމުންނާއި، ސ. ފޭދޫ ކަރަންކާގެ އެވެ ކިޔާ ގެއަކީ އަލްމަރުޙޫމާ ޢާއިޝަތު މަނިކުފާނުގެ މިލްކެއް ހިމެނޭ ގެއެއްކަން ދަލާލާތު ކުރާ އެއްވެސް ލިޔުމެއް ހުށަހެޅިފައި ނެތުމުން، އެ ގެއަކީ އެ ގޭގެ ރަޖިސްޓްރީ ހަދާދީފައިވާ މަރްޔަމް ޝަކީބާގެ މިލްކެއް ކަމަށް ހައިކޯޓުން ނިންމާފައި ވަނީ، އެ ރަޖިސްޓްރީގެ އިތުރު ބަޔާނުގައި، އެ ރަޖިސްޓްރީ ހަދައި ދިން އިރު އެ ގޯތީގައި މަރްޔަމް ޝަކީބާގެ ޢިމާރާތެއް ނެތުމުން، އެ ރަޖިސްޓްރީ ހަދާދީފައި ވަނީ ހަމައެކަނި މަރްޔަމް ޝަކީބާ ބުނި ބުނުމެއްގެ މައްޗަށް ކަމަށާއި، އެއީ އެ ގޯތީގައި ހުރީ މަރްޔަމް ޝަކީބާއަށް ހިބައިން ލިބިފައިވާ ޢިމާރާތެއް ކަމަށް ބުނާބުނުން ކަމަށާއި، އެހެންނަމަވެސް އެ ކަމަށް ދަލީލުކުރާ ޝަރުޢީ ލިޔުމެއް ނެތުމުން، އެ ރަޖިސްޓްރީ މަރްޔަމް ޝަކީބާގެ ނަމުގައި ހަދާދީފައި ވަނީ މަރްޔަމް ޝަކީބާ ހިބަ ޝަރީޢަތުގެ ޞައްޙަ މަގުން ސާބިތު ކުރުމަށް ޝަރުޠުކޮށްގެން ކަމަށް އެނގެން އޮތް ނަމަވެސް، އެ ބުނާ ހިބައެއް ޝަރީޢަތުގެ މަތީން ޞައްޙަ ކުރެވިފައި ނެތުމުން، އެ ޢިމާރާތަކީ އަލްމަރުޙޫމާ ޢާއިޝަތު މަނިކުފާނުގެ ތަރިކައިގައި ހިމެނޭ މުދަލެއް ކަމަށާއި، މަރްޔަމް ޝަކީބާގެ މައްޗަށް އެ ރަޖިސްޓްރީން ފުރިހަމަކުރުން ލާޒިމުކޮށްފައިވާ ޝަރުޠު ފުރިހަމަ ކުރެވިފައި ނެތުމުން، މިހާރު އެ ރަޖިސްޓްރީއަކީ ޞައްޙަ ރަޖިސްޓްރީއެއް ކަމަށް ޤާނޫނީ ގޮތުން ނުބެލެވޭނެ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ހުށަހެޅި މައްސަލަ ނޫން އެހެން މައްސަލައެއް ބަލާފައިވުން
15HN1ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނީ ތަރިކައިގެ މައްސަލަ ހުށަހަޅާ ފޯމުން ތަރިކައިގެ މައްސަލައެކެވެ. ތަރިކައިގެ މައްސަލައިގައި އެންމެ ފުރަތަމަ އެ މީހަކު ނިޔާވެފައިވާކަން ޝަރީޢަތުން ކަށަވަރު ކުރަންޖެހެއެވެ. އޭގެ ފަހުން އެ މީހާ ނިޔާވިއިރު ދުނިޔޭގައި އެ މީހާގެ ވާރިޘުންގެ ގޮތުގައި ތިބީ ކޮން ބައެއްކަން ހެކިންގެ ހެކިބަހުން ސާބިތު ކުރަންޖެހެއެވެ. އަދި އިތުރު ވާރިޘަކު ހުރިތޯ ބެލުމަށް ޢާންމުކޮށް އިޢުލާން ކުރަންޖެހެއެވެ. ވާރިޘުންނަކީ ކޮބައިކަން އޭގެ ކުރިން އެހެން ޤަޟިއްޔާއަކުން ސާބިތުކޮށްފައިވާނަމަ، އެ ޤަޟިއްޔާއާ ޙަވާލާދީގެން ކުރިއަށް ގެންދެވިދާނެއެވެ. ތިންވަނަ ކަމެއްގެ ގޮތުގައި އެ މީހަކު މަރުވިއިރު އެ މީހަކު ދޫކުޅަ މުދަލަކީ ކޮބައިކަން ބަލަން ޖެހެއެވެ. އެ މީހަކު ދޫކުޅަ މުދަލަކުން ވާރިޘުންނަށް ޙައްޤުވާ މިންވަރު ކަނޑައެޅުމަށެވެ. މުދާ ބެހުމުގެ ކުރިން މަރްޙޫމާގެ މައްޗަށް ދަރަންޏެއް ނުވަތަ ވަޞިއްޔަތެއް އޮތްތޯ ޝަރީޢަތުން ކަށަވަރު ކުރަންޖެހެއެވެ. އަދި ބަހަން ޖެހޭ މުދަލަކީ ބިމެއްނަމަ ބިމުގެ ނާޒިރުގެ ކިބައިން އެ ބިމާބެހޭ މަޢުލޫމާތު ލިޔުމުން ހޯދަންޖެހެއެވެ.
16HN2ޝަރުޢީ އިޞްޠިލާޙުގައި ތަރިކައަކީ މީހަކު މަރުވުމަށްފަހު އެ މީހަކު ދޫކޮށްދާ އެ މީހެއްގެ ނަމުގައި ހުރި އެންމެހައި ތަކެއްޗެވެ. ތަރިކައިގެ ގޮތުގައި ބެހުމަށް އެދި ހުށަހަޅާ މުދަލަކީ ބިމެއްނަމަ، އެ ބިމަކީ މަރުވި މީހާގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ބިމަކަށް ވާންޖެހެއެވެ. އެ ބިމުގެ މިލްކުވެރިކަމާ މެދު ޚުޞޫމަތެއް އޮވެގެން ނުވާނެއެވެ. ޚުޞޫމަތެއް އޮވެއްޖެނަމަ ތަރިކައިގެ މައްސަލައިގެ ތެރެއިން އެކަން ބެލެން ނެތް ކަމަށާއި، ވަކި މައްސަލައެއްގެ ގޮތުގައި އެކަން ހުށަހަޅައިގެން ކުރިއަށް ގެންދިޔުމަށް ޝަރީޢަތުން އަންގަންވާނެއެވެ.
17މި މައްސަލަ ހުށަހެޅީ ތަރިކައިގެ މައްސަލައެއްގެ ގޮތުގައި ނަމަވެސް، ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުން ބަލައި ނިޔާ ކަނޑައަޅާފައި ވަނީ މިލްކުވެރިކަން ސާބިތު ކުރުމުގެ މައްސަލައެއްގެ ގޮތުގައި ކަމަށް ވުމުން މިއީ، ޝަރީޢަތް ހިންގުމުގެ އުޞޫލުތަކާ މުޅިން ޚިލާފަށް ހިންގާފައިވާ ކަމެކެވެ. މަރްޔަމް ޝަކީބާގެ ފަރާތުން ހައިކޯޓަށް ހުށަހެޅި ފުރަތަމަ ނުކުތާގައި މި ވާހަކަ ބަޔާން ކޮށްފައިވެއެވެ. މިކަން ކޮށްފައި ވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ހަމަތަކާ އެއްގޮތަށް ކަމަށް ބެލެވެން ނެތް ކަމަށް ހައިކޯޓުން މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައި ބަޔާން ކޮށްފައިވެއެވެ. އެހެންނަމަވެސް، މައްސަލަ ބާޠިލުކޮށް އަލުން ބެލުމަށް ދަށު ކޯޓަށް އެންގުމުގެ ބަދަލުގައި ހައިކޯޓުން މައްސަލައިގެ މައުޟޫޢަށް ފައިޞަލާ ކޮށްފައިވެއެވެ.
