ޢާއިޝަތު ޝީނާ ޢަބްދުﷲ ޢަލީ ވ. ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
2019/SC-A/107
ޝަރީޢަތް ނިމުނުގޮތް
ޢާއިޝަތު ޝީނާ ޢަބްދުﷲ ޢަލީ ވ. ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް
ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްނިމުނު ތާރީޚު
09 ޖޫން 2021އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
2016/HC-A/461
އިސްތިއުނާފު ރައްދުވާ ފަރާތް
އިސްތިއުނާފުކުރާ ފަރާތް
ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު C-793/2008)
ޢާއިޝަތު ޝީނާ ޢަބްދުﷲ ޢަލީ، )ދ.ރ އަންގައިދޭ ކާޑު ނަންބަރު
ޤާނޫނީ ވަކީލު:
ބަދަލުގައި:
ސީނިއަރ ލީގަލް އޮފިސަރ ޢަބްދުﷲ ޢަލީ މަރްޔަމް ޝުނާނާ، ހ. ވެލަސްފަރު
ފައިސާ ހޯދުން، އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދެއްކުން، ދަޢުވާގެ ސީޣާ، އެއްބަސްވުމުގެ ދަށުން ޖޫރިމަނާ ފައިސާ ހިސާބުކޮށްފައިވާގޮތް
ޢާއިޝަތު ޝީނާ ޢަބްދުﷲ ޢަލީ ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު (ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)
ތަޢާރުފު
މި މައްސަލައަކީ ޢާއިޝަތު ޝީނާ ޢަބްދުﷲ ޢަލީ (މީގެ ފަހުން "ޢާއިޝަތު ޝީނާ") އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޑެޓް (މީގެ ފަހުން "އެޗް.ޑީ.ސީ") އާ ދެމެދު ހުޅުމާލޭގެ ލޮޓް ނަންބަރު 10388 ގޯތި ގަނެވިއްކުމުގެ މުޢާމަލާތާ ގުޅިގެން، ދެފަރާތު ދެމެދު ވެވުނު އެއްބަސްވުމާ އެއްގޮތަށް ޢާއިޝަތު ޝީނާގެ ފަރާތުން ފައިސާ ދައްކާފައިނުވާކަމަށް ބުނެ، އެއްބަސްވުން ނިމުމަކަށް އައިސްފައިވާކަމަށާއި އެ ގޯތި އެޗް.ޑީ.ސީ އާ ޙަވާލުކުރުމަށް އެޗް.ޑީ.ސީ އިން ޢާއިޝަތު ޝީނާއަށް އެންގުމުން، މި ދެފަރާތު ދެމެދު އުފެދުނު ދެބަސްވުމާ ގުޅޭ މައްސަލައެކެވެ.
އެޗް.ޑީ.ސީގެ އެންގުން އަންގާފައިވަނީ އެއްބަސްވުމާ އެއްގޮތަށް ނޫންކަމަށް ބުނެ ޢާއިޝަތު ޝީނާ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް އެ ކޯޓުގެ ނަންބަރު 347/HMC/2015 ގަޒިއްޔާއިން މައްސަލަ ހުށަހެޅިއެވެ. އެ މައްސަލައިގައި ޙުކުމްކުރީ އެޗް.ޑީ.ސީއާ އެއްކޮޅަށެވެ. ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 347/HMC/2015 ގަޒިއްޔާގެ ނިންމުން، ޢާއިޝަތު ޝީނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުގެ ނަންބަރު 2016/HC-A/461 ގަޒިއްޔާއިން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނިންމުމަށް ތާއީދުކޮށްފައިވެއެވެ.
މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/461 ގަޒިއްޔާގެ ޙުކުމް ބާޠިލުކޮށްދިނުމަށް އެދި، ޢާއިޝަތު ޝީނާގެ ފަރާތުން އެމައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން، ސުޕްރީމް ކޯޓުން ބެލި މައްސަލައެވެ.
މައްސަލައިގައި ކަން ހިނގާދިޔަ ގޮތް
ޢާއިޝަތު ޝީނާއާއި އެޗް.ޑީ.ސީއާ ދެމެދު 27 ފެބްރުއަރީ 2007 ގައި ނަންބަރު HDC/LDS/07/436 "ހުޅުމާލެއިން ގޯތި ވިއްކުމުގެ އެއްބަސްވުން" (މީގެ ފަހުން "އެއްބަސްވުން") ގައި ސޮއިކުރެވުނެވެ. މި އެއްބަސްވުމުގެ ދަށުން ޢާއިޝަތު ޝީނާ ހުޅުމާލޭގެ ލޮޓް ނަންބަރު 10388 ގޯތި ގަންނަން އެއްބަސްވި އަގަކީ 3,087,000/-ރ. (ތިން މިލިއަން އަށްޑިހަ ހަތްހާސް ރުފިޔާ) އަށެވެ. އަދި އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ޑައުންޕޭމަންޓުގެ ގޮތުގައި 77,1750/-ރ. (ހަތްލައްކަ ހަތްދިހަ އެއްހާސް ހަތްސަތޭކަ ފަންސާސް ރުފިޔާ) ގޯތި ގަންނަ ފަރާތުން ވިއްކާފަރާތަށް ދައްކަންޖެހޭކަމަށް އެއްބަސްވުމުގައި ބަޔާންވެފައި އޮތެވެ. މި މައްސަލައިގެ ދެފަރާތުގެ ވާހަކަތަކުންވެސް މި ޢަދަދު ޢާއިޝަތު ޝީނާ ދައްކާފައިވާކަމަށްވެއެވެ. މީގެ އިތުރުން އެއްބަސްވުމުގެ ދަށުން އެހައިތަނަށް ނުދައްކާވާ ޢަދަދަށް އަހަރަކު %10 ގެ ރޭޓުން އިންޓަރެސްޓް ދައްކަންޖެހޭކަމަށް އެއްބަސްވުމުގެ 5 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާއިރު، އިންސްޓޯލްމަންޓް ނުދެއްކި އޮވެ ހިނގާ ކޮންމެ ދުވަހަކަށް %0.05 ރޭޓުން ޖޫރިމަނާ ކުރެވޭނެކަމަށް އެއްބަސްވުމުގެ 16 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވެއެވެ.
ޢާއިޝަތު ޝީނާ އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދައްކައިގެން "ހުޅުމާލެއިން ގޯތި ވިއްކުމުގެ އެއްބަސްވުން ނިމުމަކަށް ގެނައުމަށް ދެވޭ ނޯޓިސް" 11 އެޕްރީލް 2010 ގައި އެޗް.ޑީ.ސީ އިން ޢާއިޝަތު ޝީނާއަށް ފޮނުވިއެވެ. އެގޮތުން، އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކަމުންނުދާތީ، މާރޗް 2010 ގެ ނިޔަލަށް ދައްކަންޖެހި ނުދައްކައިވާ ފައިސާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ދެއްކުމަށާއި، މި މުއްދަތުގެ ތެރޭގައި މި ފައިސާ ހަމައަށް ނުދައްކައިފިނަމަ، އިތުރު ނޯޓިހަކާއި ނުލައި އެއްބަސްވުން ނިމުމަކަށް އަންނާނެކަމަށާއި، މި މުއްދަތުގެ ތެރޭގައި ފައިސާ ދައްކައިފިނަމަ، މި ނޯޓިސް އުވި، އެއްބަސްވުން ޞައްޙަކަންމަތީ ދެމިއޮންނާނެކަމަށް އަންގައިފައިވެއެވެ. އަދި އޭރު އެހައިތަނަށް ދައްކަންޖެހި ނުދެއްކިވާ ފައިސާގެ ޢަދަދަކީ 502,730/-ރ. (ފަސްލައްކަ ދެހާސް ހަތްސަތޭކަ ތިރީސް ރުފިޔާ) ކަމަށް އެލިޔުމުގައި ބަޔާންކޮށްފައިވެއެވެ.
ނޯޓިސް ފޮނުވުނުތާ 8 މަސް ފަހުން، މި ނޯޓިސްއަށްފަހުވެސް އެއްބަސްވުމުގައި ބުނެފައިވާ ގޮތަށް ފައިސާ ދައްކަމުންނުދާތީ، އިންޓަރެސްޓާއި ޖޫރިމަނާއާއެކު 07 އޮކްޓޯބަރު 2010 ގެ ނިޔަލަށް އެޗް.ޑީ.ސީއަށް ދައްކަންޖެހޭ 917,851/47ރ. (ނުވަލައްކަ ސަތާރަހާސް އަށްސަތޭކަ ފަންސާސް އެއްރުފިޔާ ސާޅީސް ހަތްލާރި) ހޯދުމަށާއި، އެއްބަސްވުމުގެ 6 ވަނަ މާއްދާގައިވާ ގޮތަށް ގޯތީގެ ޕޭމަންޓް ލިބިގަތުމަށާއި، އެއްބަސްވުމުގެ 16 ވަނަ މާއްދާގެ (ރ) ގެ ދަށުން ގޯއްޗާއި ހަވާލުވުމަށް ސިވިލް ކޯޓުގެ ނަންބަރު 138/Cv-C/2011 ގަޒިއްޔާގައި ޢާއިޝަތު ޝީނާގެ މައްޗަށް އެޗް.ޑީ.ސީއިން ދަޢުވާކުރިއެވެ.
21 އޯގަސްޓް 2011 ގައި، ސިވިލް ކޯޓުގެ ނަންބަރު 138/Cv-C/2011 ގަޒިއްޔާގައި ޙުކުމްކުރީ ދަޢުވާގައިވާ ފައިސާއަކީ އާޢިޝަތު ޝީނާގެ ފަރާތުން އެޗް.ޑީ.ސީއަށް ދައްކަންޖެހޭ ފައިސާކަމަށް ޢާއިޝަތު ޝީނާ އިޢުތިރާފުވެފައިވާތީ، އެފައިސާއަކީ އެޗް.ޑީ.ސީއަށް ދައްކަންޖެހޭ ފައިސާއެއްކަން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައެވެ. އަދި އެ ގަޒިއްޔާގައި ޙުކުމްކުރި ދުވަސްކަމަށްވާ 21 އޯގަސްޓް 2011 ގެ ނިޔަލަށް ޢާއިޝަތު ޝީނާގެ ފަރާތުން އެއްބަސްވުމުގެ ދަށުން 1,277,037/60ރ. (އެއްމިލިއަން ދެލައްކަ ހަތްދިހަ ހަތްހާސް ތިރީސް ހަތްރުފިޔާ ފަސްދޮޅަސް ލާރި) ދައްކަންޖެހި ނުދައްކާވާކަން އެނގެން އޮންކަމަށާއި، އެހެންކަމުން، އެ ގަޒިއްޔާގައި ޙުކުމް ކުރި ދުވަހުން ފެށިގެން 6 (ހައެއް) މަސް ދުވަހުގެ ތެރޭގައި ކޮންމެ މަހަކުމެ، އެމަހަކަށްޖެހޭ ޢަދަދަށްވުރެ މަދުނޫން މިންވަރެއް އެޗް.ޑީ.ސީއަށް ދައްކާ ޚަލާޞްކުރުމަށެވެ.
މި ދެފަރާތު ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން އެންމެ ފަހު އިންސްޓޯލްމަންޓް ދައްކަންއޮތް ތާރީޚަކީ 1 ޖޫން 2012 އެވެ. ނަމަވެސް މި މުއްދަތު ފަހަނައަޅައިދިޔަފަހުން 19 ޖޫން 2012 ގައި ސިވިލް ކޯޓުގެ ޙުކުމް ތަންފީޒުކުރުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް އެޗް.ޑީ.ސީ އިން ހުށަހެޅިއެވެ. ތަންފީޒުކުރާ މައްސަލަ ބެލީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 295/HMC/2012 ގަޒިއްޔާއިންނެވެ.
ތަންފީޒުކުރުމުގެ އެ މައްސަލަ ކުރިއަށްދަނިކޮށް ފައިސާ ދެއްކުމަށް އިތުރު ފުރުޞަތު ދިނުމާގުޅޭގޮތުން ޢާއިޝަތު ޝީނާގެ ވަކީލާއި އެޗް.ޑީ.ސީއާ ދެމެދު މަޝްވަރާ ކުރެވުނެވެ. މި މަޝްވަރާތަކަށް ފަހު، އެ މައްސަލަ ކޯޓުން އަނބުރާ ނެގުމަށް އެޗް.ޑީ.ސީން އެދުމާއި ގުޅިގެން 18 މާރޗް 2015 ގައި އެގޮތުގެ މަތިން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 295/HMC/2012 ގަޒިއްޔާ ނިންމާފައިވެއެވެ.
އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާތީ، އެހާތަނަށް ނުދެއްކިވާ ފައިސާ 06 (ހައެއް) މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ޢާއިޝަތު ޝީނާގެ ފަރާތުން އިޤުރާރުވެ އެއްބަސްވެއްޖެނަމަ، ފައިސާ ދެއްކުމަށް 6 (ހައެއް) މަސް ދުވަހުގެ މުއްދަތު ދިނުމަށް ހަމަޖެހިފައިވާކަމަށް އަންގައި، 20 މެއި 2015 ގައި އެޗް.ޑީ.ސީ އިން ޢާއިޝަތު ޝީނާއަށް ސިޓީއެއް ފޮނުވިއެވެ. މިގޮތަށް އިޤުރާރެއްގައި ސޮއިކުރުމަށް ފުރުޞަތު ދީފައިވަނީ 01 ޖޫން 2015 އިން އެމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި މިއީ ދެވޭނެ އެންމެ ފަހުގެ ފުރުޞަތުކަމަށާއި، މިގޮތަށް ޢަމަލުނުކޮށްފިނަމަ، ގޯތި އިތުރު ނޯޓިހަކާއި ނުލައި އެ ކޯޕަރޭޝަނަށް ނަގާނެކަމަށް އެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.
އެއަށް ފަހު 4 ޖޫން 2015 ގައި އެޗް.ޑީ.ސީ އިން އަނެއްކާވެސް ޢާއިޝަތު ޝީނާއަށް ސިޓީއެއް ފޮނުވާފައިވެއެވެ. އެ ސިޓީ އެޗް.ޑީ.ސީއިން ފޮނުވީ ޢާއިޝަތު ޝީނާ 1 ޖޫން 2015 ގައި ފޮނުވާފައިވާ ސިޓީއަކާ ޙަވާލާދީއެވެ. އެ ސިޓީގައި ޢާއިޝަތު ޝީނާ ހުޅުމާލެއިން ގަނެފައިވާ ނަންބަރު 10388 ގޯއްޗަށް 21 މެއި 2015 ގެ ނިޔަލަށް ޖޫރިމަނާއާއެކު ދައްކަންޖެހި ނުދެއްކި އޮތް ޢަދަދަކީ 3,150,338/33ރ. (ތިންމިލިއަށް އެއްލައްކަ ފަންސާސް ހާސް ތިން ސަތޭކަ ތިރީސް އަށްރުފިޔާ ތިރީސް ތިން ލާރި) ކަމަށާއި، އަދި ފައިސާ ދައްކާފައިވާގޮތުގެ ތަފްޞީލު ލިޔުމެއް ފޮނުވާފައިވާކަމަށާއި، އިޤުރާރުގައި ސޮއިކުރުމަށް 2015 ޖޫން 10 ވަނަ ދުވަހުގެ ނިޔަލަށް ފުރުޞަތުއޮތްކަން ހަނދާންކޮށްދޭކަމަށް އެޗް.ޑީ.ސީން ބަޔާންކޮށްފައިވެއެވެ.
8 ޖޫން 2015 ގައި ބުނެވުނު 4 ޖޫން 2015 ގެ ސިޓީއާ ޙަވާލާދީ، ގޯތީގެ ހަމަ އަގު މިހާރު ދެއްކިފައިވާކަމަށާއި، ބާކީ ނުދެއްކި ވާނީ ޖޫރިމަނާކަމަށާއި، އެފައިސާ ދެއްކުމަށް އިއުތިރާޒު ނުކުރާކަމަށާއި، އަދި ފައިސާ ދެއްކި ގޮތުގެ ތަފްޞީލުގައި ނުދެއްކިވާކަމުގައި ބުނެފައިވާ ޢަދަދަކީ އެއްބަސްވުމުގެ 16 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް ހިސާބުކޮށްފައިވާ ޢަދަދެއްކަމަށާއި، އެކަމާގުޅޭގޮތުން މަޝްވަރާކުރުމަށް އެޕޮއިންޓްމަންޓަކަށް އެދޭކަމަށް ބުނެ ޢާއިޝަތު ޝީނާ އެޗް.ޑީ.ސީއަށް ސިޓީއެއް ފޮނުވިއެވެ.
1 ސެޕްޓެމްބަރު 2015 ގައި އެޗް.ޑީ.ސީގެ ނަންބަރު HDC/(161)-L/PRV/2015/1485 ސިޓީގައި (މީގެ ފަހުން އެޗް.ޑީ.ސީ ގެ "1 ސެޕްޓެމްބަރު 2015 ގެ އެންގުން") ޢާއިޝަތު ޝީނާއާ ޙަވާލުކޮށްފައިވާ ހުޅުމާލެ ނަންބަރު 10388 ގޯތި އެޗް.ޑީ.ސީ އާ ޙަވާލުކުރުމަށް ޢާއިޝަތު ޝީނާއަށް އަންގާފައިވެއެވެ. އެގޮތުން، ދެފަރާތު ދެމެދު ވެވުނު އެއްބަސްވުމުގެ 6 ވަނަ މާއްދާގައިވާ ގޮތަށް އެޗް.ޑީ.ސީއަށް ޢާއިޝަތު ޝީނާ ދައްކަންޖެހޭ ފައިސާ ދައްކަންޖެހޭ މުއްދަތުގެ ތެރޭގައި ދައްކާފައިނުވާތީ އާއި، ފައިސާ ހޯދުމުގެ މައްސަލަ ޝަރީޢަތުގައިވަނިކޮށް ޝަރުޢީ މަރުޙަލާއިން ބޭރުގައި ފައިސާ ދެއްކުމުގެ ފުރުޞަތަކަށް ޢާއިޝަތު ޝީނާ އެދުމުން، އެ ފުރުޞަތު އާއިޝަތު ޝީނާއަށް ދޭން ނިންމައި، އެކަން ބަޔާންކުރާ އިޤުރާރެއްގައި ސޮއިކުރުމަށް އެޗް.ޑީ.ސީއަށް ހާޒިރުވުމަށް އެކިފަހަރު މަތިން ޢާއިޝަތު ޝީނާއަށް އެންގުމުންވެސް ޢާއިޝަތު ޝީނާ ހާޒިރުވެފައިނުވާތީ، އެޗް.ޑީ.ސީއިން ދިން ފުރުޞަތުތަކުގައިވެސް ޢާއިޝަތު ޝީނާ ފައިސާ ދައްކާފައިނުވާތީ، ދެފަރާތު ދެމެދު ވެފައިވާ އެއްބަސްވުން ނިމުމަކަށް އައިސްފައިވާތާ ދުވަސްތަކެއްވެއްޖެކަމަށް އެޗް.ޑީ.ސީއިން ފޮނުވި ސިޓީގައި ބަޔާންކޮށްފައިވެއެވެ. އަދި 1 ސެޕްޓެމްބަރު 2015 އިން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި އެޗް.ޑީ.ސީއާ ގޯތި ޙަވާލުކުރުމަށާއި، އަދި މި މުއްދަތުގެ ތެރޭގައި ގޯތި ޙަވާލުނުކޮށްފިނަމަ، އެޗް.ޑީ.ސީ އިން އެ ގޯއްޗާ ޙަވާލުވާނެކަމަށް އެންގިއެވެ.
1 ސެޕްޓެމްބަރު 2015 ގައި އެޗް.ޑީ.ސީން އެންގި މި އެންގުމަކީ މި ދެފަރާތު ދެމެދު ވެފައިވާ އެއްބަސްވުމާ ޚިލާފަށް އަންގާފައިވާ އެންގުމެއްކަމަށާއި، މި ދެފަރާތު ދެމެދު ވެވުނު އެއްބަސްވުން ދެމިއޮތްކަމަށް ކަނޑައަޅައިދިނުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ޢާއިޝަތު ޝީނާ މައްސަލަ ހުށަހެޅިއެވެ.
ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލަ
ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 347/HMC/2015 ގަޒިއްޔާ ނިންމާފައިވަނީ، އެއްބަސްވުމާއި އެއްގޮތަށް ޢާއިޝަތު ޝީނާގެ ފަރާތުން ފައިސާ ދައްކާފައިވާކަން ޝަރީޢަތަށް ސާބިތުކޮށްދީފައި ނުވާތީ، 01 ސެޕްޓެމްބަރު 2015 ގައި އެޗް.ޑީ.ސީގެ ފަރާތުން، ޢާއިޝަތު ޝީނާއަށް އަންގާފައިވާ އެންގުމަށް ޢަމަލުކުރަން ނުޖެހޭނެކަމަށް އެޗް.ޑީ.ސީއަށް އަންގާނެ ތަނެއް ނެތްކަމަށެވެ. ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން މިގޮތަށް ޙުކުމްކޮށްފައިވަނީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.
(ހ) ޤާނޫނަކުން ވަކިގޮތަކަށް އޮތުން ލާޒިމުނުކުރާހާ ހިނދަކު، ކޮންޓްރެކްޓަކީ އާންމު އުޞޫލެއްގެ ގޮތުން ވަކި ގޮތަކަށް އޮތުން ލާޒިމުވާ އެއްޗެއް ނޫންކަމާއި، ކޮންޓްރެކްޓެއްގެ ބައިވެރިންގެ މެދުގައި ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތްވާ ގޮތުގެމަތިން ވަކިގޮތަކަށް އެއްބަސްވެވި އެ ކޮންޓްރެކްޓެއްގެ ޞައްޙަވުމުގެ ޝަރުޠުތަކާއި އެ ކޮންޓްރެކްޓެއްގެ ރުކުންތައް ފުރިހަމަވެފައިވާނަމަ، ކޮންޓްރެކްޓެއް ކުރެވުނީކަމަށް ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނު އަށް ބެލުމުން އެނގެން އޮތުން؛
(ށ) އެޗް.ޑީ.ސީއާއި، ޢާއިޝަތު ޝީނާއާއެކު ހުޅުމާލޭގެ ނަންބަރު 10388 ބިން ގަނެވިއްކުމަށް 27 ފެބްރުވަރީ 2007 ގައި ނަންބަރު HDC/LDS/07/436 އެއްބަސްވުމުގައި ސޮއިކޮށްފައިވާކަން އެނގެން އޮތުން؛
(ނ) މި އެއްބަސްވުމުގެ 5 ވަނަ މާއްދާއާއި، 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ޢާއިޝަތު ޝީނާ މި ގޯތީގެ އަގު އަދާކުރަންވާނީ 60 އިންސްޓޯލްމަންޓަށް ބަހައިގެންކަމާއި، އެއްބަސްވުމުގެ ޖަދުވަލު 3 ގައިވާ ގޮތުގެމަތިން ގޯތީގެ އަގަށްވާ ފައިސާ 01 ޖޫން 2012 ގައި ޢާއިޝަތު ޝީނާ ދައްކަންޖެހޭކަމަށް އެ އެއްބަސްވުމުގައި ބުނެފައިވާކަން އެނގެން އޮތުން؛
(ރ) މި ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުން ނިމުމަކަށް ގެނެސްފައިވާކަން އެޗް.ޑީ.ސީގެ 1 ސެޕްޓެމްބަރު 2015 ގެ އެންގުން ފޮނުވުމުގެ ކުރިން، އެއްބަސްވުމާއި އެއްގޮތަށް ފައިސާ ދެއްކުމަށް ޢާއިޝަތު ޝީނާއަށް ފުރުޞަތު ދީފައިވާކަން އެޗް.ޑީ.ސީގެ ނަންބަރު HDC(161)-L/NOTICE/2010/123 ނޯޓިސް އާއި، ސިވިލް ކޯޓުގެ ނަންބަރު 138/Cv-C/2011 ގަޒިއްޔާގެ ޙުކުމުން އެނގެން އޮތުން؛
(ބ) ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމަށްފަހު، އެ އެއްބަސްވުމުގެ ދެވަނަ ބައިވެރިޔާ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްދޭން ބޭނުން ނުވާނަމަ، އެ އެއްބަސްވުމުގައި ކަނޑައެޅި ބަޔާންވެގެންވާ މުއްދަތަށް ވުރެން އިތުރު މުއްދަތަކަށް އެއްބަސްވުން ދެމިގެންގޮސް އޭގެ މަންފާ އެއްބަސްވުމުގެ އެއްބައިވެރިޔަކަށް ލިބިދެވޭނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއްވިޔަސް ނެތްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/22 ގަޒިއްޔާއިން ފާހަގަކޮށްފައި އޮތުމުން، އެޗް.ޑީ.ސީއާއި، ޢާއިޝަތު ޝީނާއާއެކު ވެފައިވާ އެއްބަސްވުމުގެ 6 ވަނަ މާއްދާގައި، މި އެއްބަސްވުމާ އެއްގޮތަށް ފައިސާ ދެއްކުމަށް ދީފައިވާ މުއްދަތު ހަމަވުމުން، އެގޯތި ގަތުމަށް ޢާއިޝަތު ޝީނާ ދައްކަންޖެހި ނުދެއްކިވާ ފައިސާ ދެއްކުމަށް އެއްބަސްވާ އިޤުރާރެއްގައި ސޮއިކޮށް، ފައިސާ ދެއްކުމަށް 06 މަސްދުވަހުގެ މުއްދަތެއް، ޢާއިޝަތު ޝީނާއަށް 01 ޖޫން 2015 އިން ފެށިގެން 10 ދުވަހުގެ ފުރުޞަތެއް ދީފައިވާކަމާއި، އަދި އެއީ ދެވޭ ފަހު ފުރުޞަތުކަން، ޢާއިޝަތު ޝީނާއަށް އެޗް.ޑީ.ސީ އިން 20 މެއި 2015 ގައި ފޮނުވާފައިވާ ނަންބަރު HDC(161)-L/PRV/2015/1081 ނޯޓު އިން އެނގެން އޮތުމުން، އެޗް.ޑީ.ސީއާއި، ޢާއިޝަތު ޝީނާއާ ދެމެދު ވެފައިވާ އެއްބަސްވުން ދެމިއޮތްކަމަށް ބަލާނެ ޤާނޫނީ ހަމައެއް ނެތުން؛
(ޅ) ދަޢުވާ ސާބިތުކުރުމަކީ ދަޢުވާކުރާ ފަރާތުގެ ކަމަކަށްވީހިނދު، ދަޢުވާގައި އެޗް.ޑީ.ސީ އިން 01 ސެޕްޓެމްބަރު 2015 ގައި ޢާއިޝަތު ޝީނާއަށް ފޮނުވާފައިވާ ސިޓީން އަންގާފައިވާ އެންގުމަކީ 27 ފެބްރުވަރީ 2007 ގައި އެޗް.ޑީ.ސީއާއި، ޢާއިޝަތު ޝީނާއާއެކު ވެފައިވާ އެއްބަސްވުމާއި ޚިލާފަށް އަންގާފައިވާ އެންގުމެއް ކަމަށްވާނަމަ، އެއްބަސްވުމާއި އެއްގޮތަށް ޢާއިޝަތު ޝީނާގެ ފަރާތުން ޢަމަލުކޮށްފައިވާނަމަ، ނުވަތަ ރަނގަޅު ނިޔަތެއްގައި ޢާއިޝަތު ޝީނާ އެއްބަސްވުމާއި އެއްގޮތަށް ޢަމަލުކުރުމަށް މަސައްކަތްކޮށްފައިވާކަން ޝަރީޢަތަށް ސާބިތުކޮށްދިނުމަކީ، ދަޢުވާކުރާ ޢާއިޝަތު ޝީނާގެ ފަރާތުން ކުރަންޖެހޭ ކަމަކަށް ވީހިނދު، ދެފަރާތުގެ ދެމެދު ހުޅުމާލޭގެ ނަންބަރު 10388 ގޯތި ގަތުމަށް ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް ދަޢުވާކުރާ ޢާއިޝަތު ޝީނާގެ ފަރާތުން ޢަމަލުކޮށްފައިވާކަން ސާބިތުކޮށްދީފައި ނެތުން؛
މި ސަބަބުތަކުގެ މައްޗަށް ބިނާކޮށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ޙުކުމްކޮށްފައިވަނީ، އެއްބަސްވުމާއި އެއްގޮތަށް ޢާއިޝަތު ޝީނާގެ ފަރާތުން ފައިސާ ދައްކާފައިވާކަން ޝަރީޢަތަށް ސާބިތުކޮށްދީފައި ނުވާތީ، 01 ސެޕްޓެމްބަރު 2015 ގައި އެޗް.ޑީ.ސީގެ ފަރާތުން ޢާއިޝަތު ޝީނާއަށް އަންގާފައިވާ އެންގުމަށް ޢަމަލުކުރަން ނުޖެހޭނެކަމަށް އެޗް.ޑީ.ސީއަށް އަންގާނެ ތަނެއް ނެތްކަމަށެވެ.