18HN3HN4ތަރިކައިގެ ގޮތުގައި ބަހައި ދިނުމަށް ހުށަހެޅޭ މުދަލާ ގުޅިގެން ޚުޞޫމަތެއް އޮންނަ ޙާލަތުގައި ތަރިކައިގެ މައްސަލައިގެ ތެރެއިން އެ ޚުޞޫމަތް ނުބަލައި، ވަކި މައްސަލައެއްގެ ގޮތުގައި ހުށަހަޅަން ޝަރީޢަތުން އަންގަން ޖެހެނީ އަންނަނިވި ސަބަބުތައް އެހެން ހުރުމުންނެވެ.
ތަރިކައިގެ މައްސަލައެއް ހުށަހަޅާފައި އޮއްވައި، މައްސަލައިގެ މައުޟޫޢު ފުރޮޅާލައި،އެ މައްސަލަ މިލްކުވެރިކަމުގެ ދަޢުވާއެއްގެ ގޮތުގައި ބެލުމަކީ ހުށަހެޅިފައިވާ މައްސަލައިގެ ނުވަތަ ދަޢުވާގެ ޙުދޫދުން ބޭރުން ކުރެވޭ ކަމަކަށް ނޫނީ ނުވާނެއެވެ. ހުށަހެޅިފައިވާ މައްސަލައިގެ ޙުދޫދުން ބޭރުވުމަކީ ޤާޟީއަށް ލިބިގެންވާ އިޚްތިޔާރެއް ނޫނެވެ.
ތަރިކައިގެ މައްސަލަ ހުށަހަޅަނީ ރައްދުވާ ފަރާތެއް ނެތް ގޮތަށް ކަމަށް ވުމާއި، ތަރިކައިގެ މައްސަލައިގައި ޝަރީޢަތުން ކުރަންޖެހޭ ކަމަކީ ނިޔާވި ފަރާތުގެ ވާރިޘުން އެދި ހުށަހަޅާ ކަންކަން ކަށަވަރު ކުރުމަށްފަހު، އެ ކަންކަމަށް ގޮތެއް ނިންމުމެވެ. ތަރިކައިގެ މައްސަލައިގައި ބަހަންހުރި މުދަލުގެ މިލްކުވެރިކަމާ ގުޅިގެން ވަކި ފަރާތަކަށް ރައްދުދިނުމެއް ޖަދަލު ކުރުމެއް ނޯންނާނެއެވެ.