ހައިކޯޓުން މައްސަލަ ނިންމި ގޮތް
ޢާއިޝަތު ޝީނާގެ ފަރާތުން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 347/HMC/2015 ގަޒިއްޔާ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. އަދި ހައިކޯޓުން އެ މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2016/HC-A/461 ގަޒިއްޔާ އިންނެވެ. އެގޮތުން، ހައިކޯޓުގައި ޢާއިޝަތު ޝީނާގެ މައިގަނޑު ޝަކުވާއަކީ، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން މައްސަލަ ނިންމިއިރު ދަޢުވާގެ އަސާސްވަނީ އޮޅުވާލާފައިކަމަށާއި، މައްސަލައާ ގުޅިގެން ހުށަހެޅި ލިޔުންތަކަށާއި ދެއްކި ވާހަކަތަކަށް އެ ކޯޓުން ރިޢާޔަތް ނުކުރުމަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) އާ ޚިލާފުކަމެއްކަމަށް ބުނާ ބުނުމެވެ. ހައިކޯޓުން މި މައްސަލަ ނިންމިއިރު ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ޙުކުމަށް ތާއީދުކުރީ އަންނިނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.
ޢާއިޝަތު ޝީނާގެ ފަރާތުން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި މައްސަލައިގެ ދަޢުވާގެ ސީޣާއަށާއި މައްސަލައިގެ ނިންމުމަށް ބަލާއިރު، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން މައްސަލަ ނިންމާފައިވަނީ ދަޢުވާގެ އަސާސް އޮޅޭގޮތަށްކަމަށް ކަނޑައަޅާނެ ޤާނޫނީ ހަމައެއްނެތްކަން؛
"ނޯޓިސް" އަކީ، ވަކި ގޮތަކަށް އޮތުން ލާޒިމުކުރާ އެއްޗެއް ނޫންކަމާއި، 2010 އޭޕްރީލް 11 ވަނަ ދުވަހު، އެޗް.ޑީ.ސީ އިން ފޮނުވި "ހުޅުމާލެއިން ގޯތި ވިއްކުމުގެ އެއްބަސްވުން ނިމުމަކަށް ގެނައުމަށް ދެވޭ ނޯޓިސް" އަށްފަހު، އެޗް.ޑީ.ސީ އިން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ގެނެސް، 20 މެއި 2015 ގައި އެޗް.ޑީ.ސީއިން ޢާއިޝަތު ޝީނާއަށް ފޮނުވި ސިޓީ އާއި، 04 ޖޫން 2015 ގައި ފޮނުވި ސިޓީ އަށް ނަޒަރުކުރުމުން، އެސިޓީތަކަކީ ދެފަރާތުގެ ދެމެދުގައި ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ގަންނަ ފަރާތަށް ފޮނުވަންޖެހޭކަމަށް ބަޔާންކޮށްފައިވާ ނޯޓިސްގެ ގޮތުގައި ބެލެވޭނެ ނޯޓިސް އެއްކަން އެ ސިޓީތަކުގައި ބަޔާންކޮށްފައިވާ ޢިބާރާތްތަކުން އެނގެން އޮތުން؛
27 ފެބްރުވަރީ 2007 ގައި ދެފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތަށް، އެ އެއްބަސްވުމުގައި ކަނޑައަޅާފައިވާ ފައިސާ، ޢާއިޝަތު ޝީނާ ޢަބްދުﷲ ޢަލީގެ ފަރާތުން އެޗް.ޑީ.ސީއަށް ދައްކާފައި ނުވާކަން ޢާއިޝަތު ޝީނާ ޢަބްދުﷲ ޢަލީގެ ބަހުންނާއި ޝަރީޢަތަށް ހުށަހެޅިފައވާ ލިޔެކިޔުންތަކުން އެނގެން އޮންނަކަމާއި، އަދި ފައިސާ ދެއްކުމަށް ގިނަ ފުރުޞަތުތަކެއް ދެވިފައިވާކަން އެނގެން އޮތުން؛
4 ޖޫން 2015 ގައި އެޗް.ޑީ.ސީން، ޢާއިޝަތު ޝީނާއަށް ފޮނުވި ސިޓީއާއެކު އެޓޭޗް ކުރެވިފައިވާ "ފައިސާ ދެއްކި ގޮތުގެ ތަފްޞީލް" ގައި ނުދެއްކިވާ ޢަދަދުގެ ގޮތުގައި ބަޔާންކޮށްފައިވާ ޢަދަދަކީ އެއްބަސްވުމުގެ 16 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތާ ޚިލާފަށް ހިސާބުކޮށްފައިވާ ހިސާބުކުރުމެއްކަމަށް ޢާއިޝަތު ޝީނާ ދެކޭނަމަ، އެކަން ކަމާބެހޭ ޝަރުޢީ ކޯޓަކަށް ހުށަހަޅައިގެން ކުރިޔަށް ދިއުމުގެ މަގު ޢާއިޝަތު ޝީނާއަށް ފަހިވެފައި އޮވެމެ، އެފުރުޞަތުގެ ބޭނުން ނުހިފައި އޮތްއޮތުމަކީ، އެޗް.ޑީ.ސީގެ 1 ސެޕްޓެމްބަރު 2015 ގެ އެންގުމަކީ ބާޠިލު އަދި އެމައްޗަށް ޢަމަލުކުރަން ނުޖެހޭނެ އެންގުމެއްކަމަށް ކަނޑައެޅޭނެ ޝަރުޢީ ޤާނޫނީ ސަބަބެއް ނޫންކަން އެނގެން އޮތުން.
އެހެންކަމުން، މި ސަބަބުތަކުގެ މައްޗަށް ބިނާކޮށް ހައިކޯޓުން މައްސަލަ ނިންމާފައިވަނީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ޙުކުމަށް ބަދަލު ގެންނާނެތަނެއް ނެތްކަމަށް ކަނޑައަޅައެވެ.
ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވުނު ނުކުތާ
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/461 ގަޒިއްޔާ ނިންމާފައިވަނީ ޤާނޫނީ ނުވަތަ ޝަރުޢީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ މި ގަޒިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ޢާއިޝަތު ޝީނާގެ ފަރާތުން އިސްތިއުނާފުކުރަމުން ހުށަހެޅި މައިގަނޑު ނުކުތާއަކީ، މި މައްސަލައިގައި އުފެދިފައިވާ ޙުޞޫމާތުގެ އަޞްލަކީ ޢާއިޝަތު ޝީނާއާއި، އެޗް.ޑީ.ސީއާ ދެމެދު ވެވިފައިވާ ހުޅުމާލެ ލޮޓް ނަންބަރު 10388 ގޯތި ވިއްކުމާބެހޭ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ފައިސާ ނުދެއްކުމުން އަރާފައިވާ އިންޓްރެސްޓާއި ޖޫރިމަނާ ފައިސާ، އެޗް.ޑީ.ސީއިން ހިސާބުކޮށްފައިވާ ގޮތާމެދު ޢާއިޝަތު ޝީނާގެ ފަރާތުން ސުވާލު އުފައްދައި، އެ ޚިލާފު ނައްތާލައި، އެޗް.ޑީ.ސީއިން އަންގާ ގޮތެއްގެމަތިން، ފައިސާ ދައްކަންހުރި ކަމުގައި ޢާއިޝަތު ޝީނާގެ ފަރާތުން ބުނެފައިވީނަމަވެސް، އެކަމަށް ރިޢާޔަތް ކުރުމެއްނެތި، އެއްބަސްވުން ބާޠިލުކޮށް، ބިން ޙަވާލުކުރުމަށް އެންގުމުން އުފެދިފައިވާ ޚުޞޫމާތެއްކަން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 347/HMC/2015 ގަޒިއްޔާގައި ހުށަހެޅުނު ހުށަހެޅުންތަކުން ރަނގަޅަށް އެނގެން އޮތްއިރު، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 347/HMC/2015 ގަޒިއްޔާގައި އެކަމަށް ޙައްލެއް ހޯދައި ދީފައި ނުވާއިރު، އެނުކުތާއަށް އިސްތިއުނާފު ކުރެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަޒިއްޔާގައިވެސް ގޮތެއް ކަނޑައަޅާފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
މި ނުކުތާގެ ޖަވާބުގައި އެޗް.ޑީ.ސީގެ ފަރާތުން ބުނެފައިވަނީ އެ ފަރާތުން ޢަމަލުކޮށްފައިވަނީ އެއްބަސްވުމާ އެއްގޮތަށްކަމަށާއި، އަދި ސިވިލް ކޯޓުގެ ނަންބަރު 138/Cv-C/2011 ގަޒިއްޔާގެ ދަޢުވާގައިވާ ފައިސާއަކީ ދައްކަންޖެހޭ ފައިސާއެއްކަމަށް ޢާއިޝަތު ޝީނާ ޝަރީޢަތުގައި އިޢުތިރާފުވެފައިވާކަމަށާއި، އެއްބަސްވުމުގެ ދަށުން 21 އޯގަސްޓް 2011 ގެ ނިޔަލަށް 1,277,037/60ރ. (އެއް މިލިޔަން ދެ ލައްކަ ހަތްދިހަ ހަތްހާސް ތިރީސް ހަތް ރުފިޔާ ފަސްދޮޅަސް ލާރި) ދައްކަންޖެހި ނުދައްކައިވާކަން އެނގޭކަމަށާއި، މި ފައިސާއާއި އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ދައްކަންޖެހޭ ޖޫރިމަނާ ފައިސާ އެޗް.ޑީ.ސީ އަށް ދެއްކުމަށް އިތުރު ފުރުޞަތު ދެވުމުންވެސް އެ ފައިސާ ދައްކާފައިނުވާކަމަށެވެ.
ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގައިކުރި ދަޢުވާ
ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 347/HMC/2015 ގަޒިއްޔާގައި ޢާއިޝަތު ޝީނާކުރި ދަޢުވާއަށް ޙައްލެއް ލިބިފައިނުވާކަމަށް ބުނާތީ، އެ ގަޒިއްޔާގައި ޢާއިޝަތު ޝީނާ ހުށަހެޅި ދަޢުވާ ފޯމަށް ރިޢާޔަތް ކުރުން މުހިންމެވެ.
އެގޮތުން، އެ ގަޒިއްޔާގެ "މަދަނީ މައްސަލަ ނުވަތަ ދަޢުވާ ހުށަހަޅާ ފޯމް" ގެ ހުށަހަޅާ ދަޢުވާ ނުވަތަ މައްސަލައިގެ ޚުލާޞާގައި، ޢާއިޝަތު ޝީނާ މައްސަލަ ހުށަހެޅީ ހުޅުމާލޭގެ ލޮޓް ނަންބަރު 10388 ގޯތި އެޗް.ޑީ.ސީއިން އޭނާގެ ކިބައިން ވަކިކުރުމަށް ނިންމުމުންކަމަށް ބަޔާންކޮށްފައިވެއެވެ. ސަބަބަކީ ޢާއިޝަތު ޝީނާ އެޗް.ޑީ.ސީ އަށް ދައްކަންޖެހޭ އެންމެހައި ފައިސާ ދައްކައި ޚަލާޞްކޮށްފައިވާތީކަމަށް އެ ފޯމުގައި ބަޔާންކޮށްފައިވެއެވެ. އަދި އިންޓަރެސްޓާއި ޖޫރިމަނާގެ ގޮތުގައި އަރާފައިވާ ފައިސާގެ މިންވަރެއްވެސް ވާނީ ދައްކާފައިކަމަށް ޢާއިޝަތު ޝީނާގެ ފަރާތުން ބުނެއެވެ. އެހެންކަމުން، ޢާއިޝަތު ޝީނާ އެ ގޯތީގެ އަގު އަދާކޮށް ނިންމާފައިވާތީ އާއި ދެފަރާތުން ސޮއިކުރި އެއްބަސްވުން އުވާލެވިފައި ނުވާތީ، އެ އެއްބަސްވުމަކީ ޤާނޫނީ ހަމަތަކުގެ މަތިން ބާޠިލުނުވާ އެއްބަސްވުމެއްކަމަށާއި، އެ އެއްބަސްވުން ދެމިއޮތްކަމަށާއި، އެ ގޯތި އެޗް.ޑީ.ސީއާ ޙަވާލުކުރުމަށް އެންގި އެންގުމަށް ޢާއިޝަތު ޝީނާ ޢަމަލުކުރަން ނުޖެހޭނެކަމަށް ކަނޑައަޅައިދިނުމަށް އެދި ހުށަހެޅި މައްސަލައެއްކަން އެނގެއެވެ.
މި މައްސަލަ އިތުރަށް ތަފްޞީލުކޮށްދެމުން ޢާއިޝަތު ޝީނާގެ ފަރާތުން ބުނެފައިވަނީ ދެފަރާތު ދެމެދު ވެވުނު އެއްބަސްވުމުގެ ޖުމްލަ އަގުގެ ފައިސާ އެޗް.ޑީ.ސީއަށް ދައްކާފައިވާނެކަމަށާއި އަދި މިކަން އެޗް.ޑީ.ސީ ގެ 21 މެއި 2015 ގެ "ފައިސާ ދެއްކިގޮތުގެ ތަފްޞީލު" އިން އެނގެން އޮތްކަމަށެވެ. "ފައިސާ ދެއްކިގޮތުގެ ތަފްޞީލު" ޢާއިޝަތު ޝީނާއަށް ލިބުމާއެކު، އޭގައި ޖޫރިމަނާ ހިސާބުކޮށްފައިވާ ގޮތް ދެފަރާތު ދެމެދު ވެވުނު އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތާ ތަފާތުކަމަށް ޤަބޫލުކުރެވޭކަމަށާއި، އެކަމާގުޅޭ ގޮތުން މަޝްވަރާކުރުމަށް އެދި 8 ޖޫން 2015 ގައި އެޗް.ޑީ.ސީއަށް ސިޓީއެއް ފޮނުވިކަމަށް ބަޔާންކޮށްފައިވެއެވެ. އެހެންނަމަވެސް އެ ސިޓީއަށް ޖަވާބެއް ދިނުމެއްނެތި 1 ސެޕްޓެމްބަރު 2015 ގައި ބިން އަނބުރާ އެޗް.ޑީ.ސީއަށް ޙަވާލުކުރުމަށް އެޗް.ޑީ.ސީ އިން އެންގީކަމަށް ޢާއިޝަތު ޝީނާ ބުނެފައިވެއެވެ.
މީގެ އިތުރުން އެއްބަސްވުމުގައި ބަޔާންވެފައިވާ ފަދައިން އެއްބަސްވުން ބާޠިލުކޮށްފައި ނުވާކަމަށާއި، އަދި އެއްބަސްވުން ބާޠިލު ކުރިކަންވެސް ޢާއިޝަތު ޝީނާއަށް އަންގާފައިނުވާކަމަށް ޢާއިޝަތު ޝީނާ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި ދަޢުވާ ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވެއެވެ. އެހެންކަމުން، ޢާއިޝަތު ޝީނާގެ ފަރާތުން އެދުނު ޙައްލަކީ ދެފަރާތު ދެމެދުވެފައިވާ އެއްބަސްވުމަކީ ޤާނޫނީ ހަމަތަކުގެ މަތިން ބާޠިލުވެފައިނުވާ، ދެމިއޮތް އެއްބަސްވުމެއްކަމަށް ކޯޓުން ކަނޑައަޅައި، ގޯތި އަނބުރާ އެޗް.ޑީ.ސީއާ ޙަވާލުކުރުމަށް އެންގި އެންގުމަށް ޢަމަލުކުރަން ނުޖެހޭކަމަށް ކޯޓުން ކަނޑައަޅައިދިނުމެވެ.
ޢާއިޝަތު ޝީނާގެ ފަރާތުން ސުޕްރީމް ކޯޓުގައިކުރާ މައިގަނޑު ޝަކުވާއަކީ ދަށު ކޯޓަށް އޭނާގެ ފަރާތުން ހުށަހެޅި މައްސަލައަށް ހައްލެއް ލިބިފައިނުވުމެވެ. ދަށު ކޯޓަށް ހުށަހެޅުނު މައިގަނޑު ދަޢުވާއަކީ ޢާއިޝަތު ޝީނާއާ އެޗް.ޑީ.ސީއާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ހުރިހާ ފައިސާއެއް ދައްކައި ޚަލާޞްކޮށްފައިވާއިރު، އިތުރު ޢަދަދު ތަކެއް ދައްކަންޖެހޭކަމަށް އެޗް.ޑީ.ސީ އިން ކަނޑައަޅާފައި އޮތްއޮތުމެވެ. އިތުރަށް ދައްކަންޖެހޭ މި ޢަދަދަކީ ދެފަރާތު ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ޢަދަދެއްނަމަ، އެ ޢަދަދު ދައްކަންހުރިކަމަށް ޢާއިޝަތު ޝީނާ ބުނެފައިވެއެވެ. އަދި ދެފަރާތު ދެމެދުވެފައިވާ އެއްބަސްވުމުގައިވާ ގޮތުގެ މަތިން އެއްބަސްވުން ބާޠިލުނުވާކަމަށާއި، އެއްބަސްވުން ދެމިއޮތްކަމަށް ކަނޑައަޅައިދިނުމަށް އެދިފައިވެއެވެ.
އެހެންކަމުން، ޢާއިޝަތު ޝީނާގެ ފަރާތުން ހުށަހަޅާފައިވާ ދަޢުވާ ފޯމުގައިވާ ކަންކަމަށް ރިޢާޔަތްކޮށް، މި މައްސަލައިގެ ޚުޞޫމާތް ބަހާލެވިގެންވަނީ މައިގަނޑު ދެ ބަޔަކަށެވެ. އެއީ،
ގޯއްޗަށް ދައްކަންޖެހޭ އަގުވަނީ ދައްކައި ޚަލާޞްކޮށްފައިތޯ؛ އަދި
އެއްބަސްވުން ބާޠިލުކޮށްފައިވަނީ އެއްބަސްވުމުގައިވާގޮތުގެ މަތިންތޯ
ޢާއިޝަތު ޝީނާކޮށްފައިވާ ދަޢުވާއަށް ދަށު ކޯޓުން ރިޢާޔަތްކުރިގޮތް
ގޯއްޗަށް ދައްކަންޖެހޭ އަގުވަނީ ދައްކައި ޚަލާޞްކޮށްފައިތޯ ބެލުން
ގޯއްޗަށް ދައްކަންޖެހޭ އަގުވަނީ ދައްކައި ޚަލާޞްކޮށްފައިތޯ ބަލާއިރު، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުންވެސް އަދި ހައިކޯޓުންވެސް ޢާއިޝަތު ޝީނާ އެހައިތަނަށް ދައްކައި ޚަލާޞްކޮށްފައިވާ އަގު ކަނޑައަޅާފައިނުވެއެވެ.
11 އޭޕްރިލް 2010 ގައި ދެފަރާތު ދެމެދު ވެފައިވާ އެއްބަސްވުން ނިމުމަކަށް ގެނައުމަށް ދެވޭ ނޯޓިސް އެޗް.ޑީ.ސީ އިން ޢާއިޝަތު ޝީނާއަށް ފޮނުވިއިރު، އެ ތާރީޚުގައި ޢާއިޝަތު ޝީނާ ނުދައްކާ އޮތީ 502,730/-ރ. (ފަސްލައްކަ ދެހާސް ހަތްސަތޭކަ ތިރީސް ރުފިޔާ) އެވެ. އަދި އެ ފައިސާ ދައްކަން 30 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ. އަދި މި މުއްދަތުގެ ތެރޭގައި އެ ފައިސާ ނުދައްކައިފިނަމަ، އިތުރު ނޯޓިހަކާ ނުލައި އެއްބަސްވުން ނިމުމަކަށް އަންނާނެކަމަށް ބަޔާންކޮށްފައިވެއެވެ.
އެއަށްފަހު އެޗް.ޑީ.ސީއިން 16 ޖެނުއަރީ 2011 ގައި ސިވިލް ކޯޓުގެ ނަންބަރު 138/Cv-C/2011 ގަޒިއްޔާއިން ހޯދަންޖެހޭ ފައިސާ ހޯދުމަށްޓަކައި ދަޢުވާކުރީ 917,851/47ރ. (ނުވަލައްކަ ސަތާރަހާސް އަށްސަތޭކަ ފަންސާސް އެއްރުފިޔާ ސާޅީސް ހަތްލާރި) ހޯދުމަށް ކަމުގައިވާއިރު، 21 އޯގަސްޓް 2011 ގައި އެ ގަޒިއްޔާގައި ޙުކުމް ކުރިއިރު، ޢާއިޝަތު ޝީނާ ދައްކަންޖެހޭ ޢަދަދަކީ 1,277,037/60ރ. (އެއްމިލިއަން ދެލައްކަ ހަތްދިހަ ހަތްހާސް ތިރީސް ހަތްރުފިޔާ ފަސްދޮޅަސް ލާރި) އެވެ. މި ޢަދަދަކީ ދައްކަންޖެހޭ ޢަދަދެއްކަމަށް ޢާއިޝަތު ޝީނާ ސިވިލް ކޯޓުގެ ނަންބަރު 138/Cv-C/2011 ގަޒިއްޔާގެ ޝަރީޢަތުގެ މަޖިލިހުގައި އިޢުތިރާފުވެ ޤަބޫލުކުރާކަމަށް އެ މައްސަލައިގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައިވެސް ފާހަގަކޮށްފައިވެއެވެ.
އެއަށްފަހު، ފައިސާ ދައްކަންޖެހޭ ޢަދަދެއްގެ ވާހަކަ ދެކެވުނީ 4 ޖޫން 2015 ގައި ޢާއިޝަތު ޝީނާއަށް އެޗް.ޑީ.ސީއިން ފޮނުވި ސިޓީގައެވެ. އެ ސިޓީގައި ޢާއިޝަތު ޝީނާ ހުޅުމާލެއިން ގަނެފައިވާ ގޯއްޗަށް 21 މެއި 2015 ގެ ނިޔަލަށް ޖޫރިމަނާއާއެކު ދައްކަންޖެހި ނުދެއްކި އޮތް ޢަދަދަކީ 3,150,338/33ރ. (ތިންމިލިއަށް އެއްލައްކަ ފަންސާސް ހާސް ތިން ސަތޭކަ ތިރީސް އަށްރުފިޔާ ތިރީސް ތިން ލާރި) ކަމަށް ބަޔާންކޮށްފައިވެއެވެ. މި ޢަދަދަށް ޢާއިޝަތު ޝީނާ އިންކާރުކުރެއެވެ. އަދި ޖޫރިމަނާ ހިސާބުކޮށްފައިވަނީ ރަނގަޅަށް ނޫންކަމުގައިބުނެއެވެ. ޢާއިޝަތު ޝީނާ މި ފައިސާ ނުދެއްކުމުން ގޯތި އަނބުރާ އެޗް.ޑީ.ސީއާ ޙަވާލުކުރުމަށް 1 ސެޕްޓެމްބަރު 2015 ގައި އެޗް.ޑީ.ސީ އިން އެންގިއެވެ.
ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 347/HMC/2015 ގަޒިއްޔާގައި ޢާއިޝަތު ޝީނާ އެހައިތަނަށް ދައްކާފައިވާ ފައިސާއަކީ ކޮބައިކަން ކަނޑައަޅާފައިނުވެއެވެ. ސިވިލް ކޯޓުގެ ނަންބަރު 138/Cv-C/2011 ގަޒިއްޔާގައި ސާބިތުވި 1,277,037/60ރ (އެއްމިލިއަން ދެލައްކަ ހަތްދިހަ ހަތްހާސް ތިރީސް ހަތްރުފިޔާ ފަސްދޮޅަސް ލާރި) ޢާއިޝަތު ޝީނާ ދައްކާފައިނުވާކަމަށް އެޗް.ޑީ.ސީގެ ފަރާތުންބުނެއެވެ. އަދި މިކަމަށް ޢާއިޝަތު ޝީނާ އިންކާރުކޮށްފައިނުވެއެވެ. ޢާއިޝަތު ޝީނާގެ ފަރާތުން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގައި ބުނެފައިވަނީ "...2011 ގެ ޙުކުމަށްފަހު އެތައް ދުވަސްތަކެއް ފާއިތުވެ، 2015 އާ ހަމައަށް އަންނައިރު ޖޫރިމަނާއާއި އިންޓަރެސްޓުގެ ގޮތުގައި އިތުރު ފައިސާތަކެއް ދައްކަންޖެހޭ ޢަދަދުގެ ތެރެއަށް ޖަމާވަމުންދާނެއެވެ. […] ދަޢުވާކުރާ ފަރާތުން ބޭނުންވަނީ ދަޢުވާކުރާ ފަރާތުގެ ހިސާބުތަކާއި ދަޢުވާ ލިބޭ ފަރާތުން ފޮނުވި ހިސާބުތަކާ ތަފާތުތަކެއް ހުރުމުން، ދެފަރާތުގެ ހިސާބުތައް އަޅާކިޔާ، ދައްކަންޖެހޭ ޢަދަދު ޔަޤީންކުރުމަށްފަހު ދައްކަންޖެހޭ ފައިސާ ދައްކައި ޚަލާޞްކުރުމަށެވެ" މިފަދައިންނެވެ.
އެހެންކަމުން، ޢާއިޝަތު ޝީނާ ސުވާލު އުފައްދާ ޢަދަދަކީ ކޮބައިކަން ޝަރީޢަތުން ކަނޑައަޅާފައިނުވެއެވެ. އަދި ސިވިލް ކޯޓުގެ ނަންބަރު 138/Cv-C/2011 ގަޒިއްޔާއިން ސާބިތުވެފައިވާ ޢަދަދު ހިސާބުކުރި ގޮތާއި، ފަހުން އެރި ޢަދަދު ހިސާބުކުރިގޮތުގެ ތަފާތުތަކެއްވާކަން ނުވަތަ ނޫންކަން ޝަރީޢަތުން ބަލާފައިނުވެއެވެ. އަދި އިންޓަރެސްޓާއި ޖޫރިމަނާއަށްވާ ފައިސާ ހިސާބުކޮށްފައިވަނީ ސީދާ އެއްބަސްވުމާ އެއްގޮތަށް ނޫންކަމަށް ޢާއިޝަތު ޝީނާގެ ފަރާތުން ބުނާއިރު، މިކަމުގައިވެސް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ކަންހިނގާފައިވާގޮތް ކަށަވަރުކޮށްފައިނުވެއެވެ.
މިހައިތަނަށް މި މައްސަލައިގައިވާ ވާޤިއާތަކުން، ސިވިލް ކޯޓުގެ ނަންބަރު 138/Cv-C/2011 ގަޒިއްޔާގައި ސާބިތުވި 1,277,037/60ރ (އެއްމިލިއަން ދެލައްކަ ހަތްދިހަ ހަތްހާސް ތިރީސް ހަތްރުފިޔާ ފަސްދޮޅަސް ލާރި) އަކީ ޢާއިޝަތު ޝީނާގެ ފަރާތުން ދައްކާ ޚަލާޞްކޮށްފައިވާ ފައިސާއެއްނޫންކަން އެނގެއެވެ. އަދި މިއީ ދެފަރާތު ދެމެދު ވެފައިވާ އެއްބަސްވުމުގެ ޖައުހަރީ މާއްދާއަކާ ޚިލާފުވުންކަމުގައި ދެކެމެވެ.