ތަރިކައިގެ މައްސަލަ ހުށަހަޅަނީ ރައްދުވާ ފަރާތެއް ނެތް ގޮތަށް ކަމަށް ވާއިރު، ތަރިކައިގެ މައްސަލައިގެ ޙުދޫދުން ބޭރުވެ، މައްސަލައިގެ ތެރެއިން އުފަންކުރުވާ ޚުޞޫމަތްތަކަކަށް ގޮތް ނިންމާނަމަ، އެ ޚުޞޫމަތް ރައްދުވާ ފަރާތަށް ދިފާޢުވުމުގެ ފުރުސަތު ނުލިބުމުގެ އިޙްތިމާލު އޮތުމާއި، ތަދައްޚުލް ކުރުވައިގެން ދިފާޢުވުމުގެ ފުރުސަތު ދިންނަމަވެސް، ދިފާޢުވުމަށް ބޭނުންވާ އެކަށީގެންވާ ވަގުތާއި އެކަށީގެންވާ ވަސީލަތް އެންމެ ފުރިހަމަ ގޮތުގައި ނުލިބިދިޔުމުގެ އިޙްތިމާލު އޮތުމެވެ. މި މައްސަލައަށް ބަލާއިރު، މަރްޔަމް ޝަކީބާ ދަށު ކޯޓުގެ ޝަރީޢަތަށް ޙާޟިރުވީ އޭނާގެ މަންމަގެ ތަރިކައިގެ މައްސަލައިގައި ވާރިޘެއްގެ ހައިސިއްޔަތުން ކަމާއި، އޭނާގެ މައްޗަށް ދަޢުވާއެއް ރައްދުވާކަން އޭނާއަށް މައްސަލަ ހުށަހެޅި ފޯމުން އެނގެން ނޯންނާނެ ކަމާއި، އޭނާއަކީ ދަޢުވާއެއް ރައްދުވާ މީހެއް ކަމަށް މައްސަލައިގެ ތެރެއިން އޭނާއަށް އެނގިގެން އޭނާ އެއަށް ރައްދުދިން ނަމަވެސް، މިގޮތަށް ޝަރީޢަތް ހިންގުމުން، ޢަދުލުވެރިކަމާއި އިންސާފުވެރިކަމާއެކު ޝަރީޢަތެއް ހިންގުމަށްޓަކައި ދަޢުވާ ރައްދުވާ ފަރާތަށް ދިފާޢުވުމަށް ލިބެންޖެހޭ އެކަށީގެންވާ ވަގުތާއި އެކަށީގެންވާ ވަސީލަތް، އޭގެ އެންމެ ފުރިހަމަ ގޮތުގައި މަރްޔަމް ޝަކީބާއަށް ލިބިދެވިފައި ނުވާ ކަމަށް ބެލުމުގެ ޖާގަ އޮތުމެވެ.
19ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 197/S4C/2016 ޤަޟިއްޔާއިން ކުރި ޙުކުމް ހައިކޯޓުން ބާޠިލުކޮށްފައި ވީނަމަވެސް، އެ މައްސަލައިގައި އަލްމަރްޙޫމާ ޢާއިޝަތު މަނިކުފާނުގެ ތަރިކައިގެ ގޮތުގައި ބެހުމަށް ހުށަހެޅިފައިވާ ސ. ފޭދޫ ކަރަންކާގެ އެވެ ކިޔާ ބަންޑާރަ ގޯއްޗަކީ ހަމައެކަނި މަރްޔަމް ޝަކީބާއާ ޙަވާލު ކުރެވިފައިވާ ގޯއްޗެއް ކަމަށާއި، އެ ގޯތީގައިވާ އެންމެހައި ޢިމާރާތްތަކާއި ނުއުފުލޭ މުދަލުގެ މިލްކުވެރި ފަރާތަކީ ހަމައެކަނި މަރްޔަމް ޝަކީބާ ކަމަށް ހައިކޯޓުގެ ޙުކުމުގައި ކަނޑައަޅާފައިވެއެވެ. ދަށު ކޯޓަށް ހުށަހެޅުނު މައްސަލައިގެ ޙުދޫދުން ބޭރުވެ އެ ކޯޓުން ބަލައި ނިންމާފައިވާ މިލްކުވެރިކަމުގެ މައްސަލައަށް ހައިކޯޓުން މި ވަނީ ގޮތެއް ނިމިފައެވެ. ނަތީޖާއެއްގެ ގޮތުން ހައިކޯޓުގެ ޙުކުމުގެ ބާރު ދެމިއޮތްހައި ހިނދަކު އެ މައްސަލަ އަލުން ދަށު ކޯޓަށް ހުށަނޭޅޭނެކަން ފާހަގަކުރެވެއެވެ.