އެއްބަސްވުން ބާޠިލުކޮށްފައިވަނީ އެއްބަސްވުމުގައިވާގޮތުގެ މަތިންތޯ
ޢާއިޝަތު ޝީނާ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގައިކުރި ދަޢުވާގައި އުފައްދާފައިވާ ދެވަނަ ސުވާލަކީ، އެޗް.ޑީ.ސީއިން އެއްބަސްވުން ބާޠިލުކޮށްފައިވަނީ ދެފަރާތު ދެމެދު އެއްބަސްވިގޮތަށްކަން ނުވަތަ ނޫންކަން ކަނޑައެޅުމެވެ.
މި ނުކުތާއާ ގުޅިގެން ހުޅުމާލެ މޭޖިސްޓްރޭޓް ކޯޓުން ބުނެފައިވަނީ އެއްބަސްވުމުގައި ކަނޑައެޅި ބަޔާންވެގެންވާ މުއްދަތަށްވުރެ އިތުރު މުއްދަތަކަށް އެއްބަސްވުން ދެމިގެންގޮސް އޭގެ މަންފާ އެއްބަސްވުމުގެ އެއްބައިވެރިޔަކަށް ލިބިދެވޭނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއްވިޔަސް ނެތްކަމަށެވެ. އަދި އެޗް.ޑީ.ސީއާއި ޢާއިޝަތު ޝީނާއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ 6 ވަނަ މާއްދާގައި، މި އެއްބަސްވުމާ އެއްގޮތަށް ފައިސާ ދެއްކުމަށް ދީފައިވާ މުއްދަތު ހަމަވުމުން، އެގޯތި ގަތުމަށް ޢާއިޝަތު ޝީނާ ދައްކަންޖެހި ނުދެއްކިވާ ފައިސާ ދެއްކުމަށް އިތުރު ފުރުޞަތު ދެވުމުންވެސް، އެ ފުރުޞަތުތަކުގެ ބޭނުން ނުހިފާކަން ފާހަގަކޮށްފައިވެއެވެ.
ހައިކޯޓުން މި ނުކުތާއާ ގުޅިގެން ބުނެފައިވަނީ "ނޯޓިސް" އަކީ ވަކި ގޮތަކަށް އޮތުން ލާޒިމުކުރާ އެއްޗެއް ނޫންކަމަށާއި، 2010 އޭޕްރީލް 11 ވަނަ ދުވަހު، އެޗް.ޑީ.ސީ އިން ފޮނުވި "ހުޅުމާލެއިން ގޯތި ވިއްކުމުގެ އެއްބަސްވުން ނިމުމަކަށް ގެނައުމަށް ދެވޭ ނޯޓިސް" އަށްފަހު، އެޗް.ޑީ.ސީ އިން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ގެނެސް، 20 މެއި 2015 ގައި އެޗް.ޑީ.ސީއިން ޢާއިޝަތު ޝީނާއަށް ފޮނުވި ސިޓީ އާއި، 04 ޖޫން 2015 ގައި ފޮނުވި ސިޓީ އަށް ނަޒަރުކުރުމުން، އެސިޓީތަކަކީ ދެފަރާތުގެ ދެމެދުގައި ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ގަންނަ ފަރާތަށް ފޮނުވަންޖެހޭކަމަށް ބަޔާންކޮށްފައިވާ ނޯޓިސްގެ ގޮތުގައި ބެލެވޭނެ ނޯޓިސް އެއްކަން އެ ސިޓީތަކުގައި ބަޔާންކޮށްފައިވާ ޢިބާރާތްތަކުން އެނގެން އޮންނަކަމަށެވެ.
އެޗް.ޑީ.ސީ އާއި ޢާއިޝަތު ޝީނާއާ ދެމެދު އޮތް އެއްބަސްވުމުގެ 6 ވަނަ މާއްދާގެ ދަށުން ގޯތި ވިއްކުމަށް ކަނޑައަޅާފައިވާ އަގު އަދާކުރުމަށް އޮތީ 60 އިންސްޓޯލްމަންޓަކަށް ބަހާލައިގެންނެވެ. 27 ފެބްރުއަރީ 2007 ގައި ސޮއިކުރި އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވަނީ 1 ޖޫން 2012 ގައިކަން އެއްބަސްވުމުގައި ގޯތީގެ އަގު އަދާކުރާނެގޮތުގެ ތާވަލު ހިމެނިފައިވާ ޖަދުވަލު 3 އަށް ބެލުމުން އެނގެއެވެ. އަދި އެއްބަސްވުމުގެ 16 ވަނަ މާއްދާގެ (ނ) ގައި އެއްބަސްވުމުގައިވާ ގޮތަށް އިންސްޓޯލްމަންޓް ދެއްކުމަށް ގަންނަ ފަރާތުން ނުކުޅެދިއްޖެނަމަ، މި އެއްބަސްވުން ނިމުމަކަށްގެނެސް ގޯއްޗާ ޙަވާލުވާން ބޭނުންކަމުގެ ނޯޓިހެއް ވިއްކާ ފަރާތުން ގަންނަ ފަރާތަށް ދޭންވާނެކަމަށާއި، އަދި މި ނޯޓިހުގެ މުއްދަތަކީ 30 ދުވަސްކަމަށް ބަޔާންވެގެންވެއެވެ.
ކޮންޓްރެކްޓާބޭހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) ގެ ދަށުން ކޮންޓްރެކްޓެއްގެ ބައިވެރިއެއްގެ މައްޗަށް ލާޒިމްވާ ކަންތައްތައް ކުރަންވާނީ، އެ ކޮންޓްރެކްޓްގައިވާ ޝަރުޠުތަކާ އެއްގޮތްވާގޮތުގެ މަތިންކަމަށާއި، މިއާ ޚިލާފުގޮތަކަށް ޢަމަލުކުރެވޭނީ، އެ ކޮންޓްރެކްޓްގެ އަނެއް ބައިވެރިޔާ، އޭނާގެ މައްޗަށް ލާޒިމުވާ ކަމަކަށް ދުލެއްދީފައިވާނަމަ، ނުވަތަ އޭނާ ކޮންމެވެސް އެހެން ގޮތަކަށް ޢަމަލުކުރާން އެއްބަސްވެއްޖެނަމައެވެ.
ދެފަރާތު ދެމެދު އޮތް އެއްބަސްވުމާ ޢާއިޝަތު ޝީނާ ޚިލާފުވުމުން، 2010 ވަނަ އަހަރުން ފެށިގެން އެޗް.ޑީ.ސީއިން ޢާއިޝަތު ޝީނާއަށް ފައިސާ ދެއްކުމުގެ މުއްދަތާ ގުޅޭ ލުއިތަކެއް ދެމުން ގެންދިޔައެވެ. އަދި އެއްބަސްވުން ބާޠިލުކޮށް ގޯތި އަނބުރާ އެޗް.ޑީ.ސީއާ ޙަވާލުކުރަން އެންގީ އެއްބަސްވުމުގެ މުއްދަތު ފާއިތުވިތާ އެތައް އަހަރެއް ފަހުންނެވެ. މިއީ އެއްބަސްވުމާ ޚިލާފަށް ޢާއިޝަތު ޝީނާ ފައިސާ ނުދައްކައި އޮތް އޮތުމަށް ދީފައިވާ ބޮޑު ލުޔެކެވެ. އެހެނީ، މި ދެފަރާތު ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން، އެންމެ ފަހުގެ އިންސްޓޯލްމަންޓަށް ފައިސާ ދައްކަންޖެހޭ ތާރީޚަކީ 1 ޖޫން 2012 ކަމުގައިވާއިރު، 1 ސެޕްޓެމްބަރު 2015 ގައި ގޯތި އަނބުރާ އެޗް.ޑީ.ސީއާ ޙަވާލުކުރުމަށް އެންގުމާ ދެމެދު ހިނގި މުއްދަތުގައި، އެ ފައިސާ ދެއްކުމަށް އެޗް.ޑީ.ސީން އެކި ފަހަރު މަތިން ފުރުޞަތު ދީފައިވާތީއެވެ.
ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގައިވެސް ސިވިލް ކޯޓުގެ ނަންބަރު 138/Cv-C/2011 ގަޒިއްޔާ ތަންފީޒުކުރުމުގެ މައްސަލަ ގާތްގަނޑަކަށް 2 އަހަރަށްވުރެ ގިނަ ދުވަހު އޮތެވެ. ސިވިލް ކޯޓުގެ ނަންބަރު 138/Cv-C/2011 ގަޒިއްޔާގައި އެޗް.ޑީ.ސީއިން ކުރި ދަޢުވާގައި ގޯތި އަނބުރާ އެޗް.ޑީ.ސީއާ ޙަވާލުކުރުމަށް ޙުކުމްކޮށްދިނުމަށް އެދުނުނަމަވެސް، ޙުކުމުގައި ނަގައިދީފައިވަނީ އެހައިތަނަށް ޢާއިޝަތު ޝީނާ ދައްކަންހުރި ފައިސާއެވެ. އެ ގަޒިއްޔާ ތަންފީޒުކުރަން ހުޅުމާލެ ކޯޓަށް ހުށަހެޅި އެ ކޯޓުގެ ނަންބަރު 295/HMC/2012 ގަޒިއްޔާގައިވެސް، ގޯތި އަނބުރާ ހޯދުމަށް އެޗް.ޑީ.ސީ އިން އެދުނުކަން އެނގެންއޮވެއެވެ. އެހެންކަމުން، 2011 އިން ފެށިގެން އެޗް.ޑީ.ސީއިން ގޯތި އަނބުރާ ހޯދަން މަސައްކަތްކުރިކަން ލިޔެކިއުންތަކުން އެނގެން ހުރިއިރު، އެއިރުން ފެށިގެން ފައިސާ ދައްކައި ޚަލާޞްކުރުމުގެ ފުރުޞަތުވެސް ޢާއިޝަތު ޝީނާއަށް އޮތްކަން ފާހަގަވެއެވެ.
ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 295/HMC/2012 ގަޒިއްޔާގައިވާ ޙުކުމް ތަންފީޒުކުރުމުގެ މައްސަލަ އެޗް.ޑީ.ސީއިން އަނބުރާ ގެނެސް، 20 މެއި 2015 ގައި ޢާއިޝަތު ޝީނާއަށް ފޮނުވި ސިޓީގައި 6 މަސް ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށް އެންމެ ފަހު ފުރުޞަތުދޭކަމަށް ބުނެފައިވެއެވެ. އަދި އެ ލިޔުމުގައި ސޮއިކުރުމަށް ދެވޭ މުހުލަތަކީ 10 ޖޫން 2015 ގެ ނިޔަލަށްކަމަށް ބުނެފައިވެއެވެ. މިކަން 4 ޖޫން 2015 ގައި އެޗް.ޑީ.ސީއިން ޢާއިޝަތު ޝީނާއަށް ފޮނުވި ސިޓީގައި ތަކުރާރުކޮށްފައި އޮތުމުން، މިދެފަރާތު ދެމެދު ހިނގި ގޯތި ގަނެވިއްކުމުގެ މުޢާމަލާތް، ފައިސާ ނުދެއްކުމުގެ ސަބަބުން ވަކި ތާރީޚެއްގެ ފަހުން ނިމުމަކަށް އަންނާނެކަން އެނގެއެވެ. އަދި އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ގަޒިއްޔާގައިވެސް ފާހަގަކޮށްފައިވާފަދައިން، މިއީ، އެއްބަސްވުން ބާޠިލުކުރުމަށްދެވޭ ނޯޓިސްއެއްކަން، ދެފަރާތުގެ ޢަމަލުތަކަށް ބެލުމުންވެސް އެނގެއެވެ.
10 ޖޫން 2015 ގެ ފަހުން މިދެފަރާތު ދެމެދު އެއްވެސް މުޢާމަލާތެއް ހިނގިކަން އެނގޭކަށްނެތެވެ. ދެފަރާތު ދެމެދު ޢަމަލުކޮށްފައިވާ ގޮތަށް ބަލާއިރު، ފައިސާ ނުދައްކައިފިނަމަ އެއްބަސްވުން ނިމުމަކަށް ގެންނާނެކަމުގެ ނޯޓިސް 20 މެއި 2015 އާއި 4 ޖޫން 2015 ގައި އެޗް.ޑީ.ސީ އިން ފޮނުވި ސިޓީތަކުން އެނގެން އޮތްއިރު، ގޯތި ޙަވާލުކުރުމަށް އަންގާފައިވަނީ 1 ސެޕްޓެމްބަރު 2015 އިން ފެށިގެން 10 ދުވަހުގެ ތެރޭގައެވެ. އެހެންކަމުން، 1 ސެޕްޓެމްބަރު 2015 ގައި ގޯތި ޙަވާލުކުރުމަށް އެންގުމުގެ ކުރިން، 6 މަސް ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށް އިޤުރާރެއްގައި ޢާއިޝަތު ޝީނާ ސޮއިނުކޮށްފިނަމަ، ގޯތި އަނބުރާ އެޗް.ޑީ.ސީއަށް ނަގާނެކަން ޢާއިޝަތު ޝީނާއަށް އޭގެ ގާތްގަނޑަކަށް 3 މަސްކުރިން އަންގާފައިވެއެވެ.
އެހެންކަމުން، ދެފަރާތުގެ ޢަމަލުތަކަށް ރިޢާޔަތްކޮށް، އެޗް.ޑީ.ސީއިން އެއްބަސްވުން ބާޠިލުކޮށްފައިވަނީ އެއްބަސްވުމާ ޚިލާފަށްކަމަށް ކަނޑައަޅާނެ ތަނެއް ނެތްކަމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ނިންމާފައިވާ ނިންމުމަށް ހައިކޯޓުން ތާއީދުކޮށްފައިވަނީ، ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް އަހުރެން ނުދެކެމެވެ.
ދައްކަންޖެހޭ ފައިސާގެ ޢަދަދު ހިސާބުކޮށްފައިވާގޮތް ދަށު ކޯޓުން ނުބަލައި އޮތުން
ޢާއިޝަތު ޝީނާ ހުޅުމާލެ ކޯޓުގައިކުރި ދަޢުވާގައި ބުނެފައިވަނީ އެޗް.ޑީ.ސީއިން އޭނާ ދައްކަންޖެހޭ ޢަދަދު ހިސާބުކޮށްފައިވަނީ އެއްބަސްވުމުގައިވާގޮތުގެ މަތިން ނޫންކަމަށެވެ. ކުރިންވެސް ފާހަގަކުރެވުނު ފަދައިން، ޢާއިޝަތު ޝީނާ ދައްކަންޖެހޭކަމަށް އެޗް.ޑީ.ސީއިން ކަނޑައެޅި ފައިސާގެ ތެރޭގައި ޝަރުޢީ ކޯޓަކުން ޙުކުމެއްކޮށް، ޢާއިޝަތު ޝީނާގެ މައްޗަށް ސާބިތުވާ ޢަދަދެއް މިފައިސާގެ ތެރޭގައި ހިމެނެއެވެ. އެއީ ސިވިލް ކޯޓުގެ ނަންބަރު 138/Cv-C/2011 ގަޒިއްޔާއިން ސާބިތުވާ 1,277,037/60ރ (އެއްމިލިއަން ދެލައްކަ ހަތްދިހަ ހަތްހާސް ތިރީސް ހަތްރުފިޔާ ފަސްދޮޅަސް ލާރި) އެވެ. މި ފައިސާއަކީ ދައްކަންޖެހޭ ފައިސާއެއްކަމަށް އެ ގަޒިއްޔާގެ ޝަރީޢަތުގެ މަޖިލިހުގައި އިޢުތިރާފުވެ، އެ ގަޒިއްޔާގައި ޙުކުމްކުރިތާ 4 އަހަރަށް ވުރެ ދިގު މުއްދަތެއް ފާއިތުވީފަހުން، އެ ފައިސާ އަދިވެސް ނުދައްކާކަމަށް އެޗް.ޑީ.ސީއިން ބުނާއިރު، ޢާއިޝަތު ޝީނާ މިކަމަށް އިންކާރުނުކުރެއެވެ. މި ފައިސާގެ ފުރިހަމަ ޢަދަދު ނުދައްކައި އޮތް އޮތުމަކީ ދެފަރާތު ދެމެދުވެފައިވާ އެއްބަސްވުމުގެ ޖައުހަރީ މާއްދާއަކާ ޚިލާފުވުމެވެ.
ބަހުސްގެ ބޭނުމަށްޓަކައި، ސިވިލް ކޯޓުގެ ނަންބަރު 138/Cv-C/2011 ގަޒިއްޔާއިން ސާބިތުވާ 1,277,037/60ރ (އެއްމިލިއަން ދެލައްކަ ހަތްދިހަ ހަތްހާސް ތިރީސް ހަތްރުފިޔާ ފަސްދޮޅަސް ލާރި) އެއްފަރާތްކޮށްފައި، ދެން އިތުރަށް އަރާފައިވާ ޖޫރިމަނާގެ ޢަދަދު އެއީ ދެފަރާތު ދެމެދު ވެވުނު އެއްބަސްވުމާ ޚިލާފަށް ހިސާބުކުރެވިފައިވާ ޢަދަދެއްކަމުގައި ބެލިނަމަވެސް، ސިވިލް ކޯޓުގެ ނަންބަރު 138/Cv-C/2011 ގަޒިއްޔާގެ ޙުކުމަކީ ނިހާއީވެފައިވާ ދެމިއޮތް ޙުކުމެއް ކަމުގައިވާއިރު، އެ ޙުކުމުގެދަށުން އެކަނިވެސް، ދައްކަންޖެހޭ ފައިސާ ނުދައްކައި އޮތް އޮތުމަކީ، ދެފަރާތު ދެމެދު ވެފައިވާ އެއްބަސްވުން ބާޠިލުކުރަން ބާރުއަޅާ ބުރަދަން ހުރި ޚިލާފުވުމެއްކަމުގައި ބެލެވޭނެއެވެ.
އެހެންކަމުން، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 347/HMC/2015 ގަޒިއްޔާގައާއި ހައިކޯޓުގެ ނަންބަރު 2016/HC-A/461 ގަޒިއްޔާއިން ކަނޑައަޅާފައިވާ ކަނޑައެޅުންތަކަށް ބަދަލު ގެންނަންޖެހޭފަދަ އެކަށީގެންވާ ޤާނޫނީ ސަބަބުތަކެއް އިސްތިއުނާފުކުރާ ޢާއިޝަތު ޝީނާގެ ފަރާތުން ހުށަހެޅިފައިނުވާކަމަށް އަހުރެންނަށް ބުރަވެވެއެވެ.
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް ދެންފަހެ އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/461 ގަޒިއްޔާގައި ކޮށްފައިވާ ޙުކުމް އިސްތިއުނާފުކުރުމަށް ޢާއިޝަތު ޝީނާ ޢަބްދުﷲ ޢަލީގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާގެ މައްޗަށް ބިނާކޮށް، އެ ގަޒިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޤާނޫނީ ސަބަބެއް ނެތްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ޢަލީ ރަޝީދު ޙުސައިންއަޒްމިރާލްދާ ޒާހިރުމުޙައްމަދު އިބްރާހީމް(ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.