20އިސްވެބަޔާންވެ ދިޔަ ކަންކަން އެގޮތަށް ހުރުމުން، ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 197/S4C/2016 ޤަޟިއްޔާއިން އެ ކޯޓަށް ހުށަހެޅިފައިވާ ތަރިކައިގެ މައްސަލައިގެ މައުޟޫޢު ފުރޮޅާލައި، މިލްކުވެރިކަމުގެ ދަޢުވާއެއްގެ ގޮތުގައި އެ މައްސަލަ ބަލާފައި ވަނީ،ޢަމަލުކުރަމުން އަންނަ އުޞޫލުތަކާ މުޅިން ޚިލާފަށް ކަމަށް ވާތީ އާއި، މަރްޔަމް ޝަކީބާގެ ފަރާތުން ހައިކޯޓަށް ހުށަހެޅި ފުރަތަމަ ނުކުތާގައި މި ވާހަކަ ބަޔާންކޮށްފައި ވުމާއި، މިކަން ކޮށްފައި ވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ހަމަތަކާ އެއްގޮތަށް ކަމަށް ބެލެވެން ނެތް ކަމަށް ހައިކޯޓުގެ ރިޕޯޓުގައި ފާހަގަކޮށްފައި އޮތް ނަމަވެސް، މައްސަލަ އަލުން ބެލުމަށް ދަށު ކޯޓަށް ފޮނުވުމުގެ ބަދަލުގައި ހައިކޯޓުން މައްސަލައިގެ މައުޟޫޢަށް ފައިޞަލާކޮށްފައި ވާތީ، އަލްމަރްޙޫމާ ޢާއިޝަތު މަނިކުފާނުގެ ތަރިކައިގެ މައްސަލައާއި، ސ. ފޭދޫ ކަރަންކާގެ އެވެ ކިޔާ ބަންޑާރަ ގޯއްޗާއި އެ ގޯތީގައިވާ އެންމެހައި ޢިމާރާތްތަކާއި ނުއުފުލޭ މުދަލުގެ މިލްކުވެރިކަމުގެ މައްސަލަ ދަށު ކޯޓަށް ހުށަހެޅުމުގެ ޙައްޤު މަޞްލަޙަތު އޮތް ފަރާތްތަކަށް ލިބޭގޮތަށް، ހައިކޯޓުގެނަންބަރު 2017/HC-S-A/15 ޤަޟިއްޔާގެ ޙުކުމާއި، ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 197/S4C/2016 ޤަޟިއްޔާގެ ޙުކުމް ބާޠިލުކުރަން ޖެހޭކަމަށް އަހުރެންނަށް ބުރަވެވެއެވެ.
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ނުކުތާތަކުގައި ބަޔާން ކުރެވުނު ސަބަބުތައް އެފަދައިން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-S-A/15 ޤަޟިއްޔާ އާއި، ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 197/S4C/2016 ޤަޟިއްޔާއިން ޙުކުމްކޮށްފައި ވަނީ ޤާނޫނީ ހަމަތަކާއި ޢަމަލުކުރަމުން އަންނަ އުޞޫލުތަކާ އެއްގޮތަށް ކަމަށް ނުވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-S-A/15 ޤަޟިއްޔާގެ ޙުކުމާއި، ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 197/S4C/2016 ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށް، އަލްމަރްޙޫމާ ޢާއިޝަތު މަނިކުފާނުގެ ތަރިކައިގެ މައްސަލައާއި، ސ. ފޭދޫ ކަރަންކާގެ އެވެ ކިޔާ ބަންޑާރަ ގޯއްޗާއި އެ ގޯތީގައިވާ އެންމެހައި ޢިމާރާތްތަކާއި ނުއުފުލޭ މުދަލުގެ މިލްކުވެރިކަމުގެ މައްސަލަ، މަޞްލަޙަތު އޮތް ފަރާތަކުން ހުށަހަޅައިފިނަމަ، މި ދެ މައްސަލަ ދަށު ކޯޓަށް ބަލައިގަންނަންޖެހޭ ކަމަށް ކަނޑައަޅައި، މި މައްސަލަ ބެލި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
އަޒްމިރާލްދާ ޒާހިރުޢަލީ ރަޝީދު ޙުސައިންމުޙައްމަދު އިބްރާހީމް(ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
—
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.